ލައިލަތުލް ގަދުރުވިލޭރޭގެ ދުއާ (للَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ·)
އިމާމް އިބްން އަލް ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ. " ލައިލަތުލް ގަދުރު އަހަރަކު އެއް ފަހަރު އަންނަ ކަމުގައި ވީނަމަ އެ ރޭ ހޯދަން އަހަރެން ކޮންމެ ރެއެއްގައި ގިޔާމުއް ލައިލް ކުރާނަމެވެ. ވީއިރު އެންމެ ދިހަ ރޭގައި ރޭ އަޅުކަން ކުރުމުގައި ތިބާއަށް އޮންނާނީ ކޮން އުދަގުލެއްހެއްޔެވެ؟ "
***
"ޔޯ އައި ބޯލްސް އިޒް ފޯލިން އޮފް....."
"ކިކޭ؟ " ނޯއާ އަނގަ ހުޅުވުނެވެ.
"އިނގިރޭސި އެނގޭކަމަށް އަޅުގަނޑު ހީކުރީ؟ މިބުނީ ނޫހުގެ ލޯ ފުންމާލަނީކަމަށް އަޅުގަނޑު ބިރުގަތީ.............."ކަޒްޔާ މަޑުމަޑުން ބުނެލިއެވެ. ނޯއާ އެއްޗެކޭ ބުނަން އުޅުނުއިރަށް އަނެއް ފަރާތުގައި ހުރި ބޮޑުދައިތަ އަތުންނާއި ލޮލުން އިޝާރާތްކުރީ ހިމޭންވުމަށެވެ. ކަޒްޔާއާއި ހެދި އެނަގެ ބޭބެ ގެ ދަރިފުޅު އެހާ ދަށު ދަރަޖައަށް ވެއްޓިގަންނަން ނޭދުނީއެވެ. ގާޟީ އަޒާލިއާއާއި ޒޭވިއާގެ ކައިވެނި ކޮށްދޭން ފެށުމުން ކަޒްޔާއަށް ސިހުމެއް ލިބުނެވެ. ލެނބިފައި އަޒާލިއާގެ މޫނަށް ބަލައިލީ މަޖާގޮތަކަށެވެ. ކަަރު ދިއްކުރިގޮތަށް މޫނާއި މޫނު ޖެހޭހާ ގާތްވެފައި ބަލައިލިއެވެ.
"ލޫލޫވެސް...ނު ބުނަމެއްނު. ބޭޑް ގާލް................" ކަޒްޔާ ކޮނޑު އަރުވައިލިއެވެ. އަދި އަޒާލިއާގެ ދަތްދޮޅީގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ. "ހުދު ހެދުމެއްލައިގެން ހީނާފަތް އަޅާ ޒީމިހާ ރީތިވެގެން އައީމަވެސް ހީކުރީ މަގޭ ވެޑިން އަށް ރެޑީވެގެން ބެސްޓްފްރެންޑް ވީމަ އައީ ކަމަށޭ..ގޮޓް ސަޕްރައިޒް....."
އަޒާލިއާ ރަކިވީ އެތައް ލޯތަކެއް ހުއްޓުނުކަމުގެ ޝައްކެއް ވެފައެވެ. އޭނަ އިސްޖަހާލައިގެން އިންއިރު އަތާއި ފައި ގަނޑުފެންގަޑެއްގެ ތެރެއަށް ގަންބާލައިގެން އިންފަދަ ފިނިކަމެއް ހަށިގަނޑުގައި ދައުރުވެލައިފިއެވެ.
