"ސާހިބާ. އަޅުގަނޑު ދަސްކޮށްދޭނަން ބީރައްޓެހި ބަހުރުވައެއް. ލަފުޒުތަކެއް. މި ބަސްތައް ހަދުމަފުޅު ނައްތާނުލައްވާ......."
"ކީއްވެ؟ " އާލްފް ސުވާލުކުރިއެވެ.
"މިހާރު މި ދަސްކޮށްދޭ ބަސްތަކާއި ހަރަކާތްތަކަކީ ހަގީގަތް އެގި މި މަޝްރޫއު ފަށަން އޮތް ތަޅުދަނޑި...." ޔައުގޫބު ބުނެދިނެވެ.
"އެންމެ ރަގަޅު ފަށާ....." އާލްފް އެއްބަސްވިއެވެ.
"އެހެންވިއްޔާ ޝަލޯމް އަލެކުމް މި ޖުމްލަ ވިދާޅުވެ ބައްލަވާ....."
އާލްފް އޭނަގެ ފަހަތުން ތަކުރާރުކޮށް އެ ލަފުޒުތައް ކީއިރު ކޮންމެވެސް ވަރެއްގެ އަޅައިގަތުމެއް ހުއްޓެވެ. ޚާއްސަކޮށް ޚާ އަދި ޢައިނު އަކުރު ކިޔުމުގައެވެ. އާލްފްއަށް ފަރިތަކަމާއެކު ކިޔެންދެން އޭނަ އެ ލަފުޒު ކިޔުއްވިއެވެ.
"އޮހިލް މަވާއިދު......" ޔައުގޫބު އެހެން ލަފުޒެއް ދަސްކޮށްދީ ފަރިތަވާންދެން ކިޔުއްވިއެވެ. ޔައުގޫބު ދެން އެދުނީ އާލްފް ތެދުވުމަށެވެ. އާއްމުކޮށް އޭނަ ހިނގާ ނޫޅޭ ފަދަ ގޮތަކަށް ހިނގަން ދަސްކޮށްދިނެވެ. އޭގެ ފަހުންވެސް ބައެއް އިތުރު ލަފުޒުތަކާއި އަތާއި އިނގިލިތަކުގެ ހަރަކާތްތަކެއް ދަސްކުރަން ޖެހުނެވެ. މުޅިދުވަސް ދުއްވާލަން ޖެހުނީ އެގޮތުގައެވެ. އިރުއޮއްސި އަނިދިރިކަން މުޅި ހިސާބުގައި ރަސްކަން ކުރަން ފެށުމުން ދެމީހުން ޔައުގޫބު އާރުކާޓީއެއްގެ ގޮތުގައި ހުރެ ވަކި މަންޒިލަކަށް ދާން މިސްރާބު ޖެހިއެވެ. ހިގަމުންދާ ކަންތައްތަކާއިމެދު ހައިރާންވެފައި ހުރުމުގެ ސަބަބުން ފްލޮރިންޑާއާއި އޮޕާސްއާއިމެދު ވެފައިވާ އާލްފް ވެފައިވާ ކަންބޮޑުވުންތައް ފިލާ ހަދާން ނެތުނެވެ. ޝަހަރުގެ ދޮރާށިން ނުކުމެ އެދެމީހުން ހިގަމުން ދިޔައެވެ. އުޑުމަތި ސާފު ރެއަކަށް ވިނަމަވެސް އިންތިހާއަށް ފިނިކަން ގަދަވެ އަނގައިން އާވި ނިކުމެއެވެ. ދެމީހުން އެކަމަކަށް ސަމާލުކަން ނުދީ ފަރުބަދަގަނޑަށް އަރާ ޓަވަރާއި ދިމާލަށް ބަލައިލިއެވެ. އެހިސާބުން ދިރޭ ފުރާނައެއްގެ ހިލަމެއްނުވެއެވ. ފުހޭ އިރާއެކު ރަށުގެ އަހުލުވެރިން ގެތަކަށްވަދެ ނިދުމަށް އާދަވެފައިވިއެވެ. އެދެމީހުން ތިރިއަށް ފައިބާ ހޮހަޅައިގެ އަނގަ މައްޗާއި ހަމަޔަށް ފޯރިއިރު އެތަން އަނދިރިކަމުން ކަށްވަޅުފަދައެވެ. ޔައުގޫބު އާލްފްގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެ ކުރިއަށް ފިޔަވަޅުތަކެއް އެޅިއެވެ. އަދި އެދުނީ އާލްފްގެ ލިބާސް ނެގުމަށެވެ. އެދެމީހުން އެ ކަޅު ލިބާސްތައް ލައި ނިމުނުއިރު އެ ކަޅާއި ހޮހަޅައިގެ އަނދިރިކަން އެކުވިއެވެ.
