އާލްފްއަށް މަޖުބޫރުކުރެވި ނުރައްކަލަށް ހުށަހެޅުނުކަމުގެ ބިރު ހީވެފައި ފްލޮރިންޑާ އަތުގައި އޮތް ފިނިމޫސުމްގެ ފިނިފެންމާތައް ފިޔަތައް ވަކިކޮށް އެއްލާލަމުން ފްލޮރިންޑާ ތެދުވުނެވެ. " އާލްފް.އަމިއްލަ ނަފުސް ނުރައްކަލުގެ ތެރެއަށް ވައްޓާނުލާ. އަޅުން ދިރިއުޅޭފަދަ ޖިފުޓިއެއްގައި އުޅެން ޖެހުނަސް އަހަރެން ބޭނުމީ ހިމާޔަތާއި ރައްކާތެރިކަން. އެވަރުން ފުދޭނެ. އެފަދަ ދިރިއުޅުމެއް ބޭނުމީ...."

އާލްފް އެއްޗެކޭ ބުނަން އުޅެފައިވެސް އިވުނު އަޑަކުން ސިހުނެވެ. ތާޅަފިލި ފުމެލުމާއެކު ބެރުތަކާއި އަސްތަކުގެ ލަގަނުގައި އަޅުވާފައި ހުންނަ އެއްޗެހީގެ އަޑު ކަންފަތުގައި ޖެހުމާއެކު ރަސްގެފާނު އަޅުކަން ނިމިގެން ގަނޑުވަރަށް އެނބުރި އަންނަނީކަން ދެނެގަތެވެ. އޭނަ ފްލޮރިންޑާއާއި ވާހަކައިގާ މަޝްޣޫލުވެފައި އިންދާ ރަސްގެފާނުގެ އަރިސްމީހުންނާއެކު އެނބުރި ގަނޑުވަރާއި ހަމައަށް އެ ފޯރީއެވެ. ތަންކޮޅެއް ކުރިން އެތަނަށް ގޮސް އަޅުކަމުގައި ބައިވެރި ނުވެވުނުކަމުގެ މޮޔަ ހީވިއެވެ. ފްލޮރިންޑާއަށްވެސް އެ ގާފިލާގެ އަޑު އިވުމާއެކު އާލްފްގެ ލޮލުގައިވި ކަންބޮޑުވުން ފެނުނެވެ.

"ވަދާއުގެ ސަލާމްގެ ވަގުތު ޖެހުނީ. މާތް ރަސްކަލާގެ ސަލާމަތުން ލަހައްޓަވާށި...." ފްލޮރިންޑާ ބުނެލިއެވެ.

"އަހަންނަށް ހެޔޮ ދުޢާކޮށްދީ. ތިއީ ހަމަ މަލާއިކަތެއްފަދަ ކުއްޖެއް އެހެންވީމަ ދުޢާ އިޖާބަވާނެ. އަދި އަހަންނަށް ޝަފާއަތް ދެއްވުމަށާއި ތިހިތުން ޖާގަ ލިބުމަށް ދުޢާކޮށްދީ.."އާލްފް ފްލޮރިންޑާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ.

ފްލރޮިންޑާގެ ޖަވާބަކަށްވީ އެސްފިޔަތައް ލަސްލަހުން ޖަހައިލުމެވެ.

އާލްފް އޭނައަށްޓަކާ ގެނައި އަހަށް ސަވާރުވެ ބާރަށް ދަތުރުކޮށް ލޯމަތިން ގެއްލެންދެން ކަޅިޖަހާ ނުލާ ބަލަން އޭނައަށް ހުރެވުނެވެ. ބޮޑުދައިތަ ހިތްވަރުދޭފަދަ ގޮތަކަށް ފްލޮރިންޑާގެ ބުރަކަށީގައި ފިރުމައިލިއެވެ.

 

 

