"ތާރިގު. އިތުބާރުކުރަން. ހަގުރާމަވެރިންނަށް އޮތީ ދެގޮތުން އެއްގޮތް. އެހެންޏާ ފަތަހަ ނޫނީ ޝަހީދުވުން. ޝަހީދުވުމަށްވުރެ ބޭނުން އެހެން ކަމެއްނެތް.." އުމަރުގެ މޫނުމަތީގައި ދާތިކިތައް ގިނަވެ ވަރުބަލިކަން އިހުސާސްވީއިރުވެސް ތުންފަތުގައިވާ ހިނިތުންވުން ރަމްޒުކޮށްދެނީ އުފާވެރިކަމެވެ. އުމަރު މަޑުމަޑުން ޝަހާދަތް ކިޔަމުން ދިޔައެވެ. މުޖާހިދުންނަކީ މަރުދެކެ ޖެހިލުންވާ ބަޔެއް ނޫނެވެ. އެއީ ދުނިޔަވީ ހަޔާތަށްވުރެ އާޚިރަތުގެ ދަރުމައާއި ނަސީބަށްޓަކާ ފެންބޮވައިގެންފައިވާ މާތް ބޭކަލުންނެވެ. ތާރިގު އުމަރުގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. އަދި ދެމީހުންވެގެން އުމަރު އަހަށް އެރުވުމަށްފަހު އެމީހުން ތިބި ޖަގަހައަށް އަލުން ދިޔައީ އުމަރުއަށް ފަރުވާދިނުމަށެވެ. އެކަންތައް ހަމަ ޖައްސަވާފައި ތާރިގު ފޭރޭމީހުން ހޯއްދަވަން ނުކުމެވަޑައިގަތީ ގިނިކަންޏާއެވެ.
"ހައްޔަ ހައްޔަ...." ތާރިގު އަހުގެ ލަނގަނަށް ދަންމަވާލެއްވިއެވެ.
އޭރު ފޭރޭމީހުންގެ ވެރިޔާ ރުޅިގަދަވެގެންގޮސް އަޑުގަދަކަމުން ހޮނުގުގުރިފަދައެވެ. ދެކޮޅަށް ހިނގަމުން ދިޔައރު ދެލޮލުން އަލިފާނުގެ ކަނިތައް ބުރާފަދައެވެ.
"ފިކުރަކާއި ވިސްނުމަކާނުލައި އެގޮތަށް ހަމަލާދީފައި އަދި ބިރުގެންފައިވާ މީދާތައް ފަދައިން ހަގުރާމައިގެ މައިދާން ދޫކޮށް ތިއައީ އެންމެ ތިން އަރަބިންނަށް ބިރުންތަ؟" ލީޑަރު އެތަނުން އެކަކުގެ ބަނޑަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިއެވެ. "އުދުހިފައި ދާ ދޫންޏަކަށް އަމާޒުކޮށް ތީރު ފޮނުވާފައި ވައްޓައިލާކަމަށް ދައުވާ ކުރާ މީހާއަށް ކިހިނެއްވީ؟ "
ކުއްލިއަކަށް އެކަކުގެ ވޭންދެނިވި ހަޅޭކުގެ އަޑު މުޅިތާ ގުގުމައިލުމުން އެންމެނަށް އަޑުއައި ދިމާލަށް ބަލައިލެވުނެވެ.
"އެތަނުން އެކަކު ހިލަގަނޑުމަތީގައި އެހެރީ..." ފޭރޭމީހަކު ބޮރުން ތުރުތުރު އަޅައިގަތެވެ. އޭރު އެމީހުންގެ ތެރެއިން އެކަކު ހިލަތަކުގެ މަތިން ތިރިއަށް ފުރޮޅާލައިގެން ވެއްޓެނީއެވެ.
"އަވަހަށް ރައްކާތެރިވޭ.." ލީޑަރު އަމުރުކުރިއެވެ. ހިމާޔަތް ހޯދަން އެކި ދިމާލަށް ދުއްވައިގަނެވުނެވެ.
"ސާހިބާ. އެހެރަ ތަނަށް ވަޑައިގަންނަވާ." ހަގުރާމަވެރިޔަކު ވެރިޔާ ރައްކާތެރިކުރަން އިސްކަން ދިނެވެ.
