"ފުރާނަ ލެއްވި އެއްވެސް އެއްޗެއްގެ ސޫރަ ކުރެހުމަކީ ހުއްދަކަމެއް ނޫނެވެ. ބޮޑު ފާފައިގެ ތެރޭ ހިމެނޭ ކަމެކެވެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ސޫރަ ކުރަހާ މީހުންނަށް ލައުނަތް ލައްވާ އަޒާބު ލިބޭނެކަން އަންގަވާފައިވެއެވެ. ފާފަކުރާ މީހުންނަށް ހުރީ ތައުބާވުމެވެ. މާތްﷲއަކީ ރަހުމާން ވަންތަ ރަހީމުވަންތަ ރަސްކަލާނގެއެވެ. "

***

"ލޫލޫ....ވަރަށް ބޮޑު ސިއްރެއް ބުނަން އެބައޮތް..." އަޒާލިއާއާއި ކަޒްޔާ އިށީދެލައިގެން ތިބީ ދޮންވެލިގަނޑުމަތީގައެވެ."އެކަމަކު ނޯއާ ގާތު ނުކިޔައްޗޭ. ދޮންތި ބުނެފި ނޯއާ ދެކެ ވަރަށް ލައިކް ވެއޭ. ވަރަށް ކިއުޓްއޭ. އެހާ ލޯ ބޮޑުވީމަވެސް. އޭނަ އަށްޓަކާ ނޯއާ ދޫކޮށްލާށޭ. އަހަރެން ކައިރީ ކިޔަން ފެށީމަ ނޯއާގެ މޮޔަ މޮޔަ ފޮޓޯގަނޑެއް ފޮނުވީ. އެކަމަކު ދޮންތި އެ މޮޔަ ފޮޓޯދެކެ ލޯބިވީ. އެހެންވީމަ ދޮންތިއާއި މެރީކުރުވަންވީ ދޯ.."

"އުނހު. ސިސްއިންނާ ދެ އަންބަށް މެރީކުރުން ހުއްދައެއް ނުވާނެ.." އަޒާލިއާ ފައިތިލަ ދޮންވެލިގަނޑު ތެރެއަށް ވައްދާލައިގެން އިނެވެ.

"އެދެމީހުން އަހަރެމެން އަންނަހާ ތަނަކަށް ފަހަތުން އަންނަން ޖެހޭތަ؟ " ކަޒްޔާ ދުރަށް ނަޒަރު ހިންގައިލިއިރު ތަންކޮޅެއް ދުރުން ޒޭވިއާއާއި ނޯއާ ހިނގާފައި އަންނަ ތަން ފެނުނެވެ. އެމީހުންގެ ހަށިފާރަވެރިން ފަދައިންނެވެ.

"ހަޒްބެންޑުންގެ ވާޖިބެއް އެހެންވެ" އަޒާލިއާ ހީގަތެވެ." އެކަމަކު ހަޒްބެންޑުން ނަމެއްގައި ތިބީމަ ސޯ ފަނީ. ޒޭވިއާވެސް ސިކްރެޓިވް..ހިތަށް އަރަނީ ކޮން ސިއްރެއް ހެއްޔޭ ފޮރުވައިގެން އެ ހުންނަނީ؟"

"ޓޫ ވައިފްސް ތިބެނީތަ؟ "

"އޭނ...." އަޒާލިއާ ދިޔައީ ސިއްސައިގެންނެވެ.

އަޒާލިއާގެ ހިތް ތެޅިގަތްގޮތަށް އަތްފައި ފިނިވެލައިފިއެވެ. ބިރުގަނެ ނޭވާ އެތެރެހަށީގައި ތާށިވެއްޖެއެވެ. އަތުގައި ހީބިހި ނަގައިގަތެވެ. މޫދަށް އެރި ތެމިގެން ހުއްޓަސް ހޫނުވެފައި ވައިރޯޅިއެއް ނެތްކަމުން ހީކަރުވަނީއެއްވެސް ނޫނެވެ. ނަމަވެސް ކަޒްޔާއަށް އޮޅިގެން ނަމަވެސް އެ ބުނެވުނު އެއްޗަކުން އަޒާލިއާގެ ހިތަށް ނުބައި އިހުސާސްތަކެއް ކުރުވައިފިއެވެ. އެބުނާހެން ޒޭވިއާ ދިރިއުޅެނީ އިންގްލޭންޑްގައެވެ. ތިން އަނބިން ގެންގުޅުނަސް އާއިލާއަށް އެނގޭނީއެއް ނޫނެވެ. ޒޭވިއާ ފޯނުގައި ހުންނަތަން އޭނަ ކިތަންމެ ފަހަރަކު ދެކެފިއެވެ. މިނޫނީ އެފަދަ ޝައްކެއް ހިތުގައި ހިނގާފައެއްނުވެއެވެ. ނަމަވެސް ކަޒްޔާގެ އެ ލަފުޒުން އޭނަގެ ހިތް ޝައްކާއި ވަހުމުން ފުރުވިއެވެ.

