ހޫނު މޫސުމްގެ ފަހުކޮޅެވެ. މީލާދީ ގޮތުން ހަ ސަތޭކަ އަށްޑިހަ ދެ ވަނަ އަަހަރެވެ. އެޓްލާންޓިކް ކަނޑުގެ ރާޅުތައް ލޮލުކޮޅަށް އޮބާފައިވާ ގޮނޑުދޮށަށް މަޑުމަޑުން ބޮސްދެމުން ދިޔައެވެ. ދުރުން އައި ސަވާރީންތަކެއް އެހިސާބަށް ނުކުތެވެ. އެމީހުން ގޮނޑުދޮށުގައި މަޑުކޮށްލިއެވެ. އެމީހުންގެ ވެރިޔާ ދުރުދުރަށް ދާންދެން ނަޒަރު ހުއްޓަވާލެއްވީ ލޮލުކޮޅަށް މޫދު ލޮލުން އޮބާފައިވާ ސަތަހައިން އެއްވެސް ކަހަލަ ހިކިފަސްތަނެއް ފެނިލައްވާތޯއެވެ. އިރުކޮޅެއްވާންދެން މަޑުކޮށްލެއްވުމަށްފަހު އަސް ދުއްވައިލެއްވީ ސީދާ ކަނޑާއި ދިމާލަށެވެ. މޫދު ލޮނުގަނޑު ދެފަރާތަށް ބުރުއްސަމުން އަސް ކުރިއަށް ދިޔައީ ގަދަ ނޫކުލައާއި ދިމާލަށެވެ. ފެންގަނޑު ފުންވާން ފެށުމުން އަހުގެ ދުވެލި މަޑުވިއެވެ. ސަވާރު އަހަށް މަޖުބޫރުކުުރީ ކުރިއަށް ދަތުރުކުރުމަށެވެ.

އޭރު އެހެން ސަވާރީއިންތައް ހައިރާންކަމާއެކު މިފެންނަ އަޖައިބުކުރުވާފަދަ މަންޒަރަށް ބަލަން ތިއްބެވެ.

އަހުގެ މެޔާއި ހަމަޔަށް ފެން އެރިއިރު ސަވާރުގެ ކަކުލާއި ހަމަޔަށްވެސް ފެންގަނޑު އަރައިފިއެވެ.ސަވާރު އަހުގެ ލަގަނުން ދޫކޮށްލައްވާފައި ދެއަތްޕުޅު އުޑާއި ދިމާލަށް އުފުލައިލެއްވިއެވެ.

"ޔާﷲ " އުގުބާ ބިން ނާފިއު ދުޢާކުރެއްވިއެވެ. "އިތުރަށް ކުރިއަށް ދެވޭނެ މަގެއްނެތްކަން އިބަސުވާމީންގެ ހެކިވެ ވޮޑިގަންނަވާނެ. ކަނޑު ހުރަހަކަށް ނުވިނަމަ ޒުލްގަރުނައިން ފަދައިން ﷲގެ ދީން ދިފާއުކޮށް ޚާލިގުވަންތަ އިލާހަށް އުރެދޭ އަޅުތަކުންނާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި އަޅުގަނޑު ދިޔައީމު..."

އުގުބާ ތެމިފައިވާ އަހާއިގެން ކަނޑުން އަރާ ވަޑައިގެން ވެލިގަނޑުމަތީ މަޑުކޮށްލައިގެން ތިބި މުޖާހިދުންގެ ކައިރިއަށް ވަޑައިގަތެވެ.

އުގުބާގެ މި އަމަލަކީ އަދި އަދަށް ދާންދެންވެސް މުސްލިމުންނަށް ހިތްވަރު ލިބުނު އަމަލެކެވެ. ޅެންވެރިއެއްކަމަށްވާ އިގުބާލްގެ ޅެމެއްގައި ލިޔުއްވާފައިވެއެވެ.
" ވީ ގެލަޕްޓް އަވާ ހޯސެސް އިންޓު ދަ އޯޝަން އޮފް ޑާކްނެސް "

އުގުބާ މަޣުރިބު ކަރަ ފަތަހަކުރަމުންގޮސް ވަޑައިގެންނެވުނު އެންމެ ފަހުގެ ސަރަހައްދަކީ އެއީއެވެ.

އުގުބާ ފަރުބަދަތަކާއި ވާދީތަކުން ދަތުރުކުރައްވަމުން ގެންދެވީ އެއް އަތްޕުޅުން ކަނޑި އަދި އަނެއް އަތްޕުޅުން ގުރުއާން ހިއްޕަވައިގެން ހުންނަވައިގެންނެވެ. ތަރުދަންތްގައި ކުޑަ ލަޝްކަރެއް ބައިތިއްބާފައި ޒަރުއާ ވާދީގެ އިރުމަތި ފަރާތަށް ވަޑައިގެންނެވިއެވެ. އެތަނުންވެސް އެހާވަރެއްގެ ދެކޮޅުވެރިކަމެއް ނެތެވެ. އޭގެ ފަހުން އެއިގީރު ތާމާ ޝަކީރު އަދި އެންމެފަހުން ދުއްކަލާއާއި ހަމަޔަށް ވަޑައިގެން އިސްލާމްދީނަށް ގޮވައިލެއްވިއެވެ. އެހެން ގަބީލާތައް ފަދައިންނެވެ. ނަމަވެސް އެ ބަރުބަރު ގަބީލާއިން ދެކޮޅުވެރިކަން ފަށާ އެތައް މުސްލިމުންނެއް ހަގުރާމައިގާ ޝަހީދުވިއެވެ. ހަގުރާމައިގެ މައިދާނަށް ޝަހީދުވި މުޖާހިދުން ގިނަކަމުން އެތަނަށް މަގުބަރަތުއް ޝުހަދާއު އޭ ކިޔުނެވެ. އުދަގުލުން އެބިން ފަތަހަކުރެއްވުމަށްފަހު ފަރުބަދަތަކުގެ މައްޗަށް އަރާވަޑައިގަތެވެ. އަތާރު ކިޔަ ހިސާބެއްގައި ތިބި ގަބީލާއިންވެސް އިސްލާމްދީން ގަބޫލުކުރަން އަދި ޖިޒީ ދޭން ދެކޮޅުހެދިއެވެ. އެހެންވެ އެ ގަބީލާއާއި ހަގުރާމަކޮށް އެމީހުން ފައްސަވާލެއްވުމަށްފަހު މަޣުރިބު ކަރައިން އިތުރު އަަދާވަތްތެރިކަމާއި ކުރިމަތިލާކަށް ނުޖެހުނެވެ.

