" ދެން ކިހިނެއްވީ؟ " ސުލައިމާން ޝައުގުވެރިވިއެވެ.

ޔައުގޫބު އޭނަގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު ނެގި އެއްޗެއް ސުލެއިމާންގެ އަތަށް ފޯރުކޮށްލިއެވެ. އެއީ ސިޓީއެކެވެ.

"އަހަރެމެންވެސް ޔަގީންކުރީ ރޭވުމާއި އެއްގޮތަށް އަމަލުކޮށް އަހަރެމެންގެ މަގުސަދު ހާސިލުވާނެކަމުގައި. އެކަމަކު ދެން އަލްފަންސޫއަށް އޭނަގެ ބޮޑުބޭބެ އޮޕާސްގެ މި ސިޓީ ލިބުނީ."

އެހިސާބުގައި އަނިދިރިކަން ރަސްކަންކުރާތީ އެ ސިޓީގެ އަކުރުތަކެއް ނުފެނުނަސް ޔައުގޫބު އޭގައިވާ ހުރިހާ އެއްޗެއް ހަނދާނުގައި ހުރިކަމުގައި ބުނެލިއެވެ.

"ތި ސިޓީ ނުކިޔަސް އެންމެ ރަގަޅުވާނެ. ސަބަބަކީ އެތައް ފަހަރު ތިޔަ ސިޓީ ކިޔާ ތީގައިވާ އެއްޗެއް ސިކުނޑީގައި ރައްކާކުރެވިފައިވާތީ. އަހަރެންގެ ހިތުގައި މިހުރިހާ ދުވަހު އޮޕާސްއަށް އޮތް ތައުރީފާއި ގަދަރު މިސިޓީ ކިޔާފައި ނެތިގެން ހިނގައްޖެ....." ޔައުގޫބު ބުނެދިނެވެ.

އެސީޓިގައި އޮޕާސް އަލްފަންސޫއަށް އަންގާފައިވަނީ ކައުންޓް ޖޫލިއަން އަރަބިންނާއި ގުޅިގެން ރަސްގެފާނު ލުދްރީކަށް ހަމަލާދޭން އުޅޭ ކަމަށެވެ. އޮޕާސްއަށް ޔަގީނަށް އެނގޭ ކަމަކީ ޖޫލިއަންގެ ހަމަލާގެ މަގުސަދަކީ ފްލޮރިންޑާއަށްޓަކާ ބަދަލު ހިފުމެވެ. އެކަމުގެ ސަބަބުން އަލްފަންސޫގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބި އުއްމީދު އާވިނަމަވެސް ކައުންޓް ޖޫލިއަން އެ ކުރި ކުށް އަލްފަންސޫވެސް ޖަޒުބާތާއި ރުޅިވެރިކަމުގައި ޖެހިގެން ކޮށްފާނެތީ އޭނަ ކަންބޮޑުވާކަމަށެވެ. ދަރިދަރިކޮޅަށްދަންދެން އެމީހުންގެ ކާބަފައިން ބިނާކުރިހާ އެއްޗެއް އެންމެ ދުވަހަކުން ގެއްލިގެން ހިނގައިދާނެކަމުގައެވެ. އޭގެ ސަބަބުން ހުރިހާކަމެއް ފުރޮޅިގެން ހިނގައިދާނެއެވެ. އެފަދަ ޚިޔާލެއް އަލްފަންސޫކޮށްފައިވާނަމަ އެ ޚިޔާލެއް ދޫކޮށްލުމަށެވެ. އެއީ ޝައިތާނާގެ މަސައްކަތެވެ. ސްޕެއިންގެ ރަސްކަން ދިފާއުކުރަން ރަސްގެފާނާއި ގުޅުމަށެވެ. އަރަބިން ސްޕެއިނަށް އަރައިގަތުމާއި ދެކޮޅަށް ހަމަލާދީ އެމީހުން ބަލިކޮށްލުމަށްފަހު ލުދްރީކްއާއި އޮތް ދުޝްމިންކަމާއި ބެހޭގޮތުން ވާހަކަދައްކާނީ ކަމުގައެވެ. އޭނަގެ އުއްމީދަކީ އޭނަގެ ނަސޭހަތުގައި ހިފާ އެހެންމީހުން ބުނާގޮތަށް ނެހެދުމެވެ.

