އިމާމް އިބްން ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ." ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދުކޮށް ޝުކުރުކުރާ މީހާއަށް ހުރިހާ ހެޔޮކަމެއް ލިބޭނެއެވެ. އަދި އިސްތިޣުފާރުކުރުން މަތީ ދެމިހުރެއްޖެ މީހާއަށް ބަންދުވާހާ ދޮރެއް ހުޅުވާ ދެއްވާނެއެވެ."

***

"އަނާ ފޮގިވް މީ..." އަރްކާންގެ އެންމެ ޖުމްލައަކުން އޭނަ ކުރި ކުށަށް އިއުތިރާފްވީކަން އެނގުމުން އަނާގެ ލޮލުން ރުޅިވެރިކަން ފައުޅުވިއެވެ. އެލޮލުގައި އަރްކާންއަށްޓަކާ އެއްވެސް ކަހަލަ ލޯތްބެއް ހަމްދަރުދީއެއް ނެތެވެ.

"ގިޔާމަތް ދުވަހުންވެސް މާފު ނުދޭނަން. އިންސާފު ބޭނުމީ....."

"ކިހިނެއް އެހެން މީހަކާއި މެރީކުރެވުނީ؟ އަހަރެން ވަރިނުކުރަމެއްނު...." އަރްކާން ޔާސީންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. މުށިކުލައިގެ ފަން އިސްތަށިކޮޅަކާއި ދޮން ކަމުންގޮސް ފިޔާތޮށިކުލަ އަރާފައިވާ ހަންގަނޑެކެވެ.

"އެކްސްކިއުޒް މީ މިސްޓަރ.....ލީވް ހާރ އެލޯން އޯކޭ....އެކަނިމާ އެކަނި ހުރި އަންހެންކުއްޖެއް ފެންނައިރަށް ދިމާކޮށް އުދަގޫކުރާކަށް ނުޖެހޭ..." ދަންނަ އަޑެއް އިވުމުން އަރްކާން އެނބުރި ބަލައިލީ ޖިންސްގެ ޖީބަށް އަތްޖަހައިލަމުންނެވެ. ނޯއާގެ މޫނުގައި ހުރި ސީރިޔަސްކަމަކާއި އެކު ޝަޚުސްގެ ވަރުގަދަކަން އަރްކާން ޖެހިލުންކުރުވިއެވެ.

"އަހަރެން ވާހަކަ ދައްކައިލީ. އަނާއަކީ ދުރުމީހެއްނޫން. މަގޭ ވައިފް.." އަރްކާން އަޑަށް ސާބިތުކަން ގެންނަން މަސައްކަތްކުރިއެވެ.

"އަނާ ދުރަށް ދާން ޖެހުނު ސަބަބު އަމިއްލަ ނަފުސާއި ސުވާލުކޮށްފައި ވާހަކަދެއްކިއްޔާ ރަގަޅުވާނީ. "ނޯއާ އިތުރު ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. ހިމާޔަތްދޭ ފަދަގޮތަކަށް އަނާ ގަޔަށް ލަފާލައިގެން ހުރެ ދާން ހިނގައިގަތެވެ. އަރްކާންއަށް ހުއްޓުވަން ބުނާނެ އެއްވެސް އެއްޗެއް ނޭގުނެވެ. އަނާ އެހާ ފަސޭހައިން އަތުން ބީވިޔަދީގެން ދޭކަށް ބޭނުމެއް ނޫނެވެ. ޒޭވިއާ އެހާވަރުން އަނާ ރަށަށް ގެނައީވެސް އަރްކާންގެ ފަރާތުން ބަދަލުހިފަން ފުރުސަތު ދޭނެކަމަށް ބުނެ އޮޅުވާލާފައެވެ. އަރްކާންއާއި ޒޭވިއާގެ އޮންނަ ގާތް ގުޅުން ނޭގިހުރެ އަނާ ޒޭވިއާގެ ބަހަށް ހެއްލުނެވެ. އިތުބާރުކުރިއެވެ. އަރްކާން ޖެހޭނީ ޒޭވިއާ މަގު ކޮށާދިނުމުން އެމަގުން ކުރިއަށްގޮސް އޭނަގެ މަގުސަދު ހާސިލުކުރުމަށެވެ. އޭނަގެ ފަރާތުން ސަލާމަތްވެއްޖެ ކަމަށް އަނާ ހީކުރިއްޔާ އެއީ ކުށްހީއެކެވެ. ޔަހްޔާ މަގުން އެއްފަރާތްކޮށްލި މީހަކަށް ކުރަން ނުކެރޭނީ ކޮންކަމެއް ހެއްޔެވެ؟

