މަރުވެފައިވާ މީހުން ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފްލޮރިންޑާ އޮޕާސް ގާތުގައި އަޖިއްލާއާއި ޗަންޓިއްލާ އަދި ޝޭހުގެ އާއިލާގެ ވާހަކަ ދެންނެވިއެވެ. އަދި ހެޔޮ ދުއާކޮށްދިނުމަށްވެސް އެދުނެވެ. އޮޕާސް އެމީހުންނާއިމެދު އިންތިހާއަށް ހިތާމަކޮށް އެހަށިތައްވެސް ވަޅުލިއެވެ. އަދި ޝޭހާއި އޭނާގެ ފިރިހެންދަރިންތައް ފްލޮރިންޑާގެ ދިފާއުގައި ހަގުރާމަކުރި ވާހަކަ އިވި އެމީހުންނަށް ހެޔޮކޮށް ހިތުމަށް ތާރިގު އަރިހުން އޮޕާސް އެދުނެވެ.

އިރުއޮއްސުނުއިރު ކައުންޓް ޖޫލިއަންގެ ފޭލިގެ ޒީނަތްތެރިކުރެވިފައިވަނީ އަލްފަންސޫއާއި ފްލޮރިންޑާގެ ކައިވެންޏަށެވެ. ކުޑަ ރަސްމިއްޔާތަކުން އެކައިވެނީގެ ކަންތައްތައް ނިންމައިލިއިރު އެންމެންގެ މޫނު މަތިން އުފާވެރިކަމުގެ ކުލަވަރު ފެނުނަސް އޮޕާސްގެ މޫނުމަތިން އެފަދަ އެއްވެސް ނިޝާނެއް ނުފެނެއެވެ. އާދައިގެ މަތިން އޭނާއިނީ ހިމޭނުންނެވެ. އުފާވެރިކަން އަދި ހިތާމަވެރިކަމެއްވެސް ނުފެންނަ މޫނެކެވެ. ކައިވެނިކޮށް ނިމުމުން އެދެމަފިރިން ދިރިއުޅޭނެ ތަނަކާއި ބެހޭގޮތުން އޭނާ ސުވާލުކުރިއެވެ.

"ބޮޑުބޭބެ ބޭނުންފުޅުވާ ތަނެއްގައި.." އަލްފަންސޫ ޖަވާބުދިނެވެ.

"ނޫން. އަހަރެންގެ އަމުރެއް ދެން ނުހިގާނެ. އަމިއްލަ ހާލާއިގެން އުޅެން ދެން ބޭނުމީ............."

"ކިހިނެއް ތިހެންވާނީ؟ އަޅުގަނޑުމެންގެ މުޝީރަކީ އެހީތެރިޔަކީ ތިއީ...."

"އަހަންނަކީ ތިބުނިފަދަ މީހަކަށް ވީނަމަ އަހަންނަށް ތި ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވުނީސް. އަހަރެންގެ ހަަޔާތުގެ ބާކީއޮތް ބައި އަޅުކަމާއިގެން އުޅުނަ ދީ. ދުނިޔޭގެ އުފަލާއި މަޖަލާއި ދުރުގައި ހަމައެކަނި އަޅުކަމުގައި. އަހަންނަށް ދުނިޔޭގެ މި ނުބައި ފަޅި ވަރަށް ރަގަޅަށް ފެނިއްޖެ. ހަގުރާމަ ނިމުނީމަ ދެން އެއަށްވުރެ ހިތާމަކުރަން ޖެހޭނެ ދުވަހެއް އައިސްދާނެހެން ހީވޭތަ؟ ކަންތައް އޮތްގޮތުން އަހަރެންގެ ޒަމީރު އަަހަރެން ކުރަން މަޖުބޫރުކުރުވާ ކަންތައް އަހަންނަކަށް ދޭހައެއް ނުވެސް ވޭ. ދެން އެންމެ ރަގަޅުވާނީ ހަޔާތުގެ ބާކީ އޮތްބައި އެއްވެސް އިންސާނެއްގެ ހިލަމެއްނެތް ތާގައި ވޭތުކުރުން. ތިއިން އެކަކަށްވެސް އަހަރެންގެ މި ނިންމުން ބަދަލެއް ނުކުރެވޭނެ...."

