މޭބިސްކަނދުރު ދަނޑުތަކުގެ ތެރޭގައި އޮންނަ ހަނި މަގުތައް ޗަކައާއި ވަޅުގަނޑުތަކާއި ގަސްތަކުގެ ގޮފިތަކުން ބައްދާލާފައި އޮތަސް އާއްމުކޮށް އެތާ މަސައްކަތްކުރާ މީހުންނަށް އެތަނުން ހިނގަން އެހާ އުދަގުލެއްނޫނެވެ. ލޯ މަރާލައިގެންވެސް އެމަގުތަކުގައި އުޅެފާނެއެވެ. ބަތުރުސް ގޮސްފައި އަންނާނެހާ އިރުވެއްޖެއެވެ. ބަރު ހިތަކާއިއެކު އިންތިޒާރުގައި ތިބި މައިންބަފައިންނަށް އެއިން ކޮންމެ ހިދުކޮޅެއް ގަރުނެއްކަމުގައިވިއެވެ. ބުތުރަސްގެ ޚަބަރެއް ދަބަރެއްނުވިއެވެ. އެންމެފަހުން ޝޭޚުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އިތުރަށް އެންމެ ސިކުންތަކަށްވެސް އިނުމަކީ ކުރެވޭނެކަމެއް ނޫނެވެ. ކަންބޮޑުވުމާއި ހާސްކަމާއެކު ޝޭޚު އަވަސްވެގަތީ ދަރިންގެ ޚަބަރެއް ބަލަން ދިޔުމަށެވެ. ބުތުރަސް ދިޔަ ގުދަނަށް ދާނެ އަވަސްމަގެއް ޝޭޚު ދަނެއެވެ. އެއީ ކޯރާއި ވީ ފަޅިންނެވެ.
އޭނައަށް އެހިސާބަށް ފޯރުނުއިރު މައިނޭވާލެވި ގުބު ހިލިއްޖެއެވެ. ފަތްތަރު މަތިން އަރާފައި ބަލައިލިއިރު އެ ގުދަނުގެ ދޮރު ހުރީ ތަޅުލާފައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. އެތައް ފަހަރު ދޮރުގައި ތަޅާ ގޮވައިހެދުމުންވެސް ޚަބަރެއްނުވިއެވެ. ކައިިރިއަށް ޖެހިލާފައި ބަލައިލުމުން ދޮރުގެ ބޭރުގައި އަޅުވާފައިވާ ތަޅު ލޮލުގައި އަޅައިގަތެވެ. މާރިއާ އެދިޔައީ ބޭރުން ދޮރު ތަޅުލާފައެވެ. ފަތްތަރު މަތީގައި ހުރެ ނޭވާހަމަޔަކަށް އަޅުވައިލަމުން ދުރަށް ނަޒަރު ހިންގައިލިއެވެ. އަނދިރިކަމުގެ ތެރެއިންވެސް އޭނައަށް ކޯރުގެ އެއްފަޅިން ޖެރެޒް ފެންނައިރު އަނެއް ފަރާތުން މޭބިސްކަދުރު ދަނޑުތައް ފެނުނެވެ. ކޯރުގެ މިފަޅިން އެތައް އަލިފާންގަނޑުތައް އޭނަގެ ލޮލުގައި އަޅައިގަތުމުން ހައިރާންކަމެއް ލިބުނެވެ. އަލިފާންގަނޑުގެ އަދަދާއި ފެތުރިފައިވާ ދުރު މިނަށް ބަލައިލާއިރު މީހުން ފުދޭވަރަކަށް ގިނަކަމަށް ލަފާކުރެވުނެވެ.
އެސަރަހައްދުގައި އޭނަ ދަންނަ ބަޔަކަށް އުޅޭނީ ދަނޑުވެރިންނާއި މަސައްކަތު މީހުންނެވެ. އެ މީހުން މިގޮތަށް އަލިފާން އަންދައެއް ނޫޅޭނެއެވެ. އޭނަގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އިރުކޮޅަކަށް ދަރިފުޅުމަތިން ހަދާން ނެތުނެވެ. އަލިފާނުގެ ވިދުން ކޯރުތެރެއަށް އެޅި އޭގެ ދޯދިތައް ރާޅުތަކުގެ ތެރެއިން ފެންނާން ފެށިއެވެ.
ކުއްލިއަކަށް އެ ޚިޔާލުގެ ތެރެއިން ހަމަ ބިމަށް އާދެވި ދަރިފުޅާއިމެދު ޚިޔާލުކުރެވުނެވެ. މާރިއާ ފަހަރެއްގައި ގެއަށް ގޮސްދާނެއެވެ. ނޫނީ ބުތުރަސް އެނބުރި ދިޔަ މަގުމަތީގައި މާރިއާއާއި ދިމާވުން އެކަށީގެންވެއެވެ. އެ ވިސްނުމުގައި ހުއްޓާ މޭބިސްކަދުރު ވެޔޮތަކުގެ ތެރެއިން ބަޔަކު ދުވަމުންދާ އަޑު ކަންފަތުގައި ޖެހުނެވެ. ރަގަޅަށް ވިސްނައިލުމުން އެއީ އަންހެނުންނާއި އޭނަގެ ދަރިންގެ އަޑުކަން ޔަގީންވިއެވެ. އެމީހުންގެ ވާހަކަތަކުން މާރިއާ ގެއްލިގެން އަދިވެސް ހޯދާކަން އެނގި އޭނަ ބާރަކަށް ގޮވާލައިފިއެވެ. ފުރަތަމަވެސް އޭނަގެ އަންހެނުންގެ އަޑު އައެވެ. މާރިއާގެ ޚަބަރު އޮޅުން ފިލުވުމުގެ ގޮތުން އޭނަ ސުވާލުުކުރިއެވެ. ޝޭޚުގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ.
" ކޮބާ ބުތުރަސް؟ އޭނަ އެނބުރި ދިޔައީތަ؟ "
އޭރު އަންހެނުންވެސް ފަތްތަރުގެ ތިރިއާއި އަރާ ހަަމަކޮށްލައިފިއެވެ. އޭނަ ގުދުވެ އިނދެ މަސައްކަތްކުރަމުން ދިޔައީ ފަޔަށް ހެރިފައިވާ ކަށްޓެއް އުފުރައިލުމަށެވެ.
"ބުތުރަސް އެނބުރި އައި. އޭނައަކަށް މާރިއާ ނުފެނުނު.." އަންހެނުން ޖަވާބުދިނެވެ.
އޭރު ޝޭޚުވެސް ފަތްތަރުތައް ކަޑައްތުކޮށް އެންމެ ތިރިއަށް ފޭބިއެވެ. އޭނަ އަންހެނުންނާއި ދަރިންނާ މުޚާތަބުކޮށް ވާހަކަދެއްކިއެވެ.
"ހީވާގޮތުން މާރިއާ ގެއަށް އެނބުރި އައި މަގުމަތީގައި މަގު އޮޅުނީ. އެކިމީހުން އެކި މަގުން ގެއަށް ދަމާ ހިނގާ. އެކަކަށްވެސް އޭނަ ފެނިއްޖެއްޔާ އެހެން މީހުންނަށް އެކަން އަންގަން ގޮވަންޖެހޭނެ އޭރުން ހޯދުން ހުއްޓައިލެވޭނީ. ކޯޑަކީ ސެއިންޓް ޕީޓާ..އަހަރެން އައުން ލަސްވިޔަސް އެކަމާ ކަންބޮޑު ނުވައްޗޭ............"