***

އަޒާލިއާ އަވަށްޓެރި ގޭގެ ދޮރުގައި ބެލްޖެހިއިރު ހިތް ޑަންޑަންލާފައި ތެޅި މޫނުމަތިން ދާތިކިތިއް ހިލިގަތެވެ. ކަޒްޔާ ކަމުގެ އުއްމީދާއެކު އައިއިރު ހުރެވުނީ ދެ ފިކުރެއްގައެވެ. ކަޒްޔާއަށް ވެއްޖެއްޔާ ކުރާނެ ސުވާލުތައް ބައިވަރެވެ. ނުވެއްޖެއްޔާ މާޔޫސްކަމާއި ބޭގަރާރުކަން އޭނަގެ ހިތަށް ތަދުކުރުވާނެއެވެ. އޭނަ ދެއަތް އުފުލާލާފައި ދުޢާކުރިއެވެ. މާ ޒަމާންވެއްޖެއެވެ. ކަޒްޔާއާއިއެކު ހޭދަކުރެވުނު މަޖާ ފިކުރެއްނެތް ދުވަސްތައް އަލުން އިއާދަވެއްޖެއްޔާ އޭނަގެ ދިރިއުޅުމަށް ބަހާރު އަލުން އަތުވެދާނެއެވެ.

ދޮރު ހުޅުވައިލި ކުއްޖާ ހުރީ މޫނުގައި މާސްކު އަޅާ ބޮޑު އައިނަކުން ލޯ ފޮރުވައިގެންނެވެ.

"ލޫލޫ....." ކަޒްޔާގެ ދުލުން ފުރަތަމަ ނުކުތް ލަފުޒަކީ އެއީއެވެ.

ދެވަނަ ސިކުންތުކޮޅުގައި ފުންމައިގެން އައިގޮތަށް އަޒާލިއާގެ ގައިގާ ބައްދައިގަތްލެއް ބާރުކަމުން އޭނަވެސް ސިހުނެވެ. ބައްދައިގަތްގޮތަށް ދޫނުކޮށް ހިފަހައްޓައިގެން ހުރެ ކަޒްޔާ ރޮމުން ދިޔައެވެ. އަޒާލިއާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ.

"ލޫލޫ އައި މިސްޑް ޔޫ......މަޗް.."

"މީޓޫ...އެކަމަކު......ކީއްވެ މިގޭގައި؟ ކިހިނެއް މިރަށަށް އައީ؟" އަޒާލިއާ އޭނަގެ މޫނުގައިވާ މާސްކު ނައްޓާލައިފިއެވެ. ކަޒްޔާވެސް މޫނުގައިވާ ސްކާފް ނެގިއެވެ. އަދި އަޒާލިއާގެ އަތުގައި ހިފާ އެތެރެއަށް ވައްދާފައި ދޮރު ތަޅުލިއެވެ. އަދި ގެންގޮސް ސޯފާގައި ބޭންދިއެވެ.

"ލޫލޫވެސް އަހަރެން ހުރިތަން ހޯދީ ކިހިނެއް؟" ކަޒްޔާވެސް ކުރީ ސުވާލެކެވެ. އަޒާލިއާ އޭނައަށް ކަޒްޔާ ފެނުމުން ޝައްކުވިގޮތާއި މަގުގެ އަނެއްފަޅީގައި ހުރި ބޮޑުގޭގައި ދިރިއުޅެނީ އޭނަ ކަމުގައި ބުނުމުން ކަޒްޔާ ކަރުނަތައް ފޮހެލިއެވެ. އަދި އޭނަގެ ދިރިއުޅުމުގެ ފަސާނާ އަޒާލިއާއަށް ކިޔާދޭންފެށިއެވެ. އޭނައަށް މަޖުބޫރުކުރުވިގޮތާއި އޭނަ މިއަދާއި ހަމަޔަށްވެސް ނޯއާއަށްޓަކާ ތެދުވެރި ވަފާތެރި އަންބެއްގެ ގޮތުގައި ހުރިކަމަށާއި އަމަންއަށް ހުރިހާ ހަގީގަތެއް ކިޔާދިނުމުން އަމަން އޭނަގެ ރޭވުމުގައި ބައިވެރިވީކަމުގައި ބުނެލިއެވެ. ދެކުދިން އެކަކު އަނެކަކާއި ނުލާ އުޅުނު ފަސްއަހަރު ހިއްސާކުރީ ކަރުނައާއި އެކު ހެމުންނެވެ.

