"ﷲ ސުބުހާނަހޫ ވަތައާލާ އިންސާނާ ދުނިޔެއަށް ފޮނުއްވީ ހަމައެކަނި ކައި ބޮއި ނިދާ މަޖާ ކުރުމަށް އެކަންޏެއް ނޫނެވެ. ނޫނީ ބޮޑުވެ ފުރާފުރިހަމަވެ ކައިވެނިކޮށް ދަރިން ހޯދުމަށްފަހު ދުނިޔެ ދޫކޮށްފައި ދާކަށްވެސް ނޫނެވެ. އަދި ހަޔާތުގެ އެއްވެސް މަގުސަދެއް ސަބަބެއް ނެތި ބޭކާރުކޮށް ވަގުތު ހޭދަކޮށް ފަނާވެގެން ދިޔުމަކަށްވެސް ނޫނެވެ. ގުރުއާނުގެ ޒާރިޔާތު ސޫރަތުގެ ފަންސާސް ހަވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވަނީ"وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ " މާނައަކީ ޖިންނީންނާއި އިންސީން ތިމަން ސުވާމީންގެ ކިބަޔަށް އަޅުކަން ކުޅައުމަށް ނޫނީ ނަހައްދަވަމެވެ. "

އަހަރެމެން ދުނިޔޭގައި ތިބި ސަބަބަކީ އެއީއެވެ. އަހަރެމެން ދިރި މި ތިބި ސަބަބަކީ އެއީއެވެ. ﷲ އަޅުތަކުންނަށް އެވަނީ އަންގަވާފައެވެ. އެކަން އިންސާނާ އެކަން ހަދާން ނައްތައިލަނީއެވެ. ވީމާ ފަނާވެދަނިވި ދުނިޔޭގެ ވަގުތީ އުފަލަށް ނުހެއްލި އަޅުކަން ކުރުމަށް ގިނަ ވަގުތު ހޭދަކުރައްވާށެވެ. ތިމާގެ މަރުގެ ވަގުތު އެއްވެސް އިންސާނަކަށް އެނގުމެއް ނުވެއެވެ."

***

އަރްކާންގެ ޖަވާބު އިވިފައި ކަޒްޔާގެ ލޯބޮޑުވެ އަނގަ ހުޅުވުނެވެ. ބިރުވެރިކަމުގެ ފިނި ރާޅެއް މުޅި ހަށިގަނޑުގައި ދުވެލައިފިއެވެ. އަރްކާންގެ އިންޒާރުން މުޅި ކުއްޖާ ފިނިވިއެވެ. އޭނަ ކޯޓަށްގޮސް ބަޔާން ދޭން އެއްބަސްވިއެވެ.

***

ކަޒްޔާ ރެސްޓޯރެންޓްގެ އެއް ބިތް ކުރަހާ ނިންމުމުން ޒޭވިއާ ތައުރީފުކުރިއެވެ. އައިސްކްރީމާއި ޗޮކްލެޓްފަދަ އެއްޗެހި ކުރަހާލާފައި މުޅި ބިތްވެސް ޗޮކްލެޓެއް ފަދައެވެ. ޒޭވިއާ ފައިސާ ދޭ ވާހަކަ ބުނުމުން އެއްހާސް ރުފިޔާ އަތުލާފައި ބާކީ ހުރި ބައި ވަގުތުން ބައްޕަގެ އެކައުންޓަށް ޖަމާކޮށްދޭން އެދުނެވެ. އަދި އޭނަ ބައްޕައަށް ގުޅާފައި އެވާހަކަ ބުނެލިއެވެ. ކާފަމެންނަށް އޭނަގެ މަސައްކަތުން ލިބުނު އެއްޗެއް ދެވުމުން ތަފާތު އުފަލެއް އިހުސާސްކުރެވުނެވެ. ބާކީ ހުރި ފައިސާ ހާލުގައި ޖެހިފައިވާ ކުދިންނަށް އެހީވާން އޭނަ އަޒާލިއާއާއި ހަވާލުކުރިއެވެ. އަމިއްލަ ބޭނުމަށް އެންމެ ފައިސާ ފޮތްޗެއްވެސް ނުނަގައެވެ. އޭނަ ޓޮފީއާއި ސުޕާރީފަދަ ތަކެތި ގަނެލަނީ މާމަގެ ފައިމޮޑެދީ އެކަހަލަ ކުދި މަސައްކަތްކޮށްލައިގެންނެވެ. އަޒާލިއާއާއި ދެކުދިން މާމަމެން ގޮވައިގެން ހަވީރު ފިނީގައި ހިނގާލަން ގެންގޮސް ދީނީ ވާހަކަތައް ކިޔައިދީ ވީޑިއޯކޮޅުތައްވެސް ދައްކައެވެ. މަޖާ ވާހަކަތައް ދައްކައިލާ އެކީ ހީ ހަދައެވެ. އެކަނިވެރިކަން އިހުސާސްކުރިޔަ ނުދެއެވެ. އެހެން ވުމުގެ ސަބަބުން އެދެމަފިރިންގެ ހިތުގައި ކަޒްޔާއަށް އޮތް ލޯބިވެސް އިތުރުވެފައިވިއެވެ.

