"ފަތިސް ނަމާދަކީ މުނާފިގުންނަށް އެންމެ ބުރަބޮޑު އެއް ނަމާދެވެ."

***

"އެރިކް. މަންމަ މިކޮޅަށް އައިސް އުޅޭތީ އަހަރެން ވަރަށް ކަންތައް ބޮޑުވެފައި މިހިރީ. މަންމަ ހިތްހަމަޖައްސަން އަހަރެން މިހާރު ދައްކަން ޖެހެނީ އެހެން ޒޭވިއާއެއް. ފަޅާ އަރައިފިއްޔާ މަންމަގެ ހިތް ހަލާކުވެދާނެ...." ޒޭވިއާ ކޯޓުގެ ޖީބަށް އަތް ޖަހައިލިއެވެ. އަރްކާންވެސް ހުރީ ކެހެރި ހެދުމަކާއެކު ކޯޓެއް ލައިގެންނެވެ.

"އަހަންނާއި ޒޭވިއާ އެކުވެރިކަން އެނގިއްޖެއްޔާވެސް މައްސަލައަކަށް ވާނީ.. މަގޭ މަންމައަށްވެސް އަހަރެން ހާ ޑީސެންޓް ރަގަޅު ފިރިހެން ދަރިއެއް ނުހުންނާނެ. އެނީވޭސް ކޮންމެ މީހެއްގެ އީވިލް ސައިޑެއް އޮންނާނެ. އަހަރެމެންގެ އެންޖެލިކް ބައިދެކެ ލޯބިވާ މީހުން މަދެއްނޫން ދޯ....."އަރްކާންވެސް ހީލިއެވެ.

"ހޫމް...އެހެންވެއޭ ބުނީ އަނާއާއިހެދި މޮޔަވިޔަސް ކެތްތެރިވާށޭ. އެހާވަރުން އުޅޭނެކަމެއް ނެތޭވެސް ބުނީމެއްނު. އެކުދިން ބަލާބެލުމަށް ކިތަންމެ ރީއްޗަސް އެކުދިންގެ ދީނާއި ފިކުރު ހުންނަ ގޮތާއި އެރިކް އާއި ހާސްބައި ތަފާތު. ޚިޔާލު ތަފާތުވުންތައް އެހާ ބޮޑުއިރު ކައިވެންޏަކާއި ހަމަޔަށް ދިޔުމުގެ މާނައެއް ނެތޭ ބުނީމެއްނު. ދެން ނުވީތކަށް ކްރިމިނަލްއަކަށް ވެއްޖެ..ހުރިހާ ހެޑޭކެއް މަގޭ..." ޒޭވިއާ ކުއްލިއަކަށް އެނބުރި ބަލައިލަމުން އަރްކާންގެ ކޮނޑުގައި އަތުން ޖަހައިލިއެވެ. "އެރިކް. ލިސެން ޓު މީ. ތިކަން ހުއްޓާލާ..ތީ ލޯތްބެއްނޫން....މީހަކު ނައްތާލާފައި އަދި އެކުއްޖާގެ އަނބިމީހާ ހާސިލެއްނުކުރެވޭނެ. އެވަރުން ހޯދަންވީވެސް އެކުއްޖާއާއި ޚިޔާލު އެއްގޮތްނަމަތާ. ދުނިޔޭގައި އަންހެންކުދިން ބައިވަރު.ކޮންމެވެސް އެހެން ކުއްޖެއް ހޯދާ..އަހަރެން ދެނެހުރި އެރިކްއަކީ ވުމަނައިޒާއެއް. ވީއިރު ތީ ކޮންކަމެއް......."

"ޒޭވިއާ ވާހަކަ ތިދައްކަނީ؟ ދެން ފޯޓީން ޔިއަރ އޯލްޑަކާއިގެން ކޮން ސަކަރާތެއް ތިޖަހަނީ؟" އަރްކާން ކޯޓުގެ ޖީބަށް އަތް ޖަހައިލީ ގަދަ ފިނިން ސަލާމަތްވުމަށެވެ.

"އަހަރެން ބުނީމެއްނު ގުޅުމެއް ނެތޭ. މަންމަ ހިތުގައި ނުޖައްސަން އަދި އެކުއްޖާއާއި މެރީކުރިޔަސް އަހަރެން އެޓްރެކްޓްވާގޮތެއް ނެތް. އެހެންނޫނަސް އަހަރެން މީ ޕެޑޮފައިލްއެއްވެސް ނޫނެއްނު.........." ޒޭވިއާ ބުމަ ކައިރިކޮށްލިގޮތުން ފޫހިވީފަދައެވެ.

"އަނާ މަގޭ މީހަކަށްވާނެ. އެ ޔަގީންކަމެއް..."

"އަނާ ސިންގަލް ދޯ މިހާރު. ޓްރައިކުރޭ...އެކަމަކު އޭނައަށް ހަގީގަތް އެނގިއްޖެއްޔާ ހޭޓްކުރާނެވަރު ދަނެގެން ތިކަމާއި އުޅޭތި." ޒޭވިއާ ކަރުގައި އޮޅާފައިވާ ބޯ ސްކާފް ރަގަޅުކޮށްލިއެވެ. "ނުލިބޭ އެއްޗެއް ކޮންމެ ގޮތެއް ހަދާފައިވެސް ހާސިލުކުރުމުގެ ޕެޝަންއެއް ކަލޭގެ ހުރޭހެން ހީވޭ.."

"މަގޭ ފުރާނައާ. ޔޫ އާ ރައިޓް .އަނާ އެހެން ގާލްސްއާއި ތަފާތު. ދެން ބުރުގާ އަޅާފައި ހުރީމަ ވަރަށް މިސްޓީރިއަސް. މަށަށް އަދި މޫނު އަޅާފައި ތިބޭ ކުދިންގެ ލޯ ފެނުނީމަ އެކުދިންންނަށް އެޓްރެކްޓްވާ ގޮތެއް ހުރޭ. އެގޮތަށް އަނާގެވެސް މޫނުން އެންމެ އަޅައިގަންނަނީ ލޯ. އެހެންވެ ހިތް ކީ. ބުނަން ޒޭވިއާ. އަނާއަށް ދުވަހަކުވެސް ޔަހްޔާގެ ގާތިލެއް ނޭގޭނެ. ގްރޭވްއާއި ހަމަޔަށް ގެންދާވަރުގެ ސިކްރެޓެއް އެއީ................" އަރްކާން އަމިއްލަ ނަފުސަށް ޔަގީންކަން އޮތެވެ.