އުގުބާ ބިން ނާފިއު ދަރާން ފަރުބަދަ ހުރަސްކޮށް އަޣުމަތު ވަރީކާއިން ނިއްފީސް ކިޔުނު ވާދީއަށް ވަޑައިގެން އެތަނުގައި މިސްކިތެއް ބިނާކުރެއްވިއެވެ. އަދި އެޓްލާންޓިކް ކަނޑަށް ފައިބާ ކޯރެއް އޮތް ފަރުބަދަ ހުރަސްކޮށް ސޫސްު ކިޔުނު ވާދީއަށް ފައިބާވަޑައިގެން އެތާގައި ވެސް މިސްކިތެއް ބިނާކުރެއްވިއެވެ. ތަރުދަންތްވެސް އޮތީ އެ ސަރަހައްދުގައެވެ. އެއަށްފަހު ދެކުނަށް ފަންސާސް މޭލަށް ދަތުރުކުރައްވާ މައްސާ ކިޔުނު ތަނުގައިވެސް މިސްކިތެއް ބިނާކުރެއްވިއެވެ.

އުގުބާ އެކަލޭގެފާނުގެ ވާޖިބު އަދާކުރައްވައިފިއެވެ. މިހާރު އިދިކޮޅު އެއްވެސް ބަޔަކު ނެތެވެ. އެންމެންވެސް އެކަލޭގެފާނަށް ތަބާވެ ނޫނީ ބޭނުންނުވި ބަޔެއް ވެއްޖެއްޔާ އެހިސާބު ދޫކޮށް ދަތުރުކޮށްފިއެވެ. އޭރު ފިނި މޫސުމް އަރާ ހަމަކޮށްފިއެވެ. މުސްލިމުންވެސް ތަރުދަންތުގެ ކޭމްޕްތަކަށް ގޮސް ބަހާރު މޫސުމަށް އިންތިޒާރުކުރަން ފެށިއެވެ.

ހަސަތޭކަ އަށްޑިހަ ތިންވަނަ އަހަރު ބަހާރު މޫސުމްގައި އުގުބާ ލަޝްކަރާއެކު އެނބުރި އެފްރިކާއަށް ދަތުރު ފެއްޓެވިއެވެ. އެއީ ކުސައިލާވެސް ހިމެނޭހެން ބަރުބަރުން އަދި އަރަބިންވެސް ހިމެނޭ ލަޝްކަރެކެވެ. އުގުބާ ދަތުރުކުރެއްވި މިސްރާބެއް ޔަގީން ނުވިޔަސް ޔަގީންވާ ކަމަކީ ތާންޖާގެ މަގުން ވަޑައި ނުގަންނަވާކަމެވެ. ދެވަނަ ފަހަރަށް ކައުންޓް ޖޫލިއަންއާއި އެކަލޭގެފާނާއި ދިމާވިކަމަށް ތާރީޚުގައި ނެތެވެ. އެކަލޭގެފާނު މައުރިބުން އެފްރިކާއަށް ދަތުކުރެއްވިއިރު ގިނަ ގަބީލާތައް އެކުވެރިކަމާއެކު މަރުހަބާ ކިއެވެ. ބައެއް ގަބީލާތައް ނުރުހުންވިޔަސް ދިމާކޮށްލާކަށް ނޫޅުނެވެ. އެކަލޭގެފާނު ދަތުރުކުރައްވާތަން ދެކެން ހިމޭނުން ތިބީއެވެ. އެމީހުންގެ ފަރާތުން އެފެނުނު ޝުއޫރުތައް އުގުބާއަކަށް އެނގިވަޑައެއް ނުގެންނެވިއެވެ. އެކަލޭގެފާނަށް ގިނަފަހަރު ދުޝްމިނުންވެސް ވަކިކުރައްވަން އެނގިވަޑައި ނުގަންނަވަނީ އެކަލޭގެފާނުގެ ހިތްޕުޅުގެ ސާފުކަމާއެކު އެންމެންވެސް އެފަދަ ވާނެކަމަށް ހީކޮށެވެ.

