ވަރުގަދަ ހަމަލާތަކެއްގައި ވަގުތުތަކެއް ފާއިތުވީފަހުން އެމީހާ ގަތުލުވެގެން މައިދާނަށް ވެއްޓުނެވެ. ޔޫސުފް ފްލޮރިންޑާއާއި ބާބަރާގޮވައިގެން ގޮސް އޭނަގެ ފޭލިގެއަށް ލާފައި އެދެމީހުން ރަގަޅަށް ބަލަހައްޓަން ޚާދިމުންނަށް އެންގިއެވެ.

***

ފުރަތަމަ ދުވަހު ވަރުގަދަ ހަނގުރާމައެއް ދެފަރާތުންވެސް ކުރިއެވެ. ބެރުތަކުގެ ގަދަ އަޑާއި ތާޅަފިލި ފުމުން އަދިވެސް އިތުރު އެތައް ބާރު އަޑުތަކުގެ ތެރެއިން ޒަޚަމްވެ މައިދާނަށް އެޅެމުން ދިޔަ ފަހުލަވާނުންގެ ކުުކުރުމާއި ހަޅޭކުގެ އަޑު އެއްވެފައިވިއެވެ. ޔޫރަޕްގެ ވަރުގަދަ އަސްތަކުގެ މޮށްގަނޑު ޖެހޭއިރު ބިންގަނޑުވެސް ގުޑައިގެން ދިޔައެވެ. ނަމަވެސް އިރުއޮއްސުނުއިރު މައިދާނަށް ފަޅުކަމެއް ވެރިވެ ދެ ލަޝްކަރު ވަކިވެ އެބަޔެއްގެ ފޭލިގެތަކަށް މިސްރާބު ޖަހައިފިއެވެ.

މުސްލިމުން މުޅި ރޭ ވޭތުކުރީ ނަމާދާއި އަޅުކަމުގައެވެ. ޒަޚަމްވި މީހުންތައް ބޭސްއަޅާ ހަދައިގެން އަނެއް ދުވަހުގެ ހަނގުރާމައަށް ތައްޔާރުވިއެވެ. ކުރިއަށް އޮތީ ދަތި އުދަގޫ ދުވަސްތައް ކަމާއި ލެއިން ފެންވަރަން ޖެހިދާނެކަން އެނގުނެވެ. ހަމަލާތައް ހައްތާ ގަދަވެފައި ހިތިވަމުން ދާނެއެވެ. އެކަމަކު މުޖާހިދުން އަމިއްލަ ނަފުސަށް އިތުބާރު އޮތެވެ. އަދި އެމީހުންގެ ކޮމާންޑަރު ޒިޔާދު ބިން ތާރިގުގެ ކުޅަދާނަކަމާއި ވަރުގަދަކަމަށް އިތުބާރު އޮތެވެ. އެމީހުން އިންތިޒާރުކުރީ ފަތިހުގެ ވަގުތަށެވެ.

ހަތަރުވަނައަށް ވީ ދުވަހުގެ ހަނގުރާމަ އެހެން ހުރިހާ ދުވަހާއި އަޅާބަލާއިރު ވަކިން ނުރައްކާތެރިކަމަށް ފެނުނެވެ. ތާރިގު ބިން ޒިޔާދުގެ އިރުޝާދުގެ ދަށުން މިއަދު ހަމަލާދިނީ ތަފާތުގޮތަކަށެވެ. ދެފަރުބަދަގަނޑު ޖެހިގަންނަ މިސާލުގައި ދެބައި ލަޝްކަރުގޮސް ހަމަލާދިންއިރު ދެކެން ތިބި ބަޔަކުގެ ހިތްވެސް ރޫރޫ އަޅައިގަންނާނެއެވެ. މައިދާނަށް ގަތުލުވެގެން ވެއްޓޭ މީހުންނާއި ޒަޚަމްވާ މީހުންގެ ލެއިން ބިންމަތީގައި ލޭގެ ކޯރުހެދިއްޖެއެވެ. ކަނޑިތަކާއި އައްޑަނަތައް ޖެހިލާއަޑު ފަޒާގައި ހިފާފައިވިއެވެ. ޒަޚަމީންގެ ރުއިމުގެ އަޑުވެސް މެއެވެ. ތާރިގުވެސް ހެދުމުގެ ބޭރުން ކޯޓެއްފަދަ އެއްޗެއް ތުރުކުރައްވާ އިސްތަށިފުޅު ފަގުޑިއަކުން ނިވާކުރައްވާފައިވާއިރު އޭނަގެ ފާރަވެރިންވެސް އެފަދައިން ހެދުން އަޅާފައެވެ. އެ ފައުޖު މަސައްކަތްކުރަމުން ދިޔައީ ސަފުތައް ފަޅައިލާ ގޫތު ލަޝްކަރުގެ މެދުތެރެއަށް ވަދެގަންނާށެވެ. ލުދްރީކް އިން ހިސާބަށެވެ. ލުދްރީކަށް އެމީހުން ވަދެގެން އަންނަތަން ފެނުމާއެކު ކައިރީގައި ތިބި މީހުންނަށް ބަލައިލީ ބިރުވެރިކަމުން ފުރިގެންވީ ގޮތަކަށެވެ.

"މިއަންނަނީ އެދުވަހު އަހަރެމެން ހުޅުވައިލި ފޮށިތަކުގެ ތެރެއިން ފެނުނު ކުރެހުމުގައި ތިބި މީހުން...." ތާރިގު ބިން ޒިޔާދުގެ ވަރުގަދަ ޝަޚުސިއްޔަތުން އަސަރުކުރުމާއެކު އޭނަގެ އަޖަލު ޖެހެނީކަން ޔަގީންވެ ލުދްރީކްގެ ހިތް ބިރުވެރިކަމުން ފުރުނެވެ. ސަލާމަތްވުމުގެ ފުރުސަތު ނެތިގެން ދަނީއެވެ. ފަށުވި ސަދުވާތައް ދަމައިގެން ޖަވާހިރުންވާ ތަޚުތެއްގައި ވެޑުވިގެން އެފަދަ ހެދުމުން ޒީނަތްތެރިވެގެން އިނަސް މަރު އައިސް ޖެހުމުން ފިލަން ދުވާނެ ތަނެއް ނޯންނާނެކަން ވިސްނުނެވެ. މުސްލިމުންގެ ކަނޑިތަކުގެ ތޫނުކަން ހަތަރުފަރާތުން ފެންނައިރު އެ ކަނޑިތަކުން ގޫތުންގެ ލޭތައް ބޮމުން ދަނީއެވެ. އެއް އިރެއްގައި ފަޚުުރުވެރި ސްޕެއިންގެ ވަރުގަދަ ލަޝްކަރު މުސްލިމުން އައިގޮތަށް ވިއްސި ވިހާލެވިފައިވާ މީސްކޮޅަކަށް ހަދާތަން ލޮލު ކުރިމަތިން ފެނިލައިފިއެވެ.

