ކަހީނާ ދެކުނީ އަރަބިން ހަމަލާ ދިނުމުގެ ހަމައެކަނި މަގުސަދަކީ ޣަނީމާގެ ބޭނުމުގައި ކަމަށެވެ. ވަގުތުން އޭނަގެ ސިފައިންނަށް އެންގީ ތަންތަން ހަލާކުކޮށް އަންދާލުމަށެވެ. ސިފައިން މޮޔައިން ތަކެއްހެން ދުއްވައިގަތީ ކަހީނާގެ އަމުރު ހިންގުމަށެވެ. ކިއްލާތައް ތަޅާ ސުންނާފަތިކޮށް ޝަހަރުތަކާ އަވަށްތައް ލޫޓުވާލިއެވެ. ރަނާއި ރިއްސަށްދާންދެން ވިރުވާ އަޅާލައިފިއެވެ. އަދި މޭވާ ގަސްތައް ކަނޑާ ދަނޑުތައް ވެސް އަންދާލައިފިއެވެ. އޭގެ ތެރޭގައި އަމިއްލަ މީހުންގެ ވިޔަފާރިއާއި ދަނޑު ބިންތައް ހިމެނެއެވެ. ދަނޑުބިން ތަކާ މޭވާތަކަށް ދިރިއުޅުން ބިނާކޮށްގެން ތިބި މީހުންނަށް ކަހީނާގެ އެ ސިޔާސަތުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. ކަހީނާއަށްޓަކާ ހިތްތަކުގައި އޮތް ލޯތްބާ އިހުތިރާމް ކުޑަވިއެވެ.

ކަހީނާގެ ދަށުން ތިބި ބަރުބަރު ގަބީލާގެ ވެރިންތައް އެ އަމުރަށް ކިޔަމަންވެ އެމީހުންގެ ރަށްތަކާއި ޝަހަރުތައް ވެސް ސަހަރާއަށް ހަދާލައިފިއެވެ. އެކަމުގެ ސަބަބުން އެތައް ރޫމީންނެއް އަންދަލުސްއާއި މެދު އިރުމަތީގެ އެހެން ރަށްތަކަށް ހިޖުރަކޮށްފިއެވެ. އެފްރިކާއިން ރޫމީންތައް ފައްސާލުމުން ކުރިމަތިވި ދަތިތައް ކުޑައެއް ނޫނެވެ. އެންމެ މިލްކިއްޔާތާއި ދަނޑުބިންތައް ގިނަ ބަޔަކީ ރޫމީންނެވެ. މުސްލިމުންގެ އިންސާފުވެރި ފަަސް އަހަރު ތެރޭ ނުކުރެވުނުހާ ކަމެއް ކަހީނާގެ ބާރުގައި އޭނަ ކޮށްފިއެވެ. ރޫމީން އެފްރިކާއިން ފައްސައިލުމެވެ.

ތަދުމަޑުކަން ބޮޑުވުމުން ރޫމީންގެ ގްރޫޕްތަކާއި ބަރުބަރުންގެ ދުރުވިސްނޭ ގަބީލާތައް ހައްސާނުއަށް އާދޭސްކޮށްފައި އެދުނީ ބަގްރާއިން އަލުން އެތަނަށް އައިސްދިނުމަށެވެ. ކަހީނާގެ ހުޅުޖެހުމުގެ ސިޔާސަތުގެ ސަބަބުން ހަލާކުވެގެން ދިޔައީ ހަމައެކަނި އެފްރިކާގެ ހަރު މުދަލެއްނޫނެވެ. ރައްޔިތުންގެ އެއްބައިވަންތަކަމާއި ނުރުހުން އަމާޒުވެ ބަރުބަރު ގަބީލާތަކުގެ އެއްބައިވަންތަކަންވެސް ނެތުނީއެވެ. ގުދުރަތީގޮތުންވެސް ބައިބައިވުން އުފެދިފައިވާ ގައުމެއް އިތުރަށް ބައިބައިވީއެވެ. އަމިއްލައަށް ހަށިގަނޑުގައި ލެއްވި ޒަޚަމްއަކީ އޭނަ ވެއްޓުން އަވަސްވި ސަބަބެވެ.

