"ހިތާމަވެރިޔެއްގެ ފަރިޔާދުތައް އައްސަވާ ވޮޑިގެންވާ ހަމައެކަނި ފަރާތަކީ ތިމާ ހެއްދެވި ޚާލިގުވަންތަ މާތްﷲ އެވެ. ގިނަގިނައިން ދުޢާކުރުމުން ހިތަށް ހަމަޖެހުން ލިބިގަންނާށެވެ. ދަންވަރުވިޔަސް ދުވާލުގެ ވަގުތުކަމުގައި ވިޔަސް ދުއްވާ އުޅަނދެއްގައި އިނަސް ތަނަކަށް ދާން ލަސްވެގެން އުޅުނަސް ކޮންމެ ގަޑިއެއްގައިވެސް އެފަރާތަށް ދަންނަވާށެވެ. ދިރިއުޅުމުގެ ހުރިހާކަމެއް އެއްފަހަރާ ބަދަލުވެދާނެއެވެ."

***

އަމަންއާއެކު ކަޒްޔާ އަފްގާނިސްތާނަށް ދަތުރުކުރީ ހިތުން ރުހުމުންނެވެ. އަމަންގެ އެކުވެރިއެއްގެ ކައިވެނީގެ ދައުވަތަށް ދިޔުމުން އެތަނުގެ ސަގާފަތާއި އާދަކާދަ ފެންނާނެއެވެ. އެމީހުން އެޝަހަރުގައި މަޑުކުރާނީ ދެތިން ދުވަހުކަމަށާއި އެތަނުން ދިއްލީއަށްގޮސް އެއާ އިންޑާއިން ސީދާ މާލެ އަންނަން ޓިކެޓް ނަގާނެކަމުގެ ޔަގީންކަން އަމަންދިނެވެ.

"އެނގޭތަ؟ އަރްކާން ހައްޔަރުކޮށްފި....." އަމަން އާ ޚަބަރެއް ދިނެވެ.

"ސޭޑް. އެކަމަކު...." ކަޒްޔާ ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. އެ ޚަބަރު އިވުމުން އުފަލެއްވެސް ނުވިއެވެ. ނަމަވެސް ޔަހްޔާއަށް އިންސާފު ލިބެނީކަން ޔަގީންވެ އަނާއަށްޓަކާ އޭނަ ހިނިތުންވެލިއެވެ.

"އެކަމަކު ދުވަސްކޮޅަކުން މިނިވަން ކުރާނެ. މިތަންތާ އެހެނެއް ނޫޅެވޭނެ..."

"ތިބުނީ ކިހިނެއް؟" ކަޒްޔާ ސިހުނެވެ.

"މިބުނި އެއްޗެއް ފަހުން ވިސްނޭނީ. އަހަރެމެން މުސްލިމުން އަޅުވެތިކަމައެކު އުޅޭކަށް ނުޖެހޭ. ކަޒްޔާފަދަ ކުއްޖަކަށް އަންޑަސްޓޭންޑްވާނެ. ބަލަމާ.."

އަމަންގެ ވާހަކަތަކުން އެއްވެސް އެއްޗެއް ވިސްނުމަކަށް ނައުމުން އޭނަ ހީލުމަކުން ފުއްދައިލީއެވެ.

***

އަރްކާންއަށް އަނާ ފޮނުވި މެސެޖް ފެނުމުން ގަބޫލުކުރަން ދަތިވެފައި އިރުކޮޅެއްވަންދެން ބަލަން އިނދެވުނެވެ. އަނާ އެ ހަގީގަތް އެންގީ ހިތަށް އެންމެ ތަދުވާނެހެންނެވެ. ޔާސިންއަކީ އޭނަގެ ދަރިއެކެވެ. އަނާ އަރްކާންއާއި ދުރަށް ދިޔުމަށްފަހު އިތުރު ކައިވެންޏެއް ނުކުރެއެވެ. ޔާސީންއަކީ އަރްކާންގެ ދަރިފުޅެވެ. ގަބޫލުނުކުރަންޏާ ޑީއެންއޭ ޓެސްޓްވެސް ހަދަންވީއެވެ.

އަރްކާންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"އެދަރިފުޅު އަހަންނަށް ފެނުނު. އެކަމަކު ބައްޕާއޭ ކިޔާފައި ގޮވާލާނެ ފުރުސަތެއްވެސް އަނާ ނުދިން. ހިތަށް އަނިޔާއެއް ދެވޭނީ މިހާވަރަށް. މިހާރު މިތަނުން ސަލާމަތްވެގެން ދިޔުމުގެ ފުރުސަތު އޮތިއްޔާ އޮތީ ހަމައެކަނި އެކުއްޖާގެ ހައްގުގައި. ކީއްވެ އޭރު އެ ސުވާލު ކުރަން ހިތަށް ނޭރީ؟ ޔަގީނުންވެސް އެކުއްޖާ ފެނުމުން ތަފާތު އިހުސާސެއް ކުރެވުނު. މަގޭ ދަރިއަކަށް ވިނަމައޭ ހިތަށް އެރި. އަމިއްލަ ކަމެއް އިހުސާސްކުރެވުނު. އަނާގެ ދަރިއަކަށްވީމަ ހިތުގައި ހިނގައިގަތްހާ އިހުސާސްތަކޭ ހީކުރެވުނީ. އަނާގެ ދަރިއެއްވީމަ ހިތުގައި ލޯބި އޮތީކަމަށް ހީވީ. އެކަމަކު ހަގީގަތުގައި އަހަރެންގެ ހަށިގަނޑުގެ ބަޔެއް......." އަރްކާންގެ ހިތް ފަޅިފަޅިވީކަމުގެ އިހުސާސް ކުރެވުނެވެ.

