"ކޮންމެވެސް ދުވަހަކުން ދުޢާތައް އިޖާބަވާނެއެވެ. އަދި އިންތިޒާރުކުރި ކޮންމެ ކަމެއް ހިންމަވާ ދެއްވާނެއެވެ. " އަލްހަމްދުލިﷲ. އަހަރެން ކެތްތެރިކަމާއެކު އިންތިޒާރުކުރީމޭ " ބުނުމުގެ ފުރުސަތު އަދި ލިބޭނެއެވެ. ކެތްތެރިކަމުގެ މޭވާ ނިކަން ފޮނިވާނެއެވެ."

***

ހިނގާބަލަ ޗޮކްލެޓް ވައިބްސްއަށް ދާން. ޗޮކްލެޓް ކްރޭވިންގްސް....ސްޓްރެސްވެސް ފިލާނީ އެކަހަލަ އެއްޗެއް ކެވުނީމަ......" އަލާޔާ ކޮޅަށް ތެދުވެއްޖެއެވެ. އަބާޔާގައި ތިބި ތިން އަންހެންކުދިން އެކީ ހިނގާލާފައި ދިޔައިރު މީހުންތައް ބެލިއެވެ.

"މީހުން ބަލާ ވަރުންވެސް...." އަނާ ގެ ލޯ ބޮޑުކޮށްލިއެވެ. ޗޮކްލެޓް ވައިބްސްގެ ތެރެއަށް ފެތުރިފައިވާ އޮރެންޖް އަލިކަމުގެ ތެރެއިން އެކުދިންގެ ދޮން މޫނުތައް ވިދާ ބަބުޅައެވެ. ފެމިލީ އަށް ޚާއްސަ ބައިގެ ކަނުގައި ހުރި މޭޒެއްގެ ކައިރީ ޖައްސައިލިތަނާ އަޒާލިއާގެ ލޮލުގައި އަޅައިގަތީ އެހެން މޭޒެއްގައި އެކަނިމާ އެކަނި ފޯނެއްގައި އިން ޒޭވިއާއެވެ. އެކުދިން ތިބިކަމުގެ ހިލަމެއްނެތި ހީހީފައި އެ ވާހަކަދައްކާގޮތުން އަޒާލިއާގެ ހިތް އަވަސްވެގަތެވެ. ފިނިވެފައިވާ ދެއަތް އުނގުޅައިލެވުނެވެ. ސިއްރު ސިއްރުން ޒޭވިއާގެ މޫނަށް ބަލަން ހަދައިގެން ދައްތަމެންނަށް ބޭޒާރުވެ ދިމާކުރަން ހެދިތަނާ ޒޭވިއާއަށް ފެނިގެން އެދިމާލަށް އައެވެ. ދޮންތަމެން އައި ފަހުން ޒޭވިއާ "ސްވީޓް"ކަމުންގޮސް އައިސްކްރީމަށްވުރެ ފޮންޏެވެ. އެންމެ ރީތި ހިނިތުންވުމުގައި ހުރެ އޭނަ ދައްކަނީ އަޒާލިއާއަށް އަޅާލާވަރެވެ. އެހެން މީހުންގެ ލޮލުގައި ފަރުދާ އަޅުވާލާފައި ޒޭވިއާ އޭނައަށް ހެޔޮކޮށް ހިތިޔަސް އަދި އެކަނި ވުމާއެކު ފެންނަނީ އެހެން ޒޭވިއާއެކެވެ. ބީރައްޓެހި ހިލޭ މީހެކެވެ. ހިނިތުންވާން ނުދަންނަ ސީރިޔަސް މީހެކެވެ.

