"އުމުރުން ދުވަސްވުމުން މުސްލިމަކު ހިތާމަކުރަން ޖެހޭ ބައެއް ހާލަތްތައް މެދުވެރިވެދާނެއެވެ. ދުޅަހެޔޮކޮށް ކެއުމުގެ ވައްޓަފާޅި ނުގެންގުޅުމާއި ކަސްރަތު ނުކުރެވުން، އަރަބިބަހަށް އިހުމާލް ވެވުން، މައިންބަފައިންނަށް އަޅާނުލެވުން، އާއިލާއަށް ވަގުތުނުދެވުން، މާތްﷲގެ ކަލާމްފުޅު ދޫކޮށްލެވުން، ކުރެވުނު ހެޔޮ އަމަލުތައް މަދުވުން އަދި އާޚިރަތަށް ޚާއްސަނުކުރެވުނު ތަސައްވުރެއް ދިރިއުޅުމުގައި ގެންދެވުމެވެ. އަލުން އަނބުރާ އެ ބޭކާރުކޮށްލެވުނު ހަޔާތް ގެންނަން ބޭނުންވިޔަސް އެއީ މުސްތަހީލް ކަމެކެވެ. ވީއިރު ފަހުންު ރިގްރެޓް ކުރަން ވެއްޖެއްޔާ މުދަލާއި ދަރިންނާއި މަގާމާއި އެއްކުރިހާ ފައިސާގެ ބޭނުމަކީ ކޮބާހެއްޔެވެ؟"
***
"ސްވީޓްހާޓް. ކުޑަކުދިން އަނގަދަ ނުކޮށްބަލަ..."
ކަޒްޔާ އަރްކާންގެ ލޮލަށް ބަލަން ހުރީ ތަފާތު ނަޒަރަކުންނެވެ. އޭނައަށް ހަގީގަތް އެނގޭކަން އަރްކާންއަށް އަންގަން ބޭނުންވިއެވެ. ނަމަވެސް އޭރުން އަމާޒުވާނެ ސުވާލުތަކުގެ ތެރެއިން އެކަން އެނގުނުގޮތެއް އޮޅުން ފިލުވަން އަރްކާން އެދޭނެއެވެ. ކަޒްޔާ ހިންދިރުވާލައިފިއެވެ.
"އަނާއަކީ ވިޑޯއެއް....."
"ބްލެކްވިޑޯއެއް ދޯ ހެހެ...." އަރްކާން އަނގަޔަށް ހެދިގޮތުން ހުނުން ހިފަހައްޓަން މަސައްކަތްކުރިހެން ހީވިއެވެ.
"އަނާ ހުންނާނީ މިގޭގައިތަ؟"
"އަނާ ފުރާޅު މަތީ ބައިންދާނީ..." އަރްކާން ހީނުލާ ބުންޏަސް އޭނަ ހުރީ ސަމާސާ މޫޑެއްގައެވެ.
"ހިތަށް އަރާ ހަމަ.....ބިލިއަން ގާލްސްއިންގެ ތެރެއިން އަނާ ކީއްވެހޭ......" ކަޒްޔާ އަމިއްލަ ނަފުސާ ސުވާލުކުރާފަދަ ގޮތަކަށް ބުނެލިއެވެ.
"ހެވެންގައި މެރިޖް ލިޔުއްވާފައި އޮތީމަ ދުނިޔޭގެ ދެކޮޅުގައި ކީއްކުރަން ދެ ޕްލެނެޓުގައި ދިރިއުޅުނަސް ދިމާވާނެ. ކައިވެނިކުރާނެ. އަދި އެހެވޭ އިންސިއެއް ކީއްކުރަން ޖިންނިއަކަށްވިޔަސް......ކޮމަން ސެންސް ކަޒްޔާ......." އަރްކާން އެއް އަތް ޖީބަށް ޖަހައިލިއެވެ.
"ޖީބަށް އަތް ޖެހުން.....އަވި އައިނު އެޅުން. މިކަހަލަ ކަންތައް ކުރީމަ ފޮނި ވައްތަރު ޖަހާ...................." ކަޒްޔާ ވިސްނުމެއްގެ ތެރޭ ހުރެ ކިޔައިލިއެވެ. "މަތިމަސް ހުރީމަ ފަހުރުވެރިކަމާ އަނިޔާވެރިކަން އަދި ހިލަ ހިތް ރަމްޒުކޮށްދޭ."