"ވަޓް އެބައުޓް ނައިޓްމެއާސް. ސްޓިލް ޔަހްޔާގެ ރޫހު ރިވެންޖް ނަގަން އާދޭތަ؟ "ޒޭވިއާ އެހިއެވެ.

"އެކަހަލަގޮތެއް. ނުނިދޭ. ޝްރިންކަކާއި ހަމަޔަށް އަހަރެން ގެންދިޔުމުގެ ސަބަބަކަށް މަގޭ ދުޝްމިނަކުވެއްޖެ. އެވެސް ކަށްވަޅުގައި އޮވެ........"

"އާ ޔޫ ރިގްރެޓިން އިޓް؟ "ޒޭވިއާ ސުވާލުކުރިއެވެ.

"ނެވާ...." އަރްކާން ހިނިގަނޑެއް ޖަހާލައިފިއެވެ."ހއުމަނިޓީއަށް ކޮށްދެވޭ ރަގަޅުކަމެއް އެކަހަލަ އެކްސްޓްރީމިސްޓުން ނައްތާލުން. ދޭ ވުޑް ތޭންކް މީ....."

ޒޭވިއާއަށް އެ ފަނޑު އަލިކަމުގެ ތެރެއިންވެސް އަރްކާންގެ ލޮލުން ފެނުނީ ނުރައްކާތެރިކަމެވެ. އެއީ ހަމަ ގާތިލެއްގެ ލޮލެވެ. އެލޮލުގައި އިންސާނިއްޔަތުކަމެއް ނެތެވެ. ކަޅުކަން ގަދަވެފައި އަޑިނޭގޭ ފުން ލޮލުގެ ރީތިކަމާއި ބޯ އެސްފިޔަތަކުގެ ނިވަލުގައިވާ ޝައިތާނާ ފެނިއްޖެއްޔާ އަންހެންކުދިން ދުރަށް ދުވާނެކަން ގައިމެވެ. ނަމަވެސް ފައިސާއަކީ މީހުން އަޅުކަން ކުރާ އެއްޗެކެވެ. ފައިސާގެ ނިވަލުގައި ހުރިހާ ފާފައެއް އިންސާނުން ކޮށް އޭގެ ނިވަލުގައި ހިމާޔަތް ހޯދައެވެ. ޝަރީއަތްކޮށް ހުކުމް އިއްވާނީ އަތުގައި ފައިސާ ފޮތްޗެއް ނެތް ނިކަމެތިންނަށެވެ. އަރްކާން އެފައިސާގެ ފަރުދާގައިހުރެ ފާހިޝް އަދި މުންކަރާތްތައް ކޮށް އުފަލުގައި ހަޔާތް އެވޭތުކުރަނީއެވެ.

ޒޭވިއާއާއި އަރްކާންގެ ތަފާތަކީ ޒޭވިއާއަކީ އެގޮތަށް ޖެހިލުމެއްނެތި މީހުންމަރާފަދަ އަނިޔާވެރިއަކަށް ނުވުމެވެ. ޒޭވިއާގެ މައްސަލައަކީ ދީނެވެ. އޭނަގެ މައިންބަފައިން ތަރުބިއްޔަތު އަދި ހުޅަގު ގައުމެއްގައި އުޅެ ބޮޑުވުމުން ދީނާ ދުރުވެ މަގު އޮޅުމެވެ. ތައުހީދާއި އަގީދާ އޮޅުން ފިލުވައި ދެވިފައި ނެތުމެވެ. ދީނުގައި ހަރާމް ކަންތައްތަކަށް އަރައިގަނެ ހަރާމްގޮތުގައި ފައިސާ ހޯދައިގެން ދިިރިއުޅުން ބިނާ ކުރުމެވެ.އަރްކާންގެ އޮތް ހިލަ ހިތުގެ ބަދަލުގައި ޒޭވިއާގެ ހިތް ތަންކޮޅެއް މަޑެވެ.

ދެމީހުންގެ ހިއްސާވެސް އޮންނަ އެ ނައިޓްކްލަބަށް ވަނުމާއެކު އެތާ މުވައްޒަފުން އަދަބާއި އިހުތިރާމްއާއެކު ސަލާމްކުރިއެވެ. އަންހެންކުދިންވެސް ނިކަން ފަރިވެލާފައި އެ ޒުވާނުންނަށް ކަޅި ހުއްޓިފައި ތިއްބެވެ. ލައިވް މިއުޒިކް ކުޅެމުންދާއިރު ދެތިން ނަށާ ތަޅުމުގައި ޖޯޑުތައް ނަށަމުން ދިޔައެވެ. ޑީޖޭ ބޫތަކާއެކު އެތަނުގައި އެތައް ޒުވާނުންތަކެއް ރަލުގެ މަސްތުގައި ގައިގޯޅިވެގެން ނެށުމަށް ވަޖިދުވަދެފައި ތިއްބެވެ. ކެފޭއަކާއި ރެސްޓޯރެންޓަކާއި ޕަބްއެއް ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ "ފަޔާ އެންޑް އައިސް"ގައި އެފަދަ ޒުވާނުންނަށް އުފާލިބޭހާ ކަމެއް ފުރިހަމައެވެ. ބިލިއާޑްއާއިއެކު ޖުވާ މޭޒުތަކުންވެސް އެތަނުގެ ފޯރި ގަދަވެފައިވިއެވެ. ޒޭވިއާއާއި އަރްކާންގެ ކުރިމަތީގައިވެސް ރާފުޅިއެއް ބެހެއްޓުނެވެ.

އަރްކާންއާއި ޒޭވިއާވެސް ބިލިއާޑް ކުޅެ ކޮންމެވެސް ވަރަކަށް ޖުވާ ކުޅުމާއި ބައިވެރިވިއިރު ހެއްދެވި ފަރާތް މަތިން ހަދާނެއްނެތެވެ. އެފަދަ ފާހިޝް އަމަލުތަކެއްގެ ތެރެއަށް ގެނބިފައި ތިއްބާ މަރު އައިސް ބައްދަލުނުކުރާނެ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ އެހެން ޚިޔާލެއް ފިކުރެއްނެތި އެފޯރީގައި ތިބެފައި ނުކުތްއިރު ފުދޭވަރަކަށް ދަންވެއްޖެއެވެ.

