ތާރިގުއާއި ތޮމުޝްކާ އަދި އޭނަގެ ފަހުލަވާނުން އަސްތަކުގެ އެންމެ ބާރު ދުވެލީގައި މަގުތައް ކަޑައްތުކުރަމުންގޮސް މިސްކިތާއި އަރާ ހަމަވީއިރު އެމީހާ އުންމު ތާރިގުގެ ގައިގާ ކަނޑި ޖަހަން މަޅައިލަނީއެވެ. ތާރިގު އަތުގައިވާ ޚަންޖަރު އެމީހާއާއި އަމާޒުކޮށްފައި ހޫރާލެއްވިގޮތަށް އޭނަގެ މޭ ފޫ އަޅުވާލާފައި ނުކުތެވެ. އުންމު ތާރިގު ބިންމައްޗަށް ވެއްޓިވަޑައިގެންނަވި ވަގުތު ތާރިގުއަށް ކިރިޔާ ހިފެހެއްޓެވުނުކަމެވެ. އެވަގުތު ތާރިގުއަށް ކުރެއްވުނު ތަފާތު އިހުސާސްތައް ބަޔާންކޮށްދެއްވުމަކީ ފަސޭހަކަމެއްނޫނެވެ. އެތައް އަހަރެއް ފަހުން މަންމާފުޅާއި ބައްދަލުކުރެވުމުން ލިބިވަޑައިގަތް އުފާވެރިކަމާއެކު ފުން އަސަރުތަކެއް ކުރެވުނެވެ.
"މާތްﷲ ގެ ހަޟުރަތުގައި އަނިޔާވެރިންގެ މައްޗަށް ހެކިވެރިއަކު ކަމުގައި ވާނަން...." އުންމު ތާރިގު ތަކުރާރުކޮށް ދެފަހަރު އެހެން ވިދާޅުވިއެވެ.
"އަނިޔާވެރިވެގަތް މީހުންނަށް ލައުނަތް ހުރި........."
"މާތްﷲގެ ގެކޮޅާއި އަހަރެން ހިމާޔަތް ކުރޭ......" އުންމު ތާރިގު އޭނަގެ ހަށިކޮޅުގައި ހިފެހެއްޓެވި ބޭކަލެއްގެ ގާތުން އެދިވަޑައިގަތެވެ.
"ހިތާމައިގެ ކޮޅެއް ނެތް.. ޔާ އުއްމީ......"ތާރިގު ވިދާޅުވިއެވެ.
"ކާކު؟ ތިއީ ކާކު؟ " އުންމު ތާރިގު އެސްފިޔަތައް ތަޅުއްވާލެއްވިއެވެ.
"އޭނަ ހުރީ ވަރަށް ހިތްހަމަޖެހިފައި. އަހަރެން މަންމަ ހޯދަން ނޫޅޭނެކަމަށް ހީކޮށް..އެކަމަކު އެއީ ކުށްހީއެއް. އެންމެ ފަހުން އަޅުގަނޑު ކުރި މަސައްކަތް ބޭކާރު އެއްޗަކަށްނުވި......." ތާރިގު ވިދާޅުވިއެވެ.
"ކާކުތަ. ތިދައްކަނީ ކާކުގެ ވާހަކައެއް......" އުއްމު ތާރިގުއަށް ވިދާޅުވެވުނެވެ.
"އަޅުގަނޑަކީ މަންމައަކު ގެއްލިގެން ހޯދަމުން ދިޔަ ދަރިއެއް. އެމީހާ އަޅުގަނޑަށް އޮޅުވާލައިގެން ގެންދިޔައީ........."ތާރިގުގެ ލޯފުޅުން ކަރުނަ ފޮދު އޮހިގަތެވެ.
"ޔާﷲ. ނުބައި ހުވަފެނެއްގެ ތެރެއިން ރަގަޅު ކަމަކަށް މަގު ދައްކާދިން. އަހަންނަށް ހުވަފެނުން ފެނުނީ ޝަހީދުންނާއި ބައްދަލުވެގެން އުޅޭތީ. އެފެނުނު ހުވަފެނުގެ ތައުބީރަކީ މިއީ........" އުންމު ތާރިގު ވިދާޅުވިއެވެ. އަދި އެ ޒުވާނާގެ މޫނުގައި އަތް ހިންގަވައިލެއްވީ އެމީހަކު ދެނެގަތުމަށެވެ.
އޭރު ސަލަމާ ހުރީ ތާރިގުއާއި ދާދި ކައިރީގައެވެ.
