ތާރިގު ޖޫލިއަންއަށް ބައްލަވައިލެއްވީ އޭނަގެ ޚިޔާލެއް އެއްސެވުމަށެވެ.
"އެކުއްޖާގެ ކައިވެނި ހަމަޖެހި އެންގޭޖްމެންޓް ރަސްމިއްޔާތުވެސް ބޭއްވުނު.މިއިނީ އޭނަގެ ވާން އުޅޭ ފިރިމީހާ..." ޖޫލިއަން އަލްފަންސޫއަށް އިޝާރާތްކޮށްލިއެވެ.
"އަޅުގަނޑަށް ފަރުވާލެއްނެތް...އެންގޭޖެމެންޓް ފަސޭހައިން ރޫޅައިލެވިދާނެ...." ޔޫސުފް ބުނެލިއެވެ. އެހިސާބަށް ބުނެވުނުތަނާ ކައުންޓް ޖޫލިއަންގެ ރުޅިގަނޑު މައިތިރިކުރަން އުދަގޫވިއެވެ.
"މިވާހަކަ މާ ގިނައިރުވާންދެން ދެކެވިއްޖެ.މަގޭ އަންހެންދަރިފުޅު އެންގޭޖްކުރެވިފައިވަނީ އަދި މިއިނީ އޭނަގެ ވާންއުޅޭ ފިރިމީހާ. އަދި އެންގޭޖްނުކޮށް ހުހަށް ހުރި ނަމަވެސް ކަލެއަކަށް އެ ފުރުސަތެއް ނުލިބޭނެ. އެނިމުނީ...."
ޔޫސުފް ފުންމައިގެން ތެދުވުނީ ކަނޑީގެ މޮށްގަނޑުގައި ހިފަހައްޓަމުންނެވެ.
"އެއީ އަޅުގަނޑުގެ އަސީރެއް. އޭނަ ހައްޔަރުކުރީ ހަގުރާމައިގެ މައިދާނުން އަދި މިކަނޑީގެ ބާރުގައި. އެއްވެސް މީހަކަށްޓަކާ އަޅުގަނޑު އޭނަ ދޫކޮށެއްނުލާނަން. އެހެޔޮ ޚަލީފާ ކަމުގައިވިޔަސް. އެކަން ކުރަން ބޭނުން ކޮންމެ މީހަކު ކަނޑީގައި ހިފަހައްޓާ......"
އޭރުވެސް ސުލެއިމާން ގެންދިޔައީ އެ ވާހަކަތައް އަލްފަންސޫއާއި އޮޕާސްއަށް ތަރުޖަމާކޮށްދެމުންނެވެ. ޗެލެންޖަކާއި ހަމަޔަށް އެ ވާހަކަ ދިޔުމުން އަލްފަންސޫވެސް ތެދުވުނެވެ. ކަނޑީގައި ހިފެހެއްޓިއެވެ.
"މިޒުވާނާއާއި ދިމާކުރަން ޖެހޭ މީހަކީ އަޅުގަނޑު. ދެމީހުންވެސް އެކުއްޖާގެ ކައިވެންޏަށް އެދިގެން ތިބީ. ކާމިޔާބު ވީ މީހަކަށް އަންހެންކުއްޖާ ހާސިލުކުރެވޭނީ...."
އަލްފަންސޫގެ ޖަވާބު އަހާފައި ޖޫލިއަން އޭނަ ހުއްޓުވިއެވެ.
"ނޫން އަލްފަންސޫ. އެކަން ކުރަން ޖެހެނީ މަނިކުފާނެއް ނޫން. އަޅުގަނޑު. އަޅުގަނޑުގެ އަތުން މި ޒުވާނާ ގަތުލުކުރެވިއްޖެއްޔާ އޭނައަށް ހައްގު އަދަބު ދެވުނީ. އޭނަ އަޅުގަނޑު މަރާލައިފިއްޔާ ދެން އިތުރު މުސީބާތަކަށްވުރެ އަޅުގަނޑުގެ މަރު ހެޔޮކަން ބޮޑުވާނެ. ދެކަން އެއްފަހަރާ ނަގައިގަތުން ކުޅަދާނައެއް ނުވާނެ.." ޖޫލިއަން ވެސް ކަނޑި އުރައިން ދަމައިގަތްއިރު ޔޫސުފްވެސް ހުރީ ކުރިއަށް ޖެހިލާފައެވެ. ތާރިގު ހަޅޭއްފުޅު ލަވައިގަތަސް ޔޫސުފްއަށް އިވުނުކަމަކަށް ނުވިއެވެ. އޮޕާސް ހަޅޭއްލެވިއެވެ. ކައުންޓް ޖޫލިއަންވެސް ކިޔަމަނެއް ނުވިއެވެ. މިހާރު ވާހަކައިގެ ދޮރު ބަންދުވެ ރުޅިވެރިކަން ކުރި އަތުލައިފިއެވެ. ދެމީހުންވެސް ހުވާކުރީ އަނެކަކާ ގަތުލުކޮށްފައި ނޫނީ ކަނޑިން ދޫކޮށްނުލާނެކަމުގައެވެ. މުޅި ފޭލިގޭގައި ނުތަނަވަސްކަން ފެތުރުނުއިރު ސުލެއިމާނާއި ޔައުގޫބުވެސް އެއްފަރާތަކަށް ޖެހިލައިފިއެވެ.