ޝޭޚު އެހެން ބުނި ސަބަބެއް އޮޅުންފިލުވަންވެގެން އަންހެނުން އުޅުނަސް އެފަދަ ވަގުތެއް ނުދީ ޝޭޚު އަވަސްވެގަތީ ކޯރާއި ދިމާލަށް ތިރިއަށް ފޭބުމަށެވެ. މޭބިސްކަދުރު ވެޔޮތެރޭގައި ވާ އުސްގަނޑުތަކުން ތިރިއަށް ދިޔައިރު ބައެއްފަހަރު ހިލަތަކާއި ހުއިފަދަ ތަކެތީގައި އަޅައިގެންފައި ހަށިގަނޑު ސަމާލު ކުރެވެނީ ކިރިޔާއެވެ. އަނދިރިކަމުން މިސްރާބު ގެއްލިދާނެތީ ފަހަރެއްގައިވެސް އޭނަގެ ލޯމަތިން ކޯރު ގެއްލިޔަނުދޭން މަސައްކަތްކުރިއެވެ. ބައެއްފަހަރު ކުދި ފަރުބަދަގަނޑުތަކުގެ ސަބަބުން ކޯރު ގެ މަލަމަތި ގެއްލުމުން މިސްރާބު އޮޅި ފައިމަގުގައި އެތައް ހިސާބަކަށް ކަޑައްތު ކުރަން ޖެހިދާނެއެވެ. އޭނަގެ ނަސީބު އެހީވިއެވެ. ކޯރު އޭނަގެ ލޯ މައްޗަށް އެއްކޮށް ނިވާވީ މަދު ވަގުތުކޮޅެއްގައެވެ. ދާދި އަވަހަށް ކޯރުގެ އައްސޭރިފަށާއި ކައިރިވިއެވެ. އެއާއެކު އެހެންޏާ ނީވޭ ކަހަލަ އަޑުތައް އިވެން ފެށިއެވެ. އެއީ ޖަމަލުތަކުގެ އަޑުކަން ވިސްނައިގަނެވުނެވެ. ކުރިން އޭނަ ބޭރު ގައުމުތަކަށް ދަތުރުކުރި އިރު މި އަޑުތައް އިވުނަސް ސްޕެއިންއަކުން މިކަހަލަ ކަމެއް ނުދެކެއެވެ. ޝޭޚުގެ ހަދާނަށް އައީ އަރަބިން ސްޕެއިންއަށް އައިކަމެވެ. އެކަމަކު މިހިސާބަށް މި މަންޒިލަށް އެމީހުން އައިލެއް ފަސޭހަކަމާއިމެދު ހައިރާންވެ އަންތަރީސްވިއެވެ.
އޭރު އޭނައަށް ހުރެވުނީ މަންޒަރުތައް އެންމެ ރީއްޗަށް ފެންނަ ހިސާބެއްގައެވެ. ކޯރާއި ތިރީގައިވާ ހުރިހާ މަންޒަރުތައް ޗާޓެއްހެން ކުރިމަތީގައި އޮޅާލެވިފައިވިއެވެ. ކޯރުގެ އެންމެ ދުރުގައިވާ އައްސޭރިފަށުގައި އެތައް ފޭލިގެއެއް ޖަހާފައިވާއިރު ފޭލިގޭގެ ދޭތެރެއިން އަނދަ އަނދާ ހުރި އަލިފާންގަނޑުތައް ރީތިކޮށް އެހެރީ ފެންނާށެވެ. އެންމެ ގާތަށް ހުރި އަލިފާންގަނޑު ކައިރީގައި ތަންކޮޅެއް ބޮޑު ފޭލިގެއެއް ހުރިތަން ފެނުނެވެ. އަނދިރިކަމުން ކުލަ ވަކިކުރާކަށް ނޭގުނެވެ. އެވަގުތު މާރިއާގެ މަތިން ހަދާންވެ ދަރިފުޅު ހޯދަން އެހެން ދިމާލަކަށް ދާންހިތަށް އެރިއެވެ. އެކަމަކުވެސް އެ ފޭލިގޭގައި ތިބީ ކޮން ބަޔެއްކަން އޮޅުން ފިލުވާލާފައި ގެއަށް ދިޔުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ؟ އޭނަ އެފްރިކާއާއި މެދު އިރުމައްޗަށް ކުރި ދިގު ދަތުރުގައި އަރަބިން އެމީހުން ފަތަހަ ކުރާ ހިސާބުތަކުގެ މީހުންނަށް އޯގާތެރިވާކަމީ އޭނަ އަށް އިވިފައިވާ ވާހަކަތަކެވެ. އަރަބިންނަކީ ތެދުވެރި އަމާނާތްތެރިބަޔެކެވެ. އޭނަ އެހިސާބުގައި އުޅުނުއިރު ކޮންމެވެސް ވަރަކަށް އަރަބި ބަސްތައް ދަސްކުރިއެވެ. އޭނަގެ ބަހުރުވައާއި އެހާ ބީރައްޓެހިއިރުވެސް މެއެވެ. އެ އަހަރުތަކުގެ ތެރޭގައި އޭނަ ކުޅަދާނަ ހިތްވަރުގަދަ މީހަކަށްވެސްވިއެވެ.
އޭނަ ތިރިއަށް ފައިބަމުން ދިޔަ ވަރަކަށް ވަކިން ހުރި ފޭލިގެއާއި މެދު ޝައުގުވެރިވިކަން އިތުރުވިއެވެ. ގިނަ ފޭލިގެތައް ކޯރުގެ އަނެއް ފަރާތު އައްސޭރިފަށުގައި ޖެހީ ކީއްވެހެއްޔެވެ؟ ފަހަރެއްގައި ރޭގަނޑު އެމީހުންނަށް މިހިސާބަށް ފޯރުމުން އަދި އިހަށް އަލިވާންދެން އެކޮޅުގައި މަޑުކޮށްލީކަމަށް ވެދާނެއެވެ. ފޭލިގެއާއި އަރަ ހަމަވާންދެން އޭނަ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އޭނަގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އޭނަގެ ކަންފަތުގައި ޖެހުނީ ދަރިފުޅު މާރިއާ ރޮމުން ގިސްލަމުން ވާހަކަދައްކާ އަޑެވެ. ޖަޒުބާތުތައް ފުރި ބަންޑުންވުމާއެކު ދަރިފުޅަށްޓަކާ ހިތުގައިވި ލޯބި އޭނަގެ ބިރު މުޅިން ކަނޑުވާލާއިފިއެވެ. އޭނަ ފޭލިގޭގެ ކައިރީގައި ހުރި އަލިފާންގަނޑުތަކާއި ހަމަޔަށް ދެވުނުއިރަށް ފާރަވެރިޔަކު އޭނަ ހުއްޓުވިއެވެ. އެމީހަކު ހުރީ ކަނޑިއާއި ނޭޒާ ހިފައިގެން އޭނަ ދެންމެ ދެންމެ ހައްޔަރުކުރަނީއޭ ހީވިފަދަ ގޮތަކަށެވެ.
"ތިއީ ކާކު؟ " ފާރަވެރިޔާ ސުވާލުކުރިއެވެ.
ޝޭޚަށް އެ ލަފުޒު ދޭހަވުމުން ޖަވާބުދިނެވެ. އޭނަ ފޭލިގެއަށް ވަނުމުގެ ހުއްދައަށް އެދުނެވެ. ފާރަވެރިޔާ ފޭލިގޭގެ އެތެރެއަށް ވަދެފައި އިރުގަނޑެއްފަހުން ނިކުމެ ވަންނާން އިޝާރާތްކުރިއެވެ. ޝޭޚުގެ އުމުރުން ދުވަސްވެ ތުނބުޅި ނުރަވިޔަސް އެހެން ދަނޑުވެރިން ފަދައިން އޭނަވެސް ހުންނަނީ ސިއްހަތު ރަގަޅުކޮށް ވަރުގަދަކޮށެވެ.
ފޭލިގޭގެ އެތެރެއަށް ވަނުމާއެކު އޭނަގެ ނަޒަރު ވަށައިގެން ދަތުރުކުރިއެވެ. ދަރިފުޅު ދެކެލުމަށެވެ. އެތެރޭގެ އަލިކަން ކިތަންމެ ފަނޑުކޮށް އޮތަސް މާރިއާ ފޭލިގޭގެ ކަނެއްގައި ބިންމަތީގައި އިށީދެލައިގެން އިންތަން އޭނާއަށް ފެނުނެވެ. މާރިއާއަށްވެސް އޭނަގެ ބައްޕަ ފެނިގެން ދުވަމުން އައިގޮތަށް ބައްޕަގެ ގައިގާ އޮޅުލައިގަތެވެ.
