އަލްފަންސޫ އިތުރަށް ހަނގުރާމަކުރާކަށް ޝައުގެއް ނެތެވެ. އޭނަގެ ލޯބި ހާސިލުކުރުމަށްފަހުު މުސްލިމުންގެ ފަރާތުން ވައުދުވި ކަންތައްތަކެއްގެ ހިތްހަމަޖެހުމާއެކު އޭނަ ތާރިގު ބިން ޒިޔާދުއާއި ބައްދަލުކުރިއެވެ.

"އަޅުގަނޑަށްވެސް އެކަންތައްތަކެއް ނުނިންމޭނެ. ފުރަތަމަ މަނިކުފާނު އަޅުގަނޑުމެންގެ އިސް ކޮމާންޑަރާއި ބައްދަލުކުރައްވާ އެބޭކަލުން ދެއްވާނީ ކިހާވަރަކަށްތޯ އައްސަވާ. ދެރަގޮތެއް ނުވާނެ. މަނިކުފާނުގެ މުޅި އާއިލާ ގޮވައިގެން ވަޑައިގަންނަވާ...." ތާރިގު ވިދާޅުވިއެވެ.

ތާރިގުގެ އިޒުނަ ލިބިވަޑައިގަތުމާއެކު އަލްފަންސޫ އޭނާގެ އަންހެނުން ފްލޮރިންޑާއާއި ކޮއްކޯފުޅުމެން ގޮވައިގެން މިސްރާބު ޖެއްސެވީ އެފްރިކާއަށެވެ. ތާރިގު ބިން ޒިޔާދު ދެއްވި ސިޓީއެއްވެސް ހިފައިގެންނެވެ. އެސިޓީގައި އަލްފަންސޫގެ ބައްޕަގެ ބިމާއި މުދާތައް އެކުދިންނަށް ލިބޭގޮތަށް އިގުރާރެއްގައި ސޮއިކޮށްދެއްވަން އެދިވަޑައިގެންނެވިއެވެ. މޫސަވެސް އެކަމާއި ގަބޫލުފުޅުވި ނަމަވެސް ޚަލީފާގެ އަމުރުފުޅަކީ ފަހު ނިންމުން ކަމަށްވާތީ އެ ވަފުދު ދިމިޝްގަށް ފޮނުއްވިއެވެ. ޚަލީފާ އެ ވަފުދަށް މަރުހަބާކީ އިންތިހާ ދަރަޖައިގެ އިހުތިރާމްއާއެކީގައެވެ. ޚަލީފާ ތާރިގުގެ ހުށަހެޅުއްވުން ގަބޫލުފުޅުކުރެއްވިއެވެ. އެ ވަފުދު އެނބުރި ސްޕެއިންއަށް އައީ ހިތްހަމަޖެހުމާއެކުގައެވެ. ވިޓިޒާގެ ކޮންމެ ދަރިއަކަށް އެއްހާސް ދަނޑުބިން ލިބުނެވެ. ސެވިއްޔާ, ގުރުތުބާ އަދި ތުލައިތާގައި އެންމެން ހަމަޖެހިލައިގެން ހަޔާތުގެ ބާކީ އޮތްބައި އުފަލާއި އަމާންކަމާއެކު މުސްލިމުންގެ ވެރިކަމުގެ ދަށުގައި ދިރިއުޅެމުން ދިޔައެވެ.

***

ލުއުލުއާ އައްބާދު ވުޟޫކުރަން ފެން އަޅާދިން މަންޒަރު ބަލަން ޔޫސުފް ހުރިތަން ފެނުމުން ތާރިގު ގޮވާލެއްވިއެެވެ. ޔޫސުފް ބޭޒާރުވުމުން ލަދުގަނެ މޫނުމަތިން ރަތްކަން ފައުޅުވިއެވެ.

"ޔޫސުފް. ބެލުން ތިރިކުރަން ދީނުގައިވަނީ..." ތާރިގު ހަނދާންކޮށްދެއްވިއެވެ.