***

ކަޒްޔާ ކުރަހާފައި ހުރި ތަސްވީރުތައް ފެނި އަރްކާން ވެސް ހައިރާންވިއެވެ. އެއް ތަސްވީރަކީ އަލަ އޮޅެއްގެ މަންޒަރެކެވެ. ކަނބިއްޔަކާއި ބޮކެއް އޮޅު ތެރެއިން ފެނުނުއިރު އޮޅާއި ދިމާލަށް ބަލަން ތިބި ދެ ކުދިންނަކީ ނޯއާއާއި ކަޒްޔާކަން އޮޅުމެއްނެތި ޔަގީންވިއެވެ. އެދެމީހުން އިށީދެލައިގެން ތިބި ގާގަނޑުވެސް ކުރެހުމަކާއި ވައްތަރެއްނޫނެވެ. އެހާވެސް ފުރިހަމައެވެ. ކައިރީގައި ހުރި މޭވާގަސް އެފަދައެވެ. ކަޒްޔާގެ މާމައާއި ކާފަ އަތުގުޅާލައިގެން ޖޯލީގައި އިށީދެލައިގެން ތިބިއިރު އެ ތަސްވީރުވެސް އެތައް ވާހަކައެއް ބުނެދިނެވެ. އެވަރުންވެސް އަރްކާން ގެ ދުލުން ތައުރީފުގެ ޖުމްލައެއް ކަޒްޔާއަށް އިއްވަން ބޭނުމެއްނުވިއެވެ.

***

ކަޒްޔާ ކޮންމެ ދުވަހަކު ނޯއާއަށް ސިޓީއެއް ލިޔަނީ ކޮންމެވެސް ދުވަހަކުން ނޯއާއަށް ފެންނާނެކަމުގެ އުއްމީދުގައެވެ.

"ޑިއަރ ނޯއާ.

އަހަރެން ދުޢާކުރީ ކުރަހަން ބޭނުންވާ އެއްޗެހި ލިބުމަށް އެދި. އެހާ އަވަހަށް އިޖާބަވާނެ ކަމަކަށް ހީނުކުރަން. ބައްޕަ ކެލިގްރަފީ ސެޓް ގެނެސްދިނީމަ މިއަށް އިންޓެރެސްޓް ޖެހިއްޖެ. ފިއުޗާގައި އަހަރެން ވާން ބޭނުމީ ކޯންޗަކަށް ހެއްޔޭ ޓީޗަރު އަބަދު ސުވާލުކުރާނެ. މިހާރު އެނގިއްޖެ. ކެލިގްރާފާއަކަށް ވާނީ. މާތްﷲގެ އިސްމުފުޅާއި ގުރުއާނުގެ އާޔަތްތައް ރީތިކޮށް ލިޔާނީ..އެންމެ ކުރިން ކެލިގްރާފީގައި ބިސްމި ކިޔާފައި ރަންކުލައިގެ ދެލިން މި އަޅަނީ ﷲގެ އިސްމުފުޅު. އެކަމަކު ރީތިކޮށް އަޅަން ގިނަ ވަގުތު ނަގާނެ. ނޯއާ ޕްރައުޑެއް ނުވާނެތަ؟ ޔަގީނުންވެސް މިހާ ބޮޑު އުފަލެއް ނުލިބޭ..ނޯއާއަށް އަދި ވަރަށް ޚާއްސަ ސަޕްރައިޒެއް ދޭނަން..ނޯއާ ކޮންތާކު ތިހިރީ؟ ވަރަށް މިސްވޭ އިނގޭ..ބަބްލްސްވެސް އަހަރެން އެކަނިކޮށްލާފައި ނޯހް އާއި ނޯއާގޮތަށް ހިގައްޖެ. ހޭޓް ޔޫ ބޮޑުކޮށް ސަބަބަކީ ޔޫ ޑިސްޓެންޓް މީ އެޓް ޓައިމް އޮފް ނީޑް.....................".