ޔާސީން ފެނިލި ވަގުތުކޮޅުތައް އޭނަގެ ސިކުނޑީގައި ފިލްމެއްގެ މަންޒަރުހެން ހިނގައިލީ ލަސްލަހުންނެވެ.

 

 

***

އަޒާލިއާ ސޯފާސެޓްގައި ރަޖާގަނޑު ގައިމަތީގައި އަޅާލައިގެން ހަމަޖެހިލިއެވެ. ހިތަށް ވާ އުދަގޫތަކާއިއެކުގައިވެސް ގުރުއާން ކިޔަވަން ފެށުމުން ހިތަށް ލުއިކަމެއް ލިބެން ފެށީ ގަދަ ހޫނު ދުވަހެއްގައި ފިނި ވައިރޯޅި ޖެހެން ފެށުމުން އަރާމުވާ ފަދައިންނެވެ. ހޫނުކަން ކެނޑި ހިތަށް ތަސައްލީ ލިބުނެވެ.

"ގުޑް މޯނިން އަޒާލިއާ....."

"އައި ސޯ ޔޯ ވައިފްސް ޕިކްޗާސް..ޝީޒް ޕްރިޓީ."

"އޭނަގެ ވާހަކަދެއްކުމުގެ މާނައެއް ނެތް....." ޒޭވިއާ ބުމަ ކައިރިކޮށްލިއެވެ.

"ލޯބިވާ މީހުންގެ ވާހަކަތައް އެހުމުން ހިތަށް ހަމަޖެހުން ލިބޭނެއްނު...."

"އަހަރެންގެ ހިތަކީ ހަމަޖެހުން ބާވައިލައްވާނެ އެއްޗެއް ނޫން. އަހަރެން މިހާރު މަރުވިޔަސް ދާނީ ހެލްއަށް. ހެލް އޮތިއްޔާ..." ޒޭވިއާގެ ވާހަކަ ހުރިގޮތުން އަޒާލިއާ ސިހޭގޮތްވިއެވެ. ހުރިހާ ކަމަކަށް ކެތްކުރެވިދާނެއެވެ. ނަމަވެސް ދީނަށް އެއްވެސް ލޯތްބެއް އެއްވެސް ގަދަރެއް ނުކުރާކަމާއި ދީނުގެ ކަންތައްތަކަށް އީމާން ނުވާކަން ޒޭވިއާގެ ވާހަކަތައް ހާމަކޮށްދީފިއެވެ. އޭނަ މިތާގައި މިކުރަނީ ކީއްހެއްޔެވެ؟ ޒޭވިއާގެ ހުރި އުނިކަންތައްތައް ރަގަޅުވެ އިސްލާހުވެ ތައުބާ ވާނެކަމަށް ކުރި އުއްމީދު އެންމެ ލަފުޒަކުން އޭނަ ފުނޑުކޮށްލައިފިއެވެ.

ޒޭވިއާ އާއި އަބަދަށްޓަކާ ވަކިވާން އޭނަގެ ހިތް އަޒުމް ކަނޑައެޅިއެވެ.

ލޯބިވިޔަސް އޭނަގެ ހިތުގައި ﷲއާއި އިސްލާމް ދީން މާ މަތިވެރިއެވެ. މާ ލޯބިވެއެވެ. ﷲގެ ލޯބިފުޅަށްފަހު އެހެން ތަކެއްޗާއި އިންސާނުންގެ ލޯބި ހިތުގައި އުފެދުމަކީ އޭނައަށް ލެއްވި ރަހުމަތެކެވެ.

 

***

"ކީއްވެ އަޒާލިއާ ދާން ބޭނުންވަނީ؟ތި ހީކުރިގޮތަށް މިގޭގައި އުޅުނީ ދާލިއާގެ ރޫހެއްވެސް ނޫނެއްނު. އަދި ދާލިއާވެސް ދުނިޔެއަކުނެތް. އާ ޔޫ ޖެލަސް އޯ ސަމްތިންގް؟"ޒޭވިއާ އެއް ބުމަ އަރުވައިލިގޮތުން އަމިއްލަ ނަފުސާއިމެދު އިތުބާރުއޮތްފަދައެވެ. އަންހެންކުދިންނަށް އޭނަގެ "ޗާމް"އާއި ދުރަށް ނުދެވޭނެއެވެ. ދިޔަސް އަނބުރާ އަންނާނެފަދަ ޖާދޫއެއް އޭނަގެ ޝަޚުސުގައިވެއެވެ.

"އަހަރެން ބޭނުންވާ ކަމެއް އެގޮތަށް ކޮށްދީފާނަންތަ؟" އަޒާލިއާ އޭނަގެ ސާމާނުތައް ޕެކްކުރަން އިނދެފައި އަތުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.

"ޔަގީން....." ޒޭވިއާ އަދިވެސް ބުމަ ތިރިކޮށެއްނުލައެވެ. ލޮލަށްވެސް ގޮތެއް ހަދައިލިއެވެ.