އޮޕާސްގެ ހިޔާލު ބަދަލުކުރެވޭނެ ހުރީ އެންމެ މީހެކެވެ. އޭނާ ކުއްލިއަކަށް ސުވާލުކުރިއެވެ.

"އަޅުގަނޑު ދެން ދާންވީ ކޮންތަނަކަށްތޯ؟"

އަލްފަންސޫއަށް އެމީހަކީ ޔައުގޫބު ކަމުގައި ހީކުރެވުނަސް އެމީހާ ހެދުން އަޅައިގެން ހުރީ ތަފާތުކޮށެވެ. އެކަމަކު އޮޕާސް ދެނެގަތެވެ.

"މިއީ ޔައުގޫބު. އޭނާގެ ވައުދު ފުރިހަމަކޮށްފި. ތުނބުޅި ތުނިކޮށް ކޮށާލައިފި.." އޮޕާސް ބުނެލިއެވެ.

ބޮޑުބޭބެއާއި ތުލައިތާއިން ދިމާވިއިރު އެކަހަލަ ވާހަކައެއް ދެކެވުނު ހަދާނެއް އަލްފަންސޫވިއެވެ. އޭނާގެ ނަޒަރު ޔައުގޫބަށް ހުއްޓުނުއިރު މިއަދު މުޅިން ބަދަލުވެފައިވާ މީހެއްގެ ގޮތުގައިި އޭނާ ފެނުނެވެ. ތުނިކޮށް ކޮށާލެވިފައިވާ ތުނބުޅިއާއެކު ރާހިބެއްގެ ލިބާސް ލައިގެންނެވެ.

"މިއީ ކޮންކަމެއް ޔައުގޫބު؟" އަލްފަންސޫގެ ސުވާލު އޭނާއަށް އަމާޒުވިއެވެ.

"އަޅުގަނޑުގެ ވައުދު ފުރިހަމަކޮށް ނިކަމެތިކަމުގެ ގޮށް ދޫކޮށްލުމުގެ ވަގުތު ޖެހިއްޖެ. މި ފަތަހައިގެ ސަބަބުން އެމީހަކު ހިޔާރުކުރާ ދީނަށް އުޅުމުގެ މަގު ތަނަވަސްވެއްޖެ. މާތް ރަސްކަލާނގެ ރަހުމަތާއެކު އަޅުގަނޑަކީ ދީނުގެ ގޮތުން އަދި ދަރިކޮޅުން ބަލާއިރުވެސް ޔަހޫދީއެއް. އަޅުގަނޑު ބޭނުންވަނީ އަމިއްލަ ފައްޅީގައި ތައުރާތު ކިޔެވުމުގައި ހޭދަކުރަން..........."

ޔައުގޫބުގެ ހުވަފެންވެސް އެންމެ ފަހުން ހަގީގަތަކަށްވީއެވެ.

ރޭގަނޑު އަރާމު ތަންމަތީގައި ހޭދަކުރުމަށްފަހު އިރުއަރައިގެން އައިއިރު އެންމެންވެސް އާ ދުވަހަކާއި ކުރިމަތިލައިފިއެވެ. ނަމަވެސް އޮޕާސްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެމީހުން އޭނާގެ ފޭލިގެއާއި މުޅި ކޭމްޕްވެސް ހޯދިއެވެ. އެންމެނަށް ޔަގީންވީ އޭނާ ބުނިފަދައިން އެކަނިވެރިގޮތުގައި ހަޔާތް ވޭތުކުރަން އޮޕާސް ދުުރަށް ދިޔައީކަމެވެ.

