މަންމާފުޅަށް ބޭނުންވާނެ ސާމާނުކޮޅެއް ބައްލަވައިގަންނަވަން ތާރިގު ބާޒާރަށް ވަޑައިގެންނެވިއިރު ރޫމީ ގާފިލއެއްގެ މީހުންނާއި ބާޒާރުމަތިން ދިމާވިއެވެ. އެތަނުން ފެނުނު ޒުވާނަކާ ދިމާލަށް ބައްލަވަން ހުންނެވީ ހައިރާންކަމާއެކުގައެވެ. ރޫމީންގެ ތެރޭ ހުއްޓަސް ބަރުބަރެއްގެ ހުންނަ ސިފައެވެ. މުށިކުލައިގެ ހަމާއެކު ކަޅުދެލިގަނޑެއްފަދަ އިސްތަށިގަނޑެވެ. ވަރުގަދަ ބުމައެވެ. ނަމަވެސް އޭނަ އެހެރީ ރޫމީންގެ ހެދުމުގައެވެ. އެ ޒުވާނާގެ ނަޒަރު ތާރިގުއަށް ހުއްޓުމާއެކު ލޯ ބޮޑުކޮށްލެވުނެވެ.
"ޔާ ތާރިގު............."
"އައްބާދު. މާތް ރަސްކަލާނގެއަށް ހަމްދުކުރަން...." ތާރިގު އަހުން ފުންމަވާލެއްވުމާއެކު އައްބާދުއާއި ކަރާކަރު ޖައްސަވާ ސަލާމްކުރެއްވިއެވެ.
"ހާލު ކިހިނެއް؟ " ތާރިގު އެކުވެރިޔާ ގާތުން އުޅެނީ ކޮންތާކުތޯ ސުވާލު ނުކުރެއްވީ އަޅައިގެން ހުރި ހެދުމުންވެސް އޭނަ ރޫމީންގެ ތެރޭ އުޅޭކަން އެނގިވަޑައިގެންނެވުމުންނެވެ.
"ކިހިނެއް ރަގަޅުވާނީ. އާއިލާއާ އެކުވެރިންނާއި ވަކިން ފަރަންޖީގެ ތެރޭ އުޅެއުޅެ އަމިއްލަ ވަޒަނާއި އާދަކާދަތައް ބީރައްޓެހިވެއްޖެ. މިނިވަންކަން ނިގުޅައިގަނެވި އަޅެއްގެ ކަމުގެ އިހުސާސްކުރެވ ހިތަށް ހަމަޖެހުމެއް ނުލިބޭ. އަޅުވެތިކަމުން ސަލާމަތްވެ އެނބުރި އަންނަން ކުރި މަސައްކަތް ފެނަށްވީ. މި ސަރަހައްދުގައި ފައި ބީއްސުމާއެކު ޒިޔާދު ބިން ތާރިގުގެ ކުޅަދާނަކަމުގެ ވާހަކަ އިވުމުން ފަޚުރުވެރިކަމެއް ހިތަށް ލިބިއްޖެ. މިހިރަ ވަރުގަދަ މުލައްދަނޑިއެއް ފެނުނަސް ދުޝްމިނުން ރޫ ރޫ އަޅައިގަންނާނެ.." އައްބާދު ތާރިގުގެ މުލައްދަނޑިފުޅުގައި އަތުން ޖަހައިލަމުން ހިނިތުންވަމުން ދިޔަގޮތުން ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދެއެވެ.
"އައްބާދުވެސް އަހަރެމެންނާއި ގުޅެންވީނު." ތާރިގު އެދުނެވެ.
"އަހަންނަށް ހަގުރާމައިގެ އެއްވެސް އުކުޅެއް ތަމްރީނެއްނެތް. ކަމީނުކަމުން ތިހާ ހިތްވަރުގަދަ ސިންގާތަކާއެކު ހަގުރާމައިގެ މައިދާނުގައި ކެތްކުރެވޭނެތަ؟ އަދި ނޭގޭ. ހޫމް ދެން އެންމެ ބޭނުންވާ ވާހަކަ އަދި ނާހަން ހިތުގައި ބާއްވައިގެން ކަން އެނގޭ. ލޫލުއާގެ ޚަބަރު އޮޅުން ފިލުވަން ބޭނުމެއްނުވޭތަ؟ " އައްބާދު ލާނެތްގޮތަކަށް ހީލިއެވެ.