ލީޑަރު ރައްކާތެރި ހިސާބަކަށް ވަދެ ކަނޑި ނަގަމުން ވަށައިގެން ހޯދަންފެށިއެވެ. ކުއްލިއަކަށް ކުރިމަތިން ފެނުނު ހިތްވަރުގަދަ ހައިބަތު ހުރި ޒުވާން ހަގުރާމަވެރިޔާގެ ސަބަބުން އޭނަގެ ހިތަށް ފިނިވެ ބިރުވެރިކަން ވަދެއްޖެއެވެ.
"ތި ހޯދަނީ ކާކުތަ؟ " ޒިޔާދު އެއްސެވިއެވެ. އަދި ބިމަށް ވެއްޓިފައި އޮތް އޭނަގެ ދުނިދަޑި އަތަށް އެއްލާލަދިނެވެ. ގަންނާކުރެއްވި ބިރުން ދެލޯ މުދުނަށް އަރުވައިގެން ހުރެ އޭނަ ދުއްވައިގަތީ ދެފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. އަދި އެންމެ ކުރިން ޖެހުނު ހިލަގަނޑާއި ނިވާވެލިއެވެ. އެގޮތަށް އެތައް ހިލަގަނޑެއް ފަހަނަޅާ އަތު ނުޖެހޭ ހިސާބަށް ދުރަށް ދެވުނެވެ. އޭނަ ހިތުން ތާރިގު ބިން ޒިޔާދުގެ ފަރާތުން ރައްކާތެރިކަން ލިބި އޭނައަށް ފިލުމުގައި ކާމިޔާބުވެއްޖެއެވެ. ހިލަގަނޑެއްގެ ފުރަގަހަށްވަދެ ބޮދާ ހުރިއިރު އޭނަގެ ފައިގެ ކޮންމެވެސް ހިސާބެއް ހާމަޔަށް ހުރިކަމެއް ނޭގުނެވެ. ކުއްލިއަކަށް ދުންޏެއް ފަޔަށް ހެރުމާއެކު ހަޅޭއްލަވަމުން ފުންމަމުން އެނބުރެމުން ހުރިތަނުން ނުކުމެވުނެވެ. ތާރިގު ބިން ޒިޔާދު ދުނިދަނޑި ތިރިކޮށްލެއްވިއެވެ.
ޒިޔާދު ބިން ތާރިގު ޖަގަހައިގެ ވެރިމީހާއާއި ވާހަކަފުޅު ދައްކަވަން ހުންނެވިއެވެ.
"އަހަންނަކީ ގަވަރުނަރު މޫސާބިން ނުސައިރުގެ ކޮމާންޑަރެއް. އުމަރުއަށް ރަގަޅަށް ބޭސްކުރުވާ އަދި އަހަރެން ހައްޔަރުކުރި މި މަގުފޭރޭމީހުންތައް ގަވަރުނަރު އަރިހަށް ކައިރަވާންއަށް އަވަހަށް ފޮނުވާދީ...."
ތާރިގު ދެން ވަޑަިއގަތީ އެކުވެރިޔާގެ ކައިރިއަށެވެ. އޭނަގެ ބުރަކަށިން ތީރު ނަގާފައި ބޭސްގަނޑު އަޅާފައި އޮތެވެ. ގިނަ އަދަދަކަށް ލޭ ފޭބުމުގެ ސަބަބުން ހާލު ރަގަޅެއް ނޫނެވެ.
"މަގޭ އަޚާ. ދެރަނުވައްޗޭ. ﷲގެ އިރާދަފުޅާއެކު ޝިފާ ލިބޭނެ."
"ހިތަށް އަރާ އަޅުގަނޑުމެން ފޮނުއްވި މަގުސަދު އަވަހަށް ހާސިލު ވާނެ ނަމައޭ. އަޅުގަނޑާއިހެދި ލަސް އެބަވޭ. އަވަހަށް ދަތުރުކުރައްވާ."
"މާތްﷲ ރަހުމަތްލައްވާނެ...." ތާރިގު ވަދާއީ ސަލާމްކުރައްވާފައި ދަތުރުފުޅަށް ނުކުމެވަޑައިގަތެވެ.