"ފޮނި މީހުން ފޮނިވާނެ. ތިހުރިހާ ކަމެއްވެސް ކުރާނެ. ސްވީޓެސްޓް ލިޓްލް ސިސް........ފޮނި މިޒާޖާއިގެން ދުނިޔެއަށް އައީމަ ދެން ކީއްކުރާނީ............ޑޯންޓް ޓޯކް ޓޫ މަޗް ސްވީޓްހާޓް. ދޮންބެއަށް ލަސްއެބަވޭ....ކޮބާ. މަންމަ ގެންނަން އުޅޭ ޓީޗަރާއި ބައްދަލުވެއްޖެތަ؟ "
"ރޮބޮޓެކޯ މަންމަ ގެންނަނީ. މަންމަ އަހަންނާއި އިންސާނަކު ބައްދަލުކުރުވަން ބޭނުމެއްނޫން..................."
"އަޅާނުލާ. ޖިންނިއެއް ގެނުވާނީ..." އަރްކާން ހިނިގަނޑެއް ޖަހައިލިގޮތުން ހުދު ދަތްތައް ވިދައިލި ފަދައެވެ.
"ޕްލީޒް ޕްލީޒް. އެޓް ލީސްޓް އިންސާނުންނަށްވުރެ ޖިންނިވެސް ރަހުމުކުރާނެ.."
"ދޭ ހޭވް ލެސް އެޕްމަތީ. ބިލީވް މީ. އެކަމަކު....ޑޫ ދޭ ރިއަލީ އެކްޒިސްޓް.............." އަރްކާން އެހިއެވެ.
"އެކަން ގަބޫލުނުކުރަންޏާ ތިއީ މުސްލިމެއްނޫން.." ކަޒްޔާ އަނގަ ހަދައިލިގޮތަށް ކަޅިއަޅައިގަތެވެ. އަދި ގުރުއާނުގައިވާ ޖިންނިސޫރަތުން އާޔަތެއް ކިޔެވިއެވެ. ގިނަފަހަރު އަތްދިގު ގަމީސް ނޫނީ ކޯޓު ފަޓުލޫނުލައިގެން ހުރުމުން ފިލްމުތަކުން ފެންނަ މާތް ހައިބަވަންތަކަން ދައްކުވައިދޭ މީހެއްގެ ގޮތުގައި ފެނެއެވެ. އަބަދު ތާޒާވެލައިގެން ރީތިކޮށް ހެދުން އަޅައިގެން އަދި މީރުވަސް ދުއްވާލައިގެން ރަގަޅު ވަޒީފާއެއްގައި ހުރުމުގެ ސަބަބުން ހިތް އަތުލާފައިވާ މީހުންގެ އަދަދެއްވެސް ނޭގެއެވެ. އަމިއްލަ ނަފުސަށް އިތުބާރުކޮށް އިސް އުފުލާލައިގެން ހިނގުމަށް ޖެހިލުންނުވާފަދަ ފިރިހެނެކެވެ.
ކަޒްޔާ އެތައް އިރެއްވާންދެން އެކަމާއި ވިސްނަން ހުއްޓެވެ. އަރްކާންއާއި އަނާގެ ކައިވެނީގައި ކޮންމެވެސް ކަހަލަ ސިއްރެއް އުޅެއޭ ހިތް ބުނަނީއެވެ. ނޯއާ ޖަލަށް ލިކަން އެނގިފައި އޮތުމާއެކު އެ އާއިލާދެކެ ނޯއާގެ އާއިލާއިން ނަފްރަތުކުރާނެވަރު ތަސައްވަރުކުރެވެއެވެ. އެވަރުގެ ބަޔަކު އެކަމަށް ހުއްދަ ދިން ސަބަބެއް އެއްގޮތަކަށްވެސް ވިސްނައިގަންނާކަށް ނޭގުނެވެ. ބައެއްފަހަރު ހިތުގައި އުފާވެރިކަން ހިނގައިގަނެއެވެ. އެމީހުން އަންނާނެ ބާވައެވެ. ޔަގީނުންވެސް ކައިވެންޏަށް ދެފަރާތުގެ އާއިލާއިން އަންނާނެއެވެ. ނޯއާއާއި އަޒާލިއާވެސް އަނާގެ ކައިވެނީގައި ބައިވެރިވާނެކަން ޔަގީނެވެ. ކަޒްޔާގެ ހިތުތެރޭ އެކިކަހަލަ ޝުއޫރުތައް އެނބުރެމުންގޮސް އެންމެފަހުން ނިންމީ މާފުދީފައި ދެ އާއިލާއިން ގުޅެން ނިންމީ ކަމުގައެވެ. އޭނައަށް "ސަޕްރައިޒް"އެއް ދޭނީ ކަމަށް ވެދާނެއެވެ.
