"އެތާ ޕޭމެންޓް މަތީ އެހުރީ މެހެރްގެ ބޯއިފްރެންޑް ދޯ؟" އިރުކޮޅަކުން ނާޔަލް ކާރު ދުއްވާލައިފައި ބުނެލި ވާހަކައިން މާއިޝާ ކުރިއަށްވުރެވެސް ބޮޑަށް ސިހުނެވެ. "ނާޔަލްއަށް އޭނަ ފެނުނުތަ؟" ކާރު އަރްސަލާން ފަސްދިނުމުން މާއިޝާ އަދިވެސް އެއްފަހަރު އެނބުރި ބަލައިލަމުން އެހިއެވެ. ނާޔަލް ހޫމ އަޅުވާލުމުން އޭނާ އެއްފަހަރު ނާޔަލްއަށް އަނެއްފަހަރު އަރްސަލާންއަށް ނަޒަރެއް ދީފައި ސީޓުގައި ފާޑަކަށް ލައްގަނެލެވުނީއެވެ. "އެހެންވިއްޔާ ބުނެބަލަ މެހެރްގެ ބޯއިފްރެންޑް އެއީ ގަމުން ދިމާވި މީހެއްތަ؟" ނާޔަލް ހީވަނީ އަރްސަލާންއާމެދު ޝައުޤުވެރިވެފައި އިން ހެންނެވެ. މާއިޝާ އިން ގޮތަށް އިނދެފައި ނޭނގެއޭ ބުނީ އިސްއުފުލައި ނުލައެވެ. "އަހަރެން ހީކުރީ މެހެރް މިހާރުވެސް ހުރިހާ ވާހަކައެއް ޝެއަރ ކުރާ ކަމަށް. ވެލް... މޭބީ ސަމް އޮފް އިޓް." ނާޔަލް ފަހު ޖުމްލަ ބުނެލިއިރު ހިތުގައި އޮތީ އެދެމެދުގައި ހިނގާދިޔަ ހާދިސާއެވެ. އެކަމަކު މާއިޝާ ހީކުރީ ނާޔަލް އެއިޝާރާތް ކުރީ އަރްސަލާންއަށް ކަމަށެވެ. މާއިޝާ އިތުރަށް އެވާހަކަ ކުރިއަށް ގެންދަން ބޭނުން ނުވާތީ ނާޔަލްއާ އެއްބައިވެ އާއެކޭ ބުނެލިއެވެ.
*****
އެނބުރި އާދެވުނުއިރު މެންދުރު ވެއްޖެއެވެ. ރޭ އެހާ ގަދައަށް ވިއްސާރަ ކޮށްފައި މިއަދު އުޑުމަތީ އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. މާއިޝާ ދަބަސް ކޮޓަރިއަށް ގެންދަން ނޯކަރު ކުއްޖަކާ ހަވާލު ކޮށްފައި ސިޑިން އަރައިގެން ގޮސް މެހެރީން ކޮޓަރިއަށް ވަންއިރު ފެންނަން އޮތީ ހުސްކޮށެވެ. "މެހެރް!" މާއިޝާ މެހެރީންގެ ނަމުން ގޮވާލައިފައި ކަހާލައިފައި ހުރި ބެލްކަނީ ދޮރާއި ދިމާއަށް ގޮސް ހުއްޓުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ބީޗް ޗެއަރ ބަށްޓަމަށް ހުރި ގޮނޑިއެއްގައި ދެފައި ދަމާލައިގެން މެހެރީން އޮތީ ހެޑްސެޓް ޖަހައިގެން އަދި ވާހަކަފޮތެއްވެސް ހުޅުވާލައިގެންނެވެ. ވަށައިގެން އަވިދީފައި އޮތަސް ކައިރީގައި ހުރި ބޮޑު ގަހެއްގެ ގޮފިތަކުން މެހެރީން އޮތް ދިމާއަށް ހިޔާ އެޅިފައި ހުއްޓެވެ.