ލަޝްކަރު ދިގު މުައްދަތަކަށް ތުބްނާ ކިޔާ ސަރަހައްދުގައި ފޭލިގެ ޖަހައިގެން އަރާމުކޮށްލަން މަޑުކޮށްލިއެވެ. ހަގުރާމަވެސް ނިމުނީއެވެ. މުގައްދަސް މަސައްކަތެއް ބަރާބަރަށް އަދާކުރެވުމުގެ އުފަލާއި ހިތްހަމަޖެހުން އެންމަނަށް ލިބުނެވެ. ލަޝްކަރުގެ ގިނަ މުޖާހިދުން ބޭނުންވީ ރަށަށް އެނބުރި ގޮސް ކާމިޔާބުގެ އުފާ ފައުޅުކުރުމަށެވެ. އަދި އަރާމުކޮށްލާށެވެ. އާއިލާ ތަކާއި ދެއަހަރުވާންދެން ދުރުގައި އުޅުމުން އާއިލާތައް މަތިންހަދާންވެ އެނބުރި ދާން ބޭނުންވީއެވެ. ތިންހާސް މޭލަށް އެޓްލާންޓިކްއާއި ހަމަޔަށް ދަތުރުކޮށް އަދި އެތައް ގިނަ ހަގުރާމަތައްކޮށް ކުޅަދާނަ ނުރައްކާތެރި އަދުއްވުންތަކާ ގަބީލާތައް ބަލިކޮށްލެވިއްޖެއެވެ. މިހާރު ބޭނުމީ ހަތިޔާރުތައް އުކާލާ ލޮޑުކަން ލިބިފައިވާ ހަށިތަކަށް އަރާމެއް ދިނުމެވެ.

ދަތުރުކުރުމުގެ ހުއްދަ އުގުބާ ދެއްވިއެވެ. ލަޝްކަރުގެ ބޮޑުބައި ގައިރަވާންއަށް ދަތުރުކުރިއިރު ބަރުބަރު ވަންހަތަކުން މަދު ބަޔަކު އެމީހުންގެ ގަބީލާތަކަށް ދަތުރުކޮށްފިއެވެ. ގިނައިން ވަކިވެގެން ދިޔައީ އަރަބިންކަމެއް އުގުބާއަކަށް ފާހަގައެއް ނުކުރެއްވުނެވެ. ގާތްގަނޑަކަށް ތިންސަތޭހައެއްހާ ވަފާތެރި އަރަބިން ފިޔަވާ މުޅިންވެސް ބާކީ ތިބީ ބަރުބަރުންނެވެ. އެމީހުންނާއި އެންމެ ގާތުގައި ކޭމްޕްކޮށްފައި ވަނީ ކުސައިލާގެ ބުރާނިސް ގަބީލާގެ މީހުންނެވެ.

އެވަރުންވެސް އުގުބާއަށް ނުރައްކާތެރިކަމުގެ އިންޒާރެއް ނުލިބުނެވެ. އަބޫ މުހާޖިރުއަށް އެކަންތައް ވަރަށް ސާފުކޮށް ފެނިވަޑައިގެންނެވިއެވެ. ކުސައިލާގެ ވަފާތެރިކަމެއް ނެތްކަމާއި އޭނައާއި ރޫމީންގެ އޮތް ގުޅުން އަދި ރޫމީންގެ ފަރާތުން ބައިވަރު ރަނާއި ސާމާނު ލިބިގަނެގެން ހުރިކަންވެސް ދެނެވަޑައިގެންނެވިއެވެ.

އެހިސާބުން އަރަބިންނާއި ބަރުބަރުންގެ ދޭތެރޭ ކޮންމެވެސް ދެކޮޅުވެރިކަމެއްވެސް ހިނގައިފިއެވެ. ޔަގީންވާގޮތުން އެއީ ކުސަައިލާގެ ރޭވުމެކެވެ. އެއީ އުގުބާ ހައްދަވާނެ ގޮތެއް ބަލަން ކުސައިލާ ކުރި އިމްތިހާނެކެވެ.

"ތިއީ ކުސައިލާގެ ރޭވުމެއް. އޭނަގެ މަގާމުތައް ވަރުގަދަ ކުރުމުގެ ކުރިން އަވަސްވެ ވަޑައިގަންނަވަންވީ" އަބޫ މުހާޖިރު ދެންނެވިއެވެ.

މަދު މިނިޓްކޮޅެއްގެ ތެރޭ އުގުބާއާއި އޭނަގެ މުޖާހިދުން ތިބީ ކުސައިލާގެ ކޭމްޕްގެ ދޮރުމަތީގައެވެ. އެންމެންގެ ކުރިމަތީގައި ކަނޑިގެ މުށުގައި ހިއްޕަވައިގެން ހުންނެވިއިރު އަބޫ މުހާޖިރު އޭނަގެ އަރިހުގައެވެ. އަދިވެސް ފައިގާ ޗޭނު ޖަހާފައެވެ. ކުރިމަތިލައިގެން ކުސައިލާއާއި އޭނަގެ ލަޝްކަރެވެ. ކުސައިލާ ބިރުކުޑަ ފަހުލަވާނަކަށް ވިޔަސް އުގުބާ ފެނުމާއެކު ފަސްޖެހި ފިޑިވެވިއްޖެއެވެ. އުގުބާ ބިން ނާފިއުގެ ގައިގާ އެހުންނަނީ ކޮންކަހަލަ ކަމެއްކަން އޭނައަށް ނޭގެއެވެ. ކުސައިލާއަށް އެނގެއެވެ. އުގުބާ މަރާއި ކުޅެނީ ކުޑަކުއްޖަކު އެންމެ ލޯބިވާ ކުޅޭ އެއްޗަކާއި ކުޅޭނެ މިސާލުގައެވެ.

