ޅެންވެރިއެއްކަމަށްވާ އިގުބާލްގެ ޅެމެއްގައި މުޖާހިދުންނަށް ތައުރީފު ކުރައްވާ ލިޔުއްވާފައިވެއެވެ.
" ވީ ގަލަޕްޓް އަވާ ހޯސެސް އިންޓު ދަ އޯޝަން އޮފް ޑާކްނެސް "

***

އުގުބާ ވަޑައިގަތުމުން އަވަށު ބައެއް މީހުންނަށް އީދެއް އައި ފަދައެވެ. އެތައް ބަޔަކު އެކަލޭގެފާނުގެ އިސްތިގުބާލަށް ނުކުތެވެ. ގަބީލާތަކުގެ ވެރިންނާ ކަމުވޮށިގެންވާ މީހުން އޭނައާއި ބައްދަލުކޮށް އެމީހުންގެ ހިތުގެ ޝަކުވާތައް އެކަލޭގަފާނަށް އޮއްސަވާލެއްވިއެވެ. އެމީހުންނަށް އެހީތެރިވެދެއްވުމަށް އެދި ދެންނެވިއެވެ.

އުގުބާއާއި ބައްދަލުކުރި ވެރިންގެ ތެރޭގައި މުނާފިގެއްކަމަށްވާ ކުސައިލާ ހިމެނުނެވެ. ކުސައިލާ ބިން މަލްޒަމް އަކީ ބަރުބަރު ގަބީލާއިންގެ ތެރޭ އަވްރާބާ ގަބީލާގައި ރަސްކަލެއްގެ ދަރަޖަ ދެވިފައިވާ މީހެކެވެ. އެމީހުންގެ ތެރޭ ޝާހީ ޚާންދާނަކުން އައިސްފައިވާ މީހެކެވެ. އެންމެ ފުރަތަމަ އުތުރު އެފްރިކާ ފަތަހަ ކުރެވުނުއިރު އޭނަ އިސްލާމްދީނަށް ވަނުމަށްފަހު މުރުތައްދުވިއެވެ. އަބޫ މުހާޖިރު އުތުރު އެފްރިކާގެ ނާއިބަކަށް ހުންނެވިއިރު އޭނަ އާއި ހަގުރާމަކުރައްވާ ބަލިކުރެއްވިއެވެ. އަދި ހަގުރާމައިގެ އަސީރެއްގެ ގޮތުގައި ހައްޔަރުކުރެއްވުމުން އަލުން އޭނަ މުސްލިމްވިއެވެ. ނަމަވެސް އޭނަގެ ހިތުގައި އިސްލާމްދީނާއިމެދު ޝައުގެއް ނެތެވެ. އޭނަގެ ގަބީލާގެ މީހުން ތިބީވެސް އެގޮތުގައެވެ.

އުގުބާ ބިން ނާފިއު ގެ ހަޔާތް ޕުޅުގައި ހިނގާފައިވާ ކަންތައްތަކަށް ކުޑަކޮށް ބަލައިލުމަކީ މުހިއްމުކަމެކެވެ.

***

އުގުބާ ބިން ނާފީއަކީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ތުއްޕުޅު ސަހާބީއެކެވެ. އަދި ސަހާބީއެއްކަމަށްވާ މިސްރުގެ ފާތިހު އަމްރު ބިން އާސްއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ދުނިޔޭގައި ހުންނެވި ދައުރުގެ ކޮންމެ މުސްލިމަކީ ސަހާބީއެކެވެ. އެގޮތުން އުގުބާވެސް ވަނީ ސަހާބީންގެ ތެރޭ ހިމެނި ވަޑައިގެންފައެވެ. އުގުބާ ދުނިޔެއަށް ވަޑައިގަތީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގަތުމުގެ މަދު އަހަރުތަކެއްގެ ކުރިންނެވެ. އެކަލޭގެފާނުގެ ބޮޑުބޭބޭފުޅާއެކު އެކި ރަށްތައް ފަތަހަކުރަން ފެށި ގޮތަށް އެކި ގަބީލާތައް ބާރުގެ ދަށަށް ގެންނަވަމުންގޮސް އޭނަ ވަކި ހިސާބަކުން މަޑުކުރެއްވިއެވެ. އެކަލޭގެފާނު އޭރު އެފްރިކާގެ ބޮޑު ބަޔެއް ފަތަހަކުރައްވާފައި ވެއެވެ. އުގުބާގެ އިސްލާމީ ލަޝްކަރު މިސާލު ޖެހެނީ ބަރުބަރާއި ރޫމީންގެ ކަނޑެއްގައިވާ ކުޑަ ރަށެއްފަދައިންނެވެ. އުތުރު އެފްރިކާގައި މުސްލިމުންގެ ބާރުގަދަކުރަން ރަށެއް ބިނާކުރަން އޭނަ މުސްލިމުންނާއި މަޝްވަރާކުރެއްވުމުން ތަރުހީބު ލިބުނެވެ. އޭރު ސައުސާގެ ހުޅަގުގައި މުއާވިޔާ ބިން ޚުދައިޖު ބިނާކުރެއްވި ސަރަހައްދަކަށް މުސްލިމުން ހިޖުރަކޮށް އެހިސާބުގައި ދިރިއުޅެއެވެ. އެތަނާއި ކައިރީގައި ދަނޑުބިންތައް ގިނަ ގަސްތަކުން ފުރިފައިވާ އެ ސަރަހައްދުގައި ބޮޑު ޖަންގައްޔާއި ކުޅި އޮތުމުން ޖަނަވާރުތަކާއި ސޫފާސޫފިތަކުން ސަލާމަތްވުމަށް އުގުބާ ދުޢާކުރެއްވިއެވެ. އެއަށްފަހު ހަތަރު އަހަރު ތެރޭއެ ރަށް ބިނާ ކުރައްވާ ގައިރަވާންގެ ނަމުން ނަންދެއްވިއެވެ. ބުނެވޭގޮތުގައި އެކަލޭގެފާނުގެ ދުޢާއަށްފަހު އެޖަންގަލި ދޫކޮށް ޖަނަވާރުތައް ގޮސް އަމާން ވިއެވެ. އެ ކަރާމާތް ފެނިވެސް ބައެއް ބަރުބަރުން ހިތުގެ އަޑިން އިސްލާމްދީން ގަބޫލުކުރިއެވެ.

