ބޮޑުބޭބެ އޮޕާސް ފެނުމުން އާލްފްގެ ލޮލުން ކަރުނަ އައުމާއެކު ޝަކުވާތައް ބަންޑުންކޮށްލިއެވެ. އޮޕާސް އޭނަގެ ބޭބެގެ ދަރިފުޅަށް ހަމްދަރުދީވެ ވިސްނައިދޭން އެތައް ވާހަކަތަކެއް ދެއްކިއެވެ. ދެމީހުން ހަދަންވީ ގޮތަކާއިމެދު މަޝްވަރާ ކުރިއެވެ. އާލްފް ބިންމަތީ ފިރުކެން ފެށީއްސުރެން އޭނަގެ ބޮޑުބޭބެ ބައްޕަ ކައިރިއަށް ފާދިރީން ލާފަދަ ހެދުމުގައި ޒިޔާރަތްކުރެއެވެ. އޭރުއްސުރެން އެންމެން އޭނައަށް ގަދަރުކުރެއެވެ. އޭނަގެ މަޝްވަރާ ގަބޫލުކޮށް އެގޮތަށް އަމަލުކުރެއެވެ. އާލްފްވެސް ބޮޑުބޭބެގެ ކޮންމެ ޚިޔާލަކަށް ތާއީދުކުރެއެވެ. އޭނަ އަންގާ ގޮތަށް އަމަލުކުރަނީ ފިކުރުކުރުމަކާއި ނުލައެވެ. އެހާވެސް އިތުބާރުކޮށް ޔަގީންކަމެއް އޮވެއެވެ.

"އާލްފް. މިހާރު ހަތިޔާރު ބަހައްޓަނީތަ؟ ތަބީއަތު ހާދަ އަވަސްއަވަހަށް ތި ބަދަލުވަނީ؟ އުއްމީދުން މާޔޫސްކަމަށް ބަދަލުވާން އިރުކޮޅެއްވެސް ނުނަގާ. ކަންބޮޑުނުވޭ ފިކުރު ނުކުރޭ ދަރިފުޅާ. ކަމުގެ ދެކޮޅު ބެލުމެއްނެތި ބޮޑުބޭބެއަށް ތި ކުރާ އިތުބާރު ބޭކާރު އެއްޗަކަށް ވިޔަނުދޭނަން. މިއަހަރުތެރޭ އަހަރެން އޮތީ އެނދުގައި އަރާމުކުރާކަށް ނޫން. އަހަރެން ވަރަށް ޚިޔާލުކުރުމަށްފަހު ނިންމި ޕްލޭނެއް އެބައޮތް. ހުރިހާ ކަމެއް ވަރަށް ރަގަޅަށް ރޭވިފައި ވަނީ. މިހާ ވަރުގަދަޔަށް ކަންތައް ނިންމާފައި ނުވާނަމަ އަހަރެން މިކަމާއި ބެހޭ ވާހަަކައެއް ނުދައްކާނަން......"

އޮޕާސް އެހިސާބަށް ބުނެފައި ތެދުވުނެވެ. އަދި ތަންކޮޅެއް ބާރަށް ޔައުގޫބުގެ ނަމުން ގޮވާލައިފިއެވެ. ޔައުގޫބު ފުޅާ ހިނިތުންވުމެއްގައި ހުރެ އެތެރެއަށް ވަނެވެ. އޮޕާސް އިށީނުމަށްފަހު އާލްފްއާއި ޔައުގޫބަށްވެސް އިށީންނަން އިޝާރާތުން އެންގިއެވެ.

"މާތް ސާހިބާ....." ޔައުގޫބުއަށް ކުއްލި ސިހުމެއް ލިބި ލޯ ބޮޑުވިއެވެ. "އަޅުގަނޑުގެ މާސްޓަރ އާއި ސާހިބާގެ އަރިހުގައި އެއް މަޖިލީހެއްގައި އިށީނުމަކީ އެކަށީގެންވާކަމެއް ނޫން. އަޅުގަނޑު ކޮޅަށް ހުރިޔަދެއްވާ..."