"ޑިވޯސް މީ......"

"ވަޓް؟" ޒޭވިއާ ސިހުނެވެ.

"މީހަކު ސިހި ހައިރާންވާވަރުގެ ވާހަކައެއް ނުބުނަން. މި މެރިޖް ވޯކްއައުޓް ނުކުރާނެ. ކޮންމެހެންް ޕޭރެންޓުން އުފާކޮށްދޭން އަހަރެމެން ފޭކް މާސްކެއް އަޅައިގެން ތިބުމުން އަމިއްލަ ނަފުސާއިއެކު ޕޭރެންޓުންނަށްވެސް އޮޅުވައިލެވެނީ. އަހަރެން ބޭނުމީ ވަކިވާން. ޒޭވިއާ ކޮންމެ ގޮތަކަށް އުޅުނަސް ކެތްކޮށްގެން އެކީ އުޅެން ޓްރައިކުރިން. އެކަމަކު ދީނާއިމެދު ތިގެންގުޅޭގޮތަކީ އަހަންނަށް ލައިކް ވެވޭނެކަމެއް ނޫން. އެހެންވެ ރީތިކޮށް މިބުނީ. ވީ ހޭވް ޓު ގޯ އަވާ އޯން ސެޕެރެޓް ވޭއިސް. ދެމީހުންނަށް އެންމެ ރަގަޅުގޮތަކީ އެއީ. ޔަގީނުންވެސް އަހަރެންގެ ލައިފްއިން ޒޭވިއާއަށް ޖާގަ ދޭކަށް ބޭނުމެއްނޫން...." އަޒާލިއާ ހިތުގައިވާހާ އެއްޗެއް ބަންޑުންކޮށްލުމަށްފަހު ކުޑަކޮށް ހީލިއެވެ.

" ތެދަށް ބުނަންޏާ އަހަރެންގެ ދުޢާއަކީ ކޮންމެވެސް ދުވަހަކުން ހިދާޔަތް ދެއްވުން....."

ޒޭވިއާ ހުރީ ހުއްޓުން އަރާފައެވެ.

އަޒާލިއާ އެފަދަ ނިންމުމެއް ނިންމަފާނެކަމަށް އޭނައަށް ހީނުކުރެވުނީއެވެ. އެކަން ބަލައިގަންނަން އެހާ އުދަގޫވި ސަބަބަކީ އެއީއެވެ. ނަމަވެސް އަޒާލިއާގެ ނިންމުން ބަދަލުކުރުވަން އޭނަ ފަހަރެއްގައިވެސް މަޖުބޫރެއް ނުކުރާނެއެވެ. އަޒާލިއާއާއި ދޭތެރޭ އަންބެއްގެ ހައިސިއްޔަތުން ނުދެކެވޭއިރު އެފަދަ އަންހެންކުއްޖަކު ކައިވެނީގެ ނަމުގައި ކަސްތަޅު އަޅުވާފައި ބޭންދުމަކީ ދެވޭ އަނިޔާއެކެވެ. އޭނަގެ އުމުރުގެ އޭނަ ގަޔާވާ ފިރިހެންކުއްޖަކާއި އެކީ ހަޔާތެއް ފެށުމުގެ ހައްގު އޮންނަންވާނެއެވެ.

 

***

އަމަންއާއި ކަޒްޔާ އައިއެސް ކޭ އާއި ގުޅިގެން އެ ޖަމާއަތާއެކު އަފްގާނިސްތާނުގައި އުޅެމުންދާ ވާހަކަ ނޫސްތަކުގައި ހިނގައިގަތެވެ. ކުއްލި ޚަބަރުތަކުގައި ޖެހެވުނު އެ ވާހަކަތަކުގެ ތަފްސީލު އަންނަން ފެށިއިރު އަމަންގެ ތަސްވީރާއެކު އެދެކުދިންގެ ޕްރޮފައިލްއާއި އާއިލާ އަދި އެކުވެރިން ދެކޭގޮތުގެ ވާހަކަތައް ގެނެވެން ފެށުނެވެ. އެވަރުގެ ހޫނު ޚަބަރެއް މިއިން ޒަމާނެއްގައި ނޫސްވެރިންނަށް ނުލިބޭނެފަދައިން ފޯރިއާއެކު އެ ޚަބަރައިގެން އެމީހުން ވިއުސްތައް އަތުލައިގަތްއިރު އެކަމުން އެންމެ ފައިދާއެއް ލިބުނު އެކަކީ ކަޒްޔާގެ މަންމަ ނަރުގިސްއެވެ. އޭނަ ކަޒްޔާ ބޭނުންކޮށްގެން މަޝްހޫރުވާން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިއެވެ. އެ ޚަބަރު ނޫސްތަކުން ފެނުމާ އޭނަ އަނބުރައިގަތުމާއި ދެކަން ވީ ދާދި އެކީގައެވެ. ނޫސްވެރިން ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ.

ނަރުގިސްގެ ލޮލުން ކަރުނަ ނުހިކުނެވެ.