***

ކްރިސްމަސް ދުވަހުގެ އަޅުކަމަށްޓަކާ ފައްޅީގައި މީރުވަސް ދުވާ މާމެލިތަކުން ޒީނަތްތެރިކުރިއެވެ. މުޖުމަރާތަކުގައި މާވަހަރުފަދަ ތަކެތިން ދުން އަޅާއިރު ކުލަކުލައިގެ ބޮޑެތި އުއްބައްތިތައް ދިއްލާ އަޅާފައެވެ. ފާރުގައި ހުރި ބޮޑެތި ތަސްވީރުތަކަށް ދިރުން ގެނެސްދެނީ ތެޔޮ ބައްތިތަކުންނެވެ. ރަސްގެފާނު ލުޒްރީކްގެ އެންމެ ގާތުގައި އިނީ ފާދިރީއެއްކަމަށްވާ މާޓިންއެވެ. އޭނައާއި މަޝްވަރާކުރުމެއްނެތި ލުޒްރީކް އެއްވެސް ނިންމުމެއް ނިންމާފައިނުވެއެވެ. ހުރިހާ ތަދުބީރަކާއި ލަފާ އަރުވާ މުޝީރަކީވެސް އޭނައެވެ. އުމުރުން ދުވަސްވެ އިސްތަށިގަނޑު އެއްކޮށް ނުރަވެ ކަށިތައް ފީވެ މޫނުމަތި ރޫތަކުން ފުރިފައިވާއިރު ދަތްޕިލާގައި އެންމެ ދަތެއްވެސް ނެތެވެ. ދަތްތައް ނެތުމުން އޭނަ ވާހަކަދައްކާއިރު ގިނަފަހަރު އެބުނާ އެއްޗެއް ފަހުމްވުންވެސް އުދަގުލެވެ. ގޫތުންނާއި ނުރުހޭތީ އޭނަ ލުޒްރީކް ރަސްކަމަށް ގެންނަން ތާއީދުކުރިއެވެ. ތަޚުތަށް ލުޒްރީކް އަރުވަން އެންމެ ބޮޑަށް މަސައްކަތްކުރި އެކަކީ މާޓިންއެވެ. ކުރީގެ ރަސްގެފާނު ވިޓިޒާ އާއި ދަރިންނަށް އޭނަގެ ހިތުގައިވަނީ ނަފްރަތެވެ. އެހެންވުމުގެ ސަބަބުން އޭނަ ލުޒުރީކްއަށް އިރުޝާދު ދިނީ އެއްގޮތަކަށްވެސް އާލްފް އޭނަގެ ގަނޑުވަރުން ބޭރުވިޔަ ނުދިނުމަށެވެ. ގަނޑުވަރުގައި ބަންދުގައި ބެހެއްޓުމަށެވެ. ނޫނީ ބަޣާވާތްކޮށް އަލުން ރަސްކަން އަތުލައިގަންނަން މަސައްކަތްކޮށްފާނެތީއެވެ.

ރަސްގެފާނު އަޅުކަމަށް ފައްޅިއަށް އައުމާއެކު މާޓިން އެންމެ ފުރަތަމަވެސް ރަސްގެފާނަށް އެންގީ އާލްފް އަޅުކަމުގައި ބައިވެރިވާން ނާންނަ ކަމަށެވެ. ތަހުގީގު ކުރުމަށެވެ. މާޓިންގެ އެ ޖުމްލައާއެކު ލުޒްރީކް ކަންބޮޑުވިއެވެ. އަޅުކަމަށް ސަމާލުކަން ދޭން ޖެހުމުން އާލްފްމަތިން ހަދާން ނައްތައިލިޔަސް ދޭތެރެއަކުން ސިއްރުން ބަލައިލެވުނެވެ.

އަޅުކަން ނިމުމާއެކު ގަނޑުވަރުގެ ފުޅާ މާބްލް ހަރުފަތްތައް ގިރާކޮށް އޭނަ އެތެރެއަށް ވަނެވެ. އޭނަ އިށީނީ އުފުލިފައިވާ ރިހިކުލައިގެ ތަޚުތުގައެވެ. އެ ތަޚުތުގެ ފައި ފަރުމާކޮށްފައިވަނީ ސިންގާއެއް ފަދައިންނެވެ. އޭނަ އިނީ ރަސްމީ ހެދުމުގައެވެ. ރަނުން ޖަރީކޮށްފައިވާ ފަށުވި ކްލޯކެއް ކޮނޑުމަތިން ވައްޓާލެވިފައިވާއިރު އިސްތަށިގަނޑުގައިވާ ތާޖުގައި އަގުހުރި ޖަވާހިރުތައް ވިދައެވެ. އަތުގައި އޮތީ ސަލީބު ޖަހާފައިވާ ޚާއްސަ އަސާއެއްފަދަ އެއްޗެކެވެ. ތަޚުތުގެ މަތީގައި ދީނީ ތަސްވީރުތައް ހަރުކޮށްފައެވެ. ދައުލަތުގެ ބޮޑުންނާއި އިއްޒަތްތެރިން އޭނައަށް ސަލާމްކުރަން ވަންނަން ފެށިއެވެ. އޭގެ ތެރޭގައި އާލްފްވެސް ހިމެނުނެވެ. އެންމެން ސަލާމް ކުރުމަށްފަހު އެތަން ދޫކޮށްދާން ފެށުމުން ލުޒްރީކް އާލްފްއަށް އަތުން އިޝާރަތް ކުރީ މަޑުކުރުމަށެވެ. ރަސްގެފާނާއި މާޓިން ނޫނީ އެންމެން އެތަން ދޫކޮށް ދިޔައެވެ.

