ގަޑިއެއްހާ އިރުވަންދެން އިތުރު އެހެން ޚިޔާލެއް ނުކުރެވި އެ ވިސްނުމުގައި އިނެވެ. އިންތިޒާރުގެ ގަޑި ދިގުވެ ސިކުންތުކޮޅެއް ގަރުނެއްފަދަ ކަމުގައި ހީކުރެވުނެވެ. އިރުއިރުކޮޅާ ދޮރާއި ދިމާލަށް ބަލައިލެވެއެވެ. ނޫނީ ކޯރުގެ މަންޒަރުތައް ފެންނަ ކުޑަދޮރު ހުޅުވާލައިގެން ބަލަން އިނދެވެނީ ކެތްތެރިކަން ކޮޅުން ލާ ހާލުގައެވެ. ދޭތެރެއަކުން ބޮޑުދައިތައަށް ގޮވާ ގެނެސް ސިޓީގެ ޖަވާބު ލަސްވަނީ ކީއްވެހެއްޔޭ އަހާލައެވެ. އޭނަ ފްލޮރިންޑާ ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ދީ އެކުއްޖާ އުފާކުރުވަން މަސައްކަތް ކުރެއެވެ. އެންމެފަހުން އިންތިޒާރުގެ ގަޑި ނިމި ޚާދިމް އާލްފްގެ ސިޓީއެއް ހިފައިގެން ހާޟިރުވިއެވެ. އުފަލުންގޮސް އުފަލުގެ ކޮޅެއް ނެތެވެ. އެ ސިޓީގައި ބޮސްދީފައި ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. އޭނަ ތަންކޮޅެއް ލުއި ހެދުންތަކާއި ގަހަނާތައް ޕެކްކުރަން ފެށިއެވެ. އެކަމުގައި ބޮޑުދައިތަ އެހީތެރިވެދިނެވެ. މަސައްކަތް ނިމުމުން ފްލޮރިންޑާ ކުޑަދޮރު ކައިރީ އިށީދެ ކޯރަށް ބަލަންފެށީ ތިނެސްކަން އައްޔެއްގެ އިންތިޒާރުގައެވެ. އަލްފް ބުނި ޚާއްސަ ވަގުތު ކުޑަތަންވާން އަދި ވަގުތު އޮތްނަމަވެސް އޭނަގެ ހިތް އެކަމަށް އެދޭވަރުން ބެލެނީއެވެ.

މޫސުމް ފިނިވެ ވިލާތައް އެއްވެ ވައި ބާރުވިއެވެ. ގުގުރުމާއެކު ލޮލުގެ ފެނުން ނައްތާލާފަދަ ތޫނު ވިދުވަރުގެ އަލިން އަނދިރިކަމަށް ގެނބިފައިވާ ޝަހަރު ކަޝްފުކޮށްލައެވެ. އިރުކޮޅެއްނުވަނީސް ވާރޭގެ ހަމަލާތައް ހުރިހާ ދިމާލަކަށް އައެވެ. ވިދުވަރުގެ އަލިން މަހުރޫމްވެ އަނދިރިކަން ރަސްކަން ކުރަންފެށިއެވެ. އެވަރުންވެސް އުއްމީދާއި އުފާވެރިކަމާއެކު ފްލޮރިންޑާ ކޯރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ކޮންމެ ފަހަރަކު އައްޔެއް އެޅިލާއިރަށް އެއީ ލޯބިވެރިޔާކަމުގައި ހީކުރެވުނެވެ. ދޭތެރެއަކުން ވިލާތައް ކެހިލާ ތަރިތަކުގެ ވިދުން ކޯރުތެރެއިން ފެނިލައެވެ. އެފަދަ ވަގުތެއްގައިވެސް ހީކުރެވެނީ ތިނެސްކަން އައްޔެއްކަމުގައެވެ. ވިއްސަކަށް ތަރި އުޑުމަތުން އެއްފަހަރާ ފެނި އެ ތަރިތައް ކޯރުން ފާއްދާލަފައި ހުރުމުން އޭނައަށް ނުބައިކޮށް ހީކުރެވުނީއެވެ. އަދި އާލްފް އައީއެއް ނޫނެވެ. ކުޑަދޮރާއި ކައިރިއަށް ހުރި ބިޔަގަސްތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހުރަހެއް އެޅިފައިވިޔަސް ލޯ ބޭގަރާރުކަމާއެކު ހޯދަމުން ދަނީ ލޯބިވެރިޔާގެ އިޝާރާތަކަށެވެ.