ކަޒްޔާ ބައްޕައަށް ފައިސާ ފޮނުވާފައި އެދުވަހު ގެއަށް އައިގޮތަށް ފޯނު ކިރިޔާ ރިންގުވިޔަސް ހިތަށް ބިރުވެރިކަން ވަނެވެ. ދޮންބެ ދީފައިވާ އިންޒާރު ހިތުން ނެރެލަން އުޅުނަސް އެކަމެއް ނުކުރެވުނެވެ.

އެންމެން ނިދާ ގޭގެ ހުރިހާ ބޮކިތަކެއްހެން ނިވާލާފައި އޮތަސް ކަޒްޔާ އިނީ ސިޓިންރޫމްގެ ސޯފާއަކަށް އަރާ ކަކޫ މޭގައި ޖައްސާލައިގެންނެވެ. ފެނުނު ހުވަފެނެއްގެ ބިރުވެރިކަމާއެކު އަދިވެސް ކަނދުރާގެ ލޯލިތައް ކޮޅަށް ހިއްލާލާފައެވެ. އޭނައަކީ ކުރިން ބިރު އެ އިހުސާސް އެހާ ދަންނަ ކުއްޖެއް ނޫނެވެ. ނޯއާ ފެން ބޯން އަންނަމުން ބަލައިލިއިރު ސިޓިންރޫމްގައި ކުއްޖަކު އިންތަން ފެނި ބިރުން ސިއްސައިގެންވެސް ދިޔައެވެ. އެންމެ ކުރިން ހީކުރެވުނީވެސް ހަންޑިއެއްކަމުގައެވެ. ދަންވަރު އެކަނިމާ އެކަނި ކަޒްޔާވެސް އެހެން އިންނާންވީ ކީއްވެހެއްޔެވެ؟ ނޯއާ ބޮކި ދިއްލާލައިފިއެވެ.

"އާ ޔޫ އޯކޭ؟ " ނޯއާ ދޮރުމައްޗަށް އެރިއެވެ. އޭނަވެސް ހުރީ ޕިޖާމާގައެވެ.

"ބިރުން...."

"ކޮންކަމަކާ.." ނޯއާ އެހިއެވެ. އޭނަ އިށީނީ ކުރިމަތީގައި ހުރި ސޯފާގައެވެ.

ކަޒްޔާ އެއްޗެކޭ ނުބުނެ ނޯއާގެ މޫނަށް ބަލަން އިރުކޮޅެއްވަންދެން ބަލަން އިނެވެ.

"ތިހާވަރަށް ބަލަން ހަދައިގެން އެސްފީނާ ޖެހިގެން އަހަރެންގެ ކުޑަ އުމުރު އެއަށްވުރެ ކުރުވެއްޖެއްޔާ ވާނީ ކިހިނެއްތަ؟ ކަޒްޔާއަށް ބިރުވެރި ހުވަފެނެއް ފެނުނީތަ؟ ނޫނީ ކޮންކަމަކާ ބިރުން. ޝެއާ ކުރަން ބޭނުމިއްޔާ އަޑުއަހަން ވަގުތުކޮޅެއް ދީފާނަން. ހަޔާތުން އެންމެ ވަގުތެއްވެސް ނުގެއްލުވަން ބައްޕަ މިރޭވެސް ދަރުސް ދެއްވީ. އަދި ތި ކުއްޖާއަށްޓަކާ މަގޭ ޕްރެޝަސް ޓައިމް....ހޫމް އަވަހަށް ކިޔާބަލަ...." ނޯއާ ކުޝަން އަކުން ކަޒްޔާގެ ބޮލުގައި ޖެހިއެވެ.

"ނުނިދޭނެއްނު. މިރޭ ކާން ދިޔައިރު ރޮށްޓެއްނެތް. ލޫލޫ ބުނީ ނޯއާ ހަޔެއްކަ ރޮށި ކާލީޔޯ....."ކަޒްޔާ ވާހަކަ އޮޅުވައިލަން އުޅުނެވެ.