"ބައްޕާ. ބައްޕާ...." އޭނަ ރޮއިގަތީ ބައްޕަ ފެނުމުން ލިބުނު ޝޮކާއެކު އުފާވެރިކަންވެސް އިހުސާސްވެފައެވެ.
ޝޭޚުވެސް ދަރިފުޅު މެޔާ ޖައްސާ ބާރުކޮށްލަމުން އެހެން މީހުންނަށް ނަޒަރު ހިންގައިލިއެވެ. ބޮލުގައި ފޮށާ އަޅައިގެން ޖުއްބާއެއް ލައިގެން އިން ޒުވާން ކޮމާންޑަރަކު ފެނުމާއެކު ބަރުބަރެއްކަން ދެނެގަނެވުނެވެ. އޭނައާއި ޖެހިގެން ގޫތު ހެދުން އަޅައިގެން އިނީ ސަބްތާގެ ގަވަރުނަރު ކައުންޓް ޖޫލިއަންކަން އެނގޭކަށް ގިނައިރެއް ނުނެގިއެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް ދެނެގަނެވޭނެ މޫނެކެވެ. އެކަމާއިހެދި އޭނަ ހައިރާނެއްނުވެއެވެ. ސަބަބަކީ ކައުންޓް ޖޫލިއަން މުސްލިމުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށް ގޫތުންނާއި ހަގުރާމަ ކުރަން އުޅޭ ވާހަކަ އިވިފައިވާތީއެވެ. އޭރު ހީކުރީ ފަތުރައިގެން އުޅޭ ނުބައި އަޑެއް ކަމުގައެވެ. އެކަމަކު ކައުންޓް ޖޫލިއަން އަރަބިންގެ ފޭލިގެއިން ފެނުމުން އެއީ ތެދެއްކަން ސާބިތުވެއްޖެއެވެ. އަރަބިން ވަނީ ކާމިޔާބުގެ މަގުމަތީގައެވެ.
ޝޭޚު އޭނަގެ ދަރިފުޅުގެ ބިރު ކަނޑުވައިލަން ވާހަކަ ދައްކާ މަސަލަސް ކުރަން މަސައްކަތްކުރިއިރު ހުރިހާ ޒާތެއްގެ ޚިޔާލުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔައެވެ.
"މިއީ އަމިއްލަ ދަރިއެއްތަ؟ " ސަބްތާގެ ވެރިޔާ ޖޫލިއަން ސުވާލުކޮށްލިއެވެ.
"ލައްބަ ސާހިބާ. މިއީ އަޅުގަނޑުގެ ދަރިފުޅު.." އޭނަ އަވަސް އަވަހަށް ޖަވާބުދިނެވެ.
"ކަންބޮޑުނުވޭ. އެކުއްޖާ އެއިނީ ސަލާމަތުން އަހަރެމެންގެ ބެލުމުގެ ދަށުގައި. ކަލޭ އައުމުން އަހަރެމެންގެ ޚިޔާލު ބަދަލުވީކަމަށް ހީނުކުރާތި. ކޮމާންޑަރުގެ ނިންމުމަކީ ހަމަ ސަލާމަތުން ތިޔަ ކުއްޖާ އާއިލާއަށް ރައްދުކޮށްދިނުން. އެކުއްޖާ ރޮނީ ބިރުގެންފައިވާތީ. އެކުއްޖާވެސް ހީކުރަނީ އަރަބިންވެސް ކަލޭމެންގެ ރަސްގެފާނު ލުދްރީކް އަންހެނުންނާއިމެދު އަމަލުކުރާގޮތަށް އިހާނެތިކޮށް އަމަލުކޮށްފާނެތީ. މާތް ރަސްކަލާނގެ އިރާދައާއެކު ލުދްރީކްގެ އެ އަމަލުތަކުން ދުރުކުރާނެ ގޮތް ވަރަށް އަވަހަށް ފެނިދާނެ...."
އެންމެ ފަހު ޖުމްލަތައް ބުނެލިއިރު ޖޫލިއަންއަށް ބުމަ ކައިރިކޮށްލެވުނެވެ.
"ތިކުއްޖާއަށް މިތަނަށް އާދެވުނުގޮތަކީ އަހަރެމެންގެ ކޮމާންޑަރުގެ ސިފައިންތައް ބޭރަށް ނިކުމެ އުޅެނިކޮށް ދިމާވެގެން މުސްލިމުންގެ ޖާރިޔާއެއްކަމަށް ހީކުރެވުނީ. ކޮމާންޑަރަށް އެ ޚަބަރު އިވިވަޑައިގަތުމުން އެކަމާ މައްސަލަ ޖެއްސެވި. އެކަމާއި އަދިވެސް ޒުވާބު ކުރެވެމުން ދިޔައީ. އެ ދަނޑިވަޅުގައި ކަލެއަށް ތި އާދެވުނީ..............." ޖޫލިއަން ވާހަކަ ކުރިއަށް ގެންދިޔައެވެ.
ޖޫލިއަންގެ ވާހަކަ އެހިސާބަށް ދިޔައިރު އެތާ އިށީދެލައިގެން އިން ޒުވާނަކު ފުންމައިގެން ތެދުވުނެވެ. އަރަބި ގޮތަށް ހެދުން އަޅާ ބޮލުގައި ފޮށާ އަޅައިގެން ހުއްޓަސް އޭނަ އަރަތްބަކާއި އަދި ބަރުބަރަކާއިވެސް ވައްތަރެއް ނޫނެވެ. ނޫކަށި ފުރައިގެ ޖޯޝުން ފުރިގެންވާ ލޭ ހޫނު ޒުވާނެކެވެ.
"ވީއިރު...." އެ ޒުވާނާ ރުޅިވެރިކަމާއެކު ޖޫލިއަންއާއި މުޚާތަބު ކުރިއެވެ." އަހަންނަށް ލިބުނު ޣަނީމާއަކުން މަހުރޫމް ކޮށްލީނު. ސަބަބަކީ އަމިއްލަ ޖަމާއަތުގެ ބަޔަކަށް ވީމަ..."
"މޮޔަ ވާހަކަ ނުދައްކާ ޔޫސުފް..."ކޮމާންޑަރު ތާރިގު ބިން ޒިޔާދު ހިނިފުޅު ވަޑުވައިލެއްވިއެވެ. " ވަރަށް އަވަހަށް ޣަނީމާ ލިބިދާނެ. މިއީ ފެށުން. މާދަން އަހަރެމެން ޓޮލެޑޯގެ ލަޝްކަރަށް ހަމަލާދޭނަން އޭރުން ލިބޭހާ މުދަލާއި ހިފާމީހުންނަކީ ޔޫސުފްގެ ހައްގެއް. އެކަމަކު އަދި އަހަރެމެން އެއްވެސް ބަޔަކާއި ހަގުރާމައެއް ނުފަށަން. އެހެންވީމަ މިކުއްޖާއަކީ ޖާރިޔާއަކަށް ވާނެ ގޮތެއްނެތް. އެކުއްޖާގެ ބައްޕަ އެހެރީ ބަލާ އައިސްފަ. އެއީ އުމުރުން ދުވަސްވެފައި ހުރި މީހެއް. ދަރިފުޅު ދެކެ ވާ ލޯބި އަހަރެމެން އެންމެންގެ ލޮލުގެ ކުރިމަތީގައި ފެނިގެން އެ ދިޔައީ. ހައްގަކާއި ނުލައި އެހެން މީހުންގެ އުފާވެރިކަން ނިގުޅައިގަނެ މީހުންގެ ދިރުއުޅުން ހަލާކުކޮށްލުމެއް ނެތް، އިސްލާމްދީން އަންގަނީ އިންސާފުވެރިވާން. ހައްގު ހޯދައިދޭން. ހަގުރާމައިގާ ހިފޭ މީހުންނަކީ އެބަޔެއްގެ ވެރިމީހާގެ ހައްގެއް. އެއީ އެކަން އޮތްގޮތް. ތިފަދަ ކުޅަދާނަ ޖެހިލުންކުޑަ ހަގުރާމަވެރިޔަކަށް އެންމެ ރަގަޅު ޣަނީމާ ލިބޭނެ އަދި ރީތި ޖާރިޔާއިންވެސް...."
