"ހަސަދައާއި ނަފްރަތުން ހިތް ފުރިއްޖެނަމަ އެމީހާގެ އަމަލުތައް ދާނީ ބާތިލުވެގެންނެވެ. އެއްވެސް މީހަކާއިމެދު ހަސަދަވެރިނުވާށެވެ. އެއްވެސް މީހަކަށް ނަފްރަތު ނުކުރާށެވެ. އެކަންކަމުގެ ސަބަބުން ތިމާއަށް މަގު ގެއްލި ތިމާއަށް ބޮޑެތި ގެއްލުން ލިބިދާނެކަމަށްޓަކައެވެ."

***

ނޯއާ ކަޒްޔާ ހޯދަން ކުރި މަސައްކަތާއި ނާކާމިޔާބުވީގޮތް އަދި ފައިސާ ޚަރަދުކުރިވަރު އާއިލާ މީހަކަށްވެސް ނޭގޭނެއެވެ. ތާލިބާނުންނާއި ހައްގާނީ ނެޓްވޯކް އަލްގައިދާ އައިއެސް ކޭފަދަ ހަގުރާމަވެރިންގެ ޖަމާއަތްތަކުގެ ތެރޭގައި ބިރެއްނެތި އޭނަ ދަތުރުކުރިއެވެ. ހިލްމަންދު ނޫރިސްތާނު ފަދަ ނުރައްކާތެރި ސަރައްހަދުތަކަށްވެސް މެއެވެ.ކިތަންމެ ހާދިސާއަކާއި ކުރިމަތިވިއެވެ. ކަޒްޔާއަށްޓަކާ އޭނަ އަމިއްލަ ފުރާނައިން ބާޒީމެރިއެވެ. އެކަމަކު އެވާހަކަތައް ކިޔައިދިނުމުގެ މާނައެއް ނެތެވެ. އޭނައަށްޓަކާ ކަޒްޔާގެ ހިތުގައި އޮތް މަގާމު ދުނިޔެއަށް ސިއްރުކުރުމަށްފަހު އޭނަގެ ދިރިއުޅުން އާބާދުކުރަން އޭނަ ނިންމައިފިއެވެ.

***

ނޯއާ އާއި އަޒާލިއާގެ ކައިވެންޏަށްޓަކާ އާއިލާގެ އެންމެން މާލެއަށް ފުރީ އުފާވެރި އުއްމީދުތަކާއެކުގައެވެ. އަޒާލިއާގެ ތުންފަތް މަތީގައި އަބަދު ހުންނަ ފަނޑު ހިނިތުންވުން ހީނާގެ ހިތަށް ތަދުކުރުވަނިވި އެއްޗަކަށްވިއެވެ. އެހެން ބައިވެރިޔަކާއެކު އަޒާލިއާ ފަށަން އުޅޭ ދަތުރާއިމެދު އާއިލާއިންވެސް ހިތާމަކުރާ ހަމައެކަނި ފުރާނައަކީ އޭނައެވެ. ނަމަވެސް އޭނަވެސް ޖެހުނީ ބޭރުފުށުން ހީނލަ ހީނލާ ހުންނާށެވެ.

އަލާޔާ އާއި ފިރިމީހާ އަދި ކުދިންނާއި އަނާވެސް ދަރިފުޅު ޔާސީން ގޮވައިގެން މާލެއައެވެ.

