"ކަޅުކުލައިގެ ވިލާހެން ފިތުނަ މިދަނީ ފެތުރެމުންނެވެ. ބޯ ވާރޭ ފަދައިން އެ ވެހިގަންނާނީ ކޮން އިރަކުން ހެއްޔެވެ؟ އަހަރެމެން ވާނީ އެއިން ހިޔާވަހިކަން ލިބިގަންނާނެ ބަޔަކަށް ހެއްޔެވެ؟ ނޫނީ އެ ތޫފާން އަހަރެމެން އޮބައިގަންނާނީ ހެއްޔެވެ؟ "

***

"ކަޒްޔާ...." އަރްކާން ގޮވައިލީ ނިކަން ހަރުކަށި ރާގަކަށެވެ."ޕެކް ކުރަން ދޭ......"

"ދޮންބެ.އަހަރެން. އަދި ބޭނުމެއްނޫން މާލެ ދާކަށް. ބޯރިން ޕްލޭސްއެއް މަންމަ ކައިރިއަށް ދާކަށް ބޭނުމެއްނޫން. މަންމަ އެހާ ރަގަޅެއްނޫން. ކިތައް އަހަރު މަންމައަށް އަހަރެން ނުފެނި މިވޭތުވެ ދިޔައީ. މިނިވަންކޮށް އުޅުނީ. ބޭނުންގޮތަކަށް ދެން މިހާރު ކޮންމެހެން ނަރަކައަކަށް ގެންދާން އުޅޭނެކަމެއް ނެތް. އައި ހޭޓް ހާރ......"

"އިނަފް....." އަރްކާންގެ ނަޒަރުން ކަޒްޔާ ރޫރޫ އަޅައިގަތެވެ. އަދި އަވަހަށް ތެދުވެގެން އެތަނުން ދާން ހިނގައިގަތީ އެ ނަޒަރުން އޭނަ އަންދާލަފާނެހެން ހީވެފައެވެ.

"ވަޓްސް ޔޯ ޕްރޮބްލެމް މޭން..." ނޯއާ ކޮޅަށް ތެދުވުނެވެ.

"ޔޫ......" އަރްކާން އިތުރު އެއްޗެއް ބުނާކަށްވެސް ބޭނުމެއްނުވިއެވެ. ދުރުގައި ފިޔަވަޅު އަޅަމުންގޮސް ލޯމަތިން ގެއްލުމުން ނޯއާ ހައިރާންވިއެވެ. އެހާ ނަފްރަތު ކުރާއިރު ކަމުގެ ހަގީގަތް އަހައިލަންވެސް ވާނެ ނޫންހެއްޔެވެ؟ އޭނަ މައިންބަފައިންގެ ބަސް ގަބޫލުކޮށްގެން ކައިވެނި ކުރީ އެމީހުން ކަޒްޔާއަށް ހިމާޔަތްދޭން އިސްލާމްދީނުގައި އޮތްގޮތަށް އަމަލު ކުރަންވެގެންނެވެ. އެކުއްޖާއާއި އޭނަގެ ގުޅުމެއް އޮތިއްޔާ އޮތީ ދުނިޔޭގެ އެހެން މީހުންނާއި އޮތް ވަރަށެވެ.

***

އަޒާލިއާ ކަޒްޔާގެ އަތާއި ފައިގާ މެހެންދީ އަޅާލަދޭން އިނެވެ. ޔާޔާއާއި ނޯއާގެ ނަން ހިތެއްގެ ތެރޭގައި އެޅިއެވެ. ކަޒްޔާ އޮށޯވެލައިގެން ހީނާފަތުގެ ފިނިކަމާއި މަޑުކަމުގެ އަރާމު ލިބިގަންނަން ލޯ މަރާލައިގެން އޮތީ އަޒާލިއާ ބޭނުންގޮތަކަށް ހަދަން ފަޔާއި އަތް ދީގެންނެވެ.

"ޑަން..." އަޒާލިއާ ބުނެލިއެވެ.

"ވަރަށް ލޯބި އާޓް ވޯކިން.. އެކަމަކު ކީއްވެ ނޯއާގެ ނަން މި އޮތީ؟ އޭނައަށް ފެނިއްޖެއްޔާ އަހަރެންގެ އަތާއި އެއްކޮށް އެކުވެރިކަންވެސް ކަނޑާލާނެ..." ކަޒްޔާ އަތަށް ބަލަހައްޓައިގެން އޮވެފައި ވިސްނައިލިއެވެ. އޭނަ ނުދައްކަންޏާ ފެންނާނީކީ ނޫނެވެ. ރަގަޅުވާނީ މާލެގޮސް ފޮޓޯއެއް ފޮނުވައިލީމައެވެ. އޭނަ އަޒާލިއާ ގާތުން އެދުނީ ފޮޓޯއެއް ނަގާދިނުމަށެވެ.