ކަޒްޔާ މުޅި އެރޭ ހޭދަކޮށްލީ އާ ޚަބަރެއް ލިބޭނެކަމުގެ އުއްމީދުގައެވެ.
އެރޭ ޝިފާ ކާން ގެނައުމުން ކައިޝާއަށް ގޮވައިލަދޭން އެދުނެވެ.
ކައިޝާ ހުރީ ނިދަން ލާ ޕިޖާމާގައެވެ. މޭކަޕްތައް ދޮވެފައި ހުރުމުން ތަންކޮޅެއް ތާޒާކަމަށް ދައްކައެވެ. އޭނާ ސޯފާއަށް ދެފައި އަރުވާލައިގެން ކުޝަން އުނގުގައި ބޭއްވިއެވެ.
"އިޔާންއައި ބެހޭގޮތުން އިތުރު ދޮގެއް ހަދަން އޮތީތަ؟" ކައިޝާ ސުވާލުކުރިއެވެ.
"އަހަރެން ދޮގު ހެދުން ހުއްޓާލައިފިން. ކުރިންވެސް ދޮގެއް ހެދިއްޔާ ވައިޓް ލައިސް ކިޔާ ޒާތެއްގެ މީހަކަށް ގެއްލުމެއްނުވާނެ ބަދުނާމު ނުވާނެ ދޮގެއް ހެދީ. ސަމާސާއަކަށްވެސް ދޮގު ބުނުމުގެ ނުބައިކަން ވިސްނުނުފަހުން އުމުރު ދުވަހު ދޮގެއް ނުބުނަން ނިޔަތް ގަނެފިން. އެހެނެއްނޫން. އަނާމެންގެ މެރިޖް ކޮން ދުވަހެއްގައި އޮތީ؟ އެ ފެމިލީ އެންމެން މިކޮޅަށް އަންނާނެތަ؟ ބޮޑު ޕާޓީއެއް ދޯ އޮންނާނީ.." ކަޒްޔާ ފޯރީގައި ގޮސް ކައިޝާގެ ކަކުލުގައި އަތް އަޅާލައިގެން ހުއްޓުނެވެ.
މި ދުވަސްކޮޅު ކައިޝާ ތަންކޮޅެއް ގިނައިން ޒިޔާރަތްކޮށް އާ ޚަބަރުތައްވެސް ގެނެސްދެއެވެ. އޭނަ ބައްޕައަށް ގުޅައިގެން ޝަކުވާ ކުރިކަމުގައިވެސް ބުންޏެވެ. ބައްޕަ އޭނަދެކެ ލޯބިނުވަނީ ކީއްވެހެއްޔޭ ސުވާލުކުރުމުން ބައްޕަ ބުނިކަމުގައިވަނީ ދެކުދިން ދެކެވެސް ލޯބިވަނީ އެއްވަރަކަށް ކަމުގައެވެ. ކަޒްޔާ އޭނަ ޚިޔާރުކުރުމުން އެކަމަކު ގުޅުން ރަގަޅުވީ ކަމުގައެވެ.
"ޑޭޑް އެކަމާ ދެކޮޅު. ޑޭޑް ދޮންބެއަށް ބްރައިޑެއް ހޮވައިފި. ޕްރެޒިޑެންޓްގެ ދަރިފުޅު. އޭނައައި މެރީ ކުރީމަ އަދި ސިޔާސީގޮތުން ޑޭޑްއަށް ފައިދާ ކުރާނެކަމަށް ފެންނަނީ. މަންމަ އެހެންވެ ވަރަށް އެބަ އާދޭސްކުރޭ. މަންމަ ބުނެފި އަނާމެން ކަހަލަ ދީނީ ކުދިންނާއި ދޮންބެ ނުގުޅެއޭ.........." ކައިޝާ ކިޔާދިނެވެ.
"އޯ......" ކަޒްޔާގެ ލޮލުގައިވާ އުއްމީދުގެ ބައްތި ނިވިއްޖެއެވެ.
