ވަށައިގެން އޮތީ މޫދު ލޮނުގަނޑާއި ކައިރީގައި ގަސްކަރަ ބިޔަކޮށް ފެންނަން އޮތް ރަށެކެވެ. ގުޑިލާން ނުކެރިފައި ލޯ ބޮޑުކޮށްގެން އިނދެފައި ލޮނުގަނޑާއި ދިމާއަށް ބަލާލެވުނު ގޮތަކުން ނިކަން ބޮޑު މަހެއް ކަހަލަ އެއްޗެއް ފީނާލައިފައި އަންނާތީ ފެނުނެވެ. ބަލަން އިންދާ އިރުކޮޅަކުން އޭތި އައިސް ވަނީ ބޮއްކުރާ ދަށަށެވެ. މާއިޝާ އަނެއްފަރާތަށް އެނބުރިގެން އޭތި ބޮއްކުރާ ދަށުން ނިކުމޭތޯ ބަލަން އިނދެ ނުނިކުތުމުން ބިރުން ކޮޅަށް ތެދުވެ ހުއްޓާ އިރުކޮޅަކުން ނެގި ބޮޑު ރާޅެއް އައިސް ހަމަވެފައި ތެޅިގަތް ގޮތަކުން މާއިޝާއަށް ހަށިގަނޑު ނުހިފޭއްޓިގެން ފަހަތަށް ގޮސް ލޮނުގަނޑު ތެރެއަށް ޖެހިއްޖެއެވެ. އެކަމަކު ހަމަ ގޮސް ޖެހުމާއެކު ކޮންމެވެސް މީހަކު އޭނާގެ އުނަގަނޑުގައި ދެއަތުން ވަށާލައި ނަގައިފިއެވެ. ކަރުތާ ފެނުގައި އެމީހަކު އޭނާ ހިފަހައްޓައިގެން ހުރެފައި ލޯ ހުޅުވާލުމާއެކު ދޫކޮށްލިކަން އެނގުނެވެ. މާއިޝާ ދެވަނަ ފަހަރަށް އަޑިއަށް ހިނގައިދާނެތީ ދެފައި ތަޅުވައިގަންތަނާ ފަސްގަނޑުގައި ފައިޖެހުމުން ހައިރާންވެގެން ތިރި ބަލައިލާފައި އިސްނެގިއިރު ކުރިމަތީ އެކަކުވެސް ނެތެވެ. 

ލޮނުގަނޑު ތެރެ ހޯދައިލުމުން މިފަހަރު އެމީހަކު ފީނާލައިފައި ދާތަން ރީތިކޮށް ފެނުނެވެ. ވަގުތުން މޭގަނޑު ފިނިވެގެން ދިޔައެވެ. "ހާސްނުވޭ. ޒަވިއަން މާއިޝާއަށް ކަމެއް ނުކުރާނެ." އެއްގަމުން މީހަކު ވާހަކަ ދެއްކި އަޑަށް މާއިޝާ ބަލާލިއިރު ރާޅު ޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރީ އަންހެން ކުއްޖެކެވެ. ބަލާ ބެލުމަށް ވިއްސަކަށް ފަންސަވީހަކަށް އަހަރު ވެދާނެ ކަންނޭނގެއެވެ. ހިމަތޮޅި ރީތި ހަށިގަނޑާއި ހެއުވަރު ވަރަކަށް ކޮށްލާއިފައި އޮތް ފަން އިސްތަށިގަނޑެކެވެ. ފައިތިލައާ ހަމައަށް އަންނަ އަތްދިގު ހުދު މެކްސީގައި ހުރުމުން އެއީ އިންސާނަކަށްވުރެ ބޮޑަށް ކޮންމެވެސް ރޫޚާނީ އެއްޗަކަށް ވެދާނެ ކަމުގައި މާއިޝާގެ ސިކުނޑި އެންގިއެވެ. އެހެންނޫންނަމަ އެކުއްޖާއަށް އޭނާ އެނގުނީ ކިހިނެތް ހެއްޔެވެ؟

