"ހިތުގެ ރާނީ ފްލޮރިންޑާއަށް

މަގޭ ލޯބިވާއަށް ސަލާމް. މިރޭ ދަންވަރު ދޭއްޖަހާއިރަށް އެ ދުވަހު އަހަރެން ގަނޑުވަރު ކައިރިން ބައްދަލުވިތަނަށް އަންނައްޗޭ. ބޯޓުގައި އިންތިޒާރުކުރާނަން. ބޭނުންހާ އެއްޗެއް ހިފައިގެން އަންނަން ތައްޔާރުވެގެން ހުރޭ. ކުޑަދޮރުން ބޭރަށް ބަލައްޗޭ. ތިނެސްކަން އައްޔެއް ފެންނަން ފެށީމަ އޭގެ މާނައަކީ އަހަރެން އިންތިޒާރުގައި ހުރީއޭ. ބިރުނުގަނެ ހިތްވަރުކުރާތި. ކަމަނާގެ ލޯބިވާ އާލްފްގެ މި ހިތް ގުރުބާން ކުރަމެވެ.

އޭނަ ސިޓީ ފަތް ޖަހާލާފައި އެ ކުޑަ ފޮށީގެ ތެރެއަށް ލުމަށްފަހު ޔައުގޫބު އަތަށް ދިނެވެ. އަދި ފްލޮރިންޑާގެ ސިޓީ ގެނައިމީހާގެ ހަވާލުގައި ފޮނުވާއިރު އެހެން މީހަކަށް އެއްވެސް ހާލެއްގައި އެ ފޮށި ނުދައްކާ އަމާނާތްތެރިކަމާއެކު ފްލޮރިންޑާއަށް ރައްދުކުރަން އެންގިއެވެ.

***

ޓޮލޭޑޯ ޝަހަރު ކައިރީގައި އެތައް ޒަމާނެއްވާންދެން ނުހުޅުވާ ހުރި ތާރީޚީ ބިނާއެއް ހުންނަކަމުގައި ވިއެވެ. އެތަން ނުހުޅުވާތާ އެތައް ޒަމާންތަކެއް ފާއިތުވެގެން ދިޔައެވެ. އެ ގޭގެ ދޮރުފަތުގައި ތަޅުތަކެއް ހަރުކުރެވިފައިވެއެވެ. މުޅިންވެސް ސްޕެއިންގެ ގޫތު ރަސްކަލުން އަޅުއްވާފައިވާ ތަޅުތަކެވެ. ރަސްކަލަކު އަވަހާރަވެގެން ތަޚުތަށް ރެދަލިވާ ކޮންމެ ރަސްކަލަކު އެ ދޮރުގައި ތަޅެއް އަޅުއްވަނީ ގަދީމީ އާދަކާދައިގެ މަތިންނެވެ. އެ ދޮރު ހުޅުވައިފިއްޔާ ނުބައިކަމުން ފުރިގެންވާ ބޮޑު ހާދިސާއެއް ހިނގާފާނެކަމަށް އެތަނުގެ ހަވާލުދާރުން އިންޒާރުކޮށްފައިވެއެވެ. އަންދަލުސްގެ އާ ރަސްގެފާނު ލުދްރީކް ރަސްކަމަށް އެރިިއިރު އެ ދޮރުގައި ސައްބީސް ތަޅު ހަރުކޮށްފައި ހުއްޓެވެ.

ލުދްރީކް ކައިރިއަށް ދޮރު ފާރަވެރިން ޒިޔާރަތްކޮށް އާދަކާދައިގެ މަތިން ތަޅެއް އެޅުމަށް ހުށަހެޅިއެވެ.

