އާލްފް އަމިއްލަ ޚިޔާލަކަށް ގެއްލިފައި އިންދާ ދުރުން ޓަކިދިން އަޑު އިވުނެވެ. ބަލާ ބެލުމަށް އެ އަޑު އިވުނީ ކޮރިޑޯގެ އެންމެ އެކޮޅުގައިވާ ދޮރުންނެވެ. މިފަހަރު ޔަގީނުންވެސް ޓަކިދިން އަދަދާއި ގޮތްގަނޑުވެސް ތަފާތެވެ. މިފަހަރު ފެންނަން އުޅެނީ ކޮންފަދަ ހައިރާންކުރުވަނިވި ކަމެއްބާވައޭ ހީކޮށް އާލްފްގެ ހިތް އަވަސްވެލައިފިއެވެ. އެންމެންގެ މޫނަށް ބަލާފައި އޭނައަށް ހީކުރެވުނީ ބޮޑު ކަންތައްގަނޑެއްގެ ކޮޅުމަތި ފެނުނުހެންނެވެ. ބޮޑު ކަމަކަށް އިންތިޒާރު ކުރާފަދައެވެ. އަނެއްކާވެސް އެހެން ގޮތަކަށް ޓަކި ދިނުމާއެކު ލީޑަރު ވާހަކަދެއްކިއެވެ.

"އިތުރު މައުލޫމާތުތަކާއިގެން ދަތުރުވެރިޔަކު އަތުވެއްޖެ. އެފްރިކާ މިސްރު ނޫނީ ސޫރިޔާގައި ތިބި އަހަރެމެންގެ ޖަމާއަތުގެ ފަރާތުން ހެން ބޮޑަށް ހީވަނީ....."

ޓަކިދޭގޮތުން އެއީ ކާކުކަން ދެނެގަތުމުގެ ކުޅަދާނަކަން ލީޑަރަށް ލިބިފައިވުމާއެކު އެ ޖަމާއަތުގެ ނެޓްވޯކް ފުޅާ ދާއިރާއެއްގައި މެދު އިރުމައްޗަށް ފެތުރިފައިވާކަންވެސް ދެނެގަނެވުނެވެ.

"އެހާ ދުރުން ޓަކިދޭ އަޑު އިވުނީމަވެސް އެއީ ކާކުކަން ދެނެގަތުމުގެ ގާބިލުކަން ލިބުނީ ކިހިނެއްތަ؟ އަދި އެހެން ގައުމުތަކުގައިވެސް މި ޖަމާއަތުގެ މެމްބަރުން އުޅެނީތަ؟ " އާލްފްއަށް އަހައިލެވުނެވެ.

"އަޅުގަނޑުމެން އެކި ކަންތައްތަކަށް ހަދާފައިވާ ގަވާއިދުތަކުގެ ސަބަބުން މި ޖަމާއަތުގެ އެންމެނަށްވެސް އެފަދަ ކަންތައްތައް އޮޅުން ފިލާފައިވާނެ. އަދި އެހެން ގައުމުތަކުގައި މި ޖަމާއަތުގެ މެމްބަރުން ތިބިކަމާއިމެދު ކުރެއްވި ސުވާލުގައި ދަންނަވާނީ އަޅުގަނޑުމެން މި އަޅުވެތިކަމުން ސަލާމަތްވާނެ ގޮތްތައް މަގުފަހިކުރަން ހުރިހާ ތަނަކަށްވެސް މެމްބަރުން ފޮނުވައިފީމޭ......" ލީޑަރުގެ ވާހަކަ ހިނދުކޮޅަކަށް މެދުކަނޑައިލިއެވެ. " އަޅުގަނޑުމެންގެ ބައެއް މެމްބަރުން އިސް މަގާމުތަކުގައާއި ސިޔާސީ ކަންތައްތަކުގައި އިސްސަފުގައި ހަރަކާތްތެރިވޭ. އަދި ބައެއް މެމްބަރުން ޚާދިމުންގެ ގޮތުގައި މަސައްކަތްކުރޭ .އަދި ހިތާމައާއި ނިކަމެތިކަމުގައި އުމުރުގެ އެތައް ދުވަހެއް ގުރުބާންކޮށްފައިވޭ. އެކަމަކު އެއީ ހަގީގަތުގައި ޚާދިމުންނެއްނޫން. މި ޖަމާއަތުގެ އެންމެ އިއްޒަތްތެރި މެމްބަރުން. ޚާދިމުންގެ ހެދުން އަޅާ ފޮރުވިގެން ތިއްބަސް މި މަސައްކަތުގައި އަމަލީގޮތުން އެންމެ ފުރިހަމައަށް ބައިވެރިވޭ......"

