އާލްފް ނާސްތާކޮށްލުމަށްފަހު އަހަށް އަރާ ޓޮލެޑޯއާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. ގިނައިރުތަކެއް ނުވަނީސް އެމީހުން ތާގޫސް ކޯރު މަތިން އަޅާފައިވާ ފާލަން ހުރަސްކުރިއެވެ. ވަށައިގެންވާ ފަރުބަދަތަކުގެ ސަބަބުން މާ ގިނައިރުތަކެއް ނުވެ އެމީހުންގެ ނަޒަރުން އެ ޝަހަރު ކައްސާލައިފިއެވެ. ރޭގެ ތޫފާނަށްފަހު ވިލާތައް ކެހި މޫސުމް ރީތިވެ އިރުގެ ގަދަ ދޯދިތައް ދަނޑުތަކާއި ވާދީތައް އަދި ފަރުބަދަތަކާއި މޭވާ ދަނޑުތަކަށް ދީފައިވާއިރު ރަންދަޅަތަކުން ވިދައެވެ.
***
އަލްފަންސޫގެ ލަޝްކަރު އެތައް ދުވަހެއްވާންދެން ދަނޑުބިންތަކާއި ރަނާއި ރިހީގެ މައިންތަކުން ފުރިފައިވާ ފަރުބަދަތަކާއި ފެން އާރުތަކުން ފުރިފައިވާ ވާދީތަކާއި މޭވާތައް އަޅާ ބަރާވެފައިވާ ދަނޑުތައް ހުރަސްކޮށް ދަތުރުކުރިއެވެ. އަދި ބޮޑެތި ޝަހަރުތައްވެސް މެއެވެ. މެރީޑާ ގުރުތުބާ ފަހަނަޅާ ކޯރު ހުރަސްކޮށް އަސްތީގީއަށް ދަތުރުކުރިއެވެ. އެމީހުން އަންނަ ޚަބަރު ލިބި ދަނޑުވެރިން ތިބީ ފިލައެވެ. ހަގުރާމަވެރިން އަންނަ ކަން އެނގިއްޖެއްޔާ އަބަދުވެސް އެމީހުންގެ އާދައަކީ އެއީއެވެ. އެހިސާބަށް ފޯރުމާއެކު ހަގުރާމަވެރިންތަކެއް އެމީހުންނާއި އިސްތިގުބާލަށް ނުކުތެވެ. އާލްފްމެން ގެންދެވުނީ ކޯރެއްގެ އައްސޭރިފަށުގައިވާ ވަރުގަދަ ކިއްލާއަކަށެވެ. ކޯރާއި އާފަލު ދަނޑުތަކުގެ ހިތްގައިމު މަންޒަރުތައް އެހިސާބުން ފެނެއެވެ. އާލްފްއަށްޓަކާ ހަމަޖެހުނީ މަތީބައިގެ އެންމެ ތަނަވަސް ރީތި ކޮޓަރިއެވެ. ޔައުގޫބު އާލްފްގެ ހުރިހާ އެއްޗެއް ތަރުތީބުން ބަހައްޓާ ތަންމަތި އަޅާ ހެދިއެވެ. ޚާދިމެއް ލައްވާ ކާން ގެނުވާ މޭޒުމަތީ ކާން ހެދިއެވެ.
އާލްފް އެ ކޮޓަރިއަށް ވަނީއްސުރެ އޭނަ އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އަތްމަތީ ދަތްދޮޅި އަޅުވާލައިގެންނެވެ. އޭނަގެ ޚިޔާލުގައިވީ ލޯބިވާ ފްލޮރިންޑާއާއި ބޮޑުބޭބެއެވެ. ލުދްރީކް އޭނަ މިހާ ދުރަށް އަރުވައިލީ އޭނައާއި ފްލޮރިންޑާ ވަކިކުރުވުމަށްކަން އޭނައަށް އެނގެއެވެ. މިހިސާބަށް އައީ ހިތާއި ދެކޮޅަށެވެ. ރަސްގެފާނު ފްލޮރިންޑާއާއިމެދު ޚިޔާލުކުރާގޮތް ހިތަށް އެރުމާއެކު އޭނަގެ ގަޔަށް ކެކިކެކި ހުރި ފެން އޮއްސައިލެވުނު ކަމުގެ އިހުސާސްވިއެވެ. އެކަމަކު އެތަނުން ލޯބިވެރިޔާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވުނުކަން ހަދާންވެ ހިތަށް ކުޑަ ހަމަޖެހުމެއް ލިއްބާދިނެވެ.
