"ކެތްތެރިކަމުގެ ނަތީޖާ އަބަދުވެސް ރަގަޅުވާނެއެވެ. ކެތްކުރާށެވެ."
***
ކަޒްޔާ ކާރަށް އަރައި ހަމަޖެހިލުމުން އަރްކާން ވެސް ކައިރީގައި އިށީނެވެ. އެ ތޫނު ލޮލާއި ލޯ ބައްދަލުވުމުން ކަޒްޔާ ފިނިވިއެވެ. އަރްކާންއަކީ ދޮންބެކަމަށް ދެކި ލޯބި އުފައްދަން މަސައްކަތްކުރާއިރުވެސް "ގާތިލު" އެ ލަފުޒު އެ ހުރިހާ އިހުސާސްތަކަށް ގަނޑުފެން އަޅައި ލޯބީގެ ބަދަލުގައި ހިތުގައި ބިރުވެރިކަން އުފައްދަނީއެވެ. އޭނާއަށް އަރްކާން ފެނުމުން ސިހެނީއެވެ. ބިރުގަންނަނީއެވެ. ނަވާބު މަނިކު ފަދައިންނެވެ. އެލޮލަށް ނުބަލަން އޭނާ އަބަދުވެސް މަސައްކަތްކުރެއެވެ. މިފަހަރުވެސް ބަލައިލެވުނީ އޮޅިގެންނެވެ.
"ވަޓް؟" އަރްކާން އެހިއެވެ.
"އެހެން ބުނެވުނީ ބާރަށްތަ؟ އަޑުއިވުނުތަ؟" ކުރިއަށް ވުރެ ބޮޑަށް ސިހިފައި އަދިވެސް ބޮޑަށް ބަބްލްސް މޫނާއި ލާ ފިތައިލެވިއްޖެއެވެ. އަރްކާން ހިނިގަނޑެއް ޖަހާލައިފިއެވެ. ބައެއްފަހަރު ކަޒްޔާ ނަފްސާނީ މައްސަލަ ހުންނަނީ ބާވައޭ ނޫނީ ކޮންމެވެސް ކަހަލަ ޑިސްއޯޑާއެއް ހުންނަނީއޭވެސް ހިތަށް އަރައެވެ. ލޯ ބޮޑުކޮށްގެން އޭނާގެ ލޮލުން އެއްޗެއް ހޯދަން މަސައްކަތްކުރާއިރު ވިސްނާ އެއްޗެއް އެނގެނީއެއްވެސް ނޫނެވެ. އެ ވިސްނާ އެއްޗެއް ބާރަށް ބުންޏަސް އަމިއްލައަށް އެނގޭކަމަކަށް ނުވެއެވެ.
"ތި ބުޅާ ފިތާލާ ހާސްކޮށްގެން މަރައިލަނީތަ؟ ކަޒްޔާގެ ނޫހުއާ ބައްދަލުކުރުވަން ބޭނުމެއްނުވޭތަ؟ ތިސޮރު ސަލާމަތުން ބާއްވާ.." އަރްކާން ކަޒްޔާގެ ބޮލުގައި މަޑުމަޑުން ފުތްޓައްކެއް ޖަހައިލިއެވެ.
"ޑޫ ޔޫ ކެއާ އެބައުޓް ހިމް...." ކަޒްޔާ އަހައިލިއެވެ. އަރްކާންގެ ފަރާތުން އެއްވެސް ކަހަލަ ހަމްދަރުދީއެއް ފެނުމަކީ ކަރާމާތެކެވެ.
"ނޫން," އަރްކާން ކުރުކޮށް ޖަވާބު ދިނެވެ. އެވަގުތު އަރްކާންއަށް ފޯނެއް އައުމުން އިތުރު ސުވާލުތަކަށް ހުރަސް އެޅުނެވެ. ފަހުން އަރްކާން އިނީ ހެޑްފޯނު އަޅައިގެންނެވެ. ލަވައެއްގެ އަޑު ބޭރަށް ފާއްދާލާފައި ހުރުމުންވެސް އެއީ ހަރާމްކަމެއްކަން ބުނެދޭން އެ ދަމައިގަންނަން އުޅެފައިވެސް ޑްރައިވަރު ލޯގަނޑުގެ ލޮލަށް ބެލުމާއެކު އެ މީހާ ކަނުލާ އަޑުއަހަން އިންކަން ވިސްނި ކެތްތެރިވިއެވެ.
***
ކަޒްޔާ ގޭގެ ދޮރުމައްޗަށް އަރާ މަޑުމަޑުން ސަލާމްގޮވާލައިފިއެވެ. ގެ ފެނުމުން ހިތްވެސް އޮތް މަގާމުން ދޫވެ އާސްމާނަށް ވީއްލިގެންގޮސް ތަރިތަކުގެ އާލަމުގައި އުދުހެނީއެވެ. އޭނާގެ އުފަލާއި ޖޯޝް ޅެން ބައިތުތަކުން އަދި ކުރެހުމަކުންވެސް ހާމަކޮށެއް ނުދެވޭނެއެވެ. ދެލޮލުން ތަރިތައް ދިއްލޭނީ އެފަދަ ވަގުތެއްގައެވެ. އެދެލޮލުގެ އުޖާލާކަމާއި ވިދުވަރުން ގޭތެރެ ވަކިން އަލިކޮށް ފެނުނެވެ. ބިންމަތީގައި ދުވާ ކުދި ހިނިތައްވެސް ފެނުނީ ވަކިން ބޮޑުކޮށެވެ.