"ހައި. މީ އާރާ." މާއިޝާ ލޮނުގަނޑު ތެރެއިން އެއްގަމަށް އަރަން ދުއްވައިގަންނަން ބޭނުންވެ އެކަމަކު އަންހެންކުއްޖާއާ މެދު ސުވާލު އުފެދިގެން ދެން ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ އޭނާ އަމިއްލަ ތައާރަފް ދިނެވެ. މާއިޝާ ބަލާލިއިރު ހުރީ އޭނާ އެއްގަމަށް އަރަން އަތް ދިއްކޮށްލައި ގެންނެވެ. "ޓްރަސްޓް މީ. އަހަރެން މާއިޝާއަށް ގެއްލުމެއް ނުދޭނަން." މާއިޝާ ފަސްޖެހުނުތަން ދެކެފައި އޭނާ އިތުރު ކޮށްލިއެވެ. ކޮންމެގޮތެއް ވިއަސް ހެޔޮ ކަމަށް ނިންމާފައި މާއިޝާ އެއްގަމަށް އަރަން ހިނގައިގަތެވެ. އެކަމަކު އޭނާ އާރާގެ އަތަކު ނުހިފައެވެ. 

"މިހާރުވެސް އަހަރެންނަށް ޤަބޫލު ކުރެވިއްޖެ އަރްސަލާންގެ ބައިވެރިއަކަށް މާއިޝާވީ ކިހިނެތްވެގެންކަން." އާރާ އަތް ތިރިކޮށްލައިފައި ހޭރިއާ ދިމާއަށް މިސްރާބު ބަދަލުކޮށްލި އެވެ. މާއިޝާއަށް އަލުން އެމޫނަށް ބަލައިލެވުނީ އާރާ މިބުނި އެއްޗަކުންނެވެ. "އަހަރެންނާ އަރްސަލާންއާ އޭނާގެ ދަރިފަސްކޮޅާ ބެހޭގޮތުން އާރާއަށް އެނގެނީ ކޯއްޗެއް؟" މާއިޝާ ހުއްޓިފައި ފުރަތަމަ ފަހަރަށް ވާހަކަ ދެއްކި އެވެ. ތެމިފައި އޮތް އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައިރު ގައިގައި ތަތްވެފައި އޮތް ހެދުމާއެކު އޭނާ ހުރީ ހީކަރުވައިގަނެފައެވެ. ދަތްޕިލަ ތުރުތުރުލާން ގިނައިރެއް ނުނެގިއެވެ. "ފަހުންވެސް ވާހަކަދެއްކިދާނެ. އިހަށް ހިނގާ ތެތް ހެދުން ބަދަލު ކުރަން." އާރާ ކުރީގައި ހިނގައިގަނެފައި ދާން ފެށުމުން މާއިޝާ ފަހަތުން ގޮސް ތަންކޮޅަކަށް ދެވުނުތަނާ ފަސްގަނޑުމަތީ ޖަހާފައި ހުރި ނިކަން ގިނަ ފޭލިގެތަކެއް ފެނިއްޖެއެވެ. ސުވާލު އުފެދުނު ނަމަވެސް މާއިޝާ ހުރީ ހިމޭނުންނެވެ. އޭނާ އާރާގެ އިޝާރާތް ދެނެގަނެގެން އެންމެ ކައިރިއަށް ހުރި ފޭލިގޭގެ ފޮތިގަނޑު ހިއްލާލައިފައި ވަންއިރު ބިމަށް ޖަހާފައިވާ ނިކަން ރީތި ހިކި ގޮފިގަނޑެއްގައި އަޅުވާފައި ހެދުންތަކެއް ހުއްޓެވެ. މާއިޝާ އެންމެ ފުރަތަމަ އަތަށް ނެގުނު ހުދު މެކްސީ ބޮލަށް ވައްޓާލައިގެން ނިކުތްއިރު އާރާ އިނީ ރޯކޮށްފައި ހުރި ބޮޑު އަލިފާންގަނޑެއްގެ ކައިރީ އިށީންދެ ފަސްގަނޑު މަތީގައެވެ. އެހާ އަވަހަށް އެތަނުގައި އަލިފާން ޖެހި ގޮތާމެދު އަނެއްކާވެސް އިތުރުވީ ސުވާލެކެވެ. މާއިޝާ ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އާރާ ކައިރީ ގައި އިށީނުމުން އާރާ އެދިމާއަށް މޫނު އަނބުރާލައިފައި ފުންކޮށް ބަލައިލިއެވެ. 