ޔައުގޫބ އާއެކު އާލްފްވެސް ފިޔަވަޅު އަޅަމުން ދިޔައެވެ. ކުއްލިއަކަށް ޔައުގޫބުގެ ފިޔަވަޅުތައް ހުއްޓުނުކަން ފާހަގަވުމާއެކު ކޮންމެވެސް ބިރުވެރިކަމެއް ދިމާވިކަމަށް ހީކޮށް އޭނަ ހާސްވިއެވެ. ދެން ފެނުނީ ޔައުގޫބު ގުދުވިތަނެވެ. އާލްފްގެ ކަންފަތުގައި ޖެހުނީ މީހަކު ބިންގަނޑުގައި ނިޔަފަތިތަކުން ކޮންނައިރު ކިޔާފަދަ އަޑެކެވެ. ކުއްލިއަކަށް ޔައުގޫބު އޭނަގެ އަތުން ދޫކޮށްލައިފިއެވެ. އަނދިރިކަން ގަދަވުމުގެ ސަބަބުން އޭނަ ހުރީ ދާންވީ ދިމާލެއް ނޭގިފައެވެ. ހުއްޓުން އަރާފައި ހުއްޓާ ޔައުގޫބު ގުދުވެފައި ބޮޑު ހިލައެއް އުފުލާލައިފިއެވެ. އެ ހުޅުވުނު ބާގަނޑުން ފިނި ވައިރޯޅިއެއް ވަދެ ހަށިގަނޑުގައި ބީހިލިއެވެ.
"މިތަނުގައި މަޑުކުރައްވާ. އަޅުގަނޑު އަންނަންދެން އެހެން ތާކަށް ވަޑައިނުގަންނަވާ..." ޔައުގޫބު ބުނެލިއެވެ.
ޔައުގޫބު ފިޔަވަޅުގެ އަޑު ނީއްވާ ދުރަށް ދިޔައެވެ. އޭނަ ނެތުމުން އާލްފްއަށް އެކަނިވެރިކަމާއި ނުތަނަވަސްކަން އިހުސާސްކުރެވުނެވެ. މިނިޓްތަކެއްވެސް ގަޑިތަކެއްކަމުގައި ހީވިއެވެ. އިރުގަނޑެއްފަހުން ކުރިއަށް ދާން ހިތަށް އަރާފައިވެސް އެ ޚިޔާލު ހިތުން ނެރުނެވެ. އެހެން މީހުންނެކޭ އެއްފަދައިން ކަންތައް ދެނެގަތުމާއި ސިއްރުތައް ހޯދުމުގެ ޝައުގު އޭނައަށް ވަސްވާސްދިނެވެ. އޭނަ އަނދިރީގެ ތެރޭ އަތް ހިންގައިލުމުން އެއްވެސް ތާކު ލައްވައެއް ނުލިއެވެ. މިހުރެވުނީ ހާމަ ތަނެއްގައި ކަމަށްވެސް ވެދާނެއެވެ. ހަދާނެ ގޮތް ހުސްވެ ވިސްނުމެއްގައި ހުއްޓާ މާ ދުރުން ފަނޑު ފަނޑު އަލިކަމެއް ދައްކާލައިފިއެވެ. އަލިކަން ގާތްވިއިރު މީހެއްގެ ސޫރަވިއެވެ. އެމީހަކު ހުރީ އޭނައެކޭ އެއްފަދައިން މުޅިން ކަޅުކުލައިގެ އެއްޗެހީގައެވެ. ޔައުގޫބުކަމަށް ހީކުރެވި ގޮވައިލީމަވެސް އެމީހަކު ޖަވާބެއް ނުދިނެވެ. ދެން ލޮލުގައި އަޅައިގަތީ އެމީހެއްގެ ފަހަތުގައި ހަމަ އެފަދައިން ލިބާސް ލައިގެން ހުރި މީހެކެވެ. އެމީހަކު މޫނުމަތީގައި އަޅާފައިވާ ބައި ނެގުމުން އެއީ ޔައުގޫބުކަން އެނގުނެވެ.
ޔައުގޫބު އާލްފް އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.
އެހިސާބުގައި ވަޅުގަނޑުތައް ހެދިފައިވިއެވެ. ރޭގަނޑު ކީއްކުރަން ހެއްޔެވެ؟ ރޯމާ ދުވާލުގައިވެސް މި ވަޅުގަނޑުތަކަށް މީހުން ކައްސައިލަފާނެއެވެ. ޔައުގޫބު ބައްތިއެއް ހޯދަން ދިޔަ ސަބަބު ވިސްނައި ގަނެވުނެވެ.
އާލްފްގެ ހިތް ބުނަނީ ކޮންމެވެސް ނުބަޔެއް ވާން އުޅޭކަމުގައެވެ. އެކަމަކު މިވަގުތު އޭނައަށް ޖެހުނީ ޔައުގޫބަށް އިތުބާރުކޮށް އޭނަގެ އަތް މައްޗަށް ހުރިހާ ކަމެއް ދޫކޮށްލުމަށެވެ.
އެތައް ހިސާބަކަށް ނިކަން ބަލައިގެން ފަރުވާތެރިކަމާއެކު ހިގަން ޖެހުނެވެ. ދެން އަނެއްކާވެސް ބައްތި ނިވައިލުމުން ފުން އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ.
"ނޫން....." އާލްފްއަށް ވިސްނުމަކާއި ނުލައި ހަޅޭއްލަވައިގަނެވުނެވެ.
ޔައުގޫބު އާލްފްގެ އަތުގައި ހިފަހައްޓާފައި ފިތައިލީ ހިމޭންވާން އެދޭފަދަ ގޮތަކަށެވެ.