ރޭނގަޑު ކެއުމަށް ލިބުނު ދައުވަތަކާއެކު އެންމެން "ރެއިން ވިއު"އަށް ދިޔުމުން އެގޭގެ މުއްސަދިކަމާއި ޝާހީކަން އެނގުނެވެ. އަރަބި ގަނޑުވަރަކަށް ވަދެވުނުފަދައެވެ. ހީނާޙާންގެ ހިތުގައި ހަސަދަވެރިކަން އުތުރިއަރައިގަތެވެ. އޭނަގެ ދަރިފުޅު ޒޭވިއާއަށް ދޫނުކުރާހާ މުއްސަދި ބަޔެކެވެ. ފުރަތަމަ ފަހަރަށް އަޒާލިއާއާއި ނޯއާއާއި ކައިވެނި ހަމަޖެހުނު ކުދިން ހަމަ ލޮލަށް ފެނުނެވެ. ނައިނާ ކަޅު ހެދުމާއެކު ބުރުގާ އަޅާފައި ހުރިއިރު މާތްގޮތެއް ހުއްޓެވެ. ނާޔަލްގެ ލޮލުގެ ރީތިކަމާއެކު ޝަޚުސިއްޔަތުގައި ވަރުގަދަކަމެއް ހުއްޓެވެ.ހީނާ ޚާންގެ ހިތް ހުއްޓުނެވެ. އަޒާލިއާގެ ހިތް ކިޔާހާ ރީތި މީހެކެވެ. ޚާއްސަކޮށް ލޯ ފާހަގަކުރެވުނެވެ.

ކާން ފަށާފައި އެކި ވާހަކަދެކެވުނުއިރު ނާޔަލްގެ ބައްޕަ ލުގުމާންއާއި ހަމްޒާ ދައްކަމުން ދިޔައީ ގިނައިން ދީނީ ވާހަކަތަކެވެ. ކުއްލިއަކަށް ނާޔަލްގެ ދައްތަ ހާސްކަމާއެކު ކޮޅަށް ތެދުވުނުތަން ފެނުނެވެ.

"ސުބުހާނަﷲ ނާޔަލް. ކިހިނެއްވަނީ؟"

އެންމެނަށް ބަލައިލެވުނުއިރު ނާޔަލް ޓިޝޫތަކެއް ނަގައިގެން އަނގަމަތި ފޮހެން މަސައްކަތްކުރަމުން ތެދުވެއްޖެއެވެ. ނައިނާ ކޮއްކޮއަށް އެހީވުމުގައި އުޅެގަތެވެ. ލޭ އަންނަމުން ދިޔަގޮތުން އެންމެންވެސް ބިރުގަންނަހާ ވަރުވިއެވެ. ޓިޝޫތައް ފޯކޮށްފައިވެސް ލޭ އޮހެނީއެވެ.

"ދަތެއް ނަގާފައިތަ؟ނޫނީ ބްލީޑިން ޑިސްއޯޑާއެއް ހުންނަނީތަ؟ ޔާ ﷲ...." ހީނާ ޚާންވެސް ކަންބޮޑުވިއެވެ. މޭގައި އަތް އަޅައިލެވުނެވެ. އުފާވެރި ހަފްލާ ވަގުތުން ރޫޅި އެންމެންވެސް ނާޔަލް ވަށާލައިގެން އޭނަ ގޮވައިގެން ނުކުތެވެ. އަޒާލިއާއަށްވެސް ލޯ ބޮޑުކޮށްފައި ބަލަން އިނދެވުނީ ވާނުވާ ނޭގޭ ހާލުގައެވެ.

"ދޭތެރެއަކުން ކުޑަކޮށް ބްރަޝްކުރާއިރު ލޭ އާދޭ އެކަމަކު....މިހެން ވާނެކަމަކަށް ހީނުކުރަން.." ނާޔަލް އޭނަގެ ދައްތަ ނައިނާގެ ސުވާލަށް ޖަވާބުދިނެވެ.

"ކަންބޮޑުނުވޭ އިންޝާﷲ ހުރިހާ ކަމެއް ރަގަޅުވާނެ..އެކަމަކު ހޮސްޕިޓަލަށް ގޮސް ޓެސްޓްތައް ހަދައިލަން އެބަޖެހޭ.."ނައިނާގެ ލޮލުން ހާސްކަން ފެނުނަސް އޭނަ ކޮއްކޮގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އަލާޔާއާއި އަނާވެސް ހާސްކަމާއެކު އެމަންޒަރުދެކެން ތިއްބެވެ. ނޯއާވެސް ގޮސް ނާޔަލްގެ ކޮނޑުގައި މަޑުމަޑުން ހިފަހައްޓަމުން އެހީތެރިވާން އުޅުނެވެ.