ދާދި އަވަހަށް ސަލާމަތް ވުމުގެ ވަގުތު ޖެހިދާނެކަމަށް ނަފުސަށް ވިސްނައިދީ ހިތްހަމަޖެހުން ހޯދިއެވެ. ޚިޔާލުތަކުގެ ތެރެއިން ނުކުމެވުނީ މީހެއްގެ ފިޔަވަޅުގެ އަޑަށެވެ. ލުދްރީކްގެ ފިޔަވަޅުތަކުގެ އަޑެވެ. ހުރިހާ ހިތްވަރެއް އެލި ހިތް ތެޅިގަތްގޮތުން އަނބުރައިގެންފާނެހެން ހީވިއެވެ. ވަގުތުން އަޅުކަން ކުރާ ތަނަށް ތިރިވެ ދުޢާކުރީ އޭނަގެ ސަލާމަތަށެވެ. އެވަގުތު އެ ކޮޓަރީގައި ބޮޑުދައިތަ ހުރުމުން ސުވާލުކުރެވުނެވެ.

"އެއީ ރަސްގެފާނުގެ ފިޔަވަޅުގެ އަޑެއް ނޫންތަ؟ "

ފްލޮރިންޑާގެ އަނގައިގަ އެއް ބައި އޮތްވާ ބޮޑުދައިތަ ވިދުވަރެއްހާ ހަލުވިކޮށް ކޮޓަރިން ނުކުމެފައި އައީ ބިރުވެރި ޚަބަރަކާއިގެންނެވެ.

"އަނެއް ކޮޓަރީގައި ރަސްގެފާނު އިންތިޒާރުގައި އެބައިން......"

"ކޮންފަދަ ބޮޑު ހަލާކެއް. ޔާ މަސީހު......." އަމިއްލަ މޫނުގައި ތަޅައިގެންފާ ފްލޮރިންޑާ ރޮއިގަތެވެ.

އެކުއްޖާ މަސަލަސްކުރާނެ ގޮތެއް ބުނާނެ ލަފުޒުތަކެއް ބޮޑުދައިތައަކަށް ނުވިސްނުނެވެ. ހިތަށް އައިހާ އެއްޗަކީ ދީނެވެ. ހެއްދެވި ފަރާތެވެ.

"ހެއްދެވި ފަރާތަށް ވަކީލުކުރޭ. މިދިޔަ ފަހަރުވެސް އެ އަނިޔާވެރިޔާގެ ފަރާތުން ސަލާމަތްކޮށްދެއްވީ. މިފަހަރުވެސް އެހެން ކަންތައްވާނެ. ހެއްދެވި ފަރާތަށް މިފަދަ ކޮންމެ ކަމަކީ ނިކަން ކުޑަ އާދައިގެ ކަމެއް................"

ފްލޮރިންޑާއަކީ އަޅުވެރި އަންހެންކުއްޖެއްކަމުން ދީނަށް އޮންނަ އިތުބާރެއްގެ ބޮޑުކަމުން ހެއްދެވި ފަރާތުން އެހީތެރިވެވޮޑިގެންވާނެ ކަމުގެ ޔަގީންކަން އޮތެވެ. އެހެންވެ މިފަހަރުވެސް އާދޭސް ދެންނެވިއެވެ.

"ބޮޑުދައިތަވެސް އަހަންނަށްޓަކާ ދުޢާކޮށްދީ."

"އަހަރެން މަސީހަށް ދުޢާކުރަން އިންނާނަން. ފްލޮރިންޑާ އަންނަންދެން މި ތަނުން ނުތެދުވާނަން..." މަސީހުގެ ބުދު ބަހައްޓާފައި ހުރި ދިމާލަށް ތިރިވަމުން އޭނަ ބުނެލިއެވެ."އަހަރެން ފްލޮރިންޑާއާއެކު ދިޔުމަކުން ފައިދާއެއް ނުކުރާނެ. ހަމައެކަނި އެހީތެރިޔަކީ މަދަދުވެރިއަކީ މާތް ރަސްކަލާނގެ..އެންމެ ހިދުކޮޅަކަށްވެސް އެކަން ހަދާން ނައްތާނުލައްޗޭ."

އެވަރުން ފްލޮރިންޑާގެ މޮޅިވެރި ހިތަށް ތަސައްލީއެއް ލިބުނެވެ. ކަތިލާން ތައްޔާރުކުރެވިފައިވާ ކަންބަޅިއެއް ފަދައިން އިހުސާސްކުރެވި ފިޔަވަޅުތައް ނަގަމުން ދިޔައީ ގަދަކަމުންނެވެ.

