"އުމަރު އެއްކަމަކު ތި ބުނީ ހަމަ ތެދެއް. އެނގޭތަ؟އައްބާދު ދެއްކި ވާހަކަތަކުން އަހަންނަށް ސިއްރެއް އެނގިއްޖެ. އޭނަ އައީ ތާރިގުއަށް އަގުހުރި އެއްޗެއް ހިފައިގެން..." ޔޫސުފް ހިނިގަނޑެއް ޖަހާލާފައި ކިޔައިލިއެވެ.

"އަންދަލުސްއިންތަ؟ " އުމަރު ލޯ ބޮޑުކޮށްލުމާއެކު ޔޫސުފްގެ ގައިގާ ހިފައިގަތެވެ. ކަނދުރާގައި ޚަންޖަރު ޖައްސާލައިފިއެވެ. "ކޯންޗެއް. އަހަރެން ކަލޭހާ ކެތްތެރިކަން ގަދައެއްނުވާނެ. ނުބުނަންޏާ ހަމަ ކަނޑިން ބޯ މި ކަނޑައިގަތީ....."

ދެމީހުން އޮޅުލާ ސަކަރާތް ޖަހާފައި އެންމެފަހުން ޔޫސުފް ދިން ޚަބަރަކުން އުމަރު ޖޯޝާއެކު ފުންމައިގަތެވެ. ހަގީގަތުގައިވެސް ލޫލުއާގެ ސިޓީއެއް ތާރިގުއަށް ލިބުނީހެއްޔެވެ؟ އުމަރުގެ ސުވާލުތައް ކުރިމަތިވުމުން ތާރިގު

***

މޫސާބިން ނުސައިރުއަށް އެފްރިކާގެ ގަވަރުނަރުކަން ލިބިވަޑައިގެންނެވިއިރު އަދި މަޣުރިބު ކަރަ އޮތީވެސް މުސްލިމުންގެ ބާރު ދަށަކު ނޫނެވެ. މޫސަ ނިންމެވީ އެހިސާބު އެއްކޮށް ފަތަހަކުރައްވާ މުސްލިމުންގެ ދިދައިގެ ދަށަށް ގެންނެވުމަށެވެ. އެކަލޭގެފާނު އުގުބާ ބިން ނާފިއު ޝަހީދުކޮށްލެވުނު ހިސާބަށް ލަޝްކަރާއިގެން ވަޑައިގެން އެ ގަބީލާގެ ވެރިޔާ ގަތުލުކޮށް އެހެން އެންމެން އެކަލޭގެފާނަށް ބައިއަތު ހިފަން ޖެހުނެވެ. އުގުބާގެ ދެ ދަރިކަލުން އެ ލަޝްކަރުގައިވިއެވެ. މޫސަ އެ ދަރިކަލުންނަށް ބައްޕާފުޅުގެ ލޭފޮދުގެ ބަދަލު ހިއްޕެވުމުގެ ފުރުސަތުވެސް ދެއްވިއެވެ. ކުސައިލާއަށް ތާއީދު ކުރި ފަރާތްތަކާއި އުގުބާ ޝަހީދުކޮށްލުމުގައި ބައިވެރި ބަރުބަރުންވެސް ކަނޑިތަކުގެ ޝިކާރައަށް ވިއެވެ.

ދެއަހަރުވަންދެން ގައިރަވާންގައި ހުންނަވާ މޫސަ ބިން ނުސައިރު އެފްރިކާގެ ގަވަރުނަރުކަން ކުރެއްވިއެވެ.