***

އަޒާލިއާގެ އުމުރުން ސާދަ އަހަރު ނަމަވެސް އޭނަގެ މައިންބަފައިން އޭނަގެ ކައިވެނި ކޮށްދިނުމުގެ ސަބަބުން ހިތާއި ސިކުނޑީގައި "ކައިވެނި" އެ ލަފުޒު މުހިއްމު އެއްޗަކަށްވިއެވެ. ބޮޑަށް އެހެންވަނީ މައިދައިތައާއި އެކަހެރިވެލާއިރަށް ލިބޭ ދަރުސްތަކުންނެވެ. ކޮންމެފަހަރަކު އަޒާލިއާގެ ޒިންމާތައް ހަދާންކޮށްދީ ގަދަކަމުން ގެންގޮސް ތަންމަތިއަޅުވާ އިސްތިރިކުރުވާ ކާން ހަދަން ޖައްސައެވެ. އަޒާލިއާ ކުރީކޮޅު އެކަންތަކަށް އުޒުރުވެރިވީ ނަމަވެސް ފަހުން އެކަންތައްތަކަކީ ޒެވިއާއަށްޓަކާ ހިތުގައި އޮތް ޚާއްސަކަމެއްގެ ސަބަބުން ކޮށްދޭހިތުން ކޮށްދެވުނު ކަމަކަށްވިއެވެ.ޒޭވިއާއަށްޓަކާ ހިތުގައިވާ ޝައުގު ބޮޑުވީވަރުން ސިއްރު ސިއްރުން އޭނަގެ ހަރަކާތްތަކަށް ފާރަލެވި އިންތިޒާރުކުރެވެން ފެށިއެވެ. ކައިވެންޏާއި ބެހޭގޮތުން ގޫގުލް ކުރެވި ލޯބިވަނީ ބާވައޭ ސުވާލު އުފެދުނެވެ. އުމުރުން އެހާ ޅައިރު ތެދުވެރި ލޯތްބެއް ވެވިދާނެކަމަށް ގަބޫލު ނުކުރެވުނަސް ނަގުލީ ލޯތްބެއް ނަމަވެސް ވެވިއްޖެއެވެ.

***

"ސީރިޔަސްކޮށް ޓެރަރިސްޓެކޭ ކިޔާފައި ހައްޔަރުކޮށްފި. އިސްލާމީ ޝަރީއަތަށް ތާއީދުކޮށްފައި ސޯޝަލް މީޑިއާގައި ޔަހްޔާ ވާހަކަ ދައްކާތީ. މިހާރު ހިތަށް އަރާ ޔޫކޭ އިން އެނބުރި ނާދެވުނު ނަމައޭ....." އަނާ ރުމާލުން ކަރުނަ ފޮހެމުން ދިޔައެވެ.

"ޔަހްޔާ ކަމެއް ސިއްރުކުރަނީތަ؟ ޔަގީންތަ ނުކުރާނެކަން..." އަލާޔާއަށްވެސް ޝައްކުވީ ފަދައެވެ. އެހާވަރުން ހައްޔަރުކުރާނީ ގައުމީ ސަލާމަތަށް ނުރައްކާވީމަ ނޫންހެއްޔެވެ؟ އަޒާލިއާ އަނާއަށް ހިތްވަރު ދިނެވެ.

"ދޮންތީ. އެކަމަކު ދޮންތަބެ ކައިރީ ބުނެބަލަ ފާޑުފާޑަށް އެއްޗެހި ނުލިޔާށޭ. އެންމެ ބޮލަށް ފަސޭހަވާނީ ސޯޝަލް މީޑިއާއާއި ދުރުވީމަ. ތިއަށްވުރެ ސްޓްރެސް ބޮޑުކަމެއް ނޯންނާނެ..............." އަޒާލިއާ އަނާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތްއިރު އަނެއް ފަރާތުގައި އަލާޔާވެސް އިނެވެ. ތިން އަންހެންކުދިންގެ ދޭތެރޭގައި އޮތް ލޯތްބާއި ގުޅުމާ އެކުވެރިކަން އެ އަމަލުންވެސް ރަމްޒުކޮށްދިނެވެ.

