ދުވަސްތައް ފާއިތުވަމުން ދިޔަސް އުންމު ތާރިގުގެ ހިތްޕުޅުން ފިރިކަލުންނާ ދަރިކަލުންގެ ވަކިވުމުގެ ހިތާމަ ފިލާނެގޮތެއް ނުވިއެވެ. ކީރިތިކުރައްވަމުންގޮސް އެންމެ ފަހުން އެކަމަނާގެ ދެލޯފުޅުގެ ފެނުން ހިގައްޖެއެވެ. ޝޭޚުގެ އަރިހުން އިލްމު ހޯދުމާއި ގުރުއާނާއި ހަދީސް ދަސްކުރެއްވުމުގައި އެކަމަނާގެ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާއިރު އަބަދުހެން ދުޢާ ކުރައްވަނީ ދަރިކަލުން ތާރިގު އަށްޓަކައެވެ. ދުނިޔެ ދޫކުރެއްވުމުގެ ކުރިން ދަރިކަލުންނާއި ބައްދަލު ވުމަށެވެ. އެ ދަރިކަލުންނަށް ރަހުމަތް ލެއްވުމަށެވެ.

***

ކުސައިލާ އޭނައަށް ލިބުނު ރަސްކަމާއެކު އެފްރިކާގައި ވެރިކަން ކުރަންފެށިއެވެ. އެފްރިކާގައި ދިރިއުޅެމުންދިޔަ ރޫމީން އޭނައަށް ބައިއަތު ހިފިއެވެ. އޭނަގެ ރަސްކަމުގެ ދަށުގައި ދިރިއުޅެމުން ދިޔަ އެތައް މުސްލިމުންނަށް އޭނަ އޯގާތެރިކަމާ އިންސާފުން ކަންތައް ކުރިއެވެ. ތަހޫޒާގެ ހިތާމަވެރި ހާދިސާއަށްފަހު އެ ބިމުގައި މުރުތައްދުން ގިނަވެގަތެވެ. އުގުބާއާއި އެހެން ޖެނެރަލުންގެ އަތް މައްޗަށް އިސްލާމވި އެތައް ބަރުބަރުންނެއް ދީން ދޫކޮށްލާ އެމީހުން ކުރިން އަޅުކަން ކުރި ނަސާރާ ޔަހޫދީ ނޫނީ ބުދަށްވެސް އަޅުކަން ކުރަންފެށީއެވެ. ބަރުބަރުންނާއި ރޫމީން ގުޅިގެން މުސްލިމުންނާއި ދެކޮޅަށް އަދާވާތްތެރިކަން ފައުޅުކުރާންފެށިއެވެ. ފަތަހަކުރެވުނު ހުރިހާ ރަށްތަކެއް ދުޝްމިން ބިންތަކަށްވެ ގައިރަވާން ފަދަ މަދު ޝަހަރެއްގައިވާ މަދު ބިންތަކެއްގައި ފިޔަވައެވެ. އުގުބާ ބިން ނާފިއު އިސްލާމްދީނަށްޓަކާ އޮހޮރާލެއްވި ދާފޮދާއި ލޭފޮދުވެސް ބޭކާރު އެއްޗަކަށްވިއެވެ. އުގުބާ ދުނިޔޭގައި ހުންނެވިނަމަ އެހިސާބަށް ކަންތައް ނުދިޔައީހެވެ. އުގުބާ ޝަހީދުވުމުގެ ސަބަބަކީ ކުސައިލާއެވެ. އޭނައަކީ މުރުތައްދެކެވެ. ﷲގެ އަދުއްވެކެވެ. ގިޔާމަތްދުވަހު އޭނަގެ އަމަލުތަކަށް ސަޒާ ލިބޭނެކަމާއިމެދު ޝައްކެއް ނެތެވެ. ނަމަވެސް އޭނައަކީ އޭނަގެ ގަބީލާގެ މާތް މީހަކަށްވުމާއެކު ދީލަތިވެސް މީހެކެވެ. އަމިއްލަ އިއްޒަތާއި ގަދަރު ދަމަހައްޓަން ބަދަލު ހިފުންފަދަ ސިފަތަކަކީ އޭރު އޭނައެކޭ އެއްފަދައިން އަރަބިންގެ ގައިގާވެސް ހަރުލާފައިވާ ސިފައެކެވެ.