އަބުދުލް އަޒީޒު އަވަހާރަވިތާ މާ ގިނަ މަސްތަކެއް ނުވަނީސް ބޭބޭފުޅު އަބުދުލް މާލިކުވެސް އަވަހާރަވިއެވެ. ދެން ޚަލީފާކަމަށް އިސްވެ ވަޑައިގަތީ އަބދުލް މާލިކުގެ ދަރިކަލުން ވަލީދުއެވެ. އޭނައަށް ޚަލީފާކަން ލިބިވަޑައިގަތުމުން ގެންނެވި ބަދަލުގެ ތެރޭގައި މޫސާ ބިން ނުސައިރުއަށް މަޣުރިބު ކަރައިގެ ގަވަރުނަރުކަން ދެއްވިއެވެ. އޭރު އެތަން އޮތީ މުސްލުމުންގެ ބާރުގެ ދަށުގައެއް ނޫނެވެ. ވީމަ މަޣުރިބު ކަރަވެސް ފަތަހަ ކުރައްވަން އެކަލޭގެފާނު ނިންމެވިއެވެ. މޫސަގެ ދެ ދަރިކަލުން އަބުދުﷲއާއި މަރުވާން އަދި ތާރިގު ބިން ޒިޔާދު ކޮމާންޑަރުންގެ ގޮތުގައި ތިއްބަވައިގެން މަޣުރިބު ކަރައިގެ އެތައް ތަނެއް ފަތަހަ ކުރެއްވިއެވެ. ކައުންޓް ޖޫލިއަންގެ ތާންޖާވެސް ލޭ އޮހޮރުވުމަކާ ނުލައި މޫސަބިން ނުސައިރު އަތުލެއްވިއެވެ. ޖޫލިއަން ސަބްތާއަށް ދިޔައީ ކޮންމެވެސް ކަހަލަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ ސުލްހަވެރިކަމާއެކުގައެވެ. އެ ދުވަސްވަރު މޫސަ ތާރިގް ބިން ޒިޔާދުއަށް ތަންޖާގެ ގަވަރުނަރުކަން ދެއްވިއެވެ. އަދި މޫސަގެ އަމުރުފުޅަށް މަޣުރިބު ކަރައިގާ އެތައް މިސްކިތްތައް ބިނާކުރެއްވިއެވެ. ދީނުގެ އިލްމުވެރިން ހުރިހާ ދިމާލަކަށް ފޮނުއްވީ ބަރުބަރުންނަށް ގުރުއާން ކިޔަވާދެއްވާ ދީން އުގަންނަވާ އެމީހުން ތެދުވެރި މުސްލިމުންނަށް ހެއްދެވުމަށެވެ. ކުރިން އޮތް ބަލިކަށި އަގީދާގެ ސަބަބުން ދޭތެރެއަކުން މުރުތައްދުވަމުން އައި ބަރުބަރުންނަށް ހައްގު ގޮތް އެނގި ދީންމަތީ ސާބިތުވިއެވެ.

އެހިސާބުން މޫސަ ބިން ނުސައިރު އެނބުރި ގައިރަވާންއަށް ވަޑައިގަތެވެ. ދެކުނު އެފްރިކާ ފަތަހަވެ ހަގުރާމަ ނިމުނީއެވެ.