"ކޯއްޗެއް ތިކިޔަނީ؟" މާއިޝާ އައި ގޮތަށް އައިސް މެހެރީންގެ ދެފައި ތިރިއަށް ބާލުވާފައި މަގަތުގައި އިށީންދެލުމުން މެހެރީން ހެޑްސެޓް ނައްޓާލިއެވެ. "އިފް އައި ސޭ." މައިޝާ މެހެރީން އަތުގައި އޮތް ފޮތުގެ ނަން ކިޔާލިއެވެ. "ރީތި ތަ؟" މެހެރީން ބަލައިލުމުން އޭނާ އެހިއެވެ. "އަދި ކިރިޔާ ފެށީ. ހީވޭ އިންޓްރެސްޓިން ވާނެހެން." މެހެރީން ފޮތުން ކިޔަން އިންތަން ފާހަގަ ކޮށްލާފައި އުނގުމަތީ ބާއްވައިލިއެވެ. "ހޫމ ދެން ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް!" މާއިޝާ ތިރީ ތުންފަތުގައި ދަތް އަޅާލައިގެން އިސްޖަހާލުމުން މެހެރީންއަށް ވިސްނުނެވެ. މާއިޝާ އެއުޅެނީ ކޮންމެވެސް ބޮޑު ވާހަކައެއް ބުނާށެވެ.
"އަރްސަލާން އެބައުޅޭ މާލޭގަ" މާއިޝާ ހަތަރުކަޅި ހަމަކޮށްލާފައި ކުއްލިއަކަށް ބުނެލިއެވެ. "ވަޓް؟؟؟" މެހެރީން ދިޔައީ ސިއްސައިގެންނެވެ. "އަރްސަލާން... އިޝީގެ އަރްސަލާން؟" މެހެރީންއަށް ޤަބޫލު ނުކުރެވިގެން އިތުރަށް އެހިއެވެ. މާއިޝާ އެވަގުތު ބޯ ޖަހާލައިފައި ތެދުވެގެން ގޮސް މަޑުކޮށްލީ ރެއިލިންގައި ދެއަތް އަޅުވާލައިގެން އަވީގައެވެ. "އަރްސަލާން ކިހިނެތް މާލެ އައީ؟ ކިހިނެތް އެނގުނީ އިޝީ ހޯދަން؟ ވެއިޓް... އިންސާނުން ހެން ދެފައިން ހިނގާފަ އުޅުމުގެ އިތުރަށް އޭނަގެ އެހެން ބާރުތަކެއްވެސް ހުންނަނީތަ؟" މެހެރީންއަށް ނޯވެވިގެން ތެދުވެފައި ސުވާލުތައް އަމުނާލިއެވެ. "ތިއެއް ނޭނގެ. އެކަމަކު އަހަރެން ގަމުގަ ހުރިއިރުވެސް އަރްސަލާން އަހަރެންގެ ކުރިމައްޗަށް އައިސް ގޮސް އުޅުނީ ވިދުވަރެއްހެން. ޒަވީ ބުނި ގޮތުން ވިއްޔާ ފެނުގަ ޖެހުނީމަ ކައިލީންވެސް ބަދަލުވާނީ މަރމެއިޑްއަަކަށް. އެކަމަކު އެރޭ ވެހުނު ވާރޭގަ ކައިލީން ހުރީ އަހަރެންގެ ކުރިމަތީގަ. އަރްސަލާންވެސް ކައިލީން ފަދައިން ދެފައިން ހިނގާފައި ނައިނަމަ އެރޭ އެއީ އަހަރެންގެ ފަހު ރޭކަން ކަށަވަރު. ސޯ ޔެސް... އަރްސަލާންގެ ކިބައިގައި އެބަހުރި އަހަރެމެންނަށް ނޭނގޭ އެތައް ކަމެއް." މާއިޝާ ވާހަކަދައްކަން ހުރެފައި އެނބުރިލަން ވާއިރަށް މެހެރީންވެސް އައިސް ކައިރީގައި ހުއްޓުނެވެ.
"ދެން؟ ދެން ތިބުނަނީ އޭނަ މާލެއަށް އައިސް އެއުޅެނީވެސް ކޮންމެވެސް އަމިއްލަ މަޤްސަދެއްގައޭތަ؟ ކިހިނެތް އެނގެނީ އެމަޤްސަދަކީ އިޝީ ނޫންކަމެއް. ކިތަންމެ ފަހަރަކު ރިޖެކްޓް ކުރިއަސް އަރްސަލާންގެ ހިތް އިޝީއަށް އެދޭ ކަމަށް ވަންޏާ ދުރަކު ނުހުރެވޭނެ. އެހެންނޫންނަމަ އޭނަ އިޝީ ފެންނަ ހިސާބަކަށް ނާންނާނެ. އަހަންނަށް ޔަޤީން، އަރްސަލާން މިވަގުތު މާލޭގައި އެހުރީ އިޝީއަށްޓަކައި." މެހެރީންގެ ވާހަކަ އިވުމުން މާއިޝާ ހުރީ ހިމޭންވެފައެވެ. ކޮއްކޮގެ ވާހަކަ އެއީ ތެދަކަށް ވާން ޚުދު އޭނާވެސް ބޭނުމެވެ. އެކަމަކު އަރްސަލާންއާ ގުޅޭ ގޮތުން އަމިއްލައަށް ވަކި ގޮތެއް ނިންމުމަކީ ވާނެ ކަމެއް ނޫނެވެ. މިހާ ދުވަސްވީއިރު އަރްސަލާން އަމިއްލަ ޒާތާއި ގުޅޭގޮތުން ބުނެފައި އޮތީ އެންމެ ވާހަކައެކެވެ. އެއީ ކައިލީންގެ ވާހަކަ އެކަންޏެވެ.