ލީޑަރު ދެއްކި ވާހަކައިން އާލްފްއަށް މަޑުމަޑުންގޮސް ހުރިހާ ކަމެއް އޮޅުން ފިލައިފިއެވެ. އޭނަގެ ވަފާތެރި ޚާދިމް ޔައުގޫބުއަކީވެސް މި ޖަމާއަތުގެ އެންމެ ދުވަސްވީ އަދި މުހިއްމު މެމްބަރެކެވެ. އެކަމަކު ޔައުގޫބު އޭނަގެ ބައްޕައާއި ބޮޑުބޭބެ އޮޕާސްއާއިއެކު އެ އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ؟ ސަބަބަކީ ބައްޕާފުޅާއި އޮޕާސް ދައްކާ ވާހަކައިން ޔައުގޫބުގެ ސިއްރު އެނގޭފަދައެވެ.

އާލްފްއަށް ލީޑަރުގެ ކޮނޑާއި ދިމާލަށް ނަޒަރު ހުއްޓުނުއިރު ގިރުވާނާއި ދިމާލުން ކަޅުކުލައިގެ ގޮށެއް ޖަހާފައިވާތަން ފެނުނެވެ. ޔައުގޫބުގެ ކޮނޑުގައިވެސް އެ ނިޝާންވިއެވެ. އެކަމަކު ތަފާތު ބައްޓަކަމަށެވެ. އާލްފް އެ ސުވާލުކުރަން އުޅެނިކޮށް ލީޑަރު އެތަނަށް އައި ޒުވާނާއައި ވާހަކަ ދައްކަން ފެށިއެވެ.

"އަވަހަށް ދަތުރުގެ ތަފްސީލް ދީ.ވަރަށް އުފާވެއްޖެ އަހަރެމެންގެ މަޖުލީހުގައި ބައިވެރިވީމަ. އަހަރެމެންގެ ތެރޭ ތި ވާހަކަތައް އަހަން ކެތްމަދުވެފައިވާ ފަރާތެއްވޭ. މިތާ މިތިބީ އެންމެ އިސް މެމްބަރުން. ކޮންތާކުން ތި އައީ؟ "

"މިއައީ ސަބްތާއިން.. ވަރަށް ބައިވަރު ޚަބަރުތައް ހިއްސާކުރަން އެބަހުރި. ހުރިހާ ތަފްސީލެއް ނުދެންނެވުނަސް ތިޔަ ބޭފުޅުންނާއި ގުޅުން ހުރި އެންމެ މުހިއްމު ވާހަކަތައް ކުޑަގޮތަކަށް ޚުލާސާކޮށްލާނަން. އަޅުގަނޑުގެ މޫނު މިވަގުތު ފެނިއްޖެއްޔާ އެމޫނުގައި ލިޔެވިފައިވާނީ މުޅިންވެސް ރަގަޅު ޚަބަރުތައް. އަޅުގަނޑަށް ހީވާގޮތުން އަޅުވެތިކަމާއި އިހާނެތިކަމާއި އަލްވަދާއު ކިޔާ ދުވަސް ވަރަށް ކައިރިވެއްޖެ..." އޭނަ އެހިސާބަށް ބުނުމުން އެންމެން ކަރު ދަމާފައި އޭނަގެ މޫނަށް ބަލަން މަސައްކަތްކުރިއެވެ.

" މާތް ރަސްކަލާނގެ ހެޔޮ ޖަޒާ ދެއްވާށި. ފަހަރެއްގައި އަހަރެމެންގެ އަޅުވެތިކަމުގެ ނިމުން އަންނާނީ އެތައް ގަރުނެއް ކުރިން ބާބިލްގައި ކާބަފައިންނަށް ލިބުނު ފަދައިން ހެން ހީވޭ..."