***

ނާޔަލްގެ ޓެސްޓްތަކުން ދެއްކީ އޭނައަށް ލޭގެ ކެންސަރެއް ޖެހިފައިވާކަމެވެ. ލޭގެ ކެންސަރުގެ ކޮން ވައްތަރެއްކަން ދެނެގަނެވި ވީހާވެސް އަވަހަށް ފަރުވާކުރުވަން އެމީހުން ނިންމީ އޭނަ ޖަރމަނީއަށް ގެންދިޔުމަށެވެ. އެހިސާބުން ކައިވެނި ލަސްކުރަން ނިންމިއެވެ. ހީނާޚާންގެ ހިތަށް ލިބުނު އުފާވެރިކަން ދެމިގެންދިޔައީ ހިނދުކޮޅަކަށެވެ. ކެންސަރަކީ ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މީހެއްގެ ބަސްއަހާ ދަރިއަކަށް އެފަދަ ހާލެއް ޖެހުމުން އެކަމާއި އުފާކުރުމަކީ މުސްލިމެއްގެ ގައިގާ ހުރެގެންވާނެ ސިފައެއް ނޫނެވެ. މާދަންވެސް ވެސް ދުނިޔެއާއި ވަކިވެ ވެލީގެ ދާނުގައި ނިދަން ޖެހޭއިރުވެސް މިއުޅެވެނީ ދުނިޔޭގެ އެދުންތަކާއިގެންނެވެ. ހީނާ ޚާން އަމިއްލަ ނަފުސް ކުށްވެރިކުރާ ހާލުގައި ދުޢާކުރީ އޭނަގެ ހިތުން މި ނުބައި ސިފަތައް ނެރެދެއްވުމަށެވެ. އޭނަގެ ހިތުގައި އޮތް ހަސަދަވެރިކަމާއި ލޮލުގެ ވިހައިގެ ސަބަބުން ނާޔަލްއަށް ޖެހުނު ހާލުކަމުގައި ގަބޫލުކުރެވުނެވެ.

ލުގުމާން ހަމްޒާގެ ދެމަފިރިންނާއި ހީނާ ޚާންއާއި ވާހަކަދެއްކިއެވެ. އޭރު ނާޔަލްގެ މަންމަގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ.

"އަޅުގަނޑަށް ދަރިފުޅު ކުޑައިރު ކެންސަރުގެ ޝިކާރައަކަށްވެ ބޭސްކުރުވާފައި ހުރި ވާހަކަ ނުބުނެވުނީ.. ކެންސަރު އަނބުރާ އައީ. މިފަހަކަށް އައިސް ނާޔަލް ހިކިކަމަށް ދައްކާ. އެކަމަކު ދަރިފުޅު ވަރަށް ކެތްތެރިވާނެ. ނުވެސް ބުނެ ހުއްޓާ ހާލު ބޮޑުވީ......" ލުގުމާން މާފަށް އެދުނެވެ.

"ﷲ ސުބުހާނަހޫ ވަތައާލާ ޝިފާ ދެއްވާނީ. އެއީ އަލްޝާފީ. ބައްޔެއް ހުރި ވާހަކަ ބުނުމަކީ އަޅުގަނޑުމެން ކައިވެންޏާއި ދެކޮޅު ހަދާނެކަމެއްނޫން. ތިޔަބޭފުޅުން އެދިލެއްވިނަމަ ނާޔަލްއާއި މިހާރުވެސް އަޒާލިއާގެ ކައިވެނިކޮށްދޭން މިހިރީ. އަޒާލިއާވެސް ދެކޮޅެއްނަހަދާނެ. އެހާވެސް ހިތްހެޔޮ ކުއްޖެއް.." ހަމްޒާ ވާހަކަދެއްކިއިރު އަދިވެސް ހުއްޓަ ހުއްޓާފައި ވާހަކަ އަހާ މީހާއަށްވެސް އެބުނާ އެއްޗެއް ކިރިޔާ ދޭހަވާ ކަމެވެ.

