"ކޮންމެވެސް ދުވަހެއްގައި ތިބާއަށް ހަޔާތުގެ އެންމެ ފަހު ނަމާދުކުރެވޭނެއެވެ. އިތުރު ފުރުސަތެއް ނުލިބި އަދި މިއީ އެންމެ ފަހު ދުވަސްކަން ނޭނގި ﷲއަށް އެންމެ ފަހުގެ ސަޖިދަ ޖަހައިލެވޭނެއެވެ. ކަށްވަޅުގައި ހޭލެވޭނީ ދުއްވައިލެވުނު ވަގުތުތަކަށްޓަކާ ހިތާމަކުރަމުން ހެއްޔެވެ؟ ނޫނީ ތިމާ ހެއްދެވި ފަރާތާއި ބައްދަލުކުރެވޭތީ އުފާކުރާނަން ހެއްޔެވެ؟ ނަމާދަކީ މަޖުބޫރުވުމުން ނޫނީ ވާޖިބަކަށްވީތީ ކުރާކަމަކަށް ނަހަދާ އަމިއްލައަށް ހިތުން ރުހުމުން ކުރާކަމަކަށް ހަދާށެވެ. ހެނދުނު ފަތިހާ ތެދުވެ ތިބާއަށް ވާހަކަދައްކައިލެވެނީ ތިބާ ހެއްދެވި ހުރިހާ ކަމެއް ދެެކެ ދެނެވޮޑިގެންވާ ރަހީމްވަންތަ ރަހުމާންވަންތަ ފަރާތާއިކަން ދެނެގެން އެވަގުތަށް އިންތިޒާރުކުރާ މީހަކަށް ވާށެވެ. ކަޅުފޮއި ރޭތަކުގައި ކަޅުހިލަތަކުގައި ހަރަކާތްތެރިވެ އުޅޭ ކަޅު ހިނިތަކުގެ ފިޔަވަޅުތައްވެސް ދެކެވޮޑިގެންވާ ކުޅަދުންވަންތަ ފަރާތަށް ދުޢާކޮށް ނަމާދުކޮށް ގިނަގިނައިން އަޅުކަން ކުރުމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގަނެވޭނެއެވެ."

***

އަރްކާންގެ ފަރާތުން ކަޒްޔާއަށް ޒޭވިއާއާއި އަޒާލިއާ ކައިވެނިކުރިކަން އެނގުނެވެ. ކުރިން ކައިވެނި ކުރިޔަސް ގާނޫނީގޮތުން ދެމަފިރިންނަށް ނުވާނެތާއެވެ. އެ ހަބަރު އިވުމުން އުފާކުރަންވީކަމަށް ހިތާމަކުރަންވީ ކަމެއް ނޭނގުނެވެ. ނޯއާގެ އަންހެނުންނާއި ބައްދަލުވިތޯ އަހަންވެސް ބޭނުންވިއެވެ.

"ދީނުގައި މިކުރެވޭ ކައިވެނި ހުއްދަވާނެތަ؟ ނޯއާ ޑިވޯސް ނުކުރެއޭ...."

"އެއީ ކައިވެންޏެއް ނޫން. ތިކަން ދެނެހުރި މީހެއް ދުނިޔެއަކު ނެތް. އެކަން ހަދާން ނައްތާލާ. މަންމަ ބުނާ ގޮތަށް ހެދީމަކަންނޭނގޭ ދެން އެންމެ ރަނގަޅީ...."

"ޔެސް. ޓިކެޓް ޓު މައި ފްރީޑަމް.." ކަޒްޔާ ހިތާހިތުން ކިޔައިލިއެވެ.