"ވިސްނުންތެރިއެއްގެ ޚިޔާލު ހުންނާނީ މިގޮތަށް ކަން ގަބޫލުކުރަން. އަލްފަންސޫ ރޭވުމާއި އެއްގޮތަށް އަމަލުކުރިޔަސް އަހަރެމެން ޔަހޫދީންނަށް ގެއްލުން ކަން ނޭގޭ ލިބޭނީ. އަދި ލުދްރީކްއަށް ކާމިޔާބުވެގެން އަހަރެމެން އެމީހުންނާއި ގުޅިފައި އޮތްވަރު ހައްޔަރުވާ މީހުންގެ ފަރާތުން އޮޅުން ފިލާ ސިއްރުތައް އެނގުމުން ބޮޑު ލަނޑެއް ލިބޭނީ. އަރަބިން ކިތަންމެ ހިތްވަރުގަދަވިޔަސް އުދަގޫތަކާއި ކުރިމަތިލިޔަސް އަލްފަންސޫ ގޫތުންނާ ގުޅިގެން ހަމަލާދިނިއްޔާ ލުދްރީކްއަށް ކާމިޔާބުވާނެހެން ހީވޭ. މާތްރަސްކަލާނގެ އަޅަމެނަށް އެހީތެރިވެވޮޑިގަންނަވާށި...." ސުލެއިމާން ބުނެލިއެވެ.

އެދެމީހުން އެކަމާއި ބެހޭގޮތުން އެތައް އިރެއްވާންދެން މަޝްވަރާ ކުރަން ތިއްބެވެ.

ސުލެއިމާން ދެން މިސްރާބުޖެހީ އަރަބިންގެ ފޭލިގެތައް ހުރި ދިމާލަށެވެ. ކައުންޓް ޖޫލިއަންގެ ފޭލިގޭތެރޭގައި ދިއްލާފައިހުރި ބައްތީގެ އަލީގައި އޭނައަށް ޖޫލިއަންގެ މޫނުމަތިން މޮޅިވެރިކަމުގެ އަސަރުތައް ފެނުނެވެ. އޭނަ އޮތީ ތަންމަތީގައި އޮށޯވެލައިގެން ނިދީގެ އަރާމެއް ނުލިބިފައެވެ. ލުދްރީކްގެ ލަޝްކަރު ފެނުމުން ޖޫލިއަން ފިކުރުބޮޑުވީއެވެ.

ސުލެއިމާން ފެނުމުން އޭނަ ފްލޮރިންޑާއާއި ބެހޭގޮތުން ސުވާލުކުރިއެވެ.

"އެކަމަނާގެ ހާލު ރަގަޅު... މާދަން ހެދުނު ނޫނީ ހަގުރާމަ ނިމުނުހާ އަވަހަށް އަންނާނެ. ސާހިބާ ފިކުރުބޮޑުވެފައިހެން ވަރަށް ހީވޭ.."

"އަހަރެންގެ ޚިޔާލުގައި ވަނީ ލުދްރީކްގެ ބޮޑު ލަޝްކަރު. އެހެންވެ އަރަބިންނާއިމެދު ބިރުހީވޭ. އަރަބިން ބަލިވެއްޖެއްޔާ އެމީހުންނަށް ސްޕެއިން ދޫކޮށް ދެވިދާނެ. އެކަމަކު އަހަރެންގެ އާއިލާއަށް ވާނެގޮތަކާއިމެދު ވިސްނަން ޖެހޭ.. އަދި އަހަންނަށް ތާއީދުކުރި ހިތްވަރުގަދަ ބަތަލުންނަށްވެސް...."

"އެހެންވެ އަޅުގަނޑު މިއައީ. ހާލަތު ކިތަންމެ ނާޒުކްކަމުގައި ވިޔަސް ދާދި ފަސޭހައިން މިކަންތައް ހައްލުވެސް ކުރެވިދާނެ ސާހިބާ...." ސުލެއިމާން ދެންނެވިއެވެ. އޭނަ ދެން ޔައުގޫބާއި ދެކެވުނު ވާހަކަތަކާއި އޮޕާސް އަލްފަންސޫއަށް ފޮނުވި ސިޓީގެ ޚަބަރު ދަންނަވައިފިއެވެ.

"އެހެންވެ އަޅުގަނޑު އެދެނީ ހަމަލާ ނުދިނުމަށް އެދި އަލްފަންސޫއަށް ސިޓީއެއް ފޮނުވުން. އަލްފަންސޫގެ ބިންތަކާއި އާއިލާއަށް އެއްވެސް ގެއްލުމެއްނުވާނެކަމުގެ ގެރެންޓީއެއްވެސް ދޭންވާނެ. އަދި ލުދްރީކްއާއި ދެކޮޅުފަށަން ހިތްވަރުދީ. އަޅުގަނޑު އެސިޓީ ހިފައިގެން ގެންގޮސް ހަވާލުކޮށްފާނަން....."

ކައުންޓް ޖޫލިއަން އިރުގަނޑެއްވާންދެން އިސްޖަހާލައިގެން ވިސްނަން އިނެވެ.