***

ކޮންމެއަކަސް ވާދީ ލައްކާއިން ފެނުނީ އިބުރަތްތެރި މަންޒަރެކެވެ. ހަގުރާމައިގެ މައިދާނުގެ ވަރުގަދަކަމާއިއެކު ލޭގެ ކޯރަކަށްވެ މަރުވެފައިވާ ހަށިތަކުން މައިދާން ފުރުނެވެ. ލެެއިން ކަޅިވެފައިވާ ހަށިތަކާއި ޒަހަމްވެފައިވާ މީހުންގެ ރުއިމުގެ އަޑު އެތާ ހިފައިލިއެވެ. ގޫތުންގެ ފަންސާސް ހާސް ސިފައިން ގަތުލުވީއިރު ތިރީސް ހާސް އަސީރުންގެ ގޮތުގައި ހައްޔަރުުކުރެވުނެވެ. މުސްލިމުން އެމީހުންގެ ޒަހަމްވެފައިވާ މީހުން އިހުތިރާމާއި ލޯތްބާއެކު ނަގައިގެންގޮސް ފޭލިގެތަކުގައި ހޭހަންކުރިއެވެ. ޒަހަމްތަކުގައި ބޭސްއަޅާ އެހީތެރިވެދިނެވެ.

ބާރަހާސް މުޖާހިދުން އެއް ލައްކަ ގޫތުންނާއި ހަގުރާމަކޮށް ފަތަހަ ލިބުނުކަމީ މުވައްހިރުންވެސް ހައިރާންކުރުވަނިވި އާދަޔާ ހިލާފު ހާދިސާއެކެވެ. ޔަރުމޫކްފަދައިން މުޖާހިދުންނަށް މާތްﷲ ނަސްރާއި ފަތަހަ ދެއްވައިފިއެވެ. ތާރިގު ބިން ޒިޔާދުއަށް އެފަރާތުން ބާރު ދެއްވިއިރު ހިތްޕުޅުގައިވަނީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށްޓަކާ ވި ފުން ލޯތްބެވެ. ތާރިގު ބިން ޒިޔާދުއަށް އެކަލޭގެފާނު ހުވަފެންފުޅުގައި ބަޝާރާތު ދެއްވާ މާތްﷲ ވޮޑިގެންވަނީ ޒިޔާދު އަދި މުސްލިމުންނާއެކު ކަމަށް އެންގެވިއެވެ. އެ ކަމުގެ ހިތްވަރުލިބި ތާރިގު ލުދްރީކްއަށް އަނިޔާވެރިކަމުގެ ސަޒާ ދެއްވިއެވެ. އެތައް ބަޔަކަށް ލިބުނު އަނިޔާއާއި ހިތްދަތިކަމުގެ ކަރުނަތަކުގެ އަގު އަދާކޮށް ދެއްވައިފިއެވެ.

ތާރިގު ބިން ޒިޔާދު ރޭ އަޅުކަންކޮށް ﷲ ސުބުހާނަހޫ ވަތައާލާއަށް ޝުކުރުކުރުމާއިގެން ދެމި ހުންނެވިއެވެ.

***

މުސްލިމް ޒުވާނުންކޮޅެއް ބާވީހަކަށް އަންހެންކުދިން ގެނައި ތަން ޒިޔާދު ބިން ތާރިގުއަށް ފެނިވަޑައިގަތެވެ. އެންމެ އަންހެނެއް ފިޔަވާ އެހެން ކުދިން ޒުވާންވެފައި އެކަކު އަނެކަކަށް ވާދަކުރާވަރުގެ ރީތިކަމެއް ލިބިފައިވިއެވެ. އެއީ ޝާހީ ހަރަމުން ގެނެވުނު އަންހެންކުދިންކަން އެކުދިންގެ ހެދުމުގެ ވައްޓަފާޅިން އެނގުނެވެ ބާވީސް އަންހެންކުދިން ރަސްގެފާނާއިއެކު ގެނެވުނީތީ އެކަމާއި ސުވާލުކުރެވުނެވެ.