މާއިޝާ އެކަމާ އަޅާނުލައި އިސްތަށިގަނޑު އެއްފަރާތަކަށް ގެންގޮސް ކުރިމައްޗަށް ވައްޓާލައި ކުޑަކޮށް ފެން ފޮޅާލުމަށްފަހު އަލިފާންގަނޑަށް ދެއަތް ދިއްކޮށްގެން އިރުއިރުކޮޅާ އެދެއަތްތިލަ ކާއްތައިލައެވެ. "ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނެ އޮތީ އެންމެ ވާހަކައެއް. ލެޓް ހިމް ގޯ." އާރާ އިނދެފައި ބުނި ވާހަކައިން މާއިޝާ ތެޅިގަނެގެން ދިޔައެވެ. ވަގުތުން ބުމަ ގޮށްޖެހުނެވެ. އޭނާ އާއި އަރްސަލާންއާ ދެމެދު އޮތް ގުޅުމަށް ހަދާނެ ގޮތް ނިންމަން އާރާ އެއީ ކާކު ހެއްޔެވެ؟ "ޓްރަސްޓް މީ. މާއިޝާ ބޭނުމެއް ނުވޭ އަރްސަލާން އިންސާނެއްގެ ގޮތުގައި މިބިންމަތީ ހުންނާކަށް." އާރާ ތަޖުރިބާ ކާރެއް ފަދައިން ވާހަކަދެއްކިއެވެ. "ފުރަތަމަ ބުނެދޭންވީއެއްނު ތީ ކާކުކަން؟" މާއިޝާ ހިތްވަރުން ރުޅިގަނޑު ބޭރުވިޔަ ނުދީ ކޮންޓްރޯލް ކޮށްފައި ސުވާލު ކުރިއެވެ. "އަދި ޒަވިއަން އަކީ ކާކު؟" އާރާ ޖަވާބު ދޭންވާއިރަށް މާއިޝާ އިތުރަށް އަހާލިއެވެ. 

"ޒަވިއަންގެ ވާހަކަ ބާއްވާ، ޒަވިއަން އަކީ މިކިޔައިދޭން އުޅޭ ވާހަކައިގެ މާ މުހިންމު ރޯލެއް ނޫން. ކިޔައިދޭން މިއުޅެނީ އަރްސަލާންގެ ކުރިން އިންސާނަކާއި ގުޅެން ބޭނުންވި މަރމޭންއެއްގެ ވާހަކަ. ކިޔައިދޭން މިއުޅެނީ ލައިލްގެ ވާހަކަ." އާރާ ވާހަކަ އެހިސާބަށް ދިޔަތަނާ މާއިޝާ ހިތާއި ހިތުން ލައިލްގެ ނަން ކިޔާލިއެވެ.

"ލައިލްއަށް ފުރަތަަމަ އެއަންހެންކުއްޖާ ފެނުނު ކަމަށް ވަނީ ކަނޑަށް ފީނަން ގޮސް އުޅެނިކޮށް. އެއަށްފަހު ކޮންމެ ދުވަހަކު ލައިލް އަލުން އެތަނަށް ދިޔައީ އެކުއްޖާ ފެނޭތޯ. އެހެން އުޅެނިކޮށް ކަނޑަށް ބެހިގެން ދިޔަ ބޯޓަކުން އެކުއްޖާ ދެވަނަ ފަހަރަށް ފެނުނީ. އެދުވަހު ލައިލް ފުރަތަމަ ފަހަރަށް އޭނާގެ ދަރިކޮޅުގެ މީހުންނާއި ދެކޮޅުވެ އެކުއްޖާ ސަލާމަތް ކުރީ. އެއީ ފެށުން. އެއަށްފަހު ލައިލް ބޭނުންވީ އުމުރު ދުވަހު އިންސާނެއްގެ ގޮތުގައި ހުންނަން. ލޮނުގައި ޖެހިގެންެވެސް ދެން އަލުން މަރމޭންއެއްގެ ސިފަ ނުޖެހެން ލައިލް ނިންމީ. ގޯސްވީ އެހިސާބުން. އިންސާނަކަށް ވުމުން ލައިލްގެ ހިތް ބަދަލު ވީ." އާރާގެ ވާހަކަ ނިމުނުއިރު އޭނާގެ އަޑަށްވެސް ބަދަލުތަކެއް އައިސްފައިވާހެން މާއިޝާއަށް ހީވިއެވެ. އެމޫނު ހުރި ގޮތް ބަލައިލާނަމޭ ހިތާ އެދިމާއަށް ބަލަން އިންދާ އާރާ މޫނު އަނބުރާލީ އަދިވެސް ދުރަށެވެ.