***

ތިންދުވަސް ފަހުން ޔަހުޔާ ދޫކޮށްލި ޚަބަރު ލިބުނެވެ. ޔަހްޔާ އަަންނަންވާއިރަށް އަނާ އޭނައަށް އެންމެ މީރުވާ ގޮތަށް ކުކުޅު ފިހެ ބިރިޔާނި ހެދިއެވެ. މާހިރާ ފަރާޓާ ފިހުނެވެ. އަންހެންކުދިން ފޮނި އެއްޗެއް ތައްޔާރުކޮށްލިއެވެ. ކާކޮޓަރި ތައްޔާރުކުރުމަށްފަހު އަނާ ނުރުހުންވެ ޔަހްޔާއަށް ރުޅިއާއި ލޯބި އެކުލެވޭގޮތަކަށް އަޒާލިއާމެން ގާތު ބަވައިލީ ފޯނު ނުނަގައިގެންނެވެ. އެތައް ސަތޭކަ ފަހަރު ގުޅައިގެންވެސް ޖަވާބު ދޭކަށް ނޫޅުނީތީ ދެން އަނގައިންވެސް ނުބުނާނެކަމުގައި ބުނެލިއެވެ. ފެންވަރަން ވަނުމުން އަޒާލިއާއާއި އަލާޔާއާއި ދެކުދިން ފެންޑާގެ ފަތްތަރު މަތީ އިށީދެލައިގެން ވާހަކަދައްކަން ތިއްބެވެ. ރޭގަނޑުގެ އަނދިރިކަން ގަދަވުމުން އުޑުމަތީގައި ވިދާ ތަރިތަކުގެ ބެބުޅުން ނިކަން ގަދައެވެ.

"ބައްޕަ ހޮސްޕިޓަލުގައި ކޯމާގައި. ނޯއާ އަދިވެސް ޖަލުގައި. ޔަހްޔާ ސަލާމަތްވިކަން ނަސީބެއްނު. އަލްހަމްދުލިﷲ. މިވެސް އިމްތިހާނެއް. ހިތާމައާއި އުފާތައް ދަތުރުކުރާނީ އެކު އެކީގައި.. އެނުލަފާ ކަޒްޔާގެ ޚަބަރެއް ނުވޭތަ؟ " އަލާޔާ ގެ ސުވާލުން އަޒާލިއާ ވަކި އެއްޗެއް ނުބުނެ މަލުގެ ފިޔަތައް ނައްޓަންފެށިއެވެ. މޫނު ކޮންމެވެސް ވަރަކަށް މިލާ މޮޅިވެރިގޮތަކަށް ތުންފަތުގައި ދަތް އަޅާލައިފިއެވެ.

"ޚަބަރެއްނުވާނެއްނު..އެވާހަކަ ނުދައްކަމާ..ޕްލީޒް.."

ކުއްލިއަކަށް އަނާ އެތަނަށް ނުކުތެވެ. ތެތް އިސްތަށިގަނޑު ކޮނޑުމައްޗަށް ވިހުރުވާލައިގެން ހުރިއިރު ފެންތިކިތައް ތަޅައެވެ. އަތް ކުރު ޓޮޕްކޮޅަކާއި ހަރުވާޅެއްގައި އޭނަ ކޮޓަރިން ބޭރަށް އާއްމުކޮށް ނިކުމެ ނޫޅެއެވެ.

"ޔަހްޔާ ގަޔަށް ވަޅި ޖަހައިފިޔޯ..." އަނާ އެއް ދިމާލަކަށް ކަޅި ހުއްޓާލައިގެން ހުރެ ކިޔާލިއިރު ހުސްކަމެއް ހުއްޓެވެ.

"ވަޓް؟ " އަލާޔާއަށް އަނގަމަތީ އަތް އެޅުނެވެ.