ލުދރީކް ކޮޓަރީގައި ހުރި ދިގު ގޮނޑިއެއްގައި އިށީދެލައިގެން އިންއިރު ކުރިއާ ޚިލާފަށް ދެލޯ ރަތްވެ މޫނުން ރުޅިވެރިކަމުގެ ކުލަތައް ފެނެއެވެ. ބޮއިގެން ހުރުމުން އެކަން ލޮލުން ދައްކުވައެވެ. ނޭވާލާއިރުވެސް ގުގުރިދަމާފަދައެވެ. އެންމެ ކުރިން ފްލޮރިންޑާއަށް އެ މޫނުމަތިން އެ ސިފަތައް ފެނުނީ ކޮޓަރިތެރެ ތަންކޮޅެއް އަނދިރިކަމުން ކަމުގައި ހީވިޔަސް ކައިރިވުމުން ޔަގީންވިއެވެ. ހިތުގެ ތެޅުން ބާރުވިއެވެ. އޭރު ފްލޮރިންޑާވެސް ހުރީ ރީތިކޮށް ހެދުން އަޅާ ފުނާ އަޅާ ޒީނަތްތެރިވެލައިގެންނެވެ. އާލްފްއާއިއެކު ދާން ތައްޔާރަށެވެ. ފްލޮރިންޑާގެ ރީތިކަން ފެނި ރަސްގެފާނުގެ ހިތް ދީވާނާވިއެވެ.

"ފްލޮރިންޑާ. ތި ހިތުގެ ވާހަކަ އެއްވެސް ވަރަކަށް ތަފާތުވެއްޖެތަ؟ "

ފްލޮރިންޑާ އަނގައިން ބުނުމެއްނެތި ތިރިއަށް ބަލަން ހުރީ ފުރާނަ ނެތް ބުދެއް ފަދައިންނެވެ. ދެވަނަ ފަހަރަށް އެ ސުވާލު ކުރިއިރު ރަސްގެފާނު ދެންމެ ދެންމެ ތެދުވާން އުޅޭފަދަ ގޮތަކަށް ކައުޗްގައި ދެއަތް ވިއްދާލިއެވެ.

"ޖަވާބު ދީ ފްލޮރިންޑާ. އަަހަރެން މި ހުށަހަޅާ އުފާވެރި ދިރިއުޅުން ރަގަޅަށް އެނގޭނެ. އަދި މިހާރު ކަލެއާއި ހިތާވެ ފަހަތުން ނުނެއްޓިގެން ލޯބިވާކަމަށް ދައުވާކޮށް އުޅޭ ކުއްޖާގެ ވަކިތަކުގެ ދަށުން މިންޖުކޮށް ދިނީތީ. އޭނަ ކަލޭ ދެކެ ލޯތްބެއްނުވޭ އަދި ކަލޭގެ ހިތުގެ މައްޗަށް އޭނަގ އެއްވެސް ހައްގެއް ނެތް..." ލުދްރީކްގެ ވާހަކަތަކުން އާލްފްއަށް މީނަގެ ފަރާތުން ކޮންމެވެސް ނޭއްގާނި އަމަލެއް ކުރިމަތިވިކަން އެނގި ބިރުގަތުމާއެކު އިސްއުފުލައިލަން މަޖުބޫރުކުރުވިއެވެ. އެއާއެކު އެ މޫނުމަތީގެ ޝުއޫރުތައް ފެނި މުޅި ޖިސްމުވެސް ރޫރޫ އަޅައިގެން ދިޔުމާއެކު އިސްޖެހިއެވެ. އޭނައަށް ރަސްގެފާނު ސިފަވީ ނުބައި ނުލަފާ ޝައިތާނެއްގެ ގޮތުގައެވެ. އެގޮތަށް އިސްޖެހުމުން ރަސްގެފާނުގެ ދުލުން ހަގީގަތް ބަޔާންކޮށްދޭނެކަމުގައި ހިތް ބުނެލިއެވެ. ނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. ރަސްގެފާނު ފުންމައިގެން ތެދުވުނުގޮތަށް އޭނައާއި ދިމާލަށް އައެވެ.

" އަހަންނަށް ޖަވާބު ނުދީ ހިމޭނުން ތިހިރީ ކީއްވެތަ؟ " ރަސްގެފާނު އެހިއެވެ. "ރަސްގެފާނާއެކު މާ ގާތްވުން ލަދުވެތި ކަމަކަށްވަނީތަ؟ މާޒީގައި ކަލޭ އުޅުނުގޮތަށް ހެއްދެވި ފަރާތުން ފާފަ ފުއްސަވާ ދެއްވާނެ."

ރަސްގެފާނު ފްލޮރިންޑާގެ ކޮނޑުގައި އަތް ޖައްސަައިލަން އަތް ދިއްކޮށްލުމާއެކު އޭނަ ފަހަތަށް ޖެހުނެވެ.އަދި އޭނަގެ އަތް ކުރިމައްޗަށް ދިއްކޮށްލެވުނީ ސަލާމަތަށެވެ. އޭނައަށް ހީވީ ވަލު ހިޔަޅެއް އޭނަ ދިރުވައިލަން އުޅުނުހެންނެވެ. ލުދްރީކްވެސް ސިހުމާއި ހައިރާންކަން ލިބި ފަހަތަށް ޖެހިއްޖެއެވެ.