"މާދަން ހެދުނުން އާދޭ....."

"އެންމެ ރަގަޅު ސާހިބާ..." ސުލެއިމާން ރޭގަނޑުގެ ސަލާމްކޮށްލާފައި އެތަނުން ނުކުތެވެ. އަދި މޭބިސްކަދުރުދަނޑުތަކާއި ދިމާލަށް ދަތުރުފެށިއެވެ.

އޭރުވެސް ފްލޮރިންޑާއަށް އޮވެވުނީ ޖަޒުބާތުތަކާ ވަހުމާއި ޝައްކުތަކުން ސިކުނޑި ފުރި ނިދުމުން މަހުރޫމްވެފައެވެ. އަލްފަންސޫ މިހާ ގާތުގައިވާކަން އެނގިހުރެ އެކަމަކު ނުފެނި ހުންނަން ވީމަ ނިދުމުގެ ފޮނި މީރުކަމެއް ލިބޭނީ ކިހިނެއްހެއްޔެވެ؟

ލޯބީގެ ވޭނުގައި އެންމެ ހިތި ހާލަތަކަށް އަހަންނަށް އެނގިފައިވަނީ ލޯބިވެރިޔާ އެހާގާތުގައި އެކަމަކު އޭނައާއި ހަމަޔަށް ވާސިލުވާނެ އެއްވެސް މަގެއް ނެތުމެވެ.

ރޭގަނޑު ނިމެމުން ދިޔައިރުވެސް ފްލޮރިންޑާއޮތީ އެކި ވިސްނުންތަކުގައި ޣަރަގުވެފައެވެ. ވައިރޯޅިއެއް ޖެހިލިޔަސް ފަތެއް ހިރިލިޔަސް ހީކުރެވުނީ ސުލެއިމާން އެނބުރި އަންނަނީކަމުގައެވެ. އޭނަގެ ވަރުގަދަ ލޯބި ޔަގީންކޮށްދިނީ ސުލެއިމާން އާލްފް ގޮވައިގެން އަންނާނެކަމުގައެވެ. ކުއްލިއަކަށް ބިއްލޫރިތަކެއްގެ އަޑު ކަންފަތުގައި ޖެހުނެވެ. މިފަހަރު ފިޔަވަޅުތަކެއް ކައިރިވަމުން އަންނަ އަޑު އިވި ހިތް އަވަސްވިއެވެ. ވައިއަޑަކުން ބަޔަކު ވާހަކަދައްކާހެން ހީވެފައި ތެދުވެގެން ކުޑަދޮރާއި ހަމަޔަށް ދިޔައިރު ސުލެއިމާން އަޖިއްލާއާއި ވާހަކަދައްކަން ހުއްޓާ ފެނުނެވެ. ފްލޮރިންޑާ ދޮރު ހުޅުވާލައިފިއެވެ.

"ސުލެއިމާން. ޚަބަރު ކިހިނެއް؟" ފްލޮރިންޑާ ސުވާލުކޮށްލިއެވެ.

" ހުރިހާކަމެއްވެސް ރަގަޅު...." ސުލެއިމާން އެހެން ބުނިކަމުގައި ވިޔަސް އޭނަގެ އަޑުން ތަފާތުކަމެއް ފާހަގަކުރެވި އޭނަ ކަންބޮޑުވިއެވެ.

"ކޮންމެވެސް ކަމެއް އެބަ ފޮރުވާ. ބުނެބަލަ...." ފްލޮރިންޑާ އެހިއެވެ. އެދެމީހުންގެ އަޑު އިވި ބޮޑުދައިތަ ލޯ އުނގުޅަމުން ތެދުވެ އެނދުގައި އިށީދެއްޖެއެވެ.

"ސުލެއިމާން. ޚަބަރަކީ ކޮބާ؟ ޝެހެޒާދާ އަލްފަންސޫއާއި ބައްދަލުވިތަ؟ "

"ނޫން. ދިމަލެއްނުވި..."

ފްލޮރިންޑާގެ ހިތަށް އުދަގޫވިއެވެ.

"އޭނަ ދެން ކޮބައިތަ؟ "

ކޭމްޕްގައިވީ....."

"އޭނައާއި ބައްދަލުނުކޮށް ދެން އައީ ކީއްވެތަ؟ "ފްލޮރިންޑާ އެހިއެވެ.

"އޭނައާއި ދިމާވިޔަސް އަހަންނަށް އަދި ކަމަނާއަށްވެސް ވަކި ރަގަޅުގޮތެއް ނުވާނެ...."