"لا حول ولا قوة إلا بالله" އަޒާލިއާއަށް ދުވެފައިގޮސް އޭނަގެ ދޮންތަގެ ދެއަތުގައި ހިފަހައްޓައިލެވިއްޖެއެވެ."އެހާ ބޮޑުވަރެއް ނުވޭ ދޯ. އިޒް ހީ އޯކޭ؟ ދޮންތަބެ އަމިއްލައަށް ތަ ގުޅީ؟ ދޮންތާ އެއްޗެކޭ ބުނެބަލަ. ކިހިނެއްވެފައި ތިހިރީ....."އެއް ދިމާލަކަށް ބެލިގޮތަށް ނަޒަރު ވަކި ނުކުރެވިފައި ހުރި އަނާ ކުއްލިއަކަށް އަރި އަޅާލައިފިއެވެ. އަލާޔާއާއި އަޒާލިއާއަށްވެސް ހިފަހައްޓައިނުލެވުނު ކަމުގައިވިޔަސް އެކުދިންގެ ސަބަބުން އެހާ ބާރަށް ބިންމަތީގައި ނުޖެހި މަޑުމަޑުން ސޮހިގެންގޮސް އެކުދިންގެ އަތުތެރެއަށް ތިރިވިއެވެ. އަލާޔާގެ ހަޅޭކުގެ އަޑަށް ގޭތެރެއިން އެހެން މީހުން ނިކުމެގެން ދުވެފައި އައިގޮތަށް ސުވާލުކުރަންފެށިއެވެ. އަޒާލިއާގެ ލޮލުގައި ކަރުނަ ގިނަވެގަތުމާއެކު ޔަހްޔާ ގަޔަށް ވަޅި ޖަހައިގެން އުޅޭކަމުގައި ބުނެލައިފިއެވެ. މާހިރާ އާއި އެހެން ކުދިންވެގެން އަނާ އުފުލައިގެންގޮސް ސޯފާގައި ބޭއްވިއެވެ. މޫނުގައި ފެން ލާން ހެދުމުން ހޭއެރިއެވެ.

ހީނާ ޚާން ޒޭވިއާއަށް ގުޅިއިރު އޭނަ ހުރީ ރެސްޓޯރެންޓްގައެވެ. މަންމަ ގުޅުމާއެކު ބަސްއަހާ ކިޔަމަންތެރި ޒޭވިއާ ކުރަން ހުރި ހުރިހާ މަސައްކަތެއް ދޫކޮށްލުމަށްފަހު އައިސް ހުރީ އޭނަގެ މަންމަގެ ކުރިމަތީގައެވެ. މާހިރާ ޔަހްޔާގެ އާއިލާއަށް ގުޅަން މަސައްކަތްކުރިއެވެ. އޭރު މާހިރާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައްވެސް ހިފަހައްޓާލުން ދަތިކަމަކަށް ވެއްޖެއެވެ.

"ތިއެޓަރަށް ވައްދަނީޔޯ....." ހީނާ ބުނެލިއެވެ.

"އަހަރެން މާލެ ދާން ބޭނުން..." އަނާއަކަށް ނުރޮވުނެވެ.އޭނަ އިނީ ފާޑަކަށް ގަބުވެފައެވެ.

"ހޫމް.އަނާ ދާން ޖެހޭނެ. ޒޭވިއާ. ދަރިފުޅު އަނާމެން ގޮވައިގެން މާލެ ދާންވީނު..............................."

"އެންމެ ރަގަޅު.....ޓިކެޓް ކަންތައް ހަމަޖައްސަން މިއުޅެނީ..."ޒޭވިއާ އަޒާލިއާއަށް ބަލައިލިއެވެ. "އައިޑީ ކާޑުތައް ބޭނުންވާނެ......."

***

ކަޒްޔާގެ ކޮޓަރިތެރެ ސްޓޫޑިއޯއެއް ފަދައެވެ. މޭޒުމަތީގައި އަތުރާފައި ހުރި ފުޅިތަކާއި ދަޅުތަކުގައި ފިހިތަކާއި ގަލަމްތަކެވެ. އެކި ކުލައިގެ ދެލިފުޅިތަކެވެ. ފަންސުރާއި ރަބަރާއި ފަތިތަކެވެ. ސްކެޗް ފޮތްތަކާއި ކެލިގްރާފީ ފޮތްތަކެވެ. ބިންމަތިވެސް ފުރާލާފައިވަނީ ކުރެހުންތަކާއި ސްކެޗްތަކުންނެވެ. ކެލިގްރާފީގެ އެންމެ ފުރަތަމަ މަސައްކަތް ކަމުގައިވި ﷲގެ އިސްމުފުޅު ފަށާފައި އިންއިރު އަދި އެޅުނީ އަލިފު އެކަންޏެވެ. ވާރޭވެހެން ފެށިއަޑަށް ދޮރުކައިރީގައި ބަލަން ހުރިއިރު ރަށުގެ މަންޒަރުތައް ލޮލުގެ ސްކްރީނަށް އަރަމުން ދިޔައީ ނިކަން ލަސްކޮށެވެ. ލަސްކޮށް ނިއުޅެމުން ދިޔަ ފިލްމެއް ފަދައިންނެވެ.

