އަޅުގަނޑު ގުދުވެފައި އޭނަ އަޅުގަނޑާއި ދިމާލަށް އެއްލައިލި އެއްޗެއް ނެގިން. އެއީ ހެދުމުން ވީދާފައި އޮތް ފޮތިކޮޅެއް، އޭގައި ރަތްކުލައިން ލިޔެފައި ހުރިއިރު ލެއިން ލިޔެފައިވާހެން ހީވީ. އެ ކިޔައިލިއިރު މުޅި ހަށިގަނޑުވެސް ރޫރޫ އެޅި. އެކަމަކު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްވެސް ލިބުނު ސަބަބަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މި ކާރިސާއަށް ހައްލު ލިބޭނެކަމުގައި ފެނުނީތީ..."

ދަތުުރުވެރިޔާގެ ވާހަކައިން އާލްފްގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް ގަދަވިއެވެ. އެންމެންވެސް ޝައުގުވެރިކަމާ ހިމޭންކަމާއެކު އޭނަގެ ވާހަކަތައް އަހަން އިސްޖަހާލައިގެންނެވެ.

"އަޅުގަނޑު އެ ސިޓީ ކިޔާދޭނަން....." ދަތުރުވެރިޔާ ސިޓީ ކިޔަން ފެށުމުން އާލްފްގެ މުޅި ދުނިޔެވެސް ހުއްޓުނެވެ. އެއީ އޭނަގެ ހިތުގެ ވެރިޔާގެ ސިޓީކަން ދެނެގަންނާކަށް އުދަގުލެއްނުވިއެވެ.

"ލޯބިވާ ބައްޕާއެވެ.

ބައްޕަގެ ދަރިފުޅު ހަވާލުކުރެއްވީ އޭނަ އަމިއްލައަށް ރަސްކަލެއް ކަމުގައި ދައުވާ ކުރާ މީހަކާއެވެ. އެކަމަކު އޭނައަކީ ހަގީގަތުގައި އެހެންމީހުންގެ އިހުސާސްތަކަށް ގަދަރުނުކުރާ އިހުތިރާމާއި އަބުރުވެރިކަމާއި ޝަރަފާއިމެދު ނުވިސްނާ ފުރޭތައެކެވެ. ކޮންމެވެސް ކަހަލަ ބާރަކުން އަޅުގަނޑު ސަލާމަތް ނުކުރެއްވިނަމަ އޭނަގެ ނުބައި ޝައިތާނީ ދަހިވެތިކަމުގެ ޝިކާރައަކަށް ވީހެވެ. އަޅުގަނޑު އަމިއްލަ ފޭރާމުން ތަންކޮޅެއްގައި ލިޔެފައި މި ފޮނުވަނީ އޭނަގެ ފަރާތުން ފިލަންވެގެން އެތަންމިތަނުގައި އުޅެމުން އަންނާތީއެވެ. އަޅުގަނޑަށް ދެން ބައްޕައާއި ބައްދަލުކުރެވޭނެ ދުވަހެއް އެނގެނީއެއް ނޫނެވެ. ބައްޕަގެ ދަރިފުޅާއިމެދު އެފަދަ ގޮތަކަށް އަމަލުކުރި މީހެއްގެ ފަރާތުން ބަދަލުގެ ގޮތުގައި އެދެވޭނީ ކޯނޗަކަށްތޯއެވެ. މިމެސެޖް ހިފައިގެން ދާ ފަރާތަށް ސަލާމަތުން ބައްޕައާއި ހަމަޔަށް ފޯރައިފިނަމަ އޭނަގެ ފަރާތުން ގަބޫލުކުރައްވަން އުދަގޫ ކަންތައްތައް އެނގިގެން ދާނެއެވެ.

"ފްލޮރިންޑާ"

އެ ސިޓީ ނިމުނުއިރު އާލްފްއަށް ވެފައިވާ ގޮތް ބަޔާންކޮށްދިނުމަކީ ގަލަމަކުން ވާނެކަމެއް ނޫނެވެ. އޭނަގެ ހިތުގައި ބަރުދާސްތުކުރުން ދަތި ވޭނެއް އަޅަންފެށިއެވެ. ހިތުގެ ތެޅުން ބާރުކަމުން އެ ހިމޭންކަމުގެ ތެރޭ މާ ދުރަށް އިވޭނެކަމުގައި ހީކުރެވުނެވެ. އޭނަގެ މޫނުމަތީގައި މާސްކް ނެތްނަމަ އެންމެނަށް ބޭޒާރުވީހެވެ. "އެތަން މިތަނުގައި އުޅެމުންދާ " އެ ޖުމްލަ އިވި ޝޮކާއި ހިތާމަ އިންތިހާއަށް ގޮސް ސިކުނޑި ފަޅައިގެންދާވަރުވިއެވެ. އޭނަ ހީކުރީ ފްލޮރިންޑާ އޭނަގެ ބޮޑުބޭބެ އޮޕާސްގެ ހިމާޔަތުގައި އެ ގޭގައި ހުރިކަމަށެވެ. ފަހަރެއްގައިވެސް މިފަދަ ހާދިސާއެއް ދިމާވެ ގެއްލިފައިވެދާނެ ކަމުގައި ނުދެކުނެވެ. ހިތާމަ ހުއްޓެވެ. އަހަން ކުޅަދާނަ ވި ވާހަކައަކަށް ނުވިޔަސް އޭނަ ކެތްތެރިވިއެވެ. އަދި ޖަޒުބާތުތައް އަމިއްލަ ބާރު ދަށަށް ގެނެސް ބާކީ ހުރި ވާހަކަތައް އަހަން އިސްޖަހާލައިގެން އިނެވެ. އާލްފްއެކޭ އެއްފަދައިން ޔައުގޫބަށްވެސް އިންތިހާ ދަރަޖައިގެ ހިތާމައާއި ބިރުވެރިކަން ލިބި ހުއްޓުންއެރިއެވެ. އޭނަގެ ސާހިބާއާއި ފްލޮރިންޑާގެ އޮތް ގުޅުން އޭނަ ރަގަޅަށް ދަނެއެވެ.

