"އިންޝާﷲ. ޔަގީން......" ތާރިގުގެ އަޑުފުޅުގައި ކޮމާންޑަރެއްގެ ހުންނަންޖެހޭފަދަ ގޮޮތެއް ހުއްޓެވެ. އެތާ އެވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ މޫނުމަތިން ހިތްހަމަޖެހުން ފެނުނެވެ. ތާރިގުއަކީ އަންދަލުސްފަދަ ގައުމަކަށް ހަމަލާދޭނެވަރުގެ ގާބިލުކަން ހުރި ޒުވާނެކެވެ. އެ ބާރުގަދަ މުލައްދަނޑިފުޅާއި ޖާނުގެ ވަރުގަދަކަމާ އެހެރަ ވަރުގަދަ ޝަޚުސިއްޔަތަކުން ދުޝްމިނުން ސިއްސުވައިލައެވެ. އޭނައާއި މުގަބަލާ ކުރަން ނުކުމެއްޖެ ހަގުރާމަވެރިޔަކު ބިރުން ފިތްކަނޑުވާލާނެއެވެ. ދީނަށްޓަކާ ޝަހީދުވާން ތައްޔާރަށް ހުރި މުޖާހިދެކެވެ.
"އެއްވެސް ބޭކަލަކު އިތުރު އެއްޗެއް ވިދާޅުވާން ބޭނުންފުޅުތޯ........"މޫސަ ސުވާލުކުރެއްވިއެވެ/
"ކޮންމެހެން ދެކޮޅުހެދުމުގެ ނިޔަތުގައެއް ނޫން. އެކަމަކު އަޅުގަނޑު ބުނަން ޖެހޭ ވާހަކައެއް އެބައޮތް................" ކޮމާންޑަރު އާމިރު ތެދުވެވަޑައިގަތެވެ. "އަދި އަޅުގަނޑަށް ފެންނަނީ މިކަމާއިބެހޭ ގޮތުން ރަގަޅަށް ވިސްނަވާފައި ގޮތެއް ނިންމެވުން....."
"ކޮންކަމަކާއި ވިސްނަން ޖެހެނީ؟ " މޫސަ ސުވާލުކުރެއްވިއެވެ.
" އަޅުގަނޑު ދަންނަވަން އުޅެނީ ކޮމާންޑަރު ތާރިގުއާއި ގުޅޭ ވާހަކައަކަށްވީމަ އެކަލޭގެފާނު މިތަނުން ނުކުމެ ވަޑައިގެންނެވުމުން އެ ވާހަކަ ދައްކަން ފަސޭހަވާނެކަމަށް ފެނޭ..." އާމިރު ވިދާޅުވިއެވެ.
"އެންމެ ރަގަޅު." މޫސާ ބިން ނުސައިރު އިޝާރާތުން ތާރިގްއަށް އެންގެވީ ކޮޓަރިން ނުކުމެވަޑައިގަތުމަށެވެ.
"އަޅުގަނޑު އެއްގޮތަކަށްވެސް ތާރިގް އަންދަލުސްއަށް ފޮނުވާ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވުމާއިމެދު ދެކޮޅު ހަދަނީއެއް ނޫން. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ ހަގުރާމަވެރިން އޭނައަށް އެހާ އިހުތިރާމްކޮށް ބަލައިގަންނާނެ ބާވައޭ. އޭނައަކީ ބަރުބަރެއް އަދި އަޅެއް. އެހާ ފަސޭހައިން ހަގުރާމަވެރިން އޭނައަށް ކިޔަމަންތެރިވާނެ ހެން ހިޔެއްނުވޭ...." އާމިރު ވިދާޅުވިއެވެ.
"ތާރިގު ދަންނަތާ އެތައް އަހަރެއްވެއްޖެ. ތިޔަ ވިދާޅުވި ފަދައިން އޭނައަކީ އަޅުގަނޑު އަޅެއްގެ ގޮތުގައި ގެންގުޅުނު ޒުވާނެއް. އަރަތްބަކަށް ނުވިޔަސް އޭނައަކީ ކުޅަދާނަ ފަހުލަވާނެއް. އޭނަ ހަގުރާމައަށް ފޯރިއާއި ޖޯޝް ހުރޭ އަދި އޭނަގެ ވިސްނުން ތޫނުކަމާއި ވެރިއެއްގެ ގޮތުގައި އެހެރަ ސިފަތައް އެހެން މީހަކާއި އަޅާ ކިޔޭވަރެއްވެސް ނުވޭ. އެހެންވެ އޭނައަށް އިތުބާރު އެބައޮތް....." މޫސަ ތާރިގުގެ ދިފާއުގައި ވާހަކަފުޅު ދެއްކެވިއެވެ.
