"އަޅުގަނޑު ތި ވާހަކަ ގަބޫލެއް ނުކުރަން. އެންމެ ކުރިން ގޫތުން އަނިޔާވެރިއެއްނޫން. އެކަމަކު އެމީހުންގެ ތެރޭގައިވި އެހެން މީހުންގެ ސަގާފަތާއި ދިރިއުޅުމާއި އެހެން ކަންތައްތަކާ އިދިކޮޅު ހަދާ މީހުންގެ ސަބަބުން އެކަންތައް ފެށިގަތީ. އަދި މިހާރު އަންދަލޫސިއާގެ ވެރިކަން އޮތީ އަދުލު އިންސާފާއި ވަރަށް ދުރުގައި އަޅުގަނޑުގެ އެކުވެރިޔާ.." މުސްލިމް ދެންނެވިއެވެ.

ކޮމާންޑަރ ތަރީފު ބިން މާލިކުއާއި ހަގުރާމަވެރިން ސްޕެއިންގެ އައްސޭރީގައި ބަދަރުކުރި ހިސާބަށް "ތަރީފާ"ގެ ނަމުން ނަން ދެވުނެވެ. ތަރީފުމެންނަށް ފެނިވަޑައިގަތީ ގޫތުންގެ އަނިޔާވެރިކަމެވެ. ގަތުލު އާއްމުތަކެވެ. ވަކި ވަކި ފަރުދުންގެ ފަރިޔާދުތައް އަޑުއަހަން ޖެހުނެވެ. ތަރީފު އައްސޭރިފަށުގައި މަޑުކުރައްވާ މައުލޫމާތު އެއްކުރެއްވިއެވެ.

ހިޖްރީގޮތުން ނުވަދިހަ އެއްވަނަ އަހަރު ރަމަޟާންމަހު ތަރީފުު ފުރަތަމަ ފަހަރަށް ސްޕޭނުގެ ސަރަހައްދަކަށް ހަމަލާދެއްވިއެވެ. ވިހި މޭލު ދުރުގައިވާ އަލްޖެސީރިއަސް ނުވަތަ ޖަޒީރަތުލް ޚަޒްރާއަށް ހަމަލާދެއްވާ ޣަނީމާގެ ބައިވަރެއް ލިބިވަޑައިގަތެވެ. އެހުރިހާ އެއްޗަކާއިގެން އެފްރިކާއަށް ދަތުކުރުކުރެއްވިއިރު ހައްޔަރުކުރެވުނު ދުޝްމިން ހަގުރާމަވެރިންވެސް އަޅުންގެ ގޮތުގައި ގެންދެވިއެވެ. ސްޕެއިންއަށް ހަމަލާދޭން ފަސޭހަކަމާއި އެތަނުގެ ނާޒުކްކަން ތަރީފް މޫސާބިން ނުސައިރުއަށް ސާބިތުކޮށްދެއްވައިފިއެވެ. އިތުރު ޖަމާއަތެއް ފޮނުވުމުގެ މާނައެއް ނެތެވެ. ދެން އޮތީ ފުރިހަމަ ލަޝްކަރެއް ފޮނުވާ ސްޕެއިން މުސްލިމުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެކަމަކު އަދި ހުރިހާ ތައްޔާރީތައްވެ ލަޝްކަރު އެކުލަވައިލަން ވަގުތު ނަގާނެއެވެ.

ހަގީގަތުގައި ނުވަމަސް ދުވަސް ފާއިތުވެގެން ދިޔައީ ލަޝްކަރު ތައްޔާރުކުރުމުގައި ލަސްވެގެނެއް ނޫނެވެ. ފިނި މޫސުމް ނިމެންދެން އިންތިޒާރުކުރަން ޖެހުނީއެވެ.

 

***

މޫސާ ބިން ނުސައިރު ތާރިގު ބިން ޒިޔާދުއަށް ދައުވަތުދެއްވިއެވެ. އަދި ހަތްހާސް ހަގުރާމަވެރިންނާއެކު ސްޕެއިނަށް ފުރާވަޑައިގަތުމަށް އަމުުރުކުރެއްވިއެވެ. އިތުރު ފަސްހާސް ހަގުރާމަވެރިން ބޭނުންވެއްޖެ ހިނދެއްގައި ވަގުތުން ފުރޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އެއީ ސްޕޭނަށް އަރަން އެންމެ އެކަށީގެންވާ ދުވަސްކޮޅެވެ. ރަސްގެފާނު ލުދްރީކް ބާޣީންނާއި ހަގުރާމަކުރަން ވެސްކޯނިއާއަށް ލަޝްކަރުގެ ބޮޑު ބަޔަކާއިގެން ދަތުރުކުރިކަމަށް ކައުންޓް ޖޫލިއަންގެ ޖާސޫސުންވަނީ އޭނައަށް ޚަބަރު ފޯރުކޮށްދީފައެވެ.

