ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. "އަޅާ އޭނަ ހެއްދެވި ފަރާތާއި އެންމެ ކުއްތަންވާ ވަގުތަކީ ސަޖިދައިގާ ވާ ވަގުތެވެ. އެވަގުތު ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ."

***

ސޯފީ ތަންކޮޅެއް ބާރު ހެދުމަކާއިއެކު ޖިންސެއްލައިގެން މޭކަޕްކޮށްލައިގެން ހުރިއިރު ބޮލަށް ބުރުގާއެއް މަހާލާފައި އޮތެވެ.

"އާ ތިބުނީ ތެދެއް. ނޯއާ ހޮޓްކަމުންގޮސް ރޭ މަގޭ ބުރުގާވެސް ބާން އެންޑް ޑައިޑް.. މަ ބުނީ މިފަހަރު ވާރޭ އީދަކަށްވާން މިއުޅެނީ.ތިގޭގައި ކޯނޗެއް ހެދީ. އަހަރެމެން ގޭގައި އިންޑިއަން ފުޑް ކަހަލަ މީރު އެއްޗެއްސާއި ޕިއްޒާ ..."އޭނަ ނޯއާއަށް ޝައުގެއް ނެތެވެ. އެއަށްވުރެ ކެއުމަށް ހިތުގައި ދެވިފައިވާ ޝައުގު މާ ބޮޑެވެ.

"އަހަރެންވެސް ތިގޭގައި ބަހައްޓަންވީނު. ޔާޔާއަށް ހުރެވެންޏާ މަށަށް ނުހުރެވެންވީ ސަބަބެއް ނެތެއްނު.."ސޯފީ ކިޔާލައިފިއެވެ.

"ތަފާތަކީ އަހަރެން ނޯއާއި މެރީކުރިކަން..."

އެ ބަސް ދުލުން ބޭރުވުމާއެކު އަޒާލިއާއަށް ކަޒްޔާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

"މިބުނީ.....މެރީ ކުރާށޭ މިއުޅެނީ...."

"ޔާޔާ މޮޔަކަމުން އަމިއްލައަށް ބޭޒާރުވީނު. މިރަށުގައި ދީނީ ޖަމާއަތެއް އެބައުޅޭ. އެމީހުން ތިކަހަލަ ކަންތައް ސްޕޮންސަރ އެބަކުރޭ. ކުޑަކުދިންވެސް ރުހުމުގަޔާއި ނުރުހުމުގައި އެކުދިންނާއި ނުވެސް ގުޅޭ އުމުރުގެ މީހުންނާއި މެރީ ކުރުވާ ޕްރެގްވެ ދެން ކުޑަކުދިންގެ ލައިފް އެއްކޮށް ހަލާކުކޮށްލަނީ. ޔާޔާވެސް އެހެން ދޯ މިވީ. އެކަމަކު ތަފާތަކީ ޝޭޚުގެ ދަރިފުޅު ހޮޓްކަމުން. މަވެސް މެރީކޮށްފާނަން. މަންމަވެސް މާ ސިއްރު ވާހަކަތަކެއް ދައްކަ ދައްކާފައި އަދި ޝޭޚު ހަމްޒާގެ ގެއިން މަންމަ ނުފިލައިގެން އުޅެ ގެއަށް ގެންނަ މީރުވަސް ދުވާ ބޮކަރާއި އަތަރާއި ކަޝްމީރު މެޓާއާއި ހަލްވާގެ ސިއްރަކީ މިއީތާ....އާން އާން ނޮޓް ބޭޑް.." ސޯފީ ގެ ހިތުގައި ހަސަދައިގެ ކަންޏެއް ރޯވުމާއެކު ދެބެންގެ ދެދަރި ކޮއްކޮއަށްޓަކާ އުފާވުމުގެ ބަދަލުގައި ހިތް ނުތަނަވަސްވިއެވެ.

"އެހެނެއްނޫން. ބައްޕަ ނެތީމަ ބަލާނެ މީހެއް ނެތިގެން...." ކަޒްޔާއަކަށް ދިފާއުވާކަށް ނޭގުނެވެ.

"ކޮނެގެން ތި ވަޅުލާފައިވާ ސިއްރު ހޯދާނަން ނޫނީ ދެން އެހެރަ ބޯއިއާއި އަހަރެންގެ މެރިޖް އެރެންޖްކުރުވާ. އޭރުން މަވެސް އެއްވެސް އެއްޗެކޭ ނުކިޔާނަން. ހަމަ ހުވާ..."