"އެއީ ކީއްވެ؟ "

"ސަބަބަކީ މިވަގުތު އާލްފް ހަމައެކަނި އަޑުއަހަނީ އޭނަގެ ބޮޑުބޭބެ އޮޕާސްގެ ވާހަކަތައް. އެ ފާދިރީ އާލްފްއަށް އަންގާފައިވަނީ ހިތާއި ފުރާނަވެސް ލުދްރީކްގެ އެ ހަގުރާމައަށް ގުރުބާންކުރަން...." ސުލެއިމާން ބުނެދިނެވެ. އެޚަބަރު އިވި ފްލޮރިންޑާގެ މޫނަށް ރަތްކަމެއްވެރިވިއެވެ. އިރުގަނޑެއްވާންދެން ބުނާނެ އެއްޗެއް ނޭގިފައި އިނދެވުނެވެ. ދެން ހީލިގޮތުން ހީވީ އޭނަ ސުލެއިމާން ދެއްކި ވާހަކަތައް ގަބޫލުނުކުރާހެންނެވެ. އާލްފް އެހެން އެންމެންގެ ވާހަކަތަކަށްވުރެ އޭނަ ބުނާ އެއްޗެއް ގަބޫލުކުރާނެކަމުގެ ޔަގީންކަން އޮތީކަން ނޭގެއެވެ.

"އާލްފް އަހަރެންގެ ވާހަކަ ގަބޫލުކުރާނެ. އެކަމަކު މިކަމާ އަހަރެމެންނާއި އޮތް ގުޅުމަކީ ކޮބާ؟ ކީއްވެ އާލްފްއާއި ބައްދަލު ނުކުރީ؟"

"ކަމަނާއާއި އަހަރެން އަދި ކައުންޓް ޖޫލިއަންއަށްވެސް އެހާ މުހިއްމު ކަމެއް. އަދި ރަސްގެފާނު ވިޓިޒާއަށް ތާއީދުކުރާ ކޮންމެ ގޫތަކަށްވެސްމެ....."

"ތީގެ މާނައަކީ ކޮބާ؟ "

ސުލެއިމާން ހުރިހާ ވާހަކަތައް ޝަރަހަކޮށްދިނެވެ.

"އަދި ބުނެފާނަން. ކަމަނާއަށް މިކަންވެސް އެނގެންވާނެ. ކަމަނާއާއި ބައްޕަ އަދި ޝެހެޒާދާ އަލްފްގެ ދިރިހުރުންވެސް ގުޅިފައިވަނީ އަރަބިންނަށް ފަތަހަ ލިބި ލުދްރީކް ބަލިކުރުމާއި. އަލްފަންސޫގެ ނިންމުމަށް މިހާރު ޖާމިނުވެގެން ތިބެން މިޖެހުނީ. އޭނައާއި ލަޝްކަރު ލުދްރީކްއާއި ވަކިވެ އަރަބިންނާއި ގުޅިއްޖެއްޔާ ލުދްރީކްގެ ނިމުން އައިސް އޭނަގެ ޝައިތާނީ ވަކިތަކުން މުޅި ގައުމު ސަލާމަތް ކުރެވިދާނެ. އެކަމަކު ބޮޑުބޭބެގެ އޮޕާސްގެ ބަސް ގަބޫލުކޮށް އޭނަ ލުދްރީކްއާއި ގުޅިގެން ހަމަލާދީފިއްޔާ އެންމެނަށް ނުބައި ނިމުމެއް އަތުވެދާނެ. މާތް ރަސްކަލާނގެ ސަލާމަތް ކުރައްވާށި..." ސުލެއިމާން ބުނެލިއެވެ.

ސުލެއިމާންގެ ވާހަކަތަކުން މި ހަގުރާމައިގައި އަލްފަންސޫ ކުޅޭނެ ދައުރުގެ މުހިއްމުކަން ފްލޮރިންޑާ ދެނެގަތެވެ. އޭނައަށް ޔަގީންވީ އާލްފް އޭނަގެ ޚިޔާލު އަޑުއަހާނެކަމުގައެވެ. އޭނަ ގަސްތުކުރީ އާލްފްއަށް ސިޓީއެއް ލިޔުމަށެވެ. އޭނައަށް ވީވަރަކުން އާލްފްގެ ޚިޔާލު އަނެއް އަތަށް އަނބުރައިލަން މަސައްކަތްކުރާނެއެވެ. ހިތްވަރާއި ހަމްދަރުދީ ފަދަ ފޮތުގައިވާ ހުރިހާ ލަފުޒުތަކުގައި ޖެހިލާފައެވެ.

"އަހަރެން ސިޓީއެއް ލިޔާނަން. ގެންގޮސްދެވޭނެތަ؟ "

"ކަމަނާއަށް ތި މަސައްކަތްކޮށްދޭނަން......"