"އަޅުގަނޑު އެ ސިޓީ ކިޔާ ނިންމާފައި އަޅުގަނޑުގެ ހިތުގައި އުތުރި އަރަމުން ދިޔަ ރުޅިވެރިކަން ބަންޑުންކޮށްލެވުނު. އަޅުގަނޑު ޖޫލިއަންއަށް ދެންނެވިން. ކުޑަނަމަވެސް އީރަތް ތެރިކަމެއް ނެތި މީހުންގެ އަބުރަށް އިއްޒަތަށް ކުޑަނަމަވެސް ސުމާރުކަމެއް ނެތް އެފަދަ މީހަކު ރަސްކަމުގައި ދެމިހުންނަންވީ ކިހާ ދުވަހަކަށްތޯ. އަދި އަޅުގަނޑު އެހިން އަމިއްލަ ދަރިފުޅާއިމެދު އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓާ ތިމާގެ ނަފުސް ނުރައްކަލާއި ދަތިތަކަށް ހުށަހަޅަން އެކަށީގެންވާ ފަދަ ފަރާތެއްތޯ އެވަރުގެ މީހެއްގެ ތަޚުތު ދިފާއުކުރަން ހަމަ އެވަރުވާން ޖެހޭހެއްޔޭ. ޖޫލިއަންއާއި ދިމާވި ބޮޑު ހާދިސާއަކަށްފަހު މާޔޫސްކަމަށްފަހު އެ ހިތާމައިގާ ހުންނާތީ އޭނަގެ ޖަޒުބާތުތަކާއި ކުޅުމުގައި ކާމިޔާބު ކުރިން......" ދަތުރުވެރިޔާ ކިޔައިދިނެވެ.

" އަހަރެން މި ގައުމަށް ޣައްދާރުވި އިންސާނާގެ ފަރާތުން ބަދަލު ހިފާނަން. އަދި މި ސަރަހައްދު އަރަބިންގެ ހިމާޔަތުގެ ދަށަށް ގެންދަން ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނަން. އެމީހުން ބޭނުންވަނީ ރަގަޅުކަންތައް ކުރަން. އެކަމަކު އެވަރުން ނުފުދޭ. ސްޕެއިން ފަތަހަކުރަން އަރަބިންނަށް ހިތްވަރުދީ އަދި ލުދްރީކް ގަތުލުކޮށް އަހަރެންގެ ބަދަލުހިފުމުގެ ކަރުހިއްކުން ފިލުވައިލާނަން." ޖޫލިއަންގެ އެ ޖުމްލަތަކުން އޭނަގެ ނިޔަތް އެނގި ހިތަށް ހަމަޖެހުން ލިބުނު. އުމުރު ދުވަސް ހޭދަކުރީ އެ ހިސާބަށް އަންނަން. އަޅުގަނޑު އިތުރަށް އޭނައަށް ހިތްވަރު ދިނިން. އަޅުގަނޑު އޭނައަށް ދެންނެވިން އަރަބިންނާއި ދޭތެރޭ މެދުވެރިއަކަށް ވެދީފާނަމޭ. އަދި މި ޝަހަރު އެމީހުންނަށް އަމާން ދީ ދެ ބައިމީހުންނަށް ލިބޭ ފައިދާއަކަށޭ ވާނީ. އެގޮތަށް ހެދީމަ ބަލިކަށިކަމުން ނޫނީ ފިޑިވެގެން ކުރި ކަމަކަށް ނުވާނެއޭ...."