"އެކަމަކު އަންދަލުސްއަށް ހަމަލާދޭން މިވަރުގެ ލަޝްކަރެއް މަދުވާނެހެން އަޅުގަނޑަށް ހީވޭ. ކޮމާންޑަރު ޖޫލިއަން ބުނާގޮތުން ވިއްޔަ ރަސްގެފާނު ލުދްރީކްގެ ލަޝްކަރުގައި އެއްލައްކަ ހަގުރާމަވެރިން އެބަތިބި." ހަގުރާމައިގެ ކޮމާންޑަރެއްގެ ގޮތުން ބަލިވެގެން އަނބުރާ ވަޑައިގަންނަވަން ތާރިގުވެސް ބޭނުންފުޅެއް ނޫނެވެ.

"ފުރަތަމަ މިފޮނުވަނީ އަނެއްހެން ސީދާ ހަގުރާމައަކަށް ނޫން. ސްކައުޓް ޖަމާއަތެއްގެ ގޮތުގައި. އެހިސާބުގެ އަވަށްތަކަށް ހަމަލާދީ އެތަނުގައި ތިބޭ ކުދި ކުދި ލަޝްކަރުތައް ނައްތައިލުމާއި ކޮންމެވެސް ވަރަކަށް ތަންތަން ފަތަހަ ވީމަ އެފްރިކާއިން މަދަދު ނައިސް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ލިބޭނެއްނު. ސަބަބަކީ ވަކިން އަމިއްލައަށް ލަޝްކަރު އުޅެންޖެހޭތީ. ދެމަސް ދުވަސްތެރޭ އަޅުގަނޑު މުސްލިމުންގެ ބާކީއޮތް ލަޝްކަރާއެކު އަންދަލޫސިއާއަށް ދަތުރުކުރާނަން. ދެ ލަޝްކަރު ގުޅުނީމަ ފުރިހަމަ ބާރާއެކު ލުދްރީކްގެ ރަސްކަން ވައްޓައިލެވިދާނެ އިންޝާﷲ....." މޫސާ ވިދާޅުވިއެވެ.

ތާރިގު އިންނެވީ ހިމޭނުންނެވެ. އޭނަގެ ސިކުނޑީގައި ވަނީ ކޮންކަމެއްކަން އެކަކަށްވެސް ނޭގުނެވެ.

"ކީއްވެ ހިމޭނުން ތިއިންނެވީ؟ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާފަދަ އެއްޗެއް ބުނެވުނީތަ؟" މޫސާ އެއްސެވިއެވެ.

"މިސާލަކަށް ދުޝްމިނުންނާއި ކުރިމަތިލާން ޖެހިއްޖެއްޔާ ކިހިނެއް ތޯ ހަދަން ޖެހެނީ؟ ފިލަން ޖެހެނީ ނޫނީ ހަގުރާމަކުރަން ޖެހެނީ؟ " ތާރިގު އެއްސެވިއެވެ.

"އެއީ ތާރިގުގެ އަމިއްލަކަމެއް. އެވަގުތަކު ދިމާވި ހާލަތަކަށް ބައްލަވައިގެން ކުރިއަށް ގެންދަވާ.ހަތް ހާސް މުސްލިމް ހަގުރާމަވެރިންގެ ރައްކާތެރިކަން ކަލޭގެފާނުގެ އަތްޕުޅަށް ދޫކޮށްލަނީ. ފެނުނު އެންމެ ރަގަޅުގޮތަކުން ކުރިއަށް ގެންދަވާ...." މޫސަގެ އެ ޖުމްލައިން ތާރިގުގެ މޫނުފުޅު އަލިވެގެން ދިޔައެވެ.

 

 

***

މޫސާ ބިން ނުސައިރު އާއި ތާރިގުގެ ބައްދަލުވުމުގެ ވާހަކަ ދާދި އަވަހަށް ކައުންޓް ޖޫލިއަންގެ ކަންފަތާއި ހަމަޔަށް ފޯރައިފިއެވެ. އެކަމުގެ ސަބަބުން ބަޔާންކުރުން ދަތި އުފަލަކާއި ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ. ރަސްގެފާނުގެ ގެ އަނިޔާވެރިކަމުގެ ސަޒާ އޭނައަށް ލިބުމުގެ ވަގުތު ކުޑަތަންވަނީއެވެ. އޭނަ ތާރިގުގެ އަރިހަށް ދުރުވެ އެކަމާއި ބެހޭގޮތުން މަޝްވަރާކުރިއެވެ.