"އާނ. އެކަމެއް ނުވާނެ. މިގެއަށް އަނާ ގެންނަން ޑޭޑްގެ ހުއްދައެއް ނެތް." ކައިޝާ ތެދުވެއްޖެއެވެ."އެހެން އެއްޗެއް އޮޅުން ފިލުވަން އެބައޮތްތަ؟
ކަޒްޔާ ބޯ ހޫރާލައިފިއެވެ.
***
ކަޒްޔާއަށް ހިތާމައިގެ ކަޅު ވިލާގަނޑެއްގެ ތެރެއިން ބަބްލްސް ދައްކައިލީ އިރު ފަދައިންނެވެ. އެސޮރު ފެނުމާއެކު ރޮމުން ހެމުންގޮސް މޭގައި ޖައްސައިލެވުނުގޮތަށް ކެހެރިގަނޑާއި ކުޅެލަ ކުޅެލާ ހުރެވުނެވެ. ކައިޝާއަށްވެސް ހައިރާންކަމެއް ލިބުނެވެ. ކަޒްޔާއަށް އެކުޑަ އަމަލުންވެސް ލިބުނު އުފާވެރިކަމަކީ އެހެން މީހުންނަށްވެސް އެކަން ފެތުރިގެންފާދަ އުފާވެރިކަމެކެވެ. ކަޒްުޔާގެ ކަޅި ކަރުނައިގެ ތެރޭ ފަތަ ފަތާވިއިރު އެ ރީތި ލޮލުން ކައިޝާއަށްވެސް ހިތްހެޔޮ އަދި ރަގަޅު ކުއްޖަކު ފެނުނެވެ.
"ބުނީމެއްނު..........................."
"އެއީ ދޮގެއް. އަހަރެން މިހާ ފްލަފީ ލޯބި ބުޅަލެއް ކަނޑަކަށް ނުއެއްލާނެ ދޯ...." ކައިޝާ ބުނެލިއެވެ."ސޮރީ. ކަޒްޔާގެ ހަމައެކަނި އުފާކޮޅު ފޭރިގަނެވުނީމަ. އަހަންނަށް އެނގިއްޖެ މި ސްޕެޝަލްވަރު......."
"ތެންކިއު ކައި...ތެންކިއު" ކަޒްޔާ އަނެއް އަތުން ކައިޝާގެ ގައިގާ ބައްދައިލަމުން އިރުގަނޑެއްވާންދެން އެ މޭގައި ފޮރުވުނެވެ. ދެން ދުރަށް ޖެހިލުމަށްފަހު ގޮސް އެނދުގައި އިށީދެ ބަބްލްސްއާއި ވާހަކަދައްކަން ފެށީ ނިކަން ލޯބިންނެވެ.
"ބަބްލްސް ޔާޔާ މަތިން ހަދާންވިތަ؟ ވަރަށް ރުއިން ދޯ....އެމީހުން ގަޑިން ކާން ދިންތަ؟ މިފަށްވެސް އެބައޮތް......" ކަޒްޔާ ބަބްލްސްގެ ހުދު ކެހެރި ގަނޑުގެ ތެރެއިން ފައުޅުވާ ފަށުގައި އަތް ޖައްސައިލިއެވެ. ނޯއާ އެހާވަރުން އޭނަގެ ހިމާޔަތުގެ ދަށަށް ދޫކޮށްލި ބުޅަލާއި މެދު ކަންތައްވީގޮތުން ނޯއާ ދެރަވާނެވަރު އިހުސާސް ކުރެވުނެވެ. ނޯއާ ހާދަ ލޯބިން ގެންގުޅުނު ބުޅަލެކެވެ. އަޒާލިއާވެސް މެއެވެ. ފެންވަރުވާ ކާންދޭ މަންޒަރު ލޮލަށް ފެނިލިއެވެ.
