"މަގޭ ހިތްވަރުގަދަ މުޖާހިދުންނޭ. އަހަރެމެން މިހިސާބަށް އައީ މާތްﷲގެ ދީން ފެތުރުމަށް. މިހާރު ކުރިމަތީގައި ތިިބީ ދުޝްމިނުން އަދި ފަހަތުގައި މިއޮތީ ކަނޑު. މާތްﷲގެ މަގުގައި ޖިހާދުކުރައްވާ. ދެ މަގުއޮތީ. ޝަހީދުވެގެން ދިޔުން ނޫނީ ނަސްރު ލިބުން. ތިންވަނަ ގޮތެއްނެތް. މި ތަނުން ސަލާމަތްވެގެން ދިޔުމުގެ ހުރިހާ މަގުތައް ވަނީ ބަންދުވެފައި." މިއީ އެފްރިކާއާއި ޔޫރަޕް ދެމެދުގައިވާ ކަނޑުއޮޅި ހުރަސްކުރެއްވުމަށްފަހު ޖިބްރޯލްޓާ ނުވަތަނަ ޖަބަލް ތާރިގުގައި ހުންނަވާ މުސްލިމުންގެ ޒުވާން ކޮމާންޑަރު ތާރިކް ބިން ޒިޔާދު ދެއްވި ފޯރިއާއި ޖޯޝް އެކުލެވޭ މަޝްހޫރު ދަރުސްގެ ތަންކޮޅެކެވެ. އޭނަގެ އަމުރަށް ކަނޑުއޮޅި ހުރަސްކުރައްވަން ބޭނުންކުރި ނާފަހަރު ތައް އަންދާލުމުން މުޖާހިދުންނަށް ވެސް ޖިހާދުކުރުމުގެ އާ ހިތްވަރެއްލިބުނެވެ. މާތްﷲގެ މަގުގައި ޖިހާދުކޮށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައި އިސްލާމްދީނުގެ ދިދަ ވިހުރުވައިލަން އެ މުޖާހިދުންވަނީ ނިޔަތް ގަނެފައެވެ.

މުގައްދިމާ

މައްކާގެ މުގައްދަސް ފަޒާގައި ހައްޖާޖީންގެ ތަލްބިޔާގެ އަޑު ގުގުމާލާފައިވެއެވެ. އެ އަޑު ކަންފަތުގައި ޖެހުމުން ހިތްތަކަށް ބަޔާންނުކުރެވޭފަދަ އަސަރުތަކެއްކޮށް ގައިން ހީބިހި ހަލުވާލައެވެ. އަޖައިބެއްފަދަ ހިތްހަމަޖެހުމަކާއި މޫރިތިކަމެއް އެ ކަލިމަތަކުގައިވި އެވެ. ހައްޖާޖީން އަޅުކަމުގެ މަތިވެރިކަމުގައި މާތްﷲގެ ގެފުޅަށް ޒިޔާރާތްކޮށް އަޅުކަމުގައި މަޝްޣޫލުވެގެން އުޅޭއިރު ބައެއް ތަންތަނުން ސަލާމްޖަހާ މީހުން ފެނެއެވެ. އެކި ދިމާލުގައި އިށީދެލައިގެން އެތިބަ ބައިވެރިންނަކީ ހައްޖުގެ ހިއްސާ ލިބިގަންނަ ބަޔެކެވެ. އެމީހުންގެ ތެރެއިން ސަދަގާތް ހައްގުވަނީ ކޮންބަޔަކަށް ކަން ނޭގުނަސް ހާޖީއިން އެމީހުންނަށް ދީނާރުތައް ބަހައެވެ. ހައްޖުގެ އަޅުކަން ނިމެން ބާކީ އޮތް ދުވަސްކޮޅު ދުރުދުރުން ގާފިލާތައް އަންނަމުން ދިޔައެވެ. އެންމެ ފަހަށް އައި ގާފިލާއަކީ ޚަލީފާ ސުލެއިމާން ބިން އަބުދުލް މާލިކުގެ ހައްޖު ގާފިލާއެވެ. ސަލާމްޖަހާ މީހުންގެ ތެރެއިން އާ މޫނެއް ފެނުނެވެ. އޭނަގެ ތަފާތަކީ އެހެން އެންމެނަށްވުރެ މުސްކުޅިވެފައި ދެފައި މައްޗަށް ކޮޅަށް ހުރުމުގެ ގާބިލުކަމެއް ނެތުމެވެ. އަދި އެހެން ޚާއްސަކަމެއް އޭނަގެ ވިއެވެ. ދެފައިގާ ބިޑި އަޅުވާފައިވުމެވެ. އެކަމުން އެއީ ގައިދީއެއްކަން ދެނެގަނެވުނެވެ. އަދި ސަލާމް ޖެހުމުގެ ހުއްދަ އޮތް މީހެއްކަންވެސް އެނގެއެވެ. ހާޖީއަކު އެ މުސްކުޅިޔާގެ ކައިރިއަށް ޖެހިލިއެވެ. އޭނަ އިސްއުފުލާ ބަލައިލިއިރު އެ ލޮލުގެ ނޫރު ކެނޑި ހުދުވެފައިވިއެވެ.