ޔޫސުފް ފުން ނޭވާއެއް ދޫކޮށްލަމުން އިސްޖަހާލިއިރު ލޮލުން ކަރުނައިގެ ތެތްކަން ތާރިގުއަށް ފެނިވަޑައިގަތެވެ. އޭނަ ޔޫސުފްގެ ކޮނޑުގައި އަތް ޖައްސަވާލެއްވިއެވެ. ތާރިގު ވިދާޅުވީ ހިތްވަރުކުރެއްވުމަށެވެ. އެމީހުންނަކީ މުޖާހިދުންކަމަށާއި މުޖާހިދުންގެ އަޒުމު ވަރުގަދަވާން ވާނެ ކަމަށާއި އެމީހުންގެ ބަލިކަށިކަމަކީ އަންހެނުން ކަމުގައި ނެހެދުމަށް އެދި ވަޑައިގެންނެވިއެވެ. މާތްﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުމަށްވުރެ އެހެން ކަމެއް އެދެވިގެން ނުވާ ކަމަށާއި ﷲއަށްޓަކާ ދިރިއުޅުން ވަގުފުކުރަން ޔޫސުފް ކައިރިން އެދިވަޑައިގަތެވެ. އޭރުން ދުނިޔޭގެ ކަންތަކާއި މާޔޫސްވެ ފިކުރުބޮޑުވާކަށް ނުޖެހޭނެއެވެ.

ތާރިގު ބިން ޒިޔާދުގެ ވާހަކަފުޅުތައް ޔޫސުފްގެ ހިތުގައި ބީހިލިގޮތުން ހީބިހިނެގިއެވެ. އެ ވާހަކަފުޅުން ހިތަށް އަސަރުކުރިއެވެ.

***

ލުދްރީކްގެ ހަޔާތުގެ އެންމެ ފަހު ދުވަހު އޭނަގެ ހިތަށް ކުރި އަސަރާއި ލޮލުން އޮހުނު ކަރުނަތައް ބައެއް މުވައްރިޚުންް ސިފަކޮށްފައިވިއެވެ. އޭނަގެ ލަޝްކަރުން މަރުވެގެން މައިދާން ފުރެންފެށުމުން އެމީހުންގެ އަދަދު ގުނާނުލެވޭނެއޭ ހިތަށް އެރިއެވެ. އަދި ލޮލުން ކަރުނަ އައީ ޒަޚަމްވެފައިވާ މީހެއްގެ ހަށިގަނޑުން ލޭ ފައިބާހެންނެވެ. އޭނަ އަމިއްލަ ނަފުސަށް ބުނެލިއެވެ. "އިއްޔެއާ ޖެހެންދެން އަހަންނަކީ އަންދަލުސްގެ ވެރިމީހާއެވެ. މިއަދު އަހަންނަކީ އެއްވެސް މީހެއް ނޫނެވެ. ބޮޑެތި ކިއްލާތަކުގެ ދޮރުވެސް އަހަރެން ފެނުމުން ހުޅުވިގެން ދިޔަ ދުވަހެއް އައެވެ. މިއަދު ހަމަޖެހިލައިގެން އިށީދެލާނެ ތަނެއްވެސް ނެތް. އަހަންނަށްޓަކާ ދުނިޔޭގެ ހުރިހާ ދޮރުތައް ބަންދުވެއްޖެ. އޭ ބަދުނަސީބު މީހާއޭ. ކަލޯ ހީކުރަނީ ދުނިޔޭގެ ހުރިހާ ބާރެއްވަނީ ކަލޭގެ އަތުގައި ކަމަށްތަ؟ މިއަދަކީ އިރުއޮއްސޭ މަންޒަރު ފެންނާނެ އެންމެ ފަހު ދުވަހެވެ. .އަހަރެންގެ މަރު މިހާ މަޑުމަޑުން ބައްދަލުކުރަނީ ކީއްވެ؟ އެއްފަހަރާ އަހަރެން ޖަހައި ނުގަތީ ކީއްވެތަ؟ އަވަހަށް އާދޭ....." ލުދްރީކްގެ މޮޅިވެރިކަން އިންތިހާއަށް ދިޔައެވެ.

އިސްލާމް ދީނުގެ މުޖާހިދުން އަނެއްކާވެސް އަލިގަދަ ބާބެއް ލިޔެފިއެވެ. މި ބާބު ލިޔުނީ ކާފަރުންގެ ލެއިން ކާފަރުންނަށްޓަކައެވެ.

***

 

 

ކޮމެންޓް 0