"މިއީ ޝާހީ އާއިލާ އަންހެންކުދިންތަ؟"

"ނޫން އިބްން ޒިޔާދު...މިއީ އަންދަލުސްގެ ރަގަޅު ހާންދާނުގެ އަންހެންކުދިން. ރަސްގެފާނުގެ ހަރަމުގައި އެކުދިން އުޅެނީ..."

"އެއްވެސް އަންހެންކުއްޖަކު ޝާހީ ހަރަމުގައި ހިތްހަމަނުޖެހުމެއް އޮތީތަ؟ "ތާރިގު ބިން ޒިޔާދު ސުވާލުކުރެއްވީ ޖޫލިއަން އާއެވެ.

އެކުދިން ދެންނެވީ މަޖުބޫރުކޮށްގެން ހަރަމަށް ގެނެވިފައި ތިބި ކުދިންކަމުގައެވެ. ގިނައީ ޔަހޫދީންކަމުގައި ވިޔަސް އީސާއީ ކުދިންކޮޅެއްވެސް ތިއްބެވެ. އެކުދިން ދެންނެވީ ހަތަރު ރޭ ވަންދެން ރަސްގެފާނު އެކުދިން ފޭލިގެއަށް ނުގެންދާކަމުގައެވެ. އެފަހުން ހަގުރާމަ ނިމުމަކަށް އައީ ކަމަށާއި އެކަމާއި އިންތިހާއަށް އުފާކުރާކަމުގައެވެ. އަންހެންކުދިންނާއެކު ހައްޔަރުކުރެވުނު ހަތަރުވަރަކަށް ޒުވާން ގައިދީން ވަކި ތަނެއްގައި ބަންދުކުރެވިފައި ތިއްބެވެ. އެތަނުން އެކަކު ހެދުން އަޅައިގެން ހުރިގޮތުން ޝާހީ ހާންދާނެއްގެ ޒުވާނެއްކަމުގައި ފެނުނެވެ. އެމީހުން ގެންދަނިކޮށް ކުއްލިއަކަށް އަންދަލުސް އަސީރު ބުނެލިއެވެ.

"މަޑުކޮށްބަލަ....."

"އެތަނުގައި ހައްޔަރުކުރެވިފައިވާ އަންހެންކުދިންގެ ތެރޭ އަޅުގަނޑުގެ ކޮއްކޮއެއް އެބަހުރި. އޭނާއާއި ބައްދަލުވިޔަދީ. ދެން ފެންނާނެ ކަމެއްވެސް އެނގެނީއެއްނޫން."އަންދަލުސް އަސީރު ބުނެލައިފިއެވެ.

އޭނާ ހައްޔަރުކޮށްގެން އުޅުނީ ބަރުބަރުގެ މުޖާހިދެކެވެ. އޭނާ ރަހުމްކުރަން ބޭނުންނުވެ އެ ޒުވާނާ ކޮށްޕަމުން ހިނގައިގަތެވެ.

"އެހެރީ އަޅުގަނޑުގެ ދޮށީ ބޭބެ..." ރީތިކަމާއި ޝާއްބަކަމުން ފުރިފައިވާ މަލެއްފަދަ އަންހެންކުއްޖަކަށް ދުރުން އެ މަންޒަރު ފެނި ތާރިގުއާއި ޖޫލިއަންއަށް ދެންނެވިއެވެ."އަޅުގަނޑާއި އިރުކޮޅަކަށް ބައްދަލުކުރުމުގެ ހުއްދަ ދެއްވަފާނަންތޯ؟"

"އޭނާ އަޔަދީ..." ތާރިގު އެކަލޭގެފާނުގެ މުޖާހިދުންނަށް ވިދާޅުވިއެވެ.