ފަރުބަދަތަކާއި ވާދީތަކާއި ޖަންގަލިތައް ހުރަސްކޮށް އެދެބޭކަލުން ދަތުރުކުރައްވަމުން ގެންދެވިއެވެ. ރޭގަނޑާއި ދުވާލުގައެވެ. ވާރެއައި އަވީގައެވެ. ނަމާދުކުރަން ނޫނީ ކެއުންފަދަ ކަމަކަށް ހުއްޓާލިޔަސް ގިނަ ވަގުތު ދަނީ ދަތުރުގައެވެ.
"ފަންސާސް ދުވަސް ފާއިތުވެގެން މިދިޔައީ. އަޅުގަނޑަށް ހީވާގޮތުން ﷲގެ ވާގިފުޅާއެކު ދަތުރުގައި ބާކީ ދެ ދުވަސް އޮތީ. ކޮމާންޑަރު....................." ހަމްޒާ ބުނެލިއެވެ.
"ހަމްޒާ ނުބުނަންތަ ސާޅީހަކަށް ދުވަހޭ ވާނީ. އަހަރެން ބުނި ހަދާނެއްވޭ ދަތުރުގެ ދިގު މިން ބިނާވަނީ އާރުކާޓީގެ މައްޗަށޭ" ތާރިގު ހިނިފުޅު ވަޑުވައިލެއްވިއެވެ.
"ދަރިފުޅާ ތިޔަ ވިދާޅުވީ ތެދުފުޅެއް. އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގައި ދަބަރުޖަހާފައި ހުރެދާނެކަމުގެ ބިރުވެރިކަން އެބައޮތް......" ހަމްޒާވެސް ސަމާސާކޮށްލިއެވެ.
***
ކައިރަވާންގައި މޫސާ ބިން ނުސައިރު ހުންނަވާ ގަނޑުވަރުގެ ބަގީޗާތެރޭ އޭނަ ހުންނެވީ ފޮޅިފައިވާ ފިނިފެންމާތަކުގެ މީރުވަހުން ހިތްހަމަޖެހުން ހޯއްދެވުމަށެވެ. ފެހިކަންގަދަ ވިނަތަކާއި ގަސްތަކުގެ ތެރޭ ރަތް ފިނިފެންމާ ފޮޅިފައިވާއިރު އާޝޯޚުވާހާ ފުރިހަމައެވެ. ފިނިފެންމާ ގަސްބޮނޑިތަކާއި ކައިރީގައި ހުރި ވައިލެޓްމަލުގެ ރީތިކަންވެސް ވަކި ކުޑައެއް ނޫނެވެ. ކޮކާތަކާއި މާބުރުތައް މާމެލާމެލިން އުފާ ލިބިގަންނަމުން ދަތުކުރުކުރިއެވެ. ދޫނިތައް ލަވަ ކިޔާ އަޑު ދޭތެރެއަކުން އިވިލަނީ ހިތްތަކަށް އުފާވެރިކަން ގެންނަމުންނެވެ.
"ސަބާހުލް ޚައިރު ބައްޕާ......" މޫސާ ބިން ނުސައިރުގެ ދަރިފުޅު ޒަހުރާ ބައްޕަ ކައިރިއަށް އައެވެ.
ފެހިކުލައިގެ ދިގު ހެދުމަކާއި ރަންކުލައަކަށްދާ ބުރުގާއެއްގައި ދަރިފުޅު ފެންނަލެއް މަލެއްފަދައެވެ. ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ފެނުމުން މޫސާބިން ނުސައިރު ގެ ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ހުއްޓުނެވެ. އޭރު އޭނަ ހުންނެވީ ގަހުން ބިންނެވި ފިނިފެންމަލުގައި ހިފަހައްޓަވައިގެންނެވެ.
"ދަރިފުޅު ޒަހުރާ ކިހިނެއްތަ؟ "
"އަލަހްމަދުލިﷲ. އަބަދު މިގޮތަށް ބަހާރުގެ ރީތިކަން އޮންނާނެނަމަ..."
"ދަރިފުޅާ. މިހުރިހާ މާތަކުން މީރު ހިތްގައިމު ވަސްތައް އެކި ދިމާލަށް ފަތުރަމުން އެގެންދަނީ. އެކަމަކު ދަރިފުޅުގެ ސަބަބުން އުފާވެރިކަން ބައްޕަގެ ރޫހަށް ފަތުރައިިލާ.. ހުރިހާ ޝުކުރެއް ހައްގުވަނީ އާލަމްތަކުގެ ވެރި މާތްﷲއަށް..............."
