އާލްފްއަށްވެސް ރުއިން ހުއްޓައެއް ނުލެވުނެވެ. އެއާއެކު އިވުނީ ހަގުރާމައިގެ ބެރުތައް ތަޅައިގަނެ ތާޅަފިލިތައް ފުމައިލި އަޑެވެ. ހަގުރާމަ ފެށެނީކަން ޔަގީންވިއެވެ. ހިތް ބާރަށް ތެޅިގަތުމާއެކު އަމިއްލަ ނަފުސަށް އެންގީ މިވަގުތު އޭނަ ކޮންމެވެސް އެއް ފަރާތެއް ޚިޔާރު ކުރަން ޖެހޭކަމެވެ. އޭނަ އަވަސްވެގަތީ ހަގުރާމައިގެ ޔުނިފޯމް އެޅުމަށެވެ. ހިތުގައިވާ ލޯތްބާއި ޖަޒުބާތާއެކީ ފްލޮރިންޑާ އެދުނު ގޮތަށް ކުރިއަށް ދާން ނިންމިޔަސް ލަދުވެތިކަމުގެ ސަބަބުން އެކަން އަންގަން ބޭނުމެއްނުވިއެވެ.

***

އާލްފް ފޭލިގެތެރެއިން ނުނިކުމެ ހުއްޓާ ފާދިރީ ހެދުމުގައި ހުރި މީހަކު ވަދެގެން އަންނަތަން ފެނުނެވެ. އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ތުންތަޅުވަމުންނެވެ. އާލްފް އިސްއުފުލާލާފައި ބަލާލައިފިއެވެ. އެކިކުލައިން ވާ ފާދިރީ ހެދުމުގެ މަތިން މޭމަތީގައި ސަލީބެއް ވިދަވިދާއޮތެވެ. އާލްފްގެ ހިތުގައި މި މީހާއަށްޓަކާ އެެއްވެސް ކަހަލަ ލޯތްބެއް އަދި އިހުތިރާމެއްވެސް ނެތެވެ.

" އަހަރެންގެ ޚާދިމަށް އެނގުމެއްނެތި ފޭލިގެއަށް ވަނީ ކިހިނެއްތަ؟ " އާލްފް ނުރުހުމާއެކު ސުވާލުކޮށްލައިފިއެވެ.

"ކޮން ޚާދިމެއްގެ ވާހަކަ ތިބުނީ؟ އަދި ފާދިރީ މާޓިން ފޭލިގެއަށް ވަންނަން ހުއްދަ ނަގަން ޖެހުނީ ކޮންއިރަކުން ފެށިގެންތަ؟ ބޮޑުބޭބެ ފޮނުވި ސިޓީ ކޮބާތަ؟ އަދި ހަގުރާމައިގެ މައިދާނަށް ނުގޮސް މިތާ ތިހުރީ ކީއްވެތަ؟ " ފާދިރީ މާޓިން އާ ގަނެގަނެފައި ވާހަކަދެއްކިއެވެ. އާލްފް ރުޅިގަދަވެފައި ހުރިވަރުން އޭނަ ނިންމީ އޭނަ ހަގުރާމަކުރަން ނުދިޔަ ސަބަބު ނުބުނުމަށެވެ. އަދި އެންމެ ފަހަށް ބޮޑުބޭބެ ފޮނުވި ސިޓީ އަދި އޭނަގެ އަތަށް ނާރާ ވާހަކަ ބުނާކަށްވެސް ހިތް ނޭދުނެވެ.

" އަހަރެން މައިދާނަށް ނުދިޔައްޔާ ކަލެއަކާ ބެހޭ ކަމެއްތަ؟ އަދި ބޮޑުބޭބެ ނޫނީ އެހެން މީހެއްގެ ފަރާތުން ސިޓީއެއް އަޔަސް ނަޔަސް ކޮބާ މައްސަލައަކީ؟ "

ފާދިރީ މާޓިންގާތަށް އައި ރުޅީގައި އޭނަގެ މޫނު އަލިފާންގަނޑެއްހެން ރަތްވުމާއެކު ކެތްތެރިކަން ކޮޅުން ލައިގެން ހިގައްޖެއެވެ. "ތި ބޭފުޅާއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑަކީ މި ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން ހުރި އިސް ފަރާތެއް. އަޅުގަނޑު ކައިރީ އެކަން ގަބޫލުނުކުރިއްޔާ ރަސްގެފާނުގެ ހާޟިރުގައި އެކަން ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ. މި ލަޝްކަރުގެ އިސް ކޮމާންޑަރަކީ އެއީ........"