"ނޫން. އަދި މިފަދަ ވަގުތެއްގައި ނާޔަލްވެސް ބޭނުމެއްނުވެއޭ ބުނީ. ނާޔަލް ބުނީ ދުނިޔޭގައި ހުރެއްޖެއްޔާ ރަގަޅުވެގެންނޯ ކައިވެނިކުރާނީ. އެކި ކުދިންގެ ޚިޔާލު ތަފާތުވާނެ....." ލުގުމާން ދެންނެވިއެވެ.

"ދަރިންގެ އެދުމަށް އަޅުގަނޑުމެންވެސް އިހުތިރާމް ކުރަންވާނެ..ނާޔަލް ބޭނުންވާ ގޮތަށް އަޅުގަނޑުމެން ހަމަ އެއްބަސް..."

ދެފަރާތުން އެއްބަސްވީ ނޯއާއާއި ނައިނާގެ ކައިވެނިވެސް ފަސްކުރުމަށެވެ. ކޮއްކޮ އެ ހާލުގައި އޮތްވާ ނައިނާވެސް އެހާ ބޮޑު ނިންމުމެއް ނިންމާކަށް ނެތެވެ.

***

ހީނާ ޚާންއާއި އަޒާލިއާ އެމީހުން ތިބޭ ހޮޓަލުގެ ކޮޓަރީގައި ތިއްބެވެ. އަޒާލިއާ މާމައާއި ކާފައަށް މޭވާ ކޮށާފައި ކާންދިނުމަށްފަހު ހީނާ ޚާންއަށްވެސް ތަށްޓެއް ދިއްކޮށްލިއެވެ. ހީނާ ޚާންގެ ލޮލުން ކަރުނަ ހިލުނެވެ.

"ލޫލޫ. ބޮޑުދައިތަ ވަރަށް ދެރަވެއްޖެ.އެއްގޮތަކަށްވެސް ބޮޑުދައިތަ ނެތިން ދެރައެއް ދޭން. މިކައިވެނި ނުކުރެވުނީމަ އެންމެ ހިތާމަކުރާ އެކަކީ ޔަގީނުންވެސް ބޮޑުދައިތަ..ފަހަރެއްގައިވެސް ހީނުކުރާތީ ލޫލޫއަކީ ސުންޕާ ކުއްޖަކީއޭ...."

"އާންޓް. އެއްގޮތަކަށްވެސް އެގޮތަށް ސުޕަސްޓިޝަސްވާން މިއީ އިންޑިއާގައި އޮންނަ ކަހަލަ ތާކުންތާކުނުޖެހޭ ކަންތައް ގަބޫލުކުރާ ދީނެއްނޫން. އިސްލާމްދީނުގައި އެކަހަލަ ވިސްނުމަކަށް ޖާގައެއްނެތް. ﷲއަކީ ރަހުމާންވަންތަ ރަހީމް ވަންތަ.......ހަޔާތަކީ އިމްތިހާނެއް އެހެންވީމަ އެކިގޮތްގޮތުން މުސީބާތްތަކާއި ލޯބިވާ މީހުން ގެއްލުމާއި ހިތާމަތައް ކުރިމަތިވާނެ. ކޮންމެ ނަފުސެއްވެސް އެންމެ ޕްރަޔޮރަޓައިޒް ކުރަންވީ އެމީހާ ހެއްދެވިފަރާތް. އެފަރާތްދެކެ އެންމެ ލޯބިވަންޏާ ދެން ދިމާވާ ކޮންމެ ކަމަކަށް ކެތްކުރާނެ ބާރު ދެއްވާނެ. އިރާދަކުރެއްވިއްޔާ ނާޔަލް ރަގަޅުވެ އެނބުރި އަންނާނެ. ބޮޑުދައިތަ ދުޢާކޮށްދެއްޗޭ....." އަޒާލިއާ ބޮޑުދައިތަގެ ކޮނޑުގައި ބޯ އަޅައިލީ ނިކަން ގާތްކޮށެވެ.