"އޭނައާއި ނުބެހޭތި. ކުއްޖެއްގެ ހަޒްބެންޑެއް...."ކަޒްޔާ ބުނެލިއެވެ.

"މަ ޔާޔާ ބުނާ އެއްޗަކަށް އިތުބާރެއް ނުކުރާނަން" ސޯފީ ބާރަށް ހިނގާފައިގޮސް ޒޭވިއާއާއި ނޯއާއާއި އަރާ ހަމަކުރިއެވެ. އެ ޒުވާނުންނާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. ޒޭވިއާ ހިމޭނުން ހުރިއިރު ނޯއާ ސޯފީގެ ވާހަކަތަކަށް ޖަވާބުދިނެވެ. ކައިވެންޏާއި ބެހޭގޮތުން ސުވާލުކުރުމުން ނޯއާ ބުނީ ޒާތީ ވާހަކަތައް އަހާ ވަރަށް އަދި އެކުވެރި ނުވާ ކަމަށާއި ނުދަންނަ މީހުންނާއި އެ ވާހަކަތައް ހިއްސާ ނުކުރާކަމުގައެވެ. ސޯފީ ވަރަށް ލަދުގަތެވެ. ޒޭވިއާގެ ހިމޭންކަމާއި ސިއްރުވެރިކަން އޭނަގެ ހިތަށް އުދަގޫކުރުވިއެވެ. އެ އުމުރުގައިވެސް ބައެއް ކުދިން ފިރިހެނުންނާއި ހެދި ވަރުހުރެއެވެ.

ގެއަށް އައި މަގުމަތީގައި ސޯފީ މަންމައާއި ސުވާލުކުރަން ފެށުމުން ވަގުތުން އިންކާރުކުރިއެވެ. ސާބިތު ނުހިފޭ ވާހަކަ ދެއްކުމުން އެއްކިބާވާން އެންގިއެވެ. އެކަމަކު މަންމަގެ މޫނަށް ވެރިވި ނުތަނަވަސްކަމާއި ހިއްލައިލި ދާތައް އޭނަގެ ޝައްކު ޔަގީން ކުރުވުމުގެ ހެއްކަކަށް ފުދުނެވެ.

ގެއަށް އައިގޮތަށް ސޯފީ ގުޅައިގެން އެ ޚަބަރު ކަޒްޔާގެ ދައްތަ ކައިޝާއަށް ދިނެވެ.

***

ޝޭޚު ހަމްޒާއާއި މާހިރާ ކަޒްޔާގެ ވާހަކަދައްކައި އެ ކައިވެނި ނިމުމަކަށް ގެންނަން މަސައްކަތްކުރިއެވެ. ހަމްޒާބުނީ އެކަމުން ކަޒްޔާއަށް ގެއްލުމެއް ނެތް ކަމުގައެވެ. އޮތީ ފައިދާ ކަމަށެވެ. ރައްކާތެރިކަމާއި ހިމާޔަތް ލިބުނީކަމަށެވެ. ނޯއާ އާއި ކަޒްޔާގެ ކޫސަނި އަރައިރުންތަކާއި މައްސަލަތައް އަމިއްލައަށް ހައްލުކޮށް ދިރިއުޅުމުގެ ތަޖުރިބާތައް ކުރެވި އެކަކު އަނެކަކަށް ދެނެގަނެވި ދިރިއުޅުމެއް ފެށުމަށް ލިބިދާނެ ބާރެއްކަމުގައި ހަމްޒާ ދެކުނެވެ.

***

އެތައް ޒަމާނެއްގެ ފަހުން މަންމަގެ އަޑު ކަންފަތުގައި ޖެހުމުން ބީރައްޓެހިކަމެއް އިހުސާސްކުރެވި ކަޒްޔާ ފޯނު އެއްލައިލަން ބޭނުންވިއެވެ. އޭނަގެ މަންމަ އޭނަ ދޫކޮށްލާފައި ގޮސްފައި ޚަބަރު ބަލައިލުމުގެ މާނައެއް ނެތެވެ. މަންމަގެ ދަރިންނަކީ އަރްކާނާއި ކައިޝާއެވެ. އޭނައަކީ ބައްޕަގެ "ޕްރިންސެސް"އެވެ. ވީއިރު އޭނަ އަދި މަރުވިޔަސް މަންމަ އެކަމާއި އަޅާލުމަކީ ހައިރާންވެ އަންތަރީސްވާ ވަރުގެ ކަމެކެވެ.