"އަޅުގަނޑުމެންނަށް މަންޒިލަށް އާދެވިއްޖެ....." އޭނަ ބުނެލިއެވެ.
***
މޫނު ފޮރުވައިގެން ގިނައިރު ވުމުން އުދާސްވެ ހާސްވާން ފެށުމުން އޭނަ މޫނު ނެގިއެވެ. އަދި ފުން ނޭވާތަކެއް ލުމަށްފަހު އަނެއްކާވެސް އެ ތިރިކޮށްލައިފިއެވެ.
"ސާހިބާ. ދޮރު ހުޅުވުމުން އަޅުގަނޑު ދެންނެވި ގޮތަށް އަމަލުކުރައްވާ. ފެންނަ މަންޒަރުތަކާއިމެދު އެއްވެސް ގޮތަކުން ބިރުފުޅު ގަންނާނެ ކަމެއްނެތް."
ޔައުގޫބު ތަފާތު ގޮތަކަށް ހަތް ފަހަރު ޓަކި ދިނެވެ. އިރުކޮޅަކު މަޑުކޮށްލާފައި އަލުން ތިންފަހަރު ޓަކިދީފިއެވެ. ދޮރު ހުޅުވައިލިއިރު އެތެރެއިން އަލިކަން ފެނެއެވެ. ދޮރުގެ ދެފަރާތުގައި އެމީހުން ފަދައިން ހެދުން އަޅައިގެން ތިބި ދެމީހުން އުރައިން ދަމާފައިވާ ކަނޑިތައް ހިފައިގެންނެވެ. އެ މަންޒަރު ފެނި އާލްފްއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވިއްޖެއެވެ.
"ޝަލޯމް އަލައިކުމް..." ޔައުގޫބު ކިޔާލައިފިއެވެ.
އާލްފްވެސް އެހެން ކިޔާލާފައި އެތެރެއަށް ވަނުމުން ދޮރުފާރަވެރިން ބުދުތައް ފަދައިން ގުޑާނުލާ ތިއްބެވެ. ޔައުގޫބު އެކޭ އެއްފަދައިން އޭނަވެސް ވަކިގޮތަކަށް ހިނގަން ހަދައިގެން އަރި އަޅައިނުލީވެސް ކިރިޔާއެވެ. ވަކި ހިސާބަކުން އަނެއްކާވެސް ލައްޕާފައިވާ ދޮރަކާއި އަރާ ހަމަވިއެވެ. މިފަހަރު ފަސްފަހަރު ޓަކި ދިނެވެ. ދޮރު ހުޅުވާލުމާއެކު ބައްތިތައް ނިވާލައިފިއެވެ. އާލްފްގެ ހިތަށް ބިރުވެރިކަން ވަނުމާއެކު ޔައުގޫބު ގެ ނަސޭހަތް ހަދާންކޮށް ހިތް ހަމަޖައްސާލައިފިއެވެ. އަދި ހިތް ހިލައަށް ހެދިއެވެ. އެހެން ބަހުރުވައަކުން އެއްޗެކޭ ބުނެވުމާއެކު ޔައުގޫބު "އޮހިލް މަވީދު އޭ ބުނެލުމުން އާލްފްވެސް އެގޮތަށް ކިޔާލައިފިއެވެ.
މިފަހަރު އެރުނީ ފަތްތަރުތަކެއްގެ މަތިންނެވެ. އެހެން ދޮރެއް ހުޅުވުނެވެ. ހޫނު ވައިރޯޅިތަކުގެ ބީހުމާއެކު ހީފިލާ އަރާމުވިއެވެ. ބިންގަރާސް ތެރޭ ބަރުދާސްތުކުރި ގަދަ ފިނިކަން ވަގުތުން ހަދާން ނެތުނެވެ. ދެން ވަދެވުނީ ހޯލްއެއްފަދަ ތަނަވަސް ތަނަކަށެވެ.ކޮޓަރީގެ މެދުގައިވާ މޭޒުމަތީގައި ތެޔޮ ބައްތިއެއް ދިއްލާ އަޅާފައިވައިރު އޭގެ އުޖާލާކަން ތަނަށް ފެތުރިފައެވެ. އޭގެ ކައިރީގައި އޮތީ ލިޔެފައިވާ ފިލާއެކެވެ. ކޮޓަރީގައި ވަށްބުރަކަށް ވާނެހެން މޫނު ފޮރުވައިގެން ތިބި މީހުންތައް އިށީދެލައިގެން އެންމެން އެއްގޮތަކަށް ކަޅު އެއްޗެހީގައި ނިވާވެގެންނެވެ. ކޮންމެ މީހެއްގެ ކުރިމަތީގައި އޮތް ކަނޑިއަކާއި ޚަނަޖަރުގެ މިޔަތައް އަލި އެޅި ވިދައެވެ. އެ މަންޒަރުތައް ފެނުމުން އާލްފްގެ ނާރުތަކުގައި ހިނގާ ލޭވެސް ފިނިވިފަދައެވެ. އޭނައަށް މި އާދެވުނީ ބިރުވެރި ހާލަތަކަށެވެ. މިފަދަ އެއްވެސް މަންޒަރެއް ފެނިދާނެކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ޔައުގޫބު ގެ ފަހަތުން އޭނަވެސް އެގޮތަށް ހިނގާފައި މޭޒުގެ ވަށައިގެން ދެ ބުރު ޖެހިއެވެ. އަދި އެ ބޯ ލެދާ ލައްވާފައިވާ ފިލައިގާ ބޮސްދިނުމަށްފަހު ހުސް ދެ ޖާގައިގާ އިށީދެ ހަމަޖެހިލައިފިއެވެ.