ކުސައިލާ އިސްޖެހިއެވެ. އަދި އަނބުރާލާފައި ހިނގައިގަތެވެ. ހަގުރާމައިގެ މައިދާނަކުން ދުރަށް ދިޔައީއެވެ. އޭނަގެ ލަޝްކަރުގެ އޮފިސަރުން އެކަމާ ރުޅި އަރައިގެން ސުވާލުކުރިއެވެ.

"ކީއްވެތަ؟ ކީއްވެ އޭނައާއި ކުރިމަތިނުލާ ތިދަނީ؟ އަހަރެމެންގެ ފަސްހާސް މީހުން އޭނަގެ އެންމެ ތިންސަތޭކަ މީހުން އެތިބީ. އޭނަގެ ހުރިހާ އެކުވެރިން ވަކިވެގެން ގޮސްފައި އެކަނި އެހެރީ. އެހީވާނެ އެއްވެސް މީހެއް މިހިސާބަކު ނެތް..."

***

އުގުބާ ބިން ނާފިއު ވަގުތުން ފޭލިގެތައް ރޫޅާލައްވާފައި އެތަނުން ދަތުރުކުރެއްވީ ތަހޫޒާ އަށެވެ. ބިސްކަރާގެ އިރުމަތީގައި ވާ ޝަހަރެކެވެ. ތަރައްގީވަމުން އަންނަ އަދި ރޫމީ އާބާދީ ގިނަ ތަނެއްމެއެވެ. އޭރު ރޫމީންނަށް އޮތީ މުސްލިމް ލަޝްކަރުގެ ގިނަބަޔަކު ރަށަށް ގޮސް އުގުބާއާއި އެކު ވަނީ މަދު މުޖާހިދުންކޮޅެއްކަން އެނގިފައެވެ، އެކަން އެނގުމުން ތަހޫޒާގެ ދޮރާށިތައް ބަންދުކޮށް މުސްލިމުން ވަނުން މަނާކުރިއެވެ. އުގުބާ އާއި ވަފާތެރި އެކުވެރިން ދޮރާށްޓާއި ކައިރިވުމުން ގާއުކާ ތީރުތައްވެސް އުކަން ފެށިއެވެ. އުގުބާ އިސްލާމްދީނަށް ގޮވާލެއްވުމުން އެމީހުން ދެކޮޅުވެރިވެ ހުތުރުބަހުން ޖަވާބު ދިނެވެ. އުގުބާ އެތަން ދޫކުރައްވާ ދެކުނަށް ދަތުރުކުރައްވާފައި އައުރެސް ފަރުބަދަ ކައިރީގައި ފޭލިގެތައް ޖެއްސެވިއެވެ.

ކުސައިލާ އޭރު ރޫމީންނާއި ވާހަކަދައްކާ އޭނަގެ ލަޝްކަރާއި އެތައް ރޫމީންނެއް ގުޅުނެވެ. އޭނަގެ ގަބީލާގެ އުމުރުން ދުވަސްވީ މީހުންނާއި މަޝްވަރާކޮށްފައި ނިންމީ އުގުބާއާއި ހަމަލާދޭން ދިޔުމަށެވެ.

އެލަޝްކަރު ދުރުން ދައްކާލިއިރު އަރައިިގެން އަންނަ ގޮށްފުޅަގިތަކެއް ފަދައެވެ. އެންމެފަހުން ކުސައިލާ އޭނަގެ ހަގީގީ ސޫރަ ދައްކައިލީއެވެ. އޭނަ މިހާރު އެނުކުތީ ބަދަލު ހިފުމަށެވެ. އޭނަގެ ޝިކާރައަކަށް ވާން އުޅެނީ އެމީހަކާއިއެކު ކާމިޔާބު ހަގުރާމަތަކެއްކޮށްފައިވާ އޭނަގެ ކޮމާންޑަރަކަށް ވިޔަސް އޭނައަށް ފަރުވާލެއް ނެތެވެ. އުގުބާ ބަލިކަށިވާ ވަގުތެއްގެ އިންތިޒާރުގައި ހުއްޓާ އެދުވަސް އައިސް މިއޮތީ ބޯމަތިވެފައެވެ.

މިއަންނަ ލަޝްކަރާއި މުޖާހިދުން ކުރިމަތިލާން ތިއްބެވީ ބިރެއް ސިހުމެއްނެތިއެވެ. ގިނައިން އެތާ ތިއްބެވީ ސަހާބާއިންނާއި ސަހާބާއިންގެ ދަރިން އަދިވެސް އެމީހުންގެ ގާތް މީހުންނެވެ. ތެދުވެރި އަޅުވެރި ތިންސަތޭކަ މުޖާހިދުންނެވެ. އެފަދަ ހާލަތުގައިވެސް ވެރިޔާއާއެކު ޝަހީދުވުމަށް ތައްޔާރަށް ތިބިގޮތުން އިބުރަތެއް ލިބޭނެއެވެ. އުގުބާ ބޭނުންފުޅު ވިނަމަ އަވަސް އަރުވާލާފައި ފަހަތަށް ޖެހި ވަޑައިގެން ގައިރަވާނަށް ވަޑައިގެން އެހެން ބައިވެރިން ގޮވައިގެން ކުސައިލާގެ ލަޝްކަރާއި ހަމަލާދޭން ވަޑައިގެންނެވޭނެ ފުރުސަތު އޮތެވެ. އެހެން ހެއްދެވިނަމަ އުގުބާއަށް އަދި އިސްލާމްދީން އެފްރިކާގައި ދެމި އޮންނަންވެސް މާ ރަގަޅުވީހެވެ. ނަމަވެސް އުގުބާގެ ވިސްނުންފުޅު ތަފާތެވެ.

