ހަގުރާމަވެރިޔާގެ އެ ޖުމްލައާއެކު އެދިމާލަށް އައި ސަވާރީއަކު ފެނި ބަލަން ހުރެވުނެވެ. ސުލެއިމާންގެ ފާނުގެ އައްޑަނައާއިއެކު ފޮށާއެއް އަޅައިގެން ހުރިއިރު މޫނުމަތީގައި ހެލްމެޓެއް އަޅާފައި ނެތުމުން އެމީހެއްގެ މޫނުގެ ސިފަތައް ފައުޅުވާން ހުއްޓެވެ. ރަގަޅަށް ބަލައިލުމުން އެއީ ތާރިގް ބިން ޒިޔާދު ފިޔަވާ އެހެން މީހެއްނޫންކަން ޔަގީންވިއެވެ. ކުރިންވެސް އެއްފަހަރު ދިމާވެފައި ހުރުމުން އެއީ ކިހާވަރެއްގެ ހައިބަތު ހުރި ޒުވާނެއްކަން އެނގިފައިވި ނަމަވެސް މިވަގުތު އޭނަ ފެނުނުލެއް ވަރުގަދަކަމުން ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ. އަހުގެ މަތީގައި ސަވާރުވެގެން އިންއިރު ވަރުގަދަކަމާއި ސާބިތުކަމުގެ ދެވަނައެއް ނެތް ފަދައެވެ. ލީޑަރެއްގެ ހުރިހާ ސިފަތަކެއް ފެނުނެވެ. ފޮށާއަޅާފައިވާގޮތުން އެ ތަނަވަސް ނިތްކުރިއާއި ކަޅުކަންގަދަ ވަރުގަދަ ބުމަ ހުރީ ފެންނާށެވެ.
އޭނަގެ ނިތްކުރިން ތިރިއަށް ދާތިކިތައް ފޮދުޖަހަމުން ދިޔައިރު ފޮހެލާކަށް ނޫޅުނެވެ. އެއްވެސް ކަމަކާއި ކަންބޮޑުވެގެން އުޅޭހެނެއް ހިޔެއްނުވެއެވެ. އަދި އޭނަގެ ނަޒަރު ވަކި ހަގުރާމަވެރިއަކަށް ހުއްޓިފައެއް ނެތެވެ. އެއް އަތުން އަހުގެ ލަގަނުގައި ހިފަހައްޓާލައިގެން އަނެއް އަތުން ކަނޑީފައިއި ހިފަހައްޓަވައިގެން އިންނެވިއިރު ހެދުމުގެ އަތުކުރި އޮޅާލާފައިވުމުން މުށިކުލަ އަރާފައިވާ ވަރުގަދަ އަތް ހާމަޔަށް ހުއްޓެވެ. އޭނައާއި އެއްވަރަށް އޭނަގެ އަހުގެ ހައިބަވަންތަކަންވެސް ކުޑައެއް ނޫނެވެ. ކަޅު ރޭގަނޑެއްފަދަ ކަޅު އަސް ހުއްޓުވަން ތާރިގު އުޅުއްވިއިރު އަސް ކުޑަކޮށް މަޑުކޮށްލާފައި އަނެއްކާވެސް ތައްޔާރުވަނީ ފުންމައިގަތުމަށެވެ.
މި ކުޅަދާނަ ފަހުލަވާނު ތާރިގު ބިން ޒިޔާދުއާއިމެދު ސުލެއިމާންގެ ހިތުގައި އާދަޔާ ޚިލާފަށް ތައުރީފު އުފެދުނެވެ. އޭނައާއި އެއްކޮށް ދަތުރުކޮށްފައި ދެން އައި ޒުވާނާގެ ކުލައާއި ސިފަގަނޑު ތާރިގުއާއި ތަފާތު ވީނަމަވެސް ޖެހިލުންކުޑަކަމާއި ބިރުކުޑަކަން ދެމީހުންގެ މޫނުމަތިން ފައުޅުވާލެއް އެއްގޮތެވެ. އޭނަ ތާރިގަށްވުރެ ޅަ ވެފައި ތަންކޮޅެއް ހަލަނިކަމެއް ހުއްޓެވެ.
ސުލައިމާން އެއްފަރާތުގައި މަޑުކޮށްލައިގެން ހުރީ ޖޫލިއަންގެ އިންތިޒާރުގައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އެ ސިޓީ ހަވާލުކުރަން އެބަޖެހެއެވެ. ތާރިގުއާއި އެކުވެރިޔާ އޭނަ ހުރި ހިސާބާއި އަރާހަމަވެފައި ކުރިމަތީގައި ތިބި މުޖާހިދުންނާއި ދިމާލަށް އެނބުރުނެވެ. ތާރިގު ކަނައަތްޕުޅު ހިއްލަވައިލެއްވީ ކަނޑިކޮޅާއެކުގައެވެ. އޭނަ މުޖާހިދުންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަން އުޅުއްވާކަން ދޭހަވެ އެންމެންވެސް ކަނުލާ އަޑުއަހަން ތިބީ އަދަބާއި ތައުޒީމާއެކުގައެވެ.
