ޒުލްހިއްޖާ މަހުގެ މާތްކަމާއި ބެހޭގޮތުން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްފުޅެއްގައި ވެއެވެ." ހެޔޮ އަމަލުތައް ކުރުމަށް ﷲ ތައާލާގެ ހަޟުރަތުގައި މި ދިހަ ދުވަހަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." ސަހާބީން ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށް ތޯއެވެ. އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ."ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. މީހަކު އޭނަގެ އަމިއްލަ ނަފުސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ އެއިން އެއްޗަކާއެކު އެނބުރި ނައި މީހާ ފިޔަވައެވެ."
***
ތިންދުވަސްވާންދެން އަންދަލުސްގެ އައްސޭރިއަށް ކައިރިކޮށްލި ބައްތެލިތަކުން އަސީރުން އުފުލުނެވެ. ބަރުބަރުންގެ އެކި ގަބީލާތަކަށް ތާރިގު ބިން ޒިޔާދުގެ ފަތަހައިގެ ހަބަރު ފެތުރި އެކި އުމުރުގެ މީހުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރިއެވެ. އަދި ބައެއް ބަރުބަރުން ތާރިގުގެ ލަޝްކަރުގައި ބައިވެރިވާން އަމިއްލައަށް އެދިގެން އަންދަލުސްއަށް ދަތުުރުކުރާން ނުކުމެގަތެވެ. ފެންމަތީގައި އޮންނާނެ ކޮންމެ އެއްޗެއްގެ އެހީގައި އެމީހުން ދަތުރުފެށިއެވެ.
ބަރުބަރުން އިސްލާމީ ލަޝްކަރާއި ގުޅި އެލަޝްކަރުން އުނިވި ބައި ފޫބައްދާދިނެވެ. އަދި އެމީހުންނަށް ގޫތު ލަޝްކަރުން ލިބުނު އަސްތައް ލިބުނެވެ. އަދި ތާރިގު ބިން ޒިޔާދުގެ ލަޝްކަރާއި ގުޅުމުގެ ފުރުސަތު އެންމެނަށް ލިބުމުން އެކަމާއި އުފާކޮށް ހަމްދުކުރިއެވެ. އަލަށް އިސްލާމްދީނުގެ ހިދާޔަތް ލިބިފައިވާ މުޖާހިދުންގެ ހިތްތައް ސާފުވެ ހަގުރާމަކުރުމުގެ ޖޯޝާއިފޯރި ހިތްތަކުގައި ހިނގާލައިފިއެވެ.
ތާރިގު ބިން ޒިޔާދު އިމާމުވެ ނަމާދުކުރެއްވުމަށްފަހު ފަތަހައަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. މުސްލިމުންގެ އާމީންގެ އަޑުން ވާދީވެސް ގުގުމައިގެން ދިޔައެވެ. ތާރިގު ފަރިއްކުުޅުއްވުމަށްފަހު އަރާމުކޮށްލައްވަން ފެހިކަން ގަދަ ވިނަގަޑުމަތީގައި އޮށީވެ ވަޑައިގަތްތަނާ މީހަކު ހުއްޓުނުކަމުގެ އިހުސާސް ކުރެވުނެވެ.
"އައްސަލާމް އަލައިކުމް ޔާ ތާރިގު....."
"ވަލައިއުކުމުއް ސަލާމް ވަ ރަހުމަތުﷲ ވަ ބަރަކާތުހޫ ޔާ އައްބާދު. ހާލު ކިހިނެއްތަ؟" ތާރިގު ފުންމައިގެން ތެދުވެ ވަޑައިގެން ކޮނޑާއި ކޮނޑު ޖައްސަވާލެއްވިއިރު ލޯފުޅުން އުފާވެރިކަމުގެ ވިދުވަރުފެނުނެވެ.