އޮޕާސް ހިނިގަނޑެއް ޖަހައިލިއެވެ. ޔައުގޫބުގެ ހާޟިރުގައި ނޫނީ އޭނަގެ ފަރާތުން ފެންނަ ސިފައެއް ނޫނެވެ. އޭނަ އަތްދިއްކޮށްލިގޮތަށް ޔައުގޫބުގެ ތުނބުޅީގައި ހިފާފައި މަޑުމަޑުން ގާތަށް ދަމައިލިގޮތަށް ދޫލަމަތީގައި އޭނަ އިށީންނަން މަޖުބޫރުކުރިއެވެ.

"ޔައުގޫބު ތުނބުޅި ދޮންނަނީ ކިހާ ދުވަހަކުން؟ " އޮޕާސް އެހިއެވެ. "މިހާރު ވަގުތު ޖެހިއްޖެ..."

އޮޕާސްގެ އެ ޖުމްލައިން މަޖާ ތަބީއަތުގައި ހުރެގައި އޭނަ ކުއްލިއަކަށް ސީރިޔަސް ވެ މޫނުގެ ކުލަ ބަދަލުވެއްޖެއެވެ.

"ހެއްދެވި ފަރާތުން ބޮޑަށް ދެނެވޮޑިގެންވަނީ. އެކަމަކު ވަރަށް އަވަހަށް. އެގޮތަށް އަޅުގަނޑު އުއްމީދުކުރަނީ....."

އާލްފްއަކަށް އެއްގޮތަކަށްވެސް އެދެމީހުންގެ ވާހަކަތަކުގައި ވި މާނަ އެއް ދެނެގަނެވޭނެ ގޮތެއްނުވިއެވެ. އަދި ޚާއްސަކޮށް ޔައުގޫބުގެ ބަދަލުވި ތަބީއަތުންނެވެ. އެކަމަކު އާލްފް ވިސްނުންތެރިކަމާއެކު ވާނުވާ ބަލަން އިނެވެ.

"އަހަރެންވެސް އުއްމީދުކުރަނީ އެގޮތަށް. އެކަމަކު ދޮންނަން ވެއްޖެއްޔާ ބައިވަރު ފައިސާ ޚަރަދުވާނެ. އެކަމަށް ހޭދަކުރެވޭނެތަ؟ " އޮޕާސް އެހިއެވެ.

"ޔަގީންކަމެއް ނޫންތޯ ސާހިބާ." ޔައުގޫބު ބުނެލިއެވެ. " ދޮންނަން ވީމަ އަޅުގަނޑު ފައިސާއަކަށް ދަރިންނަކަށް އަދި ނޭވާއަކަށްވެސް ނުބަލާނަން...."

އެދެމީހުންގެ ވާހަކަ އަހަން އިން އާލްފްއަށް އެ ވާހަކަތައް ހައްތަހާ އަޖައިބުކުރުވަނިވި ވާނުވާ ނޭގޭ ލަފުޒުތަކަކަށްވިއެވެ. ފާދިރީ އެމީހުންގެ ޚާދިމް އެކޮޓަރިއަށް ދައުވަތު ދީގެން ގެންނާން ޖެހުނު ސަަބަބެއްވެސް އޮޅުމެއް ނުފިލިތާ އެހާ ސީރިޔަސް މައުޟޫއެއްގެ ތެރެއަށް މިހާ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ވައްދަންވީ ސަބަބެއް ވިސްނުމަކަށް ނައެވެ. އަދި އޭނަގެ ބޮޑުބޭބެގެ ލާނެތް މިޒާޖެއް ހުންނަކަން ފުރަތަމަ ފަހަރަށް ފާހަގަވިއެވެ. އޭނަ އެދެމީހުން ސަމާސާކުރަނީކަމަށް ނިންމިއެވެ. އަދި އެނބުރި އަސްލު މައުޟޫއަށް ރުޖޫއަވާނެ އިރަކަށް އިންތިޒާރުކުރިއެވެ.