މޫސަގެ ހުރިހާ ސަމާލުކަމެއް ދެން ހުއްޓުނީ ކަނޑުގެ އޮޕަރޭޝަން ތަކަށެވެ. ތޫނިސްގެ ކަނޑުގެ އައްސޭރިފަށުގައި ނޭވަލް ބޭސްއެއް ގާއިމު ކުރެއްވިއެވެ. އެތަނުގައި އޮތް ލަޝްކަރުގައި މޫސަގެ ދަރިކަލުން އަބުދުﷲގެ ކޮމާންޑަރުކަމުގެ ދަށުގައި ސިސިލީފަދަ ތަންތަނަށް ހަމަލާދެއްވިއެވެ. އެގޮތުން ލިބިވަޑައިގެންނެވި ޣަނީމާތައް މަދެއްނޫނެވެ. އެކު އޮޕަރޭޝަންތަކުގައި ހައްޔަރުކުރެވުނު ބަރުބަރުންގެ އަދަދު ތިން ލައްކައަށް އެރިއެވެ. މޫސަ ބިން ނުސައިރުގެ އާދަތައް ކުރީގެ ފާތިހުންނާއި ކޮންމެވެސް ވަރަކަށް ތަފާތެވެ. ކުރީގެ ކޮމާންޑަރުންގެ މަގުސަަދަކީ އިސްލާމީ ޝަރީއަތް ގާއިމުކުރުމާއި މަގުފުރެދިފައިވާ ކާފިރުން އިސްލާމް ދީނަށް ވެއްދެވުމެވެ. އަސީރުކުރަނީ ހަމައެކަނި ހަގުރާމައިގެ ތެރެއިންނެވެ. މޫސަ ބިން ނުސައިރުގެ ކޮމާންޑަރުކަމުގެ ދަށުން ހުރިހާކަމެއް ގެންދެވީ ތަފާތުކޮށެވެ. އަދި އޭރު ދުނިޔޭގައި މަޝްހޫރު ކޮމާންޑަރަކަށް އޭނަ ވެ ވަޑައިގެންނެވިއެވެ.

 

***

ގޫތުންގެ ރަސްގެފާނު ވިޓިޒާގެ އެހީތެރިޔަކަށް ހުރި ލުދްރީކްގެ މަކަރާއި ހީލަތް އެ ރަސްގެފާނަށް އެނގި ވަޑައެއް ނުގަންނަވައެވެ. އޭނަ ގެންގުޅުއްވީ އެންމެ ގާތް އަރިސް މީހާގެ ގޮތުގައެވެ. ވިޓިޒާ އާލާސްކަންފުޅެއް ޖެހި ވަޑައިތަގުމުން ލުޒްރީކް ޔަހޫދީ ބޭސްވެރިޔަކު ގެންނެވިއެވެ. އެއީ ބޭސްވެރިކަމުގެ ފަންނުގައި ދެވަނައެއް ނެތް މީހެއްކަމަށް ބުނެ އޮޅުވައިލިއެވެ. ބޭސްވެރިޔާއަށް ލުދްރީކް އަންގާފައި އޮތީ ރަސްގެފާނަށް ވިހައެއް އެރުވުމަށެވެ. އެހެން މީހުންނަށް ޝައްކު ނުވާނެހެން ގިނަ ދުވަހުން އަސަރުކުރާފަދަ ގޮތަކަށް އެ ވިހަ އަރުވަމުން ދިޔައެވެ. އެދުވަސްކޮޅު ވިޓިޒާއަށް މަޖުބޫރުކޮށްގެން ވަސިއްޔަތް ނާމާއެއް ލިޔުއްވިއެވެ. އޭގައި ވަސިއްޔަތްކޮށްފައި އޮތީ ރަސްގެފާނު އަވަހާރަވުމުން ލަޒްރީކްއަށް ރަސްކަން ދިނުމަށެވެ. ރަސްގެފާނުގެ ދަރިކަލުންނަށްވެސް އެކަމާއި ދެކޮޅު ހެއްދެވޭނެ ޖާގައެއް ނެތްވަރަށް ލުދްރީކް އެކަންތައް އޮމާންކޮށް ނިންމައިލީ ނިކަން ހީލަތްތެރިކޮށެވެ.

 