"މިއީ ހުވަފެނެއް ކަމަށް ވާނީ.........." ކަޒްޔާ މަޑުން ބުނަން އުޅުނަސް ތަނުގައި އަޑު ގުގުމައިލިއެވެ. އަޒާލިއާ ބުދެއްހެން އިނުމުން ކަޒްޔާ އަދި އަދަބެއް ދޭހިތްވިއެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ސިއްރުކުރީމަ މިވަރުގެ ކުޑަ ސަޒާއެއް ހައްގެވެ. ވިކަން ވާ ގޮތައި ބާރުމިން ކަޒްޔާ ދަނެއެވެ. ދުވަހަކު މީހެއްގެ ގައިގާ ނުވިކާހާ ބާރަށް އަޒާލިއާގެ އަތުގައި ވިކައިގަންނަން އޭނަގެ ޟަމީރު އެންގިއެވެ. އިނގިލިތައް ދޭތެރޭ ލާ ފިތައިގަތްލެއް ބާރުކަމުން ބޭ އިޚުތިޔާރުގައި ހަޅޭއްލަވައިގަތް އަޒާލިއާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ހަށިގަނޑުގައިވިހާ ލެއެއް މޫނަށް ޖަމާވިފަދައެވެ. އަޒާލިއާގެ މޫނަށް ޖަންބުކުލަވެރިވިއެވެ. ލަދުން މަރުވާވަރުވިއެވެ.
"އެވަރަށް ޗައިލްޑް ބްރައިޑާއި ދެކޮޅަށް ރުޅި ދައްކާފައި އާޓިކަލްއެއް ލިޔަން އުޅުނު އަޒާލިއާވެސް މެރީކުރާތީ އެހެންވެ ކުޑަކޮށް ވިކައިލީ. އަޅުގަނޑު ހުވަފެނެއްކަމަށް ހީކުރެވިގެން ޔަގީންކޮށްލަން އެހެން ހެދި.....ސްޓޭޓްމެންޓް ބޭނުން..ކީއްވެކަން ނުބުނީ........" ކަޒްޔާ ކިޔާލައިފިއެވެ. ދެން ކަޒްޔާގެ ނަޒަރު ހުއްޓުނީ ނޯއާ ގާތު އިން އަޒާލިއާގެ ފިރިމީހާއަށެވެ. ކޮންމެވެސް މޫވީއަކުން ފެނުނު ހަދާނެއްވެ ލޯ ކުޑަކޮށްލާފައި އެސްފިޔަ ޖަހާނުލައި ބަލަން އިދެވުނީއެވެ. ދަސްކުރާފަދަ ގޮތަކަށެވެ. ޒޭވިއާއަށްވެސް އެކަން ފާހަގަވެ ލަދުގަންނަގޮތްވެސް ވިއެވެ. ކުޑަ ކުއްޖަކުވެސް ކަޅި ޖަހާނުލާ އެވަރަށް ބަލަންޏާ މީހަކު ލަދުގަންނާނެ ނޫންހެއްޔެވެ؟ ކުޑަކުއްޖެއް ވިޔަސް އަދަބުވެރިކަމެއް ހުންނަންވާނެއެވެ. ކަޒްޔާގެ އެ މިޒާޖު އެއުމުރުގެ އެހެން ކުދިންނާ ތަފާތެވެ. ނޯއާ އާ ފުރެންފެށިއެވެ. ފޫހިވީކަން ނޭގެއެވެ. އޮޅިގެން ޒޭވިއާގެ ކޮނޑުގައި ބޯ ނޭޅުނީވެސް ކިރިޔާއެވެ.
ކައިވެނީގެ ރަސްމިއްޔާތު ނިމުމުން އެންމެން އަރަބިގޮތަށް ސަލާމްކޮށް އުޅުނުއިރު ކަޒްޔާއަށް ލިބުނު ފުރުސަތުގައި އަޒާލިއާގެ އަތުގައި ހިފައިގެން ބޭރަށް ދެމިގެންފިއެވެ. އޭރު އެތަނަށް ސުފުރާ ގެނެވި އެންމެން ތަރާވީސްދަމުގައި ބައިވެރިވިއެވެ. އިންޑިއަން އަދި ދިވެހި ކެއުންތަކުން ސުފުރާމަތި ފުރިފައެވެ. ގާޟީން ދިޔުމާއެކު ހަނަފީ އަވަސްއަވަހަށް މާފަށް އެދުނެވެ.