"އަޅުގަނޑުވެސް ގަބޫލުކުރާގޮތުން މި މަސައްކަތަށް ތާރިގު ބިން ޒިޔާދު އެކަށީގެންވޭ. އޭނަ އަޅުވެރިވެފައި އިސްލާމް ދީން ރަގަޅަށް އެނގޭ. އަދި ތެދުވެރި އިތުބާރުކުރެވޭ ހަގުރާމަވެރިއެއް. އަދި އެންމެ ޚާއްސަކަމަކީ އޭނަ އެހާ ޖެހިލުންކުޑަ ކުޅަދާނަވެފައި ހަރުކަށިކަންވެސް ހުރީމަ......." އުމައިރުވެސް އޭނަގެ ތާއީދު އޮތްކަން ހާމަކުރެއްވިއެވެ.
***
"އައްސަލާމް އަލައިކުމް. އަހަރެން މިއައީ ގަވަރުނަރުގެ ފައިންޕުޅު ދެކެން. އަހަންނަކީ ޒިޔާދް ބިން ތާރިގު..." ޒިޔާދު ދޮރުފާރަވެރިޔާއާއި ވާހަކަދެއްކެވީ އަލި މޫނަކާއެކުގައެވެ.
"ވައަލައިކުމުއްސަލާމް. މާތް ﷲ ރަހުމަތް ލައްވާށި. އާދެ ސާހިބާ. އަވަހަށް ވަދެ ވަޑައިގަންނަވާ....." ދޮރުފާރަވެރިޔާ އަދަބުވެރިކަމާއެކު ދެންނެވިއެވެ.
މުށިކުލައިގެ ދިގު ޖުއްބާއަކާއި އެކު އިސްތަށިފުޅުގައި އަޅުއްވާފައިވާ ޗޮކްލެޓްކުލައިގެ ފަގުޑީގެ ސަބަބުން ޒިޔާދު ގެ ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. ކޮންމެ ހަރަކާތެއްގައި ފިރިހެންވަންތަކަން ހުއްޓެވެ. ގަދަބުމައާއެކުވެސް ހިތްހެޔޮ އަލި މޫނެއްގެ ވެރިއެކެވެ. މޫސާ ބިން ނުސައިރު މޭޒުދޮށުގައި މަސައްކަތެއްގައި އިންނަވާފައި ފޮތް ލައްޕާލެއްވުމަށްފަހު ޒިޔާދު އަރިހު އިށީދެވަޑައިގަންނަވަން އެންގެވިއެވެ.
"އަޅުގަނޑު ޒިޔާދު މިގެނައީ މުހިއްމު ވާހަކައެއް ދައްކައިލަން. ޒިޔާދުގެ ހަގުރާމަތަކުގައި ދައްކަވާފައިވާ ކުޅަދާނަކަމާއި ހިތްވަރު ތައުރީފުކޮށް ކޮޅަކުން ނުލާނެ. އަދި އެންމެފަހުން ޚަލީފާއާއި ދެކޮޅަށް ބަޣާވާތްކުރި މީހުން ބަލިކޮށްލެއްވި ގޮތަކީ މިސާލެއް. އެމީހުންގެ ލީޑަރުން ފަރުބަދަތަކުގެ ތެރެއަށް ވަދެ ފިލައިފި. އަބަދަކު އެހެނެއްވެސް ނުތިބެވޭނެ. އެކަމަކު އެ ވާހަކަ އިހަށް ބާއްވަމާ..." މޫސާ ބިން ނުސައިރު ތާރިގުގެ އަރިހު އިށީދެ ވަޑައިގަތެވެ.