"އެއްވެސް ގޮތަކަށް ދަރިފުޅު އެފަދަ ގޮތަކަށް ނިރުބަވެރި ޖަމާއަތަކާއެކު ހިނގައިދާނެކަމަށް ލަފާކުރެވުނުތޯ؟"

"އަޅުގަނޑު އަމަންއާއިމެދު އެއްގޮތަކަށްވެސް އުއްމީދުކުރިކަމެއްނޫން. އަދި އަމަންގެ އާއިލާއަކީވެސް މާލޭގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ މުއްސަދިބަޔެއް. އެ ދަރިފުޅަށް މައިންބަފައިން ހޯދައިނުދޭ އެއްވެސް އެއްޗެއްނެތް. އެފަދަގޮތަކަށް އެކުދިންގެ ސިކުނޑި ދޮވެލަނީ ކޮންބަޔެއް ބާވައޭ ހިތަށް އަރާ. ކޯންޗެއް ނުލިބިގެންތޯ އެގޮތަށް ދާންވީ؟ ބޭނުން ކޮންމެ ނިއުމަތެއް ކޮންމެ ކަމެއް ފުރިހަމަކޮށް ލިބޭބަޔަކު މަދުވެ އިތުރަށް އެދެންވާނީ ވަކި ކޯންޗަކަށް؟ ކަޒްޔާ އެންމެ ކުޑައިރުއްސުރެން ފެށިގެން އެގޮތަށް ހަރުކަށި ފިކުރުގެ ތެރެއަށް ވަދެވެމުންދާކަން ފާހަގަކޮށް އެކަންތައް އިސްލާހުކުރަން އަޅުގަނޑު މަސައްކަތްކުރިން. އެކަމަކު އޭރު ކަޒްޔާ ބުނާނީ ކޮޓަރީގައި ބަންދުކޮށްފައޭ. ބައްލަވަ. އަޅުގަނޑު އެކަންތައް ކުރީ ހަގީގަތުގައިވެސް އަޅުގަނޑުގެ ދަރިފުޅު ގެއްލިގެން ހިނގައިދާނެތީ. ފަހަކަށް އައިސް ކެލިގްރާފީ ދަސްކޮށް ދީނީ އިލްމު އުނގެނެމުން އައީ. އަޅުގަނޑު އުއްމީދުކުރީ ކަޒްޔާ ހަރުކަށި ފިކުރުތަކާއި ދުރުވީކަމަށް..އެކަމަކު........އަޅުގަނޑަށްވެސް މި ލިބުނީ ޝޮކެއް..."

ނަރުގިސްގެ ލޮލުން ކަރުނަ ގަނޑެއް ވެއްޓުނެވެ.

ނޫސްތަކުގައި މަންމައެއްގެ އެ އަސަރުގަދަ ވަގުތުކޮޅުގެ ފޮޓޯތައް ޖެހުމާއެކު އެ ތަސްވީރު ވީ އެފަދަ މަންމައިންގެ "އައިކަން"އަށެވެ. ހަގުރާމަވެރި ޖަމާއަތްތަކާއެކު ފިލައިގެންދާ ދަރިންނަށްޓަކާ މައިންބަފައިންގެ ލޮލުން އޮހޭ ކަރުނައިގެ މިސާލަކަށެވެ.

ނަރުގިސްއަށް އެ ފޮޓޯގަނޑު ވަރަށް ކަމުދިޔައެވެ. އޭނައާއި ރާދާ ކޮޓަރީގައި ތިބެގެން އެ ފޮޓޯއާއި ކޮމެންޓްތައް ކިޔަ ކިޔާފައި ޖަހައިލާ ހިނިގަނޑުގެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ.

"މި މީހުންނަށް ރަގަޅު ހަދިޔާއެއްނު މި ދެވުނީ. ފޮޓޯއިން ވަރަށް ހިންގާލައިފިއެއްނޫންތަ؟ އަހަރެން ޖެންޑާ މީހެއްވީމަ އަދި މަގޭ ދަރި ނިރުބަވެރި ޖަމާއަތަކާއި ގުޅުނީމަ ކިހާ ފޯރިއެއް ހިފައިލާނެ. އަހަރެން އޭނަ ހައްޔަރުކޮށްގެން ގެން ގުޅެވުނީތީ އެންމެން މިހާރު މަށަށް އެބަ ތައުރީފުކުރޭ."

"އަސްލުވެސް މި ފޮޓޯއަށް ބަލައިލީމަ ހަމަ ހާޓްބްރޯކެން ފީލްވަނީ. ހާދަ ފީލިންގައޭ ފޮޓޯ ނެގިފައި މިހިރީ. މަ ނުދަންނަން މިހާ ކުޅަދާނަކަމަށް....ހުވާ." ރާދާ ތައުރީފުކުރިއެވެ.

"އެކަމަކު އަދިވެސް އަމަން އެގޮތަށް އަފްގާނިސްތާނަށް ދިޔައިމަ މަ މިހިރީ ޝޮކެއްގައި. ކާކު ހިތަށް އަރާނީ؟ މިހާރު މިވީރަގަޅަށް، މި މައްސަލައާއިހެދި އަހަރެމެން ހަރުކަށި ފިކުރާ ދެކޮޅަށް ހައްތަހާ ވަރުގަދައަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ މިކަމާއި ވާހަކަދެއްކޭނެ ފުރުސަތު ތަނަވަސްމިވީ..ކޮންމެ ކަމެއް ވާނީ އެންމެ ރަގަޅަށް...." ނަރުގިސް ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ.