"ސާހިބާ. އެއްޗެއް ފަރީއްކުޅުއްވާ ވަގުތު ނުޖެހެނީތޯ؟ "
ޔައުގޫބުގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފެނުމުން އެކަމުގެ އަސަރު އާލްފްއަށް ކުރުވިއެވެ. މީހާ ހަމަޔަކަށް އެޅުނެވެ. އިތުރު އެއްޗެކޭ ބުނުމެއް ނެތި އޭނަ މޭޒާއި ދިމާލަށް ހިނގައިގަތެވެ. ޔައުގޫބު ގާތު އިށީންނަން އިޝާރާތްކުރުމުންވެސް ޚާދިމެއް ފަދައިން އޭނަ ހުރީއެވެ.
"އަހަރެންގެ ހުރިހާ ސިއްރެއް އެނގި އަދި އަހަރެމެންގެ ދޭތެރޭ ދެކެވުނު ވާހަކަތަކަށް ފަހު ޚާދިމެއްގެ ގޮތުގައި ދެކުމަކީ އެކަށީގެންވާ ގޮތެއްނޫން....." އާލްފް ބުނެލިއެވެ.
"މާފުކުރައްވާ ސާހިބާ. އެކަމަކު އަދި އަޅުގަނޑާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިވަޑައެއްނުގަންނަވާ. އަޑު އައްސަވާފައިވަނީ ހަމައެކަނި ބަސްތަކެއް. އެކަމަކު އަޅުގަނޑުގެ އަމަލުތައް ފެނިވަޑައިގަތުމަށްފަހު އަޅުގަނޑާއި އެއް މޭޒެއްގެ ދޮށުގައި ފަރިިއްކުޅުއްވާ ހައްދަވަން ބޭނުންފުޅިއްޔާ އެގޮތާއި އަޅުގަނޑު ގަބޫލުވާނަން..."ޔައުގޫބުގެ އެ ޖަވާބުން އާލްފް ހިމޭންވިއެވެ. އަސްތީގީއަށް ފޯރުމަށްފަހު ހަގީގަތް އާލްފް ގެ ކުރިމައްޗަށް ގެންނާނެކަމަށް ވައުދުވެފައިވާތީ އޭނަ ކެތްތެރިވާނެއެވެ. ޔައުގޫބު އަމިއްލައަށް އެ ބޮޑު ސިއްރު ހާމަކުރަން ދެނެވެ.
"ބޭނުންގޮތަކަށް ނިންމާ. އެކަމަކު ޔައުގޫބު ކުރިން ދެއްކި ވާހަކަތަކުން އަހަންނަށް އޮޅުން ފިލި އެއްޗަކީ ފްލޮރިންޑާއާއި މެދު ކަންތައް ހިނގަމުންދާ ގޮތް އެނގޭހެން...."
ޔައުގޫބު ބޯ ޖަހައިލީ އޭނައަށް އެނގެޔޭ ބުނާފަދަ ގޮތަކަށެވެ.
"ވީއިރު އޭނައާއި އަހަރެމެންގެ މި ހާލަތާއި ބެހޭގޮތުން ކީކޭ ބުނަނީ؟ އޭނައަކަށް އަހަރެމެން ތިބިތަނެއް ނޭގޭނެ. އަދި ބޮޑުބޭބެއަށްވެސް އެނގުމެއް ނުވޭ. އަހަރެމެން އެމީހުންނަށް މައުލޫމާތު ދީ އަހަރެމެން ކައިރިއަށް އަންނަން ދައުވަތު ދިނުން ކިހިނެއް؟ ޓޮލޭޑޯއާއި މިހާ ދުރުގައި އެ އަނިޔާވެރި ރަސްގެފާނާއި ދުރުގައި މިހާރު މިތިބެވުނީ....." އާލްފް ބުނެލިއެވެ.