އުގުބާ ދެ ރަކުއަތް ނަމާދެއް ކުރެއްވިއެވެ. ކައިރީގައި ހުންނެވީ އަބޫ މުހާޖިރުއެވެ. އެކަލޭގެފާނަށް ގަވަރުނަރުކަން ލިބިވަޑައިގަތްއިރު އުގުބާއާއިމެދު އަނިޔާވެރިވިޔަސް އޭނަ މަގާމުން ދުރުކުރެއްވުމަށްފަހު އެކަލޭގެފާނު ވަނީ ރަގަޅު މީހެއްކަން އަދި ރަގަޅު މުސްލިމެއްކަން ސާބިތުކޮށް ދެއްވާފައެވެ. އެކަލޭގެފާނު އުގުބާއާއެކު ދެއަހަރުވާންދެން ހިތްވަރާއެކު ޖިހާދުކުރެއްވިއެވެ. އަދި ހަގުރާމައާއި ސުލްހައިގާވެސް އޭނަގެ ކޮމާންޑަރަށް އަގުހުރި ނަސޭހަތްތަކެއް ދެއްވިއެވެ. އެކަލޭގެފާނުވެސްވަނީ މާތް މުޖާހިދުންގެތެެރޭ ހިމެނިފައެވެ. އަދިވެސް ފައިންޕުޅުގައި ޗޭނު ޖަހާފައިވިޔަސް އެކަމާ ހިތާމަކުރެއްވުމެއް އޮއްސެވި ކަރުނައެއް ނެތެވެ.

ކުރިމަތީގައިވަނީ މަރުކަން ޔަގީންވިއިރު އެދެ ބޭކަލުންގެ ހިތް މުޅިން ސާފުވެ ހުރިހާ ހިތާމަތަކާއި ނުރުހުމެއް ފިލައިފިއެވެ. އެބޭކަލުން ތައްޔާރު އެވަނީ ހެއްދެވި ފަރާތުގެ ހަޟުރަތަށް ދަތުރުކުރެއްވުމަށެވެ. ލޭ އޮހޮރުވިގެންދާނެ ވަރުގަދަ ހަގުރާމައަކަށް ކުރިމަތިލެއްވި ހިނދު ރޫހުވެސް ސާފުވެ މާތްކަމުން ފުރުނެވެ. އަބޫ މުހާޖިރު އެކަލޭގެފާނާއެކު އަވަހާރަވެގެން ދާތަން ދެކެން ބޭނުންފުޅެއްނުވިއެވެ. އިތުރަށް އަބޫ މުހާޖިރު އުދަގުލެއް އުފުލަން ބޭނުންފުޅު ނުވިއެވެ. އެކަލޭގެފާނު އަބޫ މުހާޖިރުގެ ފައިގާ ވާ ޗޭނު ނައްޓާލަން އަމުރުކުރެއްވިއެވެ.

"އަބޫ މުހާޖިރު. މުސްލިމުން ގޮވައިގެން ގައިރަވާނަށް ކޮމާންޑަރ ގޮތުގައި ވަޑައިގަންނަވާ. އަޅުގަނޑު ބޭނުންވަނީ މި އަންނަ ލަޝްކަރާއި އެކަނި ހަގުރާމަކޮށް ޝަހީދުވާން..."

"މާތްﷲ ގަންދީ ބުނަން. އަޅުގަނޑުވެސް އެދެނީ ކަލޭގެފާނާއެކު ހަގުރާމަކޮށް އެ މަތިވެރި ދަރަޖަ ހާސިލު ކުރަން...." އަބޫ މުހާޖިރު ވިދާޅުވިއެވެ.

އުގައިބާ އަނެއްކާވެސް އަބޫ މުހާޖިރުގެ ފައިގާވާ ޗޭނު ނައްޓަވަން އުޅުއްވުމުން ދެކޮޅު ހެއްދެވިއެވެ.

"އަޅުގަނޑު ދަގަނޑުގައި ހައްޔަރުކުރެއްވީ ހެއްދެވި ފަރާތުގެ އިރާދައާއި އެކު ކޮންމެވެސް ހިކުމަތެއް އޮތީމަ. ބަހައްޓަވާ.."

