"ފުދޭވަރަށްވުރެ މާ ގިނައިން ދޮގު ހަދައިފިން....." ތާރިގުގެ އަޑު ތަންކޮޅެއް ބާރުވިއެވެ. އެލޯފުޅުން ނުރައްކާތެރި ވިދުވަރެއް ފެނުނެވެ.
"ޔާ ތާރިގު. ކިހިނެއްވެފައި ތިހިރީ؟ " މިންހާސް ބިރުގަނެއްޖެއެވެ. ކިތަންމެ ޒުވާނަސް ތާރިގުގެ މުލައްދަނޑިފުޅުގައި އެހެރަ ބާރު އޭނައަށް ސިއްރެއްނުވެއެވެ.
"ކީއްވެގެންހޭ ދޮގުހެދީ؟ " ތާރިގުގެ އަޑުފުޅު ގޭތެރޭގައި ގުގުމައިލިއެވެ.
"ކޮން ވާހަކައެއް ތި ދައްކަނީ؟ " މިންހާސް ފަހަތަށް ޖެހުނެވެ. ބާހެދުން ނަގާ އެހެދުން އެއްލާލުމަށްފަހުގައި އޭނަ މިނިވަންވީ އޭ ކިޔާފައި ގެއަށްދާން އުޅުނުއިރު އެބުނި މާނަ އެވަގުތު އޮޅުން ނުފިލިޔަސް މިހާރު މިންހާސްއަށް ވިސްނިއްޖެއެވެ.
"އަހަންނަށް ނުވިސްނޭހާ ކުޑައިރު ހައްލާލައިގެން އަހަރެން މައިންބަފައިންނާ ވަކިކުރުވީ. ހަގުރާމަވެރިއަކަށް ހަދާށޭ ކިޔާފައި އެތައް ދޮގުތަކެއް ހަދާފައި ދެކޮޅު ރޭވުންތައް ރޭވީ. ނުވީތާކަށް ބައްޕާފުޅު ގަތުލުކޮށްލައިފި. އަހަރެން މަޑުން ހުންނާނެހެން ހީވޭތަ؟" ތާރިގު ކަމަރުގައިވާ ކަނޑީގައި އަތްޕުޅު ޖައްސަވައިލެއްވިއެވެ.
"ތިއީ މުޅިންވެސް ކުސައިލާގެ ރޭވުންތައް. އޭނަ ކިޔައިދިން ވާހަކަތައް. ތިކަމުގައި އަޅުގަނޑުގެ ކުށެއްނެތް...."
"ހުއްޓާލާ. ކަލެއަކީވެސް ދޮގުވެރިއެއް. ކުސައިލާއަކީވެސް އެކަހަލަ މީހެއް. ދެމީހުން އަހަރެންގެ ފަރާތުން ފައިދާތަކެއް ލިބޭނެކަމަށް ހީކުރީ. އެކަމަކު އޭގެ ބަދަލުގައި ކަލެއަށް އެކަމުގެ ސަޒާ ލިބޭނެ. އަހަންނަށް ދިން އަނިޔާގެ ބަދަލު ދެވޭނެ ހަމަ އެންމެ ގޮތެއް އޮތީ......."ކަނޑިން ޖެހީނުން އެއްފަރާތު އަށިމަތީގައި ހުރި ގުޅިއެއް ވައްޓާލެއްވުމުން ގަންނާކުރެއްވި ބިރުން ފަހަތަށް ޖެހެމުންދިޔަ މިންހާސް ފާރަށް ވަދެވޭނެނަމަ ވަނީހެވެ.
"ތިއުޅެނީ އަޅުގަނޑު ގަތުލު ކުރައްވަން؟ " މިންހާސް އެހިއެވެ.
"ހާސްފަހަރު ގަތުލު ކުރިޔަސް އިންސާފު ލިބުނީކަމަށް ނުބެލޭނެ....." ތާރިގު ހަޅޭއްފުޅު ލައްވައިގަތެވެ. އެކަމަކު އަމިއްލަ ނަފުސްގެ ދިފާއުގައި މިންހާސްއަށް ވެސް ޖެހުނީ ކަމަރުގައި އޮތް ކަނޑި ނަގާށެވެ. މަޑުމަޑުންގޮސް ކަނޑި ދަމައިގަތުމާއެކު ތާރިގުވެސް އެތިފަހަރެއް ވީއްލަވާލެއްވިއެވެ. ހޫރާލެއްވި ބާރު އެތިފަހަރު ވައިކަފާލާފައި ދިޔަގޮތުން ކިރިޔާ މިންހާސް ސަލާމަތްވިކަމެވެ. މިންހާސް ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ދުވަމުންގޮސް އެގޭގެ ޓެރެސްއާއި އަރާ ހަމަވީއިރު ތާރިގު ހުންނެވީ ފަހަތުގައެވެ. ދެމީހުންގެ ކަނޑި ޖެހޭ އަޑު ތަނުގައި ގުގުމާލާފައިވިއެވެ. އޭރު އެގެއާއި ދިމާލުން ތިރިއަށް އަވަށްޓެރިން އެއްވެ ބިރުވެރިކަމާއެކު އެ މަންޒަރު ދެކެން ތިއްބެވެ. މީހުންތަކުގެ ތެރޭގައި ބިންޒާވެސްވިއެވެ. އިރުގަނޑެއްވާންދެން ކަނޑީގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށްފަހު ފެނުނީ ތާރިގް މިންހާސް ވައްޓާލައްވާ ކަރުގައި ކަނޑި ޖެއްސެވި ތަނެވެ،
"ޔާ ތާރިގު. ހެޔޮނުވާނެ. ޔަގީންކަމެއް ނެތި މީހަކު ބުނި އެއްޗަކަށް އިންސާނެއްގެ ފުރާނަ ތި ދުއްވާލަނީ. ތިހެން ނަހައްދަވާ...." މިންހާސް އާދޭސްކުރަން ފެށިއެވެ. ނަމަވެސް މިއަދު އެ އަޑު އޭނަގެ ކަންފަތްޕުޅަށް ފޯރާވަރަށްވުރެ ކޯފާގެ އަސަރުތައް ގަދަވެ ހިތްޕުޅަށް ރަހުމެއް ނުވަނެވެ.