"މިރޭ ކަޒްޔާ ތަ ކުކުޅު މަސް ގްރިލްކުރީ؟ އެހާ މީރުކޮށް ކެއްކުމަކީ ގާނޫނީ ކުށެއް. އެހެންވެ ގިނައިން ކެވުނީ........" ނޯއާ ބުނެލިއެވެ."ނުނިދޭ ވާހަކައެއް ނޫނޭ މިއެހީ. ބިރުން އުޅޭ ސަބަބެއް އެނގެން ބޭނުމީ...."

"މަރުވެދާނެތީ..." ކަޒްޔާ ކިޔާލައިފިއެވެ.

"އެހެންވިއްޔާ ކުރުސި ކިޔަވައްޗޭ. ބިރު ގެންފިއްޔާ ކުރުސި ކިޔެވީމަ ބިރު ފިލާފާނެ. ކުރުސި ކިޔަވަން އަނެއްކާ އެނގޭތަ؟ " ނޯއާ ލޮލަށް ގޮތެއް ހެދިއެވެ.

"އައިމް މުސްލިމް. ކީއްވެ ނޭގެންވީ؟ "ކަޒްޔާ ކުރުސި ކިޔަވަންފެށިއެވެ.

"އަޑު ހިމަކުރަން މަސައްކަތް ނުކުރިޔަސް ވެދާނެއޭ. ބޮކެއްގެ އަޑޭ ބުނީމަ އާ އަޑެއް ނެރެނީ. މިހާރު ވައްތަރީ ރަފީގެއްގެ އަޑާއި..." ނޯއާ ހީލިއެވެ. ކަޒްޔާއަށް ޖެއްސުން ކުރުމުން ހިތަށް އުފާ ލިބޭ ސަބަބެއްވެސް ނޭގެއެވެ.

"ރަފީގަކީ ކޯންޗެއް..."

"ނޭގޭ. މަންމަމެން ކިޔާ ނިކަން ތޫނު ރީތި އަޑެއް ދެއްވާފައިވާ ސޫތްޕެކޭ.." ނޯއާ ބުނެލިއެވެ.

"އައި ހޭޓް ޔޫ...." ކަޒްޔާ ނޯއާގެ މޫނުމަތީގައި ކުޝަންއިން ޖަހާފާއި ދާން ހިނގައިގަތުމުން ނޯއާ ގޮވައިލިއެވެ.

"ސޮރީ. ރުޅިއަޔަސް ކޮފީއެއް ބޯން ހިނގާ."

"އޯކޭ މާސްޓަރ..." ކަޒްޔާ ވައްތަރެއް ޖެއްސިއެވެ.

އެވަރުންވެސް އޭނަ ބިރުން ހުރި ސަބަބު ސިއްރުކުރިއެވެ. އަރްކާން އެހާވަރުން އޭނަ ލައްވާ ނޯއާ ކުށްވެރިކޮށް ދޮގު ބަޔާނެއް ދިނުމުން މިގޭ އެންމެންގެ ހިތުގައި އޭނައަށްޓަކާ ވާ ލޯބި ނަފްރަތަށް ބަދަލުވާނެކަން ޔަގީނެވެ. އަރްކާންފަދަ ފިރިހެނަކުވެސް މަންމަގެ ބަހަށް ހެއްލިގެން ފިތުނަ ހަދާ މީހުންގެ ދިރިއުޅުމަށް ވަންނަން އުޅޭ ސަބަބެއް ނޭގެއެވެ. ދޮންބެއެއްކަމަކު ފޫހިވިއެވެ. ބިރުގަންނަނީ އިންޒާރުތަކުންނެވެ. ހަގީގަތުގައިވެސް އަރްކާން އެހާ ކުޅަދާނަހެއްޔެވެ؟ ގޭންގު މީހުންނެކޭ ދޮންބެ ހުރީ ކޮން ތަފާތެއްހެއްޔެވެ؟ ގޭންގު މީހުންވެސް މިވައްތަރަށް ކުށެއްނެތް ބަޔަކާއި ކުޅޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ނޯއާއާއި އާއިލާ މީހުންނަށް އެ ވާހަކަތައް ކިޔައިދޭންވީހެއްޔެވެ؟ ނޫނެކެވެ. އޭރުން އަރްކާންގެ ނުލަފާކަން ދައްކައިލާނެއެވެ.