"ކޮބާ ލޫލޫ؟ " ތާރިގު ހިނިފުޅު ވަޑުވައިލެއްވިއެވެ.
"ސަބްތާގެ ވެރިޔާ ކައުންޓް ޖޫލިއަން ގެ ދަރިފުޅު ފްލޮރިންޑާގެ ޚާދިމާއަކަށޯ ހުންނަނީ......."
"އޯ........." ތާރިގުއަށް ވިދާޅުވެވުނެވެ.
"އެ އާއިލާއިން ލޫލޫއާއިމެދު އިހާނެތިކޮށް އަމަލުކުރާހެން ހިޔެއްނުވޭ. ލޫލޫ އުޅެނީ އުފަލުންހެން ހީވޭ. އަހަންނާއި ބައްދަލުވެފައި ނެތަސް ކޮންމެވެސް ވަރަކަށް ޚަބަރު އޮޅުން ފިލުވަން . ތާރިގު ކައިވެންޏެއް ކުރީތަ.."
"ޒަވާޖީ ހަޔާތަކާއިމެދު ޚިޔާލުކުރާވަރަށް ވުރެ އުދަގޫ ދިރިއުޅުމެއް ވޭތުކުރަން ޖެހުނީ. އެހުރިހާ ކަމެއްގެ އަސްލަކީ ގޫތުން........" ތާރިގު އޭނަގެ އެކުވެރިޔާއަށް ބައްޕާފުޅު ޝަހީދުވިގޮތާއި މަންމާފުޅާއި ވަކިވެގެން މިހުރިހާ ދުވަސްވާންދެން އުޅުއްވި ހާލުކޮޅު ކިޔާދެއްވިއެވެ. މަންމާފުޅާއެެކު ދިރިއުޅުއްވާ ހަވޭލީއަށް އަންނަން އައްބާދުއަށް ދައުވަތުވެސް ދެއްވިއެވެ. އައްބާދު ފެނިވަޑައިގަތުމުން މަންމާފުޅަށް ލިބިވަޑައިގަންނަވާނެ އުފާފުޅު ތާރިގުއަށް ޚިޔާލުކުރެއްވުނެވެ. މަންމާފުޅު ފަހަރެއްގައިވެސް ތާރިގުގެ އެކުވެރިންގެ މަތިން ހަދާން ނައްތައެއް ނުލައްވައެވެ. އެކުދިންގެ ޚަބަރެއް އޮޅުން ނުފިލައިގެން ކިތަންމެ ފަހަރަކު މަންމާފުޅު ސުވާލުކުރައްވައިފިއެވެ. އަބަދުވެސް އެކުދިންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރައްވައެވެ. އެއީވެސް ދަރިކަލުންނަށްޓަކާ އެ މަންމާފުޅުގެ ހިތްޕުޅުގައިވާ ސާފު ލޯތްބެވެ.
ތާރިގު އައްބާދު ގޮވައިގެން އޭނަގެ ހަވޭލީއަށް ވަޑައިގެންނެވިއިރު މަންމާފުޅު އިންނެވީ މުސައްލަމަތީގައި ނަމާދަށެވެ. ސަލާމް ދެއްވުމަށްފަހު ތާރިގުއާއި ވާހަކަފުޅު ދައްކަވަމުން އެކީގައި އައީ ކާކުތޯ ސުވާލުކުރެއްވިއެވެ. ލޯފުޅުގެ ނޫރު ކެނޑުނަސް އެހެން ހިއްސުތަކުގެ ބާރުގަދަވެ އެފަދަ ކަންތައް ފާހަގަކުރެއްވެއެވެ. އައްބާދު ހުރިކަމުގައި ބުނުމުން ލޯފުޅުން އުފާވެރިކަން ފެނި މޫނު ވަކިން އަލިވިއެވެ.
"އައްބާދުތަ؟"
"އާން މަންމާ.." ތާރިގު މަންމާފުޅުގެ އަތްތިލައާއި އައްބާދުގެ އަތްތިލަ ގުލުވައިލަދިނެވެ.