ދެއަންހެން ކުދީން އެތާ ތިއްބާ ނޯކަރަކު އައިސް ބުނީ ތިރީގައި ފައިސަލް އެމީހުނަށް އިންތިޒާރު ކުރާ ވާހަކައެވެ. އެވަގުތު ދެމީހުން އެކަކު އަނެކަކަށް ބަލާލައިފައި އަވަހަށް ހިނގައިގަތެވެ. ފޭބިއިރު ފައިސަލްއާއި އާފިޔާ ސޯފާތަކުގައި ތިއްބެވެ. ދެއަންހެން ކުދީން ގޮސް އިށީންތަނާ ބަދިގެއިން ނިކުތް ނޯކަރުގެ ފަހަތުން ނާޔަލްވެސް ރެޑްބުލް ދަޅެއް ބޮމުން އައިސް މާއިޝާ ކައިރީ އިށީނެވެ. މާއިޝާ ނާޔަލްއަށް ބަލައިލާފައި ކުރިމަތީ އިން ފައިސަލްއަށް ބަލަން ފެށިއެވެ. ނޯކަރު ގެނަ ޖޫސްތަބައް ކުޑަމޭޒު މަތީ ބެހެއްޓުމުން ފަހަރަކު މީހަކު ޖޫސްތައްޓެއް ނެގިއިރު މާއިޝާވެސް އެތަނުން ތަށްޓެއް ނަގައި ކޯވަރެއް ބޯލާފައި ބެހެއްޓިއެވެ. "ނާޔަލް ބުނި ހަފްތާއެއްގެ ތެރޭގަ އިޝީއަށް ޖަވާބު އަންނާނެ ކަމަށް. އަދި އެހެންވެ އިޝީ އަދިވެސް ހަނީމޫން ފަސްކުރަން އެދޭ ވާހަކަ ނާޔަލް ބުނި. އެއީ ތެދެއްތަ؟" ފައިސަލްގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީ ތިބި އަލަތު ދެމަފިރީންނަށެވެ. އޭނާ ބޭނުންވީ މާއިޝާ ދުލުން އެހެން ބުނާ އަޑު އަހާށެވެ. ރޭ އެދެޒުވާނުން ބޭރުން އައިއްސުރެ އޭނާ އެހުންނަނީ އެދޭތެރޭ މައްސަަލައެއް އުޅޭ ކަމަށް ޝައްކު ކޮށްގެންނެވެ. މިހާރު ހަނީމޫންވެސް ފަސް އެކުރަނީ ތިންވަނަ ފަހަރަށެވެ.
"ތެދެއް އެއީ. ވަޒީފާ ލިބިއްޖެއްޔާ ހަމަ އަނެއް ދުވަހު ކަހަލަ ގޮތަކަށް ނިކުންނަން ޖެހޭނެ. އެކޮޅުގަ ހުރެފަ ކުއްލިއަކަށް އައިސް ރެޑީވާން އުދަނގޫ ވާނެތީ އަހަރެން އެގޮތަށް ހިޔާލު ހުށައެޅީ. ދެން އަދި ހަމަ ޖެހިލައިގެން ފަހުންވެސް ދެމީހުން އެކުގަ ޓްރިޕެއް ރާވައިލެވިދާނެ އެއްނު. ދޯ ނާޔަލް." މާއިޝާ އެމީހުންގެ ގުޅުން ރަނގަޅުކަން ދައްކަން ފަހު ބަހަކަށް ނާޔަލްއަށް ދޯ ދީފައި އަދި ނާޔަލްގެ އަތްމަތީ އަތްވެސް ބާއްވައިލިއެވެ. "ޔެސް ބޭބީ. ބޭނުން ގޮތެއް." ނާޔަލް ލިބުނު ފުރުސަތުގައި މާއިޝާގެ އަތަށް ފިތާލިއެވެ. އެއްފަރާތުގައި މެހެރީން އިނދެފައި އެތަން ފެނިގެން އަނދައިގަތެވެ. އޭނާ އެތެރެހަށީގެ އުދާސްގަނޑު ނެރެލަން ވެގެން ޖޫސްތަށީގައި ތުން ޖަހާފައި އެއް ނޭވައިން ހުސްކޮށްލިއެވެ.