"ރައްކާތެރިކަމާއިއެކު ގެއަށް ދޭ...." ތާރިގު ބިން ޒިޔާދު ޝޭޚަށް ވިދާޅުވިއެވެ." އަހަރެމެން މިތަން ފަތަހަ ކުރަން އައުމުގެ ބޭނުމަކީ އެތަނުގެ އަހުލުވެރިންނަށް އަމާން ވެށްޓެއް ގާއިމުކޮށްދީ އޯގާތެރިވާން. ސަދަގާތް ދިނުމާއި އިންސާފުވެރިވާން ދީން އަންގަވާފައިވޭ. ކަލެއާއި ސްޕެއިންގެ ހުރިހާ އަހުލުވެރިންނަށް އަންގަން ބޭނުންވަނީ އަހަރެމެންނާއި ހަގުރާމަނުކޮށް ހިމާޔަތަށް އަންނަ އެންމެނަށް ރައްކާތެރިކަން ދީ އޯގާތެރިވާނެކަން. އެކަމަކު ހަގުރާމައަށް ދާން ބޭނުންވެ ކަނޑި ހިފައިގެން ނިކުންނަ ބަޔަކަށް އަހަރެމެން ކަނޑިން ޖަވާބުދޭނީ."
ތާރިގު އޭނަގެ ޚާދިމަކަށް އެތެރެއަށް ވަންނަން ގޮވައިލެއްވިއެވެ.
"މި ޝޭޚުއާއި ދަރިފުޅު ގެއާއި ހަމަޔަށް ގެންގޮސްދީ..."
ޝޭޚު ތާރިގުގެ އަތްޕުޅުގައި ބޮސްދޭން އުޅުނުއިރު އޭނަ އަތް ދުރުކޮށްލެއްވިއެވެ. އެއީ އޭނަ ގަބޫލުފުޅު ކުރައްވާ ޒާތުގެ ކަމެއް ނޫންކަން އެ އަދާއިން ޝޭޚަށް ވިސްނުނެވެ. ތާރިގު އޭނައަށް އަމާން ދަތުރަކަށް އެދިވަޑައިގަތެވެ. ޝޭޚު އެތަނުން ނިކުތްއިރު އޭނަގެ ހިތުގައި ތާރިގުގެ ގަދަރު އެތައް ތަނެއް އުފުލުނެވެ.
" ވެރިން އެމީހެއްގެ އަހުލުވެރިންނާއިމެދު އަމަލުކުރަންވީ އެގޮތަށް. ބާރާއި ނުފޫޒު ބޭނުންކޮށްގެނެއްނޫން...." ޝޭޚު އަމިއްލަ ނަފުސަށް ބުނެލިއެވެ.
ތާރިގުއަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ޔޫސުފް ހިމޭންކަން ޚިޔާރުކުރިނަމަވެސް ޖޫލިއަންއާއިމެދު ހިތުގައި ޝަކުވާ އޮތެވެ. އޭނަގެ ޣަނީމާ ބީވެގެން ދިޔައީ ޖޫލިއަންގެ ސަބަބުންނެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އިތުރު އަރައިރުމަކަށް ނުގޮސް އޭނަ އެފޭލިގެއިން ނުކުތެވެ.
***
ފެބްރުއަރީ މަހުގެ ފަހުކޮޅު ދުވަހެކެވެ. ފްލޮރިންޑާއަށް ހޭލެވުނީ ބޯ ވާރެއާއި ފުރާޅުގައި ވައި އަޅުވާ އަޑުފަށްގަނޑަށެވެ. ވާރޭކަމުގައި ހީކުރެވުނަސް ހަގީގަތުގައި އެއީ ގަނޑުފެނެވެ. ދެގަޑިއިރުވާންދެން މެދުކެނޑުމެއްނެތި ވިދުމާއި ގުގުރީގެ ތޫފާނާއެކު ވާރެއާއި ގަނޑުފެންވެސް ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ވާރޭ ހުއްޓައިލުމާއެކު ވައިވެސް ހިދިއްޖެއެވެ. އެއީ އެހިސާބުގެ މޫސުން ހުންނަގޮތެވެ. އެންމެ ދުވަހެއްގެ ތެރޭ ރީތިކޮށް އޮވެފައި ކުއްލިއަކަށް ވާރެއާއިއެކު ވައިގަދަވެފައި އަނެއްކާ އުޑުމަތި ސާފުވެދާނެއެވެ. ވާރޭ ހުއްޓައިލިހެން ހީވެގެން ފްލޮރިންޑާ ކުޑަދޮރުން ބޭރަށް ބަލައިލިއިރު ފެނުނީ މެދުގޯތި ސްނޯއިން ފުރިފައިވަނިކޮށެވެ. ދޮރާއި ހަމަޔަށްވެސް މެއެވެ. އިރުގެ އަލި ދޯދިތައް ސްނޯގައި ބޮސްދެމުންދާއިރު ވިދާ ބަބުޅައެވެ. އެ ވިދުމުގައި ވާރޭ ދުނީގެ ހުރިހާ ކުލަތަކެއް އެކުލެވުނެވެ.
އެ ރީތި މަންޒަރުން ހިތް އުފާކުރަން ފްލޮރިންޑާ ހުއްޓާ ފެނުނީ ފާދިރީންތައް ސްނޯ ސާފުކުރާ ސާމާނުތަކާއިގެން ނުކުމެގަތް ތަނެވެ. އެތައް މަސްތަކެއްފަހުން ހިތަށް އުފާވެރިކަން ލިބުނު މަންޒަރަކަށް އެވެސް ވިއެވެ. ފިނިކަން ގަދަވާން ފެށުމުން އޭނަ އެތެރެއަށް ވަދެފައި ކެހެރި ހެދުމުން ހަށިގަނޑު ރަގަޅަށް ނިވާކުރުމަށްފަހު އަނެއްކާ ނުކުތެވެ.
މުސްކުޅި ފާދިރީވެސް އަސާ އެއްލާލާފައި ޒުވާނެއްގެ ޖޯޝާއެކު ސްނޯ ސާފުކުރުމުގައި އަވަދިނެތި އުޅުނެވެ. އެމީހުންނާއެކު ޗަންޓިއްލާވެސް ބައިވެރިވެ މާގިނައިރުތަކެއް ނުވަނީސް މެދުގޯތީގައިވި ސްނޯ ކަހާލައިފިއެވެ. އެ މަސައްކަތް ނިމުމުން އޭނަ ބޮޑުދައިތަ ބާބަރާއާއެކު ފުރާޅުމައްޗަށް އަރާ ތާޒާ ވަޔާއި އިރުގެ ހޫނުކަމުން އަރާމު ލިބިގަތެވެ. ފަރުބަދަތަކުގެ ސިލްސިލާ މާ ދުރަށް ފެންނާން އޮތެވެ. މާ ގިނައިރެއްނުވެ އުޑުމަތީގައި ވިލާތައް އެއްވެ ވާރޭ ވެހިގެންފާނެކަމުގެ އިންޒާރު ދިނެވެ. ބޯ ކެހެރި ހެދުންތަކުންވެސް ފިނީގެ މައްޗަށް ކުރި ނުހޯދި ހީކަރުވާން ފެށުމުން ފުރާޅުމަތިން ފޭބިތަނާ ފާދިރީ ދޮރުމަތީގައި ހުރެފައި އަންނަން އިޝާރާތްކުރިއެވެ. އެކޮޓަރި ތެރޭގައި އަލިފާން އަންދާތަނެއް ހުރުމުން ފުދޭވަރަކަށް ހޫނެވެ.