***

އަރްކާންއަށް ގުޅާފައި ޒޭވިއާ ބުނި ހަބަރަކުން އޭނައަށް ލިބުނު ސިހުމާއެކު ހިތަށް ބުނަން ނޭގޭފަދަ އުދަގޫތަކެއްވިއެވެ. އަނާ އޭނާއަށް ފިލައިގެންގޮސް ކަޝްމީރުގައި އުޅެދާނެކަމަށް އޭނާ އެއްގޮތަކަށްވެސް ހިޔެއްނުކުރެއެވެ. ސްރީނަގަރުގައެއްވެސް ނޫނެވެ. އެހެން އަވަށެއްގައެވެ. އަނާ އެރަށުގައި ފިލުވީ ޒޭވިއާގެ މަންމަ ހީނާއެވެ. އަނާގެ މަންމައަށްވެސް ދަރިފުޅު ދިރިހުރިކަމާއި ހުރީ ކޮންތާކުކަން އެނގުނީ އެތައް ޒަމާނެއްފަހުންނެވެ. އަނާގެ ދަރިއަކު ހުރުމުން އެހެން މީހަކާއި އިނދެގެން އުޅޭކަމާއިމެދު ޝައްކު ކަމުގައި ޒޭވިއާ ބުނެލިއެވެ. އަރްކާން މޮޔަވާވަރުވިއެވެ. ހުރިހާ އަންހެން ކުދިންތައް ދުނިޔެއިން ނައްތާލާވަރަށް އަންހެން ޖިންސްދެކެވެސް ހިތުގައި ނަފްރަތުގެ އޮއިވަރެއް ހިނގައިލިއެވެ.

"ތެންކިއު ޒާވް.."

"އެކަމަކު އެއްވެސް މީހަކަށް އެނގިގެން ނުވާނެ އަހަރެންގެ ފަރާތުން އެރިކްއަށް މި ހަބަރު ލިބުނުކަން އިނގޭ. ނޫނީ މަންމަގެ ހިތް ދުވަހަކު ސާފެއްނުވާނެ." ޒޭވިއާ އަރްކާންއަށް އިތުބާރުކުރެއެވެ. އޭނާއަކީ ސިއްރު ހިފަހައްޓަން ދަންނަ ތެދުވެރި މީހެކެވެ. ވަފާތެރި އެކުވެރިއެކެވެ.

"އަހަރެން އެންމެ ކުރިން ނޯއާއާއި ވާހަކަދައްކާނީ. އަނާ ނުގެނެސްފިއްޔާ އަހަރެން އަމިއްލައަށް ކަޝްމީރަށް މީހުން ފޮނުވައިގެން ގެންނާނީއޭ އަންގާނަން..."

"އެރިކް. ތީތި މަސައްކަތެއް ނުކުރާނެ. ހަދަންވީގޮތެއް ބުނެފާނަން...." ޒޭވިއާ ކިޔައިދިނެވެ.

***

އަޒާލިއާ ކައިވެނީގެ ސެޓްފިކެޓަށް ބަލަން އިނުމަށްފަހު އޭގައި ލިޔެފައި ހުރި މައުލޫމާތުތައް ކިޔާލިއެވެ. އޭނާއާއި ޒޭވިއާ ރަސްމީކޮށް ދެމަފިރިންނަށްވީއެވެ. އޭގައި ބޮސްދިނުމަށްފަހު މޭމަތީގައި ބާއްވާލައިގެން އެހުރިގޮތަށް ވެއްޓިގަތުމުން ބުރަކަށި ޖެހުނީ އެނދުގެ މަޑުމަޑު ސެޓިން ގޮދަޑީގައެވެ. އެތުންފަތަށް ރަކި ހިނިތުންވުމެއްވެރިވިއެވެ.

"އަހަރެން އަދިވެސް ހޯޕް ގެއްލުވައެއްނުލާނަން. ސަބަބަކީ ކޮންމެވެސް ދުވަހަކުން ދުއާ އިޖާބަކުރައްވާނެކަމުގެ ޔަގީންކަން އޮތީމަ. ފިރިމީހާގެ ހިތުގައި ލޯބި ލެއްވުމަށް އެދި ދުއާނުކުރާ އެންމެ ދުވަހެއްވެސް ނާދޭ. .ތި ސްޓަބްންކަމާއި ހޭޓްރެޑްގެ ބަދަލުގައި ހަމަ ރީތިކޮށް އަދި ވާހަކަ ދައްކާނެ އިންޝާﷲ..."