***

ތާރިގުގެ މަންމާފުޅާއި އަބޫ ސުހޭލް އެކި އަވަށްތަކަށް ދަތުރުކުރައްވާ ދީނަށް ގޮވާލުން ވެގެން ދިޔައީ ކަހީނާއަށް ގޮން ޖެހުމަކަށެވެ. އަދި ތާރިގުގެ ފަރާތުން ލިބުނު ތަކްލީފުތަކާއި ހިތްދަތިކަމުގެ ބަދަލު ހިފަން އޭނަގެ ހަގުރާމަވެރިންނަށް އެންގީ އަބޫ ސުހޭލްއާއި އުންމު ތާރިގު ޝަހީދުކޮށްލުމަށެވެ. އޯޑަރު އައުމާއެކު އޭނަގެ އައުވާނުން ނުކުމެގަތެވެ. ތާރިގު އޭނަގެ މަންމަ ހޯދުމުގެ ކުރިން ކަހީނާގެ ހަގުރާމަވެރިން އޭނަ ހޯދަން ޖެހޭނެކަމަށް އަމުރުކުރިއެވެ.

 

***

އުންމު ތާރިގު ޝޭޚާއެކު ފޭލިގޭގެ ދޮރުމަތީގައި އިށީދެވަޑައިގެން އިންނެވިއެވެ. ކަޅުކުލައިގެ ބުރުގާއަކާއި ގަޔަށް ދޫ އަބާޔާއެއްގައި އިންނެވި އުންމު ތާރިގުގެ ލޯފުޅުގެ ނޫރު ކެނޑިފައި ވިޔަސް އެމޫނުމަތިން އުޖާލަކަން ފެނެއެވެ. ނަމަވެސް ލޯފުޅުގެ ފެނުމުން މަހުރޫމްވުމުން ލޯ މަރާލައްވައިގެން އިންނެވުން ފަސޭހަފުޅުކަން ނޭގެއެވެ. ގިނަފަހަރު އިންނަވަނީ ލޯފުޅު މަރުއްވާލައްވައިގެންނެވެ. ބަރުބަރުންގެ ޒުވާނުންތަކެއް ބިންމަތީގައި އިށީދެލައިގެން ތިބީ ޝޭޚު އަބޫ ސުހޭލުގެ ދަރުސް އަޑު އެހުމުގައެވެ. އަބޫސުހޭލު ގުރުއާންގެ ރަހުމާން ސޫރަތުގެ އާޔަތްތަކެއް ކިޔަވާދެއްވިއެވެ. އެންމެނަށް އެ އާޔަތްތަކުން އަސަރުކޮށް އިސްޖަހާލެވުނެވެ.

"އޭގެ މާނައަކީ ކޮބާ؟" ބަރުބަރުންގެ ޒުވާނަކު އެހިއެވެ.

"މިއީ ޝޭޚު އަބޫސުހައިލް. އަހަރެން ޖަވާބުދޭނަން. މާނަވެސް ކިޔާދޭނަން...." އުންމު ތާރިގު ވިދާޅުވިއެވެ.

"ކަމަނާ އެމީހުންނާއި ވާހަކަދައްކާ. ބުނެދޭނެ މިއުޅޭ އެއްޗެއް އެމީހުންނަށް އިއްވާލަދީ...."އަބޫ ސުހޭލު އެހެން ވިދާޅުވި ވަގުތު އޭނަގެ ދަރިކަނބަލުން ސަލަމާ ކުޑަ ފިރިހެންކުއްޖަކު ގެނެސް އަބޫސުހައިލް އަރިހު ބޭންދިއެވެ. ހުދު ހެދުމަކާއި ފަގުޑިއެއް އަޅައިގެން އިން ލޯބި ކުއްޖެކެވެ. އަބޫސުހައިލް ނިކަން އޯގާތެރިކަމާއެކު ކާފަ ދަރިފުޅުގެ ބޮލުގައި ފިރުމަމުން ދިޔައެވެ. "ޔާ މުހައްމަދު. ކާފަ ކައިރީ އިށީދެލައިގެން ބަސްއަހައިގެން ކާފަމެން ވިދާޅުވާ އެއްޗެއްް އަޑުއަހައިގެން އިންނައްޗޭ" އަބޫސުހައިލް މުހައްމަދުގެ