"ސާހިބާއަށްވެސް އެގިވަޑައިގަންނަވާނެ ގފަދައިން އަޅުގަނޑު ސަބްތާގައި އުޅޭތާ އެތައް އަހަރުތަކެއް ވެއްޖެ. އެ ޝަހަރާއި ވަށައިގެންވާ ސަރަހައްދުތައް ޓޮލެޑޯގެ އަނިޔާވެރިޔާގެ ބާރު ދަށުގައި އޮތީ. އެތަން އެފްރިކާގައި އޮތީމަ ރޫމީ ޝެހެންޝާހުގެ ބާރުވެސް އޮތް. އެކަމަކު އަރަބިންގެ ފަތަހަަ ތަކުގެ ސަބަބުން އެފްރިކާގެ ކޮންޓްރޯލް ބައިޒަންޓައިންގެ އަތުން ދިޔައީ. ސަބްތާ ފިޔަވާ އެހެން ހުރިހާ ސަރަހައްދުތަކެއް އަރަބިންގެ އަތްދަށުގައި މިހާރު އެވަނީ. ހަމައެކަނި ސަބްތާއާއި އެޝަހަރުގެ ވަށައިގެންވާ ހިސާބު އެކަނި އަރަބިންނަށް ފަތަހަ ނުކުރެވެނީ. އެތާގެ ވެރިޔާ ސްޕެއިންގެ ހިމާޔަތަށް އެދި އެ ގައުމުގެ ވެރިކަމުގެ ދަށަށް އައީ." ދަތުރުވެރިޔާ ދެންނެވިއެވެ.

"ހީވާގޮތުން އިސްމާއީލްގެ ދަރިކޮޅު އެމީހުންގެ އާ ދީނަށް ވަރުގަދަޔަށް ހިފަހައްޓައިގެން ކުރިއަށް ދަނީ...."ލީޑަރު ބުނެލިއެވެ.

"ލައްބަ ސާހިބާ....."

އާލްފްއަށް "އިސްމާއީލްގެ ދަރިކޮޅު" އަދި އެދެއްކި ވާހަކަތައް ފަހުމެއްނުވިއެވެ. އެކަމަކު މިއީ އެވާހަކަތައް މެދުކަނޑައިލާ ސުވާލުތައް ގިނަކުރަންވީ ވަގުތެއް ނޫންކަމަށް ދެކުނެވެ.

"އަޅުގަނޑުމެންގެ ދެބެންގެ ދެދަރިން ދުނިޔެ އެފުށް މިފުށަށް ޖަހައިފި. އެމީހުންގެ ވެރިކަން އިރާގް ސީރިޔާ އެފްރިކާ ޕާޝިއާ އަދި ޚުރަސާން އަދި ބިމުގެ އެންމެ އެކޮޅަށްވެސް ފަތުރައިފި......" އޭނަ އިތުރަށް ދެންނެވިއެވެ.

އާލްފްގެ ހިތުގައި ސުވާލަކަށްފަހު ސުވާލެއް އުފެދުނެވެ.

"އަހަރެމެންގެ ދެެދެބެންގެ ދަރިންނޭ އެބުނީ ކޮން މާނައެއްގައި ހެއްޔެވެ؟" ކެތްނުކުރެވިގެން އާލްފް ޔައުގޫބާއި ސުވާލުކުރިއެވެ. ޔައުގޫބަށް ވަގުތުން އާލްފްގެ ނުތަނަވަސްކަން އިހުސާސްވިއެވެ.

"އާ ދީނެއް ގެނެސްގެން އުޅޭ އަރަބިންނަކީ އިބްރާހިމްގެ ދަރިކަލުން އިސްމާއިލްގެ ދަރިކޮޅުން އައިސްފައިވާ ބަޔެއް. އަދި ޔަހޫދީންނަކީ އިސްމާއީލްގެ ކޮއްކޮ އިސްހާގުގެ ދަރިކޮޅުން އައި ބަޔެއްވީމަ ދެބެންގެ ދެދަރިންނޭ ބުނެވެނީ"

އާލްފް އިތުރަށް އެމީހުންނާއި ބެހޭގޮތުން ދެނެގަންނަން ކަނުލާ އަަހަން އިނެވެ.