***

މީލާދީގޮތުން ސަތޭކަ އެގާރަވަނަ އަގަރުގެ ޑިސެމްބަރު މަހުގެ ފަންސަވީސްވަނަ ދުވަހު ހެދުނު ވަގުތެވެ. ޓޮލެޑޯގެ އަހުލުވެރިން އަވަދިނެތި އުޅުނީ ކްރިސްމަސް ދުވަސް ފާހަގަކުރުމުގައެވެ. ކްރިސްމަސްދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރަމުން ފައްޅިތަކަށް އެއްވަމުން ދިޔައީ އަޅުކަމަށެވެ. އެގޮތުން އެންމެ ބާރު ބޮޑު ތަނަކަށް ވީ އެމީހުންގެ އެންމެ މުގައްދަސް ފައްޅިއެވެ. ޓޮލެޑޯ ކެތީޑްރަލްއެވެ. އެންމެ އިސް ފާދިރީ އޮޕާސް އެތަނުގައި ހުންނަވާތީ އަދި ރަސްގެފާނު ލުދްރީކް އެ އަޅުކަމުގައި ބައިވެރިވާނެކަން އެނގޭތީ ކުދިބޮޑު އެންމެން އެ ފައްޅިއާއި ފައްޅިއަށް ދާން ހުންނަ މަގުތަކަށް ނުކުތެވެ. ލުދްރީކްއަކީ އާއްމުންނަށް އެހާ ފެންނަ މީހަކަށް ނުވާތީ ދެކެލުމަށެވެ. މި ލިބުނު ފުރުސަތު ނަގައިލަން ގިނަ ބަޔަކު ބޭނުމެއްނުވިއެވެ. ޚާއްސަކޮށް އެންމެ އަންހެނަކުވެސް ގޭގައި ހުރުމަކަށް ނޭދުނެވެ. އަޅުކަމުގައި ބައިވެރިވުމަށްވުރެ ރަސްގެފާނު ދެކެލުމަށެވެ.

ކައުންޓް ޖޫލިއަންގެ ދަރިފުޅު ފްލޮރިންޑާ ބަލިވެ އުޅޭކަމުގެ ބަހަނާ ދައްކާފައި ގަނޑުވަރުގައި މަޑުުކުރިއެވެ. ރަސްގެފާނަށް ފްލޮރިންޑާ ޚާއްސަވެފައިވާ ވަރުނ މައިގަނޑުވަރާއި ގުޅިފައި ހުންނަ ކުޑަ ގަނޑުވަރަށް ފްލޮރިންޑާ ބަދަލުކުރުމުން އެހެން ޖާރިޔާއިންނާއި ޚާދިމާއިން އެކަމާއި ހަސަދަވެރިވިއެވެ.

ފިނިމޫސުމްގެ ރީތި ދުވަހަކަށްވެފައި އިރުގެ އަވި ތާއޫސް ކޯރަށް އެޅި ވިދާއިރު ރިހިފަތްގަނޑެއް ފަދައެވެ. ފްލޮރިންޑާ މި ހިތްގައިމުކަމުން އުފާ ހޯދަމުން ބަގީޗާގެ ތެރޭގައި ހިނގަމުން ކޯރާއި ހަމަޔަށް އައެވެ. ގުދުރަތުން ދެއްވި ހަދިޔާތަކުން ހިތްހަމަޖެހުން ހޯދަމުންނެވެ. ފިނިން ހިމާޔަތް ވުމުގެ ގޮތުން ލައިގެން ހުރި ހެދުމުގެ މަތިން ރަތްކުލައިގެ ކްލޯކެއް ގަޔަށް މަހާލައިގެން ހުރިއިރު އޭގައި ކެހެރިން އަތްކަން އެޅިގެންވިއެވެ. އެތެރެއިން ލައިގެން ހުރި ދަނބުކުލައިގެ ޖަރީކުރި ހެދުމުން ފެންނަން ހުރީ ކުޑަ ތަންކޮޅެކެވެ. ހެދުމުގެ ޖަރީކޮށްފައިވާ ތަންކޮޅާއި އިރުގެ އަލި ކުޅެލުމުން ދިއްލިލާއިރު ޖަވާހިރުތައް ބަބުޅާފަދައެވެ. ފްލޮރިންޑާގެ އިސްތަށިގަނޑުގައި ހުދު ފަށުވި ސްކާފެއްފަދަ އެއްޗެއް އޮޅާލާފައިވިޔަސް އެ ރަންކުލަ އަރާ އިސްތަށިގަނޑު އޮތީ ހާމައަށެވެ. ދެންމެ ފެންވަރާލައިގެން ހައްމާމަކުން އަރައިގެން އައިފަދައެވެ. އެ ފަށުވިން ގަތާފައިވާ ލޭސްފަދަ ފޮތިކޮޅުތެރެއިން އިސްތަށިގަނޑަށް އެޅެމުންދާ އިރުގެ އަލިން ވަކިން ރީތިކޮށް ލައެވެ.