***

ޒޭވިއާއާއި އަޒާލިއާގެ ދޭތެރޭވާ ގަނޑުފެންގަނޑު ވިރުވައިލަން ހީނާ ޚާން ކުރިހާ މަސައްކަތްތައް ނާކާމިޔާބުވާންފެށިއެވެ. ޒޭވިއާގެ ސިއްރުވެރި ފަޅިއެއްވާކަން އެނގުނަސް ހީނާޚާން އޭނަގެ ދަރިފުޅުގެ ތަސައްވަރު އެހެން މީހުންގެ ކުރިމަތީގައި ރީތިކުރަން ކޮންމެ ވަގުތަކު ޒޭވިއާ ގާތު ސަލާމްޖަހާ ހިސާބަށް ދިޔައެވެ. ޒޭވިއާގެ ކޮޓަރީގެ ދޮރުގައި ޓަކިދޭންފެށުމުން ނުކުތްއިރު އޭނަ ހުރީ ފޯނު ކަންފަތުގައި ޖަހައިގެން އުފާވެރި މޫޑެއްގައެވެ. މަންމަ ފެނުމުން އޭނަ ފޯނު ބާއްވާފައި މަންމައަށް ސަމާލުކަން ދިނެވެ.

"އައްސަލާމް އަލައިކުމް ޕްރެޝަސް. މިއަދު ހާދަ އުފާވެފައި މާޝާﷲ. ދަރިފުޅަށް ހެޔޮ ރަހުމަތް ލައްވާ އުފާވެރިކަން ދެއްވާށި..."

"މޯނިން މަމް."

"ދަރިފުޅު ތިހެން އުޅުނީމަ އަންކަލްމެންގެ ހިތުގައި ސުވާލުތައް އުފެދޭނީ. އަދި މާހިރާގެ ހިތް ނުސާފުކަން އޭނަގެ ނަޒަރު އެކަނި ބުނެދޭ. އެ ނަޒަރުން ނުރުހުމާއި ހިތްހަމަނުޖެހުން ތީރުތަކުގެ ސިފައިގާ އައިސް މަންމަގެ ހިތަށް ކޮންމެ ފަހަރަކު ހެރޭ. ދަރިފުޅާ. ކީއްވެ އަޒާލިއާއާއި ދުރުން އުޅެނީ؟ މަންމަ މިވަރަށް އާދޭސްކުރާއިރު. އެނގޭތަ؟ މިޒަމާނުގައި އެކަހަލަ ކުއްޖެއް ނުލިބޭނެ...." ހީނާ ޚާންގެ އަތުތެރޭ އޮތް އުޅާ ބަޔާއި ކުޅެމުންގޮސް އޭނަ އެއްފަރާތުގައި ހުރި ސޯފާސެޓްގައި އިށީދެލައިފިއެވެ.

"ލަދުރަކި މަޑުމައިތިރި ކުއްޖެއްވީމަ އަނގައިން ބުންޏަސް ރިޕްލައި ނުކުރާނެއްނު...."

"ލަދުވެތިކަން އަންހެންކުއްޖެއްވިއްޔާ ހުންނަން ޖެހޭނެ. މަންމައަށް އެއުޅޭ ކަޒްޔާ އެއްގޮތަކަށްވެސް ރަގަޅެއްނޫން. ލަދުގެ ކަންފުޅެއްނެތް އެހާ ދަހި ކުއްޖެއް. ހުރިހާ ނުބައި ސިފަތަކުން އެކުއްޖާގެ މަންމަ އެކުއްޖާ ޖަރީކޮށްފައި ހުރީ. މަންމަގެ ޖާން. މިއުޅާ ބަޔަކީ މާމަގެ ހަދިޔާއެއް. މި ގެންގޮސް އަޒާލިއަގެ އަތުގައި އަޅުވަދީ..." ހީނާ ޚާން ދިއްކޮށްލުމުން ޒޭވިއާ ހިފިއެވެ.

"މިހާރުތަ؟ "

"ހެޔޮ މިވަގުތުވިޔަސް.." ހީނާ ޚާން އުފަލުން ދަތްތައްވެސް ދިއްލިއްޖެއެވެ.

"އޯކޭ...." ޒޭވިއާ ދާން ހިނގައިގަތެވެ.

"މާގަހުން މަލެއްވެސް ގެންގޮސްދެއްޗޭ. އަންހެންކުދިން ވަރަށް ހިތްހަމަޖެހޭނެ މާ ލިބުނީމަ...." ހީނާޚާން ބުނެދިނެވެ.

ޒޭވިއާ ފޯނާއި ކުޅެމުން ނިކުމެގެން އައިއިރު ތުންފަތްމަތީގައި ލުއި ހިނިތުންވުމެކެވެ. ސިޓިންރޫމާއި އަރާ ހަމަވީއިރު އެތާގައި ކާފަމެންނާއި ބޮޑުބޭބެ ދެމަފިރިންނާއި އަޒާލިއާގެ އިތުރުން ކަޒްޔާވެސް އިންކަން އެނގުނެވެ. އޭނަ އެންމެނަށް ސަލާމް ގޮވާލާފައި ބޭރަށް ނުކުމެ އެންމެ ކުރިން ލޮލުގައި އަޅައިގަތް މާ ބިނދެލުމަށްފަހު އަލުން ވަނެވެ. އޭނަގޮސް އިށީނީ އަޒާލިއާ ގާތުގައެވެ. އަދި ހީލާފައި މާ ދިއްކޮށްލުމުން އަޒާލިއާ ހާސްވެގެން ވީގޮތް ކަޒްޔާ ކެމެރާ ކުރަން އިނެވެ.