"އިށީދޭ ކަމަނާ. ފިނިގަދަ ދުވަހެއް.." ފާދިރީ ބުނެލިއެވެ.
ފްލޮރިންޑާއާއި ބޮޑުދައިތަ އިށީދެލީ ކުޑަދޮރު ކައިރީގައެވެ. ފާދިރީ އަލިފާން އަންދާތަނުގެ ކުރިމަތީގައެވެ. އޭނަ އެމީހުން މުނިފޫހި ފިލުވަން ކުޑައިރު އަދި ޒުވާން ދުވަސްވަރުގެ ހާދިސާތައް ކިޔައިދޭން ފެށުމުން ބޮޑުދައިތަވެސް ދޭތެރެއަކުން އިތުރު ތަންކޮޅު ލައިގެން ވާހަކަތައް ފުރިހަމަކޮށްލަދިނެވެ.
އެހުރިހާ އިރެއްވީއިރުވެސް ފްލޮރިންޑާ ބަލަމުން ދިޔައީ ކުޑަދޮރުން ބޭރަށެވެ. ހުރިހާ ދިމާލަކުން ފެނުނީ ސްނޯއެވެ. ފާދިރީއާއި ބޮޑުދައިތަ އޮލަ ވާހަކައެއްގައި ތިބީ އޭނަވެސް އެމީހުންގެ ވާހަކަތައް އަހަން ތިބިކަމުގައި ހީކޮށްގެންނެވެ. އެއްފަހަރު ބޮޑުދައިތަ ސުވާލެއް ކުރުމުން ޖަވާބެއް ނުލިބިގެން ބަލައިލިިއިރު އޭނަގެ ނަޒަރު ވީ ކުޑަދޮރުން ބޭރަށް ހުއްޓިފައެވެ. ބޮޑުދައިތައަށްވެސް ފެނުނީ އެދިމާލަށް މިސްރާބު ޖަހާފައިވާ އަހެކެވެ.
"އަޖިއްލާ. އަޖިއްލާ...." ފްލޮޮރިންޑާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.
"އެއީ ކާކުތަ؟ " މުސްކުޅި ފާދިރީ ސުވާލުކޮށްލިއެވެ.
"އެއީ އަހަރެމެންގެ މަސައްކަތުގެި ބައިވެރިޔެއް. އޭނަ މަސައްކަތް ފުރިހަމަކޮށްފައި އެއައީ. އަވަހަށް ދޮރު ހުޅުވާ ނޫނީ މާ ބޮޑަށް ފިނިވެ ގެއްލުމެއްވެސް ވެދާނެ.." ފްލޮރިންޑާ ކަންބޮޑުވިއެވެ. ފާދިރީ އޭނަގެ އަސާގަނޑު ނެގިއެވެ.
"ހަމަ މިހާރު...."
އަޖިއްލާ އެހިސާބާއި އަރާ ހަމަވެފައި ބާރަށް ހޭންފެށުމުން އޭނަ އަށް ގެއްލުމެއްނުވާކަން އެނގި ފްލޮރިންޑާގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފާތަކެއް ލިބުނެވެ.
"އަޖިއްލާ..." ފްލޮރިންޑާ ގޮވައިލުމުންވެސް އޭނަ އިޖާބައެއް ނުދިނެވެ. ވައިގެ ޒޫމް އަޑާއިހެދި ނީވުނީކަމުގައި އޭނަ ޔަގީންކުރިއެވެ. މުސްކުޅި ފާދިރީ ނުކުމެފައި އޭނަގެ އަސާގަނޑުން އަޖިއްލާގެ ގައިގާ ރަހުމެއްނެތި ތަޅައިގަތްތަން ފެނި ފްލޮރިންޑާ ލޯ ބޮޑުވެ ގަނޑުވާގޮތްވިއެވެ. ފާދިރީގެ އިޝާރާތަށް ނުކުތް އެހެން ފާދިރީންތައްވެސް އެފަދައިން އަމަލުކުރިއެވެ. އަހުގެ ލަގަނުގައި އެކަކު ހިފެހެއްޓިއިރު އެހެން މީހުން އަޖިއްލާގެ ގައިގާ އެހާ ވަރަށް ތަޅާއިރުވެސް އޭނަ ހިމޭނުން އޮތީ ކީއްވެހެއްޔެވެ؟ ފްލޮރިންޑާ އަޑުކޮޅަށް ހަޅޭއްލަވާ އެކަން ހުއްޓަން އެދުނެވެ. އެހާ ވަރަށް އޭނަގެ ގައިގާ ޖަހަނީ ކީއްވެހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. އެމީހުންގެ ފަރާތުން ޖަވާބެއް ނުލިބުމުން ފާދިރީންގެ އިސްވެރިޔާއަށް ޝަކުވާއާއިގެން ދާން އޭނަ ނުކުތުމުން ބާބަރާވެސް ފަހަތުން އަންނާންފެށިއެވެ. މެދުގޯތްޗަށް ނުކުމެފައި ބޮޑުދައިތަ ގާތު އޭނަ އެދުނީ އިސް ފާދިރީއާއި ވާހަކަދެއްކުމަށެވެ. އޭނަ ޗަންޓިއްލާއަށްވެސް ގޮވިއެވެ. ޚަބަރެއް ނުވުމުން ފާދިރީންތައް ތިބި ދިމާލަށް ދުވެފައި ދިޔައެވެ.
އޭރު ފާދިރީންނާއި ބައިވެރިވެގެން ޗަންޓިއްލާވެސް އަޖިއްލާއަށް އަނިޔާކުރަނީއެވެ.
"ޗަންޓިއްލާ މޮޔަވީތަ؟ ކީއްތިކުރަނީ؟ " ފްލޮރިންޑާ ހަޅޭއްލެވިއިރުވެސް އޭނައަށް އިވުނުކަމަކަށް ނުވިއެވެ. ޖަވާބެއްވެސް ނުދިނެވެ. އޭނައަށް ސަމާލުކަމެއްވެސް ނުލިބުނެވެ.
ދެން ފެނުނީ އެންމެންވެގެެން އަޖިއްލާ އަތްދަނޑިމައްޗަށް ނަގައިގެންގޮސް އިމާރާތުގެ ތެރެއަށް ވެއްދިތަނެވެ. އޭރުވެސް އެ ޒުވާނާ އެއްވެސް ހަރަކާތެއްނެތި ގުޑިނުލާ އޮތުމުން އަސާތަކުން ތަޅައިގަތްގަތީނުން އެމީހުން އޭނަ މަރައިލީކަމުގައި ފްލޮރިންޑާ ޔަގީންކުރިއެވެ. ހިތާމައާއި ރުޅިވެރިކަން އެއްވެ އޭނަގެ ލޮލުން ކަރުނަ އޮހޮރުވާނުލީ ހަމަކިރިޔާއެވެ. އެކަމަކުވެސް ލިބިފައި ހުރި ޝޮކަކުން ސިކުނޑި ގަނޑުކޮށް ހިމޭންކަމާއެކު މަންޒަރުތައް ދެކެން ހުރެވުނީއެވެ.
އެމީހުންގެ ފަހަތުން ފައްޅިއަށް ވަދެފައިވެސް އޭނަ ހިމޭނުން ހުރީ އެއްޗެކޭ ބުނެފިއްޔާ އޭނަގެ ގައިގާވެސް ތަޅައިގެންފާނެކަމުގެ ބިރަށެވެ. އޭނަގެ ކަޅި އެކިފަރާތަށް އުކަމުން ދިޔައީ އިސްފާދިރީ ފެނިދާނެކަމުގެ އުއްމީދުގައެވެ. އެހެން ހުއްޓާ ބޮޑުދައިތައާއިއެކު ފާދިރީ އަންނަތަން ފެނުނެވެ.
"ކަންބޮޑުނުވޭ. އެމީހުން ހުރިހާ މަސައްކަތެއް އެކުރަނީ އޭނަ ސަލާމަތްކުރަން..." އިސްފާދިރީ ބުނެލިއެވެ.