އުގުބާ އެފްރިކާގެ ގަވަރުނަރުކަމުގައި ހުންނަވަނިކޮށް އޭރު ހުންނެވި ޚަލީފާ ގެންނެވި ބަދަލަކުން އުގުބާ ބިން ނާފީ މަގާމުން ވަކިކޮށް މިނިވަންކުރެވުނު އަޅެއްކަމުގައިވާ އަބޫ މުހާޖިރު ދިނާރު އިސްކުރެވުނެވެ. އެކަމަކު އޭނައަށް އެންގެވިފައިވަނީ އުގުބާއާއި ދޭތެރޭ އޯގާތެރިކަމާއެކު އަމަލު ކުރެއްވުމަށެވެ. އެކަމަކު އަބޫމުހާޖިރު ވަރަށް ހަރުކަށިވެވަޑައިގެން އެކަލޭގެފާނުގެ ފައިގާ ޗޭނު ޖަަހާ ޖަލުގެ އެންމެ ފުން އަނދިރި ބަޔަށް އެއްލަވާލެއްވިއެވެ. ޚަލީފާގެ އެންގެވުމަކާއި ޚިލާފަށް އެންމެ އެއްޗެއްވެސް ވިދާޅުވާން ބޭނުންފުޅުނުވެ އުގުބާ ހިމޭންކަން ޚިޔާރުކުރެއްވިއެވެ. އެކަލޭގެފާނުގެ އެ ސިފަފުޅުންވެސް އެކަލޭގެފާނުގެ އަޚުލާގާއި ކިޔަމަންތެރިކަން ހާމަކޮށްދިނެވެ. އޭނަ ހައްޔަރުކުރަން އުޅުމުން އެކަމާ ދެކޮޅަށް ބަޣާވާތް ކުރެއްވިނަމަ ސިފައިންގެ ގިނަބަޔަކު އޭނައަށް ތަބާވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެކަމަކުވެސް ޚަލީފާ އިސްކުރައްވާފައި ހުރި ގަވަރުނަރެއްގެ ނިންމެވުމާއި ބެހޭގޮތުން ސުވާލު ކުރެއްވުމެއް ނެތެވެ. ޖަމަލު ފަދައިން އަރަބިންވެސް ފަހަރެއްގައިވެސް ހަދާން ނައްތާ ނުލާނެއޭ އެބުނަނީ އަދި އެހެން ވާހަކައެކެވެ.

އުގުބާ އެ ޖަލުގައި ހޭދަކުރެއްވީ ކިހާ ދުވަހެއްކަމެއް ނޭގެއެވެ. ޚަލީފާއަށް އެ ޚަބަރު ލިބިވަޑައިގެން އުގުބާ ދޫކޮށްލެއްވުމަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނުގެ ފައިގާ ވާ ޗޭނުތައް ނައްޓަވާފައި ދޫކުރެއްވުމުން މިސްރާބު ޖެއްސެވީ ދިމިޝްގަށެވެ.

އަބޫ މުހާޖިރުގެ ހިތްޕުޅުގައި އޭރު އުފެދުނު ހަސަދައަކުން އުގުބާ ބިނާކުރެއްވި ރަށެއްގައި ނުހުންނަވަން ވެގެން ގައިރަވާންއާއި ދެ މޭލު އުތުރުން އެހެން ޝަހަރެއް ބިނާކުރަން މުހާޖިރު އެންގެވިއެވެ. އަދި ގައިރަވާންގައި ދިރިއުޅޭ އެންމެން އެރަށަށް ބަދަލުވާން އަމުރު ކުރެއްވިއެވެ. އުގުބާއަށް އެ ޚަބަރު ލިބިވަޑައިގަތުމުން ހިތާމަ ފުޅު ކުރެއްވިއެވެ. އަދި ދުޢާކުރެއްވިއެވެ. ސަބަބަކީ އަނިޔާއަކަށްފަހު އަނިޔާއެއް ލިބިވަޑައިގަންނަވާތީއެވެ.

"ޔާﷲ. ދިނާރުއަށްވުރެ ގަދަފަދަކަމާއި ބާރު ދެއްވުމަށްފަހު ނޫނީ މިއަޅާ މަރު ނުގަންނަވާދޭވެ..."

އެދުޢާ ކުރެއްވިކަން އެނގުމުން މުހާޖިރު ބިރުފުޅުގަންނަ ގޮތްވިއެވެ. ސަބަބަކީ އެކަލޭގެފާނުގެ ދުޢާ އިޖާބަވުމުގެ އަވަސްކަން އެތައް ބަޔަކު ދެކެފައިވާތީއެވެ.