"އަލްހަމްދުލިﷲ...." ކަޒްޔާގެ ކުދި ދަތްތައް ފެންނަވަރަށް ހީލަމުން އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. "މޭ ﷲ ބްލެސް މީ އެންޑް މައި ލަވްޑް ވަންސް. އާމީން..." ކޮޓަރިއެއްގެ ހުޅުވިފައިވާ ދޮރުން އޭނާގެ ކަންފަތުގައި ޖެހުނީ މާމަގެ ހުނުމުގެ އަޑާއިއެކު ބައްޕަ ވާހަކަދެއްކި އަޑެވެ.
"މަންމައަށް ފިނިވެދާނެތީ ހޫނުފެން ގެނެސްދިނީ. މިހާ ފިނިއިރު ވެސް ފެންވަރަން ޖެހުނީމަ.......ދެން ހޫނު ސައިތަށްޓަކާއި އެއްޗެއް ކައިލީމަ ރަނގަޅުވާނެ އިންޝާﷲ....." ހަނަފީގެ ވާހަކަ ނިމުނުއިރު ކަޒްޔާއަށް ހުރެވުނީ ދޮރުމަތީގައެވެ. ހަނަފީ އޭނަގެ މަންމަގެ ބޮލުގައި ފުނާ އަޅުވައިދެނީއެވެ.
"ދަރިފުޅު......." ހަނަފީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މާމަވެސް އެނބުރި ދޮރާއި ދިމާލަށް ބަލައިލާއިރަށް ދެލޯ ތެމިއްޖެއެވެ. ކަޒްޔާގެ ފިޔަވަޅުތައް ލަސްލަހުން ކުރިއަށް އެޅިއެވެ. އޭރުވެސް ބަބްލްސް މޭގައި ޖައްސާލައިގެންނެވެ.
"އަޅުގަނޑު މިއައީ ހަފްތާއެއްގެ ކުރު ޗުއްޓީއަކަށް. ބައްޕައާއި މާމަ ކިހިނެއްތަ؟" ކަޒްޔާ ބައްޕަގެ ގައިގައި ކުޑަގޮތަކަށް ބައްދައިލުމަށްފަހު މާމަގެ ގާތު އިށީދެ ކޮނޑުގައި އަތް ވަށައިލިއެވެ. އޭރު ބަބްލްސްވެސް އެނދުމައްޗަށް ފައިބައިފިއެވެ. މާމަގެ އެތައް ސުވާލެއް އެއްފަހަރާ އަމާޒުވިއެވެ. ރޮމުން ހެމުން ކަޒްޔާގެ އަތުގައި ބޮސްދީ މޫނާއި ގައިގާ ފިރުމަނީއެވެ. މާމަ ހީކުރީ ދެން ކަޒްޔާއާއި ބައްދަލުވާނީ މަހުޝަރު ބިމުންކަމަށެވެ. މާމައަށް ވެސް ފާހަގަވީ އޭނާގެ ހިކިކަމެވެ. ބަނޑަށް ހުންނަނީހެއްޔޭ ވެސް އަހައިލެވުނެވެ.
އިތުރު މީހެއްގެ ހިލަންވުމުން ހަނަފީވެސް ބަލައިލިއިރު އަރްކާން ފެނުމުން މޫނުގެ ކުލަ އޮއްސުނެވެ.
"ވަރަށް ބަނޑުހައި. ސައި އެބަހުރިތަ ބައްޕާ.." ކަޒްޔާ މިސްރާބުޖެހީ ކާގެއާ ދިމާލަށެވެ. އަރްކާން ގާތު ގުރުއާންގައި އަތްލައި ކޮށްފައިވާ ވައުދުތައް ހަނދާން ނައްތާނުލާ އެ ޝަރުތުތަކަށް އޭނަ ބޯލަނބާނެއެވެ.
"ދޮންބެ މެހުމާނެއް ވީމަ އެންމެ ރަނގަޅަށް ކަންތައްކުރަން ވާނެ ދޯ...."
އެންމެން އެކީ ސައި ތައްޔާރުކޮށްލައިގެން އިށީން އިރު ކަޒްޔާގެ ދުރުހިލޭކަން ހަނަފީއަށް އިހުސާސްވިއެވެ. އަރްކާން އެންގިގޮތަށް އޭނާ އެދޭތެރޭ ވަކި އިމެއް ބެހެއްޓީ ހިތްމަތީ ހިލަ ބަހައްޓައިގެންނެވެ. އަރްކާން ޝަރުތުކުރީ ބައްޕައާއި އާއިލާގެ އެންމެނާއި ވީހާވެސް މަދުން ވާހަކަދައްކައި ހިލޭ މީހެއް ފަދައިން އުޅުމަށެވެ. އަދި ނޯއާއާއި އަނގައިން ބުނެގެން ނުވާނެކަމަށާއި އޭނާގެ މޫނަށް ބަލައިގެން ނުވާނެކަމަށްވެސް އެންގިއެވެ. އަރްކާން ނޯއާ ސިފަކުރީ ކުޑަކުދިންނާއި ބެހޭ މީހެއްގެ ގޮތުގައެވެ. އެފަދަ މީހަކާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން އޭނަ ހުއްދަ ނުދޭނެއެވެ.