އަރްކާންއާއި ޒޭވިއާ ކްލަބްގެ މަތީބައިގެ ކޮޓަރިއެއްގެ އެނދުމަތީގައި ދެމިފައި ތިއްބެވެ. އެކަކު ޝީޝާގެ ހޮޅިގަނޑު އަނގައިގާ ޖަަހައިގެން އޮތްއިރު އަނެކަކު ވޭޕްކުރަނީއެވެ. ދެމީހުންވެސް މަސްތުގެ ނުރައްކާތެރި އޮއިވަރުގައި ޖެހިފައެވެ.

"ކުޑަކުއްޖަކާއި މެރީކޮށްގެން އުޅެން ދެން ޒޭވިއާ ލަދެއްވެސް ނުގަނޭތަ؟" އަރްކާން ސުވާލުކުރިއެވެ.

"އެރިކް މީހެއްގެ އަންބަކާއިހެދި އުޅުނީމަ ނުގަންނަ ލަދެއް އަހަރެން ގަންނަންވީ ސަބަބެއްނެތް. އެހެންނޫނަސް އާއިލާ އެންމެނަށް އެނގޭނީ އަހަންނާއި އެކުއްޖާގެ ގުޅުމެއް ނެތްކަން. ޝީޒް ޖަސްޓް އެ ކިޑް އެކަމަކު ޔޫ ނޯ ވަޓް. އެކުއްޖާވެސް އަހަންނާއިހެދި އުޅޭ. އަންހެންކުދިން ނިކަން މޮޔަވާނެ. އަހަރެމެން އަދި ހައްދާލިޔަސް އެނގޭނީއެއްނޫން. މިބުނީ މަގޭ ހުރެއެއްނު ލޯބިވާ ގާލްއެއް...ދާލިއާ.... ނޫން އެހެން ކުއްޖެއްދެކެ ކިހިނެއް ލޯބިވާނީ. އެކަން އަދި މަންމަ ކީއްކުރަން ފެމިލީ މީހަކަށްވެސް ނޭގޭނެ. ދެން ޖެހޭނީ ސިއްރުން އޭނައާއި މެރީކޮށްފައި ޑަބަލް ލައިފެއްގައި އުޅުން...އެމީހުން ގާތު ސޯލިހު ޒޭވިއާ.ދާލިއާއެކު ރިއަލް ޒޭވިއާ.. އަދި މަގޭ ލައިފަށް ކީއްވެ ސިމިލާ ނޭމްސް ކިޔާ ކުދިން އައީ.. އަޒާލިއާ...ދާލިއާ...މަލުގެ ނަންތައް........." ޒޭވިއާގެ ލޯ މެރެމުން ދިޔައިރު ދާލިއާގެ ވާހަކަދެއްކިއެވެ.

***

ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތައްވެ މުދަލާއި ހިފާ ގެންގުޅޭ ސާމާނުތައް ހަލާކުވިއެވެ. ޝޭޚު ހަމްޒާގެ ގޭގެ ގަހެއް ވެއްޓުމުގެ އިތުރު ގެއްލުމެއް ނުލިބުނެވެ. ނަމަވެސް ނޯއާގެ "ޗޮކްލެޓް ވައިބްސް" ހުރިގޮތަށް ނަގޫރޯޅީގެ ޝިކާރައަކަށްވެ އެތަން އެއްކޮށް ލުހެލައިފިއެވެ. ކުރިހާ މަސައްކަތް ބޭކާރުވިތަން ފެނި ނޯއާގެ ހިތް ހަލާކުވާވަރުވިއެވެ. ލައްކައިން ޚަރަދުކުރި އެ ރީތި ރެސްޓޯރެންޓްގެ ފުރާޅާއެކު ފާރުތައްވެސް އެ ތޫފާން ގުޑުވާލައިފިއެވެ. ނޯއާ ވަގުތުން ޒޭވިއާއަށް ގުޅިއެވެ.

"ޑޯންޓް ވޮރީ ބްރަދާ..ތިން ލައްކަ ޑޮލަރުން ރަގަޅު އިމާރާތެއް އެޅޭނެ. ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށް. ކަޒްޔާގެ މަސައްކަތް ތިތަނުން ފޮހެންވެގެން މަދާ ނެޗަރގެ ފިއުރީ ފިނިޝްޑް އެވްރީ ޓްރޭސް އޮފް ހާރ ދޯ....." ޒޭވިއާ ހީލާފައި ކިޔާލައިފިއެވެ.

"ތެންކިއު ޒޭވް..." ނޯއާގެ ބޮޑުލޮލުން އުފާވެރިކަން ފެނުނެވެ.

ކަޒްޔާ ކުރަހާފައި ހުރި ބިތްގަނޑު ސަލާމަތްވިކަމީ "މިރެކްލް"އެކެވެ. ނޫނީ އޭނަގެ ހަޔާތުން ކަޒްޔާގެ އަސަރު ނުފޮހެންވެގެން ލިބުނު ރޫހާނީ މެސެޖަކީހެއްޔެވެ. އޭނަ އެވާހަކަ އޭނަ ޒޭވިއާއަށް ސިއްރުކުރިއެވެ.

ނަގޫރޯޅިއެއްގެ ހަމަލާއަކުން ޗޮކްލެޓް ވައިބްސް ރެސްޓޯރެންޓް ބިމާއި ހަމަވިކަން އެނގުމުން މާހިރާ ހިތާހިތުން ހަމްދުކުރިއެވެ. އެ ރެސްޓޯރެންޓް ހަލާކުވެގެން ދިޔުމަށް އޭނަ ހެއްދެވި ފަރާތުގެ ހަޟުރަތުގައި ދުޢާކުރާތާ ކޮން ދުވަހެއްހެއްޔެވެ؟ ދުޢާ އިޖާބަވުމުން ލިބުނު އުފަލާއެކު ލޮލުން ކަރުނަވެސް ފައިބައިގަތެވެ. ޝުކުރުގެ ސަޖިދައަށް ތިރިވިގޮތަށް އަޑު ވީއްލާ ރޮވުނެވެ.މާހިރާ ނޯއާގެ ފޯނަށް ގުޅަމުން ނިކުތްއިރުވެސް ދުނިޔެ މަތި އަނދިރިކަމުން ދެންމެ ދެންމެ ވާރޭގެ ސައިލެއް އޮހިގެންފާނެފަދައެވެ. ވައި ބާރުކަމުން އޭނަގެ ބޮޑު ބުރުގާވެސް އުދުހިގެން ގޮސްދާނެ ފަދައެވެ.