" ކިހިނެއް ތިވަނީ؟ ކީއްވެ ދުރަށް ދުވަނީ؟ އަނިޔާއެއް ވެދާނެތީ ބިރުން؟ އަހަރެން ބޭނުމީ ފްލޮރިންޑާގެ ހިތް އުފާކޮށްދޭން......."

އޭރުވެސް ފްލޮރިންޑާގެ ހިތުގައިވަނީ އާލްފްއެވެ. އޭނައަށް ދިން ގެއްލުމަކީ ކޮބައިކަން ރަސްގެފާނުގެ ފަރާތުން ދެނެގަންނަން ބޭނުންވިއެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ. ވިދުވަރު ކެނޑިނޭޅި އުދަރެހުގައި ހުދު ރޮގުތައް ކަނޑައިލާއިރު ގުގުރީގެ އަޑުން ފާރު ގުގުމައިގެންދެއެވެ. ފުރާޅުތައް ތެޅޭ އަޑުވެސް އިވެއެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ހައްދެއް ނެތުމުން ފްލޮރިންޑާއަށް ވަށައިގެން އިވޭ އަޑުތައްވެސް ނީވުނުފަދައެވެ. އޭނައަށް އެނގޭހާ އެއްޗަކީ އާލްފްއާއިމެދު އެދެއްކި ވާހަކަތައް ރަސްގެފާނުގެ ފަރާތުން އޮޅުން ފިލުވަން އޭނަ ބޭނުންވި ކަމެވެ. އަނަގަ ހުޅުވާލިޔަސް އަޑުފަށްގަނޑާއި ހެދި އޭނަ އެހި އެއްޗެއް ރަސްގެފާނަށް ނީވޭނެކަން އެނގުނެވެ. ކުޑަދޮރު ފުރާނާލާފައި ކޮޓަރިއަށް އެޅުނު އަލިން އެތަން ދިއްލިގެން ދިޔުމާއެކު ކަންފަތް ބައްވާހާ ބާރު ގުގުރިއެއްގެ އަޑުން ފްލޮރިންޑާއަށް ހޭވެރިކަން ވިއެވެ.

"އަޅުގަނޑު ކުރިިންވެސް މާތް ސާހިބާއަށް ދަންނަވާފައިވާނެ ފަދައިން މި ހާލަތުގައި ކުރާނެ އެއްވެސް ކަމެއްނެތް. އަޅުގަނޑުގެ ނަސީބު އެހެން މީހަކާއެކު ލިޔުއްވާފައިވަނީ..." ފްލޮރިންޑާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އެހެންވިއްޔާ އަހަރެން ބުނި އެއްޗެއް ދޭހަނުވީތާ. ކަލޭގެ ތަގުދީރުގައި ލިޔުއްވާފައިވާ ކަމަށް ތިބުނާ މީހާ މާ ދުރަށް ގޮއްސި. ދެނެއް އޭނަ އައުމަކީ..............."

ރަސްގެފާނުގެ ޖުމްލައިން ފްލޮރިންޑާއަށް ނެގުނީ އެހެން މާނައެކެވެ. އޭނަ ޔަގީންކުރީ ރަސްގެފާނު އާލްފް ގަތުލުކޮށްލީކަމުގައެވެ. ފްލޮރިންޑާގެ ތޫނު ހަޅޭކާއެކު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތީ ކެކިކެކި ހުރި ފެން އެއްޗެއް އޭނަގެ ގަޔަށް އޮއްސާލި ފަަދައިންނެވެ.

"ކީކޭ ތިކިޔަނީ؟ އާލްފްއަށް ކީއްކުރީތަ؟ ކީއްކުރީހޭ؟ އޭނަ މަރާލީތަ؟" ފްލޮރިންޑާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

ފްލޮރިންޑާގެ އަމަލު ހުރިގޮތުން އެ ލިބުނު ޝޮކްގެ ސަބަބުން އޭނަ މަރުވެގެން ހިގައިދާނެކަމުގެ ބިރުވެރިކަން ލުދްރީކްގެ ހިތުގައި އުފެދުނެވެ. އެހާ އަވަހަށް އެކުއްޖާ މިދުނިޔެއިން ނެތިގެން ދާކަށް އޭނަ ނޭދެއެވެ.