އެއާއެކު ގުރުއާންގެ އާޔަތެއް ހަދާންވުމާއެކު އަޒާލިއާ ހިތަށް ވިސްނައިދިނީ އެއީ ރަގަޅު ކަމެއް ނޫންކަމުގައެވެ. މީހުންނަށް ޝައްކު ކުރުމާއި ކުށްހީ ނުކުރަން ގުރުއާނުގައި އަންގަވާފައިވެއެވެ. ގުރުއާނުގައި އިންސާނާ އުޅެންވީ މަގު ބަޔާންކޮށްދެއްވާފައި އިރު އެގޮތްތަކަށް ތަބާވުމަކީ މުސްލިމުންނަށް އެންމެ ފައިދާ ހުރި ގޮތެވެ. ނޫނީ އަބަދު ހުންނަންވާނީ ހާސްކަމެއްގެ ތެރޭގައެވެ.

"ދީނުގައި ހުއްދަވީމަ އެހެން ބުނީ.އަދި އެއެއް ނޫނޭ. މަންމަ ގާތު ނޯއާ ބުންޏޭ ޒޭވިއާއަކީ ބޯއިފްރެންޑޭ. އެބުނަނީ ކީކޭ؟ ސައިކޯއަކަށްވެސް ވެދާނެ...." ކަޒްޔާ އިތުރަށް ބުނެދިނެވެ.

"ނޭގޭ.." އަޒާލިއާއިނީ ވިސްނުމަކަށް ގެއްލިފައެވެ.

"އަހަންނަށް އެނގިއްޖެ. ނޯއާ ވަރަށް ދެރަވާނެ ބޯއިފްރެންޑް ކިޔާފައި އޭނަގެ ފޮޓޯއެއް އެފްބީއަށް ލީމަ..އެންމެ ކުރިން ސެލްފީއެއް ނަގާނީ. ވެއިޓް ވަން މިނެޓް އިނގޭ..."ކަޒްޔާ ނޯއާ ކައިރީގައި ހުރި ގާގަނޑެއްގެ މައްޗަށް އަރާ ސެލްފީއެއް ނެގިއެވެ. ނިމުނުތަނުން ކައްސާލާފައި ވެއްޓެން ދިޔައިރު ނޯއާ އަތް ދިއްކޮށްލާފައިވެސް އަތް ދުރުކޮށްލީއެވެ. ފުއްޓަރު ފަރާތްކަމުން ގާތައް ގިނަކަމުން ގާތަކުގެ މައްޗަށް ވެއްޓިފައި އަތާއި ފައި މަށައިގެން ދިޔުމުން ކަޒްޔާ ރޯން ފެށިއެވެ.

އެދުވަހުވެސް ގެއަށްގޮސް ޖެހުނީ އެތަން މިތަން ބެންޑޭޖްކޮށްލައިގެން ހުންނާށެވެ.

"މުޅިގައިގާ މިހާރު ލަކުނު ލަނީ އޭނައާއިހެދި..މިއީ ގާނޫނީ ކުށެއް........." ކަޒްޔާ ބުނެލިއެވެ."އެހެންވީމަ ރިވެންޖް ނަގަންވާނެއެއްނު.ދޮންތިވެސް ހާސްކުރުވަން ޖެހޭނެ...."

ކަޒްޔާ އޭނައާއި ނޯއާގެ ސެލްފީއެއް އެފްބީއަށް ލުމުން އެންމެ ކުރިން ކޮމެންޓްކުރީ ސޯފީއެވެ.

"ނޯއާގެ އެނޯއިޑް ލުކްއިންވެސް ޔާޔާދެކެ ލޯބިވާ ވަރު އެނގޭ..."

"ހީޒް އެންގްރީބާޑް..." ކަޒްޔާ ހިތް ސާފުކަމާއި މޮޔަކަމުން އޭގައި ހުރި ވިހަކަމާއި ޖެއްސުމުގެ ބައި ދެނެނުގަނެވުނީއެވެ.