"މަންމަގެ ހުރިހާ ދަރިން އެއްފަހަރާ ކަހަލަގޮތަކަށް ފެނުމުގެ ނަސީބު މިންވަރު ކުރައްވައިފި. ހެއްދެވި ފަރާތުގެ ކުޅަދާނަވަންތަކަމުގެ ބޮޑުކަމާ. ކޮންފަދަ އުފަލެއް......" އުންމު ތާރިގު ވިދާޅުވިއެވެ.
"މަންމަގެ ދުޢާގެ އަސަރުކަން ޔަގިން..."
"ކޮބާ ލުއުލުއާ. އެކުއްޖާފުޅުވެސް އައިތަ؟ " އުންމު ތާރިގު އުއްމީދުން ފުރިގެންވާ ގޮތަކަށް އެއްސެވިއެވެ.
"ނޫން. އޭނަ ވީ ސަބްތާގައި. މަންމަ އެންމެން މަތިން ހަދާން ކުރައްވާކަމީ އުފަލެއް.."
"އާނ މަންމަ ހަގީގަތުގައި ތި ކުދިން މަތިން ހަދާން ނައްތައެއްނުލަން. ކޮންމެވެެސް ދުވަހަކުން ދުނިޔޭގައި ހުއްޓާ ބައްދަލުވާނެކަމުގެ އުއްމީދު ފަހަރެއްގައިވެސް ކަނޑައިނުލަން. އުއްމީދަކީ ދިރިއުޅުމުގެ އެންމެ ބޮޑު ހިތްވަރު. އުއްމީދުގެ ހުޅުކޮޅު ނިވިޔަނުދޭން އެންމެ ފަހު ވަގުތުވެސް ގަދަ އަޅާ މަސައްކަތްކުރުމުން ހިތްވަރު ނުގެއްލި ކުރިއަށް ދެވޭނީ. އައްބާދު. ކޮންމެ ތަނެއްގައި ހުއްޓަސް އަމިއްލަ ވަންތަކަމާއި ސަގާފަތާއި ދީން ދޫކޮށްނުލާތި. ވަފާތެރިވައްޗޭ. ދީނާއި ގައުމަށް ޚިޔާނާތްތެރިވެ ދުޝްމިނުންގެ އުނގަށް ވެއްޓިގަތުމަކީ އަމިއްލަ ނަފުސްގެ އަގު ތިމާގެ ގާތުގައި ވެއްޓިދާނެކަމެއް ދަރިފުޅާ....." އުންމު ތާރިގު އެވަގުތުކޮޅުވެސް ހިކްމަަތްތެރި ބަސްކޮޅެއް އިއްވެވިއެވެ.
***
ހަސަތޭކަ ނުވަދިހަ އަށްވަނަ އަހަރުގެ މާރިޗް މަހެވެ. ޚަލީފާ އަބުދުލް މާލިކް ހަގުރާމައިގެ ގާފިލާއެއް ހަތިޔާރުތަކާއެކު ހައްސާނު ބިން ނޫމާން ގެ އަރިހަށް ބަރްގާއަށް ފޮނުއްވިއެވެ. އެ ލަޝްކަރު ވަރުގަދަ ކުރެއްވުމަށާއި އެފްރިކާ ފަތަހަކުރުމުގެ އަޒުމްގައެވެ. އެ ގާފިލާ އެ ތަނަށް ޖަމާވީ ޚަލީފާގެ އިރުޝާދުތައް ހިފައިގެންނެވެ. މިފަހަރު ހައްސާނު އެފްރިކާއާއި ހަގުރާމައަށް ވަޑައިގަތުމުގެ ކުރިން އިތުބާރުކުރެވޭ ސަފީރަކު ޚާލިދު ބިން ޔަޒީދު ކައިރިއަށް ފޮނުއްވިއެވެ. ކަހީނާގެ ގާތުގައި ދަރިއެއްފަދައިން އޭނަ ގެންގުޅޭތާ ފަސްއަހަރު ވަރަކަށް ދުވަސް ވެފައިވިއެވެ.
"އަހަރެމެންނަށް ޚަބަރުތައް ފޮނުވަން ހުރަހަކަށް ވީ ކޮންކަމެއްތަ؟ " އޭނަ ގޮސް ޚާލިދުއަށް މެސެޖް ދިނެވެ.