***

ކުޑަ ރަސްމިއްޔާތަކަށްފަހު "ޗޮކްލެޓް ވައިބްސް " ހުޅުވުނެވެ. އިނގިރޭސި ވިލެޖެއްގެ ޗޮކްލެޓް ބޮކްސްކޮޓެޖެކޭ ތަފާތެއް ނެތެވެ. ފުރާޅު ތަންކޮޅެއް ތިރިއަށް ހުރެފައި ޗޮކްލެޓު ކުލައިން ޕެއިންޓްކޮށްލާފައިވާއިރު ކުރިމަތީގައި އޮތް ތަންކޮޅުގައި އެއްކޮށް ފެހި ވިނަ ހައްދާފައި ހުދު ފެންސެއް ޖަހާފައެވެ. ފެންޑާގައި ސޯފާތަކާއި ކުދި ކުޝަންތައް ޖަހާ އެތަނުގައިވެސް ކާން ތިބެވޭގޮތަށެވެ. ތަފާތު ހިތްގައިމު ރެސްޓޯރެންޓެކެވެ. ޒޭވިއާ އުއްމީދުކުރިވަރުގެ އިމާރާތަކަށް އެތަން ވިއެވެ. ތަފާތުވައްތަރުގެ އައިސްކްރީމާއި ޗޮކްލެޓުން ހަދާފައިވާ އެކި އެއްޗެހީގެ އިތުރުން ރަހަމީރު ކޮފީގެ ބާވަތްތަކަށް ލޯބިކުރާ ޒުވާން ކުދިންނަށް އެތަން ކަމުދިޔައެވެ. ކަޒްޔާއަށްވެސް އެތަނަށް ގެނެސްފައި ހުރި އައިސްކޯނުގެ ބާވަތްތަކާއި ޗޮކްލެޓުން ހަދާފައިވާ ތަކެތި ފެނިފައި ނިކުންނަ ހިތެއްވެސް ނުވިއެވެ.

އަޒާލިއާއާއި ކަޒްޔާ ހަވީރު ކޮފީއަކަށް އެތަނަށްގޮސް ބެކްޔާޑުގައި ހުރި މޭޒެއްގެ ކައިރީ ތަބައް ހިފައިގެންގޮސް ޖައްސައިލިއެވެ.

"ސެލްފްސާވިސް އޮތީމަ އެކަނި އުދަގުލީ...." އަޒާލިއާ ކިޔައިލިއެވެ.

"އުދަގުލީ އެހެންވީމައެއްވެސް ނޫން. އެންމެ ޑްރީމް ޕްލޭސް ދުނިޔެއަށް އައި ތަނާ ފުރަން ޖެހުނީމަ..." ކަޒްޔާ އައިސްކްރީމް ތަށިން އެތިކޮޅެއް އަނގަޔަށް ލުމުން ވިރުނެވެ. "ޔަމީ......."

"ޗުއްޓީއަކަށްނު ތިދަނީ. އެނބުރި އަންނާނަމެއްނު." އަޒާލިއާއަށް ހަގީގަތެއް ނޭގުނެވެ.

"އިރާދަކުރެއްވިއްޔާ. އެމީހުން ބުނި މަސައްކަތެއް ކޮށްދީފައި އަންނާނީ..." ކަޒްޔާ ބުނެލިއެވެ.

"ހޭއި ލިޓްލް ވަންސް.......ކޮންހާ ޗުކުޗުކެއް ލައްވައިގެން މަގޭ ހުއްދަނެތި މަގޭ ސްޕެޝަލް ކޯނާއަށް ވަދެފައި ތިތިބީ....." ނޯއާ އައީ ދެއަތުން އައިސްކްރީމް ދެތަށި ހިފައިގެންނެވެ. ޖެހިގެން ހުރި ގޮނޑީގައި ޖައްސައިލަމުން ލޯ ހަނިކޮށްލިއެވެ. "އަޑުއިވިއްޖެތަ؟ މިތާ ވެރިޔާގެ ހުއްދަނެތި ބެކްޔާޑް ބޭނުން ކުރުން މަނާ..........."