"އަހަރެން އުއްމީދުކުރަނީ މިއީ ހަގީގަތަކަށް ވާނެކަމަށް. ތިޔަބޭފުޅާއަށްޓަކާ އެކަމަނާ އެތައް ބުރައަކާއި ދަތިތަކެއް އެތައް ވޭނެއް އުފުލާލައިފި................." ސަލަމާ ބުނެލިއެވެ.
"ޔާ އުންމީ މިއީ މަންމަގެ ދަރިފުޅު ތާރިގު........"
ޔާ ތާރިގު. ގަލްބީ. މިއީ ހަމަ ދަރިފުޅުތަ؟ އަލްހަމްދުލިﷲ. މަންމަގެ ދުޢާ އިޖާބަކުރައްވައިފި. ކޮން ދުވަހެއް މަންމަގެ ދަރިފުޅަށް އިންތިޒާރުކުރާތާ. އެހިތާމައިގާ މަންމަގެ ލޮލުގެ ފެނުން ގޮސްފި. ތާރިގު، ތާރިގު......................" އުންމު ތާރިގުއަށް ހުރިހާ އެއްޗެއް ވިސްނިވަޑައިގަތުމާއެކު ކީރިތިކުރެއްވުުގެ އަޑު ގަދަވިއެވެ. އެތައް ފަހަރު ދަރިފުޅުގެ ނަމުން ގޮވައިލެވުނެވެ. ތާރިގުއަށްވެސް ނުހިފެހެއްޓުނެވެ. މަންމަގެ ކޮނޑުގައި އިސްތަށިފުޅު އަޅުއްވައިލިގޮތަށް ކަރުނައިން ހެދުމުގެ ކޮނޑު ތެމުނެވެ.
***
ތާރިގު ދިރިއުޅުއްވާ ހަވޭލި މިރޭ ބައްތިތަކުން ހުޅުދާންކޮށްލާފައި އޮތީ މަންމާފުޅު ވަޑައިގަތުމުގެ އުފަލުގައެވެ. އޭނަގެ ގަނޑުވަރުގެ އިއްޒަތަކީ އެ މަންމާފުޅެވެ. އެތަނުގެ އަލިކަމާއި އުފާވެރިކަން މިރޭ ފުރިހަމަވި ކަމުގެ އިހުސާސްކުރެވިއްޖެއެވެ. ތާރިގުގެ އެންގެވުމަށް ޖާފަތެއްވެސް ތައްޔާރުކުރެވުނެވެ. އެ ޖާފަތުގެ ތެރެއިން އަންހެންކުއްޖަކު ތާރިގުއާއި ވާހަކަދެއްކިކަން އެނގި ވަޑައިގެން ސުވާލުކުރެއްވީ ސަލަމާ އާއެވެ. އޭރު މުހައްމަދުއަށްވެސް އޮތީ ނިދިފައެވެ. ސަލަމާގެ އުނގުގައި ބޯ އަޅާލައިގެން އޮތްއިރު އިރުއިރުކޮޅާ އެ އިސްތަށިގަނޑުގައި ނޫނީ ކުޑަ ހަށިގަނޑުގައި ފިރުމާލެވެނީ ނިކަން ލޯބިންނެވެ.
"އެއީ ކަހީނާގެ ދަރިކނަބަލުން ރުމާނާ."
"އެހެންތަ؟ "
"އޭނަ ތާރިގު ޖަލުން ސަލާމަތްކޮށް ފިލުމުގައި އެހީތެރިވެ އަދި އޭނަގެ މަންމަ ދޫކޮށްފައި ތާރިގުގެ ލަޝްކަރާ ގުޅުނީ. އޭނަ އުޅޭގޮތުން ތާރިގުއާ އަޅައިގަނެގެން އުޅޭހެން ހީވޭ......." ސަލަމާ ބުނެދިނެވެ.
"سبحانك يا ربي"
"އެހެންވިއްޔާ މަގު ފުރެދިފައިވާ މީހެއްގެ އަންހެން ދަރިއެއް ތާރިގުގެ ފަހަތުން މިއުޅެނީ....އޭނައަށް ހިދާޔަތް ލިބެންވެގެން ކަމަށްވެސް ވެދާނެ."އުންމު ތާރިގުގެ ވާހަކަތައް އަޑުއައްސަވަން ހުންނެވިއެވެ. އަދި މަންމަ ގާތު އިށީދެ ވަޑައިގެން އަތް ވަށައިލެއްވިއެވެ.