އަޒާލިއާ ސެޓްފިކެޓް ފޮރުވާފައި ހިނގައިގަތީ ކޮޓަރިއަކާއި ދިމާލަށެވެ. އެކޮޓަރި ހުހަށް ހުރުމުން އެތަން ނަމާދުކުރެވޭނެ ގޮތަށް ހެދިއެވެ. އަލާޔާގެ އަތުގައި އޭނާގެ މުސްހަފް ކަލެކްޝަން ހުންނާނެއެވެ. އެ މުސްހަފްތަކާއިއެކު ރީތި ފްރޭމްތައް ޖަހާ މުސައްލާއެޅުމުން މިސްކިތުގައި ހުންނަފަދަ ހައިބަތު ހުންނާނެއެވެ. ދެރައީ ޒޭވިއާގެ މިއުޒިކް ޝައުގެވެ. ޕިއާނޯ ކުޅޭވަރުންނެވެ. ސިނގިރެޓާއި ވޭޕްކުރުމުގެވެސް ހައްދެއް ނުހުރެއެވެ. އޭނާއަށް ކުރެވޭ ކަމަކީ އެއިން ކޮންމެ މަންޒަރެއް ފެންނަހިނދު ދުއާކުރުމެވެ.

ސިޑީގެ ރެއިލިންގައި ބޯ ޖައްސާލައިގެން އޭނާ އިންތިޒާރުގައި ހުއްޓާ ޒޭވިއާއަށް ފެނުނެވެ. އުދުހިފައި ކަހަލަގޮތަކަށް އޭނާ ސިޑި ގިރާކޮށް އަތުގައި ހިފެހެއްޓިލެއް ބާރުކަމުން ކޮނޑަށްވެސް ވާންވީއެވެ. ތަދުވެގެންގޮސް އަޑެއް ލައްވާލިއިރު ލޮލަށް ކަރުނަ އަތުވެއްޖެއެވެ.

"ހަމަ މައްޗަށް ދާން ތިއުޅެނީ؟ މަ ނުބުނަންތަ ނުދާށޭ. ޔޫ ވިލް ރިގްރެޓް. އަމިއްލައަށް ހިތާމަކުރަން ޖެހޭނީ. ނޮޓް މީ. އަޑުއިވިއްޖެތަ؟ ދެރަވާނީ މަށެއްނޫން. އަހަންނާހެދި ތިހެން އުޅުނީމަވެސް ތި ހިތަށް އަނިޔާވާނީ. އަހަންނަށް ހިތް ދިނަސް އަހަންނަކަށް ބަލައިގަނެވޭކަށް ނެތް. ފޮގެޓްއިޓް އަޒާލިއާ. ހިތުގައިވާ އެއްޗެއް މާ ރީތިކޮށް ތިލޮލުން ފެނޭ. އަހަރެމެން ދެމީހުންގެ މަންޒިލަކީ ދެތަން. މިދުނިޔެއަކު ނޫން. އެހެން ދުނިޔެއަކަށް ދިޔަސް އަޒާލިއާ ވާނީ ސުވަރުގޭގައި. މަ ދާނީ ނަރަކައަށް.. އެހެންވެ މިބުނަނީ ޑޯންޓް ލަވް މީއޭ.... އައި ކާންޓް ގިވް ދެޓް ބެކް..އޯކޭ؟" ޒޭވިއާގެ މޫނާއި އޭނާގެ މޫނު ދެތިން އިންޗިއެއްހާ ކައިރިވިއެވެ. ޒޭވިއާގެ ނޭވާގައި އާވި މަސްކް އަދި ކޮލޯންއާއި ކޮފީގެވަސް އެކުލެވުނެވެ.

އަޒާލިއާ ބިރުންގޮސް ވިރޭވަރުވިއެވެ. ދެރަވެގެންގޮސް ހިތް ވިރިގެން ފައިބައިފިއެވެ. ޒޭވިއާގެ ނަފްރަތާއި ފޫހިކަން އޭނާގެ ކުރިމައްޗަށް އޮއްސާލައިފިއެވެ.