"އެތަނުގެ އެތެރޭގައިވާ އެއްޗެއް ދެކެފަ ނޫނީ ހަމަ ހިލާ އަހަރެން ތި ދޮރަކު ތަޅެއް ނާޅުވާނަން. އެ ގޭގައިވަނީ ކޮން އެއްޗެއްތޯ ކޮންމެހެންވެސް ބަލަން ބޭނުން...." ލުދްރީކް ކިބުރުވެރިކަމާއި ގޮތް ދޫނުކުރުމުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ. ރަސްގެފާނުގެ ވާހަކައިން އެގެއާއި ހަވާލުވެގެން ތިބި މީހުންތައް ކަންބޮޑުވެ ރަސްގެފާނުގެ ޚިޔާލު ބަދަލުކުރަން މަސައްކަތް ކުރިއެވެ. އެމީހުން ބަރަކާތްތެރިކަމެއް ކަމަށް ދެކޭ ގެއެއްގެ ހުރުމަތްކެނޑޭފަދަ ގޮތަކަށް ލުދްރީކް އަމަލުކުރަން އުޅުމުން ހިތާމަކުރިއެވެ. އެކަމުގައި ހުރި ގެއްލުންތަކާއި ދިމާވެދާނެ ހާދިސާއެއްގެ ބޮޑުކަމުގެ ވާހަކަ ބުނެދޭން އެމީހުން މަސައްކަތް ކުރިއެވެ.

"މާތް ސާހިބާ ތި ދޮރު ހުޅުއްވުމުގެ ކުރިން ހާސް ފަހަރު ވިސްނަވާ..."

"އަހަރެންގެ ޚިޔާލު ބަދަލެއްނުވާނެ. އެންމެން ތިހާ ވަރުން އުޅުމުން ޝައުގުވެރިކަން އިތުރުވެއްޖެ."

ލުދްރީކްގެ އެ ގޮތްދޫނުކުރުމުގެ ފަހަތުގައިވަނީ އެތާ ޚަޒާނާއެއްފަދަ އެއްޗެއް ހުރިހެން ކަމަށް ހީވެ އެ މީހުން ރަސްގެފާނަށް ރަނާއި ރިހިން އޭނަގެ ހިތް ފުރެންދެން ހަދިޔާކުރަން ހުށަހެޅިއެވެ. އެވަރުންވެސް ލުދްރީކް ގޮތްދޫނުކުރުން ކުރިއަށް ނެރެ އެމީހުންގެ އާދޭސްތަކުގައި ކޮޅުފައިން ޖެހިއެވެ. އެ ސިއްރުވެރި ދޮރުގެ ހަގީގަތް ބަލާހިތުން ކެތްތެރިކަން ކޮޅުން ލިއެވެ. ބިރުވެރި މުސީބާތެއް ކުރިމަތިވެދާނެކަމަށް އެންމެން ދިން އިންޒާރުތަކަށް ބީރުކަންފަތެއް އޭނަ ދިނެވެ. އަދި ދޮރުތަޅު ހަލާކުކޮށްލާފައި ދޮރު ހުޅުވަން އެންގިއެވެ. ތަޅުތައް ހަލާކުކޮށްފައި އެތެރެއަށް ވަން އެންމެނަށް ސިހުމެއް ލިބުނެވެ. އެ އިމާރާތުގެ ތެރެ އޮތީ ހުސްކޮށެވެ. ނަމަވެސް ފަންގިފިލާއާއި ފާރުތަކުގައި ކުރެހުންއަޅާ ޒީނަތްތެރިކޮށްފައެވެ. އެ ހުސްކަމުގެ ތެރެއިން އެންމެންގެ ނަޒަރު ހުއްޓުނީ ކުރެހުން އަޅާފައިވާ ދިގު ފޮށްޓަކަށެވެ.

"އެވެސް ހުޅުވާ...." ލުދްރީކް ޔަގީންކުރީ އެއީ ޚަޒާނާއެއް ކަމުގައެވެ.

ދައުލަތުގެ ބޮޑުންތައް އެ އަމުރަށް ކިޔަމަންތެރިވިއެވެ. އެ ފޮށި ހުޅުވާލިއިރު އޭގެ ތެރޭ އޮތީ ފުއްލާ ދުލިން ހަދާފައިވާ ސިޓީއެއް ފަދަ އެއްޗެކެވެ. ނިއުޅާލިއިރު އެތަސްވީރުގައިވަނީ ދިގު އަބާޔާ ލާ ބޮލުގައި ފަގުޑިއަޅާ ކަނޑި އަތުން ހިފާ ކޮނޑުމައްޗަށް ނޭޒާ ލައިގެން ތިބި އަރަބި ފަހުލަވާނުންނެވެ. ތަސްވީރުގެ މަތީގައި ލިޔެފައިވާ އިބާރާތްކޮޅެއް ވިއެވެ.