ބޭއިންސާފުން އަމަލު ކުރެވުނު އުގުބާ ބިން ނާފީ ދިގު ދަތުރަކަށްފަހު ދިމިޝްގަށް ވަޑައިގަތެވެ. ހަގީގަތުގައި އެކަލޭގެފާނަކީ ދީނަށްޓަކާ ޖިހާދުކޮށް އެތައް ތަނެއް ފަތަހަކުރައްވާފައިވާ އިނާމާއި އިއްޒަތާއި މަތީ މަގާމު ހައްގު ބޭކަލެކެވެ. އެކަމަކު މިނިވަން ކުރެވުނު އަޅެއްގެ އަތުން އަނިޔާލިބި ކަސްތޮޅު އަޅާ ޖަލަށްވެސް ލެވުނީއެވެ. އެއީ އުމައްޔަދު ޚަލީފާ އަދި ފަހުން އައްބާސިދު ޚަލީފާކަމުގައިވެސް ޖެނެރަލުން ކުރިމަތިލާން ޖެހުނު ކަމެކެވެ.

އުގުބާ ޚަލީފާ މުއާވިޔާއާއި ބައްދަލުކޮށް ޝަކުވާ ހުށަހެޅުއްވިއެވެ.

"އަޅުގަނޑުވަނީ ރަށްތައް ފަތަހަކޮށް ބިނާކޮށް އަދި މިސްކިތްތައް އަޅާ މީހުން ވަޒަންވެރިކުރުވާފައި. އެކަމަކު އަންސާރުންގެ އަަޅަކު ލައްވާ އަނިޔާތަކެއް ކުރުވައިފި....."

މުއާވިޔާ އެކަމުން ރެކިވަޑައިގަންނަވަން އެތައް އުޒުރެއް ދައްކަވާފައި ވައުދުވެވަޑައިގަތީ އެކަމާ ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި އަލުން އޮފީހުގައި އެކަލޭގެފާނު ހުންނެވި މަގާމު ދެއްވާނެކަމުގައެވެ. އެކަމަކު އެއީ ހުސް ބަސްފުޅުތަކެވެ. އެކަލޭގެފާނުގެ ބޭނުން ކެނޑުމުން އެއްލަވާލެއްވީއެވެ. އެތައް އަހަރުތަކެއްވާންދެން އިންސާފަށް އެދި އިންތިޒާރުގައި މަޑުން ހުންނަވަނިކޮށް މުއާވިޔާ އަވަހާރަވެ ދަރިކަލުން ޔަޒީދު ވެރިކަމަށް ވަޑައިގަތެވެ. އެއީ ހިޖުރީއިން ފަސްދޮޅަސް ވަނަ އަހަރުގައެވެ. އެންމެ ހީނުކުރާ އަދި އެންމެ އުއްމީދު ނުކުރާ ވެރިޔާގެ ފަރާތުން އުގުބާ އަށް އިންސާފު ލިބިވަޑައިގަތެވެ. ހިޖުރީގޮތުން ފަސްދޮޅަސް އެއްވަަނަ އަހަރު ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ކާފަދަރިކަލުން ހުސައިން ރަޟިޔަﷲ އަންހާ އަދި އަސްހާބުން ކަރުބަލާގައި ޝަހީދުވިއެވެ. ހަމަ އެ އަހަރު އުގުބާބިން ނާފީއަށް އެފްރިކާގެ ގަވަރުނަރުކަން ދެއްވާ މިސްރުން އެ ޕްރޮވިންސް ވަކި ކުރެއްވިއެވެ.

އުގުބާ އާއި އެކަލޭގެފާނާއި އެކުގައިވި ފަންސަވީސް އަސްހާބުން ދިމިޝްގުން އެފްރިކާއަށް ދަތުރުކުރެއްވިއިރު ފުސްތަތް އަށް ވަންނަވާ މަސްލަމާ ބިން މުޚައްލަދާއި ވާހަކަފުޅު ދެއްކެވިއެވެ. އޭނައަކީ އޭރު އުގުބާ މަގާމުން ވަކިކުރައްވާ އަބޫ މުހާޖިރަށް ގަވަރުނަރުކަން ދެއްވި ވެރިޔާވެސް މެއެވެ. މަސްލަމާ އެކަމާ ހިތާމަފުޅު ކުރައްވާކަމުގައި ވިދާޅުވެ އެކަން ފޫބައްދަން މަސައްކަތްކުރެއްވިއެވެ. އަބޫމުހާޖިރުގެ އަމަލާމެދު ދެރަވިއެވެ. އެއީ އޭނަގެ އެންގެވުމަށް ކުރެވުނު ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަބޫ މުހާޖިރުއަކީވެސް ހިތްވަރުގަދަ މުޖާހިދަކަށްވެފައި އިސްލާމްދީނަށް ޚިދުމަތްކުރެއްވި ބޭފުޅަކަށްވާތީ އެކަމުގެ އިނާމެއް ދެއްވަން ނާއިބުކަން ދެއްވީކަމުގައި ވިދާޅުވިއެވެ. އެކަަމަކު އުގުބާއާއިމެދު އެހާ ހަރުކަށިކޮށް އަނިޔާވެރިކޮށް އަމަލު ކުރައްވާނެކަމަށް އޭނަވެސް ހީފުޅު ނުކުރައްވައެވެ. އުގުބާ ހިތްޕުޅު ސާފުކުރައްވާ މާފުދެއްވިއެވެ.

އުގުބާ އަބުދުﷲ ބިން އަމްރު ބިން އަލްއާސްއާއިވެސް ބައްދަލުކުރެއްވިއެވެ.