"ނޯއާމެން އަހަރެންގެ ޚަބަރު ބަލާވެސް ނުލާ. ވަރަށް ފޫހިއެބަވޭ. ކޭޖްޑް ބާޑެކޭ ތަފާތެއްނެތް. ހަމަ އެ އިހުސާސްވަނީ. އަބަދު ކުރަހަންވެސް ނީދެވޭނެ.ފޯނެއްވެސް ނުދިން.. އަހަރެން މިއީ ޓެރަރިސްޓެއް ނޫނޭ. ގޭ ބަންދުގައި ހައްޔަރުކޮށް އެބިއުޒްކޮށް ވަށައިގެން ކެމެރާ ހަރުކޮށް ހާދަ އަންފެއާ ބަޔެކޭ....." ދެއަތުން ކުޑަދޮރުގެ ދާރައިގާ ހިފަހައްޓައިގެން ހުރެ މަޑުމަޑުން ބޯ ޖެއްސިއެވެ.

"ބޯ ފަޅައިގެންދާހާ ބާރަށް ތަޅައިގަނޭ.އޭރުން ޔަގީނުންވެސް ހޮސްޕިޓަލަށް ގެންދާނެ..............." އޭނަގެ ސިކުނޑިތެރެއިން ކޮންމެވެސް މީހަކު ބުނެލިހެން ހީވިއެވެ. ހީވީއެއް ނޫނެވެ. އަމިއްލަ ޚިޔާލެކެވެ. އޭނަ ބޭނުންވިގޮތެވެ. "ސްމޭޝް ސްކުއިޝް ދަ ހެޑް"

"ކަޒްޔާ. ބައްދަލުކުރަން މުހިއްމު މީހަކު އެބަހުރި....ކުޑަކޮށް ރީތިވެލައިގެން ނުކުމޭ."

"އެއީ ކީއްކުރަން؟ "ކަޒްޔާ ލޯ ހަނިކޮށްލައިފިއެވެ. "އެހެންނޫނަސް ޔޫ ޕީޕަލްސް ޓޭކް މައި ބުރުގާ އެއްޗެހި..މީހުން ކުރިމައްޗަށް ބުރުގާ ނެތި ނުދެވޭނެ..." ކަޒްޔާ ބުނެލިއެވެ.

"ކަޒްޔާ. ތީ މައްސަލައަކީ. ހަރުކަށި ފިކުރުގެ އަވައިގާ ޖެހި ކުއްޖާ ތިހިރީ ސިކުނޑި ދޮވެލާފައި. އަހަރެމެން ކިޔާ އެއްޗެއް ގަބޫލުކުރެވޭ ކަަމަކަށްވެސް ނުވާނެ..ކަޒްޔާއަށް އެނގޭތަ؟ތި އުމުރުކުދިންގެ ވިސްނުމާއި ޚިޔާލު ހުންނަގޮތަކަށް ނޫން ތިއުޅެނީ. ރުޅިގަދަވިޔަސް މަށަކީ ދަރިންގެ ގަޔަށް އަތް އިސްކުރާ މީހެއްނޫން...." ނަރުގިސް އެނދުގެ މަގަތުގައި އިށީނީ އެއްފައި މައްޗަށް އަނެއްފައި ލައިގެންނެވެ. ރަތް ޓޮޕަކާއިއެކު ނޫ ޖިންސްލައިގެން މޭކަޕްކޮށްލައިެން އިންއިރު އަމިއްލަ ދަރިންނަށްވުރެ ޒުވާނެވެ.

 

ނުނިމޭ

ކޮމެންޓް 0