"އޭނަގެ ބާރުދަށުން ސަލާމަތްވެ މާ ދުރަށް އާދެވުނީކަމަށް ހީފުޅުނުކުރައްވާ..." ޔައުގޫބުގެ ޖަވާބު އައެވެ. "އަޅުގަނޑުމެންގެ މި ލަޝްކަރުގެ ގިނަ މީހުންނަކީ ސާހިބާގެ ކޮންމެ ހަރަކާތަކަށް ފާރަލާ ޖާސޫސުންގެ ގޮތުގައި ޚިދުމަތް ކުރާ ހަގުރާމަވެރިންކަން މަނިކުފާނަށް ހީފުޅުު ނުކުރައްވަމުތޯ؟ އެމީހުން ރަސްގެފާނުގެ ގާތު ވާހަކަދައްކައިގެން މަތީ ދަރަޖަ ހޯދަން މަސައްކަތްކުރާނެ. އެ ރަސްކަން ދުވަސްވާވަރަކަށް މި ދެންނެވި ފަދަ މީހުން ގިނަވެ އަދި ބޭވަފާތެރިން ގިނަވާނެ. ހުރިހާ ތަނެއް ފިތުނަ ފަސާދަވެ ތިމާގެ އަޚާވެސް ޖާސޫސުކުރާނެ. ދަރި ބައްޕަ އަދި އަޚުކަމުގައި ވިޔަސް ހެޔޮ. އެއްވެސް މީހަކަށް އިތުބާރު ނުކުރައްވާ. އެމީހެއްގެ ވިސްނުމާއި ފިކުރުހުރީ މަނިކުފާނުފަދައިންކަން ޔަގީން ނުކޮށް އިތުބާރު ނުކުރައްވާށޭ މި ދެންނެވީ. އެއީ އަޅުގަނޑުކަމުގައި ވިޔަސް......"
ޔައުގޫބު އަމިއްލަ މޭގައި އިނގިިލި ޖެއްސިއެވެ.
އާލްފްގެ ޅަ ކަމުން އެ ވާހަކަތައް އިވި ހައިރާންވިއެވެ. އިންސާނުންގެ ވިސްނުން ފަސާދަވެފައިވާ ވަރާއިމެދު އޭނަގެ ތަޖުރިބާއެއް ނެތެވެ.ހިމޭނުން އިނދެ އޭނަ ކައި ނިންމައިލިއިރު ޔައުގޫބު ތަންކޮޅެއް ދުރުގައި މަޑުމައިތިރިކަމާއިއެކު ހުއްޓެވެ. އާލްފް ތެދުވެ ހިންދެމިލިއެވެ.
"ސާހިބާ ދެން އަރާމު ކުރައްވާ. އަޅުގަނޑު ޝަހަރަށް ދިޔުމުގެ ހުއްދަ ދެއްވާ. އިރުއޮއްސުމުގެ ކުރިން އެނބުރި އަންނާނަން....މާދަމާ ސާހިބާ ގޮވައިގެން ޝަހަރަށްގޮސް އެތާ ބާޒާރާއި އެހެން ތަންތަން ބަލައިލަން ދާނީ..."
އެވަގުތު ޖެހިގެން އަންނަ ދުވަހަކީ އާދީއްތަ ދުވަސްކަން އާލްފްގެ ހަދާނަށް އައެވެ.
"އަހަރެމެން ފައްޅިއަށްވެސް ދާންވާނެ......"
"ވަރަށް ރަގަޅު ސާހިބާ...ތިކަމާ މާދަން އުޅޭނީ. އަޅުގަނޑު ދެން ގޮސްލާނަން؟ "
"އާނ....އެކަމަކު ދިޔުމުގެ ކުރިން ވަމްބާއަށް ގޮވާލަދީ....."
އިރުގަނޑެއްފަހުން ވަމްބާ އެތަނަށް ވަދެ ފުޅާ ހިނިތުންވުމާއެކު ސެލިއުޓް ނެގީ އޭނަގެ ހިތުގައި އާލްފްއަށް އޮތް މަތިވެރި އިހުތިރާމާއި ގަދަރު ހާމަކުރުމަށެވެ. އާލްފްވެސް ރައްދުގައި ސެލިއުޓެއްނެގިއެވެ. އާލްފް އެހީ ހަގުރާމަވެރިންގެ ހާލަތާއި ބެހޭގޮތުންނެވެ.