"ހޫމް އަލްފަންސޫ. އަޅުކަމުގެ ކަންތަކުގައި ބައިވެރިވާން ނުދިޔައީ ކީއްވެތަ؟ "

އާލްފްއަށް ސިހުމެއް ލިބުނެވެ. އޭނަ ބައިވެރި ނުވުމުން ރަސްގެފާނު އެހާ ބޮޑަށް އެކަމާ ކަންބޮޑުވާނެކަމެއް އޭނަ ހިޔެއް ނުކުރެއެވެ. އޭނަ މޫނުމަތިން ހަމަޖެހޭކަން ދެއްކިއެވެ.

"އަމިއްލަ ޒާތީކަމެއް އޮތީމަ ނާދެވުނީ. އެހެންވެ ރަސްގެފާނާއި އެކު އަޅުކަމުގައި ބައިވެރިވުމުން މަހުރޫމްވީ....."

"ވަރަށް އެހެން ކަހަލަ. ތިޔަބުނާ އަމިއްލަ ކަމެއް ކްރިސްމަން ދުވަހު އޮވެފައި އަދި ހަމަ އަޅުކަމުގެ ގަޑި ވީމަ......."

ރަސްގެފާނު އޭނަގެ ބޮލާއި ދިމާލަށް ބަހައްޓާފައި ހުރި ތަސްވީރަށް ބަލަމުން ތުނބުޅިއާއި ކުޅެންފެށިއެވެ.

"ލައްބަ. އަޖައިބެއްފަދަ އިއްތިފާގެއް. އެކަމަކު އެގޮތަށް ދިމާވީ. އަޅުގަނޑަށް އިތުރުގޮތެއް ނެތީ. އެކަމާ މާފަށް އެދެން އަދި............."

އެހުރިހާ އިރެއްގައި ފާދިރީ މާޓިން ދީނީ ކިޔެވެލިއެއްގައި ތަސްވީރެއްގެ ކުރިމަތީގައި ހުރުމުން އެހެން މީހަކަށް އެ އަޑު އިވޭނެހެން ހިޔެއްނުވެއެވެ. އޭނަ ގެ ކިޔެވެލި ނިމުމުން ލައިގެން ހުރި ހެދުމާއި ތޮފި ރަގަޅުކޮށްކަމުން ލުޒްރީކާއި ޖެހިގެން ހުރި ސީޓުގައި އިށީނެއެވެ. އޭނަ އަށް އެހުރިހާ ވާހަކަތަކެއް އިވުނުކަން މޫނުމަތިން ހެކިދެއެވެ. މާޓިން މިކަމުގައި ޝާމިލްވާތީ އާލްފް ކަންބޮޑުވިއެވެ. ސަބަބަކީ އެދެމީހުންގެ ދޭތެރޭ އޮތް ރުޅިވެރިކަމާއި ނަފްރަތު އިހުސާސްވާތީއެވެ.

ރަސްގެފާނު ހުރީ އެހާ ފަސޭހައިން އާލްފްއަށް މާފުދޭގޮތަކަށް ނޫނެވެ. މާޓިންއާއި އަދި މަޝްވަރާކޮށްފައި އޭނަ ގޮތެއް ނިންމާނެއެވެ. އާލްފް ފޮނުވާލަން އުޅެނިކޮށް މާޓިން ކަރުކެހިލިއެވެ.

"ހީވާގޮތުން......ތިބުނާ ޒާތީ ކަންތައް އޮތީ ގަނޑުވަރުގައި ނޫނީ ގަނޑުވަރާއި ވަރަށް ކައިރީގައި....." މާޓިން ރުމާލުން އޭނަގެ އަނގަމަތި ފޮހެލައިފިއެވެ. އާލްފް ރުޅިއައިސްގެން ހުޅުހިފާވަރުވިޔަސް ކެތްކުރީ ހާލަތަށް ބަލާފައެވެ. އޭނަ ޖަވާބުދީފިއްޔާ އިތުރަށް އެގުން ނޫންކަމެއް ނުވާނެއެވެ.

މާޓިން ބުނި ބަހުގައި ފުން މާނައެއް ވިކަން ރަސްގެފާނު ދެނެގަތެވެ. ނަމަވެސް އެވާހަކަ ދައްކަން ބޭނުމީ ސިއްރިއްޔާތުގައެވެ. އާލްފްގެ ފަރާތުން އިތުރަށް އަހަން އޭނަ ބޭނުމެއްނުވިއެވެ

"ދެން ދޭ ކޮއްކޯ. އެކަމަކު މިކަން ތަކުރާރުވެގެން ނުވާނެ...." ރަސްގެފާނު އެންގިއެވެ.