"ހޫމް ލޫލޫ. ވަގުތު ޖެހުނީމަ އެންމެ ރަގަޅު ހަޔާތުގެ ބައިވެރިޔާވެސް އަންނާނީ. އަދި ލޫލޫގެ ކައިވެނި ލަސްވި ކަމުގައިވިޔަސް އެފަރާތް އެކަމުގެ ސަބަބު ދެނެވޮޑިގެންވަނީ. އެނގޭތަ؟ ލޫލޫއަށް އެންމެ ރަގަޅު ބައިވެރިޔާ ލިބުން އެދި ދުޢާކުރާނަން ކޮންމެ ނަމާދަކަށްފަހު. މިހުރިހާ ދުވަހު ބޮޑުދައިތަ ނިކަން އަމިއްލަ އެދުންބޮޑު. އަބަދުވެސް އަމިއްލަ ދަރިއަށް ލޫލޫ ލިބުމަށް އެދި ދުޢާކުރެވުނީ. ކޮންމެ މީހަކު ދިރިއުޅުމަށް އަންނަނީ ހަގީގަތުގައި ފިލާވަޅެއް ލިބެން. ނާޔަލްވެސް އެއައީ ފިލާވަޅެއް ހިފައިގެން.." ހީނާ ޚާން ލޮލުން ކަރުނަ ފޮހެލިއެވެ."ނާޔަލްގެ މަންމަ ކުރާނެ ހިތާމަ އިހުސާސްކުރެވި ހިތް ފަޅައިގެންދާވަރު ވެއްޖެ. ޒޭވިއާއަށް ކަމެއް ވެއްޖެއްޔާ......ވާނެގޮތް ހިތަށް އެރީ.."

އަޒާލިއާ ބޮޑުދައިތަގެ ލޮލުން ކަރުނަ ފޮހެދިނެވެ."އެއީ މަންމަމެންގެ ހިތުގައި ދަރިންނަށްޓަކާ ކުލުނާއި ލޯބި އޮންނާނެވަރު. އައިކެން އަންޑަސްޓޭންޑް.............މިއީ އާންޓްގެ ފެވެރިޓް ފުރުޓް..އެތިކޮޅެއް ކާލާ.. ހެނދުނު ސައިވެސް ނުބޮއި ތިހިރީ...."

އަޒާލިއާ އޭނަގެ އަތުން ބޮޑުދައިތަގެ އަނގައިގާ އަލަނާސިކޮޅެއް ލެއްވިއެވެ.

"ޒޭވިއާވެސް އެބައުޅޭ މާލޭގައި. ނޯއާމެންގެ ކައިވެންޏަށް ކޮންމެހެންވެސް އަންނަންވާނެއޭ ބުނީ........"

"އަސްލުވެސް. ނޯއާގެ ބެސްޓީ ތާ ހެހެ.." އަޒާލިއާގެ ލޮލުން އިތުރު އެއްވެސް ޝުއޫރެއް ނުފެނުނެވެ.

***

ނާޔަލްއަށް މިފަހަރު ޖެހުނު ކެންސަރުވީ ހީކުރިވަރަށްވުރެ ނުރައްކާތެރި ބައްޔަކަށެވެ. ޖަރމަނީއާއި ހަމަޔަށް ފޯރިތަނާ ހިތް ހުއްޓި ނާޔަލްގެ ފުރާނަ ވަކިވެގެން ދިޔައީ އެންމެންގެ ހިތްތައް ރޮއްވާލާފައެވެ. މަރަކީ ކޮންމެ އުމުރެއްގެ މީހަކަށް ކޮންމެ ވަގުތެއްގައި ދިމާވެދާނެ ހިޔަނިހެން އެންމެ ގާތުގައިވާ އެއްޗެއްކަން އެންމެނަށް ހަނދާންކޮށްދެމުންނެވެ. ނާޔަލްގެ އާއިލާއާއި އެކުވެރިން އަދި ދަންނަހާ ބަޔަކުވެސް ކަރުނަ އަޅާ ހިތާމަކުރިއެވެ. ހަމްޒާގެ އާއިލާއަށްވެސް ލިބުނު ޝޮކެއްކަމުގައިވިއެވެ. އަޒާލިއާއަށް ބުނެވުނީ " إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎"އެވެ.