"ކަޒްޔާ ތަންކޮޅެއް އަނގަގަދަވާނެ. ބުނަން ޖެހޭ އެއްޗެއް ފަސްނުޖެހިބުނާނެ. އެހެން ބޮޑަށް އެވަނީ ހީވަނީ ގޭގައި ހޯނެއް ގެންގުޅޭތީހެން. އެކަނިވެރިކަން ފިލުވަން ވާހަކަދައްކާ އުޅެނީ އެ ހޯނާއި ކަމަށްވަނީ. އަޅުގަނޑު އެކަމާއި މާފަށް އެދެން.." ހަނަފީ ލަދުގަތްކަން އެނގުނީ އޭނަ އިސްއުފުލައިލަން ނުކެރި އިންގޮތުންނެވެ. ދަރިފުޅު ކަޒްޔާ މަންމައަކާއި ނުލާ ބޮޑުވީއިރު އަދި އޭނައަށް ރަގަޅަށް ތަރުބިއްޔަތުވެސް ނުދެވުނީއެވެ. އަޚުލާގާއި އިސްލާމީ ތަރުބިއްޔަތު ދިނުމުގައި އިހުމާލްވެވުނީއެވެ.
"އެއީ އެވަރުކަމެއްނޫން. އެއީ އަދި އުމުރުން ފަނަރަ އަހަރު ނުފުރޭ ކުއްޖެއް. ބޮޑެތިމީހުންގެ ވިސްނުމެއް އަދި އެކުއްޖާގެ ނުހުންނާނެ. ކުޑަކުދިންގެ އުޅުން ހުންނާނީ އެގޮތަކަށްނު. އިރާދަކުރެއްވިއްޔާ ތިހުރިހާ ކަމެއް ބަދަލުވާނެ.......ޝޭޚު ހަނަފީ....ހަނަފީ މާ ބޮޑަށް ފިކުރުނުކޮށް ބައްޕަގެ ފަރުވާގެ ކަންތަކާއިގެން އުޅެންފެނޭ. ﷲ ސުބުހާނަހޫ ވަތައާލާ ޝިފާ ދެއްވާށި. ކައިވެނީގެ ރަސްމިއްޔާތުގައި ދެކުދިން ތޮޅެން ފެށިޔަސް ފަހުން ރަގަޅުވާނެކަމަށް ބަލަނީ...." ހަމްޒާ ޚާން ހީލަމުން ބުނެލިއެވެ.
"މިހާރުވެސް ކަޒްޔާ އަޒާލިއާ ގޮވައިގެން ދިޔަ ތަނެއްވެސް ނޭގޭ. ބޭބެ ބުނުއްވީ ތެދެއް. އަޅުގަނޑުމެން ކަޒްޔާ އަދަބުވެރިކުރުވާނަން. އިންޑިއާއިން ޝޭޚު ދުރުވާއިރު ފެންނާނީ އެހެން ކަޒްޔާއެއް އިންޝާﷲ.............." ހީނާ ޚާން ކުޝަންއަށް ލެނގިލައިގެން އިންއިރު މޫނުމަތިން ބޮޑާކަމެއް ފެނުނުހެން ހަނަފީއަށް ހީވިއެވެ. ހީލާންވެސް ނުދަންނަ އަންހެނެއް ވިއްޔާއެވެ. ޕާކިސްތާނު ހެދުމެއްލައިގެން ބޮލާއެކު ދޯޕައްޓާ އަޅާލައިގެން އިންއިރު ކޮންމެވެސް ވަރަކަށް މޭކަޕްކޮށްލާފައެވެ. ހީނާ ޚާން ފޯނުން އަޒާލިއާއަށް ގުޅަންފެށިއެވެ. އޭނަގެ ޅީދަރިފުޅާއިގެން ކަޒްޔާ އެކުޅޭ ކުޅިގަނޑުދެކެ ނިކަން ފޫހިވެވިއްޖެއެވެ.
"ލޫލޫ. ކޮންތާކު؟ އަވަހަށް ކާން އާދޭ. ވަލީމާ ދޫކޮށްލާފައި ކޮންތާކަށް ތި ދިޔައީ؟ "
"މިހާރު އާދޭ. އެގޮތަށް ޖަމާއަތް ދޫކޮށްލާފައި ދިޔުމަކީ އަދަބާއި ޚިލާފުކަމެއް. އެކަމަކު މިއޮތް ގަޑިގައި އެކަނި އެގެއަށްގޮސްގެން ނުވެސް ވާނެއްނު..އެއްޗެހި ބަލާ އެހެން މީހަކާއެއްކޮށްނު ދާންވާނީ..."