އޭރުވެސް ސުލެއިމާން ހުއްޓިގެން ހުރި ތަނުން ފިޔަވަޅު ގުޑާނުލާ ހުރެވުނުކަމުން އަލްފަންސޫގެ މޫނަށް ވެރިވި ހުރިހާ ކުލަވަރުތައް ފެނުނެވެ. ފާދިރީ މާޓިންގެ ވާހަކަތަކުން ސުލެއިމާންގެ މޫނުމަތިން ރުޅިވެރިކަމާއި ނަފްރަތާއި ފޫހިކަމުގެ ވައްތަރު ޖައްސައިލެވުނު ހިނދު އާލްފްގެ ކޮންމެ ޖުމްލައަކަށް ސުލެއިމާންގެ ރުހުން ލިބުނުކަން އެނގުނެވެ. މާޓިން ވާހަކަދެއްކި ވަރަކަށް އާލްފްގެ ޖެހިލުންކަން ކެނޑި އެންމެފަހުން އައި ރުޅީގެ ސަބަބުން މާޓިން އެ ފޭލިގެ ދޫކޮށް ނިކުމެގެން ގޮސް އަހަށް ސަވާރުވުމަށްފަހު ހަގުރާމައިގެ މައިދާނާއި ދިމާލަށް ދުއްވާލައިފިއެވެ.

"މިހާރު މި ލަޝްކަރުގެ ހަގީގީ ކޮމާންޑަރަކީ ކާކުކަން ކަލެއަށް އެނގިގެން ދާނެ. އަދި ޒާލިމުންގެ ނިމުން އަންނާނެގޮތްވެސް ފެންނާނެ. އަހަރެން ވިސްނީ އަހަރެން އެކަނި ދާން އެކަމަކު މުޅި ލަޝްކަރުވެސް ބައިވެރިވާނެ......"

އޭރު ހަގުރާމަ ހޫނުކަމާއެކު ފެށިއްޖެއެވެ. ދުނިތައް ވައި ކަފާލާފައި ގޮސް އަމާޒަށް ވާސިލުވާއިރު ކަނޑިތަކުގެ މިޔައިގެ ތޫނު ދަޅަތައް އެކި ފަރާތަށް އަރައިގެން ދެއެވެ. ޒަޚަމްވާ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑާއި އަސްތަކުގެ ގޮވުމާއި ލަގަންތައް ޖެހޭ އަޑު އަދި ކަނޑިތަކާއި އައްޑަނަތައް ކޭއްތޭ އަޑު މައިދާންގެ ހިމޭންކަން ނަގާލައިފިއެވެ. ރަސްގެފާނު މައިދާންގެ މެދުގައި ހުރިއިރު އޭނަގެ ވަށައިގެން ލަޝްކަރާއި ދިދަތައް ފެންނާން އޮތެވެ. އޮޕާސްވެސް ލަޝްކަރުގެ އެކު ފައުޖުތަކުގެ ތެރެއިން އޭނަގެ އަހުގައި ދަތުރުކުރަމުން ދިޔައިރު ޖަވާހިރުތަކުން ޒީނަތްތެރިކޮށްފައިވާ ސަލީބެއް ވައަތުގައި އޮތެވެ. އޭނަ އެންމެނަށް ހިތްވަރުދެމުން ހިތްވަރާއެކު ހަގުރާމަކުރުމަށް ގޮވައިލަމުން ދިޔައެވެ.