"މަންމާ. އެއީ މާތް އަންހެންކުއްޖެއް. އޭނަ މާފަށް އެދި ކީ ޅެންބައިތުތަކުން މީހެއްގެ ހިތް ފަޅައިގެންދާނެ. އެހާ އަސަރުކުރި. އޭނަގެ މަންމަ ދުޝްމަނެއްގެ ގޮތުގައި ވިޔަސް ރުމާނާ މެދުވެރިއަކަށްވެ އަޅުގަނޑު ސަލާމަތްކޮށްދިނީ...." ތާރިގު ތައުރީފުކުރެއްވިއެވެ.
"ދަރިފުޅު މަންމަ މިހިރަ މާތް ދީނަށް ދަރިފުޅު ވަދޭ. " އުންމު ތާރިގު ވިދާޅުވިއެވެ.
"މަންމާ. އަޅުގަނޑު މިހިރީ މަންމައާއެކު ﷲގެ ދީން ދިފާއުކުރުމުގައި. އެކަމަކު............" ތާރިގު ކޮޅަށް ތެދުވެ ވަޑައިގެންނެވިއެވެ.
"ކީކޭ ދަރިފުޅު...."
"އަޅުގަނޑުގެ އަމިއްލަ ނަފުސަށް މިއޮތް ހައްދެއް ނެތް ދިޔައީ ކަމަށް ނުބަލަން. އަޅުގަނޑުވެސް ބޭނުންވީ ހަމަ މާތްރަސްކަލާގެ ދީނާއި ކައިރވާން. ދީން އުނގެނެން." ތާތިގުގެ ވާހަކަތައް އަހަން ހުރި ޔޫސުފްއަށް ހައިރާންކަމެއް ލިބުނެވެ.
"އިސްލާމް ދީނަށް ވަދެއްޖެއްޔާ އެމީހުންނަށް ބޮޑު ޝޮކެއް ލިބޭނެ.. ކޮންމެހެން ދީނަށް ނުވަނަސް މަންމަގެ ދީނަށް ނަސްރު ދެވިދާނެ..........."
"ބޭނުން ނުވާ މީހަކު ދިޔަދީ..." ސަލާމާ ބުނެލިއެވެ. އެކުވެރިންގެ ތެރޭ ތާރިގު އިސްލާމްވެ ވަޑައިގެންނެވުމުން ހިތްހަމަނުޖެހި ދޫކޮށްލާނެ އެކުވެރިން ތިބެފާނެތީ އާ ޔޫސުފްއަށް ލިބިފައިވާ ޔޫރަޕްގެ ސިފަތަކުން އެހެން ބުނެވުނީއެވެ. ބަރުބަރުންގެ ތެރޭ ޔޫސުފްފަދަ ޒުވާނުން އުޅެއެވެ. ގަދަ މުށިކުލައިގެ އިސްތަށިގަނޑަކާއި އަޅިދެލޯ އޭނައަށް ދެއްވާފައިވުމުން ނާދިރު ރީތިކަމެއް ހުއްޓެވެ. ނަމަވެސް ސަހަރާ ތެރޭ އަވީގައި އުޅެ އުޅެ އޭނަގެ އަލި ކުލަ ގެއްލި ހަންގަނޑަށް މުށިކުލައެއް ވެރިވެއްޖެއެވެ. ތާރިގުއަށްވުރެ އުމުރުން ހަނގުވެފައި ލާނެތްކަމެއްވެސް ހުންނަ ޒުވާނެކެވެ.
"އުޚުތާ. އަޅުގަނޑު ދާކަށް ބޭނުންވެގެނެއް ނޫން. ތާރިގު އަޅުއްވާ ކޮންމެ ފިޔަވަޅެއްގެ މަތީ އަޅުގަނޑު ކަށްވަޅާ ހަމަޔަށްދާންވެސް ތައްޔާރަށް މިހިރީ..އަޅުގަނޑުގެ ދޮށީ ބޭބެއެއްގެ ގޮތުގައި ދެކެނީ ތާރިގުގެ މަންމަ އަޅުގަނޑުގެ މަންމަކަމުގައި ބަލާނަން. އުޚުތާ އަޅުގަނޑާއިމެދު ތި ވިސްނީ އެންމެ ނުބައިކޮށް........." ޔޫސުފްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ތިހާ ވަފާތެރި އެކުވެރިއަކު ތާރިގުއަށް ލިބިވަޑައިގަތުމުން އުފާކޮށްފިން...." ސަލަމާ ހިނިތުންވެލިއެވެ.
