"މާދަން އިރުއަރާފާނެއެވެ. އެކަމަކު ތިބާ ނިދިން ހޭލާނެ ކަމާއިމެދު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ ވަގުތު އޮތްވާ ތައުބާ ވާށެވެ.
***
"ކޮން ބައްޕައެއް. ކަލޭގެ ބައްޕައެއް ހުރޭތަ؟ މިހުރިހާ ދުވަހު ނޭގިއޮތް ސިއްރެއް ބުނެފާނަން. ތީ ބައްޕަގެ ދަރިއެއްނޫން....." ކައިޝާގެ ޖުމްލައިން ކަޒްޔާގެ ދުނިޔެވެސް ހުއްޓިއްޖެއެވެ. އެބުނިބަހުގައި ސަމާސާގެ ކުލަވަރެއް ނެތްކަން އޭނަގެ ލޮލުގެ ކުލަވަރު އަންގާދިނެވެ. ކައިޝާމެން ބުނާ އެއްޗެއް ގަބޫލުނުކުރެވޭވަރެއްވެސް ނޫނެވެ.
"ހުއްޓާލާ. ބޭނުމެއްނޫން އަޑުއަހަން." ކަޒްޔާ ދެކަންފަތުގައި ބާރަށް އަތް އަޅާފާއި ދުވެގޮސް ފާޚާނާއަށްވަދެ ދޮރު ތަޅުލައިފިއެވެ. އެތެރެއަށް ވަދެ ފާރުބުޑުގައި އިށީދެ ކަކުލުގައި މޫނު ފޮރުވާލައިފިއެވެ. ހިތަށްނޭގޭފަދަ އުދަގޫތައްވެ މޮޅިވެރިކަމުގެ ކަނޑަކަށް ހިތް ގަންބައިލެވުނުފަދައެވެ.
***
ކަޒްޔާ ކުޑަދޮރުން ބޭރަށް ބަލަން ހުރެފައި އެނދަށް އެރިއެވެ. ކުރާނެ ކަމެއް ނޭގިގެން އެންމެފަހުން ކޮޓަރީގެ ދޮރުގެ ހުޅުވަންވެސް މަސައްކަތްކުރިއެވެ. ބޭރުން ހުރީ ތަޅުލާފައެވެ. އޭނައެކޭ ކުށްވެރިއެކޭ އެއްވެސް ތަފާތެއް ނެތެވެ. ކުށްވެރިންވެސް އުޅޭނީ މިހާލުގައި ބާވައެވެ. ފޯނެއްނެތި ކުޑަ ގޮޅިއެއްގައި ހުސްކަމުގެ ތެރެއަށް ބަލަހައްޓައިގެން ސައުވީސްގަޑިއިރު ހޭދަކުރެވޭއިރުވެސް މީހަކު މޮޔަވެދާނެއެވެ. ކަޒްޔާ ވުޟޫކޮށްލައިގެން ނަމާދުކުރަން ގަސްތުކުރިއެވެ.
"ހެލޯ .......ގިބުލަ ބުނެދީބަލަ..." ކަޒްޔާ ދޮރުގައި ތަޅައިގަނެފައި ސުވާލުކުރަން ފެށުމުން އަރްކާން ދޮރު ހުޅުވާލައިފިއެވެ.
"އަހަންނަކަށްވެސް ނޭގޭ..."
"ފޯނުގައި އެޕެއްނެތްތަ؟ " ކަޒްޔާ ރީތިކޮށް ވާހަކަދެއްކިއެވެ.
"ނެތް..." އަރްކާން ހުރީ ރުންކުރުވެފައެވެ.
"ފޯނެއް ނުދިނަސް ބޭނުންވާ އެހެން އެއްޗެހި ގެނެސްދީފާނަންތަ؟ ޚަތިމަކާއި ޕެއިންޓްކުރާ ސާމާނު ގެނައީމަ ރަގަޅުވާނެ. މި ކޮޓަރިވެސް ޕެއިންޓްކުރެވިދާނެ......" ކަޒްޔާ ބުނެލިއެވެ.
"ޕްރިޒަނާސްގެ ރިކުއެސްޓްތައް ރިޖެކްޓްކުރާނީ...." ކައިޝާ ދޮރުން ބޯ ދިއްކޮށްލައިފިއެވެ.
ކަޒްޔާ އަނެއްފަރާތަށް އެނބުރުނެވެ. ހަށަން ބަދެލިއެވެ. ކައިޝާފެނުމާއެކު ބަބްލްސްގެ މައުސޫމް ލޮލާއި އެވަށްމޫނު އަދި ހުވަފެންތައް ބޮލުތެރޭ އެނބުރެން ފެށުމުން އެތެރެހަށީގައި އަލިފާން އަނދަން ފަށައެވެ. ކައިޝާދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ބަބްލްސްގެ މަރަށް އިންސާފު ނުހޯދެނީސް އެ ރުޅިވެރިކަން ހިތަކުން ނުފިލާނެއެވެ.