"ލޫލޫ. އެކަމަކު އެއްގޮތަކަށްވެސް އަދި ނޯއާއަށްވެސް އަހަރެން ހުރިތަނެއް އެނގިގެން ނުވާނެ. ޔަހްޔާ މަރައިލަން އަރްކާން ޖެހިލުމެއްނުވަންޏާ ނޯއާއަށްވެސް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ. އަހަރެން ގެއްލުމުން އެހިސާބުން ނިމުނީނު.. އަމަން ބުނީ ތިމަންނަ ބުނާނަމޭ ކޯރަށް ވެއްޓި ގެއްލުނީއޭ... އެކަމަކު އަދި ތަންކޮޅެއް ފަހުން އެބައި ޕްލޭންކުރާނީ. މިހާރު ހަނީމޫންގައި ކަމަށް ފެމިލީ ހީކުރާނީ..ވަރަށް ސަފަރކޮށްފިން. އެހެން ކޮޓަރީގައި އިނދެ ޑިޕްރެޝަންއަށް ގޮސްގެން ކައުންސެލިން ދޭ ހިސާބަށް ދިޔަ. އެކަމަކު ކައުންސެލިންއަކުން ނޫން ރަގަޅުވީ. ބޭސްވެސް ފޮރުވާފައި ބެހެއްޓީ. ހަމައެކަނި ނަމާދާއި ގުރުއާނުން ހިތްހަމަޖެހުން ހޯދީ. ދެން ކެލިގްރާފީގެ ތެރެއަށް ވަދެވުމުން އަބަދު ކުރާހިތްވި ކަމަކީ އެއީ. އެޑިކްޓްވި. އަބަދުހެން ވިސްނުނީ އާޔަތްތަކާއިމެދުގައި. އެއިން ކޮންމެ އާޔަތެއްގެ މާނަ އެހާ ރީތިވެފައި އިބުރަތްތެރި. އެއީ މާތްﷲގެ ވަހީބަސްފުޅުކަން ހިތަށް އަރާފައި ބުނަން ނޭގޭފަދަ އަސަރުތަކެއް ކުރުވާ........." ކަޒްޔާ ކިޔާދެމުން ދިޔައެވެ.

"ހަމަހިމޭން ރޭތަކުގައި އެކަނިމާ އެކަނި ކޮޓަރީގައި އިނދެ އެބަސްފުޅުތައް ލިޔާއިރު ރޮވޭ ވަގުތުވެސް އާދޭ..."

"އަލްހަމްދުލިﷲ..ޔާޔާ ކޮންފަދަ ޑިވައިން މަސައްކަތެއް ތިކުރަނީ؟ ކެލިގްރާފީގެ ތެރެއިންވެސް އެންމެ ރީތި މަސައްކަތް. މިކަމުން އާމްދަނީވެސް ހޯދޭނެ. އަހަރެން ގެއެއް އެޅި ދުވަހަކުން ހުރިހާ ރޫމެއްގައި ބަހައްޓަން ޔާޔާގެ ވޯކް ގަންނާނީ..." އަޒާލިއާ ކަޒްޔާގެ އަތުގައި ހިފެހެއްޓިއެވެ." އެހެންވެ މިހާ ހިމަ ހޯލި އާޓިސްޓިކް ހޭންޑެއް ލިބުނީ..... ﷲގެ ނަންފުޅު ލިޔުމަށް ޚާއްސަކުރެވުނު އަތެއްގައި ބަރަކާތް ލައްވާށި....."