ހެދުންތަކުގެ ތެރޭ ފޮރުވިގެން ހުއްޓަސް އެ ލޫޅާފަތި ހަށިގަނޑާއި ހަމުގެ ރީތިކަން ފޮރުވައެއް ނުލެވުނެވެ. ހަމުގެ ހުދުކަމާއެކު މަޑު ފިޔާތޮށިކުލައެއް އަރާފައިވާއިރު ލޮލުގެ ކުލަތައް އެކިފަހަރު ބަދަލުވާގޮތުން ޝާއިރެއްގެ ގަލަމުންވެސް ބަޔާންކުރަން ދަތްޗެވެ. ފިނިމޫސުމްގެ ސަބަބުން ފަތްތައް ވެރި ބަރަހަނާވެފައިވާ ގަސްތަކުގެ ތެރޭ ހިނގަމުން ދިޔައިރު އެގަސްތައްވެސް އޭނައެކޭ އެއްފަދައިން މާޔޫސްކަމާއި މޮޅިވެރިކަމަށް ފީނާފައިވާފަދައެވެ. ގަސްތައްވެސް އޭނަގެ ހިތާމަތައް ހިއްސާކުރަނީއެވެ. އެކަމަކު ފައިދަށުގައިވި ފެހިކަންގަދަ ވިނަގަނޑުމަތީ ފިނިމޫސުމްގައި ފޮޅޭފަދަ އެކި ކުލައިގެ މާތައް ފޮޅިފައިވިއެވެ. ގަސްތަކުގެ ގޮފިތައް އެކި ދިމާލަށް ލެނބިފައިވާއިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނެތުމުން އެގޮފިތައް ބައެއްފަހަރު އޭނަގެ ހެދުމާއި ގޯނާކޮށްލައެވެ. ނޫނީ ކޮނޑު ނުވަތަ އަތްފަދަ ތަނެއްގައި އަޅައިގަނެއެވެ. ފަހަތުން އައި ބޮޑުދައިތަ އެކަމާއި މައްސަލަ ޖައްސާ ސަމާލުވާން އެދެމުން ދިޔައެވެ.

ފްލޮރިންޑާ ދޭތެރެއަކުން އެނބުރި ގަނޑުވަރާއި ދިމާލަށް ބަލައިލަނީ ކަންބޮޑުވެފައެވެ. އެކަމަކު ފިޔަވަޅުތަކަށް ހުއްޓުމެއް ނައެވެ. އޭނަ ވާދީތެރެއަށް އެރުނެވެ. ބޮޑުދައިތަ ދޭތެރެއަކުން މޭވާއެއް ނޫނީ މަލެއް ބިނދެލާފައި ފްލޮރިންޑާއަށް ދިއްކޮށްލުމުން އަތުލިޔަސް ދޫ ތަޅުލެވިފައިވާފަދައެވެ. އެއްވެސް ލަފުޒެއް ދުލުން ބޭރުކުރަން ނުކުޅެދިފައިވާފަދައެވެ. އެންމެފަހުންގޮސް ކޯރާއި ދިމާލަށް ނުކުމެވުމުން ވިނަގަނޑުމަތީ އިށީނެވެ. އިރުގެ އަލިކަމާއި ހޫނުކަން އަދި ފެތުރިފައިވާ ފީރޯޒެއްފަދަ އުދަރެހުން ހިތަށް ހަމަޖެހުމެއް ހޯދަން މަސައްކަތްކުރިއެވެ.