ބޮޑު މައްސަލަގަނޑެއްގެ ތެރޭ ނުބަދެވި ރަސްކަމުގެ ދަރުބާރުން ނުކުމެވުނުއިރު އޭނަގެ ކޮނޑުން އެތައް ޓަނެއްގެ ބުރަދަން ލުއިވިހެން ހީވިއެވެ. އެތަނުން ނުކުމެވުމުން ހިތި ހަގީގަތާއި ކުރިމަތިލާން ޖެހުނެވެ. ކުރީގައި އޭނަ ފެނުމުން އޭނައާއި ސަލާމްކުރުމާއި އިހުތިރާމްކުރުމުގެ ހައްދެއް ނޯވެއެވެ.އޭނަ އެކުވެރިންވެސް ރަސްގެފާނުދެކެ ގަންނަ ބިރަކުން އޭނަ ރުޅި އަތުވެދާނެތީ ރުހުމުގެ ނަޒަރަކުން ބަލައިލުންވެސް ޖެހިލުންވެފައެވެ. ހަސަދަ ވެރިކަން އޭނަގެ މުޅި ހަށިގަނޑުގައި ފެތުރިގަތެވެ. ފްލޮރިންޑާގެ ލަފުޒުތައް ކަންފަތުގައި އިވޭފަދައެވެ. ރަސްކަން އަލުން އަތުލާނެކަމުގައި ވި ވައުދު އޭނަ ހަދާނުގައި އެބަހުއްޓެވެ. އެކަމުގެ ސަބަބުން ރަސްގެފާނާއިމެދު ހިތުގައި އޮތް ރުޅިވެރިކަަން އިތުރުވިއެވެ. އޭނަ އަހަށް އަރާ ދުއްވައިލިއިރު ހިތުގައި އެކި ކަހަލަ ޚިޔާލުތައް ދަތުރުކުރިއެވެ. އޭނަ އަމިއްލަ ނަފުސަށް ވައުދުވީ ވެވުނުގޮތަކުން ބައްޕަގެ ފުރާނައިގެ ބަދަލު ހިފުމަށާއި ފްލޮރިންޑާ އުފާކޮށްދިނުމަށެވެ.

***

ލަޒްރީކް އޭނަގެ ގަނޑުވަރުގެ ކޮޓަރިއަށް ވަނުމުން ޚާދިމުން އޭނަގެ ރަސްމީ ހެދުން ބާލުވާ އާއްމުކޮށް ލައި އުޅޭ ހެދުމެއް ލެއްވިއެވެ. އެމީހުންނާއި އަނގައިން ބުނުމެއްނެތި އޭނަ އިނީ ޚިޔާލެއްގައެވެ. ސިކުނޑީގައިވަނީ ފާދިރީ މާޓިންގެ ޖުމްލަތަކެވެ. އޭނަ އާއިއެކު މެންދުރު ކެއުމަށް ފާދިރީއަށް ދައުވަތު ދީގެން ގަނޑުވަރަށް ގެނައެވެ. ރާނީ އިނުމުން އޭނަ އާލްފްގެ ވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ. ކެއުން ނިންމާލުމަށްފަހު އޭނަ މާޓިން ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

" އަހަރެމެންނާއެކު އުޅޭ ކުއްޖާއާއި ބެހޭގޮތުން ބުނަން އުޅުނީ ކީކޭ؟ "

"އަލްފަންސޫގެ ވާހަކަ ވެއްޖެއްޔާ......" މާޓިން ހައިރާންކަން އެކުލެވޭ ރާގަކަށް ބުނެލިއެވެ. " އޭނައާމެދު ރަސްގެފާނު ކަންތައް ކުރެއްވީ ނިކަން ހެޔޮކޮށް. އޭނަ މިއަދު އަޅުކަމުގައި ބައިވެރިނުވާން އޮންނާނީ ކޮން އުޒުރެއްތަ؟ "

މާޓިންގެ ރާގުގައި ވި ގޮތަކުން ރަސްގެފާނު ކަންބޮޑުވިއެވެ. މާޓިން ކިޔާ އެއްޗެއް ރަސްގެފާނަށް ދެނެގަނެވެނީ އޭނަ އެ ވާހަކަތަކަށް އާދަވެފައިވާ ވަރުންނެވެ.

"އެކަމަކު އޭނަގެ އުޒުރާއި ބެހޭގޮތުން ފާދިރީ ވާހަކަ ދެއްކެވީމެއްނު. އަޅުގަނޑަށް އޭރު ބުނި އެއްޗެއް ދޭހައެއްނުވި..."

ނޭގޭކަމަށް ހެދިގެން ރަސްގެފާނު އޭނަ ލައްވާ އާލްފްއާއި ފްލޮރިންޑާގެ ވާހަކަދައްކުވަން އުޅެނީކަން މާޓިން ދެނެގަތެވެ.