"އުގުބާ.ފަހަރެއްގައި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވި ލަޝްކަރުގެ ތެރޭގައި ކަލޭގެފާނު ހިމެނުމަކީ އެކަށީގެންވާ ކަމެއް. އެކަލޭގެފާނު ހަދީސްކުރައްވާފައިވަނީ އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބަޔަކު އެމީހުން ދަތުރުކޮށް ހަގުރާމަކޮށް ޝަހީދުވެގެން ދިޔަ ހެދުމުގައި ސުވަރުގެ ވަންނާނެކަމުގައި"

އަރަބިންގެ ބަދަލު ހިފުން ވަރުގަދަވާނެއެވެ. އުގުބާ ވަޑައިގަތް ގޮތަށް އެންމެ ކުރިން ކުރެއްވި ކަމަކީ އަބޫ މުޖާހިރުގެ ފައިގާ ޗޭނު ޖެއްސެވުމެވެ. ދެވަނަ ކަމަކީ އޭނަ ބިނާކުރި ރަށް ހަލާކުކޮށްލުމެވެ. ތިންވަނަ ކަމަކީ ހުރިހާ އެންމެން އަލުން ގައިރަވާންއަށް ގެންނެވުމެވެ.

 

***

އުގުބާ ދިމިޝްގުގައި އިންސާފު ހޯއްދަވަން މަޑުކޮށްލައްވައިގެން ހުންނެވި ދުވަސްވަރު އަބޫ މުހާޖިރުވެސް ހިމޭނުން ހުންނެވުމުގެ ބަދަލުގައި މަޣުރިބަށް ހަމަލާދެއްވާ ބަރުބަރު ގަބީލާއެއްގެ ބަލި ކޮށްލެއްވިއެވެ. އެގަބީލާގެ ވެރިއަކީ ކުސައިލާއެވެ. އޭނަ އާއި ގަބީލާގެ ބައެއްމީހުން ބޭރުފުށުން އިސްލާމްދީނަށް ވަނެވެ. ބަރުބަރުންނަކީ އެކި ދީނަށް އަޅުކަން ކުރާބަޔެކެވެ. ބައެއް ގަބީލާތައް ޔަހީދޫންނަށް ވާއިރު ރޫމީންނާއި އޮތް ގުޅުމުގެ ސަބަބުން ބައެއްމީހުން ނަސާރާދީނަށް ތަބާވެއެވެ. އިރަށް އަޅުކަން ކުރާ މީހުންނާއި ބުދަށް އަޅުކަން ކުރާ ބަޔަކުވެސް ތިއްބެވެ. އަދި މުސްލިމުން ރަށްތައް ފަތަހަކުރުމުން އިސްލާމް ދީނަށް ވަދެފައި އަނެއްކާ ކުރީގެ ދީންތަކަށް އުޅެން ފަށައެވެ. އެމީހުން ދީން ނަގަނީ ލައި އުޅޭ ހެދުން ފަދައިން ބޭނުން ނުވީމަ ބަދަލުކުރާ ގޮތަށެވެ. އެމީހުންނަކީ ހިތްވަރުގަދަ ޖެހިލުންކުޑަ ބަޔެކެވެ. އަދި އެހާ ރީތިވެސް މެއެވެ. ފިރިހެނުން އެހާ ރީތިއިރު އަންހެންކުދިންވެސް އެފަދަމެއެވެ. ރަތްކުލަ އަދި ރަންކުލައިގެ އިސްތަށިގަނޑު ބައެއް މީހުންނަށް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. ބަރުބަރުންނަކީ ގަބީލާތަކަށް ވަފާތެރި އަދި ހަގުރާމައިގެ ވަރުގަދަ ފަހުލަވާނުންނެވެ. އަބަދުހެން ހަގުރާމައިގެ ހާލަަތުގައި ތިބި ބަޔެކެވެ.

ބަރުބަރުން ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭ ބާރަވަރަކަށް އަހަރު މުރުތައްދުވިއެވެ. އެމީހުންގެ ހިތުގައި އިސްލާމީ އަގީދާ ވަރުގަދަވެ މުޖާހިދުންނަށް ވީ އަދި ތަންކޮޅެއް ފަހުން މޫސާ ބިން ނުސައިރު ވަޑައިގަތުމާ ހިސާބުން ފެށިގެންނެވެ.

***

ހިޖުރީގޮތުން ފަސްދޮޅަސް ދެވަނަ އަހަރު ( ހަސަތޭކަ އަށްޑިހަ ދޭއް އޭޑީ) ގައި ސަބްތާގެ ނާއިބަކަށް އޭރު ހުންނެވި ޖޫލިއަންއާއި އުގުބާ ދިމާވެ ސްޕެއިން ފަތަހަ ކުރުމާއި ބެހޭގޮތުން ނިންމެވިއެވެ. ޖޫލިއަން ދެންނެވީ އިހަށް ނުލަފާ ކަމާއި ނުބައިކަމުން ފުރިގެންވާ އެހެން ގަބީލާއަކާއި ހަގުރާމަ ކުރެއްވުމަށެވެ. އެކަލޭގެފާނަށް އޮޅުވާލައްވާ އެފަހަރު ސްޕެއިން ވަރުގަދަ ހަމަލާއަކުން ސަލާމަތްކުރީ ކައުންޓް ޖޫލިއަންއެވެ.

 

***

އުގުބާ ބިން ނާފިއު ސައުސާއަށް ވަޑައިގަތުމަށްފަހު އެންމެން ޝަކުވާތައް ދެންނެވުމަށްފަހު އުގުބާ ދަރުސެއް ދެއްވިއެވެ. އެ ދަރުސް އަޑު އައްސަވަން ޒިޔާދުގެ އާއިލާވެސް ތިއްބެވިއެވެ. އެކަލޭގެފާނު އެކަންތައް ނިމުމަކަށް ގެންނަވާނެކަމުގައި ވައުދު ވެ ވަޑައިގަތެވެ. އެއަށްފަހު ފޭލިގެއަށް ވަޑައިގަތުމުން މުހާޖިރު އެކަލޭގެފާނާއި ބައްދަލުކުރެއްވިއެވެ. އުގުބާގެ ގާތުގައި އޭނަ ދެންނެވީ ކުސައިލާގެ ވާހަކައެވެ.