"އެންމެ ރަނގަޅު. ދެކުދީންނަށް އެގޮތް ރަނގަޅިއްޔާ ބައްޕަމެން ޖައްސާނެ މައްސަލައެއް ނެތް. އެކަމަކު އަދި ހަނީމޫނަށް ބޭރަށް ނުދިޔައެއް ކަމަކު ދެތިން ދުވަހަށް ވިއަސް މަޖާކޮށްލަން ކައިރި ހިސާބަކަށް ދާން ރަނގަޅު. ބައްޕަމެނަށް އެގޮތަށް ފެނިގެން ރޭވިކަމެއް މީ." ފައިސަލް ކުޑަމޭޒުމަތިން ނެގި ކަރުދާސްތައް ނާޔަލްއަށް ދީފައި އާފިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއިރު މާއިޝާއަށް ބަލައިލެވުނީ ނާޔަލްގެ މޫނަށެވެ. މާއިޝާ ބަލައިލިއިރު އެއީ ރީތި ރަށުން ހޮލިޑޭ ބުކިން ހަދާފައި ލިބިފައި އޮތް ރިސިޓެވެ. ރަނގަޅަށް ވިއްޔާ އެކަމުގައިވެސް ނާޔަލްގެ އަތެއް އޮންނާނެއޭ އޭނާ ހިތަށްއެރިއެވެ. "އަހަރުމެންނާއެކު މެހެރްވެސް ގެންދަންވީނު." މާއިޝާ ވިސްނާލައިފައި ކުއްލިއަކަށް ނާޔަލް ކޮނޑުގައި ހިފަަހައްޓާލަމުން އަހާލިއެވެ. އެއަޑަށް އެންމެން މާއިޝާ މޫނަށް ބަލާލިތަނާ މެހެރީން ލިބުނު ސިހުމުގައި ބޯންވެގެން ނެގި ފެންތަށި އުނގަށް ބަންޑުން ކޮށްލައިފިއެވެ. "ކީއްކުރަން މެހެރް ގެންދަނީ؟ އެންމެފަހުންވެސް ތިއައީ ގަމުގައި ދެމީހުން އެކީ އުޅެފައެއްނު." އާފިޔާގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރުތައް ފައުޅުވިއެވެ. މާއިޝާ ދޭނެ ޖަވާބެއް ނޭނގިގެން މޮޅިވެފައި އިސްޖަހާލި ތަން ފެނިގެން ނާޔަލް ހިތުގައި ހަމްދަރްދީ އުފެދުނެވެ.
"ރަނގަޅުވާނެ މަންމާ. މެހެރްއާއެކު އަރްސަލާން ގެންދިޔައީމަ އަހަރުމެނަށް އުދަނގުލެއް ނުވާނެއެއްނު." ނާޔަލް ހިފީ މާއިޝާއާ އެއްކޮޅަށެވެ. އެކަމަކު އެޖުމްލަ ނިމޭއިރަށް ދެއަންހެން ކުދީން ފުންމައިގެން ތެދުވެ ތިބީ ކޮޅަށެވެ. "ކާކު އަރްސަލާންއަކީ؟" އާފިޔާ ތިންމީހުންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދީފައި އެހިއެވެ. "އަރްސަލާން އެއީ މެހެރީންގެ ބޯއިފްރެންޑް. އަހަންނާވެސް ދިމާވި. ވަރަށް ރަނގަޅު މީހަކާ ވައްތަރީ. މަންމަ ހާސްނުވޭ އަހަރެން މެހެރް އުޅޭ ނޫޅޭ ގޮތް ބަލާނަން." ނާޔަލް އާފިޔާގެ ސުވާލަށް ޖަވާބު ދެމުން އިތުރަށް ހިތްހަމަޖައްސައި ދޭން މަސައްކަތް ކުރިއެވެ. ފައިސަލްގެ ރުހުން ލިބުމުން އާފިޔާއަށްވެސް އިތުރަށް ކުރެވުނު ކަމެއް ނެތެވެ. އެކަމަކު އާފިޔާއަށްވުރެ ބޮޑަށް އެކަމާއި ކަންބޮޑުވެފަ ހުރީ މެހެރީންއާ މާއިޝާއެވެ. އެންމެ ފުރަތަމަ އަރްސަލާން ހޯދަން ހަދާނެ ގޮތެއްވެސް އެމީހުންނަކަށް ނޭނގެއެވެ.