"ހުރިހާކަމެއް ރަގަޅު ސާހިބާ. އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވަނީ. އެންމެންވެސް އުއްމީދުކުރަނީ އެމީހުންގެ ބިރުވެރި ލީޑަރާއެކު ކާމިޔާބު ލިބޭނެކަމަށް....."
"މިތަނުގައި އުޅޭ މީހުންނާއި ބެހޭގޮތުން މައުލޫމާތެއް ލިބިއްޖެތަ؟ "
"ހަމައެކަނި އެގެނީ މިތަނުގައި މިހާރު އަމާންކަމާއި ހަމަޖެހުން އޮތްކަން. އެއްވެސް ބަޣާވާތެއްގެ ހިލަމެއްނެތް. ސާހިބާ ވަޑައިގަންނަވާކަން އެނގުމުން މައިތިރިވީކަން ނޭގޭ." ވަމްބާ ބުނެލިއެވެ.
"ކޮންމެ ގޮތެއްވިޔަސް ގާތުން އެމީހުންގެ ކަންކަން ބަލަމުން ގެންދާތި. އަދި މައުލޫމާތު އެއްކުރާތި. އަހަރެންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ކަލޭގެ މައްޗަށް އެބައޮތް...."
އާލްފްގެ އެ ޖުމްލައިން އޭނަގެ ލީޑަރު ބުނަންވާ އެއްޗެއް ސާފުކޮށް ބުނެވިއްޖެކަން ޔަގީންވެ ސެލިއުޓެއް ދީފައި އެ ކޮޓަރިން ނުކުތެވެ. އާލްފް އެކަނިވުމުން ހަގުރާމައިގެ ހެދުން ހަށިގަނޑާއި ވަކިކޮށް ކޮޓަރީގައި މުޅި ދުވަސް ހޭދަކޮށްލަން ގަސްތުކުރިއެވެ. ދިގު ދަތުރަކަށްފަހު އަރާމާއި ނިދި އޭނަ ބޭނުންވިއެވެ.
***
އިރުއޮއްސުނުއިރުވެސް ޔައުގޫބުގެ ޚަބަރެއްނުވިއެވެ. އާލްފް ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލަން ފެށިއެވެ. އެއްވެސް މީހަކަށް ޝަހަރުން މިހިސާބަށް އާދެވޭނީ ފާލަން ހުރަސްކޮށްފައެވެ. އެތާ ހުންނައިރު އެފާލަން ރީތިކޮށް ފެނެއެވެ. މާގިނައިރުތަކެއްނުވެ ކިހިލިފަތް ދަށުގައި ކޮތަޅެއް ޖަހާލައިގެން ހުރެ ޔައުގޫބު އަވަސް ހިނގުމެއްގައި އަންނަތަން ފެނުނެވެ. ޝަހަރުން އޭނަ ގެނައި އެއްޗެއްކަމާއިމެދު ޝައްކެއްނެތެވެ. އޭނަގެ ޚާދިމު ކިއްލާއަށް ވަންނަން ވަގުތުދީ އިންތިޒާރުގައި އިންނަން އޭނަ ނިންމިއެވެ. ވަގުތުތަކެއް ފާއިތުވީފަހުން އޭނަ އާލްފްގެ ކޮޓަރިއަށް ވަންއިރު އަތުގައި އެކައްޗެއްވެސް ނެތެވެ.
"ޝަހަރުން ގެނައީ ކޯންޗެއްތަ؟ " އާލްފް އެހިއެވެ.
"އެއްޗެއް ނުގެންނަން. އަޅުގަނޑުމެން މާދަން ޝަހަރަށް ދާނީ....."
"އެކަމަކު އަހަރެން ދުށިން ޔައުގޫބު އެއްޗެއް ހިފައިގެން އައިތަން..." އާލްފްއަށް ކެތެއް ނުވިއެވެ.