"އޭނަގެ ހިތުގައި ދީނީ އަގީދާ ބަލިކަށި ނަމަވެސް އެއީ ބަރުބަރުންގެ ޕްރިންސެއް. އެމީހުންގެ ތެރޭ ނުފޫޒު ވަރަށް ގަދަ. އެތައް ހަގުރާމަވެރިންނެއް އޭނައަށް ތަބާވޭ..."

"އަޅުގަނޑުގެ ނަޒަރުގައި ހުރިހާ އިންސާނުން ހަމަހަމަ. ގަބީލާތަކުގެ ވެރިންގެ ޒިންމާ ތަންކޮޅެއް ބޮޑުކަން ނޫނީ ތަފާތެއްނެތް. އެހެންވީމަ ވެރިންނޭ ކިޔާފައި ޚާއްސަ އިމްތިޔާޒު ތަކެއް ނުދެވޭނެ. އޭނައަކީ ހަގީގީ މުސްލިމެއްވެސް ނޫނެއްނު. ވީއިރު އޭނައަށް މާތްކޮށް ހިތަންވީ އެއްވެސް ސަބަބެއް ނެތް. " އުގުބާ ވިދާޅުވިއެވެ. އޭނަގެ ވިސްނުންފުޅު އެހެން މީހުންނާއި ތަފާތެވެ.

އެދުވަހު ކޮންމެވެސް މީހަކު އުގުބާއަށް ކަންބަޅި ބަކަރިއެއް ހަދިޔާކުރެއްވިއެވެ. އެކަލޭގެފާނު އެންގެވީ އޭނަގެ ލަޝްކަރަށްޓަކާ ކަންބަޅި ކަތިލާ ރޯސްޓްކޮށް ދިނުމަށެވެ. ކުސައިލާވެސް އެ މަޖުލިސްގައި އޭރު އިނެވެ.

"ކުސައިލާ. ކައްކާމީހުންނަށް އެހީތެރިވާންވީނު....."އުގުބާ ވިދާޅުވިއެވެ.

ކުސައިލާ ހައިރާންވެ އަނގަ ހުޅުވުނެވެ.

"މާތްﷲ ކަލޭގެފާނަށް ހެޔޮ ގޮތްތައް މެދުވެރި ކުރައްވާށި. އެކަމަކު އަޅުގަނޑުގެ ޚާދިމުންނާއި އަޅުން އަޅުގަނޑުގެ ބަދަލުގައި އެކަމާއި ބައިވެރިވެދާނެ....."

"ނޫން. އެކަމުގައި ކަލޭވެސް ބައިވެރިވާން ވާނެ...." އުގުބާ ގޮތުގައި ހިފެހެއްޓެވިއެވެ.

"އެންމެ ރަގަޅު. ކަލޭގެފާނު އެދިވަޑައިގެންނެވި ގޮތެއް."

ކުސައިލާ ކޮޅަށް ތެދުވުނެވެ. ރުޅިއައިސްގެން ފަޅަ ފަޅައިގެން ދާން ތައްޔާރުވެފައި ހުރުމާއެކުގައިވެސް އޭނަ ކެތްތެރިވިއެވެ. އެކަމަކު އޭނަ އެގޮތަށް ލަދުގަންނަވާލުމުން ސިކުނޑީގައި ދާއިމީކޮށް ސިއްކަޖެހުނެވެ. އެހިތިކަން އޭނަގެ އެކުވެރިންވެސް ހިއްސާކުރިއެވެ. ހަގީގަތުގައި އުގުބާގެ އެ ވިސްނުންފުޅަކީ މަސްލަހަތާއި ދުރު ބުއްދިވެރިނޫން އަމަލެކެވެ. ކުސައިލާއަކީ އޭނަގެ ގަބީލާގެ އިސްވެރިޔާއަށްވެފައި އެންމެންވެސް ގަދަރުކުރާ އަދި ރަސްކަލެއްގެ ދަރަޖަ ދޭ މީހެކެވެ. އުގުބާ އެހާވަރަށް މީހުންގެ އެހުންނަ ގުޅުންތަކެއް އިހުސާސް ނުކުރެއްވެއެވެ. އެކަލޭގެފާނު ދެކެވަޑައިގެންނެވީ އޭނައަކީ ކުރީގެ މުރުތައްދެއް ކަމުގައެވެ. ކޮންމެހެން ގަދަރުކޮށް އިސްކަން ދޭންޖެހޭ މީހެއް ކަމުގައެއް ނޫނެވެ.

އުގުބާއަށްވުރެ ވިސްނުން ތޫނުވެފައި މީސްތަކުންގެ އިހުސާސްތައް ދަންނަ ބޭކަލަކަށް އަބޫ މުހާޖިރުވިއެވެ. އުގުބާގެ އެ އަމަލުން ނުކުމެދާނެ ނުބައި ނަތީޖާއަކާއި ދޭތެރޭ އޭނަ ކަންބޮޑުވިއެވެ.