"އައި ލަވް މެޗުއާ ވިމެން. ތިކުއްޖާ ހީވަނީ ބާރައަހަރުގެ ކިޑެއްހެން. އެހާ އިނޮސެންޓް. އަހަރެންނަކީ ޑެވިލްއެއް. އަހަންނާއި އަޒާލިއާ ނުގުޅޭ...."

އަޒާލިއާ އިތުރަށް އަހަން ބޭނުމެއްނުވިއެވެ.

އޭނަ ދުވަމުން ދުވަމުންގޮސް ކޮޓަރިއަށްވަދެ ދޮރު ތަޅުލައިފިއެވެ.

އޭރު އޭނައަށް މާ ނޭވާލެވެއެވެ. ފާރުގައި ބުރަކަށި ޖައްސާލައިގެން އިރުގަނޑެއްވާންދެން ހުރެލާފައި އޭނަ ތިރިވަމުންގޮސް ތަޅުންމަތީގައި އިށީނެވެ. އެކި ހިޔާލުތައް އުދަގޫކުރަންފެށިއެވެ. ޒޭވިއާ އެވަރުން އޭނާ މަތީ ބަޔަށް ނުގެންދާން އުޅޭ ސަބަބެއް ދެނެގަންނަން ހިތުގައި އުފެދުނު ޝައުގުވެރިކަން ހުރިހާ ކަމަކަށްވުރެ ބޮޑުވިއެވެ. އޭނާ އެ ސިއްރު ދެނެގަންނާނެއެވެ. އޭނާ ދެރަވިޔަސް ހިތާމައިން މަރުވިޔަސް އެންމެ ރަގަޅެވެ. އިތުރަށް ގެއްލޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ކޮޓަރީގެ ތަޅުދަނޑި ނަގަން އޭނާ މަސައްކަތްކުރާނެއެވެ. ނޫނެކެވެ. ޒޭވިއާގެ ރުޅިވެރިކަމާއި ނަފްރަތު ފިލުވައިލެވޭނީ އޭނަގެ ވާޖިބު އަދާކޮށްގެންނެވެ. ޒޭވިއާއާއި އަޅާލާ ލޯބިދީގެންނެވެ.

***

އަޒާލިއާ ޒޭވިއާއާއިމެދު ކިތަންމެ ރަގަޅަށް ކަންތައް ކުރިޔަސް އެލޯބި ގަބޫލުކުރަން އޭނަ ތައްޔާރެއް ނޫނެވެ. އޭނަ ދެރަކޮށް ވާހަކަދެއްކިޔަސް އޭނަ މާފުކޮށްފައި ހިނިތުންވުމާއެކު ބައްދަލުކުރެއެވެ. ނަމަވެސް ޒޭވިއާގެ ފަރާތުން އިވެނީ އަބަދު "ވާބަލް އެބިއުޒް"އެވެ.

އެ ފުރުސަތު އަޒާލިއާއަށް ލިބުނީ ޒޭވިއާ ހަދާންނެތިގެން ދޮރު ހުޅުވާފައި ނުކުމެގެން ދިޔަ ދުވަހެއްގައެވެ.

އަޒާލިއާ ބޯދަމުންގޮސް މަތީބަޔަށް އަރާ ކޮޓަރިތަކުގެ ތަޅުގައި ހިފާ ޓެސްޓްކުރަނިކޮށް އެއްކޮޓަރި ހުޅުވުމާއެކު ހިތް ތެޅިގަތެވެ. އަވަހަށް ސްވިޗްތައް ޖައްސައިލުމާއެކު ފެނުނީ ލޯ ތަރަތަރަޖަހައިގެންދާ ވަރުގެ ހިތްގައިމު މާސްޓާ ބެޑްރޫމެކެވެ. އެނދާއި ދިމާލަށް ހުރި ފޮޓޯ އޭނަގެ ލޯ އެދިމާލަށް ހުއްޓުވުގައި ކާމިޔާބު ހޯދިއެވެ. ޒޭވިއާއާއި އެހެން އަންހެންކުއްޖެއްގެ ކައިވެނީގެ ފޮޓޯއެވެ. އަޒާލިއާއަށް ޝޮކެއް ލިބުނެވެ. މޫނު ކަފަކޮޅެއްހާ ހުދުވިއެވެ. ދޮރުގައި ހިފަހައްޓާލެވުނުއިރު ދުނިޔެވެސް އެނބުރިގަތެވެ.