"ޖޫލިއަން އެ ޚިޔާލާއިމެދު ވަރަށް އުފާވި. އަޅުގަނޑުމެން ދެން ވަގުތުން ދަތުރުކުރީ އަރަބިންގެ ކޮމާންޑަރު މޫސާ ބިން ނުސައިރު ގާތަށް. އޭނަވެސް ވަރަށް ހިތްހަމަޖެހިފައި ހުރީ. މޫސާބިން ނުސައިރު ހޫނު މަރުހަބާއެއް ދެންނެވި. އަދި ވަގުތުން އެ ކަނޑުއޮޅި ހުރަސްކޮށް ސްޕެއިނަށް މުސްލިމުން އަރަން އެހީތެރިވާން ހުރި ކަމަށް ޖޫލިއަން ބުނި. އޭނަ ގޫތުންގެ ލަޝްކަރުގެ ސިއްރުތަކުގެ މައުލޫމާތު ހާމަކުރި. މޫސަ އެކަމާއި ވަރަށް އުފާކުރި. އަޅުގަނޑު މި ޚަބަރާއިގެން މިއައީ ތިޔަބޭފުޅުންނާއި ހިއްސާކުރަން ވެގެން. މި ޚިޔާލު ކިހިނެއްތޯ؟ " ދަތުރުވެރިޔާ އެހިއެވެ.

އޭނަގެ ރިޕޯޓް އަހާފައި އެންމެނަށް އުފާވެރިކަމާއި އަޝޯޚުކަން ގެނުވިއެވެ. އާލްފްވެސް މެއެވެ. އޭނަ ދެ ކަމަކާއި ފިކުރުބޮޑުވެފައިވިއެވެ. ފުރަތަމަ ސަބަބަކީ އޭނަގެ ހިތުގައި އާލްފްއަށްޓަކާ ވާ ލޯތްބެވެ. އަދި އޭނަ ބޮޑުބޭބެގެ ހިމާޔަތުގައި ނެތްކަން އެނގުމުން އެކަމާއި އިންތިހާއަށް ފިކުރުބޮޑުވެފައެވެ. ދެވަނަ ސަބަބަކީ މުސްލިމުން ސްޕެއިނަށް އަރައިފިއްޔާ ސްޕެއިންގެ ގޫތުންގެ ރަސްކަން ނިމުމަކަށް އަންނާނެއެވެ.

 

ޔައުގޫބަށް އާލްފްގެ ޚިޔާލުތައް އެނގޭފަދައެވެ. އާލްފްގެ ކަންބޮޑުވުންތަކުގެ ސަބަބުންނާއި ތަބީއަތަށް އައިސްފައިވާ މޮޅިވެރިކަން ލުދްރީކްއައި ހަގުރާމަކުރަން ފަސްޖެހިދާނެކަމުގެ ބިރުހީވިއެވެ. އެކަމަކު އާލްފް ފްލޮރިންޑާދެކެ ވާ ލޯތްބާއި އެކަމާއި ގުޅިގެން ލުދްރީކް ދެކެ ކުރާ ނަފްރަތު މަތިން ހަދާންވިއެވެ. ފްލޮރިންޑާ އޭނަގެ ބައްޕައަށް ލިޔުނު ސިޓީގެ ޚަބަރު އޮޅުން ފިލުމަށްފަހު އާލްފް މައިތިރިކުރުމަކީ އޭނައަށްވެސް ކުޅަދާނަވާނެ ކަމެއް ނޫންކަން އެވަގުތު ދެނެގަނެވުނެވެ. އެކަމަކުވެސް ޔައުގޫބު ބޭނުންވީ އާލްފްއަށް އެމީހުންގެ މަގުސަދު ހަދާންކޮށްދިނުމެވެ.

"އަޅުގަނޑުމެންނަށް އެކުވެރިޔާ އެ ގެނެސްދިނީ މުހިއްމު ޚަބަރުތަކެއް. އަރަބިން ސްޕެއިން ފަތަހަކުރާނެ އަދި ޚާއްސަކޮށް ޖޫލިއަން މަގު ދައްކާދޭން ހުރިއްޔާ. އަޅުގަނޑުމެންވެސް އެމީހުންނަށް އެހީވާނެކަމީ އަދި ޝައްކެއް ހުރިކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ މަގުސަދު ހާސިލުކުރުމަށް އެެއީ އެންމެ ބޭނުންތެރިކަމަށް ވާތީ. އެކަމަކު އެއިން އެއްވެސް ކަމަކުން އަޅުގަނޑުމެންގެ އެންމެ އިސްކަންދޭ މަގުސަދު ބަދަލެއްނުވާނެ. އެއީ ޝާހީ ޚާންދާނުގެ ވެރިކަން ހައްގުވެރިޔާއަށް ރައްދުކޮށްދިނުުން......" ޔައުގޫބު ވާހަކަދައްކަމުން އަލްފަންސޫއަށް އިޝާރާތްކޮށްލިއެވެ. " އަޅުގަނޑުމެން އަހާފައިވާ ގޮތުން މުސްލިމުން އެތަނެއް ފަތަހަކުރުމަށްފަހު އެނބުރި ހިނގައިދޭ. އަޅުގަޑުމެންގެ ރަސްގެފާނަކީ އެމީހުންނަށް ތާއީދުކުރާ ބޭފުޅެއްކަން އެނގުމުން އަޅުގަނޑުމެންނަށް ގައުމު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރާނެކަން ޔަގީން. އެމީހުންނަށް އަޅުގަނޑުމެންގެ ބިން ލިބި އަދި ޖިޒީ އަދާކުރަންޏާ ހިތްހަމަޖެހޭނެ. އަދި ދުރުން އަޅުގަނޑުމެންގެ ކަންތައް ކޮންޓްރޯލް ކުރަން ތިބޭނީ............."