" ކަޒްޔާ. ބައްޕަ އިންޑިއާއަށް ދާން ވީމަ ހިލޭ ބަޔެއްގެ ގޭގައި ބަހައްޓާފައި ދާން ކެރުނީތީ ހަމަ ހައިރާންވެއްޖެ..ދޮންބެއަށް އެނގިއްޖެއްޔާ ވާނެ ގޮތް އެނގޭތަ؟" މަންމަގެ އަޑު ހަރުކަމުން ކަޒްޔާ ފޯނު ކަންފަތާއި ދުރުކޮށްލިއެވެ.

"ނޭގޭ...." ކަޒްޔާ ޕިކްފައިން އިން ފަހަރަކު އެތިކޮޅެއް އަނަގަޔަށް ލަމުން ދިޔައެވެ.

"ވަގުތުން ބަލާ ދާނެ. ކަޒްޔާ ހުންނަން ޖެހޭނީ ކޮންމެވެސް އެއް ޕޭރެންޓެއްގެ ބެލުމުގެ ދަށުގައި. އަންހެންދަރިއަކު ހިލޭ ބަޔެއްގެ ތެރޭ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން. މާލެ ފުރަން ދަތުރު ހަދައިގެން ހުރޭ......." މަންމަ އިންޒާރުދީފައި ފޯނު ކަނޑާލައިފިއެވެ. ކަޒްޔާ ވަގުތުން އަޒާލިއާއަށް ގޮވާ ގެނެސް އެ ޚަބަރުދިނެވެ.

"ޔަގީނޭ އެ ސޯފީ ކޮންމެވެސް ގޮތަކުން މަންމައަށް އެންގީކަމަށްވާނީ..އަހަރެން މެރީޑްކަމަށް ސޯފީ ޝައްކުކުރީ. މަންމަ ފޮނުވާނީ ދޮންބެ. އަހަރެން ދޮންބެ ދެކެ ބިރުގަންނާނެކަންވެސް އެނގޭނެ. ވީމަ ދޮންބެ އަންނަންވާއިރަށް ކިހިނެއް ހަދަންވީ...ބިގް ބިގް ސޭޑް.............." ކަޒްޔާ ދެވަނަ ޕިކްފައިން އުރަ ކަނޑާލައިފިއެވެ.

"ބައްޕަގެ ޚިޔާލު ބަލައިލަންވީނު. މަންމަ ގާތަށް ދާންވީނު...."

"ތެދަށް ބުނަންޏާ މަންމަ ދީނީކަންތައްތަކަށް ފާޑު ކިޔާތީ ބައްޕައާ އަބަދު މައްސަލަޖެހުނީ. މަންމަ ވަރަށް ސުވާލު އުފައްދާނެ. ދެން އެހާ އަންޑަސްޓޭންޑެއްނުވޭ. އެނގެނީ މަންމަ ދީން މޮޑިފައިކޮށްގެން އުޅޭކަން. ބައްޕަ ބުނާނީ ގުރުއާނުގެ ނޫރު ސޫރަތުގައި ފަރުދާވާން ވަހީކުރައްވާފައިވެއޭ. މަންމަ ބުނާނީ އެހެނެއް ނޫނޭ އިންނަނީ. މި ހިސާބު ފޮރުވާށޭ. " ކަޒްޔާ މޭމަތީގައި އަތް ޖެއްސިއެވެ.

"ދީނީ ޚިޔާލު ތަފާތުވުން....." އަޒާލިއާ ވިސްނައިލިއެވެ.

"މަންމަގެ ގާތަށް ފޮނުވަން ކުރިން އުޅުނީ ކީއްވެ؟ "

"ބައްޕައަށް ޔަގީންވާނެ އަހަރެން މަންމަ ގާތަށް ދާން އެއްބަސްނުވާނެކަން. ނޯއާއާއެކު އުޅުންވެސް މަންމައާއެކު އުޅުމަށްވުރެ މާ މަޖާ......................." ކަޒްޔާއާއި އަޒާލިއާ އެކީގައި ގޮސް ކާކޮޓަރިއަށް ވަނެވެ. ކަޒްޔާ ފެންފުޅިއެއް ނަގާފައި ތުނބުގައި ޖެހިއެވެ. ނޯއާ ފަހަތުން އައިގޮތަށް އަނގަ ހަދައިގެން ބަލަން ހުއްޓެވެ.