***
ނަރުގިސް ކަޒްޔާއަށް ކާން ހިފައިގެން އައެވެ. އާދައިގެ މަތިން ޕާނުގައި ޕީނަޓް ބަޓަރު ޖަހާފައެވެ. އަބަދު އެކައްޗެއްދެނީވެސް އޭނަ ފޫހިކުރުވަން ކަން ނޭގެއެވެ. މިއަދު ބިސްގަނޑަކާއި ދޮންކެޔޮވަކެއް އޮތެވެ. ނަރުގިސްގެ މޫނު ތަންކޮޅެއް އަލި ދުވަހެކެވެ.
"ކަޒްޔާގެ ބައްޕަ ހަވީރު ބައްދަލުކުރަން އަންނާނެ...."
"ޔަގީންތަ.." ކަޒްޔާގެ ހިތް ފުންމައިގަތެވެ.
"އާނ...."
"އޯކޭ. އަހަރެން ބައްޕައާއެކު ފުރާނީ..." ކަޒްޔާ ހުރީ ދަބަސްތައް ގެނައިގޮތަށެވެ. ނެގި އެއްޗެހިވެސް ޕެކްކުރަން އުޅެގަތްތަން ބަލަން ނަރުގިސް ފާޑަކަށް އިނެވެ.
"ޕިސް ޕިސް. ކަޒްޔާ ތިހާވަރުން އުޅެނީ ހަމަ އެ ބައްޕަ އާއިހެދި...ކަޒްޔާގެ ދޮންބައްޕަވެސް ވަކި ގޯހެއްނުވާނެ. މިހާރު ހުންނެވީ ބިޒިނަސް ޓްރިޕެއްގައި ބޭރު ގައުމެއްގައި. އައީމަ ކިހާ ރަގަޅު މާތް މީހެއްކަން އެނގޭނެ. ކަޒްޔާއަކަށް ބައްޕައާއެކު ރަށަށް ނުދެވޭނެ. ސަބަބަކީ ކަޒްޔާއާއި ދޭތެރޭ ގާނޫނާއި ޚިލާފަށް ކަންކޮށްފައި އޮތީމަ. ބުނަން ވާހަކައެއް. ކަޒްޔާ ބައްޕަދެކެ ލޯބިވަންޏާ ބައްޕަ އުމުރަށް ޖަލަށް ލާން ބޭނުން ނޫނިއްޔާ އަނގަ މަޑުން ލައިގެން ހުންނަންވާނީ. އެއްވެސް ވާހަކައެއް ބުނެވިގެން ނުވާނެ........................" ނަރުގިސްގެ ވާހަކަތައް އިވުމުން ކަޒްޔާގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. އަތުގެ ހަރަކާތަށް މަޑުޖެހުމެއް އައެވެ. ދަބަހުގައި ފައިން ޖެހުމަށްފަހު ގޮސް އެނދަށް ވެއްޓިގަތެވެ.
"ޑިސިޕްލިންކޮށްފައި ފޮނުވާނީ....ވަރަށް ނުލަފާ ކުއްޖަކަށް ވެފައި ތިހިރީ. ކިތަންމެ ބޮޑާ ދެއްކިޔަސް މިގެއިން ބޭރަކަށް ނުނިކުމެވޭނެ. ކުޑަ ކުޑަކުއްޖެކޭ ތިއީ. އެކަން އެނގޭތަ........."
ކަޒްޔާ ބުދެއްފަދައިން ހިރިވެސް ނުލާ އޮތެވެ.
ބައްޕައާއި ބައްދަލުކުރުމުގެ ފޯރި ކެނޑިއްޖެއެވެ.
ކައިޝާގެ ބަސްތައް ބިރުވެރިގޮތަކަށް ސިކުނޑީގައި ޖެހިގަތެވެ.
"ކޮން ބައްޕައެއް. ކަލޭގެ ބައްޕައެއް ހުރޭތަ؟ މިހުރިހާ ދުވަހު ނޭގިއޮތް ސިއްރެއް ބުނެފާނަން. ތީ ބައްޕަގެ ދަރިއެއްނޫން....."
