"އަޅުގަނޑު އެފްރިކާއަށް ދިޔައީ މާތްﷲގެ ހައްގުގައި ޖިހާދުކުރުމުގެ ނިޔަތުގައި އެކަނި. އަހަރެމެން ކަހަލަ ހަގުރާމަވެރިންނަކީ މާތްﷲއަށާއި އެކަލާނގެ ޚަލީފާއިންނަށް މަކަރުހަދާނެ ބަޔެއްނޫން...." ހައްސާނުގެ ބަސްފުޅުން ޚަލީފާގެ ހިތްޕުޅުގައި އޭނައަށްޓަކާ އޮތް ގަދަރު އެތައް ގުނަ އިތުރުވިއެވެ. އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު ހައިރާންފުޅުވިއެވެ. އެ އަގުހުރި ޖަވާހިރުތައް ފޮރުވައިގެން އެހެން ބައްރަކަށްގޮސް ވިޔަފާރިކޮށް މުއްސަންޖަކަށް ވުމުގެ ފުރުސަތު އޮތްވާ ދުނިޔޭގެ ޒީނަތްތެރިކަމަށް ފުރަގަސްދޭނީ ﷲދެކެ ލޯބިވާ ތަގުވާވެރި މޫމިނަކަށެވެ. ހައްސާނު އެކަން ސާބިތުކޮށްދެއްވައިފިއެވެ. މުޖާހިދުންނަކީ އެއީއެވެ.

ހައްސާނު ހުންނެވި މަގާމު އަލުން އަނބުރާ ހޯއްދަވާ ދެއްވާނެ ކަމުގައި ޚަލީފާ ވައުދުވެވަޑައިގަތެވެ. ހައްސާނު އެފަދަ މަގާމެއް ބޭނުންފުޅެއް ނުވިއެވެ. މުޅި ހަޔާތް ގުރުބާންކޮށްގެން ހާސް ފިރިހެނުންނަށްވެސް ނުލިބޭފަދަ ދަރަޖައަކާއި މަތިވެރިކަމެއް އެކަލޭގެފާނު ހޯއްދަވައިފިއެވެ. އެފްރިކާ ބައްރުގެ ފަސްވަނަ އަދި ހަ ވަނަ ފަތަހައިގެ ކޮމާންޑަރެއްގެ ޝަރަފުގެ އިތުރުން އެކަލޭގެފާނު ކުރީގެ ފާތިހުންނާއި ތަފާތުކޮށް އެފްރިކާ ދޫކުރައްވާފައި ވަޑައިގަތީ ބަރުބަރުން އެކަތިގަނޑަކަށް ހައްދަވާ ބައިއަތުވެސް ހިއްޕަވާފައެވެ. އިތުރަށް އެކަލޭގެފާނުގެ ނަން މަޝްހޫރުކުރަން އަދި މަގާމު މަތިކުރުމުގެ މާނައެއްވެސް ނެތެވެ.

"ބަނީ އުމައްޔާގެ ޚަލީފާކަމުގެ ދަށުގައި އިތުރު މަގާމެއް ފުރާކަށް އަޅުގަނޑު ނެތިން.." އެކަލޭގެފާނު ޚަލީފާގެ ދައުވަތު ގަބޫލުފުޅު ނުކުރައްވާ ވިދާޅުވިއެވެ.

ހައްސާނު ބިން ނޫމާން އެފްރިކާ ދޫކުރައްވާފައި ވަޑައިގެންނެވީ ހަޔާތުގެ ބާކީ އޮތް ދުވަސްތައް އަޅުކަމަށް ޚާއްސަކޮށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައިގެންނެވެ. މާތްﷲ އެކަލޭގެފާނަށް ރަހުމަތް ލައްވާށިއެވެ.