އާލްފްގެ ނަޒަރުގައި ވަނީ ހަމައެކަނި ކަޅު ލިބާސްތަކުގެ އަހުލުވެރިންނެވެ. އެއްވެސް ތަފާތެއް ނެތެވެ. މިތަނަށް އާދެވުނީތީ އޭނަ ހިތާމަކުރިއެވެ. ނުރައްކާތެރިކަމާ ބިރުވެރިކަން ހިތުގައި އާލާވިއެވެ. އެކަމަކު ޔައުގޫބަށް އޭނަ ހާދަ އިތުބާރުކުރެއެވެ. އޭނައަށް ދެރަވާނެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އޮވެއެވެ. ޔައުގޫބުގެ ބަސްތަށް ހަދާންވުމުން ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ބުނެފައިވީ ބިރުނުގަތުމަށެވެ. އެންމެން ހިމޭނުން އަނގައިން ބުނުމެއްނެތި ތިބި ވަގުތުކޮޅެއް ދިޔައެވެ. އެތަނުން އެކަކު ތެދުވެގެންގޮސް މޭޒުކައިރީގައި ހުއްޓި އެ ފިލާ ނަގައިފިއެވެ. އަދި އެ ހުޅުވާލަމުން ބައްތީގެ އައްޔަށް ދިއްކޮށްލިއެވެ. އެހެން ބަހުރުވައަކުން ލިޔެފައިވާ ލިޔުން އާލްފްއަށްވެސް ފެނުނެވެ. އޭނަ ކިޔަވަން ފެށުމުން އެންމެން ކޮޅަށް ތެދުވުނެވެ. އާލްފްވެސް މެއެވެ. އޭނަ ކިޔަވާ ނިމެންދެން އެންމެން އެގޮތުގައި ތިއްބެވެ. އެމީހާ ފިލާގައި ބޮސްދީފައި އޭނަގެ ޖާގައިގާ އިށީނުމުން އެހެން އެންމެންވެސް އިށީނެވެ.
އެމީހާގެ ބަހުރުވައިން އިރުގަނޑެއްވާންދެން ވާހަކަދެއްކުމުން ބައެއް މީހުން ޖަވާބު ދިނެވެ.
ޔައުގޫބު ވާހަކަދައްކަން ފެށީ ގޫތު ބަހުންނެވެ.
"އަޅުގަނޑުމެންގެ ލީޑަރު މިތަނަށް ވަޑައިގެން މި މަޖުލިސް ފައްޓަވާ އަދި މުހިއްމު ކަމެއް އޮތިއްޔާ މަޝްވަރާ ކޮށްލަން ހުއްދަ ދެއްވައިފި................."
ފުރަތަމަ މީހާ ކުޑަ ކަނޑިއެއް ހިފައިގެން ތެދުވެ ވަކިކަހަލަ ހަރަކާތަކާއެކު އެހެން އެންމެން ތެދުވެ އޭގެ ތެރެއިން ތިން މީހުންގޮސް އޭނަގެ ކުރިމަތީގައި ހުއްޓުނެވެ. ޔައުގޫބުއާއި އާލްފްވެސް އެމީހުންނާ ގުޅުނެވެ. ލީޑަރު ތެދުވެގެންގޮސް އޭނަގެ ފަހަތުގައި ހުރި ދޮރެއް ހުޅުވާލާފައި އެތެރެއަށް ވަނުމުން އެވަގުތު ތެދުވެގެން ތިބި މީހުން ފަހަތުން ދިޔައެވެ. އަނިދރި ކޮރިޑޯއަކުން ހިނގާފައިގޮސް ވަދެވުނީވެސް އެހާ އަނދިރި ކޮޓަރިއަކަށެވެ. ދޮރުމަތީގައި ހުއްޓިލާފައި އޭނަގެ އިރުޝާދަށް ލޮއާއި އެހެން މައުދަންތައް އެއްކޮށްގެން ހަދާފައިވާ އުއްބައްތި ޖަހާ އެއްޗެއްގައި އުއްބައްތިއެއް ރޯކޮށްލިއެވެ. ލީޑަރު އެ ހިފައިގެން އެތެރެއަށް ވަނެވެ. އަދި ކޮޓަރީގެ އެންމެ ކަނުގައި ހުރި މަތާރަންފިލާއެއްގެ މަތީގައި އުއްބައްތި ބެހެއްޓުމުން ކޮޓަރިއަށް ފަނޑު އަލިކަމެއް ފޯރުކޮށްދިނެވެ.