"އަޅުގަނޑު އެންމެ އުފާވަނީ ބައްޕަ އަބަދާއަބަދުހެން ހެއްދެވި ފަރާތަށް ޝުކުރުކުރާތީ"
"ބައްޕަ ޚާލިގުވަންތަ އެއްކައުވަންތަ ފަރާތަށް ޝުކުރު ނުކުރާންވީ ކީއްވެތަ؟ އެފަރާތުން ދެއްވި ގިނަ ގުނަ ނިއުމަތްތައް ގުނާ އަދަދުނުކުރެވޭ. މިއޮތްފަދަ ރީތި މަންޒަރުތަކަކީވެސް އެފަރާތުގެ ނިއުމަތެއް..ބައްޕަމެންނަށް މި ހަމަޖެހުމާއި އުފާވެރިކަން މި ހޯދައިގަނެވުނީ މުޅި އެފްރިކާގެ ބައްރުވެސް އިސްލާމްދީނުގެ ހިދާޔަތް ލިބުނީމަ. މާތްﷲއަށް ޝުކުރުހުރި........."
"ސާހިބާ......" ޚަބަރާއިގެން އައި މީހަކު ގޮވާލުމުން އެމީހާގެ ކައިރިއަށް ވަޑައިގެންނެވިއެވެ.
"ކިހިނެއްވީ؟ "މޫސާ އެއްސެވިއެވެ.
އޭނަ ބުނި އެއްޗަކުން މޫސާގެ އަތްޕުޅުގައި އޮތް މާ ދޫވިއެވެ. އެބުނި އެއްޗަކުން އޭނައަށް އަސަރުކޮށްފިކަން އެ އަމަލުން ބަޔާންކޮށްދިނެވެ. ޒަހުރާވެސް ހާސްކަމާއެކު ގޮނޑިއެއްގައި އިށީދެ ބައްޕައަށް އިންތިޒާރުކުރިއެވެ.
"ކިހިނެއްވީތޯ ބައްޕާ؟ ނުބައި ޚަބަރެއް ލިބިވަޑައިގެންނެވީތޯ؟
"ﷲ ފިޔަވާ އެއްވެސް ފަރާތަކަށް ވެރިކަމެއް އާރެއް ބާރެއްނެތް. ތާރިގުއާއެކު ދިމިޝްގަށް ދަތުުކުރި ހަގުރާމަވެރިޔާ ޝަހީދުވެއްޖެ....." މޫސާބިން ނުސައިރު ހިތާމަފުޅުކުރެއްވިއެވެ.
***
"ކައިރަވާން މަތިން ހަދާންވަނީ...."
"އަޅުގަނޑުވެސް. ދުރުގައި އުޅޭތާ ވަރަށް ޒަމާންވެއްޖެ.ﷲގެ އިރާދަފުޅާއެކު އަސުރުގެ ކުރިން ދެވޭނެ."
ދެބޭކަލުން މެދުނުކެނޑި ދަތުރުކުރައްވާފައި ކައިރަވާނާއި ހަމަޔަށް ފޯރިއެވެ. އެންމެ ކުރިން މިސްރާބު ޖެއްސެވީ މޫސާބިން ނުސައިރުގެ ގަނޑުވަރަށެވެ.
"އައްސަލާމް އަލައިކުމް....."
ވައަލައިކުމުއްސަލާމް ވަރަހުމަތުﷲ ވަބަރަކާތުހޫ.......ކޮބާތޯ ގަވަރުނަރު؟ " ޒިޔާދު ސުވާލުކުރެއްވިއެވެ.
"ގަބުރުސްތާނުގައިވީ.."
"ކިހިނެއްވީ؟" ތާރިގު އެއްސެވިއެވެ.
"އެއީ ތިޔަބޭފުޅާގެ އެހީތެރިޔާ އުމަރު.. ކޮމާންޑަރ. މާތްﷲ އޭނަގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވާށި."