"މަންމާ..މިހާ ވައިބާރުއިރު ބޭރަށް ނިކުމެ އުޅެނީ ކިއްވެތަ؟" ނޯއާއަށް އޭނަގެ މަންމަ ފެނުމުން އަވަސްވެގެން އެދިމާލަށް އައެވެ.

"މަންމަ ގުޅާ ގުޅާ ފޯނު ނުނެގީމަ މިއައީ.."

"ސޮރީ މަންމާ. ސައިލެންޓަށް ލެވިފައި.." ނޯއާ ޖިންސްގެ ޖީބުން ފޯނުނެގިއެވެ. ޒޭވިއާގެ ފަރާތުން ލިބުނު އެހީގެ ވާހަކަ ބުނުމާއެކު މާހިރާގެ މޫނުގެ ކުލަ ބަދަލުވީ މާހައުލާއި ދާދި އެއްވަރަށެވެ. އެލޮލުގައިވެސް ހަލަބޮލިކަމެއް އުފެދުނެވެ.

"ނޯއާ. ޒޭވިއާ ތިޔަ ދިން އެހީ ބޭނުންނުކުރޭ..."

"އެއީ ކީއްވެ މަންމާ...."

"ސަބަބަކީ މަންމަ އަބަދުވެސް ޒޭވިއާގެ ފައިސާގެ ހަލާލުކަމާއިމެދު ޝައްކުވާތީ. އެކުއްޖާގެ ބައްޕަގެ ވިޔަފާރި ފަހުން ދަށްވެ ދަރަނިވެފައި އޮތްވާ އެހާ ޅަ އުމުރުގައި ކޮންތާކުން ހޯދައިގަތްހާ ފައިސާއެއް. އަދި ޒަކާތް ދޭކަމެއްވެސް ނޭގޭ. ރިބާވެސް ތީގައި ނުހިމެނޭކަން ނޭގެއެއްނު. އެކަހަލަ ވިޔަފާރިއަކަށްވީމައެއް ނު ބަރަކާތް ނުލެއްވީ. އައި ވައިގަނޑުގައި އެތަން ލުހެލީ. އެކަމުން އިބުރަތެއް ހޯދާ. މަންމަގެ ވާހަކަ އަޑުއަހާ.." މާހިރާ ނޯއާގެ އަތުގައި ހިފައިލިއެވެ.

"ދެން އަޅުގަނޑު މަސައްކަތެއްނެތި ގޭގައި ހުންނަންވީ؟"

"މަންމައަށް ހެޔޮ ހަރާމް ވިޔަފާރިކޮށްގެން ގެއަށް އެއްޗެއް ވެއްދުމުގެ ބަދަލުގައި ކުރިން އޮންނަހެން ނޯއާ ނިދަން އޮތަސް..."

ނޯއާއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ތެދެކެވެ. އޭނައަށް ރެސްޓޯރެންޓުން ލިބޭ ފައިދާވެސް މަންމަމެން ބޭނުމެއްނުކުރެއެވެ. ގެއަށް ޚަރަދުކުރަނީ ބައްޕައަށް ލިބޭ ފައިސާއިންނެވެ. އޭނަގެ އެކައުންޓަށް ފައިސާ ފުދޭވަރަކަށް ޖަމާވެއްޖެއެވެ. މަންމަ އެންގީ އެ ބަހައްޓާފައި އާ ފެށުމަކުން ފެށުމަށެވެ.

"ބައްޕަގެ އެކައުންޓުގައި ހުރި ފައިސާއިން އިމާރާތް އަޅަންވީނު ނޯއާ. އޭރުން ހަލާލުގޮތުގައި ވިޔަފާރިކުރެވޭނެ................"

ނޯއާއަށްވެސް މަންމަގެ ވާހަކަތަކުން އަސަރުކުރިއެވެ. އެބުނާހެން ރެސްޓޯރެންޓް ބިމާއި ހަމަވީ ދުނިޔެމަތީގައިވެސް ލިބުނު އިންޒާރެއްހެއްޔެވެ؟ އެކަމަކު ގިނަމީހުން ހަރާމެއް ހަލާލެއް ބެލުމެއްނެތި ރިބާއާއި ސޫދުވެސް ކަނީއެވެ. އެމީހުންނަށް ސަޒާއެއް ނުލިބި އޭނައަށް އަންނަންވީ ކީއްވެހެއްޔެވެ؟ ޒޭވިއާއަކީ ތަނަށް އިންވެސްޓްކުރި މީހާއެވެ. އޭނައަށް ސަޒާއެއް ނުލިބުނެވެ. އޭނަގެ ވިޔަފާރި ކުރިނާރާ ނަމަ މިހާ ގިނަ ޑޮލަރުތަކެއް އެއްފަހަރާ އިންވެސްޓްކުރަން ޖެހިލުންވާނެއެވެ. އަނގައިގާ އެއްބައި އޮތްވާ ޒޭވިއާ އެހީތެރިވާނީ އޭނަގެ އަތުގައި ފައިސާގެ ބައިވަރެއް އޮތީމައެވެ. ވީއިރު ޒޭވިއާއަށް ސަޒާ ނުލިބުނީ ކީއްވެހެއްޔެވެ؟ ސިކުނޑި ތަފާތު ސުވާލުތަކުން ފުނި ޖެހުނެވެ. ނަމަވެސް އެންމެނަށް ދުނިޔެއިން އަޒާބު ނުލިބި ހިނގައިދާނެއެވެ. ކާފަރުންނަށް ދުނިޔެއަކީ ސުވަރުގެ އަދި މުއުމިނުންނަށް ހުރަގެއެކޭ އެބުނަނީ ތެދެކެވެ. އެކިގޮތްގޮތަށް ވިސްނާ ފިކުރުކުރުމަށްފަހު ބައްޕަގެ ފައިސާއިން ކުޑަގޮތަކަށް ރެސްޓޯރެންޓް ފަށަން އޭނަ އަޒުމް ކަނޑައެޅިއެވެ.