އަޒާލިއާގެ މޫނަށް ފިޔާތޮށިކުލައިގެ އެތައް ޝޭޑެއްވެރިވުމާއެކު އޭނަ އެ މަލުގައި ހިފެހެއްޓިއިރު ފިނިވެގެން ގަނޑުފެންކޮޅަކަށް ވެއްޖެއެވެ.

"މިވެސް ގިފްޓެއް....." ޒޭވިއާ އަޒާލިއާގެ އަތުގައި ރަން އުޅާބައި އަޅުވައިލަދިންއިރަށް މާމަ ހުރީ ގުދުވެ ކުރިމަތީގައެވެ.

"މިއީ މާމަ ހީނާގެ ކައިވެނީގެ ދުވަހު ދިން ހަދިޔާއެއް. އެކި ދަރިކޮޅަށް ވާރުތަކުރަން އޮތް މުދާގަނޑެއް. ދަރިފުޅާ އަތުން ވަކި ނުކުރާތި...." މާމަ އަޒާލިއާއާއި ޒޭވިއާގެ ނިތުގައި ބޮސްދިނެވެ. "މަގޭ މާމަ ދަރިން ގުޅުނީމަ އެންމެ އުފާވަނީ މި މާމަ...."

"ތެންކިއު މެރީ ޕިޔާރީ މާމާ...ލަވް ޔޫ ސޯ މަޗް.." ޒޭވިއާ މާމަގެ ގައިގާ ބައްދައިލުމަށްފަހު ނިތްކުރިއަށް ދޮނެއް ދިނެވެ. އަދި ކާފައަށްވެސް އޭނަގެ ލޯބި ހިއްސާކުރިއެވެ. ހީނާ ޚާން ފަޚުރުވެރިކަމާއެކު ދަރިފުޅަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލައިގެން އިނެވެ.

އެންމެން އުފަލާއެކު އެ މަންޒަރު ދެކެން އިންއިރު މާހިރާގެ މޫނުމަތި މިލާފައެވެ. އެތައް ފަހަރު ހިންދިރުވައިލެވުނެވެ.

ޒޭވިއާގެ ޖެހިލުމެއްނެތް އަމަލާއި އަޒާލިއާގެ އެ ލަދުގަތްވަރުން ވިސްނަންވީ އެއްޗެއްވެސް ނޭގުނެވެ.

"އަޒާލިއާ. ދޭބަލަ ޒޭވިއާއަށް ސައިދޭން..." ހީނާ ޚާން އެންގިއެވެ.

"ކޮފީއެއް ބޮއިގެން މިހިރީ އޯކޭވާނެ. އަދި ތަނަކަށް ދާންވެފައި މިހިރީ..ކޮބާ ނޯއާ...." އޭނަ ވަށައިގެން ހޯދައިލިއެވެ.

"އެހެން ދުވަހު ގަދަކަމުން ތަންމަތިން ނަގަން ޖެހޭނީ. މިއަދު ހުރިހާ ބިލުތަކެއް ދައްކަން އެތައް ވަރަކަށް ކިޔައިގެން އެދިޔައީ....." ހީނާ ޚާން ބުނެލީ ހީލަމުންނެވެ.

***

ނޯއާ ބިލްތައް ދައްކާފައި ގެއަށް އައިގޮތަށް ކަޒްޔާ ނުފެނިގެން ހޯދިއެވެ. ކަޒްޔާ ފެނުނީ ވަލުތެރޭގައި މުރާކި ބިނދެގެން ކާން އިންދައެވެ.

"ޖިންނި އަވަލާނެއްނު ޖަންގަލިތެރޭ އުޅެންޏާ..."

"މީރު އެއްޗެކޭ މިކަނީ.." ކަޒްޔާ މުށްފުރާ ހުރި މުރާކިތައް ނޯއާގެ އަތަށް އަޅާލަދިނެވެ. ހުތް ފޮނި ރަހައެއްދޭ އެ މޭވާ ދެކުދިންނަށްވެސް މީރު އެއްޗަކަށްވިއެވެ.