"އެހެންވިއްޔާ ހެނދުނުން އާދޭ." ފްލޮރިންޑާ ބުނެލިއެވެ." އެގަޑީގައި އޭނައަށް ގެންގޮސްދީ. އަހަރެންގެ އުއްމިދަކީ އަދި ދުޢާއަކީ މި މަސައްކަތް ކޮޅެއްގައި ޖެހުން..."

ފްލޮރިންޑާއާއި ދެކެވުނު ވާހަކަތަކުން ހިތްހަމަޖެހިފައި ހުރެ ސުލެއިމާން އެކޮޓަރިން ނުކުތެވެ.

އޭނަ ތަޅުންމަތީގައިވާ ކުނަލެއްގެ މަތީގައި އޮށޯވެލިއިރު ފަތިސްވުމުގެ އަލާމާތްތައް ފެންނާން ފަށައިފިއެވެ. ނުނިދުނަސް އަރާމުކޮށްލެވިދާނެއެވެ.

ސުލެއިމާންގެ ހޭވެރިކަންވީ ބެރުތަކުގެ އަޑުން ކަންފަތަށް އުދަގޫވެގެންނެވެ. އޭނަ ކުޑަދޮރުން ބޭރަށް ބަލައިލިއިރު ހަގުރާމަވެރިން ދިދަތައް ނެރެގެން ހަގުރާމައަށް ތައްޔާރުވަނީއެވެ. ހަގުރާމަވެރިންގެ މެދުގައި ލުދްރީކް ސަވާރުވެގެން އިންއިރު އޭނަގެ ވަށައިގެން ބޮލަށް ސަދުވާ ދަމައިގެން ތިބި ސަވާރީންނާއި އެހީތެރިން ވަށާލައިގެންނެވެ. އަރަބިން ތިބި ކޭމްޕްތަކާއި ދިމާލަށް ބަލައިލިއިރު އެދިމާލުންވެސް ހަރަކާތްތަކެއް ފެނުނެވެ. ދިފާއުވާން ތައްޔާރުވަނީކަން ނޭގެއެވެ.

ފެނުނު މަންޒަރުން ސުލެއިމާންގެ ހިތުގައި ބިރުވެރިކަން ވަކި ހިއްޕާލައިފިއެވެ. މިއީ ނުބައި ދުވަހަކަށް ވެގެން ދާނެކަމުގައި އިހުސާސްކުރެވުނެވެ. އެމީހުންނަށް ލިބުނު ފުރުސަތު ނަގައިލެވިއްޖެކަމުގައި ހިތް ބުނެލިއެވެ. އޭނަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދެ ލަޝްކަރުގެ ހަގުރާމަވެރިންގެ އަދަދުގައި ހުރި ބޮޑުތަފާތެވެ. އަދި ހަތިޔާރާއި ސާމާނާއި އެއްޗެހިވެސް މެއެވެ. ސުލެއިމާން ޝިކާރައަކަށް ފުންމައިގަތް ސިންގާއެއްފަދައިން ބޭރަށް ޖެހިގަތްގޮތަށް ޖޫލިއަންގެ ކޭމްޕަށް މިސްރާބު ޖެހިއެވެ.

އޭނައަށް އެ ކޭމްޕަށް ދެވުނުއިރު ވަރުބަލިވެގެންގޮސް މާ ނޭވާ ލެވިއްޖެއެވެ. އޭރު މުސްލިމުން ހަގުރާމައަށް ތައްޔާރުވަނީއެވެ.

***

ތާރިގު ބިން ޒިޔާދު ލުދްރީކްއާއި ހަގުރާމަޔަށް އެ ވާދީއަށް ވަޑައިގަތުމުގެ ކުރިން ތަރީފާގައި ކޭމްޕްކުރުމަށްފަހު ގުރުތުބާއަށް ހަމަލާދެއްވަންވެސް ނިންމެވިއެވެ. އެއީ ތުލައިތާ ފިޔަވާ ސްޕެއިންގެ އެންމެ މުހިއްމު ޝަހަރުކަމުގައި ވީމައެވެ. އޭރު އަދި ލުދްރީކް އެހާ ބޮޑު ލަޝްކަރަކާއިގެން ހަމަލާއަށް ނިކުތްކަމެއް އެނގިވަޑައިގެންފައެއް ނެތެވެ. ގުރުތުބާއަށް ހަމަލާ ދެއްވުމުގެ ކުރިން ލުދްރީކް އެތައް ސަތޭކަ ހާސް ހަގުރާމަވެރިންނާއެކު އޭނައާއި ހަގުރާމައަށް ނިކުތްކަމުގެ ޚަބަރު ޖާސޫސުން ގެނެސްދެއްވިއެވެ. އެ ޚަބަރު އެއްސެވުމާއެކު އޭނަ ވަގުތުން މޫސާ ބިން ނުސައިރުއަށް ފަތްކޮޅެއް ލިޔުއްވިއެވެ. ތާރިގުގެ ހަތްހާސް ހަގުރާމަވެރިންނާއި ގުޅެން ތައްޔާރުކޮށްފައިވާ ފަސްހާސް މުޖާހިދުންގެ ލަޝްކަރު ފޮނުވަން އެދިވަޑައިގަތެވެ. އެ ލަޝްކަރުގެ ވެރިއަކަށް މޫސަ ލެއްވީ ތަރީފުއެވެ. ތަރީފުއަކީ އެންމެ ފުރަތަމަ ސްޕެއިނަށް ހަމަލާދެއްވި ލީޑަރެވެ. އަދި އޭނަގެ ނަމުން ބަދަރަށް ނަންދެވުނު ކޮމާންޑަރެވެ.