"ޑިއަ ނޯއާ. މިއަދު ދުޢާ އިޖާބަވެއްޖެ. ބަބްލްސް އަލުން ފެނުމަށް އެދު ދުޢާ ކުރަނިކޮށް ކައިޝާ ބަބްލްސް ގެނެސްދީފި. ކަނޑަށް އެއްލަ އިލީއޭ ކިޔާފައި ދޮގުހެދީ. ކައިޝާ ދަސްކުރީ އަހަރެން ގާތުން ކަމަށް ވާނީ...ދޮގުހެދުމަކީ ގޯސްކަމެއްކަން އެނގުނުތާ ކޮން ދުވަހެއް..ބަބްލްސް އޮތީ އިއާންގެ ގޭގައި..ބަބްލްސް ވަރަށް ފްލަފީ.......ނޯއާއާއި ދިމާވުމުގެ ނަސީބު ލިބެން އުޅެފައިވެސް އިމްތިހާނަކަށްވީ. އައި ބިލީވް އައިމް ސްޓްރޯންގް. އަނާވެސް ދޮންބެގެ ވައިފްއަށް ވީއިރުވެސް އަހަރެންނަށް ފެންނަ ގޮތެއްނުވި......ކިހިނެއް މިވަނީ މަގޭ ނަސީބުގައި ގޯހެއް އުޅެނީ؟ އެކަމަކު އެންމެން ލޯބިނުވިޔަސް މާތްﷲ ލަވްސް މީ..އެހެންވީމަ ކޮމްޕްލެއިން އެއް ނުކުރެވޭނެ...އެނގޭތަ؟ މިއުޅެނީ ކޮންމެވެސް ވަރަކަށް ކައި މެންނާއި ގުޅައިގެން. ގެއިން ބޭރަށް ދެވޭނީ ބުރުގާ ނެގީމައޭ. ކައިއާއި ގުޅައިގެން މަންމައަށް އޮޅުވައިލަން އެބަޖެހޭ...............މިއީ އަހަރެންގެ ފެމިލީތަ؟ ކައިޝާއާއި އަރްކާން ބުނީ އަހަންނަކީ މަންމަ ގޮނޑުން ހޮވައިގެން ގެނައި ކުއްޖެކޭ. އެގޮތަށް ގަބޫލުކުރެވެން ފަށައިފި.."
"ޑިއަރ ނޯއާ. މިރޭ ކަރަންޓު ދިޔައީ..ބަބްލްސް އުރާލައިގެން ހުރެ ތަރިތައް ބަލައިލަން ހުރިން. މޯލްޓެން ގޯލްޑް ބާތްސްޓޯން ބްލޫ ސޯލާ ޔެލޯ ކުލައިން ވިދާ ފިޔަޖަހާ ނަށާ ތަރިތައް ފެނުމުން ވަރަށް އުފާވި. ތަރިތައް ހާދަ ރީއްޗޭ. އިޓް ރިމައިންޑްސް މީ އޮފް ޔޫ. ރޭގަނޑުގެ އަނިދިރީގައި ތަރިތަކުގެ ރީތިކަން ފެންނަނީ. އެހެންވީމަ ހަޔާތަށްވެސް އަނދިރިކަން އައީމަ ނޫނީ އެފަދަ ރީތިކަމެއް ނުފެންނާނެ......."
އެކަނި އިނދެ އިނދެ ކަޒްޔާގެ ސިކުނޑީގައި އެމުނޭ ބަސްތައް ޝާއިރީވާން ފެށިއެވެ. އެކަމަކު ބައެއްފަހަރު ހަމަ ޅަ ކަޒްޔާއެވެ. މޮޔަ ވިސްނުމެވެ.
"ނޯއާ ދެރަނުވައްޗޭ..ކޮންމެވެސް ދުވަހަކުން ގަނޑުވަރެއް އަޅާފައި އެގޭގެ ޗާންދަލިޔާގެ ބަދަލުގައި އެކަހަލަ އެކި ތަރިތައް ހަރުކޮށް އެތާ ކިންގަކަށް ނޯއާ ހަދާނަން. އޭރުން ލޭޒީ ނޯއާ ގަނޑު އޮންނާނެ އަރާމު އެނދެއްގައި ވެޑުވިގެން.....ކޮންމެވެސް އެއްޗެއް ކާން...މޭބީ ޗޮކްލެޓް................."
"އައިމް މިސިން ޗޮކްލެޓް ވައިބްސް.."
***
ހަނަފީ އެކަނިމާ އެކަނި އެގޭގައި ދިރިއުޅެމުން ދަނިކޮށް ހަލީމާ މާލެ ދާން ޖެހިގެން އޭނަގެ މަންމަވެސް އެގެއަށް ބަދަލުވެއްޖެއެވެ. ކަޒްޔާގެ ޚަބަރެއް ނުވެގެން އެ މާމަވެސް ހިތާމަކުރުމުގެ ކޮޅެއްނެތެވެ. ކަޒްޔާގެ ވާހަކަ ފަށާއިރަށް ރޫޖެހިފައިވާ އެ ކުޑަ ލޯ ކަރުނުން ބަރާވެއެވެ. ހަނަފީވެސް މިސްކިތަށް ދަމުން ދީނީ އިލްމު ހޯދަން މަސައްކަތްކުރަމުން އޭނަގެ މަންމަގެ ޚިދުމަތުގައި ހުރެއެވެ. ގޭގެ މަސައްކަތާއިގެން އަވަދިނެތި އުޅޭތަންވެސް ފެނެއެވެ.