އާލްފް އަހަށް ސަވާރުވީއިރު ދުރުން އޭނަގެ ބޮޑުބޭބެ އޮޕާސް ފެނުނެވެ. ބޮޑުބޭބެ އޭނަގެ ގާތަށް އައިސް ޚިޔާލު ބަދަލުކުރުވަން މަސައްކަތްކޮށްފާނެކަމުގެ ބިރުވެރިކަން ހިތުގައި ހިނގައިގަތެވެ. އެއްވެސް ފަރާތަކަށް ބެލުމެއްނެތި އޭނަގެ ދެ ކޮމާންޑަރުންނަށް ގޮވާ ގެނައެވެ. އޭނަ ވިމްބާއާއި ދެން ހުރި ޒުވާން ކޮމާންޑަރަށް އެންގީ ހުރިހާ ކަމެއް ރަގަޅުވާނެކަމުގައެވެ. އެމީހުން ލުދްރީކަށް ނަފްރަތުކުރާ ވަރާއި އޭނަގެ ކޮންމެ އަމުރަކަށް ކިޔަމަންވާނެކަން އެނގުނެވެ. އޭނަގެ އަމުރަށް އެ ދެ ކޮމާންޑަރުން ލަޝްކަރަށް އެންގީ ހަގުރާމައި ހުއްޓާލާފައި އަރަބި ކޭމްޕާއި ދިމާލަށް ދަތުުރު ފެށުމަށެވެ. އެހިސާބުން ގޫތު ލަޝްކަރު ބަލިކަށިވެ ގިޔާމަތެއް އައިފަދައެވެ.

***

ހަގީގަތުގައި ގޫތު ލަޝްކަރު ތުލައިތާގެ ދެކުނަށް ފުރުމަށްފަހު ފާދިރީ މާޓިން އޮޕާސްގެ އުޅުމާއި ހަރަކާތްތައް ގާތުން ދެކުނެވެ. އޮޕާސްއާއިމެދު ޝައްކުގެ ނަޒަރަކުން ދެކެމުން އައެވެ. ލަޝްކަރު ޖެރެޒާއި ހަމަޔަށް އައުމަށްފަހު އަލްފަންސޫ ލަޝްކަރު ރުކުވާރުމުގައި ލަސްކަމެއް ގެންގުޅުނުކަން އެނގުނެވެ. އަދި އޮޕާސްގެ ފަރާތުން އައި މީހަކު އާލްފްއަށް ސިޓީއެއް ފޮނުވަން އުޅުނުކަން އެނގުނެވެ، ފާދިރީ މާޓިންއަށް ނެގުނީ އެންމެ ނުބައި މާނައެވެ. އެ މީހާ ސިޓީ ހިފައިގެން އަލްފަންސޫގެ ފޭލިގެއާއި ދިމާލަށް ދަތުރުކުރި މަންޒަރު ލުދްރީކަށް ދެއްކިއެވެ. އަދި މާޓިން އަވަސްވެ އަލްފަންސޫގެ ފޭލިގެއަށް ދިޔުމުން އޭނައާއި ދޭތެރޭ އަލްފަންސޫ ކަންތައްކުރީ އިހުތިރާމެއްނެތް ގޮތަކަށެވެ. ގަދަރުކުޑަކޮށްލީއެވެ.

އަލްފަންސޫއާއ ސުލެއިމާން ފޭލިގެއިން ނުކުމެ އޭނަ އެކަނި ވުމާއެކު އޮޅާލާފައިވާ ފޮތިކޮޅެއް ފެނުމުން އޮޕާސްގެ ސިޓީކަމުގައި ހީކުރެވުނެވެ. އޭނަ އެ ނިއުޅާލިއިރު އެ ސިޓީއަކީ ފްލޮރިންޑާގެ އެއްޗަކަށްވިއެވެ. އާލްފް ރުޅިގަދަވެފައި ހުރި ވަރުންނާއި އަވަސްކުރަން އުޅެން ހަދައިގެން އެސިޓީ މަތިން ހަދާން ނަައްތައިލެވުނީއެވެ. ފާދިރީ މާޓިންއަށް ފްލޮރިންޑާ މިވަގުތު އުޅެނީ ކޮން ތަނެއްގައިކަން އެނގެއެވެ. އަދި އޭނަ ގަބޫލުކުރާގޮތުން އަދި ގަބޫލުކުރަންވެސް ބޭނުންވަނީ އޮޕާސް އަލްފަންސޫއަށް އަރަބި ލަޝްކަރާއި ގުޅެން އެންގީކަމަށެވެ.

ފާދިރީ ފޭލިގެއިން ނިކުތްއިރު ފެނުނީ އާލްފްގެ ލަޝްކަރުގެ މިސްރާބު އަރަބި ކޭމްޕާއި ދިމާލަށް ހުރި ތަނެވެ. ލަޝްކަރުގެ މެދުގައި ތަޚުތުގައި ވެޑުވިގެން އިން ލުދްރީކާއި ހަމަޔަށްގޮސް މާޓިން އަލްފްގެ ލަޝްކަރު ދަތުރުކުރަމުން ދިޔަ ދިމާލަށް އިޝާރާތްކޮށްލައިފިއެވެ. އެ މަންޒަރު ފެނި ލުދްރީކް ރުޅިގަދަވެގެންގޮސް ފަޅައިގެންދާ ވަރުވިއެވެ.