ކަޒްޔާގެ ލޮލުން ކަރުނަ ތިއްކެއް ތިރިއަށް ދެމިގަތެވެ. އެ ލަފުޒުތަކުގައި އެމުނިގެންވަނީ ކިހާ ވަރެއްގެ ތެދެއްކަމާއި އެއީ ހަގީގަތް ނަމަ ހަގީގީ ބައްޕަ ހޯދުމުގެ އެއްވެސް ޝައުގެއް އޭނަގެ ނެތެވެ. އޭނަގެ ބައްޕައަކީ ހަމަ އެކަނި ހަނަފީއެވެ. އެނޫން މީހަކަށް ބައްޕަގެ މަގާމެއް ދުވަހަކު ނުދެވޭނެއެވެ. އެހާ ލޯބިން ގެންގުޅުނު ބައްޕައާއި އޭނަގެ ލޭގެ ގުޅުމެއް ނެތްކަން ހިތަށް އަރުވައިލުމުންވެސް ފުރާނަވެސް ރޫ ރޫ އަޅައިގަންނަފަދައެވެ. ނޭގޭ ބިރުވެރިކަމުގެ ރާޅު ބާންޏަކާއެކު ހަށިގަނޑު ފިނިވެ ހީކަރުވައިގަނެއެވެ. ލޮލުން ކަރުނަ ހިލުވައިލައެވެ. އޭނަގެ ހިތް މާޔޫސްވަނީއެވެ.
***
ހަނަފީއާއި ބައްދަލުކުރަން އޭނައަށް ފުރުސަތު ލިބުނެވެ. ނަމަވެސް ސިޓިންރޫމްގައެވެ. އަރްކާންގެ އިންޒާރުތަކާއެކުގައެވެ. އަރްކާން ބުނެފައިވާގޮތުން މުޅިގޭގައި ސީސީޓީވީ ކެމެރާއެވެ. ކަޒްޔާގެ ކޮންމެ ހަރަކާތެއް އޭނަ ބަލާނެއެވެ. ބުނާ ކޮންމެ އެއްޗެއް އިވޭނެހެން "ބަގް"ތައްވެސް ހަރުކޮށްފައެވެ. އެމީހުން ނުރުހޭފަދަ އެއްޗެއް ބުނެފިއްޔާ ގެއްލުންވާނީ ކަޒްޔާއަކަށް ނޫނެވެ. ކަޒްޔާގެ ލޯބިވާ ބައްޕައަށެވެ. އެގޭގެ ސިޓިން ރޫމްވެސް ނިކަން ހިތްގައިމެވެ. ކަޅު ލެދާރގެ ނިކަން ބޮޑެތި ސޯފާ ސެޓްތަކެވެ. ބޯ ރަގެއް ތަޅުންމަތީގައި އަޅާފައެވެ. އެއްފަރާތުގައި ފަތި ޓީވީއެކެވެ. ބިއްލޫރި ރެކެކެވެ. ފާރުގައި ތަފާތު ކުރެހުންތަކެވެ. ބޯމަތީގައި ޗާންދަލިއާތަކެވެ.އޭސީގެ ފިނިކަމާއެކު ރޯކޮށްފައިވާ އުއްބައްތިތަކުގެ މީރުވަސް ތަނުގައި ހިފާލާފައިވުމުން ހިތާއި ރޫހަށް ފިނިކަމެއް ލިބިގެންދާނެއެވެ.
"ދަރިފުޅު ކިހިނެއްތަ؟ " ހަނަފީ ސުވާލުކުރިއެވެ.
"ބައްޕާ އަހަރެން ރަގަޅެއްނޫން. މިމީހުން އަހަރެން ގެނެސް ހައްޔަރުކޮށްގެން އަނިޔާކޮށް ދެރަކުރުވަން އެބައުޅޭ. ފޯނުވެސް ފޭރިގެންފި. ހުރިހާ ބުރުގާ ތަކާއި ސްކާފްތައްވެސް ފޮރުވައިފި. ނޯ ހެޕިނެސް. ހުރިހާ ލޯބިވާ މީހުންނާއި ވަކިކޮށްފި...އައިމް ގޮއިންޓު ޑައިން..." ކަޒްޔާ އެތެރެ އެތެރެއިން އަމިއްލަ ނަފުސާއި ވާހަކަދެއްކިޔަސް އެ ވާހަކަތައް ދުލުން ބުނެފިއްޔާ ޒަލްޒަލާއެއް އަތުވެދާނެކަމުގެ އިންޒާރު އޭނަ ރަހީނުކޮށްގެން އުޅޭ މީހުންވަނީ ދީފައެވެ.