މޫސާބިން ނުސައިރުއަށްވެސް ތާރިގުގެ ލަޝްކަރުގެ ކުޑަކަން އެނގިވަޑައިނުގަންނަވަނީ އެއް ނޫނެވެ. އެކަމަކު ބަރުބަރުންގެ ކުޅަދާނަކަމާއި ހިތްވަރުގަދަކަމުން ގޫތުންނަށް އަހުވަ ދައްކައި ބަލިކޮށްލާނެކަން ދެނެވަޑައިގަތެވެ. ގޫތުންނަށް އަރާމުކޮށްލާނެ ދަނޑިވަޅެއް ނުދީ އޭނަގެ ލަޝްކަރުން ހަމަލާދިނީމަ ސްޕެއިން ފަހަތަކުރަން ފަސޭހަވާނެއެވެ.

ތަރީފު ކަނޑުއޮޅި ހުރަސްކޮށް ތާރިގު ބިން ޒިޔާދުއާއި ގުޅިވަޑައިގަތުމުން އެ ލަޝްކަރުގެ އަދަދު ބާރަހާސް ކަމުގައިވިއެވެ. އެންމެން ހުރަސްކޮށް ނިމުމުން ތާރިގު އެންގެވީ ހުރިހާ ނަވެއްގައި އަލިފާންރޯކޮށް ނައްތައިލުމަށެވެ. އޭގެ ތެރޭގައި ޖޫލިއަންގެ ބާ ނާތަކާއި މޫސާބިން ނުސައިރުގެ އަމުރުފުޅަށް ބެންނެވި އާ ނާފަހަރުވެސް ހިމެނުނެވެ. އެހުރިހާ ނަވެއް އިރުގަނޑެއްގެ ތެރޭގައި ބޮޑު އަލިފާންގަނޑުގެ ތެރޭގައި އަނދާ ހުލިވެއްޖެއެވެ. ސްޕެއިން އިން އެނބުރި ދިޔުމެއް ދެން ނެތެވެ.

ތާރިގު ބިން ޒިޔާދު ނާ ފަހަރުތަކުގައި ހުޅު ޖެއްސެވީ ކޮން ހިސާބެއްގައި ހުންނަވައިގެން ކަން މުވައްޚިރުންނަށްވެސް ޔަގީނެއް ނޫނެވެ. ޖިބްރޯލްޓާގައި އެފަދަ ކަމެއް ކުރެއްވުމުގެ މާނައެއް އޮތްހެނެއް ހިޔެއްނުވެއެވެ. އޭރު ތާރިގުއަށް ދުޝްމިނުންގެ ފަރާތުން ނުރައްކަލެއް ނެތީމައެވެ. އެއީ ޖެރެޒްގައި ކަމުގައިވެސް ހީކުރެވުނެވެ. އާ ލަޝްކަރު ތާރިގުއާއި ގުޅުނީ ޖެރެޒްއިން ކަމުގައިވެސް ބެލެވެއެވެ. އެކަމަކު އެންމެ ބޮޑަށް ބެލެވުނީ ތަރީފާގައި ކަމުގައެވެ.