"އެމީހުންގެ ޚިޔާލު ބަދަލު ވީ ކީއްވެ؟ "އޭނަ އެހިއެވެ.

"އޮޕާސްގެ ސިޓީ...." ފާދިރީ މާޓިން ޖަވާބު ދިނެވެ." އެމީހުންގެ ޚިޔާލު ބަދަލުވި ސަބަބަކީ އެއީ. އޭނަ ބޭރުފުށުން އެދައްކާ ވަފާތެރިކަމަށް ބަރޯސާ ނުވާން އަޅުގަނޑު ދެންނެވީ އެހެންވެ. އޭނަ މިތަނުން ފިލުމުގެ ކުރިން ނޫނީ މި ލަޝްކަރުގެ އެހެން މީހުންގެ ހިތްތައް އަނބުރައިލުމުގެ ކުރިން އޭނަ ހައްޔަރުކުރައްވާފައި ޖަލަށް ލައްވާ...."

ލުދްރީކް ފާރަވެރިންގެ ވެރިޔާއަށް އެންގީ ވަގުތުން އޮޕާސް ހައްޔަރުކުރުމަށެވެ. އޭނަ ފައުޖެއް ގޮވައިގެން ރަސްގެފާނުގެ އަމުރު މައުރޫފު ހިންގަން އަތުކުރި އޮޅާލައިފިއެވެ. އެވަރުންވެސް ފާދިރީ މާޓިންގެ ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ. އަލްފަންސޫގެ ފަރާތުން ބަދަލުހިފަން ވެސް އޭނަ ބޭނުންވިއެވެ. އެހެންވެ ލުދްރީކްގެ ރުޅިގަނޑު އިތުރަށް ވަރުގަދަކޮށްލަން ވެގެން ފްލޮރިންޑާގެ ސިޓީ އޭނަ އަތަށް ފޯރުކޮށްފިއެވެ. ރަސްގެފާނު އެސިޓީ ކިޔަމުންދިޔަ ވަރަކަށް ރުޅިގަދަވެ މޫނުމަތި ބަނަވިއެވެ. ފްލޮރިންޑާ އޭނަގެ ބޮލުގައި އެތައް އިލްޒާމެއް އަޅުވާ އެހެން މީހުން ލައްވާ އޭނައަށް ގެއްލުން ދޭން ހިތްވަރުދީފައިވިއެވެ. އޭނަ އެ ސިޓީ އެއްކޮށް ނިންމައިލިއިރު އޭނަގެ ދަތްދޮޅިއާއެކު އަތްވެސް ރޫރޫ އަޅަންފެށިއެވެ.

"މޭބިސްކަދުރު ދަނޑު ވީ ކޮންތާކުތަ؟ މި ނާސި އަންހެންކަނބުލޭގެ މިވަގުތު ހުރިތަން........" އޭނަ ފާދިރީ މާޓިން ގާތުން ސުވާލުކުރިއެވެ.

ފާދިރީ ވަކި ދިމާލަކަށް އިޝާރާތްކޮށްލައިފިއެވެ.

"އަޅުގަނޑަށް ހީވާ ގޮތުން އެހެރަ ފެންނަނީ....."

ލުދްރީކް އޭނަގެ ފައުޖަކަށް އެންގީ އެ ދަނޑުގައި ތިބިހާ ބަޔަކު ދިރިހުއްޓާ ނޫނީ މަރާލައިގެން ނަމަވެސް އެންމެން ގެނައުމަށެވެ.