"މިއައީ ރަށަށް ޖައްސާލާފައި. ތާރިގު މަންމާފުޅާއި އާއިލާގެ ޚަބަރުތައް އެބަހުރި. މަންމާފުޅަށް ފަތަހައިގެ ޚަބަރު ލިބިވަޑައިގަތުމުން އުފަލުގެ ކޮޅެއްނެތް. ދަރިފުޅަށްޓަކައޭ ހުރިހާ ދުޢާތައްވަނީ. މަޔެއްގެ އެންމެ ބޮޑު އުފަލަކީ ދަރިންނަށް ޝަހީދުންގެ ދަރަޖަލިބުން......." އައްބާދު ތާރިގުގެ ކައިރީ އިށީދެ އެކިވާހަކަތައް ދެއްކިއެވެ. އޭނައަށް ތާރިގުގެ މަންމަގެ ފަރާތުން ދީން އުނގެނި ހިދާޔަތް ލިބިއްޖެކަމަށާއި ހަގުރާމައިގާ ބައިވެރިވާންވެގެން މިކޮޅަށް އައީކަމުގައި ދެންނެވިއެވެ. އޭނަ އާއިލާގެ ޚަބަރުތައް ކިޔާދިންއިރު ތާރިގު ބިން ޒިޔާދުގެ ލޯފުޅުގައި ކަރުނަފޮދު ހިނގާލައިފިއެވެ. ނަަމަވެސް މުޖާހިދުންނަކީ ކެތްތެރި ހިތްވަރުގަދަ ބަޔެކެވެ. މާތްﷲގެ މަގުގައި އަމިއްލަ ނަފުސްތައް ގުރުބާންކުރަން ތިބި އަޅުތަކުންނެވެ. ދުނިޔޭގެ އެދުންތަކަށް ހެއްލިގެން ފަހަރެއްގައިވެސް ނުދާނެއެވެ.
ދެމީހުން ވާހަކަަަދައްކަން ތިއްބާ ޔޫސުފް އެތަނަށް އައެވެ. ޔޫސުފްގެ ހަގީގީ ބައްޕައާއި ދިމާވީތީ އައްބާދު އުފާކޮށް މަރުހަބާ ދެންނެވިއެވެ.
"ކޮންމެ ކަމަކީވެސް އިއްތިފާގު.އަޅުގަނޑަކީވެސް ގޫތުންނާއި ޔަހޫދީންގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ޝިކާރައަކަށްވެ މުސްލިމުންގެ ތެރޭ އުޅެން ޖެހުނު ކުއްޖެއް. ޝިކާރައަކަށްވުރެ ބުނެވޭނީ ނަސީބު ރަގަޅުވީއޭ. އަޅުގަނޑު މިހިރަ އިސްލާމްދީންގެ ހިދާޔަތް ބައްޕަ ކައިރީ ހުރިނަމަ ލިބޭނެތަ؟ އަޅުގަނޑަށް އިސްލާމްދީނުގެ ނިއުމަތް ދެއްވަންވީމަ ސުލެއިމާން އަޅުގަނޑު ގެންގޮސް މުސްލިމް އާއިލާއަކަށް ދިނީ. އެކަމާ ޝަކުވާ ކުރުމުގެ ބަދަލުގައި އޭނައަށް ޝުކުރުވެރިވިން. ތާރިގު. އެކުވެރިޔާ. މިއަދު ވަރަށް ބޮޑު ކަމަކަށް އެދޭނަން............................" ޔޫސުފް ރަކި ހިނިތުންވުމަކާއެކު ކަރުކެހިލިއެވެ.
"އަވަހަށް ބުނޭ."
"ބައްޕަމެންނާއެކު ސަބްތާއަށް އެނބުރި ދާނީތަ؟ "އައްބާދު ހީިލިއެވެ.
"ކަލޭ އަނގަ މަޑުކުރޭ. އަހަރެން ޖިހާދުކުރަން ހުރެފައި އާއިލާ އެނގުނޭ ކިޔާފައި އެނބުރިގޮސް ކިއްލާއެއްގެ ހިމާޔަތުގައި ހުންނާނެހެން ހީވޭތަ؟" ޔޫސުފް ކަޅިއަޅައިލުމުން އައްބާދު ހިނިގަނޑެއް ޖަހާލައިފިއެވެ.
"އައްބާދު. އަހަންނަށް ލޯބިވެވުނީ...."
"ކާކުދެކެ؟" އައްބާދު އެހިއެވެ.
"ލުއުލުއާ........."