"އައްޗީޑި.އަނގައިގާ ހުރި ބިލިއަން ބެކްޓީރިއާތައް ތި ފުޅީގެ އަނގަމަތީގައި..........މި ފުޅީގެ އަނގައާއި ތި އަނގަގަނޑު އޮންނަންވީ މި ޑަސްބިންގައި...." ނޯއާ އިނގިލި ކުރިން ހިފަހައްޓާފައި ޑަސްބިނަށް ފުޅި ލައިފިއެވެ.

"އެނގޭތަ؟ އައި ހޭޓް ޔޯ މައުތް.....އެއަށްވުރެ ބޮޑުކޮށް ގަނބުޅި ލޮލާއި ދިގު އަތަށް...އެންމެ ފަންޏެއްވެސް މަގޭ އަނގަޔަކު ނޯންނާނެ. އަބަދު ދަތް އުގުޅައިގެން ހުންނަނީ. އެކަމަކު ތި އަނގައިގާ ސަންތި މަރިޔަބު ދަތް ގޯނިޖަހާނެ....ސަންތި ކައިރީ ބުނާނަން....އަނގަ ގަދަ މިތުރު......" ކަޒްޔާ ފަތިވަރެއް އަމުނާލިއެވެ. ނޯއާ އައިސްކްރީމް ޓައްޕެއް ނަގައިގެން ގޮސް ގޮނޑިއެއްގައި އިށީދެ ކާންފެށީއެވެ. ކަޒްޔާގެ ކުޅު ދިޔާވިއެވެ. ދޮންބެ ގުޅަންފެށުމުން ކަޒްޔާ ސިހިފައި ފޯނުނެގިއެވެ.

"ކާކު އެހެން ބުނީ..." ކަޒްޔާ ބުނެލިއެވެ.

އަދި ސްޕީކަރަށް ލާފައި ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ކަޒްޔާ ނޯއާއަށް އިޝާރާތުން އަންގައިލީ އޭނަގެ ބޭބެކަމުގައެވެ. ބޭބެ ނޯއާއާއި ވާހަކަދައްކަން ބޭނުންވާ ކަމުގައެވެ. އޭނަ ރަސްމީކޮށް ތައާރަފުވެލިއެވެ. ކަޒްޔާގެ ބޭބެ އަރްކާން ކަމުގައި ބުނެލިއެވެ.

"ޝޭޚު ހަމްޒާއަކީ ހައްދު ފަހަނަޅާފައިވާ މީހެއް. ތިގެއަށް ކަޒްޔާ ގެންގޮސްގެން ތި ކުޅޭ ކުޅިގަނޑު ހަމަ މިހާރު އެނގެން ބޭނުން..............." އަރްކާން ތަންކޮޅެއް ހަރުކަށި ރާގަކަށް ވާހަކަދެއްކިއެވެ.

"ތިކިޔާ އެއްޗެއް އަހަންނަކަށް ނޭގޭ."

"ކޯޓަށް ނާންގާ ކުޑަކުދިން މީހުންނާއި ކައިވެނި ކުރުވާ ގްރޫޕެއް ތި ރަށުގައި އުޅޭކަން އެނގިގެން މި އަހަނީ. ކަޒްޔާއާއި ތި ބޭފުޅާގެ ކައިވެނި ކުރުވާފައޭ އޮތީ. އެކަން ބަލާ ގާނޫނީގޮތުން އަޅަން ޖެހޭނެ ފިޔަވަޅުވެސް އަޅާނެ...." އަރްކާން އިންޒާރުކުރިއެވެ.

"ކިތައް ހާސް ފިޔަވަޅު އަޅަން ތި ބޭފުޅާ ޕްލޭން ކުރައްވަނީ؟ ދެން ކައިވެނި ކުރިއްޔާ އެކަން ނުވާ ކަމަކަށް ހެދޭނެތަ؟ އޯކޭ. ކައިވެނިކޮށްފިން....ޝީޒް ޕްރެގްނެންޓް....ދެނޯ؟ މިސްޓަރ ހޯނުގެ ދަރިއަކަށް ބަލިވެ އިނީ........" ނޯއާ ދޫނެރެލިއެވެ. ކަޒްޔާއަކަށް މަޖަލެއް ނުވިއެވެ.

"ޝަޓަޕް...." އަރްކާން ހަޅޭއްލަވައިގަތެވެ.