އޭނަ ވާހަކަފުޅު ދެއްކެވީ ﷲ އަށް ހަމްދުކުރަމުން ނައުރާކުރެއްވުމަށްފަހު މާތްﷲގެ މަގުގައި ޖިހާދުކުރުމަށް ހިތްވަރު ދެއްވިއެވެ.
"އޭ މުސްލިމް އަޚުންނޭވެ. ތިޔަބައިމީހުން ފިލައިގެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ފަހަތުގައި މިއޮތީ ކަނޑު އަދި ކުރިމަތީގައިވަނީ ދުޝްމިނުން، މާތްﷲގެ އިސްމުފުޅާއެކު ފަށާ. އަތުގައި ގެއްލިގެން ނުދާނެ އެއްޗަކަށް އޮތީ ތެދުމަގާއި އަދި ކެތްތެރިކަން. މި ބައްރުގައި ތިޔަ އަޚުން ޔަތީމް ޚާނާއެއްގައިވާ ކުދިންނަށް ވުރެވެސް ހާލަތު ދެރަކޮށް ތިވަނީ. މިހާރު ވަރުގަދަ ދުޝްމިނުން އެވަނީ ހުރިހާ ހަތިޔާރުތަކާއިގެން ތިޔަބައިމީހުންނާއި ކުރިމަތިލާފައި އަދި ތިޔަބައިމީހުންގެ އަތުގައި އެމީހުންނާއި ހަގުރާމަކުރަން ވަނީ ހަމައެކަނި ކަނޑި އާއި އައްޑަނަ. އެންމެ ކުޑަވެގެން ކާއެތިކޮޅެއްވެސް އަތުލައިގަނެވޭނީ ހަމައެކަނި ދުޝްމިނުންގެ އަތުން. މިގޮތަށް ކާނާ ނުލިބި ދުވަސްވާންވެއްޖެ ނަމަ އަދި ހައްލެއް ނުހޯދިއްޖެނަމަ ހުރިހާ އެއްޗެއް ގެއްލި ހަލާކުވެގެން ހިގައިދާނެ. މީހުންގެ ހިތްތަކުގައި އުފެއްދި ބިރުވެރިކަން ހަމައެކަނި ވަފާތެރިކަމަށް. އަހަރެމެންގެ ދިފާއަކަށް ވާނީ ހަމައެކަނި މި ޒާލިމް ވެރިޔާއަށް ހަމަލާދިނުން. އޭނަ އޭނަގެ ކިއްލާދޫކޮށްފައި އަހަރެމެންނާއި ހަގުރާމައަށް މިތަނަށް އައުމަކީ އަހަރެމެންނަށް ލިބުނު ރަނުގެ ފުރުސަތެއް. އެކަމަކު އެއީ ތިޔަބައިމީހުން މަރާއި ކުރިމަތިލުމުގެ ހިތްވަރު ހުރެއްޖެއްޔާ."
"އަހަރެން މިތާ މިހިރީ އަހަންނާއި ނުބެހޭ ކަމަކާއި ގުޅިގެން ނަސޭހަތްތެރިވާކަށް ނޫން. އަހަރެން އެކަމާއި އެއްކޮޅަށް ވަކާލާތުކުރަން މިހިރީ އަހަރެމެންގެ ފުރާނައާއިމެދުވެސް އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭފަދަ މަގެއްގައި ކުރިއަށް ދާން. ފުރަތަމަ އަމިއްލަ ނަފުސުން އަަހަރެން ފަށާނީ. ކުރުމުއްދަތެއްގެ ބުރައަކަށް ފަހު ދިގު މުއްދަތެއްގައި ލިބޭނެ އަރާމާއި ހިތްފަސޭހަ ދިރިއުޅުން ބޮޑުވާނެ. ހުރިހާ ބަތަލުންގެ ތެރެއިންވެސް އަހަރެމެން ޚަލީފާއެއްކަމުގައި ޚިޔާރުކުރީ އަލްވަލީދު އިބްނު މާލިކު. މިބިމުގެ ރަސްކަލުންގެ ތިމާގެ މީހުންނަށާއި ކައިވެނީގެގޮތުން ގުޅިފައިވާމީހުން ކަމުގައި ވުމަށް ރުހި ގަބޫލުވުމަކީ އިތުބާރުކުރާކަމުގެ ނިޝާނެއް. އަދި އެ އިތުބާރުގެ ސަބަބުން އެހެން ހަގުރާމަވެރިންނާއި ފަހުލަވާނުންނާއި ކުރިމަތިލާން ތިއުޅެނީ. އެމީހަކު އުއްމީދުކުރަންވާނީ އެފަރާތުގެ ހައްގުބަސްފުޅު މީހުންނަށް އަންގާދީ އަދި އެ ދީން މި ބިންމަތީގައި ފެތުރުމުން ހެއްދެވިފަރާތުން ސަވާބު ލިބޭނެކަމަށް. އޭރުން މިތަނުގެ ޣަނީމާތައް އެހެން މޫމިނުންނަކަށް ނޫން ލިބޭނީ. ހަމަ ތިޔަބައިމީހުންނަށް. މާތްﷲއަކީ ނަސްރުގެ ވެރި ތިޔަބައިމީހުންނަށް ފަތަހަ ދެއްވާނެ ފަރާތް އަދި މިދުނިޔެއާއި އާޚިރަތުގައިވެސް ތިޔަބައިމީހުންގެ ޒިކުރާ އާކުރެވޭނެ."