"ވައްކަން ކުރީތަ؟ "

"ވައްކަންކުރި ނަމަ އަހަރެންގެ ދެއަތް އޮންނާނީ ކަނޑާފައެއްނު............" މުސްކުޅިޔާ ދެއަތް މައްޗަށް ނެގިއެވެ.

"އަންހެނަކާއެކު އޮތްވާ ހިފުނީތަ؟ "

"އެހެންވިނަމަ އަހަރެން ދުނިޔޭގައި ހުންނާނެތަ؟ އޮށްގަލުން ތަޅާ މަރާފައި ބިމުއަޑީގައެއްނު އޮންނާނީ........" އޭނަ ބުނެލީ މަޑުމައިތިރިކަމާއެކުގައެވެ.

"ދެން ކަލޭ ކުރީ ކޮން ކުށެއްތަ؟ "ހާޖީ ހައިރާންވިއެވެ.

"ނަސީބު ބަލިވީ......."

"މުޖުރިމުންނަށް ނަސީބަކީ ރަގަޅުވާނެ އެއްޗެއް ނޫން....."

"މުޖުރިމް ކުރީ ކޮންފަދަ ކުށެއްބާ އެވަހަކަ ނުބުނެވިގެން ތިއުޅެނީ؟ " އެހެން ހާޖީއަކު ނުރުހުމުގެ ނަޒަރަކުން ބަލަން ހުއްޓެވެ.

"މަގޭ ކުށަކީ ޚަލީފާ ވަލީދު ބިން އަބުދުލް މާލިކު އަވަހާރަވިކަން. އަދި އެ މަގާމަށް އޭނަގެ އަޚު ސުލެއިމާން ބިން އަބުދުލް މާލިކު އިސްކުރެވުނުކަން.....ދިިމިޝްގުގެ ޖަލަށްގޮސް ބަލައިލީމަ މިފަދަ އެތައް ކުށްވެރިންތަކުން އެ ޖަލުގެ ހުސްކަން ފުރާފައި ވަނިކޮށް ފެންނާނެ. މުހައްމަދު ބިން ގާސިމްފަދަ އެތައް ބަޔަކުވަނީ އެ އަނިޔާގައި ހައްޔަރުވެފައި......" އޭނަ ބުނެލިއެވެ.

"ތިއީ ކާކުތަ؟ ނަން ބުނެފާނަންތަ؟ " އެމީހުންނަށް އޭނަގެ ވާހަކަތަކުން އެމީހަކު ދެނެގަތުމުގެ ޝައުގު އުފެދުނެވެ.