އުންމު ތާރިގު މަޖުލީހުގައި ތިބި މީހުންނަށް ކުރިމަތިލައްވައިގެން އިންނަވާ ވާހަކަފުޅު ދެއްކެވިއެވެ.

"އަރަބިން ކުރީ ޒަމާނުގައި ތިބީ ޖާހިލުކަންމަތީ. ފަގީރުކަމާ ގާފިލުކަން މަތީގައި. އަދި ތިޔަބައިމީހުންގެ ތެރޭ ވިހެން ގަބީލާތައް ބައިބައިވެ ދޭދޭ ފަރުދުންގެ ދޭތެރޭވެސް ހަގުރާމަ ހިނގަ ހިނގާ އޮތީ. މުސްލިމުންގެ ތެރެއަށް ނަބީކަމާއިގެން މުހައްމަދު ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ވަޑައިގަންނަވަންދެން އެ ޣާފިލުކަންމަތީ ތިބީ. ނަބިއްޔާ ވަޑައިގަތުމުން އެ ޖާހިލުކަން ނޫރަކަށްވި. އެ ނޫރުން މުޅި އެހިސާބު ވިދާ ބަބުޅައިލި. ބައިބައިވުން ނެތި އަރަބިން އެކަތިގަނޑަކަށްވި. އަޚުންކަމުގައިވި. މިގޮތަށް އިށީނުމަކީ ހެޔޮކަމަށް ހުޅުވިފައިވާ މަގެއް އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދޭނެކަމެއް...." އުންމު ތާރިގު ދީނީ ތަރަހަ އޮޅުން ފިލުވާދިނެވެ.

ކުއްލިއަކަށް ބޭރުތެރެއިން އަޑުފަށްގަނޑު ގަދަވިއެވެ. އަސްތަކުގެ މޮއްގަނޑުގެ އަޑާއެކު މީހުންތައް ހަޅޭއްލަވަމުން އެކި ކޮޅަށް ދުއްވައިގަތެވެ.

"ޔާ ތޮމޮޝްކާ......"މީހަކު ގޮވައިލި އަޑު އިވުނެވެ. އެންމެން މަޖުލީސް ދޫކޮށްދާން ފެށުމުން އަބޫ ސުހައިލް ގޮވައިލެއްވިއެވެ. " އުންމު ތާރިގުގެ ވާހަކަފުޅު އަޑުއަހަން މަޑުކޮށްބަލަ..."

އެއްވެސް މީހަކު އެ ގޮވައިލުމަށް އިޖާބަނުދީ އެތަނުން ދުރަށް ގޮސް މަޖުލީސް ހުސްވިއެވެ.

"ކިހިނެއް މިވަނީ؟ " އެސްފިޔަތައް ލައްޕާލައިގެން އިންނެވި އުންމު ތާރިގު އެއްސެވިއެވެ.

"ފަރުބަދަތަކުގައި އުޅޭ ބައިގަނޑު އަރައިގަތީ..." ސަލަމާ ބުނެލިއެވެ.

"އެއީ މަގު ގެއްލިފައިވާ ކަލޭމެންގެ އަޚުން ނޫން ބަޔެއްނޫން.." އުއްމު ތާރިގުއަށް ވިދާޅުވެވުނެވެ. އޭރު ތޮމުޝްކާއާއި އޭނަގެ ބައިވެރިންނަށް އެހިސާބަށް އާދެވިއްޖެއެވެ.

"އެހެރަ ލޯފަން އަންހެނާ އެކިޔަނީ ކީކޭ؟"ތޮމުޝްކާ އަހާލައިފިއެވެ.