ޔައުގޫބު ވާހަކަދެއްކިއެވެ.

ޔައުގޫބު ބުނަމުން ދާ އެއްޗަކަށް ސަމާލުކަން ދިނަސް އާލްފްގެ ޚިޔާލުގައި އެނބުރެނީ ފްލޮރިންޑާއެވެ. މިތަން ދޫކޮށް ފްލޮރިންޑާ ހޯދުމުގެ މަސައްކަތް ފަށަން ޟަމީރު ބުނަމުން ދިޔައެވެ. އޭނަ ދިޔުމުގެ ކުރިން އެތަނަށް އައި ސަބަބު ހާސިލުކުރަންވެސް ބޭނުންވިއެވެ.

"އަޅުގަނޑުގެ ބައިވެރިޔާ ޔައުގޫބު ދެކޭގޮތުން އަޅުގަނޑުގެ މަގުސަދަކީ ބާރު ހޯދަން ލުދްރީކްގެ ފަރާތުން ބަދަލު ހިފުން. އެކަމަކު އަޅުގަނޑު އެންމެ ބޭނުންވާ ކަމަކީ އަނިޔާވެރިޔެއްގެ ފަރާތުން މި ގައުމު ސަލާމަތްކުރުން އަދި އީސާއީ ދީނަށް ގަދަކަމުން ވެއްދި ޔަހޫދީންނަށް ދީނީ މިނިވަންކަން ހޯދަދިނުން. އަޅުގަނޑު ބޭނުންވަނީ އެ ކުށްވެރި ކަލޭގެއަށް ފިލާވަޅެއް ދިނުން. އަނިޔާވެރިންނަށް އަބަދުވެސް ނުބައިކަމުގެ ޖަޒާ ލިބޭނެކަން އަންގާދިނުން. އެކަންތައް ހަމަޔަކަށް އެޅުމަށްފަހު ތަޚުތަށް އިސްވާ މީހަކު މުހިމެއްނޫން....." އާލްފް އޭނަގެ ހިތުގައިވާ އެއްޗެއް ހިއްސާކުރިއެވެ.

" އަޅުގަނޑު އިއްޒަތްތެރި ސާހިބާއަށް ޔަގީންކަން އަރުވަން. އަރަބިން މިތަން ފަތަހަކުރުމަށްފަހު ތި ދެންނެވި ހުރިހާކަމެއް އެމީހުން ފުރިހަމަކޮށްދޭނެ. ފަހަތައިގެ ފޮނި މީރުކަން ލިބުމަށްފަހު އެކަމަކު އެމީހުން ސާހިބާގެ އަތުން ތަނުގެ ވެރިކަން އަތުލައިގަންނާނެ ހެނެއް ހިޔެއްނުވޭ. މިހާރުވެސް ތާންޖާގެ ވެރިއަކަށް ބަރުބަރުންގެ ޒުވާނެއްކަމަށް ވާ ތާރިގު ބިން ޒިޔާދު އައްޔަން ކޮށްފައި ހުރީ. އަދި ބަރުބަރު ގަބީލާތަކުންް ސީދާ މުސްލިމުންނަށް އަމާން ދިނީއެއްވެސް ނޫން. ހަގީގަތުގައި ކިތަންމެ ގިނަ ތަންތަން ފަތަހަކުރިޔަސް އަރަބިން ގެ އަދަދު އެހާ ގިނައެއްނޫން. އެހެންވީމަ އަރަބި ނޫން މީހުންނަށްވެސް އެމީހުންގެ ސަރަހައްދުތައް ހިންގަން އެ ހަވާލުކުރަނީ. ސްޕެއިންގެ ކަންތައްތައް އެމީހުންނަށް ހިންގާދޭން ސްޕެއިންގެ ރަސްގެފާނަށްވުރެ އެންމެ އެކަށީގެންވަނީ ކާކުތޯ؟ އަޅުގަނޑުމެން ކޮންމެ އަގެއްދީގެންވެސް އަރަބިންނަށްވެސް މިއީ އެންމެ ރަގަޅު ރޭވުންކަން ވިސްނައިދޭން މަސައްކަތްކުރާނަން....."ޔައުގޫބު ވާހަކަ ކުރިއަށް ގެންދިޔައެވެ.

ލީޑަރު ތެދުވުމުން އެހެން އެންމެންވެސް އޭނައާއިއެކު ހެން ތެދުވެއްޖެއެވެ.