"އަހަންނަށް ތިކަން މާރަގަޅަށްވެސް އެނގޭ. އެކަމަކު ތި ތުނބުޅި ދޮވެފައި އަހަންނަށް ދައްކަންވީ ވަގުތު ޖެހިއްޖެ. ފައިސާއާއި ބެހޭގޮތުން ޔަގީންކަން އެބައޮތްތަ؟ ކިތަންމެ ބޮޑު އަދަދެއް ދައްކާން ޖެހުނަސް؟ "

"ލައްބަ މާތް ސާހިބާ. ސާހިބާއަށްވެސް އެގިލައްވާނެ....."

"ހޫމް އަހަންނަށް އެނގޭ. އެކަމަކު ދެން އިތުރު ބަދަލެއް ނޫނީ އެހެން އާކަމެއް ނެތްތަ؟ " އޮޕާސް އެހިއެވެ.

"ނޫން ސާހިބާ. ހަމަ ނިންމިގޮތަށް...."

އޮޕާސް އިރުގަނޑެއްވާންދެން ފުން ޚިޔާލެއްގައި ކަހަލަ ގޮތަކަށް އިނދެފައި ފުންމައިގެން ތެދުވުނީ ކޮންމެވެސް ކަމަކަށް ވިސްނާފައި އަމިއްލައަށް ހައްލު ހޯދުނުފަދަ ގޮތަކަށެވެ.

"މިރޭ އަހަރެންގެ ގެއަށް އަންނަންވާނެ ޔައުގޫބު.."

އޮޕާސްގެ ޖުމްލައިން ޔައުގޫބު އެ އަމުރު ބަލައިގަތްކަން އޭނަގެ ލޮލާއި އަނގަ އަދި އަތުންވެސް އަންގައިދިނެވެ. އަދި އޭނަ ބޭރަށް ނުކުމެ ދޮރު ލައްޕާލައިފިއެވެ.

***

ޔައުގޫބު ނުކުތުމުން އާލްފް އިންތިޒާރުކުރީ ބޮޑުބޭބެގެ ފަރާތުން އޭނަގެ ނުތަނަވަސްކަން ކަނޑުވައިލާ ހިތަށް ތަސައްލީ ލިބިދާނެ ފަދަ ވާހަކައެއް ބުނާނެކަމަށެވެ.

"އާލްފް. ކަންބޮޑުނުވޭ. ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންކުރަން އެކަށީގެންވާ ވަރަށް ފައިސާ އެބަހުރި. އެކަމާއި ވިސްނާނެކަމެއްނެތް. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އަހަރެމެން އަމަލު ކުރަން ޖެހޭނެ ގޮތާއި ރޭވުމުގެ އެންމެ ފަހު މަރުހަލާއާއި ބެހޭގޮތުން ހިއްސާކޮށްލަން މިފަދަ ދެވަނަ ބައްދަލުވުމަކަށް ބޭނުންވޭ.." އޮޕާސް އާލްފްގެ މޮޅިވެރި މޫނަށް ބަލައިލަމުން މަޑުމަޑުން ބުނެލިއެވެ.

"އަޅުގަނޑަށް ނުވިސްނުނީ ބޮޑުބޭބެ ޔައުގޫބުގެ ތުނބުޅިއާއި ބެހޭގޮތުން އެދެއްކި ވާހަކަ...."

"މާތްރަސްކަލާނގެ އިރާދަކުރެއްވިއްޔާ މިއަދު ހަވީރު އެކަންތައް އެނގޭނެ. އަހަންނާއެކު ރޭގަނޑު ކެއުމަށް އަންނަންވީނު. ނޫން އެއަށްވުރެ ރަގަޅު ޚިޔާލެއް އެބައޮތް.ކަލޭ މަޑުކުރޭ. އަހަރެން އެކަނި ހިނގައިދާނަން. އަހަރެން ފަހުން ބައްދަލުކުރާނަން. މިވަގުތު ބައިވަރު ކަންތައްތަކާމެދު ވިސްނަން އެބަޖެހޭ...."