"ދެފޫޓްހަމަނުވާ އައިސްކްރީމް ޕާލާއެއް ލިބުމުން މީހަކު މިވަރަށް ފޮނިވަންޏާ އަދި އެހެން ތަނެއް ލިބިއްޖެއްޔާ ވާނީ ކިހިނެއް؟ "

"ފޮނިވެގެންގޮސް ހަކުރުގަނޑެއްހެން ވިރާނީ. ދެންވެސް މަނާ ބޯޑެއް ޖެހީމަ އަހަރެމެން ޕުއާ ޕީޕަލްއަށް މިތަނަށް ނުވަންނަން އެނގޭނީ....." ކަޒްޔާ ބުނެލިއެވެ. "މިއީ ނޯއާ ކާން ގެނައިހާ އައިސްކްރީމްތަ..........."

"މިއީ މަގޭ ޓްރީޓެއް.. މިވެސް ހުސްކޮށްލާ..." ނޯއާ ކޮންމެ ކުއްޖެއްގެ ކައިރީ އައިސްކްރީމްތަށްޓެއް ބެހެއްޓިއެވެ."ބިލް ހައްދާފައި ހުރީ. ނޯ ވޮރީސް..."

"އާވް ސްވީޓެސްޓް ނޯއާ.. އައިސްކްރީމަށްވުރެވެސް ފޮނި ހަމަ..............." ކަޒްޔާ އެސްފިޔަތައް ޖަހައިލިއެވެ.

"އާ ޔޫ ފްލާޓިން ވިތް މީ..." ނޯއާ ލޯބޮޑުކޮށްލިއެވެ.

"ފްލާޓިން ވިތް އައިސްކްރީމް. ނޮޓް ޔޫ." ކަޒްޔާ ދޫނެރެލިއެވެ.

"ހޫމް އައިސްކްރީމާއި ފްލާޓްކުރޭ. ދާން ވެއްޖެ. އަހަރެން މިތާ ބޮޑުމީހާ މިހެން އިނީމަ ކަސްޓަރަމުންނަށް އަޅާލާނީ ކާކު؟ ސުޕަވައިޒްކުރަން ހުންނަން ޖެހޭނެކަމަށް ޒޭވިއާ އަންގަނީ. ވަޒީފާ ބަޔާން ކިޔާފައިވެސް ބޯ އަނބުރައިގަނެއްޖެ...." ނޯއާ ތެދުވެގެން ދިޔުމުން ކަޒްޔާ ހީލިއެވެ.

"ލޫލޫ ބުނެބަލަ. ޒޭވިއާދެކެ ލައިކްވޭތަ އެއްވެސް ވަރަކަށް؟ "

"ކްރަޝްއެއްކަން ނޭގޭ. ގާލްސްއިންގެ ބައިވަރު ކްރަޝް އެގޮތަށް އުޅެފައޭ މީހަކުދެކެ ލައިކްވާނީ......އެ ދޮންތަ ބުނި އެއްޗެއް. ދޮންތަވެސް ބޯއިފްރެންޑަކު ހުއްޓާ ބައްޕަމެން ބުނެގެން އެހެން މީހަކާއި މެރީކުރީ......" އަޒާލިއާ އޭނަގެ ދޮންތަ އަނާގެ ވާހަކަ ކުޑަކޮށް ކިޔާދިނެވެ. އަނާއަށްވުރެ ދޮށީ ދައްތަވެސް ކައިވެންޏަށްފަހު ދިރިއުޅެނީ ޔޫކޭގައެވެ.

***

ކަޒްޔާ ފުރަން ދަމުން އޮޅު ކައިރިއަށްގޮސް ޏަމްޏަމް ގަހާއި އެތާ ކައިރީ އޮތް ބޮޑު ގާގަނޑަށްވެސް "ބާއި "ކިޔައިލިއެވެ. އޭނަގެ ހަދާން ކުރާނަންތޯ އެހިއެވެ.

"އަހަރެން ވަރަށް އަވަހަށް އަންނާނަން އިނގޭ. ބަސް އަހާތި އިނގޭ. ބާއި.." ކަޒްޔާ ގަހުގައި ބައްދައިލިއެވެ.

ކުޑަދޮރުން ބަލަން ހުރި ނޯއާއަށް އެ މަންޒަރު ފެނި ހެވުނެވެ. ކަޒްޔާ އެ އުމުރުގެ ކުއްޖަކާއި ބަލާފައި ހާދަ މޮޔައެވެ. ނޯއާ އެނދަށް ވެއްޓިގަތްގޮތަށް ލޯ މަރައިލީ ސިކުނޑި ހުސްކޮށްލަމުންނެވެ. ޚިޔާލެއް ފިކުރެއްނެތި އަރާމުގައި އުޅުމަކީ އޭނަގެ އުސޫލެވެ. ދުނިޔޭގެ ކަންތަކުގައި ސްޓްރެސްވާންވީ ސަބަބެއް އޭނައަކަށް ނޭގެއެވެ.