ފުރަތަމަ އެތިފަހަރު ވީއްލައިލީ ޔޫސުފްއެވެ. އެތިފަހަރުގެ ބާރުގަދަ ކަމުން ފޭލިގޭގައި ޖަހާފައިވާ ދަނޑިއެއްގެ ސަބަބުން ނޫންނަމަ ކައުންޓް ޖޫލިއަން ގަތުލުވާނެކަމާއިމެދު ޝައްކެއް ނެތެވެ. ކަނޑި ހެރުނީ އޭގެ ދަނޑިއަކަށެވެ. ޔޫސުފްގެ އަތަށްވެސް ލޮޅުން އަރައިގެން ދިޔައީ އެތިފަހަރުގެ ވަރުގަދަކަމުންނެވެ. އެކަމަކު އޭނަ އުޅެ އުޅެ ކަނޑި ދަމައިގަނެވޭނެ ގޮތެއްނުވިއެވެ. ދަނޑިވަޅުގެ ފައިދާ ނަގައިގެން އެޒުވާނާގެ މައްޗަށް ޖެހިގަންނަން އޭނަ ފުންމައިގަތީ ނިންމާލުމުގެ ޔަގީންކަމާއެކުގައެވެ. އެކަމަކު ވިދުވަރެއްފަދައިން ސުލެއިމާން އެހިސާބަށް އައިކަން އޭނަ ފާހަގަކުރިއެވެ. އަދި އެދެމީހުން ދޭތެރެއަށް ވަނެވެ.
" ހުއްޓާލައްވާ މިހާރު ކައުންޓް ޖޫލިއަން....." ސުލެއިމާން ޖޫލިއަންގެ އަތުގައި ހިފަހައްޓައިލަމުން ބުނެލިއެވެ. "ތޯމަސްއަށްޓަކާ......"
ސުލެއިމާންއަށް އެ ނަން ގަނެވުމާއެކު ކަނޑި އެއްލާލާފައި ކަކޫމައްޗަށް ތިރިވި ޖޫލިއަން ރޯންފެށިއެވެ. އެންމެންވެސް ހައިރާންވެ އަންތަރީސްވިއެވެ. ޔުސުފްވެސް މެއެވެ. ތަފްސީލަށް އެދޭފަދަ ނަޒަރަކުން އެންމެން ސުލެއިމާނަށް ބަލަން ފެށިއެވެ. އޭނަ އެންމެނަށް އިޝާރާތްކުރީ ހަމަޖެހިގެން ތިބުމަށެވެ. އެންމެންވެސް ކޮޅަށް ތެދުވެއްޖެއެވެ. ސުލެއިމާންވެސް ޖޫލިއަންގެ ގާތަށް ތިރިވަމުން އޭނަ މަސަލަސް ކުރަން މަސައްކަތްކުރަމުން ދިޔައިރުވެސް ރޮވެނީއެވެ.
"އެ ހިތާމަވެރި ހާދިސާގެ މަތިން ހަދާންކޮށްދިނުމުގެ ބޭނުމަކީ ކޮބާތަ ސުލެއިމާން.." ޖޫލިއަން ސުވާލުކުރިއެވެ.
"ހަދާން ނައްތައިލީތަ؟"ސުލެއިމާން އެހިއެވެ.
"ނޫން. އެކަމަކު އެތައް އަހަރެއް ވެއްޖެ ތި ނަން އަޑުނާހާ. އެވަގުތުކޮޅު އެ ނަން ނުގަތްނަމަ އެކުއްޖާގެ ދިރިއުޅުން ނިންމައިލާ އެކުއްޖާގެ ނާއިންސާފުކަމުން ދުނިޔެ ސަލާމަތްކުރެވިދާނެ..."
"ސާހިބާއަށް އެއީ ކާކުކަން އެނގިއްޖެއްޔާ...."ސުލެއިމާން މާނައިން ފުރިގެންވީ ގޮތަކަށް ބުނެލައިފިއެވެ." ޔަގީނުންވެސް އޭނަގެ ފަރާތުން މިންޖުވާކަށް ބޭނުމެއް ނުވާނެ.."
"އަހަރެން އޭނަ ދެނެގެނަންވަނީ ކީއްވެތަ؟ އޭނަގެ މޮޔަކަމާއި އަވަސް އަރައިގަތުމުން އޭނަގެ އަސްލަކީ ކޮބާކަން ރަގަޅަށް އެނގޭ....."ޖޫލިއަން ބުނެލިއެވެ.
"ތިހާވަރަށް އޭނައަށް މަލާމާތް ނުކުރައްވާ އެ މޫނަށް ރަގަޅަށް ބައްލަވައިލައްވާ. އޭރުން ލޯބިވާ ފަރާތެއް މަތިން ހަދާން ކުރެވޭނެ. އެމީހަކު އަބަދަށްޓަކާ ވަކިވީކަމަށް ހީކުރެވުނު މީހެއް. އެކަމަކު އެމީހާ މިހާރު މިވަނީ ކުރިމަތީގައި...."