"އިސްލާމްދީންގެ ނޫރު ހުރިހާ ދިމާލެއްގައި ވިދާ ބަބުޅާތަން ފެނުމުން އަޅުގަނޑުގެ ހިތުގައި އެދީނަށް ލޯބި ޖެހިއްޖެ. އެކަމަކު އަދިވެސް ނޭގޭ ބައިވަރުކަންތައް އެބަހުރި. މަންމަ އަޅުގަނޑުމެންނަށްވެސް ދަރުސް ދެއްވާ......އަޅުގަނޑާއި އެކުވެރިންނަށް ވަދެވިފައިވާ އަނދިރި ޖަންގަލިން ނުކުމެ އަލިކަމުގެ ރާސްތާ ދައްކައިދޭނެ މެދުވެރިއެއްގެ ގޮތުގައި މިއަދު ފެނުނީ ލޯބިވާ މަންމަ......." ތާރިގު ވިދާޅުވިއެވެ.
"ދަރިފުޅު އެހެން ވިއްޔާ އެންމެ ކުރިން ދާންވީ ކަހީނާގެ ލަޝްކަރާއި ކުރިމަތިލާން. އެމީހުން އިސްލާމް ދީނަށް ވަންނަންދެން ދެކޮޅަށް ހަގުރާމަކުރަން ޖެހޭ. ނޫނީ ޖިޒީ ދައްކާފައި މުސްލިމުންގެ ވެރިކަމުގެ ހިޔަލުގައި އުޅެން އެއްބަސްވުން އޮތީ. ދީނުގެ ހިދާޔަތް ލިބުމުން ދަރިފުޅަށް ދުނިޔޭގެ ހުރިހާ އަނިޔާވެރި ބާރުތަކާއި ވެރިންނާއި ކުރިމަތިލުމުގެ ހިތްވަރު ދެއްވާނެ. މަންމަ ދެން އިސްލާމްދީނުގެ ތަރަހައާއި ދީނަށް އުޅެންވާ ގޮތްތަކާއި ތައުހީދު އަދި ގުރުއާނާއި ސުންނަތުން މަންމައަށް އެނގި ހުރި އެއްޗެއް ކިޔާދޭނަން.." އުންމު ތާރިގު އެދިވަޑައިގެންނެވިގޮތަށް އެންމެން އެތަނަވަސް ހޯލުގައި ބަލީސްތަކަށް ލެނގިލައިގެން އިށީދެ ހަމަޖެހިލިއެވެ.
އުންމު ތާރިގު މާތްﷲއަށް ހަމްދު ސަނާ ކިޔާފައި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތް ކިޔެވިއެވެ.
ދަރުސްގެ އަސަރުގަދަކަމުން އެންމެން ގައިން ހީބިހި ނަގާ ވަރުވިއެވެ. ދަރުސް ނިމިގެން އުންމު ތާރިގު ދަސްކޮށްދިންގޮތަށް އެންމެން ވުޟޫކުރިއެވެ. އަދި ޝަހާދަތް ކިޔާ އިސްލާމްދީނަށް ވަނެވެ. އުންމު ތާރިގު ދަރިފުޅުގެ ދެލޯފުޅު ދެމެދުގައި ބޮސްދެއްވިއިރު ލޯފުޅުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.
"މަންމަގެ ހިތްވަރުގަދަ ދަރިޔާ. މިއަދު މަންމަ ދުވަހަކު އުފާނުވާ ވަރަށް އުފާވެއްޖެ. މަންމަގެ ވާޖިބު އަދާކުރެވިއްޖެ. ލިބުނު ދަރިފުޅު ރަގަޅަށް ތަރުބިއްޔަތުކޮށް މާތްﷲގެ ދީންމަތީ ޖިހާދުކުރާނެ މުޖާހިދަކަށް ހަދައިފިން. ދުނިޔެއިން ވަކިވެގެން ދާން ޖެހުނަސް ލޯ މަރައިލާނީ އުފާވެރިކަންމަތީގައި. މަންމަ ފަޚުރުވެރިވާފަދަ ދަރިއެއް ތީ...."
"ވަކިވުމުގެ ވާހަކަ މަންމަ ނުދައްކަވާ. އެތައް ދުވަހެއްފަހުން މަންމައާއި ބައްދަލުވީ"
"ދަރިފުޅާ. މިއީ ފަނާވެދަނިވި ދުނިޔެއެއް. އެނގޭތަ؟ މައިންބަފައިންނަށް ހެޔޮ ދުޢާކޮށްދޭނެ ސޯލިހު ދަރިއެއް ލިބުމަކީވެސް ރަހުމަތެއް. މަންމަވެސް ދުޢާކުރަނީ ޖަންނަތުން މަންމަމެންނަށް އެކީ އުޅެވުން. އެއީ އަބަދަށްޓަކާ ދެމިގެންވާނެ ދާއިމީ ގޮވެތި. އެ ގޮވެތީގައި މަންމަމެންނާއެކު ވުމަށް ދުޢާކުރޭ...."