"ނަންތައް ވަނީ މާތްﷲއަށް. އަަޅަމެންނަކީ އެފަރާތުގެ އަޅުން. "އޭނަ އުޑާއި ދިމާލަށް އިނގިލި އުފުލާލައިފިއެވެ. "އަޅުތަކުން މިލްކުވެ ވޮޑިގެންވަނީ ހަމައެކަނި މާތްﷲއަށް. ތިޔަ ބޭކަލުންގެ ހައްޖު ގަބޫލުކުރައްވާފާދޭވެ، ކުރެވުނީ ކޮން ކުށެއްކަން މަށެއް ނުބުނާނަން. ބުނުމަކީވެސް ކުށެއް. މާތްﷲ ގުރުއާނުގެ އަލް އިމްރާނު ސޫރަތުގެ ސައްބީސްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ މިފަދައިން. وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ މާނައަކީ އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ."

އޭނަގެ ފަރާތުން ހަގީގަތް ނޭގޭނެކަން ޔަގީންވިޔަސް އެ ޟައީފު މުސްކުޅި ބޭބެއާއިމެދު ހިތްތަކުގައި އުފެދުނު ކުލުނާއި ހަމްދަރުދީއިން އެމީހުން ދީނާރު ބެހިއެވެ. އެމީހުން އެއްފަރާތްވުމާއެކު އޭނަ އަމިއްލައަށް ފައިމަތީ ފޮތިގަނޑެއް އަޅާލައިގެން ފައިތިލަ ފޮރުވައިފިއެވެ. ސަބަބަކީ އޭނައާއި ސުވާލު ކުރިމަތިވާނެތީއެވެ. އަދި އެ ސުވާލަށް ޖަވާބުދެވެން ނެތީމައެވެ. އޭނަ މިތަނަށް އައީ ޚަލީފާގެ ގާފިލާއާއެކުގައެވެ. އޭނަގެ ސަޒާއަކީ މައްކާއަށް އައުމަށްފަހު ސަލާމްޖެހުމެވެ. މަރުގެ ހުކުމުން ސަލާމަތްވާން އޮތީ ޚަލީފާ ވިދާޅުވިވަރަށް ދީނާރު އެއްކޮށްފައި ޚަޒާނާއަށް ލައިދިނުމެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހިތްހަލާކުވާފަދަ އަސަރެވެ. އެތައް ބަޔަކަށް އޭނަ ލޮލުގައި އަޅައިގަތަސް އެއީ ކާކުކަން ދެނެގަނެވުނީ އެތަނަށް އައި ހާޖީއަކަށެވެ. ކާކުކަން އެނގުމުން އޭނަ ގެ ދެލޯ ބޮޑުވެ ހުރިތަނަށް ތިރިވެވިއްޖެއެވެ. ވެރިންގެ ހުރި ނާއިންސާފު ވެރިކަމާއެވެ. އަނިޔާވެރި ވެރިންނަށް ސަޒާލިބި އަނިޔާލިބިފައިވާ މީހުންނަށް އިންސާފު ލިބޭނީ އެންމެ ދުވަހަކުންކަން ޔަގީނެވެ. ކާއިނާތުގެ ވެރިފަރާތުގެ ހަޟުރަތަށް އެހުރިހާ ރަސްކަލުންނާއި ވެރިން ނިކަމެތިކަމުން ފުރިފައިވާ ހާލުގައި ގެނެވޭނެއެވެ.

***

ކަނޑުގެ އައްސޭރިފަށަށް ދާން އޮތް ހަނި މަގަކުން ފިރިހެން ކުއްޖަކު ދުވަމުން ދިޔައީ ވަޔާ ވާދައަށެވެ. އޭނައަށް ވެވޭނެނަމަ އުދުހުނީހެވެ. މޫނުމަތިން ފެންނަނީ ބޭގަރާރުކަމެވެ. ނުތަނަވަސްކަމެވެ. ކްރީމް ކުލައިގެ ދޫ ލިބާހުގައި ވައި އެޅެމުންދާއިރު އިސްތަށިގަނޑުވެސް އުދުހިދާނެފަދައެވެ. އެކުއްޖާ ރޭސްޖަހާފައި އެދިޔައީ އަސްގާޑިޔާއެއްގެ ފަހަތުންނެވެ.

"ލުއުލުއާ. ލުއުލުއާ....." ފިރިހެން ކުއްޖާ އަޑު ނެތްތަނަށް ގޮވިއެވެ. "އައްބާދު. އައްބާދު..........."