ޖޫލިއަންއަށް ސުލެއިމާން އެބުނި އެއްޗެއްގެ މާނައެއް ދޭހައެއްނުވިއެވެ. އޭރު ޖޫލިއަންއަށް އިށީދެވިއްޖެއެވެ. ރުޅީގެ ބަދަލުގައި އެމޫނަށް ހިތާމަވެރިކަން ވެރިވެފައިވިއެވެ. އޮޕާސް އަލްފަންސޫ އަދި ތާރިގު ހައިރާންވެފައި އަދިވެސް އެ މަންޒަރުދެކެން ތިއްބެވެ. އެންމެން އިންތިޒާރުކުރަމުން ދިޔައީ ސުލެއިމާން ބުނާނެ އެއްޗަކަށެވެ. ޖޫލިއަން ސުލެއިމާންއަށް ބަލައިލީ އޭނަ ސަމާސާކުރަނީ ކަމަށް ހީކޮށެވެ. ނަމަވެސް އެމޫނުން ފެނުނީ ސީރިއަސްކަމެވެ. އޭނައަށް އެއްޗެކޭ ބުނެވުމުގެ ކުރިން ސުލެއިމާން އިޝާރާތްކުރީ އެންމެން އިށީނުމަށެވެ. އޭނަ އެމީހުން ގާތު ވާހަކައެއް ބުނަން ބޭނުންވާކަމުގައި ބުނެލިއެވެ. އެންމެން އިށީންއިރު ޔޫސުފް އަވަސްވެގަތީ ފުރުސަތުގެ ބޭނުން ހިފާ ކަނޑިއެއް ބަލާ ދިޔުމަށެވެ. ހަމަލާ އަލުން ކުރިއަށް ގެންދާން އޭނަ ބޭނުންވިއެވެ.
"ހުރިހާ ބޭކަލުންވެސް އަޑު އައްސަވާ. އެސިއްރު އެތައް އަހަރެއްވާންދެން ފޮރުވާފައި ބޭއްވީ. އޭގައިވަނީ އެންމެނަށް ފިލާވަޅެއް...." އޭނަ ގޫތު ބަހުން ވާހަކަދައްކާފައި އަރަބި ބަހުން ތަރުޖަމާކޮށްދިނެވެ
"އެންމެ ބޭކަލުންނަށްވެސް އެނގިލައްވާނެ ފަދައިން ސްޕެއިންގެ ޔަހޫދީންވަނީ ގޫތު ވެރިންގެ އަނިޔާވެރިކަން އެތައް އަހަރެއްވާންދެން ތަހައްމަލުކޮށްފައި. އެންމެފަހުން އެމީހުންނަށް މަޖުބޫރުކުރީ ނަސާރާއީ ދީނަށް ވަންނަން ނޫނީ ގައުމުދޫކޮށް ދާން. ބައެއްމީހުން ދިޔައީ. އަނެއް ބަޔަކު އީސާއީ ދީނަށް ބޭރުފުށުން ވަދެގެން ތިބެ ރަސްކަން ވައްޓަން ސިއްރިއްޔާތުގައި މަސައްކަތް ފެށީ. އަޅުގަނޑުވެސް ކޮންމެހެން އޮޅުވާލާކަށް ނެތިން. އަޅުގަނޑަކީވެސް އެގޮތަށް ބޭރުފުށުން ދީނަށް ވަން އެކަކު. ކައުންޓް ޖޫލިއަންއާއެކު އެތައް އަހަރު ހޭދަކުރިއިރު އޭނަވެސް ހީކުރެއްވީ އަޅުގަނޑަކީ އީސާއީއެއްކަމަށް، އެކަމަކު އަޅުގަނޑު ކާބަފައިންގެ ދީންމަތީގައި ހުރީ. އަޅުގަނޑު ގަބޫލުކުރިގޮތުން އިސް ފާދިރީއަށްވެސް ޔައުގޫބަކީ ޔަހޫދީ ލީޑަރެއްކަމާއި އަަޅުގަނޑުމެން ޖަމާއަތުގެ އެންމެ މުއްސަދި އެކަކުކަން އެނގިލައްވާނެ. އަދިއޭނަވެސް ބޭރުފުށުން އީސާއީ ދީނަށްވަދެ އަދި ރަސްކަމުގެ ދީވާނާއި ހަމަޔަށްގޮސް މަރުހޫމް ވިޓިޒާއަށް ޚިދުމަތް ކުރި. ވިޓިޒާގެ ރަސްކަން ކުއްލިއަކަށް ނިމުމަކަށް ނައިނަމަ ޔަހޫދީންނަށް ދިމާވެފައިވާ އަނިޔާތައް ނިމުމަކަށް ގެނައުމުގައި ކާމިޔާބު ކުރެވޭނެ."
"ލުދްރީކް ރަސްކަމަށް އެރިއިރު އަޅުގަނޑުމެންގެ އަމަލުތައް ހުރީ މާޒީގައި އޮތްފަދައިން. އަޅުގަނޑުމެން ސިއްރު ބައްދަލުވުންތައް ބާއްވާ ފަންޑުކުރަުން ދިޔައީ އެ އަނިޔާވެރި ރަސްކަން ވައްޓައިލާ ހުރިހާ ތާއީދެއް ނައްތައިލަން. ހުރިހާ މަސައްކަތެއްކުރީ ސަރުކާރަށް އުދަގޫކޮށް ޖެނެރަލުންނާއި އިސްވެރިން ރުޅި އަރުވައިލަން. އެކަމަކު އެކަން ފައުޅުގައި ކުރެވެން ނެތީމަ ސިއްރުން މަސައްކަތް ކުރީ. ދެން މިހާރު މިދަނީ އަޅުގަނޑުމެންގެ އަސްލު ވާހަކައާއި ހަމަޔަށް......"