***

ލުދްރީކްވެސް އެންމެފަހު ނޭވާއާއި ހަމަޔަށް ހަމަލާދިނުމުގެ އަޒުމްގައި ހަގުރާމަކުރިއިރު ތާރިގު ބިން ޒިޔާދުއަށް ލުދްރީކް ފިލަން މަސައްކަތްކުރާކަން އެނގުނެވެ. ޔޫސުފްއާއި ބައެއް ފަހުލަވާނުން އެދިމާލަށް ދާތަން ފެނިވަޑައިގެން ތާރިގުގެ ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ. އޭނައަށް ދަދި ފަސޭހައިިން ލުދްރީކް ގަތުލުކުރެވެން އޮތަސް އަމިއްލަފުޅަށް ހުރިހާ ފޮނިކަމެއް ހޯއްދަވަން ބޭނުންފުޅުނުވެ އެހެން ދިމާލަކަށް ސަމާލުކަން ދެއްވިއެވެ.

ތާރިގު ބިން ޒިޔާދުގެ ރޭވުންތެރިކަމާއި މޮޅު އުކުޅުތަކުން މަދު މުސްލިމް ހަގުރާމަވެރިންނާއެކު ހަމަލާ ދެއްވިގޮތުން ގޫތުން ގެ ހިތްވަރު މުޅިން ގެއްލިއްޖެއެވެ. އެމީހުންގެ ރަސްގެފާނު ފިލަން ދުވާތަން ފެނުމުން އެމީހުންވެސް އެގޮތަށް އަމަލުކުރިއެވެ. ބައެއް މީހުން ފަރުބަދަތަކާއި ދިމާލަށެވެ. އަނެއްބަޔަކު މަގުތައް ޚިޔާރުކުރިއެވެ. ފައިމަގުގައި އުޅުނު މުސްލިމް ހަގުރާމަވެރިން އޭރު އެމީހުން ދޫކޮށްދިޔަ ޔޫރަޕްގެ ވަރުގަދަ އަސްތަކަށް ސަވާރުވެ ހަގުރާމަ ފަށައިފިއެވެ. އެންމެ މުސްލިމެއްވެސް މިހާރު ފައިމަގުގައި އުޅޭކަށް ނުޖެހުނެވެ. އޭރު ޔޫސުފްއާއި ހަގުރާމަވެރިން ލުދްރީކްގެ ފަހަތުން ދިޔައެވެ. ލުދްރީކްގެ އަމަލުހުރިގޮތުން ހައިރާންވިއެވެ.ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން އުލޭ މީހެއް ހެންނެވެ. ކުއްލިއަކަށް ފޭލިގެއަކުން ފާދިރީީ މާޓިން ނުކުމެ އަހަކަށް އަރަން މަސައްކަތް ކުރިއެވެ.

"ފާދާރ މާޓިން...."ލުދްރީކްގެ އަޑު އިވުމުން މާޓިން އެނބުރި ބަލާލައިފިއެވެ.

ލުދްރީކް ކަނޑިން މާޓިންއަށް އިޝާރާތްކުރިއެވެ.

"މި މުސީބާތުގެ އަސްލަކީ ކަލޭގެ ޝައިތާނީ ވިސްނުމާއި މޮޔަކަން......." ލުދްރީކް ހަޅޭއްލަވައިގެންފައި އޭނަގެ ކަދުރާއާއި އަމާޒުކޮށް ކަނޑި އެތިފަހަރެއް ވީއްލާލައިފިއެވެ. މާޓިން ބިންމައްޗަށް ވެއްޓުނުގޮތަށް ކަރުތެރެއިން ނުބައި އަޑެއް ނުކުތެވެ. މުޅި ހިސާބި ތެމެމުން ދިޔައީ އޭނަގެ ލެއިންނެވެ.

 

***

ލުދްރީކް މިސްރާބުޖެހީ ކޯރާއި ދިމާލަށެވެ. ޔޫސުފްއަށް އެހިސާބަށް ފޯރުނުއިރު ރަސްގެފާނުގެ ހިލަމެއް ނުފެނުނެވެ. ކޯރުގެ އައްސޭރީގައި އޭނަ ސަވާރުވި ހުދު އަސް އޮރޭލިއާއާއިއެކު ޗަކަގަނޑުގެ ތެރެއިން ރަސްގެފާނުގެ ފައިވާނުގެ އެއްކިބަ ފެނުނެވެ. ނީލަމާއި ރަންމުތުން ޒީނަތްތެރިކުރެވިފައިވާ ފައިވާނެކެވެ. ބުނެވޭގޮތުގައި އޭނަ މައިދާނުން ފިލަން އުޅެނިކޮށް ޖަވާހިރުން ބަރާވެފައިވާ ހެދުމާއެކު އޭނަ ކޯރަށް ގެނބުނީއެވެ. އެކަމަކު އޭނަގެ ހަށިގަނޑު ނުފެނުނެވެ އޭނަގެ ފައިވާން ފަހުން އެއްލައްކަ ދީނާރަށް ވިއްކައިލެވުނު ކަމުގައިވިއެވެ.

 

***

ގޫތު ލަޝްކަރު ބަލިކޮށްލުމަށްފަހު މުސްލިމުން ގޫތު ކޭމްޕަށް ވަދެގަތެވެ. ފޭލިގެތަކުގައިވިހާ ޚަޒާނާއަކާއި އަސްތަކާއި ގޮވާންތައް އަދި ހަތިޔާރުތަކާއި މުދަލެއް ޣަނީމާކުރިއެވެ.

ވަރުގަދަ ބިރުވެރި ހަގުރާމައެއްގެ ނިމުން އައީ ހިޖުރީގޮތުން ނުވަދިހަ ދެވަނަ އަހަރު ޝައްވާލު މަހު ފަހެއްގައެވެ. ވަރުގަދަ ފަޚުރުވެރި ފަތަހައަކާއި ނަސްރެއްވެސް މުސްލިމުންނަށް ދެއްވައިފިއެވެ. އިބުރަތްތެރި ހަގުރާމައެއް ތާރީޚުގެ ފަތްފުށްތަކުގައި ލިޔެވިގެން ހިގައްޖެއެވެ. އެންމެ ކުޅަދާނަ ޖެނެރަލުންނާއެކު ސްޕެއިންގެ ވަރުގަދަ ލަޝްކަރު ބަލިވެގެން ދިޔައީ އެމީހުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ މަދު މުސްލިމުންގެ އަތްދަށުންނެވެ. ފަޚުރުވެރިވި ގޫތުން ބިންމަތީގައިވާ ހިރަފުހަށް ހަދާލައިފިއެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް ގޫތުން ހަގުރާމައިގެ މައިދާނެއްގައި ބަލިވެފައި ނެތެވެ. ސްޕެއިންގެ ތާރީޚުގައި ހިނގި އެންމެ ލޭ އޮހޮރުވައިލެވުނު ހަގުރާމައަށް މި ހަގުރާމަ ވާނެކަމާއިމެދު ޝައްކެއް ނެތެވެ.