"އަޅުގަނޑަކަށްވެސް ނޭގޭ. އަޅުގަނޑު ބުނިހާވެސް އެއްޗަކީ ގަނޑުވަރަށް އޭނަ އައީ ލަހުންނޭ...."

"ކޮން ގަނޑުވަރަކަށްތޯ؟ " ރަސްގެފާނު އެހިއެވެ.

"ކޮން ގަނޑުވަރަކަށް ތޯ؟ އިއްޒަތްތެރި ސާހިބާގެ ގަނޑުވަރަށް. އޭނައާއި ޝާހީ ގަނޑުވަރާއި އޮތް ގުޅުމެއް ރަސްގެފާނަށް އެނގި ވަޑައިނުގަންނަވަނީތޯ؟ "މާޓިން އެހިއެވެ.

"ނޫން...." ރަސްގެފާނު ނޭގޭކަމުގެ ކުޅިގަނޑު ކުރިއަށް ގެންދިޔައެވެ. "މި ގަނޑުވަރާއި އޭނަގެ އޮންނަން ޖެހޭ ގުޅުމެއް އެއްގޮތަކަށްވެސް ނޭގުނު. އޭނަގެ އާއިލާ ރަސްކަމުން ދުރުކުރެވި އަދި މިހާރުގެ ރަސްގެފާނަކީ އަޅުގަނޑު ކަމުގައިވާ ހިނދު ކޮން ގުޅުމެއް އޮންނަން ޖެހެނީ؟ "

"އޭނައާއި ތަޚުތުގެ އޮތް ގުޅުމެއްގެ ވާހަކައެއް ނޫން މިދައްކަނީ. އޭނައާއި ކައުންޓް ޖޫލިއަންގެ ދަރިފުޅު ފްލޮރިންޑާގެ ގުޅުމުގެ ވާހަކަ.. ދުވަސްކޮޅެއްކުރިން މާތް ސާހިބާ ވިދާޅުވެގެން މި ގަނޑުވަރާއި ގުޅިފައިވާ ކުޑަ ގަނޑުވަރަށް އޭނަ ބަދަލުކޮށްފައިވަނީ..."

ރަސްގެފާނަށް ފްލޮރިންޑާގެ ނަން އިވުމުން ހަސަދައާއި ލޯބީގެ ސަބަބުން ހިތް މަގާމުން ފުންމާލަފާނެހެން ހީވިއެވެ. މޭގަނޑު ގުޑައިލިއެވެ. އެކަމަކު އޭނަގެ ފަޚުރުވެރިކަމަށް އުނިކަމެއް އައިސްދާނެތީ ހަގީގީ އިހުސާސްތަކާއި ޝުއޫރުތައް ހާމަކުރާކަށް ބޭނުމެއްނުވިއެވެ. ފްލޮރިންޑާއަށް ޝަައުގެއް ނެތްކަން ހާމަަކޮށްދޭން އޭނަ މަސައްކަތްކުރިއެވެ.

"އެދެމީހުން ތިމާގެއީތަ؟ ނޫނީ ކޮން ގުޅުމެއް އޮތީ؟ " ރަސްގެފާނު އެހިއެވެ.

"އިއްޒަތްތެރި ސާހިބާއަށް އެނގިވަޑައިގަންނަވާނެ ފަދައިން ފްލޮރިންޑާގެ ބައްޕައަކީ ސަބްތާގެ ވެރިޔާ ކައުންޓް ޖޫލިއަން. އޭނައާއި ވިޓިޒާގެ އާއިލީ ގުޅުމެއް އޮވޭ ޖޫލިއަންގެ އަންހެނުންގެ ފަރާތުން. އެކަމަކު އަޅުގަނޑު ދަންނަވަން އުޅުނީ އާލްފްއާ ފްލޮރިންޑާގެ ގުޅުން ވަރަށް ޚާއްސައޭ......."

"އެއީ ކިހިނެއް؟ "

"އަޅުގަނޑު ހީކުރީ މާތް ސާހިބާ ދެނެވަޑައިގަންނަވާނެ ކަމަށް. މަނިކުފާނު ސްޕެއިންގެ ރަސްކަމަށް އެރުމުގެ ކުރިން އެދެކުދިން އެންގޭޖްވެފައިވަނީ..." މާޓިން ހިިނިގަނޑެއް ޖަހައިލިއެވެ.