" ބަރުބަރުން ބައިބައިވެއްޖެ. ޖަމާއަތްތައް ގުޅުމެއް ނެތި ވިއްސިވިހާލިވެއްޖެ. ބާރަށް ދަތުރުކުރައްވާ...." ޚާލިދު ކަރުދާސްގަނޑެއްގައި އެ މެސެޖެ ލިޔުނެވެ. އަދި އެ ކަރުދާސްކޮޅު ޕާނަކަށް ލާފައި ފިހެލައިފިއެވެ. ސަފީރުގެ ދަތުރަށް އޭނަ ދިން ކާނާގެ ތެރޭގައި އެ ޕާންގަނޑު އޮތެވެ.
"މި ޕާން ކައިނުލައްޗޭ. އަދި ހަލާކުކޮށްނުލައްޗޭ. މީގެ ތެރޭގައި ހައްސާންއަށްޓަކާ މެސެޖެއް ވާނެ...."ޚާލިދު ސަފީރުއަށް މާނަވީ ހިނިތުންވުމެއް ދިނެވެ.
ސަފީރު ކަހީނާ ވެރިކަން ކުރާ ޝަހަރު ދޫކޮށް ދަތުރުކުރި ފަހުން ކަހީނާއަށް ކޮންމެވެސް ޒަރީއާއަކުން ޚަބަރު ލިބުނެވެ. އޭނަގެ މަކާނުން ނިކުމެގެން އައީ އިސްތަށިގަނޑު ހާވާލައިގެން ހުރެ މޭމަތީގައި ދެއަތުން ތަޅަމުން ހަޅޭއްލަވަމުންނެވެ.
" ކަލޭމެނަށް ހިތާމަ ހުރި. ބަރުބަރުންނޭ. ކަލޭމެންގެ މިނިވަންކަން އިންސާނުން ކައި އުޅޭ އެއްޗަކާއެކު ހިގައްޖެ...."
ކަހީނާގެ އަމުރަށް އޭނަގެ ހަގުރާމަވެރިން ސަފީރު އަތުލައިގަންނަން ބާރަށް ދުވާ އަސްތަކުގައި ދަތުރުކުރިއެވެ. ނަމަވެސް އެ މީހުންގެ އަތުނުޖެހި އޭނަ ސަލާމަތުން ޖަބަލް އައުރާސް ފަސްދީފައި ދަތުުރުކޮށް ދިޔައީ އެންމެ ވަގުތުކޮޅެއްވެސް ދުއްވާނުލައެވެ. ބަރްގާއަށް ފޯރުމާއެކު އެ ޕާންގަނޑު ހައްސާނުގެ އަތްޕުޅަށް އަރުވަން އަވަސްވެގަތެވެ. ހައްސާނު އެ ޕާންގަނޑު ކުދިކުދިކޮށްލައްވާފައި އޭގައިވާ ކަރުދާސްކޮޅު ނެންގެވިއެވެ. ޕާން ފިހުމުގެ ތެރޭ ކޮންމެވެސް ވަރަކަށް ކަރުދާސް ހަލާކުވެފައިވިޔަސް އޭގައި ހުރި މެސެޖް ހުރިގޮތަށް ވިދާޅުވެވުނެވެ. އިތުރު މައުލޫމާތު ހޯއްދެވުމުގެ ބޭނުންފުޅުގައި ދެވަނަފަހަރަށް އެ ތަނަށް އެ ސަފީރު ފޮނުއްވަން އުޅުއްވުމުން އޭނަ އުޒުރުވެރި ވެގަތެވެ.
"އެއީ ކަހީނެއް. މިފަދަ އެއްވެސް ކަމެއް އޭނައަށް ފޮރުވިގެނެއް ނުވޭ...."
ގާސިދުގެ ދެކޮޅު ހެދުމުން ހައްސާން އޭނަ މަޑުކުރުމުގެ އިޒުނަ ދެއްވިއެވެ
***
ކަހީނާ އޭނަގެ ދަރިން އެއްކޮށްގެން ވާހަކަދެއްކިއިރު އެހެން ދުވަހު ނުފެންނަފަދަ މާޔޫސްކަމަކާ މޮޅިވެރިކަމެއް އެމޫނުމަތީ ހަރުލާފައި ހުއްޓެވެ.