"ރަސްގެފާނު ލުދްރީކް ވެރިކަމުން ވައްޓާލެވިއްޖެއްޔާ ހުރިހާ ހަގުރާމަވެރިންނަށް ބައިވަރު ހަދިޔާތައް އެކި ފަރާތުން ލިބޭނެ....." ޖޫލިއަން ދެންނެވިއެވެ.

"އަޅުގަނޑުމެން ހަގުރާމަ މިކުރަނީ ހަދިޔާތަކާއި މުދަލާއި އެއްޗެހި ހޯދާކަށް ނޫން. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ރުހިވޮޑިގަތުން ލިބުން. އަދި ދުޢާއަކީ އަޅުގަނޑުމެންގެ ލަނޑުދަޑިއަށް ވާސިލުވާން ﷲގެ ރަހުމަތް ލިބުން. އަޅުގަނޑުމެންނަށް ލިބޭނެ ހަދިޔާއަކީ މާތްﷲ ވައުދުކުރެއްވި ސުވަރުގެ..އެނޫން އެއްޗެއް އަޅުގަނޑު ބޭނުމެއްނުވޭ...." ތާރިގު ވިދާޅުވިއެވެ.

ކައުންޓް ޖޫލިއަންގެ ހިތް ތައުރީފުން ފުރުނެވެ. މުސްލިމް ޒުވާން ހަގުރާމަވެރިންގެ ވިސްނުމާއި ޚިޔާލު އަދި ރަގަޅު އަޚުލާގަށް ހިތް ލެނބި ޝައުގުވެރިކަން އުފެދުނެވެ. މިފަދަ ޒުވާނުންނަށް ފަސޭހަކަމާއެކު ކާމިޔާބު ހާސިލުކުރެވި ރަސްގެފާނުގެ މައްޗަށް ކުރި ލިބޭނެކަމުގެ ޔަގީންކަން ފާއިތުވެގެން ދާ ކޮންމެ ސިކުންތުކޮޅަކު އިތުރުވިއެވެ. މިފަދަ ޖޯޝާއި ފޯރި ހުރި ބަޔަކު ބަލިވުމަކީ ނާދިރުކަމެކެވެ. "އަޅުގަނޑު އުއްމީދުކުރަނީ ތިޔަބޭފުޅާ އެ އަނިޔާވެރި ރަސްގެފާނު ގަތުލުކުރައްވާނެކަމަށް.................."

"ހަގުރާމަވެރިން އަންދަލުސްއަށް ގެންދިޔުމުގެ ޒިންމާ އަޅުގަނޑާއި ހަވާލުކުރެވިއްޖެ. ފުރުމުގެ ކުރިން މައުލޫމާތުކޮޅެއް އެއްކޮށްލަން ބޭނުން......" ތާރިގު ވިދާޅުވިއެވެ.

"ކޮންކަހަލަ މައުލޫމާތެއް ތޯ؟ "

"އަންދަލޫސިއާގެ ޗާޓެއް ކުރަހާދެއްވާ. އޭގައި ފާހަގަކޮށްލަދެއްވަންވީ ގޮނޑުދޮށްތަކާއި ކަނޑުއޮޅިތަކާއި އުސްތަންތަނާއި ފަރުބަދަތަކާއި ނާ ދަތުރުކުރާ މަގުތަކާއި އަވަށްތައް އަދި މަގުތައް. އަދި އެންމެ މުހިއްމު ކަމަކީ ގޫތު ލަޝްކަރުގެ މައުލޫމާތު..." ތާރިގު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑަށް ތިން ދުވަސް ދެއްވާ..." ކައުންޓް ޖޫލިއަން ދެންނެވިއެވެ.

"އެންމެ ރަގަޅު. އަޅުގަނޑުވެސް ލަޝްކަރު ތައްޔާރުކުރަން އެބަޖެހޭ. ތިން ދުވަސްފަހުން ބައްދަލުވަމާ..."