ތާރިގު ބިން ޒިޔާދުއާއި ހަމްޒާއަށް ގަބުރުސްތާނަށް ފޯރިއިރު ކަށުނަމާދު ފަށަން ތައްޔާރުވަނީއެވެ. ޔޫސުފް ތާރިގުއާއި ސަލާމްކޮށްލިއިރު ލޮލުން ކަރުނަ އޮހެމުންދިޔައެވެ. އަބަދު އެކީގައި އުޅުނު ގާތްއެކުވެރިޔާގެ މަރު އެންމެންގެ ހިތްތައް ރޮއްވާލައިފިއެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ޒިޔާދު ބިން ތާރިގު އުމަރުގެ ކަށްވަޅަށް ފަސްއަަޅަމުން ދިޔައިރުވެސް ހިތްވަރުކުރެއްވިއެވެ. އެންމެ ފަހުން އެ މަސައްކަތުން ނިމިވަޑައިގެން ތެދުވެ މާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުންނަވަނިކޮށް އެ ސާފު ހުދު ލޯފުޅުން ކަރުނަތިކިތައް ފައިބާ ވާރެއާ އެކުވިއެވެ.
***
ކައުންޓް ޖޫލިއަންގެ އިތުބާރު ހޯއްދަވަން މޫސަ ކުރިމަތި ކުރެއްވި ޝަރުތު ފުރިހަމަ ކުރުމުން އޭނަ ޚަލީފާ ގާތު އެދިވަޑައިގެންނެވ އަންދަލުސްގެ އޮޕަރޭޝަން ފެއްޓެވުމަށް ހުއްދަ ދެއްވުމަށެވެ. ޚަލީފާ އަލްވަލީދު ހުންނެވީ މުސްލިމުން ކަނޑު ހުރަސްކޮށް ނުރައްކަލަށް ހުށަހަޅުއްވަން އެހާ ތައްޔާރަކަށް ނޫނެވެ. " ކުޑަ ޖަމާއަތެއް ފޮނުވާ. އޭރުން އެތާ ކަންތައް ހުރި މަގު ހަމަ ލޮލުން ދެކެލޭވެނެ. ބިރުވެރި ކަނޑެެއްގެ ނުރައްކަލަށް މުސްލިމުން އެއްލާނުލާ..."
ޚަލީފާ އެކުޑަ ކަނޑުއޮޅި ބިރުވެރި ކަނޑެއްގެ ގޮތުގައި ސިފަުރެއވްުމުން މޫސަ ހިނިފުޅުވެޑުވިއެވެ.
" އެއީ ހުޅިނަގާ ރާޅުތައް އަންނަ މާ ސިންގާ ކަނޑެއްނޫން. އެތަނުގައި ދަތުރުކުރާއިރު ގޮނޑުދޮށް ފެންނަން އޮވޭ..." މޫސަ ފަތްކޮޅެލިޔެ ޚަލީފާއަށް ފޮނުއްވިއެވެ.
"އެކަމަކުވެސް ތަނަކަށް ފުންމައިލުމުގެ ކުރިން އެތަނުގެ ހުރި ނުރައްކަލާއި ފުންކަމެއް ދެނެގަތުމުން ގެއްލުމެއްނުވާނެ.." ޚަލީފާ ބޭނުންފުޅުވީ ލަޝްކަރު ފޮނުވުމުގެ ކުރިން ޖަމާއަތެއް ފޮނުވާ ޖާސޫސުކޮށް މައުލޫމާތު އެއްކުރެއްވުމެވެ. ފަތްކޮޅު ފޮނުވުމުގައި އެތައް މަސްތަކެއް ނެގިއެވެ. ސަބަބަކީ ކައިރަވާންއާއި ދިމިޝްގާއި ދޭތެރޭގެ ރާސްތާއަކީ ހަތަރުހާސް މޭލުކަމުގައި ވުމެވެ. އެންމެ ފަހުން ޚަލީފާގެ ހުއްދައާއިއެކު މޫސާ މިނިވަން ކުރެއްވި އަޅެއްކަމުގައިވި ތަރީފް ބިން މާލިކު އަންދަލުސްއަށް ފޮނުއްވަން ނިންމެވިއެވެ. އެކަލޭގެފާނާއެކު ހަތަރުސަތޭކަ ހަގުރާމަވެރިން އަންދަލުސްއަށް ފުރާނެއެވެ.