***

ސުލެއިމާން ކޭމްޕާއި ދިމާލަށް ދަތުރުކުރި ފަހުން ފްލޮރިންޑާ އިނީ ލަޝްކަރުތައް ހަގުރާމައަށް ތައްޔާރުވާ މަންޒަރު ބަލަން ކުޑަދޮރު ކައިރީގައެވެ. އޭނަގެ ހިތުގައި އުފެދިފައިވާ މޮޅިވެރިކަމާއި ހިތްދަތިކަމުގެ ޝުއޫރުތައް ލަފުޒުތަކަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. އޭނައަށް އާލްފްގެ ލަޝްކަރު އަރަބި ކޭމްޕާއި ދިމާލަށް ދަތުރުކުރާތަން ފެނުމުން ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހުރިހާކަމެއް އަވަހަށް ނިމުމަށް އުއްމީދު ކުރެވުނެވެ. ހިތްވެސް އުފަލުން ނަށައިލިއެވެ. ބޮޑުދައިތައަށް ދުރު ނުފެންނާތީ ކަންތައް ހިނގަމުންދިޔަ ގޮތް އޭނަ ކިޔައިދެމުން ދިޔައެވެ. އަޖިއްލާއާއި ޗަންޓިއްލާވެސް ފަރުބަދަގަނޑުގެ މައްޗަށް އަރާ ލަޝްކަރުގެ ހަރަކާތްތައް ލޮލުން ދެކެލުމަށްފަހު އުފާވެރިކަމުގެ ޚަބަރާއިގެން ފްލޮރިންޑާގެ ގާތަށް އައެވެ.

އިރުގަނޑެއް ނުވަނީސް ޝޭޚާއި އޭނަގެ ބައެއް ދަރިންނާއި ޚާދިމުން ދުވަމުން އައެވެ.

"ކޮބާ ސުލެއިމާން؟ އޭނަ އަހަރެމެންނަށް ހިމާޔަތްދޭނެ ކަމަށް ވައުދުވި...." ޝޭޚު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

ފްލޮރިންޑާ ކުޑަދޮރުން ބޭރަށް ބަލައިލިއިރު ސަވާރީންތައް މޭބިސްކަދުރުދަނޑުތައް ހަލާކުކުރަމުން އަންނަތަން ފެނުނެވެ. އެމީހުން ތިބި އިމާރާތާއި އަރާހަމަވެފައި ކަނޑިތައް އުރައިން ދަމައިގަތެވެ. އެއީ ލުދްރީކްގެ ލަޝްކަރުގެ މީހުންކަން އެނގި ފްލޮރިންޑާގެ ކަކުލު ހުޅުން ވާގިދޫވިއެވެ.

"ޗަންޓިއްލާ.. އަޖިއްލާ.."އޭނަ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

އޭނަ އެމީހުންނަށް އަދި ނުގޮވަނީސް އެ ލަޝްކަރުގެ މީހުން ފެނި އަޖިއްލާމެން ޝޭޚުގެ ދަރިންނާއެކު ދުޝްމިނުންނާއި ހަމަލާދޭން ފެށިއިރު އަންހެންވެރިން ބިރުން ހަޅޭއްލަވާ ރޮއިހެދިއެވެ. އެކަމަކު ބައެއް އަންހެނުން ހިތްވަރާއެކު ހަމަލާގައި ބައިވެރިވިއެވެ. ފްލޮރިންޑާ ހާސްކަމާއެކު ކުރިމަތިން ނިއުޅެމުން ދިޔަ ބިރުވެރިކަންތައް ދެކެން ދުޢާކޮށްލަ ކޮށްލާ ހުއްޓާ އަޖިއްލާއާއި ޗަންޓިއްލާ ގަތުލުވެގެން ވެއްޓުނުތަން ފެނުނެވެ. އެދެމީހުން މަރުވެގެން ދިޔައީ ލަޝްކަރުގެ ބައެއް މީހުން ގަތުލުކޮށްފައެވެ. އެދެމީހުންނަށްޓަކާ ފްލޮރިންޑާ އިންތިހާއަށް ހިތާމަކުރިއެވެ. ނަމަވެސް މިއީ ހިތާމައާއި މޮޅުވެރިކަމުގައި ވަގުތު ހޭދަކުރަންވީ އިރެއް ނޫނެވެ. މާތްރަސްކަލާނގެ ފިޔަވާ އެއްވެސް އެހީތެރިއަކު ހުރީއެއް ނޫނެވެ. ފްލޮރިންޑާ އަމިއްލަ މޫނުގައި ދެއަތުން ތަޅާ ދުޢާކުރަމުން ރޮމުން ދިޔައެވެ.