"ހެލޯ ސްލީޕީބޯއި. އަހަރެން ފުރަން ދަމުން ހިތަށް އެރީ ހަދިޔާއެއް ދޭނީއޭ.."

"މި ޕިލޯ......ސްޕޮންޖްބޮބް..." ނޯއާ އަނގަ ހަދައިލިއެވެ."މިއީ ކަޒްޔާ އަބަދު ހިފައިގެން އުޅޭ ބާލީސްގަނޑު. މަށަށް ބަލަން ތި ޖައްސަނީ..."

"ހޫމް ދޮންބެ ބުނެފި ވިހި ކިލޯއަށްވުރެ ބަރެއް ނުކުރެވޭނެއޭ"

"މީގައި ހުރީ ވިހިކިލޯތަ؟ "

"އެއަށްވުރެ ކުޑަކޮށް ބަރުވާނެ..." ކަޒްޔާ ހަމަޖެހިލިއެވެ.

"ހޫމް ދެން ތިހާ ބަރު އެއްޗެއް ގެންދާނެކަމެއްނެތް.." ނޯއާ އެ ސްޕޮންޖްބޮބް ކަންނޭލު އަތުލުމުން ކަޒްޔާ އުފާވިއެވެ.

"ރަގަޅަށް ބަލައްޗޭ."

"ހަމަ އެކަނި މި ގިފްޓް..."

"ދެން ޕެއިންޓިންތައް ހުންނާނެ. އެނޫން ހަދިޔާއެއް ދެވޭނީ ފައިސާ ލިބުނުއިރަކުން. އޯ....... ޒޭވިއާ ދިން ފައިސާތައް ކާފަ ބަލިވީމަ ދިނީ. ގިނައިން ލިބުނުވަރަކަށް ސަޅި އެއްޗެހި މަގޭ ފްރެންޑުންނަށް ގަނެދެވޭނީ.....ދުޢާކުރައްޗޭ." ކަޒްޔާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ.

"ފްރެންޑެކޭ؟"

"ކީއްވެ ނުވާންވީ؟ ޔޫ އާ މައި ފްރެންޑެއްނު...."

"އަހަރެން ފްރެންޑް އެ ލަފުޒު ދަންނަނީ ތަފާތުކޮށް. އެއީ އެހާ އާދައިގެ ގުޅުމެއްވެސް ނޫން. ޚާއްސަ މާތް ގުޅުމެއް. އަދި ތިހާ ދުރަށް އަހަންނަށް ދެވުނުކަމެއް ނުވެސް ދެނެހުރިން. އެކަމަކު އެވަރު ނުވިޔަސް ދަންނަ މީހެކޭ ބުނެވޭނެ ދޯ. އަދި މި ބާލީހަށް ބަލަދު އަރާފައި ހުރީމަ ފުރާނަ ގުރުބާންކޮށްގެންވެސް މި ބާލީސް ހިމަޔަތްކުރަން މަސައްކަތްކުރާނަން. އަވަހަށް އަންނައްޗޭ."

"ހެހެ. މާމަ ބުނީ މިގެ ފަޅުވާނެއޭ..ކަޒްޔާ ދިޔައީމަ އަޑެއް ބަޑެއް ނީވޭނެއޭ. އަހަރެން ވަރަށް މިސްވާނެ ހުރިހާ ކުދިން. ސްޕެޝަލީ ކާފަގެ މަޖާ ވޯޑްސްތައް. އަނގަޔަށް ދުފާ އެއްޗިސް ލައިގެން ކާފަ ބުނާނެ އަނގައިގާ މިހިރަ އެއްޗެހި ޒައްގޫމް ފަދައޭ ނޫނީ މި ދުފާ އެއްޗެހި ހަރާމްވާނެއޭ.. ސްޕެޝަލީ އެ މަޖާ ޅެންތަކާއި ސްޓޯރީސްތައް......."ކަޒްޔާ ހަދާންކޮށްލަމުން ބުނެލިއެވެ.

"މާ އިމޯޝަނަލް ވާން ނަހަދާ ދެން ދޭ. ޑްރެމެޓިކްވެގެންގޮސް ދެން ރޯންވެސް ފަށައިފާނެ...." ނޯއާ ލޯ މަރައިލިއެވެ. "ނިދަންވެސް ވެއްޖެ. އިރުނާރަނީސް އެ ޒޭވިއާ ކިޔާ ހީވާގި ފިރިހެނާ މަ އެނދުން ބައިލަން އަންނާނެވިއްޔަ"

"އަހަރެން ރުއިން ހުއްޓާލައިފިން. އެއީ ބޭކާރު އެއްޗެއް. ރޮއިގެން ކަމެއް ބަދަލެއް ނުވާނެ. އޯކޭ ނޯއާ. ބާއި...."