ބޮޑުބޭބެއަށް ދޮރު ހުޅުވައިލަދޭން ކުރިއަށް ޖެހިލިތަނާ ދޮރުގައި ޓަކިދިން އަޑުއިވުނެވެ. ޔައުގޫބު ގެ އަތުގައި އޮތީ ދަނބުކުލައިގެ ކުޑަ ފޮތެކެވެ. ނޫކުލައިގެ ރިބަނުން ބަދެލާފައެވެ. އެ ފޮތަށް ނަޒަރު ހުއްޓާލުމާއެކު އާލްފްގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އެއީ ފްލޮރިންޑާ ފޮނުވި އެއްޗެއްކަން ވަގުތުން ޔަގީންވިއެވެ، ކުރިންވެސް ފްލޮރިންޑާ އޭނައަށް ސިޓީ ފޮނުވާ އުޅުނީ މިގޮތަށެވެ. އާލްފް އެފޮތް އަތުލަމުން މި ގެނައީ ކާކުތޯ ސުވާލުކުރިއެވެ.

"ޝާހީ ގަނޑުވަރުން އައި ޚާދިމެއް...."

ޖަވާބު އައުމުގެ ކުރިންވެސް ތުރުތުރުލާ އިނގިލިތަކުން އޭނަ އެ ހުޅުވަން ފެށިއެވެ. އޭގެ ތެރޭގައި އޮތީ ހަތަރެސްކަނަށް އޮތް ކުޑަ ވަކަރު ފިލާއެކެވެ. ދެފަރާތުގައި އުއް ވިރުވާ އަޅާފައި މައުދަނުން ހަދާފައިވާ ގަލަމަކުން ލިޔެފައެވެ. ބޮޑުބޭބެއަށް އަލްވަދާއު ކިޔަންވެސް އޭނަ ހަދާނެއްނެތެވެ. ކުޑަދޮރު ކައިރިއަށް ގޮސް އިރުގެ އަތްވަށް ފިލާ ދިއްކޮށްލައިގެން ހުރެ ކިޔައި ނިމުނުއިރު އޭނަގެ އިނގިލިތައް ތުރުތުރުލާ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. އޭރު އޮޕާސްވެސް ހުރީ އެ ސިޓީގެ މުހިއްމުކަން އެނގޭތީ އާލްފް ނިމެންދެން ވަގުތު ދީގެންނެވެ. އާލްފް އެ ފިލާގައި އޮތް އެއްޗެއް ދެވަނަފަހަރަށްވެސް ކިޔައިލިއެވެ. ކޮންމެ ލަފުޒަކާމެދު ވިސްނަމުންނެވެ. އޭނައަށް ކިޔޭ އެއްޗެއް ގަބޫލު ނުކުރެވިފައި ހުރި ފަދަ ނަޒަރެކެވެ. މޫނުމަތި ރަތްވެ ރުޅިވެރިކަމުގެ އަސަރުތައް ފެނިލިއެވެ. ނިކުންނާން ގޮސްފައި އޮޕާސް ދޮރު ލައްޕާލާފައި ބޮޑުބޭބެ ދަރިފުޅާއެކު އެކަނި ވާހަކަދައްކައިލަން ބޭނުންވިއެވެ. ބޮޑުބޭބެ ފެނުމުން އާލްފްގެ ރުޅި މައިތިރިވެ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ބޮޑުބޭބެއާއި އެއްވަރަށް އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އޭނަ އޮޕާސްއަަތަށް ސިޓީ ދިއްކޮށްލިއެވެ.