ދެބޭކަލުން އެންމެ ފަހު ފަހަރަށް ކޮނޑާއި ކޮނޑު ޖައްސަވާ ސަލާމް ކުރެއްވިއެވެ. ދެން ކަނޑި އުރައިން ދަންމަވާ ގެންނެވުމުން އެހެން މުޖާޙިދުންވެސް ބައިވެރިވިއެވެ. އެބޭކަލުން ގަސްތު ކުރެއްވީ ފައިމަގުގައި ހަގުރާމަކުރެއްވުމަށެވެ. އެބޭކަލުންނަށް މިއީ އެންމެ ފަހުގެ ވަގުތުކަން ޔަގީންވާއިރުވެސް ބިރެއް ޖެހިލުމެއްނެތެވެ. ޝަހީދުވުމުގެ ކުރިން ވީހާވެސް ގިނަ މުނާފިގުން ނަރަކައަށް ފޮނުވާލަން ބޭނުންފުޅުވިއެވެ. ބަރުބަރުން އެއް ހަށިގަނޑެއްފަދަ ވަރުގަދަ ޖަމާއަތުގެ ކުރިމައްޗަށް ޖެހިގަތްއިރު އެބޭކަލުންގެ ދިފާއުގެ ވަރުގަދަ ކަމުން ސިހި ބިރުން އަވަދިވާވަރުވިއެވެ. އެ ގަބީލާގެ އެންމެ ކުޅަދާނަ ފަހުލަވާނުންވެސް މުސްލިމުންގެ ކަނޑިތައް ނޫނީ ޚަންޖަރުގެ ޝިކާރައަކަށް ވެ ބިމަށް ވެއްޓެމުން ދިޔައެވެ. ސިންގާތަކެއްފަދައިން ވަރުގަދަ ކަމާއެކު ހަމަލާދެމުން ބަރުބަރުން ކުދިކުދި ކުރަމުން އެ ކުޑަ ޖަމާއަތް ކުރިއަށް ދެމިގަތެވެ. ވަރުބަލިވުމެއް އަދި ރޫހު ގެއްލި އެފަދަ އެއްވެސް ކަމެއް މުޖާހިދުންގެ ފަރާތުން ނުފެނި އުގުބާގެ މަޣުރިބު ކަރަ ފަތަހަކުރުމުގެ ރީތި ޑްރާމާއަށް އިތުރު ބޮޅެއް ކަމުގައި ވި ހަގުރާމައެކެވެ. އެންމެ ފަހުގެ ތަޅާފޮޅުންވެސް އެހާ ހިތްގައިމު މަންޒަރެއްކަމުގައ ިވިއެވެ.

ވަފާތެރި މުޖާހިދުން ޒަޚަމްވެ ޝަހީދުވާންފެށުމުން އެ ޖަމާއަތް މަދުވަމުންގޮސް އިސާހިތަކު އުގުބާއާއި އަބޫ މުހާޖިރު އެކަނިވިއެވެ. އެދެބޭކަލުންގެ ކަނޑިތަކުން ލޭ ތިކިތަޅައެވެ. ވަށައިގެން ފެންނަނީ ބަރުބަރުންގެ ހަށިތަކެވެ. އެކި ދިމާލަށް އުކާލެވިފައެވެ. ޒަަޚަމީންގެ ރުއިމުގެ އަޑު ފަޒާގައި ހިފާލާފައެވެ. ވަށައިގެން ފެންނަ އެތައް ބަރުބަރުންގެ ހަށިތައް ސާބިތުކޮށްދިނީ އެދެބޭކަލުންގެ ވަރުގަދަކަމާއި ކުޅަދާނަކަމެވެ. ބަރުބަރުން ހަތަރުފަރާތުން ކެކިއަރައިގަތެވެ.

އުގުބާއާއި އަބޫ މުހާޖިރު އެކީގައިހެން ޝަހީދުވެ ވެއްޓިވަޑައިގަތީ ޖެހިޖެހިގެންނެވެ. އެކަކު އަނެކަކަށް މާފުކޮށް އަދި ހެއްދެވި ފަރާތުން ފާފަ ފުއްސެވުމަށް އެދޭ ހާލު މުސްލިމް އަޚުންގެ ގޮތުގައި އެދެބޭކަލުން ދުނިޔެ ދޫކުރައްވާ ދެމިއޮތުމުގެ އާލަމަށް ދަތުކުރެއްވީއެވެ. އަބަދުވެސް ބޭނުންފުޅުވަމުން އައި ޝަހީދެއްގެ ކޫޒުން ހިއްޕެވީ އުފަލާއެކުގައެވެ.

މިހާދިސާ ހިނީ މީލާދީން ހަސަތޭކަ އަށްޑިހަ ތިންވަނަ އަހަރުގެ ޚަރީފު މޫސުމްގެ ކުރީކޮޅުގައެވެ. އުގުބާ ޝަހީދުވެ އަދި ފަސްދާނު ލެވުނު ތަނަށް ކިޔާ ނަމަކީ ސީދީ އުގުބާއެވެ. މާތްﷲ އުގުބާއައި އަބޫ މުހާޖިރަށް ރުއްސުން ލައްވާށިއެވެ.

ރަސޫލާ ސައްލަﷲއަލައިހި ވަސައްލަމްވަނީ ތަހޫޒާގެ ވާހަކަފުޅު ދައްކަވާފައެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "މި ބިމުގައި މާތްﷲގެ މަގުގައި ހަގުރާމަކޮށް ޝަހީދުވާނެ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރޭގައި ވޭ. ބަދުރު ހަގުރާމައިގެ ސަހާބާއިންފަދައިން އެބޭކަލުންގެ ދަރަޖަވެސް މަތިވެރިވެގެންވޭ. ގިޔާމަތް ދުވަހުން އެމީހުން އަންނަހުށީ ކަނޑިތައް ކޮނޑުމައްޗަށް ލައިގެން..."

ގިނަ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެ ހަދީސްފުޅު އިޝާރާތްކުރަަނީ އުގުބާއާއި އެކަލޭގެފާނުގެ އަރިހުގައި ހަގުރާމަކުރެއްވި މުޖާހިދުންނަށެވެ. ފަހަރެއްގައި އުގުބާއަށް އެ ހަދީސްފުޅު އަޑު އިވި އެކަމަށް އެދިވަޑައިގެން ހުންނެވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

 

 

***

އުންމު ތާރިގުއަށް މުސްލިމުންނާއި ބަރުބަރުންގެ ހަގުރާމައެއް ކުރެވުނުކަން އެނގިވަޑައިގަތުމުން އެ ދިމާލަށް ދަތުރުކުރެއްވިއެވެ. ހަގުރާމައިގެ މައިދާން ވަނީ ހަށިތަކުން ފުރާލެވިފައެވެ.