***

ހަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރު އަބުދުލް މާލިކް ބިން މަރުވާންއަށް ޚަލީފާކަން ލިބިވަޑައިގަތުމަށްފަހު އެފްރިކާ ފަހަތަ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

"އުގުބާގެ ލޭފޮދުގެ ބަދަލު ހިފަން އެކަލޭގެފާނު ފަދަ އީމާންތެރިކަމާއި ވިސްނުން ހުރި މީހަކު ރަގަޅުވާނީ. އެމީހަކީ ޒުހޭރުު ބިން ގައިސް. އެކަލޭގަފާނަކީ އުގުބާގެ އެކުވެރިއެއް. އުގުބާގެ ޕްލޭންތަކާއި އެކަލޭގެފާނުގެ ބޭނުންފުޅުތައް އެންމެ ބޮޑަށް އެނގިވަޑައިގަންވާނެ. އަދި އުގުބާގެ ފަރާތުން ބަދަލު ހިފަން އެންމެ ބޭނުންވާނީވެސް އެކަލޭގެފާނު..."

ޒުހޭރު ބިން ގައިސްއަކީވެސް އުގުބާފަދަ ބޭކަލެކެވެ. އެހާ އީމާންތެރިވެފައި ހިތްވަރުގަދަ މުޖާހިދެކެވެ. ތަގުވާވެރި ޒާހިދު ބޭކަލެކެވެ. ސާދާ ދިރިއުޅުއްވުމަށް ލޯބިކުރައްވައެވެ. ދުނިޔޭގެ އުފާތައް ދޫކޮށްލައްވާފައި މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވެ ދިޔުމަށް އެދިލައްވާ ބޭކަލެކެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމާއި އަޅުކަން ކުރެއްވުން ނޫން އެހެންކަމެއް ނުކުރައްވައެވެ. ކުސައިލާ ގައިރަވާންއަށް އަންނަކަން އެނގިގެން ހިޖުރަކުރެއްވިގޮތަށް ފަސް އަހަރުވާންދެން އެކަލޭގެފާނު އިންތިޒާރުކުރެއްވިއެވެ. ކެތްތެރިކަމާއެކު ދުޢާކުރެއްވިއެވެ.

***

ފަސްއަހަރުފަހުން ޚަލީފާ އަބުދުލްމާލިކްގެ ފަތްކޮޅު ޒުހޭރު ބިން ގައިސްއަށް ލިބިވަޑައިގަތެވެ. ފަތްކޮޅުގައި އަމުރުކުރައްވާފައިވަނީ ގާފިލާއާއިގެން ވަޑައިގެން ގައިރަވާންގައިވާ މުސްލިމުން މިނިވަން ކުރެއްވުމަށެވެ. އެކަމަކު އެކަލޭގެފާނުގެ އަރިހުގައިވާ މަދު ލަޝްކަރާއިއެކު ވަޑައިގެން ކުސައިލާއާއި ރޫމީންނާއި ހަމަލާދެއްވުން އެހާ ފަސޭހަ ނުވާނެކަން އަބުދުލް މާލިކްއަށްވެސް އެނގިވަޑައިގަންނަވާނެއެވެ. ޒުބޭރު ސިޓީފުޅުގެ ޖަވާބުގައި ލިޔުއްވިއިރު ކުސައިލާގެ ލަޝްކަރުގެ ބޮޑުކަމާއި ގަދަފަދަކަމުގެ ވާހަކައެވެ. ޒުހޭރުގެ ސިޓީފުޅަށްފަހު ސީރިއާއިން ވަރުގަދަ ލަޝްކަރެއް ހަތިޔާރުތަކާއެކު ފޮނުއްވިއެވެ.

***

ތާރިގް ބިން ޒިޔާދުގެ އުމުރުފުޅުން އަށާރަ ވަރަކަށް އަހަރުފުޅުގައި އޭނަވެސް ގައިރަވާންގައި ކުސައިލާގެ ލަޝްކަރާއެކު ހުންނެވިއެވެ. އެހާ ޅައުމުރުގައިވެސް ކުޅަދާނަކަމާއި ހަގުރާމައިގެ އުކުޅުތަކުން އެހެން ފަހުލަވާނުން ހައިރާންކުރުވައެވެ. މިންހާސްއާއި ކުސައިލާގެ މަކަރުވެރިކަން އޭނައަށް އެނގިވަޑައިގެންނެވީ ތަންކޮޅެއް ފަހުންނެވެ. މުސްލިމުންގެ ރީތި ސިފަތަކުން ތާރިގުއަށްވެސް އަސަކުރަން ފެށީއެވެ. އުގުބާ ބިން ނާފީއަށްވެސް މަކަރުހެދީއެވެ. ދަންތުރައެއްގައި ޖައްސާ ޝަހީދުކޮށްލީއެވެ. ވީއިރު ކުސައިލާގެ ފަރާތުން ހަމަލާއެއް ނާންނާނީ ކާކަށްހެއްޔެވެ؟އެންމެ ހެޔޮއެދޭ މީހަކަށްވެގެން ގާތުގައި ހުންނަ މީހާވެސް ދުޝްމިނަކަށް ވެދެއެވެ.ކުސައިލާގެ ފަރާތުން ސަލާމަތްވެ ބަރުބަރުންގެ ލަޝްކަރަކާއެކު ވަކިވެ ވަޑައިގެންނެވުމުން އޭނައާއެކު ބަރުބަރު ބައެއް ސިފައިން ބައިވެރިވިއެވެ.