"ދެން އެކުއްޖާއަށް ކިހިނެތްވީ؟" މާއިޝާ ކުއްލިއަކަށް އަހާލިއެވެ. އާރާ އެނބުރި ބަލައިލީ އެއަޑަށެވެ. އެވަގުތު މާއިޝާ ހައިރާންވިއެވެ. އާރާގެ ދެލޮލުގައި ކަރުނަ ވިދަނީއެވެ. "އެކުއްޖާއަށްވުރެ ދެރަ ގޮތެއް ދެންވެސް ދިމާވީ ލައިކްގެ ދަރިފަސްކޮޅުގެ މީހުންނަށް. ލައިލް ފައިވިއްދާފައި ހުރީ ކަނޑުގައި އުޅުނު އޭނާގެ މުޅި ދަރިފަސްކޮޅު ނައްތާލަން. އެތަނުން ސަލާމަތްވި މަދު ބައެއްގެ ތެރޭގައި އަރްސަލާން ހިމެނުނީ." އާރާ މާއިޝާގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލައިފައި އޮޅުންފިލުވައިދިނެވެ. "މާއިޝާ. އެއްވެސް މަޔަކު ބަފަޔަކު ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ވާކަށް. ބައެއްފަހަރު އެމީހުން ނިންމާ ނިންމުން އެއީ ދަރިންގެ މައްޗަށް ގޯސް ނިންމުންތަކެއް ކަމަށް، ފެންނަ މީހުންނަށް ހީވާ ފަހަރު އާދޭ. އެކަމަކު ހަޤީޤަތުގައި އެފަދަ ނިންމުންތައްވެސް އާޚިރުގަ ވަނީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް. އަހަރެން މިރަށުގައި މިހުރީ އަރްސަލާންގެ ބައްޕަ ޚިދުމަތުގައި. ސަލާމަތުން ތިބި މަދުމީސްކޮޅުގެ ބޭނުމަކީ އެމީހުންގެ ގެއަށް އެނބުރި ދިއުން. އެމީހުންނަކީ އެކަނި ކަނޑުގެ އަހުލުވެރީން. މިބިމުގެއެއް ނޫން. އެމީހުންގެ ދެފަޔަކީ ވުޖޫދުގައިވެސް ނުވާ އެއްޗެއް. އެދެފައި އެމީހުންނަށް ލިބުނީ އެމީހުންގެ ގެދޮރާއި އެތައް ބަޔަކު ފަނާވެގެން ދިޔަ ދުވަހު ހިނގި ކަންތައްތަކެއްގެ ތެރޭން. އެހެންވެ އަހަރެން މިއެދެނީ، މާއިޝާވެސް އަރްސަލާން ދޫކޮށްލާ. އޭނާ އަލުން އޭނާގެ މީހުންގެ ތެރެއަށް ރުޖޫޢަ ވިޔަދީ." އާރާގެ ނަސޭހަތުގެ ބަސްކޮޅަށް ފަހު ތެދުވެގެން ގޮސް ފޭލިގެތެރެއަށް ވަންއިރު މާއިޝާ އިނީ ގުޑިލާން ނޭނގިފައި ކުރިމަތީ އަނދައަނދާ ހުރި އަލިފާންގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ.
*****