" ތިޔަބޭފުޅާ މިތަނުން ވަޑައިގަތަސް އަޅުގަނޑުމެން ޔަގީންކަން މިދެނީ ވަފާތެރިކަންމަތީގައި ތިބޭނެކަމަށް. މި ގައުމުގައިވާ ޔަހޫދީ ޖަމާއަތްތައް އެމީހުުންގެ މުދަލާއި ފުރާނައިން ގުރުބާންވެދާނެ ތިޔަބޭފުޅާއަށްޓަކާ....އަޅުގަނޑުމެންގ އަހުދުގައި ގާއިމުވެ ތިބޭނަން..." ލީޑަރު ބުނެލައިފިއެވެ.

" އަޅުގަނޑު މިިހިރީ ތިޔަ ބޭކަލުންނަށް އެއްބާރުލުން ދީ އެކީގައި މަސައްކަތް ކުރަން އެކަމަކު ނަސްރު ދެއްވާނީ މާތް ރަސްކަލާނގެ........" އާލްފް ޝުކުރު އަދާކުރިއެވެ.

ޔައުގޫބު ދޮރާއި ދިމާލަށް ހިނގައިގަންނަމުން އޭނައާއެކު އައުމަށް އާލްފްއަށް އިޝާރަތްކުރިއެވެ.

ހޮހަޅައާއި ހަމަޔަށް ދެވުނިއިރު ފަތިހުގެ އަލިކަން އުދަރެހުން ފައުޅުވެ ފިނިކަން ވަށައިލީ ސާލެއްހެންނެވެ. މުޅި ރޭ ބިމުގެ އަޑީގައި ތިބެވުނުކަން އާލްފްއަށް ރޭކާލިއެވެ. އެދެމީހުން އަޅައިގެން ތިބި ކަޅު ލިބާހުން މިނިވަން ވުމަށްފަހު ޝަހަރާއި ދިމާލަށް ހިނގައިގަތެވެ. އާލްފްއާއި ޔައުގޫބު ފާލަން ހުރަސްކުރިއިރުވެސް އާލްފް ހުރީ އަމިއްލަ ޚިޔާލެއްގައިކަމުން އޭނަ އިތުރު ވާހަކައެއް ނުދައްކައެވެ. ޔައުގޫބަކީ ޔަހޫދީ ޖަމާއަތުގެ އިސްވެރިއެއްކަން އެނގުނު އިރުން ފެށިގެން އޭނައާއިމެދު އަމަލުކުރަން ވީގޮތެއް ވާހަކަދައްކަންވީ ގޮތެއްވެސް އާލްފްގެ އަކަށް ނޭގުނެވެ. އަދިވެސް އެހެން ސިއްރުތަކެއް ވާކަން އެނގޭތީ އޭނަ ހުރީ އެކަންތައްވެސް ދެނެގަންނަން ބޭނުންވެފައެވެ. ފިނިފިނި ވައިރޯޅިތައް އޭނަގެ ހަށިގަނޑުގައި ޖެހެން ފެށިއެވެ. ސިކުނޑިއަށް ކޮށްފައިވާ އަސަރުތަކުން ރަގަޅަށް ނުވިސްނެއެވެ. ފްލޮރިންޑާގެ ސިޓީގެ ޖުމްލަތައް އިރުއިރުކޮޅާ އޭނަގެ ޚިޔާލަށް އުދަގޫކުރުވައެވެ.

ދެމީހުންނަށް ކިއްލާއާއި ހަމަޔަށް ފޯރިއެވެ.

އާލްފް ހިމޭނުން ހުއްޓަސް އޭނަގެ ސިކުނޑީގައިވާނީ ކޮންކަންތައް ތަކެއްކަން ޔައުގޫބުއަށް އެނގި އެކަމާއި ހިތާމަކުރިއެވެ. ނަމަވެސް މިވަގުތު އެންމެ ރަގަޅުވާނީ އާލްފްއާއި ސުވާލު ނުކުރުމެވެ. އޭނަ އުޅުނީ ކެއުން ތައްޔާރުކޮށް އާލްފްގެ ޟަރޫރީ ބޭނުންތަކަށް ސަމާލުކަން ދީ ޚިދުމަތުގައެވެ. ފެންވަރާ ތާޒާވެލުމަށްފަހު ކައިގެން އާލްފް ގަސްތުކުރީ ކޮންމެވެސް ވަރަކަށް ނިދީގެ އަރާމެއް ލިބޭތޯއެވެ.

 

***

ކައުންޓް ޖޫލިއަންއަށް ލުދްރީކްގެ ޝައިތާނީ އަމަލުތަކުގެ ތަފްސީލު އެނގި ރުޅީގެ ސަބަބުން މޮޔަވާވަރުވިއެވެ. އޭނަ އަމިއްލަ ނަފުސަށް ވައުދުވިއެވެ. އޭނަ ލުދްރީކްގެ ރަސްކަން ނެތިކޮށްލާނެއެވެ.