"އެކަމަނާ ކަލޭމެންނަށް ކުޑަމީސްކުރައްވަނީ...." އެކަކު ބުނެލައިފިއެވެ.

"ފިރިހެނުންނަށް ކުޑަމީސްކުރަން ވާނެތަ؟ " ތޮމުޝްކާ ހިތްހަމަނުޖެހޭގޮތްވިއެވެ. "އަހަންނަކީ ކާކުކަން ނޭގެނީތަ؟ތިހާ ހިތްވަރު ލިބުނީ ކިހިނެއްތަ؟ "

"އަހަރެން ބިރުގަންނަވަން ތިއުޅެނީ ކޮންކަމަކާތަ؟ " އުންމު ތާރިގު ބާރު އަޑުފުޅުން އެއްސެވިއެވެ.

އަބޫސުހައިލް އަސާގައި ހިއްޕަވާ އުދަގުލުން ތެދުވެ ވަޑައިގަންނަވަމުން ތޮމުޝްކާގެ ލޮލަށް ބައްލަވާލެއްވިއިރު ޖެހިލުމެއް ބިރުވެރިކަމެއް ނެތެވެ.

"ކަލޭގެ ނެތް ކަމެއް މި ކަމަނާގެ އެބަހުރި..." އަބޫ ސުހައިލް އިނގިލިން އިޝާރާތްކުރެއްވިއެވެ.

"އޯ ހަގީގަތުގައި؟ " ތޮމުޝްކާއަށް މަޖާވިކަހަލައެވެ. ނުލަފާ ހިންޏެއް އައެވެ. އޭނަ އަސް މަތިން ފުންމާލައިގެން އައިސް އުންމު ތާރިގުމެން ތިބި ފޭލިގޭގެ ކައިރީ ހުއްޓުނެވެ.

"އަހަންނަށް ތި ހިތް އޮތް މަގާމުން ނަގާލެވިދާނެ..." އުންމު ތާރިގު ވިދާޅުވިއެވެ.

"އެހެންވިއްޔާ ތިކަމަށްޓަކާ ހަތިޔާރެއް ޚިޔާރުކުރަންވީނު. ކަނޑިއެއް ނޫނީ ޚަންޖަރެއްތަ؟" ތޮމުޝްކާ މަޖާ ހިނިގަނޑަކާއެކު އަހާލިއެވެ.

"އަހަރެންގެ ދަރިފުޅު ފޭރިގަނެ ފިރިމީހާ ގަތުލުކޮށްލިކަމުގައި ވިޔަސް އަހަރެންގެ ވާހަކައަށް ދެކޮޅުހެދުމެއް ނެތި ކަންފަތް ދީ އީމާން ވެއްޖެއްޔާ ތިބާގެ ހިތް ނަގާކަށް ދަހިވެތިއެއް ނުވާނަން..." އުންމު ތާރިގު ވިދާޅުވިއެވެ.

"ދަރިފުޅު ނަގާ ފިރިމީހާ ގަތުލުކުރިމީހުންނަށް ތި ދައުވާކުރާ ފަދައިން ކަންތައް ނުކުރަނީ ކީއްވެތަ؟ "ތޮމުޝްކާ އެހިއެވެ.

"އެކަމުގެ ވޭނުގައި އަހަރެންގެ ލޮލުގެ ފެނުން ގެއްލުނު އެކަމަކު އެކަން ވެގެން ދިޔައީ އެހެން މީހުންނަށް ލިބުނު އަލިކަމަކަށް......"

"ލޯ އަނދިރި މީހެއް އެކަމަކު އެބަ ފެނޭ..." ތޮމުޝްކާ އޭނަގެ ބައިވެރިންނާއި ދިމާލަށް އެނބުރިލާފައި ހިނިގަނޑެއް ޖަހާލައިފިއެވެ.

"ކަލޭމެން އަސްމަތިން ފައިބައިގެން އައިސް އިށީދެ އަޑުއަހައިފިނަމަ ލޯފަން މީހަކު ފެންނަ މީހަކަށް ވަނީ ކިހިނެއްކަން. އަދި ފެންނަ މީހާ އަނިދިރި މީހަކަށްވަނީ ކީއްވެކަން." އުންމު ތާރިގު ވިދާޅުވިއެވެ.

