"ޔާﷲ މިއަދު ހިތް މިވަނީ ހިތާމައިން ފޯވެފައެވެ. މިފަދަ ވަގުތެއްގައި ދުވެފައި ދާނީ ނުވަތަ ހިމާޔަތެއް ދޭނީ ކާކުގެ ފަރާތުން ކަމެއް ނޭނގެއެވެ. ރޯނީ ކާކުގެ އުނގުގައި ބޯ އަޅައިގެން އޮވެ ކަމެއް ނޭނގެއެވެ. ކަރުނަތައް ހުއްޓުވާނެ ގޮތެއް ނޭގެއެވެ. ޔާﷲ. މިއަޅާއަށް ފާފަ ފުއްސަވާދޭވެ. ވަރަށް ބޮޑަށް ދެރަވަމެވެ. މިއަޅާ ފާފަ ކުރާހިނދު ކޮނޑުގައިވާ މަލާއިކަތުން ފަތުގައި ލިޔުއްވާކަން ހަނދާން ނައްތައިލެވެނީއެވެ. ފާފަ ކުރާހިނދު ﷲ ބައްލަވާވޮޑިގެންވާކަން ވެސް ހަނދާން ނައްތައިލެވެނީއެވެ. އެކަމަކު ޔާﷲ. ހިތަށް ތަދުވާ ވަގުތު އަދި އެކަނިވެރިވާ ވަގުތު އަބަދުވެސް ތިޔަ ފަރާތް ފިޔަވާ އެހެން އެއްވެސް ފަރާތެއް މިއަޅާއާއެކު ނުވެއެވެ. ސަބަބަކީ މުޅި ދުނިޔެއަށް ފޮރުވުނަސް ތިޔަ ފަރާތަށް އެއްވެސް ކަމެއް ނުފޮރުވޭނެކަން މިހިތަށް ވެސް އެނގެނީއެވެ. އެވެސް އަނގައިން އެންމެ ލަފުޒެއް ވެސް ބުނުމަކާއި ނުލައެވެ. ހިމޭނުން އިނަސް ތިޔަފަރާތަށް މިހިތާއި ސިކުނޑީގައި ވާހާ އެއްޗެއް ހާމަވަގެންވެއެވެ. ސަބަބަކީ ރައްބުއަކީ އަލްއާލަމީން ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތްކަމުގައި ވާތީއެވެ. ހުރިހާ އެއްޗެއް ދެނެވޮޑިގެން އައްސަވާ ވޮޑިގެންވާ ފަރާތެވެ."

***

ނޯއާ ނޫކުލައާއި ކަޅުކުލައިގެ ސޫޓެއް ލައިގެން ހުރިއިރު ފިރިހެންވަންތަކަމުގެ ދެވަނައެއް ނެތެވެ. ކަޒްޔާގެ ހިތް ތެޅިގަތްލެއް ބާރުކަމުން ފުނޑުފުނޑުވެދާނެހެން ހީވިއެވެ. ހިތް ނުހުއްޓޭނެކަމެއް ވެސް ނޭނގެއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު ތުނބުޅި ރީތިވަރަކަށް ބަހައްޓާފައެވެ. ފަނޑު ހިނިތުންވުމެއް އެކުލެވޭ ތުންފަތެކެވެ.

"އާރ ޔޫ ސިންގަލް..."

"ނޫން. އައިމް މެރީޑް.." ނޯއާގެ ޖުމްލައައެކު ކަޒްޔާގެ ހިތަށް ނުބައި އިހުސާސެއް ކުރެވުނެވެ. ކުޝަން މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. ނޭނގި ވެސް ލޮލުން ނަގައިގަތް ދިލައާއެކު ކޯތާފަތުގައި އަތް ޖައްސައިލެވުނުއިރު ކަރުނަތައް ތިރިއަށް ދެމިގެންފިއެވެ. ނޯއާ ކައިވެނި ކުރި ވާހަކަ ބުނާނީ އެހެން މީހަކާ އިނީމަކަމުގައި ނިންމިއެވެ. ހިތްވަރުކުރަމުން އޭނާ ނޯއާގެ އިންޓަވިއު ޝައުގުވެރިކަމާއެކު ބަލާ ނިމުނުއިރު އުފަލާއި ހިތާމަ އެކުވެ ކުޝަން މޫނުގައި ޖައްސާލައިގެން އޮވެވުނެވެ.