"އެންމެ ފުރަތަމަ މި ގޮވައިލެއްވުމަށް އިޖާބަދޭނެ މީހަކީ އަހަރެންކަން ތިޔަބައިމީހުންނަށް ރަގަޅަށް އެނގޭނެ. ހަގުރާމަފެށި ދެ ލަޝްކަރު ބައްދަލުވީމަ އަހަރެންގެ އަމިއްލަ ދެއަތުން ހަމަލާދީ އެ ޒާލިމް ލުދްރީކް ގަތުލުކުރާނަން އިންޝާﷲ. އަހަންނާއެކު ޖިހާދުގައި ބައިވެރިވޭ. އަހަރެން ކޮންމެވެސް ހިސާބަކުން ގަތުލުވެއްޖެއްޔާ އެ މައްސަލަ ހައްލުކޮށްފައިވާނީ އެހެންވީމަ ވިސްނުންތޫނު އެހެން ކޮމާންޑަރުން މަދެއްނުވާނެ އެމީހެއްގެ އަތްދަށަށް ލަޝްކަރު ގެންގޮސް އެންމެން ބަރޯސާވާން. އަހަންނަށް ލުދްރިކްއާއި ހަމަޔަށް ފޯރުމުގެ ކުރިން ގަތުލުވެއްޖެއްޔާ އެންމެ ފަހުވަގުތާއި ހަމަޔަށް އަހަރެންގެ މަގުސަދު ހާސިލުކުރަން މަސައްކަތްކޮށް އޭނައަށް ތިޔަބައިމީހުން ހަމަލާދީ މިތަނުގެ ވެރިޔާގެ ނިމުން ގެނެސް ފަތަހަކުރަން މަސައްކަތްކުރޭ. އޭނަ ގަތުލުވެއްޖެއްޔާ އެމީހުން އަމާންދޭނެ......"
ތާރިގުބިން ޒިޔާދުގެ ވާހަކަފުޅު ނިންމަވައިލެއްވިތަނާ ﷲއަކްބަރުގެ ނައުރާގެ އަޑުން މުޅި ހިސާބު ގުގުމާލައިފިއެވެ. ކޮމާންޑަރުގެ ވާހަކަފުޅުން އެމީހުންނަށް ފޯރިއާއި ޖޯޝްލިބި ހިތްވަރު އުތުރިއަރައި ރޫހު އިތުރުވެފައިވާކަން ސުލެއިމާން ދެނެގަތެވެ. އެކަމަކުވެސް ލަޝްކަރުގެ މަދުކަމާއިހެދި ފިކުރުބޮޑުވެ އޭނަ އުޅެގަތީ ޖޫލިއަންގެ ހިލަމެއް ވޭތޯއެވެ.
ތާރިގުގެ ހަގުރާމަވެރިންނާއެކު ޖޫލިއަން ހުރިތަން ފެނި ސުލެއިމާން އިޝާރާތްކޮށްލިއެވެ.
އޭނަ ކައިރިއަށް އައެވެ.
"ސުލެއިމާން ހިފެހެއްޓީކަމުގައި ހީކޮށް އެހެންމީހެއްގެ ހަވާލުގައި ސިޓީ ފޮނުވައިފިން..." ޖޫލިއަން ބުނެލިއެވެ.
އެވަރުން ސުލެއިމާންގެ ހިތް ފުރިއްޖެއެވެ. އެ ފުރުސަތު ދޫކޮށްނުލެވުނުކަމުގެ ހިތްހަމަޖެހުމާއެކު އޭނަ އަވަސްވެގަތީ ޚަބަރާއިގެން ފްލޮރިންޑާގެ ގާތަށް ދަތުރުކުރުމަށެވެ. އޭނަ އަދި ފްލޮރިންޑާގެ ސިޓީއާއިގެން އަލްފަންސޫގެ ކައިރިއަށްގޮސް އެ ސިޓީގެ ޖަޒުބާތުގައި ޖައްސަން ކޮންމެހެންވެސް އެބަޖެހެއެވެ. އޭނައަށް އެހިސާބަށް ފޯރިއިރު ފްލޮރިންޑާހުރީ ފަތްތަރުމަތިން ތިރިއަށް ފައިބާފައެވެ.އަގުހުރި ވަގުތު ގެއްލުވައިލުމެއްނެތި އެ ސިޓީހިފައިގެން އޭނަ މިސްރާބުޖެހީ އަލްފަންސޫގެ ކޭމްޕާއި ދިމާލަށެވެ.