" އަޅުގަނޑު ޚަލީފާ އަލްވަލީދު ބިން އަބުދުލް މުލްކުއަށް ފަތްކޮޅެއް ލިޔެފިން. އަންދަލުސްގެ ހާލަތާއި އެތަނުގެ މީހުންނަށް ލިބެމުންދާ އަނިޔާތަކާއި އުފުލަމުންދާ ކެކުޅުންތައް ބަޔާންކޮށް ހުރިހާ ވާހަކަތަކެއް ލިޔެފިން. ދިމިޝްގަށް ދާ މަގުތައް ދިގުވެފައި ނުރައްކާތެރިކަން އެނގިވަޑައިގަންވާނެ. އެކަމަކު ޒިޔާދުގެ ހިތްވަރާއި ޖެހިލުންކުޑަކަމަށް އިތުބާރުކުރަން. މިފަތްކޮޅު ދިމިޝްގަށް ގޮސް ޚަލީފާގެ އަތްޕުޅަށް އަރުވަން ތިހާ އެކަށީގެންވާ ބޭކަލެއް ނެތް." މޫސާ ބިން ނުސައިރު މޭޒުމަތީގައި އޮތް ފަތްކޮޅު ގެނެސް ޒިޔާދުގެ އަތްޕުޅަށް އެރުވިއެވެ." ވަރަށް އަވަހަށް ދަތުރުކުރައްވާފައި ޚަލީފާގެ ގަނޑުވަރަށް ވަޑައިގަންނަވާ. ވަގުތު ވަރަށް ކުޑަވެއްޖެ...."
***
ޒިޔާދުއާއި އޭނައާއެކު ދަތުރުކުރަމުން ދިޔަ ދެ ސަވާރީން ހަނި މަގުތަކާއި ވާދީތައް ހުރަސްކޮށް ދަތުރުކުރަމުން ދިޔައިރު ބިންގަނޑުވެސް ފަތްޖަހާލާފާދައެވެ. އެތައް ދަމެއްވާންދެން ދަތުރުކުރުމުގެ ސަބަބުން އަސްތަކަށް ވަރުބަލިކަން އިހުސާސްކުރެވި އަނގަ ހުޅުވޭގޮތްވިއެވެ. އެންމެފަހުން އާރުކާޓީއެއްގެ ގޮތުގައި ދަތުރުކުރި ހަމްޒާއަށް އެކަން ފާހަގަކުރެވުނެވެ. އެމީހުންނަށް މަންޒިލާއި ހަމަޔަށް ދަތުރުކުރުމުގައި މަދަދުވެރިވާ ބައިވެރިންނަކީ މި އަސްތަކެވެ. އަސްތަކާއި ނުލާ މި ދުރު މަންޒިލް މިހާ ފަސޭހައިން ކަޑައްތު ކުރާނީ ކިހިނެއްހެއްޔެވެ؟ އަސްތަކަށް އަރާމުކޮށްލުމުގެ ފުރުސަތު ދިނުމުން ދުވެލި ބާރުވާނެއެވެ.
"ކޮމާންޑަރު ތާރިގު. އަސްތައް ކަރުހިއްކާފައި އެތިބީ. މިހިސާބުގައި ސާފު ފެންގަނޑެއް އޮންނާނެ. މަޑުކޮށްލައްވާފައި އަސްތަކަށް ފެންދީފައި ދަތުރުކުރައްވަން ފެނޭ...." ހަމްޒާގެ ޚިޔާލަށް ތާރިގު ވަގުތުން ތާއީދުކުރެއްވިއެވެ.
އަސް މަޑުކޮށްލީ ހިތްގައިމު ވާދީއަކަށެވެ. ހިޔާދޭ ގަސްތައް ގިނަވެފައި އަސްތަކަށް ވިނަކާންދޭން އެކަށީގެންވާ ބިންގަނޑެކެވެ.
އަސްތައް ފެންގަނޑާއި ކައިރިވުމުން ހަމްޒާ ގޮވާލިއެވެ.
"އިހަށް އަސްތަށް އަރާމުކުރިޔަ ދެއްވާ. އޭގެ ފަހުން ފެންދެއްވާނީ.."ދެމެމުންދާ އާރުގެ ކައިރިފަށުގައި އިށީދެ ފެންގަނޑުން ވުޟޫކުރުމަށްފަހު ރަގަޅަށް ފެން ބޮއިފިއެވެ." އަޅުގަނޑު މިހިސާބުގައި ވަރަށް ގިނަފަހަރު ދަތުރުކޮށްފިން. އަޅުގަނޑުމެން ވަރަށް ފަރުވާތެރިވާން ޖެހޭ. މިހިސާބުގައި އުޅޭ ބަދަވީންތައް އަރަބި އަސްތަކަށް ނިކަން ދަހިވެތިވާނެ."