ތާރިގު ބިން ޒިޔާދު އިރުޝާދުދެއްވީ ޣަނީމާއާއި އަސީރުން އޭނަގެ ކުރިމައްޗަށް ގެނައުމަށެވެ. ތަނެއް ފަތަހަވުމަށްފަހު އޮންނަ އުސޫލުގެ ދަށުންނެވެ. އެމީހުން ހަތިޔާރުތަކާއި ގަހަނާތައް އަދި ދީނީ އެއްޗެހިވެސް ގެނަސް އަތުރަންފެށިއެވެ. ބައެއް ސަލީބުތަކުގައި ރަނާއި ރިހިން ވާއިރު އަނެއްބައި ސަލީބުތަކުގައި އެފަދަ ކަމެއް ނެތެވެ. ބައެއް އަސީރުންގެ ފައިގާ ހިލިހިލާ ޖަހާފައިވާއިރު އަނެއްބައި މީހުންގެ އަތް ބަދެފައެވެ. ބައެއްމީހުން ޒަޚަމްވެފައިވާއިރު އަނެއް ބަޔަކު ދުޅަހެޔޮކޮށެވެ. ފޭލިގޭގެ ކުރިމަތީގައި ޣަނީމާއާއި އަސީރުން ގެނެސް އަތުރައިލިއިރު ބޮޑު ފަރުބަދަ ފުންޏެއްވަރުވިއެވެ. އޭރުވެސް އަސީރުން ގެންނަމުން ދިޔައެވެ. ކަނދުރާ އަތް ނޫނީ ފައިން ހުރިހާ އަސީރުން ވާގަނޑުގެ އެހީގައި ގުޅުވާފައި ތިބިއިރު ބައެއް މީހުން ގެންނަނީ ވަކިންނެވެ.

މުސްލިމް ކޮމާންޑަރުވެސް އޭރު ތާރިގުގެ އަރިހުގައި ތިއްބެވިއެވެ. ބޮޑު ރަގެއް ގެނެސް ފަތުރައިލުމަށްފަހު އެބޭކަލުން އެތާ އިށީދެ ވަޑައިގެންނެވިއެވެ. ތާރިގުގެ ކަނައަތްޕުޅުގައި ކައުންޓު ޖޫލިއަން އަދި ޝެހެޒާދާ އަލްފަންސޫ ވައަތް ފަރާތުގައެވެ. އިސް ކޮމާންޑަރުން ތާރިގުގެ ކުރިފުޅުމަތީގައެވެ. އެތަނުގައި ޔޫސުފްވެސް އިނެވެ. އަލްފަންސޫ މުސްލިމް ލަޝްކަރާއި ގުޅުމާއެކު ކައުންޓް ޖޫލިއަންއާއި ބައްދަލުވިއެވެ. އެމީހުންވަނީ ރަސްކަމާއި އަދި އޮޕާސްއާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. ފްލޮރިންޑާ ބަލާ މޭބިސްކަދުރު ދަނޑަށް މީހަކު ފޮނުވާ ވާހަކަވެސް ދެކެވުނެވެ. ޣަނީމާތައް ބަހައިލެވުމުން ފްލޮރިންޑާ ހީޯދަން ފޮނުވާނީކަމަށް ޖޫލިއަން ބުނެލިއެވެ. ހަގުރާމަ ނިމުމުން އަލްފަންސޫ އޮޕާސް ފެނޭތޯ އަސީރުންނަށް ބެލިއެވެ. އެކަމަކު އެމީހުންގެ ތެރެއިން ފެނުމަށްވުރެ ބޮޑުބޭބެ ގަތުލުވެގެން ދާން ބޭނުންވާނެކަން ޔަގީންވިއެވެ.

ދީނުގައި އޮންނަގޮތަށް ޣަނީމާ ބަހަން ތާރިގު ބިން ޒިޔާދު އެންގެވިއެވެ. ފަސްބައިކުޅަ އެއްބައި ދައުލަތުގެ ޚަޒާނާއަށް ލާފައި އެހެން ބައިތައް މުޖާހިދުންނަށް ބައްސަވަން ވިދާޅުވިއެވެ. އޭރު ތާރިގު ބިން ޒިޔާދުގެ މޫނުފުޅަކީ ފަޚުރުވެރިކަމުގެ މިސާލެކެވެ. އޭރުވެސް ޖޫލިއަންއާއި އަލްފަންސޫގެ ވިސްނުން ހުރީ އޮޕާސްއާއި މެދުގައެވެ. އޭނަ ގަތުލުވީބާވައެވެ. ނޫނީ އަސީރުވީހެއްޔެވެ؟ ނޫނީ ފިލައިގެން ދިޔައީހެއްޔެވެ؟ ހައްޔަރުވެދާނެކަމާއިމެދު އެމީހުން ޝައްކުކުރިއެވެ. އެވަގުތު ހަގުރާމަވެރިންތަކެއް އިސްކޮޅާއި އިސްތަށިގަނޑުވެސް ދިގު މީހަކު ގޮވައިގެން އައެވެ.

"ސާހިބާ. އަޅުގަނޑުމެންނަށް މި އަސީރު ފެނުނީ ގޫތު ކޭމްޕްގައި ހައްޔަރުކޮށްފައި އޮތްވާ. އެހެންވެ މޮހާލައިގެން މިގެނައީ....." އެތަނުން މުޖާހިދަކު ދެންނެވިއެވެ.

"މިތަނަށް ގެނޭ...." ތާރިގު ވިދާޅުވިއެވެ.

އޮޕާސް އެހިސާބަށް އައިއިރުވެސް އޭނަ ހުރީ ހަގުރާމައިގެ މައިދާނަށް އައިގޮތަށް މޭމަތީގައި އަދި އެއް އަތުން ސަލީބެއް ހިފަހައްޓައިގެންނެވެ. އަލްފަންސޫއަށް އޭނަގެ ބޮޑުބޭބެ ފެނުމާއެކު ތެދުވެގެންގޮސް އޭނަގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ އަތްތިލައިގާ ބޮސްދިނެވެ. އޭރު އަލްފަންސޫގެ ލޮލުން ހިމޭންކަމާއެކު ކަރުނަތައް އޮހެނީއެވެ. ޖޫލިއަންވެސް އަލްފަންސޫއެކޭ އެއްފަދައިން އަމަލުކޮށް ފާދިރީގެ އަތަށް ބޮސްދިނެވެ. އޭނަގެ އުފާވެރިކަމާއެކު ލަދުވެތިކަންވެސް އެކުވެފައިވަނީ އޭނައަށް ގޫތުންނަށް ބޭވަފާތެރިވެވުނީތީއެވެ. އޭނަ ތެދުވެ އޮޕާސްގެ ގައިގާ އޮޅުލައިގަތެވެ. އަދި އިށީނުމަށް އެދުނެވެ. ތާރިގު ޔޫސުގް އަދި އަރަބި ކޮމާންޑަރުންވެސް އަލަށް މި އައި މީހާއަށް ބަލަމުން ދިޔައެވެ. އޭނަގެ ހައިބަތުގެ ވަރުގަދަކަން އިސްތަށިގަނޑުގެ ސަަބަބުން އިތުރުކޮށްދިނެވެ.