***
އާލްފްއަށް ލުދްރީކް އަމުރުކޮށްފައިވަނީ ލަޝްކަރުގެ ކަނައަތްފަޅީގެ ކޮމާންޑަރަކަށް ހުރުމަށެވެ. ހެދުނު އޭނަ މުސްލިމުންގެ ލަޝްކަރަށް ހަމަލާދޭން ޖެހޭނެކަމަށް އެންގިއެވެ. ފަތިހު ތެދުވުނުއިރުވެސް އާލްފްގެ ބޮލުތެރޭގައި އެނބުރެނީ އޭނަގެ ބޮޑުބޭބެގެ ސިޓީގައިވާ ޖުމްލަތަކެވެ. ފިކުރުބޮޑުވުމުގެ ސަބަބުން ހިނިތުންވާންވެސް އޭނަ ހަދާން ނެތިއްޖެއެވެ. ތަގުދީރުގައި އޮތް ގޮތަކަށް ބޯ ލެނބުން ފިޔަވާ އެހެން މަގެއް ނުފެނުނެވެ. އޭނަ ލަޝްކަރުގެ ކޮމާންޑަރުންނަށް އިރުޝާދުތައް ދީ ލަޝްކަރު ރުކުވާރުލުމުގައި އުޅެފައި ފޭލިގެއަށް އައީ ހަގުރާމައިގެ ދަހަނާ އެޅުމަށެވެ. ޔައުގޫބު އޭނައާއި އެއް ހަމައެއްގައި އައިއިރު އާލްފްގެ ނަޒަރު އެކި ދިމާލަށް ދަތުރުކުރީ ސުލެއިމާން ނޫނީ އެހެން މީހެއް ނަމަވެސް ދުށުމަށް ބޭގަރާރުވެފައެވެ. ހަގުރާމައާއި ހަމަޔަށް ނުގޮސް ދުރަށް ދިޔުމުގެ ފުރުސަތު ގެއްލިދާނެތީ ހިތް އަވަސްވެ ހަލާކުވާވަރުވިއެވެ. އާލްފް އެތެރެއަށް ވަދެ ކޯޓާއި ތޮފި ނަގާފައި ހަގުރާމައިގެ ޔުނިފޯމް އަޅަން ފެށިއެވެ.
ޔައުގޫބުއަށް ޝައްކުވާ މީހެއް ފެނިގެން އޭނަ ގޮވާ ގެނައެވެ.
"ޝެހެޒާދާ އަލްފަންސޫއާއި ބައްދަލުވުމުގެ ހުއްދައަކަށް އެދެން..."
"އެމަނިކުފާނަަށް ސިޓީއަކާއިގެން ތިއައީ؟ "ޔައުގޫބު ސުވާލުކުރިއެވެ.
"ކައުންޓް ޖޫލިއަން ފޮނުވި ސިޓީއެއް ރައްދުކުރަން..."
ޔައުގޫބުގެ މޫނު އަލިވެގެން ދިޔުމާއެކު އަވަހަށް އެމީހާ ގޮވައިގެން ގެނެސް އެ ސިޓީ އާލްފްގެ އަތަށް ފޯރުކުރުވިއެވެ. ޔައުގޫބު ސިޓީކިޔަމުން ދިޔައިރު އާލްފްގެ ނަޒަރު ހުއްޓިފައިވަނީ ބިމަށެވެ. އޭނަ ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ.
"މާތް ސާހިބާއަށް ކިހިނެއް ފެނިވަޑައިގަންނަވަނީ؟ " ޔައުގޫބު ސިޓީ ކިޔާ ނިންމާލާފައި އާާލްފްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"އަހަރެން ވިސްނަނީ ކިހިނެއްހެއްޔޭ؟ އަހަރެން މި ހަދަނީ އެންމެ އިސް ފާދިރީ އޮޕާސް ބުނުއްވިގޮތަށްކަން އެންމެ ރަގަޅަށް އެނގޭނީވެސް ޔައުގޫބަށް. ވީއިރު މިހާރު އަހަރެންގެ ރޭވުން ބަދަލުކޮށް ޖޫލިއަންއާއެކު ދާންވީ؟ " އާލްފް އެހިއެވެ.
"އަޅުގަނޑަކަށް ތިކަހަލަ ނަސޭހަތެއް ނުދެވޭނެ." ޔައުގޫބު ކަނދުރާގައި އުނގުޅައިލަމުން ކިޔާލައިފިއެވެ. " މަނިކުފާނަށް ފެނިވަޑައިގަންނަވާ އެންމެ ރަގަޅުގޮތަކަށް ކުރިއަށް ގެންދަވާ. އަޅުގަނޑު މަރުވާންދެން މަނިކުފާނުގެ ފަހަތްޕުޅުގައި ހުންނާނަން..އެކަމަކު އޮޕާސްގެ ފަރާތުން އެފަދަ ނަސޭހަތެއް އިވުނީމަ ހައިރާންވާން ޖެހުނު. މަނިކުފާނާއި އާއިލާގެ އެހެން ބޭފުޅުންނަށް ލުދްރީކްގެ އަނިޔާވެރި ވެރިކަމުގައި ފަރާތުން ޖެހިވަޑައިގަތް މުސީބާތްތައް އެންމެ ރަގަޅަށް ދެނެހުރި މީހަކީވެސް މަނިކުފާނުގެ ބޮޑުބޭބެ. އޭނަގެ ފުރިހަމަ ސިއްހަތާއި ތޫނު ވިސްނުމާއިމެދު ޔަގީންކަމެއް ނެތްނަމަ އަޅުގަނޑުވެސް ގަބޫލުކުރާނީ އޭނަ އެހުންނެވީ ޚިޔާލީދުނިޔެއެއްގައި ކަމުގައި. އަޅުގަނޑު ހިތަށް އަރަނީ މަނިކުފާނަށް އެ ސިޓީ ފޮނުވުމަށްފަހު މިހާރު އެކަމާ ހިތާމަކުރާނެއޭ. ކޮންމެގޮތެއްވިޔަސް މިކަން ނިންމަވާނީ މަނިކުފާނު."