"ކީއްވެ ތިހާ ބާރަށް ހަޅޭއްލަވައިގަނެ އަޑުގަދަކުރަނީ؟ އަހަރެން އަލްފަންސޫ ގަތުލުކުރީހެއްޔޭ ސުވާލު ކުރީމެއްނު. ނޫން. އަހަރެން ނުކުރަން. އެކަމަކު އޭނައާއި އޭނަގެ ދިރިއުޅުމުގެ ހުރިހާ ބާރެއް އަހަރެންގެ އަތްމަތީގައި ވަނީ. އަހަރެން ބޭނުމިއްޔާ ކޮންމެ ވަގުތަކުވެސް އޭނަ މަރައިލަން އަމުރު ނެރެވިދާނެ. ހީވާގޮތުން ތިޔަ ވާހަކަ ދައްކަނީ ކާކާކަން ހަދާން ނެތިފައި ތިހިރީ. އާނ އަހަރެން އޭނަ މަރައެއްނުލަން. އެކަމަކު އަހަރެން އޭނަ މިރަށުން ބޭރުކޮށްލައިފިން. އަދި ކަލޭ ތިގޮތަށް ބޮޑާ ހާކަންޏާ އަހަރެން އޭނަ ގަތުލުކުރާނަން. އަދި ކަލޭގެ ތި ގޮތްދޫނުކުރާ ގޮތުގައި ކުރިއަށް ދަންޏާ އޭނަ މަރާލާފައި ކަލޭވެސް ގަތުލުކުރާނަން. އަހަންނަށް ކަލެއަށް ވިސްނައި ނުދެވުނު އަދި ރަހުމެއްވެސް ނުހޯދުނު. ވީއިރު ރަގަޅަށް އަޑުއަހާ. ހަދަންވީގޮތެއް ނިންމާ. ކަލޭގެ ގޮތުގައި ދެމި ހުންނާނީތޯ ނޫނީ އަހަރެން ބުނާގޮތަށް ހަދާނީތޯ." އޭނަ ފްލޮރިންޑާއާއި ދިމާލަށް އަޑުގަދަކޮށް ވާހަހަކަދައްކާފައި ގޮސް ދޮރު ލައްޕާލައިފިއެވެ.

"ބޭނުން ކުރާނީ ކޮން ދޮރެއްކަން ބުނެފައި މިތަނުން ދޭ..."

އޭނަ ގޮދަޑިޖެހި ގޮނޑިމައްޗަށް ޖެހިގަތްއިރު ލޯ ހަނިވެ ނޭފަތުގެ ހިނދުރިވެސް ކުރިއަށްވުރެ ބޮޑުކޮށްލައިފިއެވެ. ފްލޮރިންޑާއަށް މި މީހާގެ ވިޔާނުދާ ނިޔަތް ވިސްނި އޭނަވަނީ ނުރައްކަލުގައި ކަން ދެނެގަނެވުނެވެ. ވަށައިގެން ހޯދައިލެވުނީ އެހީތެރިވާނެ މީހެއް ފެނޭތޯބަލާ ބީދައިންނެވެ. އޭނަ ހަދަންވީގޮތެއް އޭނައަށް ނުވިސްނުނެވެ.

"ކާކު ނުފެނިގެން ތިހޯދަނީ؟ އަހަރެމެން ދެމީހުން ފިޔަވާ އެއްވެސް މީހެއް ނެތް.އަހަންނާއި އަހަރެން ބޭނުންވާ ކަންތައްތަކަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ބިމަކު ނެތް. ވީއިރު ދެން ހަތިޔާރު ބަހައްޓާފައި އަމާން ދީ. އޭރުން ކަލެއަށްވެސް އެގޮތް ރަގަޅުވާނެ އަދި އުފާވެރިކަން ލިބޭނެ......" ރަސްގެފާނު ބުނަމުން ދިޔައެވެ.

އޭނަ ދެމީހުން އެކަނިއޭ ބުނުމާއެކު ހަދާންވީ މުގައްދަސް ފޮތުގެ ތަންކޮޅެކެވެ. އޭނައަކީ އަޅުވެރި ދީނަށް ލޯބިކުރާ ކުއްޖެއްކަމުން ކުއްލިއަކަށް އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެ ވަށައިގެން އޭނަ ރައްކާތެރިކޮށްދޭނެ މަލާއިކަތުން ތިބިކަމުގެ އިހުސާސްކުރެވިއްޖެއެވެ. ދަހިވެތިކަމާއެކު އޭނައަށް ކަޅި ހުއްޓިފައި ހުރި ލުދްރީކްއާއި އޭނަ ހަތަރުކަޅި ހަމަކޮށްފިއެވެ.