"ކަލޭގެފާނު ކަންތައް ތިޔަކުރެއްވީ ރަގަޅަކަށް ނޫން. މާތްﷲގެ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް އަރަބިންގެ ގަބީލާތަކުގެ އިސް ނުފޫޒުގަދަ މީހުންނާއިމެދު ކަންތައްކުރެއްވީ އޯގާތެރިކަމާއެކު. މަސްލަަހަތަށް ބައްލަވާ. ކަލޭގެފާނާއި ތިޔަ ދިމާވީ މިތާ ނުފޫޒުހުރި ގަދަރުވެރި ވެރިއަކާ. އެކަމަކު ކަލޭގެފާނު އޭނައަށް މަލާމާތްކޮށް ގަދަރު ކުޑަކޮށްލެއްވީ." އަބޫ މުހާޖިރު ޖެހިލުންކުޑަކަމާއެކު އޭނަ ދެކުނުގޮތް ހާމަކުރެއްވިއެވެ. އެކަމަކު އެކަމުން އުގުބާގެ ވިސްނުންފުޅު ބަދަލެއްނުވިއެވެ. އަބޫމުހާޖިރުގެ ވާހަކަފުޅުތައް އަދި ކުސައިލާއަށް ވެސް ސަމާލުކަމެއް ނުދެއްވިއެވެ.

އަރަބިން އޭނައާއި ދޭތެރޭ ކަންތައް ކުރާގޮތުން އިތުރަށް ފޫހިވެ ކުސައިލާގެ މުނާފިގު ހިތަށް ނުބައި ޚިޔާލުތައް އަންނާންފެށިއެވެ. އޭނަ އެކަހަލަ ޚިޔާލުތަކެއްގައި ހުރިއްޔާ ތުނބުޅީގެ އިސްތަށިތަކުގައި ހިފާ ދަމައެވެ. ގަހެއްގެ ކައިރީ ހުއްޓިލައިގެން ހުރި ކުސައިލާ ފެނުމުން އަރަބި މުޖާހިދުންތަކެއް ހުއްޓުނެވެ.

"އޭ ބަރުބަރު. ކޮންމެވެސް ރޭވުމެއް ރާވަނީތަ؟ " މުޖާހިދުންތައް ހީފައި ކިޔައިލިއެވެ.

"މިއީ އިސްތަށިތަކަށް ރަގަޅު ފަރުވާއެއް.." މުޖާހިދުންގެ ޖޯކާއި ބައިވެރިވި ކަމަށް ހެދުނެވެ. އަދި ސިކުނޑީގައިވާ ކަޅު ޚިޔާލުތައް ވަންހަނާ ކުރިއެވެ.

އެހެންލާފައި ދިޔަ މުސްކުޅި އަރަބިއަކަށް ކުސައިލާގެ އެ އަމަލުގެ މަގުސަދު ވިސްނައިގަނެވުނެވެ. ޒުވާނުންނަށް އެކަން ނުވިސްނުނެވެ. ކުސައިލާ ދުރަށް ދިޔުމުން މުސްކުޅިޔާ އެކުދިންނަށް ބުނެލިއެވެ.

"ބަރުބަރު އެދިނީ އިންޒާރެއް........." މުސްކުޅިޔާ ބުނެލިއެވެ.

 

***

އެކިމީހުންގެ ފަރާތުން ލިބުނު އިންޒާރު އުގުބާގެ ކަންފަތްޕުޅަކަށް ނުވަނެވެ. އެކަލޭގެފާނު ހުރިހާކަމެއް ދެކެވަޑައިގަތީ ކަޅާއި ހުދުންނެވެ. އެދެމެދުގައިވާ އަޅިކުލަ އެކަލޭގެފާނަށް ފެނި ވަޑައެއް ނުގެންނެވިއެވެ. ފިރިހެނެއް ނޫނީ އަމަލަކީ އިސްލާމް ދީނަށްޓަކާ ރަގަޅުކަމެއް ނޫނީ ގޯސްކަމެއްގެ ގޮތުގައެވެ. އެނިމުނީއެވެ. އެކަލޭގެފާނަކީ ރީތި އަދި ސާދާ ހަޔާތެއްގެ މިސާލެކެވެ. ހަގީގަތާއި ދާދި ގާތުގައި ނެތް ކަމެއްވިއްޔާ އުގުބާ އެކަމަކާއި ކަންބޮޑުވެ ވަޑައި ގަންނަވާކަށް ނަހައްދަވަތެވެ. އުގުބާ އަދި އެހެން އަރަބިންނަށްވެސް ކުސައިލާގެ ހިތުގައިވާ ވަރުގަދަ އިހުސާސްގެ އެނގުމެއްނުވިއެވެ. އުގުބާ ނިކަމެތިކޮށްލިގޮތުން އެހިތަށް ވީ ތަދު އަދި އޭނަ އެކަމާ ދުވަހަކު މާފު ނުކުރާނެކަމާއި އެހިތުގައި އުގުބާއާއި އަރަބިންނާއި ދެކޮޅުވެރިކަން މޫލާފައިވާ ވަރު އެމީހުންނަށް އިހުސާސެއް ނުވިއެވެ.

 

***

ތާރިގް ކަނޑުގެ އައްސޭރިފަށުގައިވާ ހިލައަކަށް ލެނގިލައިގެން ދުރަށް ބަލަން ހުރިއިރު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. އޭނަގެ ލޯފުޅަށް ސިފަވީ ފައްތަވާފައި ނަވުގެ ފަހަތުން ވަޑައިގެންނެވި މަންޒަރެވެ. ލުއުލުއާ އާއި އައްބާދުގެ ވަދާއީ ސަލާމެވެ. އެދުވަހު އޭނަގެ ފަހަތުން އައި ސަވާރީންނަކީ މިންހާސްއާއި ބިންޒާ ކިޔާ ހަގުރާމަވެރިންނެވެ. އޭނަ ސަލާމަތް ކުރެއްވީ މިންހާސްކަމުގައި ތާރިގު ހީފުޅު ކުރެއްވިއެވެ.