"ކަލެއާއި ކުސައިލާގެ މުނާފިގުކަން ރަގަޅަށް ފެނިއްޖެ. ބައްޕަގެ ގާތިލަށް މާފު ދޭނެކަމަށް ހީކުރީތަ؟ ކުރިމަތީގައި މިހިރީ އެ މޮޔަ ކުޑަ ކުއްޖާއެއް ނޫނޭ. ކަލޭ ބުނި ކޮންމެ އެއްޗެއް ގަބޫލުކުރި ދުވަސް ވަގުތާއެކު ފާއިތުވެގެން ހިގައްޖެ. ކަލެއަށް ލައުނަތް ހުރި.........." ތާރިގު ގެ އަޑުފުޅުވެސް ނުރައްކާތެރިއެވެ. ވަރުގަދަ ސިންގާއެކޭ ތަފާތެއްނެތެވެ. ފާލުބަލާ މީހާގެ ބުނުން ގޯހެއްނުވާނެއެވެ. ތާރިގު ވަރުގަދަ ލީޑަކަށް ވެގެންދާނެއެވެ.
"ތާރިގު. ތާރިގު. މާޒީ ހަދާންކޮށްބަލަ. އަހަރެން ކޮށްދިން ހެޔޮކަންތައް. ދަރިއެއްފަދައިން ގެންގުޅުނީ......"
"އެވެސް ކަލޭގެ އަމިއްލަ އެދުން ބޮޑުކަމުން......."
"ހެޔޮނުވާނެ ތާރިގު. މަންމާފުޅުގެ ހައްގުގައި......"
ތާރިގުގެ ކޯފާ ވަކިން ގަދަވިއެވެ. މަންމާފުޅުގެ މަތިން ހަދާންކޮށްދިނުން ވީ އަލިފާނަށް ދަރު އެޅުންފަދަ ކަމަކަށެވެ. ކޯފާގެ އަސަރުތައް މުޅި ހަށިގަނޑުގައި ދައުރުވެލިއެވެ. އޭނަގެ އާއިލާ ނައްތާލި ޒާލިމަކީ މިއީއެވެ. އޭނަގެ އުފާވެރި ދިރިއުޅުން ފޭރިގަތީއެވެ.
"ކަލޭ ޖެހޭނީ މަރުވާން ކެހިވެރި ކަލޭގެ."
މިންހާސް ތެޅިގެންފައި ތެދުވުމާއެކު ތާރިގު ފައިންފުޅުން މޭމަތީގައި ޖެއްސެވިލެއް ބާރުކަމުން އޭނަ ވިއްސައިގެން ދިޔައެވެ. ތަނެއްގައި ހިފާލާނެ ވަގުތެއްވެސް ނުވިއެވެ. ބިރުވެރިގޮތަކަށް ހަޅޭއްލަވައިގަތުމާއެކު އޭނަ އެ އުސްފާރުމަތިން ތިރިއަށް ވެއްޓިގެންދިޔައިރު ބިންގަނޑު އައިސް އަރާ ހަމަވިއެވެ. އެއާއެކު ތާރިގު ހޫރާލެއްވި ކަނޑި ގޮސް ހެރުނީ ސީދާ އޭނަގެ މެޔަށެވެ. މިންހާސްގެ ކަޅި މައްޗަށް އެރިގޮތަށް ހުއްޓުނެވެ. ދެވަނަ ފަހަރަށް އެ ހަށިގަނޑު ގުޑައެއް ނުލާ ހިމޭންވެއްޖެއެވެ.
"ސާބަހޭ ޔާ ތާރިގު..." ކޮންމެވެސް އެކަކު ގޮވާލިއެވެ.
" މީހުންތައް އެއްވެއްޖެ. ހަގުރާމައެއް ފެށިއްޖެ..."
"ދަރިފުޅާ. ނުދޭ... އަނެއްކާ ތި ކަންތައް ތަކުރާރު ނުކުރޭ"
"މި ވަތަނީ ކަލޭގެ ބައްޕާފުޅުވެސް ގަތުލުކޮށްލީ. މަންމާފުޅުވެސް އެންމެން އެއްކޮށްގެން ނުކުންނެވި."
"އެންމެން އަނގަ މަޑުން ލައިގެން ތިބެބަލަ. " އެހެން މީހަކު ކިޔާލައިފިއެވެ.
"ބިންޒާ. ހުރިހާ އެންމެން އެމީހެއްގެ ގެއަށް ފޮނުވާލަބަލަ......" ތާރިގު ވިދާޅުވިއެވެ. އެކިމީހުން އެމީހަކަށް ފެނުނު އެއްޗެއް ކިޔަމުންދާއިރު އެތާ އަޑުގަދަވެ ކިޔާ ނުކިޔާ އެއްޗެއްވެސް އޮޅުމެއް ނުފިލައެވެ. ކުސައިލާގެ އިސް މީހަކު ގަތުލުވުމުން އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވެސް ވަދެއްޖެއެވެ. އެ ގަބީލާގެ މީހުން ބަދަލު ހިފަންވެސް އަތުވެދާނެއެވެ.