އިރު އޮއްސުނުތަނާ ފައިސަލްމެން ދެމަފިރީން ގެއަށް ގޮސްލަންވެގެން ނިކުތީ މެހެރީން ބައިންދާފައެވެ. ނާޔަލްއަށް އެވަގުތު ނިދިފައި އޮތުމުން މެހެރީން ހަމަޖެހިލައިގެން ފޯނާއި ކުޅެލަން އިރުކޮޅަކު އިނެވެ. އެއަށްފަހު އޭނާ ފުން ނޭވައެއް ދޫކޮށްލައިފައި ތެދުވެގެން ދެކޮޅަށް ހިނގަން ފަށައިފިއެވެ. ނިދިން ހޭލެވުމުން ނާޔަލްއަށް މިމަންޒަރު ފެނިގެން ބަލަން އޮތެވެ. "މެހެރް. ކިހިނެތްވީ؟" ނާޔަލް ވާހަކަދެއްކި އަޑަށް މެހެރީން ހަށަން މޮހާލައިފައި ކުއްލިއަކަށް އެނބުރި ބަލައިލިއެވެ. ދެވަަނަ ސިކުންތުގައި އޭނާ އިސްޖަހާލައިގެން ގޮސް ގޮނޑީގައި އިށީންދެފައި އަނެއްކާވެސް ކުޅެން ފެށީ ފޯނާއެވެ. "އަހަރެންދެކެ ރުޅި އައިއްސާތަ؟" ނާޔަލްއަށް ޝައްކުވެގެން އަހާލިއެވެ. "އަހަރެން ކީއްވެ ނާޔަލްދެކެ ރުޅި އަންނަންވީ؟ ކޮން ހައްޤަކާއި ލައިގެން އަހަރެން ރުޅި އަންނަންވީ؟" މެހެރީން އިސްއުފުލާލިއިރު ލޮލުގައި ހުރި ރުޅިވެރި ކުލަޔާއެކުވެސް ކަރުނައިގެ އަސަރު ފެންނަން ހުރިހެން ހީވިއެވެ. "އަހަރެންނަށް ކެއަރ ކުރާ މީހެއްގެ ހައިސިއްޔަތުން." ނާޔަލް އިރުކޮޅަކުން އިއްވާލިއެވެ. "ނޫނޭ. އަހަރެން މީ ނާޔަލްއަށް ކެއަރ ކުރާ މީހެއް ނޫން. ހަމަ ގައިމުވެސް ނާޔަލް އިޝީއަށް ކެއަރ ކުރާ ގޮތަށް ކެއަރ ކުރާކަށް އަހަރެންނަކަށް ނޭނގެ. އަހަންނަކަށް ނޭނގެ އެނގި އެނގިހުރެ ނުރައްކަލުގެ ތެރެއަށް ފުންމާލާކަށް. ނާޔަލް އަޅެ ނާޔަލް މޮޔަތަ؟ އިޝީ އެތައް ފަހަރަކު ނާޔަލްގެ ލޯއްބަށް ފުރަގަސްދީފަ ދިޔައީމަވެސް ނާޔަލް ކީކޭ ހިތަށް އަރައިގެން އޭނަ ހޯދަން ދިޔައީ؟ މިހާރު ނަތީޖާ ފެންނާކަށްނު ތިއޮތީ. މާދަން ނޭނގެ އަރްސަލާން އައިސް....." މެހެރީން ކޮށްފައި ހުރި އަސަރުގައި އެއްފައްޗަކަށް އަމުނާލައިފައި ވަކި ހިސާބަކުން މިކިޔޭ އެއްޗެއް އިހްސާސްވެގެން ހުއްޓާލިއިރު ނާޔަލް ތެދުވެ އިނީ ކަޅިޖަހާ ނުލާ އެމޫނަށް ބަލާށެވެ. 