"އަލްހަމްދުލިﷲ. ބައްޕަ ކިހިނެއްތޯ؟ " ކަޒްޔާގެ އެހުންނަ ހަލަނި ސަކަމިޒާޖު އެއްކޮށް ބަދަލުވެ ނެގި މަޑުވެފައިއިކަން ހަނަފީ ފާހަގަކުރިއެވެ. އިސްކޮޅުން ދިގުވެ ކުއްޖާއަށް ޖިސްމާނީގޮތުން އަންނަ ބަދަލުތަކާއި އެކަން ގުޅިފައިވެދާނެއެވެ. އަބަދު ޅަކުއްޖެއްގެ މައުސޫމްކަމުގައި އޭނަގެ ދަރިފުޅު ކަޒްޔާ ހުރުމަށް އެދެވުނަސް ދުނިޔޭގެ ބަދަލުތައް ނުހުއްޓުވޭނެއެވެ.
"ޔާޔާ. ބައްޕައާއެކު ރަށަށް ދާން ހިނގާ...."
"ނޫން. .އެރަށަށް ދާކަށް ދެން ބޭނުމެއްނޫން. މަންމައާއެކު އުޅޭނީ..އަޅުގަނޑަށް ނޯއާ ކުރި އަނިޔާތަކުން ދުރަށް އަންނަން މަޖުބޫރުވީ." ކަޒްޔާއަށް އޭނަގެ ބައްޕައާއި ހަތަރުކަޅި ހަމަކުރަން އުދަގޫވިއެވެ.
"ނޯއާއަކީ ހަމަ އެހާ ގޯސް ކުއްޖަކީތަ؟ " ހަނަފީ ހައިރާންވިއެވެ.
"ލައްބަ ބައްޕާ. ދެން އެހެން ވާހަކައެއް ދައްކަފާނަންތަ ޕްލީޒް..." ކަޒްޔާގެ ލޯ ފުރިގެން ކަރުނަ ފައިބަން ފެށިއެވެ.
ކަޒްޔާގެ ހިތަށް ލިބިފައިވާ އަނިޔާ ހަނަފީއަށް ފެނިއްޖެއެވެ. އޭނައަށް އެވަގުތު ނުވިސްނުނީ ދަރިފުޅަށް ކުރިމަތިކޮށްފައިވާ މަޖުބޫރީތަކެވެ. ބިރުގަންނަވާ ނަފްސާނީގޮތުން ދެމުން ގެންދާ އަނިޔާތަކެވެ.
"ކޮބާ ފޯނު. ފޯނަކަށް ނުވެސް ގުޅޭނު....." ކުއްލިއަކަށް ހަނަފީ އަހާލައިފިއެވެ.
އެވަގުތު އެތަނަށް ނިކުމެވުނީ ނަރުގިސްއަށެވެ. ނިކުމެވުނީކަމަށް ހީކުރިޔަސް އޭނަ ހުރީ އެއްފަރާތުގައި ފާރަލައިގެން އެވާހަކަތައް ކަނުލާ އަހައިގެންނެވެ. ކަޒްޔާގެ ޖަވާބަކުން ހަނަފީއަށް ޝައްކުވެއްޖެއްޔާ އެމީހުންގެ ރޭވުމަށް އޭގެ ނުބައި އަސަރުކުރުވާނެއެވެ.
"ކަޒްޔާ ގޮވައިގެން އަހަރެމެން ޔޫރަޕް ބުރެއް ޖަހައިލީ. ނަފްސާނީގޮތުން އެހާ އަސަރުކޮށްފައޭ ހުރީ. ދަރިފުޅު އިހަށް އެތެރެއަށް ދޭބަލަ.."ނަރުގިސް ކަޒްޔާގެ ބޮލުގައި ފިރުމާލުމުން އެއްޗެކޭ ބުނަން އުޅެފައިވެސް ރާސްލާފައި އެތެރެއަށް ދެމިގެންފިއެވެ.
"ކަޒްޔާއަކީ ކިހާ އުފާވެރި މައުސޫމް ކުއްޖެއް. އެހުރިހާ އުފާތައް ނިގުޅައިގަތުމުގެ ޒިންމާ ހަނަފީ ނަގަން ޖެހޭނީ. އޭނައަށް ކައުންސެލިން ދެމުން މިދަނީ. އޭނަ ފުލުހުންނަށް ބަޔާންވެސް ދީފި. ނޫސްތަކުގައި އެއޮތީ އެވާހަކަ. ހަނަފީ ނަން ކުރި ޝޭޚުގެ ދަރި އެއޮތީ ޖަލުގެ ކުޑަ ގޮޅިއަށް ލާފައި އަދި އެވެސް މަސްތުވާ އެއްޗެހީގެ ވިޔަފާރިކުރާތީ. އަހަރެމެން ކައި އުޅޭ އެއްޗެހީގެ ހަލާލުކަމާއިމެދު ސުވާލުކުރާއިރު ތިމާމެންގެ ފެންވަރު މިހިރީ ކިހިނެއް؟ ހަރާމް ހަލާލު ކިޔާ އެ ޝޭޚު ދަރުސްތައް ނުދޭ ދުވަހެއްނުވޭ. އެކަމަކު ތިމާމެންގެ ގޭތެރޭގެ ހާލަތު އެއޮތީ ބޭޒާރުވެފައި..ދެން އަހަރެންގެ ފުރާނަ ހުއްޓާ ލާހިކެއްނޫން ކަޒްޔާ ގެންދަން. މާދަން މިއުޅެނީ އަނެއްކާ ކަޒްޔާ ގޮވައިގެން ސިންގަޕޫރަށް ފުރަން. ޓްރީޓްމެންޓަށް..............." ނަރުގިސްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
"ނޯއާ......ތިވާހަކަ ގަބޫލެއް ނުކުރާނަން..." ހަނަފީ ތެދުވެއްޖެއެވެ.