"އެރިކް ކިހިނެއް؟"

"އެރިކް މީހަކު މަރަން ފައިސާ ދިން ކަމަށް ތަހުގީގުގައި އެއްބަސްވެ އަ އަދަބު ލިބިގަތް ކަމެއް ނޭގޭ. އަދިވެސް އެކި ފަރާތްތަކާއި ގުޅައިގެން މަގޭ ދަރިފުޅު ސަލާމަތްކުރަން މި މަސައްކަތްކުރަނީ.ކައިޝާވެސް އޭނަގެ ކޮއްކޮ ނަމޫނާއަކަށް ބަލަންފެށީކަން ނޭގޭ. ބުރުގާ އަޅައިފި..."

"ކޮންމެވެސް ކޮންމެވެސް އަތުން ދޫވެގެން ދިޔަނުދެއްޗޭ.." ރާދާ ނަސޭހަތްތެރިވިއެވެ.

ކަޒްޔާ ހަގުރާމަވެރި ޖަމާއަތަކާއި ގުޅުނުކަމީ ނަރުގިސް މަޝްހޫރުވެ އޭނަގެ ޕްރޮޖެކްޓްތައް ހިންގައިގަންނަން ލިބުނު ރަނުގެ ފުރުސަތެކެވެ. މީހުންގެ ހިތްތަކަށް އަސަރުކުރާވަރުގެ ފޮޓޯތަކާއެކު އޭނަ އުޅެގަތީ އެހެން މީހުންގެ ދަރިންނަށް އެފަދަ ނުބައިގޮތަކަށް ސިކުނޑި ދޮވެލަން އެއްވެސް ފުރުސަތެއް ނުދިނުމުގެ ޕްރޮގްރާމްތަކާއިގެންނެވެ. ހޭލުންތެރި މުޖުތަމައަކަށްޓަކާ ކުރަން ޖެހޭ ބައިވަރުކަންތަކެއް އެބަހުއްޓެވެ.

 

***

އަމަންގެ އެކުވެރިއަކު މެދުވެރިކޮށް ކަޒްޔާގެ ކެލިގްރާފީކޮޅެއް ވިއްކާލުމަށްފަހު ފައިސާ ގެންގޮސް ހަނަފީއާއި ހަވާލުކުރިއެވެ. ދަރިފުޅުގެ ފަރާތުން އެވަރުގެ އެހީތެރިކަމެއް ލިބުމުން ގަބޫލުކުރަން ދަތިނަމަވެސް ހަނަފީ އެ ފައިސާ އޭނަގެ މަންމައަށް ޚަރަދުކުރިއެވެ. ކަޒްޔާގެ ކެލިގްރާފީ ވިއްކައިގެން އެ ހަލާލު ފައިސާ ބޭނުންކުރުމުގައި އޮންނަންވީ ކޮން މައްސަލައެއް ހެއްޔެވެ؟ ދެރައީ ކަޒްޔާއަށް ގުޅަން ކުރި މަސައްކަތް ބޭކާރުވީތީއެވެ. ކަޒްޔާ އައިއެސްއާއި ގުޅުނުކަން އެނގުނީ ނޫހުގެ ޒަރީއާއިންނެވެ. އެކަމާއި ހަނަފީ ހިތާމަކުރިއެވެ. ދަރިފުޅަށްޓަކާ ހެޔޮ ދުޢާކޮށް ކޮންމެ ތާކު ހުއްޓަސް ހެޔޮ ރަހުމަތް ލައްވާ އުފަލުގައި އުޅުމަށް އެދެވުނެވެ. ހަނަފީގެ އަތުގައި ދަރިފުޅަށްޓަކާ ހެޔޮ ދުޢާ ފިޔަވާ އިތުރު އެއްޗެއް ނެތެވެ.

 

***

"އައި ކާންޓް ބިލީވް ދިސް. ކަޒްޔާ މިހާ ސްޓުޕިޑްއެއް ނުވާނެ. މިބުނީ ދީނީ ކުއްޖަކަށް ވިޔަސް އަފްގާނިސްތާނު ކަހަލަ ތަނަކަށްގޮސް އެ ފަދަ ޖަމާއަތަކާއި ގުޅޭއިރު ދެން ދިމާވާނެ މައްސަލައަކާއިމެދުވެސް ވިސްނަންވާނެ. އެހެން މީހުން ހިތާމަކުރާނެ ވަރު އެނގެންވާނެ. ބައްޕައާއި މާމަ؟ އަދި އަހަރެން...." ނޯއާ އޮފީހުގެ ކެބިންގައި އިންއިރު ލޮލުން ކަރުނައިގެ އަސަރު ހިނގާލައިފިއެވެ.

އަޒާލިއާވެސް އޭނައަށް ގުޅާފައި އެކަމާއި ދެރަވެގެން އެތައް ފަހަރު އެވާހަކަ ދައްކައިފިއެވެ. ސަރުކާރުން އެކުދިން ހޯދަން ނޫޅޭހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ.

"އަހަރެން ކާބުލްއަށް ދާންވީކަން ނޭގޭ. އެކަމަކު އަހަރެން ދިޔަސް ދާން ޖެހޭނީ ފިލައިގެން. މަންމައަށް އެނގިއްޖެއްޔާ ކަންބޮޑުވާނެ..." ނޯއާ ކާބުލްއަށް ދާން ނިންމާ އޮންލައިން ވިސާ އެޕްލިކޭޝަނެއް ހުޅުވާލައިފިއެވެ.