"ނޯއާ. ކިހިނެއް ތިހެދީ؟ އަހަންނަށް އެނގޭ އެއީ ކޯޓުން ބޭރުގައި ކުރެވުނު ކައިވެންޏެއްކަން. ރެޖިސްޓްރީނުވާކަން. ކުރިން ހީކުރެވުނީ ވެސް ނޯއާ އަހަރެން ޑިވޯސްކުރީ ކަމަށްނު. އެކަމަކު ނޯއާ ދުވަހަކު ވެސް ނުބުނަމެއްނު ޑިވޯސްކޮށްފީމޭ. އެހެންވީމަ ސްޓިލް ހަމަ ވާނީ ވައިފްއަކަށް ނޫންތަ؟ ވީއިރު މިހާވަރަށް ހިތުގައި އަޅައިގެން މި ބެލެނީ ދުރުހިލޭ މީހަކަށް ނޫނެއްނު. ހަމަ ހަޒްބެންޑަކަށް ވާނީ. ނޯއާ ފިރިހެނަކަށްވީމަ އެހެން މީހަކާ މެރީ ކުރެވިދާނެ އެކަމަކު އަހަންނަށް އެހެން ފިރިއެއް ނުހޯދޭނެ އެއްނު. މެރީ ކުރީ ކޮންމެ މީހަކާ ވިޔަސް އެމީހާ ވާނީ ދެވަނަ އަނތްބަށް. އެންޑް އައި ވިލް ގޯ އެންޑް ސްލެޕް ހާ.. ހުރިހާ ދަތްކޮޅު ފައިބާހާ ބާރަށް ޖަހާނީ.. އަދި ބޮލުގައި ހިފީނުން ކޮންމެ އިސްތަށްޓެއް ވަކި ވަކިން އުފުރައިލާނަން.. ތި ޖަހައިގަތީ މަގޭ ހައްގެއް. ނޯއާއަކީ ހަމައެކަނި މަގޭ. އެހެން މީހަކަށް އަހަރެންގެ ހަޒްބެންޑް ލިބިގެން ނުވާނެ...." ކަޒްޔާގެ ސިކުނޑިއަށް ވަގުތީގޮތުން ޝައިތާނާ ވެރިވިއެވެ.

"ބޮޑު ހަނދެއް ވަރުގެ ލޮލެއް އިނަސް ތިހާ ފޮނިނުވެބަލަ. ސީރިޔަސްކޮށް މީހަކަށް ފޮނިވެވޭނީ ތިހާވަރަށް........." ކަޒްޔާ ސޯފާއަށް ވެއްޓިގެންފައި ދެފައި ތަޅައިގަތެވެ. އެހެން ބުނެވުނީ ބާރަށް ކަން އެނގުނީ ދޮރުން ވަން ކައިޝާ ބުނެލި އެއްޗަކުންނެވެ.

"ނޯއާގެ އިންޓަވިއު ބެލީތަ؟ މިހާރު އޭނައަކާ ހެދި ނޫޅެމެއްނު............."

"އުޅޭވާހަކަ ތަ ބުނީ. ފޮނި ވާހަކައޭ ބުނީ........"

"ޔާޔާ. ސީރިޔަސްކޮށް ދެން އޭނަ މަތިން ހަދާން ނައްތާލާ. އެ ކައިވެންޏަކީ ސައްހަ ކައިވެންޏެއްނޫން. އަނެއްކާ ނޯއާ އެހާ މުއްސަދި އިރު އޭނަ ބޭނުންނަމަ ޔާޔާގެ ހާލު ބަލަން ދުވަހަކު އައިސް ގުޅާނެއްނު. ދުނިޔޭގައި ހުރިތޯވެސް ބަލާނުލާ. ސީރިޔަސްކޮށް އޭނަ އަޅާނުލާ. އެއްފަރާތުގެ ލޯތްބަކުން ކުރާނީ ކީއް؟ ޔާޔާ އޭނަ ދިން އެއްޗިއްސަށް ބަލަން އޭނަދެކެ ލޯބިވެގެން އުޅުނަސް އޭނަގެ ހިތަކަށް ނާރާ. އެއްފަރާތުން ވެވޭ ލޯބިން ހިތަށް ތަދުވުން ނޫންކަމެއް ނުވާނެ........." ކައިޝާ ކަޒްޔާގެ ގާތުގައި ސޯފާއަށް އަރާ އިށީދެ އެހެން ކުޝަންއެއް އުނގަށް ލިއެވެ.

"މަންމަ އެބައުޅޭ އިޔާންގެ ކޮއްކޮ އަމަންއާއި ޔާޔާ މެރީކުރުވަން..." ކައިޝާ ނިކަން ސިއްރުން އެ ދިން ޚަބަރަކުން ކަޒްޔާގެ ބޮލަށް އެނބުރުން އަރާފަދަ ގޮތެއްވިއެވެ.