"އަޅުގަނޑު އީސާއީއަކަށްވުމަށް ފަހު ގައުމުން ބޭރަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނު..ދިހަ އަހަރުކުރިން އަޅުގަނޑު ސަބްތާއަށް ދަތުރުކުރިން. އަދި ކައުންޓް ޖޫލިއަންއާއި ދިމާވި. އެންމެ ވަގުތެއްވެސް ބޭކާރު ނުކޮށް އޭނަގެ އިތުބާރު ހޯދިން. އަދި އެއަށްފަހު އެގެއަށް ގިނަގިނައިން ޒިޔާރަތް ކުރިން. އެ އާއިލާގެ މެމްބަރެއްފަދައިން އެގެއަށް ވަދެ ނިކުމެ އުޅުމުގެ ހުއްދަ އޮތް. އޭނަގެ ތިބީ ތިން ކުދިން. ފްލޮރިންޑާއާއި މޭރީ އަދި ތޯމަސް. އޭރު ޔަހޫދީންގެ މައްޗަށް ގޫތުންގެ އަނިޔާވެރިކަން އިންތިހާއަށް ދިޔަ.އަޅުގަނޑުމެންނަށް އިރުޝާދު ލިބުނީ ގޫތުންގެ ފަރާތުން ބަދަލު ހިފުނުގޮތަކަށް އެކަން ކުރަން. އަޅުގަނޑު ގަސްތުކުރީ ޖޫލިއަންގެ ފަރާތުން އޭނައަށް އެންމެ އަގުހުރި އެއްޗެއް ޖަހައިގަންނަން. އޭނަގެ ހުރި އެންމެ ފިރިހެން ދަރިފުޅު ތޯމަސް. އަޅުގަނޑަކަށް އެކުއްޖާ މަރައިލާކަށް ނުކެރުނު. އެހެންވެ މަކަރާއި ހީލަތުން އެކުއްޖާ ގޮވައިގެން އަޅުގަނޑު ކުރި ދަތުރުގައި ބަރުބަރުންގެ މީހަކަށް ވިއްކައިލީ. އެކުއްޖާ ލިބުނީ ކޮންތާކުން ކަމެއް އަޅުގަނޑު އޭނަ ކައިރިއަކު ނުބުނަން. އޭނަ ތޯމަސް އަމިއްލަ ދަރިއެއްހެން ބަލާ ބޮޑުކުރީ. ތޯމަސްއަށް ހަގީގީ ބައްޕައަކީ ކާކުކަން ނޭގި ބޮޑުވީ.އޭނައަކީ ކާކުކަން އެނގުނީ ހަމައެކަނި އަޅުގަނޑަށް. އޭނަގެ ރީތިކަމުން އެމީހުން ދިން ނަމަކީ ޔޫސުފް...ކަލޭގެފާނުގެ ކުރިމަތީގައި ހުރި ޒުވާނާއަކީ އެއީ. މިހާރު ކައުންޓް ޖޫލިއަން ގޫތުންނާއި ދެކޮޅަށް ހަގުރާމަކޮށް އިދިކޮޅު ދުޝްމިނުންނަށް ނަސްރު ހޯދުމުގައި އެހީތެރިވެ އޭނަވެސް ވަނީ އަދުއްވެއްގެ ބަދަލުގައި އެކުވެރިއަކަށްވެފައި. އެހެންވެ މި ސިއްރު ފައުޅުކުރަން ޖެހުނީ........."
***
ސުލެއިމާން ވާހަކަދައްކަމުން ދިޔައިރު ޖޫލިއަންގެ އިތުރުން އެންމެންވެސް އޭނައަށް ބަލަހައްޓައިގެން ތިބީ ގަބޫލުުކުރަން ދަތި ނަޒަރަކުންނެވެ. ޖޫލިއަންއަށް މިފެންނަނީ ހުވަފެނެއްބާވައޭ ހިތަށް އެރިއެވެ. އޭނަގެ ހިތް ބާރަށް ތެޅެމުންދިޔުމާއެކު ވަށައިގެން ބަލައިލެވުނީ ޔޫސުފް ދުށުމަށް އެދިއެވެ. އޭރު އިރުވެސް އޮއްސެން ކައިރިވެ ފޭލިގެތެރެއަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. ތާރިގުއަށްވެސް އޭނަގެ ލޯފުޅުމަތިން ވިލާތައް ކެހިގެން ދިޔަހެން ހީފުޅުވިއެވެ. ޔޫސުފްގެ އަސްލުވެސް އެނގިވަޑައިގެންފިއެވެ.
"ޔޫސުފް..."ތާރިގު ބާރު އަޑުފުޅަކުން ވިދާޅުވިއެވެ.
އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ. ދެން ފެނުނީ ފޭލިގޭގެ ފޮތިގަނޑު ދުރުކޮށްލާފައި ކަނޑިއެއް ހިފައިގެން ވަނެވެ. ސުލެއިމާނަށް އޭނަ ފެނުމާއެކު ކޮޅަށް ތެދުވެވިއްޖެއެވެ. އެކަމަކު ބުނާނެ އެއްޗެއްވެސް ނޭގުނެވެ.
"ތޯމަސް. ތޯމަސް...."ސުލެއިމާން އެ ދިމާލަށް ދިޔައެވެ. އޭނައާއި ދިމާލަށް ސުލެއިމާން އައިގޮތުން ޔޫސުފް ކަނޑީގައި ހިފާލީ ހަމަލާއެއް ދެންމެ ދެންމެ ދީފާނެއޭ ހީވާފަދަ ގޮތަކަށެވެ. ސުލެއިމާން ޔޫސުުފްގެ ދިމާ ކުރިމަތީގައި ހުއްޓުނެވެ.
"މިތަނަށް އާދޭ ޔޫސުފް. އަދި ކައުންޓް ޖޫލިއަންގެ އަތުގައި ބޮސްދީ. އޭނައަކީ ޔޫސުފްގެ ބައްޕަ......"
ޔޫސުފްއަށް ކުއްލި ހުއްޓުމެއް އެރިއެވެ. ހީކުރީ ސުލެއިމާން ނުބައި ސަމާސާއެއްކުރީ ކަމުގައެވެ. ކައުންޓް ޖޫލިއަން އޭނަގެ ބައްޕައަށް ވާންވީ ކިހިނެއް ހެއްޔެވެ؟ތާރިގުވެސް އޭނަގެ ކައިރިއަށް ވަޑައިގަތެވެ.