"ތިހެން ބުނީ ކީއްވެ؟ އެމީހުން ތަޅައިގަތްގަތީނުން ޚަބަރުހުސްވެފައި އެއޮތީ."
"ވީއިރު ޔަގީނުންވެސް ހައިޕޯތާމިއާ ކިޔާ އެއްޗެއް އަޑުނާހާ...." އިސްފާދިރީ ހީލައިފިއެވެ.
"އެއީ ކޯނޗެއްތޯ ސާހިބާ.." ފްލޮރިންޑާ ހައިރާންވިއެވެ.
"މާބޮޑަށް ފިނިގަދަވެގެންގޮސް ފުރާނައަށް ގެއްލުންވާ ހިސާބަށް ދިޔުން. ކަމަނާގެ އެކުވެރިޔާ މަރުގެ ތުންފަތްމަތީގައި އޮތީ. އެމީހުން އެގޮތަށް އަމަލުކުރަނީ އޭރުން ލޭ ދައުރުވެ ހޫނުކަން އިހުސާސްވެ އޭނަ މަރުން ސަލާމަތް ކުރެވޭނެތީ..."
"އޭނަ ނުވެސް ބުނޭ ފިނިވެގެން އުޅޭ ވާހަކަ. އޭނަ ހޭންވެސް ފެށި...."
"އެހާ ގަދަޔަށް ފިނިވީމަ ހޭނެ. އެއީ މާބޮޑަށް ފިނިވީކަމުގެ އަލާމާތެއް...." ފާދިރީ ހެމުން ބުނެލިއެވެ. އަދި ފާދިރީގެ ކޮޓަރިއަށް ވަދެފައި އެންގީ އަލިފާން އަންދާތަނުގެ ކައިރީގައި އަޖިއްލާ ބާއްވާފައި ރަލުގެ ކޯވަރެއް ދިނުމަށެވެ. ފާދިރީ އަވަސްވެގަތީ އެ އަމުރަށް ކިޔަމަންވުމަށެވެ. ފްލޮރިންޑާ ކައިރިއަށް ޖެހިލާފައި އަޖިއްލާގެ މޫނަށް ބަލައިލިިއިރު އޭނަ ލޯ ހުޅުވައިލިތަން ފެނުނެވެ. އެކަމަކު މޫނުމަތިން ފެނުނީ ބަލިކަށިކަމެވެ. އޭނަ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އެމީހުން މަސައްކަތްކުރީ ހަގީގަތުގައި އަޖިއްލާގެ ފުރާނަ ސަލާމަތްކުރަންކަން ޔަގީންވިއެވެ.
***
ގަޑިއެއްހާއިރުވާންދެން ކުރި މަސައްކަތުން އަޖިއްލާގެ މޫނުގެ ކުލަ އެނބުރި އައިސް އޭނައަށް ތެދުވެ އުޅެވޭވަރުވެއްޖެއެވެ. ފާދިރީއިންގެ އިޒުނައާއެކު އޭނަ ގޮވައިގެން ފްލޮރިންޑާމެން ދިރިއުޅޭ ބަޔަށް ގޮސްފައި ހޫނު ގަހުވަތަށްޓެއް ތައްޔާރުކުރުމަށްފަހު ފްލޮރިންޑާ ސުވާލުކުރިއެވެ. އެހާ ދުވަހުން އެނބުރިއައި ސަބަބެއް އެހިއެވެ. އަޖިއްލާ ބުނީ މިކޮޅަށް އައި މަގުމަތީގައި ގިނަ އުދަގޫތަކާއި ދިމާވިކަމަށެވެ. މޫސުމް ގޯސްވުމާއެކު ލުދްރީކްގެ ޖާސޫސުންގެ ފަރާތުން ސަލާމަތްވާންވެގެން ދުވާލު ނިދާފައި ރޭގަނޑު ދަތުުރުކުރަން ޖެހުނު ކަމަށެވެ. ބައްޕަގެ ސިޓީ އެހެން ފަރާތަކަށް އަރައިފާނެކަމުގެ ބިރު އޮތެވެ. ފިނީގެ ސަބަބުން ގަނޑުވެ މަރާއި އެހާ ކައިރިވި ސަބަބަކީ އެއީއެވެ.
ފްލޮރިންޑާ އޭނަގެ ބައްޕަގެ ޚަބަރު އޮޅުންފިލުވިއެވެ. އަޖިއްލާ ބައްޕަގެ ގަނޑުވަރަށް ގޮސް ބައްދަލުވިގޮތުގެ ތަފްސީލު ދިނެވެ. ފްލޮރިންޑާގެ ސިޓީ ކިޔާފައި ރުޅިގަދަވެގެން ވަގުތުން ބަދަލުހިފާނެކަމަށް ވައުދުވި ވާހަކަ ބުނުމުން ފްލޮރިންޑާގެ ލޯ ދިއްލުނެވެ.
"އަހަރެން ލުދްރީކްގެ ފަރާތުން ހިތިގޮތަކަށް ބަދަލު ހިފާނަން. ސްޕެއިންގެ ތާރީޚުގައި ކުރިން ނުލިޔެވޭފަދަ ގޮތަކަށް....."
ފްލޮރިންޑާއަށް އޭނައަކީ އަދިވެސް ބައްޕަގެ ލޯބިވާ ދަރިފުޅުކަމަށާއި މިހާ ދުވަހު އަޅާނުލެވި ދޫކޮށްލެވި ލޯބިނުވިކަމަށް ހީކުރެވުނީ ރަގަޅަށް ނޫންކަމުގައި ގަބޫލުކުރެވިއްޖެއެވެ. ބައްޕަގެ ބަދަލުހިފުމުގެ ރޭވުމުގެ ވާހަކަ އިތުރަށް އެނގެން ބޭނުންވިއެވެ.
"އެބުނި އެއްޗެއްގެ މާނައަކީ ކޮބައިތަ؟ " ފްލޮރިންޑާ ސުވާލުކުރިއެވެ.
"އެބުނީ ލުދްރީކް ތަޚުތުން ރެދަލި ކުރާ ވާހަކަ...." އަޖިއްލާ ބުންޏެވެ.
"ތިއީ ވަރަށް ރަގަޅު ޚިޔާލެއް. އެކަމަކު....."
"ކައުންޓް ޖޫލިއަންއަށް ޔަގީންކަމެއްނެތި އެހާ ބޮޑު ކަމެއް ނިންމާނެހެން ހީވޭތަ؟ "އަޖިއްލާ ފްލޮރިންޑާގެ ވާހަކަ މެދުކަނޑައިލިއެވެ. އަދި ކައުންޓް ޖޫލިއަންއާއި އަރަބިންގެ އެއްބަސްވުމާއި އަރަބިންނަށް އަންދަލުސް ފަތަހަކުރަން ޖޫލިއަން އެހީތެރިވާނެކަމުގައި ބުނެލިއެވެ. ފްލޮރިންޑާއަށް އެ ވާހަކަ ގަބޫލުކުރަން ދަތިވިއެވެ. އޭނަ ހިތްހަމަޖައްސައިލަން ދައްކާ ވާހަކައަކީ ހެއްޔެވެ؟
"ތިއީ ހަމަ ތެދެއްތަ؟ "
އަޖިއްލާ އޭނަގެ ކޯޓުގެ ޖީބުން ބަންދުކޮށްފައިވާ ކުޑަ ބިއްލޫރިފުޅިއެއް ކަހަލަ އެއްޗެއް ނެގިއެވެ. އޭގެ މަތިގަނޑު ނައްޓައިލިއިރު ކޮޕްޓިކް ފޮތިކޮޅެއްގައި ލާފައި އޮތީ ބައްޕަ އަމިއްލަ އަތުން ލިޔެފައިވާ ސިޓީއެކެވެ. ބައްޕަގެ ހިތުގައި އޭނައަށްޓަކާ ވި ލޯތްބާއި ކުލުނު ހަދާންވެ ޖަޒުބާތީވެވި ލޮލުން ކަރުނަ ފާއްދާލިއެވެ. ސިޓީ ކިޔަން ފެށުނީވެސް ހަމަޔަކަށް އެޅި ކަރުނަތައް ފޮހެލާފައެވެ.