"ގޮސް ކުސައިލާ ގާތު ބުނޭ މަށެއް ދެން އޭނަ ގާތަށް ނުދާނަމޭ. އޭނައަށް ވެވެންޏާ ކަނޑިން ޖަވާބުދޭން އަންނާށޭ...." ތާރިގު އެތެރެއަށް ވަދެވަޑައިގެން ކަނޑި ތޫނުކުރައްވަން އިންނެވިއިރު ކޯފާމަޑުވެ ހަމަޔަކަށް އެޅިއްޖެއެވެ. އިރުކޮޅަކުން އަވަށްޓެރި ދުވަސްވީ ފިރިހެންމީހާ އަބޫ ބަޝަރު ވަދެ ތާރިގުގެ ކުރިމަތީގައި އިށީދެގެން ހިމޭންކަމާއެކު ބަލަން އިނެވެ. މަންމަމެންގެ ވާހަކަތައްވެސް ދެއްކިއެވެ. އޭނަގެ ވާހަކަތަކުން މާޒީގެ ހަދާންތައް ހިތްޕުޅަށް އުދަގޫކުރުވިއެވެ. ވަށައިގެން ފެންނަ ކޮންމެ އެއްޗެއް ހަދާންކޮށްދެނީ މަންމައާއި ބައްޕައެވެ. މަންމަ ފަރިއްކޮޅު ތައްޔާރުކުރައްވަން އިންނަވާ މަންޒަރު ލޯފުޅަށް ފެނިލިއެވެ. ފެހިކުލައިގެ ޖުއްބާއެއް ތުރުކުރައްވައިގެން ހުންނެވި ބައްޕާފުޅު ސިޑިން ތިރިއަށް ފައިބާ ވަޑައިގަތެވެ.
" ޔާ އުންމު ތާރިގް. ތާރިގު ނިދިން ހޭއްލަވާ، އެ ދަރިފުޅުވެސް ބޮޑުވެއްޖެ....."
"ﷲ ދަރިފުޅަށް ބަރަކާތް ލައްވާށި" މަންމާފުޅު ވިދާޅުވިއެވެ. އެހިސާބުން މާޒީގެ ހަދާންތަކުގެ ތެރެއިން ނިކުންނެވުމާއެކު ތާރިގުގެ ހިތްޕުޅަށް އަސަރު ކުރެއްވިއެވެ. އަލުން މަންމައާއި ބައްޕައާއެކު އެ އުފާވެރި ދުވަސްތައް ދުވަހަކު އަނބުރާ ނާންނާނެކަން އެނގިވަޑައިގަތެވެ. އޭނަގެ އުފާވެރި ދުވަސްތައްވެސް މާޒީއާއެކުވީއެވެ.
"އެކަމަކު މާތް ރަސްކަލާނގެ އެކުއްޖާއަށް ބަރަކާތް ނުލެއްވި. ބަރަކާތް ނުލެއްވި..." ތާރިގު އަމިއްލަ ނަފުސަށް ވިދާޅުވިއެވެ. ދެލޯފުޅު މަރާ ބާރުކޮށްލައްވައިގެން ހުންނެވިއިރު ހުރިހާ ބާރެއްކޮށްލެވުނީ އަތްޕުޅުގައި އޮތް ކަނޑިއަށެވެ. އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލެއްވުމާއެކު ހަނދާނުގެ ސްކްރީނުން އެހެން މަންޒަރެއް ސިފަވިއެވެ. އޭނަ އޮންނެވީ އެނދުގައެވެ. މަންމަ ހޭހަން ކުރަން އަރިހުގައެވެ. އައްބާދުއާއި ލޫލޫ ސަލާމަތްކުރަން ބިރެއް ސިހުމެއްނެތި ކަނޑަށް ފުންމާލިގޮތަށް އޭނަ ބަލިވެ ތަންމަތީގައި އޮންނަން ޖެހުނީއެވެ. މިންހާސް ވަދެގެން އަންނަތަން ފެނުމުން ބައްޕާފުޅުގެ މޫނަށް އުފާވެރިކަމުގެ ކުލަވެރިވިއެވެ.
"ދަރިފުޅު ސަލާމަތްކުރި ފަރާތް މިއީ......"
"ޒިޔާދު މިކުއްޖާފުޅު ވަރުގަދަ ފަހުލަވާނަކަށް ހައްދަވައިފި..." މިންހާސް ތައުރީފުކުރިއެވެ. " މި ދަރިފުޅު ބޮޑުވެގެން އަހަރެމެން ހިމާޔަތްކޮށްދޭނެ....."
"މިއީ ބައްޕަ ގަތުލުކުރި މީހާ. ނޫން. އަހަރެން ހިމާޔަތް ކޮށެއްނުދިނިން. ޔާ އުއްމީ.އަޅުގަނޑަށް މަންމަވެސް ހިމާޔަތްކޮށް ނުދެވުނު. އަދި ބައްޕަވެސް......" ތާރިގުގެ ލޯފުޅުގައި ކަރުނަ ހިނގައިލިއެވެ. މަންމާފުޅު ހުންނެވި ތަނެއް އެނގޭނީ ކިހިނެއްހެއްޔެވެ؟ އަވަށްޓެރިންނަށްވެސް އެކަމެއް ނޭގެއެވެ. ދާންވީ ކޮން ދިމާލަކަށް ކަމެއް ކޮން މަންޒިލަކަށް ކަމެއް އެނގިވަޑައި ނުގަންނަވައެވެ. ތާރިގު އިސްތަށިފުޅުގެ ތެރެއަށް އަތް މަހާލައްވައިގެން ހުންނެވީ ކިހާ އިރެއްވާންދެން ކަމެއްވެސް ނޭގެއެވެ.
ތާރިގު ރަށުތެރޭގެ ޚަބަރު ކިހިނެއްތޯ އަހާލުމުން މުސްލިމުން ކުސައިލާއާއި ހަމަލާދޭން އަންނަން އުޅޭކަމުގެ ޚަބަރު ލިބިފައިވާ ކަމުގައި ބުނެލިއެވެ. ތާރިގު އެވާހަކަތައް އައްސަވަން އިންނެވިއެވެ.