***
އަންދަލުސްގެ ފަތަހައިގެ ބަތަލުންގެ ތެރޭ ހިމެނި ވަޑައިގަންނަވާ ތާރިގު ބިން ޒިޔާދާއި ތަރީފް ބިން މާލިކްއަކީ ވެސް ބަރުބަރުން ގެ ކޮމާންޑަރުންނެވެ. މުވައްޚިރުން ސިފަކުރަގޮތުން ދެ ބޭކަލުންނަކީވެސް މޫސާ ބިން ނުސައިރު މިނިވަންކުރެއްވި އަޅުންނެވެ. އަޅުންގެ ބާޒާރުން ގަތް އަޅުންގެ ގޮތުގައެއް ނޫނެވެ. އެއް އިރެއްގައި މޫސާބިން ނުސައިރު ކުރެއްވި ހަގުރާމައެއްގައި ހިފާ ހައްޔަރުކޮށް އަޅުންގެ ގޮތުގައި ތިއްބަވާ ނަސީބު ރަގަޅުކަމުން މިނިވަންކޮށް ދެއްވީއެވެ. އަދި އެއަށްވުރެ ނަސީބު ރަގަޅުވީ މުސްލިމް ލަޝްކަރުގެ ކޮމާންޑަރުކަން ވެސް ލިބި ވަޑައިގެންނެވުމުންނެވެ. އޭރު ހަގުރާމައިގެ ޣަނީމާގެ ތެރެއިން ބަޔެއް މުޖާހިދުންނަށް ލިބޭއިރު ފަސްބައި ކުޅަ އެއްބައި ލިބެނީ ޚަލީފާއަށެވެ. އެގޮތަށް ލިބޭ ބައި އަޅުންގެ ބާޒާރުގައި ވިއްކާލަނީއެވެ. ބައެއްފަހަރު މުސްލިމް ހަގުރާމަވެރިން ދުޝްމިނުންގެ އަތުގައި ހައްޔަރުވުމުން ދެފަރާތް އެއްބަސްވެ ހަގުރާމަވެރިން ބަދަލުކޮށްވެސް އުޅުނެވެ. އާއްމުކޮށް ހަގުރާމަތަކުގައި އެގޮތަށް ހައްޔަރުވާ ފަހުލަވާނުންނަކީ ނިކަން އަގުބޮޮޑު މީހެކެވެ. ތާޜިގުއާއި ތަރީފް މޫސާބިން ނުސައިރުގެ އަޅުންނަށް ވީ ކިހިނެއްކަން މުވައްޚިރުން ސީދަ ބުނެފައި ނެތަސް ބެލެވެނީ އެފްރިކާގެ ހަގުރާމައެއްގައި މޫސަގެ އަތްދަށުގައި ހައްޔަރުވީކަމަށެވެ. ކޮންމެ ގޮތަކަށް އެކަން ދިޔަ ނަމަވެސް އެދެބޭފުޅުންނަކީވެސް ބަރުބަރުންގެ ރަގަޅު ވަންހައަށް އުފަންވެވަޑައިގަތް ކުޅަދާނަ ފަހުލަވާނުންނެވެ. އަދި އަންދަލުސް ފަތަހައަށްފަހު އެތާ ދެމިއޮތް ތާރިގު ބިން ޒިޔާދުގެ ދަރިކޮޅުގެ މީހުން މޫސަ ބިން ނުސައިރުގެ އަޅެއްގެ ގޮޮތުގައި ތާރިގު ހުންނެވިކަމާއިމެދު ދެކޮޅުހަދައެވެ.
ތާރިގު ރަށްބޭރުގައި އޭނަގެ ލަޝްކަރަށް ތަމްރީނު ދެއްވުމުގައި އަވަދިނެތި އުޅުއްވިއެވެ. އެކަމުގައި އުޅުއްވަނިކޮށް އޭނައާއި ބައްދަލުކުރައްވަން ދެ ބޭކަލަކު ވަޑައިގަތެވެ. ތަރީފް ބިން މާލިކުއަކީ ތާރިގު ގެ އެކުވެރިއެކެވެ. ދެން ހުރީ އަންދަލުސްއަށް އުފަން މުސްލިމް ކިޔާ ހަގުރާމަވެރިއެކެވެ. ރަތްކުލައިގެ ދިގު ފަން އިސްތަށިގަނޑަކާއި ނޫ ލޮލެއްގެ ވެރިއެކެވެ. ސަލާމް ގޮވާ ހެއްދެވުމަށްފަހު ތަރީފު ތާރިގަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއައީ ވަދާއުގެ ސަލާމްކޮށްލަން. މިއުޅެނީ އަންދަލުސްގެ ހާލަތު ހުރިގޮތް ބަލަން އެތަނަށް ފުރަން.. އެމީހުން ވަަރަށް ޒަމާންވާންދެން އަނިޔާވެރިކަން ތަހައްމަލުކޮށްފި. މިހާރު އެކަންތައް ހައްދުން ނައްޓައިފި." ތަރީފު ވިދާޅުވިއެވެ.