" އޭނަ އެކަމާއި ހިތާމަކޮށްފާނެއޭ ތިބުނީ ކިއްވެ؟ އަދިވެސް ބޮޑުބޭބެ ބޭނުންވަނީ އަހަރެމެން ލުދްރީކްގެ ހަގުރާމައިގާ ބައިވެރިވާން. އަދިވެސް ކަންފަތުގައި އެބަ ގުގުމާ. އެންމެން ގުޅި ހިތްވަރާއެކު މައިދާންގައި ސާބިތުވެ ތިބުމަށް ހިތްވަރުދިން."
"މާތް ސާހިބާ. މަނިކުފާނުގެ ބޮޑުބޭބޭފުޅަކީ ފިލޯސަފަރެއް. މިވާހަކަތައް ދެއްކީމަ އަޅުގަނޑާއިމެދު ވިސްނާގޮތް ގޯސްވެ އަޅުގަނޑުގެ މުރާދަކީ ކޮބައިކަމާއިމެދު ވިސްނަވާނެ. ހުރިހާ ކަމެއް އެއްފަރާތްކޮށްފައި ކައުންޓް ޖޫލިއަންގެ ނަސޭހަތް އަޑު އައްސަވާ. އެއީ އާޚިރުގައި ފްލޮރިންޑާގެ ބައްޕަ. އަދި އޭނަ މި އުސޫލެއްނެތް ބަޔަކާއިގެން ދިފާއުކޮށްދޭން........."
އާލްފް ޔައުގޫބުގެ އަނގަމަތީ އޭނަގެ އަތްތިލަ މަޑުމަޑުން އަޅާ ބަންދުކުރިއެވެ.
"ފުދިއްޖެ ޔަައުގޫބު.އަހަރެން ބޮޑުބޭބެ އެންގިގޮތަށް ކުރިއަށް ދާނީ. ކޮންމެގޮތެއްވިޔަސް ބޮޑުބޭބެއަށްވެސް ލިބިފައިވާ ޚަބަރުތަކަކީ އަހަރެމެންނަށްވެސް ލިބުނު މައުލޫމާތު. އަހަންނާއި ޔައުގޫބަށްވުރެ ބޮޑަށް ބޮޑުބޭބެއަށް އެނގޭނީ ކައުންޓްޖޫލިއަން މިފަދަ ފިޔަވަޅެއް އަޅަންޖެހުނު ސަބަބާއި ނިޔަތް. އަހަރެން ލަޝްކަރު ކޮމާންޑްކުރުމުގެ ވަގުތު ޖެހުނީ..." އާލްފް ހެދުން އަޅަމުން ދިޔައިރު ޔައުގޫބު ނޭފަތްމަތީގައި އުނގުޅަމުން ދިޔައީ ކަންބޮޑުވެފައިވާފަދަ ގޮތަކަށެވެ. އެވަގުތު ބޭރުން މީހަކު ކެއްސައިލި އަޑުއިވުނެވެ. މިއީ އުފާވެރި ޚަބަރެއްކަން ޔަގީންވެ އަވަސްވެގަތީ ސުލެއިމާން އަތުން ސިޓީ އަތުލުމަށެވެ.
މިއޮތީ ފްލޮރިންޑާގެ ސިޓީ.." ސުލެއިމާން ބުނެލިއެވެ.
އާލްފްގެ އަތަށް ސިޓީ އެރުމާއެކު އެމޫނުގެ ކުލަ ބަދަލުވީގޮތާއި އަތުގެ އިނގިލިތައް ތުރުތުރުލަމުން ދިޔަގޮތާއި އާޝޯޚުވެފައި ހުރިވަރު ދެކުނު ކޮންމެ މީހަކަށް އެނގޭނެއެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅިގަތުމާއެކު މުޅި ޖިސްމަށްވެސް ލޮޅުން އެރިއެވެ. ވަރަށް މަސައްކަތުން އޭނަ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށްފަހު ހަމަޖެހޭކަމަށް ދެއްކިޔަސް އޭނައަށް އެވަގުތުކޮޅު އައިހާ ބަދަލުތަކެއް ޔައުގޫބަށް ފާހަގަވިއެވެ. އާލްފް އެ ސިޓީ ކިޔާ ނިމުނުއިރު އޭނައަށް އިހުސާސް ކުރެވުނީ ދިގު ހުވަފެނަކުން ހޭލެވުނުފަދައިންނެވެ. އޭނަގެ ހަގީގީ ޖަޒުބާތުތައް ފައުޅުވީއެވެ. ނޫނީ ޖާދޫއެއްގައި ޖެހިފައި ހުރެފައި ބޭރުވެވުނީއެވެ. ލޯބި ކާމިޔާބު ހޯދައިފިއެވެ. ބޮޑުބޭބެއާއި އެ ސިޓީ އޭނަގެ ވިސްނުން އަދި ކޯޓެސީވެސް ހަދާން ނައްތާލައިފިއެވެ. ލޯތްބަކީ އެހާވެސް ބާރުގަދަ އެއްޗެކެވެ. ހުރިހާ ބާވަތެއްގެ ވެރިކަމަކާއި ނުފޫޒު މައްޗަށް ކުރި ހޯދާ ރަސްކަލުން އިނދަ ޖައްސުވައިލާ ކޮމާންޑަރުންގެ ކަނޑިތައްވެސް ހަލާކުކޮށްލާނެއެވެ. އަދި ފިލޯސަފަރުންނާއި ހަކީމުންގެ ސިކުނޑިތަކާއިވެސް ކުޅެލާނެއެވެ.