"ބޮޑުދައިތާ. ކިހިނެއް ހަދަންވީ؟ " ފްލޮރިންޑާ އެހާ ގިނައިރުވާންދެން އަނގައިން ނުބުނެ ހުރުމުން ކޮންމެވެސް ވަރަކަށް އަޑު ކުރެހުނެވެ. "އިރުގަނޑެއްވާންދެން މި މޫސުމްގެ ރީތިކަމުން އުފާ ލިބިގަންނަމާ....."

"ބޭނުން ކޮންމެތާކު ހަމަ އިންނަންވީ..." ބޮޑުދައިތަ އިރުއިރުކޮޅާ ބޮލުގައި އަޅާފައިވާ ފޮތިގަނޑުން ކަންފަތް ފޮރުވަން މަސައްކަތްކުރަމުން ހިނގައިގަތެވެ. އަދި ދުރުގައި ހުރި ދިގު ގޮނޑިއެއް އުފުލާލައިގެން ގެނެސްދިނެވެ. އެ މަންޒަރު ފެނުމުން ފްލޮރިންޑާ ދުވަމުން އައިސް އެކަން ހުއްޓުވިއެވެ. އަދި އެ ދެއަތުގައި ބޮސްދީފައި ގެނެސް އޭނަގެ ގާތުގައި ވިނަތައް މަތީ ބޭންވިއެވެ.

"އެކަމަކު ވިނަގަނޑުމަތީ އިނީމަ މާ ހިތަށް ފަސޭހައޭ ބޮޑުދައިތާ..." ފްލޮރިންޑާގެ ރީތި ދެލޯ ގުދުރަތީ ރީތިކަމަށް ހުއްޓިފައިވާތަން ފެނުނެވެ. އޭނަގެ ހިތްވެސް ތައުރީފުކުރިއެވެ. މި ހިތްފަސޭހަ ކޯރާއި ފަރުބަދަތަކާއި އެހިސާބުގައިވާ އޯކް އަދި ޕައިންގަސްތަކާއި ޒައިތޫން ދަނޑުތައް ފެންނަނީ މާސިންގާ ތަސްވީރެއް ފަދައިންނެވެ. ކުޅަދާނަ ކުރެހުންތެރިއެއްގެ ކުރެހުމެއްފަދައިންނެވެ.

"ހުރިހާ ހިތާމަތަކެއް އެއްފަރާތްކޮށްލާ. މިރީތިކަމުން ތި ހިތަށް ހަމަޖެހުން ގެނުވާ މަގޭ ފުރާނައާ...."

އެބަސްތަކުންވެސް ހިތަށް ލިބުނު ރިހުން ބޮޑުވިއެވެ.

"ބޮޑުދައިތަގެ ބަސްތަކުން އަހަރެން ހަދާން ނައްތައިލަން އުޅުނުކަންތައް ހަދާނަށް ގެނުވީ. ތި ޚިޔާލު ދިންގޮތަށް ހިތަށް ހަމަޖެހުމެއް ގެނުވާނީ ކިހިނެއް؟ ބޮޑުދައިތައަށްވެސް އަހަރެން ކަންބޮޑުވާ ވަރާއި ބިރުގެންފައިވާ މިންވަރު ރަގަޅަށް އެނގޭނެ.." އަހަރެން އަދި މި ގަނޑުވަރަށް ބަދަލުކުރީމަ ކުރިއަށްވުރެ ހާސްކަން އެތައް ގުނަ އިތުރުވެއްޖެ...."

"މި ގަނޑުވަރަށް ބަދަލުކުރުމުން ތިހާ ކަންބޮޑުވީ ކީއްވެތަ؟ މިހާރު ރަސްގެފާނުގެ ގަނޑުވަރާއި ބޮޑަށް ކައިރިވެ ހައްތާ މަގާމު މަތިވީ........" ބޮޑުދައިތަ ވިސްނައިދޭން މަސައްކަތްކުރިއެވެ.