***

މޫސާ ބިން ނުސައިރުގެ އިސްކޮޅުން ދިގުވެފައި ތެދު ހަށިގަނޑެއް ލިބިވަޑައިގެންފައި ވެއެވެ. ލޯފުޅުން ވިސްނުންތޫނުކަމާއި އަޒުމް ވަރުގަދަކަން ފެންނާން ހުރެއެވެ. ހަގުރާމައިގެ ވަރުގަދަ ފަހުލަވާނަކަށް ވެ ވަޑައިގަތުމަށްފަހު ހަގުރާމަތަކުގައި ބައިވެރިވެ ވަޑައިގެން އެކަލޭގެފާނުގެ ކުޅަދާނަކަން ކިތަންމެ ފަހަރަކު ދައްކަވައިލެއްވިއެވެ. ޚަލީފާ މުއާވިޔާއާއެކު ސައިޕްރަސް ފަތަހަ ކުރުންފަދަ ބޮޑެތި ހަގުރާމަތަކުގައިވެސް މެއެވެ. އެކަލޭގެފާނު ހަރުފަތްތައް ގިރާކުރައްވަމުންގޮސް އެންމެ މައްޗަށް އަރާ ވަޑައިގެން ރަސްކަން ކުރައްވާ އާއިލާގެ ގާތް އެކުވެރިއަކަށްވުމުގެ ޝަރަފު ހޯއްދެވިއެވެ. އަބުދުލްމާލިކު ބިން މަރުވާން ޚަލީފާއަކަށް އަދި އަބުދުލްއަޒީޒު ބިން މަރުވާން މިސްރުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވިއިރު އެދެބޭފުޅުންނާއި ރަހުމަތްތެރިކަން އޮތެވެ. ޚާއްސަކޮށް އަބުދުލްއަޒީޒުއާއި އޮތް ގުޅުމާއި ކުލުނު އިތުރުވެ އެބޭފުޅާއަށް ގިނަ އަހަރުތަކެއްވާންދެން ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނެވިއެވެ. ބަސަރާގެ ގަވަރުނަރަކަށް އަބުދުލްމާލިކުގެ ކޮއްކޯފުޅު ބަޝަރު އިސްކުރެއްވުމަށްފަހު ބަސަރާގެ ބައިތުލްމާލުގެ މަސްއޫލިއްޔަތާއި ހަވާލުކުރެއްވީ ޚަލީފާއެވެ. އެވެސް މޫސާ ބިން ނުސައިރު އަށް ކުރެއްވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. ހައްޖާޖު ބިން ޔޫސުފް މުޅި އިރާގު ކަރަ އޭނަގެ ބާރުގެ ދަށަށް ގެނައިރުވެސް މޫސަ ހުންނެވީ އެ މަގާމުގައެވެ. ހައްޖާޖު މޫސައާއި ދެކޮޅަށް ތުހުމަތުތަކެއް ކުރެއްވިއެވެ. ބައިތުލް މާލުން ވައްކަން ކުރައްވާ އޭނަގެ ބައިފުޅަށް ނަންގަވާ ކަމަށް ތުހުމަތު ކުރައްވާ އެކަލޭގެފާނަށް އެކަމުން ސަލާމަތްވެ ވަޑައިގަނެގެން ނުދެވޭނެކަމަށް ވައުދުކުރިއެވެ. އެކަން އެނގިވަޑައިގަތުމުން ހައްޖާޖުގެ އަނިޔާވެރިކަމާއި ރަހުމްކުޑަކަން ރަގަޅަށް ދެނެވަޑައިގަންނަވާތީ ބިރުފުޅުން އަވަހަށް ސިއްރިއްޔާތުގައި ނުކުމެ ވަޑައިގެން ދަތުރުކުރެއްވިއެވެ. އަދި ފުސްތާތުން އަބުދުލްއަޒީޒުގެ ހިމާޔަތް ހޯއްދެވިއެވެ.

ޚަލީފާވެސް ހައްޖާޖުގެ ބަސް ގަބޫލުފުޅުކުރައްވާ މޫސަ ޚިޔާނަތްތެރިވީކަމަށް ނިންމަވާ ދަން ޖައްސަވަން ހުކުމް ކުރެއްވިއެވެ. ނަމަވެސް އަބުދުލްއަޒީޒު އެކަލޭގެފާނު ގޮވައިގެން ދިމިޝަގަށް ވަޑައިގެން އެކަލޭގަފާނާއި އެއްކޮޅަށް ވަކާލާތު ކުރައްވާ އެތައް ހެއްކެއް ހުށަހެޅުއްވިއެވެ. އަދި އެކަލޭގެފާނު ދީނަށްޓަކާ ކޮށްދެއްވި އަގުހުރި ޚިދުމަތް ހަދާންކޮށްދެއްވިއެވެ. އެފަދަ ބޭކަލަށް އިމްތިޔާޒުތަކެއްވެސް އޮންނަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަބުދުލްމާލިކު މާފުދެއްވީ ޝަރުތަކާއެކުގައެވެ. މޫސަ އެއްލައްކަ ރަނުގެ ދީނާރު ދައްކަވަން ޖެހޭނެއެވެ. މޫސައަށް ދެއްކެވުނީ އޭގެ ދެބައިކުޅަ އެއްބަޔެވެ. ބާކީހުރި ބައިލައްކަ ދީނާރު ދެއްވީ އަބުދުލްއަޒީޒުގެ ޖީބުފުޅުންނެވެ.