ކޮންމެ ތަނެއްގައި ނަމަވެސް ތާރިގު ބިން ޒިޔާދުގެ އެ އަމަލުގެ ވާހަކަ ތޭރަ ގަރުނު ވާންދެން ތާރީޚުގައި ލިޔެވުނެވެ. އޭނަ ބަތަލެއްގެ ގޮތުގައި ސިފަކުރެވުނެވެ. ހުރިހާ ދަރިކޮޅެއްގެ ޒުވާނުންނަށް ހުރި ވަރުގަދަ މިސާލެއްކަމުގައި އޭނަ ހިމެނުނެވެ. މާތް ތައުރީފު ހައްގު އަމަލެއްކަމުގައި ދެކެވުނެވެ. ތާރިގު ޖިހާދަށްޓަކާ ގުރުބާންވެ ވަޑައިގަންނަވާ މިންވަރުގެ ދަލީލަކަށް އެ އަމަލު ހިމެނުނެވެ. ދުޝްމިނުންގެ ކުރިމަތީގައި ބަލިވެ ފުރަގަސްދީފައި ފިލާންދުވާނެ ހުރިހާ މަގުތަކެއް ބަންދުކޮށްލުމަކީ އެހެން ބަތަލުންވެސް ތާރިގު މިސާލެއްގެ ގޮތުގައި ނެންގެވި ކަމެކެވެ. އެގޮތުން ބޯޓުތައް އަންދައިލި އެންމެ ފުރަތަމަ އިންސާނަކަށް ތާރިގު ބިން ޒިޔާދު ހިމެނިވަޑައިގެންނެވިއެވެ. މުސްލިމުންގެ މާތް މުޖާހިދެކެވެ.

ތާރިގު ބިން ޒިޔާދު އޭނަގެ ލަޝްކަރާއިގެން ޖެރެޒް ފަހަނަޅާގޮސް ވާދީ ލައްކާގައި ކޭމްޕް ޖައްސަވާ ހަގުރާމައަށް ތައްޔާރުވާންފެށިއެވެ.

***

ލުދްރީކްވެސް ކޯރުގެ އެއްފަރާތުގައި ކޭމްޕްކުރުމުން ދެ ލަޝްކަރަށް ތިބެވުނީ އެއްބަޔަކު އަނެއްބަޔަކަށް ފެންނަ ހިސާބުގައެވެ.

ލުދްރީކް އޭނަގެ ލަޝްކަރުގެ ކުޅަދާނަ ބިރުކުޑަ އޮފިސަރެއްގެ ގާތުން އެދުނީ މުސްލިމުންގެ ކޭމްޕަށްގޮސް ޖާސޫސްކޮށްގެން އައުމަށެވެ. އެމީހުންގެ ހުރި ކުޅަދާނަކަމަކާއި ބާރާއި ހާލަތު ދެނެގަންނަން އޭނަ ބޭނުންވިއެވެ. މުސްލިމުންގެ ފާރަވެރިންނަށް އޭނަ ފެނިގެން ތާރިގު ބިން ޒިޔާދުގެ އަރިހަށް ގެންދެވިއެވެ. ތާރިގު އޭނައާއިމެދު އަމަލުކުރެއްވީ މެހުމާނެއްފަދައިންނެވެ. ރޭގަނޑުގެ ކެއުމަށްވެސް ދައުވަތު ދެއްވިއެވެ. އަދި އެ ކޭމްޕްގައި ކަންތައް ހުރިގޮތް އޭނައަށް ދައްކަވާލެއްވިއެވެ.

އޮފިސަރު މުސްލިމުންގެ ކޭމްޕުން އެނބުރިއައީ ކުރިން ހުރި މޫނަކާއިގެން ނޫނެވެ. އޭނަ ރަސްގެފާނުގެ ގާތު ދެންނެވިއެވެ.

"އެދުވަހު ފޮށީގެތެރެއިން ފެނުނު ތަސްވީރުގައި ތިބި މީހުން އައިސް އެތިބީ....." އޭނަ ދެންނެވިއެވެ. " އެމީހުންނާއިމެދު ފަރުވާތެރިވެ ވަޑައިގަންނަވާ... އޭގެ ތެރޭގައި އެބަތިބި މަރު ފިޔަވާ އިތުރު އެއްޗެއް ބޭނުންނުވާ މީހުން ނޫނީ ސާހިބާގެ ފައިދަށުގައިވާ މި ބިންވެސް ދަމައިގަންނަން ބޭނުންވާ މީހުން، އެމީހުން މިކޮޅަށް އައި ބޯޓުތައްވެސް އަންދާލައިފި.އެއީ ސަލާމަތްވެގެން އެނބުރި ދިޔުމުގެ ވަސީލަތް ނައްތައިލުމުގެ ބޭނުމުގައިކަމުގައި ވަނީ. އެމީހުންގެ ހިތްވަރަކީ މި ބިމުގައި ސަލާމަތުން އެނބުރި ދާނެ އެއްވެސް ތަނެއްނެތްކަން އެނގޭތީ...."

އޮފިސަރުގެ ވާހަކަތަކުން ލުދްރީކްގެ ހިތުގައި ވާ ބިރުވެރިކަން އިތުރުވިއެވެ.