އަރްކާން ހަށިފާރަވެރިއެއް ފަދައިން އޭނާގެ ގާތުގައި ހުންނަތަން ފެނި ކަޒްޔާގެ އެތެރެހަށި އަނދާވަރު ވިއެވެ. އޭނާގެ މަންމަ ކައިޝާ އޭނާއާއެކު ފޮނުވަން ވެސް ދެކޮޅުހެދިއެވެ. ކަޒްޔާ އަރްކާންގެ ހަވާލުގައި ވެސް އައުމަކީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް އަރްކާން ބުނީ ކަޒްޔާއަށް ބައްޕައާ ބައްދަލުކުރުމުގެ ހައްގު އޮންނަންވާނެ ކަމަށެވެ. އޭނާ ކަޒްޔާ ހިމާޔަތްކޮށްދޭނެ ކަމަށެވެ. ބެލެނިވެރިއެއްގެ ރައްކާތެރިކަމުގައި އާއިލާއާއި ތިމާގެ މީހުންނަށް ޒިޔާރަތްކޮށްފައި މާލެ ގެންނާނެކަމުގައި ބުނެ އޭނާ ނަރުގިސްގެ ހުއްދަ ހޯދިއެވެ.
***
އަރްކާންއާއެކު ހަމްޒާމެން ގެގެއަށް ވަދެ ބެލްޖެހިއިރު ކަޒްޔާގެ ހިތް ގަނޑުފެންހާ ފިނިވެ ތެޅިގަތީ އެހެން ދުވަސްދުވަހަށްވުރެ ބާރަށެވެ. ނޭނގޭ ސަބަބަކާހުރެ ހަތަރެސްފައި ފިނިވެ, ލައިގެން ހުރި ދޫ ހެދުންވެސް ހަށިގަނޑަށް ހިފަން ފެށި އިހުސާސެއްވިއެވެ. އިރުގަނޑެއް ނުވަނީސް ދޮރު ހުޅުވައިލީ މާހިރާއެވެ. މާހިރާއަށް ކަޒްޔާ ފެނުމުން މޫނުގައިވާ ހިނިތުންވެ ގެއްލި ތުން ފިތައިލެވިއްޖެއެވެ.
"އައްސަލާމް އަލައިކުމް.." ކަޒްޔާ ހިންދިރުވައިލިއެވެ.
"ވައަލައިކުމުއް ސަލާމް. ކީއްކުރަން ތިއައީ. މިގެއަކު އެއްވެސް މީހެއް ނޫޅޭ............." މާހިރާ ހިތްހަމަނުޖެހިފައި ހުރި ރާގަކަށް ބުނެލިއެވެ.
"އަޒާލިއާ..." ކަޒްޔާއަށް އަހައިލެވުނެވެ.
"އަޒާލިއާ ކިޔަވަން ލަންޑަނަށް ބަދަލުވެއްޖެ...." މާހިރާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ބުނަން ނުބުނަން ހުރިގޮތަކަށް ކިޔާލައިފިއެވެ.
"އޯހް.......ހާދަ ދުރަށޭ. ނުވެސް ފެންނާނެ މިވީގޮތުން..." ކަޒްޔާ އެސްފިޔަތައް ތިރިކޮށްލިގޮތުން މޮޅިވެރިވިހެން ހީވިއެވެ.
"އަޅުގަނޑުމެން މިއައީ އަނާގެ މަންމައާ ބައްދަލުކޮށްލަން. އަޅުގަނޑު މައުލޫމާތެއް ހޯދަން ބޭނުން އެހެންވެ..." އަރްކާން މާހިރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަރްކާންއަކީ ކާކުކަން އެނގުމުން މާހިރާގެ މޫނުމައްޗަށް ވެރިވި ރުޅިވެރިކަމާއި އެ މޫނުމަތި ރަތްވި ގޮތް އަދި ލޮލުގައި ވިދި އަލިފާނުން އަރްކާންގެ މޭ ވެސް ފޫއަޅުވާފާނެއެވެ. އަލިފާނުގެ ބެލުމެއް ސިފަކުރެވުނެވެ. ކަޒްޔާއަށް ތުންފަތް ހަފައިލެވުނެވެ.
"ކަލޭ އަހަންނާ ބައްދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް. އަނާ މިގެއިން ދިޔުމަށްފަހު މަގޭ ދަރިއެއްކަމަށް ގަބޫލެއް ނުކުރަން، ވީމަ..."