ހީނާ ޚާން ފޯނު އެއްފަރާތުގައި ބޭއްވިއެވެ.
"ކަޒްޔާގެ ދަބަސް ބަލާ އެގެއަށް ދިޔައީޔޯ.އަންހެންކުދިން މިހެން އެކަނި ގޭގެއަށްގޮސް ހެދުމަކީ އެއްގޮތަކަށް ރައްކާތެރިކަމެއްނޫން. އަންހެންކުދިން މަހުރަމަކާއި ނުލައި ގެއިން ބޭރަށް ފިޔަވަޅެއް އެޅިގެންނުވާނެ. ދެން ކަމެއް ދިމާވެއްޖެއްޔާ ކާކުގެ ބޮލުގައި އެޅޭނީ. ޕްރެޝަސް. ނޯއާ އަވަހަށް ގޮސް އަނބިން ގޮވައިގެން އާދޭ......."
ޒޭވިއާއާއި ނޯއާވެސް ތެދުވުނުގޮތުން ހަލީމާ އަޖައިބުވެ އަނގަ ހުޅުވުނެވެ. އޭނަ ދުވަހަކު ދުށް ޒާތުގެ ކަމެއް ނޫނިއްޔާއެވެ. ކޮންފަދަ ބަސްއަހާ ފިރިހެންދަރިންނޭ ހިތަށް އެރިއެވެ. ބޮޑުދައިތަ އަމުރެއް ކޮށްލާއިރަށް ކާއެތިކޮޅު އަނގަޔަށް ނުލާ ދޫކޮށްފައި ރޮބޮޓުންހެން އެ ތެދުވުނީއެވެ. އޭނަގެ ދަރިއަކު އިންތަނުން ގުޑައިލާނީ އޭނަ ކަމަކު ކިޔާ އާދޭސްކޮށް އެތައް ފަތިވަރެއްގޮވައިލާ އަނދައިގަތުމުންނެވެ. ގިނަފަހަރު ލޭ ހޫނުވެ ރުޅިވެރިކަން އެންމެ މައްޗަށް ގޮސް އަމިއްލައަށް މާޔޫސްވެ ދަރިންދެކެ ފޫހިވާ ހިސާބަށްވެސް ދެއެވެ. މިގެއިން މިފެނުނީ އަދަބުވެރިކަމުގެވެސް މިސާލެކެވެ. ދަރިންނަކީ ނިއުމަތެއް ނޫނީ ބަލާއެކޭ އޭނަގެ މަންމަ އަބަދު ބުނެއުޅެއެވެ. މިގެއިން މިފެނުނީ ނިއުމަތެވެ. އޭނައަށްވެސް މިފަދަ ދަރިން ދެއްވިނަމައެވެ.
ހަލީމާވެސް ގެއަށް ދާ ހިތްނުވެފައި މާހިރާގެ ފަހަތު އަޅުވާލައިގެން ބަދިގެ ފަރާތަށް ދިޔައެވެ. އެފަރާތުގައި އަންހެންވެރިން ހޭލަމޭލަވެ އުޅޭތަން ފެނުނެވެ. ދީބާއާއި އަވަށްޓެރި ދެތިން އަންހެނުންވެގެން ކަދުރާއި މޭވާ ކަހަލަ އެއްޗެހި ޕެކްކުރުމުގައި އަވަދިނެތި އުޅެނީއެވެ. ހަލީމާވެސް ބައިވެރިވިއެވެ. އެމީހުން ބުނިގޮތުން އެއައީ ކާއެއްޗެހިވެސް އަވަށްޓެރިންނަށް ސަދަގާތްކޮށްފައެވެ. އިސްރާފުކުރުމުގެ ބަދަލުގައި އެގޮތަށް އަވަށްޓެރިންނާއި ހިއްސާކުރުން ރަގަޅުތާއެވެ. މިރޭ ގޭގައި ނުކައްކާ ހަލީމާއަށްވެސް ނަސީބު ލައްވައިފިއެވެ.
**
އަޒާލިއާ ގާތު ސިޓިންރޫމްގައި މަޑުކުރަން ބުނެފައި ކަޒްޔާ އެތެރެއަށް ދާން ހިނގައިގަތެވެ.