އަންދަލުސްގެ އަސީރުއާއި އަންހެންކޮއްކޮ ބައްދަލުކުރުވިއިރު ރައްކާތެރިކަމުގެ ގޮތުން މުޖާހިދަކުވެސް އަންހެންކުއްޖާގެ ކައިރީގައި ހުއްޓެވެ. ކުއްލިއަކަށް މުޖާހިދުގެ ކަމަރުގައި ހުރި ހަންޖަރު ނެގިގޮތަށް އަންހެންކުއްޖާ ކުރިއަށް ޖެހިލާ އޭނާގެ ބޭބެގެ މެޔަށް ހަންޖަރުގެ މުށްގަނޑު ފޮރުވެންދެން ހަރާލައިފިއެވެ. އޭނާ ހަޅޭއްލަވައިގަތުމާއެކު ކަޅި މައްޗަށް އަރައިފިއެވެ. އެ ހާދިސާގެ ސަބަބުން އެންމެނަށްވެސް ހައިރާންކަމެއް ލިބުމާއެކު އަންހެންކުއްޖާ ކައިރިން ސުވާލުކުރީ ޖޫލިއަންއެވެ.

"ކީއްތިކުރީ؟ އަމިއްލަ ބޭބެ ގަތުލުކޮށްލީ؟"

"ކުރިންވެސް ފުރުސަތެއް ލިބުނުނަމަ އަޅުގަނޑު އެކަން ކުރިތާ ކޮން ދުވަހެއް؟ އެކަން ކުރުމުގެ ސަޒާ ދިނަސް އެންމެ ރަގަޅު. ތިޔަބޭފުޅުންގެ އަތުގައި ކަނޑިއާއި ހަންޖަރާއި ދުނި އެބަހުރި. އަޅުގަނޑުގެ ހަށިގަނޑު ކޮށާލިޔަސް އެންމެ ރަނގަޅު."

ތާރިގު އެކުއްޖާގެ ވާހަކަ އޮޅުން ފިލުވަން ޖޫލިއަންއާއި ސުވާލުކުރެއްވިއެވެ.

"އަޅުގަނޑުމެން އެކުއްޖާއަށް ސަޒާއެއް ނުދޭނެ ވާހަކަ ބުނެދީ..އެކަމަކު ބޭބެ ގަތުލުކުރި ސަބަބު އޮޅުން ފިލުވަބަލަ...."ތާރިގު ވިދާޅުވިއެވެ.

"ބޭބެ އަހަރެން ހަރަމުގައި ހައްޔަރުކުރުވީ. އަންހެނަކާއި ބައްދަލުކުރުވާ އޭނާ އަޅުގަނޑު ހަރމަށް ގެންގޮސް ރަސްގެފަނުގެ ހަރަމްގައި އޭނާގެ ކުޅޭ އެއްޗަކަށް ހެދީ. އެތާގައި އަޅުގަނޑު ހުންނަތާ ދެއަހަރު ވެއްޖެ. ބޭބެއާއި ބައްދަލުކޮށްދޭށޭވެސް އެތައް ފަހަރު ބުނިން. އޭނާ ބުނީ ހަރަމްގެ އެއްވެސް އަންހެންކުއްޖަކަށް ބޭރަށް ނުދެވޭނެއޭ އަދި ހަރަމަށް އިތުރު މީހަކަށް ނާދެވޭނެއޭ. ފައުޖުގައި ކުރި އެރުން ހޯދަން އަޅުގަނޑު ހަރަމްގައި ބެހެއްޓީ. ދެއަހަރު ފަހުން ބަދަލުހިފައިލެވުނީ. އެ ލަޝްކަރުގައި އެފަދަ އެެހެން މީހަކު ހުރި ނަމަ އެމީހަކަށްވެސް ސަޒާލިބެން ޖެހޭނެ"

"މިކުދިން އަޅުގަނޑަށް ފެންނަނީ އެކުދިންގެ އާއިލާއާއި ހަވާލުކުރަން.." މުގީސް ބިން ރޫމީ ދެންނެވިއެވެ.