މޫސަ އެކަލޭގެފާނުގެ މަދަދުގާރާއިއެކު ފުސްތާތަށް ވަޑައިގެން އެބޭފުޅާގެ ޚިދުމަތުގައި ހުންނެވިއެވެ. މޫސަގެ ބޭނުންތެރިކަން ސަރުކާރަށް ކިތަންމެހާވެސް ބޮޑުވިއެވެ. އެހާވެސް އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުވެފައި ދާއިރާތައް ހިންގަވާނެ ގާބިލުކަން ހުންނެވިއެވެ. އަދި ސާހިބާއަށް ވަފާތެރިވުމުގެވެސް ނަމޫނާއެކެވެ. ބަރްގާގެ ކައިރީގައި އޮތް ދާރްނާ ކިޔާ ސަރަހައްދުގައި ބަރުބަރުން ވަކިވެގަނެ ބަޣާވާތް ކުރުމުން އެ ބަރުބަރުން މައިތިރިކުރައްވާ ބަލިކުރެއްވީވެސް މޫސަ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އެއީ މޫސަ ބަރުބަރުންނާއި ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ. ފުރަތަމަ ތަޖުރިބާއެވެ.

***

އަބުދުލް އަޒީޒުއާއި މޫސަ ބިން ނުސައިރުގެ އެކުވެރިކަމަކީވެސް ރީތި މިސާލެކެވެ. ޒުވާނުންގެ ގޮތުގައި ތިއްބެވިއިރު ދުނިޔޭގެ ނިއުމަތްތައްވެސް ބޭނުންފުޅުވިއެވެ. އިންސާނީ ތަބީއަތުގައިވާ ފަދައިންނެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބޮޑާވެގަތުމުގެ ބަދަލުގައި އަދުލުވެރިކަމާއި އެކު ވެރިކަން ކުރައްވަން އަބުދުލް އަޒީޒު ބިން މަރުވާން ފެއްޓެވިއެވެ. ވިހި އަހަރުވަންދެން ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ވެރިއަކަށް ވިއެވެ. އޭނަގެ ވެރިކަން އޮތް ހިސާބުގައި މިސްކިތްތައް އެޅުއްވިއެވެ. އަމްރު މިސްކިތް އަލުން ބިނާކުރައްވާ ބޮޑުކުރެއްވިއެވެ. މިސްކިތުގެ ހުޅަގަށް ވާގޮތަށް ދާރުލް މުޒަައްހަބާ ކިޔުނު ގަނޑުވަރެއް ބިނާކުރައްވާ ބަގީޗާތަކާއެކު ޒީނަތްތެރިކުރެއްވިއެވެ. ގަނޑުވަރު ހިމެނޭ ބިމުގެ ބޮޑުކަމުން އަލްމަދީނާ " ދަ ސިޓީ" އޭ ކިޔާ އުޅުނެވެ. އާއްމުންނަށް ފަސޭހަވާނެ ފަަދައިން ފާލަންތައް އަޅުއްވާ ބާޒާރުކުރަން މާރުކެޓުތައް ބިނާކޮށްދެއްވިއެވެ. ދިހަވަނަ ގަރުނުގެ މުވައްރިޚެއްކަމަށްވާ އަލް ކިންޒީ އަބުދުލްއަޒީޒުގެ ދީލަތިކަމާއި ބެހޭގޮތުން ލިޔުއްވާފައިވާ ގޮތުން އޭނަ ގަނޑުވަރުގެ ވަށައިގެން އެއްހާސް ދޮލަގު ބަހައްޓަވާ އެއަށް ކާ އެއްޗެހި އަޅުއްވާ ނިކަމެތިންނަށް ކާންދެއްވުމުގެ އިތުރުން ފުސްތާތުގައި ވަޒަންވެރިވި ގަބީލާތަކަށް ކޮންމެ ދުވަހަކު ސަތޭކަ ދޮލަގު ފޮނުއްވުމަށް އަމުރުކުރެއްވިއެވެ.