" ކަލޭ ތިބުނަނީ އަހަރެމެން މިތިބީ އެކަނިއޭ. އަދި އެއްވެސް ފަރާތަކަށް އަހަރެމެންގެ ދޭތެރެއަށް ނުވަދެވޭނެއޭ. ކަލޭ ހެއްދެވި ފަރާތް މަތިން ހަދާން ނެތުނީކަމަށްވާނީ. މާތް ރަސްކަލާގެ ހުރިހާ ތަނެއްގައި ވޮޑިގެންވޭ. އެފަރާތަށްވުރެ އެހެން އެއްވެސް ފަރާތަކަށް ކުރިއެއް ނުލިބޭނެ. ކަލޭ އަހަރެން މަރާލާނެކަމުގެ އިންޒާރު ތިދެނީ. އެންމެ ރަގަޅު. އެކަން ކުރޭ. އަހަރެން މަރައިލާ.އަހަރެންގެ ދިރިއުޅުމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. އެކަމަކު އަހަރެން އާދޭސްކޮށްފައި ބުނަން. އަލްފަންސޫއަށް ގެއްލުމެއްނުދޭތި. އަހަރެންގެ ލޯބިވާ އަލްފަންސޫ....." އެނަން ބުނެވުމާއެކު ފްލޮރިންޑާގެ ލޮލުން ކަރުނައިގެ ސާލެއް ފޭބިއެވެ.

ލުދްރީކްއަށް އެގޮތަށް ފްލޮރިންޑާ އަލްފަންސޫގެ ވާހަކަ ދެއްކުމުން ވަކިން ރުޅިގަނޑު އުތުރި އަރައިގަތެވެ. އަދިވެސް އޭނަގެ ދޫމަތީގައި އެވަނީ އަލްފަންސޫގެ ނަމެވެ. އެކަމަކުވެސް އޭނައަށް ފްލޮރިންޑާ ހެއްދެވި ފަރާތާއި ބެހޭގޮތުން ދެއްކި ވާހަކައާއި އަލްފަންސޫދެކެ އެވާ ލޯތްބާއި އޭނަ ސަލާމަތްކޮށްދޭން ކުރި އާދޭސް ތައް ޚިޔާލުގައި ބަހައްޓާ އެއްބަސްވުމަކަށް އަންނާން ނިންމިއެވެ.

"އަލްފަންސޫގެ ހަޔާތަކީ ތިހާ މުހިއްމު އެއްޗަކަށް ވާނަމަ އަހަރެން މިހިރީ އޭނަ ދުނިޔޭގައި ބަހައްޓދޭން. އަހަރެން އޭނަހެ މަގާމު މަތިކޮށް ޓޮލޭޑޯގެ އެންމެ އުފާވެރި އިންސާނާ ކަމުގައި ހަދާދީފާނަން. ކަލޭ ކުރަންވީ ކަމަކީ ތި ގޮތްދޫކޮށް އަހަރެން ބޭނުން ކަމެއްކުރަން އެއްބަސްވުން......."

އެކިގޮތްގޮތަށް ވިސްނައިދީގެންވެސް ފްލޮރިންޑާ ރަސްގެފާނުގެ އެދުމަށް އިޖާބައެއް ނުދިނެވެ.

 

***

ރަސްގެފާނުގެ ޟަމީރު އެންގީ ގަދަކަމުންވެސް އޭނަ ބޭނުންވާ ކަންތައް ހާސިލުކުރުމަށެވެ. އަމިއްލަ ޖަޒުބާތްތަކަށް ބާރު ނުފޯރުވި ހަވާ ނަފުސަށްހެއްލުމުން ފަހުން ހިތާމަ ކުރަން ޖެހޭނެ ވަގުތެއް އައިސްދާނެއެވެ. އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ތިމާގެ ހަށިގަނޑު ވަރުގަދަކޮށް ހުއްޓަސް އޭނަގެ ޟަމީރު ނިކަން ބަލިކަށްޓެވެ. އޭނައަށް ވާހަކަދެއްކުނު ގޮތާއި އަމަލުތައް ބެހެއްޓުނުގޮތް ރަގަޅުނޫންކަން ޔަގީންވިޔަސް އެ ރަގަޅު މަގުން ދާން ބޭނުމެއްނުވިއެވެ. ހެއްލުންތެރިވީ ނުބައިކޮޅަށެވެ. ހަލާކާއި ނުބައިކަން ހޯދައިގަންނަނީ އަމިއްލައަށޭ ބުނެއުޅެވެއެވެ. ސަބަބަކީ ހަގީގަތުގައިވެސް އަމިއްލަ ޟަމީރު ތިމާ ހަލާކުގެ ތެރެއަށް ވައްޓައިލަނީއެވެ.

"ތިޔަ ރީތި ބަސްތައް އަޑުއަހާ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި. ކަލޭ ތިޔަވަނީ ކިހާ ބޮޑު ނުރައްލެއްގައި ކަން އެނގޭތަ؟ އެއްބަސްނުވަންޏާ ދެން ޖެހޭނީ ގަދަކަމުން މަޖުބޫރުކުރަން...." ލުދްރީކްގެ ތުރުތުރުލާ ދެއަތުން ފްލޮރިންޑާގެ އެއް އަތުގައި ހިފާ ދަމައިގަތެވެ. ދަގަނޑު ވަކިތަކެއްގެ ތެެރޭ ހައްޔަރުކުރެވުނުފަދަ ނުބައި އިހުސާސްއަކާއެކު ބިރުންގޮސް ގައިން ހީބިހި ނެގިއެވެ.