ކަޒްޔާ ދޮރާއި އަރާ ހަމަވީތަނާ ނޯއާ ގޮވާލައިފިއެވެ.

"ހޭވް އެ ޓާބިއުލެންޓް ރައިޑް. ބަމްޕީ ނުވަންޏާ ޕްލޭން ރައިޑް ވަރަށް މޮނަޓަނަސްވާނެ. އެނީވޭސް އީވިލް ސަންތިމަރިޔަބުގެ ޕްރެޒެންސް ނެތީމަ މިގެ ގްރޭވްޔާޑަކަށްވާނީ.........."

ކަޒްޔާ ހީގަތެވެ. ނޯއާ އެކީ އެއްޗެއް ވިސްނުމަކަށް ނައެވެ.

"ތެންކިއު...ވައިބާ ކުރާނަން އިނގޭ"

"ވަން މޯ ތިންގް އަދި........" ނޯއާ ތެދުވުނެވެ."އަހަރެން ބިޒީ ވީމަ ބަބްލްސްއާއި އަޅާލާނެ ވަގުތެއްނުވޭ. އަދި ލޫލޫވެސް ޔޫކޭއަށް ފުރަން އުޅެނީ. އެހެންވީމަ ބަބްލްސް ގެންދޭ."

"ޔޭ....." ކަޒްޔާ އުފަލުން އައިގޮތަށް ނޯއާގެ ގައިގާ އޮޅުލައިގަތެވެ. އެތައް ފަހަރު ޝުކުރުއަދާކުރިއެވެ.

"އެގެންދެވޭނެތަ؟ "

"އާނ ލަގެޖް ބަޔަށް ލައިގެން ގެންދެވޭނެ. ނޯ ވޮރީސް..." ނޯއާ ބަބްލްސް މޫނުގައި ޖެއްސުމަށްފަހު ކަޒްޔާއާއި ހަވާލުކޮށްލައިފިއެވެ."މިކޮޅަށް އަންނައިރު ގެންނައްޗޭ."

ކޮންމެ މީހަކަށް ވަދާއުގެ ސަލާމްކުރުމަށްފަހު ކަޒްޔާ ބައްދައިލިއެވެ.

***

ކަޒްޔާ މާލެ ގޮސްފައި އޭނަގެ މަންމަ އަދި އަރްކާންއާއި ޒުވާބުކުރިއެވެ. އެންމެން ދެކެ ނަފްރަތުކުރާ ކަމަށާއި ގޯސްބަޔެއްކަމުގައި ބުނެ ބޮޑާ ދައްކާ ރޮއިހެދިއެވެ. ނަމަވެސް އެންމެފަހުން އަރްކާންގެ އިންޒާރުތަކާއިހެދި ގޮތްހުސްވެ އޭނަ ބުނެދިން ގޮތަށް ބަޔާނެއްވެސް ދީފިއެވެ. އެހިސާބުން ނޯއާއާއި އޮތް އެކުވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުނުކަން ޔަގީންވިއެވެ. ނޯއާގެ ކުށެއްނެތި ދޮގު ތުހުމަތުތަކެއް ބޮލުގައި އެޅުވުމުގެ ފާފަ ކުރެވުމުން އަމިއްލަ ނަފުސަށް ކުށްވެރިކަމުގެ އިހުސާސްވިއެވެ. ނަމަވެސް މަޖުބޫރުވީއެވެ. ނޯއާއާއި އާއިލާގެ ހައްގުގައެވެ.

***

ފުލުހުން ކޯޓު އަމުރާއިގެން އެގެއަށް އައިއިރު ނޯއާ އޮތީވެސް ސިޓިންރޫމްގެ ސޯފާގައި ހަމަޖެހިލައިގެން ނިދާލާފައެވެ. ވެހެމުންދާ ވާރޭގެ ސަބަބުން ހިތަށް ލިބުނު ތަސައްލީ އޭނަ ނިދީގެ ދުނިޔެއަކަށް ގެންގޮސް ވައްޓައިލިގޮތަށް ލޯ ހުޅުވައިލަން ބޭނުންނުވެފައެވެ. ނޯއާ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށާއި އެގެ ފާސްކުރަން އެދުމުން ޝޭޚު ހަމްޒާއާއި އާއިލާގެ އެހެން މެމްބަރުންނަށް ޝޮކެއް ލިބުނެވެ. ނޯއާއަށް އޭނަގެ ބައްޕަ ގޮވުމުން ތެދުވުނުގޮތަށް އެތައް ސުވާލެއް އަމާޒުވިއެވެ. ފުލުހުން އެކޮޓަރި ފާސްކުރަން އެދުމުން ނޯއާ ނިކަން ހަމަޖެހިލައިގެން ހުރެ ކޮޓަރީގެ ދޮރު ހުޅުވައިލަދިނެވެ.