"ކޮންފަދަ ބޮޑު ހަލާކެއް. އެއް މުސީބާތުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއް ކަންތަކާ ލައިގަންނަނީ މި ފާހިޝް މަކަރުވެރި އަދި އޭނަ އަންނަން ނުޖެހޭ ތާކަށް ވަދެގެން އުޅޭ ލުދްރީކްއާއި ހުރެ..." އާލްފް ފުންނޭވާ އެއް ދޫކޮށްލިއެވެ.

އޮޕާސް ފަރުވާތެރިކަމާއެކު އެ ސިޓީއަށް ބެލިއެވެ. ވަކަރު ގަލަމަކުން އުއިތަކުގައި ލިޔެފައިވަނީ ލެޓިން ބަހުންނެވެ. މަދު ގޫތު ލަފުޒުތަކެއްވެސް ހިމަނާލާފައެވެ.

"ލޯބިވާ އާލްފްއެވެ.

އަހރެން ޝާހީ ގަނޑުވަރަށް ބަދަލުކުރުމުން އެހާ ބިރުގަތް ސަބަބު ހަގީގަތަކަށް ނުވެ ސަލާމަތްވީ ހަމަ ކިރިޔާކަން އެނގޭތަ؟ އަވަސްވެގެން އަހަރެން ސަލާމަތް ނުކޮށްފިއްޔާ މި ސިންގާގެ ވަކިދަށުގައިވާނެ. ބުނަމެއްނު ފްލޮރިންޑާދެކެ ލޯބިވަމޭ. އެހެންވެއްޖެއްޔާ ވަގުތު ފާއިތުވެ ނުދަނީސް ސަލާމަތްކޮށް ދޭށެވެ. އެކަން ނާމާކިޔާބުވެއްޖެނަމަ އޭނަގެ ދިރިހުރުމުގެ ބާކީ އޮންނާނީ މަދު ގަޑިތަކެކެވެ. ސަލާމަތްކޮށް ނުދެވިއްޖެއްޔާ ތިބާ މާތް ރަސްކަލާނގެ ރައްކާތެރިކަމުގައި ލަހައްޓަވާށިއެވެ. ސަލާމަތް ނުކުރެވިއްޖެއްޔާ އަހަރެން ވަކިވެގެންދާނީ އިއްފަތްތެރި ސާފު ތާހިރު ޝަހީދެއްގެ ގޮތުގައި ކަމެވެ. އަހަރެންގެ އާއިލާއަށް އަހަރެންގެ މަތިން ހަދާންކޮށްދޭށެވެ. އަހަރެމެން ދެން ބައްދަލުވާނީ ސުވަރުގެއިންނެވެ.

ތިބާގެ ހިތްހަލާކުވެފައިވާ ފްލޮރިންޑާ"

***

އޮޕާސްއަށްވެސް އާލްފްއަށް ކުރިފަދަ ފުން އަސަރުތަކެއް ކުރިނަމަވެސް މިފަދަ އިމަޖެންސީ ހާލަތްތަކާއި ކުރިމަތިލާން އެނގެއެވެ.ފްލޮރިންޑާއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އޭނަ އަމިއްލަ ނަފުސްކުށްވެރިކުރިއެވެ. މިކަމުގެ ފުރިހަމަ ޒިންމާ އޭނަވެސް އުފުލަން ޖެހޭނެކަމުގައި ގަބޫލުކުރިއެވެ. އެދެކުދިން އެންގޭޖްމެންޓްގައި އެންމެ ބޮޑު ރޯލެއް ކުޅުނު އެކަކީ އޭނައެވެ.

"މާފުކުރައްވާ ބޮޑުބޭބެ. އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލައިފި. ތަޚުތާއި ބެހޭ ހުރިހާ ކަމެއް ހަދާން ނައްތާލައިފިން. ބޮޑުބޭބެ އަޅުގަނޑުމެންގެ އެންގޭޖްމެންޓަށް ރުހުން ދެއްވީ އަދި ކައިވެނި ކުރެވޭނެކަމުގެ ޔަގީންކަންވެސް ދެއްވާ. އަދި ބޮޑުބޭބެގެ ޕްލޭން އެނގެން ބޭނުން....."