އޮޕާސް އޭނަގެ ވަށައިގެންވާ މީހުންނަށް ނަޒަރު ހިންގައިލީ ހަމަޖެހިގެން ހުރެއެވެ. ޖޫލިއަން އިށީންނަން އެދުނަސް އަޅާލުމެއްނެތި އޭނަގެ ނަޒަރު އެކި ދިމާލަށް ދަތުރުކުރިއެވެ. އަލްފަންސޫއަށް ރަގަޅަށް ބަލައިލެވުނުނަމަ އެލޮލުގައި ވިދުން ފެނުނީހެވެ. ކަރުނުން އެ ލޯ ވިދާފާނެކަމަށް އަލްފަންސޫ ފަހަރެއްގައިވެސް ހީނުކުރާނެއެވެ. ސަބަބަކީ ދުނިޔޭގެ އެއްވެސް ކަމަކަށް ޖަޒުބާތީވާފަދަ މީހެއް ނޫންކަން އަލްފަންސޫއަށް އެނގޭތީއެވެ. އެފަދަ މީހަކަށް ހިތާމަ އުފާވެރިކަން އެފަދަ އެއްވެސް ޖަޒުބާތުތަކު ނުޖެހޭނެއެވެ. ދިރިއުޅުމަކީ އިންސާނީދަރިފަސްކޮޅުގައި ވައިރޯޅިއެއްގެ ބީހިލުންފަދައެވެ. ވީއިރު އެކަމާ ފިކުރުބޮޑުވާންވީ ކީއްވެހެއްޔެވެ؟ އުފާވެރިކަމާއި ހިތާމަތައް ގެނެސްދޭ އެއްޗަކީ ޖަޒުބާތެވެ. އެފަދަ ކަމަކުން ދުރުވުމަށް ކުރިހާ އުއްމީދުތައް ގެއްލި އެންމެ ފަރުދެއްގެ ނުބައި ސިޔާސަތުގެ ސަބަބުން ސްޕެއިންގެ ރަސްކަން ވުޖޫދުން ނެތިގެން ދާއިރު އޭނަގެ ލޮލުން ކަރުނަ ނާންނަންވީ ކީއްވެހެއްޔެވެ؟

އެންމެ ފުރަތަމައަށް ޚިޔާލަށް އައިހާ އެއްޗެއް އެހެން ޖަޒުބާތުތަކަށް ބަދަލުކުރުވައިފިއެވެ. އެހެންވެ ކައުންޓް ޖޫލިއަން ދައުވަތު ދިނުމުންވެސް އޭނަ އިށީންނަން ދެކޮޅުހެދީއެވެ.

"ވީއިރު ޖޫލިއަން......" ހިނދުކޮޅެއްގެ މަޑުޖެހިލުމަކަށްފަހު އޭނަ ވާހަކަދެއްކީ ޖަޒުބާތުން ކުރަކިވެފައިވާ އަޑަކުންނެވެ." މިހާރު އަހަންނަށް އިށީންނަން ތި އިޝާރާތްކުރަނީ މިއީ ތިމާގެ އަމިއްލަ ގެ ކަމުގައި ހީކުރި އަދި މިދުވަހު އަބަދަށްޓަކާ ގެއްލިގެން ދިޔައީމަތަ؟ ކަލޭ ޖޫލިއަން އެ ވިއްކައިލީ ޚިޔާލަށް ގެނެވޭނެ އެންމެ އަގުހެޔޮކޮށް. އަދި ކަލޭ އެކަން ކުރީ ބަލިކަށި ފިރިހެނަކު އިސްމަތަށް އަރައިގެން އާއިލާގެ ގަދަރުކުޑަކޮށްލީމަ ބަދަލު ހިފަންވެގެން. ކަލެއާއި އާއިލާ އަދި ގޫތު ސިފައިންގެ އަމިއްލަ ނަފުސް އެކަންޏެއް ނޫން އަތުން ބީވެގެން ދިޔައީ. އަމިއްލަ ބިންތަކާއި މުދާތައްވެސް އަތުން ބީވެގެން ހިގައްޖެ. އަދި މި ނުބައި ޣައްދާރު ދައުލަތަށްވި ސަބަބެއްކަމުގައިވި އެ މީހަކު ހިމާޔަތްކުރަން އުޅުނު ދަރިފުޅުވެސް އަހަރެމެންގެ ޖަމާއަތުގެ ތެރެއިން އަދި ދީނުގެ ތެރެއިން އަދި ބަހުރުވައިގެ ތެރެއިންވެސް ނުހިމެނޭ ފިރިހެނެއްގެ އަސިރަކަށް ވެއްޖެ......"

އޮޕާސް ވާހަކަދައްކަމުން ދިޔައިރު އެންމެން ހިމޭންކަމާއެކު އެވާހަކަތައް ކަނުލާ އެހިއެވެ. އަރަބިންނަށް އޭނަ ދައްކާ ވާހަކަ އޮޅުން ނުފިލިކަމުގައި ވިޔަސް އެ އަޑުގައި ހުރި ބަލާޣާތްތެރިކަމާއެކު މީހާގެ ޝަހުސިއްޔަތުގެ ސަބަބުން ހިމޭނުން ތިބީއެވެ. ޖޫލިއަން ގަތް ލަދެއްގެ ބޮޑުކަމުން ވިރިގެން ހުރި ތަނަށް ނުފޭބީ ހަމަ ކިރިޔާއެވެ. އެކަމަކު ފްލޮރިންޑާގެ ނަން އިވޭއިރަށް އޭނަގެ އިތުރުން އަލްފަންސޫވެސް ސަމާލުވެލިއެވެ. އޮޕާސްއަށް އެ މައުލޫމާތު ލިބުނުގޮތަކާއިމެދު އެމީހުން ހައިރާނެއް ނުވިއެވެ. އެކަމަކު އެއީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ޚަބަރެއްވެސް ނޫނެވެ. އޮޕާސްއަކީ ހަދައިގެން ވާހަކަދައްކާ އުޅޭ މީހެއް ނޫނެވެ.

"މިހާރު ފްލޮރިންޑާ ވީ ކޮންތާކު؟" ޖޫލިއަންއާއި އަލްފަންސޫއަށް އެއްފަހަރާ އަހައިލެވުނެވެ.

އޮޕާސްގެ ނަޒަރު އަލްފަންސޫއަށް އަމާޒުވިއެވެ.