"އެކަމަކު އެޓްލީސްޓް އަހަރެން ބޭނުން ކަޒްޔާ ސަލާމަތްކުރަން. މަސައްކަތްކުރަން. މަޑުމަޑުން ހުރެގެނެއްނުވާނެ. އަމަންގެ ނުފޫޒުގައި ގެންދިޔައީކީ ނޫންތަ؟ ލޫލޫ ބުނާގޮތުން ކަޒްޔާ ހުރީ ރާއްޖެ އަންނަހިތުން ކެތްމަދުވެފައި..އެހެންވާންވީ ކީއްވެތަ؟އެކަން ހޯދުމަކީ އަހަންނަށް މަޖުބޫރުކަމެއް. އޭރުން ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ލިބޭނީ.އެތައް ސަތޭކަ ސިޓީއެއް ލިޔުމަށްފަހު އެގޮތަށް ކަޒްޔާ އަހަރެންގެ ހަޔާތާއި ދުރަކަށް ނުދާނެއޭ ހިތް ބުނަނީ...."

 

***

"އަޒާލިއާ. ޒޭވިއާއަށް އިތުރު ޗާންސެއް ނުދޭނަންތަ؟ މިވަރުގެ ކަމެއް ބޮޑުދައިތައަށްޓަކާ ކޮށް ނުދޭނަންތަ؟ އާންޓްއަށްވެސް އެނގިގެނެއް ނޫން ޒޭވިއާ އެކުއްޖާއާއި އިނީ. އެކަން އެނގުމުން ވަރަށް ދެރަވި. ﷲ ދެނެވޮޑިގަންނަވާނެ. ބޮޑުދައިތަ އެކަމާ ނުރުހުނުވަރާއި ލިބުނު ޝޮކާއި އެއްޗެހި އެހެން އިންސާނަކަށް ނޫން އެނގޭނީ. ޒޭވިއާ ބަދަލުކުރެވޭނީ ހަމައެކަނި ތިކަހަލަ އަންހެންކުއްޖަކަށް ދަރިފުޅާ...." ހީނާ ހަމަ ދެންމެ ދެންމެ އާދޭސްކޮށްފާނެހެން ހީވިއެވެ. ނަމަވެސް އަޒާލިއާ އެހެން މީހުން ރުއްސަން ޚިޔާލު ބަދަލުކޮށެއް ނުލާނެއެވެ.

"މީހަކު ބަދަލުކުރަން ނޫނީ ސަލާމަތްކުރަން އެހެން ނެހެދޭނެ. އެއީ ކައިވެނި ކުރާ އަންހެންކުއްޖާގެ ޒިންމާއެއް ނޫން.މިސާލަކަށް ބޮޑުދައިތަގެ ދަރިފުޅު ޒޭވިއާގެ ސަބަބުން އަޅުގަނޑު ގޯސް މަގަކުން ހިނގައްޖެއްޔާ އަޅުގަނޑު ސަލާމަތްކުރާނީ ކާކުތަ؟ ހީނާ އާންޓް ތޯ؟ނޫން. އައި ކާންޓް.. ފެއިތް ސްޓްރޯންގް ވަނީ އެހެން މީހަކު ބުރަ މަސައްކަތް ކޮށްގެނެއް ނޫން. މީހެއްގެ އީމާންތެރިކަމެއް ނެތް އަޚުލާގެއްނެތް ފިރިހެންދަރިއަކަށް އެހީތެރިވުމަކީ އަނެކަކާގެ އަގުހުރި އަންހެންދަރިއެއްގެ ޒިންމާއެއްވެސް ނޫން..............."

މާފުކުރައްވާ. އަޅުގަނޑާއިއެކު އުޅެން ޒޭވިއާ ބޭނުމެއްނޫން. ވަރިވެސް ކޮށްފި. އެ ޗެޕްޓާ ނިމިއްޖެ. ޒޭވިއާ ބޭނުންގޮތަކަށް ހަޔާތުގެ ބާބުތައް އާބާދުކުރެވިދާނެ. މަންމައެއްގެ ހެޔޮ ދުއާއާއެކީ ހަމަ ދެރަގޮތެއްނުވާނެ. އަޅުގަނޑަށްވުރެ މާ ހަރު އެކަށީގެންވާ އަންހެނަކު އަދި ޒޭވިއާގެ ހަޔާތަށް އައުމަކީ އަޅުގަނޑުގެވެސް ދުއާ...."

އަޒާލިއާގެ އަޑުގައި ހުރި ސާބިތުކަމުން އިތުރަށް ހީނާ ކިޔާނެ އެއްޗެއް ނެތެވެ.

އަޒާލިއާ އޭނަގެ ބޮޑުދައިތަގެ ހާލަތާއިމެދު ކަންބޮޑުވެ ޒޭވިއާގެ އުޅުން ސިއްރުކުރިއެވެ. ޒޭވިއާގެ ހަޔާތަށް ނުވަންނަން އޭނަ ދުރުން އުޅުނަސް ޒޭވިއާގެ ހަރަކާތްތަކަށް ފާރަލެވުނެވެ. އޭނަ މިހާރު ރައްޓެހިވެގެން އުޅެނީ މަޝްހޫރު މޮޑެލްއަކާއިކަންވެސް އެނގުނެވެ. ވީއިރު ޒޭވިއާއާއިމެދު އޮތް އުއްމީދުގެ ކަނިކޮޅު ނިވި އަނދިރީގެ ތެރެއަށް އެ ސަފުހާ ފޮރުވިއްޖެއެވެ.