"ތަޅުތައް ހަލާކުކޮށް މިގެއަށް ވަދެ މި ފޮށި ހުޅުވާ މި ތަސްވީރު ނިއުޅާލައިފިއްޔާ މި ތަސްވީރުން ފެންނަ ކަހަލަ ފަހުލަވާނުން އަރާ އަންދަލުސް ފަތަހަކުރާނެއެވެ."

އެތާ ހާޟިރުވެ ތިބި އެންމެންގެ ގައިން ހީބިހިނަގާ ހިތާމައާއި މޮޅިވެރިކަމުން އިސްޖެހުނުއިރު ބައެއް މީހުން ބިރުން ފިތްކަނޑައިގެން ދިޔައެވެ. އެ ތަސްވީރު ރަމްޒުކޮށްދެނީ އަރަބިންނެވެ. އޭރު އަރަބިންދަނީ އެތައް ތަނެއް ފަތަހަކުރަމުން އަންދަލުސްއާއި ކައިރިވަމުންނެވެ. ހިތްތަކަށް އެހާ ބިރުވެރިކަން ވަނީ އެ ސަބަބާހުރެއެވެ. ލުދްރީކްގެ އަމުރަށް އެ ދޮރު ތަޅުލައި ފާރަވެރިންނަށް އެތަން ރަގަޅަށް ބަލަހައްޓަން އެންގުނެވެ. މި ހާދިސާގެ ސަބަބުން ލުދްރީކްގެ ބުއްދި ލުހި ހާސްކަމާއި ނުތަނަވަސްކަން އޭނަ ވަށާލައިފިއެވެ. ބުއްދިވެރިންގެ ވާހަކަތައް ނޭހުމުން ކުރިމަތިވާން އުޅޭ މުސީބާތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

***

ބޮޑުބޭބެއާ އެކު އެ ގެއަށްދާން އާލްފް ތައްޔާރުވާން ފެށިއިރު އިރުއޮއްސުމުގެ ކުލަވަރު އުދަރެހުން ފައުޅުވެލައިފިއެވެ. މަޑުމަޑުން އަނދިރިކަން ދުނިޔެ ހިސާރުކުރިއެވެ. މޫސުމް ކުއްލިއަކަށް ބަދަލުވެ އުޑުމަތި ބަނަވުމުގެ އިތުރުން ފިނިކަން އިންތިހާއަށް ގަދަވިއެވެ. އާލްފް އޭނަގެ ބޯ ކެހެރި ކޯޓު ލައިގެން ފިނިން ހިމާޔަތްވިއިރު ބޮޑުބޭބެ އޮޕާސް ހުރީ ފާދިރީ ހެދުމުގައެވެ. އަބަދުވެސް ފިނިން ސަލާމަތްކޮށްދޭ އެއްޗެއްކަމުގައި އެހެދުން ވެއެވެ. އެދެމީހުން އަމިއްލަ ޚިޔާލުގައި ތިބެ ކޮޓަރީގެ ދޮރުން ނިކުންނަން އައިތަނާ ޔައުގޫބު ދަނބުކުލައިގެ ހަމުން ހަދާފައިވާ ސިލިންޑަރެއް ހިފައިގެން އަންނަތަން ފެނުނެވެ. އެއީ ރަސްގެފާނު ލުދްރީކްގެ ފަރާތުން ފޮނުވި ސިޓީއެއްކަން އާލްފްއަށް އެނގި ހިތުގައި ނުރުހުމުގެ އަސަރު ހިނގާލައިފިއެވެ.

" ކާކު މިގެނައީ؟ "އާލްފް އެހިއެވެ.