"އޭނަވެސް ފުރަތަމަ ދެކޮޅުހެދީ. އެކަމަކު ފަހުން ހުރިހާ ކުށަކަށް އިއުތިރާފުވެއްޖެ. އޭނަ ކަޒްޔާއަށް އެބިއުޒްކުރި ކަމަށާއި ޑްރަގް ގެންގުޅުނުކަމަށް އެއްބަސްވި. އެހިސާބު މަސްތުވާ އެއްޗެހި ބޭނުންކުރާ ދެތިން ކުދިން އޭނަ އަތުން ގަތް ކަމަށް ޝަރީއަތުގައި ހެކިދީފި......" ނަރުގިސްގެ ހަދާފައި ހުރި ބުމައާއި ކަޅުކުލައިން ފަވާލާފައިވާ ބޮޑު ދެލޯ އަދި ރަތުން ޕެއިންޓްކޮށްފައިވާ ތުންފަތް ފަދައިން ނަރުގިސްގެ ދުލުން ނުކުންނަ ލަފުޒުތައްވެސް އޭނައަށް "ފޭކް" އެއްޗަކަށްވިއެވެ.
"ސައި ބޮއިގެން ދާންވާނީ..."
"އަހަރެން ބޭނުމެއްނޫން.މިގެއަށް އައީ ކަޒްޔާއާއި ބައްދަލުކުރަން..."
"ސޮރީ އެކުއްޖާ ހަމަ ހިލާ ގެއިން ބޭރަށް ދާން އެއްބަސްނުވީ އެހެންނޫންނަމަ ހަނަފީ ހުރި ހޮޓަލަށް ގެންދާނީ. ހަނަފީއަށް އެކުއްޖާ ކުރި އިތުބާރުވެސް ގެއްލިއްޖެ. މޮންސްޓާއަކާއި ހަވާލުކޮށްފައި އެތައް މަހެއްވާންދެން ގޮސް އެހެން ރަށެއްގައި ހުރިއިރު ހިތަށް އެއްޗެއް ނޭރި. އަމިއްލަ ދަރިފުޅުގެ ހަޔާތުގައި ހުޅު ޖެހީ. ޔޫ ރުއިންޑް ހާރ ލައިފް........................."
"ހުއްޓާލާ...." ހަނަފީގެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ.
ތެމިފައިވާ ދެލޮލުން އެވަގުތު އަލިފާނުގެ ކަނިވެސް ބުރައިގެން ދިޔަފަދައެވެ. އެހާވެސް ހޫނުވި ވަގުތުކޮޅަކަށްވިއެވެ.
ހަނަފީ އެންމެ ހިނދުކޮޅަކަށްވެސް އެގޭގައި މަޑުކުރަން ބޭނުމެއްނުވިއެވެ.
***
އަރްކާން ކޮޓަރިއަށް ވަންއިރު ކަޒްޔާ ހުރީ ޕެއިންޓްކުރާ ސާމާނު އަތުރާލައިގެންނެވެ. ކެންވާސްގައި ކުރަހަން ފަށާފައި ހުރި ކެހެރި ހުދު ބުޅަލުގެ ފޮޓޯ ފެނުމާއެކު އަރްކާންއަށް އުދަގޫތަކެއްވިއެވެ. ކަޒްޔާގެ ހިތުގައި އެބުޅަލަށް އޮތް ލޯތްބާއި ކުލުނުގެ ސަބަބުން ތަސްވީރެއްގެ ސިފައިގާ "ބަބްލްސް" ބާއްވަން ބޭނުންވީއެވެ. އަރްކާންއަށް ދެން އެނގުނީ ކަޒްޔާ އޭނަގެ ދަބަސްތަކުގައިވާ ސާމާނުތައްވެސް ނަގާ އަތުރައިލިކަމެވެ. އެނދުގެ ބޯލާކޮޅުގައި އެލުވާފައިވާ ކުރުސި ފްރޭމްވެސް ލޮލުގައި އަޅައިގަތެވެ.