ފްލޮރިންޑާގެ ނަޒަރު ހުއްޓިފައިވީ މާ ދުރަށެވެ. ކޯރުން ފެންނަމުން ދިޔަ ކުޑަ ކުޑަ ބޯޓުން އޭނަގެ ނަޒަރު ކައްސާލައިގެނެއް ނުދެއެވެ. ޚާއްސަ ކަމެއް އޭގައި ހުރީކަން ނޭގެއެވެ.

"ބިރުގަންނަނީ އެހެންވީމަ. އަހަރެން އެހެން ތަނަކަށް ބަދަލުކުރީމަ. ރަށްބޭރަށް ލީ ނަމަ ނޫނީ ބައްޕަގެ ގާތަށް ފޮނުވައިލިނަމަ.............." ފްލޮރިންޑާގެ ނޫކުލަ އަރާ ލޮލުން ކަރުނަ ހިލިއްޖެއެވެ. ދުރުން ފެންނަ ބޯޓުގެ ބަދަލުގައި އޭނަގެ ޚިޔާލު ބައްޕައާއި ލޫލުއާއާއި ހަމަޔަށް ދަތުރުކުރިއެވެ. އޭނައަށް ނުރައްކަލުގެ އިހުސާސްކުރެވެނީއެވެ. ނުރައްކާތެރި ދަލެއް ވަށައިގެން އޮޅައިލެވެމުންދާފަދައިންނެވެ. ފިކުރުނުކުރެވެންވީ ސަބަބެއް ނެތެވެ. އޭނަވަނީ ބައްޕަގެ ހިމާޔަތުން ބޭރުގައެވެ. އެތަނަކަށް ހިމާޔަތާއި ތައުލީމަށްޓަކާ ފޮނުވުނުތަނާއި މެދު އޭނަގެ އިތުބާރު ކުޑަވެއްޖެއެވެ.

ބޮޑުދައިތަ ފްލޮރިންޑާ ވިހޭދުވަހުން ފެށިގެން އެތުއްތު ކުއްޖާގެ ހުރިހާ ކަމަކާ ހަވާލުވެ ބަލާބޮޑުކުރީ އަމިއްލަ ދަރިއެއްފަދައިންނެވެ. އެހެންވެ ފްލޮރިންޑާއަށްޓަކާ އޭނަ ގުރުބާންވާ ދަރަޖައަށް ލޯބިވެއެވެ. އެލޮލުން އެންމެ ކަރުނަ ތިއްކެއް އަޔަސް އެހިތް ހަލާކުވާވަރުވެއެވެ.

"ބައްޕަ ކައިރިއަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތް." ބޮޑުދައިތަ ބުނެލިއެވެ. "އަދި މިތަނުގައި ނުހުރެވެންވީ ސަބަބެއް ވެސް ނެތް. އާލްފްއަކާއި ހެދި......"

އާާލްފްގެ ނަން އިވުމާއެކު ފްލޮރިންޑާ ކުއްލިއަކަށް ހަށިގަނޑު ސީދާކޮށްލީ ހުވަފެނެއްގައި އިނދެފައި ހޭލެވުނުފަދައަކުންނެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އަދި ކޯތާފަތުގެ ރަތްކުލަ ގަދަވިއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އާލްފް ނަން ވެސް ނުގަނެބަލަ ބޮޑުދައިތާ. މި ހިތާމަތަކުގެ ބަޔެއް ގުޅިފައިވަނީ އޭނައާއި. ބޮޑުދައިތައަށްވެސް އެނގޭނެއްނު އަހަރެން ހީކުރީ އަހަރެންގެ އުފާތަކުގެ އަސްލަކީ އޭނަކަމަށް...އާހް. އަހަރެން ރުއިމަށް ދޫކޮށްލަ ދީ..ބޭނުމީ ރަގަޅަށް ރޯލަން.........."

ނުނިމޭ

 

ކޮމެންޓް 0