އެވަގުތު ގަހުގެ ހިޔަލުގައި ތިބި އަރަބި އަސްތައް ގޮވަންފެށީ އިންޒާރެއް ދިނުމުގެ ގޮތުންނެވެ.
"އެހެންވިއްޔާ އަވަހަށް ދަތުރުކުރަމާ ހިނގާ..." ތާރިގު ބިން ޒިޔާދުގެ ނަޒަރު ވަށައިގެން ހިންގަވައިލެއްވިއެވެ.
"ލައްބަ ސާހިބާ. މެދުނުކެނޑި ދަތުރުކުރާތާ ސާޅީސް ދުވަހުން އަޅުގަނޑުމެންނަށް އާއްމުކޮށް ދިމިޝްގަށް ފޯރަނީ." ހަމްޒާ ބުނެލިއެވެ.
"މިދާ ސްޕީޑްގައި ކިހާ ދުވަހެއް ވާނެތަ؟ "އުމަރު އެހިއެވެ.
"ތިޔަ ބޭކަލުންގެ ހިތްވަރާއި ސްޕީޑުގެ މައްޗަށް އެކަންތައް ބިނާވެގެންވޭ."ހަމްޒާ ހީލިއެވެ.
"ހަގީގަތުގައި އެކަން ބިނާވެފައިވަނީ އަހަރެމެންނަށް މަގުދައްކާދޭ ތަޖުރިބާކާރު އާރުކާޓީއަށް ކަމުގައި ނުވާނެތަ؟ " ތާރިގު ބިން ޒިޔާދު ވިދާޅުވިއެވެ.
ހަމްޒާ ހިނިގަނޑެއް ޖަހައިލިއެވެ.
"އެންމެ ކުރިން ނަމާދުކޮށް ކާލައިގެން ދާންވާނީ.." ތާރިިގުވެސް ވުޟޫކުރައްވަން ސާފު ފެންގަނޑާއި ކައިރިއަށް ޖެހިވަޑައިގަތެވެ.
***
އިރުއޮއްސުނުއިރު އެ ތިން ބޭކަލުންނަށް ކުޑަ ޝަހަރެއްގެ ރަށް ބޭރަށް އާދެވުނެވެ. އެބޭކަލުން މަޑުކޮށްލީ ދަތުރުވެރިން މަޑުކޮށްލާ ޖަގަހައެއްގައެވެ.
"އައްސަލާމް އަލައިކުމް. މާތް ﷲ ރަހުމަތް ލައްވާށި.."
"އަޅުގަނޑު ތިޔަބޭކަލުންގެ އަސްތައް ބަލަހައްޓާދޭނަން. މަތީ ބަޔަށް އަރާ ވަޑައިގަންނަވާ. އަދި ދަތުރުކުރެއްވުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ ލޮޑުކަން ފިލުވާ ލައްވާ އަރާމުކުރައްވާ. އަޅުގަނޑު އަސްތަކަށް ކާންދޭނަން...." އެ ޖަގަހައިގެ ވެރިޔާ ދެންނެވިއެވެ. "އެންމެ ކުރިން ސޫޕް ހިއްޕަވާ. އަޅުގަނޑުގެ ގާތުގައި މަޑުކޮށްލައްވާ މެހުމާނުންނަށް އަރުވާ ސޫޕްގެ ރަހަގަނޑު ނިކަން ރަގަޅުވާނެ...ރަގަޅަށް ފަރިއްކުޅުއްވާ.................."
"މާތްﷲ ރަހުމަތް ލައްވާށި. ކާން ފަށަމާ. ބިސްމިﷲ...." ތާރިގުއާއި އޭނަގެ ދެ އެކުވެރިންގެ ކުރިމަތީގައި ގެނެސް ބެހެއްޓި ފަރިއްކޮޅަށް އިންސާފު ކުރައްވަން ފެއްޓެވިއެވެ.
"އުމަރު. އަސްތަކަށް ކާންދިނިންތަ؟ " ކަމެއް ހަދާންވެގެން ކަހަލަ ގޮތަކަށް ތާރިގު ސުވާލުކުރެއްވިއެވެ.
" މިތާގެ ވެރިޔާ އަސްތަކަށް ކާންދޭނަމޭ ބުނީމަ މިހުރެވުނީ.."
" ނޫނޭ އުމަރު. ފަރުވާތެރިކަމާއި ސަމާލުވެގެން ތިބުމުގެ ފުރަތަމަ ނުގުތާއަކީ އަހަރެމެންގެ އަސްތަކަށް އަމިއްލައަށް ކާން ދިނުން." ތާރިގު ހަދާންކޮށްލަދިނެވެ.