އަސްގާޑިޔާގެ ފަހަތުގައިވާ ކޮށްޓެއްގައި ބަންދުކޮށްފައިވާ ދެ ޖިންސްގެ ކުދިންގެ މައުސޫމް މޫނުމަތިން މޮޅިވެރިކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފެނެއެވެ. ކުދިންތައް ވަގަށް ނަގައިގެން އަންދަލުސްއަށް ގެންގޮސް އަޅުންގެ ގޮތުގައި ވިއްކުމަކީ ވިޒިގޯތުންގެ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް އަމަލެކެވެ. މިފަހަރު އެގޮތަށް ގެންދިޔަ ކުދިންގެ ތެރޭގައި އެ ފިރިހެންކުއްޖާގެ ގާތް އެކުވެރި ދެކުދިންވެސް ހިމެނެއެވެ. ހަލާކުވެފައިވާ ހިތަކާއިއެކު އެކުދިންގެ ނަމުން ހަޅޭއްލަވަމުން ދިޔައީ އެކުދިން ސަލާމަތްކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އޭނަގެ ފަހަތުން ވަރުގަދަ އަރަބި އަހުގައި ތިބި ދެ ހަގުރާމަވެރިން ފަހަތުން އަންނަމުން އެކުއްޖާއަށް ގޮވިއެވެ.

"އޭ މަޑުކުރޭ އިބްން ޒިޔާދު. މަޑުކުރާށޭ.........."

ނަމަވެސް އެ ސަވާރީންގެ އަމުރަށް އެކުއްޖާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނައެވެ. އޭނަގެ މިސްރާބު ހުރީ ވަކި ދިމާލަކަށެވެ. ބޮޑު ހިލަގަނޑަކާއި ދިމާލުން ނުކުމެވުނުއިރު ފެނުނީ އައްސޭރި ފަށުގައި އޮތް އަސްގާޑިޔާއެވެ. ހުސްކޮށެވެ. ކޮށިގަނޑުގައި ތިބި ކުދިންނެއް ފެންނާކަށް ނެތެވެ. ދެން ނަޒަރު ހުއްޓުނީ މާ ކަނޑުގެ ނޫކަމުގެ ތެރެއަށެވެ. ކަނޑުގެ ރާޅުތަކުގެ ތެރޭ ހެލިލަހެލިލާ އޮތް ނަވުގެ އަރިފަށުގައި ހިފަހައްޓާލައިގެން އެކުވެރިކުދިން މޮޅިވެރިކަމާއި އެކު އޭނައާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. ވަގުތުތައް ނަގައިލަން ނުހުރެ އެކުއްޖާ މޫދަށް ފުންމާލައިފިއެވެ.

"ލުއުލުއާ. އައްބާދު.." އެކުއްޖާ ކަރުފަޅައިގެން ދާހާ ބާރަށް ހަޅޭއްލެވިއެވެ. އެކުދިންނަށް ގޮވަމުން ފަތައިގަތީ ނަވާ ދިމާލަށެވެ. ބޮޑެތި ރާޅުތަކުގެ ތެރޭ ކިތަންމެ ގަދަޔަށް ފެތިޔަސް ދުވަމުންދާ ނަވަކާއި ހަމަޔަސް ވާސިލުވެވޭނީ ކިހިނެއްހެއްޔެވެ؟ ކަނޑުގެ ރާޅުތަކުގެ ޝިކާރައަކަށް އެކުއްޖާ ވެދާނެކަމުގެ ބިރު ހީވީ އެކުއްޖާގެ ފަހަތުން އައި ދެ ސަވާރީންނަށެވެ. އެތަނުން އެކަކު އެކުއްޖާ ސަލާމަތްކުރަން މޫދަށް ފުންމާލައިފިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އެކުޑަ ފިރިހެން ކުއްޖާ މޫދުން ނެރުނުއިރު އޭނައަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިއްޖެއެވެ. ހަށިގަނޑުގައި ހަކަތައެއް ނެތެވެ. ލޯ ކުރިމަތީގައި އެކުވެރިން ގެއްލިގެން ދިޔަ މަންޒަރުން އޭނަގެ ހިތް ހަލާކުކުރުވައިފިއެވެ.