"އެހެންވިއްޔާ އަހަރެން މަޑުކޮށްލާނީ. ކަލޭމެން ގޮސް ދެން އޮތް އަވަށަށް އަރާ ކަލޭމެންގެ ރިޒުގު ހޯދަން މަސައްކަތްކުރޭ. އަހަރެން މި އަންހެންމީހާގެ ވާހަކަތައް އަހައިގެން މަގޭ ބޯ ގޮއްވާލަން." ތޮމުޝްކާ އޭނަގެ ބައިވެރިންނަށް އެ ބުނި އެއްޗަކުން ދޭހަކޮށްދެނީ އެހެން އަވަށަކަށް އަރާ ލޫޓުވާ ވާހަކައެވެ.

"އެކުދިންވެސް އަތުން ފައިން ގޯހެއް ހެދުމުގެ ކުރިން އަހަރެން ކިޔާ އެއްޗެއް އަޑުއަހަން ގެނޭ....."

"އެންމެ ރަގަޅު. ކަލޭމެންވެސް އިށީދޭ. ސިކުނޑި ގޮއްވާލާނެ. އެކަމަކު އަހަރެމެން އިށީންނާނީ ޝަރުތަކާއި ލައިގެން.." ތޮމުޝްކާ ބުނެލިއެވެ.

"އެއްވެސް ޝަރުތަކާ ނުލާ. އަހަރެން ހުވާކޮށްފައި ބުނަން ކަލޭ ދައުވާކުރި ފަދައިން އަހަރެންގެ ފުރާނަ ދަމައިނުގެންފިއްޔާ އަހަރެން ކަލެއާއި ކަލެއާއެކުގައިވާ އެންމެންގެ ފުރާނަތައް ދަމައިގަންނާނަން..." އުންމު ތާރިގު ސާބިތުކަމާއެކު ދެއްކި ވާހަކައިން އަސަރުކޮށްގެން ތޮމުޝްކާ އޭނަގެ އެކުވެރިންނަށް އެންގީ އޭނައާއެކު މި މަޖުލީހުގައި ބައިވެރިވުމަށެވެ. ތޮމުޝްކާއާއި އޭނަގެ އެކުވެރިން އުންމު ތާރިގުގެ ވާހަކަފުޅަށް ސަމާލުކަން ދީގެން އެތައް އިރެއްވާންދެން ތިބިއިރު އިސްލާމްދީނާއި ބެހޭގޮތުން ކިތަންމެ ކަމެއް އޮޅުން ފިލައިފިއެވެ. އެމީހުން އެތައް ސުވާލެއްވެސް ހުށަހަޅާ ޖަވާބު ލިބުނެވެ.

 

 

 

***

ތާރިކް އޭނަގެ މަންމާފުޅުގެ ޚަބަރެއް ނުވެ މާޔޫސްކަންމަތީ ހުންނެވި ކޮންމެ ދުވަހެއް އަޒާބަކަށް ވިއެވެ. ހަތަރުދަމު ފިކުރަކީ މަންމަ އުޅުއްވާނެ ހާލެވެ. މަންމަގެ ޚަބަރެއްނުވާކަމެވެ. ދުނިޔޭގައި ހުންނެވިކަމެއްވެސް އެނގިވަޑައި ގަންނަވަނީއެއް ނޫނެވެ. ތޮމުޝްކާއާއި އެކުވެރިން ކައިރި އަވަށަކުން އައިގޮތަށް ދިން ޚަބަރަކުން ތާރިގުގެ ހިތްޕުޅުގައި އުއްމީދު އާވިއެވެ.