"އޮޅިގެން ނުބައި ގެއަކަށް ތި ވަދެވުނީ. އަހަރެމެން ވިޔަފާރި ކުރަނީ ޗޮކްލެޓާއި އައިސްކްރީމާއި ކޮފީއިން. ޒޭވިއާ...ކީއްވެ އެމީހުންނަށް އެކްސްޕްލެއިން ކޮށްނުދިނީ. ޑްރަގް ކަމެއް ކުރަންޏާ އެންމެ ކުރިން ތި ބޭފުޅުންނަށްވެސް އަންގާފައި ހުއްދަ ހޯދައިގެން ބަޔެއް އަޅާގޮތަށް ފަށާނީ............." ނޯއާ ފާޚާނާއަށްވަދެ ދޮރު ލައްޕާލައިފިއެވެ. މޫނު ދޮވެލާ ހަދައިގެން ނުކުތްއިރު ފުލުހުން އެނދުގެ ބަރު ގޮދަޑި ހިއްލާލައިގެން އެތައް ޕެކެޓްތަކާއި ބޭސްގުޅަތަކެއް ނަގައިފިއެވެ. އެ މަންޒަރު ފެނިފައި އެންމެނަށް ޝޮކެއް ލިބި ނޯއާއަށް ބަލައިލެވުނެވެ.

"ޒޭވިއާ؟ ކީއްވެ މަޑުން ތިހިރީ. ޒޭވިއާ ފޮރުވި އެއްޗެއްތަ؟ އަހަންނަށް ނޭގި ބެޑްރޫމަށް އަދި އެނދުގެ ދަށަށް މި އެއްޗެހި އައިގޮތެއް ނޭގުނު.. " ނޯއާ ހުރީ ނިކަން ހަމަޖެހިލައިގެންނެވެ. އޭނަ އެތަނުން ބޭސްގުޅައެއް އަތަށް ނަގާފައި ބަލައިލިއެވެ. "މިއީ އެންޓިބައިޓިކްތަ؟ޒޭވިއާ ބަލިވީތަ...ކުރީ ރޭވެސް އެކަހަލަ އެއްޗެކޭ ބުނީމެއްނު...... "

"މަށެއްނޫން.." ޒޭވިއާ ބުނެލިއެވެ.

"މި އެއްޗެހި އަމިއްލައަށް ހިނގާފައި ނުވަންނާނެއްނު ސްވީޓްހާޓް." ނޯއާ ބުމަ އަރުވައިލިއެވެ.

"ޑޭމިޓް ނޯއާ..ތީ ބޭހެއްނޫން. ޑްރަގް..އެނގިއްޖެތަ؟ " ޒޭވިއާ ފުލުހުންނަށް ބަލައިލީ ފޫހިވެފައި ހުރެއެވެ. ނޯއާގެ އަމަލުންވެސް އޭނަގެ މައުސޫމްކަން ހާމަވެއެވެ. ނަމަވެސް މުހިއްމުވާނީ ހެއްކެވެ. ހެކި އެހެރީ ދިމާ ކުރިމަތީގައެވެ.

"ކެން އައި ހޭވް ބްރޭކްފާސްޓް؟ ރެއިން ފެށިގެން ރޯދައަށް މިހިރީ..." ނޯއާ ބަނޑުގައި އަތް ކާއްތައިލިއެވެ.

މާހިރާގެ ނުރުހުމުގެ ނަޒަރު ހީނާ ޚާންއިން ގޮސް ޒޭވިއާގެ މޫނުމަތީ ހަރުލައިފިއެވެ. އެ ނަޒަރުން ވަހުމާއި ޝައްކު އަދި ރުޅިވެރިކަން ފެނުނެވެ. ޒޭވިއާ އެހާ ގިނަ ފައިސާތައް ހޯދިގޮތް ދިމާ ކުރިމަތިން މިފެނުނީ ނޫންހެއްޔެވެ؟ އެކަމަކު ކުށެއްނެތް މައުސޫމް ޒުވާނެއްގެ ބޮލުގައި އަޅުވާލާފައި ޒޭވިއާ އެހެރީ ތިމާވަރުގެ މާތް މީހަކު ނެތްކަމަށް ހެދިގެންނެވެ. ތިމާއެއް ނޫނޭ ބުނެލިލެއް ކިހާ ފަސޭހަހެއްޔެވެ؟