ތާރިގު ބިން ޒިޔާދު އޭނައާއި ޖެހިގެން ދެވަނައަށް ހުންނެވި ކޮމާންޑަރު އާމިރުގާތު އެދިވަޑައިގެންނެވީ މުސްލިމް ލަޝްކަރު އޮތްގޮތަށް ގެންނެވުމަށެވެ. އެންމެން އެއްވުމުން ތާރިގު އެންމެނާއި މުޚާތަބުކޮށް ދެންނެވިއެވެ.

"އަންދަލޫސިއާއަށް ޖިހާދުކުރަން ދިޔުމުގެ ދޮރު ﷲ ސުބުހާނަހޫ ވަތައާލާ ހުޅުވާދެއްވައިފި. ޝަހީދުންގެ ދަރަޖަ ލިބިގަންނަން އެދޭ ބާރަހާސް މުޖާހިދުން އެބަ ބޭނުންވޭ....."

ހުރިހާ ހަގުރާމަވެރިން ވަގުތުން ތެދުވުނީ އެންމެންވެސް އަންދަލުސްއަށް ދާން ތައްޔާރަށް ތިބިކަން ހާމަކޮށްދިނުމަށެވެ.

"މާ ގިނަ. އަޅުގަނޑު ބޭނުމީ އެންމެ ބާރަހާސް. ކިހިނެއްތޯ މިތަނުން ހޮވާނީ؟" އާމިރު މަޑުމަޑުން އެއްސެވިއެވެ.

ތާރިގު ބިން ޒިޔާދު އިރުކޮޅެއްވާންދެން ވިސްނުމެއްގައި އިންނެވިއެވެ." އަޅުގަނޑު ތިޔަބޭފުޅުންގެ ތެރޭގައިވި އެންމެ ރަގަޅު މުޖާހިދުން ނަގާނަން......"

"އަޅުގަނޑުމެންގެ ހުރިހާ ހަގުރާމަވެރިންވެސް އެހާ ރަގަޅު. އެންމެންނަކީވެސް ހަގުރާމަތަކުގެ ތަޖުރިބާ ހުރި އަދި ޝަހީދުވާން އެދިއެދި ތިބި މުޖާހިދުން....." އާމިރު ވިދާޅުވިއެވެ.

"ތިޔަބޭކަލުންގެ ތެރެއިން ފަރުޟު ފަސް ނަމާދު ގަވާއިދުން ނުކުރާ ބޭކަލެއް ވިއްޔާ އިށީންނަވާ....." ތާރިގު ބިން ޒިޔާދު ބާރު އަޑުފުޅުން އެންގެވިއެވެ. ލަޝްކަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ހަގުރާމަވެރިން އިށީންނެވިއެވެ.

"ވިތުރު ގަވާއިދުން ނުކުރާ ބޭކަލެއް ހުންނެވިއްޔާ އިށީންނަވާ..."

ބާކީ ތިބި ހަގުރާމަވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މުޖާހިދުން އިށީންނެވިއެވެ.

"އަޅުގަނޑު ދެންނެވި އެންމެ ރަގަޅު މުޖާހިދުންނަކީ މިއީ..." ތާރިގު އާމިރުގާތު ވިދާޅުވީ ކުޑަކޮށް ހިނިފުޅު ވަޑުވައިލައްވަމުންނެވެ.

"ކަލޭގެފާނުގެ ޚިޔާލުފުޅަށް ސާބަސްދެން. މިހާރު އެއްވެސް މުޖާހިދަކު ލަޝްކަރަށް ނުނަގައިގެން އެއްޗެކޭ ބުނެ މައްސަލަޖެއްސޭކަށް ނޯންނާނެ. އިންސާފުވެރިކޮށް ތި ނިންމެވީ..." އާމިރު ތައުރީފުކުރެއްވިއެވެ.

"އަޅުގަނޑު ދަސްކުރީ ޚާލިދު ބިން ވަލީދު އަރިއަހުން...."

"އަޅުގަނޑުމެންނަށް އަންދަލުސް ފަތަހަކުރެވޭނެ އިންޝާﷲ." އާމިރު އުފާފުޅުކުރެއްވިއެވެ. އަންދަލުސްގެ ފަތަހަ ލޯމައްޗަށް ފެނިވަޑައިގެންނެވިފަދައެވެ.

"ބާރަހާސް މުޖާހިދުންގެ ލިސްޓު ތައްޔަރުކުރައްވާ" ތާރިގު އާމިރަށް އެންގެވިއެވެ.

"އެންމެ ރަގަޅު..."