"ކަލޭގެފާނުގެ ހިމާޔަތުގައި އެކުދިން ބައިތިއްބަވާ. އަދި ތިގޮތަށް ކުރިއަށް ގެންދަވާ..."

 

***

ތާރިގު ބިން ޒިޔާދު މޫސާބިން ނުސައިރުއަށް ފޮނުވި ދިގު ސިޓީގައި ހަގުރާމައިގެ ތަފްސީލު ކިޔައިދިނެވެ. އަދި ލިޔުއްވިއެވެ."އަދި މިވީީހާތަނަށް ޝަހަރެއް ފަތަހަ ކޮށްފައި އެތަނަކުން ހާއްސަ ހަދިޔާއެއް އަތުނުލާ ޝަހަރެއް ފަހަތަ ކުރެވިފައެއް ނެތް. އަޅުގަނޑު ޔަގީންކުރަނީ ހަލީފާ ވަލީދު ބިން މުލްކް މިހަދިޔާތަކާއި ގަބޫލުފުޅުވާނެ ކަމަށް. އަދި ތިރީސްހާސް އަސީރުންވެސް ފޮނުވިން. އެމީހުން މަނިކުފާނާއެކު ބައިތިއްބަވާ. ސަބަބަކީ އެމީހުންގެ ބާދުޝާހު ކޯރަށް ގެނބިގެން މަރުވެފައިވާތީ. އަދި އެއް ތުހުފާ އެބައޮތް. އެއީ ހުދުކުލައިގެ އަހެއް. އަހުގެ ނަމަކީ އޮރޭލިއާ. އެއީ ލުދްރީކް ވަރަށް ލޯބިން ގެންގުޅުނު އަހެއްކަމުގައިވޭ. އަދި އޭނާގެ ކަނޑިއާއި އެހެން ސާމާނުވެސް ފޮނުވިން."

ތާރިގުބިން ޒިޔާދުއަށް އެކަލޭގެފާނުގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަމުގެ އިނާމު ހައްގެވެ. ހަލީފާއާއި މޫސާ ބިން ނުސައިރުވެސް އެކަމާއިމެދު އުފާކުރެއްވުން ހައްގު ފަތަހައެކެވެ.

ނަމަވެސް މޫސާ ބިން ނުސައިރު އިންޒާރުކުރެއްވީ އިތުރަށް ސްޕެއިންގެ އެތެރެއަށް ނުވަނުމަށެވެ. އަދި އޭނާ ލަޝްކަރާއި ގުޅި ވަޑައިގަންނަވަންދެން ތިބިތާގައި ކޭމްޕް ކުރައްވައިގެން ތިއްބަވަން އަމުރުކުރެއްވިއެވެ.

 

***

މޫސާ ބިން ނުސައިރު އެފްރިކާއާއި މަޣުރިބުގެ ވެރިއަކަށް ހުންނެވިޔަސް ސްޕެއިން ހިސާބުވެސް އޭނާގެ ބެލުމުގެ ދަށުގައި އޮތްތަނަކަށް ވުމުން އޭނާގެ އަމުރު އެހުރިހާތަނަކަށް ހިގާނެއެވެ. ހުރިހާ ހަގުރާމަތަކެއްވެސް ކުރިއަށް ދާން ޖެހެނީ އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މުސްލިމުންނަށްވެސް މައުލޫމާތު ލިބިވައިފާ ގޮތުން އެއީ ބޮޑު ބިމެކެވެ. އަދި ޖިއޮގްރަފީގޮތުން ސްޕެއިންއޮތީ ފަތަހަކުރަން އެހާ ފަސޭހަ ގޮތަކަށް ނޫނެވެ. އަދި ގޫތުންގެ ކުޅަދާނަކަމާއި އެމީހުންގެ ހަގުރާމައިގެ ހުނަރުތައް އިވިފައިވުމާއެކުވެސް ސްޕެއިން ފަތަހައަކީ މުސްލިމުން ދެކުނު ހުވަފެނެކެވެ. ތާރިގުބިން ޒިޔާދާއެކު ބަރުބަރުންގެ ލަޝްކަރެއް ފޮނުވުމަކީ އެމީހުންގެ ކުޅަދާނަކަމާއި ބަލިކަށިކަން އިމްތިހާނުކޮށްލަން ކުރެވުނު އިމްތިހާނެކެވެ. ތާރިގު ބިން ޒިޔާދު އެމީހުންނައި ކުރިމަތިލާ ލޭ އޮހޮރުވުމަށް ދިޔަސް ހަގީގީ އެތިފަހަރު ވާނީ މޫސަބިން ނުސައިރުއަށް ރައްކާކުރެވިފައެވެ. ހަގުރާމައަކީ އެކަހަލަ އެއްޗެކެވެ. ތާރިގު އެހީއަށް އެދިވަޑައިގަތުމުން ލަޝްކަރު އެއްކޮށް ނުފޮނުވާ އިތުރަށް ފަސްހާސް ފައިމަގުގައި ހަގުރާމަކުރާ މުޖާހިދުން ފޮނުވި ސަބަބަކީ އެއީއެވެ.