"އޯ.....އެއީ އެއްޗެއް ނޫން.." ޔައުގޫބު ހިނިގަނޑެއް ޖަހާލައިފިއެވެ. ޔައުގޫބުގެ އެ ޖުމްލައިން އެ ޕާރުސަލުގައިވާ އެއްޗެއް ދެނެގަތުމުގެ ޝައުގު ހިތުގައި ބޮޑުވެ ކެތްތެރިކަން ކޮޅުން ލައިގެން ދާން އުޅުނެވެ.
"އަހަންނަށް ނޭގެން ޖެހޭ ސަބަބެއް އޮތީތަ؟ "
"ހެދުނުވަންދެން އިންތިޒާރުކުރައްވާ. އޭރުން އެގިވަޑައިގަންނަވާނެ...."
ފްލޮރިންޑާގެ ހަދާންތަކުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު އާލްފް ނިދީގެ ފޮނި އާލަމަށް ދަތުރުކުރިއެވެ. ފަތިހު ރަން އަވިން އުދަރެސް ފަވައިލިއިރު އާލްފް އެސްފިޔަތައް ހުޅުވައިލަމުން އާ ދުވަހަކާއި ކުރިމަތިލިއެވެ. ފުރަތަމަވެސް ހަދާނަށް އައީ ޔައުގޫބު ގެނައި ކޮތަޅެވެ. އޭގައިޥާ އެއްޗެއް ދެކުމުގެ ޝައުގެވެ. އެނދުން ނުފައިބަނީސް ޔައުގޫބު އޭނަގެ ހެދުން އެއްޗެހި ހިފައިގަން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނަ ފެންވަރާ ތާޒާވެލުމަށްފަހު އިސްތަށިގަނޑު އޮމާންކޮށްލިއެވެ. ހެދުންވެސް އެޅިއެވެ. ޔައުގޫބު ނުބުނަނީސް އެ ކޮތަޅުގެ ވާހަކަ ނާހަން އޭނަގެ ޟަމީރު އެންގިއެވެ. އާލްފް ތައްޔާރުވެ ނިމުމުން ޔައުގޫބު އެބައަންނަމޭ ކިޔާފައި ނުކުތްގޮތަށް ދެން އައިއިރު އަތުގައި އެކޮތަޅު އޮތެވެ. އޭނަ ދޮރު ތަޅުލިއެވެ. ޔައުގޫބު ކޮތަޅުގެ ތެރެއިން ނެގީ ފާދިރީއިން ލާފަދަ ކަޅު ދިގު ލިބާހެކެވެ. ޔައުގޫބު އެކަތި އާލްފްއަށް ދިއްކޮށްލިއެވެ.
"ސާހިބާ ހެދުމުގެ މަތިން މިވެސް ތުރުކުރައްވާ...."
އާލްފް ބަަހަށް ކިޔަމަންތެރިވެ ހެދުމުގެ މަތިން އެ ލިބާސް ވައްޓާލައިފިއެވެ. ޔައުގޫބު ދެން އޮތް ލިބާސްލުމަށްފަހު ބޮލާއި ދިމާލުން އޮތްބައި ނަގާފައި އިސްތަށިގަނޑާއި މޫނު ފޮރުވޭނެހެން ނިވާކޮށްލައިފިއެވެ. މޫނުމަތިގަނޑުން ފެންނަނީ ތިން ލޯވަޅެވެ. ދެލޮލާއި އަނގައާއި ދިމާލުން ކަނޑާފައިވާ ތަންކޮޅެކެވެ. ޔައުގޫބު ހެދުން ލައި ނިމުނުއިރު އޭނަ ސިފަވީ ކަޅު ހަންޑިއެއް ފަދައިންނެވެ. ޔައުގޫބު އާލްފްގެ ހެދުމުގެ އެބައިވެސް ހަމަ އެގޮތަށް ހަދާނިމުނުއިރު އޭނައެކޭ އާލްފް ތަފާތެއްނެތެވެ. ޔައުގޫބު އާލްފް ގާތު ބުނީ އޭނަ އަސްތީގީއިން ގަނެގެން އައި އެއްޗަކީ މިއީކަމުގައެވެ. މިވަގުތަށް އެހެދުން ބާލަން ޔައުގޫބު އެދުނެވެ.