***

ނާޔަލްގެ އާއިލާ މާލެ އަންނަންދެން މަޑުކޮށް ތައުޒިޔާ ކިޔަން ހަމްޒާ ބޭނުންވިއެވެ. ހޮޓަލުގައި ދުވަސްކޮޅަކަށް ތިބުމަކީ އެމީހުންނަށް ދަތިކަމެއްނޫނެވެ. އެފަދަ ހިތާމަވެރި ޚަބަރަކާއެކު ވަގުތުން ރަށަށް ނުފުރިޔަސް ސީދާ ބައްދަލުކޮށް ވާހަކަދައްކާފައި އެމީހުންގެ ހިތަށް ތަސައްލީ ދިނުމަށް މަސައްކަތްކޮށްފައި ނޫނީ އެނބުރި ރަށަށް ދާން ހަމްޒާއަށް ނުފެނުނީއެވެ.

***

އަރްކާން އަނާގެ ފަހަތުންގޮސް ހޮޓަލަށް ވަނެވެ. އަޒާލިއާއާއި އަލާޔާއަށް އަރްކާން އެނގުމުން ތަންކޮޅެއް ދުރުގައި މަޑުކޮށްލީ އެދެމީހުން ވާހަކަދައްކަން ފުރުސަތުދީފައެވެ. އަނާވެސް އެކަމަށް އެދުނީއެވެ. އަރްކާން މާސްކު އަޅައިގެން ހުއްޓަސް އެ ލޮލުން އޭނަ ދެނެގަނެވޭނެހާ ތޫނު ލޮލެކެވެ.ނަމަވެސް އޭނަގެ ތުނބުޅިއާއި ހެދުން އަޅައިގެން ހުރިގޮތުންވެސް ހައިރާންކުރުވިއެވެ.

އަރްކާން ސަލާމަތުން މާލޭގެ މަގުމަތީގައި ހިނގާ މަންޒަރުން އަނާއަށް ފިލާވަޅެއް ލިބިއްޖެއެވެ. މިއީ އިންސާފު ލިބޭނެ ތަނެއް ނޫނެވެ. ފައިސާގެ ނުފޫޒާއި ބާރު މި ފެނުނީއެވެ. އެކަމަކު ޔަހްޔާއަށް މި ދުނިޔެއިން ނުލިބުނު އިންސާފު ލިބޭނެ ދުވަހެއް އެބައޮތެވެ.

"ވަރަށް ޝޮކިން. އަސްލުވެސް....ކްރިމިނަލްއެއް ސަލާމަތްވެވުނީމަ..އަމިއްލައަށް ކުށަށް އިއުތިރާފުވެ އުމުރަށް ޖަލަށް ލީމަވެސް ހަމަ މަގުގައި މިނިވަންކަމާއެކު....." އަނާ ވެސް މާސްކު އަޅައިގެން ހުއްޓަސް އެރީތި ލޮލުން ފެނުނީ ރުޅިވެރިކަމެވެ. އޭނަ އަރްކާންއާއި ހަތަރުކަޅި ހަމަކޮށްލީ ފަޅި ސިކުންތުކޮޅަކަށެވެ.

"ކޮބާ ޔާސިން...."