ތާރިގު ބިން ޒިޔާދު އޭނަގެ ލަޝްކަރަށް އެންގެވީ ގެއަށްގޮސް ފުރަން ތައްޔާރުވުމަށެވެ. އަންދަލުސްއަށް ފުރުމުގެ ކުރިން އާއިލާމީހުންނަށް ވަދާއުގެ ސަލާމްކޮށްް ޖިހާދަށް ދާން ދަތުރު ހެދުމަށެވެ. އެކަންތަކުން ނިމިވަޑައިގަތްތަނާ ކައުންޓް ޖޫލިއަން ބައްދަލުކުރަން އައެވެ.

"ތާރިގު އެދިވަޑައިގެންނެވި ކަންތައް ފުރިހަމަކޮށްފިން..." ކައުންޓް ޖޫލިއަން އޮޅާލާފައި އޮތް ކަރުދާސްގަނޑެއް އޭނަގެ އަތްޕުޅަށް އެރުވިއެވެ. ތާރިގު އެ ބިންމަތީގައި ފަތުރާލައިގެން ވިސްނުންތެރިކަމާއެކު ބައްލަވަން އިންނެވިއެވެ. ތާރިގު ވަކި ދިމާލެއްގައި އިނގިލި ޖެއްސެވިއެވެ.

"އަޅުގަނޑުމެން ބަދަރުކުރާނީ މިތާ..."

"އެކަމަކު ކީއްވެތޯ؟މިއީ ފަޅު ސަރަހައްދެއް. މިތަން ޚިޔާރުކުރެއްވީ ކީއްވެތޯ؟ " ކައުންޓް ޖޫލިއަން އެއްސެވިއެވެ.

"އަޅުގަނޑުމެންވެސް އަދި މިދަނީ ޖާސޫސުންގެ ގޮތުގައި. ގޫތު ލަޝްކަރުގެ ހަރަކާތްތައް ބަލައި އެމީހުންނަށް ފާރަލާން ޖެހެނީ. އަޅުގަނޑުމެންގެ މުޅި ލަޝްކަރު އައުމުން ހަމަލާދޭން ރާވާފައި އޮތީ. އެހެންވެ މިތަނުގައި މަޑުކުރަަން ޚިޔާރުކުރީ. އޭރުން އަޅުގަނޑުމެންގެ ޑިއުޓީތައް އަދާކުރަން ފަސޭހަވާނެ..." ތާރިގު ވިދާޅުވިއެވެ.

" އަޅުގަނޑުގެ ޚިޔާލަކީ އަންދަލުސްއަށް އެރުމާއެކު ރަސްގެފާނު ލުދްރީކްގެ ކިއްލާއަށް ވަރުގަދަ ހަމަލާއެއް ދީ އެ ޖަނަވާރު ވަގުތުން ގަތުލުކުރުން...." ކައުންޓް ޖޫލިއަން ދެންނެވިއެވެ.

"އެއީ އަނގައިން ބުނެލިޔަސް އަދި ފަސޭހަކަމެއްނޫން. އޭނަގެ ބޮޑު ލަޝްކަރާއިމެދުވެސް ވިސްނަން އެބަޖެހޭ..."

"މަރުދެކެ އެއްވެސް ބިރެއް ޖެހިލުމެއް ނެތް ބާރަހާސް ހަގުރާމަވެރިންގެ ވެރިޔާކަމަށް ވިދާޅުވި ބޭފުޅާއަކީ ތިއީއެއް ނޫންތޯ؟ "

"ތިޔަ ދެންނެވީ ތެދެއް. އަޅުގަނޑުގެ ލަޝްކަރު މަރުދެކެ ބިރެއްނުގަނޭ. އެކަމަކު އަޅުގަނޑުމެން ވެރިޔާއަށް ކިޔަމަންތެރިވެސް ވާނަން......." ތާރިގު އިޝާރާތްކުރެއްވީ މޫސާގެ ހަގުރާމައިގެ ރޭވުންތަކަށެވެ.

 