"އަސްތަގުފިރުﷲ.........................." އައްބާއަށް މޫނުގައި އަތް އަޅައިލެވިއްޖެއެވެ. ލުއުުލުއާއަކީ އޭނާގެވެސް ހުވަފެނެވެ. އޭނަގެ ކުޑައިރުގެ ލޯތްބެވެ. ދެމީހުން އެއްކޮށް ނަވަކަށް ލައިގެން ގެނެސް ވިއްކާލާންދެން އެ ނަވުގައި ދެކުދިން އުޅުނު ހާލާއި ރުއިވަރު އަދި އެކަކު އަނެކަކަށް އެހީތެރިވި މިންވަރު އަދިވެސް ހަދާނުގައި ހަރުލާފައި އެބަހުއްޓެވެ. ހަގީގަތުގައި ލުއުލުއާއާއި ތާރިގުގެ އޮތް ގާތްކަމާއި ލޯތްބާއި ގުޅުމަކީ އެހެން އެއްވެސް ދެކުއްޖެއްގެ ދޭތެރޭގައި ވި އިހުސާސެއް ނޫނެވެ. ނަމަވެސް ތަދުގީރުގެ އޮތް ރޭއްވެވުން އެދެކުދިން ދުރުކުރުވައިފިއެވެ. އަދި ތާރިގުގެ ހިތްޕުޅުގައި އެހެން ލޯތްބެއް އުފައްދަވައި އޭނާގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް އަޅުކަމާއި ހަނގުރާމައަށް ހުސްކުރައްވައިފިއެވެ.
"ލުއުލުއާއާ ދިމާވީވެސް ހިތަށް ނާރާފަދަގޮތަކަށް. އަޅުގަނޑު ކޮއްކޮ ފްލޮރިންޑާގެ ފޭލިގެއަށް ދިޔައިރު އެތަނުން މިދިމާވީ. ކޮއްކޮގެ މެއިޑަކަށް ކުރިން ހުއްޓަސް އެކުދިންގެ އޮތީ އެކުވެރިކަމުގެ ގުޅުން. އަޅުގަނޑަށް ލުުއުލުއާ ފެނުމާއެކު އެ ރީތިކަމަށް ހިތް ދެވިއްޖެ. ކޮންމެ ފަހަރަކު އަޅުގަނޑަށް ކަމުދިޔަ އަންހެންކުއްޖާ ހާސިލުކުރުމުގައި ދަތިތަކެއް ކުރިމަތިވި. އެހެންވުމާއެކު މިފަހަރު މިހިރީ ހަމަ ދޫކޮށްނުލަން އަމިއްލަ ނަފުސަށް ވައުދުވެގެން......................" ޔޫސުފް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ޔޫސުފް ތިއީ ކައުންޓް ޖޫލިއަންގެ ދަރިއެއް,"
"ހޫމް އައްބާދު ކީކޭ ކިޔަން ތިއުޅެނީ؟ ބައްޕަ ގަބޫލުނުވާނެއޭތަ؟ ބައްޕަ އިއުތިރާޟުކުރަންވީ އެއްވެސް ސަބަބެއްނެތް.ބަރުބަރެއްގެ ލޭ ނުހިނގިޔަސް ކުޑައިރުއްސުރެ ބޮޑުވީ ބަރުބަރު ގަބީލާއެއްގެ ތެރޭ. ބައްޕަ ގަބޫލުނުވިޔަސް މާތްﷲ އިރާދަކުރެއްވިއްޔާ މިފަހަރު ކައިވެނިކުރާނަން....."
"އަންހެނަކު ފެންނައިރަށް އެމީހަކަށް ހިތްކިޔުމުގެ ބަދަލުގައި އެމީހަކުގެ ހަގީގަތް ހޯދަބަލަ ޔޫސުފް. ލުއުލުއާއަކީ މީހެއްގެ އަންބަކަށްވެސް ވެދާނެއްނު. އޭނަވެސް އަބަދަކު ހުހަށް ނުހުންނާނެ. ފުރަތަމަ ލުއުލުއާއަށް ފްލޮރިންޑާގެ ފޭލިގެއަށް ދެވުނީ ކިހިނެއްތޯވެސް އަހާބަލަ............" އައްބާދުއަށްވެސް އެކުވެރިޔާއާއި ހަތަރުކަޅިި ހަމަކުރަން އުދަގޫވިއެވެ.