އެ ޚަބަރު ބަލައިގަންނަން ލަޒްރީކްއަށް ދަތިވީ އޭނަގެ ހިތުގައި ފްލޮރިންޑާއަށްޓަކާ އޮތް ފުން ލޯތްބެއްގެ ސަބަބުންނެވެ. އޭނައަށް އެދެމީހުން އެންގޭޖް ވި ޚަބަރު ލިބިފައެއް ނެތެވެ. އެހެންނޫނަސް އޭނަ އެކަމާ ކަންބޮޑުވާންވީ ސަބަބެއްނެތެވެ. ފްލޮރިންޑާވަނީ އޭނަގެ ބާރުގެ ދަށުގައެވެ. އާލްފްއަށްވެސް އޭނަގެ ނުފޫޒު ފޯރާނެއެވެ. ނުފޫޒާއި ބާރު އަދި ފައިސާ ބޭނުންކޮށްގެން ފްލޮރިންޑާގެ ހިތް އަތުލަން މަސައްކަތް ކުރަން އޭނަ އަޒުމް ކަނޑައެޅިއެވެ. އެގޮތުން ކާމިޔާބު ނުވެއްޖެއްޔާ އޭނަ ފްލޮރިންޑާއަށް އާލްފް ދޫކޮށް އޭނައާއެކު ދިރިއުޅެން މަޖުބޫރުކުރާނެއެވެ. ހިތުގެ އިހުސާސްތައް ފާދިރީއަށްވެސް އޭނަ ފޮރުވިއެވެ. ފާދިރީ ބުނި ބަހުން ހިތް ހަމަޖެހުނުގޮތަކަށް ހީލުމަށްފަހު ފާދިރީ އެތަނުން ދިޔުމުގެ ވަގުތު ޖެހިއްޖެކަން އަންގަން އޭނަ ކޮޅަށް ތެދުވުނެވެ. އެކަން ދޭހަވެ އޭނަ އަވަހަށް ތެދުވެ ސަލާމްކުރުމަށްފަހު އެނބުރުނެވެ.

އޭނަގެ ގަނޑުވަރުން ފްލޮރިންޑާ ހުންނަ ގަނޑުވަރަށް ދެވޭނެ ކޮރިޑޯއެއް އޮވެއެވެ. އެތަނަށް ވަދެވޭނެ ހަމަ އެކަނި މަގަކީ އެއީއެވެ. އަންހެނުންނަށް ފަޅާ އަރައިގެން މައްސަލައަކަށް ވެދާނެތީ އޭނަގެ ކޮޓަރިއަށް ފްލޮރިންޑާއަށް ދައުވަތު ދޭކަށް ނުކެރުނެވެ.

 

 

***

ފްލޮރިންޑާ ބަގީޗާއިން އެނބުރި ގަނޑުވަރަށް އައުމަށްފަހުގައިވެސް އޭނަގެ ޚިޔާލާއި ހިތްވަނީ އާލްފްގެ ލޯބީގައި ގެނބިފައެވެ. އެނޫން ކަމަކާއިމެދު ވިސްނޭވަރެއް ނޫނެވެ. އާލްފްގެ ކޮންމެ ލަފުޒެއް ޖުމްލައެއް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ރަސްކަން އަތުލައިގަންނަން ބާރު އެޅުނީތީ އެކަމާއި އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. އޭނަ ދިރިއުޅޭ ބަޔަށްގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ. އެދިމާލުގައި ހެދިފައިވާ އާމަންޑް ގަހުގެ ސަބަބުން ކޯރު ފެނުމަށް ކޮންމެވެސް ވަރަކަށް ހުރަސް އަޅާފައިވެއެވެ. ގޮފިތަކުގެ ދޭތެރެއިން އެ ކޯރު ކިރިޔާ ފެންނަކަމެވެ. ފިނި މޫސުމް ކަމުން ގަސްތަކުގެ ހުރިހާ ފަތްތައް ވެރިފައިވިއެވެ. ކުޑަ ބޯޓު އެތަނުން ދަތުރު ކޮށް ލޯމަތިން ގެއްލުނެވެ. އޭގައި އެވަނީ އޭނަގެ ލޯބިވެރިޔާއެވެ.

އޭރު ބޮޑުދައިތަ ފްލޮރިންޑާގެ އެނދު ކައިރީގައި ހުރި އެމީހުން އަޅުކަން ކުރާ ތަސްވީރަކަށް ބަލަން ހުރެ ދުޢާކުރިއެވެ. އާލްފްއަށް ކާމިޔާބު ލިބުމަށާއި ފްލޮރިންޑާއަށް ބާއްޖަވެރި ކައިވެންޏަކަށް އެދުނެވެ. އޭގައި ބޮސްދިނުމަށްފަހު ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުތެވެ. އޭނަ ޚާދިމާއިންނަށް އެންގީ ފްލޮރިންޑާއަށް އުދަގުލެއް ނުކުރުމަށެވެ. އެއްވެސް މީހަކު މަތީބަޔަށް ދާން ހުއްދަ ނުދިނުމަށެވެ. ކަމަކަށް ބޭނުން ވެއްޖެއްޔާ އޭނަ ގާތު ފްލޮރިންޑާ ބުނެގެން އެކަމެއް ކުރުވާނެއެވެ.