އެވަގުތު އޭނާ ނޫންކަމަށް ހެދިފައި ވާހަކަ ހަމަޖައްސަން އިތުރު އެއްޗެއް ބުނަން އުޅެނިކޮށް ނާޔަލް އަރްސަލާންގެ ނަން ކިޔާލި ގޮތުން ބަސް ހުސްވެފައި ހުރެވުނެވެ. "މެހެރް ކައިރީ އަހަރެން ވާހަކައެއް ބުނިއްޔާ ޤަބޫލު ކުރާނަންތަ؟ އައި ތިންކް ދިސް އަރްސަލާން ގާއި އިޒް ސްޓްރޭންޖް. މިއަދު އޭނަ ކުއްލިއަކަށް ނިކުތީ ދޮރުފޮތިގަނޑު ފުރަގަހުން. އަދި އަހަންނަށް އިވުނީ މުޅިން ގޯސްކޮށް ނޫނިއްޔާ މެހެރްވެސް ތިބުނަނީ އަހަރެންނަށް ދިމާވި ހާދިސާއާ އަރްސަލާން ގުޅިފައިވާ ވާހަކައެއްނު. އެކަމަކު ދެން ކީއްވެ އޭނަ އައިސް އިޝީގެ ވާހަކަ އަހަރެން ކައިރީ އެހީ؟" ނާޔަލްގެ ވާހަކައިން މެހެރީންގެ ހާސްކަން އިތުރުވިއެވެ. "އޯހ ނޯ. އަނެއްކާ އިޝީއަށް ގެއްލުން ދޭން އެއުޅެނީ ކައިލީންބާ." މެހެރީން ބޮލުގައި ދެއަތުން ހިފާލަމުން ކޮޅަށް ތެދުވެ ހުރެފައި ދޮރާއި ދިމާލުގައި މީހަކު ހުރިހެން ހީވެގެން ބަލާލިއެވެ. އެވަގުތު އޭނާ ހައިރާން ކޮށްލާފައި އެތެރެއަށް ވަދެގެން އައީ ޒަވީއެވެ. އެވަގުތު ޒަވީ ފެނިގެން ހިތަށް ލިބުނު އުފަލަށްވުރެ މެހެރީންގެ ނުތަނަވަސްކަމާއި ގުޅުނީ އޭނާ ދެއްކި ވާހަކަ ޒަވީއަށް އިވުނު ކަމާމެދު ޝައްކު ވެފައެވެ. ނާޔަލްއަށް އެކައްޗެއްވެސް ނޭނގޭތީ ވަކި ގޮތަކަށް ވިސްނުން ގެންދަން ނޭނގުނަސް ބުނެވޭ ކިތަންމެ ކުޑަ އެއްޗަކުންވެސް ޒަވީގެ ވިސްނުން ކައިލީންއާ އަރްސަލާންގެ ހަޤީޤަތާ ހަމައަށް ދަތުރު ކޮށްފާނެއެވެ.

"ހޭއި ޒަވީ. ކޮންއިރަކު އައީ؟" މެހެރީން ގަދަކަމުން ތުންފަތަށް ވެރިކޮށްފައި ދެއަތް ތިރިކޮށްލިއެވެ. "މިއަދު އައީ." ޒަވީ ޖަވާބު ދިންއިރު މެހެރީން މޫނަށް ފުންކޮށް ބަލައިލާފައި ނާޔަލްއަށް ނަޒަރު ބަދަލުކޮށްލިއިރު ނާޔަލްވެސް އޮތީ އެދެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. 

"ކީއްވެ ކުރިން ތި ވާހަަކަ ނުބުނެވުނީ؟ ކީއްވެ އަހަންނަށް ކުޑަކޮށްވެސް އަންގާނުލީ؟" އަރްސަލާން ރުޅިވެރި ގޮތަކަށް ދެބުމަ ގޮށް ޖަހާލައިގެން ހުރެ ސުވާލު ކުރީ ކައިލީންއާ މުޚާތަބު ކޮށްފައެވެ. ދެމީހުން ތިބީ އަރްސަލާންގެ ކޮޓަރިން ނިކުމެވޭ ފެހި ބެލްކަނި ކޮޅުގައެވެ."ބުނިނަމަ އަރްސަލާން މިހާރު ތި ތައްޔާރުވި ގޮތަށް މާއިޝާ ސަލާމަތް ކުރަން އެރަށަށް ދާން އެއްބަސްވާނެތަ؟" ކައިލީން ހުރީ ހަމަޖެހިލާފައެވެ. އޭނާ ގޮސް ވެޔޮ ދުވެފައިވާ ރެއިލިންގައި ދެއަތުން ހިފަހައްޓާލުމާއެކު ފޮޅިފައިވާ ގިނަ އަދަދެއްގެ ކުދި މާތައް ވަޅޯވެގެން ތިރިއަށް ފޭބިއެވެ. ވަޔާއެކު ނަށަމުން ދިޔަ އިސްތަށިގަނޑުން މޫނުމައްޗަށް ފޭބި ބައި އެއްފަރާތް ކޮށްފައި އެނބުރި ބަލާލިއިރު އެހާ އަވަހަށް އަރްސަލާން އެތަނުން ހިނގައްޖެއެވެ. އެވަގުތު ކައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ދާދި އަވަހަށް ފިލިއެވެ. ދެން އައި ވައިރޯޅި އައިސް އެމޫނުގައި ބީހިފައި އޭނާވެސް ވައިގެތެރެއަށް އަރައިގެން ދިޔަ ދުންކޮޅެއް ފަދައިން ގެއްލިއްޖެއެވެ.