"އެ ވާހަކަ ދައްކަން މިއައީ. ކޮންމެ ގޮތެއްވިޔަސް އެއީ އަޅުގަނޑުގެ އަންހެނުން. އޭނާ ފޮރުވުމުގެ ހައްގު މަންމައަކަށް ވެސް ނޯންނާނެއެއްނު. އަނާ ގެއްލުމުން ވަރަށް ހޯދައިފިން. އެހެންވެ މިގެއާ ހަމަޔަށް މި އާއިލާއާ ހަމަޔަށް އަންނަން ޖެހުނީ. އަނާ ގެއްލުވައިލީ މި އާއިލާއިންކަން ރަނގަޅަށް ޔަގީންވާތީ..." އަރްކާންގެ އެ ޖުމްލައިން މާހިރާއަށް ސިހުމެއް ލިބުނެވެ. ދޮރުފަތުގައި ބާރަށް ހިފަހައްޓައިލެވިއްޖެއެވެ.
"އަނާ ގެއްލުނީއޭ؟" މާހިރާގެ މޫނު މައްޗަށް އެތައް ކުލައެއް ވެރިވިއެވެ.
"ނޫނީ ފިލައިގެން ދިޔައީ. ފޮރުވީ. އަނާ ފޮރުވި މީހެއް އެނގެން ބޭނުން......ނޯއާ ކޮބާތަ؟ އޭނާގެ އަތެއް މިކަމުގައި ވެއްޖެއްޔާ..." އަރްކާންގެ ބުމަ ކައިރިކޮށްލިއެވެ.
"އަނާއާ ބެހޭގޮތުން އެއްވެސް ކަމެއް އަހަރެމެންނަކަށް ނޭނގޭ. އަހަރެމެންގެ މޫނުގައި ކޮޅުފައިން ޖަހާފައި މިގެއިން ދިޔަ ދަރިއަކަށް އަލުން ހިމާޔަތް ދޭންވީ ކީއްވެ؟ ހީނާ ވެސް ލަންޑަނުގައި ހުރެފައި މިކޮޅަށް އަންނަމުން މާލޭގައި މަޑުކޮށްލީ. ހީނާ ވެސް އެފަދަ ކަމެއް ނުކުރާނެކަން ޔަގީން. ވީމާ އޭނަ ގެއްލުނިއްޔާ ގެއްލުވައިލީ ތިޔަމީހުން... އަހަރެމެންގެ ބޮލުގައި އިތުރު ބަދުނާމެއް އަޅުވާނެކަމެއް ނެތް. މިހާރު ކުރެވުނު ވަރު ކުޑައީތަ؟ ހެޔޮނުވާނެ. އަހަރެމެންގެ ހާލަށް އަހަރެމެން ދޫކޮށްލާ....." މާހިރާގެ ލޮލުން ކަރުނަ ހިލުނެވެ.
"އަޅުގަނޑު ތި ވާހަކަ ގަބޫލުކުރާނީ ކިހިނެއް؟" އަރްކާން ފާޑަކަށް ހީލިއެވެ.
"މާތްﷲ ގަންދީ ހުވާކޮށްފައި މިބުނަނީ އަނާ ވީތަނެއް އަހަރެމެންނަކަށް ނޭނގޭ." މާހިރާ އަރްކާން ފޮނުވާލަން ބޭނުންވެފައި ހުރި ވަރުން ބޭގަރާރުކަމާއެކު އޭނާ އާދަކޮށް ނުކުރާ ކަމެއް ކުރިއެވެ. ތެދު ހަދަން އާދަވެފައިވުމުން އޭނާ ބުނާ ވާހަކައަކަށް ބާރުދޭން ކޮންމެހެން ހުވަޔަކަށް ބޭނުމެއް ނުވެއެވެ.
"އޯލްރައިޓް.." އަރްކާން އެސްފިޔަތައް ތިރިކޮށްލިއެވެ ."ތެންކްސް.."
މާހިރާ ދޮރު ލައްޕާލުމުން ކަޒްޔާ ސިހުނު މިންވަރަށް ދެރަ ވެސް ވިއެވެ. ދުނިޔެއިން އޭނާ އެންމެ ލޯބިވާ މީހުން މިހާ ވަރަށް ހިތުގައި ޖައްސަނީ ކީއްވެހެއްޔެވެ؟ އޭނާގެ ކުށެއް ނެތްކަމަށް ގަބޫލުކުރަންވާނެ ނޫންހެއްޔެވެ؟
***
އަރްކާން ކަޒްޔާ ގޮވައިގެން ދިޔައީ ގެސްޓްހައުސްއަކަށެވެ. އޭރު ވެސް ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ކަޒްޔާގެ ތަބީއަތު ކިތަންމެ ގޯސްވިޔަސް އޭނާ އެކަމެއް ނުދައްކާ ހިތްވަރުކުރިއެވެ. ކިރިޔާ ހަނި ފުރުސަތެއް ލިބުނަސް ބަބްލްސް ނޯއާއާ ހަވާލުކޮށް, ނޯޓުކޮޅެއް ނަމަވެސް ދެވޭތޯ ބަލާނެއެވެ.