އެވަރުންވެސް އޭނަ ޖަޒުބާތުތައް ފޮރުވިއެވެ. އަދި ދަތުރު ހަދައިގެން ޓޮލެޑޯއަށް ގޮސް ރަސްގެފާނަށް ޒިޔާރަތްކުރިއެވެ. އާއްމުކޮށް އޭނަ އައިސް ނޫޅޭ ދުވަސްވަރެއްކަމުން ރަސްގެފާނަށްވެސް ހައިރާންކަމެއް ލިބުނެވެ. އާއްމުކޮށް އޭނަ އެ ޝަހަރަށް އަންނަނީ ހޫނު މޫސުމްގައި ހަދިޔާތައް ހިފައިގެންނެވެ. ނަމަވެސް މިއީ ޖެނުއަރީމަހެވެ. ފިނިކަން ގަދަ ދަތި މޫސުމެކެވެ. އެހެންޏާ ޖޫލިއަން ދަތުރުކޮށް އުޅޭ މޫސުމެއް ނޫނެވެ. ވާރެއާއި ސްނޯގެ ސަބަބުން ދަތުރުފަތުރުކުރުމަށް މަޖުބޫރުވެގެން ނޫނީ މުސާފިރުން ނުކުމެ އުޅޭނެ ދުވަސްވަރެއް ނޫނެވެ.

ޖޫލިއަން ރަސްގެފާނުގެ ދަރުބާރަށް އަދަބު އަދާކޮށްފައި ވަންތަން ފެނި ރަސްގެފާނުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"ކީއްކުރަން މި ދުވަސްކޮޅު ތިޔަ އައީ ޖޫލިއަން؟ " ލުދްރީކް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.

"ފްލޮރިންޑާގެ މަންމަ މާ ބޮޑަށް ބަލިވީ. ފިނި މޫސުމްގެ ރޯގާ ޖެހި ތަންމަތީގައި އޮތީ. އޭނަގެ އެންމެފަހުގެ އެދުމަކަށް ވީ ދަރިފުޅު ފްލޮރިންޑާ ދެކެލުން. އެއީ އޭނަ އެންމެ ލޯބިވާ ފަރާތަކީ. ރަސްގެފާނު އަޅުގަނޑުގެ ދަރިފުޅު ފޮނުއްވާދެއްވާ..." ޖޫލިއަން އެދުނެވެ.

"މައްސަލައެއް ނެތް. މިފަހަރު އެފްރިކާއިން ބާޒެއް އެއްޗެއް ނުގެންނަނީތަ؟ " ލުދްރީކް އެހިއެވެ.

އޭނައަކީ ޝިކާރަކުރަން ވަރު ހުންނަ ރަސްކަލެކެވެ.

"އަޅުގަނޑު މަނިކުފާނަށް ބާޒުތައް ހޯދާފައި އެބަހުރި. ކުރިން ދުވަހަކު ނުދެކޭ ވަރުގެ. ވަރަށް އަވަހަށް ބާޒުތަކާއިއެކު އެނބުރި އަންނާނަން..............." ޖޫލިއަންގެ މާނަވީ ޖުމްލައިން ލުދްރީކަށް އެކައްޗެއްވެސް ނޭގުނެވެ. އޭނަ ހީކުރީ ހަގީގަތުގައި ކުރިން ނުގެންނަވަރުގެ ކުޅަދާނަ ބާޒުތަކެއް ގެނެސްދޭން އޭނަ ވައުދުވީކަމުގައެވެ.

"އަޅުގަނޑުގެ ދަރިފުޅާއިމެދު ކޮން ގޮތެއް ނިންމަވާނީ؟"ޖޫލިއަން އެހިއެވެ.

"ތެދަށް ބުނަންޏާ އޭނަ ވީތަނެއް ނޭގޭ. ކުރީގެ ރަސްގެފާނު ވިޓިޒާގެ ދަރިފޅު އަލްފަންސޫއާއި ދެމީހުން ހިތާވެގެން އޭނަ އާއިއެކު ފިލައިގެން ހިގައްޖެ..." ރަސްގެފާނު ތުނބުޅީގައި އަތް ހާކާލަމުން އިސްޖަހައިލިއެވެ. އޭނަގެ މޫނުމަތިން މޮޅިވެރިކަަން ފެނުނެވެ. "އެދެމީހުން ގުޅުވަން މެދުވެރިއަކަށް ހުރީ ފްލޮރިންޑާގެ ބޮޑުދައިތަ.އަހަންނަށް އެދެމީހުން ނުހުއްޓުވުނު. އެނގުނުއިރު ގަނޑުވަރުން ފިލައިގެން ހިގައްޖެ..."

"ތިވީގޮތުން އޭނަ ހުރިތަނެއް ހޯދުން ފަސޭހައެއްނުވާނެ. ހިތަމަ ހުރި. އޭނަގެ މަންމައަށް މި ޚަބަރު ލިބިއްޖެއްޔާ ވަގުތުން ފުރާނަ އުދުހިގެން ގޮސްދާނެ.............." ޖޫލިއަން ހުއްދައަށް އެދުނެވެ.