"ކަލޭގެ ވާން އުޅުނު އަނބިމީހާ އަބަދަށްޓަކާ ގެއްލިގެން ހިގައްޖެ." އޮޕާސް އަލްފަންސޫއާއި ދިމާލަށް ބުނެލިއެވެ. "ކަލޭ ތިކުރި ކަންތައްތަކަކީ ލުދްރީކްވެސް ދުވަހަކު ކުރި ޒާތުގެ ކަމެއްނޫން. އަމިއްލަ ގައުމާއި އާއިލާއަށް ޚިޔާނާތްތެރިވީ އަދި މިހާރު އެހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ. މިސާލަކަށް ތިމާގެ އިއްޒަތަށް އަރައިގަތީއޭ ކިޔާފައި ބަދަލުހިފަންވެގެން އުޅުނީމަ ގޫތުންގެ ޝަރަފާއި މުދަލާއި މަރުވެގެން ދިޔަ މީހުންގެ ރޫހުތަކަށްޓަކާ ކޮންފަދަ އަދަބެއްތަ ހައްގުވަނީ؟ އަމިއްލަ ނަފުސަށް ހުކުމް ކޮށްބަލަ........."

އަލްފަންސޫއަށް ކުރެވުނުކަމަކީ ކަރުނަ އޮއްސުމެވެ. ޖޫލިއަންއަށްވެސް އޮޕާސްގެ ލަފުޒުތަކުން ފުން އަސަރުތަކެއްކޮށްފިއެވެ. ޚާއްސަކޮށް ދަރިފުޅު ފްލޮޮރިންޑާއަށް ދިމާވި ހާލަތުގެ ސަބަބުންނެވެ. އޭނަގެ ހިތް ބޭގަރާރުވީ އިތުރު މައުލޫމާތުތަކަށެވެ. އެކަމަކު އޭނަ ޚިޔާރުކުރީ ހިމޭނުން ހުރުމަށެވެ.

ތާރިގުއާއި ޔޫސުފްވެސް އެމީހުންގެ ވާހަކަތައް އަހަން ހައިރާންކަމާއެކު ތިއްބެވެ. ތާރިގު އޭނަގެ ވަށައިގެން ތިބި މީހުންނަށް ބައްލަވައިލައްވަމުން އެވާހަކަތަކުގެ ތަފްސީލަކަށް އެދިވަޑައިގަތެވެ. ރާތިގު އަދި ސުވާލުކުރެއްވުމުގެ ކުރިންވެސް އެމަޖުލިސްގައި އިން ވިޔަފާވެރިވެރިޔާ ސުލެއިމާންއަށް އެކަން އެނގުނެވެ. އޭނަ ތާރިގުގެ އަރިހަށް ވަޑައިގެން އެ ވާހަކަތައް ތަރުޖަމާކޮށްދިން އިރު ހީކުރީ ތާރިގު ކޯފާ އިސްވާނެކަމުގައެވެ. ނަމަވެސް ހީކުރިގޮތާއި ޚިލާފަށް ތާރިގުގެ ހިތްޕުޅުގައި އޮޕާސްއަށް އޮތް ގަދަރު އުފުލުނެވެ. އަދި ސުލެއިމާން މެެދުވެރިކޮށް އޭނައާއި ވާހަކަފުޅު ދެއްކެވިއެވެ.

"މާތްﷲ ދެއްވި ރަހުމަތެއް ތި ވިސްނުމާއި ހިތްވަރަކީ......" ތާރިގު ވިދާޅުވިއެވެ. "ގޫތު ލަޝަކަރުގެ ބޮޑުކަމާއެކު ގިނަ ހަތިޔާރާއެކު އަދި އެމީހުންގެ ތެރޭ ތިފަދަ ވިސްނުންތެރިއަކު ހުއްޓާ ބަލިވުމަކީވެސް އަޖައިބުކުރުވަނިވިކަމެއް......"

"އެއީ ހައިރާންވާން ވީވަރުގެ ކަމެއްނޫން ޒުވާނާ......" އޮޕާސް ބުނެލިއެވެ. " ދައުލަތަކީވެސް މީހުން ކަހަލަ އެއްޗެއް. އެއަށްވެސް ވަކި މުއްދަތެއްވޭ. އެކަމަކު މި ޝާހީ ރަސްކަން މިއަށްވުރެ ދިގު މުއްދަތަކަށް ދެމިގެން ދާނެކަމަށް އުއްމީދުކުރިން. ރަސްކަމުގެ ނިމުން އަވަސްވެގެން ދިޔައީ ބަލިކަށި ރަސްކަލަކާއިއެކު ޝައިތާނީ މީހުން ތިބީމަ....މިއީ މާތްރަސްކަލާނގެ އިރާދަކުރެއްވިގޮތް......."

"އެއީ ތިޔަބުނާ ފަދައިން މާތްރަސްކަލާނގެ އިރާދަކުރެއްވި ގޮތް ނަމަ އެކަމާއި ދެން ކަންބޮޑުވާކަށް ނުޖެހޭނެއްނު ގޫތުންގެ އަތްދަށުން ރަސްކަން ބީވީމަ. އަރަބިންގެ އަތްދަށަށް ދިޔައީމަ އެކަމާ އުފާކުރާކަށް ނު ޖެހޭނީ. ސްޕެއިން މީހުންނަށް އަޅުގަނޑުމެންގެ ހިމާޔަތުގައި އުޅެވިދާނެ...ތިޔަބޭފުޅުންގެ ދުޝްމިނުން ފައްސައިލާ ރައްޔިތުންގެ ސަލާމަތް ދަމަހައްޓާނަން....ހަމަ އެކަނި އޮންނާނީ ކުޑަ ޖިޒީއެއް ދިނުން. އެ ދީފިއްޔާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހުރިހާ އެއްޗެއް ލިބިދެވޭނެ. އިއްޒަތުގައި މި ބިންތަކުގައި ތިޔާގިކަމާ އަމާންކަމާއެކު ދިރިއުޅެންވީ...." ތާރިގު އޮޕާސްގެ އަތުގައި ހިފައިގެން ވަޑައިގަތެވެ.

"ފޭލިގެއަށް ދަމާ...ކޮމާންޑަރުން ޣަނީމާ ބަހާ ނިންމާނެ..." ތާރިގު ވިދާޅުވިއެވެ.