"އަޅުގަނޑު ވިޔަފާރި ދަތުރެއްވެސް މެ. އަދި މި ޖަމާއަތަށްޓަކާ މަސައްކަތްކުރުމަށް. މިސްރާއި ސޫރިޔާއަށްގޮސް އެތަނުގެ އަހުލުވެރިންނާއި އެކު އެތާ އުޅުނިން.އެތަނުން ނިކަމެތިކަމާއި އަނިޔާ ލިބުނު އެތައް ޔަހޫދީ އަޚުންނާއި ދިމާވި. އެފްރިކާ މިސްރު އަދި ސޫރިޔާގައި އެމީހުން ހަމަޖެހޭ އަމާން ދިރިއުޅުމެއް އުޅެމުން ދަނީ. އެމީހުންގެ ދީނީ ގަބޫލުކުރުން ތަކާއެކުވެސް އެއްވެސްބަޔެއްގެ ފަރާތުން އުދަގުލެއް ނުފޯރާ. އެމީހުން ބޭނުން އިރެއްގައި އަޅުކަންކޮށް ރައްކާތެރި މާހައުލެއްގައި ވަޒީފާ އަދާކުރޭ. އެ ސަރަހައްދުގައި އުޅޭ ކޮންމެ ބަޔަކަށްވެސް ހަމަހަމަކަމާއެކު ދިރިއުޅެވޭ. ހަމައެކަނި ޔަހޫދީންނަށް ލިބުނު އިމްތިޔާޒުތަކެއް ނޫން. އެމީހުން ރޫމީންގެ ބާރުދަށުގައި އުޅުނުއިރު ހުރިހާ ވައްތަރެއްގެ އަނިޔާތައް ލިބުނު. ސްޕޭނުގައިވެސް ގަދަކަމުން އީސާއީ ދީނަށް ވައްދާ ރަށުން ބޭރުކުރިފަދައިން ނޫނީ މަރައިލެވުނުފަދައިން ރޫމީންވެސް ކަންތައްކުރީ. އަޅުގަނޑުމެންނަށް ލިބުނީ ދެ އިޚުތިޔާރު. މިތަނުން ދުރަށް ދިޔުން ނޫނީ އީސާއީންކަމުގައި ހެދިގެން ތިބުން. ރޫމީންގެ އަތްދަށުގައި ވި އަޚުންނަށް އަޅުގަނޑުމެނަށްވުރެ ރަގަޅަށް ކަންތައް ހިނގީ. އެކަމަކު އެމީހުންނަށްވެސް އެ އަނިޔާތަކަށް ކެތެއް ނުކުރެވުނު. އެމީހުން ސަރުކާރާއި ދެކޮޅަށް ތެދުވެ އަދި އީސާއީންނާއި ތަޅައިފޮޅުން އޮތް. އިސްމާއީލްގެ ދަރިކޮޅުގެ އަރަބިން ތަންތަން ފަތަހަކުރަން ފެށުމުން ޔަހޫދީންވެސް އެއްބައިވި. ކަންތައް ވީ ރަގަޅަށް. އެމީހުން ރޫމީންގެ އަތްދަށުން މިނިވަންވެ އަޅުވެތިކަމުން މިންޖުވި. އެމީހުންގެ ޖާނާއި މުދާ ސަލާމަތްކުރެވި ޖިޒީދީގެން ހަމަޖެހިގެން އުޅެލެވޭ."

"އެއީ ކިހިނެއްތަ؟ އަރަބިން އެމީހުންގެ ކަނޑިތައް ނޫނީ ނުފޫޒު އެހެން މީހުންނަށް ނުފޯރުވާތަ؟ އެމީހުންގެ އަމިއްލަ ޖިޒީ ދޭން ނުޖައްސާތަ؟ " ލީޑަރު ސުވާލުކުރިއެވެ.

"އަރަބިން ފަތަހަ ކުރަނީ ކަނޑީގެ ބާރުގައި ނޫނީ ސުލްހަވެސް ވޭ. އެމީހުންގެ ބާރު ދަށަށް އަންނަ ތަންތަނުން ޖިޒީ ނަގާ...އަދި އެއަށްފަހު އެ ތަން ދޫކޮށް ހިނގައިދޭ.."