"އަހަރެންގެ އަޖަލު ކައިރިވެއްޖެ. ލޯމައްޗަށް މަރު ސިފަވެއްޖެ. ހުވަފެނެއްނޫން ހަމަ ހޭލާ އިނދެގެން ފެނުނުކަމެއްގެ ވާހަކަ މިބުނަނީ. އަހަރެންގެ ބޯ ކަނޑާލައިގެންގޮސް ހައްސާން ބިން ނޫމާން އަރަބިންގެ ވެރިޔާގެ ކުރިމަތީ ބޭއްވުނީ. އަހަންނަށް ފެންނަ މިފަދަ ކޮންމެ ކަމެއް ހަގީގަތަކަށް ވޭ..........."
"ވީއިރު އަހަންނާއެކުގޮސް މުސްލިމުންގެ ކޮމާންޑަރަށް ބައިއަތު ހިފާ ހަތިޔާރު ބަހައްޓަމާ...." ޚާލިދު ބިން ޔަޒީދު ބުނެލިއެވެ.
"ނޫން. ތިއީ ކުރެވޭނެކަމެއްނޫން...."
"ދުރުން ފެންނަނީ ކޯންޗެއްތަ މަގޭ ދަރިންނޭ..."
"ރަތްކުލައިގެ ވިލާގަނޑެއް....."
"ނޫން އެއީ ވިލާއެއް ނޫން. އެއީ އަރަބިންގެ ލަޝްކަރުގެ ހިރަފުސް...." ކަހީނާ މޮޅިވެރިކަމާއެކު ދުރުން ފެންނަ ހިރަފުސްގަނޑަށް ބަލަން ހުރެފައި ޚާލިދާއި ދިމާލަށް ކުރިމަތިލިއެވެ. "އަހަރެން ކަލޭ ދަރިއަކަށް ހެދި އެންމެ ބޮޑު ސަބަބަކީ މި ދުވަސް އަންނާނެކަން ޔަގީންވާތީ. އަހަރެން ދުނިޔެއާއި ވަކިވުމުގެ ވަގުތު ކުޑަތަންވެއްޖެ. އަހަރެންގެ ދަރިން ޚާލިދުއާއި ހަވާލުކޮށްފިން. އެކުދިން މުސްލިމް ކޮމާންޑަރ އަރިހަށް ގެންގޮސް ރައްކާތެރިކަމާއި ހިމާޔަތް ދީ............"
"ފަހަރެއްގައި އަހަރެމެން އެކަނިގޮސްގެން ހައްސާނު ގަބޫލުފުޅު ކުރައްވާނެކަމާއިމެދު ޝައްކު..މަންމަވެސް ދާންވީނު. މަންމަވެސް އަރަބިންނާއި ސުލްހަވޭ......." ޚާލިދު ބުނެލިއެވެ.
"ނޫން. އަހަރެން ދިޔުން މުހިއްމެއްނޫން. ނުދިޔަސް މަގޭ ދަރިންނަށް އޭނަ ރައްކާތެރިކަން ދޭނެކަމާއިމެދު ޝައްކެއްނެތް. މި ދަރިން އަދި އަރަބި ލަޝްކަރުގެ ކުޅަދާނަ ފަހުލަވާނުންތަކަށް ކޮންމެވެސް ދުވަހެއްގައިވާނެ...." ކަހީނާ އޭނަގެ ދަރިން ގެނެސް މޭގައި ޖައްސާލަމުން ނިތަށް ބޮސްދިނެވެ. އެންމެ ފަހުގެ އަލްވަދައު ކިޔާ މެރުމަށާއި މަރުވާން ތައްޔާރުވެއްޖެއެވެ.
***
މިފަހަރުވެސް މުސްލިމް ލަޝްކަރު ދަތުރު ފެށީ ނަސްރަށް އެދި ﷲ ސުބުހާނަހޫ ވަތައާލާއަށް ދުޢާ ދަންނަވަމުން އުއްމީދާއި އަޒުމާ ޖޯޝަކާއެކުގައެވެ. ހަފްތާތަކަށް ދެމިގެން ދިޔަ ދަތުރުގައި ތަރާބުލްސް ހުރަސްކޮށް ގާބިސްގެ މަގުން ލާފައި ޖަބަލް އައުރާސްއާ ދިމާލަށް ދަތުރުކުރަމުން ދިޔައީ ހަލުވިކަމާއެކުގައެވެ. އެ ފަރުބަދައާއި ދާދި ގާތަށް ގޮސް ފޭލިގެތައް ޖަހައި ނިމުނުއިރު ކަހީނާވެސް އޭނަގެ ހަގުރާމަވެރިންނާއެކު އެހިސާބުގައި ފޭލިގެ ޖަހާލައިފިއެވެ.