މިނިޓްކޮޅެއްވާންދެން އާލްފް ހިމޭނުން ހުރީ ފުން ޚިޔާލަކަށް ގެއްލިފައިވާ މީހެއްފަދައިންނެވެ. އޭނަގެ ލޯމައްޗަށް ތަސައްވަރުވަނީ އޭނައަށް އެންމެ ފަހު ވަގުތު ފްލޮރިންޑާ ފެނުނުއިރު ހުރިގޮތެވެ. ވައިލެޓްކުލައިގެ ހެދުމުގައި ފެނުނުލެއް ހާދަ ނަލައެވެ. އޭނައާއި ފްލޮރިންޑާގެ ވާހަކަތައް ހަދާނަށް އައެވެ.އެކަކު އަނެކަކަށް ޔަގީންކަން ދީފައިވަނީ ލުދްރީކް ތަޚުތުން ބޭލުމުން އެމީހުންނަށް ލިބޭނެ އުފާތަކުގެ ވާހަކައެވެ. އާލްފް ލަދުވެސް ގަތެވެ. ފްލޮރިންޑާގެ ކަރުނައިން ފުރިގެންވާ ލޮލާއެކު އޭނައާއި ދިމާލަށް ބުނެލާނެ ބަސްތައް ޚިޔާލަށް ގެނެވުނެވެ.
***
ސާހިބާގެ ހާލަތު ދެކެން އިރުގަނޑެއްވާންދެން ފޭލިގޭގައި ހުރެފައި އެކަނި ވަގުތުކޮޅެއްދޭންވެގެން ޔައުގޫބު ބޭރަށް ޖެހިލިއެވެ. އޭނަ ސުލެއިމާންއާއި ދިމާލަށް ދިޔައެވެ. ކަންތައް ވީގޮތާއި ބެހޭގޮތުން ސުވާލުކުރުމުން ޔައުގޫބު ލޯ މަރައިލީ އެމީހުންގެ ރޭވުން ކާމިޔާބުވުމުގެ ކޮޅުމަތި ފެންނަން ފެށިކަމުގެ އިޝާރާތަކަށެވެ. އެދެމީހުން އެތާ ތިއްވާ ސަވާރީއަކު ކޮންމެވެސް އެއްޗެއް ހިފައިގެން އަންނަތަން ފެނުނެވެ. ޔައުގޫބަށް އެއީ ކާކުކަން ދެނެގަނެވުނެވެ. އޭނަ އެއައީ އޮޕާސްގެ ފަރާތުން އިތުރު ސިޓީއެއް ހިފައިގެންނެވެ.
"މިއައީ ޝެހެޒާދާ އަލްފަންސޫއަށް ސިޓީއެއް ހިފައިގެން...."
"އަހަރެންގެ ސާހިބާ މިވަގުތު ހެދުން ބަދަލުކުރައްވަނީ. މިވަގުތު އެއްވެސް މީހަކު ފޭލިގެއަށް ވަދެވޭކަށް ނެތް.." ޔައުގޫބު ހެއްދެވި ފަރާތުން ރައްކާތެރިކަމަށް އެދުނެވެ. މިވަގުތު މިސިޓީ ގެ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ. އެންމެފަހު ވަގުތު ރޭވުން ފެނަށް ވެގެން ހިނގައިދާނެއެވެ. ބުއްދީގެ ބޭނުން ކުރަން ޖެހޭނެއެވެ.
"މިހާރުން މިހާރަށް މި ސިޓީ ރައްދުކޮށްދޭން އަޅުގަނޑަށް އަމުރު ކުރެވުނީ.."
"ސިޓީ ގެނޭ. މިވަގުތު ފޭލިގެއަށް މިދަނީ..." ޔައުގޫބު ސިޓީ އަތުލިއެވެ. ސިޓީގެނައި ގާސިދު އޭނަގެ މަސައްކަތް ފުރިހަމަކުރެއްވިއްޖެ ކަމުގެ ޔަގީންކަމާއެކު މަޑުކުރުމެއްނެތި އަސް ދުއްވާލައިފިއެވެ. އޭރު ޔައުގޫބުވެސް ފޭލިގެއަށް ވަންނަން ފޮތިގަނޑު ހިއްލާލީއެވެ. އެކަމަކު އޭނަ ފޭލިގެ ވަށާލާފައި ފަހަތަށްގޮސް އެ ސިޓީ ކަނޑާލައިގެން ކިޔަންފެށިއެވެ.