"އާމީން.......ތެންކިއު ލޫލޫ. އެކަމަކު އިންސްޕަޔާ ކުރުވީ ކާކު؟ ލޫލޫ ބުނަމެއްނު މާ ބޮޑަށް ތައުރީފުވެސް ކުރާކަށް ނުވާނެއޭ ފޮނިވެދާނެއޭ. އަހަރެންގެ މަސައްކަތުގައި ބަރަކާތް ލައްވާނެކަމަށް ގަބޫލުކުރަން އެހެންވެ ޓާކީއަށް ގޮއްސަ ވިއްކަން އުޅުނިން. އެކަމަކު އެ މީހުންނަށް ކަމަކު ނުދިޔަ.މޮޅު ކެލިގްރާފީއިންނާއި ވާދައެއް ނުކުރެވޭނެތާ. އެކަމަކު ދުވަހަކު މިކަމުން އެންމެ ފައިސާ ފޮތްޗެއް ނުލިބުނަސް މިނޫން މަސައްކަތެއް ކުރާ ހިތެއްނުވޭ. ހަމައެކަނި ﷲގެ ފަރާތުން ދަރުމައާއި ސަވާބު އެދިގެން މަސައްކަތް ކުރަން ނިންމީ.......އެޓްލީސްޓް އެއަށް ބަލާފައި އަމިއްލައަށް އުފާވަންޏާ އެނިމުނީ......"

"އަހަންނަށް ދައްކަފާނަންތަ؟"

"ޝުއަރ ލަވް....."

އަޒާލިއާއަށް ކެލިގްރާފީ ފްރޭމްތައް ފެނިގެން މޮޔަވާވަރުވިއެވެ. ކޮންމެ ފްރޭމެއް ނަގާފައި މޫނުގައި ޖެއްސިއެވެ. އެވަރުކަމެއް އަޒާލިއާއަށް ފެނުނުކަމަކަށް ނުވިއެވެ. އަޒާލިއާ ދެކުނުގޮތުގައި ދުނިޔޭގެ އެންމެ ރީތި އެންމެ ހުނަރުވެރި މަސައްކަތަކީ އެއީއެވެ. ކެލިގްރާފީއަށް އޭނަގެ ހިތްވެސް ޝައުގުވެރިވިއެވެ. ނަމަވެސް އޭނައަކީ ކަޒްޔާފަދައިން ކުރެހުންތެރިއެއް ނޫނެވެ. އެގޮތަށް ފިހިން ކުލަޖައްސާ އެގޮތަށް އަކުރު އެޅުމުގެ ހުނަރެއް ހުންނާނެކަމުގައި ގަބޫލެއް ނުކުރެވުނެވެ. އޭނަ އަޖައިބުވެ ހައިރާންވާހާ އެ މަސައްކަތް ފުރިހަމައެވެ.

"ޒޭވިއާ ސުވާލެއް ނުކުރާނެތަ؟"

"ކޮންތާކުން ހެއްޔޭ އަހާފާނެ. އޭރުން ބުނާނެ ނެއިބާސްއިންނާއި ފްރެންޑު ވީއޭ.ކޮންކަހަލަ އިއްތިފާގެއްމީ. ދުނިޔޭގެ ކުޑަކަން މިއެނގުނީ. އެހެނެއްވެސް ނޫން. ޖެހިގެން ތިއްބަސް ނޭގި ހިގައިދާނެ. ﷲ ސުބުހާނަހޫ ވަތައާލާ ބްރޯޓް އަސް ޓުގެދާ..ކޮންމެ ކަމަކަށް ކުޅަދުންވަންތަ ހިކުމަތްތެރި ފަރާތް. އެކީގައި ހިނގައިލާން ދާންވާނެ. އައިސްކްރީމް ބޯންގޮސް. ވީ ޝުޑް އެންޖޯއި ދޯ..."

އަޒާލިއާއަށް ޒޭވިއާގެ ފަރާތުން އެނގުނު ކަންތައް ކިޔާދޭކަށް ނުކެރުނެވެ. ޖެހިލުންވީއެވެ. އެއީ ހަރާމްކަމެއްކަމުގައި ވެދާނެއެވެ. ފިރިމީހާގެ ސިއްރުތައް ފޮރުވަންވާނެތާއެވެ. ނޫނެކެވެ. އެކަމަކު ދެ އަންބަށް މީހަކާއި އިނުން އެއީ ސިއްރުކުރަން ޖެހޭ ކަމެއް ނޫނެވެ. އޭނަ ކަޒްޔާގެ ގާތުގައި އެ ވާހަކަ ހިއްސާކުރާނީއެވެ. ހިތަށް ހަމަޖެހުމެއް ލިބިދާނެކަން ނޭގެއެވެ. ނަމަވެސް މިއަދުގެ ގިނަ ވަގުތުތައް ދިޔައީ ބޮޑަށް ކަޒްޔާގެ މާޒީގެ ވާހަކައިގައެވެ.