***

ގަމަރިއްޔާ ކޮޓަރީގެ ބޭރުގައިވާ ތަޅު މަޑުމަޑުން ނައްޓާލާފައި ދޮރު ހުޅުވާލައިފިއެވެ. އޭރު ކަޒްޔާ އިނީ ނަމާދުކޮށްގެން ގުރުއާން ކިޔަވަން މުސައްލަ މަތީގައެވެ. ގަމަރިއްޔާ ފެނުމުން އެ ލޮލުގެ ވިދުވަރުގަދަވިއެވެ. މި ހުރަގޭގައި އޭނަގެ ހުރިހާވެސް އުއްމީދަކީ މި ދައްތައެވެ.

"ޝޭޚު ހަމްޒާ އަބަދުވެސް ބުނުއްވާ ބަހެއް ހަދާން އެބަހުރި. ދުއާ ވަރަށް ބާރުގަދަވާނެޔޯ. ތެދުވެރިކަމާއިއެކު ދުޢާކުރުން މަތީ ދެމިހުރެއްޖެއްޔާ ފަރުބަދަވެސް ކެނޑިދާނެ. ކަނޑުވެސް ހިނދިދާނެ..ނުވާނީ ކޮންކަމެއްތަ؟" ގަމަރިއްޔާގެ އަތުގައި އޮތް ތަސްބީހަ ގުނަމުން ދިޔައިރު އެމޫނުމަތި އެހެން ދުވަހަށް ވުރެ އައްޔެވެ. "ކޮބާ ކޮއިފުޅު. ހާދަ ވިއްސާރައޭދޯ.............."

"ހޫމް...ފުރާޅުވެސް އެއްލާލާފަނެހެން ހީވޭ...މީހަކަށް ނުފެނިތަ ގަމަރިއްޔާ ދައްތަ ތިއައީ؟"

"އެންމެން ވަޒީފާގައި އުޅޭ ގަޑި..."

ބާރު ވައިރޯޅިއަކާއިއެކު ކުޑަދޮރުތަކުގެ ބިއްލޫރިތައް އިރުގަނޑެއްވާންދެން ގުޑިއެވެ.

"ދައްތަ މިއައީ ވަރަށް އެހެން ކަހަލަ ހަބަރެއް އިވިގެން..." ގަމަރިއްޔާ ދޮރު ތަންޑު އަޅުވަން އުޅުނެވެ.

"ތަންޑު މިހާރު ހަލާކުކޮށްލާފައެއްނު ތިހިރީ. ބޭރުން އެކަނި ތަންޑު އެޅޭނީ.. ގަމަރިއްޔާ ދައްތަ ހަދާން ނެތުނީތަ؟ ކުށްވެރިވެގެން ހައްޔަރުގައި އޮތްމީހެއް މި ކޮޓަރީގައި މިއޮތީ............" ކަޒްޔާ މުސައްލާ ރީތިކޮށް ފަތްޖެހިއެވެ. "ކޮން ޚަބަރެއްތަ؟ރަށުގެ ވާހަކައެއް އޭނަ ގެނައީތަ"

"ކޮއިފުޅު ބުނީމެއްނު ޝޭޚު ހަމްޒާގެ ދަރިފުޅު ނޫހުގެ ރެސްޓޯރެންޓެއް ހުޅުވި ވާހަކަ. މިގަދަ ވިއްސާރައިގާ އެރަށަށް ލިބުނު ގެއްލުމުގައި އެތަން އެއްކޮށް ބިމާ ހަމަވެއްޖެޔޯ.." ގަމަރިއްޔާގެ އެ ޖުމްލައިން ކަޒްޔާގެ ހިތްވެސް ގެނބިއްޖެއެވެ. ހިންދިރުވައިލަންވެސް އުދަގޫވިއެވެ.

"އަދި ކަޒްޔާގެ ބޭބެ ފައިސާދީގެންނޯ ޝޭޚުގެ ދަނބިދަރިފުޅު ޔަހްޔާ މަރައިލެވުނީ. އެވާހަކަ އިވުނުއިރު ހިތުގައި ރިއްސަން ފެށިގޮތަށް އަދިވެސް ޝިފާއެއް ނުލިބޭ. ދައްތަގެ ހިތަށް ކެތްވާނީ ކިހިނެއް؟ އެފަދަ ވާހަކައެއް އިވުނީމަ ގަބޫލުކުރަން މިހިތަށް ކުޅަދާނަވާނެތަ؟ އެފަދަ ތުހުމަތެއް ބޮލުގައި އަޅުވައިގެން އެކުއްޖާގެ އަބުރު ކަތިލަން ކޮންމެވެސް ބަޔަކު މަސައްކަތްކުރަނީކަން ޔަގީން....."

"ދޮންބެ އަދިވެސް ޔޫކޭގައި ކަންނޭގޭ...މިދުވަސްކޮޅު ނުފެނޭ. އެކަހަލަ ކަމެއްކޮށްފާނެހެން ހިޔެއްނުވޭ. ޑޮކްޓަރެއްނު. އެމީހުން ބަދުނާމުވާނެތީ ބިރުވެސް ގަންނާނެ. ރަގަޅު މީހުން ނޫނީ ބަލިމީހުންނަށް ޚިދުމަތްކުރުމުގައި ނޫޅޭނެ......"

ކަޒްޔާ އަލަމާރީގައި އޮތް ފޯނުނެގިއެވެ.

"ދައްތާ. އަހަރެން ބޭނުން ނުސްރާއާއި ވާހަކަދައްކައިލަން..."