"ތިކަމާ މިއުޅެނީ...." އުމަރު އަވަހަށް އެތަނުން ނުކުތެވެ.
"މަރުހަބާ މަރުހަބާ.. މަރުހަބާ. އަޅުގަނޑަށް ހީވާގޮތުން ތިޔަ މާތް ބޭކަލުން ވަޑައިގަންނަވަނީ ޝާމަށް. އެހެން ނޫންތޯ މާތް ސާހިބާ....." އެތަނުގެ ވެރިޔާ ތާރިގު ކުރިމައްޗަށް އައެވެ. "އަޅުގަނޑު އަޑުއެހިން މަގުފޭރޭ މީހުން މިދުވަސްކޮޅު ވަރަށް ހަރަކާތްތެރިވެ ގާފިލާތަކަށް ހަމަލާދީ ހަދާކަން. ދުވަސްކޮޅެއްކުރިން ވެސް ގާފިލާއަކަށް ހަމަލާދީ ލޫޓުވައިލި"
"އެހެންވިއްޔާ އަހަރެމެން ވަރަށް ސަމާލުވާން ޖެހޭ.." ޒިޔާދު ބިން ތާރިގު ވިދާޅުވިއެވެ.
***
ލިބުނު މެހުމާންދާރީއާއި ދިން އިންޒާރަށް ސަލާމުވެ ތާރިގު އާއި އެކުވެރިން ދަތުރު ފެށިއެވެ. ވަކި ހިސާބަކަށްގޮސް ދާންވީ މަގު ޔަގީންނުވެގެން މަޑުކޮށްލާން ޖެހުނެވެ.
"އަހަރެމެންނަށް ކުއްލި ހަމަލާއެއް އަތުވެދާނެހެން ހީވޭ. މި ނޫން މަގެއް ނެތްތަ؟" ތާރިގު ހަމްޒާ ކައިރިން އެއްސެވިއެވެ.
"އޮވެދާނެ. އެކަމަކު ވަގުތު ނަގާނެ."
ތާރިގުު ބިން ޒިޔާދު އެމަގު ހުރަސްކުރުމާއި ބެހޭގޮތުން އިރުޝާދު ދިނެވެ. މަގުފޭރޭމީހުންގެ ހިލަމެއްނުވިއެވެ.
"އަހަރެމެންގެ ދުނިދަނޑިއާއި ދުނިތައް ތައްޔާރަށް ބަހައްޓަން ޖެހޭ. ފަހަރެއްގައި ކުއްލި ހަމަލާއެއް އަޔަސް ތައްޔާރުވެގެން ތިބެން ޖެހޭނީ. އެއްވެސް މީހަކު މިވަގުތު އަހަރެމެންނަށް ފާރަލާ ހަމަލާދޭން އުޅޭކަމުގެ ނިޝާނެއް ނުފެނޭ. އެކަމަކު އަހަރެމެންގެ ލޯތަކަށް ވަންހަނާވެ އެމީހުން ފިލައިގެން ތިބުމަކީ އެކަށީގެންވާކަމެއް.. އެކަމަކު މާތްﷲއަށް އިތުބާރުކޮށް ދަތުރު ފަށަމާ..." ތާރިގު ބިން ޒިޔާދު ވިދާޅުވިއެވެ.
އަސްތަކަށް ސަވާރުވެ ދުނިދަނޑިތައް ނަގާ ރުކުވާލަން ތައްޔާރުކޮށް ކުރިއަށް ދަތުރުކުރަމުން ދިޔައިރު ކުއްލިއަކަށް މަގުފޭރޭ މީހުންގެ ޖަމާއަތެއް ހިލަތަކުގެ އެކި ދިމާލުގައި ފިލާ ތިބެފައި އެކި ދިމާލުން ނުުކުތެވެ.
"ސުބުހާނަﷲ ހާދަ ބައިވަރެކޭ.." އުމަރު ކިޔާލިއެވެ.
"ކުރިއަށް ދޭ. ކުރިއަށް ދޭ....ފަހަތަށް ނުބަލައްޗޭ..." ހަމްޒާ ހަޅޭއްލަވައިގަތެވެ.