"ވަޓް ދަ ހެލް ވޯޒް ދެޓް؟" ނާޔަލް އައިސް ކޮޓަރިއަށް ވަންތަނާ މާއިޝާ އެނދުގައި އިނދެފައި ފުންމައިގެން އައިސް ކުރިމައްޗަށް ހުއްޓުނެވެ. ނާޔަލް ސުވާލު އުފެދިފައި އެއް ބުމަ އަރުވާލުމާއެކު އަނެއްކާ ކުރިއަށް ހިނގައިގަތެވެ. އެވަގުތު މާއިޝާ އަނެއްކާވެސް ގޮސް ނާޔަލް ކުރި ބައްދައިގެން ހުއްޓިއްޖެއެވެ. "ބައްޕަމެން ކުރިމަތީ އަރްސަލާންގެ ވާހަކަ ބުނުމުގެ ކުރީން ކުޑަމިނުން މެހެރްގެ ހުއްދަ ހޯދި ނަމައެއްނު." މާއިޝާ ސާފުބަހުން ބުނެލިއެވެ. "އަހަރެން އަދި ހީކުރީ އަހަރެންނަށް އެކޮށްދެވުނީ ރަނގަޅު ކަމެއް ކަމަށް. އެވީ ގޮތުން ދެން މެހެރްއަކަށް ނުޖެހޭނެ އަރްސަލާންއަކީ ކާކުކަން ބުނެދޭކަށް." ނާޔަލް އަނެއްކާވެސް މާއިޝާ އެއްފަރާތް ކޮށްލާފައި ގޮސް އަލަމާރި ހުޅުވާލައިގެން ހުއްޓުނެވެ. "ނާޔަލްއަށް ހަމަ ރަނގަޅަށް އެނގޭނެ މެހެރް ދެދުވަހު އެކަކާއި ރިލޭޝަންގަ ނޫޅޭކަން. އެހެންވެ އޭނަ ދުވަހަކުވެސް އެއިން މީހަކު ގެއަށް ނުގެންނަނީ، ފެމެލީއަށް ތައާރަފް ނުކޮށްދެނީ.." މާއިޝާ އުޅުނީ ނާޔަލް ކުރީ ރަނގަޅު ކަމެއްނޫންކަން ސާބިތުކޮށްދޭށެވެ. "އޯހ ޝަޓްއަޕް އިޝީ. އޯލް އައި ޑިޑް ވޯޒް ޓްރައި އެން ހެލްޕް ޔޫ. އެހެންވެތަ މިހާރު ކަމުނުގޮސްގެން ތިއުޅެނީ؟" ނާޔަލް ގާތަށްވެސް އެންމެ ފަހުން ރުޅި އަތުވެއްޖެއެވެ. އޭނާ ބާރު ބާރަށް އަލަމާރި ދޮރުފަތް ޖަހާފައި ފާޚާނާއަށް ވަންނަން ދާން ފެށުމުން މާއިޝާ ހިމޭންވެފައި ހުއްޓެވެ.
ނާޔަލް މީގެ ކުރިން އެވަރަށްވެސް އޭނާގެ ކުރިމަތީ ނުރުހުން ފައުޅު ކޮށްފައެއް ނެތެވެ. "އެން ސްޓޮޕް އެކްޓިން ލައިކް ޔޯ ދި ވިކްޓިމް ހިއަރ. އިޝީ އެހެން މީހަކަށް ހިތް ދިންއިރު އަހަރެން ހުރީ އިޝީއަށް ވަފާތެރިވެގެން. އެހެންވީމަ އަހަރެންވެސް އެވަނީ ވިކްޓިމްއަކަށް ނޫންތަ؟ ވަރަށް ކެތްކޮށްފިން މިވާހަކަ އިޝީ ކުރިމަތީ ނުބުނަން. އެކަމަކު އަހަރެން އިޝިއަށް ޗީޓް ކުރުމުގެ ކުރީން އިޝީ އަހަރެންނަށް ޗީޓް ކުރި މީހަކީ. އަހަރެންނަށް ކިހިނެތް އެނގެނީ އިޝީ އެމީހަކާއެކީ ގޮއްސަ ހުރީ ކިހާ ހިސާބަކަށް ކަމެއްވެސް." ނާޔަލް ދޮރާއި ހަމައިން އެނބުރިފައި ދެއްކި ވާހަކަތަކުން މާއިޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރުކޮޅަކުން ނާޔަލް ވަދެ ދޮރު ލައްޕާލުމުން އޭނާ ދުވެފައި ނިކުތީ ބެލްކަންޏަށެވެ. ނާޔަލް ފެންވަރައިގެން ނިކުންނައިރު ކޮޓަރި ތެރޭ ހުންނަން ބޭނުން ނުވީއެވެ.