އަރްކާން އޯޑަރުކުރީ ލަޒާނިއާއަކަށެވެ. އަދި ޑެޒާޓަކަށް ޗީޒްކޭކު ގެނުވިއެވެ.
"އާދޭ ކާން..."
ކަޒްޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިއެވެ.
"ރިމެމްބާ. ގުރުއާނުގައި އަތް ލާފައި ހުވާކުރީ ދޮންބެ ބުނާގޮތަށް ހަދަން..." އަރްކާން ނިތް ހިއްލައިލަމުން ހަނދާންކޮށްދިނެވެ.
ކަޒްޔާ ހަލާކުވެފައިވާ ހިތަކާއެކު އެނދުން ފުންމާލައިގެން އައިސް ސޯފާގައި އިށީދެ އަރްކާން ދިއްކޮށްލި ޕާރުސަލްގައި ހިފިއެވެ.
"ކީއްވެ އެގޭގައި އޮވުނަ ނުދިނީ؟ އެގެއިން ކެއުމަށް ހުއްދަނުދިނީ ކީއްވެ؟ އެންމެ ވީކަކަށް އައިއިރު ބައްޕަމެންނާއެކު އުޅުނަ ދިން ނަމަ. އެއީ އަހަރެންގެ ގެއޭ..."
"ބައްޕައަށް އިތުބާރެއް ނެތީމަ," އަރްކާން ބުނެލިއެވެ.
"ކީއްވެ؟ ހީޒް ދަ ޓްރަސްޓެސްޓް ޕާސަން....."
ކަޒްޔާގެ ޖުމްލަ އަރްކާން ރަނގަޅުކޮށް ދޭކަށް ނޫޅުނެވެ. އަދި ޖޯކު ޖެހުމެއްވެސް ނެތެވެ. ކަޒްޔާ އިނގިރޭސިން ވާހަކަ ދައްކައިފިއްޔާ ހާސް ފަހަރު ރަނގަޅުކޮށްދިނަސް އެ ކުށްތައް ތަކުރާރުކުރާނެއެވެ.
"ހުރިހާ މައްސަލައެއްގެ އަސްލަކީ ހަރުކަށި ފިކުރު. ކަޒްޔާގެ ބައްޕައާއި ހަމްޒާ އަދި އެ އާއިލާއަކީ އެކަހަލަ ވިސްނުން ގެންގުޅޭ ބަޔެއް. އެއީ ޚަވާރިޖުން. އެކަހަލަ މީހުންގެ ސަބަބުން މީހުންގެ ޅަ ދަރިން މަގު އޮޅިއްޖެ. ކަޒްޔާއަށް ހަދައިލިގޮތް ބަލައިބަލަ. ޔޫ އާ ޖަސްޓް ފޯޓީން. ތި އުމުރުގައި މަޖާކޮށް ސަކަރާތްޖަހާ ސްކޫލުގައި އުޅެންވީމަ ގެންގޮސް އުމުރުން އެތައް ތަނެއް ބޮޑު ފިރިހެނަކާ ކައިވެނި ކުރުވީ. ކަޒްޔާއަށް އެނގެއެއްނު އަފްގާނިސްތާނު ތަންތަނުގައި އުޅޭ ތާލިބާނުން ވެރިކަން ކުރިގޮތް. އަންހެނުންނަކީ ކުދިން ވިހާ މެޝިންތަކަށް ހަދާފައި. އެ ކުދިން ތަައުލީމު ހާސިލްކޮށްގެނެއް ނުވޭ. އަންހެންކުދިންގެ ހައްގުތައް ފޭރި ތައުލީމުން މަހުރޫމްކޮށް އެހެން ގޮސް ލިސްޓް ކިޔާނެކަމެއް ނެތް. އަދި ތާލިބާނުންނަށްވުރެ މި މީހުން ކުރީގައި މިއުޅެނީ. ވެކްސިނާއި ދެކޮޅު. މިހުން ކާފިރުކުރުމުގެ ހައްދެއްނެތް. ޑިމޮކްރަސީ އޮވެގެނެއް ނުވޭ. ސަރުކާރާއި ދެކޮޅު. ކޯޓުން ބޭރުގައި ކައިވެނި ކުރަނީ. ނަމާދުކުރަނީ ވަކި ޖަމާއަތުގައި. ސީރިއާ ފަދަ ތަންނާ އޮންނަ ސިވިލް ވޯއަށް މީހުން ފޮނުވާ. އަދި އެކަމުގައި ބައިވެރިވޭ. އޭރުން ވަނީ ޓެރަރިސްޓުންނަށް. އެމީހުން ދެކޭގޮތުގައި މި ފަސްގަނޑަކީ ކުފުރުގެ ބިމެއް އަދި ދިވެހިންގެ ލޭ ހުއްދަކުރޭ. އެހެންވީމަ މި ފިކުރު އެބަޖެހޭ ނައްތައިލަން......."