"މާތްﷲ ކަލޭގެފާނުގެ މަސައްކަތުގައި ބަރަކާތް ލައްވާ ނަސްރު ދެއްވާށި. އަޅުގަނޑުވެސް ކަލޭގެފާނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރާނަން. ކުށެއް ކުރެވުނަސް އެކުށުން އަރައިގަނެ އަދި ހުރިހާ ކަމެއްގައި އެފަރާތުގެ މަދަދު ލިބިވަޑައިގަތުމަށް އެދެން. އިރާދަކުރެއްވިއްޔާ ދެން އެތަނަށް އަޅުގަނޑުމެން އެންމެން އެކީ....."
ތާރިގު ތަރީފުއާއި އަރިހުގައި އައި މުސްލިމްްއާއި ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކޮށްލެއްވިއެވެ.
***
އަންދަލުސްއާއި ދިމަލަށް ދަތުރުކުރަމުން ދިޔަ ނާފަހަރުގައި ތަރީފްއާއި އޭނަގެ ހަގުރާމަވެރިން ތިއްބެވެ. މުސްލިމްއާއި ދެބޭކަލުން ނަވުގެ ކުރީކޮޅުގައި އިށީދެވަޑައިގެން ތިއްބެވިއިރު ކަނޑުގެ ހިތްގައިމު ވައިރޯޅިތަކުން އުފާ ލިބިގަތެވެ. އަވިދޭ ރީތި ދުވަހެއްކަމުން އުޑުމަތި ސާފުވެފައި ކަނޑު އޮމާން ދޫލައެއް ފަދައިން ދުރުދުރަށް ފެންނާން އޮތީ އޭގެ ރުޅިވެރިކަން ފަރުދާކުރަމުންނެވެ.
"ތަރީފުއަށް އެނގިވަޑައިގަންނަވާތޯ؟ އަޅުގަނޑުމެން ދަތުރުކުރަމުން މިދާ މަލާގާ ބަދަރަކީ އަންދަލުސްގައި އޮތް އެންމެ ބޮޑު ބަދަރު..." މުސްލިމް ބުނެލިއެވެ.
"މުސްލިމް އުފަންވީ މަލާގާ ކައިރީގައިވާ ޝަހަރެއްގައި ދޯ.."
"ސެވިލްގައި. އެ ޝަހަރު އޮންނަނީ މަލާގާގެ ހުޅަގުގައި."
"ހުމްމމް.. މުސްލިމް. އަހަރެން މި ސުވާލުކުރަން މި ހުންނަނީ. އާއްމުކޮށް އަންދަލުސް މީހުންވެސް ތިގޮތަށް ރަތްކުލައިގެ އިސްތަށިގަނޑެއް ނޯވޭ."
"އަޅުގަނޑުގެ މަންމައަކީ ގޫތެއް. އެހެންވެ މަންމަގެ ފަރާތުން މި އިސްތަށިގަނޑު ވާރުތަވީ..."
" އަދި މިހާރު ދިމާވެގެން މިއުޅޭ މައްސައަކީވެސް ގޫތުން ވެރިކަމަށް އައުމަށްފަހު އަންދަލުސް މީހުންނަށް އަނިޔާވެރިވުން." ތަރީފު ވިދާޅުވިއެވެ.
"އަޅުގަނޑު ތި ވާހަކަ ގަބޫލެއް ނުކުރަން. އެންމެ ކުރިން ގޫތުން އަނިޔާވެރިއެއްނޫން. އެކަމަކު އެމީހުންގެ ތެރޭގައިވި އެހެން މީހުންގެ ސަގާފަތާއި ދިރިއުޅުމާއި އެހެން ކަންތައްތަކައި އިދިކޮޅު ހަދާ މީހުންގެ ސަބަބުން އެކަންތައް ފެށިގަތީ. އަދި މިހާރު އަންދަލޫސިއާގެ ވެރިކަން އޮތީ އަދުލު އިންސާފާއި ވަރަށް ދުރުގައި އަޅުގަނޑުގެ އެކުވެރިޔާ.." މުސްލިމް ދެންނެވިއެވެ.
ނުނިމޭ