އޮޕާސްގެ މޫނުމަތިން ފެންނަނީ ހަމަޖެހޭކަމެވެ. އޭނަ ތުނބުޅީގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.

"ހަމަޖެހޭ އާލްފް. އަހަރެން ފްލޮރިންޑާ ސަލާމަތުން އެ ގަނޑުވަރުން ބޭރަށް ނެރޭނަން......" އިރުގަނޑެއްވާންދެން ބުމަ އަރުވާލައިގެން ޚިޔާލެއްގައި ހުރުމަށްފަހު ކުޑަކޮށް ހިތްހަމަނުޖެހުން އެ މޫނުމަތިން ފައުޅުވިއެވެ. "އޭނަގެ އުޅުމާއި ވިޔާނުދާކަމާއިމެދު ހަމަ ހައިރާން ހީވޭ. އެހެން މީހުންގެ އިހުސާސްތަކާ ކެކުޅުމަށް ބީރު ކަންފަތެއް ދީ ތިމާގެ ލައްޒަތާއި އުފާވެރިކަން ހޯދަން އުޅުމުން ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުމެއް ނުލިބޭނެ އަދި މީސްތަކުންވެސް އެހާ ފޫހިވާނެ. އެކަން އަހަރެން ދެކެނީ އެ ރަސްކަން ނިމުމަކަށް އަންނަން އުޅޭކަމުގެ ނިޝާނެއްކަމުގައި. ހެއްދެވިފަރާތުގެ ތާއީދެއް މިފަދަ ގޮތަކަށް ހައްގާއި ބަތިލު ވަކިނުކޮށް އިލާހީގާނޫނާއި ތައާރަޒުވާގޮތަކަށް އުޅޭ ރަސްކަލަކަށް ލިބިވަޑައިގަތުމެއް ނެތް. "

އާލްފްގެ މޫނުމަތިން އަދިވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްކަމުގެ ކުލަވަރެވެ. ފްލޮރިންޑާއާއިމެދު ވިސްނުމުން ހިތުގައި އަލިފާން ރޯވެ އަނދަމުންދާ ފަދައެވެ. އެތައް ފަހަރު އޭނަ ތަކުރާރުކޮށް އެ ސިޓީ ކިޔައިފިއެވެ. އަދި އެއް ޖުމްލައާއިމެދު ޚާއްސަކޮށް ވިސްނުނެވެ. " އަހަރެން ވަކިވެގެންދާނީ އިއްފަތްތެރި ސާފު ތާހިރު ޝަހީދެއްގެ ގޮތުގައެވެ"

އޮޕާސް ޔައުގޫބުއަށް ގޮވާ ގެނައެވެ. އޭނަ ވަންއިރު ބޮލުގައި އަޅާ ތޮފި އޮތީ އަތުގައެވެ.

"ލައްބަ މާތް ސާހިބާ.. އަޅުގަނޑު މިހިރީ ޚިދުމަތުގައި......"

"މި ގޭގައި ދިރިއުޅޭ ޚާދިމުންގެ ތެރެއިން އަހަރެން ބުނާފަދަ މަސައްކަތެއް އިތުބާރާއި އެކު ނިންމާލެވޭފަދަ ޚާދިމުންގެ ދެމީހުންގެ ނަން ބުނެބަލަ. އެހެޔޮ މި ޒާލިމް ލުދްރީކްއާއި ދެކޮޅަށް ހިންގަން ޖެހޭ ޖަރީމާއަކަށް ވިޔަސް...."

"އަޅުގަނޑު......."ޔައުގޫބު އަވަހަށް ބުނެލިއެވެ.