"ރަސްގެފާނުގެ އަސްވާރުންގެ ތެރެއިން ބަޔަކު އައީ. އެމީހުންގެ ކޮމާންޑަރު އެހި އާލްފަންސޫ އެބައުޅޭހެއްޔޯ. އޭނައަށް ދޭނެ ރަގަޅު ރައްދަކާއިމެދު ވިސްނަން ނިންމިޔަސް އޭނަ ވަގުތުން ޖަވާބެއް ބޭނުންވި. ކޮންމެތާކު ހުއްޓަސް ވަގުތުން ވަގުތަށް މި ސިޓީ ދޭން އަމުރުކުރި. އެހެންވީމަ މިތާގައި ސާހިބާ ހުންނެވި ވާހަކަ ބުނަން ޖެހުނީ. ތިމަންނަ އިންތިޒާރުކުރާނަމޭ ބުނީ....."

އޮޕާސް އޭގައި ހުރި ދައުލަތުގެ ނިޝާނަށް ބަލާފައި މިއީ ރަސްގެފާނު ލުދްރީކްގެ ފަރާތުން އައި ސިޓީއެއްކަން ޔަގީންވިއެވެ. އޮޕާސް އެ ސިޓީ ހުޅުވާފައި ކިޔަން ފެށިއިރު އާލްފްވެސް ހުރީ ފަހަތުގައި ހުއްޓިލައިގެންނެވެ.

"ގޫތުންގެ ރަސްގެފާނު ލުދްރީކްގެ ފަރާތުން ބިރުކުޑަ ބަތަލު އަހަރެންގެ ލޯބިވާ އެކުވެރިޔާ އަލްފަންސޫއަށް.

އަހަންނަށް އަޑުއިވިފައިވާ ގޮތުން ޓޮލޭޑޯ ކައިރީގައި އޮތް ޝަހަރުގައިވާ އަޅުންނާއި އެތާ އާބާދުވެގެން ތިބި ބަޔަކު ވެރިކަމާއި ދެކޮޅަށް ބަޣާވާތެއް ގެންނަން އެބައުޅޭ. މި ސިޓީ ލިބުމާއެކު ޓޮލޭޑޯއަށް ގޮސް އެތާގައި ތިބި އަހަރެމެންގެ ހަގުރާމަވެރިންނާއި ބައިވެރިވެ އެމީހުންނަށް ހިތްވަރުދީ އަވަސްކުރުވާ. ބަޣާވާތް ރޫޅާލުމުގައި އެހީތެރިވާނެ ހަގުރާމަވެރި ފަހުލަވާނުން އެތާގައި އިންތިޒާރުގައި ތިބޭނެ. ކޮޅަށް ހުރިއްޔާ ތަނެއްގައި ނުއިށީންނާތި އަދި ހިގަމުންދާ ކަމުގައި ވަންޏާ އަހަރެންގެ އަމުރު ހިންގާފައި ނޫނީ ނުހުއްޓޭތި. ސަލާމް"

އެ ފަތުގައިވާ ވާހަކަތައް އިވުމާއެކު އާލްފްގެ މުޅި ދުނިޔެ ކުޑަވިހެން ހީވިއެވެ.

"އަޅުގަނޑު އެތަނަކަށް ނުދާނަން.." އާލްފް ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ." އަޅުގަނޑު ފާޅުގައި ދެކޮޅުހަދަން...."

އޮޕާސް ބަލައިލީ ނުރުހުން އެކުލެވިފައިވާފަދަ ނަޒަރަކުންނެވެ. "ނުގޮސް ވާނީ ކިހިނެއްތަ؟ އެއީ އެކަށީގެންވާ ކަމެއްތަ؟ މިފަތުގައި މިހިރީ މުޅިންވެސް ތައުރީފުގެ ބަސްތައް ކަމެއް ނޭގުނުތަ؟ ދެކޮޅުހަދައިފިއްޔާ އަމިއްލަ ނަފުސަށް ޖައްސުވާ އުދަގޫތަކަކަށް ވާނީ."