"އެކަމަކު އެގޮތަށް އެ ގައުމެއްގައި ނެތި އެތަނުގެ ވެރިކަން ކުރާނެ ގޮތެއް ވިސްނުމަކަށް ނާދޭ.." އާލްފް ބުނެލިއެވެ.

"ބައެއް ތަންތާ އޮންނަ އުސޫލުން ރައްޔިތުންގެ ހުރިހާ ކަމަކަށް އަތް ކޮށްޕާ އަޅުންހެން ނުގެންގުޅޭ. އަރަބިން ވަރަށް ތަފާތު. އެމީހުން ރަށް ފަތަހަކުރުމަށްފަހު ޖިޒީ ނަގާފައި އެތަނުން ދުރަށް ދޭ.އެމީހުން އަމިއްލައަށް ޝަހަރުތައް ބިނާކުރޭ. ތޫނިސްގައި ކައިރަވާން މިސްރުގައި ފުސްތާތު އިރާގުގައި ބަސަރާ އަދި ކޫފާ. އެތަންތާ ދިރިއުޅެން އަހުލުވެރިންނަށް ދޫކޮށްފައި އެމީހުންގެ ހަމައެކަނި އޮތީ ޖިޒީ ދެއްކުން. ރޫމީންނަށްވުރެ މުސްލިމުން އެގޮތުން ބަލާއިރު މާ ރަގަޅު. ކުރީ ޒަމާނުގައި މީހުންނަށް މާ ތަނަވަސްކަން މަތީގައި އުޅެވުނު. ސަބަބަކީ އުމައްޔަދު ޚަލީފާގެ ބައެއް ވެރިންގެ އަނިޔާ. ޚާއްސަކޮށް އިރާގުގައި އުޅުނު ހައްޖާޖު ބިން ޔޫސުފް މީހުންގެ ބިންތަކުން ބޮޑެތި ޖިޒީ ނަގާހެދި. އޭނަ ގެ ހަގުރާމަ ގާފިލާތަކަށް ޚަރަދުކުރަންވެގެން އެގޮތަށް އަމަލުކުރީ. އެކަމަކު އެމީހުންގެ ޚަލީފާ ހުންނެވީ ސީރިޔާގެ ދިމިސްގުގައި. އެބޭފުޅާ އަކީ ތަންކޮޅެއް ދީލަތި މީހުންނަށް ހެޔޮ ލަފާވެރިއެއް. ކޮންމެ ގޮތެއްވިޔަސް ޔަހޫދީންނާއި އީސާއީންނަށް އެންމެ ރަގަޅީ މުސްލިމުންގެ ވެރިކަމުގެ ހިޔަލުގައި ތިބުން. ޚާއްސަކޮށް ކުރީގެ ޚަލީފާއިންވެ ވެރިކަމުގައި އަދުލުވެރިކޮށް ކަންތައް ކުރެއްވީ.. އެފަދަ މާތް ސިފަތައް ނެތިއްޔާ އެ ފަތަހަތަކުގެ ސިލްސިލާވެސް ކުރިއަކަށް ނުދާނެ...."

"އަހަރެމެންގެ މި ބިމަށް އެމީހުން ދަތުރުކޮށް މިތަނުގެ ކޮންޓްރޯލް އަތުލައިފިއްޔާ ކިހާ ރަގަޅުވާނެ. ރޫމީންނަށްވުރެ ރަގަޅިއްޔާ މިތާ މިއުޅޭ ގޫތު ވެރިންނަށްވުރެ އަދުލުވެރިވާނެ...." ލީޑަރު ބުނެލިއެވެ.