މާއިޝާ ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ތިރި ބަލަން ހުރިއިރު ނާޔަލްގެ ޖުމްލަތައް ކަންފަތުގައި ގުގުމާފައި ހުއްޓެވެ. އެކަމަކު ނާޔަލްއަށްވުރެ ކުރިން ބޭވަފާތެރި ވި މީހަކީ އޭނައޭ ބުނަން އެނގުނީ ކިހިނެތް ހެއްޔެވެ؟ އަނެއްކާ އެކަމެއް ހިނގީ ގަމުގައި ގޮސް ހުރިއިރު ހެއްޔެވެ؟ އެހިޔާލުން މާއިޝާގެ ހިތް ތެޅިގަތެވެ. އިރުކޮޅެއް ވީއިރު އޮތީ ސުވާލުން ފުރިފައެވެ. ގަމުގައި ހުރެފައި ނާޔަލް ކުއްލިއަކަށް ދުރުވިކަން އޭނާއަށް މިހާރު ވިސްނާލީމައި ހަނދާންވެއްޖެއެވެ. އޭރު އޭނާ އަރްސަލާންއާ ހެދި އުޅުނު ވަރުން ނާޔަލް ގެއަށް ނަޔަސް އެވަނީ ފަސޭހައަކަށެވެ. ޗުއްޓީއަކަށް ގޮސް ނާޔަލް އެހާ ގިނަ ވަގުތު ބޭރުގައި އުޅުނީ ކީއްކުރަން ކަމާމެދު އަދި ކިރިޔާ ވިސްނާލަން އެނގުނީއެވެ. މިހާރު އޭނާއަށް ޔަޤީން ވެއްޖެއެވެ. ކޮންމެ ރަށެއްގެ ކުއްޖަކަށް ވިއަސް ނާޔަލްއާ އެކުއްޖާ މެދުގައި ހިނގި ކަމެއް ވިއްޔާ ހިނގީ ގަމުގައެވެ.
އިޝީ!" މާއިޝާ ބެލްކަނީ ހުންނަތާ އިރުކޮޅެއް ފަހުން މެހެރީން އައިސް ފަހަތުގައި ހުއްޓިފައި ގޮވާލިއެވެ. އޭނާ އަދިވެސް އެއްފަހަރު ފަސްއެނބުރި ނާޔަލް އުޅޭތޯ ބަލައިލާފައި ފުން ނޭވައެއް ލިއެވެ. "އަހަރެން އަޖައިބުވެފަ މިހުންނަނީ ނާޔަލްއަށް އަރްސަލާންގެ ނަން ހަނދާންވީމަވެސް." މެހެރީން އައިސް ދައްތައާއި އެއްހަމައެއްގައި ހުއްޓިފައި ފެށިއެވެ. "މިއަދު އިންޓަވިއުއަށް ދިޔައިރު މަގުމަތިން ފެނުނީ." މާއިޝާ އެވަގުތު ޖަވާބުދިނެވެ. "ދެން ކިހިނެތް ހަދާނީ؟" މެހެރީން ކޮށްލީ މާއިޝާގެ ހިތުގައިވެސް އޮތް ސުވާލެވެ. "އަޅާނުލާ. ނާޔަލް ކައިރީ ބުނީމަވިއެއްނު ތިދެމީހުން ބްރޭކްއަޕް ވީއޭ." މާއިޝާ ވިސްނާލައިފައި ދިން ހިޔާލު މެހެރީންއަށްވެސް ކަމުގޮސްގެން ބޯ ޖަހާލިއެވެ. އޭނާ ނިކުންނަން ވެގެން އެނބުރި ގޮސް ބެލްކަނީ ދޮރުން ވަންތަނާ ނާޔަލް ފާޚާނާއިން ނިކުތް އަޑު އިވިގެން ބަަލައިލިވުނެވެ. ދެވަނަ ސިކުންތުގައި ނާޔަލް ފެނިގެން ހިތް ތެޅިގަތީ އެންމެ ބާރުމިނުގައެވެ. އުނުގައި އޮތް ހުދު ތުވާއްޔާއެކު ނާޔަލްގެ ހާމަވެފައި އޮތް ރީތި ހަށިގަނޑު ފެނިގެން ތަލިން ކުޅު ހިކުނެވެ. ތެތް އިސްތަށިގަނޑުން ފެންތިކިތައް ކޮނޑުމައްޗަށް ފައިބައިގެން މޭމަތިން ތިރިއަށް ފިރުކެމުން ތިރިއަށް ދިޔައީ މެހެރީންގެ ހަންގަނޑުގައި އަލިފާން ރޯކޮށްލައިފައެވެ. ފަސްދިސް ފަހުންވެސް އެނބުރި ބަލަމުން އޭނާ ގޮސް ޖެހުނީ ފާރުގައެވެ. އެއާއެކު ހަމަ ހޭވެރިކަން އައިސްގެން ބަލާލިއިރު ނާޔަލް ސިއްރު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. މެހެރީން ރަކިވެގެން ތުންފަތުގައި ދަތް އަޅާލައިފައި އަވަހަށް ކޮޓަރިން ބޭރަށް ދެމިގަތެވެ.