***

ތާރިގު ބިން ޒިޔާދު ސަބްތާގެ ހަތް ފަރުބަދަތަކުގެ ތެރެއިން އެންމެ އުސް ފަރުބަދަމަތީގައި ހުންނެވިއެވެ. އެތަނަށް ކުރީގައި ކިޔާ އުޅުނީ ޕިލާސްއޮފް ހެރަކްލުއިސްއެވެ. އެތަނަށް އެރުމުން ދުރުދުރަށްދާންދެން ނިކަން ރީތިކޮށް ފެންނާން އޮވެއެވެ. ތާރިގުގެ ނަޒަރު ހުއްޓިފައިވަނީ އަންދަލުސްއަށެވެ. ފެހިކުލައިގެ ގަސްތަކުން ފުރިފައިވާ ކުދި ފަރުބަދަތަކާއެކު އެންމެބޮޑަށް އޭނަގެ ސަމާލުކަން ހުއްޓުނީ ކަނޑުގެތެރެއިން އެތައް ހާސް ފޫޓަކަށް އުފުލިފައިވާ ފަރުބަދަފަޅިއަށެވެ. ހަގީގަތުގައި އެއީ ދެ މޭލުވަރަކަށް ހުރި ބޮޑު ހިލަގަނޑެކެވެ. އެކަމަކު ތާރިގުއަށް އެތަން ފެނިވަޑައިގަތީ ކުދި ފަރުބަދައެއްގެ ސިފައިގައެވެ. އޭރު އޭނައަށް އެނގިވަޑައިނުގަތީ ކޮންމެވެސް ޒަމާނެއްގައި އެތަނަށް އޭނަގެ ނަންފުޅާއި ގުޅުވައިގެން ނަން ދެވޭނެކަމެވެ. ދަ ރޮކް އޮފް ޖުބްރޮލްޓާ...ޖަބަލް ތާރިގު... ދަ ހިލް އޮފް ތާރިގު.......

ދިގު އިސްކޮޅަކާއިއެކު ކަސްރަތީ ވަރުގަދަ ހަށިގަނޑެއް ލިބިވަަޑައިގެންފައި ހުންނެވި ތާރިގަކީ ބިރުކުޑަ ކުޅަދާނަ ފަހުލަވާނެކެވެ. ކުޅަދާނަ ކޮމާންޑަރެކެވެ. ހަގުރާމައިގެ މައިދާންގެ އެންމެ ނުރައްކާތެރި ދަނޑިވަޅުވެސް ގާބިލުކަމާއެކު ހަލަލާދީ ލަޝްކަރު ކޮންްޓްރޯލް ކުރައްވާނެފަދަ ތަޖުރިބާކާރު ބޭފުޅެކެވެ. ހަގުރާމައެއްގައި ލިބިވަޑައިގަތް ޒަޚަމްގެ ލަކުނު އަދިވެސް އޭނަގެ އެއް އަތްޕުޅުގައި ފެންނާން އެބަހުއްޓެވެ. ނިތްކުރި ތަނަވަސްކަަމުން ވިސްނުންތެރިކަން ފައުޅުވެއެވެ. އާއްމުކޮށް ހަގުރާމަވެރިންގެ ނުހުންނަފަދަ ހުނަރެއް ވާހަކަދެއްކެވުމުގައި ހުރެއެވެ. ޅެންވެރިކަމުގެ ބަޔެއް ލިބިފައިވަނީކަން ނޭގެއެވެ. އޭނަގެ ވައަތު ކޮނޑުފުޅުމަތީގައި އިސްތަށިތައް ފަޅާފައިވާ ކަޅުތިލައެއް ހުރެއެވެ. އެއީ އޭނަގެ ޚާއްސަ ސިފައެކެވެ.