"ޔާ ތާރިގް....." މިންހާސްގެ އަޑު އިވުމުން އެނބުރި ބައްލަވާލެއްވިއެވެ.

"ތާރިގް އަދިވެސް ލުއުލުއާއާއި އައްބާދުމަތިން ހަދާން ކުރައްވަނީތޯ؟" މިންހާސް އޯހާތެރިކަމާއެކު އެހިއެވެ.

"މިންހާސް. އެހަދާންތަކުން ދުވަހަކު ވަތްކެއް ނުވެވޭނެ.."

"އުގުބާ ބިން ނާފިއު ތަންތަން ފަތަހަކުރަމުން އެހިސާބަށްވެސް ވަޑައިގަންނަވާނެ. އަރަބިންގެ ލަޝްކަރާއި ބައިވެރިވާން ކުސައިލާގެ ހަގުރާމަވެރިން ނިންމާ ހަގުރާމައިގެ ތަމްރީންތައް ހަދަމުންދަނީ. އަޅުގަނޑު ޒިޔާދުއާއި ވާހަކަދެއްކިން. ދަރިފުޅު ހަގުރާމައިގެ މައިދާނަށް ނުފޮނުއްވާނެކަމުގައި ޒިޔާދު ވިދާޅުވީ. އެކަމަކު ތާރިގް ހަގުރާމައަށް ވަޑައިގަންނަވަން ބޭނުންފުޅުތޯ؟ފިލައިގެން ވަޑައިގަންނަވާނެ ހިތްވަރު ހުންނާނެކަމުގައި ދެކެން. މި ކަނޑުގައި އަމިއްލަ ނަފުސަށް ވިސްނުމެއްނެތި ފަތަން ކެރިވަޑައިގަތް ގޮތަށް މިފަދަ ކަމެއް ކުރުމަށް ފަސްޖެހި ވަޑައިނުގަންނަވާނެކަމުގައި އަޅުގަނޑު ހީކުރަން. ވަރުގަދަ ފަހުލަވާނަކަށް އޭރުން ވާނީ...... " މިންހާސް ބުނެލިއެވެ.

"އަހަރެން ކިހިނެއް ހަދަންވީ މިންހާސް؟ " ތާރިގް ވިދާޅުވިއެވެ.

"އަޅުގަނޑު އެބަބަލަން....." މިންހާސް ހީލިއެވެ.

 

 

***

ތާރިގްގެ ބައްޕާފުޅު ޒިޔާދު ވެ ވަޑައިގަތީ އިސްލާމްދީނަށް ލޯބި ކުރައްވާ ރަގަޅު މުއުމިނަކަށެވެ. ބަރުބަރަކަށްވިޔަސް އަގީދާ ވަރުގަދައެވެ. އޭނައަށް ކުސައިލާގެ އަނދިރި ފަރާތް އެނގި ވަޑައިގަންނަވާތީ އެއްގޮތަކަށްވެސް ކުސައިލާއާއެކު ދަރިފުޅު ހަގުރާމައަށް ފޮނުވާކަށް ބޭނުންފުޅެއްނުވިއެވެ. ތާރިގުގެ މަންމާފުޅު އުއްމު ތާރިގްވެސް ދަރިކަލުން ލޯފުޅު ކުރިމަތިން އެންމެ ސިކުންތަކު ދުރަށް ދާން އެދިވަޑައެއް ނުގަންނަވައެވެ.

އަވީގައި ހިއްކާފައިވާ ޗަކައިގެ ގާތަކުން ގެ އަޅާފައިވާއިރު އެގޭތެރޭގައި ބޯ ދޫލަ އެއް އަޅާ ބާލީސްތައް ޖަހާފައިވިއެވެ. އެއްފަރާތުގައި އެލުވާފައިވާ ބައްތިއެއްގެ ފަނޑު އަލިކަން މުޅި ހިސާބަށް ފާއްދާލާފައި އޮތެވެ. ކޮޓަރީގެ އެއް ފަރާތުގައި މަތީ ބަޔަށް ދާން ކުޑަ ސިޑިއެއް ލާފައި ހުންނައިރު ތާރިގް އެތާ އެންމެ ތިރީ ހަރުފަތްމަތީ އިށީދެ ވަޑައިގެން އިންނެވިއެވެ.

"ދަރިފުޅާ. އަވަހަށް ކާން އާދޭ.." އުއްމު ތާރިގް ފަރިއްކޮޅު ތައްޔާރުކުރެއްވުމަށްފަހު ވިދާޅުވިއެވެ. ސުފުރާމަތީގައި މުށީގެ ކަންވާރުތަކާއި ތަށިތަކެވެ. ތިންބޭފުޅުން އިށީދެ ވަޑައިގެން އެކި ވާހަކަތައް ދައްކަވަމުން ދިޔައިރު އުގުބާގެ ވާހަކަވެސް ދެކެވުނެވެ. ޒިޔާދު ތައުރީފުކުރެއްވިއެވެ. އެކަލޭގެފާނުގެ ސަބަބުން އަމާންކަން އިހުސާސްކުރެއްވޭ ކަމަށާއި އެކަަމަކު ކުސައިލާއަށް އިތުބާރު ނުކުރެވޭކަމުގައި ވިދާޅުވިއެވެ.