"ނޫން ސާހިބާ. ގޫތުންގެ އެންމެނަކީ އެއްބަޔެއްގެ ގޮތުގައި ދެކެ ޝަކުވާކުރުމުގެ ހައްގެއް އަޅުގަނޑުމެންނަކަށް ނެތް. ސަބަބަކީ އަޅުގަނޑުމެންނާއެކުމެދު ބައެއް ގޫތުން ރަގަޅުގޮތުގައި މުއާމަލާތް ކޮށްފައި ވާތީ. ޚާއްސަކޮށް އަޅުގަނޑުމެންގެ އެންމެފަހަށް ހުންނެވި ރަސްގެފާނު ވިޓިޒާ. އެމަނިކުފާނު އަޅުގަނޑުމެން މިނިވަންކޮށްދެއްވާ އަމިއްލަ ދީންމަތީގައި އުޅެވޭނެގޮތް ހަމަޖައްސަވާދެއްވަން މަސައްކަތްކުރެއްވީ. ނަސީބުދެރަކަމުން މަރު އެކަމަށް ހުރަސް އެޅީ. އަވަހާރަވީ ނޫނީ ބޮޑަށް ހީވާގޮތުން އަވަހާރަކޮށްލެވުނީ. އޭގެ ފަހަތުން ލުދްރީކް މިއައީ. ހުރިހާ އެންމެނަށްވުރެ ނުބައި ނުލަފާކަމާއިގެން އޭނަ ރަސްކަމަށް އަރައިގަތީ. މާތް ރަސްކަލާނގެ އޭނަގެ ނަން ހަޑިކުރައްވާދޭވެ..."

އެމީހުންގެ ތެރޭ ވިޓިޒާގެ ފިރިހެން ދަރިކަލަކު އިންކަން ލީޑަރުގެ ހަދާނުން ކެހިގެން ނުދެއެވެ. ދަތުރުވެރިޔާ އެފަދަ މޭރުމަކުން ވިޓިޒާއަށް ސަނާ ކިޔުމުން އޭނަވެސް ހައިރާންވިއެވެ.

"ތިޔަ ބުނަނީ ހަމަ ރަގަޅަށް. ކޮންމެ ގޮތެއްވިޔަސް ތި ބުނާ އަރަބިން ސްޕެއިނަށް އަތުވެއްޖެއްޔާ އަހަރެމެންނަށް ލިބޭނެ އުފަލަކަށް ވާނެކަން ގައިމު. އެމީހުންނަށް މިތަން ފަތަހަ ކުރުން ދަތިކަމަކަަށް ވާނެއެކޭ ހިތް ނުބުނޭ. މި ރަސްކަމާއިމެދު ޝަކުވާ ނުކުރާ ޖަމާއަތެއް މިތަނުގައި މަދުވާނެ....." ލީޑަރު ބުނެލިއެވެ.

" ތިޔަ ބޭފުޅުންގެ އެދުމަކީ އަޅުގަނޑުމެންގެ އެކޮޅުގައިވާ އަޚުންގެވެސް އުއްމީދު. އަދި އަޅުގަނޑަކީ އޭގެ ތެރެއިން ހިމެނޭ މީހެއް. އެތައްފަހަރު އަރަބިން ގާތު ދަންނަވައިފިން މި ގައުމުގެ ހިތްގައިމު ކަމާއި ފަހަތަކުރަން ފަސޭހަވާނެކަން އެކަމަކު އެމީހުން ބައެއްފަހަރު ޝައްކު ކުރޭ. މިހާރު ހީވޭ އެއަންނަ ބާރުމިނުގައި މިތަނަށް އަރައިގަންނާނެއޭ....." ދަތުރުވެރިޔާ ބުނެލިއެވެ.

"ތިއީހަމަ ތެދެއްތަ؟ " ލީޑަރު ގެ އަޑުގައި ޖޯޝް އެކުލެވުނެވެ.