ގަމަރިއްޔާގެ ތުރުތުރުލާ އަތުން ހެދުމުގެ ޖީބުގައި އޮތް ކަރުދާސްކޮޅެއްނެގިއެވެ. އޭގައި އޮތީ ނުސްރާގެ ނަމްބަރެވެ. ކަޒްޔާގެ ރީތި ދެލޯ ވިދާލިއެވެ. ހިތަށް ގަނޑުފެން އެޅުމުންވެސް ފިނިކަން ލިބޭނީ އެހާވަރަށެވެ. އޭނަ އެނަމްބަރަށް ޑައިލް ކުރަން ފެށިތަނާ ކުއްލިއަކަށް ދޮރު އަޑާއަށް ހުޅުވުމާއެކު ދެމީހުން ސިއްސައިގެންގޮސްފައި ބަލައިލެވިއްޖެއެވެ. ދޮރުމަތީގައި ހުރި ނަވާބު މަނިކުގެ މޫނު ފެނިފައި ކަޒްޔާ ބިރުން ފިތްކަނޑައިގެންދާ ވަރުވިއެވެ. އެލޮލުން އަލިފާނުގެ ކުލަ ފެނުނެވެ. ވަށްކޮށްލެވިފައިވާ ދެލޮލާއެކު ބޮޑު ކަންފަތުންވެސް ދުންއަރާފަދައެވެ.

"ކާކު ގެނެސްދިން ފޯނެއް.." ނަވާބު ދަތްކުނޑިވިކައިގަތެވެ.

"ބައްޕަ......ބައްޕަ ފޮނުއްވި ހަދިޔާއެއް..." ކަޒްޔާ ފޯނު މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ.

"ކިތައް ފަހަރު ބުނީ މަށަށް ސިއްރުން ފޯނެއް ނުގެންނާށޭ......."ނަވާބުމަނިކުގެ އަތް ވައިގެ ތެރޭ ހަރަކާތްކުރިއެވެ.ދެން ފެނުނީ ކަޒްޔާގެ ނޭފަތުން އޮހިގަތް ލޭގަނޑެވެ. ގަމަރިއްޔާއަށް އެ މަންޒަރުފެނުމުން ކެތްނުކުރެވިގެން ލޮލަށް ކަރުނަ އައުމާއެކު އެކުއްޖާ ސަލާމަތްކުރަން އެދޭތެރެއަށް ވަނެވެ.

"ސާހިބާ.....އަޅުގަނޑު ހެއްދެވި ފަރާތް ގަންދީ ހުވާކުރަން. މިއީ އަޅުގަނޑު ގަނެދިން ފޯނެއް...އެކުއްޖާގެ ކުށެއްނެތް. ސާހިބާ. ކުށްވެރިއަކީ ނިކަމެތި އަޅުގަނޑު..އެކުއްޖާއަށް އަނިޔާ ނުކުރައްވާ....." ގަމަރިއްޔާ ކަޒްޔާއާއި ނަވާބުގެ ދެމެދަށް ވަނެވެ.

ކަޒްޔާ އޭނަގެ ނޭފަތުގައި ހިފަހައްޓަމުން ފަހަތަށް ޖެހިލީ ބިރުން ލޯ ބޮޑުކޮށްލަމުންނެވެ. ނަވާބުމަނިކު އޭނައަށް ސިފަވީ އިފުރީތެއްހެންނެވެ. ދެން ފެނުނީ ކަޒްޔާ އުއްމީދު ނުކުރާ މަންޒަރެކެވެ. ނަވާބު ގަމަރިއްޔާގެ އަތުގައި ހިފާ އެއްފަރާތަށް ހޫރުވާލިއިރަށް ވިއްސައިގެންގޮސް ޖެހުނީ ފާރުގައެވެ.އަދި ބެލްޓުން ދެތިން ބޮނޑި އެޅިއެވެ. ކަޒްޔާގެ ސިކުނޑި ގަނޑުވި ހިދުކޮޅަކަށްފަހު ރުޅީގެ އަލިފާން މުޅި ސިކުނޑީގައި ރޯވެ އަނދައިގަތެވެ. ރަތްވަމުން ދިޔަ މޫނާއެކު ބުމަ ކައިރިވެ ތުންފަތް ފިތައިލެވިއްޖެއެވެ.

"ލީވްހާ އެލޯން މިސްޓަރ ނަވާބު މަނިކު..........." ކަޒްޔާ ނަވާބުގެ އަތުން ބެލްޓް ދަމައިގަންނަން އުޅުނީ ފިރިހެނެއްގެ ބާރު އަންދާޒާ ނުވާ ހާލުގައެވެ. ނަމަވެސް އޭނަ ކަޒްޔާވެސް ފޮޅުވައިލީ މެއްސެއްފަދައިންނެވެ. އެނދުގައި ޖެހުމާއެކު އެވަރުންވެސް ދެން ދުއްވައިގަނެވުނީ ގަމަރިއްޔާ ހިމާޔަތްކުރުމަށެވެ.އޭނަގެ ގައިގާ އޮޅުލައިގަތެވެ. ނަވާބު ކަޒްޔާގެ ބުރަކަށްޓަށް ބެލްޓްގެ އެތިފަހަރުތަކެއް ބޭލިއެވެ. ގަމަރިއްޔާ ރޯ އަޑު ގޭތެރޭގައި ގުގުމާލިއެވެ.

"ހަނދާންކުރާތި. ގަމަރިއްޔާ އަހަރެންގެ ހުކުމަށް ބޯ ނުލަބައިފިއްޔާ ފުރާނަ ދަމައިގަންނަންވެސް ޖެހިލުމެއް ނުވާނަން.."

ނަވާބު މަނިކު ކަޒްޔާގެ އަތުން ފޯނު އަތުލިއެވެ. އަދި ދޮރުލައްޕާލާފައި ދުރުދުރުގައި ފިޔަވަޅު އަޅަމުންގޮސް އަޑުކެނޑުނެވެ. ކަޒްޔާ ގަމަރިއްޔާ ތެދުކުރަން މަސައްކަތްކުރީ އަމިއްލަ ނަފުސްމަތިން ހަދާން ނައްތާލާފައެވެ.

"ގަމަރިއްޔާ ދައްތަ..ވަރަށް ތަދުވިތަ؟ އަހަންނާއިހެދި ވާ ކަންތަކޭ. ސޮރީ...." ކަޒްޔާގެ ލޯ ކަރުނުން ފުރުމާއެކު ގަމަރިއްޔާ ބިންމަތިން ނަގަން މަސައްކަތްކުރިއެވެ. ގަމަރިއްޔާ ބުރަކަށީގައި އަތް އަޅައިގެން މަޑުމަޑުން ކުކުރަމުން ދިޔައެވެ.