"ދޭ އާ ރިޗް. އިޔާން އެވައްތަރަށް އުޅޭއިރު ވެސް ދޫކޮށްނުލާ ކެތްކުރަނީ އެހެންވެ. ބްރޭކްއަޕް ވެފައިވެސް އަނެއްކާ ގުޅެން މަޖުބޫރުކުރަނީ އޭނަގެ ސްޓެޓަސް. ނުފޫޒުގަދަ އާއިލާއަކަށްވެފައި ބޮޑު ގެއާއި ބިންތަކާއި ރިޒޯޓްތައް ހުރީމަ ދުނިޔެ މުށުތެރޭގައިވާނީ. ޔާޔާ ބޭނުމެއްނުވޭތަ؟ ނޯއާ ރިޗް އެކަމަކު އެ އާއިލާއާއި މަންމަމެންނާއި ކިހާ މައްސަލަ ގޯސްވެފައި އޮތީ.." ކައިޝާ ވިސްނާދޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

"ދޮންތައާއި އަހަރެންގެ ޚިޔާލު ތަފާތު. އަހަރެން ބޭނުމީ ތަގުވާވެރި, ﷲ ސުބުހާނަހޫ ވަތައާލާ ދެކެ ލޯބިވާ ފިރިއެއް.."

"ނޯއާ ސްޓައިލިޝްކަމުން އަޅުވެރިހެން ހިޔެއްނުވޭ...މައި ސިމްޕަތީ ޑާލިން.."

"އަމަންއަކީ ވެސް އެ ފެމިލީގައި ހުރި އެންމެ އަޅުވެރިކުއްޖާ...އެކްސްޓްރީމިސްޓެކޭ ކިޔާ ލެވެލްގައި ހަމަ ހުރީ. އަނެއްކާ ވެމްޕެޔާ ޑައިރީސްގައި އުޅޭ ކްލައުސްއާއި ތަފާތެއްނެތް. ރާއްޖޭގެ ކްލައުސް. އޭނަ ޓީން ދުވަސްވަރު ހުރިހާ ޕްރޮފައިލެއްގައިވެސް ކްލައުސް ޖަހައިގެން ވެމްޕަޔަރވެގެން އުޅެފައި ކުއްލިއަކަށް ޗޭންޖްވެ އެގޭ މީހުން ބޯ ގޮވާ ވައްތަރަށް އުޅެންފެށީ. އެކަމަކު އެމީހުން މަންމަ ކިޔައިގެން އަމަންއާއި ޔާޔާ މެރީކުރުވަން އެގޭ މަންމަ އެއްބަސްވެއްޖެ. ކިހާ ކިއުޓް. އަހަރެމެން ދެމީހުން އެއް ގެއަކަށް...ކަޒްޔާއަށްވެސް މަދުން ނަމަވެސް އޭނަ ފެނުނެއްނު....." ކައިޝާ ކަޒްޔާގެ ކަނދުރާގައި ބައްދާލިއެވެ. "އެއްބަސްވާނަން؟"

ކައިޝާ ދިމާކުރަންވެގެން ދެއްކި ވާހަކަކަން އެނގުނަސް އޭނާއަށް އެ ޖުމްލައާއިމެދު ވިސްނައިލެވުނެވެ. އޭނާ އެންމެ ބޭނުންވާފަދަ ސިފަތައް ނޯއާގެ ނެތިއްޔާ ހިތުގައި ވާ ލޯބި ފޮހެވޭނެހެއްޔެވެ؟

މިވީ ފަސް އަހަރުތެރޭގައި އޭނާ އުޅުނީ ކޮށްޓަކަށް ލާފައިވާ ދޫންޏެއްފަދައިން އެއްވެސް މިނިވަންކަމެއްނެތިއެވެ. ނަސީބަކުން ގެއަށް ޓިއުޝަންދޭން ޓީޗަރުން ގެނެސް ކިޔައްވާދިނެވެ. އޭނާ ކެލިގްރާފީ ހަދަން ބޭނުންވުމުން އެކަމަށް މަގު ފަހިކޮށްދިނެވެ. ކެލިގްރާފީގައި ގުރުއާންގެ އާޔަތްތައް ލިޔާއިރު ތިކިތައް ޖަހަންވާގޮތް ރަގަޅަށް ދަސްކުރަންވެގެން އޭނާ ގުރުއާން އުނގެނެން ފެށިއެވެ. ކުރީކޮޅު މާޔޫސްވެގެން ކައުންސެލިން ހޯދިއެވެ. ކައުންސެލިން އަކުން އެހާ ބޮޑު ފައިދާއެއް ނުލިބުނީ އެކުއްޖާގެ ވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުމުންނެވެ. އެކަމުގެ ތެރޭގައި ތަފްސީރުވެސް ކިޔަވާ ގުރުއާންދެކެ އަޖައިބެއް ފަދަ ލޯތްބެއް ޖެހިއްޖެއެވެ. ގުރުއާނު އާޔަތްތަކުން ހިތްވަރު ހޯދަންފެށީ ބައްޕަ ދިން ނަސޭހަތްތައް ހަނދާންކޮށްފައެވެ. ހުރިހާ އެންމެނަށްވުރެ އެންމެ ބޮޑަށް ލޯބިވާން ޖެހޭ ފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. އެފަރާތްދެކެ ހިތުތެރޭގައިވާ ލޯބި ބޮޑުވާވަރަކަށް ކަލާމްފުޅަށް ވެސް ލޯބިކުރެވޭނެއެވެ. އޭނާ އިޝާ ނަމާދަށްފަހު ކުޑަކޮށް ކާލައިގެން ނޯއާއަށް އެ ލިޔާ ސިޓީ ލިޔެލާފައި ދެން އޮންނަނީ ގުރުއާން ތަފްސީރު ހިފައިގެންނެވެ. ބައިވަރު ނޯޓްވެސް ނަގަންޖެހެއެވެ. ހަނދާން ނެތޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ވަކި ހިސާބަކުން ނޯއާގެ ހަނދާންތައް އޭނާގެ ހިތަށް ތަދުކުރާންފެށިއެވެ.