 

***

ޖޫލިއަން ސަބްތާއަށް އެނބުރި އައުމަށްފަހު އެންމެ ކުރިން ވާހަކަދެއްކީ ތާންޖާގެ ގަވަރުނަރަކަށް އޭރު ހުންނެވި ތާރިގު ބިން ޒިޔާދުއާއެވެ. އޭނަގެ ދަރިފުޅާއިމެދު ރަސްގެފާނު އަމަލު ކުރިގޮތް ކިޔައިދިނެވެ. ނަފްރަތުގެ އަލިފާން އޭނަގެ ޖިސްމުގައި ރޯވެފައިވަނީ ބަދަލު ހިފުމަށްފަހު ނޫނީ ނުނިވޭނެ ފަދައަކުންނެވެ. އޭނަ ތާރިގު އަރިހުން އެދުނީ ސްޕެއިނަށް އަރައި އެތަން ފަތަހަ ކުރެއްވުމަށެވެ. ދުޝްމިނުންގެ ބިންތަކުގައި މަގުދައްކާނެ މީހަކަށް ހުރެ ތާރިގުގެ ހަގުރާމަވެރިންނަށް އެހީތެރިވެދޭނެކަމުގައި ޖޫލިއަން ބުންޏެވެ. އަދި ތާރިގަށް އެތާގެ ރީތިކަމާއި މީހުންގެ ބަލިކަށިކަން އަދި ފިޑިކަމުގެ ވާހަކަދައްކައިގެން ތާރިގުގެ ސިކުނޑިއާއި ކުޅެން މަސައްކަތްކުރިއެވެ. ތާރިގުގެ ލަޝްކަރުގައި ސްޕެއިނަށް ހަމަލާދެވޭވަރުގެ ގާބިލުކަން ލިބިފައިވިއެވެ. އޭނައާއި އޭނަގެ ހަގުރާމަވެރިންނަށް އެއަށް ވުރެ މަތިވެރި ޝަރަފަކާއި އުފާވެރިކަމެއް ނުވެސް ލިބޭނެއެވެ. ނަމަވެސް އޭނައަށްވުރެ އިސްވެރިޔއެއް އެބަ ހުންނެވިއެވެ. މިހާ ބޮޑު ނިންމުމެއް އޭނައަށް ނުނިންމޭނެއެވެ. ކައިރަވާންގައި ހުންނެވި އޭނަގެ މާސްޓަރ މޫސާ ބިން ނުސައިރުގެ އަރިހަށް ދާން އޭނަ ޖޫލިއަންއަށް މަގުދެއްކިއެވެ.

 

 

***

މޫސުމް ރީތި ދުވަހެކެވެ. ކޮންމެވެސް ވަރަކަށް އަވި ދިއްލާލާފައި އޮތެވެ. މޫސާ ބިން ނުސައިރު އޭނަގެ ދަރިންނާއެކު ބަގީޗާތެރޭ ވަގުތު ހޭދަކުރައްވަނިކޮށް ގަބީލާތަކުގެ ވެރިން ޒިޔާރަތްކުރަން އައިކަން އެނގި ވަޑައިގެންނެވިއެވެ. އޭނަ އަވަސްވެވަޑައިގަތީ މަޖްލިސްކުރާ ކޮޓަރިކޮޅަށް ވަޑައިގަތުމަށެވެ. އޭނަ ގަވަރުނަރަކަށް ވުމަށްފަހު ގަބީލާ ތަކުގެ ވެރިންނަށް ދައުވަތު ދެއްވާ އެންމެންގެ ހާލު އޮޅުން ފިލުވާ ބޭނުންވާ އެމީހުންގެ ހާލު ބައްލަވައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަންތައްތަކަށް ހައްލު ހޯއްދަވާ ދެއްވައެވެ.

"އިސްލާމް ދީނުގެ ހިދާޔަތް މިތަނަށް އައުމަށްފަހު އިންސާފު ގާއިމު ކުރެވިއްޖެ. މީހުން ދިރިއުޅެނީ އަމާންކަމާއެކު" އެކަކު ތައުރީފު ކުރިއެވެ.

"މާތްﷲއަށް ހަމްދުކުރި. ޚަލީފާ ވަލީދު ބިން އަބުދުލްމާލިކް އަހަރެން އެފްރިކާގެ ނައިބަކަށް އައްޔަން ކުރެއްވި. އިސްލާމީ އުސޫލުގެ މަތިން ސަރުކާރު ހިންގުމުގެ ޒިންމާހަވާލުކުރެއްވީ. އިސްލާމް ދީނަކީ އިންސާފުގެ ދީން. މި މަސައްކަތްކުރަނީ ހަވާލުކުރެވިފައިވާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރަން......." މޫސާ ބިން ނުސައިރު ވިދާޅުވިއެވެ.

"ޔަގީން މާތް ސާހިބާ." އެހެން މީހަކު ދެންނެވިއެވެ. "އަޅުގަނޑުމެން މުސްލިމުންނަށް ނުވާ ހިނދުގައިވެސް އިސްލާމީ ވެރިކަމެއްގެ ހިޔަލުގައި ދިރިއުޅުމުން އެކަމުގެ މަންފާ އެބަކުރޭ..."