ނޯއާ ގޮވައިގެން ފުލުހުންދާ މަންޒަރު ބަލަން ހުރެފައި ޒޭވިއާ އެމީހުން ހުއްޓުވަން މަސައްކަތްކުރިއެވެ. ޒޭވިއާ އެވަރުންވެސް ނޯއާގެ ދިފާއުގައި ވާހަކަދެއްކިއެވެ.

ނަމަވެސް ނޯއާގެ ކޮޓަރިން އެ ޕެކެޓްތައް ފެނުމުން ހެއްކެއްނެތޭ ބުނެ ހަމަޖައްސައިލެވޭކަށްވެސް ނެތެވެ. މާހިރާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓުމަށް ކުޅަދާނައެއް ނުވިއެވެ.

"ހަމްޒާ. ކީއްވެ އެއްޗެކޭ ނުބުނެ ތިހިރީ؟ އެމީހުން ހުއްޓުވާ. ނޯއާގެ އެއްވެސް ކުށެއްނެތް...."

"ކުށެއް ނެތިއްޔާ ޝަރީއަތުން އެކަން ނިންމާނެ.ކެތްތެރިވޭ މާހިރާ." ޝޭޚު ހަމްޒާގެ ޔަގީންކަން އޮތެވެ.

"އަހަރެމެންގެ ދަރިފުޅަކީ ވިޔަފާރި ކުރަން ހިތަށް އެރި ކުއްޖެއްވެސް ނޫން. އަބަދުހެން ކުރިމަތީގައި އެކުއްޖާހުރީ....." މާހިރާ ބުނަމުން ދިޔައެވެ.

"މާހިރާ ވާހަކަދައްކާގޮތުން ހީވަނީ ޒޭވިއާގެ ބޮލުގައި އަޅަން މަސައްކަތްކުރާހެން. ޒޭވިއާ ރެސްޓޯރެންޓެއް ހުޅުވީ ހަލާލުގޮތުގައި. އޭނަގެ ބައްޕަގެ ފައިސާއިން. އަހަރެންގެ ދަރިފުޅު އެހެންމީހެއްގެ ބޮލަށް ކަންތައް ޖަހާފައި އަމިއްލަ ނަފުސް ސަލާމަތްކުރާނެ ޒާތުގެ ކުއްޖެއްނޫން. އަމިއްލަ ފުރާނަވެސް އެކުވެރިންނަށްޓަކާ ގުރުބާންކޮށްފާނެ. ވީއިރު މާހިރާ ތިހެން ހިތަށްވެސް ނާރުވާތި..." ހީނާވެސް ތުން ފިތާލައިގެން ހުރެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލައިފިއެވެ.

ޒޭވިއާ ބުމަކައިރިކޮށްލައިގެން ހުރިއިރު އަތް މުށްކެވުނެވެ.

"ދުޢާކުރުން ނޫންގޮތެއް ނެތް. މީހަކު ނުކުރާ ކުށަކަށް ސަޒާއެއް ނުލިބޭނެ. ލިބިއްޖެއްޔާ އިންސާފު ލިބޭނެ ދުވަހެއް އެބައޮތް.." ޝޭޚު ހަމްޒާގެ އަޑު ކޮންމެވެސް ވަރަކަށް ކުރެހުނެވެ. "އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ މާނައެއްނެތް. ޝަރީއަތުގައި ވާގޮތް ބަލައިލަމާ...."

"އަންކަލް . އަޅުގަނޑުވެސް މިހިރީ ހަމަ ޝޮކެއްގައި ނޯއާގެ ބޮލުގައި އަޅުވަން ކޮންމެވެސް މީހަކު ކުރި ކަމަކަށް ވާނީ. މިއީ ކޮންމެވެސް ކަހަލަ ރޭވުމެއް. އޭނަ ޑްރަގް ވިޔަފާރިއެއް ނުކުރާނެ. އެއަށްވުރެ މާ ރަގަޅަށް ނޯއާ ދަސްވެފައިވަނީ...ހީޒް އިނަސެންޓް. ރަގަޅު ލޯޔަރެއް ހޯދަންވީ. އެ ހެޔޮ ބޭރުން ގެންނަން ޖެހުނަސް....." ޒޭވިއާގެ ވާހަކަތަކުން އެންމެންގެ ހިތާމަތައް ކުޑަވިއެވެ. ސުވާލަކީ އެކޮޓަރިއަށް ވަދެ އެވަރުގެ ކަމެއް ކަޒްޔާ ކޮށްފާނެތޯއެވެ. އެއާއިލާ މީހުންގެ އިތުރަށް އެ ކޮޓަރިއަށް ވަދެ އުޅޭ ހަމައެކަނި ކުއްޖަކީ އެއީއެވެ.