***

ކަޒްޔާއާއި އަޒާލިއާ އެކީގައި އެހިސާބުގައި ހިނގައިލަން ދިޔުމާއި ކޯރުގައި އުޅޭ ސްވޭންތަކަށް ކާންދިނުންފަދަ ކަންތައް ކުރާއިރު ހަދާންވަނީ މާޒީއެވެ. ފުރާވަރުގެ ކުރީކޮޅުގެ ދުވަސްތަކެވެ. ފިކުރެއް ޚިޔާލެއްނެތި ހީހީފައި އަތުގައި ހިފައިގެން ހިނގަމުން ދިޔައީ މޫސުންގެ ރީތިކަމުން ހިތް އުފާކުރަމުންނެވެ. ވާހަކަދައްކަމުންގޮސް ފެހި ވިނަގަނޑުމަތީގައި ކުއިލްޓް ފަތުރާލައިގެން ކުޑަ ޕިކްނިކެއް ހެދިއެވެ. ކާތަކެތި އެތުރުމުންވެސް ހަދާންވީ ރަށާއި ބީޗެވެ. ހިތާމައަކީ ބައެއް ބައިވެރިން މަދުކެމެވެ.

އަޒާލިއާ ޒޭވިއާގެ އެހެން އަންބަކު ހުންނަކަމަށް ބުނުމުން ކަޒްޔާއަށް ޝޮކެއްލިބުނެވެ.

"އަސްލުވެސް ޒޭވިއާދެކެ ލޯބިވާން ފެށީތަ؟"

"ވަރަށް ބޮޑަށް. މިހާރު ލޯބީގެ ވާހަކަ ދައްކަން ލަދުގަންނަވަރަށް ވުރެ އުމުރުން ބޮޑެއްނު............"

"ޒޭވިއާ ގާތު އަހާ. އޭނަ ދެން ކޮބާތަ؟ފޮރުވައިގެން ގެންގުޅެނީކަމަށް ވާނީ. ޑަބަލް ލައިފް އުޅޭ މީހަކަށް ތިވީ. އެކަމަކު ދެރަނުވައްޗޭ. ކޮންމެ ކަމެއްވާނީ ރަގަޅަށޭ ލޫލޫވެސް ބުނަމެއްނު. އަނެއްކާ ތިގޭގައި ޚާދިމާއެކޭ ކިޔާފައި އުޅެނީ އޭނަކަމަށް ވެދާނެއްނު...ފޮޓޯއާއި ތި މެއިޑް ވައްތަރުތަ؟އޭނަ ލޫލޫ މަރާލަން މީހެއްގެ ގާތު ބުނީކަމަށް ނުވާނެތަ؟ ކާރުން ޖައްސަން އައީ.......ޔޫ ޝުޑް ބީ ކެއަރފުލް. އެންމެ ކުރިން ތި މެއިޑްގެ ހަގީގަތް ބަލަން ވެއްޖެއްނު. ދެން އޭނަ ކައްކާފައި ދެނީ؟ ޕޮއިޒަން ނުލާނެތަ؟"

"އަސްތަޣުފިރުﷲ. ޔާޔާ ތިބުނީ ހަމަ ރަގަޅަށް. ދެން ގެއިން ނުކާނަން..."

"ކޮންމެ ފަހަރަކު މިގެއަށް ކާން އާދޭ..." ކަޒްޔާ ބުނެލިއެވެ." ތި މެއިޑް އިންވެސްޓިގޭޓްކުރަން މިހާރު ޖެހުނީ..."

"ކޮވިޑާއިހެދި މާސްކާއި މޫނު ފޮރުވޭކަން ނަސީބެއް ދޯ. ޔާޔާއާއި ދިމާވިކަމީވެސް ނަސީބެއް. ﷲއަށް ޝުކުރުހުރި. ވާހަކަ ދައްކައިލުމުން ސިކުނޑި އެއްކޮށް ލުއިވެއްޖެ. ކުރިން ހީވީ ޓަނެއްގެ ބްރިކްސް ބޮލުތެރެއަށް ލައިގެން އުޅެވުނުހެން...." އަޒާލިއާ މާސްކު ނައްޓާލުމަށްފަހު ކާންފެށިއެވެ.

"މާދަންވެސް އަންނަންވާނެ ދޯ..."

ކަޒްޔާ ވައުދުވިއެވެ.