***

ސުލެއިމާނަށް މުސްލިމުންގެ ކޭމްޕަށް ވަދެވުނީ މަސްރަހު ހޫނުވެފައި އޮތްވައެވެ. މުސްލިމުން އިރުގެ އަވިން ސަލާމަތްވާން ހުދުކުލައިގެ ފޮށާތައް ބޮލުގައި އޮޅާލައިގެންނެވެ. ކަނޑިތަކާއި ލޮންސިތަކުގެ ތުނޑުތައް ފޮށާތަކުގެ ތެރެއިން ފެންނަހެން ހީވިއެވެ. އެމީހުންގެ ތެރޭ ދުނި އުކާ މީހުންނާއި ލޮންސިން ހަމަލާދޭ ހަގުރާމަވެރިންވެސް ހިމެނުނެވެ. ހަގުރާމަވެރިން ދަހަނާއާއި ހެލްމެޓް އަޅައިގެން ތިބިއިރު ކިރިޔާ ލޯ ފެންނަކަމެވެ. ލަޝްކަރު ރުކުވާލެވުނުއިރު ކުރިމަތީގައި ވަނީ އަހަށް ސަވާރުވެގެން ތިބި ފަހުލަވާނުންނެވެ. އެމީހުން ހިފަހައްޓާލައިގެން ތިބި ފޮތިތަކުގައި ލިޔެފައިވަނީ ގުރުއާނުގެ އާޔަތްތަކެވެ.

"ﷲ އަކްބަރު.....ﷲ އަކްބަރު...ﷲ އަކްބަރު.އަލްހަމްދުލިﷲ.." ސުލެއިމާންގެ ކަންފަތުގައި ގުގުމައިލީ މުސްލިމުންގެ އަޑެވެ. ބައެއްމީހުން ފާތިހާ ސޫރަތް ކިޔަވަމުން ދިޔައެވެ. އެމަންޒަރު ފެނިފައި އޭނަ އެތަނަށް އައީ ކައުންޓް ޖޫލިއަންއާއި ބައްދަލުކުރަން ކަން ހަދާންނެތި އިރުގަނޑެއްވާންދެން ހުރެވުނެވެ. އެއްވެސް ހަގުރާމަވެރިއެއްގެ މޫނުމަތިން ކަންބޮޑުވުމެއް ޖެހިލުމުގެ ކުލަވަރެއް ނުފެނެއެވެ. ހަގުރާމައިގާ ރަގަޅުގޮތެއް ނޫނީ ގޯސްގޮތެއް ވެދާނެތީ އެކަމާއި ފިކުރުކުރާކަމުގެ ނިޝާނެއް ނުފެނުނެވެ.

އޭނަ އެތަނުން ހަގުރާމަވެރިއެއްގެ ގާތުން ކައުންޓް ޖޫލިއަން ދެކުނިންތޯ ސުވާލުކޮށްލިއެވެ.

"ކޮމާންޑަރ ތާރިގު ބިން ޒިޔާދުއާއެކު ލަޝްކަރުގެ ސަފުތައް ތަރުތީބުކުރަން ދުރުވީ....."

ހަގުރާމަވެރިޔާގެ އެ ޖުމްލައާއެކު އެދިމާލަށް އައި ސަވާރީއަކު ފެނި ބަލަން ހުރެވުނެވެ. ސުލެއިމާންގެ ފާނުގެ އައްޑަނައާއިއެކު ފޮށާއެއް އަޅައިގެން ހުރިއިރު މޫނުމަތީގައި ހެލްމެޓެއް އަޅާފައި ނެތުމުން އެމީހެއްގެ މޫނުގެ ސިފަތައް ފައުޅުވާން ހުއްޓެވެ. ރަގަޅަށް ބަލައިލުމުން އެއީ ތާރިގް ބިން ޒިޔާދު ފިޔަވާ އެހެން މީހެއްނޫންކަން ޔަގީންވިއެވެ. ކުރިންވެސް އެއްފަހަރު ދިމާވެފައި ހުރުމުން އެއީ ކިހާވަރެއްގެ ހައިބަތު ހުރި ޒުވާނެއްކަން އެނގިފައިވި ނަމަވެސް މިވަގުތު އޭނަ ފެނުނުލެއް ވަރުގަދަކަމުން ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ. އަހުގެ މަތީގައި ސަވާރުވެގެން އިންއިރު ވަރުގަދަކަމާއި ސާބިތުކަމުގެ ދެވަނައެއް ނެތް ފަދައެވެ. ލީޑަރެއްގެ ހުރިހާ ސިފަތަކެއް ފެނުނެވެ. ފޮށާއަޅާފައިވާގޮތުން އެ ތަނަވަސް ނިތްކުރިއާއި ކަޅުކަންގަދަ ވަރުގަދަ ބުމަ ހުރީ ފެންނާށެވެ.

ނުނިމޭ

 

ކޮމެންޓް 0