"ކޮންކަހަލަ އުދަގޫތަކެއް؟ "

"ކަލޭ އެތަނަށް ނުގޮސްފިއްޔާ...." އޮޕާސް ބުނެދޭން ފެށިއެވެ. "ރަސްގެފާނުގެ އަމުރަށް ނުކިޔަމަންތެރިވީކަމުގެ ކުށުގައި ހައްޔަރުކުރަން އަމުރު ނެރެފާނެ. ރަސްކަމާއި ދެކޮޅަށް ތެދުވުމުގައި އެހީތެރިވާނެ އެއްވެސް ބަޔަކު މިހާރު އެކީގައި ވޭތަ؟ތިހެން ކަންތައް ކުރުމުން އަމިއްލަ ނަފުސަށް އެކަނިއެއްނޫން ގެއްލުން ދެވޭނީ. އަހަރެމެން އެންމެނަށްވެސް. މިވަގުތަށް އެންމެ ބުއްދިވެރިގޮތަކީ އެމީހުން ދައްކާ މަގަކުން ހިގުން. ހެއްދެވިފަރާތުން އަހަރެމެންނަށް އެހީތެރިވެވޮޑިގެން އެހެން މަގެއް ދައްކަވަންދެން........"

އާލްފްއަށްވެސް އެ ހަގީގަތް ނުވިސްނެނީއެއް ނޫނެވެ.ހުރިހާވެސް މައްސަލައަކީ ހިތުގައި ކުރިލާ ފޯދެމުން އަންނަ ނަފްރަތުގެ ހުޅުތަކެވެ. ފްލޮރިންޑާއާއިމެދު އަމަލުކުރާގޮތާއި ސަލާމަތްކުރުމުގެ ކުރިން މިރަށް ދޫކޮށް ދާން ޖެހުމުން ހަމަ ވިސްނުމުން އެއްކިބާވެވުނީއެވެ.

"ދެން ކިހިނެއްތޯ ހައްދަވަންވީ ބޮޑުބޭބެ...." އާލްފްއަށް ބޮޑުބޭބެގެ ވާހަކަތަކުން އަސަރުކޮށް މީހާ ހަމަޔަކަށް އަޅުވަމުން ސުވާލުކޮށްލައިފިއެވެ. " އަޅުގަނޑަށް ފްލޮރިންޑާއާއި ބައްދަލު ކުރެވޭނީ ކިހިނެއްތޯ؟ "

"ތިހުރިހާ ކަމެއް އަހަންނަށް ދޫކޮށްލާ. އަހަރެން އޭނަ ސަލާމަތްކޮށް ކޮންމެވެސް ތާކު ފޮރުވާނެކަމުގެ ޔަގީންކަން ދެން. ކޮންމެތާކު ހުއްޓަސް އަހަރެން ސިޓީ ލިޔެ ވާނުވާ އަންގާނަން. ތަގުދީރު އަހަރެމެންނާއި ދޭތެރޭގައި ހަދަން އުޅޭގޮތެއް ނުއެއް އެނގޭ.އެކަމަކު އެކަމާއި ކަންބޮޑުވެ ފިކުރުނުކުރޭ. އޭގެ ބަދަލުގައި މި ދަތުރު ނިންމުމަށްފަހު އަހަރެމެންގެ ރޭވުން ކުރިއަށް ގެންގޮސް އުއްމީދުތައް ފުރިހަމަވާނެ ދުވަހަކާއިމެދު ޚިޔާލުކުރޭ. ހެއްދެވި ފަރާތަށް އިތުބާރުކުރޭ. މުސްލިމުންގެ މުގައްދަސް ފޮތް ގުރުއާންގައިވާ ގޮތަށް "ޔޫ މޭ ހޭޓް ސަމްތިން ވިޗް ޓާންސް އައުޓް ޓު ބީ ދަ ބެސްޓް ފޯ ޔޫ.( ތިޔަބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަ ހުރިކަމެއް ކަމުގައި ވެދާނެއެވެ. )

އާލްފް ޔައުގޫބާއި ދިމާލަށް ބަލައިލިއިރު އެލޮލުގައި ތަފާތު އަސަރުތަކެއް ވިއެވެ. "އަހަރެން ވަރަށް އަވަހަށް މިއަންނަނީ ކަމުގައި ސިޓީ ހިފައިގެން އައި މީހާ ގާތު ބުނޭ"

"ސާހިބާ. ކުރިންވެސް އަޅުގަނޑު ނަންގަތް ފަދައިން އެންމެ މީހެއް ނޫން. އަސްވާރުންގެ ޖަމާއަތެއް އައީ. ސާހިބާއާއި ނުލާ އެމީހުން ނުދާން އަންގާފަ......."