ކޮމާންޑަރު އާމިރުއާއި އޮފިސަރު މުގީސް އައްރޫމީ އަދި ޔޫސުފްވެސް އެވަގުތު އޭނަގެ އަރިހު ތިއްބެވެ. މުގީސްއަކީ އަރަބި ރަސްދަރިކަލެކެވެ. އޭނަގެ މުނިކާފަ ޖަބަލާ ބިން އަލް އައިހަމް އަކީ އެއް އިރެއްގައި ބަސަރާގައި ރަސްކަލެއްކަމުގައި ހުރި އަރަތްބެކެވެ. ރޫމީންގެ ޝެހެންޝާހުގެ ވެރިކަމުގެ ދަށުގައި ޔަރުމޫކް ހަގުރާމައިގާ އޭނަ ކޮމާންޑަރަކަށް ހުއްޓެވެ. ޚާލިދު ބިން ވަލީދާއިވެސް އޭނަ ހަގުރާމަކުރިއެވެ. ރޫމީން ބަލިވުމާއި ގުޅިގެން އޭނަ މުސްލިމުންގެ ވެރިކަމުގެ ދަށަށް ދިޔައީއެވެ. ޚަލީފާ އުމަރުއާއި ޖެހުނު މައްސަލައެއްގައި އޭނަގެ އާއިލާއާއި ބައެއް ހަގުރާމަވެރިންނާއިގެން ގޮސް ތުރުކީގެ ކޮންމެވެސް ހިސާބެއްގައި ވަޒަންވެރިވިއެވެ. ބައިގަރުނު ފަހުން މުސްލިމް ހަގުރާމަވެރިން އެހިސާބަށް ހަމަލާ ދިންއިރު ޖަބަލާގެ ޣައްސާނު ގަބީލާގެ ދަރިކޮޅުމީހުންވެސް އަޅުންގެ ގޮތުގައި ގެންދިޔައެވެ. އޭރު މުގީސް ނިކަން ކުޑައެވެ. އޭނަ އަޅެއްގެ ގޮތުގައި ގެނެވުނީ ޚަލީފާ އަބުދުލް މާލިކު ދިރިއުޅުއްވާ ގަނޑުވަރަށެވެ. އެކުއްޖާގެ އާއިލާ އެނގިވަޑައިގަތުމާއެކު ކުއްޖާގެ ތޫނުފިލިކަން ޚަލީފާގެ ސަމާލުކަން އަތުލިއެވެ. އެމަނިކުފާނުގެ ދަރިކަލުން އަލްވަލީދުއާއެކު މުގީސްއަށް ތައުލީމް ލިބޭނެގޮތް ހަމަޖެއްސެވިއެވެ. އެކަމުގެ ސަބަބުން އަލްވަލީދު ޚަލީފާކަމަށް އިސްވެ ވަޑައިގެންނެވިއިރުވެސް މުގީސް އޭނަގެ ޚާއްސަ އެކުވެރިއަކަށްވިއެވެ.

މުގީސްއަށް ލިބިފައި ހުރި އިލްމާއެކު އޭނަގެ ޅެންވެރިކަންވެސް އަރަބިން ފަޚުރުވެރިކުރުވާފަދަ އެއްޗަކަށްވިއެވެ. އޭނަގެ މަޝްހޫރުކަން އިތުރުވިއެވެ. އެއާއެކު މޫސާބިން ނުސައިރުގެ ކޮމާންޑަރުގެ ކަމުގެ ދަށުގައި އެފްރިކާއާއި މަޣުރިބު ފަތަހަ ކުރިއިރު އޭނަ ކުޅަދާނަ ހަގުރާމަވެރިއެކަންވެސް ސާބިތުކޮށްދިނެވެ. އޭނަވެސްވީ ބިރުކުޑަ ވިސްނުންތޫނު އޮފިސަރަކަށެވެ. މުގީސް އައްރޫމީ ކިޔުނީ ރޫމީންގެ ތެރޭ ހުއްޓާ އޭނަ ގެނެވުނީމައެވެ.

"އެންމެފަހުން.......ލޫލުއާއި އައްބާދު މިނިވަން ކުރާނެ ފުރުސަތުވެސް މިލިބުނީ..." ޔޫސުފަށް ބުނެވުނެވެ.

"އެމީހުން އަމިއްލަ ދިރިއުޅުމުގައި އުފަލުގައި އެތިބީ. އަހަރެމެން މިދަނީ އެއަށްވުރެ މާ މާތް މުގައްދަސް ދަތުރެއްގައި.." ތާރިގު ހިނިފުޅުވަޑުވައިލެއްވިއެވެ.

"އެކަމަކުވެސް އެކުވެރިންނާއި ބައްދަލުވުމަކީ ނަސްރާއި ފަތަހައަށް ލިބޭނެ އިތުރު އުފަލެއް.." ޔޫސުފްގެ ދެލޯ ވިދައިލިއެވެ.

***

ހިޖުރީގޮތުން ނުވަދިހަ ދެވަނަ އހަަރުގެ ރަޖަބު މަހުގެ ރީތި ރެއެކެވެ. ކަނޑުގެ ސަތަހަ އޮމާންކަމާއެކު ހަނދުވަރުގެ ރިހިއަލި އެޅުމުގެ ސަބަބުން ވިދަމުން ދާ ބިއްލޫރިކޮޅެއް ފަދައެވެ. ކުދި ކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސައިލާ އަޑު މާހައުލުގައި ހިފާފައިވަނީ ރީތި ރާގެއް ފަދައިންނެވެ. ހަނދުގެ ފުރިހަމަ އަލީގެ ސަބަަބުން އެ ހިސާބު ދުވާލުގެ އަލިކަން ފަދައިން ދިއްލާލާފައިވިއެވެ. ކައުންޓް ޖޫލިއަންގެ ނާ ފަހަރު މުސްލިމުންނަށް އިސްތިގުބާލްުކުރަން ތައްޔާރަށް ރާޅުތަކުގެ ތެރޭ ކުޑަކޮށް ކިރިލަ ކިރިލާވިއެވެ.