***

ޒޭވިއާގެ ލޯބިވެރިޔާއަށް އަލިފާނުގެ ހާދިސާއެއް ދިމާވެ ޒޭވިއާގެ ބޮލުގައި ތުހުމަތު އެޅުނެވެ. ނަމަވެސް ފަހުން ޒޭވިއާ ހޯދުމުން އެނގުނީ އެގެއަށް މަސައްކަތްކޮށްދިނުމުގެ ނަމުގައި އަންނަ "މެއިޑް" އަކީ ދާލިއާގެ ކޮއްކޮ ޝާލީ ކަމެވެ. ދައްތަގެ މަރުގެ ސަބަބުން ޒޭވިއާގެ ހަޔާތަށް އަންނަ ކޮންމެ ކުއްޖެއްގެ ދިރިއުޅުމާއި ކުޅެލަން އޭނަ އަޒުމް ކަނޑައަޅައިގެން އެގެއިން ސިއްރުން ވަޒީފާ ހޯދީ އެހެން މީހެއްގެ އައިޑީ ބޭނުންކޮށްގެންނެވެ.

އަޒާލިއާ މަރައިލަން މަސައްކަތްކުރިކަންވެސް ޝާލީގެ މައްޗަށް ސާބިތުވިއެވެ.

***

ދެ އަހަރު ފަސް

ނޯއާގެ ދިރިއުޅުމުގެ އެންމެ މުހިއްމު ހަނދާންތަކަކީ ކަޒްޔާ ފޮނުވި ސިޓީތަކެވެ. ކޮންމެ ރެއަކު އޭނަ އެ ސިޓީތައް ކިޔަނީ އެއިން ސިއްރު މެސެޖެއް ފެނިދާނެކަމުގެ އުއްމީދުގައެވެ. އޭނަގެ ފަރާތުން ކޮންމެވެސް ކަހަލަ އެއްޗެއް ދެނެގަނެވި ހުރިތަން ހޯދައިގަނެވިދާނެކަމުގެ އުއްމީދުގައެވެ. އެ އުއްމީދުގައި އޭނަ ކިތަންމެ ފަހަރަކު ކާބުލްއަށް ޒިޔާރަތްކޮށް އެތަން މިތަނަށް ދަތުރުކޮށް އެތައް ނުރައްކާތަކަށް އަމިއްލަ ނަފުސް ހުށަހެޅިއެވެ. އެންމެފަހުން ލިބުނު ޚަބަރަކީ އަމަންއާއި ކަޒްޔާ އަފްގާނިސްތާނުގެ ޖަލެއްގައި ތިބިކަމެވެ. ނިރުބަވެރިންގެ ޖަމާއަތުގެ މެމްބަރުންނަށް ވުމުން އުމުރަށް ޖަލަށް ލެވުނުކަމެވެ.

ކަޒްޔާ ސަލާމަތްކުރުމަށް އޭނަ މިލިއަނުން ފައިސާ ޚަރަދުކޮށްގެންވެސް އެކަމެއް ނުވާނެކަން ޔަގީންވުމުން އެނބުރި އައީ މާޔޫސްވެފައިވާ ހިތަކާއެކުގައެވެ.

ދުނިޔެއަކީ ސުވަރުގެއެއް ނޫނެވެ. ބޭނުން ކޮންމެ އެއްޗެއް ނުލިބި ހިނގައިދާނެއެވެ.

އޭނަގެ ހަޔާތުގެ ބާކީ ބައި ކަޒްޔާގެ ސިޓީތަކުގެ އެހީގައި ވޭތުކޮށްފާނެއެވެ.

ނަމަވެސް ނޯއާގެ މަންމަގެ ޚިޔާލު ތަފާތެވެ. މާހިރާގެ އުއްމީދުތައް ގުޅިފައިވަނީ ނޯއާގެ ހަޔާތަށް އަންނަން އުޅުނު އެހެން އަންހެން ކުއްޖަކާއެވެ. ހުރިހާ ގޮތަކުން ނޯއާއާއި އެންމެ އެކަށީގެންވާ ހަޔާތުގެ ބައިވެރިޔާއެވެ. މުއްސަދި ދެމަފިރިއެއްގެ ހުރި އެންމެ އަންހެންދަރިއެކެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރެކެވެ. ޔޫކޭއިން ތައުލީމު ހާސިލުކުރިޔަސް ހެދުން އަޅާގޮތުން ދީނަށް ލޯބިކުރާ ކުއްޖެއްކަން އެނގެއެވެ. އަދި އެއަށްވުރެ އެމީހުންގެ ފިރިހެންދަރިފުޅާއި އަޒާލިއާގެ ކައިވެންޏަށް އެދުމުން އުފާވެރިކަން އެތައް ގުނަ އިތުރުވިއެވެ.

ކައިވެންޏަށް ތާރީޚު ކަނޑައެޅުނެވެ.