ދޭ އަހަރެންގެ ދަރިފުޅާ..." އޮޕާސް ޔައުގޫބުގެ ވާހަކަ މެދުކަނޑާލަމުން އާލްްފްގެ ބުރަކަށީގައި މަޑުމަޑުން ތަޅާލީ ހިތްވަރު ދޭ ފަދަ ގޮތަކަށެވެ. "އަހަރެން ހުރިހާ ކަމެއްގެ ޒިންމާ ނަގާނަން.އެކަމަކު އަހަރެންގެ ނަސޭހަތަކީ ޔައުގޫބު ގެންދިޔުން އަދި އޭނައަށް ތަބާވުން. އޭނަގެ ފަރާތުން ފައިދާހުރި ނަސޭހަތް ލިބޭނެ..ޔައުގޫބުވެސް އަހަރެމެންގެ މި ހިތްވަރުގަދަ ދަރިފުޅާއެކު ވައްޗޭ......."

"އަޅުގަނޑު އަހާ ކިޔަމަންވަން.." ޔައުގޫބު ސަލާމްކުރުމަށްފަހު އަވަސްވެގަތީ ފިނިން ސަލާމަތްވާން ހެދުން އެޅުމަށެވެ. އާލްފް މަސައްކަތްކުރީ ހަމަޖެހިގެން ހުރުމަށެވެ. އޭނަގެ ބޮޑުބޭބެއާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތެވެ. ހުރިހާކަމެއް ދާނީ އެންމެ ރަގަޅަށެވެ. އޭނަ ހުރިހާ ކަމެއް ހެއްދެވި ފަރާތާއި ވަކީލުކޮށްފިއެވެ.

***

ލުދްރީކް ފްލޮރިންޑާ އުޅޭ ގަނޑުވަރަށްގޮސް ވަގުތު ހޭދަކުރިކަމާއި އެނބުރި އައިއިރު އެމޫނުމަތިން ފެނުނު ރުޅިވެރިކަމުން އެއްޗެހިތަކެއް ފާދިރީ މާޓިންއަށް ވިސްނައިގަނެވުނެވެ. މާޓިން އޭނައާއި ބައްދަލުކުރިއިރު ވެސް މޫނުމަތިން ރުޅީގެ ކުލަވަރު ފެނުނަސް އޭނަ ހިނިގަނޑެއް ޖަހައިލިއެވެ. ލުދްރީކް އޭނަގެ ހިތުގެ ޝުއޫރުތައް ވަންހަނާ ކުރަން މަސައްކަތްކުރަމުން ދިޔައެވެ. ލުދްރީކްއާއި ފާދިރީ މާޓިންއާއި ދެމީހުން އާލްފްއާއި ދޭތެރޭ ކަންތައް ކުރާނެގޮތަކާއިމެދު މަޝްވަރާކުރިއެވެ.

" ހީވާގޮތުން އެ ޒުވާނާއަށް ގަނޑުވަރުތެރެއިން ކޮންމެވެސް ކަމަކަށް ހިތް ޖެހިއްޖެ" ލުދްރީކް އެ މައްސަލަ ތަންކޮޅެއް އާދައިގެ ގޮތަކަަށް ނެގިކަމަަށް ހެދުނެވެ.

"ހީވާގޮތުން އެކަމާ ބެހޭގޮތުން އަޅުގަނޑު ދެންނެވި އެއްޗެއް އިއްޒަތްތެރި ސާހިބާއަަށް މުޅިން އެގިވަޑައި ނުގަތީ."