"ކޮބާ ނޯހް...ސީލިންއަކު ނެތް.." އަޒާލިއާ ސޯފާގައި ޖައްސައިލިގޮތަށް ދެފައި ބިމުން ހިއްލައިލިއެވެ. ނޯހް މިއިން ތަނެއްގައި ފިލާ އިނދެފައި ގަޔަށް އަރައިފާނެކަމުގެ ބިރު އޮތެވެ. ކަޒްޔާގެ ތަފާތު މިޒާޖުގެ ސަބަބުން ބައެއްފަހަރު ހިތަށް ބިރުވެރިކަން ވަންނަ ފަހަރުވެސް އާދެއެވެ. މިރޭ ވިކައިގަތްތަން އަދިވެސް އޮތީ ލޭތައުޅުވެފައެވެ.
"ނޯހް ބުނީ ނިގޫގަނޑު ނެތީމަ ލަދުންނޯ. ލަދުރަކިކަމުންވެސް ގެންގުޅެވޭ ވަރެއްނޫން............................" ކަޒްޔާ ގެ އަޑު ދުރުން އައެވެ. "ލޫލޫ.........ނޯ ވޮރީ އިނގޭ. އޭނަ މެއްސެއް ޝިކާރަކުރަން ބައްދައިގެން މިތާ ސީލިންގައި އެބައޮތް............."
އަޒާލިއާއަށް ހަމަޖެހިލައިގެން ސޯފާއަށް ތިރިވެވުނެވެ.
"އެމެހި ހޯނުގަނޑު މަރައިލާނެނަމަ..." އަޒާލިއާ ތުންފިތައިލިއެވެ. ކަޒްޔާއަށް އަޑުއިވުނުނަމަ ވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. އެކަމަކު ހިތަށް އެރިޔަސް ފަކުރުން ހަލާކުވާވަރު އެބަވެއެވެ. ދޮންބެއަށް އޭނަ ހޯނުން އިންޒާރުދޭއިރު އޭނަވެސް އެހާ ފޫހިކުރުވާ އެއްޗެކެވެ. ކަޒްޔާ ކަހަލަ އަންހެންކުއްޖަކު އޭނަ އަދި ނުދެކެއެވެ.
ކަޒްޔާ ކޮޓަރީގެ ސްވިޗް ޖެއްސުމުން ހުދު އައްޔެއް ފެތުރުނެވެ. ކުރެހުންތެރިއެއްގެ ސްޓޫޑިއޯފަދަ ތަނެކެވެ. ކޮޓަރީގެ ފާރުވެސް ރީތި ކުރެހުންތަކުން ފަޅުފިލުވާލާފައެވެ. އެތާގައި ހުރީ މުޅިންވެސް ކެންވާސްތަކާއި ތަފާތު ކުރެހުންތަކެވެ. އަދި ކަރުދާހުން ހަދާފައިވާ އެކި ކުލައިގެ ކުދި ބޯޓުތަކުގެ އިތުރުން ޓުކުރިތަކާއި ތަޅުދަނޑިލާ އެއްޗިއްސާއި މާތަައް އަދި ތަފާތު ވައްތަރުގެ އެހެނިހެން ސާމާނުން ދައްކުވައިދެނީ ހުނަރެވެ. އެންމެ ބޮޑު ކެންވާސްގައި އިން ކުރެހުމުގައިވަނީ އޭނައާއި އެއްފުރާގެ ކުޑަ ފިރިހެންކުއްޖެކެވެ. ކާޓޫނު ވައްތަރެއްގެ ކުރެހުމެކެވެ. އޭނަ އެ ފޮޓޯގައި މަޑުމަޑުން އަތް ޖައްސައިލިއެވެ.