ދެމީހުން ވާހަކަދައްކަން ތިއްބާ އަސްތަކެއްގެ މޮށްގަނޑު ޖެހޭ އަޑުއިވެން ފެށުމާއެކު ތާރިގު ކަނޑި ނަންގަވައިގެން ފުންމައިގެން ތެދުވެ ވަޑައިގަތީ ބިރެއް ސިހުމެއްނެތިއެވެ. އެމޫނުފުޅުން ޖެހިލުންވުމުގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. އެތަނަށް އައީ ކުސައިލާގެ މީހުންނެއް ނޫނެވެ. ބިންޒާއާއި އޭނަގެ އެކުވެރިން އައީ އިންޒާރުގެ ޚަބަރު ދިނުމަށެވެ.
"ދަރިފުޅާ. ބޭބެގެ ވާހަކަތައް އަޑުއައްސަވާ. އެއީ މަލްއޫނެއް. ނުރައްކާތެރި މީހެއް ދަރިފުޅާ. އޭނަގެ ލަޝްކަރު އެހާ ބޮޑު. އެމީހުން މިގަބީލާއާއި ހަގުރާމަ ކުރަން އައުމަކީ ނިކަން ބިރުބޮޑުކަމެއް.."
"ނޫން ބޭބޭ. އަހަރެމެން އެބަޖެހޭ އަނިޔާވެރިކަން ނައްތާލާ އިންސާފު ގާއިމުކުރަން. ބޭބެ ދުޢާކުރައްޗޭ...."
"ބޭބެގެ ހެޔޮދުޢާތައް ތިކުދިންނާއެކު އަބަދުވެސް ވާނެ......"
"ބިންޒާ.ޔޫސުފް ހިނގާ ދަމާ..ކުސައިލާ އަހަރެމެން ހޯދަން އައުމުގެ ކުރިން އަހަރެމެން އޭނަ ހޯދަމާ..."ތާރިގު ބިންޒާއަށް ބައްލަވައިލެއްވީ އޯގާތެރިކަމުގެ ނަޒަރަކުންނެވެ. ޔޫސުފް އޭނަގެ ބައްޕައާއި ކަރާއި ކަރު ޖައްސާ ސަލާމްކުރުމަށްފަހު އަހަށް އެރިއެވެ.
***
އަވަށުގައި އިލްމު އުނގެނެން ބޭނުންވާ ކުދިންނާއި މީހުން ޝޭޚުގެ ކުރިމަތީގައި ވަށް ބުރަކަށްވާނެހެން އެތުރިގެން ތިބިއިރު ތަންކޮޅެއް ދުރުގައި ޝޭޚުގެ އަންހެންދަރިފުޅު ސަލަމާ ގާތު އުންމު ތާރިގުވެސް އިންނެވިއެވެ. ގުރުއާނުގެ އާޔަތްތަކުގެ ކީރިތިކަމާ މޫރިތިކަމުން ކުރެއްވި އަސަރުން ލޯފުޅުން ކަރުނަ ފޮދު އޮހިގަތެވެ.
"އުންމު ތާރިގު. އަދިވެސް ދަރިކަލުންނަށްޓަކާ އިންތިޒާރު ކުރައްވާނަންތޯ؟ ކިތައް އަހަރު މިވީ..އަދިވެސް އެކަމާހުރެ ހިތާމަފުޅު ކުރައްވާތަން ފެނުނީމަ ދެރަވޭ..... "
"ދަރިފުޅާއި އެދަރިފުޅުގެ ބައްޕައަށްޓަކާ ޖާނާއި ފުރާނަ ދޭން ތައްޔާރަށް މިހުރީ. ހިތް ބުނަނީ ކޮންމެވެސް ދުވަހަކުން ދިމާވާނެއޭ. އެކަމަކު މިވަގުތު ލޮލުން ކަރުނަ އައީ މާތްﷲގެ ކަލާމްފުޅު އިވުމުން. ލޮލަށް ނުފެނުނު ކަމުގައިވިޔަސް ޝޭޚުގެ ވާހަކަތައް ހިތުގައި ހަރުލާ. އަދި ﷲގެ ކަލާމްފުޅު ހިތު ދަސްވަމުން މިދަނީ. ގިނަގިނައިން އަޑުއެހުމުން ހިތަށް ފިނިކަން ލިބިދޭ. ޔޫސުފް ސޫރަތުން ވަކިން ހިތްވަރު ލިބޭ..." އުންމު ތާރިގު ސަލަމާގެ އަތުގައި ހިފަހައްޓަވާލައްވައިގެން އިންނެވިއެވެ.
"އަދި ދިމާވާނެ އިންޝާﷲ......"
"ހިތްބުނަނީ މަގޭ ގަލްބީ މިހާރު ވަރުގަދަ ފަހުލަވާނަކަށް ވެދާނެއޭ. ކާފަރުންނާއި ދެކޮޅަށް އެ ދަރިފުޅު ކަނޑި އުފުލައިލުން ވާނީ މި މަންމައަށް ލިބޭ އުފަލަކަށް. އެފަދަ ދުވަހެއް ދައްކަވާށި...." އުންމު ތާރިގު ދުޢާކުރެއްވިއެވެ.
"އާމީން...." ސަލަމާވެސް އަތް އުފުލައިލިއެވެ.