***
އާލްފް ވަށައިގެން ނަޒަރު ހިންގައިލިއިރު ހުރެވުނު ކަމަށްވަނީ ކަޅުކުލައިގެ ފާރާއި ފަންގިފިލާއިން ވާ ކުޑަ ކޮޓަރިއެއްގައެވެ. ބިންމަތީގައި ބަހައްޓާފައި ހުރި ދިގު ފޮށީގެ މަތީގައި ފިލައެއް ހުއްޓެވެ. އާލްފްއަށް އެ މަންޒަރު ފެނި ހިތުގައި ބިރުވެރިކަން އިތުރުވިއެވެ. މިރޭ ފެނުނު ހުރިހާކަމެއްގެ ސަބަބުން އޭނަގެ މޭގަނޑު ނެގިނެގިފައި ޖެހެއެވެ. ނިވާވެގެން ތިބި އެތައް ބަޔެއްގެ ސަބަބުން އޭނަގެ ތަބީއަތު ގޯސްވާންފެށިއެވެ. އެމީހުންގެ މޫނު ފެންނަނީއެއް ނޫނެވެ. ކޮން ބަޔެއްކަން ރޭކާލަނީ އެއްނޫނެވެ. އެންމެން އިށީދެ ހަމަޖެހިލުމުން ޔައުގޫބު ގޫތު ބަހުން ވާހަކަދެއްކިއެވެ.
"މިހާރު އަޅުގަނޑުމެންނަށްޓަކާ ހުރިހާ ކަމެއް ތައްޔާރަށް ހުރިހެން ލީޑަރަށް ހީފުޅުވޭތޯ؟ "
"ތި ޖަވާބު އެނގޭނީވެސް ޔައުގޫބަށް ނޫންތަ؟ ޔައުގޫބު ވިއްޔަ އަލިފާން ރޯކުރީ....." ލީޑަރު ޖަވާބުދިނެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ތައްޔާރަށް ހުރިކަމުގައި. އެކަމަކު އެއަށް ވަރަށް ގިނައިން މަސް ޖަހަން ޖެހޭ. މަސް ޖަހާފައި ނެތިއްޔާ ކެވޭނެގޮތެއް ނޯންނާނެ. ....."
"ބައިވަރު މަސްތައް އެބަހުރި. މުޅި ދުނިޔެއަށް ކާންދެވޭވަރަށް މި ފޮށީގައި އެބަހުރި. އަދި އެވެސް ބަދިގޭގައި ހުރި އެއްޗެހި ނުލާ. އެ ބޭނުންޖެހޭ އިރަށް ގެނެވޭގޮތަށް ހުރީ....."
މިގޮތަށް އިޝާރާތުގެ ބަހުން ވާހަކަދެއްކުމުން އެއްވެސް އެއްޗެއް އޮޅުން ނުފިލައިގެން އެންމެ ފަހުން އާލްފްއަށް ކެތްކުރެވޭ ގޮތެއްނުވިއެވެ.
"އަޅުގަނޑުމެން ނޫން ބަޔަކު މިތާގައި ނެތް. އަދި މަދުބަޔަކު މިވަގުތު މިތިބީ. އެނގޭގޮތަށް ވާހަކަދެއްކިއްޔާ ޝުކުރުވެރިވާނަން...." އާލްފް އެދުނެވެ. ލީޑަރު ފުންނޭވައެއް ދޫކޮށްފައި ހިމޭންކަން ޚިޔާޜުކުރިއިރު ޔައުގޫބު ކަކޫމައްޗަށް ތިރިވެއްޖެއެވެ. އަދި އާލްފްއާއި ދިމާލަށް އެނބުރުނެވެ.
"ތެދަށް ބުނަންޏާ ސާހިބާގެ މަސައްކަތަށް ބޭނުންވާ ސާމާނުތައް މިފަދަ ކިތަންމެ ފޮށްޓެއްގައި އެބަވޭ. އެތައް އަހަރުތަކެއްވާންދެން އެއްކުރި އެއްޗެހި މަޖުބޫރު ހާލަތެއްގައި ނޫނީ ބޭނުމެއްނުކުރޭ." ޔައުގޫބު ލީޑަރަށް އިޝާރާތްކޮށްލުމުން އޭނަ ކުރިއަށް ޖެހިލާފައި ތަޅުދަނޑިއަކުން އެ ފޮށި ހުޅުވާލައިފިއެވެ. މަތިގަނޑު ނެއްޓުމާއެކު ތޫނު ރީދޫކުލައިއިން ބަބުޅައިލިއެވެ. ރަނުގެ ފައިސާ ފޮތިތަކުން އެފޮށި ފުރިފައިވާތަން އާލްފް ދެކުނެވެ. ލީޑަރު ފޮށި ތަޅުލާފައި ތަޅުދަނޑި ޖީބަށް ލައިފިއެވެ. އާލްފްއަށް އެހާ ގިނަ ރަންތައް ފެނުމާއެކު ހައިރާންވެ އާޝޯޚުވެ އޭނައަށް މިހުރެވުނީ ނުފޫޒު ގަދަ ބަޔެއްގެ ކައިރީގައި ޔަގީންވިއެވެ. އެމީހުންނާއި ބެހޭގޮތުން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
"މި ޖަމާއަތުގެ ސިއްރުތައް ހިފަހައްޓަން ވަރަށް ދުރާލާ ފިޔަަވަޅު އަޅާފައިވާކަން ފާހަގަކުރެވިއްޖެ. އެހެންވުމާއެކު އަޅުގަނޑުމެން އެންމެން މިތަނަށް ޖަމާވީ ކޮންމެވެސް މުހިއްމު މަގުސަދެއް އޮތީމަ. ތިއީ ކޮން ބަޔެއްތޯ؟ "އާލްފް އަދަބުވެރިގޮތަކަށް އަހައިލިއެވެ.