އެތަނަށް އެއްވި މީސްތަކުންގެ ތެރޭ އެ ކުޑަ ފިރިހެންކުއްޖާގެ މައިންބަފައިން ހިމެނެއެވެ. އެދެމީހުން އެކުއްޖާގެ ގައިގާ ހިފަހައްޓާލަމުން ފިރުމަންފެށިއެވެ. މަންމަ އެ މައުސޫމް މޫނުގައި ބޮސްދިނެވެ. އަދި ގެއަށް ގެންގޮސް ހިކި އެއްޗެހި ބޭލުވުމަށްފަހު އަވަސްވެގަތީ ފަރުވާދިނުމަށެވެ. ދަރިފުޅުގެ ހިތާމަ އޮޅުންފިލި ނަމަވެސް އެމީހުންނަށް ކޮށްދެވޭނެ ކަމެއްނެތްކަމުން ހިތަށް ނުކުޅަދާނަ އަސަރުތައް ކުރިއެވެ. ލުއުލުއާ އާއި އައްބާދު ނެތުމުގެ ފަޅުކަން އެމީހުންނަށްވެސް އިހުސާސްކުރެވުނެވެ.

ހުންގަދަވެގެންގޮސް ބުރާންތިވެފައި އޮތް ކުޑަ ފިރިހެންކުއްޖާގެ މަންމަ މޫނުގައި ފެންލާދޭން އިނެވެ.

"ދަރިފުޅާ. ތާރިކް. ހަބީބީ. އެއްޗެއް ބޯލަ ބަލަ......." މަންމަ ތާރިކްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. ނިތްކުރީގައި ބޮސްދިނެވެ.

"މަންމާ. އެމީހުން ނަވުގައި ލުއުލުއާމެން ގެންގޮސްފި......" ތާރިކް ވަރުދެރަގޮތަކަށް ކިޔައިލިއެވެ.

"މަންމަގެ ތާރިކް ކޮންތާކުން ހޯދި ހިތްވަރެއް. ޖެހިލުން ކުޑަ ކުއްޖެއްކަން އެނގުނަސް މާ ސިންގާ ކަނޑަކަށް ފުންމާލަފާނެކަމަކަށް މަންމަވެސް ހީނުކުރަން. ކީއްވެ......" މަންމަ ތާރިކްގެ ބޮލުގައި ފިރުމައިލިއެވެ.

"އެމީހުން ހުއްޓުވަން ބޭނުންވީ.."

"އަނިޔާވެރިންގެ މައްޗަށް ކުޑަކުއްޖަކަށް ކުރި ހޯދޭނެތަ؟"

"ކޮންމެވެސް ދުވަހަކުން......."

ތާރިކް އެސްފިޔަތައް ތަގުޅިކޮށްލައިގެން އޮތް ތާރިކްގެ ލޯމައްޗަށް ސިފަވަނީ އޭނަގެ އެކުވެރި ލުއުލުއާއެވެ. އޭނަ ލޫލޫ އަތުލަން ގޮނޑުދޮށުގައި ދުވާ މަންޒަރެވެ. ކަންބަޅިތައް ބަލަހައްޓަން ދެކުދިން އެކީ އުޅޭ ތަނެވެ. ނަވެވެ. އަސްގާޑިޔާއެވެ. ލޫލުއާ ދުވަހަކު އަންނާނެ ބާވައެވެ. އައްބާދުވެސް އަބަދަށްޓަކާ ގެއްލުނީހެއްޔެވެ؟ އަޅުވެތިކަމަށްވުރެ މަރުވުންވެސް މާ ރަގަޅެވެ. ނަމަވެސް ހިތާމައަކީ އެހެން ގައުމަކަށް އަޅުންގެ ގޮތުގައި ވިއްކާލަން ގެންދިޔަކަމެވެ. އެވެސް ވިޒިގޯތުންގެ ރަސްކަމުގައި އެހެން ތަނަކަށެވެ. އޭނަ ލޯހުޅުވުމުގެ މާނައެއް ނެތެވެ. އެކުވެރިން ވަކިވެ ދިޔުމުން ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތެވެ.