 

***

ހެނދުނު ކޮފީ ހިފައިގެން މެއިޑް އައުމުން އަޒާލިއާ ގެ ހިތް ޝައްކުން ފުރިގެން ދިޔައީ ކަޒްޔާގެ ވާހަކަތައް ހަނދާނަށް ވެރިވުމުންނެވެ. ޒަހަރުލައިގެން ގެނައީ ބާވައެވެ.

"ތެންކިއު....." އަޒާލިއާ ކޮފީތަށި އަތުލައިގެން ގަސްތަކުގެ ތެރެއަށް ވަންނާން ހިނގައިގަތެވެ. އަޒާލިއާ ފަހަތަށް އެނބުރި ނުބެލިކަމުގައިވިޔަސް އެ އަންހެންކުއްޖާ ފެންޑާގައި އޭނަގެ ހަރަކާތްތަކަށް ފާރަލައިގެން ހުރިކަން ދެނެގަނެވި ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ވީއިރު މިއީ ޔަގީނުންވެސް ނުރައްކާތެރި އަންހެނެކެވެ. ގަހުގެ ނިވަލަށް ވަދެފައި އަޒާލިއާ ކޮފީތަށި ވިނަގަނޑުގެ ތެރެއަށް އޮއްސާލައިފިއެވެ. "ޔާޔާގެ ސަބަބުން އަހަރެން ޕެރެނޮއިޑްވީތަ؟ މީހުންނާއިމެދު ޝައްކުކުރަން ހެޔޮނުވާނެ. އެ އަންހެނާއަކީ ހަގީގަތުގައި ޒޭވިއާގެ އަންހެނުންތަ؟ ގޯޝް. އިޓްސް ސޯ ފަނީ. ދެން ޒޭވިއާގެ މެއިޑް އޭނަގެ އަންހެނުންނަށް ވެއްޖެއްޔާ. ހޫމް ޒޭވިއާ އާންޓްދެކެ ގަންނަ ބިރެއްގެ ސަބަބުން އާންޓްއަށްވެސް ސިއްރުކޮށްގެން އެހެރީ. އެނޫން ސަބަބެއް އޮވެގެން ނުވާނެއްނު. އަހަރެން އޭނަ ގާތު އެއްވެސް މީހަކަށް ނުވަންޏާ ކޮންމެހެން އަހަރެން ދެކެ ބިރުން ވައިފް ފޮރުވައިގެން ނުގެންގުޅޭނެ. ސަމްތިން އިޒް ފިޝީ ހިއަ. މިކަން ތަހުގީގުކުރަން އެބަޖެހޭ..މި މެއިޑަށް ފާރަލާންވީ. އަހަރެން ރޫމަށް ވަނީމަ މަތީބަޔަށް ދަނީ ކަމަށްވާނީ..."

***

އަމަން އިރުގަނޑެއްވާންދެން ކަޒްޔާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ކަޒްޔާ ކެލިގްރާފީގެ މަސައްކަތްކުރަނީ ނިކަން ޝައުގުވެރިކަމާއެކު އެއްވެސް ފޫހިކަމެއް ނެތިއެވެ. ހަޝްރު ސޫރަތުގެ އެންމެ ފަހު ތިން އާޔަތް ރީދޫގައި ކަޅުން ލިޔެފައިވާލެއް ރީތިކަމާއި އޭގެ މާނައިގެ ފުރިހަކަމަކުން އަމަންގެ ހިތަށްވެސް އަސަރުކުރުވިއެވެ.

"هو الله الذي لا إله إلا هو عالم الغيب والشهادة هو الرحمن الرحيم. هو الله الذي لا إله إلا هو الملك القدوس السلام المؤمن المهيمن العزيز الجبار المتكبر سبحان الله عما يشركون. هو الله الخالق البارئ المصور له الأسماء الحسنى يسبح له ما في السماوات والأرض وهو العزيز الحكيم"

އަމަން ވިސްނަމުން ދިޔައީ ހަދަންވީގޮތެކެވެ.

ކަޒްޔާފަދަ އަންބަކީ ހަމަ ޖަވާހިރެކެވެ. މިފަދަ ކުއްޖެއް ގެއްލިއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ.

އޭނަގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ.