"ޔޫ ޕީޕަލްސް އާ ބިގް ލަޔާސް..." ކަޒްޔާ ކަޅި އަޅައިލިއެވެ.
"ކީއްވެ ލަޔާސް އިންނަށް ވީ. ވިސްނާފައި ލޭބަލް އަޅުވާތި...." އަރްކާން ހުރީ ނިކަން ހަމަޖެހިލައިގެންނެވެ.
"ބައްޕަ ކައިރީގައި ބުނެފިއޭ ފޯނުން ނުގުޅެނީ ޔޫރަޕްގައި ހުރީމަޔޯ. މިއަދު ދަނީ ޕެރިހަށޯ. ޔޫ ނޯ ވޮޓް. ކިތަންމެ ވަރެއްކުރިޔަސް ދޮގު ހެދިޔަސް ދޮގު ބަޔާން ދޭން މަޖުބޫރުކުރިޔަސް ނޯއާ ތި އެންމެނަށްވުރެ މާ ރަގަޅު. އެގޭ އެންމެންވެސް މާ ރަގަޅު.މިއީ ޖަހަންނަމް. ދުނިޔޭގައި ޖަހަންނަމް ހުރިނަމަ އެތަނަކީ މިއީ. މިތަނުގައި އުޅެނީ ހަމަ އެހާ ނުލަފާ ގޯސް މީހުން..........." ކަޒްޔާ މަސައްކަތް ހުއްޓާލާފައި ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ.
"އަދި ފޮގެޓިން ޓު އާސްކް...އެދުވަހު ނޯއާއަށް ހަދިޔާއަކަށޭ ކިޔާފައި ބެހެއްޓި ޕެކެޓްތަކާއި ކުލަކުލައިގެ މެޓާގެ ވާހަކަ ނުބުނާށޭ ބުނީ ކީއްވެ؟" ކަޒްޔާ އެހިއެވެ.
"ސިއްރުކުރަން ބުނާ ވާހަކަތައް ސުވާލުކޮށްގެންވެސް ނުވާނެ. ބަސް އަހާ ވަރަކުން ފިޔަވަޅުތައް ލުއިވާނީ. މުޖުތަމައަށް ދޫކޮށްލަންވީމަ އަހަރެމެންނަށް އެނގޭނެ...ސްކޫލަށް ދާންވެގެން އެވަރަށް އާދޭސްކުރާއިރު ސްކޫލަށް ދެވޭނީވެސް ކަޒްޔާ ބަސްއެހީމަ. މިއީ ފެމިލީކަމަށް ގަބޫލުކުރީމަ. ސްޓްރޭންޖާސްއިންނާ ތިހެން ފާޑުފާޑަށް ގުޅުމެއް ނުބޭއްވޭނެ އިނގޭ. ޔޫ ބިލޯންގ ހިއާ ކަޒްޔާ....އަޑުއިވިއްޖެތަ؟ މިކަންފަތަށް އެއްޗެއް ވަދެއްޖެތަ.." އަރްކާން ކަޒްޔާގެ ކަންފަތު ފޫޅުގަނޑުގައި ހިފާލުމުން ތަދުވިއެވެ.
"ތަދުވެއޭ...."ކަޒްޔާ ހަޅޭއްލަވައިގަތެވެ.
"ތަދުކުރާށޭ އުޅުނީ.."
"ކަޒްޔާ ބުނަން.ކޮޓަރީގައި ބަންދުކޮށްފައެއްނޫން މިހާރު ތިހިރީ. ހައުސް އެރެސްޓްގައި. އެކަމަކު މިކަހަލަ ބަގްސްތައް ހުރިހާ ތާކު ހުންނާނެ. އަދި ކެމެރާތައްވެސް. ވީމަ މި ގޭގައި އުޅޭ ނޯކަރުންނާއި އަނގައިން ބުނުން މަނާވާނެ...." އަރްކާން ކުޑަދޮރުގެ ދާލަމަތީ ބަހައްޓާފައި ހުރި މާ ޓުކުރިއެއް ނެގިއެވެ. އެވަގުތު ކައިޝާވެސް އައިޕޮޑުން އިނގިރޭސި ލަވައެއް ޖަހާލައިގެން ހުރެ އެތެރެއަށް ވަނެވެ. ލައިގެން ހުރި ޖިންސް ސޯޓުކޮޅާއި ބަނޑު ނިވާނުވާ އަތެއްވެސް ނެތް ޓޮޕްކޮޅެކެވެ.