"އަލްހަމްދުލިﷲ. އެންމެފަހުން ބައްޕައާއި ދިމާވީ....."
"ކައުންޓް ޖޫލިއަންއަކީ އަޅުގަނޑުގެ ބައްޕަ އަދި ފްލޮރިންޑާއަކީ އަޅުގަނޑުގެ ކޮއްކޮ؟ އެމީހުންނާއި އަޅުގަނޑު ތިމާގެ ވާންވީ ކީއްވެތަ؟ " ޔޫސުފް ސުވާލުކުރިއެވެ.
އެހުރިހާ ވާހަކައެއް ދެކެވުނުއިރު ކައުންޓް ޖޫލިއަން ޔޫސުފްގެ ކުރިމަތީގައި އެމޫނަށް ބަލަން ހުއްޓެވެ. އޮއްސެމުން ދިޔަ އިރުގެ ފަނޑު އަލިކަމުގެ ތެރެއިންނެވެ. ޖޫލިއަންއަށް ބައްތިއެއް ގެނެސް ދިނުމުން ފަރުވާތެރިކަމާއެކު ޔޫސުފްގެ ސިފަތަކަށް ބެލިއެވެ. އޭނަގެ ސިކުނޑީގައި ތަތްގަނޑު ޖެހިފައިވާ ދަރިފުޅުގެ މޫނުގެ ސިފަތައް ދެނެގަންނާކަށް އުދަގުލެއްނުވިއެވެ. ކުއްލިއަކަށް ލޯތްބާއި ކުލުނުން ހިތް ފުރިގެން ބަންޑުންވުމާއެކު ޔޫސުފް ގެނެސް މޭގައި ޖައްސާލުމާއެކު ބާރަށް ބައްދައިލެވުނުގޮތަށް އެކުއްޖާގެ ހަށިގަނޑުގެ މީރުވަސް ނޭފަތުގައި ހަރުލިއެވެ. ޖޫލިއަންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހެމުން ދިޔައެވެ. އެންމެންވެސް މި އާދަޔާ ޚިލާފު މަންޒަރުދެކެން ހިމޭނުން ތިއްބެވެ. އޭނައަށް ހުވަފެނެއް ފެންނަނީ ނޫންކަން ޔަގީންވާން ޔޫސުފަށް ހިދުކޮޅެއް ނެގިއެވެ. ބައްޕަގެ އަތުގައި ބޮސްދީފައި އޭނަ އެތާހުރީ ގަނޑުވެފައިވާ މީހެއް ފަދައިން ހިމޭނުންނެވެ.
އެންމެންވެސް އެކަމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ބައްޕަގެ ކަނޑީގެ ހަމަލާއިން ޔޫސުފް ސަލާމަތްވީތީ އެންމެންވެސް މާތްﷲއަށް ހަމްދުކުރިއެވެ. އެކަމުގެ ޝުކުރުހުރީ ސުލެއިމާންއަށެވެ. އޮޕާސް އަދިވެސް ހުރީ އެ ފޭލިގެއަށް ގެނެވުނުއިރު ހުރި ހާލަތުގައެވެ. އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ.
"އަޅުގަނޑުމެންގެ ސާހިބާ ޒިޔާދު ބިން ތާރިގު އަޅުގަނޑުމެންގެ ދަރިފުޅު ފްލޮރިންޑާ އާއިލާއާއި ބައްދަލުކުރަން މިތަނަށް ގެނެސްދެއްވަފާނަންތޯ؟ "އޮޕާސް އެދުނެވެ.
"އެކުއްޖާ ކޮބާތަ ޔޫސުފް.." ތާރިގު އެއްސެވިއެވެ.
"އަޅުގަނޑުގެ ފޭލިގޭގައި...." ޔޫސުފް ބުންޏެވެ.
ތާރިގުގެ އަމުރުފުޅުކުރެއްވީ ފްލޮރިންޑާ އެ ފޭލިގެއަށް ގެނައުމަށެވެ.
ފްލޮރިންޑާ ޔޫސުފްގެ ފޭލިގެއަށް ގެންދެވުނުއިރު އެންމެ ކުރިން ހީކުރީ އެގެންދަނީ ބައްޕަގެ ފޭލިގެއަށް ކަމުގައެވެ. އޭނަ ގެނައި ހަގުރާމަވެރިން ގާތު ބައްޕަގެ ފޭލިގެއަށް ގެންދާން އެދުނަސް އެމީހުންނަށް އޭނަގެ ބަހުރުވަ ދޭހައެއްނުވިއެވެ. އެނގުނަސް އެމީހުންނަށް އެކުއްޖާ އެތަނުން ފޮނުވައިލެވޭކަށްވެސް ނޯންނާނެއެވެ. އެމީހުން އިޝާރާތުން އެންގީ އެތަނުގައި މަޑުކުރުމަށެވެ. ބޮޑުދައިތަގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އިހުސާސްވެސް ކުރެވުނެވެ. ޔޫސުފްއާއި މުސްލިމުންގެ ފަރާތުން ހިމާޔަތް ނޫނީ ނުލިބޭނެކަން އޭނައަށް ޔަގީންވިއެވެ.
ސުލެއިމާން ފެނުމާއެކު ފްލޮރިންޑާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"ބައްޕަ ކޮބާ؟ އަލްފަންސޫ ކޮބާ؟ " ފްލޮރިންޑާ ސުވާލުުކުރިއެވެ.