***

ގޭގައި އުޅޭ"މެއިޑް" ޒޭވިއާގެ ކޮޓަރިއަށް ގޮސްދާނެކަމަށް ފާރަލާ ހުރެވުނެވެ. ހަޔެއް ޖަހާ އެހާކަށް ހާއިރު އެ ކުއްޖާ ގެއިން ނުކުމެގެން ދިޔަތަން ފެނި ފަހަތުން ދާން ޚިޔާލުކޮށްފައިވެސް ކަޒްޔާގެ އިރުޝާދު އަޑުއެހިއެވެ. ފަހަތުން ދިޔުމަކީ ބޭކާރުކަމެކެވެ. އިރުއޮއްސި ބިންގަނޑަށް އަނދިރިކަން ވެރިވާން ފެށުމުން އަޒާލިއާ ގެއަށް ވަނެވެ. ސިޑިން އަރައިގެން ދިޔައިރު އެތެރެހަށްޓަށް ފިނިވެ އިރުއިރުކޮޅާ ފުންނޭވާތައް ލެވުނެވެ. ޒޭވިއާއާއި ކުރިމަތިލާ ކުރަން ވީ ކޮން ސުވާލެއް ހެއްޔެވެ؟ސީދާ އަހައިލުމުން އިތުރު ދޮގާއި އޮޅުވައިލުންތަކަށް ނުގޮސް ދެމީހުންގެ ސުވާލުތަކުގެ ޖަވާބު ލިބިދާނެއެވެ.

ދޮރުގެ ތަޅުގައި ހިފާލުމާއެކު ދޮރު ހުޅުވުނެވެ.

ޒޭވިއާ ހެވީމެޓަލް ލަވައެއް ޖައްސާލައިގެން ލެޕް ހުޅުވާލައިގެން މަސައްކަތެއްގައެވެ. އަޒާލިއާ ފެނުމާއެކު ލެޕް ލައްޕާލާފައި އައިގޮތަށް އަޒާލިއާ ފާރުގައި ޖައްސައިލިއިރު ރުޅިވެރިކަމުން ލޮލުން އަލިފާންކަނިވެސް ބުރައިލިހެން ހީވިއެވެ.

"އަހަރެން ނުބުނަންތަ ނާރާށޭ؟ މައްޗަށް ނާންނާށޭ، ކީއްކުރަންހޭ އައީ؟" ޒޭވިއާ ހަޅޭއްލަވައިގަތްގޮތަށް ގޮށްމުށުގެ އެތިފަހަރެއް ބޭލިގޮތުން އޭނަގެ ބޯވެސް ގުޑައިލިއެވެ.ފާރާއެކު ކަންފަތްވެސް ގުގުމައިލި އަޑު ކަންފަތުގައި އިރުކޮޅެއްވާންދެން ހަރުލާފައިވިއެވެ. އޭނަގެ ނޭވާގައިވަނީ ސިގްރެޓްވަހާއި ކޮފީވަސް އެކުވެފައެވެ. ހޫނު ނޭވާތައް އަޒާލިއާގެ މޫނަށް އެޅެމުން ދިޔައެވެ. އެލޮލުގެ ރީތިކަން އަޒާލިއާއަށް މިހާ ކައިރިން ފެނުމުން މުޅި ކުއްޖާ ފިނިވެގެން ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ލޯބިވާވަރަށް ބިރުވެސް ގަނެއެވެ.

"އައި ވޯންޓް އާންސާސް...." އަޒާލިއާ ހިތްވަރުކޮށްލާފައި ކަރުކެހިލިއެވެ.

"ކޮންކަމެއް އެނގެން ބޭނުންވަނީ؟ އަޒާލިއާ. އަހަރެންގެ ބޮލަށް އެރިގެން ސިކުނޑި ގޮއްވާލާފައި އަދިވެސް މޮޔަކުރަން ތިއުޅެނީ؟ ކޮންކަމެއް ބޭނުންވަނީ؟ ކިތައްފަހަރު ބުނާނީ ދުރުން އުޅޭށޭ. އަހަރެން ބޭނުމެއްނޫނޭ. ޔޫ ނޯ ވަޓް؟ ސްޓިލް އަހަންނަށް ފެންނަނީ ބާރަ އަހަރުގެ ކިޑެއް. ހަމަ އެ މައުސޫމް މޫނު. މަގޭ ޓައިޕެއް ނޫން ތީ....."