އިރުއޮއްސި އަނދިރިކަން ކާއިނާތު ވަށައިލިއިރު ގަބީލާތަކުގެ މީހުން ދިރިއުޅޭ ފޭލިގެތަކާއި ގޭގެ ބޭރުގައި ރޯކޮށްފައިވާ އަލިފާންގަނޑުގެ އަލިކަން ފިޔަވާ އެހެން އަލިކަމެއް ނެތެވެ. ދޭތެރެއަކުން އަހެއް ނޫނީ ގެރިބަކަރިފަދަ އެއްޗެއްގެ އަޑު އިވިލިކަމުގައި ވިޔަސް ގިނަ މީހުން ނިދައިފިއެވެ. ތާރިގް ބައްޕަ ޒިޔާދުއަކީ ނަފްޒައު ގަބީލާއެއްގެ ކަމުވޮށިގެންވާ މީހެކެވެ. ބަރުބަރުންގެ އެތައް ގަބީލާއެއް އުތުރު އެފްރިކާގެ ބޮޑު ސަރަހައްދެއްގައި ފެތުރިފައިވިއެވެ. އެމީހުންގެ ސަގާފަތާއި ތަހުޒީބު އަދި ބަސް އަރަބިންނާއި މުޅިން ތަފާތެވެ. ތާރިކްގެ ބައްޕައާއި ބޮޑުބޭބެ އަދި ކަމުވޮށިގެންވާ މީހުން އެގޭގެ ބޮޑުކޮޓަރީގައި ވާހަކަދައްކާލާ އަޑު އަހަން ކަންފަތް ދީގެން ތާރިކް އޮތެވެ. އެމީހުން ދައްކަނީ މުސްލިމުންގެ ވާހަކައެވެ. ގިނަމީހުންގެ ތާއީދު އޮތީ މުސްލިމުންނަށެވެ. މަދު ބަޔަކު ރުޅިވެސް އާދެއެވެ. ކުދިންތައް ވަގަށް ނަގައިގެންދާއިރު މުސްލިމުން އަޅާނުލާ މަޑުން ތިބެނީ ކީއްވެތޯ ކިޔާ މައްސަލަޖެއްސިއެވެ. މުސްލިމުން އުތުރު އެފްރިކާގެ ރަށްތައް ފަހަތަކުރަމުން އައީ އަމްރުބިން އަލް އާސްއަށް ބޮޑުބޭބެކިޔާ އުތުބާ ބިން ނާފިއު ކޮމާންޑަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އުތުބާ ބަރުބަރުންގެ ސަގާފަތާއި ނުރުހުންވުމާއެކު ގަދަކަމުން އެފަދަ ކަންތައް ބަދަލުކުރައްވާ އަދި ބައެއްފަހަރު އަޖައިބުކުރުވާފަދަ ގޮތްގޮތަށް ގަބީލާގެ ވެރިން މައިތިރި ކުރައްވާތީ ގިނަމީހުން ވަރަށް ރުޅި އާދެއެވެ. އެކަލޭގެފާނުގެ ލަޝްކަރުގައި އެފަދަ ވަންހަނާ ދުޝްމިނެއް ވިއެވެ. އެފަދަ ދުޝްމިނުން ހަގީގަތުގައި އަތުކުރީ ހަރުފައަކަށްވުރެ ނުރައްކާތެރިއެވެ. އުތުބާ ވަރަށް އަވަހަށް އެ ހިސާބަށް ދަތުރުކުރައްވަން އުޅުއްވާ ވާހަކަވެސް ދެކެވުނެވެ. އޭނަ ވަޑައިގެން މިކަމަށް ހައްލެއް ހޯއްދަވާދެއްވާނެކަމުގެ އުއްމީދު އެމީހުންނަށް އެބައޮތެވެ. މުސްލިމުން އުތުރު އެފްރިކާ ފަތަހަކޮށް އެންމެނަށް ހިމާޔަތް ދިންއިރު މިފަދަ ޖަރީމާއެއް ނުހުއްޓުވެންވީ ސަބަބެއް ނެތެވެ. މުސްލިމުންގެ އަދުލުވެރިކަމާއި އިންސާފުވެރިކަން އަދި އަނިޔާތަކުން ސަލާމަތްކޮށްދިނުމުގެ ސަބަބުން ގިނަ ހިތްތަކެއް މުސްލިމުންނަށްޓަކާ ޚާއްސަ މަގާމެއްދެވިފައި ވިއެވެ.