"އޯ. އަހަންނަށް އެނގުނޭ އެކަމަކު އަހަރެން......" ލުދްރީކް އެއްޗެކޭ ބުނަން އުޅެފައި އިސްޖެހިއެވެ. ލުދްރީކްގެ ޖަޒުބާތްތައް އަދި މުޅިން ފައުޅުނުކުރާ ކަމާއި ބުނަން އުޅޭ އެއްޗެއް ނުބުނެވޭކަން އެނގި އޭނަ ހިމޭންކަމާއެކު އިންތިޒާރުުކުރިއެވެ. ތިރިއަށް ސޮހިފައިވާ ތުންފަތުގައި އިނގިލިން މަޑުމަޑުން ތަޅާލަމުން ރަަސްގެފާނުގެ ޖުމްލަ ނިންމާދޭނެކަމަށް އުއްމީދުކުރިއެވެ. ހަގީގަތުގައި ލުދްރީކްގެ ސިއްރު މާޓިންއާއި ހިއްސާކުރުމުގައި ގެއްލުމެއް ހުރިކަމަކަށް އޭނަ ނުދެކެއެވެ. އެއީ އޭނަގެ ސިއްރުވެރިޔާއެވެ. ފްލޮރިންޑާދެކެ ހިތުގައިވާ ލޯބި ފިޔަވާ މާޓިންއަށް އޭނަ ސިއްރު ކުރި އެހެން ކަމެއް ހަޔާތަކު ނުވެއެވެ. އޭނަ އެ ސިއްރު ފައުޅު ކުރަން ބޭނުންނުވަނީ މީހުން ހީކުރާނެ އެއްޗަކާއިމެދު ވިސްނި ލަދުންނެވެ. އަދި އަންހެނުންނަށް ފަޅާ އަރާފާނެކަމުގެ ބިރަށެވެ. މާޓިން އޭނަގެ އެ އަމަލާއި ނުރުހުން ވެއްޖެއްޔާ އަންހެނުންނަށް އެނގި އެދެމެދަށް ވަދެދާނެއެވެ. އެކަމަކުވެސް ފާދިރީ ގާތު އެ ވާހަކަތައް ބުނަން ބޭނުންވިއެވެ.

"އަހަރެމެންގެ މި ޝަހަރުން އެ ޒުވާނާ އެހެން ތަނަކަށް އަރުވައިލުމަކީ ރަގަޅު ޚިޔާލެއްހެން ހީވޭ... އޭރުން ގަނޑުވަރާއި އޭނަގެ އާއިލާއާއި ދުރަށްލެވޭނެ...." ރަސްގެފާނު ބުނެލިއެވެ.

"އެގޮތަށް އަރުވައިލެވިއްޖެއްޔާ އަޅުގަނޑުމެންނަށް އެއްފަހަރާ ދެ ކަންތައް ފުރިހަމަ ކުރެވޭނެ. އޭނަގެ ކިބައިން ސަލާމަތްވެ އޭނަގެ ޚިދުމަތް ހޯދޭނެ. އެކަމަކު ބުނެ އުޅޭފަދައިން ހަރުފައިގެ ބޯ ސަލާމަތުން އޮތިއްޔާ އޭތި މަރުވީއެއް ނޫން.." ފާދިރީ ވިސްނުމެއްގެ ތެރޭ ހުރެފައި ކިޔައިލިއެވެ.

މާޓިން އިޝާރަތްކުރީ އޮޕާސްއަށްކަން ރަސްގެފާނު ދެނެގަތެވެ.

"ހަގީގަތުގައި. ހަރުފައިގެ ބޯ ގާތުގައި އޮތިއްޔާ ރަގަޅުވާނެކަމަށް ދެކެން. ޚާއްސަކޮށް ނަގޫ ދުރުގައި އޮތިއްޔާ.........." ލުދްރީކްއާއި އެއްބައި ވުމުގެ ގޮތުން ފާދިރީ ބޯ ޖަހައިލިއެވެ. އެކަމަކު އިތުރު އެއްޗެކޭ ނުބުނެ ހިމޭންވިއެވެ.

ރަސްގެފާނު ތެދުވެ އާލްފްއަށް ސިޓީ ލިޔެފައި ހަވާލުކުރިއެވެ. ކުރިން ބުނެވުނުފަދައިން އާލްފްއަށް ރަސްގެފާނުގެ ސިޓީ ފޮނުވަން ޖެހުނު ސަބަބަކީ މިއީއެވެ.