"އަޅުގަނޑުމެން ވަން އަވަށެއްގައި އުމުރުން ދުވަސްވީ ލޯފަން އަންހެން ބޭކަނބަލަކާއި ދިމާވި. އިސްލާމްދީނަށް ވަންނަން ދައުވަތުދޭން އެކަމަނާ އިންނެވީ. އެކަމަނާގެ އަރިހުގައި ހުދު ތުނބުޅިއެއްގެ ވެރިއަކާއި އަންހެން ކުއްޖެއް އަދި ކާފަ ދަރިއަކުވެސް އިން. އެކަމަނާ ގެ ވާހަކައިން އަޅުވެރިކަން އެނގުނު. އެކަމަނާގެ ދަރިކަލުން ގެއްލި ފިރިކަލުން ޝަހީދުކޮށްލާފަޔޯ.." ތޮމޮޝްކާ ސިފަކޮށްދިން ގޮތުން ތާރިގުގެ ހިތްޕުޅަށް ބަޔާން ކުރަން ދަތި އަސަރުތަކެއް ކޮށްފިއެވެ. ތޮމޮޝްކާ ސިފަކޮށްދިނީ އޭނަގެ މަންމާ ފުޅެވެ.

"އެކަމަނާގެ ނަން އެނގޭތަ؟ "

"ނޫން އެކަމެއް ނޭގުނު..."

"ތޮމުޝްކާ. ކޮން އަވަށަކުންތަ؟ " ތާރިގު އޭނަގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

ތޮމުޝްކާ އެ އަވަށުގެ ނަން ބުނެދިނެވެ.

"އަހަރެން އަވަހަށް އެ ކަމަނާ ކައިރިއަށް ގެންގޮސްދީ..." ތާރިގުގެ ލޯފުޅުން ކަރުނަފޮދު ހިނގާލައިފިއެވެ.

***

އުންމު ތާރިގު އަސާ ހިއްޕަވައިގެން ގޭގެ ދޮރާށި ކައިރީގައި ހުންނެވިއިރު ނަޒަރު ވަކި ދިމާލަކަށް އަމާޒެއްނުވެއެވެ. ސަލާމާ ކައިރިއަށް ހުއްޓިލިއެވެ. އަދި އުންމު ތާރިިގުގެ ކޮނޑުފުޅުގައި އޯގާތެރިކަމާއެކު ފިރުމައިލެއްވިއެވެ.އުންމު ތާރިގު އޭނަ ގެންގުޅުއްވީ ދަރިއެއްފަދައިންނެވެ. ނެތް މަންމަގެ މަގާމު ފުރާލަދޭ ފަރާތަކީ އެއީއެވެ. ހިތުގައި ޚާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވެއެވެ. އޭނަގެ ބައްޕަދާދި ފަހުން އަވަހާރަވުމުން އެކަމުގެ ފުން ހިތާމައިގެ ސަބަބުން މާޔޫސްވެ ދުނިޔެމަތިން ފޫހިވިއެވެ. ނަމަވެސް އުންމު ތާރިގުގެ ނަސޭހަތްތަކުން ހިތްވަރު ލިބި ހިތާމަތަކާއި ކުރިމަތިލާން ދަސްވިއެވެ. ނަމާދާއި ޒިކުރުތަކަކީ ހިތުގެ ފަރުވާއެވެ.

"މާތް ވަންހައެއްގެ ކުޅަދާނަ ފަހުލަވާނެއް ލަޝްކަރެއް އެބަ ތައްޔާރުކުރެއޭ. އޭނަގެ ނަން ވަރަށް މަޝްހޫރުކަމުގައި ވަނީ...."

"މުސްލިމެއްތަ؟ " އުންމު ތާރިގު ސުވާލު ކުރެއްވިއެވެ.

"ނޫން...."

ކިހިނެއް ހީވަނީ؟ "

"މީހުން އެބަ ކިޔާ މުސްލިމުންނާއި މުސްލިމް ނޫން މީހުންވެސް ލައިގެންނޯ ލަޝްކަރެއް އުފައްދައިގެން އުޅެނީ...." ސަލަމާ ބުނެލިއެވެ.

"މުސްލިމެއް ނޫން ވިއްޔާ އަހަންނަށް ފެނުނު ހުވަފެން ދިމަލެއްނުވާނެ..."