މަންމަމެން އެނބުރި ހޮސްޕިޓަލަށް ދިޔަ ހިސާބުން ޒަވީ ގޮވައިގެން ގެއަށް އައި ގޮަތަށް މެހެރީން އުޅުނީ ކޮފީއެއް ތައްޔާރު ކުރަންވެގެންނެވެ. އޭނާ ޒަވީ ސިޓިންރޫމް ސޯފާގައި ބައިންދާފައި ގޮސް އަވަހަށް ދެޖޯޑު ކޮފީ ހަދާލައިގެން ނިކުތްތަނާ ދޮރުން ވަން އަރްސަލާން ފެނިގެން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އިސާހިތަކު އަތުގައި ހުރި ދެޖޯޑު ދޫވެގެން ވެއްޓުނީ ތިރިއަށެވެ. ޒަވީއަށް މިއަޑު އިވިގެން ސިއްސައިގެން ގޮސް މެހެރީންއަށް ބަލައިލާފައި މެހެރީން ބަލަން ހުރި ދިމާއެއް ފާހަގަ ވެގެން އެނބުރި ދޮރާއި ދިމާއަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ޒަވީވެސް ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ އަރްސަލާންގެ ފެހި ދެލޮލެވެ. އެދެލޯ އޭނާ ދުށީ ކިތަންމެ ކުރިން ކަމަށްވިއަސް އޭގެ ފަހުން އޭނާ އެދެލޯ ސިކުންތަކަށްވެސް ހަނދާނެއް ނުނެތެވެ. 

"ޒަވީ. އަހަރެން ބޭނުން ޒަވީގެ އެހީ." ޒަވީ އަރްސަލާންއަށް ހަމަލަ ދޭން އަތުޖެހޭ ހިސާބުގައި އެއްޗެއް ހުރިތޯ ހޯދައިލިތަނާ އަރްސަލާން ތަންކޮޅެއް ދުރުގައި ހުއްޓިފައި ބުނެލިއެވެ. މެހެރީންއަށް އަދި ކުރިއަށްވުރެވެސް ބޮޑަށް ލޯ ބޮޑުކޮށްލެވުނެވެ. އަރްސަލާން އެހާވަރުގެ ނުރައްކަލަކާއި ކުރިމަތިލާން އެތައްޔާރުވީ ކިހިނެތް ހެއްޔެވެ؟ "މީ މާއިޝާއާ ގުޅިފައި ހުރި ކަމެއް. އަހަރެން މިއައީ އަހަރެން ހޯދަން ބޭނުންވާ މީހަކު ހުރި ތަނެއް ދެނެގަނެ އެތަނަކަށް ދާން ޒަވީގެ އެހީއަށް އެދިގެން. ޒަވީ ކައިލީން ހޯދި ގޮތަށް ޒަވީއަށް އޭނަ ހޯދާކަށްވެސް މާ އުދަނގޫވާނެ ހެނެއް ހިއެއްނުވޭ." އަރްސަލާންގެ ޖުމްލަ ނިންމާލައިފައި ހަށަން ބަނދެލިއެވެ.

ކޮމެންޓް 0