އެތައް އިރެއްވާންދެން އާލްފްގެ ޚިޔާލުގައި އޮވެ ނިދީގެ އަރާމު ކަމުގެ ތެރެއަށް ގެނބުމުން ހުވަފެނުގައިވެސް އާލްފް އޭނަގެ ގާތަށް އައެވެ. މޫނު ގެ އުޖާލާކަމާއި ރީތިކަމުން ފްލޮރިންޑާ އުފާވިއެވެ. އޭނަގެ އަތުގައި ހިފައިލަން އުޅެނިކޮށް އެކަން ނުކުރެވި ހޭލެވުނީ ސިއްސައިގެން ކަހަލަ ގޮތަކަށެވެ. ފިޔަވަޅުތަކެއްގެ އަޑު އިވިގެން ބަލައިލިއިރު އަންނަނީ ބޮޑުދައިތައެވެ. އޭނަގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމެވެ.

"ކިހިނެއްވީ؟ "ފްލޮރިންޑާ ކަންބޮޑުވިއެވެ.

"ހުރިހާ ކަމެއް ރަގަޅު. ކަންބޮޑުނުވޭ...." ބޮޑުދައިތަ އެހެން ބުނެފައި ހިމޭންކަން ޚިޔާރުކުރިއެވެ.

"އާލްފްއަށް ކަމެއްވީތަ؟ "

"ނޫން. " ބޮޑުދައިތަ ބުނެލިއެވެ. "ރަސްގެފާނު ބައްދަލުކުރަން ބޭނުންވޭ.."

އެ ޖުމްލަ އިވުމާއެކު ހާސްކަމާއި ނުތަނަވަސްކަން ވަށައިލިއެވެ. އާލްފްއާއިމެދު އޮތް ބިރުވެރިކަންވެސް ހަދާން ނެތިއްޖެއެވެ. ރަސްގެފާނުގެ މި ދައުވަތަކީ ރަގަޅު ކަމެއް ނޫނެވެ.

"އޭނަ ކޮބާ؟ އޭނަގެ ބޭނުމަކީ ކޮބާ؟ "

"އަހަންނަށްވެސް ނޭގޭ. ކޮޓަރި ސާފުކުރަން އުޅެނިކޮށް ވަގެއްހެން ރަސްގެފާނު އައިސް ކޮޓަރިއަށް ވަދެގަތީ. އޭނަ އެހީ ފްލޮރިންޑާ ކޮބާހެއްޔޭ. އަހަރެން ކޮޓަރީގައޭ ބުނީމަ މި ގަނޑުވަރުގެ އުތުރުގައިވާ ކޮޓަރިއަށް ހަމަ މިހާރު އަންނާށޭ ކިޔާފައި އެދިޔައީ."

ފްލޮރިންޑާ އެނދުން ފުންމާލިއިރު ކުރިމަތިވެފައިވާ ނުރައްކާތެރިކަން ކިތަންމެ ރަގަޅަށްވެސް އިހުސާސްކުރެވި އޭނަ ބިރުން އުޅުނު ނުބައި ކަންތައްޖެހެނީ ކަން ޔަގީންވިއެވެ. އޭނަ މާތްރަސްކަލާނގެއަށް އިތުބާރުކޮށް ކެތްތެރިކަމާއި ޖެހިލުންކުޑަކަން ކުރިއަށް ނެރުނެވެ. ޝައިތާނީ ނުބައި ކަންތައްތަކުން ސަލާމަތްކޮށްދެއްވުމަށާއި ހިތްވަރު ދެއްވުމަށް އެދި ދުޢާކުރިއެވެ. އަދި ބޮޑުދައިތަ ގާތުވެސް ދުޢާކުރަން އެދުނެވެ. މިފަދަ ވަގުތެއްގައި ހަމައެކަނި އެހީވެވެވޭނެ ބާރަކީ އެންމެ ފަރާތެއްކަމުގައި އޭނަ ގަބޫލުކުރިއެވެ. މި އިމްތިހާނުން އޭނަ ފާސްވާނެކަމުގެ އުއްމީދުގައި ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. އުތުރާއި ދިމާލަށް ދިޔައިރު ހީކުރެވުނީ ދަން ޖައްސަން ގެންދެވެނީހެންނެވެ. ކަކޫ ރޫރޫ އަޅާ ފައި ޖެލީކޮޅަކަށް ވެއްޖެއެވެ. އެތައް މޭލެއްގެ ދުރުމިން ކަޑައްތުކޮށްފައި ދާން ޖެހޭ ހިސާބެއް ނަމައޭ ހިތަށް އެރިއެވެ. އެހާވަރުންވެސް ހިތަށް ހަމަޖެހުމެއް ލިބުނީ ހެއްދެވި ފަރާތަށް އޮތް އިތުބާރުގެ ސަބަބުންނެވެ.