"ފެނިވަޑައިގެންނަވާ އެއްޗަކަށްވުރެ އިތުރަށް ނައައްސަވާ. ތިޔަ ބޭފުޅާއަށް އެނގިވަޑައިގަންނަވާނެ އެކޮޓަރީގައި ތިބި އެހެން މީހުންނަށްވެސް ނޭގޭވަރަށް ތިޔަބޭފުޅާއަށް އެނގިވަޑައިގެންފި.އަޅުގަނޑުމެންގެ މި ޖަމާއަތުގައި އެމީހުން ތިބޭތާ އެތައް އަހަރެއް ފާއިތުވެގެން ހިގައްޖެ. އެތައް ފައިސާއެއް ހޭދަކޮށް ހިތާ ފުރާނައިން ގުރުބާންވެ......."
"ހިތްޕުޅު ހަމަޖައްސަވާލައިގެން ހުންނަވާ. ސާހިބާ.." ޔައުގޫބު ދެންނެވިއެވެ. " މި ފެނިވަޑައިގަތް މަންޒަރުތައް އަދި އަނިޔާލިބިފައިވާ އެތައް ހާސްމީހުން ސްޕޭނުގައި ތިބިކަން އަދި މިފަދަ އެތައް ފޮށިތަކެއްގެ އަހުލުވެރިން އެތިބީ ސާހިބާގެ ޚިދުމަތުގައި އެމީހުންގެ ހުރިހާ ފައިސާއެއް ހޭދަކުރަން ތައްޔާރަށްކަން...."
"އަނިޔާލިބިފައިވާ" އެ ލަފުޒު އިވުމާއެކު އާލްފްއަށް ވިސްނިއްޖެއެވެ.
އޭނައަަށް މިހުރެވުނީ ސަރުކާރާއި ދެކޮޅު ސިއްރު ޖަމާއަތެއްގެ މެމްބަރުންނާއެކުގައެވެ. އަދި އެމީހުންގެ ހަރަކާތްތަކާއި އަމަލުތައް އަދި ވާހަކަތަކުން އެއީ ޔަހޫދީންކަންވެސް ވިސްނިއްޖެއެވެ. އޭނައަށްވެސް މިހާރު ސްޕޭނުގައި އޮތް ރަސްކަމުގައި ޔަހޫދީން މުޅިންހެން ނައްތާލެވިފައިވާކަން އެނގުނެވެ. ރަށުން ބޭރުކޮށްލެވި ގަތުލުކޮށް އަދި ގަދަކަމުން އީސާއީ ދީނަށް ވެއްދީއވެ.
"މިހާރު އަޅުގަނޑަށް ތި ސިއްރު އެނގިއްޖެ. މިހާރު ދެން އެމީހުންނަށް ހަގީގަތް ކިޔައިދޭންވީނު. އަހަރެންގެ އަޒުމާއި ބޭނުންވާ ކަންތައްތައް ދެނެހުރި މީހަކީ ތިއީ. އަދި އަހަރެންގެ ބައްޕާފުޅުގެ ވެސް......"
ޔައުގޫބު ލީޑަރާއި ދިމާލަށް ކުރިމަތިލިއެވެ.
"އަޅުގަނޑު އަދި އެހެން ސިއްރެއް ހާމަކުރާނަން. ސާހިބާ. މިރޭ އަޅުގަނޑާއެކު މިތަނަށް ގެނައި ފަރާތަކީ މި ސަރަހައްދުގައި އަޅުގަނޑުމެންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭނެ ހިތްވަރުގަދަ ޒުވާނެއް.އަޅުގަނޑު މިއީ ކާކުކަން ހާމަކުރުމުން އަޅުގަނޑުމެންގެ ހަގީގަތް އޭނައަށް އެނގުން އިންސާފުވެރިކޮށް ދެވޭނެ. މިއީ މަރުހޫމް ރަސްގެފާނު ވިޓިޒާގެ ފިރިހެން ދަރިކަލުން އަލްފަންސޫ......"
ޔައުގޫބު ވާހަކަދައްކާ ނިމުމުން ލީޑަރު ސުވާލުކުރިއެވެ.