ލުދްރީކްގެ ފައުޖުތަކުން އައިގޮތަށް އަޖިއްލާއާއި ޗަންޓިއްލާ އަދި ޝޭޚުގެ ބައެއް ދަރިންތައް ގަތުލުކުރުމަށްފަހު ބަޑުހައިވެފައިވާ ހިޔަޅުތައްހެން ސިޑިން އަރައިގެން އައެވެ. ސިޑިމަތީގައި އެމީހުންގެ ބޫޓުތައްޖެހޭ އަޑު ކަންފަތަށް އިވުނީ ހޮނު ގުގުރީގެ އަޑުހެންނެވެ. އެމީހުންގެ ތެރޭގައި ލުދްރީކްގެ އިސް ކޮމާންޑަރެއްވިއެވެ. އޭނައަށް ކުރިންވެސް އެއްފަހަރަށްވުރެ ގިނަފަހަރު ފްލޮރިންޑާ ދެކެފައި ހުއްޓަސް މިފަހަރު ފެނިލުމުން ވަކިކުރާކަށް ނޭގުނެވެ. ފްލޮރިންޑާ ކުރަން ޖެހުނު ދަތުރުގެ ސަބަބުން އޭނަގެ ސިފައަށް ބޮޑެތި ބަދަލެއް އައިސްފައިވިއެވެ. އަދި އެވަގުތު އިސްތަށިގަނޑު ހާވާލައިގެން ހުރުމާއެކު ރޮއިރޮއި ދެލޯ ރަތްވެފައިވުމާއެކު މޫނުގައި ތެޅުމުގެ ސަބަބުން ކޯތާފަތްވެސް ރަތްވެފައި ހުރުމާއެކުގައެވެ. ކަރުނައާއި ދަލާއި ލޭ އެއްވެ މޫނުމަތި ހަޑިވެފައެވެ.

ފައުޖުގެ ކޮމާންޑަރު އެތެރެއަށް ވެދެގަތުމުންވެސް ފްލޮރިންޑާ ސަމާލުކަމެއް ނުދިނެވެ. އޭނަ ގޮވައިލުމުންވެސް އަޅާ ނުލުމުން އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. ފްލޮރިންޑާ ބަލައިލިއިރު ކޮމާންޑަރުގެ އަނެއް އަތުގައި އޮތް ކަނޑިން ލޭތިކިތަޅަމުން ދިޔައެވެ. އޭނަގެ ނިޔަފަތިތަކުގައިވެސް ލޭ ހަރުލާފައެވެ. އެ މަންޒަރު ފެނި ހިތަށް ބިރުވެރިކަންް ވަނެވެ. އެކަމަކު އޭނަގެ އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވިއެވެ.

"ކަލޭމެން ބޭނުންވަނީ ކޮންކަމެއްތަ؟ "

"މިތާގައި ތިބިހާ އެންމެން ރަސްގެފާނު ލުދްރީކް އަރިހަށް ގެންދަން މިއުޅެނީ......"

"ނޫން ނޫން ނޫން...މަށެއް ނުދާނަން..." ފްލޮރިންޑާ ހަޅޭއްލަވައިގަތެވެ.

"ރުހުމުގައި ދަންޏާ ދާންވީ ނޫނީ ގަދަކަމުން ގެންދަން ޖެހޭނީ. އަހަރެމެންގެ ފައުޖެއް އެބައޮތް.....ސަލާމަތެއް ނުވެވޭނެ...." އޭނަ ބުނެލިއެވެ.