އޮޕާސް ޖޫލިއަން ޔޫސުފްއާއެކު ސުލެއިމާން އަދި ޔައުގޫބުވެސް ތާރިގުގެ ފޭލިގެއަށް ވަނެވެ. އެތަން ތަނަވަސްވެފައި ގިނަމީހުންނަށް އިށީދެގެން ތިބެވޭނެހެން ތައްޔާރުކޮށްފައެވެ. ތާރިގު ފޭލިގޭގެ މެދުގައި އިންނެވިއިރު އަޮޕާސް ކަނައަތްފަރާތުގައި އަދި ޖޫލިއަންއާއި އަލްފަންސޫ އިނީ ވައަތް ފަރާތުގައެވެ. ޔޫސުފް ތަންކޮޅެއް ދުރުގައި އިނީ އަދިވެސް ހަގުރާމައިގެ ހެދުމާއި ހަތިޔާރުވެސް އަޅައިގެންނެވެ. އެތާ ހަމަޖެހިލުމާއެކު ކައުންޓް ޖޫލިއަން ލަދުވެތިކަން އެއްފަރާތްކޮށްލުމަށްފަހު ފްލޮރިންޑާގެ ޚަބަރު އަހަން މަސައްކަތްކުރިއެވެ.

"އަޅުގަނޑު އަޑުއެހިން ފްލޮރިންޑާ އަސީރެއްގެ ގޮތުގައި ހިފި ވާހަކަ..އެއީ ހަގީގަތެއްތަ؟ "ޖޫލިއަން އޮޕާސް ގާތުން އެހިއެވެ.

" އޮޕާސް ކޮންއިރަކު ބޭކާރު އަނގަ ތަޅަންފެށީ؟"

ޖޫލިއަން އިތުރަށް ބޭގަރާރު ހަގީގަތް އޮޅުން ފިލުވަން ބޭނުންވިއެވެ. އެކަމަކު އެއަށްވުރެ ކުރިން އަލްފަންސޫއަށް ނީދެވިގެން ސުވާލުކުރިއެވެ.

"ކިހިނެއް އެހެން ވާނީ؟ ކާކު އަސީރުކުރީ؟ "

"އަހަންނަކަށްވެސް އެމީހާގެ ނަމެއް ނޭގޭ." އޮޕާސް ބުނެލިއެވެ. "އަހަރެން ފޭލިގޭގައި ހައްޔަރުކޮށްފައި އޮއްވާ ދޭތެރޭގައި ދުރުވެފައިވާ ތަންކޮޅަކުން ފޭލިގޭގެ ބޭރަށް ބަލަން އޮތިން. ފްލޮރިންޑާގެ އިސްތަށިގަނޑު ހާވާލައިގެން ދުޢާކުރަމުން ދިޔަ. އޭނަ ބަލާ ލުދްރީކް ފޮނުވި ހަގުރާމަވެރިން ފްލޮރިންޑާ އަހަށް އަރުވައިގެން ގެނައީ. އުދުހެމުންދާ ދޫނިތައް އަދި ދަނޑުތަކުގައިވާ ހައިވާނުންތަކުގެ ފަރާތުންވެސް އޭނަ އެދުނީ ލުދްރީކްގެ ފަރާތުން ސަލާމަތްކޮށްދޭން. އެހެން ހުއްޓާ އަރަބި ސަވާރެއް އައީ. އެއީ ޔަގީނުންވެސް ބަރުބަރުންގެ މީހެއްނޫން. އެކަމަކު ހުދުކުލައިގެ ފަގުޑިއެއް ބޮލުގައި އޮޅާފައި އޮތީ. އޭނަ ފްލޮރިންޑާ ސަލާމަތްކޮށްހެން ފޭލިގެއަށް ގެންދިޔައީ..ޔަގީނުންވެސް ފްލޮރިންޑާއަކީ އަސީރެއް. އަދި ހައްޔަރުކުރި މީހާގެ މިލްކެއް...."

"އެމީހާ ފެނިއްޖެއްޔާ ކަލޭގެފާނަށް އެނގިލައްވާނެތޯ؟" ޖޫލިއަން އެހިއެވެ. "އެގެނައި މީހަކު ހީވާގޮތުން ތާރިގްއަށްވެސް ސިއްރުން އެގެންގުޅެނީ. ސަބަބަކީ ހައްޔަރުކޮށްގެން ގެނައި އަސީރުންތަކުގެ ތެރޭ އޭނަ ނެތީމަ..."

"އަހަންނަށް އެމީހަކު އެނގޭނެ. އޭނަ ދޮންވެފައި އިސްތަށިގަނޑު ރަންކޮށް އޮތީ........"

ޖޫލިއަންއަށް ވަގުތުން ސިފަވީ ޔޫސުފްއެވެ. ނަޒަރު ހުއްޓައިލެވުނީވެސް އެދިމާލަށެވެ. އޭނަވެސް އިނީ ތަންކޮޅެއް ދުރުގައި އެމީހުންގެ ވާހަކަތަކަށް ސަމާލުކަން ދީގެންނެވެ. ގޫތުބަސް ނޭގޭތީގ ކިޔާ އެއްޗެއް ދޭހަނުވެފައެވެ. އޭނަގެ އަސީރަކީ ޖޫލިއަންގެ ދަރިފުޅުކަން އެނގުނަސް އޭނައަށް އެކަން ބޮޑުކަމަކަށް ވާނެހެނެއް ހިޔެއްނުވެއެވެ. ޖެރެޒަށް އައިރޭގައި ޝޭޚުގެ ދަރިފުޅު އަތުލައިގަތުމުން އެކަމާއި ދެކޮޅުވުމުގެ ސަބަބުން ޔޫސުފްގެެ ހިތުގައި އޭނައަށްޓަކާ ރުޅިވެރިކަމާއި ނުރުހުން އުފެދިފައިވިއެވެ. ދިހަ އަހަރު ކުރިން ހިނގި ހާދިސާއަކާއި ގުޅިގެން އަބަދުވެސް ތަބީއަތު ގޯސްވެ މީހުންނާއި ކުރިމަތިލުމުގައި އޭނަ އަބަދުވެސް އެފަދަ ގޯސް ހަދައެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކާއި ކުރިމަތިލާން އުދަގޫވެ ރުޅި އިސްވާ މީހަކަށްވިއެވެ. އޭނައާއި އެއްކޮށް އުޅޭ މީހުން އޭނަދެކެ ނުރުހެނީ އެމީހުންނާމެދު އޭނަ ކަންތައް ކުރާ އުސޫލުންނެވެ. ޚާއްސަކޮށް ޔޫސުފެއެވެެ. ޖޫލިއަން ބަލައިލިއިރު އޭނަ އިނީ ކަނޑީގެ އުރައާއި ކުޅެލަ ކުޅެލައެވެ. އޭރުވެސް ޚިޔާލުގައި ވީ ފްލޮރިންޑާއެވެ. އެކުއްޖާދެކެ ޔޫސުފްއަށް ގަޔާވެވުނެވެ. ޖޫލިއަންއަށް ޔޫސުފްގެ ސަމާލުކަމެއް ނެތްކަން އެނގި އޮޕާސް ދެއްކި ވާހަކަތައް ތާރިގުއަޢށް ކިޔާދީފިއެވެ. އަދި އެމީހަކީ ޔޫސުފްކަމަށް ވެދާނެކަމުގައި ބުނެލިއެވެ. އަދި ޔޫސުފް ކައިރިން އެކުއްޖާ މިނިވަންކޮށްދޭން އެދުނެވެ. ތާރިގު އެދިމާލަށް ބައްލަވައިލެއްވިއެވެ.