"މިހިރީނު...." އަރްކާން ކަޅުކުލައިގެ ކުޑަ ގޮށެއްހެން އޮތް އެއްޗެއް އަތަށް ލާފައި ދެއްކިއެވެ. ކަޒްޔާ އައި ރުޅީގައި ވަގުތުން އެ ޖަހައިގެން އަނގަޔަށް ލާ ދިރުވާލުމުން އަރްކާން ހޭންފެށިއެވެ.
"ކެމެރާ ތި ދިރުވައިލީ...."
"އާނ އައި އީޓް ހުރިހާ ކެމެރާތައް...."
"ތިވާނީ މާރަގަޅަކަށްނު. އޭރުން ކަޒްޔާގެ ބަނޑުތެރެވެސް ދޮންބެ ސީސީޓީވީ ކެމެރާއަށް އަރާނެ. ބަނޑުތެރޭ އޮތްހާ އެއްޗެއް ވެސް......" ކައިޝާވެސް ހިނިގަނޑެއް ޖަހާލައިފިއެވެ.
ކަޒްޔާ ލޯބޮޑުކޮށްފައި ކުއްލިއަކަށް ކަރު ބުޑަށް އަތް ކޮށްޕާލައިގެން ހޮޑު ލައިފިއެވެ. އަރްކާން ކަޒްޔާއަށް އޮޅުވައިލަންވެގެން ކަޅުކުލައިގެ ކުދި ގޮށްތައް ބަހައްޓާފައި ހުރީކަމެއް ކަޒްޔާއަކަށް އޭރަކު ނޭގުނެވެ.
***
ހަމްޒާގެ ހާލު ރަގަޅުނުވެ ކޯމާއެއްގައި އޮތްއިރު އާއިލާގެ ހުރިހާ މެމްބަރުން އެކަމުގެ ހިތާމައިގައެވެ. ޔޫކޭގައި ދިރިއުޅެމުންދާ ދެ އަންހެންކުދިންކަމަށް ވާ އަނާ އާއި އަލާޔާވެސް އެނބުރި އައީ ބައްޕައަށް ޒިޔާރަތްކުރުމަށެވެ. އަޒާލިއާ ދެކުނު ގޮތުން ކުށްވެރިއަކީ ހަމައެކަނި ކަޒްޔާއެއް ނޫނެވެ. ޒޭވިއާގެ ސިއްރުވެރި ދިރިއުޅުން ގުޅިފައިވަނީ ޑްރަގްގެ ދުނިޔެއާއެވެ. އޭނަގެ ލޯބިވާ ބޭބެ ނޯއާގެ ދިރިއުޅުން ބަރުބާދުކޮށްލީ ޒޭވިއާއެވެ. ނޯއާ އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަޒާލިއާއަށް ލިބިފައިވީއިރު ހީނާ ޚާން އެކުށްވެސް އެޅުވީ ކަޒްޔާގެ ބޮލުގައެވެ. އެކިމީހުން އެކި މީހުންނަށް އިނގިލި ދިއްކޮށް ތުހުމަތުގައެވެ. ހަގީގަތް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. ކޮންމެ ކަމަކަށްވެސް ކަނޑައެޅިފައިވާ ވަގުތުގައި އެކަމެއް ފަޅާ އަރާ ހަގީގަތް ހާމަވާނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ.
އަޒާލިއާ އެންމެ ދެރަވީ ނޯއާ ޝަރީއަތުގައި ކުށަށް އިއުތިރާފުވެ ޖަލުގެ ހުކުމް އައުމުންނެވެ.އަޒާލިއާ ރޮއިރޮއި ހަލާކުވާވަރުވިއެވެ.
"ދޮންބެ ނުކުރާނެ އެކަހަލަ ކަމެއް. ޒޭވިއާ ސަލާމަތްކުރަންވެގެން އެގޮތަށް އެއްބަސްވީ. މީހަކު ސެލްފްލެސްވާނީ އެވަރަށް....." އަޒާލިއާގެ ދެފަރާތުގައި އަނާއާއި އަލާޔާ އިށީދެލައިގެން ތިބެ ހިތްވަރުދޭން މަސައްކަތްކުރިއެވެ. ހީނާ ޚާން ބޭރަށް ނުކުމެފައި ދެއަތަށް ބޯ ހޫރައިލިއެވެ.
"އަޒާލިއާ ކީއްވެ ހަޒްބެންޑަށް ތުހުމަތު ކުރަނީ؟ ކިހާ ދެރަކަމެއް.. ކަޒްޔާގެ ބޭބެ އަރްކާން އައިސް އުޅުނުއިރު އޭނައާއިމެދު ޝައްކެއް ނުވޭތަ؟ އޭނަ ކަޒްޔާގެ ބޮލަށް އެރިގެން އެކަން ކުރުވީ ކަމުގައި ނުވާނެތަ؟ " ހީނާ ޚާންގެ ޖުމްލައާއެކު އަނާގެ ލޯ އިންތިހާއަށް ބޮޑުވިއެވެ.