ތާރިގު ބިން ޒިޔާދު މަނަވަރުތައް އަންދާލެއްވުމުން މޫސާ ބިން ނުސައިރު ކަންބޮޑުވެވަޑައިގަތެވެ. މިހާރު އޭނާ ބޭނުންފުޅުވިޔަސް އިތުރު އެހީއެއް ފޮނުވެންވެސް ނެތެވެ. ކަނޑު ހުރަސްކޮށް ކުރަން ޖެހޭ ހަގުރާމައެއްކަން ހަލީފާ މާކުރީއްސުރެން އިންޒާރުދެއްވިއެވެ. މޫސަ އެކަލޭގެފާނުގެ ހެޑްކުއާޓަރ ތާންޖާ ނޫނީ ސަބްތާ ކައިރިއަށް ބަދަލުކުރެއްވިއެވެ.

ކޮންމެ ދުވަހެއް އެކަލޭގެފާނު ހޭދަކުރެއްވީ އަންދަލުސްގެ ހަބަރަކަށެވެ. އެތައް ގަޑިއެއް އެކަލޭގެފާނު އަޅުކަމުގައި ހޭދަކުރެއްވިއެވެ. ތާރިގު ބިން ޒިޔާދުގެ ފަރާތުން އައި ގާސިދު ގެނައި އުފާވެރި ހަބަރާއެކު ހުރިހާ ކަންބޮޑުވުމެއް ފިލާ ނުތަނަވަސްކަން ނެތިގެން ދިޔައެވެ. މޫސަ ވަގުތުން ތިރިވީ ޝުކުރުގެ ސަޖިދައަށެވެ. އެކަލޭގެފާނުގެ ހުރިހާ ހަމެއް މަތިވެރި މާތްﷲއަށެވެ.

***

ތިންދުވަސްވާންދެން އަންދަލުސްގެ އައްސޭރިއަށް ކައިރިކޮށްލި ބައްތެލިތަކުން އަސީރުން އުފުލުނެވެ. ބަރުބަރުންގެ އެކި ގަބީލާތަކަށް ތާރިގު ބިން ޒިޔާދުގެ ފަތަހައިގެ ހަބަރު ފެތުރި އެކި އުމުރުގެ މީހުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރިއެވެ. އަދި ބައެއް ބަރުބަރުން ތާރިގުގެ ލަޝްކަރުގައި ބައިވެރިވާން އަމިއްލައަށް އެދިގެން އަންދަލުސްއަށް ދަތުުރުކުރާން ނުކުމެގަތެވެ. ފެންމަތީގައި އޮންނާނެ ކޮންމެ އެއްޗެއްގެ އެހީގައި އެމީހުން ދަތުރުފެށިއެވެ.

 

ނުނިމޭ

ކޮމެންޓް 0