ކަޒްޔާ ދޮރުފަތުގައި ހިފައިލިއިރު ދޮރުތަޅުނުލާކަން އެނގުމުން އަވަހަށް ދުއްވައިގަނެވުނީ ގަނޑުފެން ބަލައެވެ. ބަދިގެ ތެރެއިން ޝިފާ ފެނުމުން ފަސްޓްއެއިޑް ފޮށި ގެނެސްދޭން އެދުނެވެ. ޝިފާ މޫނު ކަޅުރޭގަނޑެއްހެން ހަދައިގެން ހުރެވެސް ކަޒްުޔާ ބުނިކަމެއް ކޮށްދިނީ މަސްލަހަތަށް ބަލާފައެވެ. ކަޒްޔާއަށް ވެފައި ހުރިވަރު ފެނިފައި އެވަރުގެ އެހީއެއްވާން ހިތަށް އެރީއެވެ. ނޫނީ ކަޒްޔާއަށް ހޭހަން ކުރަން ޖެހިދާނެކަމުގެ ބިރުވެސް ހިތަށް އެރީއެވެ. ކަޒްޔާ އައިސްޕެކާއި އެފޮށިި ހިފައިގެން ވިދުވަރެއްހާ ހަލުވިކޮށް ގޮސް ލޯމަތިން ގެއްލުނެވެ.

***

ކަޒްޔާ ގަމަރިއްޔާ ގެ ގައިގާ ދުޅަވެފައިވާ ތަންތާ ގަނޑުފެން އަޅާދީފައި ބޭސް އުގުޅާލަދިނެވެ. އަތުގައި ބެންޑޭޖް އޮޅާލަދިނެވެ. އޭނަ ގަމަރިއްޔާ ދިރިއުޅޭ ކޮޓަރިއާއި ހަމަޔަށް ގެންގޮސްދިނީ އަތުލަފިކޮށްގެންނެވެ. ގަމަރިއްޔާގެ ހިމޭންކަމާއި ލޮލުގައިވި މޮޅިވެރިކަމުން އެހިތުތެތޭ އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ކަޒްޔާއަށް އިހުސާސްކުރެވުނެވެ. އޭނަ ބޭނުމީ ނަވާބު މަނިކު ހުރިތަނަކުން ހޯދާފައި އޭނައާއި ދިމާލަށް ހިތް ފުރެންދެން އެއްޗެހި ކިޔާލުމަށެވެ.

ކަޒްޔާ ލޯގަނޑު ކައިރީ ހުއްޓުނެވެ. އޭނަގެ ކުޑަ ކުޑަނޭފަތް ބޮއްކެއްހެން ރަތްވެފައި އިނެވެ.

"އައޫޒް ކިޔަވާ. އޭރުން ރުޅި ފިނިވާނީ.." ކަޒްޔާގެ ސިކުނޑީގެ ކަނަކުން އެންގިއެވެ."އޭނައާއި ދިމާލަށް ދިޔަސް މިކަމުން ސަލާމަތެއްނުވާނެ. މި ހުރަގޭގައި ހަމައެކަނި ބަލަދުވެރިޔަކީ އެހީތެރިޔަކީ މާތްﷲ....ކަޒްޔާ އެކަން ހަދާން ނައްތައިނުލާ. އެ އަނިޔާވެރިޔާއާއި ދިމާލަށް އެއްޗެހި ކިޔައިގެންފިއްޔާ ގަމަރިއްޔާދައްތަ ގެއިން ނެރެލަފާނެކަން ނޭގޭ. އެންމެ ރަގަޅުވާނީ ލޯބިވާ މީހަކާއި ގުޅުން ނުބާއްވާ ދުޢާކުރިއްޔާ. ދުޢާއަށްވުރެ ބާރުގަދައީ ކޯނޗެއް؟ ދުޢާއިން ނުވާނެ ކަމެއް ނެތް. ވީމަ ގަމަރިއްޔާއްތައަށް ހެޔޮއެދެންޏާ މަޑުން ހުރޭ. މާތްﷲ އަނިޔާވެރިންނަށް އެކަމުގެ ސަޒާ ދެއްވާނެ. ކޮންމެވެސް ދުވަހަކުން އެކަން ފެންނާނެ އިންޝާﷲ. މުސްކުޅިންނަށް އޯގާތެރިވާން ދީނުގައި އޮވޭ. ގަމަރިއްޔާ ދައްތަ ކިހާ ބަލިކަށި މީހެއް އެކަމަކު އެ ނުލަފާ މީހާ......."

ކަޒްޔާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. އެތަންމިތާ ރިއްސަން ފެށުމުން އަމިއްލަ ނަފުސާއިމެދު ޚިޔާލުކުރެވުނެވެ.

"ޑިއަރ ނޯއާ. ސޭވް މީ...ޕްލީޒް" ހިތް ހަލާކުވެފައި ހުރިވަރުން މިއަދު ކަޒްޔާއަށް ލިޔެވުނީ އެންމެ ޖުމްލައެކެވެ.

***

ފަނޑު އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާ އެގެ ސްނޯގެ ތެރެއިން ފެންނައިރު ނިކަން ހިތްގައިމެވެ. ރަތްއީޓު ޖަހާފައިވާ ގޭގެ ފުރާޅާއިއެކު ބިންމަތީގައިފެތުރިފައިވާ ސްނޯގެ ހުދު ދޫލައިވާ ބޫޓުގެ ނިޝާންތައް ދޫކުރަމުން އޭނަ ކުރިއަށް ދިޔައެވެ. ހަނދުވަރުގެ ރިހި އަލި ސްނޯއަށް އެޅުމުން ކުދި ޖަވާހިރުތައް ވިދާ ފަދައެވެ. ކުޑަދޮރުތަކުން ބޮކިތަކުގެ އޮރެންޖް އަލި ފާއްދާލާފައިވިއެވެ. ޒޭވިއާ ފިނި ހިފާފައިވާ އިނގިލިތަކުން ތަޅު ހުޅުވާލާފައި އެތެރެއަށް ވަދެފައި ކޯޓު ބޭލިއެވެ. ގޭގެ ގިނަ ކޮޓަރި އޭނަގެ ސިއްރުސިއްރުން މަންމަގެ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު މަންމައޮތީ ބޯ ރަޖާދަށުގައި ގަދަނިދީގައެވެ. ގުގުރީގެ މަޑު އަޑު ކޮޓަރީގައި ހިފާލަފައިވިއެވެ. މަންމަ އިންތިޒާރުގައި ނެތްކަމީ އޭނަގެ ނަސީބެވެ. އޭނަ ދިރިއުޅޭ ކޮޓަރިއަށް ވަންއިރު އަޒާލިއާވެސް އޮތީ ބޯ ކެހެރި ރަޖާގެ ހިމާޔަތުގައެވެ. އޭނައަށް ސިހުމެއް ލިބުނެވެ.