"ކަލެއަށް ލައުނަތް ލައްވާށި. ނުބައި ނުލަފާ ނާސި. ގިޔާމަތް ދުވަހާއިމެދު ބިރެއް ނުގަނޭތަ؟ ހެއްދެވި ފަރާތަށް ބިރެއް ނެތްތަ؟ މީހުންނަށް ހެޔޮކޮށް ހިތަން ޖެހޭ މީހަކު އެކަމަކު އަނިޔާވެރިވެގަނެގެން އުޅެނީ.އެފަދަ މީހުންގެ މޫނުތައް ކަޅުކުރައްވާށި. އަމިއްލަ އެދުންވެރިކަމަށް ބާރު ނުފޯރުވޭ މީހަކު ރަސްކަމުގެ ތަޚުތަށް އަރާ ބާޣީން ދުރުކުރާށޭ ބުނާމީހާއަށް މާތްރަސްކަލާނގެ ލައުނަތް ހުރި."

ފްލޮރިންޑާ އުޑާއި ދިމާލަށް މައްޗަށް ބަލައިލަމުން އާދޭސް ދެންނެވިއެވެ. "އަޅުތަކުންނަށް ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެންވާ އިލާހު. މިއަޅާ ތިޔަފަރާތުގެ އެހީއަށް އެދި އާދޭސް ދަންނަވަން...."

އޭނަ ދުޢާކުރަމުން ދިޔައިރު ލުދްރީކް އޭނަގެ އަނެއް އަތްވެސް ދަމައިގަންނަން އުޅެއެވެ. ފްލޮރިންޑާ އެ އަތުގެ ތެރެއިން ސަލާމަތްވާން މަސައްކަތްކުރިއެވެ. އޭނަ ގެ ނޭވާ މޫނަށް އެޅުމުން ފްލޮރިންޑާއަށް ރަލުގެ ނުބައި ވަސް ދުވާ އޯކަށް ދަމާގޮތްވިއެވެ. ފްލޮރިންޑާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު ތޫނު ވިދުވަރެއްގެ އަލި ކޮޓަރިތެރެއަށް އެޅުނެވެ. ސިކުންތުކޮޅެއްފަހުން ގުގުރީގެ އަޑު ގަނޑުވަރުގެ ފާރުބުޑުން އިވުނުފަދައެވެ. ބިރުން ފިތްކަނޑައިގެންދާ ވަރުވިއެވެ. މުޅި އިމާރާތްވެސް ކުދިކުދިވެ ބިމަށް ފައިބައިގަތްފަދައެވެ. ދާދި ކައިރީގައި ހުރި ގަހަކަށް ހޮނު އަޅާ މުޅި ހިސާބު އަލިކޮށްލިއިރު އެ އަސަރު ކޮޓަރިތެރެއަށް ކުރީ އަލިފާނުގެ ތީރެއްހެންނެވެ. އެ ފެނުނު ކަންތައްގަނޑުން ލުދްރީކްވެސް ގުޑުވައިލީ ތަގުދީރުވެސް އޭނައާއި ދެކޮޅުވެ ދިން އިންޒާރެއް އިހުސާސްކުރެވިފައެވެ. ވިދުވަރުގެ ތޫނު އައްޔާއި ހޮނު ގުގުރީގެ ބާރު އަޑު ގުގުމައިލުމުން އޭނަ ފުރަތަމަ ފަހަރަށް ބިރުގަނެއްޖެއެވެ. ހިތް ތެޅެން ފެށުމާއެކު މޫނު ހުދުވެއްޖެއެވެ. އޭނަގެ ނުބައި ނިޔަތާއި ދުރުވެ ކުރެވުނު ކަންތައްތަކަށް ހިތާމަކުރާން ޖެއްސިއެވެ. ނަމަވެސް ހިތާމައަކީ އެ އިހުސާސްތައް ހިނދުކޮޅަކަށް ދެމިގެން ދިޔަކަމެވެ. ވިދުވަރުގެ އަލި ފަދައިންނެވެ.

ފްލޮރިންޑާ ވަގުތުގެ ބޭނުން ހިފާ އޭނަގެ އަތް ދަމައިގަތެވެ. އޭނައަށް ވިދުވަރަކީ އޭނަގެ ދުޢާގެ ޖަވާބަކަށް ފުދުނެވެ.