އަދިރިކަން ގަދަވުމުން ރަސްގެފާނުގެ ޝައިތާނީ ނިޔަތްތައް ގަދަވެގަތެވެ. އަނެއް ދުވަހާއި ޖެހެންދެންވެސް ކެތްކުރެވޭނެ ގޮތެއްނުވިއެވެ. އޭނަ އަންހެނުންނާއެކު ރޭގަނޑު ކެއުމަށްފަހު ގިނަ އަދަދަކަށް ރާ ބުއީ އެތެރެހަށީގައި އަނދަމުންދިޔަ އަލިފާނުގެ ހުޅުތައް ފޮރުވުމަށެވެ. އޭނަ މޭޒު ދޫކޮށް ދިޔައިރު ރަލުގެ އަސަރު ސިކުނޑިއަށް ކޮށްފިއެވެ. ފާދިރީއާއި އަންހެނުން މޭޒުދޮށުގައި ތިއްބާ އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އަދި ފްލޮރިންޑާ ދިރިއުޅޭ ގަނޑުވަރަށް ދާން ހުންނަ ދޮރު ހުޅުވާލިއިރު ތުންފަތުގައި ނުލަފާ ހިނިތުންވުމެކެވެ.

***

ފްލޮރިންޑާ ވަރަށް ވިސްނާފއި ލިޔުނު ސިޓީ ބޮޑުދައިތަ އާއި ހަވާލުކުރުމުން އޭނަ އިތުބާރުކުރެވޭ ޚާދިމެއްގެެ އަތަށް ދީ އެ ރައްދުކުރަން އެދުނެވެ. ފްލޮރިންޑާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރީ ލޯބިވެރިޔާގެ ޖަވާބަކަށެވެ. ގަޑިއެއްހާ އިރުވަންދެން އިތުރު އެހެން ޚިޔާލެއް ނުކުރެވި އެ ވިސްނުމުގައި އިނެވެ. އިންތިޒާރުގެ ގަޑި ދިގުވެ ސިކުންތުކޮޅެއް ގަރުނެއްފަދަ ކަމުގައި ހީކުރެވުނެވެ. އިރުއިރުކޮޅާ ދޮރާއި ދިމާލަށް ބަލައިލެވެއެވެ. ނޫނީ ކޯރުގެ މަންޒަރުތައް ފެންނަ ކުޑަދޮރު ހުޅުވާލައިގެން ބަލަން އިނދެވެނީ ކެތްތެރިކަން ކޮޅުން ލާ ހާލުގައެވެ. ދޭތެރެއަކުން ބޮޑުދައިތައަށް ގޮވާ ގެނެސް ސިޓީގެ ޖަވާބު ލަސްވަނީ ކީއްވެހެއްޔޭ އަހާލައެވެ. އޭނަ ފްލޮރިންޑާ ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ދީ އެކުއްޖާ އުފާކުރުވަން މަސައްކަތް ކުރެއެވެ. އެންމެފަހުން އިންތިޒާރުގެ ގަޑި ނިމި ޚާދިމް އާލްފްގެ ސިޓީއެއް ހިފައިގެން ހާޟިރުވިއެވެ. އުފަލުންގޮސް އުފަލުގެ ކޮޅެއް ނެތެވެ. އެ ސިޓީގައި ބޮސްދީފައި ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. އޭނަ ތަންކޮޅެއް ލުއި ހެދުންތަކާއި ގަހަނާތައް ޕެކްކުރަން ފެށިއެވެ. އެކަމުގައި ބޮޑުދައިތަ އެހީތެރިވެދިނެވެ. މަސައްކަތް ނިމުމުން ފްލޮރިންޑާ ކުޑަދޮރު ކައިރީ އިށީދެ ކޯރަށް ބަލަންފެށީ ތިނެސްކަން އައްޔެއްގެ އިންތިޒާރުގައެވެ. އަލްފް ބުނި ޚާއްސަ ވަގުތު ކުޑަތަންވާން އަދި ވަގުތު އޮތްނަމަވެސް އޭނަގެ ހިތް އެކަމަށް އެދޭވަރުން ބެލެނީއެވެ.

ނުނިމޭ

 

ކޮމެންޓް 0