"ޔޫސުފް......"

ޔޫސުފް ދުރަށް ބަލަން އިނަސް ޖޫލިއަންއާއި ތާރިގުގެ ވާހަކަތައް ނިސްބަތްވީ އޭނައަށް ކަން ރަގަޅަށް ދެނެހުއްޓެވެ. ތާރިގު އޭނައާއި ވާހަކަދައްކަން ފެށުމުންވެސް އިށީދެގެން އިންނަން އޭނަ ނިންމިއެވެ.

"ލައްބަ؟ " ޔޫސުފް އެހިއެވެ.

ތާރިގުގެ ހިތުގައި ޔޫސުފްއަށްޓަކާ ޚާއްސަ ލޯތްބަކާއި ކުލުނެއް އޮވެ އަދި އަބަދުވެސް އުޅުނީ އަޚެއްފަދައިންނެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއެއް ކަމުގައި ދެކެގެންނެވެ. ޔޫސުފްގެ އެ ލަފުޒުން އެކަނިވެސް އޭނަގެ ޝައުގެއް ނެތްކަން އެނގި ތާރިގު ހިނިފުޅު ވަޑުވައިލެއްވިއެވެ.

"އަދިވެސް ތިއިނީ އިށީދެގެން. އަހަރެން ގޮވި އަޑު ނާހަންތަ؟"

"އަޅުގަނޑު އަޑުއެހިން..." ޔޫސުފް އަދިވެސް ކަނޑީގެ އުރައާއި ކުޅެމުން ދިޔައެވެ. "އަދި ޖަވާބުވެސް ދިނިން.."

"މިތާ ކައިރިއަށް އާދެބަލަ. އެބައޮތް ސުވާލެއް....." ތާރިގު ވިދާޅުވިއެވެ

"ކޮންކަމެއް؟" ޔޫސުފް ކޮޅަށް ތެދުވެއްޖެއެވެ. "ކޮންމެ ކަމަކަށް މަޖުބޫރުކުރިޔަސް ކޮންމެ ކަމަކަށް އެދުނަސް ހެޔޮ. އެކަމަކު އަސީރާއި ބެހޭގޮތުން ނޫން. އެއީ އަޅުގަނޑުގެ މިލްކެއް އަދި އެކަމާއި ބެހޭގޮތުން މާގިނަ ވާހަކަ ދެއްކުމުގެ މާނައެއް ނެތް...."

ޔޫސުފް އެހެން ބުނެފައި ފަގުޑި ރަގަޅުކޮށްލީ އޭނަ އެތަނުން ދާން އުޅޭ ފާޑަށެވެ. ތާރިގު ހިނިފުޅުވަޑުވައިލެއްވި ގޮތުން ކޮލުގެ ދަތްތައްވެސް ފައުޅުވިއެވެ."ތިހާ ރުޅި އަންނަންވީ ސަބަބެއް ނޭގޭ...އަދި އެއްވެސް ކަމަކައި ބެހޭގޮތުން އަހަރެމެން ވާހަކަ ދެއްކީއެއް ނޫން.އަހަރެމެން ދައްކާ ވާހަކަ އަހާފައި ދެން ހިތަށް އަރާ އެއްޗެހި ބަންޑުންކޮށްލާ....."

"ކުރިއަށް،....." ޔޫސުފް ބުނެލިއެވެ. "މިހިރީ އަޑުއަހަން....."

"ކިހިނެއް އެ އަސީރާ ބައްދަލުވީ؟" ތާރިގު ސުވާލުކުރެއްވިއެވެ.

ޔޫސުފް އޭނައާއި ފްލޮރިންޑާ ދިމާވިގޮތް ކިޔައިދެމުން ދިޔައިރު ތާރިގު އަޑުއައްސަވަން އިންނެވިއެވެ. ލުދްރީކް ސަލާމަތްވެގެން ދިޔަގޮތާއި އޭނަގޮސް ފާދަރ މާޓިން ގަތުލުކޮށްލިގޮޔް އެއަށްފަހު ކޯރަށް ޣަރަގުވެގެން ލުދްރީކް މަރުވީކަމުގައި ބުނެ އޭނަ ވާހަކަ ނިންމާލައިފިއެވެ. އާލްފްއާއި އޮޕާސްއަށް އެވާހަކަތައް ނޭގިގެން ސުލެއިމާން ގާތު ތަރުޖަމާކޮށްދޭން އެދުނެވެ. އެވާހަކަތަކުގެ ތެރޭގައި ލުދްރީކް އާއި މާޓިންގެ މަރުގެ ވާހަކަވެސް ދެކެވުނެވެ. ލުދްރީކްގެ އަތުން މާޓިން މަރުވެދިޔުމުން އޮޕާސްއަށް އަށްވެސް އެއީ އެންމެ ރަގަޅުގޮތް ކަމުގައި ގަބޫލުކުރެވުނެވެ. މާޓިން ނިމިގެންދާން ޖެހޭނީ ހަމަ ލުދްރީކްގެ އަތުންނެވެ. ޔޫސުފްގެ ވާހަކަ ނިމުމުން ތާރިގު ވިދާޅުވިއެވެ.

"މި އަސީރާއިމެދު ހިތުގައި ވަރަށް ކުލުނު ޖެހިއްޖެކަން ތި ވާހަކައިން އެނގިއްޖެ. އެކަމަކު ހީވާގޮތުން އެއީ ކައުންޓް ޖޫލިއަންގެ ދަރިފުޅުކަން އަދިވެސް ނޭގި ތިއޮތީ......"

"ތެދެއް ތިއީ.ތިކަމެއް ނޭގޭ އެކަމަކު އެހެނޭ ކިޔާފައި އަޅުގަނޑުގެ ނިޔަތް އަދި ދެކޭގޮތް ތަފާތެއްނުވާނެ....." ޔޫސުފް ފަރުވާކުޑަގޮތަކަށް އެހެން ބުނެފައި އޭނަ އިށީދެގެން އިންދިމާލަށް ދާން ފެށުމުން މިފަހަރު ކޮންމެވެސް ވަރަކަށް ކޯފާގެ ރާގަކަށް އޭނައާއި ދިމާލަށް ވާހަކަފުޅު ދެއްކެވިއެވެ. ތަންކޮޅެއް ބާރަށެވެ.