"ސާހިބާ މި ސަރަހައްދުގެ ގަވަރުނަރަކަށް ވުމަށްފަހު އަޅުގަނޑުމެން އަމަން އަމާންކަމުގައި ހިތްހަމަޖެހިގެން ދިރިއުޅުން ވޭތުކުރަމުން މިދަނީ...." އެހެން މީހަކު ތައުރީފު ކުރިއެވެ.

އެ ވާހަކަތަކުން މޫސާބިން ނުސައިރުއަށް ފަޚުރުވެރިކަމެއް ލިބިވަޑައިގަތެވެ. އެކަމަކު އޭނަ ޚަލީފާގެ ހިކުމަތްތެރި ބަސްފުޅު މަތިން ފަހަރެއްގައިވެސް ހަދާން ނައްތައެއް ނުލައްވައެވެ." މިއީ ފަޚުރުވެރިވާންވީ މަގާމެއްނޫން. މިއީ އިތުބާރެއް. ހަމަހަމަކަމާއި އިންސާފުން ވެރިކަން ކުރަންޏާ މާތް ރަހުމަތް ލައްވާނެ. އަދި މީސްތަކުންގެ އިހުތިރާމާއި ލޯބި ލިބި އެމީހުން ކިޔަމަންތެރިވާނެ. އޭގެ އިދިކޮޅަށް ކަންތައް ކުރަންޏާ މާތްﷲގެ ރުއްސެވުން އަނބުރާ ގެންދަވާ އަދި ރައްޔިތުން ދެކޮޅުވެރިވެދާނެ...."

މޫސާބިން ނުސައިރުވަނީ ޚިދުމަތުގައި ދެމިހުންނެވިހާ ހިނދަކު އިންސާފުން ވެރިކަން ކުރެއްވުމަށް ވައުދު ވެ ވަޑައިގެންފައެވެ. އޭނަ ގަބީލާތަކުގެ ވެރިންނަށް އެކަންތައް ހަދާންކޮށް ދެއްވިއެވެ. "އަހަރެން ކުށެއްކޮށްފިއްޔާ ނުވަތަ މީސްތަކުންނަށް އަނިޔާވެރިވެއްޖެއްޔާ އެކަން އަންގާލާތި. އަހަރެންގެ އެއްވެސް ސިފައިންގެ މީހަކު އަނިޔާވެރިވިޔަސް އަހަންނަށް ރިޕޯޓްކުރަންވާނެ. އެކަމަށް ފިޔަވަޅު އަޅާނަން....."

"މާތް ސާހިބާ. ވެރިކަން ކުރައްވާގޮތާއިމެދު އަޅުގަނޑުމެން ހިތް ހަމަޖެހޭ. މަނިކުފާނުގެ ރައްޔިތުންނަށް އިންސާފުވެރިވެ އަދި ޒިންމާ ނަންގަވާ. އަދިސިފައިންވެސް އެމީހުންގެ ޑިއުޓީތައް ބަރާބަރަށް އަދާކުރޭ. އަންދަލުސްގައި އުޅޭ ރައްޔިތުންނާއި ބަލާއިރު މިތާ ދިރިއުޅޭ މީހުންނަށް މާ އުފާވެރި ފާގަތި ދިރިއުޅުމެއްގައި އުޅެވޭ..." މޮރޮކޯގެ ބަރުބަރު ގަބީލާއެއްގެ ވެރިޔާ އަބޫ ލުކްލުކް ގެ ޖުމްލައިން މޫސާ ބިން ނުސައިރު ސިހިވަޑައިގެންނެވިއެވެ. އަދި އަންދަލުސްގެ ވާހަކައަށް ޝައުގުވެރި ވަޑައިގެންނެވިއެވެ.

"ދެންމެ ތި ބުނި އެއްޗަކުން ޝައުގު ވެރިވެއްޖެ. އަންދަލުސް ކިހިނެއްވީއޭ؟ އެތަނަށް ދިޔައިންތަ؟އެމީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ވަރަށް ބޮޑަށް އޮޅުން ފިލާފައިހެން ހީވޭ.."

"އަޅުގަނޑު ވިޔަފާރި ދަތުރުތަކުގައި ވަރަށް ގިނައިން އަންދަލުސްއަށް ގޮސް އުޅެން. އެތަނުގެ ރަސްގެފާނުގެ އަނިޔާވެރިކަމުން ރައްޔިތުން ބިކަ ހާލުގައި ދިރިއުޅެނީ. ވެރިކަމާއި ދެކޮޅަށް ނުކުތް މީހެއް ވެއްޖެއްޔާ ހިފާ ގަތުލުކޮށްލާ." އަބޫ ލުކް ލުކް ދެންނެވިއެވެ.

"އަންދަލުސްއަށް ދެން ދަތުރެއް އަޅާނީ ކިހާތާކު؟ " މޫސާބިން ނުސައިރު އެއްސެވިއެވެ.

ނުނިމޭ

ކޮމެންޓް 0