***

ނޯއާގެ ބަންދަށް ފަނަރަ ދުވަސް ޖެހުމަށްފަހު އޭނަ ގޮވައިގެން ޝަރީއަތަށް މާލެ ގެންދެވުނެވެ.

ނޯއާގެ ފޮޓޯ ކުށްވެރިއެއްގެ ގޮތުގައި ނޫހުން ފެނުމުން އަޒާލިއާއަށްވެސް ކެތެއްނުކުރެވުނެވެ. ރޮއިރޮއި ހަލާކުވާވަރުވިއެވެ. ކަޒްޔާއަށް ގުޅަން މަސައްކަތްކޮށްކޮށް އެކަން ކާމިޔާބެއްނުވިއެވެ. ކަޒްޔާގެ ފޯނު އޮންނަނީ ނިވާލާފައެވެ. ކަޒްޔާވެސް ނޯއާ މަސްތުވާތަކެތި ވިއްކަނީ ކަމުގައި ޔަގީންކުރީ ބާވައެވެ. އެހެން ހުއްޓާ ދެން ލިބުނީ އިތުރަށް ސިހުން ގެނުވާ އެތައް ޖަޒުބާތުތަކުން ސިކުނޑި ފަޅައިގެން ދާފަދަ ޚަބަރެކެވެ. ނޯއާ ކުޑަކުދިންނަށް "އެބިއުޒް" ކުރާ ވާހަކައެވެ. ކުޑަކުއްޖަކާއި ކައިވެނިކޮށްގެން އެކުއްޖާއަށް އެތައް އަނިޔާއެއްކޮށް އެކުއްޖާއަށް ނަފްސާނީގޮތުން ގެއްލުންތައް ލިބުނު ވާހަކައެވެ.

މީހަކު ދޮރުގައި ތަޅައިގަތުމުން އަޒާލިއާ ދޮރު ހުޅުވައިލިއިރު ލޮލުގައި ކަރުނައެވެ.

"އަޒާލިއާ.......މިއުޅެނީ ވަރަށް ބޮޑުކަމެއް ދިމާވެގެން....."

"ކިހިނެއްވީ..." އަޒާލިއާ ބިރުގަތީ ބޮޑުދައިތަގެ މޫނުގެ ކުލަވަރު ފެނިފައެވެ. އޭނަގެ ފައި ބިންމަތީގައި ހަރުނުލައެވެ. ޒޭވިއާވެސް އަޑުގަދަވެގެން ކޮޓަރިން ނުކުމެގެން އައިއިރު ދެންމެ ފެންވަރާލައިގެން ނުކުތްފަދައެވެ. އިސްތަށިގަނޑުވެސް އޮތީ ތެތްކޮށެވެ. އޭނައަށް މަންމަގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.

"މަންމާ. ވަޓް ހެޕެންޑް......"

"އަންކަލް......ދަރިފުޅާ. އަންކަލް...." ހީނާ ބާރަށް ރޮއެގަތެވެ.

ވިސްނަންވީ ކިހިނެއްކަމެއް އަޒާލިއާއަކަށް ނޭގުނެވެ. އޭނަގެ ބައްޕައަކީ ކެތްތެރި ހިތްވަރުގަދަ އީމާންތެރިކަން ވަރުގަދަ އަޅުވެރިއެކެވެ. ނޯއާގެ މައްސަލައިގާ ސާބިތުކަމާއެކު ހުރެ މަންމައަށް ހިތްވަރު ދިނީ ބައްޕައެވެ. ވީއިރު ނޯއާގެ މައްސަލައިގާ ބައްޕައަށް ބޮޑުކަމެއް ދިމާވެދާނެކަމަށް ގަބޫލުކުރުން ދަތިވިއެވެ.

"އެކްސިޑެންޓްވެފައި ވަރަށް ބޮޑުވަރުވެއްޖެ....މީހަކު ބުނީ ބޭބެ ނިޔާވެއްޖެޔޯ......."

އަޒާލިއާ ހުއްޓުން އަރާފައި ލޯ ބޮޑުކޮށްގެން ހުރީއެވެ.

ނުނިމޭ

ކޮމެންޓް 0