"ތެންކިއު. އަހަރެންވެސް މިއައީ ކަޒްޔާއަށް ހަދިޔާއެއް ހިފައިގެން..." ނޯއާ ޕާރުސަލެއް ދިނެވެ.

"އަނެއްކާ ކޯންޗެއްތަ؟ "

"ބިރުން އުޅޭ ކުއްޖަކަށް އެންމެ އެކަށީގެންވާ ގިފްޓް.ރޫމަށްގޮސް ކަނޑާލާނީ. ދެން އަބަދު މަގޭ ގާތު ޓައިމް އަހާވަރުން ބޮލަށް އުދަގޫވެގެން ގަޑިއެއް ގަނެދީފައި އޮންނާނެ...." ނޯއާ ދާން ހިނގައިގަތެވެ.

"ފޮނި ހުސޭނާވެސް މިވަރު ނުވާނެ"

ކަޒްޔާއަށް ލިބުނު ހަދިޔާ ކަނޑާހިތުން ކެތް ނުލަވައިގެން އަވަސްވެގަތީ ކޮޓަރިއަށް ދިޔުމަށެވެ. ހީނާމެންގެ ސުވާލު އަމާޒުވާނެތީ ހެދުމުގެތެރޭ ފޮރުވައިގެން ހުރެ ކޮޓަރީގެ ދޮރުމައްޗަށް އަރާފައި ނަށައިލެވުނެވެ. އެތެރެއަށްވަންގޮތަށް އަވަސް އަރުވާލާފައި ބޭރުގައިވާ ކަރުދާސްތައް ދަމައިގެންފިއެވެ. އެތެރޭގައި އޮތް ކުރުސި ލިޔެފައިވާ ފްރޭމަށް ބަލަހައްޓައިގެން އާޝޯޚުވެފައި ހުރެވުނެވެ. ރަންއަކުރުން ތަފާތުގޮތަކަށް ލިޔެފައިވާ އޭގައި ހިތުގައި ފިރުމާފަދަ ގޮތެއް ހުއްޓެވެ. އޭނައަށް އަކުރުތަކުގައި އިނގިލި ހިންގައިލެވުނެވެ. މޮޅު ކެލިގްރާފާއެއްގެ މަސައްކަތެވެ. އޭނައަށް މިގޮތަށް އަކުރު އެޅިދާނެހެއްޔެވެ؟ ﷲގެ އިސްމުފުޅާއި ގުރުއާނުގެ އާޔަތްތައް އަރަބި ކެލިގްރާފަރުން އަޅާފައިވާއިރު ހާދަ ރީއްޗެވެ. ދެން އޭނަ ބަލައިލީ ގަޑިއަށެވެ. ކަޅުކުލައިގެ ގަޑިއެކެވެ. އޭނަގެ އަތާއި ނިކަން ގުޅެއެވެ.

"އެ ފޫހި ފޫހި ނޯއާއަށް އަހަރެން ލައިކްވާ އެއްޗެއް ގަންނަން އެނގުނުކަން ނަސީބެއް. އެހެންނޫންނަމަ ގޮސް މޫނުމަތީގައި ޖަހާނީ...." ކަޒްޔާ ހީލިއެވެ. އެނދުމަތީގައި އޭނަގެ ހަދިޔާތައް ބަހައްޓައިގެން ފަރި ބަލަން އިންދާ އަޒާލިއާ ކޮޓަރިއަށްވަނެވެ. އޭނަގެ ދޮން އަތުކުރި ރަން އުޅާތަކުން އުޖާލާވެފައެވެ.

"އަހަންނަށްވެސް ހަދިޔާ ލިބިއްޖެ. އެކަމަކު ލޫލޫ ހާދަ ވަރެކޭ ވީ. އެހާ ރަކިވީ ކީއްވެތަ؟ ބްލަޝްވެގެންގޮސް މޫނު އެއްކޮށް ޓުމާޓޯއެއްހެންވެފައެއްނު....އެއީ ކީއްވެތަ؟ ދުވަހަކު އަދި އެވަރަށް ރަތްވީތަނެއް ނުދެކެން..ނޯއާ ދިން އެއްޗެހި މިހިރީ. އެކަމަކު ލަދެއްނުގަނޭ." ކަޒްޔާ ބުނެލިއެވެ.

"ނޭގޭ ޒޭވިއާ ދުރުން އުޅެފައި ކުއްލިއަކަށް ބައްޕަމެން ތިއްބާ މަލެއް ދިނީމަ ހިތަށް އެރި ބިންގަނޑު ދިރުވައިލާނެ ނަމައޭ. އެންމެ އެމްބެރެސިން މޯމެންޓް. އަނެއްކާ ނޯއާއާއި ޒޭވިއާ ކިހާ ތަފާތު. ނޯއާ ބޭބީކުއްޖެއްހެނެއްނު އުޅެނީ. ޒޭވިއާ އެހާ މެޗުއަ.." އަޒާލިއާއަށް ރަން އުޅާތަކުގައި އަތް ޖައްސައިލެވުނެވެ. "ޒޭވިއާ ޗޭންޖުވެއްޖެ. މިދޭތެރެއަކުން އެހެން މޫޑެއްގައި ހުރީ.."