ތާރިގު ސައުސާއަށް އެނބުރި ވަޑައިގެންނެވުމުން މިފަހަރު އަވަށްޓެރިޔާ އޭނައަށް ދިން ޚަބަރަކުން ކޯފާގަދަވެގެން މޫނުފުޅު ރަތްވިއެވެ.

"ބައްޕާފުޅު ގަތުލުކުރެއްވީ މިންހާސްކަން ޔަގީންތަ؟ " ތާރިގު ބުމަ ކައިރިކޮށްލެއްވިއެވެ.

"މަންމާފުޅު އެއްފަހަރު ދުރުވި. އަޅުގަނޑާއި ބައްދަލުވެސް ކުރެއްވި. ކަންތައް ހިނގިގޮތް މަންމަ ކިޔާދެއްވި..." އަވަށްޓެރިޔާ އަސާގެ މައްޗަށް ބުރަވެ ހުރިއިރު އަތުގެ އިނގިލިތައްވެސް ތުރުތުރުލައެވެ. ތާރިގުއަށް ވަފާތެރި ބިންޒާއަށްވެސް މޭގައި އަތް ޖައްސާ ބާރުކޮށްލެވުނެވެ.

"ހަމަ މިހާރު މިންހާސް ގަތުލުކޮށްލާނަން. ބައްޕާފުޅު ގަތުލު ކުރިތާ....." ތާރިގު ކޯފާގެ ރާގެއްގައި ވިދާޅުވިއެވެ.

އިރުއޮއްސި އަނދިރިކަން ދުނިޔެއަށް ވެރިވެގެންފިއެވެ. ފޭލިގެ ތަކުން ފެންނަ އަލިކަން ފިޔަވާ މާ ބޮޑު އަލިކަމެއް އަވަށުތެރެއިން ނުފެނެއެވެ. ތާރިގު އަހުން ފައިބާ ވަޑައިގެންނެވިއިރު މިންހާސް ގެ ގޭގެ ގޯތިތެރޭގައި ކޮންމެވެސް ބަޔަކާ ވާހަކަދައްކަން ހުއްޓެވެ. ކުސައިލާއަށް ތައުރީފުކޮށް މުސްލިމުންގެ ލަޝްކަރާއި ދާދި އަވަހަށް އަނެއްކާ ހަމަލާ ދޭން ޖެހިދާނެކަމުގެ ވާހަކަތަކެވެ. އެމީހުންގެ ލަޝްކަރުގެ މޮޅުކަމާއި ކުޅަދާނަ ކަމުގެ ވާހަކައެވެ. އެމީހުން ކަނުލާ އަހަން ތިބިގޮތުން އިހުތިރާމް ކުރާ އޮފިސަރެއްކަން އެނގެއެވެ. ތާރިގު ފެނުމުން މިންހާސްގެ މޫނުން އުފާވެރިކަން ފެނިލިއެވެ. އޭނަ އިށީދެގެން ތިބި ސިފައިންނަށް ތާރިގު ތައާރަފުކޮށްދިނެވެ.

"މިއީ ކިތަންމެ ޅަ ކަމުގައިވިޔަސް މަޝްހޫރު ކޮމާންޑަރެއް. ތާރިގް ބިން ޒިޔާދު. ކުރިން އަހަންނާއެކު އުޅެފައި ކުސައިލާ ވެރިއަކަށް ވުމުން ވަކިވީ. އަވަހަށް އިށީދެ ވަޑައިގަންނަވާ. ތި ވަޑައިގެންނެވުނީ މުނާސިބު ވަގުތެއްގައި......................." މިންހާސް ތާރިގްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"މިއުޅެނީ ގެއަށް ދާން............" ތާރިގު ވިދާޅުވިއެވެ.