"އަޒާލިއާ މި ކޮޓަރީގައި ކީއްކުރަނީ؟" ޒޭވިއާ ސުވާލުކޮށްލައިފިއެވެ.

"ހީނާ އާންޓް ބުނީ............." އަޒާލިއާ ކަންބޮޑުވިއެވެ.

"މަންމަގެ ކަންތައް ދޯ..އަޒާލިއާ އަމިއްލައަށް ބޭނުންވެގެން ނޫންކަން ޔަގީންތަ؟ "ޒޭވިއާ ފާޑަކަށް އަހާލައިފިއެވެ.

އަޒާލިއާގެ ހިތުގައި ނަފްރަތު އުފައްދަން އޭނަ ކުރަންވީ ކަމަކާއި ބެހޭގޮތުން އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ.

"ތިޔަބުނި އެއްޗެއް ނޭގުނު..." އަޒާލިއާ މައުސޫމް ގޮތަކަށް ލޯ ބޮޑުކޮށްލިއެވެ.

"އަޒާލިއާ. އަހަރެން ދެކެ ލޯބިނުވާތި. އެވާނީ މޮޔަކަމަކަށް...ކްރަޝް ލޯބި އެޓްރެކްޓްޝަން އިންފެޗުއެޝަން ކޮންމެ ފަދަ އެއްޗެއްވިޔަސް އަޒާލިއާގެ ހިތުގައި އަހަންނަށްޓަކާ އެއްވެސް އިހުސާސް އެއް ހުރެއްޖެއްޔާ މިހާރުއްސުރެން ހިތުން ފިލުވައިލާ. ނޫނީ ހިތާމަކުރަން ޖެހިދާނެ. ތި އުމުރުގެ ކުއްޖެއް ހޯދާ އިނގޭ ސްވީޓްހާޓް." ޒޭވިއާ ގެ ކޮންމެ ޖުމްލައަކުން އަޒާލިއާ ލަދުން މަރުވާވަރުވިއެވެ.

"ތިހެން ބުނަނީ ކީއްވެ؟ އަހަރެންގެ ހިތުގައި އެކައްޗެއްވެސް ނެތް. އާންޓް ބުނީމަ އައި ސާވް ޔޫ..އައި ޑޯންޓް ނޯ ވަޓް ޔޫ އާ ޓޯކިން އެބައުޓް......" އަޒާލިއާ ކަންބޮޑުވުމާއެކު އެނދުން ތެދުވެއްޖެއެވެ.

"ހޭޓް މީ. ހޭޓް ކުރަން ދަސްކުރޭ. ސަބަބަކީ މިއަދު ނުކުރިއްޔާ މާދަން ކުރާނެތީ. އަޒާލިއާއަށް އަހަރެން މީ ކާކުކަމެއް ނޭގޭ. ޑޯންޓް ޖަޖް އެ ބުކް ބައި އިޓްސް ކަވާ. "ޒޭވިއާ ވޭޕަށް ދަމައިލިއެވެ.އޮރެންޖެ އަލީގައި އެރީތި ލޯ ފެނުނީ އަޖައިބެއްހާ ރީތިކޮށްވެ. އަދި ދުމުގެ ތެރެއިން ފެނުމުން އަންހެންކުދިންގެ ހިތަށް އަސަރުކުރާނެއެވެ.

"ކޯންޗެއްދެކެ އަޒާލިއާ ލައިކް ވީ؟ މަގޭ ފޭސްތަ؟" ޒޭވިއާ އަމިއްލަ މޫނުގައި އަތް ޖައްސާލާފއި އެއް ބުމަ އަރުވައިލިއެވެ.

"އަޒާލިއާއާ އަހަރެން ނުގުޅޭ ސަބަބު ކިޔާދެންޏާ ތައުޒަން ރީޒަންސް އޮވެދާނެ. ފުރަތަމަ ސަބަބަކީ ދެމީހުންގެ އޭޖް..މިޒާޖު. ވިސްނާގޮތް ތަފާތުވުން. އަޒާލިއާގެ މައުސޫމިއްޔަތާއި އަހަރެންގެ ހުރި އަނެއް ފަޅި..ތިކުއްޖާއާއި އެކަށީގެންވަނީ ތިފަދަ ދީނީ ފިރިހެނަކާއި އޯކޭ ...... ...." ޒޭވިއާ އެނދު ކައިރިއަށް ޖެހިލާފައި އަޒާލިއާގެ މޫނަށް ބަލަން އިރުކޮޅެއްވާންދެން ހުރިގޮތުން ދުރު ބަލައިލަންވެސް އޭނައަށް ނުކެރުނެވެ." އަޒާލިއާއަށް ނޭގޭ ދޯ އަހަންނަށް ސްޓެއާ ކުރާވަރު..އާ ޔޫ ދެޓް އިންޓެރެސްޓެޑް އިން މީ؟"

"އޯލްރައިޓް. އަހަރެން މިދަނީ އަނެއް ރޫމަށް..." އެންމެ މިނިޓަކަށް މިތާ މަޑުކޮށްފިއްޔާ ހިތް ހަލާކުވެދާނެއެވެ. ޒޭވިއާގެ އެ ލަފުޒުތަކުން އޭނަގެ ހިތަށް ހެރެނީ ތޫނު ކަށިތަކެއް ހެންނެވެ. އޭނަ ތެދުވެގެން ހިނގައިގަތީ ބާރަށެވެ.

"ސްޓޮޕް......ހަމަ މިހާރު." ޒޭވިއާ ލޯ ހަނިކޮށްލައިފިއެވެ.

އަޒާލިއާ ބިރުންގޮސް ރޮވޭވަރުވެއްޖެއެވެ. އޭނަގެ ހިތަށް އެވަގުތު ވީގޮތެއް ދެނެވޮޑިގެންވަނީ މާތްﷲއެވެ.

 

ނުނިމޭ

ކޮމެންޓް 0