"އަޅުގަނޑު ދެން ކިހިނެއް ހަދަންވީ؟ މަންމާ. ހަގުރާމައަށް ދާންވީތޯ؟ " ތާރިގު ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ.
"އާނ ޖިހާދުުކުރަން ދޭ........."
އެންމެން ނިދާ ހިލަވަޅު އޮބި ހަވޭލިވެސް އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ތާރިގު ހަވޭލީގެ ފުރާޅުމަތީގައި ރަޖާގަނޑު ފަތުރުއްވައިގެން ބާލީސްތަކުގެ މަތީ ހަމަޖެހިލިއެވެ. ބޯދަށަށް އަތް ލައްވައިގެން އުދަރެހާއި ދިމާލަށް ބައްލަވަން އޮންނެވިއެވެ. ރޭގަނޑުގެ އަނދިރިކަން ނައްތާލާ ދުނިޔެ އުޖާލާކުރުމުގައި އެތައް ހާސް ތަރިތަކެއް ފަލަކުގައި ފިޔަޖަހާތަން ފެނިވަޑައިގަތެވެ. ކާއިނާތުގެ ބޮޑުމިންވެސް ހިތްތައް އަޖައިބުކުރުވާވަރުވެއެވެ. ޚާލިގުވަންތަ ފަރާތެއްވާކަމުގެ ދަލީލެކެވެ. މި ހިމޭން ރޭގަނޑު އެކަނިވެރިކަމާއެކު ޚިޔާލު ކުރައްވަން އެގޮތަށް އޮންނެވުމުން ކުޅަދުންވަންތަކަމާއިމެދު ވިސްނުންފުޅު ހިންގަވައިލެއްވި ނަފުސަށް އަޖައިބެއްފަދަ ލުއިކަމެއް ވެރިވިއެވެ. ހިތުގައި އީމާންކަމުގެ ވޮށް ދިއްލި މުޅީ ރޫހަށް އަލިކަން ގެނުވިފަދައިން މޫނުން ވެސް އަލިކަން ބަބުޅައެވެ. ތުންފަތްޕުޅުގައި ފިލައިގެން ނުދާފަދަ ފަނޑު ހިނިތުންވުމެކެވެ.
މަންމަގެ ވާހަކަފުޅާއި ޖިހާދާއިމެދު ވެސް ޚިޔާލު ކުރެއްވިއެވެ.
***
އެދުވަސްކޮޅު ތާރިގު އުޅުއްވީ ލަޝްކަރު ހަގުރާމައަށް ތައްޔާރުކޮށް ތަމްރީނު ކުރެއްވުމުގައެވެ. އެހެން އުޅުއްވިޔަސް މަންމައަށް ވަގުތު ދެއްވާ ގިނަވަގުތު އެކީ ހޭދަކުރައްވައެވެ. މަންމާފުޅާއެކު ނަމާދުކުރެއްވުމާއި އަރަބި އުގެނުމުގައި ހޭދަކުރައްވާ ކޮންމެ މިނިޓަކީ ބާއްޖަވެރިކަމާއި ދިމާލަށް އެޅުއްވޭ ފިޔަވަޅެކެވެ.
މަންމާފުޅަށް ބޭނުންވާނެ ސާމާނުކޮޅެއް ބައްލަވައިގަންނަވަން ތާރިގު ބާޒާރަށް ވަޑައިގެންނެވިއިރު ރޫމީ ގާފިލއެއްގެ މީހުންނާއި ބާޒާރުމަތިން ދިމާވިއެވެ. އެތަނުން ފެނުނު ޒުވާނަކާ ދިމާލަށް ބައްލަވަން ހުންނެވީ ހައިރާންކަމާއެކުގައެވެ. ރޫމީންގެ ތެރޭ ހުއްޓަސް ބަރުބަރެއްގެ ހުންނަ ސިފައެވެ. މުށިކުލައިގެ ހަމާއެކު ކަޅުދެލިގަނޑެއްފަދަ އިސްތަށިގަނޑެވެ. ވަރުގަދަ ބުމައެވެ. ނަމަވެސް އޭނަ އެހެރީ ރޫމީންގެ ހެދުމުގައެވެ. އެ ޒުވާނާގެ ނަޒަރު ތާރިގުއަށް ހުއްޓުމާއެކު ލޯ ބޮޑުކޮށްލެވުނެވެ.
"ޔާ ތާރިގު............."
ނުނިމޭ