"ނޫން. އަދި އެހެން ދެމީހުން. ކަލޭ އަދި އެހެން ކަމަކަށް ތައްޔާރަށް ހުންނަން ޖެހޭ..... ދެތިން ޒުވާން ފިރިހެނުން ބޭނުމީ. ހިތްވަރާއި ކުޅަދަނަކަން އަދި ޖެހިލުންކުޑަކަން އަދި ވަފާތެރިކަން ހުންނަން ޖެހޭ. އަހަރެން މިދައްކަން އުޅޭ މަސައްކަތަށް ގައިގާ ބާރު ހުރި ވަރުގަދަ މީހުން ބޭނުންވޭ.."

ޔައުގޫބު އިރުގަނޑެއްވާންދެން އިގިލިތަކުން ތުނބުޅިއާއި ކުޅެން އިސްޖަހައިގެން ހުއްޓެވެ. ތުނބުޅި އަނބުރަމުންގޮސް ވަށާލާފައިވާ ރޯނެއްފަދައިން ފެންނާން ހުއްޓެވެ.ކުއްލިއަކަށް އޭނަ ތުނބުޅިން ދޫކޮށްލުމުން ކުރިން ހުރިގޮތަށް އިއާދަވިއެވެ. އޭނަގެ ނަޒަރު އޮޕާސްއާއި އަމާޒުވިއެވެ.

"އާއްމުކޮށް އަޅުގަނޑު ތި ވިދާޅުވާ މީހުންނަށް އިތުބާރެއްނުކުރަން. މިގޭތެރޭގައި ކުޑައިރުއްސުރެން އުޅެ ބޮޑުވެ އެތައް ފައިދާތަކެއް ވެފައިވިޔަސް އިންސާނުންނަކީ ބަލިކަށި ބަޔެއް. ތެދުވެރިކަމާއި އިތުބާރަށްޓަކ ގުރުބާންވާނީ މަދު ބަޔެއް. އެހެން އޮތްކަމުގައިވިޔަސް ތިޔަ ވިދާޅުވި މަސައްކަތަށް އެކަށީގެންވާފަދަ ދެމީހުން އެބަތިބި. "

"އެއީ ކޮންބަޔެއްތަ؟ "

އަޖިލާ އާއި ޗަންޓިލާ......" ޔައުގޫބު ނަން ފައުޅުކުރިއެވެ.

"ކީއްވެ އެދެމީހުން؟ އެއީ އަދި ރަސްގެފާނުގެ ހިމާޔަތުގައި ގަނޑުވަރުގައި އުޅެ ބޮޑުވީ ބަޔެއްވެސް ނޫން..."

"އަޅުގަނޑު އެދެމީހުން ހޮވީ އެދެމީހުންނަށް އެފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިވުމާއެކު އެއަށްވުރެ މައްޗަށް ދެވޭނެތީ. ސާހިބައަށްވެސް އެގިވަޑައިގަންނަވާނެ އެދެމީހުންނަކީ ކުރިން އަޅުންކަން. އެކަމަކު ސަހިބާގެ ބޭބޭފުޅު އަވަހާރަވުމުގެ ކުރިން އެދެމީހުން މިނިވަންކުރެއްވި. އެމީހުންގެ ހުނަރާއި މަސައްކަތް ހުންނަގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަރައިގެން ދާން ބޭނުންފުޅުވީމަ. އެދެމީހުންގެ ކުރިމަގާމެދު އޮތް އުއްމީދުތައް އަޅުގަނޑަށްވެސް ފަހުން އެނގުނު. ދުވަހަކު ނުކާ އެއްޗެއް ފެނި ރަހަ ބަލައިފިއްޔާ އިތުރަށް ކާ ހިތްވާނެ. އެކަމަކު އަބަދު އެއެއްޗެއް ކައި ކައި ފޫޙިވެފައި ތިބި ބަޔަކަށް އެހާ މުހިއްމުކަމަކަށް ނުވެދާނެ. އެމީހުންވެސް އަޅުންގެ ގޮތުގައި ތިބެ ބޮޑުވީ އަދި މިހާރު މިނިވަންކަމުގެ ރަހަ އަރުތެރޭ ލީ. އެއީ ދިގު ވާހަކައެއް. އެކަމަކު އެ މީހުންނަށް އަވަހާރަވި ރަސްގެފާނު މިނިވަކަންކަން ދެއްވީ އަޒުމާއި އުއްމީދުތަކާއި ހެދި. މިހާރު އެމީހުން ދާން ބޭނުންވާނީ ކުރިއަށް. އެމީހުންނަށް ރަގަޅު މަގު ކޮށާދީ މަސައްކަތް ދައްކައިފިއްޔާ އެމީހުން އެކަން ކުރަން މަސައްކަތްކުރާނެ." ޔައުގޫބު ބުނެދިނެވެ.