***
ތާރިގުއާއި އެކުވެރިން ބޮޑެތި އަލިފާންގަނޑުތައް ޖަހައިގެން އަނދިރިކަމާއި ފިނިކަމުން ހިމާޔަތް ހޯދިއެވެ. ފަރުބަދައިގެ ކައިރީގައި ކޭމްޕްކޮށްގެން ތިބިއިރު ދެކެވުނީ ކުސައިލާގެ ވާހަކަތަކެވެ. އެންމެންވެސް ތިބީ ސަމާލުވެއެވެ. ހަގުރާމައިގެ ދަހަނާ އަޅާ ކަނޑިއާއި އައްޑަނަތައް އަދި ނޭޒާތައް ހިފައިގެން ހަގުރާމައިގެ ހާލަތުގައެވެ. ޔޫސުފް އަލިފާންގަނޑުގެ ކައިރީގައި އެއްޗެއް ރޯފިލުވަން އިނެވެ. އޭނަ ތައްޔާރުކުރި އެއްޗެއް ތާރިގު އަށް އެންމެ ކުރިން ދީފައި ނޫނީ އަރުން އެތެރެނުކުރެވޭނެއެވެ. ޔޫސުފްއަކީ އަވަށްޓެރިއެކެވެ. ބަޝަރުގެ ދަރިއެކެވެ. އައްބާދުއާއި ލޫލޫ ފަދައިން ތާރިގުގެ އެންމެ ގާތް އެކުވެރިއެކެވެ.
"ޔާ ތާރިގު. އެއްޗެއް ކައިލީމަ ހަގުރާމަ ކުރެވޭނީ...." ޔޫސުފް ވަކަރު ތަށްޓެއް ދިއްކޮށްލިއެވެ. އޭގައި ހުރީ ބާރލީ ޕާނާއި ފިހުނު މަހެވެ.
"ބަނޑަށް ހުރެ ހަގުރާމަކުރަން ދަސްކޮށްގެން މިހިރީ. އެކަމަކު ޔޫސުފް ގެނައިމަ ކާން ޖެހޭނެ.." ތާރިގު ތަށި އަތުލިއެވެ.
"ދިރިއުޅުމަކީ ހަގުރާމައެއް. ގިނަ ކަންތައްތަކާއި ކުރިމަތިވާނެ..." ޔޫސުފްއަށް ތާރިގުގެ ހިތްޕުޅުގައި ވާ ވޭން އިހުސާސްކުރެވެއެވެ.
"ލޯބިވާ އެންމެން ގެއްލުނީ. ލޫލޫއާއި އައްބާދު. މަންމާފުޅު. އަދި ބައްޕާފުޅު ދުނިޔެއާއި ވަކިވެގެން އެދިޔައީ. އަހަންނަށް އެކަކަށްވެސް ހިމާޔަތެއް ނުދެވުނު..." ތާރިގު ވިދާޅުވިއެވެ.
"ބައްޕާފުޅަކީ ބަތަލެއް. މުސްލިމެއްގެ ގޮތުގައި ޝަހީދުވީ. ކުސައިލާގެ ލަޝްކަރާއި ގުޅުވަން މަޖުބޫރުކުރުމުންވެސް އެއްބަސްވެ ވަޑައިނުގަތީ.އެހެންނޫންނަމަ ރަނާއި ރިހިން މުއްސަދިކަން ލިބުނީސް. ރޫމީންގެ ފަރާތުން ކުސައިލާއަށް ޚަޒާނާ ހަމަ އޮއްސާލަނީ..............." ޔޫސުފް ބުނެލިއެވެ.
"ބައްޕާފުޅު ސާބިތުކޮށްދެއްވީ މުސްލިމުންކަން ތެދުމަގުގައި ތިބީ. މިހާރު އަޒުމަކީ މަންމާފުޅު ހުންނެވި ތަނަކުން ހޯދުން........." ތާރިގު ވިސްނުމެއްގެ ތެރޭގައި އިންނަވާފައި ވިދާޅުވިއެވެ.
"އަޒުމާ ހިތްވަރާއެކު މަސައްކަތްކޮށްފިއްޔާ މާތް ރަސްކަލާނގެ ކާމިޔާބު ދެއްވާނެ..." ޔޫސުފް ހިނިތުންވެލިއެވެ.
ކުސައިލާގެ ލަޝްކަރާއި ބެހޭގޮތުން ވާހަކަދައްކަމުން ގޮސް އެއް ޒުވާނަކު ބުނެލިއެވެ.
"އެމީހުން ލަޝްކަރު ބޮޑަސް އަހަރެމެން ގާތަށް އާދޭސްކުރަން އަދި އަންނާނެ.."
"ބަރުބަރުންގެ ހިތްވަރުގަދަ އެތައް ޒުވާން ފަހުލަވާނުން މި ލަޝްކަރާއި ގުޅިއްޖެ. ކުސައިލާގެ ހިތުގައި ތާރިގުއާއިމެދު ހަސަދަވެރިކަން އޮތްވަރު އެނގެނީއެއް ނޫން.."
"މުސްލިމުން ދެކެ ހާދަ ވަރަށޭ ޖެހިލުންވަނީ....."
އެވާހަކައިގާ ތިއްބާ ފިޔަވަޅުތަކުގެ އަޑަށް އެންމެން ސަމާލުކަމަށް އައެވެ. އިރުކޮޅަކުން އަނދިރީގެ ތެރެއިން ނުކުމެގެން އައީ ކުސައިލާގެ ލަޝްކަރުން ބަޔެކެވެ.
"ކަލޭމެން ކީއްކުރަން ތިއައީ؟ " ތާރިގު އެމީހުންގެ ކުރިމައްޗަށް ވަޑައިގެންނެވިއިރު ޔޫސުފް އެއްފަރާތުގައެވެ. ކަޅި އަޅާލައިގެންނެވެ. ލޮލުންވެސް މީހަކު ފިއްސާލަފާނެފަދަ އަލިފާނުގެ ބެލުމެކެވެ.