މުޖާހިދުން ފުރަން ތައްޔާރުވެގެން ގޮނޑުދޮށަށް ޖަމާވެފައި ތިއްބެވެ. ގިނައީ ބަރުބަރުންނެވެ. އެކަމަކު އޭގެ ތެރޭ މުގީސްގަދަ އަރަބި ހަގުރާމަވެރިންވެސް ހިމެނުނެވެ. އެންމެނާއި މުޚާތަބުކޮށް މޫސާ ބިން ނުސައިރު ވާހަކަފުޅު ދައްކަވާ ހިތްވަރުދެއްވިއެވެ. ދަރުސެއް ދެއްވިއެވެ. ނިންމަވާލައްވަމުން ހަދާންކޮށްދެއްވަން ބައެއް ނުކުތާތަކަށް އަލި އެޅުއްވިއެވެ.

"އަޚުންނޭ. އަޅުގަނޑު ހަދާންކޮށްދެން. ތިޔަބޭކަލުން މާތްﷲ އަށް ކިޔަމަންތެރިވެ ރަސޫލުސައްލަﷲ އަލައިހި ވަސައްލަމްއަށްވެސް ކިޔަމަންތެރިވާން. އަދި ތިޔަ އެންމެ ބޭކަލުންގެ ވެރިޔަކަށް ޚިޔާރުކުރި ވެރިޔާއަށްވެސް ކިޔަމަންތެރިވާން. މާތްﷲ ގެ އިރާދަފުޅާއެކު މި ދުނިޔެއިން އަދި އާޚިރަތްދުވަހުވެސް ތިޔަ ބޭކަލުންނަށް ނަސްރު ދެއްވާނެ. އަޚުންނޭ. މާތްﷲގެ މަގުގައި ޖިހާދުކުރައްވާ. މަޝްހޫރުކަމާއި މުދާ އަދި ދުނިޔެއިން ރީތި ނަމެއް ހޯދާކަށްނޫން. ހަމައެކަނި މާތްﷲއަށްޓަކާ. ޝަހީދެއްގެ ދަރަޖަ ހޯދުމަށް އެދިއެދި ތިބެ ހަގުރާމައިގެ މައިދާނަށް ނުކުންނާތި. ހަތިޔާރުތަކާއިއެކު ހަމަލާ ނުދެންޏާ އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިން ގަތުލުނުކުރާތި . އެބަޔެއްގެ ގޯތީގެ ހިމާޔަތުގައި އަދި އަޅުކަންކުރާ ތަނުގައި ތިއްބާ އެކަކުވެސް ގަތުލުނުކުރާތި."

މޫސަ ދެކެވަޑައިގެންނެވީ މިއީ ޖާސޫސީ ގާފިލާއެއްގެ ގޮތުގައެވެ. ނަމަވެސް ތާރިގުގެ ވިސްނުންފުޅު ތަފާތެވެ. އޭނަ ކުރިމަތިލައްވަން ބޭނުންފުޅުވަނީ ވަރުގަދަ ކުރިމަތިލުމަކަށެވެ. ކުޅަދާނަކަމާއެކު ހަގުރާމަކުރުމަށެވެ. މުޖާހިދުންނަށްޓަކާ ﷲ ވައުދުކުރައްވާފައިވާ ޖަންނަތާއިމެދު އޭނަގެ ޝައުގުވެރިކަން އިންތިހާއެވެ. އޭނަ ހުންނެވީ ޝަހީދެއްގެ ދަރަޖައަށް ކަރުހިއްކައިގެންފައެވެ. މުޅި އަންދަލުސް ފަތަހަކުރެވޭވަރުގެ ލަޝްކަރެއް އޭނައާއެކު ނެތްކަން ދެނެވަޑައިގަނެއެވެ. އެއާއެކު އޭނަ މޫސާއަކީ ކޮން ބޭފުޅެއްކަމާއި އޭނަގެ ވިސްނުންފުޅު ހުންނަގޮތް ރަގަޅަށް ދެނެވަޑައިގަންނަވައެވެ. އޭނަ ޝަކުވާ ކުރައްވާކަށް ނެތެވެ. އިތުރު ހަގުރާމަވެރިން ބޭނުންފުޅު ވެއްޖެއްޔާ މޫސަ ފޮނުވާދެއްވާނެއެވެ.

ނުނިމޭ

 

ކޮމެންޓް 0