"ކާމްޑައުން ޑޫޑް...ކޮބާ ތި ބޭފުޅާގެ ޕްރޮބްލެމްއަކީ؟ މަގޭ ވައިފް. މަގޭ ޕްރޮޕަޓީއެއް..ތި ބޭފުޅާ އަދި ބޭބެއަކަށް ވުމަކުން މަގޭ ވައިފްއަށް ބާރު ނުފޯރުވޭނެއްނު......" ނޯއާ ވައްތަރެއް ޖައްސައިލިއެވެ. އެކޮޅު ކޮޅުން އެލުވިގެން އޮތަސް އަނެއްކޮޅުގައި ހުރި މީހަކަށް ފެންނާނީއެއް ނޫނިއްޔާއެވެ.

"ކަޒްޔާ....ފޯނު ހިފައިގެން އާދޭ..." ނޯއާ އެންގިއެވެ.

"ކަޒްޔާއަކީ ނޯކަރެއްނޫން. ޖާރިޔާއެއްވެސް ނޫން. ތިފަދަ ކުށަކަށް އަރައިގަނެފައި ގާނޫނުގެ އަތްދަށުން ސަލާމަތްވެގެން ދެވޭނެކަމަށް ހީނުކުރާތީ. ދައުވާ ކުރާނަން................" އަރްކާން ދަތްކުނޑި ވިކައިގަތެވެ.

ނޯއާ ގޮސް ސިޓިން ރޫމްގެ ސޯފާއަކަށް އަރާ ދެފައި ދަމައިލިއެވެ.

"ކަޒްޔާ. ފައިގާ ރަޖާ އަޅައިލަދީ. އޭސީ ސިކްސްޓީންއަށް ލާ.....އަދި ބްލައިންޑްސްތައް ދަމައިލާ..." ނޯއާ އަމުރަކަށްފަހު އަމުރެއްކުރިއެވެ.

"ކަޒްޔާ އަތަށް ފޯނު ދީ...."އަރްކާން އެންގިއެވެ.

"އޭނަ ބޭނުމެއްނުވެޔޯ އޭނަގެ މަންމަގެ ފެމިލީއާއެކު އުޅެން. ދޮންބެއެއް ހުންނަކަންވެސް މިއެނގުނީ އަދި ކިރިޔާ..ބްރަދާ އިން ލޯ.......ލަވް ޔޫ ފުރަތަމަ ތައާރަފުވެފައި ތިވަރަށް ތްރެޓްކޮށްލީމަ. ބިރުން މިރޭ ނުވެސް ނިދޭނެ. އޯލްރެޑީ މަގޭ ވައިފްވެސް ހޯނު ބިޓަކާއިގެން މަށަށް ބިރު ދައްކަމުން އުޅެނިކޮށް ބްރޯވެސް ދެން..ގާނޫނީ ވަކީލެއްތޯ؟ މީހަކު އެއްޗެކޭ ބުނާއިރަށް ހެއްކެއްނެތި އެހާ ފަސޭހައިން ފިޔަވަޅު އެޅެންޏާ.......އޯ ބިރުން ހުންވެސް އަތުވެއްޖެ...މިބުނީ ހުން އަތުވެދާނެކަމަށޭ ރަޖާ މިލަނީ..........." ނޯއާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

އަރްކަން އައި ރުޅީގައި ފޯނުވެސް ކަނޑާލައިފިއެވެ.

އެފަހުން ކަޒްޔާގެ ފޯނަށް އެކި ފަރާތުން ގުޅަންފެށިއެވެ. މަންމައާއި ކައިޝާއެވެ. ބޮޑުދައިތައެކެވެ. އަރްކާންއެވެ. ސޯފީވެސް ގުޅިއެވެ. އެކަމުގައި އޭނަގެ އަތެއް ނުވާނެކަމަށް ހުވާކޮށްފައި ބުނެލިއެވެ. ހަލީމާއްތަ ގުޅާފައި ބުނީ އެހެން މީހުންނަށް ޝައްކު ވެއްޖެ ކަމަށާއި އޮޅިގެންވެސް ކައިވެނި ކުރި ވާހަކަ އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށެވެ.

"އެމެރިކާގެ ރައީސަށްވެސް މިހާ ގިނަ ކޯލެއް ނާންނާނެ. ކުއްލިއަކަށް އެމީހުންނަށް އަހަރެން ވަރަށް ސްޕެޝަލް ވެއްޖެ...." ކަޒްޔާއަށް މަޖާވިއެވެ. ކަޒްޔާ އުފަލުން ދެފައި ތަޅައިގަތުމުން ފަޔަށް ތަދުވެ ތުން ފިތައިލިއެވެ.