"މަގޭ ބޯއިފްރެންޑް. ޚިޔާލީވިޔަސް އެންމެ ރަގަޅުތާ. އެންމެ ލައިކްވަނީ ލެވީދެކެ..ދެން މެރީ ކުރިޔަސް ލެވީ ގާތަށް އަންނާނަމޭ. ރުޅި ނުވައްޗޭ އިނގޭ... އެގެއަށް ދިޔައީމަ މީރުކޮށް ކާން ލިބޭނެ އެހެންވެ އެއްބަސްވީ. ލޫލޫގެ ދޮންބެކަން އެނގުނީމަ ބައްޕަގާތު ކައިވެނި ހުއްޓުވާނަމޭ ބުނެފައިވެސް އެހާ މީރުކޮށް ކައްކާ ގެއަކާއި ދުރަށް ދާކަށް ނުވާނެއްނު. އަދި އިންޑިއަން ކާނާވެސް ހުރެޔޭ ލެވީ......." ކަޒްޔާ ގުދުވެފައި ލެވީގެ ނިތުގައި ބޮސްދިނެވެ. "ބަސް އަހައްޗޭ ލެވީ. ދެރަނުވައްޗޭ. ލެވީ ބޮޑުވެގެން ކޮންމެވެސް ދުވަހަކުން އައީމަ މެރީ ކުރާނީ ލެވީއާއި. އައި ޕްރޯމިސް..................."
ކަޒްޔާގެ ކުރެހުމުގެ ހުނަރު އޭނަގެ އާއިލާއަށް އެނގުނަސް ދުނިޔެއަށް ވަނީ ސިއްރުވެފައެވެ. ކުޑައިރުއްސުރެ ކުރެހުމާއި ސްކެޗްކުރަން ލޯބިކުރިއެވެ. އެ ފިހިގަނޑުން ކުލަ ޖައްސައިލަނީ ގުދުރަތީ މަންޒަރުތަކެވެ. ދެން ތަފާތު ވައްތަރުގެ ސޫފާ ސޫފި އަދި ޖަނަވާރުތަކެވެ. މީހެއްގެ ސޫރައެއް ކުރަހާ އެކުއްޖާއަށް ޚިޔާލީ ނަމެއް ދީ އެހުރިހާ ކަމެއް ކުރަންފެށިތާ އަދި ދޮޅު މަސް ނުވާނެއެވެ. އެދުވަސްކޮޅު ތަފާތު އެތައް ލެވީއެއްގެ ސްކެޗްވެސް ކޮށްލައިފިއެވެ. ހަގީގަތުގައި އޭނައަށް އެ ފޮޓޯތައް ފެނުނީ އަޒާލިއާ ދިން ފޮތެއްގެ ތެރެއިންނެވެ. ގޫޒްބަމްޕް ފޮތުގެ ތެރެއިން ފެނުނު ދެތިން ފޮޓޯގައި ބާރަވަރަކަށް އަހަރުގެ އެ ފިރިހެންކުއްޖާ ހުރީ ނިކަން ރީތިކޮށް ހެވިލާފައެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑެކެވެ. ހީލައިގެން ހުރިއިރު އެހާ ނަލައެވެ. އޭނަގެ ކުރެހުން އެހާވަރުން އަޒާލިއާއަށް ނުދައްކަން އުޅެނީވެސް އަޒާލިއާގެ "ބޯއިފްރެންޑް"އަކަށް ވެދާނެތީއެވެ. ކޮންމެގޮތެއް ވިޔަސް އެ ނުދަންނަ ކުޑަ ފިރިހެންކުއްޖާއަކީ އޭނަ ވަރަށް ރުހޭ ޒާތުގެ އަދި އެއް އުމުރުގެ ކުއްޖަކަށް ވެ އެ ކުއްޖާގެ ތަސްވީރު ކުރަހައިގެން އުފާވެރިކަން ލިބެއެވެ. ލެވީގެ ހުރިހާ ސްކެޗްތަކާއި ފޮޓޯތައް އޭނަ އަލަމާރިއަށް ލާފައި ތަޅުލިއެވެ. ތަޅުދަނޑި ވައްޓައިލީ މޭޒުމަތީ ހުރި ގުޅިއަކަށެވެ.
ކަޒްޔާ ނުކުތްއިރު ބުރަކަށީގައި އޭނައަށްވުރެ ބޮޑު ބެކްޕެކެއް އަޅުވާފައި އޮތެވެ. ބޯމަތީގައި ފޮތްތަކެވެ. އަނގައިގާ ލޮލިޕޮޕެކެވެ. ސްޕޮންޖްބޮބް ބާލީހެއް ކިހިލީގައި ޖަހާލާފައެވެ.