"ލައްބަ ސާހިބާ. އެހެންވެ އަޅުގަނޑު މިއައީ. އަޅުގަނޑު ބޭނުންވީ ސަޕްރައިޒެއް ދޭން އެކަމަކު އަަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މައުޟޫއިން ބޭރަށްވެސް ދެވިއްޖެ. އަޅުގަނޑު ސަބްތާއިން އައިއިރު އެތާގެ ވެރިޔަކަށް ހުރީ ޖޫލިއަން. އަޅުގަނޑު އީސާއީއަކަށް ހެދިގެން އެތަން މިތާ ދަތުރުކޮށް ވިޔަފާރިކުރިން. އަދި އެއަށްފަހު ސަބްތާއަށް އައީ. އެހުރިހާ އިރެއްގައިވެސް އެތަންތާ ޔަހޫދީންނާމެދު ގޫތުން ކަންތައްކުރާގޮތް ފެނުނު. އެކަމާ ހިތުގައި ނަފްރަތު އުފެދުނު. އަޅުގަނޑަށް ޖޫލިއަންގެ ފަރާތުން ބަދަލު ހިފުމުގެ ފުރުސަތުވެސް ލިބުނު. އެކަމަކު އަދި މިތާ އެ ވާހަކަ ދަންނަވާކަށް ނެތިން. އަޅުގަނޑަށް އޭނަ ވަރަށް އިތުބާރުކުރި އަދި އޭނަގެ ގާތް މުޝީރެއްގެ ގޮތުގައި ހުރިން. އެކަމުގެ ބަދަލުގައި އޭނައަށް ހެޔޮކޮށް ހިތާ އެކަމަކު އެ ފުރުސަތުގެ ބޭނުންކޮށްގެން އަރަބިން ގާތު ސްޕެއިނަށް އަންނަން ދައުވަތު ދެމުން ދިޔައީ. އަޅުގަނޑު ދެންނެވިން މިތަން ފަތަހަ ކުރުމަކީ ވަރަށްރަގަޅު ނިންމުމަކަށް ވާނެއޭ. އެކަމަކު އަޅުގަނޑަށް ވިސްނުނީ ސްޕެއިނަށް އަރަން ވެއްޖެއްޔާ އެންމެ ކުރިން ސަބްތާ ފަތަހަ ކުރަން ޖެހޭކަން. ސަބަބަކީ އެފްރިކާއާއި ސްޕެއިނާއި ދޭތެރޭގައި އޮތީ އެތަން ކަމަށްވާތީ. މިހާރު އެތަނުގައި އަރަބި ގަވަރުނަރަކަށް ހުންނެވި މޫސާ ބިން ނުސައިރު އަކީ ހިތްވަރުގަދަ އަޒުމް ވަރުގަދަ ބޭފުޅެއް. އޭނަ ވަނީ ތާންޖާ ފަހަތަކުރަން ލަޝްކަރެއް ފޮނުވާފައި. ޖޫލިއަންގެ ކިއްލާ އެއްގަމު މަގުން ހިސާރަކޮށްފި. އޭނަ މާ ވަރަކަށް ގޫތުންގެ ލީޑަރުންގެ ފަރާތުން މަދަދަށް އެދުނަސް އެކަމުން ރަގަޅެއްނުވާނެކަން އެނގޭނެ. އަދި ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން އޭނައަށް މިހާރު ލުދްރީކްއަށް ވަފާތެރި ނުވެވޭނެ ގޮތެއްވެސް ނެތް. ސަބަބަކީވެސް .........."

ޖޫލިއަންގެ ނަން އިވުމުން އާލްފްގެ ހިތް ފުންމަިއގެންދާ ގޮތްވިއެވެ. އެއީ ފްލޮރިންޑާގެ ބައްޕަކަން އޭނައަށް އެނގުނެވެ. އޭނަ ކަނުލާ އަހަމުން ދިޔައީ ފްލޮރިންޑާގެ ނަން ގަނެވި އެވާހަކަ ދެކެވިދާނެކަމުގެ އުއްމީދުގައެވެ. ދަތުރުވެރިޔާ އެހެން ބުނީ ކީއްވެކަން އާލްފް ދެނެގަތެވެ. ޖޫލިއަން އަށް މަޖުބޫރުވާނީ ލުދްރީކްއަށް ވަފާތެރިވުމަށެވެ. އޭނަގެ ދަރިކަނބަލުން އެ އުޅެނީ ރަސްގެފާނު ގާތުގައި ގަނޑުވަރުގައެވެ. ފްލޮރިންޑާ އޭނަގެ އަތް ދަށުން ސަލާމަތްވެގެން މިހާރު އުޅެނީ ކޮން ހާލެއްގައި ބާވައޭ ހިތަށް އެރިއެވެ. އޭނަގެ މުޅި ހަށިގަނޑުގައިވި ލޭ ހޫނުވިއެވެ. ދަތްތަކަށް ބާރު ލެވުނެވެ.