"ތާރިގު. ތާރިގު............." އުންމު ތާރިގު ދަރިކަލުންގެ ނަމުން ހަޅޭއްފުޅު ލައްވާ ހެއްދެވިއެވެ. ފަރުބަދަތަކުގެ ތެރޭގައި އެ އަޑު ގުގުމައިގެން ދިޔައެވެ. ޝޭޚުއާއި ދަރިކަނބަލުންނަށްވެސް އެ މަންޒަރު ފެނި އަސަރުކުރިއެވެ. މަޔަކުން ދަރިޔަކު ގެއްލިގެން ކުރާ ހިތާމައާއި އުފުލަމުންދާ ކެކުޅުމަކީ އެހެން ލޯތަކަށް ބަލަން ފަސޭހަ މަންޒަރެއްނޫނެވެ. އުންމު ތާރިގުގެ މާޔޫސީކަމާއި ފުން ހިތާމަ އެންމެ ކައިރިން ފެންނަމުންދަނީ އެދެ ބަފައިންނަށެވެ.

މަރުވެގެން ވެއްޓިފައިވާ މީހުންގެ ކައިރިއަށް ވަޑައިގެން ކޮންމެ މީހެއްގެ މޫނަށް ބަލަމުން އުންމު ތާރިގު ބެއްލެވިއެވެ.. ބަންޑުން އޮތް މީހެއް ނަމަވެސް ފުރޮޅުއްވާ އެމީހެއްގެ މޫނަށް ބައްލައެވެ. ދަރިކަލުންގެ ހަށިގަނޑު ނުފެނުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިވަޑައިގަތެވެ. ޝޭޚުގެ ދަރިކަނބަލުން އުންމު ތާރިގު މަސަލަސްކުރަން ވާހަކަދެއްކިއެވެ.

 

***

ގައިރަވާން ހިންގެވުމާއި ހަވާލުވެގެން ތިއްބެވި ޒުބޭރު ބިން ގައިސްއާއި އުމޭރު ބިން އަލީ ހަމައެކަނި އަޅުވެރީއެއް ނޫނެވެ. ކުޅަދާނަ އޮފިސަރުންވެސް މެއެވެ. ޒުބޭރުގެ މިޒާޖުގައި ހުންނަނީ އުގުބާފަދަ ގޮތެކެވެ. ޒުބޭރުއަށް އުގުބާ ޝަހީދުވި ޚަބަރު އިވިވަޑައިގަތުމުން ހިތާމަކުރެއްވިއެވެ. އަދި ތަހޫޒާގެ ހިތާމަވެރި ހާދިސާގެ ޚަބަރު އަރަބިންނަށް ފޯރާ އުގުބާ ޝަހީދުވެވަޑައިގެންނެވި ހިސާބުން ފެށިގެން އެންމެންގެ ޖޯޝު ބަލިވެ މޮޅިވެރިވިއެވެ. ބަރުބަރުން ބަލިކޮށްލެވިދާނެ އަދަދަށް ހަގުރާމަވެރިން ތިއްބަސް ރޫހު ގެއްލި އުގުބާ ނެތުމުގެ އުނިކަން ހިތްވަރު ގެއްލުވާލައިފިއެވެ. އޭގެ އިތުރުން ތަހޫޒާގެ ހަގުރާމައިގާ ޒަޚަމްވެ ހައްޔަރުވި މަދު ހަގުރާމަވެރިންނެއް ގަފްސާގެ ގަވަރުނަރު ބައްލަވައިގަނެ ގައިރަވާންއަށް ފޯރުކޮށްދިނެވެ. އެ ހަގުރާމަވެރިން ކުސައިލާގެ ލަޝްކަރާއިމެދު ދެއްކި ވާހަކަތައްވެސް މުޖާހިދުންގެ ހިތްވަރު އެލުވައިލިއެވެ. އެކަމުގެ ނުތަނަވަސްކަމުގައި ތިއްބާ ދެން އިވުނީ އެއަށްވުރެ ނުތަނަވަސްވާފަދަ ޚަބަރެކެވެ. ކުސައިލާ ގައިރަވާނާއި ދިމާލަށް ދަތުރުކުރަނީއެވެ.

ޒުބޭރު ބިން ގައިސް ހުރިހާ މުސްލިމުން އެއްކުރައްވާ މުޚާތަބުކުރެއްވިއެވެ.

"އޭ ހިތްވަރުގަދަ މުސްލިމުންނޭ ތިޔަބޭކަލުންގެ ބައެއް ބައިވެރިންނަށް މާތްﷲ ރުއްސުންލައްވާ ޝަހީދުންގެ ދަރަޖަދެއްވައިފި. އަދި ޖަންނަތް ދެއްވައިފި. އެބޭކަލުންގެ ފިޔަވަޅުމަތީ ދަތުރުކުރަމާ ހިނގާ. މާތްﷲ ތިޔަ މުޖާހިދުންނަށް ގިނަ ނަސްރުތައް ދެއްވާނެ...."