"ބައްޕަ މިހާރު ބައްދަލުކުރާނެ. އެކަމަކު މިހާރުން ފެށިގެން އަލްފަންސޫގެ މަތިން ހަދާން ނައްތައިލަން ޖެހެނީ. ގޫތުންގެ އަތްދަށުން ސަލާމަތްކުރި އަރަބި ސަވާރު ފްލޮރިންޑާ އޭނަގެ އަންބަކަށް ހެދުން ނޫން އިތުރު އެއްވެސް ކޮޅެއް ނުދެއްކި......." ސުލެއިމާން ހެމުން ބުނެލައިފިއެވެ.
ފްލޮރިންޑާ ހުއްޓުން އަރާފައި ހުއްޓެވެ.
"ބައްޕަ އެކަމަށް އެއްބަސްވިތަ؟ " އޭނަ ސުވާލުކުރިއެވެ.
"ބައްޕައަށް ކޮށްދެވޭނީ ކޮންކަމެއް؟ "
"އާލްފްއޯ؟ އަހަރެން އެއްވެސް އިތުރު މީހަކާއި ގަބޫލެއްނުވާނަން.ސުލެއިމާން. އަހަންނަށް ހީވަނީ ތި ސަމާސާކޮށްލަނީހެން......"
"އަހަންނާއެކު ހިނގާ....." ސުލެއިމާން ބުނެލިއެވެ. "އޭރުން މިބުނާ ޅަ ޒުވާނާއަކީ ބައްޕައަށްޓަކާ ކިހާވަރެއްގެ މީހެއްކަން އެނގޭނެ...."
ފްލޮރިންޑާއާއި ބޮޑުދައިތަ ބާބަރާ ސުލެއިމާންއާއިއެކު ތާރިގުގެ ފޭލިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެތެރެއަށް ވަދެފައި އޭނަ އެންމެންގާތު އެދުނީ ހިމޭނުން ތިބުމަށެވެ. ފްލޮރިންޑާއަށް އޭނަގެ ބައްޕަ ފެނުމުން ހިތަށް ލިބުނު އުފާވެރިކަމާއެކު ކުރިއަށް ފިޔަވަޅެއް އެޅިތަނާ ސުލެއިމާން ޔޫސުފް އަތުގައި ހިފާ ގެނައެވެ.
"ޔޫސުފް..ފްލޮރިންޑާއަށް ބޮސްދީ......" ސުލެއިމާން ބުނެލިއެވެ. ފްލޮރިންޑާއަށް ލިބުނު ސިހުމާއެކު ފަހަތަށް ޖެހިލެވުނުތަނާ އޭނަގެ ބައްޕަވެސް އެދުނީ ފްލޮރިންޑާ ގާތު ހަމަ އެފަދައިންނެވެ. ބައްޕަ އެހެން ބުނުމުން އޭނަ ނިންމީ ޔޫސުފްގެ ހުށަހެޅުން ގަބޫލުކޮށްގެން ބައްޕަ ޔޫސުފް އޭނަގެ ފިރިޔަކަށް ހަދަން އުޅެނީކަމުގައެވެ. ލިބުނު ހިތާމައާއި ޝޮކްގެ ސަބަބުން އަނެއްފަރާތަށް އެނބުރުމާއެކު ލޮލުން ކަރުނަ އޮހިގެންފިއެވެ.
"ނޫން ނޫން..އަޅުގަނޑު ތިކަމަކަަށް ބޭނުމެއްނޫން......"
ޖޫލިއަން އޭނަގެ ގާތަށް ގޮސް ބައްދައިލީ ކަނައަތުންނެވެ. ފްލޮރިންޑާ ބައްޕަގެ އަތަށް ބޮސްދިނުމުން އޭނަވެސް ދަރިފުޅުގެ އަތްތިލައިގާ ބޮސްދިނެވެ. އަދި ވައަތުން ޔޫސުފް ގެނެސް މޭގައި ޖައްސައިލަމުން އެއަތަށްވެސް ބޮސްދިނެވެ.
"ފްލޮރިންޑާ. މިއީ ދަރިފުޅުގެ ބޭބެ. ތޯމަސް. ދިހަ އަހަރު ކުރިން ގެއްލުނު ކުއްޖާ....." ޖޫލިއަން ތައާރަފުކޮށްދިނެވެ. ފްލޮރިންޑާ ކުޑައިރު އަބަދުވެސް އެވާހަކަ އަހާ އުޅުނެވެ. ތޯމަސްކިޔާ ބޭބެ ގެއްލުމަށްފަހު އޭނަ ފެނިދާނެކަމުގެ ހުރިހާ އުއްމީދެއް ގެއްލި އެ ހަދާންތައް މާޒީއާއެކު ވަޅުލެވުނެވެ. ޔޫސުފްއަކީ އެ ބޭބެކަމުގައި ބުނުމުން ފްލޮރިންޑާ ފަރުވާތެރިކަމާއެކު ބެލުމުންވެސް އެކަން ޔަގީނެއް ނުކުރެވުނެވެ. އަދި އެ އަތްތިލައަށް ބޮސްދޭންވެސް ލަދުގަތެވެ. ޔޫސުފްއަށްވެސް ވީ އެފަދަ ގޮތެކެވެ.އެވަގުތު ކުއްލިއަކަށް އޮޕާސް ގޮވާލިއެވެ.
"ފްލޮރިންޑާ....."