"ދެން މީގެ ބޭނުން ޖެހޭނީ ކޮން އިރަކުން؟ "
ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ.......މާ އަވަސް ވެ ވަޑައިނުގަންނަވާ.." ޔައުގޫބު ހިނިތުންކޮށްލިއެވެ. އޭނަ އާލްފް ހެދުން ބޭލުމުގައި އެހީތެރިވެދިނުމަށްފަހު ހެދުންތައް ވަކިން ކޮތަޅުތެރެއަށް ލާފައި ނިވާކޮށްލައިފިއެވެ.
"ދެން ފައްޅިއަށް ދަމާ ހިނގާ..."
ދެމީހުން އެކީ ހިނގާފައި ގޮސް ކިއްލާއިން ނުކުތްތަނާ ކޮމާންޑަރު ވަމްބާއާއި ދިމާވިއެވެ.
"އަހަރެން ފައްޅިއަށް މިދަނީ. މިތަނުގެ ހުރިހާ ކަމެއް ބަލަހައްޓާތި.." އާލްފް ބުނި އެއްޗެއް ރަގަޅަށް ފަހުމް ވުމާއެކު އޭނަ ސެލިއުޓެއް ދިނެވެ.
ޝަހަރާއި ހަމަޔަށް ދިޔައިރުވެސް ދެމީހުން ވާހަކަދައްކާކަށް ނަހަދައެވެ. އަމިއްލަ ޚިޔާލުތަކެއްގައި ތިބީއެވެ. ޝާހީ ބޭފުޅުންނާ މުއާމަލާތު ކުރާނެގޮތްތަކަށް އާދަވެފައިވާތީ ޔައުގޫބު އަނގައިން ބުނަނީ ސުވާލުކުރިއްޔާއެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކަތައް ފިޔަވާ އޭނަ ގިނައިރު ހުންނަނީ ހަނުއެވެ. އާލްްފް ގެ ޚިޔާލުގައި އޭނަގެ ހިތުގެ ރާނީ ފްލޮރިންޑާގެ އިތުރުން ބޮޑުބޭބެ އޮޕާސްވެސް ވިއެވެ. އަދި ޔައުގޫބު މިގެންދާ ލިބާސްތަކުގެ ހަގީގަތާއިމެދުވެސް ވިސްނުނެވެ. ބާޒާރާއި ހަމަވެ މީހުންތަކާ ދިމާވުމުން ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނެވެ. ފައްޅިއަށް ދާނެ މަގު ނޭގޭތީ އޭނަ ޔައުގޫބުގެ އިރުޝާދަށް ބޯލެނބިއެބެ. ފައްޅިއަށް ގޮސް އަޅުކަން އަދާކުރުމަށްފަހު ޔައުގޫބު ކޮންމެވެސް ދޮރާށްޓަކުން ނުކުމެ ޝަހަރުން ބޭރަށް ހިނގައިގަތެވެ. އާލްފްގެ ކެތްތެރިކަން ކޮޅުންލިއެވެ.
"ކޮންތާކަށް މިދަނީ؟ "
"އެހެރަ ކުޑަ ފަރުބަދަތަކުގެ މައްޗަށް އަރަން......"
އެހިސާބުން އެއްވެސް އިމާރާތެއް ނުފެނެއެވެ. އެންމެ މައްޗަށް އެރުމަށްފަހު ޔައުގޫބު ވަކި ދިމާލަކަށް އިޝާރާތްކުރިއެވެ.
"ތިރިން ފެންނަން އެއޮތީ އަސްތީގީ. އެ ޝަހަރުގެ ފާރުތަކާއި ދިމާލަށް ބއްލަވާ. އެތަނުން ދިގު ޓަވަރެއް ފެނިވަޑައިގަންނަވާތޯ؟ "
އާލްފް ޖަވާބުދިނެވެ. އެ ޓަވަރުވަނީ ޝަހަރާއި ދާދި ކައިރީގައެވެ.