"ޔާސިންގެ ބައްޕައަކީ ގާތިލެއްކަން އެނގޭކަށް ބޭނުމެއްނޫން. އަހަރެން ބޭނުމީ ގާނޫނީގޮތުން ވަރިވާން.." އަނާ ހަރުކަށި ރާގަކަށް ބުނެލިއެވެ. އަރްކާން ސަލާމަތުން ހުރިތަން ފެނުމުން އަނާގެ ރުޅިގަނޑު ހިލިގަނެގެން ވާހަކަ ދެއްކިއިރު އަނެކަކާގެ ހިތަށް ކުރާނެ އަސަރެއް ވިސްނާކަށްވެސް ބޭނުމެއްނުވިއެވެ. ބައެއްފަހަރު އިންސާނުންގެ ހިތް ހަރުކަށިވެ ހިލައަށް ވާފަހަރުވެސް އާދެއެވެ. އިންސާނުން ބޮޑެތި ފާފަތައް ކުރުމަށްފަހު ތައުބާވުމުން ހެއްދެވިފަރާތުން އަފޫކުރައްވައެވެ.

އަރްކާން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޭނަ ދުރަށް ބަލަންފެށިއެވެ.

"ޔާސީންއާއި އެންމެ ފަހަރަކު ބައްދަލުކުރެވިދާނެތަ؟"

"ނޫން ނުވާނެ..." އަނާއަށް ހަޅޭއްލަވައިގަނެވުނެވެ."ބުނެފީމެއްނު ޔާސިންއަށް ތިއީ ކާކުކަން އެނގިގެން ނުވާނެއޭ ޔާސީންގެ ބައްޕަ މަރުވެއްޖެކަމަށް ބުނެފައި އޮތީ...."

އަނާ ދުރުދުރުގައި ފިޔަވަޅު އަޅަމުން ހިނގައިގަތުމުން އަރްކާން ފަހަތުން ދާކަށް ނޫޅުނެވެ.

"ދުނިޔޭގެ އުސޫލުދޯ. ނުފޫޒުގަދަ މީހުންނަށް ސަލާމަތްވުމަކީ ފަސޭހަކަމެއް.." އަޒާލިއާއަށްވެސް ބުނެވުނެވެ.

"ތުނބުޅި ޖަހާ ސުންނަތަށް އުޅުނަސް ތައުބާވިޔަސް އެމީހާ ކުރިކުށަށް އަދަބުލިބިގަންނަން ޖެހޭނެ. އެކަހަލަ މީހުން މަކަރުވެރިވެސް ވާނެ. ރަގަޅުމީހަކަށް ހެދިގެން އުޅެންފެށީމަ ޖަލުން ދޫކޮށްލީކަމަށްވާނީ.."އަލާޔާ ދެރަވިއެވެ.

***

އަފްގާނިސްތާން އަޅުވެތިކޮށްގެން ތިބި އެމެރިކާ ސިފައިންގެ އަތްދަށުން ތާލިބާނުން އެމީހުންގެ ގައުމު އަނބުރާ އަތުލުމަށްފަހު ސިޔާސީ މަސްރަހަށް ހީނުކުރާފަދަ ބަދަލެއް އައެވެ. އެތާ ޖަލުގައި ތިބި ތަފާތު ފިކުރުގެ މީހުން ދޫކޮށްލުމުގެ ތެރޭގައި އެމީހުންގެ ތެރޭގައި އަމަންއާއި ކަޒްޔާވެސް ހިމެނުނެވެ. ކަޒްޔާ ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދުކުރިއެވެ.ރަށަށް ގޮސް މާމައާއި ބައްޕަ އަދި އާއިލާގެ މީހުންނާއި އެކުވެރިން ދުށުމަށް ހިތް އެދުނެވެ.

އަމަންއާއި ކަޒްޔާ ތިބީ ކާބުލްގެ ގެއެއްގައެވެ. ރަތްކުލައާއި ބިލިމަގުމަލުގެ ރީތިކުލަތަކުގެ ދޫލައަޅާ އެކުލައިގެ ބާލީސް ޖަހާފައި ހުރި ލިވިންރޫމެއްގައި ސުފުރާމަތީ ކާން ތިބިއިރު ކަޒްޔާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ. މިނިވަންކަން އޭނަގެ ލޮލުގެ ކުރިމަތީގައި ފިޔަޖަހައެވެ.

 

ނުނިމޭ

ކޮމެންޓް 0