"ސުބުހާނަﷲ..ޔާޔާގެ ބުރަކަށި ބިންދައިގެން ގޮސްދާނެ..ކޮންހާ ސާމާނެއް ތީގައި ހުރީ.................." އަޒާލިއާ ގެ ހިތް އަވަސްވިއެވެ. ކަޒްޔާގެ ބޯމަތިން އެ ފޮތްތައް ފައިބައިގެންފާނެކަމުގެ ބިރުން އެހީތެރިވާން ކުރިއަށް ޖެހުނެވެ. އެވަގުތު ދޮރުގައި މީހަކު ޖެހިގަތްލެއް ބާރުކަމުން ބިންގަނޑަށްވެސް ކުޑަ ލޮޅުމެއް އެރިފަދައެވެ. އަޒާލިއާގެ ހިތަށްވެސް މެއެވެ. ކުރިއަށް ނެގި ފިޔަވަޅުތައް ހުއްޓި ލޯބޮޑުކޮށްލަމުން ބަލައިލެވުނީ ދޮރާއި ދިމާލަށެވެ.
"ހަތްބޯރާހި ނޫނީ ކުދުކުއްދާ ކަން ނޭގެއެއްނު. އިލޮށިފަތީގެ ހޫނުކަން ފެނުނީމަ އެކަހަލަ އެއްޗެހިވެސް ނިކަން ބިރުގަންނާނެއޭ ކާފަ ބުނޭ..އަޅާއިތިކޮށް ދުއްވައިގަންނާނެ.... " ކަޒްޔާ އުކުޅުގައި އަތް ވިއްދައިލިއިރު އަޒާލިއާ ބިރުން ރޫރޫ އަޅައިގަތެވެ.
"ދެމީހުން އެކަނި ތިބިކަން އެނގިގެން ވަގުންތަކެއް އައީކަމަށް ވާނީ. އަވަހަށް ބައްޕައަށް ގުޅަންވީ......"
"ބައްޕަ ދުރުވުމުގެ ކުރިންވެސް އެ ބަޔަކަށް ހަމަލާނުދީ ބަލަން ތިބޭކަށް ނުވާނެ....."
އަޒާލިއާ ފޯނު ނެގިއިރު ކަޒްޔާ ބޯމަތީ ހުރި ފޮތްތަކައި ބާލީސް ސޯފާމައްޗަށް އެއްލާލާފައި ހިފައިލީ އެއްފަރާތުގައި އޮތް ފަލަ އިލޮށިފަތްޗެއް ގައެވެ. އުދުހިފައި ކަހަލަގޮތަކަށް ގޮސް ދޮރު ހުޅުވާލާފައި ދޮރުމަތީގައި ހުރި މީހެއްގެ ފަހަތުން ބުރަކަށްޓަށް އަރައިގަތްގޮތަށް އެމީހަކު ދެކަކޫމައްޗަށް ތިރިވެވިއްޖެއެވެ. ގޮތެއް ފޮތެއް ނުބަލާ އިލޮށިފަތިން ތަޅައިގަތީ ބިރެއް ޖެހިލުމެއްނެތިއެވެ. އެމީހަކު އަދި ސަލާމަތްވާކަށް މަސައްކަތެއްވެސް ނުކުރެއެވެ. ކަޅުފޮއި ރެއެއްކަމުން އަނިދިރިކަން އެހާ ގަދައެވެ. ދޮރުމަތީގައި ލާފައި އޮތް ބޮކި އަނދާފައި އޮތުމުން އަލިކަން ފުޅެއް ނެތެވެ. ތަނެއް ދޮރެއް ވަކިވަނީއެއް ނޫނެވެ. ނުވީތާކަށް ވާރޭގެ ބޯ ތިކިތައްވެސް އިންޒާރަކާއި ނުލާ ހަތަރުފަރާތުން ހަމަލާދީފިއެވެ. ވާރެއާއި އެމީހެއްގެ ހަޅޭކާއި އަޒާލިއާގެ ހަޅޭކުގެ އަޑު އެކުވެ މާހައުލުގެ ހިމޭންކަން މުގުރާލައިފިއެވެ.
ނުނިމޭ