އޭނަގެ ފައުޖަށް އަމުރުކުރުމާއެކު ފްލޮރިންޑާ ދަމަމުން އެތަނުން ނެރުނެވެ. ބޮޑުދައިތަ ބާބަރާ އެމީހުންނާއި ދިމާލަށް ހަޅޭއްލަވާ ރަހުމް ކުރަން އެދުނެވެ. އެކަމަކު އެކަމުން އެމީހުންނަށް ކުރި އަސަރެއް ނެތެވެ. އެމީހުން ފްލޮރިންޑާއާއި ބޮޑުދައިތަ އަސްތަަކަށް އެރުވިއެވެ. އޭރުވެސް ފްލޮރިންޑާ އިނީ އެ ހާލުގައެވެ. އިސްތަށިގަނޑު ހާވާލައިގެންނެވެ. ރަތްވެ ކަރުނުން ފުރިފައިވާ ލޮލެކެވެ. އޭނަ ހަރުއަޑުން ދުޢާކުރީ މި ޒާލިމުންގެ އަތްދަށުން ސަލާމްކޮށްދެއްވުމަށެވެ. ހަގުރާމަވެރިން އެރުއިމާއި ދުޢާތަކަށް ފަރުވާލެއް ނުބަހައްޓާ ފަރުބަދަގަނޑުގެ ތިރިއަށް ފައިބާން ދަތުރުކުރަމުން ދިޔައެވެ. އެންމެފަހުން މައިދާނާއި ހަމަޔަށް ފޯރިއެވެ. ފްލޮރިންޑާގެ ނަޒަރުގައި ލުދްރީކް އަޅައިގަތެވެ. އޭރު ހަގުރާމައިގެ މައިދާން ނިކަން ހޫނުވެއްޖެއެވެ. ގޫތުންނާއި މުސްލިމުން ގައިގޯޅިވެ އެއްތަނެއްގައި ތިބެ ހަގުރާމަކުރާއިރުވެސް މުސްލިމުންގެ ބޮލުގައި އަޅާފައިވާ ހުދު ފަގުޑިތަކުގެ ސަބަބުން އެމީހުން ފާހަގަކުރެވެއެވެ. ގޫތު ލަޝްކަރު ބަލިކަށިވެ ލުދްރީކްވެސް އޭނަގެ ދިފާއުގައި ހަމަލާދޭ ހިސާބަށް ދިޔައެވެ.

އޭރު ފްލޮރިންޑާވެސް ސަލާމަތް ވުމުގެ އުއްމީދު ކަނޑާލައިފިއެވެ. އޭރު އޭނަގެ އުއްމީދަކީ އެމީހުންގެ މަތިން ވާރޭފަދައިން އޮހެމުން ދިޔަ ދުންޏެއް އޭނަގެ މެޔަށް ހެރި ލުދްރީކްގެ ނަޒަރުން އޭނަ ސަލާމަތްވުމެވެ. ފްލޮރިންޑާ އެނބުރުނުއިރު ވަށައިގެން ފެންނަމުންދާ ބިރުވެރި މަންޒަރުތަކުގެ ތެރެއިން މުސްލިމަކު ފެނުނެވެ. އޭނަގެ މޫނު ރީތިވެފައި ތާޒާއެވެ. އޭނަ ލައިގެން ހުރި ހެދުމާއި ފަގުޑިން ނޫންނަމަ ގޫތެއްކަމުގައި ހީކުރެވުނީހެވެ. އިސްތަށިގަނޑުގެ ވަށައިގެން ބާރަށް ފަގުޑި އޮޅާލާފައެވެ. އޭނަ ކަނޑި އުރައިން ދަމާލައިގެން ގޫތުންގެ ސަފު ފޫއަޅުވާލާފައި ކުރިއަށް ދިޔައެވެ. އޭނަ އާއި ފްލޮރިންޑާގެ ނަޒަރު އަމާޒުވުމާއެކު އޭނަ ރޮމުން އެހީއަށް އެދުނީ އެ ޒުވާނާ ދަންނަ ބަހުރުވައަކުން ނޫނެވެ. އެކަމަކުވެސް އޭނަގެ އަދާއިން ބުނަން ބޭނުންވާ އެއްޗެއް އެ ޒުވާނާއަށް ދޭހަވިއެވެ. ފުރަތަމަ ނަޒަރާއެކުވެސް އެ ޒުވާނާ ހުރިހާ ޒިންމާއެއް ނަގާ އެ އަންހެންކުއްޖާ ދިފާއުކުރަން އެދިމާލަށް އައެވެ.

"ބިރުނުގަނޭ މަގޭ ފުރާނަޔާ.." އޭނަ އަސް އެދިމާލަށް އަނބުރާލައިފިއެވެ. "ބިރުނުގަނޭ. ޔޫސުފް މިއަންނަނީ އެހީވާން..."