އެރޭ ނިދަން އޮވެފައި މާއިޝާ ލޮލަށް ނިދި ނައިސްގެން ތެދުވެ އިށީންއިރު ގަޑިން އެކެއް ޖެހީއެވެ. އޭނާ ނާޔަލްއަށް ބަލައިލާފައި ރަޖާ އެއްފަރާތް ކޮށްލައިގެން އެނދުން ފައިބާފައި ސިއްރު ސިއްރުން ގޮސް ކޮޓަރިން ނިކުތެވެ. ސިޑިން ފޭބިއިރު ހީކުރިހެން މުޅި ގެވެސް އޮތީ ނިދައި ހިމޭންވެފައެވެ. ފަނޑު އަލިކަމެއް ވެރިވެފައި އޮތް ސިޓިންރޫމް ހުރަސް މައި ދޮރާއި ހަމައަށް ދެވުނުއިރު ހިތް ތެޅެން ފެށީ އެންމެ ބާރު މިނުގައެވެ. އޭނާ އެދޮރުން ނިކުމެ ހިޔާކޮށްފައި މަގުން ކުރިއަށް ދާން ފެށިއިރު ދީފައި އޮތް ރީތި ހަނދުވަރުގައި މުޅިތަން އޮތީ އަލިވެފައެވެ. އޭރު ހިތުގެ ތެޅުމާއި ގުޅިފައިވީ އަރްސަލާންއެވެ. އޭނާ ޖެހިލުންވީ އެހާ އުންމީދު ކޮށްގެން ދާއިރު އަރްސަލާން އެތާ ނުހުރެދާނެތީއެވެ. ތުންފަތުގައި ދަތް އަޅައިލަމުން ފަހަރަކަށް ވުރެ ފަހަރެއް ފިޔަވަޅުތައް އަވަސް ކުރަމުން ގޮސް ކުރީ ރޭވެސް ހުރި ހިސާބުގައި މަޑުކޮށްލައިފިއެވެ. އެވަގުތު ޖެހިލި ވައިރޯޅިއަކާއެކު ގަސްމުށިތަކުގައި ހުރި މާގަސްތައް ހަރަކާތް ކުރިއެވެ. މާއިޝާ ގޭޓާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ބަލަން ހުއްޓާ އަރްސަލާންގެ އަތުގެ ހޫނުކަން އިހްސާސްވީ ސީދާ ކަނާތު ކޮނޑުމަތިންނެވެ.
"އަރްސަލާން!" މާއިޝާއަށް ކިޔައިލެވުނެވެ. އޭނާ އެނބުރިފައި ރަނގަޅަށް އަރްސަލާންގެ ލޮލަށް ބަލައިނުލެވެނީސް ހުރެވުނީ އެއަތު ތެރޭގައެވެ. އަރްސަލާން އެމޭގައި އޭނާ ޖައްސާ ބާރުކޮށްލަމުން ބާރުގަދަ ދެއަތުން ވަށާލުމުން ފައިވެސް ބިމުން ހިއްލިއްޖެއެވެ. މާއިޝާ ތެޅިގަނެފައި ދުރަށް ދާން އުޅުމުން އަރްސަލާން ހައްތަހާ ބޮޑަށް އޭނާ ގަޔާލައި ފިއްތާލީއެވެ. ކިތަންމެ ވަރަށް ތެޅި ފޮޅުނަސް ދަގަނޑު ފަދަ ބާރުގަދަ ދެއަތުގެ ކުރިމަތީ އެއީ ބޭކާރުކަމެއްކަން ވިސްނިގެން މާއިޝާ އެންމެ ފަހުން ހުއްޓާލީއެވެ. ހިތް އެއްބަސްވާން ބޭނުން ނުވިއެއް ކަމަކު އެއަތުތެރޭ ވި މަދު މިނިޓްކޮޅު އޭނާއަށް އަހަރެއްހާ އުފާވެރިކަން ގެނެސް ދިނެވެ. އަރްސަލާންގެ ޖިސްމުގައިވެސް ދުވަނީ އަޖައިބެއްފަދަ ހިތްގައިމު ވަހެކެވެ. އެކަހަލަ ވަހެއް އޭނާއަށް ނާޔަލް ޖަހާ ސެންޓްގައިވެސް ނުދުވައެވެ. މާއިޝާ ލޯމަރާލައިގެން އޮތްވާ އިރުކޮޅަކުން އޭނާ ބިމުގައި ބެހެއްޓުމުން އަވަހަށް ދުރަށް ދާން އުޅެގަތް ވަގުތު އަރްސަލާންވެސް ދޫކޮށްލައިފައި ފިޔަވަޅެއް ފަހަތަށް ޖެހިލައިފިއެވެ.