ވާރޭވެހުނު ދުވަހެއްގައި ނޯއާއަށް ހަނަފީ ފުރާޅު ސާފުކުރަން އެރިތަން ފެނިފައި އެހީވާން ހިތަށް އެރިއެވެ. ވާރެއިން ތެމުމަށް ނަފްރަތުކުރިޔަސް އޭނަ ކަންނެތްކަން ހަދާން ނައްތައިލިއެވެ. ބޯ ޓީޝާޓަކާއި ސޯޓެއްލައިގެން ވާރޭ ކޯޓުލައިގެން އޭނަ ހަރުގަނޑުން އަރަން އުޅުނުތަނާ ކައްސާލައިފިއެވެ. ހަނަފީ ކަންބޮޑުވުމާއެކު އަވަހަށް ފެން ހޮޅިގަނޑު އެއްލާލާފައި ތިރިއަށް އައެވެ. އޭރު ނޯއާ ބިންމަތިން ތެދުވަނީއެވެ.
"ތަދުވެއްޖެތަ؟"
"ނުވޭ އެއްވެސް ކަމެއް...." ނޯއާގެ މޫނަށް ރަތްކުލަ އެރިއެވެ. "އަޅުގަނޑާއިހެދި މަސައްކަތްވެސް ހުއްޓުނީ...މާފު..."
"ނޫން. އެވަރުކަމެއްނޫން. މާފަށް އެދޭނެކަމެއްނެތް. ތާނގީގައި ފެންހުސްވާތީ ހިތަށް އެރީ ފެން ނަގާނީއޭ..ކަޒްޔާ ހުރިނަމަ މިކަހަލަ ކަންތައްތަކާއި ގަޔާވާނެ..." ހަނަފީގެ ތުންފަތް މަތިން ލުއި ހިނިތުންވުމެއް ފެނިލައިފިއެވެ. "އަހަރެން ކަން ނޭގޭ މާފަށް އެދެންޖެހޭނީ. ކަޒްޔާ ކަންތައްކުރިގޮތުން....ބައްޕަ ކިހިނެއް؟ އަދިވެސް........"
"ބައްޕަ ކުރިއަށް ވުރެ ރަނގަޅުކަމަށް ޑޮކްޓަރ ބުނުއްވަނީ...."
"ކަޒްޔާއަކީ މަންމައާއި ބައްޕަކުރެން ބައްޕަ ޚިޔާރުކޮށްގެން އަހަންނާއެކު އުޅެން ބޭނުންވި ރަނގަޅު ދަރިއެއް. އެކުއްޖާގެ ބޯ ދޮވެލަން އެމީހުން ހެދިގޮތެއްވެސް ނޭގޭ.. އަހަރެން އެއްޗެއް ފޮނުވާފައި ކަޒްޔާއާ ވާހަކަ ދައްކަން ބޭނުންވިޔަސް ކައިޝާ ބުނާނީ ފާޚާނާގައޭ. ނޫނީ ސްކޫލްގައޭ. ޓިއުޝަންގައޭ.ކަޒްޔާ ވަރަށް ބަދަލުވެއްޖެ..ވަރަށް ބޮޑަށް. އެހެންވެ މާފަށް މިއެދެނީ. އެންމެ ރަނގަޅުގޮތަކަށް ނޫން ކަންތައްވީ. އަހަންނަށް އެނގޭ ކަޒްޔާގެ ދުލުން ދެއްކި ކަމުގައިވިޔަސް ނޯއާ އާއި ބެހޭގޮތުން ބުނީ ދޮގެއްކަން...." ހަނަފީގެ ކަޅި ނޯއާއާއި ބައްދަލުވީއިރު ދެމީހުންނަށް ނޭގި ނަމަވެސް އެކަކު އަނެކަކާއިމެދު އިތުބާރެއް އުފެދުނެވެ.
"އިޓްސް އޯކޭ. އެކަމުގައި ހަނަފީބެގެ ކުށެއްނެތް. މާފުކުރަން ޖެހޭ އެއްވެސް ކަމެއް އޮތިއްޔާ މާފުކޮށްފިން.."