"ޔަހޫދީންގެ މަކަރުތަކަށް ހެއްލިގެން ނުދާށެވެ. ގައުމުގެ ދިފާއުގައި ތެދުވެރިކަމާއެކު ހުންނާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. އަހަރެން ބުނާ ގޮތަށް ހަދާށެވެ. މި ވާހަކަދައްކަނީ ކަލޭގެ ބައްޕަގެ މަތިންނެވެ."
އެ ނޯޓްކޮޅު ކިޔާފައި ޔައުގޫބުގެ ލޮލުގެ އަލިކަންވެސް ފަނޑުވިއެވެ. އޮޕާސްގެ އެ އިހުސާސްތައް އަދި ހަގުރާމައަށް ސަމާލުކަން ދޭވަރުން އޭނައަށް ހައިރާންކަމެއް ލިބުނެވެ. އޭނަގެ މި ރޭވުން ހަލާކުވެއްޖެނަމަ އަދި މި މުހިއްމު ވަގުތުކޮޅު ދުއްވައިލެވިއްޖެއްޔާ މުޅި ޔަހޫދީ ޖަމާއަތުގެ ހުރިހާ މަސައްކަތެއް ދުމަށްވެގެން އަރައިގެން ހިނގައިދާނެއެވެ. އޭނަ ވަގުތުން ނުކުމެ ސުލެއިމާނާއި މަޝްވަރާކުރިއެވެ. އެދެމީހުން ނިންމީ އަލްފްއަށް އެ ސިޓީ ރައްދުކޮށް ނުދިނުމަށެވެ.
ޔައުގޫބު ފޭލިގެއަށް ވަންއިރު އަލްފް ހަގުރާމައިގެ ޔުނިފޯމް އެޅުމެއްނެތި ކުޝަންމަތީގައި އިށީދެލައިގެން ވިސްނުމަކަށް ގެއްލިފައި އިނެވެ. ކޮނޑާއި ހަމަޔަށް އޮތް އިސްތަށިގަނޑުވެސް ހާވާލާފައެވެ. ފްލޮރިންޑާގެ ސިޓީގައިވާހާ އެއްޗެއް ކިޔައިދޭން ބޭނުންވިޔަސް ލަދުވެތިކަން އެކަމަށް ހުރަސް އެޅިއެވެ.
"އަދިވެސް ގާސިދު ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން އެބަހުރި. ކައުންޓް ޖޫލިއަން އަވަހަށް އޭނަ އައުމަށް އެންގި...." ޔައުގޫބު ދެންނެވިއެވެ.
އާލްފް ބޭނުންވީ ގާސިދުއާއި އަމިއްލައަށް ސުވާލުކޮށްލުމަށެވެ.
"އެތެރެއަށް ވަންނަން ބުނޭ.." އާލްފް އެންގިއެވެ.
ޔައުގޫބު ނިކުމެފައި ސުލެއިމާން ގޮވައިގެން ފޭލިގެތެރެއަށް ވަނެވެ.
"މިސިޓީ ލިޔުނު މީހާ ދެކުނިންތަ؟ " އާލްފް ސުވާލުކުރިއެވެ.
"ލައްބަ ސާހިބާ....."
"އެއީ ކާކު އަދި އޭނައާއި ބެހޭގޮތުން އެނގެނީ ކިހާވަރަކަށްތަ؟ " އާލްފް އެހިއެވެ. ސުލެއިމާން އިޝާރާތްކޮށްލާފައި އެދުނީ ޔައުގޫބު އެތަނުން ފޮނުވައިލުމަށެވެ. އެހެން މީހަކަށް އެނގެން ބޭނުންނުވާ ޒާތީ ވާހަކަތަކެއް ހުރީކަމުގައި ވެދާނެއެވެ. އާލްފްގެ އެންގުމަށް ޔައުގޫބު އެތަނުން ނިކުތެވެ.
"ސާހިބާ. ވާހަކަދެއްކުމުގެ ހުއްދަ ދެއްވާ. ހުރިހާ ވާހަކަތަކެއް އެއްވެސް ދޮގެއްނެތި ސީދާކޮށް ބުނަން....."
"އެންމެ ރަގަޅު..."
"އަޅުގަނޑަކީ ކައުންޓް ޖޫލިއަންގެ އެކުވެރިއެއް. ޖޫލިއަން ހަވާލުކުރީ އޭނަގެ ދަރިފުޅު ފްލޮރިންޑާ ތުލައިތާގެ ފައްޅިއަކުން މިހިސާބަށް ގެނެސްދޭން. އަޅުގަނޑުމެންނަށް މިހިސާބަށް ފޯރީ އިއްޔެ....."
" އެކަމަނާ މިހާރު ކޮބާ؟ "
"މި ކޭމްޕާއި ދާދި ކައިރީގައި...."