"އުންމު ތާރިގުއަށް ފެނިވަޑައިގަންނަވާނީ ސީދާ ހުވަފެންފުޅެއް. ހުވަފެންފުޅުގައި ކިހިނެއްތޯ ވީ؟ " އޭނަ އެހިއެވެ.

"އަބޫ ސުހައިލް ރަހިމަހުﷲ ހުންނެވީ ސަހަރާއެއްގައި. ފެހިިކުލައިގެ ފޮތިގަނޑެއް ހިފައިގެން. ދެން އެފޮތިގަނޑު އަހަންނާއި އަމާޒުކޮށް ހޫރައިލީ.ދެން ބުނިން ފިނިން ސަލާމަތްވާން މި ފޮތިގަނޑު އެންމެ ބޭނުންވަނީ އަބޫ ސުހައިލްއަށޭ. ދަރިފުޅުގެ ބައްޕަ އަހަންނަށް ވިދާޅުވީ މިއީ ހަމައެކަނި ކަމަނާއަކަށް ނޫނޭ. މިއީ ހުރިހާ އެންމެނަށޭ. އޭގައި ނޫރުން ލިޔެވިފައިވަނީ لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎."އުންމު ތާރިގު ވިދާޅުވިއެވެ.

"ކޮންފަދަ ރީތި....."

"ދަރިފުޅުގެ ފަރާތުން މިއިވުނު ޚަބަރު މި ހުވަފެނުގެ ތަފްސީރަކަށްވާނެ ކަމަށް ހީކުރީ..."

"ކޮންމެ ގޮތެއްވިޔަސް މި ހުވަފެނަކީ ރަގަޅު. ބިއިޒުނިﷲ..." ސަލާމާ ހިނިތުންވެލިއެވެ.

"މިދަނީ މިސްކިތަށް އިނގޭ ދަރިފުޅާ..."

އުންމު ތާރިގު އަސާގެ އެހީގައި މަޑުމަޑުން ހިލަ ބިންގަނޑުގެ އަޑިގުޑަން މަގުތައް ކަޑައްތުކުރައްވާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ހޯއްދަވަން މަސައްކަތްކުރައްވަނީއެވެ. ދަރިކަލުންނާއި ފިރިކަލުން ނެތުމަށްފަހު ހިތްޕުޅަށް ތަސައްލީ ލިބިވަޑައިގަންނަވާ ހަމައެކަނި މަންޒިލަކީ މިސްކިތެވެ. ސަލަމާ އުންމު ތާރިގުއާއެކު މިސްކިތާއި ހަމަޔަށް ގޮސްފައި އެނބުރި އަންނަނިކޮށް ސަވާރުންތަކެއް އަހުގައި ދަތުރުކޮށްފައި އައުމާއެކު ދެކޮޅުވެރިކަން ފައުޅުކުރިއެވެ. ސަލަމާގެ ދަރިފުޅު މުހައްމަދު ހިފަހައްޓާލަމުން ކަނދުރާގައި ޚަންޖަރުގެ ތޫނު ތިލަ ކިރިޔާ ނުޖެހޭކަމެވެ.

"މަގޭ ދަރިފުޅު ދޫކޮށްލާ.." ސަލަމާ ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ.

"ކޮބާ އުންމު ތާރިގު..." އެމީހާ ގެ އަޑުވެސް ބާރެވެ.

ސަލަމާ ހިމޭންކަން ޚިޔާރުކުރުމުން މުހައްމަދު އަހަށް އަރުވަން އުޅުނެވެ.

"ތިއުޅެނީ ތިކުއްޖާ މަރާލަންތަ؟ "

"އެހެންވިއްޔާ އޭނަ ދިޔަތަނެއް ބުނޭ....."

"މިބުނަނީ ނު މަށަކަށް ނޭގެޔޭ....."

"އެންމެ ރަގަޅު. މީނަ ގޮވައިގެން މިދަނީ..." އެ ސަވާރު އަނެއްފަރާތަށް އެނބުރުމުން ސަލަމާއަށް މަޖުބޫރުވީ އުންމު ތާރިގު ހުންނެވިތަން އެމީހުންނަށް ހާމަކުރުމަށެވެ. މި ނުބައިމީހުންގެ ފަރާތުން ނަސްރު ލިބުމަށް އެދި ދުޢާކުރެވުނެވެ.