ކަޒްޔާ ފަހަރަކު އެތިކޮޅެއް އަނގަޔަށް ލަމުން ދިޔައިރު އެ ވާހަކަތައް އަޑުއެހިއެވެ. އަރްކާން ޔަހްޔާ ދުނިޔެއާ ވަކިކޮށްލީ އެ ފިކުރު ނައްތައިލަން ހެއްޔޭ ސުވާލުކުރަން ހިތަށް އަރާފައި ވެސް އޭނާގެ ޟަމީރު ވިސްނައިދިނީ އެއްޗެއް ނބުނެ ކެތްތެރިވުމަށެވެ. ބައްޕަމެން ލޮލުން ފެނުމުގެ ނަސީބު ލިބުނީ ވެސް ކެތްތެރިކަން އިސްކުރުމުންނެވެ. ރުޅިއަށްވުރެ ހަނު ހުރުން ބުއްދިވެރިއެވެ.
"ކަޒްޔާ ބޭނުން އެހެން އުޅެން؟ ކަޒްޔާގެ ބައްޕައަކީ އެ ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ މީހެއް.."
ކަޒްޔާ ހިމޭނުން އިނދެ އަރްކާންގެ ލޮލަށް ނުބަލަން މަސައްކަތްކުރިއެވެ.
"ވަޓް އެބައުޓް ޔޯ....ފިކުރު؟" އިނގިރޭސިން ފިކުރަށް ކިޔާ ނަން ނޭގުނީމަ ދެ ބަސް ގަށާލައިފިއެވެ.
"އަހަރެމެން މިއުޅެނީ ދީނުގައި އެންގެވިގޮތަށް," އަރްކާން ޔަގީންކަން ދިނެވެ.
"ކޮބާ އަނާ؟ އަނާ ފިލައިގެން ދިޔައީ ކީއްވެތަ؟" ކަޒްޔާ ހަނދާންވީ އޭނާ ދިން ސިޓީއެވެ. އަނާ އެ ސިޓީ ކިޔާފައި އަރްކާންގެ ހަގީގަތް އެނގިގެން ފިލައިގެން ދިޔައީކަމަށް ހީކުރެވި އޭނާގެ އަތުން ހީބިހި ނެގިއެވެ. އަނާއަށް ޔަހްޔާގެ ގާތިލަކީ އަރްކާންކަން އޮޅުން ނުފިލަނީސް އޭނާގެ ސިޓީއިން ހަގީގަތް ހާމަވީއެވެ. އެ ސިޓީ ނޯއާއާ ހަމަޔަށް ފޯރި ހެއްޔެވެ؟ ގާނޫނުގެ އަތް އަރާ ހަމަކުރާނީ ކޮން އިރަކު ހެއްޔެވެ؟ މޮޅު ނުފޫޒުގަދަ ފައިސާވެރިންނަށް ގާނޫނުގެ ބާރު ހަމަނ ނުހިގާނީ ހެއްޔެވެ؟
އަރްކާން ޖަވާބެއް ނުދިނެވެ. އެކަހަލަ ވާހަކައެއް ކަޒްޔާއާ މަޝްވަރާކުރުމުގެ މާނައެއް އޭނައަށް ނުފެނުނީ ކަންނޭނގެއެވެ.
"ހެދުނު މާމައަށް ވިޒިޓްކުރަން ބޭނުން ދޯ. ވިއްސާރަ ރެއެއް........ގުޑް ނައިޓް." އަރްކާން ނިދާބޮކި ދިއްލާލުމުން އޭގެ މާނައަކީ އޭނާ ނިދަންވީއެވެ. ގަވާއިދުތަކާއި އުސޫލުތައް މުގުރަންވެއްޖިއްޔާ އަރްކާން އޭނާއަށް އަނިޔާކުރަން ފަހެއް ނުޖެހޭނެއެވެ. ކަޒްޔާ އެ ބޮޑު އެނދުގެ އެއްފަރާތުގައި އޮށޯވެ ރަޖާގަނޑު ގައިމަތީ އެޅިއެވެ. ލޯ މަރާލައިގެން އޮތަސް އޭނާގެ ޚިޔާލު އެކި ދިމާލަށް ދަތުރުކޮށް އެކި ހަނދާންތަކުގެ ތެރެއަށް ފީނަނީއެވެ. އަރްކާން އޭނާގެ ބައްޕައާއި ހަމްޒާގެ އާއިލާއާ ބެހޭގޮތުން އެޅުވި ދޮގު އިލްޒާމުގެ ސަބަބުންވެސް ރުޅިއައިސްގެން ތުން ފިތާލެވިއްޖެއެވެ. އޭނާގެ ބައްޕަމެންނާއި ނަވާބު ފަދަ މީހަކާ އަޅާކިޔާލިއިރު އޭނައަށް ހާސްބައި ރަނގަޅުވީ އޭނާގެ ބައްޕައެވެ. ނަވާބުއާއި އަރްކާންގެ ފިކުރު ރަނގަޅުނަމަ ޔަހްޔާއާއި ގަމަރިއްޔާ ފަދަ ކުށެއް ނެތް މުސްލިމުން އަނިޔާވެރިކޮށް މަރާލާފައި އެންމެ ރެއަކު ހަމަޖެހިލައިގެން ނިދަން ކެރޭނެ ހެއްޔެވެ؟
އޭނާ އެއްވެސް ފިކުރަކަށް ތަބާވާކަށް ނޫޅެއެވެ. އޭނާ ދާނީ ގުރުއާނާއި ސުންނަތުގެ ފަހަތުންނެވެ. އެއީ އޭނާގެ ބައްޕަ ބުނެދެއްވިގޮތެވެ.