"ރޭގަނޑު މިތަނަށް އަރާ ވަޑައިގެންފިއްޔާ އެ ޓަވަރު ނޯޅޭނެ. އެފަދަ އެހެން ތަނެއް ނުވާތީ. އެކަން ހަދުމަފުޅު ނައްތަވާ ނުލައްވާތީ. މިހާރު އަޅުގަނޑާއެކު ވަޑައިގަންނަވާ....." ޔައުގޫބު ފަރުބަދަގަނޑުގެ އަނެއް ފަޅިން ތިރިއަށް ފޭބިއެވެ. އެތަނުން އެކަހެރި ހޮހަަޅައެއް ފެނުމުން ޔައުގޫބު އެތަން ދެއްކިއެވެ.
މި ހޮހަޅަ ފެނިވަޑައިގެންފި ނޫންތޯ؟ "
"އާން ފެނިއްޖެ..." އާލްފް ހައިރާންވިއެވެ.
"މިހާރު ޝަހަރަށް އެނބުރި ގޮސް އަލުން މިތަނަށް އަންނާނީ......"
އާލްފް އެކަމުގެ ހަގީގަތް ދެނެގަންނަން ބޭނުންވެފައިވުމާއެކު އަދި މިހާރު ޔައުގޫބުގެ އަމަލު ހުރިގޮތުން އިތުރު ހައިރާންކަމެއް ލިބުނެވެ.
"މުޅި ދުވަސް ކޮންތާކު ހޭދަކުރާނީ؟ ދުވަސް ހާދަ ދިގޭ....."
"އަޅުގަނޑު ދުވަސް ކުރުކޮށްލަދޭނަން."ޔައުގޫބު ހިނިތުންކޮށްލުމަށްފަހު އާލްފް ގޮވައިގެންގޮސް ހަނި ގޯޅިގަނޑަކަށް ވަނެވެ. ގެއެއްގެ ދޮރާށި ކައިރ ހުއްޓިލަމުން ޔައުގޫބު އާލްފްއަށް ނަޒަރު ހުއްޓައިލިއެވެ.
"ސާހިބާ. މިތާ އިންތިޒާރު ކުރައްވާ. އެބަ އަންނަން....." ޔައުގޫބު ދޮރާށިން އެތެރެއަށް ދެމިގަތްގޮތަށް އާލްފް އިންތިޒާރުގައި ކުރިކާލި ކަނޑަން ހުއްޓާ ޔައުގޫބު އަތުން އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ. ހިފާ ގެންގުޅޭ ސާމާނުތައް ހެކިދެނީ އެގޭގައި ބަޔަކު ދިރިއުޅެމުންދާ ކަމަށެވެ. އެކަމަކު އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. އެގޭގެ ކޮޓަރިއަށް ވަނުމާއެކު އާލްފްގެ ކެތްތެރިކަން ކޮޅުން ލާންފެށިއެވެ. ޔައުގޫބުއަކީ ކާކުހެއްޔެވެ؟ މީނަގެ ސިއްރަކީ ކޮބާހެއްޔެވެ؟ ރޭވުމަކީ ކޮބާހެއްޔެވެ؟ ރުޅިވެރިކަމުގެ ކުލަވަރު މޫނުން ފެނުނެވެ.
"ސާހިބާ. އަޅުގަނޑު ދަސްކޮށްދޭނަން ބީރައްޓެހި ބަހުރުވައެއް. ލަފުޒުތަކެއް. މި ބަސްތައް ހަދުމަފުޅު ނައްތާނުލައްވާ......."
"ކީއްވެ؟ " އާލްފް ސުވާލުކުރިއެވެ.
"މިހާރު މި ދަސްކޮށްދޭ ބަސްތަކާއި ހަރަކާތްތަކަކީ މި ހަގީގަތް އެގި ޕްރޮޖެކްޓް ފަށަން އޮތް ތަޅުދަނޑި...." ޔައުގޫބު ބުނެދިނެވެ.
"އެންމެ ރަގަޅު ފަށާ....." އާލްފް އެއްބަސްވިއެވެ.
"އެހެންވިއްޔާ ޝަލޯމް އަލެކުމް މި ޖުމްލަ ވިދާޅުވެ ބައްލަވާ....."
ނުނިމޭ