***

ތޫފާނެއްގެ ވަޔާއެކު ބައެއް ދިމާލުން އުދައެރިއިރު ރަށުތެރޭ ފެންބޮޑުވެ އެހާ ވައިގަދަވިއެވެ. ގަސްތަކާއި ފުރާޅުތައް ވަޔާ އެއްލައިލާ ރަށުތެރެ ހަލަބޮލިކޮށްލީ "އޮރެންޖް"އެލާޓަށް ސަމާލުކަމެއް ނުދީ ތިއްބައެވެ. ފެންޑާ އުސްކޮށްފައި އޮތުމާއެކު އެގޭތެރެއިން އެމީހުންނަށް ހިމާޔަތް ލިބުނަސް އެތައް އާއިލާތަކަށް ބަރުދާސްތު ނުކުރެވޭފަދަ ގެއްލުންތައްވެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެ އެހެން ހިޔާވަހިތަކަށް ބަދަލުވާންވެސް ޖެހުނެވެ. އިޝާ ނަމާދުކޮށް ކައި ނިމުނުތަނާ ކަރަންޓުގެ އަލިން ރަށް މަހުރޫމްވެ އަދި އަނދިރިކަން ގަދަވެ މުޅި ކައުނުގައި ކަޅު ސާލު އޮޅާލައިފިއެވެ.

އަޒާލިއާއާއި ކަޒްޔާއަށް ތޫފާންތަކުން ވިސްނޭ މީހުންނަށް ލިބުނު ބިރުވެރިކަން ދެކުނީ އެހެން ގޮތަކަށެވެ. ބާރު ވަޔާއެކު ގަސްތައް ލުހެލާ މަންޒަރުންވެސް އެކުދިންނަށް ވީ މަޖާ ކަމަކަށެވެ. އަދި ކަރަންޓް ނެތުމުން އުއްބައްތިތައް ދިއްލުމާއިގެން އުޅެގަތެވެ.

އުއްބައްތީގެ ހުޅުކޮޅު ދެފަރާތަށް ހޫރެމުން ދިޔައިރު ވައި އަޅުވާވަރުން ހުޅުކޮޅުގެ ޒަމާން ގޮސްދާނެހެން ހީވި ކިތަންމެ ފަހަރެއް އައެވެ. ދޮރުތައް ލައްޕާލާފައި ހުރިއިރުވެސް ދޮރުގެ ފަރުދާތައް ހޫރެމުން ދިޔައީ އެ ހަމަލާތަކަށް ކެތްނުކުރެވިގެންނެވެ. ޒޭވިއާއާއި ނޯއާ ފަނޑު އަލީގައި މޭޒުމަތީގައި ބަހައްޓާފައި ހުރި ރެސްޓޯރެންޓެއްގެ މޮޑެލްއަށް ނަޒަރު ހުއްޓާލައިގެން ތިބީ ސީރިޔަސް ވާހަކައެއް ގައެވެ. ޗޮކްލެޓް ބޮކްސް ގެއެއްހެން ހީވާ އެކުޑަ ގޭގެ ފުރާޅުވެސް ޗޮކްލެޓްގަނޑެއް ފަދައެވެ.

"ހޫމް. ޗޮކްލެޓް ވައިބްސް އެނަމާއި މި ރެސްޓޯރެންޓް މޮޑެލް ކިހާ ގުޅޭ. ނޯއާ ދެން މިތަން ރަގަޅަށް ހިންގަން ފެށީމަ ޗޮކްލެޓާއި އައިސްކްރީމް ވިޔަފާރި މިކޮޅުގައި ފުދޭވަރަކަށް ރަގަޅުވާނެހެން ހީވޭ....." ޒޭވިއާ ލެޕުން އެތަނުގެ އިންޓީރިއާ ޑިޒައިންވެސް ދައްކާލައިފިއެވެ.

"ބްރޯ. ތީތި ރަގަޅު. އައިޑިއާ ހަމަ ބެސްޓް..."

"ނޯއާ ތަންކޮޅެއް ހީވާގިވެގެން މިކަންތަކާއި އުޅެބަލަ." ޒޭވިއާ ލެޕް ލައްޕާލައިފިއެވެ.

"ތިހާ ބޮޑު އިންވެސްޓެއްކޮށް ދިނީމަ އެކަން ބަލައިގަންނަން އެބަޖެހޭ. ދެން ކުއްލިއަކަށް ޗޮކްލެޓްވައިބްސްގެ ސީއީއޯއަކަށް ވެވުނީމަ ................ކަޒްޔާ އެތާ ވެއިޓަރަކަށް ބަހައްޓާނީ..." ނޯއާ ހީލިއެވެ.