"ކޮބާ ދެން ތިބުނާ ވައިފް؟ އެހެރީ ވައިފްގެ ފޮޓޯއެއްނު..." އަޒާލިއާ އިޝާރާތްކުރިއެވެ. ޒޭވިއާ ހައިރާންވި ހިނދުކޮޅެއް އައުމަށްފަހު ފާޑަކަށް ހީލިއެވެ. އަޒާލިއާ އެހާ ޔަގީންކަމާއެކު ބުނުމުން އޭނަވެސް ސިހުނެވެ.

"އާއެކޭ ބުނެފިއްޔާ....އާނ. އެއީ މަގޭ ވައިފް....."

"ކޮބާ އޭނަ؟ އެންމެ ރަގަޅޭ.ދީނުގައި ހުއްދަކަމެއްވީމަ ދެކޮޅު ހަދާކަށްނެތިން. ދީނީ ނަޒަރަކުން ބަލާއިރު ތިއީ މަގޭ ފިރިމީހާ. ކޮންމެގޮތެއްވިޔަސް އެންމެނަށް ފޮރުވައިގެންވިޔަސް ތިހިރީ މެރީވެސްކޮށްގެން. އާންޓްއަށް އެނގިއްޖެއްޔާ ވަރަށް ދެރަވާނެ. އެކަމަކު އައި ފޮގިވް ޔޫ.....އެކުއްޖާ މިގެއަށް ގެނަޔަސް ހަމަ އޯކޭ..ބައިދަވޭ ނަމާދުގަޑީގައި ލަވަ ނުޖެހިއްޔާ ރަގަޅީ. މިއުޒިކް ހަރާމްކަން އެނގޭއިރު އަދި ނަމާދުގަޑީގައި ލަވަޖެހުމަކީ ކިހާ ގޯސްކަމެއް. މިގަޑީގައި ބަގަރާ ސޫރަތް ޖެހީމަ ޝައިތާނުންގެ ފަރާތުން ގެއަށް ރައްކާތެރިކަން ލިބޭނެ.................."އަޒާލިއާ ހިންދިރުވައިލިއެވެ.

"އަޒާލިއާއަށް އަހަރެން އެނގުނީމަވެސް އަހަރެންދެކެ ތިހާ ލޯބިވާނަންތަ؟ އަހަރެން ނަމާދު ނުކުރަމޭ ބުނެފިއްޔާ...."

"ނަމާދުނުކުރަމޭ؟" އަޒާލިއާ އަނގަޔަށް ހަދައިލިގޮތުން އަނގަޔަށް ހުތް އެއްޗެއް އެޅުނުފަދައެވެ.

"އައިމް ނޮޓް އެ ޕްރެކްޓިސިން މުސްލިމް. އަހަރެން ނަމާދެއް ކުރި ހަދާނެއްނުވޭ. ރޯދަ ނުހިފަން. ނަމަކަށް ޒަވިއާރު ކިޔާކަން ނޫނީ އަހަރެން މުސްލިމަކަށް ނުވޭ. އައިމް ސޮރީ އަޒާލިއާ. ތިޔަ ބޭނުންވާފަދަ ސޯލިހު ފިރިޔަކުން ހޯދަންޏާ އެހެން ދިމާލަކަށް ދާންވާނީ. މަންމަމެންނަށްޓަކާ ނޫނީ އަންކަލްމެން ރުއްސަން އެމީހުން ކުރިމަތީގައި މުސްލިމަކަށްވާން އުޅުނަސް ހިތުގައި ދީނީ ލޯތްބެއް ނުވޭ. އަދި ބުނެފާނަން. އަހަރެންގެ ވިޔަފާރިއަކީވެސް ނައިޓްކުލަބާއި ކެސިނޯއެއް ހިންގުން. މިއުޒިކަކީ އަހަރެންގެ ޕެޝަން......................................"

އަޒާލިއާއަށް ލޯ މަރައިލެވުނުއިރު ކަރުނަތައް ތިރިއަށް ދެމިގެންފިއެވެ.

"މިވަރުންވެސް ލޯބިވާނަންތަ؟" ޒޭވިއާ އަޒާލިއާގެ ކޯތާފަތުގައި މަޑުމަޑުން ޖަހައިލިއެވެ."ނޫނީ މިހާރު ބުނާނެކަން ނޭގެއޭ ޑެވިލްއެކޭ...އަހަރެން ޑެވިލްއަކާއި ވައްތަރުތަ؟"

 

ނުނިމޭ

ކޮމެންޓް 0