***
ފްލޮރިންޑާ ދިރިއުޅެމުން ދިޔައީ ފާދިރީންގެ ހިމާޔަތުގައެވެ. ފައްޅީގައި ފާދިރީން އުޅެން ހަދާފައިވާ އިމާރާތުގައި ދިރިއުޅެންފެށީ އޭނަ ސަލާމަތްކޮށްދޭން އަލްފަންސޫގެ ބޮޑުބޭބެ ފޮނުވި އެހީތެރިންނާއި ބޮޑުދައިތައާއެކުގައެވެ. އެތައް މަސްތަކެއް ފާއިތުވަމުން ދިޔައެވެ. އަޖިއްލާ އާއި ޗަންޓިއްލާގެ ފަރާތުން ބައްޕަގެ ޚަބަރުތައް އޭނައަށް އޮޅުން ފިލައެވެ. ބައްޕަ އަރަބިންނާއެކު އުޅޭތީ އަރަބިންގެ ފަތަހަތަކުގެ ވާހަކަތައް އޭނައަށް އިވެމުންދިޔައެވެ. މިހާރު އަރަބިން ކުރިއަރަމުންގޮސް ބައެޓިކާ ޕްރޮވިންސާއި ހަމަޔަށް ފޯރައިފިއެވެ. އޭރު ލުދްރީކްވެސް އޭނަގެ ލަޝްކަރާއިގެން ޓޮލެޑޫއިން ހުޅަގަށް މިސްރާބު ޖަހައިފިއެވެ. މުޅި ސްޕެއިން އޮތީ ކަންބޮޑުވުމެއްގައެވެ. ބައެއްމީހުން ބިރުވެރިކަމެއްގައި އަނެއް ބަޔަކު ހިތާމައާއި މޮޅިވެރިކަމުގައެވެ. ހަގުރާމައިގެ މައިދާންއާއި މުޅިން ދުރުވެފައިވާތީ ފައްޅީގެ އަހުލުވެރިންވަނީ އެ ކަންތަކުން ބަރީއަވެ ވަކިވެގެންނެވެ. ފްލޮރިންޑާ ހަދާނެގޮތަކާއިމެދު ވިސްނާ ބޯ ގޮވާވަރުވިއެވެ. ބައްޕަ ގާތަށް ދާންވީތޯ ނޫނީ އަލްފަންސޫ ކައިރިއަށް ގޮސްލަންވީ ހެއްޔޭ ސުވާލު އުފެދުނެވެ. ނޫނީ ފައްޅީގައި މަޑުކުރަންވީހެއްޔެވެ؟ އެންމެ ފަހުގެ ޚިޔާލު ރަގަޅުކަމުގައި އޭނަ ދެކުނެވެ. ބައްޕަ ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން އޭނަބަލާ މީހަކު ފޮނުވާނެކަމުގެ އުއްމީދު އޭނަ ގެއްލުވައެއް ނުލާނެއެވެ. އިންތިޒާރުކުރާނީއެވެ.
ހޫނު މޫސުމް އައިއިރު މުޅި ވާދީ ފެހިކަން ގަދަވެ ސާފު ފެނާއި ހިތްގައިމު ވައިރޯޅިތަކުގެ މައިދާނަކަށްވިއެވެ.
ދުވަހުގެ ރީތިކަމުން އުފާކޮށްލަން އާފަލު ދަނޑުތެރޭ ހިނގައިލަން ދާންކަމަށް އޭނަ ކޮޓަރިން ނުކުތެވެ. ދޮރުމަތިން އަޖިއްލާއާއި ދިމާވެގެން އިސް ފާދިރީ އޭނައަށް އިންތިޒާރުކުރާ ވާހަކަ ބުނެލިއެވެ. އޭނަ ފާދިރީ ދިރިއުޅޭ ބަޔަށް ދާން ހިނގައިގަތެވެ. އޭނައާއި އެތަނުން ދިމާވީ އުމުރުން ދެބައިވީ ފިރިހެނެކެވެ. ގޫތު އަދި ރޫމީ މީހެއް ނޫނެވެ. އޭނަ ހެދުން އަޅައިގެން ހުރިގޮތުން ފްލޮރިންޑާގެ ހަނދާނަށް އައީ ސަބްތާގައި ކުޑައިރު ފެންނަ މީހުންނެވެ. ތަންކޮޅެއް ކައިރިވެލުމުން މި މީހާ މިއައީ ދަތުރުކޮށްފައި ކަން ޔަގީންވިއެވެ. ތުނބުޅިއާއި މަތިމަހުގެ އިތުރުން ބުމައާއި އެސްފިޔައިގާވެސް ހިރަފުހުގެ އަސަރެވެ. މި މީހާ އައީ އާ ޚަބަރު ހިފައިގެން ކަން ޔަގީންވުމާއެކު އޭނަ ސަލާމްކޮށްލާފައި ވަނެވެ.
"މިއީ ބައްޕަގެ ފަރާތުން އައި މީހެއް..." ފާދިރީ ބުނެލިއެވެ.
ފްލޮރިންޑާގެ ހިތް އަވަސްވެ ކޯތާފަތަށް ރަތްކުލަ އަރައިފިއެވެ.
"ކޮންފަދަ ޚަބަރެއް ހިފައިގެންތަ؟ "
"އަހަންނަކީ ބައްޕަގެ އެކުވެރިއެއް. ބައްޕައަށް ތައުރީފުކުރާ މީހެއް. އަދި އިތުބާރުކުރެވޭ ގާތް މީހެއް. ބައްޕައަށް ފޮނުވި ސިޓީއާއި އެކަމުގެ ސަބަބުން އައި ބޮޑެތި ބަދަލުވެސް އެނގޭ. ފްލޮރިންޑާއަށް އަހަރެން ނޭގުނުތަ؟ "އޭނަ ސުވާލުކުރިއެވެ.
އޭނަ ވާހަކަދައްކާގޮތާއި އެ އަޑާއިއެކު އަދި މޫނަށް ރަގަޅަށް ބަލައިލުމުން ދެކެ ފަރިތަ މޫނެއްކަމުގައި ފެނުނެވެ. މިއީ ކުރިން ސަބްތާއިން އޭނައަށް ފެނިފައިވާ މީހެކެވެ. ބައްޕަގެ ގަނޑުވަރަށް އައިސް ވަގުތުތައް ހޭދަކުރިއެވެ. އިތުރަށް ފްލޮރިންޑާގެ ސިކުނޑިއަށް ބާރުނުލަނީސް އޭނަ އަމިއްލައަށް ތައާރަފުވިއެވެ.
"ވިޔަފާރިވެރިޔާ ސުލެއިމާން ނޭގުނުތަ؟ "
"އޯ..ތިއީ ހަމަ ރަގަޅަށްވެސް ސުލެއިމާންތަ؟ ސުލެއިމާން ވިއްޔާ ނުލާހިކު ރަގަޅަށް އެނގޭ. އޭރު ވަރަށް ގިނައިން އަޅުގަނޑުމެންނަށް ހަދިޔާ ހިފައިގެން ގެއަށް އާދޭ. ހިފާ ގެންގުޅޭ ތަކެއްޗާއި ހެދުން ވިއްކާ. ތިއައީ ބައްޕަގެ ފަރާތުންތަ؟ ބައްޕަ ކޮންތާކުވީ؟ " ފްލޮރިންޑާ އުފާވިއެވެ.
"ބައްޕަވީ އަރަބި ލަޝްކަރާއެކު. ގުއާޑްލެޓް ކައިރީ.."
ސުލެއިމާން ލޮލުގެ އިޝާރާތުން ސުވާލުކުރީ ފާދިރީ ހުއްޓާ ވާހަކަ ކުރިއަށް ގެންދަންވީ ތޯއެވެ. ފްލޮރިންޑާ ހިމޭންކަމުގެ ބަހުރުވައިން އެންގީ ރަގަޅުވާނެކަމުގައެވެ.