ނޯއާ މިސްކިތުން ފޭބިއިރު ނޭފަތުގައި ހަރުލީ ޗަންޕާޕޫލްމަލުގެ މީރުވަހެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ ޕާކެއްފަދައިން މެދުގޯތި ފެންނަން އޮތްއިރު ހުވަދުމާ ބިންނަން ހެވިފައި ކަޒްޔާ ހުރި މަންޒަރު ލޮލަށް ފެނި ނޯއާގެ ލޯ ކަރުނުން ތެމުނެވެ. ގުދުވެ ޗަންޕާޕޫލް މަލެއް ނަގައިލަމުން ނޭފަތުގައި ޖައްސައިލިއެވެ."ވަށައިގެން ފެންނަ ކޮންމެ އެއްޗަކުން މަންޒަރަކުން ކަޒްޔާ މަތިން ހަނދާންވޭ..."

ނޯއާ ގޭޓުން ނިކުންއިރު ފަހަތުން އައިސް ހަނަފީ އަރާ ހަމަކޮށްފައި ސަލާމް ގޮވައިލިއެވެ.

"ފުރަން އުޅޭ ޚަބަރު އެހިން..ގޭ އެންމެން އެކީގައި މާލެ ދަނީ؟" ހަނަފީ މަޑުމައތިރިކޮށް ސުވާލުކުރިއެވެ. އޭނަގެ ބައްޕަ އެ ޚަބަރު ހަނަފީއަށް ދިނީ ހެއްޔެވެ؟ ޔަގީނެއް ނޫނެވެ.

"އަޅުގަނޑު މާލެ ދަނީ.....ކައިވެންޏަށް." ނޯއާ ހަމަޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް ހަނަފީގެ ލޮލަށް ބަލައިލާނެ ހިތްވަރެއް ނެތެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވެނީއެވެ.

"މަރުހަބާ......ވަރަށް އުފާވެއްޖެ. ދިރިއުޅުމެއް ފަށަން މާ ލަސްވެއްޖެ.." ހަނަފީ މާސްކު އަޅައިގެން ހުއްޓަސް ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރިއެވެ.

"އަދި ދެ ހަފްތާފަހުން. ބައްޕައަށްވެސް އެ ވާހަކަ ބުނަން އުދަގޫވީ ކަމަށްވާނީ. އަޅުގަނޑަށްވެސް ފަސޭހަ ޑިޒިޝަނެއް ނޫން އެކަމަކު........."

"ހޫމް ދަރިފުޅާ. ކަޒްޔާވެސް އަމިއްލައަށް އެ ނިންމުން ނިންމީ. އައިއެސްއާއި ގުޅުނުއިރުވެސް ކަންތައް ވެގެންދާނެގޮތް ނޭގޭނެ ކުޑަކުއްޖެއްވެސް ނުހުންނާނެ. ގާނޫނީގޮތުން މަނާ ކަމެއްކަންވެސް އެނގޭނެ. އަދި އިސްލާމިކް ސްޓޭޓަކީ ނިރުބަވެރި ޖަމާއަތެއްކަމަށް ނިންމާފައި އޮތްވާ އެމީހުންނާއި ގުޅިގެން ކިތަންމެ މީހުންނަކަށް ދިމާވި ހާދިސާތައްވެސް އެނގޭނެ. ކަޒްޔާ ދާންބޭނުންވި ދިމާލަކީ އެއީ ކަމަށް ވަންޏާ އަހަރެމެންނަށް ކުރެވޭނެ ކަމެއްނެތް. ކަޒްޔާ ހޯދަން ބޭނުންވީ އެ ދިރިއުޅުން. ކޮންމެ ތާކު ހުއްޓަސް ﷲ ރަހުމަތް ލެއްވުމަށް ދުޢާކުރަނީ................."ހަނަފީގެ ހިތުގެ ހާލަތު އޭނަ ކޮންމެވެސް ވަރަކަށް ފައުޅުކުރިއެވެ.

ނޯއާ ކަޒްޔާ ހޯދަން ކުރި މަސައްކަތާއި ނާކާމިޔާބުވީގޮތް އަދި ފައިސާ ޚަރަދުކުރިވަރު އާއިލާ މީހަކަށްވެސް ނޭގޭނެއެވެ. ތާލިބާނުންނާއި ހައްގާނީ ނެޓްވޯކް އަލްގައިދާ އައިއެސް ކޭފަދަ ހަގުރާމަވެރިންގެ ޖަމާއަތްތަކުގެ ތެރޭގައި ބިރެއްނެތި އޭނަ ދަތުރުކުރިއެވެ. ހިލްމަންދު ނޫރިސްތާނު ފަދަ ނުރައްކާތެރި ސަރައްހަދުތަކަށްވެސް މެއެވެ.ކިތަންމެ ހާދިސާއަކާއި ކުރިމަތިވިއެވެ. ކަޒްޔާއަށްޓަކާ އޭނަ އަމިއްލަ ފުރާނައިން ބާޒީމެރިއެވެ. އެކަމަކު އެވާހަކަތައް ކިޔައިދިނުމުގެ މާނައެއް ނެތެވެ. އޭނައަށްޓަކާ ކަޒްޔާގެ ހިތުގައި އޮތް މަގާމު ދުނިޔެއަށް ސިއްރުކުރުމަށްފަހު އޭނަގެ ދިރިއުޅުން އާބާދުކުރަން އޭނަ ނިންމައިފިއެވެ.

 

ނުނިމޭ

ކޮމެންޓް 0