"ކޮށީގައި އިނދެ އިނދެ ފިޔަ ދިގުވެފައި މީނީ. ބައެއްފަހަރު ދޮންތަމެންނާއެކު ތަންތަނަށް ވެސް ފޮނުވަނީ މަންމަ ޓްރަސްޓްކުރާތީނު. އެ ނަވާބުގަނޑު ވެސް ތަންކޮޅެއް ހެޔޮފުޅުވެގެން އުޅޭ ސަބަބެއް ނޭނގޭ. ކަތިލާންވީމަ ކުކުޅުތަކުގެ މަސް ޖަހާނެހެން ކާންދީ ފަލަކުރާ އުސޫލުން ކަމަށް ވާނީ. އެހެންވެ އެއްނު އަމަންއާ މެރީ ކުރުވަން އުޅޭނީ. ހެއްވާކަމެއްނު. އެކަމަކު މަންމަމެން ގަބޫލުނުކުރިޔަސް އަހަރެން ދެނެހުރި ގޮތުން ސިންގަލްއެއް ނޫން. މިކަން ޔަގީންކުރަން ނޯއާ ގާތަށް ދާނީ. ނޯއާއާ ސުވާލުކުރާނީ. ނޯއާ ވަރި ނުކުރަންޏާ އެހެން މީހަކާ އިނުމަކީ ޖޯކެއްނު. ދީން ހުއްދައެއް ނުކުރާނެ. ކިހިނެއް ހަދާނީ؟"

ނިދި އެހީނުވުމުން ކެލިގްރަފީގެ މަސައްކަތުގައި އޭނާ އިށީނެވެ. އޭނާ މިހާރު ލިޔާ އާޔަތަކީ ވަރަށް އަސަރުގަދަ ހިތަށް ބުނަން ނޭނގޭފަދަ ފިނިކަމެއް ލިބޭ އާޔަތެކެވެ. ކޮންމެ އަކުރަކަށް މަސައްކަތްކުރަނީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. ﷲގެ އިސްމުފުޅާއި ގުރުއާނުގެ އާޔަތްތައް ލިޔާ އަތަކަށް އޭނާގެ އަތް ލެއްވިކަމާއިމެދު ހަމްދުކުރިއެވެ.

ދަމު ނަމާދަށްފަހު ކަޒްޔާ މުސައްލަ މަތީގައި އިނދެ ކަރުނައިން ފުރިގެންވި ދުޢާއެއްކުރިއެވެ. ހަޔާތުގައި ދުނިޔޭގައި ލިބުމަށް މިހާރު ބޭނުންވާ ހަމައެކަނި ކަމަކީ ނޯއާ އަނބުރާ އޭނާގެ ހަޔާތަށް އައިސް ކުރީގެ ދިރިއުޅުން ލިބުންކަމުގައި ދެންނެވުނުއިރު ކޯތާފަތް ތެމެމުން ދިޔައެވެ. އެ މަންޒަރު ދެކުނު ކޮންމެ އިންސާނެއްގެ ހިތަށް ރަހުމު ވަންނާނެހާ މޮޅިއާއި ހިތާމައިން ފުރިގެންވި މޫނެކެވެ.