"އޭނަ ބައްޕަގާތަށް ނުދޭތަ؟ "އާލްފް އެހިއެވެ. ސުލެއިމާންގެ ހިމޭންކަން އަންގާދިނީ ކޮންމެވެސް ވާހަކައެއް ދައްކަން އޭނަ ބޭނުން ނުވިކަމެވެ. އެހެންވެ އާލްފްގެ ޝައުގުވެރިކަން އިތުރުވިއެވެ.
"އެނގޭހާ އެއްޗެއް ބުނެދީބަލަ ނުފޮރުވާ....." އާލްފް އެދުނެވެ.
ސުލެއިމާން އާލްފްއަށް ބަލައިލިއިރު އެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
"އަޅުގަނޑު ބުނާނީވެސް ކޯންޗެއްތޯ؟ ސާހިބާ. ފްލޮރިންޑާގެ ރޫހު ބަލިކަށިވެއްޖެ. މި ދަތުރުގައި އެންމެ ދުވަހެއްވެސް ފާއިތުވެގެން ނުދޭ އެކަމަނާގެ ލޮލުން ކަރުނަ ނުއޮހި. އަޅުގަނޑު ހީކުރީ އެކަމަނާގެ ބައްޕަ މަތިން ހަދާންކޮށްފައި ކަމުގައި. އަޅުގަނޑު ދެންނެވިން ވަރަށް އަވަހަށް ބައްޕަ އަރިހަށް ދެވޭނެއޭ. އެހެން ދެންނެވީމަ ވަކިން ގަދަޔަށް ރުއި. އަރަބިން ތިބި ކޭމްޕާއި ހަމަޔަށް އާދެވުމުން ބައްޕަ ކައިރިއަށް ދާން އިންކާރުކުރި. ކިރިޔާ ހަމަ އަނބުރައިނުގަތީ. ދެން އޭނަގެ ބޮޑުދައިތައާއި ކައިރީގައި ތިބި މީހުން ކުރެން އޮޅުންފިލީ ސާހިބާއަކީ އެކަމަނާގެ ކައިވެނި ހަމަޖެހިފައިވާ ފަރާތްކަން. އެކަމަނާ ބުނިގޮތުން ހަގުރާމައިގެ މައިދާންގައިވިޔަސް އެކަމަނާ ދެކެން ބޭނުންވާ ފަރާތަކީ ތިއީ. ހަޔާތުގައި ދުވަހަކުވެސް މިފަދަ ލޯތްބެއް ނުދެކެން. ސާހިބާއާއި ބައްދަލުކުރަން ބޭނުންވާތީ ބައްޕަ ކައިރިއަށް ދާން އޮތް ފުރުސަތުތައް ނަގައިލީ. ސާހިބާއަށް އެނގިވަޑައިގަންނަވަންވާނެ. އަޅުގަނޑަށް އަދި މިކަން އެނގުނަސް އެހެންމީހުންނަށް ވަނީ ވަންހަނާވެފައި. އަޅުގަނޑު އަތަށް އެ ސިޓީ ދިންއިރުވެސް ލޮލުން ކަރުނަ އޮހެމުން ދިޔަ. އޭނަ އަޅުގަނޑު ލައްވާ ވައުދު ކުރުވީ ވީހާވެސް އަވަހަށް ޖަވާބަކާއިއެކީ އެނބުރި އައުމަށް......."
ސުލެއިމާންގެ އަޑު މަޑުވެ ދެންމެ ދެންމެ ރޮއިގެންފާނެހެން ހީވިއެވެ.
އާލްފްއަށްވެސް ރުއިން ހުއްޓައެއް ނުލެވުނެވެ. އެއާއެކު އިވުނީ ހަގުރާމައިގެ ބެރުތައް ތަޅައިގަނެ ތާޅަފިލިތައް ފުމައިލި އަޑެވެ. ހަގުރާމަ ފެށެނީކަން ޔަގީންވިއެވެ. ހިތް ބާރަށް ތެޅިގަތުމާއެކު އަމިއްލަ ނަފުސަށް އެންގީ މިވަގުތު އޭނަ ކޮންމެވެސް އެއް ފަރާތެއް ޚިޔާރު ކުރަން ޖެހޭކަމެވެ. އޭނަ އަވަސްވެގަތީ ހަގުރާމައިގެ ޔުނިފޯމް އެޅުމަށެވެ. ހިތުގައިވާ ލޯތްބާއި ޖަޒުބާތާއެކީ ފްލޮރިންޑާ އެދުނު ގޮތަށް ކުރިއަށް ދާން ނިންމިޔަސް ލަދުވެތިކަމުގެ ސަބަބުން އެކަން އަންގަން ބޭނުމެއްނުވިއެވެ.
***
އާލްފް ފޭލިގެތެރެއިން ނުނިކުމެ ހުއްޓާ ފާދިރީ ހެދުމުގައި ހުރި މީހަކު ވަދެގެން އަންނަތަން ފެނުނެވެ. އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ތުންތަޅުވަމުންނެވެ. އާލްފް އިސްއުފުލާލާފައި ބަލާލައިފިއެވެ.
ނުނިމޭ