އެ ޚާއްސަ އަޑު މިތަނުން އިވިދާނެކަމަށް ހިތަށްވެސް އަރާފައި ނުވާތީ ފްލޮރިންޑާއަށް ހައިރާންކަމާއެކު އަޑުއައި ދިމާލަށް ބަލައިލެވިއްޖެއެވެ. އޭނައަށް އޮޕާސް ފެނުމާއެކު އަވަސްވެގަނެގެން ގޮސް ގުދުވެ އެ އަތްތިލައަށް ބޮސްދިނެވެ. އަނގައިން ނުބުނިކަމުގައިވެސް ފްލޮރިންޑާގެ ލޮލުން ހުރިހާ ޝުއޫރުތަކެއް ފެންނާން ހުއްޓެވެ.
އޮޕާސް އޭނަގެ ރުހުން ދިނެވެ.
"އަހަރެމެން މާތް ރަސްކަލާނގެއަށް ޝުކުރުވެރިވަން ސަލާމަތްކޮށްދެއްވިކަމަށްޓަކާ އަދި އެތައް ޒަމާނަކަށް ގެއްލިފައިވި ބޭބެ ފެނުނީތީ. އަހަރެމެން އޭނައަށްވެސް ތައުރީފުކުރަން އަލްފަންސޫއާއި ދެކުދިން އަނެއްކާވެސް އެއްތަންކޮށްދިން ކަމަށްޓަކާ. އަދި ޝައިތާނީ ވަކިތަކުން ސަލާމަތްކޮށްދިނީތީ....."
"ބޮޑުބޭބޭ...." އޮޕާސްބުނި އެއްޗެއްގެ ރައްދުގައި އަލްފަންސޫ ދެންނެވިއެވެ." ފްލޮރިންޑާ ސަލާމަތްކޮށްދިންކަމުގެ ޝުކުރު ހުރީ ހަމައެކަނި ބޮޑުބޭބެއަކަށް ނޫންތޯ؟ ބޮޑުބޭބެގެ ދުޢާތަކުގެ ސަބަބުން މާތް ރަސްކަލާނގެ ނިއުމަތް މި ދެއްވީ..."
އެހިސާބަށް ބުނެވުނުއިރު އަލްފަންސޫގެ އަޑު ކުރެހިއްޖެއެވެ.
"އަހަންނަށް އަހަރެންގެ އުއްމީދުތަކަށް ވާސިލު ވެވުނުނަމަ.."އޮޕާސް ބުނެލިއެވެ."އެކަމަކު އޭރުން ޔޫސުފްއަށް އޭނަގެ ބައްޕައާއި ބައްދަލެއް ނުވެވުނީސް. އަދި އާލްފްގެ ފިއާންސޭއާއި ދިމާ ނުވީސް. އިންސާނާ އަބަދުވެސް އުޅޭނީ ކޮންމެވެސް ދިމާލަކަށް ދާން އެކަމަކު މާތް ރަސްކަލާނގެ އަދި އެހެން ރޭއްވެވުމެއް އޮންނާނީ.މިއީ އެފަރާތުގެ އިރާދަ. އެހެންވީމަ ދިމާވި ކަންތައްތަކަށް ޝުކުރުކުރަން ޖެހޭނީ........" އޮޕާސްގެ ވާހަކަ އެހިސާބަށް ދިޔައިރު ބާބަރާވެސް ފޭލިގެއަށް ވަދެއްޖެއެވެ.
އޭރު ބާބަރާއަށްވެސް ޔޫސުފް ގެ ޚަބަރު އެނގި އޭނަ ހުރިތަނެއް ހޯދުމަށް ވަށައިގެން ނަޒަރު ހިންގާލައިފިއެވެ. ޔޫސުފް ފެނުމާއެކު ގެނެސް މޭގައި ޖައްސައިލިގޮތަށް އެތަން މިތާ ބޮސްދެމުން ވަސްގަންނަމުން ދިޔަގޮތުން ޔޫސުފް ނޭވާ ހާސްވާވަރުކޮށްލިއެވެ. އެއަށްފަހު ޖޫލިއަންއާއި އާލްފްއަށް ސަލާމްކުރުމަށްފަހު އޮޕާސްގެ އަތްތިލައަށް ބޮސްދިނެވެ.
"އަދި އެންމެ ކަމެއް ނިންނަން އަޅުގަނޑުމެން އެބަ ޖެހޭ. އޭރުން އުފާވެރިކަން ފުރިހަމަވާނީ. ކަލޭގެފާނަށް އެކަނި އެކަންތައް ކޮށްދެވެންއޮތީ....."
ތިޔަ ބުނަނީ އަލްފަންސޫއާއި ފްލޮރިންޑާގެ ކައިވެނީގެ ވާހަކަހެން ހީވޭ. އަހަންނަށްވެސް ހީވަނީ ތިކަންތައް އަހަންނަށް އެކަނިހެން ފުރިހަމަކޮށްދެވޭނީ. ސަބަބަކީ އެކުދިން އެންގޭޖްކޮށްދިން މީހަކީވެސް އަހަރެން ކަމަށްވާތީ..." އޮޕާސް ދެންނެވިއެވެ." މާދަން ހަވީރު ކައިވެނީގެ ރަސްމިއްޔާތު ބާއްވާނީ...."
އެވަގުތު ތާރިގު ބިން ޒިޔާދުވެސް ތެދުވެ ވަޑައިގެންފިއެވެ.