"ތާރިގް ގެ ގެއަކީ މިއީ....."

"އާނ އެކަމަކު އެތަނަށްދާން ބޭނުން. ހިތަށް އަރާ މިންހާސްވެސް އަންނާނެ ނަމައޭ....."

"އެއްކޮށް ދާންވީ؟ " މިންހާސް ސުވާލުކޮށްލިއެވެ.

"އާނ އަހަރެންގެ ކުރީގެ ހެދުމެއް ގޭގައި ވާނެ. އެ ބަލާ ދާންވެގެން. އެއަށްފަހު މުޅިން މިނިވަންކަން އިހުސާސްވާނެ."

"އަޅުގަނޑާއެކު އަބަދުވެސް މިނިވަންކޮށް އުޅެވޭނެ.."

"އަހަރެންވެސް ދެން މި ޖަހާފައިވާ ހިލިހިލާއިން ނައްޓާ ދޫކޮށްލަންވެއްޖެ.. މިވަގުތު މިހިރީ ލަޝްކަރާ ވަކިވެގެން ދުރުގައި. އެންމެ ރަގަޅު. ދެން ދަނީ........." ތާރިގު ކުޑަކޮށް ހިނިފުޅުވެޑުވިއެވެ.

"އަޅުގަނޑުވެސް ދާނަން..." މިންހާސް އެހެން މީހުންނާއި ދިމާލަށް އެނބުރުނެވެ. " މިތާ މަޑުކޮށްލާތި އިނގޭ. އަހަރެން އެނބުރި އަންނާނަން. މިރެއަކީ ޚާއްސަ ރެއެއް. ފާހަގަކުރަން ޖެހޭ ރެއެއް. މީލާދީގެ ގޮތުން ފާހަގަކުރަން ޖެހޭ ރެއެއް." މިންހާސް ބުނެލިއެވެ.

"ހޫމް. މިރެއަކީ ފާހަގަކުރަން ޖެހޭވަރުގެ ރެއެއްހެން ހީވޭ.."

ހިނގާ ދަމާ..." މިންހާސް ހިނގައިގަތެވެ.

ދެމީހުން އަހުގައިގޮސް ޒިޔާދުގެ ގޭގެ ކައިރިއަށް އަސް މަޑުކޮށްލިއެވެ. އެގޭގައި އެއްވެސް އަލިކަންފުޅެއް ނެތެވެ. ތާރިގުގެ ހިތްޕުޅަށް ލިބިވަޑައިގަތް ބުރަކަން އުފުއްލަވަން ދަތިވިއެވެ. އެއް އިރެއްގައި ލޯބިވާ މަންމާފުޅާއި ބައްޕާފުޅުގެ ހިމާޔަތުގައި އޭނަ އުޅުއްވި އޭނަގެ ލޮބުވެތި މަކާނެވެ. މިއަދު ބައްޕާފުޅުވަނީ ވެލީގެ ދާނުގައި އަވަހަރާފުޅު ލައްޕަވާފައެވެ. ކައިރީގައި މިހިރަ އަދާވާތްތެރިޔާ އާ ހެދިއެވެ. ތާރިގް ކެތްކުރައްވަމުން ފުން ނޭވާފުޅެއް ދޫކޮށްލެއްވިއެވެ. އަދި އަލިފާން ބައްތިއެއް ހިއްޕަވައިގެން އެތެރެއަށް ވެދެވަޑައިގަތެވެ. އެންމެ ގާތަށް ހުރި ކޮޓަރީގެ ދޮރު ހުޅުވައިލަމުން އަސަރުން ފުރިގެންވާ ގޮތަކަށް އޭނައަށް ވިދާޅުވެވުނެވެ.

"މިހިރީ ބައްޕަގެ ކޮޓަރިކޮޅު...."

މިންހާސް އަތުގައި ހުރި ބައްތި އެއްފަރާތުގައި ހުރި ބައްތި ހަރުގަނޑެއްގައި ބެހެއްޓިއެވެ. ތާރިގު ކަނައަތްފަރާތުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވައިލެއްވިއެވެ.

"މިއީ އަހަރެންގެ ކޮޓަރި.....ހިތަށް އަރާ އަލުން އެދުވަސް އަންނާނެ ނަމައޭ. އަހަރެންގެ މޮޔަކަމާއި ހެދުނު ގޯސްތައް އިހުސާސްކުރެވުނީ މިހާރު. ވަގުތު އަނުބރާ ނުގެނެވޭނެކަން އެނގޭ. އަދިވެސް މިގޭގެ ހުރިހާ ތަނެއް މާޒީ ލޮލަށް ފެންނަ ފަދަ...." ތާރިގު ގެ ނަޒަރު ވަށައިގެން ހިންގަވައިލެއްވިއިރު ހިތާމައާއި މާޔޫސްކަން ފެނުނެވެ.

"ރަގަޅަށްވެސް ހަދާން އެބަހުރިތަ؟ " މިންހާސް އެހިއެވެ.

"އަހަރެން ކަނޑުން ސަލާމަތްކޮށްދިނީ ބިންޒާ."

"ބިންޒާތަ؟ އަހަރެން ދަރިފުޅު ސަލާމަތްކޮށްދިނީ...ތި ހީކުރަނީ ރަގަޅަކަށް ނޫން............" މިންހާސް ކައިރިވެލާފައި ހިނިތުންވެލިއެވެ.

"އަހަންނަށް އެތަންކޮޅު އޮޅުން ނުފިލާ. .." ތާރިގު ދެއަތްޕުޅު މައްޗަށް ނަންގަވާފއި ލޯ މަރާބާރުކޮށްލެއްވީ ކެތްތެރިވާން މަސައްކަތްފުޅު ކުރައްވަމުންނެވެ. އެންމެ ފަހު ލަފުޒު ވިދާޅުވީ އަކުރުތަކަށް ބާރު ލައްވާފައެވެ. މޫނުފުޅުމަތިން އެވަގުތު ފެނުނީ ކޯފާގެ އަސަރުތަކެވެ. ދެމީހުންގެ ލޯ ބައްދަލުވިއެވެ. "ޔާ މިންހާސް"

"އަދި އެއްފަހަރު......" ދެވަނަފަހަރަށްވެސް ކޯފާގެ ނަޒަރަކުން ބައްލަވާލެއްވުމަށްފަހު މިންހާސްގެ ނަމުން ގޮވައިލީ އިންޒާރުދޭފަދަ ގޮތަކަށެވެ. ދޮގުނަހަދާށޭ އެލޯފުޅުން އަންގަވާފަދަ ނުރައްކާތެރި ނަޒަރަކެވެ. މިންހާސްގެ ގައިން ހީބިހިނެގިއެވެ. މިންހާސް ތާރިގުގެ ކޮނޑުފުޅުގައި އަތް ބޭއްވުމުން ދުރުކޮށްލެއްވީ މަޑުމަޑުންނެވެ.

"އަހަރެންގެ މިއަތުގެ މައްޗަށް ފަޚުރުވެރިވާނެ ދުވަހެއް އަތުވެދާނެބާ..." ތާރިގު ހަރުކޮށް ހިންގަވާފައިގޮސް މައިދޮރު ލައްޕަލާލެއްވުމުން މިންހާސް ސިހި ދެލޯބޮޑުވިއެވެ.

"ކީއްވެ" ކީއްވެ ދޮރު ލައްޕަވާލެއްވީ؟ " މިންހާސް ސުވާލުކޮށްލަމުން ފަހަތަށް ޖެހުނެވެ.

"އެއީ އަހަރެެމެންނަށް ދޮގާއި ހަމަޔަށް ވާސިލް ނުވާނީ މިހެން ކަމަށްވާތީ...."

"ދޮގު؟ " މިންހާސް އެހިއެވެ.

"ފުދޭވަރަށްވުރެ މާ ގިނައިން ދޮގު ހަދައިފިން....." ތާރިގުގެ އަޑު ތަންކޮޅެއް ބާރުވިއެވެ. އެލޯފުޅުން ނުރައްކާތެރި ވިދުވަރެއް ފެނުނެވެ.

"ޔާ ތާރިގު. ކިހިނެއްވެފައި ތިހިރީ؟ " މިންހާސް ބިރުގަނެއްޖެއެވެ. ކިތަންމެ ޒުވާނަސް ތާރިގުގެ މުލައްދަނޑިފުޅުގައި އެހެރަ ބާރު އޭނައަށް ސިއްރެއްނުވެއެވެ.

"ކީއްވެގެންހޭ ދޮގުހެދީ؟ " ތާރިގުގެ އަޑުފުޅު ގޭތެރޭގައި ގުގުމައިލިއެވެ.

ނުނިމޭ

 

 

ކޮމެންޓް 0