"ކަލޭމެނަށް އަހަރެެމެންގެ ފަރާތުން ސަލާމަތެއް ނުވެވޭނެ. އަހަރެމެން ކަލޭމެން ވަށާލައިފިން..ހަތިޔާރު ބަހައްޓާފައި އަމާންދީ. ނޫނީ ބޮލާއި ކަނދުރާ ވަކިވާނެ........." މަގުފޭރޭ މީހުންތައް އެތިން ބޭކަލުން ވަށައިލުމަށްފަހު ވަރުގަދަ ހަމަލާއަކުން ހަމަލާދިނެވެ. ތާރިގު ބިން ޒިޔާދުގެ ކޮންމެ ހަމަލާއަކުން ދެތިން މީހުން ބިންމައްޗަށް ތިރިކޮށްލައެވެ.
"ހީނުކުރާތި އެހާ ފަސޭހައިން ކަލޭމެނަށް ސަލާމަތްވެވޭނެޔޭ. އަމާން ދިނުން އެންމެ ރަގަޅުގޮތަކީ.."މަގުފޭރޭ މީހުން އެންގިއެވެ.
ތާރިގުގެ ހިތްވަރުން އެތައް ބަޔަކު ގަތުލުކޮށްލާފައި ކުރިއަށް ދަތުރުފެށިއިރު އަދި އެހެން ދިމާލެއްގައި އެކަކު ދުނިޖަހަން ތައްޔާރުކޮށްލިކަމެއް ނޭގުނެވެ.
"އަލްހަމްދުލިﷲ. އަހަރެމެން އެކަކަށްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެއްޖެ....." ތާރިގު ވިދާޅުވިއެވެ.
"ނޫން. އުމަރު އެއޮތް މަރުވަނީ....." ހަމްޒާއަށް ބުނެވުނެވެ. ތާރިގު ސިހިވަޑައިގަތުމާއެކު ފަހަތަށް ބައްލަވާލެއްވިއިރު އުމަރު އަހުގެ ބުރަކަށިމައްޗަށް ދެމިފައި އޮތް މަންޒަރު ފެނިވަޑައިގަތެވެ. " ނޫން ނޫން އުމަރު ކިހިނެއް ތިވީ؟ "
ޒިޔާދު ބިން ތާރިގު އަހުގެ ބުރަކަށިން ފުންމަވާލެއްވިއެވެ. އަދި އަވަސްއަވަހަށް އުމަރު އަތްދަނޑިމައްޗަށް ނެންގެވިއިރު ބުރަކަށްޓަށް އަރާފައިވާ ދުނި ހުރީ ފެންނާށެވެ. ތާރިގު އޭނަ ވިނަތަކުގެ މަތީ ބާއްވާފައި ހިތްވަރުދެއްވިއެވެ. "ކަންބޮޑުނުވޭ އުމަރު. މާތްﷲ ގެ އިރާދަފުޅާއެކު މިއީ ހަމަ ކުޑަ ކުޑަ ޒަޚަމެއް. ﷲއަށް އިތުބާރުކުރޭ. ހަމްޒާ އުމަރުއަށް އެހީވޭ. އަހަރެން އެމީހުންގެ ކަންތައް ނިންމާލާފައި މިއަންނަނީ....."
"ތާރިގު. އިތުބާރުކުރަން. ހަގުރާމަވެރިންނަށް އޮތީ ދެގޮތުން އެއްގޮތް. އެހެންޏާ ފަތަހަ ނޫނީ ޝަހީދުވުން. ޝަހީދުވުމަށްވުރެ ބޭނުން އެހެން ކަމެއްނެތް.." އުމަރުގެ މޫނުމަތީގައި ދާތިކިތައް ގިނަވެ ވަރުބަލިކަން އިހުސާސްވީއިރުވެސް ތުންފަތުގައިވާ ހިނިތުންވުން ރަމްޒުކޮށްދެނީ އުފާވެރިކަމެވެ. އުމަރު މަޑުމަޑުން ޝަހާދަތް ކިޔަމުން ދިޔައެވެ. މުޖާހިދުންނަކީ މަރުދެކެ ޖެހިލުންވާ ބަޔެއް ނޫނެވެ. އެއީ ދުނިޔަވީ ހަޔާތަށްވުރެ އާޚިރަތުގެ ދަރުމައާއި ނަސީބަށްޓަކާ ފެންބޮވައިގެންފައިވާ މާތް ބޭކަލުންނެވެ. ތާރިގު އުމަރުގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.
ނުނިމޭ