"ކުސައިލާ ގެ އަމުރަށް މިއައީ. މުސްލިމުންގެ ބޮޑު ލަޝްކަރެއް އަހަރެމެންނާއި ހަގުރާމައަށް އެބައާދޭ. އެހެންވެ ކުސައިލާ ބޭނުންވަނީ ތާރިގު ލަޝްކަރާއެކު ގުޅިވަޑައިގަތުމަށް...."
"އަހަރެން މިހިރީ ރޫމީންނާއި ގޫތުންގެ އަނިޔާވެރިކަން ދެކެ ފޫހިވެފައި. މުސްލިމުންނާއި ދެކޮޅަށް ކުރާ ހަގުރާމައެއްގައި ބައިވެރިވާކަށް ބޭނުމެއްނޫން. ކަލޭމެންގެ ލަޝްކަރުގެ ބޮޑުކަމާއި ކުޅަދާނަކަމުން ފަޚުރުވެރިވަމެއްނު. އެކަން ދުނިޔެއަށް ދައްކަބަލަ..." ތާރިގު މަލާމާތުގެ ފާޑަކަށް ހިނިފުޅުވަޑުވައިލެއްވިއެވެ.
"އެމީހުުން ބަލިކޮށްފައި ކަލޭމެން ނިންމާލާނީ. ހަދާންކުރާތި." އެތަނުން އޮފިސަރަކު ރުޅިއަރައިގެންފާ ކަނޑި ނަގަން އުޅުމުން ޔޫސުފް އެދޭތެރެއަށް ވަންނާން އުޅުމުން ތާރިގު ހިފެހެއްޓިއެވެ.
"ކަންބޮޑުނުވޭ ޔޫސުފް. އަހަރެންގެ ގައިގެ އިސްތަށްޓެއްގައި ބީހިލިޔަސް އޭނަ ބިމުގެ ފަނިތަކުގެ ކާނާއަކަށް ހަދައިލާނަން.." ތާރިގު އޮފިސަރު އިތުރަށް ރުޅި އަރުވާލުމުގައި ކާމިޔާބުކުރިއެވެ. މިފަހަރު އެމީހާއަށް ތާރިގުގެ ލޯފުޅަށް ބަލާފައި ހާސްވެ ހިންދިރުވައިލެވިއްޖެއެވެ. އެ ޝަޚުސުން ކުރުވި އަސަރަކުން ފިނިވެ އޭނަ ފަހަތަށް ޖެހިލިއެވެ. އަދި އޭނައާއެކު އައި މީހުންނަށް އެބުރިދާން އެންގުމުން ޔޫސުފް ހިނި އަންނަގޮތްވިއެވެ.
"އެވަރުގެ ފިޑިން މުސްލިމުންނާއި ހަގުރާމަކުރާ ވާހަކަ އެބަ ދައްކާ. މިފަހަރު ކުސައިލާގެ ލަޝްކަރު ރަގަޅު ބަލިވުމަކުން ބަލިވާނެހެން ހީވޭ.........."
ވިނަގަނޑުމަތީގައި ވާ ރަޖާމަތީ އޮށޯވެލައިގެން އަލިފާނުގެ މަޑުހޫނުކަން ފޯރާ ހިސާބުގައި އޮތް ތާރިގުގެ ވިސްނުންފުޅު އެކި ދިމާލަށް ދަތުރުކުރިއެވެ. މުސްލިމުންނާއި ގުޅެންވެސް ހިތަށް އެރިއެވެ. ބައްޕާފުޅުގެ އަޒުމް ވަރުގަދަކަމާއެކު ދީނަށްޓަކާ ޝަހީދުވެގެން ދިޔަގޮތުން ހައިރާންކަމެއް ލިބިވަޑައިގަތެވެ. މަންމާފުޅު އުޅުއްވާނީ ކޮން ހާލެއްގައިހެއްޔެވެ؟ ދުނިޔޭގައި އެބަ ހުންނެވިހެއްޔެވެ؟ ލޫލޫއާއި އައްބާދުގެ މަތިންވެސް ހަދާންވިއެވެ. އެތައް އިރެއްވީއިރުވެސް އަވަހާރަފުޅު ނައިސް ދެއަތަށް ފުރޮޅި ވަޑައިގަންނަވަން އޮންނެވިއެވެ.
***
ތާރިގުގެ ފަރާތުން ލިބުނު ނާއުއްމީދީ ޖަވާބުން ކުސައިލާގެ ރުޅިގަނޑު ކެކި އަރައިގަތެވެ. ނަމަވެސް އެމީހުންނާއި ހަގުރާމަކުރެވެން ދެވޭކަށްވެސް ނެތެވެ. އޭނަ ގަބީލާގެ އިސް ފަރާތްތަކާއި ބައްދަލުކުރިއެވެ. އެމީހުން ނިންމީ ގައިރަވާންއިން ފައިބައިގެން ގޮސް ޓްރިޕޮލީއާއި ދިމާލަށް މުސްލިމުން ގެންގޮސް އެމީހުން ވަށާލުމަށެވެ. ވާގޮތަކުން އެމީހުން ބަލިވިޔަސް ފަރުބަދަތަކާއި ޖަންގަލީގެ ހިމާޔަތް ހޯދޭނެއެވެ. ގައިރަވާންއާއި އެއް ދުވަހުގެ ރާސްތާއަށް ދަތުރުކޮށް އެހިސާބުގައިވާ ފަރުބަދައެއްގެ ބުޑުގައި ކޭމްޕްކުރިއެވެ. އެމީހުންގެ ފަހަތުގައި ވާގޮތަށް ފަރުބަދަ ހުރުމުން ފަހަތުން ލިބުނު ރައްކާތެރިކަމަކަށްވިއެވެ. ފަހަތުން ހަމަލާއެއް އަތުވެދާނެކަމަށް ވިސްނާކަށް ނުޖެހޭނެއެވެ.