"ހިނގާ ސައިތަށްޓެއް ބޯލަން.."ހަނަފީ ދައުވަތު ދިނެވެ.
ހަނަފީއާއި ނޯއާގެ ގުޅުން ރަގަޅުވާން ފެށީ އެދުވަހަށް ފަހުގައެވެ. ހަނަފީ ތިން ތަށި ސައިގެނެސް މޭޒުމަތީގައި އެތުރުމަށްފަހު ބިސްކޯދާއި ކުދި ގުޅަ ގެނައެވެ. މާމަ ވަރަށް ސުވާލުކުރިއެވެ. ހަގީގަތް ކިޔާދޭން ހަނަފީ ބޭނުންވިއެވެ. ނޯއާއާއި ކަޒްޔާގެ ކައިވެނި ކުރެވުނު ކަމަށާއި ޅަކުއްޖެއްގެ ކައިވެނި ކުރެވުމަކީ ގާނޫނީ ކުށަކަށްވުމުން އެކަމުގެ ހުކުމް ނޯއާއަށް އިއްވާ ޖަލުގައި ހޭދަކުރިކަމަށެވެ. ކަޒްޔާވެސް އޭނަގެ މަންމައާއި އާއިލާގެ ބަސް ގަބޫލުކޮށްގެން އެމީހުންގެ ދިރިއުޅުމާ ވަކިވީ ކަމުގައެވެ. މާމަގެ ހިތަށް ކުރި އަސަރުން ލޮލުން ފެން އައެވެ. ހަމަ ކުއްލިއަކަށް ނޯއާ މާމަގެ ޚާއްސަ ދަރިއަކަށް ވެއްޖެއެވެ.
"ވީއިރު ތީ މާމަ ދަރިއެއްތާ..ކުރިން މާމައަށް އެކަމެއް ނޭގުނު. ކޮންމެ ދުވަހަކު އަންނަންވާނެ އިނގޭ. ކަޒްޔާ ނެތީމަ ގެ ވަރަށް ފަޅު. ހަލީމާގެ ކުދިންވެސް މާލެ ގޮސްފި...ހަލީމާވެސް ދާން ނުދާން ހުރެފައި ސާފިއާ ކިޔާވަރުން އެ ދިޔައީ. މާމަމެން ވަރަށް އެކަނިވެރި....ހަނަފީ އަމިއްލައަށް ކައްކާ ގެ ސާފުކޮށް ހުރިހާ ކަމެއް ކުރަނީ. މާމަވެސް ހުޅުތަކުގައި ރިއްސާވަރުން އަތް ފައި ހަލުވައިނުލެވޭ. ހަނަފީފަދަ ފިރިހެން ދަރިއެއް ލިބުނު މަޔަކަށް ނަސީބު ހުރި......." ބައެއް ދަތްތައް ވެރި އެ ހީލުމުގައި ކުޑަކުއްޖެއްގެ މައުސޫމްކަން ހުއްޓެވެ. ރޫޖެހިފައިވިޔަސް ލޮލަކީ ކަޒްޔާފަދަ ކުޑަކުއްޖެއްގެ ލޮލެވެ. ކަޒްޔާއަށް ރީތި ދެލޯ ލިބުނީ މާމަގެ ފަރާތުންކަން ނޯއާއަށް ވިސްނުނެވެ.
ނޯއާ އޭނަގެ މަންމައާއިމެދު ވިސްނައިލިއެވެ.
އޭނަގެ މަންމަވެސް ދެކޭނީ އެހެން ހެއްޔެވެ؟ ނޫނީ މަންމައަށް ނޭގިވެސް ތަކުލީފި ޖެއްސޭހެއްޔެވެ؟
"އަދިވެސް ކޮއިފުޅު ނަމެއް ނުބުނަމެއްނު..." މާމަ ނޯއާ ދަސްކުރަން މަސައްކަތްކުރަނީއެވެ.
"ނޯއާ..."
"ނޫހުތަ؟ ރީތި ނަމެއް..." މާމަ ވާހަކަދައްކަނިކޮށް ފާރު ކައިރިން ބުޅަލެއް ގޮވައިލި އަޑު އިވުނެވެ. ހަނަފީ އަވަހަށް ތެދުވެގެންގޮސް ބަތްކޮޅެއް މޮޑެލާފައި މާމައަތަށް ދިނެވެ.