" ކީއްވެ ނިޔަތް ބަދަލުނުވާންވީ؟ އަހަރެމެންނަށް މި ކާމިޔާބު ހާސިލުކުރުމުގައި އެހީތެރިވެދިނީ ކައުންޓް ޖޫލިއަންއަށް ވާހިނދު ތިހެން ވިސްނަންވީ ކީއްވެތަ؟ އޭނައާއިހެދު ނޫންނަމަ މި ތަން ފަތަހަކުރަން ނައީމު. ވީއިރު އޭނަގެ ދަރިފުޅަށް އަނިޔާވެރިވުމަކީ އަހަރެމެންނާއި އެކަށީގެންވާ ކަމެއްތަ؟ އަދި އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު...އެކުއްޖާ އަނބުރާ އޭނައަށް ދީފައި ބޭނުން ކޮންމެ އެހެން އަސީރެއް ގެންދޭ. މިތަނުގައި ހުރި އެތައް ބައިވަރު ޣަނީމާގެ ތެރެއިން ކަލޭ ބޭނުން ކޮންމެ މީހަކު ގެންދޭ....."

"އަޅުގަނޑު އިތުރު އެއްޗެއް ބޭނުމެއްނޫން...." ޔޫސުފް ދެންނެވިއެވެ. "އެއީ ޣަނީމާގެ ތެރެއިން އަޅުގަނޑަށް ލިބުނު ބައި. ކުރީދުވަހުވެސް ޖޫލިއަން އަޅުގަނޑަށް ލިބުނު ޣަނީމާ ލިބުމުގައި ހުރަހަކަށްވީ. ސަބަބަކަށްވީ ހަގުރާމައިގެ ތެރެއިން ލިބުނު މީހަކަށް ނުވާތީ. އެކަމަކު މިކުއްޖާ ކިހިނެއް؟ މިއީ އަޅުގަނޑު އަސީރުކުރީ ހަގުރާމައިގެ ތެރެއަކުން ނޫންތޯ؟ އަދި އަޅުގަނޑު ރަސްގެފާނަށްވެސް ހަމަލާދީ އޭނަ ބަލިކޮށްލުމުގެ ސަބަބުން އެ ވަރުގަދަ ސްޕެއިންގެ ލަޝްކަރު ބިމުގެ ހިރަފުހަށް ހަދައިލީ.މިހާރު ތާރިގުއަށް ފެނިވަޑައިގަންނަަވާ ގޮތަކަށް ޣަނީމާ ބައްސަވަން އަޅުގަނޑު ދިންއިރު އަޅުގަނޑުގެ އަސީރު ބެހެއްޓުމާއި ދެކޮޅު ތިހައްދަވަނީ؟"

ތާރިގު ޔޫސުފްއަށް ވިސްނައިދޭން މަސައްކަތްކުރެއްވިއެވެ.

"އަހަރެންގެ އަޚާ. ކައުންޓް ޖޫލިއަންގެ ފަރާތުން ބަދަލުހިފަން ބޭނުންނަމަ ކޮންމެވެސް އެހެން ގޮތެއް ޚިޔާރުކުރަންވީނު. ހަގުރާމަތަކުގައި އޮންނަ ގަވާއިދުތަކާއި އެކުވެރިވުމަށް ބާރު އެޅުމާއި އަދި ރަގަޅު އަޚުލާގާއި ސުލޫކުވެސް ހިމެނޭކަން އެނގެއެއްނު. މިފަތަހައިގާ އިސް ރޯލެއް އަދާކުރި ކައުންޓެއްގެ ދަރިފުޅު އަސީރެއްގެ ގޮތުގައި މުސްލިމުން ނެގިކަން އެނގިއްޖެއްޔާ އެހެން މުސްލިމުން އަހަރެމެންނާއި ދޭތެރޭ ދެކޭނީ ކޮން ގޮތަކަށްތަ؟ ތިޔަ މާތް އަޚުލާގާއި ގުޅޭފަދަ ގޮތަކަށް އަމަލުތައް ބަހައްޓަބަލަ ޔޫސުފް... އަހަންނަށް ކުޑަކޮށް ގަދަރުކޮށްފައި އަހަރެމެންގެ އަޚުވަންތަކަމަށްޓަކާވެސް މިކަން ކޮށްދީ......"

ޔޫސުފްއަކީ މާތް ޒުވާނެކެވެ. އޭނަވެސް މިފަދަ އަމަލެއް ހިންގަން ބޭނުންވީއެއް ނޫނެވެ. ނަމަވެސް ފުރަތަމަ ނަޒަރުންވެސް ފްލޮރިންޑާދެކެ ލޯބިވެވުނީއެވެ. އެކުއްޖާއަށްޓަކާ ދެވުނު ހަމަލާގެ ސަބަބުން ހިތުގައިވާ ކުލުނު އިތުރުވީއެވެ. އެހާ ބުރަ މަސައްކަތުން ހާސިލުކުރާ އެއްޗެއް ނޫނީ މީހަކަށްޓަކާ އެހިތުގައި ޚާއްސަކަމެއްވެއެވެ. އެއްގޮތަކަށްވެސް އެއްޗެއް އަތުން ބީވެގެން ދިޔަދޭކަށް އޭނަ ނޭދެއެވެ. އިރުގަނޑެއްވާންދެން އޭނަ އިސްޖަހާލައިގެން ވިސްނުމެއްގައި އިނދެފައި އިސްއުފުލައިލިއިރު ތުންފަތުގައިވީ ހިނިތުންވުމެކެވެ.

"ތިއީ ހަމަތެދެއް މާތް ސާހިބާ...."ޔޫސުފް ދެންނެވިއެވެ."އެކުއްޖާ އަޅުގަނޑު ނެގުންވާނީ ޖަރީމާއަކަށް. އެކަމަކު އަޅުގަނޑަށް އެކުއްޖާދެކެ ލޯބިވެވިއްޖެ. އަދި އެކުއްޖާ ދޫކޮށްލެވޭކަށް ނެތް...ވީމަ ކައުންޓްޖޫލިއަންގެ ގާތު އަޅުގަނޑާއި އެކުއްޖާ އިސްލާމީ އުސޫލުގެ ދަށުން ކައިވެނިކޮށްދޭން އެދިވަޑައިގަންނަވާ. އޭރުން އިތުރު ޝަކުވާއަކަށް ފުރުސަތެއް ނޯންނާނެ........"

ތާރިގު ޖޫލިއަންއަށް ބައްލަވައިލެއްވީ އޭނަގެ ޚިޔާލެއް އެއްސެވުމަށެވެ.

"އެކުއްޖާގެ ކައިވެނި ހަމަޖެހި އެންގޭޖްމެންޓް ރަސްމިއްޔާތުވެސް ބޭއްވުނު.މިއިނީ އޭނަގެ ވާން އުޅޭ ފިރިމީހާ..." ޖޫލިއަން އަލްފަންސޫއަށް އިޝާރާތްކޮށްލިއެވެ.

"އަޅުގަނޑަށް ފަރުވާލެއްނެތް...އެންގޭޖެމެންޓް ފަސޭހައިން ރޫޅައިލެވިދާނެ...." ޔޫސުފް ބުނެލިއެވެ

(ނުނިމޭ)

ކޮމެންޓް 0