"ނިކަމެތިންނަށް އަނިޔާވެރިންގެ މައްޗަށް ކާމިޔާބު ދެއްވާ ބާރުގަދަ ފަރާތެއް ވާކަން އިހުސާސެއް ނުކުރެވޭތަ؟ ވާރެއާއި ގުގުރީގެ ޝިކާރައަކަށް ވެ އަޖަލުޖެހި ކަށްވަޅަށް ފޮނުވައިލެވޭފަދަ ބާރުގަދަ ފަރާތެއް އެބަވޭކަން ގަބޫލުކުރެވޭތަ؟ " ފްލޮރިންޑާގެ ސުވާލުތައް އަމާޒުވިއެވެ. ފްލޮރިންޑާ ބޭނުންގޮތަށް ކަންތައް ވަމުން ދާތީ އޭނަ ވަކިން ގަދަޔަށް ރުޅިއައިސްފަ ބަދަލު ހިފުމުގެ ވަގުތު ޖެހިއްޖެކަމަށް ގަބޫލުކޮށް ފުންމައިގަތީ ޝިކާރަވެރިއަކު ޝިކާރައެއްގެ މައްޗަށް ޖެހިގަންނަހެންނެވެ. އެއްއަތުން ފްލޮރިންޑާގެ ކޮނޑުގައި ހިފަހައްޓައިލަމުން އަނެއް އަތުން ގާތަށް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ރަގަޅަށް ނުހިފެހެއްޓުނީތީ ލިބުނު ފުރުސަތު ބޭނުންކޮށް ވީއްލިގަންނަން އޭނަ އުޅުމުން އަދި ރުޅިއައިސް ފުފިފައިވާ މީގޮނެއް ފަދައިން ޖެހިގަތެވެ. ފްލޮރިންޑާއަށް އޭނަގެ އެ ރުޅި ވަޒަން ކުރެވި ކިހާވަރެއްގެ ނުރައްކަލަށް ހުށަހެޅިފައިވާކަން ވިސްނުމުން ހަދަންވީ ގޮތަކާއިމެދު ޚިޔާލުކުރެވުނެވެ. މި މީހާގެ އަތް ދަށުގައި ވުމަށްވުރެ އަމިއްލައަށް ފުރާނަ ދުއްވާލުންވެސް ހެޔޮކަމެއް ކަމުގައި ދެކުނެވެ. އޭނަ ކަކޫ މައްޗަށް ތިރިވަމުން އަދިވެސް އެހީއަށް އެދި މައްޗަށް ބަލައިލީ ކުޅަދުންވަންތަކަމުން އަދިވެސް ސަލާމަތްވާނެކަމުގެ އުއްމީދުގައެވެ. މާޔޫސްނުވެ އެންމެ ފަހު ވަގުތުކޮޅުވެސް އޭނަ ދުޢާކުރިއެވެ.

އެވަރުންވެސް ލުދްރީކްގެ ނުބައި އަމަލާއިގެން އޭނަ ކުރިއަށް ދިޔައެވެ.

ފްލޮރިންޑާއަށް ލުދްރީކްގެ ފަރާތުން ސަލާމަތް ނުވެވުމުން އަމިއްލަ ކަރުގައި ދެއަތުން ހިފާ ބާރުކޮށްލީނުން އަމިއްލައަށް ކަރުގައި ހިފާ މަރުވެގަންނަން މަސައްކަތްކުރިއެވެ. އޭނަގެ ދެލޯ ބޭރަށް ނުކުމެ މޫނުގެ ފިޔާތޮށިކަން އެއްކޮށް ކެނޑުނެވެ. ލުދްރީކްއަށް އެ މަންޒަރު ފެނުމާއެކު ފްލޮރިންޑާގެ އަތުގައި ހިފާ ނެއްޓުވިގޮތަށް އެ އަތުގައި ހިފެހެއްޓީ ތަދުވާހާ ބާރަށެވެ. ފްލޮރިންޑާގެ ހަށިގަނޑުގައި ވި ނަމަ ވީހާ ހަކަތައެއް ހަށިގަނޑު ދޫކޮށް އޭނަ ދޫލަމައްޗަށް ދެމިއްޖެއެވެ. އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައިން ފްލޮރިންޑާ އޮތްތަން ފެނި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ހިތުގައި ފިޔަޖަހައިލިއެވެ. ތަންކޮޅެއް އޯގާތެރިވާން ނިންމިއެވެ. އޭނަ ފްލޮރިންޑާ ގާތުގައި ކަކޫ ޖައްސާލައިގެން އިށީދެފައި ފްލޮރިންޑާގެ އަތުގައި ހިފާ ކޮޅަށް ނަގަން މަސައްކަތްކުރިއެވެ. އޭނަގެ މޭގައި ލައްކޮށްލައިގެން އިނދެ މަޑުމަޑުން ގޮވާލައިފިއެވެ. އޭނަ އުއްމީދުކުރީ ފްލޮރިންޑާ ހޭ އަރާނެކަމުގައެވެ.

ނުނިމޭ

 

ކޮމެންޓް 0