އެހިސާބުން ޒުހޭރު ބިން ގައިސްގެ ލަޝްކަރާއި ބަރުބަރު ލަޝްކަރު ބައްދަލުވެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވުނެވެ. އެތައް ބަޔަކު އެ ހަމަލާގައި މަރުވިއެވެ. ހަވީރުއަތަށް އެެޅުނުއިރު ކުސައިލާވެސް މަރުވެގެން ވެއްޓުނެވެ. ލީޑަރުގެ މަރާއި ގުޅިގެން ހިތްވަރު ބަލިވެ ފިޑިވި ބަރުބަރުން ހަގުރާމައިގެ މައިދާން ދޫކޮށް ފިލަން މިސްރާބު ޖެހީ ޖަންގައްޔާއި ދިމާލަށެވެ. ދުނިޔެއަކީ އެފަދަ ތަނެކެވެ. ކުސައިލާއަށްވެސް ވެރިކަން ކުރެވުނީ ފަސް އަހަރަށެވެ. ދުނިޔެ ދޫކޮށް ދާން ޖެހުނީއެވެ.
ޒުހޭރު ބިން ގައިސް ގައިރަވާންއަށް ވަޑައިގެން އެފްރިކާގައި މުސްލިމުންގެ ވެރިކަން އިއުލާން ކުރެއްވިއެވެ. ކުރީގައި މުސްލިމުން ތިބި މަގާމުތައް އަލުން ދިނެވެ. އިސްލާމްދީނުގެ މިންގަނޑު އަނެއްކާވެސް ވައިގާ ހިފިއެވެ. ޝަހަރުތަކުގައި ބަންގީގެ އަޑު އިވެންފެށިއެވެ. އަދި ގުރުއާނުގެ ޝަރީއަތާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތް ދިރުވިއެވެ. އެކަލޭގެފާނު ވެރިކަން ކުރެއްވިގޮތަށް އެތަނުގައި ވެރިކަން ކުރަންފެށުނެވެ. ހުރިހާ ކަމެއް ހަމަޔަކަށް އަޅުވައިލައްވާފައި ޒުހޭރު އެނބުރި ވަޑައިގަތީ ބަރްގާއަށެވެ.
"އަހަރެން ޖިހާދު ކުރުމުގެ ބޭނުމުގައި ނޫނީ މިތާކަށް ނާންނަން. އަހަރެން ބިރުގަނޭ މިތަނުގެ ސަބަބުން އަހަރެން ދުނިޔެއަށް ލޯބި ޖެހި ގެއްލި ހަލާކުވެދާނެތީ..." ޒުހޭރު ބިން ގައިސްގެ އަޅުވެރިކަމާއި ޒާހިދުކަމުން އެކަލޭގެފާނުވެސް ވެރިކަން ބޭނުން ފުޅެއްނުވިއެވެ. ގަވަރުނަރުކަން ލިބެން އޮތެވެ. މުއްސަދިކަމާއި އަރާމުގައި ދުނިޔޭގައި އުޅުއްވުމަށް ދައުވަތު ލިބުނެވެ، ނަމަވެސް އެކަލޭގެފާނު ގައިރަވާންގައި ވެރިކަން ކުރައްވާނެ ބަޔަކު ބައިތިއްބާފައި ލަޝްކަރާއިގެން ބަރްގާއާއި ދިމާލަށް ދަތުރުކުރެއްވީއެވެ. އެކަލޭގެފާނަށް އެރަށުގައި ކަންތައް ވެފައިވާ ގޮތް އެނގި ވަޑައިގަތްނަމަ އެއަށްވުރެ ބާރަށް ދަތުރު ކުރެއްވީއެވެ.
***
ރޫމީންގެ ޝެހެންޝާހަށް ޒުހޭރު ބިން ގައިސް ކުސައިލާއާއި ހަގުރާމައަށް ވަޑައިގެންނެވިކަން އެނގުމާއެކު ބޮޑު ލަޝްކަރެއް ބަރްގާއާއި ހަމަލާއަަށް ފޮނުވިއެވެ. އެމީހުން އެރަށަށް އެރިއިރު ދިފާއުގައި ހަމަލާދޭނެ އެއްވެސް ހަގުރާމަވެރިއެއް ނެތެވެ. ރޫމީ ސިފައިން އެރަށަށް އަރާ ލޫޓުވާ އެތައް ބަޔަކު އަޅުންގެ ގޮތުގައި ގެންދިޔައެވެ. ޒުހޭރުއަށް ވަޑައިގެންނެވުނުއިރު ރޫމީން އެރަށުން ހައްޔަރުކުރި މުސްލިމުން ގަދަކަމުން ނާފަހަރުތަކަށް އަރުވަނީއެވެ. ގަދަކަމުން ހަރުގަނޑުތަކާއި ދިމާލަށް ގަންނަވާލާ އަރަން މަޖުބޫރުކުރުވައެވެ. މުސްލިމް ލަޝްކަރު ފެނުމުން އެމީހުން އެހީއަށް އެދި ހަޅޭއްލަވަން ފެށިއެވެ. ލަޝްކަރު ރުކުވައިލާނެ ފުރުސަތެއްވެސް ލިބިވަޑައެއް ނުގަތެވެ. އެހެން ނޫންނަމަ މުސްލިމުން ސަލާމަތެއް ނުކުރެވޭނެއެވެ. ހައްޔަރުކޮށްފައިވާ މުސްލިމުން ސަލާމަތްކުރަން ވަގުތުން ހަމަލާދޭން ޒުހޭރު އެންގެވިއެވެ. އެއާއެކު މުސްލިމުން ހިތްވަރުލާފައި ހަމަލާދިން ނަމަވެސް މިފަހަރު ނަސީބު އެހީއެއްނުވިއެވެ. ޒުހޭރުއާއި އެކަލޭގެފާނުގެ އެކުވެރިން ޝަހީދުވެ ރޫމީންނަށް ކާމިޔާބުވީއެވެ. އެމީހުން މުސްލިމުން ގޮވައިގެން ނާފަހަރުގައި ދަތުރު ކޮށްފައިގޮސް އޮބާލައިފިއެވެ.