ތާރިގުއަށް ވަގުތުން ވިސްނުނެވެ.
"ސީރިޔަސްކޮށް އައްބާދު ކައިވެނިކުރީތަ؟"
"އަހަންނަށް މާފުކުރައްޗޭ ތާރިގު...."
"ކޮންކަމަކާތަ؟ ލުއުލުއާގެ އަމިއްލަ ކަމެއް އެއީ. އަހަރެމެން ކުޑައިރުގެ އެކުވެރިކަން އެއީ އެހެން ވާހަކައެއް. އައްބާދުއާއި ލުއުލުއާގެ ކައިވެނި ކުރެވިއްޖެއްޔާ ހަމަ ދެކުދިންނަށް ހުރިހާވެސް ހެޔޮ ދުއާއެއް. އުފާވެރި ޚަބަރަކަށް ތިގެނެސްދިނީ. އައްބާދުއާއި ލުއުލުއާ ގުޅެން ހުރީމަ އަހަންނާއި ވަކިވެގެން އެދިޔައީ. ޔޫސުފް. އެކަމާއި ހިތާމަކޮށް ރުޅި އަންނަން ނަހަދާ. އަނގައިގެތެރޭ އޮތަސް ރިޒުގު ހުރި މީހަކަށް ކާ އެތިކޮޅުވެސް ލިބޭ އުސޫލުން އުޑުގައި ކައިވެނި ލިޔުއްވާފައި ނެތިއްޔާ އެކަމެއް ނުކުރެވޭނެ.............." ތާރިގު ޔޫސުފްއަށް ހިތްވަރު ދެއްވިއެވެ.
ޔޫސުފް މޫނުގައި އަތްއެޅިގޮތަށް ކުޑަކުއްޖެއްހެން ރުޔެވެ.
"ކޮންމެ ފަހަރަކު މިހެންވަނީ ކީއްވެ؟"
"އެއީ އަދި ޔޫސުފްގެ ނަސީބުގައި ހުރި އަންހެންކުއްޖާ ނާންނަނީ. އެކުއްޖާ ހަޔާތަށް އަންނަންދެން ކެތްކޮށްލާ. ތިނަން ކިޔުނު ރަސޫލުބޭކަލަކީ ވަރަށް ހިތްވަރުދަދަ ކެތްތެރި ބޭކަލެއް. އެކަލޭގެފާނާއި ބައްޕާފުޅާއި ވަކިވެ އެތައް އަހަރުތަކެއް ހޭދަވި. ނަމާދާއި ގުރުއާނުން ކެތްތެރިކަން ހޯދާ. ރުއިމަކީ ހައްލެއް ނޫން......." ތާރިގު ޔޫސުފްގެ ބުރަކަށީގައި ފިރުމާލެއްވިއެވެ.
އައްބާދުއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ.
އޭނައަށް އިހުސާސްކުރެވުނީ ތާރިގުއާއި ޔޫސުފްއަށްވެސް ކެހިދެވިއްޖެ ކަމުގައެވެ. ޚާއްސަކޮށް ތާރިގުއަށެވެ. އޭނަގެ ހިތްޕުޅުގައިވާ އެއްޗެއްވެސް އެނގެނީއެއްނޫނެވެ. ތާރިގުގެ ޝުއޫރުތައް އެ ލޯފުޅުން ދެނެގަތުމަކީވެސް ފަސޭހަކަމެއްނޫނެވެ. ފަހަރެއްގައި އެހިތުގައި ލުއުލުއާ ނުވާކަމެއްވެސް ނޭގެއެވެ. އައްބާދު އަވަސް އަރައިގަނެ އެ ކައިވެނި ކުރީ ލުއުލުއާ ގެއްލިދާނެކަމުގެ ބިރުހީވެފައެވެ.