"ޔައުގޫބު. ކަލެއަކީ ދުރުވިސްނޭ މީހުން ދެނެގަންނަން ކުޅަދާނަ މީހެއްކަން އެނގިއްޖެ. އެދެމީހުން މިރޭ އިރުއޮއްސުމުން އަހަރެންގެ ގެއަށް ގެނެސްދީ....." އޮޕާސް އަމުރުކުރިއެވެ.

އޮޕާސް އާލްފްއާއި ދިމާލަށް އެނބުރުމުން ޔައުގޫބުއަށް އޭނަ އެތަނުން ދާންވެއްޖެ ކަމުގެ އިޝާރާތެއްކަން އެނގި އަވަސްއަވަހަށް އެކޮޓަރިން ނުކތެވެ.

"ބޮޑުބޭބެ. މިސިޓީގެ ޖަވާބަކަށް ކީކޭ އަޅުގަނޑު ލިޔަންވީ؟ "

"މިރޭ މެންދަމު ދޭއްޖަހާއިރަށް ގަނޑުވަރުން ނިކުންނަން ތައްޔާރަށް ހުންނަން ބުނޭ. "އޮޕާސް ބުނެލިއެވެ." ގަނޑުވަރުކައިރީގައިވާ ކޯރުގައި އިންތިޒާރު ކުރާނެކަމަށް ބުނެ ސިޓީ ލިޔޭ....."

އާލްފް ތެޅިތެޅިވާ ހިތަކާއެކު ސިޓީ ލިޔަންފެށިއެވެ.

"ހިތުގެ ރާނީ ފްލޮރިންޑާއަށް

މަގޭ ލޯބިވާއަށް ސަލާމް. މިރޭ ދަންވަރު ދޭއްޖަހާއިރަށް އެ ދުވަހު އަހަރެން ގަނޑުވަރު ކައިރިން ބައްދަލުވިތަނަށް އަންނައްޗޭ. ބޯޓުގައި އިންތިޒާރުކުރާނަން. ބޭނުންހާ އެއްޗެއް ހިފައިގެން އަންނަން ތައްޔާރުވެގެން ހުރޭ. ކުޑަދޮރުން ބޭރަށް ބަލައްޗޭ. ތިނެސްކަން އައްޔެއް ފެންނަން ފެށީމަ އޭގެ މާނައަކީ އަހަރެން އިންތިޒާރުގައި ހުރީއޭ. ބިރުނުގަނެ ހިތްވަރުކުރާތި. ކަމަނާގެ ލޯބިވާ އާލްފްގެ މި ހިތް ގުރުބަން ކުރަމެވެ.

އޭނަ ސިޓީ ފަތް ޖަހާލާފައި އެ ކުޑަ ފޮށީގެ ތެރެއަށް ލުމަށްފަހު ޔައުގޫބު އަތަށް ދިނެވެ. އަދި ފްލޮރިންޑާގެ ސިޓީ ގެނައިމީހާގެ ހަވާލުގައި ފޮނުވާއިރު އެހެން މީހަކަށް އެއްވެސް ހާލެއްގައި އެ ފޮށި ނުދައްކާ އަމާނާތްތެރިކަމާއެކު ފްލޮރިންޑާއަށް ރައްދުކުރަން އެންގިއެވެ.

ނުނިމޭ

 

ކޮމެންޓް 0