"މިސްކިތަށް ދިޔައީ....."

އެމީހުންނަށް އެދެވޭ ޖަވާބެއް ލިބުމުން މުހައްމަދު ދޫކޮށްލާފައި އަހުގެ ލަގަނަށް ބާރުކޮށްލުމާއެކު އަސްތައް މިސްކިތާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. އެމަންޒަރު ބަލަން ތިބި މީހުންގެ ތެރެއިން އަންހެނަކު އެމީހުންނަށް ބަދު ދުޢާވެސް ކުރިއެވެ. "މާތް ރަސްކަލނާގެ ލައުނަތް ލައްވާށި." އެ ހިރަފުސްގަނޑު ކެނޑުނުތަނާހެން ދުރުން އިތުރު އަސްވާރުންތަކެއް އަންނަތަން ފެނި ސަލަމާ ފާރަށް ލައްވެގެން ބަލަން ހުއްޓާ އިސްތަށިގަނޑު ކޮނޑާއި ހަމަޔަށް ދިގުކޮށްލާފައިވާ ރީތި ޒުވާނަކު އަހުގައި އައިގޮތަށް ކުރިމަތީ މަޑުކޮށްލައިފިއެވެ.

"އެކަމަނާ ކޮބައިތަ؟ "
"އަނިޔާވެރިން...." ސަލަމާ ކޮންމެވެސް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ.

"ކޮން އަނިޔާވެރިންނެއްތަ؟ "

"ބުނެދީފާނަންތަ؟ އޭރުންނޭ އަހަރެމެންނަށް އެހީވެވޭނީ. ކާކު އަނިޔާކުރީ؟ ކޮބާތަ "

"މިސްކިތުގައިވީ. އެމީހުންވެސް އުންމު ތާރިގުގެ ޚަބަރު އޮޅުންފިލުވައިގެން މިސްކުތަށް އެދިޔައި ނުބައި ނިޔަތެއްގައި. އެމީހުންގެ ނިޔަތް ރަގަޅުހެން ހިޔެއްނުވޭ. އަވަސްކުރައްވާ.." ސަލަމާ ބުނެލީ ހާސްކަމާއެކުގައެވެ. "އެއީ ހަގުރާމަވެރިންތަކެއް....."

ތާރިގުއާއި ތޮމުޝްކާ އަދި އޭނަގެ ފަހުލަވާނުން އަސްތަކުގެ އެންމެ ބާރު ދުވެލީގައި މަގުތައް ކަޑައްތުކުރަމުންގޮސް މިސްކިތާއި އަރާ ހަމަވީއިރު އެމީހާ އުންމު ތާރިގުގެ ގައިގާ ކަނޑި ޖަހަން މަޅައިލަނީއެވެ. ތާރިގު އަތުގައިވާ ޚަންޖަރު އެމީހާއާއި އަމާޒުކޮށްފައި ހޫރާލެއްވިގޮތަށް އޭނަގެ މޭ ފޫ އަޅުވާލާފައި ނުކުތެވެ. އުންމު ތާރިގު ބިންމައްޗަށް ވެއްޓިވަޑައިގެންނަވި ވަގުތު ތާރިގުއަށް ކިރިޔާ ހިފެހެއްޓެވުނުކަމެވެ. އެވަގުތު ތާރިގުއަށް ކުރެއްވުނު ތަފާތު އިހުސާސްތައް ބަޔާންކޮށްދެއްވުމަކީ ފަސޭހަކަމެއްނޫނެވެ. އެތައް އަހަރެއް ފަހުން މަންމާފުޅާއި ބައްދަލުކުރެވުމުން ލިބިވަޑައިގަތް އުފާވެރިކަމާއެކު ފުން އަސަރުތަކެއް ކުރެވުނެވެ.

ނުނިމޭ

ކޮމެންޓް 0