 

ޒުބޭރުގެ ވާހަކަ ފުޅަށް އެކަކުވެސް ޖަވާބެއްނުދިންތާ ފުން ހިމޭންކަމެއް ވެރިވިއެވެ. ޒުބޭރުގެ ހިތްވަރާއި އަމިއްލަ ނަފުސަށް އޮތް އިތުބާރު ހުރި އެހެން އެކަކުވެސް އެތާ ވީހެނެއް ހިޔެއް ނުވެއެވެ. ބަރުބަރު ލަޝްކަރުގެ އަދަދާއި އެމީހުންގެ ކުޅަދާނަކަން އިވުނުފަހުން ހަގުރާމަވެރިންގެ ފޯރިކުޑަވެ ހިތްވަރެއް ނެތެވެ. އެހެންމީހުންގެ ތަބީއަތަށް ވެރިވެފައިވާ ނުތަނަވަސްކަމާއި ހިމޭންކަން ލަފުޒުތަކަކަށް ހަދައިދިނީ ހަގުރާމަ ކުރަން އެއްގޮތަކަށްވެސް ބޭނުންނުވެ ހުރި ހަންޝް ބުން އަބުދުﷲއެވެ.

"ﷲ ގަންދީ ބުނަން. ނޫން. އަޅުގަނޑުމެންނަށް ކަލޭގެފާނުގެ ހުށަހެޅުން ގަބޫލުކުރެވެން ނެތް. މިވަގުތު ކުރިމަތިވާން އުޅޭ މުސީބާތުންނަށް މުސްލިމުން ސަލާމަތްވެ ރައްކާތެރިވާން އޮތް ހަމައެކަނި ގޮތަކީ އިރުމައްޗަށް ދަތުރުކުރުން." ހަންޝް އަޑުކޮޅަށް ވާހަކަދައްކަމުން މީސްތަކުންނާއި ދިމާލަށް އެނބުރުނެވެ." އޭ މުސްލިމުންނޭ. އަހަންނާއި އެކީ އިރުމައްޗަށް ދަތުރުކުރަން ބޭނުންވާ މީހުން އަހަންނާއެކު އާދޭ....."

ހަންޝްގެ ފަހަތުން ހުރިހާ މުޖާހިދުންހެން ގައިރަވާނުން ބޭރަށް ދަތުރުކުރިއެވެ.

ޒުބޭރުއަށް ފާހަގަކުރެވުނީ އޭނަ އާއި އާއިލާ ފިޔަވާ ހުރިހާ ހަގުރާމަވެރިން ގައިރަވާން ދޫކޮށް ހިގައްޖެކަމެވެ. އެކަލޭގެފާނަށްވެސް މަޖުބޫރުވީ އާއިލާ ގޮވައިގެން ދަތުރުފަށްޓަވާ އޭނަގެ ހަގުރާމަވެރިންގެ ފަހަތުންގޮސް އަރާ ހަމަކުރެއްވުމެވެ. އެންމެން އެފްރިކާ ދޫކޮށް އަނެއްކާވެސް ބަރްގާއަށް ގޮސް އިސްލާމުން ކުރިން ތިބި ހިސާބަށް އަނެއްކާ އާދެވުނީއެވެ. މުސްލިމުން އެފްރިކާގައި ހޯދި ފަތަހައާއި ނަސްރު ނިމި އަނެއްކާވެސް ކުރިން ތިބި ހިސާބަށް އާދެވިއްޖެއެވެ.

ކުސައިލާ ގައިރަވާނަށް އައީ ބަރުބަރުންނާއި ރޫމީންގެ ބޮޑު ލަޝްކަރަކާއިގެންނެވެ. އޭނަ އަންނަކަން އެނގި އެހިސާބުން އެތައް މުސްލިމުންނެއް ދުރަށް ދަތުރުކުރިޔަސް މަދު މުސްލިމުންތަކެއް ވަޒަންވެރިވެގެން ތިއްބެވެ. މުސްލިމުންނަށް ބަރުބަރުންނާއި ކުރިމަތިލައިގެން ކާމިޔާބެއް ނުހޯދޭނެކަން އެނގުމާއެކު ވިސްނުންތެރިކަމާއެކު ފިޔަވަޅުއެޅިއެވެ. ހިމޭންކަން ޚިޔާރުކުރިއެވެ. ކުސައިލާއަށް މުސްލިމުން އެރަށުގައި އުޅޭކަން އެނގުނެވެ. އެންމެން ހީކުރިގޮތާއި ޚިލާފަށް އޭނަ މުސްލިމުންނަށް ހިމާޔަތްދީ ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ދިނެވެ. ލޫޓުވުމާއި ފޭރުންފަދަ އެއްވެސް އަމަލެއް ނުހިންގާ އެމީހުންނަށް ހަމަޖެހިގެން އުޅެވޭނެ ފުރުސަތު ދިނެވެ.

ކުސައިލާގެ ނަސީބިގެ ތަރި އޭރު ހުރީ މެދު އުޑުގައެވެ. ލީބިޔާ ފިޔަވާ މުޅި އެފްރިކާގެ މާސްޓަރއަކީ އޭނައެވެ. އޭނަ ބަރުބަރުންނާއި ރޫމީން އަދި މުސްލިމުންގެ ރަސްގެފާނުކަމުގައި ވިއެވެ. ހުރިހާ އެންމެނަށް އަމުރުކުރާ ވެރިޔަކީ އޭނައެވެ.

 

 

***

ދުވަސްތައް ފާއިތުވަމުން ދިޔަސް އުންމު ތާރިގުގެ ހިތްޕުޅުން ފިރިކަލުންނާ ދަރިކަލުންގެ ވަކިވުމުގެ ހިތާމަ ފިލާނެގޮތެއް ނުވިއެވެ. ކީރިތިކުރައްވަމުންގޮސް އެންމެ ފަހުން އެކަމަނާގެ ދެލޯފުޅުގެ ފެނުން ހިގައްޖެއެވެ.

(ނުނިމޭ)

ކޮމެންޓް 0