ރޭގަނޑު އަނދިރީގައި ޚާލިދު ބަރުބަރުންގެ ފޭލިގެ ދޫކޮށް އޭނަގެ ކޮއްކޮމެންނާއެކު އަރަބި ފޭލިގެތަކާއި ދިމާލަށް މިސްރާބުޖެހިއެވެ. ހައްސާނުއާއި ބައްދަލުކޮށް ކަހީނާގެ ހުށަހެޅުން ދެންނެވިއެވެ. އޭގެ އިތުރުން ޚުދު ޚާލިދުގެވެސް ބޭނުންތަކުގެ ވާހަކަތައް ދެންނެވިއެވެ. ކަހީނާގެ ދަރިންނަށް ރައްކާތެރިކަމާއި ހިމާޔަތް އޭނަ އެދުނުފަދައިން އަރަބި ކޮމާންޑަރު ދެއްވިއެވެ. އަދި ޚާލިދުއަށް އަރަބި ގާފިލާގެ ޔުނިޓެއްގެ ކޮމާންޑަރުކަން ދެއްވާ ހަގުރާމައަށް ފޮނުއްވިއެވެ. އެހިސާބުން ތާރިގު ބިން ޒިޔާދު އޭނަގެ ލަޝްކަރާއިގެން ވަޑައިގެން ހައްސާނުގެ ލަޝްކަރާއި ގުޅުމުން އިތުރު ހިތްވަރެއް ލިބުނެވެ.
ޖެހިގެން އައި ދުވަހު ހައްސާނު ބިން ނޫމާންއާއި ކަހީނާގެ ލަޝްކަރު ހަގުރާމައިގެ މައިދާންގައި ކުރިމަތިލިއިރު މިފަހަރު ކަހީނާގެ ލަޝްކަރު ބަލިކަށިވެ ދާދިފަސޭހައިން މުސްލިމުންނަށް ފަތަހައާއި ނަސްރު ލިބިއްޖެއެވެ. ކަހީނާ އަމިއްލައަށްވެސް ޔަގީންކުރިފަދައިން އޭނަ އެ މައިދާނަށް ގަތުލުވެގެން ވެއްޓުނެވެ.
ހައްސާނު ޖަބަލް އައުރާސްއަށް ލަޝްކަރާއިގެން ވެންނެވުމުން ގަބީލާތަކުގެ ވެރިން އެކަލޭގެފާނުގެ އަރިހަށް ޖަމާވެ އެދުނީ ސުލްހައަށެވެ. ހަގުރާމައާއި ހިތްދަތިކަމުން އަރައިގަނެ ރީތިގޮތުގައި ދުނިޔޭގައި އުޅެން އެމީހުންވެސް ބޭނުންވިއެވެ. މުސްލިމުންނަކީ ވެރިން ކަމުގައި ބަލައިގަނެ އެމީހުްނގެ ވެރިކަމުގެ ހިޔަލުގައި ފާގަތި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދަން ގަބީލާތައްވެސް ތިބީ އެދިއެދިއެވެ. ހައްސާނު ހުށަހެޅުއްވީ ދެ ޝަރުތެވެ. އެއީ މުސްލިމުން ކަމުގައި ވުމަށެވެ. އަދި އެއްހާސް ދުއިސައްތަ ހަގުރާމަވެރިންގެ ލަޝްކަރެއް ތަމްރީނުކޮށް މުސްލިމުންގެ ވެރިޔާ އެދިވަޑައިގެންނެވި ކޮންމެ އިރެއްގައި ހަގުރާމައަށް ނިކުންނަން ތައްޔާރީ ހާލަތުގައި އޮތުމަށެވެ. އެމީހުން އެކަމާ ގަބޫލުވެ އެފަދަ ލަޝްކަރަކަށް ހަގުރާމަވެރިން ނެގިއެވެ.