އެތައް ބަރުބަރުންނެެއް އެޒުވާނާގެ ފަހަތުން އެދިމާލަށް ދުއްވާލައިފިއެވެ. އެމީހުން ގުރުއާންގެ އާޔަތްތައް ކިޔަވަމުން ކަނޑި އުފުލާލައިގެންނެވެ. އޭރު ލުދްރީކްވެސް ތަޚުތު ދޫކޮށް ޖަވާހިރުން އަތްކަން އަޅާފައިވާ އަސްދާނުގޮނޑިއެއް އަޅާފައިވާ އަހަށް ސަވާރުވެ ހަގުރާމަކުރަނީއެވެ. އޭނަގެ ތާޖާއި ކަމަރުގައި އަޅާފައިވާ ބެލްޓާއި ކަނޑި އަދި ހެދުމުގެ ބޭރުން ލާފައި ހުރި ދޫހެދުން އަދި އަރައިގެން ހުރި ފައިވާންވެސް އަގުބޮޑު ޖަވާހިރުތަކުން ފަޅުފިލުވާލާފައެވެ. އެކަމަކު ޔޫސުފްއާއި އެހެން ހަގުރާމަވެރިންގެ އަސްތައް ތަންކޮޅެއް ލުއިވެފައި ދުވެލި ފަސޭހައެވެ.

ޔޫސުފްއާއި ހަގުރާމަވެރިން ފްލޮރިންޑާއާއި އެ ހަގުރާމަވެރިންގެ ދެމެދަށް ވަދެ އެމީހުންގެ ފަރާތުން އެކުއްޖާއަށް ހިމާޔަތްދިނެވެ. އޭރު ކޮމާންޑަރު އިތުރު ފައުޖެއް ގޮވައިގެން އެދިމާލަށް އަނެއްކާވެސް އައެވެ.

"އެއުޅެނީ ގޫތުންގެ އަނިޔާވެރި ލީޑަރު........"ފްލޮރިންޑާއާއި ބޮޑުދައިތައަށް ލުދްރީކް ފެނުމާއެކު އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

ޔޫސުފް ވަގުތުން އެދިމާލަށް އަސް އަނބުރާލައިފިއެވެ. ކޮމާންޑަރަށް ވަރުގަދަ ހަމަލާއަކުން ހަމަލާދިނެވެ. ހަމަލާ ބަދަލުކުރަމުން ދިޔައިރު ޔޫސުފްގެ ޒުވާންކަމާއި ވަރުގަދަކަމުން އޭނަ މާ ހަލުވިވެފައި ހުޝިޔާރެވެ. ނަމަވެސް އެ ފައުޖުގެ ކޮމާންޑަރުވެސް ނިކަން ކުޅަދާނައެވެ.ފްލޮރިންޑާ ނަޒަރު އެންމެ ފަހަރަކުވެސް އެދިމާލުން ކައްސާލައިގެން ނުދިޔައެވެ. ކޮންމެ ހަރަކާތެއް ކޮންމެ އަމަލެއް އޭނަ ނޭވާ ހިފަހައްޓާލައިގެން ބަލަން އިނެވެ. އެ ވަރުގަދަ ހަމަލާގެ އެންމެ ސިކުންތުކޮޅެއްވެސް ގެއްލުވާނުލާ ބަލަން އޭނަ ބޭނުންވިއެވެ. އޭނަ ދިރިހުރުމާއި މަރު ގުޅިފައިވަނީ މި ހަގުރާމައަށްކަން އޭނައަށް ޔަގީންވާތީއެވެ. ކޮމާންޑަރު ބަލިވަންޏާ އޭނަ ޔޫސުފްއާއި ގުޅިގެން އަތް އުފުލައިލަން ބޭނުމެވެ. އެންމެފަހު އެތިފަހަރު ބާލާ މީހަކަށް އޭނަވެސް ވާން ބޭނުމެވެ. ޔޫސުފް ބަލިވެއްޖެއްޔާ އޭނަވެސް ހަލާކުވީއެވެ. އޭނަ ހުރިތަނުން ގުޑާނުލާ ހުރިއިރު އޭނަގެ މުޅި ވުޖޫދުވެސް އެ ހަމަލާގައި ބައިވެރިވިފަދައެވެ.

ވަރުގަދަ ހަމަލާތަކެއްގައި ވަގުތުތަކެއް ފާއިތުވީފަހުން އެމީހާ ގަތުލުވެގެން މައިދާނަށް ވެއްޓުނެވެ. ޔޫސުފް ފްލޮރިންޑާއާއި ބާބަރާގޮވައިގެން ގޮސް އޭނަގެ ފޭލިގެއަށް ލާފައި އެދެމީހުން ރަގަޅަށް ބަލަހައްޓަން ޚާދިމުންނަށް އެންގިއެވެ.

ނުނިމޭ

ކޮމެންޓް 0