"އެބޭފުޅާގެ ސިޔާސަތު ވެސް ހުންނާނީ ބައްޕާފުޅު ފަދައިންތަ؟ "
"ޔަގީން....މިއީ މި އަނިޔާލިބިގެންވާ ވަޒަނުން އަޅުގަނޑުމެން ރައްކާތެރިކޮށްދޭނެ އިންސާނާ. އެބޭފުޅާގެ ބޭނުންފުޅަކީވެސް ގަދަބަދަވިކަމުން ބައްޕާފުޅު އަވަހާރަކޮށްލާ ރަސްކަން ފޭރިގެން ތިމާއަކީ ރަސްގެފާނުކަމުގައި އަމިއްލައަށް ނަންދީގެން ހުރި އަނިޔާވެރި ވެރިޔާގެ ފަރާތުން ގައުމު ސަލާމަތްކުރެއްވުން. އަޅުގަނޑުމެންނަށް ބޭނުންވަނީ ފައިސާ.އަޅުގަނޑުމެންގެ އަތުގައި އެބަހުރި. މިހާރު އޮތް ހާލަތު ކިޔާދިނުމަށްފަހު އާލްފްއަށް އޮޅުން ފިލުވާދޭން ބޭނުން.."
"މާތް ސާހިބާ. މިހާރު އެނގިވަޑައިގަންނަވާނެ ތިޔަ ހުންނެވީ ޔަހޫދީ ޖަމިއްޔާއެއްގެ ތެރޭގައިކަން. މިތާ މިތިބަ އެންމެންނަކީ ޔަހޫދީން އަދި އެމީހުންގެ ކާބަފައިންގެ ދީނުގައި ހިފަހައްޓައިގެން އެތިބ. ސްޕޭނުގެ އެތަން މިތާ މި ޖަމާއަތަށް ނިސްބަތްވާ އެތައް ޔަހޫދީންނެއް ދިރިއުޅެމުން ދޭ. އެމީހުން އީސާއީންކަމަށް ހެދިގެން ފައްޅިއަށްގޮސް އަޅުކަންކޮށް އީސާއީންގެ ހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވޭ އެކަމަކު އެއީ މުޅިންވެސް ދެއްކުންތެރިކަން. އެއީ ޔަހޫދީން އަދި އެމީހުން ސިއްރިއްޔާތުގައި އެމީހުންގެ އަޅުކަން ފުރިހަމަ ކުރޭ، މިއަދު ހެދުނުވެސް އެތައް ސަތޭކަބަޔަކު ފައްޅީގައި އަޅުކަމުގައި ބައިވެރިވި އަދި އެ ބުދުތައް ކުރިމަތީގައި ކިޔަވާ ދުޢާކުރި އަދި އެމީހުން ލުދްރީކްއަށް ކާމިޔާބަށް އެދި އުދާކުރި އަޑުވެސް މަނިކުފާނު އައްސަވާފައި ވެދާނެ. އެކަމަކު އެމީހުންގެ ހިތްތަކުގެ އެދުމަކީ އޭނަ މަރުވުން. މި މީހުން އަނިޔާއަށް ކެތްތެރިވެ ރުޅިވެރިކަން ދިރުވާލައިގެން ތިބޭތަ އަހަރުތަކެއް ވެއްޖެ. އެމީހުން މި ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭ ފައިސާ ހޯދާ ރައްކާކުރަމުން ދިޔައީ މި ބޮޑުު ބަރުދަން ކޮނޑުމަތިން ނެގޭތޯ. އެމީހުންނަށް މަނިކުފާނުގެ ބައްޕާފުޅުގެ ރަސްކަމުގެ ޒަމާނުގައި ކާމިޔާބާއި ހަމަޔަށް ފޯރި އެކަމަކުވެސް ނުބައި ނިޔަތުގައި އުޅުނު މަކަރުވެރިންތަކެއް އެ ޒާލިމު ރަސްކަމަށް ގެނައީ. އޭނައަށް އެ މަގާމަށް އެއްވެސް ހައްގެއްނެތް. ވަލީ އަހުދަކީ ތިއީ. އަޅުގަނޑުމެންގެ އުއްމީދަކީ މަނިކުފާނު އަޅުގަނޑުމެންގެ ވަޒަން ސަލާމަތުގެ އައްސޭރިފަށަކާއި ހަމަޔަށް ގެންގޮސްދެއްވުން....."
އަލްފްއަށް ޔައުގޫބުގެ ވާހަކަތައް އިވި ހުރިހާ ކަމެއް އޮޅުން ފިލައިފިއެވެ. ހުރިހާ ސިއްރުތައް ހާމަވެއްޖެއެވެ. އޮޕާސް އެމީހުންގެ ވާހަކަދެއްކީއްސުރެ އެނގެން ބޭނުންވި ކަންތައް ދެނެގަނެވިއްޖެއެވެ. އަޑުއިވުނު ވާހަކަތަކާއި ލޮލަށް ފެނުނު މަންޒަރުތަކުން ހިތަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އިތުރު ކަންތައްތަކަށް އެނގެން ބޭނުންވިޔަސް އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. ސާފުނުވާ ކަންތައްތައް އަދިވެސް އެބަވެއެވެ. އަދިވެސް އޭނައަށް ނޭގުނީ މިއީ ކޮން ބަޔެއްކަމެވެ. ހިތުގައިވި ސުވާލު ޔައުގޫބު ދެނެގެންފި ކަހަަލައެވެ.
"ސާހިބާ. މިހާރު މިވަރުން ފުދިވަޑައިގަންނަވާނެ....."