"އެ ބުޅާ ގަޑިއަށް ކާން އަންނާނެ..މާމަ ފެނުނީމަ އުފަލުން ހަށްޓަކު ހޭ ނުހުރޭ. މާމަގެ ފައިގާ އޮޅުލައިގަންނާނެ..ކާންދޭ މީހާ އެސޮރުމެންވެސް ދަނޭ." މާމަ ހިނިއައިސްފަ ހުރެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. ހީވީ ދުނިޔޭގެ ހުރިހާ އުފާތައް މާމަގެ ފަސްބަޔަށް އެޅުނުހެންނެވެ. އެފަދަ އުފާވެރިކަމުގެ ވިދުވަރެއް އެލޮލުން ފެނުނެވެ. ހަނަފީ ދިރޭ ތަކެއްޗަށް އިހުސާންތެރި ވުމާއި ބެހޭގޮތުން ދެއްކި ވާހަކަތަކުން ނޯއާ ހަދާންވީ ބައްޕަގެ ދަރުސްތަކެވެ. ކޮންމެ ރެއަކު ކެއުމަށްފަހު ހޭދަކުރި އުފާވެރި އާއިލީ ވަގުތުތަކެވެ. އާއިލާގެ ބޯމަތިން ނެގި ބޯ ވިލާގަނޑުގެ ގަދަ ތޫފާނުގައި ޖެހި އެ އާއިލާއަށް ދިމާވި މުސީބާތްތަކުން އުފާވެރިކަން ވިއްސި ވިހާލި ދިރިއުޅުން ބަރުބާރުވެއްޖެއެވެ.
ނޯއާއަށް އެގޭތެރެއިން ފެނުނު ކޮންމެ މަންޒަރެއްވެސް ގަޔާވި ކަމަކަށްވިއެވެ. އެހެން ދުވަހު އެހެން ތަންތަނުން ފެނުނު މަންޒަރުތައްވެސް މިއަދު އޭނަ ދެކުނީ އެހެން ލޮލަކުންނެވެ. ކުދި ކުދި ކަންތަކުންވެސް އިންސާނުންނަށް ލިބޭ އުފަލާއި ހަމަޖެހުން އަދި ގުޅުންތަކާއިމެދުވެސް ވިސްނުނެވެ.
ސަޔަށްފަހު ހަނަފީ މޭޒުމަތިން ތަށިތައް ނަގަން ފެށުމުން ނޯއާ ލަދުގަތެވެ. އޭނަ ސައިބުއި ޖޯޑު ދޮންނަން އުޅުމުން މަނާކުރިއެވެ.
"ތަށިތައް ސިންކަށް ލާފައި ރޭގަނޑު ކެއުމަށްފަހު ތަށި ދޮވުމުގެ މަސައްކަތް އޮންނާނީ. އެވެސް ބޮލުގެ ބުރަދަން ލުއިވާކަމެއް..ޔަގީނުންވެސް އެ މަސައްކަތުގައި އުޅުނީމަ ޚިޔާލުތަކުން މިންޖުވެވޭ.."
ނޯއާ ހިނިތުންވެލީ ހަނަފީ ފަހުން ބުނެލި ޖުމްލަ އިވިފައެވެ. އަދިވެސް ހަނަފީ ދެކެނީ އޭނައަކީ ދަރިއެއް ކަމުގައެވެ. ގޮވައިލި ރާގުގައި މަޑުމައިތިރިކަމާއެކު ކުލުނު ހުއްޓެވެ. "އެކަމަކު ޒިކުރުކުރުމަށްވުރެ ހިތަށް ހަމަޖެހުން ލިބޭނެ އެހެން ކަމެއް ނޯންނާނެ ނޯއާ ދަރިފުޅާ...."
ނޯއާ ގެއަށް ވަނީ އިޝާކޮށްލައިގެންނެވެ. އޭރު ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ގެއަށް ނުވަދެވެނީސް ގޭތެރޭގައި ހަގުރާމައެއް ފެށިގެން އުޅޭކަމުގެ އަޑު އިވުނެވެ. ބޮޑުދައިތަ ހީނާގެ ލޮލުން ދައްކައިލި އަލިފާނުގެ ކުލަވަރުން ނޯއާއަށް ސިހުމެއް ލިބުނެވެ. ވެގެން އުޅެނީ ކީއްބާވައޭވެސް ހިތަށް އެރިއެވެ.
ނުނިމޭ