***

ތާރިކް ކޮންމެ ދުވަހަކުހެން ކަނޑުގެ އައްސޭރިފަށަށްގޮސް ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އެ ދެލޮލުން ފެންނަނީ މޮޅިވެރިކަމެވެ. ހިތްވަނީ އެކަނިވެރިކަމުން ފުރިފައެވެ. އެހެން އެކުވެރިންނަށްވެސް ލުއުލުއާ އާއި އައްބާދުގެ މަގާމް ފުރައެއް ނުދެވުނެވެ. އެތަނުން ތެދުވެގެން އަވަށުގެ ތެރެއަަށް ދާން ހިނގައިގަތް އިރު ފެންނަނީ އެކި މީހުން އެކި މަސައްކަތުގައި އުޅޭ މަންޒަރެވެ. އަންހެނަކު ކެހެރިން ސާލެއް ވިއުމުގެ މަސައްކަތުގައި އިންއިރު ކުދިންތައް ކަންބަޅި އައިނަކަށް މަގު ދައްކަމުން ދިޔައެވެ. އަނެކަކު ގެރިން ކިރުފެލަނީއެވެ. ފިރިހެންކުއްޖަކު ވަޅުން ފެން ފުރަން ހުއްޓެވެ. ފިރިހެނުންތަކެއް އުއިފަލަ ފޮތީގެ ދިގު ލިބާސްލައިގެން ހަގުރާމައިގެ ބަހުސެއްގައި ތިއްބެވެ. ތާރިކް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ގެއަށް ވަނެވެ.

"ދަރިފުޅާ. ނުކައި ކޮންތާކަށް ދިޔައީ؟ "

"ކަނޑުގެ އައްސޭރިފަށަށް....."

"ތާރިކް. ތިކަން ހަދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދާންވީ. ދުނިޔެއަކީ ފަނާވެދަނިވި ތަނެއް. ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ ނަސީބުގައި ހުރި ގޮތެއް ވުމަށްފަހު ކަށްވަޅަށް ދާނީ. އެކުދިންގެ ނަސީބުގައި މިންވަރު ކުރެއްވި ކަމެއް ވެފައި ނިމިގެންދާނީ. ބައްޕަމެން އުތުބާމެން ގެނައި ދީނަށް ތަބާވުމަށްފަހު ހެއްދެވި ފަރާތަށް ވަކީލުކުރަން ދަސްކޮށްފިން......" ތާރިގެ ބައްޕަ ޒިޔާދު ކައި ނިމުމަށްފަހު އަތް ދޮވެލަމުން ބުނެލިއެވެ.

"އަޅުގަނޑު ހަގުރާމަވެރިއަކަށްވާން ބޭނުން....."

"އެއީ ކީއްކުރަން؟ ބަދަލު ހިފަންތަ؟ ދަރިފުޅުމެންނަށް ކަނޑު ހުރަސްކޮށް އަނެއްފަޅިއަށް ދެވޭނީ ކިހިނެއްތަ؟ " ޒިޔާދު ބޯ ހޫރައިލިއެވެ. ތާރިކްގެ ކާފަ އަބުދުﷲވެސް ތާރިކްއަށް ވިސްނައިދިނީ ލުއުލުއާމެން މަތިން ހަދާންނައްތާލުމަށެވެ. ތާރިކް އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުމީ ހަގުރާމަވެރިއަކަށް ވުމެވެ. ހެވިކަން ދަސްކުރުމަށެވެ. އަސްދުއްވުމާއި ކަނޑި ހަގުރާމަކުރަން ދަސްކޮށް ހަގުރާމަތަކުގައި ބައިވެރިވުމަށް އޭނަގެ ހިތް އެދުނެވެ.