ހައްސާނުގެ ޚާއްސަ އެކުވެރިއަކަށް ޒުވާން ތާރިގު ބިން ޒިޔާދު ވެވަޑއިގެންފައިވުމާއެކު ކޮންމެ ކަމެއްގައި އޭނައާއި މަޝްވަރާކުރައްވަން އިސްކަން ދެއްވައެވެ. ތާރިގު ލަފާ ދެއްވިގޮތަށް ލަޝްކަރުގެ ވެރިކަން ދެއްވީ ކަހީނާގެ ދޮށީ ފިރިހެން ދަރިފުޅަށެވެ. އަދި ޖަރާވާ ގަބީލާގެ ވެރިކަމާއެކު އައުރާން ސަރަހައްދުގެ ގަވަރުނަރުކަންވެސް ދެއްވިއެވެ. އެ ޒުވާނާ ހިމެނުނީ މުސްލިމުންނަށް ވަފާތެރި ގިނަ ހަގުރާމަތަކުގައި ބައިވެރިވި ހިތްވަރުގަދަ މުޖާހިދަކަށެވެ.
ހުރިހާކަމެއް ހަމަޔަކަށް އަޅުވާލާފައި ހައްސާން ގައިރަވާންއަށް ވަޑައިގެން މުސްލިމް ވެރިކަމުގައި އުޅޭ އެހެން ދީންތަކުގެ މީހުންގެ ފަރާތުން ޖިޒީ ނަންގަވާ އެމީހުންނަށް ހިމާޔަތް ދެއްވާއި ސުލްހަ މަސަލަސްކަމުގައި ވެރިކަން ކުރައްވަމުން ގެންދެވިއެވެ.
ހައްސާންވެސް އެތައް އަހަރެއްވާންދެން އެފްރިކާގެ ގަވަރުނަރުކަމުގެ މަގާމުގައި ދެމި ހުންނެވިއެވެ.
ޚަލީފާ އަބުދުލްމާލިކުގެ ކޮއްކޮ އަބުދުލް އަޒީޒު އޭރު ހުންނެވީ މިސްރުގެ ގަވަރުނަރުކަމުގެ މަގާމުގައެވެ. އޭނަ ހައްސާން މަގާމުން ވަކިކުރައްވާ އެފްރިކާވެސް އޭނަގެ ވެރިކަމުގެ ދަށަށް ލެއްވިއެވެ. އޭނަގެ ބައްޕަފަދައިން ނުބައި ނުލަފާކަމައި އައްޔާޝީކަން ވާރުތަކޮށްފައިވާ ވެރިއެއްކަން ހައްސާން ރަގަޅަށް ދެނެވަޑައިގަންނަވައެވެ. އޭނަ ދުވަނީ މުދަލާއި އަންހެނުންގެ ފަހަތުންނެވެ. ހައްސާން އެފްރިކާއިން ދިމިޝްގަށް ގެންނެވި ޣަނީމާތަކާއި އަޅު އަންހެންކުދިންތައް ޖަމަލުތަކާއި އަސްތައް ހިމެނޭ ގާފިލާއެއްގައި ގެންނެވިއެވެ. އެކަމަކު ޣަނީމާގެ އެންމެ އަގުހުރި ތަކެތިވީ ހައްސާންގެ އަތްޕުޅުގައެވެ. އަގުހުރި މައުދަންތަކާއި ޖަވާހިރާއި ރަންތައް އަޅާފައިވަނީ ފެން ހަމެއްގައެވެ. ދަތުރުމަތީގައި ފެން އަޅަން ގެންގުޅޭ އެ ހަން އުފުލަމުން އައީ އޭނަ އިތުބާރު ކުރައްވާ ޚާދިމެކެވެ. ފުސްތާތަށް ވަޑައިގެންނެވުމަށްފަހު ގަވަރުނަރަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އޭނަ ގަވަރުނަރަށް ހަދިޔާއެއްގެ ގޮތުގައި ދެއްވީ ރޫމީ އަދި ބަރުބަރުންގެ ރަގަޅު އާއިލާތަކުގެ އަންހެންކުދިންގެ ސަތޭކަވަރަކަށް ކުދިންނެވެ. ހައިރާންވާފަދަ ރީތިކަން ލިބިގެންވާ އެ ކުދިންގެ އަގު އެއްހާސް ރަން ގަނޑުންވެސް އަގުނުކުރެވޭނެކަން ގައިމެވެ. ހައްސާން އެފްރިކާއިން ގެންނެވިހާ ޣަނީމާއެއްގެ ޚަބަރު ގަވަރުނަރު އެހިއެވެ. އޭނަ ހައްސާން އަތުން ހުރިހާ އެއްޗެއް އަތުލެއްވިއެވެ. ހައްސާނު ފުސްތާތުން ނުކުމެ ވަޑައިގަތީ އެންމެ ފެން އުފުލާ ހަމަކާއެކުގައެވެ. އޭނަގެ ވަފާތެރި މަދު ފަހުލަވާނުންނާއެކު ދިމިޝްގަށް މިސްރާބު ޖެއްސެވިއެވެ.