"ލަވް ހެޕެންޑް ހެން ހީވަނީ...."

"ހަހަ....ޔާޔާވެސް ބޮޑުވެއްޖެ ދޯ ތިކަހަލަ ވާހަކަދައްކަން.."

"ސީރީސް ބެލީމަ އެނގޭނެއްނު. ހިނގާ ޑްރާމާއެއް ބަލަން. ދަސްކުރަންވާނެއްނު." ކަޒްޔާ އެދުނެވެ.

***

ހަޔާތަކީ ކުރު އެއްޗެކެވެ.

އަޖަލު ޖެހުމުން އެންމެ ސިކުންތުކޮޅެއް ލަސްވުމެއްނެތި މަރުގެ މަލާއިކާ ފުރާނަ ހިއްޕަވާނެއެވެ. އެއީ ކޮންވަގުތަކުކަން ދެނެވޮޑިގަންވަނީ ހަމައެކަނި ތިމާ ހެއްދެވި ޚާލިގުވަންތަ ﷲއަށެވެ. ކަޒްޔާއަށް އޭނަގެ ކާފަ ނިޔާވި ޚަބަރު ލިބުމުން ޝޮކަކަށް ދިޔައެވެ. އޭނަ ހާދަވަރަކަށް އުއްމީދުކުރިއެވެ. އޭނަ ހީކުރީ ކާފަ އަނބުރާ އަންނާނެކަމުގައެވެ. އޭނައަށް ފަރުވާކުޑަކޮށްލެވުނީ ދުޢާ ކުރުމުގައެވެ. ކާފައަށް ޝިފާ ދެއްވަން އެދި ދުޢާކުރެވުނީ އެ ކުރަންވާގޮތަކަށް ނޫނެވެ. އަޒާލިއާ ބުނެދިންގޮތަށް ދުޢާކުރެވުނު ނަމައެވެ.

ޕާސްޕޯޓް ނަހަދާ އޮތުމުން ކާފަ ބަލައިލަން ދިޔުމުގެ ނަސީބެއްވެސް ކަޒްޔާއަކަށް ނުލިބުނެވެ.

ދެތިން ދުވަސްވާންދެން ކަޒްޔާ ކަރުނަ އޮއްސިއެވެ. އަރްކާން ހިތްވަރު ދިނުމުން އިތުރަށް ދެރަވެ މޮޅިވެރިވަނީއެވެ. ސަބަބަކީ އަރްކާންގެ ފަރާތުން ލިބެން އުޅޭ ހިތާމަވެސް ބޮޑުކަމުންނެވެ. ދެހިތާމަ އެކުވެ އޭނަގެ އުފާތައް ނިގުޅައިގެންފިއެވެ.

"ބައްޕާ ކޮންއިރަކުން އަންނަނީ؟ އައި ވިލް ޑައި..." ކަޒްޔާ އޭނަގެ ބައްޕައަށް ގުޅިއެވެ.

"ހަފްތާއެއްވަރު ނަގާނެ. މާމަވެސް ޓެސްޓެއް ހައްދައިގެން އަންނަންކަމަށް..."

"މާމައަށް ރަގަޅަށް ބޭސްކުރުވާތި ޕްލީސް. ވަރަށް ދެރަވޭ ކާފަ ނުވެސް ފެނުނީމަ. ކާފަ ދެރަވިތަ؟ ޔާޔާގެ ވަހަކައެއް ނުދައްކާތަ؟ "

"ނޫން. ވަރަށް ލޯބިވެއޭ ސަލާމް ބުނާށޭ. ބަސްއަހައިގެން އުޅެއްޗޭ ބުނީ. ނަމާދުކުރާށޭ. ގުރުއާން ކިޔަވާށޭ. އެހާ ނުރޯށޭ. ރުއިމުން މަރުވެފައި ތިބޭ މީހުންނަށް އުދަގޫވާނެއޭ ދަރިފުޅާ.." ހަނަފީ ބުނެލިއެވެ.

"އޯކޭ ދެން ނުރޯނަން..."