"އެންމެ ރަގަޅު" ޒިޔާދު ދަރިފުޅުގެ ހިތް ހަމަޖައްސައިލަން ބުނެލިއެވެ.

ތާރިކް އުއްބައްތިއަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު ލޮލުގައި ކަރުނަތިކިތައް ވިދައެވެ.

"ލޫލޫ. އައްބާދު. އަހަރެން ނުލާ ދިޔައީ ކީއްވެތަ؟ ކޮންމެތާކު އުޅުނަސް ހެޔޮ ހާލުގައި ވައްޗޭ. ދުޢާއަކީ ކޮންމެވެސް ދުވަހަކުން ބައްދަލުވުން. މުސްލިމުންގެ ކުޅަދާނަ ކޮމާންޑަރު ވަޑައިގަތުމުން ލުއުލުއާމެން ސަލާމަތްކޮށް އެނބުރި ގެންނަން އެދޭނީ. މުސްލިމުންނަކީ އަނިޔާލިބިފައިވާ މީހުންނަށް އެހީތެރިވެ އަޅާލާ ބަޔަކަށް ވަންޏާ މި އަނިޔާ ދެކެން ނުތިބޭނެ. ހަމައެކަނި އުއްމީދަކީ މިއީ. ހަމައެކަނި އުއްމީދަކީ މުސްލިމުން. ނޫނީ މުސްލިމުންގެ ލަޝްކަރާއި ގުޅިގެން މަސައްކަތް ކުރުން.............................." ތާރިކް ދެއަތަށް ފުރޮޅި ފުރޮޅި އޮތީ އަރާމެއްނެތް ނިންޖެއްގައެވެ.

***

އުތުބާ ވަޑައިގަތުމުން އަވަށު ބައެއް މީހުންނަށް އީދެއް އައި ފަދައެވެ. އެތައް ބަޔަކު އެކަލޭގެފާނުގެ އިސްތިގުބާލަށް ނުކުތެވެ. ގަބީލާތަކުގެ ވެރިންނާ ކަމުވޮށިގެންވާ މީހުން އޭނައާއި ބައްދަލުކޮށް އެމީހުންގެ ހިތުގެ ޝަކުވާތައް އެކަލޭގަފާނަށް އޮއްސަވާލެއްވިއެވެ. އެމީހުންނަށް އެހީތެރިވެދެއްވުމަށް އެދި ދެންނެވިއެވެ.

ނުނިމޭ

( މިއީ ތާރިކް ބިން ޒިޔާދު ރަޟިޔަﷲ އަންހާގެ ކޮމާންޑަރުކަމުގެ ދަށުގައި ހިތްވަރުގަދަ މުސްލިމް މުޖާހިދުން ސްޕެއިން ފަތަހަކުރިގޮތް ތާރީޚީ ފޮތްތަކާއި ވާހަކަތަކުން ނަކަލުކޮށްގެން ލިޔެފައިވާ ވާހަކައެކެވެ. އެތައް މުސްލިމުންނެއްގެ ހިތްތަކުން ޖާގަ ހޯއްދެވި ޒުވާން ކޮމާންޑަރަށް މާތް ﷲ ނަސްރު ދެއްވާ އަށްސަތޭކަ އަހަރު ވަރަކަށް ވާންދެން ސްޕެއިން މުސްލިމް ގައުމެއްގެ ގޮތުގައި އޮތުމަށްފަހު ނަސާރާއިންގެ އަތްދަށަށް ދިޔަ ސަބަބު ވަރަށް ގިނަ މުސްލިމުންނަށް އޮޅުންފިލާނެއެވެ. މާތްﷲ މުސްލިމުންނަށް ނަސްރުދެއްވާ އީމާންކަން އިތުރުކުރައްވާ ތެދުމަގުގައި ދެމިތިބުމުގެ ތައުފީގު ދެއްވާށި އާމީން)

ކޮމެންޓް 0