"ހޫމް އެންމެނަށްވެސް އެ ސަބަބު އިނގޭ. އެކަމަކު ދެން؟ "

"އަޅުގަނޑު ވަރަށް ގިނައިން ޖޫލިއަންގެ ކިއްލާއަށް ގޮސް އޭނައާއި އެއް މަޖުލިސްއެއްގައި އިންނަން. އަޅުގަނޑު މުއްސަދިވެފައި ވިޔަފާރިވެރިއަކަށްވީމަ ގުޅުން ކިތަންމެހާވެސް ރަގަޅު. އެ ކިއްލާ ހިސާރަކުރުމުން އޭނަ ފައިސާއާއި ކާނާއާއި އެހެނިހެން ސާމާނު ބޭނުންވާނެ. ދުވަސްކޮޅެއްކުރިން ގޭގައި ހުއްޓާ އޭނަގެ ޚާދިމަކު ބަލާ އައުމުން އޭނަ ގާތަށް ދިޔައިން. އެކިއްލާގައި ޖޫލިއަން އުޅޭ ކޮޓަރިއާއި އަރާ ހަމަވީއިރު އެތަނުން ޒުވާން ކުއްޖަކު ނުކުތީ. ބަލާބެލުމަށް ދުރު ރަށަކުން އައިހެން ހީވޭ. ޓޮލެޑޯގައި ރަސްގެފާނުގެ ކައިރީގައި އުޅޭ މީހެއްކަމަށް ޝައްކުވި. އޭނަ އަހަންނާއި އަނގައިން ބުނުމެއްނެތި ގޮސް ފަސްދިނީ. އިޒުނަ ހޯދުމަކާއި ނުލާ އެތެރެއަށް ވަންއިރު ޖޫލިއަން ހުރީ މެޑިޓެރޭނިއަން އާއި ދިމާލަށް ހުރި ކުޑަދޮރެއްގެ ކައިރީ. އޭނަ ހުރީ ފުން ޚިޔާލަކަށް ގެއްލިފައި. އަތުތެރޭ ކޮންމެވެސް އެއްޗެއް އޮތް. ފިޔަވަޅުތަކެއްގެ އަޑު އިވިގެން އޭނަ އެނބުރިފައި އަހަރެންގެ އަތަށް އެ އެއްޗެއް އެއްލައިލީ. އަދި ބުނެލި މީތި ކިޔާބަލާށޯ. ދެން އޭނަ ވާނެ ދެރަ ހިތަށް ގެންނާށޯ. އޭނަ ކުޑައިރު ދިމާވި މުސީބތުންވެސް ފުދޭވަރު ނުވީކަމަށާއި އިތުރު ސަޒާތަކެއް އުފުލަން ޖެހުނީކަމަށާއި އެވެސް އެމީހެއްގެ ތަޚުތު ދަމަހައްޓަން އޭނަ ނަރަކައިގެ އަލިފާނާއި ކުރިމަތިލާން ޖެހޭ މީހެއްގެ ސަބަބުން ކަމުގައި ޖޫލިއަން ބުނި........"

"އަޅުގަނޑު ގުދުވެފައި އޭނަ އަޅުގަނޑާއި ދިމާލަށް އެއްލައިލި އެއްޗެއް ނެގިން. އެއީ ހެދުމުން ވީދާފައި އޮތް ފޮތިކޮޅެއް، އޭގައި ރަތްކުލައިން ލިޔެފައި ހުރިއިރު ލެއިން ލިޔެފައިވާހެން ހީވީ. އެ ކިޔައިލިއިރު މުޅި ހަށިގަނޑުވެސް ރޫރޫ އެޅި. އެކަމަކު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްވެސް ލިބުނު ސަބަބަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މި ކާރިސާއަށް ހައްލު ލިބޭނެކަމުގައި ފެނުނީތީ..."

ދަތުުރުވެރިޔާގެ ވާހަކައިން އާލްފްގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް ގަދަވިއެވެ. އެންމެންވެސް ޝައުގުވެރިކަމާ ހިމޭންކަމާއެކު އޭނަގެ ވާހަކަތައް އަހަން އިސްޖަހާލައިގެންނެވެ.

"އަޅުގަނޑު އެ ސިޓީ ކިޔާދޭނަން....." ދަތުރުވެރިޔާ ސިޓީ ކިޔަން ފެށުމުން އާލްފްގެ މުޅި ދުނިޔެވެސް ހުއްޓުނެވެ.

ނުނިމޭ

ކޮމެންޓް 0