"ތިބުނީ ތެދެއް. އެކަމަކު އަހަރެން އެނގެން ބޭނުމީ އެބަޔެއްގެ ހާޟިރުގައި އަހަރެންވި މި މާތް މީހުންނަކީ ކޮބާކަން..އަނެއްކާ އެމީހުންނަށް އަހަރެން މިއީ ކާކުކަން އެނގިއްޖެވިއްޔަ....."
"އެމީހުންނަށް އެކަކު އަނެކަކަށް އެނގުމެއްނުވޭ. އެހާ ފޮރުވިގެން އެތިބެނީ ވީހާވެސް ސިއްރުން އުޅެން ބޭނުންވީމަ.މި މުހިއްމު ސިއްރުތައް އެނގވަޑައިގަތީމަ މިތަނުން ނުކުމެވަޑައިގަންނަވާއިރު މިތަނަށް ވަޑައިނުގެންނެވުމެކޭ އެއްވަރު. މަނިކުފާނަށްވެސް އެއްވެސް މީހެއްގެ މޫނު ފެނިވަޑައެއްނުގެންނެވި އެހެންވީމަ މިވެނި މީހަކު އެކަމުގައި ބައިވެރިވާކަމުގެ ތުހުތުމަތު ނުކުރެއްވޭނެ، މީގެތެރޭގައި ހަގުރާމަވެރިންނާއި ފާދިރީން ވިޔަފާވެރިވެރިން އަދި ދަނޑުވެރިންވެސް އެމީހުންނަކީ އީސާއީންގެ ގޮތުގައި ދައްކުވައިގެން އުޅޭ. މަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭ ހަމައެކަނި މީހަކީ އަޅުގަނޑު......."
ޔައުގޫބުގެ ވާހަކައިން އާލްފްގެ ހިތް ތައުރީފުކުރިއެވެ. މިމީހުންގެ ސިކިއުރިޓީއާއި ރައްކާތެރިވެގެން އުޅޭ މިންވަރުގެ ވަރުގަދަކަމާއެވެ. ޔައުގޫބުއަކީ ޔަހޫދީއެއްކަމާއި އަޅުކަމުގައި ޝާމިލުވެ އެކަމަށް ބާރުނާޅަން އެދޭވަރު އޭނަ ދަނެއެވެ. އޮޕާސްވެސް އެހީތެރިވެދެއެވެ. އޭރު އާލްފްގެ ބޮލުތެރޭ އެނބުރެނީ އޭނަގެ ބައްޕާފުޅާއި ޔަގޫބުގެ އޮތް ގުޅުމެވެ. ކުއްލިއަކަށް އެހުރިހާ ޚިޔާލުތަކުން ދުރުވާންޖެހުނީ ބޯމަތިން އިވުނު އަޑަކުންނެވެ. ކަންބޮޑުވުމާއި ހާސްކަމާއެކު ފަންގިފިލާއާއި ދިމާލަށް ބަލައިލެވިއްޖެއެވެ.
"ސާހިބާ. ކަންބޮޑުވެ ވަޑައިގަންނަވާނެކަމެއް ނެތް...އެ އަޑުތައް އިވެނީ މިދިމާލުން މަތީގައި ޝަހަރުގެ މަގެއް އޮތީމަ. މީހުން ދުވާލާއި ރޭގަނޑު މިހެން ދަތުރުކުރަމުންދޭ. މިތާ ތިރީގައި މި ތަން ވާ ކަން އެނގޭނީ އަސްތީގީގެ އަހުލުވެރިންގެ ތެރެއިން ހަމައެކަނި މި ޖަމާއަތުގެ މީހުންނަށް އެކަނި." ޔައުގޫބު އަވަސްއަވަހަށް ދެންނެވިއެވެ.
އެރޭ އޭނަ ދެކެން ޖެހުނު ކަންތައްތަކުން މިމީހުންގެ ރޭވުންތެރިކަމާއި ރައްކާތެރިކަމާއި އަދި ސިއްރުވެރިކަން ދެނެ ހައިރާންވެ އަންތަރީސްވިއެވެ.
"ކޮންމެ ގްރޫޕެއްވެސް......އެހާ ހިކުމަތްތެރި އަޒުމްވަރުގަދަ އަދި ކެތްތެރިކަމުގައި ވަންޏާ އެބަޔެއްގެ އަމާޒަށް ވާސިލުވުމަށް ހައްގު.." އާލްފް އަމިއްލަ ނަފުސަށް އިވޭވަރަށް ބުނެލިއެވެ.
***
އާލްފް އަމިއްލަ ޚިޔާލަކަށް ގެއްލިފައި އިންދާ ދުރުން ޓަކިދިން އަޑު އިވުނެވެ. ބަލާ ބެލުމަށް އެ އަޑު އިވުނީ ކޮރިޑޯގެ އެންމެ އެކޮޅުގައިވާ ދޮރުންނެވެ. މިފަހަރު ޔަގީނުންވެސް ޓަކިދިން އަދަދާއި ގޮތްގަނޑުވެސް ތަފާތެވެ. މިފަހަރު ފެންނަން އުޅެނީ ކޮންފަދަ ހައިރާންކުރުވަނިވި ކަމެއްބާވައޭ ހީކޮށް އާލްފްގެ ހިތް އަވަސްވެލައިފިއެވެ.
ނުނިމޭ