"އަރްސަލާން!" މާއިޝާ ރުޅި ދައްކަންވެގެން ބާރުބާރަށް ގޮވާލިއެވެ. އެކަމަކު އެފެހި ލޮލަށް ނަޒަރު ހުއްޓުމާއެކު އަނެއްކާވެސް ބޭނުންވީ އަތުތެރެއަށް ވަންނާށެވެ. "އަރްސަލާން ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟ ބޭނުން ވީމަ އެއްލައިލާފަ ދުރުކޮށްލާފަ ބޭނުންވީމަ އަނެއްކާ އައިސް ކައިރި ތިކުރަނީ ކޮން ބޭނުމެއް އޮވެގެން؟ ކޮބާ އަރްސަލާންގެ ބޭނުމަކީ؟ ތިގޮތަށް އަހަރެންގެ ދިރިއުޅުމާ ކުޅެގެން ލިބޭ އުފަަލަކީ ކޮބާ؟..." މާއިޝާ ވާހަކަދައްކަ ދައްކާ ހުއްޓާ ލޮލުން ކަރުނަ އައިކަން ޚުދު އޭނާއަށްވެސް ނޭނގުނެވެ. އަރްސަލާން ދެވަނަ ފަހަރަށް ކައިރިވެލުމުން އޭނާ ފަހަތަށް ޖެހިލަން އުޅެނިކޮށް އުނަގަނޑުގައި ހިފާ ހުއްޓުވާފައި އަނެއް އަތުން ކަރުނަ ފުހެލަ ދިނުމުން ސިހިފައި ލޮލުގައި އަތް ޖައްސާލެވުނެވެ. "ފެނޭތަ! މީ އަރްސަލާން އަހަރެން ކުރާ ކަންކަން މިފެންނަނީ. އަހަންނަށް ނޭނގެ ރޮވޭއިރުވެސް. އަހަރެންނަށް ނޭނގެ ދަންވަރު ގެއިން ނިކުމެވޭ އިރުވެސް. އަހަރެން މީ ކުރިން ރޭގަނޑު ފިޔަވަޅެއްވެސް އަޅަން ނުކެރޭ ކުއްޖެއް...އެކަމަކު އަހަންނަށް މިހާރު ރޭގަނޑު ހަމަޖެހިގެން ނިދާވެސް ނުލެވޭ...' މާއިޝާ ވާހަކަ ދައްކަން ހުއްޓާ އަރްސަލާން އެއުނަގަނޑުން ދޫކޮށް ނުލައި ހުރެފައި މިފަހަރު އަނެއް އަތުގެ އިނގިލިތައް އެޅީ އަނގަމަތީގައެވެ.
"ކައިލީން އެއީ އަހަރެންނާއި އެއް އާއިލާއަކުން އައިސް ހުރި ފަރާތަކަށް ވެދާނެ. އެކަމަކު މާއިޝާ ތީ އަހަރެންނަށް އެމީހަކާ ދުރުގަ ނޫޅެވޭނެ ހަމައެކަނި ފަރާތް." އަރްސަލާން އެވަގުތު އިއްވާލި ޖުމްލަ އަހާފައި މާއިޝާގެ މެއަށް ފިނިވެގެން ދިޔައިރު ކޮޅަށް ނުހުރެވިގެން ދެފައިކޮޅުން ވާގި ދޫވިއެވެ. އޭނާ އަރިއަޅާލަން އުޅުނުހެން ހީވި ސިކުންތެއް ގޮއްސައި އަނެއް ސިކުންތުގައި އަރްސަލާން ހުރީ އޭނާ އަތްދަނޑިމައްޗަށް އުފުލާލައިގެންނެވެ.