ކުޑަދޮރު ލައްޕާލަން ގޮސް މަގުގެ އަނެއް ފަޅީގައި ހުރި އެޕާޓްމެންޓްގެ ދޮރާއި ދިމާލަށް ބަލައިލެވުނީ މީހެއްގެ ހިލަންވެފައެވެ. އެއީ ކާކުކަމެއް ނޭނގެއެވެ. ނަމަވެސް އެތަނުގައި ހުންނަ މީހަކު އޭނާއަށް ބަލާކަމުގެ އިހުސާސް ކުރެވެއެވެ. ދަންވަރުކަމުން ބިރުން ގައިން ހީބިހި ވެސް ނެގިއެވެ. އޭނާ ކުޑަދޮރުގެ ފަރުދާތައް ދަމާލާފައި އެނދަށް އެރިއެވެ.

"އެއީ އިންސާނެއްތަ؟ އޭނައަށް އަހަރެންގެ ހާލު ފެންނާނެ. ކީއްވެ އަޅާނުލާ ބަލަން އެހުންނަނީ؟ އެގޭގައި ދިރިއުޅެނީ ކޮންބަޔެއްތަ؟"އެތައް ސުވާލެއް އޭނަގެ ސިކުނޑީގައި އެނބުރިގަތެވެ.

***

"މަންމަ ބޭނުންވަނީ އަވަހަށް ރަށަށް އަންނަން. ކުޑަދުވަސްކޮޅަކަށް އަންނަން މަންމަ އެދުނީ. ނޭނގޭ ކީއްވެކަމެއް. އެހެންވެ ޓިކެޓް ނަގައިފިން.." ޒޭވިއާ ކޮޓަރީގެ ދޮރުމައްޗަށް އެރުމުން ސިގްރެޓުވަހުން އަޒާލިއާއަށް އުނދަގޫވިއެވެ. ނަމަވެސް އެލޮލުގެ ނަޒަރު އޭނާގެ މޫނަށް ހުއްޓުމާއެކު ރަކިވާގޮތްވިއެވެ. ކުޑައިރުއްސުރެ ޒޭވިއާ ފެނުމުން ފިލަން އުޅުމާއި ރަކިވުމަކީ އޭނާގެ ހަނދާން ހުންނަން ފެށީއްސުރެ ވާ ގޮތެކެވެ. އެހާ ޅައިރު ވެސް ޒޭވިއާއަށް ޓަކައި ހިތުގައި ޚާއްސަ ކަމެއް ނެތްނަމަ އެހެނެއް ނުވާނެތާއެވެ.

"ބަޓް.......ކީއްވެ؟"

"އެންމެ ކުރީއްސުރެ ބުނެފިން ނޭނގެއޭ......" ޒޭވިއާ ރުންކުރުވެފައިވާ ގޮތަކަށް ބުނެލުމުން އޭނާގެ ހިތް މަޑުޖެހިލިއެވެ. ލޯބިވާ މީހަކާ އެގޮތަށް ފޫހިވެފައި ހުރެ އެކަކު ވެސް ވާހަކަ ދައްކާނެކަމެއް ނޭނގެއެވެ.

"ކީއްވެ އަރްކާންހެން އަބަދު ލޯ ހަނިކޮށްގެން ރުޅިގަދަވެގެންގޮސް ލޮލުން އަލިފާން އާވި ނިކުންނަނީ؟ ކީއްވެ ތިހާ ހޭޓްކުރަނީ....އައި ލަވް ޔޫ ޑޭމް. އެކަމަކު....އައި ލަވް ޓު ހޭޓް ޔޫ......." އަޒާލިއާގެ އުއްމީދުތައް ވިރަންފެށީ ގަނޑުފެންތައް އަތްވަށް ލުމުން ވިރާހެންނެވެ. ޒޭވިއާއާއެކު މިގޭގައި ހޫނު މޫސުމްގެ ޗުއްޓީ ހޭދަކުރަން ނިންމިޔަސް ތަގުދީރުގައި ވަނީ އެހެން ރޭވުމެކެވެ. އޭނާ ﷲ ތައާލާއަށް އިތުބާރުކުރަން ޖެހޭނެއެވެ. އަދި ރަނގަޅުގޮތެއް އޮތީ ކަންނޭނގެއެވެ. ރަށަށް އެނބުރި ދިޔުމަށްފަހު ޒޭވިއާ ބަހަނާއެއް ދައްކާފައި އޭނާ ރަށަށް ދޫކޮށްފައި ފުރައިގެން ނުދާނެކަމެއް ނޭނގެއެވެ.