"މިހުރިހާ އުފާވެރިކަމް އަޅުގަނޑުމެންގެ ފަތަހައާއި ނަސްރުގެ ދުވަހު ލިބުނީމަ އިތުރު އުފާވެރިކަމެއް ހިތަށް ލިބިއްޖެ. މިއަދުން ފެށިގެން ތި އެންމެ ފަރާތްތަށް ވާނީ އަޅުގަނޑުގެ ފުރިހަމަ ހިމާޔަތުގައި. ބޭނުން ކޮންމެ ތަނެއްގައި އަމާންކަމާއި ރައްކާތެރިކަމާއެކު އިއްޒަތް ލިބިގެން އުޅެންވީ ހަމަ. ހަމައެކަނި ތި ފަރާތްތަކެއް ނޫން ތިޔަ ބޭކަލުން ބޭނުންވާ ބަޔަކުވެސް މީހައި ޝާމިލްވާނެ...."
އެންމެން އެކި ވާހަކަތަކުގައި ތިބިއިރު އާލްފްއާއި ފްލޮރިންޑާގެ ލޯތައް ގުޅި އެންމެ ފަހަރަކުވެސް ކައްސައެއްނުލައެވެ. ދެމީހުންގެ ލޮލުގެ ބަސްމޮށުމުން ދެކެވުނު ވާހަކަތައް އެހެން މީހަކަށް ނޭގޭނެއެވެ. އޭރު ރޭގަނޑުގެ ބޮޑުބައެއް ފާއިތުވެގެން ހިގައްޖެއެވެ.
"ނިދާގަޑި ޖެހުނީ. އަހަރެމެން ދުވަސް ވޭތުވެގެން ދިޔަގޮތުން އަރާމުކުރަން ޖެހޭނެ...."ކައުންޓް ޖޫލިއަން ބުނެލިއެވެ. ޖޫލިއަންއާއެކު އޮޕާސް އަލްފަންސޫ ޔޫސުފް އަދި ފްލޮރިންޑާވެސް އެފޭލިގެއިން ނުކުތީ ނިދަން ދިޔުމަށެވެ. އެވަގުތު އަލްފަންސޫ ޔައުގޫބުގެ މަތިން ހަދާންވެ އޭނަ ނުފެނިގެން ހޯދިއެވެ. އަލްފަންސޫ ނިންމީ ޔައުގޫބު އެހެން ފޭލިގެއަކަށް ނިދަން ދިޔައީ ކަމުގައެވެ.
މުސްލިމުންގެ ތެރެއިން އެ ހަގުރާމައިގާ ތިންހާސް މުޖާހިދުން ޝަހީދުވިއެވެ. އެ ހިތްވަރުގަދަ ހަގުރާމަވެރިން ވަޅުލުމަށްފަހު ތާރިގު މޫސާބިން ނުސައިރުއަށް ސިޓީއެއް ފޮނުއްވިއެވެ.
***
އެދުވަހުގެ ކަންތައް ހިނގާ ދިޔަގޮތާއި ލިބުނު އުފާވެރިކަމާއި ހައިރާންކުރުވަނިވި ހާދިސާއާއި އެކި ކަންތައްތަކުގެ ސަބަބުން ރޭގަނޑުގެ ނިދި ލިބުނީ މަދު މީހަކަށެވެ. ހެދުނު އޮޕާސް ޖޫލިއަންއާއި ޔޫސުފް އަދި އަލްފަންސޫ ގޮވައިގެން މައިދާނަށް ދިޔައީ ހަގުރާމައިގާ މަރުވީ މީހުންނާއި ސަލާމަތްވީ ކިތައް މީހުންތޯ ބެލުމަށެވެ.ހުރިހާ ދިމާލަކުން ފެނުނީ މަރުވެފައިވާ ހަށިތައް ފުނިޖެހިފައި ހުރިތަނެވެ. އެމީހުން ދަންނަ އެތައް ކޮމާންޑަރުން މަރުވެފައިވާތަން ފެނުނެވެ.އޭގެ ތެރޭގައި ކޮމާންޑަރ ކޫމިސް ފެނުމުން ވަކިން ބޮޑަށް ހިތާމަކުރިއެވެ. ރަސްގެފާނުގެ ފޭލިގެ ކައިރިން ފާދިރީމާޓިންގެ ހަށިގަނޑުވެސް ފެނުނެވެ. އޮޕާސް އޭނައާއި ދިމާލަށް ބަލައިލަންވެސް ބޭނުމެއްނުވިއެވެ. އޭނަ ތާރިގުއާއި ބައްދަލުކޮށް ހަށިތައް ވަޅުލާ ޖަނާޒާގެ ހުއްދައަށް އެދުނެވެ.
ތާރިގު އެކަމަށް ހުއްދަ ދެއްވިއެވެ.
މަރުވެފައިވާ މީހުން ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފްލޮރިންޑާ އޮޕާސް ގާތުގައި އަޖިއްލާއާއި ޗަންޓިއްލާ އަދި ޝޭޚުގެ އާއިލާގެ ވާހަކަ ދެންނެވިއެވެ. އަދި ހެޔޮ ދުއާކޮށްދިނުމަށްވެސް އެދުނެވެ. އޮޕާސް އެމީހުންނާއިމެދު އިންތިހާއަށް ހިތާމަކޮށް އެހަށިތައްވެސް ވަޅުލިއެވެ. އަދި ޝޭޚާއި އޭނަގެ ފިރިހެންދަރިންތައް ފްލޮރިންޑާގެ ދިފާއުގައި ހަގުރާމަކުރި ވާހަކަ އިވި އެމީހުންނަށް ހެޔޮކޮށް ހިތުމަށް ތާރިގު އަރިހުން އޮޕާސް އެދުނެވެ.
އިރުއޮއްސުނުއިރު ކައުންޓް ޖޫލިއަންގެ ފޭލިގެ ޒީނަތްތެރިކުރެވިފައިވަނީ އަލްފަންސޫއާއި ފްލޮރިންޑާގެ ކައިވެންޏަށެވެ.
ނުނިމޭ