ކަޒްޔާއަށް ނުނިދި އޮއްވާ އަރްކާން އެނދުގައި ޖައްސައިލިކަން އެނގުނެވެ. ގުގުރި ނުދެމިޔަސް ނޭވާތައް ފުންވުމުން އޭނާގެ ދޮންބެ ހަމަޖެހިލައިގެން ނިދިކަން އެނގުމުން ހައިރާންވެ, މިއީ ހަމަ އެހާ ފަސޭހައިން ނިދައިލެވޭ, ކުރާނެ ފިކުރެއްވެސް ނެތް އިންސާނެކޭ ހިތަށް އެރިއެވެ. އަނާ ދެކެ އެވަނީ ކޮންކަހަލަ ލޯތްބެއް ބާވައޭ, ޔަހްޔާ މަރާލައިގެން ހެއްދެވި ފަރާތަށް ބިރެއް ނެތި ނިދެނީ ކިހިނެއްހެއްޔޭ ހިތާހިތާ ސުވާލުކުރެވުނެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެ ދެތިން ކަރުނަގަނޑު ވެސް ޖަހައިލުމަށްފަހު ކަޒްޔާއަށް ވެސް ނިދި އެހީތެރިވެދިނެވެ. ވާރޭގެ ނާނާ ވެސް އެކަމުގައި ޝާމިލުވިއެވެ.
***
ފަތިސް ނަމާދަށް ފޯނު އެލާމްކޮށްގެން އޮތުމުން ގަޑިއަށް ހޭލެވިފައި ކަންނެތްވީ ފިނިކަމާއިއެކު ގަޑީގެ ގޮތުންނެވެ. ނަމަވެސް ނަމާދުނުކޮށް އޮއްވާ މަރުވެއްޖެއްޔާ ނިމުން އަންނާނީ އެންމެ ރަނގަޅަށް ބާއޭ ހިތަށް އަރައި, ވަގުތުން ތެދުވެ މޫނުދޮވެ ވުޟޫކޮށްލި އިރަށް ނިދި ފިލައި ތާޒާވެއްޖެއެވެ. މިސްކިތުން ބަންގީގެ އަޑު އިވުމުން ކަޒްޔާ އުފަލުން ފޮޅުނެވެ. ބައްޕަ ބަންގިދޭއިރު ހާދަ ހިތްގައިމެވެ. ކުރިން މިފަދަ އިހުސާސެއް ނުކުރެވުނަސް މިގަޑީގައި ބަންގި އިވުމުން އަޖައިބެއްފަދަ ގޮތެއް ވިއެވެ. ބަންގީގެ ފުރިހަމަކަން އަލަށް އެނގުނެވެ. ފަތިސް ނަމާދަށްފަހު ފަނޑު އަލީގައި އޭނާ ގުރުއާން ކިޔަވަން ފެށުމުން އަރްކާންއަށް އުނދަގޫވެގެން ލޯ ހުޅުވައިލިއެވެ. ގުރުއާން ކިޔެވުމުން އުނދަގޫވަނީ ޝައިތާނުންނަށް ކަމުގައި އޭނާ ހީކުރިއެވެ. ކާފަރުންވެސް ގުރުއާން އަޑުއަހާފައި "ޑިވައިން" އިހުސާސް ކުރުވާ އެހެން ކަހަލަ ގޮތްތައް ވާކަމަށް ބުނެއެވެ. އަރްކާންއަށް އެވަރު ވެސް ނުވީއެވެ.
"ކަޒްޔާ...އިނަފް....."
"ގުރުއާން ކިޔަވަނީއޭ..."
"ނޮޓް ވަން ވޯޑް ކަޒްޔާ...." އަރްކާންގެ އަޑުން ކަޒްޔާ ބިރުގަތްވަރަށް ރުޅި ވެސް އައެވެ. އެންމެ ރަނގަޅެވެ. ބާރަށް ނުކިޔެވިޔަސް ހިތުން ކިޔެވިޔަސް ސަވާބު ލިބޭނެއެވެ. "މައި ބްރަދާ އިޒް އެ ޑެވިލް...." ގުރުއާނުން ޝައިތާނާގެ ނަން ފެންނައިރަށްވެސް އޭނާގެ ޚިޔާލު މިސްރާބު ޖަހަނީ ނަމާދުކުރުމެއް ނެތި ނިދަން އޮތް އަރްކާންއަށެވެ. އޭނާގެ އާއިލާ މީހުން ހާދަ ގޯހެވެ. ނަމާދު ނުކުރާ މީހުން މުސްލިމުންނަށް ވާނެހެއްޔެވެ؟
ހަތެއްޖެހިއިރު ގެއަށް ދާ ހިތުން ކެތް ނުލަވައިގެން އޭނާ ފެންވަރާ ތައްޔާރުވެލިއެވެ. އޭނާ ކަޅުކުލައިގެ ގަޑި އެޅިއެވެ. ނޯއާއަށް ކޮންމެހެންވެސް ފެންނަން މިއަދު ބޭނުމެވެ. އޭނާ ނޯއާގެ ގަމީހާއި ގަޑި އަޅައިގެން ހުރުމުން ނޯއާއަށް ވިސްނޭނެނަމައެވެ. އޭނާ ނޯއާދެކެ ނަފްރަތު ނުކުރާކަމާއި އެ ހިތުގައި ނޯއާއަށް ދެވިފައިވާ ގަދަރާއި ކުލުނު އެނގޭނެނަމައެވެ. އަރްކާން ހޭލީ އަށެއްޖަހާ ބޮޑުވީފަހުންނެވެ.