***

އަޒާލިއަށް ރަށުން ލިބުނީ ތަފާތު އުފަލެކެވެ. އޭނާއާއި ޒޭވިއާ އަންނަންވާއިރަށް ކައިވެނީގެ ޕާޓީ ތައްޔާރުކޮށްލުންވީ އެންމެ ބޭނުންވި ހަދިޔާކަމުގައެވެ. ރާއްޖޭގެ ގާނޫނާއި އެއްގޮތަށް ކައިވެނި ކުރުވާ ކޯޓުގައި ރެޖިސްޓްރީކޮށް ދެމަފިރިންގެ ގޮތުގައި އުޅުމުގެ މަގު ތަނަވަސްކޮށްދޭން އާއިލާއިން ނިންމީ އަންގާ ވެސް ނުލައެވެ. ޒޭވިއާއަށް އެކަމުން އުފާވެރިކަމެއް ނުލިބުނަސް އޭނާ އެކަމެއް ނުދައްކައެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ؟ އަޒާލިއާ ދުރުކުރަން ބޭނުންވިޔަސް އެއީ ވެސް އާއިލާއެވެ. ބޮޑުބޭބެގެ ދަރިއެކެވެ. ހިތުގައި އިޝްގީ ލޯތްބެއް އުފައްދަން ހުރަސް އަޅަނީވެސް އެ ގާތްކަމެވެ. ކުޑައިރުއްސުރެ ދެކެވިފައި އޮތްގޮތެވެ. ޕާކިސްތާނާއި އިންޑިއާ ހިސާބުގެ މުސްލިމުންގެ އެ އޮންނަ ސަގާފަތާއި އާދަކާދަތައް ދެކެ ޒޭވިއާގެ ހިތުގައި އޮންނަ ނަފްރަތު ވެސް އޭނާ ސިއްރުކުރަނީ މަންމައަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އެފަދަ ބޯދާ ސަގާފަތަކީ އޭނާ ދެކޭގޮތުގައި މިޒަމާނަށް ނުފެތޭ މޮޔަ ޖާހިލު ކަންތައްތަކެވެ. ދެބެންގެ ދެދަރިންގެ ކައިވެންޏަށް ވެސް އޭނާގެ ހިތުގައި ފޫހިކަން ފިޔަވާ އެހެން އެއްޗެއް ނެތެވެ. ނަމަވެސް އޭނާގެ ބަދުނަސީބުކަމުން ހަޔާތާއިމެދު ކުރިހާ އުއްމީދުތައް ގެއްލި އެންމެ ލޯބިވާ އަންހެންކުއްޖާ ވެސް ނަގައިލެވިއްޖެއެވެ. ވީއިރު ދެން އަޒާލިއާއާއިއެކު އުޅެން މަސައްކަތްކުރީމަ ވީ ތާއެވެ.

ގާޒީން ގެނެސް ޝަރުއީ ގޮތުން ޒޭވިއާއާއި އަޒާލިއާގެ ކައިވެނި ކުރެވުނެވެ. އަދި ކައިވެނީގެ ވަލީމާއެއް ވެސް ދިނެވެ.

އަރްކާން އެ ޕާޓީއަށް އައުމުން އެންމެނަށް ހައިރާންކަމެއް ލިބުނެވެ.

އަރްކާންއާއި ޒޭވިއާ އެއްތާކުން ފެނުމުން މާހިރާގެ އިތުރުން ހީނާގެ ހިތުގައި އުފެދުނު ބިރުވެރިކަން މޫނުމަތިން ފާޅުވާން ހުރީ ފޮރުވުމެއް ނެތިއެވެ.

"އަރްކާންއާއި ޒޭވިއާގެ އެކުވެރިކަމެއް ކުރިއަކުން ނުދަންނަން...މިއީ ކޮންކަމެއް؟" މާހިރާ ހީނާއާއި ސުވާލުކުރިއެވެ.

"ތިއީ ކުރިން އޮތް ގުޅުމެއްނޫން. އަރްކާންގެ ކޮންމެވެސް އެޖެންޑާއެއް އޮތީމަ ޒޭވިއާގެ ބޮލަށް އެރިގެން އެއުޅެނީ...."

"އެ އާއިލާގެ މީހުންނާއި އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން އަހަރެން ބޭނުމެއް ނޫން.. އަރްކާން ޒޭވިއާއާއި ގުޅިގެން އުޅެންޏާ ކޮންމެފަދަ ނުބައި ޖަރީމާއެއްވެސް ހިންގަފާނެ... ޒޭވިއާ ގާތު ބުނޭ....."މާހިރާ ހިތްހަމަނުޖެހުމާއެކު ބުނެލުމުން މާހިރާއަށް ވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލެވުނެވެ.