އަބުދުލްއަޒީޒުގެ ދީލަތިކަމަށް ނިސްބަތްކޮށް މަޝްހޫރު ގައިސް އަލް ރުގައްޔާތު ތައުރީފުކުރެއްވިއެވެ.

"ދެޓް އިޒް ލައިލާސް ސަން އަބުދުލް އަޒީޒު އެޓް ބަބިލޮން ފޯޓްރެސް

"ހިޒް ފުޑް ބޯވްލްސް އާ ފުލް ޓު އޯވާ ފްލޯވިން....."

މީލާދީގޮތުން ހަސަތޭކަ ނުވަދިހަ ހިސާބުގައި ފުސްތާތުގައި ތާއޫނުގެ ބަލިމަޑުކަން ފެތުރުނެވެ. އަބުޒުލްއަޒީޒު ފުސްތާތުއާއި ވިއްސަކަށް ކިލޯމީޓަރ ދުރުގައިވާ ސަރަހައްދަކަށް ވެރިކަން ބަދަލުކުރެއްވިއެވެ. އަދި ހިލްވާންއޭ ކިޔުނު ޝަހަރު ބިނާކުރައްވަން ފެއްޓެވިއެވެ. މިސްކިތްތަކާއި ގަނޑުވަރުތަކުގެ އިތުރުން ކަދުރުއްތައް އިންދަވާ މޭބިސްކަދުރު ދަނޑުތައް ހައްދަވާ ފެހިކުރައްވަން އެންގެވިއެވެ. އެހެން ޚަލީފާއިން އޭނަގެ ފަރާތުން އިބުރަތް ހޯއްދަވާ މިންވަރަށް އޭނަ މެދުކެނޑުމެއްނެތި ރަށްތައް ތަރައްގީ ކުރައްވާ ވެރިކަމަށްޓަކާ ބައިތުލްމާލުން ގިނަ އަދަދެއް ހޭދަކުރެއްވިއެވެ. އެގޮތަށް ވިޔަސް އަމިއްލަ ދިރިއުޅުއްވުން ޒާހިދުވެފައި އަޅުވެރިއެވެ. އަވަހާރަވީއިރު މިލްކުގައި ވީ އެންމެ ހަތް ހާސް ދީނާރެވެ. ތުރުކުރެއްވީ ބާވެ ހަސްފަސްނެތިފައިވާ ހެދުންކޮޅެވެ. ތަންމަތީގައި އޮންނަވާ ވިދާޅުވީ ވެރިއަކަށް ނުވެ ހިޖާޒުކަރައިގެ ސަހަރާތަކުގައި ޖަމަލުގައި ދަތުރުކޮށް އުޅުނު މީހަކަށްވިނަމަ މާ ރަގަޅުވީސްކަމުގައެވެ. އާދައިގެ ނިކަމެތި އިންސާނަކަށްވިނަމައެވެ. ނޫނީ ބިންމަތީގައިވާ ހިރަފުސްކޮޅަކަށް ވިނަމަވެސް އެކަލޭގެފާނަށް މާ ރަގަޅުވިކަމުގައެވެ. ވެރިކަމުގައި ތިއްބަވައިގެން މަދު ވެރިއަކަށް އިބުރަތް ލިބެއެވެ. ތަގުވާވެރި އަދުލުވެރި ޒާހިދު އަޅުވެރިންނަށްވެސް ވެދެއެވެ. ބައެއް ބަދުނަސީބު މީހުން ބޮޑާކަންމަތީ އަނިޔާވެރިގޮތުގައި ދެމިތިބެ ނިމިގެން ދަނީއެވެ. އަބުދުލްއަޒީޒު އަވަހާރަވީ ތަގުވާވެރި ބޭފުޅެއްގެ ގޮތުގައި ހުންނަވަނިކޮށެވެ.