"ނޫން ނޫން. ނޫން...." އަޒާލިއާގެ ސިކުނޑިތެރެ އެނބުރުނީ އެންމެ ލަފުޒެކެވެ.

 

***

އަލާޔާގެ ދެމަފިރިން އެގެއަށް ޒިޔާރަތްކުރިއެވެ. އަޒާލިއާ އިނީ ނެގިމަޑުވެފައެވެ. ނަމަވެސް އޭނަ ހިތްވަރުކުރީ އިންސާނަކަށް ހިތްވަރުކުރެވޭނެ އެންމެ މައްޗަށެވެ. އެއްވެސް ކަމެއްނުވާކަމަށް ހެދިގެން ހިނތުންވުމާއެކު އެންމެނާއި ކުރިމަތިލިޔަސް ހިތް ހިތާމައިން ފޯވެ ހަލާކުވެފައެވެ. ޒޭވިއާ ފޮރުވަން އުޅުނު ސިއްރު ހާމަވެއްޖެއެވެ. އޭނަގެ އެހެން އަންބަކު އެބަހުއްޓެވެ. އެއީ ކާކުކަމެއްވެސް އެނގެނީއެއް ނޫނެވެ. ހުރިތަނެއްވެސް ނޭނގެއެވެ. އެނގުނީ ޒޭވިއާ ލޯބިން ކައިވެނި ކުރީ އެ އަންހެންކުއްޖާއާ ކަމެވެ. އޭނާއަކީ އާއިލާއިން މަޖުބޫރުކޮށްގެން އޭނާގެ ބޮލުގައި އެޅުވިކަމެއް ކަމެވެ.

ކަޒްޔާ އާއި އަލާޔާ އެކަނިވުމާއެކު އޭނާ ސުވާލުކުރަން ފެށިއެވެ.

"ތެދަށް ބުނެބަލަ. ކީއްވެ ރޮއިފަހެން ހީވަނީ؟ ނޭފަތްކޮޅާއެކު ފިޔާތޮށިވެފައި ހުރީމަ ދެނެގަނެވުނު. ބުނެބަލަ......."

"ނަތިން..."

"ޒޭވިއާގެ މައްސަލައެއް..އަހަންނަށް ހީވޭ."

އަޒާލިއާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އޭނާ އާއިލާއާއި އެ ހަބަރު ހިއްސާކުރަންވީހެއްޔެވެ؟ ޒޭވިއާދެކެ ހިތުގައި އުފެދިފައިވާ ފުން ލޯތްބާއެކު އެކީގައި ދިރިއުޅެން ޟަމީރު އެދެނީއެވެ. ހަތަރު އަނބިންގެ ތެރެއިން އެކެއްކަމުގައި ހިމެނުމަކީވެސް ނަސީބުކަމުގައި ދެކެވެނީއެވެ. އެއީ ލޯބިނޫން ކޯންޗެއް ހެއްޔެވެ؟ ހުވަފެނަކީ މުޅި ހަޔާތް ޒޭވިއާއާއެކު ވޭތުކުރުމެވެ. އަޖޫޒުވެ ލޯބޯކޮށިވާއިރުވެސް އަތުގައި ހިފާލައިގެން އަދި އާޚިރަތުގައި އެކީގައިވުމުގެ ނިއުމަތްވެސް ދެއްވުމެވެ.

 

 

ނުނިމޭ

ކޮމެންޓް 0