"އަރްކާންއޭ......."
"ދަންނަ މީހަކީތަ؟ " ހީނާ ޚާން ސުވާލުކުރިއެވެ.
"ނޫން....ނޫން....." އަނާ އަވަހަށް އިސްޖެހިއެވެ. ހީނާ ޚާން ދުރަށް ދިޔުމާއެކު އަނާ އަނެއް ދެކުދިން ކައިރީ އޭނަގެ އެކްސްގެ ނަމަކީވެސް އަރްކާން ކަމުގައި ބުނެދިނެވެ. އަރްކާން އޭނައަށް އަދިވެސް އިންޒާރު ކުރާ ކަމަށާއި ދުވަހަކު ހަމަޖެހިގެން އުޅުނަ ނުދޭނެކަމަށާއި އާއިލާގެ އުފާވެރިކަން ނައްތައިލާނެކަމަށް ބުނަނީ އޭނައަށް އާއިލާ ރަގަޅަށް އެނގި ބަދަލު ހިފަންކަން އަނާއަށް ޔަގީންވިއެވެ. އަރްކާންގެ ބަދަލު ހިފުމުގެ އަލިފާނުގައި ކުށެއްނެތް އެތައް ބަޔަކު އަނދާ އަޅިއަށް ވެގެން ހިނގައިދާނެއެވެ. އަރްކާން ހުއްޓުވަން އެބަޖެހެއެވެ.
"ކިހިނެއް ދެން ހަދާނީ؟ " އަޒާލިއާ ބިރުގަނެއްޖެއެވެ.
"އަހަރެން އަރްކާންއާއި ރައްޓެހިވެގެން އުޅުނުއިރު އޭނަގެ ސިއްރުވެރި ގޮތެއް ހުންނަކަން އެނގޭތީ ފެމިލީއަށް އިންޓްރޮޑިއުސްކޮށް ނުދިނީ. ރަގަޅު މީހެއްނޫންކަން އޭރުވެސް އެނގުނު. އަދި އޭނަ ގާތު އާއިލާގެ ޚަބަރުވެސް ކިޔާނުދެން. އޭރު ޗުއްޓީއެއްގައި ރާއްޖެއައިތަނުން ދިމާވެގެން ސިއްރުން އޭނައާއި ގުޅުން ބޭއްވުނީ. މަންމަމެންނަށް ސިއްރުން އެކުރި ކަންތައްތަކުގެ ނަތީޖާ މިހާ ހިތިވެދާނެކަމަށް ހިޔެއް ނުކުރަން. ސުބުހާނަﷲ. އެ ފިރިހެނާ ހެއްދެވި ފަރާތަށް ބިރެއް ނުގަނޭތަ؟ އެހިތުގައި އެއްވެސް މީހަކަށްޓަކާ ހަމްދަރުދީއެއް ނުވާނީތަ؟ ރަގަޅަށް ދީން ގަބޫލު ނުކުރާ މީހެއްކަން އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ބަލައިލީމަވެސް އެނގޭނެ. އޭނަގެ މަންމައާއި ތަފާތެއްނެތް. ރިގްރެޓް ކުރަން އޭނަ ލައިފަށް ގެނެވުނީމަ. އަދިވެސް ހިޔަންޏެއްހެން އުދަގޫކުރަމުން ތްރެޓްކުރަމުން. ރައްޓެހިވެގެން އުޅެމުން ބޭވަފާތެރިވީޔޯ...އެކަމަކު އެއީ އަދި މިބުނާ އަރްކާން ކަން ޔަގީނެއްވެސް ނޫން................." އަނާގެ ލޮލުގައި ގިނަވެގަތް ކަރުނަތިކިތައް އޭނަ ފޮހެލިއެވެ.
"ހިނގާބަލަ ޗޮކްލެޓް ވައިބްސްއަށް ދާން. ޗޮކްލެޓް ކްރޭވިންގްސް....ސްޓްރެސްވެސް ފިލާނީ އެކަހަލަ އެއްޗެއް ކެވުނީމަ......" އަލާޔާ ކޮޅަށް ތެދުވެއްޖެއެވެ. އަބާޔާގައި ތިބި ތިން އަންހެންކުދިން އެކީ ހިނގާލާފައި ދިޔައިރު މީހުންތައް ބެލިއެވެ.
"މީހުން ބަލާ ވަރުންވެސް...." އަނާ ގެ ލޯ ބޮޑުކޮށްލިއެވެ.
ނުނިމޭ