"ސައިބޮއިގެން ދާނީ...." އަރްކާން ފެންވަރާލައިގެން ނުކުމެ ބުރުވައިލި ސެންޓުގެ ލުއި ވަސް ކޮޓަރީގައި ހަރުލިއެވެ.
"ގެއަށް ގޮސް ސައި ބޯނީ. ރޮށްޓާއި މަސްހުނި ކާން ބޭނުމީ. ގޭގައި ވަރަށް މީރުކޮށް މަސްހުނި ހަދާފައި ހުންނާނެ....." ކަޒްޔާ ހަށަން ބަދެލިއެވެ.
"އަހަރެން ކާނީ ރެސްޓޯރެންޓުން.." އަރްކާން އޯޑަރު ކުރުމުން ކަޒްޔާ ރުޅިގަދަވެގެން ގޮސް މޫނުމަތިން އެކަން އެނގޭވަރުވިއެވެ. ނާސްތާ ގެނެސްފައި އަރްކާން އެންގީ ކަޒްޔާވެސް ކޮންޓިނެންޓަލް ބްރެކްފާސްޓް ނެގުމަށެވެ. ޕާނާއި ބަޓަރާއި ޖޭމެވެ. އޮމްލެޓެވެ. ކަޒްޔާ ބޭނުންވީ ބަޓަރާއި ޖޭމު ނަގާފައި އަރްކާންގެ މޫނާއި އިސްތަށިގަނޑުގައި ކާއްތާލުމަށެވެ. އަނާ ފަދައިން ފިލަން އެވަގުތު ހިތުގެ ކަނަކުން އެންގިއެވެ. އަރްކާންއަށް ލަނޑުދީފައި ފިލަންވީއެވެ. ނަމަވެސް އަރްކާންގެ ބިރުވެރިކަން ހިތަށް އެރުމާއެކު ގައިން ހީބިހި ނަގައިފިއެވެ. ކޮފީތަށިން އަރައިގަތް އާވިއާއެކު އެ ޚިޔާލުތައްވެސް އެކުވެއްޖެއެވެ.
***
ކަޒްޔާ ގެއަށް ދިޔައިރު ރޮށްޓާއި މަސްހުނި ތައްޔާރުކޮށްފަ ހުއްޓެވެ. އޭނާ ކައިގެން ހުއްޓަސް އަނެއްކާވެސް ސައިބުޔެވެ. އަރްކާން ހަނަފީއާ ކޮންމެވެސް ވާހަކައެއް ދައްކައިލުމަށްފަހު ދަމުން ކަޒްޔާއަށް އިންޒާރު ދިނެވެ. ހަނދާންކޮށްލަދިނެވެ. އަރްކާން ހަނދާންކޮށްނުދިނަސް އޭނާ ގުރުއާނުގައި އަތްލައި ކުރި ހުވައަކާއި ޚިލާފެއް ނުވާނެއެވެ. ބައްޕައާއި މާމައާ އަނގަ ތަޅަން އިނދެފައި އޭނަ ގެނައި ހަދިޔާތައްވެސް ދިނެވެ. ކެލިގްރާފީގެ ރީތި މަސައްކަތެވެ. ބައްޕަ ދިނުމުން ހަލާލުގޮތުގައި ދެވޭނީ މިފަަދަ ހަދިޔާއެއްތާއެވެ.
ކަޒްޔާ މާމަ ގޮވައިގެން ޗޮލްކެޓް ވައިބްސްއަށް ދާން ނުކުތްއިރު ވާރޭ ކަނި ޖަހައެވެ. ވާރެއިން މާމަ ހިމާޔަތް ކުރަން ކުޑަ ނަގައިގެން ހުރިއިރު ވާރެޔާ ތެމޭހިތްވެސް ވިއެވެ. ނަމަވެސް އަދި މާމަ ގެއަށް ލާފައެވެ. ނޯއާ ދެކޭހިތުން ބޭގަރާރުވި ހިތް އިތުރަށް ތެޅިގަތީ އެތެރެއަށް އެޅި ފިޔަވަޅާއެކު ނޯއާގެ ގައިގާ އަޅައިގަތުމުންނެވެ. ނޯއާއަށްވެސް ކާކުކަން ނޭގި ހިފަހައްޓައިލެވިއްޖެއެވެ.
ނުނިމޭ