"ރަގަޅު ދަރިފުޅާ. ކެތްތެރިންނާއެކު ﷲ ވޮޑިގެންވަނީ. ކާފަ ވަސިއްޔަތް ކުރިހެން ނަމާދުކޮށް ބަސް އަހާ ކުއްޖަކަށް ވޭ އޭރުން ދެރަގޮތެއް ނުވާނެ.... ." ހަނަފީ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. އެ އަޑު ކުރެހިގެން ދިޔަކަން އެނގުމުން ކަޒްޔާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

***

ނޯއާ ޓިޝޫ ޕެކެޓެއް ދިނެވެ.

"އައިމް ސޮރީ. ކާފަ ނިޔާވިކަން އެނގުމުން އިހުސާސްވީ އަމިއްލަ ކާފަ. އެއްވެސް މީހަކަށް ކާފަ ގެއްލުމުގެ ހިތާމަ ލިބޭކަށް ނޭދެން. ގްރޭންޑްޕޭރެންޓްސް އަކީ ހަމަ ޓްރެޝާއެއް...."

ކަޒްޔާއަށް އިތުރަށް ރޮވުނެވެ.

"އިޓްސް އޯކޭ ޓު ކްރައި. އޭރުން ހިތުގައި ހުރިހާ ހިތާމައެއް ފިލާނީ..." ނޯއާ މަޑުމަޑުން ބުނެލިއެވެ. ނޯއާގެ ކަފަކޮޅެއްފަދަ މަޑު ހިތް ވުޖޫދަށް އައުމުން ކަޒްޔާއަށްވެސް ހައިރާންކަމެއް ލިބުނެވެ. އެންމެން ހިތްވަރުދިނަސް ނޯއާ އޭނައަށް ހިތްވަރުދޭނެކަމަށް ހިޔެއްނުކުރެއެވެ. ތައުޒިޔާގެ މެސެޖެއްވެސް ވައިބާ ކުރިއެވެ. އޭނަ ދޮގު ތުހުމަތެއް އަޅުވަންވީ މި ހިތްހެޔޮ ފިރިހެންކުއްޖާގެ ބޮލުގައި ހެއްޔެވެ؟

އިރުގަނޑެއްވާންދެން ވަލުތެރޭގައި އޮތް ބޮޑު ގާގަނޑުމަތީގައި އިށީދެލައިގެން ދެމީހުން ތިއްބެވެ. އިރުގަނޑެއްވާންދެން ރުއިމަށްފަހު ހަމަޔަކަށް އެޅުމުން އޭނަ ބަލަން އިނީ ދުރަށެވެ. އޮޅުތެރޭގައި އަދިވެސް ކޮންމެވެސް ވަރަކަށް ފެންގަނޑު ހެދިފައިވާއިރު ބަލައިލަން ރީއްޗެވެ. އަލަފަތްތަކުގެ މަތީގައި ފެންތިކިތައް ހަރުލާފައެވެ. ކަނބިއްޔެއް ފިލަމުންގޮސް އަލަގަސްތަކުގެ ނިވަލަށް ވަދެ ގެއްލުނެވެ.

"މިއުޅެނީ މާލެދާން..."

"އެއީ ކީއްކުރަން؟ ވަޓް އެބައުޓް ޕެއިންޓިން. އެންމެ ބިތްގަނޑެއްނު ނިމުނީ...." ނޯއާ ހައިރާންވިކަހަލައެވެ.

"އަނެއް ބިތްތަކުގައި ވޯލްޕޭޕަރު ޖަހާނީޔޯ ޒޭވިއާ ބުނީ. ވަރަށް ރީތި ވޯލްޕޭޕަރު ހުރެއެއްނު ރެސްޓޯރެންޓްގައި ޖަހަން ޑިޒައިންކޮށްފައި. އެހެން ބުނީ ދެން މިވަގުތަށް އަހަންނަށް މަސައްކަތް ނުވާނެތީ. ޒޭވިއާ ގާތު ބުނިން ދެން ވާނެ ކަމެއް ނޭގެޔޭ. މާލެ ދާންވެސް ޖެހޭތީ...."

"ކިހާ ދުވަހަކަށް؟ " ނޯއާ އެހިއެވެ.

"ނޭގޭ އަދި.." ކަޒްޔާ ދާކަށް ބޭނުމެއްނޫނެވެ. ފަހަރެއްގައި ދުޢާކުރުމުން ކޮންމެވެސް ސަބަބެއް މެދުވެރިކުރައްވާފާނެއެވެ.

ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑަށް ނޯއާއާއި ކަޒްޔާއަށް އެނބުރި ބަލައިލެވިއްޖެއެވެ.

"ކަޒްޔާ...." އަރްކާން ގޮވައިލީ ނިކަން ހަރުކަށި ރާގަކަށެވެ.

ނުނިމޭ

 

ކޮމެންޓް 0