ހައްސާނު ޚަލީފާގެ ރަސްކަމުގެ ދަރުބާރަށް ވަޑައިގެން އަބުދުލްއަޒީޒު ބިން މަރުވާން އެކަލޭގެފާނާއިމެދު ފުސްތާތުގައި ކަންތައްކުރެއްވި ގޮތުގެ ޝަކުވާ ކުރެއްވިއެވެ. ޚަލީފާ ހައްސާނުގެ ބެހެމުންދިޔަ ޖަޒުބާތުތަކަށް ގަދަރުކުރައްވާ ތަސައްލީ ގެނެސްދެއްވާ ފަދަ ގޮތަކަަށް ވާހަކަފުޅު ދެއްކެވިއެވެ.
ހައްސާން އޭނަގެ ފެން ހަން ގެނެސް ފަޅާލެއްވުމުން ތަޅުންމައްޗަށް ފައިބައިގަތީ ލޯ ތަރަތަރަޖަހައިގެންދާ ފަދަ އަގުބޮޑު ޖަވާހިރު ފުނިވަރާއި ރަން ފޮތިތަކެވެ. ރަނުގެ ގަހަނާތަކެވެ. ނޭވާ ހިފަހައްޓައިލާ ހައިރާންކުރުވާފަދަ މަންޒަރެކެވެ. ޚަލީފާއަށް ލިބިވަޑައިގެންނެވި ހައިރާންކަމާއި އެކު ލޯފުޅު ބޮޑުކުރެއްވިގޮތަށް އެސްފިޔަ ޖަހައިލަން އެނގި ވަޑައިނުގެން އާޝޯޚުވެފައި ބައްލަވަން އިންނެވިއެވެ. އިންތިހާ ހައިރާންކަން ނިމުމަކަށް އައިސް ވާހަކަފުޅު ދައްކައިލެވޭވަރު ވެވަޑައިގެންނެވުމުން އޭނަ އެތައް ފަހަރު ހައްސާނުއަށް ޝުކުރު އަދާކުރެއްވިއެވެ.
"އަޅުގަނޑު އެފްރިކާއަށް ދިޔައީ މާތްﷲގެ ހައްގުގައި ޖިހާދުކުރުމުގެ ނިޔަތުގައި އެކަނި. އަހަރެމެން ކަހަލަ ހަގުރާމަވެރިންނަކީ މާތްﷲއަށާއި އެކަލާނގެ ޚަލީފާއިންނަށް މަކަރުހަދާނެ ބަޔެއްނޫން...." ހައްސާނުގެ ބަސްފުޅުން ޚަލީފާގެ ހިތްޕުޅުގައި އޭނައަށްޓަކާ އޮތް ގަދަރު އެތައް ގުނަ އިތުރުވިއެވެ. އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު ހައިރާންފުޅުވިއެވެ. އެ އަގުހުރި ޖަވާހިރުތައް ފޮރުވައިގެން އެހެން ބައްރަކަށްގޮސް ވިޔަފާރިކޮށް މުއްސަންޖަކަށް ވުމުގެ ފުރުސަތު އޮތްވާ ދުނިޔޭގެ ޒީނަތްތެރިކަމަށް ފުރަގަސްދޭނީ ﷲދެކެ ލޯބިވާ ތަގުވާވެރި މޫމިނަކަށެވެ. ހައްސާނު އެކަން ސާބިތުކޮށްދެއްވައިފިއެވެ. މުޖާހިދުންނަކީ އެއީއެވެ.
ނުނިމޭ
***