މާހިރާ މި ކައިވެންޏާއިމެދު އުފަލެއް ނުވެއެވެ. އޭނާގެ ހިތް ދަނބިދަރިފުޅާއިމެދު ކިލަބުވެފައިވަނީ ދުވަހަކު އެ ހިތް ސާފުވާ މިންވަރަކަށް ނޫނެވެ. ޒޭވިއާގެ ފަރާތުން އޭނާއަށް ސިއްރުވެރިކަމާއި އޮޅުވައިލުމާއި މަކަރުވެރިކަން ފެންނަނީއެވެ. މިސްކިތަށް ދިޔަސް ދީންދެކެ ލޯބިވާކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. އެވަރު މީހަކާއިއެކު އަޒާލިއާއަށް ދިރިއުޅުމެއް އާބާދުވާނެކަމާއިމެދު ޝައްކުވާން ފެށުމުން ދަރިފުޅަށްޓަކާ ކުރެވޭ ކަމަކީ ދުޢާކުރުމެވެ.

***

ކޮވިޑް ޗައިނާގެ ވޫހާންއިން ފެނުނުތާ މަސްތަކެއް ވީއިރު ދުނިޔޭގެ އެހެން ހިސާބުތަކަށް ވަބާއެއްގެ ގޮތުގައި ފެތުރި ވިޔަފާރިތައް ބަންދުކުރިއިރު ނައިޓްކުލަބް ވިޔަފާރި ވެސް ދަށްވިއެވެ. ދުވާލަކަށް އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ މަރުވާން ފެށިގޮތުން މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. ޗައިނާ އިޓަލީ އަދި ފްރާންސާއި ސްޕެއިންގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދިޔައެވެ.

ބައެއް ތަންތަން ފުރަބަންދުކުރަން ފެށިއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ލަފާދެމުން ދިޔައެވެ. ކަރަންޓީނު ކުރުމާއި ކާފިއު ހިންގުންފަދަ ފިޔަވަޅުތަކުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މަޑުޖެހުމެއްނެތި ދިޔައީ ކުރިއަށެވެ.

ރާއްޖެއިން ޕޮޒިޓިވް ކޭސްތައް ފެންނާން ފެށުމުން ނަރުގިސް ބިރުން ހަލާކުވާ ވަރު ވިއެވެ. ވަގުތުން މާސްކު ގަނެގެން އަޅާ ސެނިޓައިޒާ ފުޅިތައް ހޯދިއެވެ. އަތްދޮވުމުގެ ހައްދެއްވެސް ނުހުރެއެވެ. އެހެން ބޮޑަށް ވީވެސް އޭނާގެ އެކުވެރި ރާދާގެ އާއިލާ މީހެއް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެހެން ހުއްޓާ އަމަންގެ މަންމަ ސަބްރާ ގުޅާފައި ކައިވެންޏާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އަމަން ބޭނުންވަނީ ވީހާވެސް އަވަހަށް އެ ކައިވެނި ކުރުމަށެވެ. ފަސްކޮށްފިއްޔާ އަމަން ގެއްލިދާނެކަމުގެ ބިރު ހުރިހާ އެއްޗަކަށް ވިޔަސް ނޯއާއާއިމެދު ވެސް ވިސްނައިލެވުނެވެ. ނޯއާ އަމިއްލައަށް ހޯދައިގަތް މުއްސަދިކަމާއި ކުރިއެރުން އޭނޤގެ ހިތުގައި ސިއްރު މަގާމެއް ހޯދައިފިއެވެ.

"ކަޒްޔާގެ ޚިޔާލުވެސް ހޯދާލަން ޖެހޭނެ..."

"ނިރޫ ބުނީމެއްނު ބަސްއަހާ ކުއްޖެކޭ ސުވާލެއް ވެސް ނުކޮށް ރުހުން ލިބޭނެއޭ..." ސަބްރާ ހަދާންކޮށްލަދިނެވެ.

"އޮފްކޯޒް މައި ޑިއަރ....އައި ރިމެމްބަރ.. ހަމަ ރަނގަޅަށް އެކަން ހަނދާން އެބަހުރި. އިރުކޮޅަކުން އެ ބަގުޅަން އިނގޭ.." ނަރުގިސް ފޯނު ބޭއްވުމަށްފަހު ތިރިއަށް އައިއިރު އަރްކާން ވެސް ގެއަށް ވަންނަނީއެވެ. ނަރުގިސް ވަގުތުން ސެނިޓައިޒާ ފުޅި ދިއްކޮށްލައިފިއެވެ. މިދުވަސްކޮޅު އޭނާއަށް ފެންނަނީ އަރްކާން ވެސް ޗުއްޓީއެއް ނަގައިގެން ގޭގައި މަޑުކޮށްލަން ކަމުގައި ބުނުމުން ނަވާބު ވެސް ނުބައިގޮތަކަށް ހިނިއައިސްފަ އިނެވެ. ކައިޝާވެސް ސޯފާއަކަށް އަރާފައި ފޯނުން އެކިގޮތްގޮތަށް ސެލްފީ ނަގަނީއެވެ.