"ބައެޓިކާގެ ވަރަށް އެތެރެއަށް އެމީހުން ވަދެއްޖެ. ވަރަށް ކުޑަ ދެކޮޅުވެރިކަމެއް އެތަނުން ދެއްކީ. ގިނަމީހުން ދެކުނީ އަރަބިންނަކީ އެމީހުން މިނިވަންކޮށްދޭން އައި ބަޔެއްކަމަށް. މުސްލިމުން މުޅި ގައުމަށް ވަރަށް އަވަހަށް އަތް ގަދަކުރާނެ..." ސުލެއިމާންގެ ވާހަކައިން ފާދިރީއަށް ޝޮކެއް ލިބުނެވެ.
"ސެޕެނިޝް ލަޝްކަރު ކޮބާތަ؟ "އޭނަ ސުވާލުކުރިއެވެ.
"އަރަބިން އަދި ލުދްރީކްގެ ލަޝްކަރާއި ކުރިމަތިއެއްނުލާ. އަހަރެން އަޑު އަހާފައިވާގޮތުން ލުދްރީކް ނިކަން ބޮޑު ލަޝްކަރަކާއެކު ފުރައިފި. އެކަމަކު އަރަބިން އެމީހުން ބަލިކުރާނެ. މިހާރުއްސުރެ އުފާވެރިކަމުގެ ޚަބަރު ދޭންވީ..." ސުލެއިމާން ބުނެލިއެވެ.
ފާދިރީ ހައިރާންވެ އަނގަ ހުޅުވިފައި ހުއްޓެވެ."ތި ގެނެސްދިނީ ތެދު ޚަބަރެއްތަ؟ އަހަރެމެންނަށް ދެން ވާނީ ކިހިނެއްތަ؟ "
"މިމީހުންނާއެކު މާ ރަގަޅަށް އުޅެވޭނެ. އަރަބިން ހިފާ ބިންތަކުގައި ޖިޒީ ނެގިޔަސް އަދި ފާދިރީންނަށް އެ ހުރިހާ ޝަރުތުތަކެއް ނޯވޭ. އެމީހުންގެ ފައްޅިތަކުގައި އަމަން އަމާންކަމާއެކު އުޅެންވީ. މިސްރާއި ސޫރިޔާގައިވެސް ކަންތައް ހިނގާފައިވަނީ މި ދެންނެވިގޮތަށް..." ސުލެއިމާންގެ ޖަވާބުން ފާދިރީ އިސްދަށަށް ޖެހިފައި ހުއްޓެވެ.
"ސުލެއިމާން ތިއައީ ކީއްކުރަން؟ "ފްލޮރިންޑާ އެހިއެވެ.
"ކަމަނާގެ ބައްޕަ ކައުންޓް ޖޫލިއަން އަހަންނަށް އަގު ދީފައި ކަމަނާ ބަލާ ފޮނުވީ. ބޭނުމިއްޔާ އަހަންނާއެކު ބައްޕަ ގާތަށް ދާންވީ...."
ފްލޮރިންޑާގެ ހިތް އުފަލުން އުދުއްސައިގަތެވެ.
"ދަތުރުމަތީގައި ނުރައްކަލެއް ދިމާވެދާނެކަމުގެ ބިރެއް ނެތްތަ؟"ފްލޮރިންޑާ ސުވާލުކުރިއެވެ.
"ސްޕެއިންގެ އަހުލުވެރިން އަހަރެމެންނަށް ގެއްލުމެއް ނުދޭނެ. އަހަރެމެންނާއި އެމީހުން އެއްބަޔަކަށް މިތިބީ. އަދި ރަސްގެފާނުގެ މީހުންވެސް އުދަގުލެއް ނުކުރާނެ، އޭނަ ލަޝްކަރާއިގެން އަވަދިނެތި އެއުޅެނީ...." ސުލެއިމާން ބުނެލިއެވެ.
ފްލޮރިންޑާ ފާދިރީއަށް ބަލައިލީ އޭނަގެ ޚިޔާލަށް އެދޭފަދަ ނަޒަރަކުންނެވެ.
"ކަމަނާ ކޮންމެހެން ދާން ޖެހޭ ކަމަށްވަންޏާ މިއޮތީ ދާނެ ފުރުސަތެއް ލިބިފައި. މި ފުރުސަތު ނަގައިލާކަށް ނުވާނެ. އަހަރެމެންގެ ދުޢާއަކީ ބައްޕައާއި ހަމަޔަށް ސަލާމަތާއި ރައްކާތެރިކަމާއެކު ފޯރުން...." ފާދިރީ ބުނެލިއެވެ.
ފްލޮރިންޑާ އޭނަގެ ކޮޓަރިއަށް ގޮސްފައި ބޮޑުދައިތަ ކައިރިން ލަފާއަކަށް އެދުމާއެކު އޭނަވެސް ނަސޭހަތް ތެރިވީ ލަސްނުކޮށް ދަތުރު ފެށުމަށެވެ. އަވަހަށް ދަތުރު ހަދާލައިގެން އެމީހުން ފައްޅި ދޫކޮށްފައި ނުކުތެވެ. އަޖިއްލާއާއި ޗަންޓިއްލާ އަދި ސުލޭމާންއާއިއެކު ފްލޮރިންޑާ ދަތުރު ފަށަމުން އެދުނީ އަސްތީގީ ހުރަސްކޮށް ދަތުރުކުރުމަށެވެ.
އެތައް ދުވަހެއްވާންދެން ވާރެއަށް ތޫފާނަށް ބެލުމެއްނެތި އެމީހުން ދަތުރުކުރިއެވެ. އަސްތީގީއާއި ކައިރިވީއިރު މޫސުމް ނިކަން ހިތްގައިމެވެ. ފެހިކަން ގަދަ ގަސްތަކާއި ވިނަތަކުން އެ މަންޒިލްގެ ރީތިކަން އެތައް ގުނަ އިތުރެވެ. އެ ޝަހަރު ފެނުމާއެކުވެސް ފްލޮރިންޑާގެ ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. އުސް ފަރުބަދަގަނޑެއްގެ މަތީގައި ތިބެގެން ބަލާއިރު އެތާގެ ފައްޅި ރީތިކޮށް ފެންނާން ހުއްޓެވެ. ދުރުން އެތަން ފެނުމަކީވެސް ރަހުމަތެކޭ ހިތަށް އެރިއެވެ. އަލްފަންސޫ ހުންނާނީ މިތާގެ ކިހާ ހިސާބެއްގައި ބާވައެވެ. އޭނަ ނިންމީ ސުލެއިމާންގެ ގާތުން އެހުމަށެވެ.
"ލުދްރީކް ހަގުރާމަވެރިން އަސްތިގީއަށް ފޮނުވިއްޔާ އެމީހުން ތިބޭނީ ކޮންތާކު؟ "
"އަހަންނަށް ހީވަނީ ތިހެން އެހީ ޝާހްޒާދާ އަލްފަންސޫ ހުރިތަނެއް އެނގެން ބޭނުންވާތީހެން.."އޭނަ ބުނެލިއެވެ.
"އާން...." ފްލޮރިންޑާ ހައިރާންވިއެވެ."ކިހިނެއް އެކަން އެނގުނީ؟ "
"އެތައް މަސްތަކެއް ވެއްޖެ ތި ޚަބަރު އޮޅުން ފިލިތާ، އަހަރެން މިތަނަށް އައިއިރު ޝާހްޒާދާއާއި ހަގުރާމަވެރިން މިތަނަށް އައިކަން އެނގުނު.ފާލަން ކައިރީ އެހެރަ ކިއްލާގައި އެމީހުން ދިރިއުޅެނީ. އަހަރެން ގޮސް އޭނަ ހޯދަންވީތަ؟ "ސުލެއިމާން ސުވާލުކުރިއެވެ.
"މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކާ ދޭ." ފްލޮރިންޑާ ބުނަން ފެށިއެވެ. "އާލްފްގެ ޚަބަރެއް.............."
ނުނިމޭ