***

އަޒާލިއާ މާމަމެންނާއި ވާހަކަދައްކަން އިރުކޮޅަކު އިނުމަށްފަހު ދެމަފިރިން ނިދިކަން ޔަގީންވުމުން އުއްބައްތި ހިފައިގެން ކޮރިޑޯއިން ހިނގަމުން ދިޔައެވެ. ޖެހިގެން ހުރި ކޮޓަރިން ކުޑަދޮރު ވަޔާއި ތެޅުނުކަހަލަ އަޑެއް އިވިގެން އޭނަގެ ހިތް އަވަސްވިއެވެ. މިފަދަ ރެއެއްގެ ފައިދާ ނަގައިގެން ވަގުން ރަށުތެރެއަށް ނިކުމެ ލޫޓުވަން މަސައްކަތްކުރާނެއެވެ. ވަގަކު ވަނީ ބާވައެވެ. ބިރުންހުރެވެސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކުޑަދޮރުން ބޭރަށް ބަލަން އަނދިރީގައި ހުރި މީހާ ދެނެގަންނާކަށް އޭނައަށް އުދަގުލެއްނުވިއެވެ.

"ޒޭވިއާ.."އަޒާލިއާއަށް ކިޔައިލެވުނެވެ. އޭރު ކުރިއަށްވުރެ ހިތުގެ ތެޅުން ބާރުވެލައިފިއެވެ. ދުމުގެ ވަސް ހިނދުރިން ވަނުމާއެކު ކުޑަކޮށް ކެއްސައިލެވުނެވެ. ސިއްރުން އެތަނުން ދާން އުޅުނެއްކަމަކު އަމިއްލަ ނަފުސްވެސް އޭނައަށް ކެހިދިނީއެވެ. އެތަންވަޅު ކެއްސުން ހިފަހައްޓައިނުލެވުނީތީ އޭނަ ހިތާމަކުރިއެވެ. ޒޭވިއާ އެނބުރި ބަލާލައިފިއެވެ. އުއްބައްތީގެ އޮރެންޖް އަލީގައި އެރީތި މޫނު ފެނުނުލެއް ވަކިން ހިތްގައިމެވެ. ލޮލުން ކަރުނައިގެ އަސަރު ފެނުނުހެން ހީވިއެވެ.

ޒޭވިއާގެ އަތުގައި އޮތް ސިގްރެޓް ފޮރުވާކަށް މަސައްކަތެއް ނުކުރިއެވެ. އޭނަ އިނގިލި ޖައްސައިލީ ތުންފަތުގައެވެ.

"ޝްޝްޝް...."

އިތުރު އެއްޗެއް ނުބުނެ ޒޭވިއާ އަނެއް ފަރާތަށް އެނބުރުނެވެ. އަޒާލިއާ ހަދާނެގޮތެއް ނޭގި އިރުގަނޑެއްވާންދެން ހިލައިގެ ބުދެއްހެން ހުރެފައި ފުން ނޭވާއެއް ދޫކޮށްލި އަޑު ވާރޭގެ ތެރެއިންވެސް ކަންފަތާއި ހަމަޔަށް ފޯރިއެވެ.

"ޒޭވިއާ ހާދަ ސިކްރެޓިވް އޭ..ވޯޒް ހީ ކްރައިން؟ އެނބުރި ބަލައިލިއިރު ލޮލުގައި ކަރުނަ ހުރިހެން ހީވި. ނޫނީ އުއްބައްތީގެ ހިޔަނި އެޅުނީމަ ހީވިގޮތްބާ. "އަޒާލިއާ ނުކުމެގެން އަންނަނިކޮށް ސިޓިން ރޫމާއި ދިމާލުން މަންމައާއި ބޮޑުދައިތަ ވާހަކަދައްކާ އަޑު އިވުނެވެ. އޭނަގެ ނަން އިވުމުން ފައިތިލަ ބިންމަތީގައި ތަތްލިއެވެ.