އެކޮޓަރިއާއި އަރާ ހަމަވީއިރު ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ.

ރަސްގެފާނަށް އޭނަ ފެނުމުން ހީލައިފިއެވެ. އެ ހިނިތުންވުމުން ފްލޮރިންޑާ އޭނަގެ ކޮންމެ އަމުރަކަށް ކިޔަމަަންވާނެކަމުގައި ހީކުރެވުނެވެ.

***

އާލްފް އޭނަ ދިރިއުޅޭ ގެއާއި އަރާ ހަމަވުމުން ޚާދިމަކާއި އަސް ހަވާލުކުރުމަށްފަހު އެތެރެއަށް ވަންނަން އުޅެފައިވެސް ދެ ފިކުރުމަތީގައި ހުއްޓެވެ. ބައެއްފަހަރު ރުޅިވެރިކަމާއެކު އަތް މުށްކަވައިލެވޭއިރު ހިނި އަންނަން ވެސް އުޅުނެވެ.

"ފާދިރީ މާޓިންގެ އަނގައެކޭ ދެ ފަރުބަދަ ދޭތެރޭގައި އޮތް ވާދީއެކޭ ތަފާތެއްނެތް. އަނގަމަތީ ޖަހާ ދަތްތައް ލުއްސައިލަން ބޭނުންވިޔަސް އެންމެ ދަތެއްވެސް ހުރީއެއްނޫން. އެހެންނޫންނަމަ އެގޮތަށް އަނގަ ހުޅުވައިލާކަށް ނުކެރޭނެ.." ފާދިރީއަކަށް ވެފައި ކަމޭހިތަން ޖެހުނަސް އާލްފްގެ ހިތުގައި ގަދަރެއް އިހުތިރާމެއް ނެތެވެ. އެ ހުރިހާ އެއްޗެއް ވަނީ އޭނަގެ ބައްޕައާއެކު ވަޅުލެވިފައެވެ. މާޓިންގެ ދުވަސް ދުއްވައިލާނެގޮތްތައް އޭނަގެ ސިކުނޑީގައި އެކި ގޮތްގޮތަށް ރާވާލުމަށްފަހު ކަންނެތް ހިނގުމެއްގައި ގޮސް ކޮޓަރިއާއި އަރާހަމވިއެވެ. އޭނަގެ ވަފާތެރި ޚާދިމު ޔައުގޫބު އަމުރަކަށް ބަލަ ބަލާ އިންތިޒާރުގައި ހުއްޓެވެ. ބޭރަށް ނިކުމެފައިވާ ދެލޮލާއި ލެނބިފައިވާ ނޭފަތާއި ނުކޮށާ ތަރުތީބު ގެއްލިފައިވާ ތުނބުޅީގެ ސަބަބުން އޭނަ މަޖާ ސިފައެއްގައި ފެނުނަސް އެއީ ހިތް ހެޔޮ އަބަދު ހިނިތުންވުމެއްގައި ހުންނަ މީހެކެވެ. އާލްފްގެ ބައްޕަ ވިޓިޒާގެ ގަނޑުވަރުގައި ބޮޑުވެ ވިޓިޒާއަށް ރަސްކަން ލިބުމުން އޭނަގެ ވަފާތެރި ޚާދިމެއްގެ ގޮތުގައި ހުއްޓެވެ. ގަނޑުވަރުގައި ދިރިއުޅޭ އެހެން މީހުންގެ ހިތްތަކުގައި އޭރު ޔައުގޫބާއިމެދު ހަސަދަ ވެރިކަން އޮތީ ރަސްގެފާނާއި އޭނަގެ އޮތް ގާތް ގުޅުމާއިހެދިއެވެ. ޚާއްސަކޮށް އޭނައަކީ ގޫތަކަށްވެސް ނުވުމާއެކުގައިވެސް އެފަދަ ގުޅުމެއް އޮތުމުންނެވެ. އޭނަގެ ހަސަބާއި ނަސަބު އަދި ދަރިކޮޅު އެއްވެސް މީހަކަށް ނޭގެއެވެ. އެކަމަކު މިހާ މަތީ މަގާމަކަށް އެރީ ކިހިނެއްކަމާއިމެދު އެންމެން ހައިރާންވިއެވެ.

ނުނިމޭ

 

ކޮމެންޓް 0