***

ތާރިގު ބިން ޒިޔާދު އޭނަގެ އެކުވެރި ޔޫސުފްއާއި އުމަރު އަހުގައި ދަތުކުރައްވާ ފެހިކަން ގަދަ ވާދީއެއްގެ ކައިރިއަށް ނުކުމެ ވަޑައިގަތެވެ. އަސްތައް ވިނަކާން ދޫކޮށްލެއްވުމަށްފަހު ތާރިގު ފެން އާރަކުން ވުޟޫކުރައްވައިގެން ނަމާދުކުރެއްވީ ވިނަގަނޑު މަތީގައެވެ. މަންމާފުޅުގެ އިރުޝާދުގެ ދަށުން އޭނަ ފުރިހަމަ މުސްލިމަކަށް ވުމަށްޓަކާ ގަޑިން ނަމާދުކުރަން ފަރުވާތެރިވެ ވަޑައިގަންނަވައެވެ. ތާރިގުގެ މޫނުފުޅުމަތިން ދުވަހަކު ނުފެންނަ ފަދަ އުފާވެރިކަން ފެނެއެވެ. މަންމާފުޅާއި ބައްދަލުވުމަށްފަހު އެހިތްޕުޅުގެ ހަމަޖެހުން އިތުރުވެފައިވަނީ ހިތުގައިވާ އަގީދާ ވަރުގަދަވެ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވެފައިވާ ވަރުންނެވެ. ނަމާދުން ނިމިގެން އަލިފާންގަނޑެއް ރޯކޮށްލުމަށްފަހު ކުޑަގޮތަކަށް ފަރިއްކޮޅު ތައްޔާރުކުރެއްވިއެވެ.

"މިހާރު ތާރިގު ކައްކާ އެއްޗެހި މީރުކަމުން އެހެން މީހަކު ކައްކާ އެއްޗެއް ނުވެސް ކެވޭ..." އުމަރު ބަކަރި މަސްކޮޅެއް އަނގައިގާ ޖެހިއެވެ.

"އުމަރު ތާރިގު ހައްދަން އުޅޭނެކަމެއް ނެތް. ކަންނެތްވެގެންގޮސް މިހާރު ކެއުން ނޫންކަމެއް ނުކުރެވޭ...." ޔޫސުފް ބުރަކަށީގައި ބޮނޑިއެއް ޖެހުމުން އުމަރު ހަޅޭއްލަވައިގަތެވެ.

"ހަގުރާމައެއް ނެތި ކަނޑި އުރައގެ ހިމާޔަތުގައި އޮތަދިނީމަ ހަގުރާމަވެރިން ކަންނެތްވާނެ. އަހަރެމެންނަށް ހަގުރާމަވެރިންނޭ ކިޔަނީވެސް ސަބަބެއް އޮތީމަ..." އުމަރު ދިފާއުގައި ބުނެލިއެވެ.

"އުމަރު އެބުނަނީވެސް ދޮގެއްނޫން. ޚަލީފާ އަހަރެމެން އެހެން ތަނެއް ފަތަހަކުރަން ނުފޮނުވަނީ ކަނޑު ހުރަަސްކުރަން ޖެހޭތީ ބާ......." ތާރިގު އަމިއްލަ ފުޅާއި ވާހަކަދައްކަވާހެން ދުރަށް ނަޒަރު ހުއްޓަވާލައްވައިގެން އިންނެވިއެވެ.

"ރުމައިނާ އެހާވަރުން އުޅޭއިރު ކައިވެނި ނުކޮށް ލަސްވަނީ ކަނޑު ހުރަސްކުރަން ވިސްނާތީތަ. އެއީ ރީތި ކުއްޖެކޭ. އަދި ރަސްދަރިކަނބަލެއްނު. އަހަރެމެންނާއި ހެދި އެކަހަލަ ކުދިން ނޫޅޭނެ ވިއްުޔަ..... "އުމަރު މޭގައި އަތް ޖައްސައިލީ ތަމްސީލީ ގޮތަކަށެވެ.

"އުމަރު އެއްކަމަކު ތި ބުނީ ހަމަ ތެދެއް. އެނގޭތަ؟އައްބާދު ދެއްކި ވާހަކަތަކުން އަހަންނަށް ސިއްރެއް އެނގިއްޖެ. އޭނަ އައީ ތާރިގުއަށް އަގުހުރި އެއްޗެއް ހިފައިގެން..." ޔޫސުފް ހިނިގަނޑެއް ޖަހާލާފައި ކިޔައިލިއެވެ.

"އަންދަލުސްއިންތަ؟ " އުމަރު ލޯ ބޮޑުކޮށްލުމާއެކު ޔޫސުފްގެ ގައިގާ ހިފައިގަތެވެ. ކަނދުރާގައި ޚަންޖަރު ޖައްސާލައިފިއެވެ. "ކޯންޗެއް. އަހަރެން ކަލޭހާ ކެތްތެރިކަން ގަދައެއްނުވާނެ. ނުބުނަންޏާ ހަމަ ކަނޑިން ބޯ މި ކަނޑައިގަތީ....."

ނުނިމޭ

 

 

ކޮމެންޓް 0