"ޒޭވިއާއާއެކު އަޒާލިއާ އިންގްލޭންޑަށް ފޮނުވަން ބިރުން ތިއުޅެނީ ކީއްވެ؟ އަހަރެންވެސް ހުންނާނަމޭ. އެތާ ރަގަޅު ޕްރައިވެޓް ސްކޫލަކުން ތައުލީމް ހާސިލުކޮށް އުފަލުގައި އުޅެވޭނެ. ޒޭވިއާ ބުނީ މިދުވަސްކޮޅު ބިޒިނަސް ހުރިގޮތުން މިކޮޅުގައި ހުރެވޭކަށް ނެތޭ. ދެކުދިން އެކަކު އަނެކަށް އެނގި ދަސްވީމަ އަށާރަ އަހަރުވާއިރަށް ގުޅުން ބަދަހިވެ ލޯބިވެސް ހިތުގައި އުފެދިދާނެ. ބޭބެ ހުއްދަދިންއިރު މާހިރާ ކޮންކަމަކާ ހާސްތިވަނީ؟"ހީނާގެ އަޑު ތަންކޮޅެއް ގަދައެވެ.

"އަހަންނަކީ އަޒާލިއާގެ މަންމަ އަހަރެންގެ ލޮލުގެ ކުރިމަތިން އެކުއްޖާ ގެއްލެން ނޭދެން. އެއީ އަދި ބޮޑުމީހެއްނޫން. އެއުމުރުގެ ކުއްޖަކަށް މަންމަ ބޭނުންވާނެ....."މާހިރާގެ އަޑުގައި މާޔޫސްކަމެއްވިއެވެ.

"ޒޭވިއާ ވަރަށް ތަފާތު. އޭނަގެ ރުހުން ސީދާ ނެތަސް ކައިވެންޏަށްފަހު ހަރުދަނާ ޒިންމާދާރު ފިރިއެއްފަދައިން ވާޖިބު އަދާކުރާނެ. އޭނަ ގެ ބެލުމުގެ ދަށުގައި ހިމާޔަތުގައި އަޒާލިއާ ހުންނަން ޖެހޭނީ. އޭނަ ތިކަމާ އެއްބަހެއް ނުވާނެ. ރުހުނަސް ނުރުހުނަސް ޒޭވިއާ އިންގެލްންޑަށް ދާނީ އަޒާލިއާ ގޮވައިގެން..މާހިރާ މެންޓަލީ ތައްޔާރުވޭ.." ހީނާގެ ޖުމްލައިން އަޒާލިއާގެ ހިތަށް އަޖައިބެއްފަދަ ބިރުވެރިކަމަކާއިއެކު އުފާވެރިކަމެއްވެސް ހިނގާލައިފިއެވެ.

އިންގްލެންޑަކީ އޭނަގެ ހުވަފެނީ މަންޒިލެކެވެ. ދައްތަމެންވެސް އެކޮޅުގައި ވަޒަންވެރިވެގެން އުޅޭއިރު އެމީހުންނަށް ޒިޔާރަތްކުރާނެ ފުރުސަތެއް ހުޅުވުނީއެވެ. މަންމަވެސް އޭނައާއެކު ދާންވީއެވެ. އަޒާލިއާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަވަސްވެގަތީ ކަޒްޔާއާއި އެވާހަކަ ހިއްސާކުރުމަށެވެ.

"ޔާޔާ...ކޮންތާކު؟ ކީއްކުރަނީ؟ "އަޒާލިއާ އެގޭތެރޭގެ އެތަން މިތަނަށް އަލިކުރަމުން ކަޒްޔާއަށް ގޮވަމުން އުޅުނެވެ.

ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން އަޒާލިއާ ފޯނު ނެގިއެވެ. ކަޒްޔާ އަޑުކޮޅަށް ރޮނީއެވެ.

"ޔާޔާ..ކިހިނެއްވީ؟ ނުރޮއި ވެގެން އުޅޭގޮތެއް ބުނެބަލަ....."އަޒާލިއާ ހާސްވެގެންގޮސް އެފިނިރޭގައިވެސް ދާތިކިތައް ހިއްލާލައިފިއެވެ. ކަޒްޔާއާއި ދިމާވީ ކޮންފަދަ ހާދިސާއެއް ބާވައެވެ. ވަގުތުންގޮސް ނޯއާގެ ކޮޓަރީގެ ދޮރު ހުޅުވައިލެވުނީ ކަންފަތުގައި ފޯނު ޖަހައިގެން ހުރެއެވެ. ލަދުންގޮސް މޫނަށް ވެރިވީ ރަތްކުލަ ކަންފަތު ފޫޅުގަނޑާއި ހަމަޔަށް ނުދާކަމެއް ނޭގެއެވެ.

ނުނިމޭ

ކޮމެންޓް 0