ސަލާމަތް ވީ ބޭކަލުން ދަތުރުކޮށް ދިމިޝްގަަށް ގޮސް އަބުދުލްމާލިކްގެ އަރިހުގައި އެ ހިތާމަވެރި ޚަބަރު ދަންނަވައިފިއެވެ. ޚަލީފާ ހިތާމަފުޅު ކުރެއްވިއެވެ. އެ ހަގުރާމައިގާ ބަލިވުމުން އެކަނިއެއް ނޫނެވެ. ޒުހޭރުގެ ވަކިވެ ވަޑައިގަތުމުންނެވެ. އެއީވެސް އުގުބާބިން ނާފީފަދަ ބޭކަލަކަށް ވާތީއެވެ. އުއްމީދާއެކު ފެށުނު މާތް ހަގުރާމައެއްގެ ނިމުން ހިތިގޮތުގައި އައިސް ކާފަރުންގެ ފަރާތުން އެފްރިކާ ސަލާމަތްކުރުން އަނެއްކާވެސް ހިތާމަވެރި ނިިމުމަކަށް އައީއެވެ. ޒުހޭރުއަށްޓަކާ މުޅި އިސްލާމީ ދުނިޔެ ހިތާމަފައުޅުކުރިއެވެ.
އަނެއްކާވެސް ރޫމީންނަށް ކުރި ލިބި ގައިރަވަނާވެސް ބީވެގެން ގޮސް ކުރިން ތިބި ހިސާބަށް މުސްލިމުންނަށް ފަހަތަށް ޖެހެން މަޖުބޫރުވީއެވެ. ގައިރަވާންއަކީ މުސްލިމުންގެ ޝަހަރަކަށްވިޔަސް މުސްލިމުންގެ ބާރު ކެނޑިއްޖެއެވެ. އަނެއްކާވެސް އެފްރިކާގެ ފަތަހަ ނިމުމަކަށް އައީއެވެ.
***
ގޫތުން ރަސްކަން ކުރަމުން އައި ޓޮލޭޑޯއަކީ ސްޕޭނުގެ މެދުތެރޭގައިވާ ރަށެކެވެ. އެ ޝަހަރުގައިވާ އިމާރާތްތައް ފަރުމާކޮށްފައިވާ ގޮތަށް ބަލައިލާއިރު ގޫތު އަދި ރޫމީންގެ ގޮތްގަނޑު ފެންނާން ހުއްޓެވެ. ކިއްލާތަކާއި ގަނޑުވަރުތަކާއި ހަވޭލީ އަދި ފައްޅިތަކުން ފުރިފައިވާ ތަނުގައި ބޮޑު އާބާދީއެއް އޮތެވެ. ފަރުބަދަތަކުގެ އުނގުގައިވާ އެ ރީތި ޝަހަރުގެ ވަށައިގެން ކަހަލަ ގޮތަކަށް އޮތީ ތާގޫސް ކޯރެވެ. އުތުރުން ފިޔަވައެވެ. އެހެން ފަޅީގައި އުޅޭ މީހުންނަށް ސަތަހަ ފެނުމުން މަނާކޮށްދެނީ ފަރުބަދަތަކެވެ. ދުރުދުރަށްދާން ދެން ފެންނަނީ ޒައިތޫނު އަދި މޭބިސްކަދުރު ދަނޑުތަކެވެ. އޯކް އަދި ޕައިން ޖަންގަލިތަކެވެ. ކޯރާއި ދިމާލުން މޭވާ ދަނޑުތަކާއި އެހެން ބިޔަގަސްތަކެވެ. ޝަހަރުގެ ކޮންމެ ގެއެއްގެ ކުޑަދޮރުން ބަލައިލި ކަމުގައިވިޔަސް ފެންނަނީ ހިތްގައިމު އާޝޯޚުވާފަަދަ ގުދުރަތީ ރީތިކަމެވެ.
ރަސްގެފާނު ދިރިއުޅުއްވާ ގަނޑުވަރު ބިނާކޮށްފައިވަނީ އިރުއުތުރުން ތަންކޮޅެއް އުހުގައެވެ. ތިރިން ފެންނަން އޮންނަނީ ތާގޫސް ކޯރެވެ. ގަނޑުވަރުގެ ވަށައިގެން ތަފާތު ވައްތަރުގެ ގަސްތަކެވެ. ފަރުބަދަމަތީގައި ވިނަތައް ހެދި އެކި ކުލައިގެ މާތައްފޮޅިފައިވާއިރު ލޯތަކަށް ފިނިކަމެއް ލިއްބާދެއެވެ. ކޯރާއި ގުޅިފައިވާ ކުދި ފެން އާރުތަކުން އިތުރަށް މުއްސަދިކުރުވައެވެ. ކޯރާއި ދިމާލުން ނޫނީ އެހެން ހިސާބުން ފާރުތައް ރާނާ ވަރުގަދައަށް ފޯރި މެރުމުގައި ރަސްގެފާނުގެ ސިފައިން ދާއިމީކޮށް ތިބޭތަން ފެނެއެވެ. ކޯރު ހުރަސްކޮށް ބަޔަކު ގަނޑުވަރަށް ވަދެފާނެކަމަށް ހީނުކުރަނީ ކަމަށް ވެދާނެއެވެ.
ނުނިމޭ