"ދެންމެ ސަބްރާ ގުޅައިފި. އަހަރެމެންގެ ނަސީބު އަތުގައި ހިފީ....." ނަރުގިސް އަރްކާން ގާތު ވެސް ސިޓިން ރޫމްގައި މަޑުކޮށްލަން އެދުނެވެ. އެތެރެއަށް ވަދެފައި ދެވަނަ މިނިޓްގައި އައީ ކަޒްޔާގެ އަތުގައި ހިފައިގެންނެވެ. އާދައިގެ މަތިން ދޫކަމުން ހަށިގަނޑުގެ ބައްޓަން ނޭގޭވަރުގެ ހެދުމަކާއިއެކު ހަރުވާޅެއްލާފައި ސްކާފް އަޅައިގެންނެވެ.

"ކަޒްޔާ....ރަނގަޅު އާއިލާއަކުން ޕްރޮޕޯސްކޮށްފި. ކަޒްޔައަށް އިޔާން އެނގެއެއްނު... އޭނަގެ ކޮއްކޮ އަމަން.. އެގޭ މީހުން ބޭނުންވަނީ އަމަންއާއި ކަޒްޔާގެ ކައިވެނި ވީހާ އަވަހަކަށް ކުރުވުން..........."

"އޯ.........ގްރޭޓް." ކަޒްޔާ ހުރިހާ ދަތްތައް ދައްކާލައިގެން ހީލައިފިއެވެ.

"ހާދަ ފަސޭހައިން އެއްބަސްވީ...."

"ކައި ޔާޔާ ގާތު ބުނީމޭ އަމަންއާއި ދިމާލަށް ގާލްސްއިން ކްލައުސްއޭ ކިޔާ ވާހަކަ. އަންހެންކުދިން ޖޭކުރުވަން ވެސް މެރީ ކުރާށޭ. ރިއަލީ. އަންހެންކުދިން ހާޓުއެޓޭކް ޖެހޭނެ. ހީޒް ރިއަލީ ހެންޑްސަމް. ވެމްޕަޔަރ ވައްތަރު.........." ކައިޝާގެ ހިފެހެއްޓުމެއްނެތް ތައުރީފު އޭނައަށް އޮހުނެވެ.

"ޑަބަލް ވެޑިންއެއް ކިހިނެއްވާނެ؟" ނަރުގިސް އެހިއެވެ.

"ނޯ...އަދި މެރީކުރާކަށް ނުވޭ." ކައިޝާ ދެކޮޅުހެދިއެވެ.

ނަރުގިސް ވަގުތުން ސަބްރާއަށް ގުޅައިގެން ކައިވެނީގެ ވާހަކަދައްކަން ބައްދަލުކުރަން ނިންމިއެވެ. ކޮވިޑްގެ ހާލަތު މަޑުމަޑުން ގޯސްވާތީ ބައްދަލުކުރުމަށްވުރެ ނަރުގިސް ބޭނުންވަނީ ފޯނުން ވާހަކަދައްކާ ނިންމުމަށެވެ. ކޮވިޑް-19އާ ހެދި ދިރިއުޅުމުގެ ހާލަތު ބަދަލުވެ އެކަމުން ކޮށްފާނެ އަސަރަކާ މެދު ވިސްނާ ވިސްނާ އޭނާގެ ބޯ ހަލާކުވާން އުޅެއެވެ.

***

އަރްކާންގެ ފަރާތުން ކަޒްޔާއަށް ޒޭވިއާއާއި އަޒާލިއާ ކައިވެނިކުރިކަން އެނގުނެވެ. ކުރިން ކައިވެނި ކުރިޔަސް ގާނޫނީގޮތުން ދެމަފިރިންނަށް ނުވާނެތާއެވެ. އެ ޚަބަރު އިވުމުން އުފާކުރަންވީކަމަށް ހިތާމަކުރަންވީ ކަމެއް ނޭގުނެވެ. ނޯއާގެ އަންހެނުންނާއި ބައްދަލުވިތޯ އަހަންވެސް ބޭނުންވިއެވެ.

"ދީނުގައި މިކުރެވޭ ކައިވެނި ހުއްދަވާނެތަ؟ ނޯއާ ޑިވޯސް ނުކުރެއޭ...."

"އެއީ ކައިވެންޏެއް ނޫން. ތިކަން ދެނެހުރި މީހެއް ދުނިޔެއަކު ނެތް. އެކަން ހަދާން ނައްތާލާ.މަންމަ ބުނާ ގޮތަށް ހެދީމަކަން ނޭގޭ ދެން އެންމެ ރަނގަޅީ...."

"ޔެސް. ޓިކެޓް ޓު މައި ފްރީޑަމް.."ކަޒްޔާ ހިތާހިތުން ކިޔައިލިއެވެ.

 

ނުނިމޭ

ކޮމެންޓް 0