"ދަރިފުޅަކީ އަދި ކުޑަކުއްޖެއް. އެކަމަކު މިންހާސް ބުންޏޭ ހަގުރާމައިގެ ތަމްރީންތަކަށް ފޮނުވާށޭ. ވަގުތުން ބުނިން ނުވާނެއޭ..."

"މިންހާސްއަކީ ރަގަޅު މީހެއްނޫން. ދަރިފުޅު ބަލައިގެން އުޅޭތި.." އުއްމު ތާރިގުވެސް ވިދާޅުވިއެވެ.

ތާރިގް އިންނެވީ މަޑުންނެވެ. ބައްޕާފުޅުގެ ވާހަކަތަކަށް އިޖާބަ ދެއްވައިގެން ގޭގައި ހުންނެވުމުން އޭނަގެ ހުވަފެންތައް ފުރިހަމައެއްނުވާނެއެވެ. އެހެންނޫނަސް އުގުބާގެ ދަރުސްގައި އެންގެވީ ޖިހާދު ކުރުމަށެވެ. އިސްލާމްދީނަށްޓަކާ ޚިދުމަތް ކުރުމަށެވެ.

 

***

ދުރުން އަރަބިންގެ ފޭލިގެތައް ފެނެއެވެ. ތާރިގް އޭނަގެ ބައްޕާފުޅާއެކު ކަންބަޅިތައް ގޮވައިގެން ވަޑައިގަންނަވަނިކޮށް މިންހާސްއާއި ދިމާވިއެވެ. މިންހާސް އާއެކު ހުރި އަތްބަލާ މީހަކަށް ތާރިގު ފެނިގެން އަތްޕުޅުގައި ހިފެހެއްޓިއެވެ. އޭރު އަދި އިސްލާމްދީންގައި ނަހީކުރައްވާފައިވާ ބައެއްކަންތައް އެބޭފުޅުންނަށް އޮޅުމެއް ނުފިލައެވެ.

" ތިޔަ ބޭފުޅާގެ ދަރިކަލުންގެ އަތްޕުޅުން ވަރުގަދަ ކަންތައްތަކެއް އެބަފެނޭ..."

"ކޮންކަހަލަ ކަމެއްތަ؟ " މިންހާސްވެސް ޝައުގުވެރިކަމާއެކު ކައިރިއަށް ޖެހިލިއެވެ.

"މި ދަރިކަލުން މަޝްހޫރު ވެ މީހުންނަށް އަމުރު ހިންގަވާނެ ވަރުގަދަ ލީޑަރަކަށް ވާނެކަމަށް ފެނޭ. މުސްތަގުބަލުގައި ބޮޑު ރޯލެއް ކުޅުއްވާނެ.." އޭނަ ހީލާފައި ކިޔައިލިއެވެ.

"ކޮންމެ ކަމަކަށްވެސް މާތްﷲ ކުޅަދުންވަންތަ. ތިޔަ ބުނާކަންތައްތަކަށް އިރާދަ ކުރައްވައިފިއްޔާ އެކަމެއް ވާނެ...." ޒިޔާދު ވިދާޅުވިއެވެ.

"އަހަރެން ވެރިކަމެއް ބޭނުމެއްނޫން...." ތާރިގު ވިދާޅުވިއެވެ.

"ބޭނުންފުޅު ވެ ވަޑައިނުގަތަސް ބައެއް އިންސާނުންނަކީ ވެރިކަމުގެ ގާބިލުކަމާއިއެކު ދުނިޔެއަށް އައި ބަޔެއް..." ފާލުބަލާ މީހާ ބުނެލިއެވެ. "ތިޔަ ރީތި ތޫނުފިލި ދެލޮލާއި ތަނަވަސް ނިތްކުރި އެކަމަށް ހެކިދޭ...."

މިންހާސް ހިނިގަނޑެއް ޖަހައިލިއެވެ. އޭނަގެ ހިތުގައި ކުރިއަށް ވުރެ ބޮޑަށް ތާރިގުއަށް ޝައުގުވެރިކަން އުފެދުނެވެ.

 

***

އުއްމު ތާރިގު އިޝާ ނަމާދު ކުރެއްވުމަށްފަހު އަވަހާރަފުޅަށް އޮށޯވެ ވަޑައިގަތުމުގެ ކުރިން ދަރިކަލުން ގެ ކޮޓަރީގެ ދޮރު ހުޅުވައިލެއްވިއެވެ. ތާރިގްގެ ދާންމަތި ކޮޅު ހުހަށް ހުރުމުން ހާސްކަމާއެކު ޒިޔާދުއަށް ގޮވާލެއްވިއެވެ. ރޭގަނޑު މިގަޑީގައި ތާރިގް ވަކި ވަޑައިގަންވާނީ ކޮންތާކަށް ހެއްޔެވެ؟ އުއްމު ތާރިގުއާއި ޒިޔާދު އަވަށްޓެރި ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ. އެކަމަކު ތާރިގުގެ ޚަބަރެއް ނުވުމުން ހިތްޕުޅަށް ދަތިކަން ލިބި ވަޑައިގަތެވެ. އުއްމު ތާރިގު އިށީދެ ވަޑައިގެންނެވީ ތާރިގު އިންނަވާ ފަތްތަރުމަތީގައެވެ.

"ޔާ ޒިޔާދު. ދަރިފުޅަށް ކިހިނެއްވީތޯ؟ " އުއްމު ތާރިގުގެ ލޯފުޅުން ކަރުނަ ފޮދު ތިރިއަށް ދެމިގަތެވެ.

"ހީވަނީ މިންހާސް އޭނަ ހައްލާލައިގެން ދިޔައީހެން...."

ނުނިމޭ

ކޮމެންޓް 0