***
އަލްފަންސޫ އިތުރަށް ހަނގުރާމަކުރާކަށް ޝައުގެއް ނެތެވެ. އޭނަގެ ލޯބި ހާސިލުކުރެއްވުމަށްފަހުު މުސްލިމުންގެ ފަރާތުން ވައުދުވި ކަންތައްތަކެއްގެ ހިތްހަމަޖެހުމާއެކު އޭނަ ތާރިގު ބިން ޒިޔާދުއާއި ބައްދަލުކުރިއެވެ.
"އަޅުގަނޑަށްވެސް އެކަންތައްތަކެއް ނުނިންމޭނެ. ފުރަތަމަ މަނިކުފާނު އަޅުގަނޑުމެންގެ އިސް ކޮމާންޑަރާއި ބައްދަލުކުރައްވާ އެބޭކަލުން ދެއްވާނީ ކިހާވަރަކަށްތޯ އައްސަވާ. ދެރަގޮތެއްނުވާނެ. މަނިކުފާނުގެ މުޅި އާއިލާ ގޮވައިގެން ވަޑައިގަންނަވާ...." ތާރިގު ވިދާޅުވިއެވެ.
ތާރިގުގެ އިޒުނަ ލިބިވަޑައިގަތުމާއެކު އަލްފަންސޫ އޭނަގެ އަންހެނުން ފްލޮރިންޑާއާއި ކޮއްކޯފުޅުމެން ގޮވައިގެން މިސްރާބު ޖެއްސެވީ އެފްރިކާއަށެވެ. ތާރިގު ބިން ޒިޔާދު ދެއްވި ސިޓީއެއްވެސް ހިފައިގެންނެވެ. އެސިޓީގައި އަލްފަންސޫގެ ބައްޕަގެ ބިމާއި މުދާތައް އެކުދިންނަށް ލިބޭގޮތަށް އިގުރާރެއްގައި ސޮއިކޮށްދެއްވަން އެދިވަޑައިގެންނެވިއެވެ. މޫސަވެސް އެކަމާއި ގަބޫލުފުޅުވި ނަމަވެސް ޚަލީފާގެ އަމުރުފުޅަކީ ފަހު ނިންމުން ކަމަށްވާތީ އެ ވަފުދު ދިމިޝްގަށް ފޮނުއްވިއެވެ. ޚަލީފާ އެ ވަފުދަށް މަރުހަބާކީ އިންތިހާ ދަރަޖައިގެ އިހުތިރާމްއާއެކީގައެވެ. ޚަލީފާ ތާރިގުގެ ހުށަހެޅުއްވުން ގަބޫލުފުޅުކުރެއްވިއެވެ. އެ ވަފުދު އެނބުރި ސްޕެއިންއަށް އައީ ހިތްހަމަޖެހުމާއެކުގައެވެ. ވިޓިޒާގެ ކޮންމެ ދަރިއަކަށް އެއްހާސް ދަނޑުބިން ލިބުނެވެ. ސެވިލް ގުރުތުބާ އަދި ތުލައިތާގައި އެންމެން ހަމަޖެހިލައިގެން ހަޔާތުގެ ބާކީ އޮތްބައި އުފަލާއި އަމާންކަމާއެކު މުސްލިމުންގެ ވެރިކަމުގެ ދަށުގައި ދިރިއުޅެމުން ދިޔައެވެ.
***
ލުއުލުއާ އައްބާދު ވުޟޫކުރަން ފެން އަޅާދިން މަންޒަރު ބަލަން ޔޫސުފް ހުރިތަން ފެނުމުން ތާރިގު ގޮވާލެއްވިއެެވެ. ޔޫސުފް ބޭޒާރުވުމުން ލަދުގަނެ މޫނުމަތިން ރަތްކަން ފައުޅުވިއެވެ.
"ޔޫސުފް. ބެލުން ތިރިކުރަން ދީނުގައިވަނީ..." ތާރިގު ހަނދާންކޮށްދެއްވިއެވެ.
ޔޫސުފް ފުން ނޭވާއެއް ދޫކޮށްލަމުން އިސްޖަހާލިއިރު ލޮލުން ކަރުނައިގެ ތެތްކަން ތާރިގުއަށް ފެނިވަޑައިގަތެވެ. އޭނަ ޔޫސުފްގެ ކޮނޑުގައި އަތް ޖައްސަވާލެއްވިއެވެ.
ނުނިމޭ