***

އެރޭ ޝޭޚު ހަމްޒާ ދިން ދަރުސަށްފަހު އަޒާލިއާއާއި ކަޒްޔާ މޫނު ބުރުގާ އަޅުވަން ހީނާ ނިންމިއެވެ. ދެދުވަސްތެރޭ ހެދުންތައް ތައްޔާރުކޮށް ހެދުން އަޅުވަން ބުނުމުން ދެކުދިންނަށް ލިބުނީ ޝޮކެކެވެ. ހީނާ ގުރުއާނުގެ ނޫރު ސޫރަތުގެ އާޔަތުގައި ޒީނަތްތެރިކަން ފައުޅުނުކުރަން އޮތްވާހަކަ ހަދާންކޮށްދިނެވެ. ލޮލަކީ އަންހެންކުއްޖެއްގެ އެންމެ ރީތި ސިފައެވެ. ހަތިޔާރެކެވެ. ލޮލުގައި އަނދުން އަޅައިގެން އެސްފިޔަތައް ޖަހައިގެން ފައުންޑޭޝަން އުނގުޅައިގެން ލޮލުގެ ސިހުރުގައި ފިރިހެނުން ޖެއްސުން ހުއްދަނުވާނެކަމުގައި ހީނާ ބުނެފައި ދެކުދިން ނިގާބު ކުރުވައިފިއެވެ. އެކުދިން ދާ ސްކޫލަކީ ހަގީގަތުގައި ޝޭޚު ހަމްޒާއާއި ބައެއް ވިޔަފާރިވެރިން ފަންޑުކުރާ ތަނަކަށް ވުމުން އެތަނުގައި ކުރީއްސުރެން ނިގާބު އަޅައިގެން ޓީޗަރުން މަސައްކަތްކުރެއެވެ. މަދުމަދުން ދަރިވަރުންވެސް ނިގާބު އަޅައެވެ. ނަމަވެސް މާހިރާ އެކަމާއި ދެކޮޅުހެދިއެވެ. އަޒާލިއާ ބޭނުމިއްޔާ ކަޅު ހެދުން ލިޔަސް އެންމެ ރަގަޅުކަމުގައި އޭނަ ދެކުނެވެ. އަޒާލިއާ އަބަދުވެސް ކަޅު ހެދުން ލާން ބޭނުންވާތީ ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ކަޒްޔާވެސް އެކަން ކޮޕީކުރިއެވެ.

ކްލާސް ނިންމައިލުމަށްފަހު އަޒާލިއާ ގެއަށް ދާން ކަޒްޔާ ނުފެނިގެން އުޅުނުއިރު ފިރިހެންކުދިންނާއެކު ފުޓްބޯޅަކުޅެން ވަރަށް ފޯރިހިފާފައި ކަޒްޔާ އުޅުނެވެ. އަޒާލިއާ ފެނުމުން ވަންމިނިޓްއޭ ބުނިގޮތަށް ބައިގަޑިއިރު ވޭތުވީ ފަހުން ދަލުން ފޯވެގެން ހުރެފައި އައިއިރު އެމޫނުމަތީގެ ކުލަ ވަކިން ރަންވެއްޖެއެވެ.

"ކަޅުހެދުން ލައިގެން ދާންވާނީ. ނޫނީ އާންޓީ ބެލޫނަކަށްވެގެން ފަޅައިގެން ގޮސްދާނެ......." ކަޒްޔާ ޑެސްކްމަތީގައި އޮތް ކަޅުހެދުން ލައިގެން ތައްޔާރުވާންފެށިއެވެ.

***

ޒޭވިއާ އާއި ނޯއާ އާއެކު ކަޒްޔާ މަސައްކަތްކުރާއިރު ޒޭވިއާ ބޮލަށް އުދަގޫވާހާ އެދެމީހުންގެ ހަގުރާމަ ބޮޑެވެ. ކަޒްޔާގެ އެފްބީއާއި އިންސްޓަގްރާމަށް ނޯއާގެ ފޮޓޯ ލުން ނޫނީ އެދެމީހުން އެއްކޮށް ޕެއިންޓްކުރަނީއޭ ނޫނީ އައިސްކްރީމް ބޮނީއޭ ކިޔާފައި ފޮޓޯ ލާންފެށުމުން ނޯއާ ރުޅިގަދަވެ ކަޒްޔާއަށް ބަވާލިޔަސް އެ ފޮޓޯތައް ނަގާކަށް ނުބުނާނެއެވެ. ބައެއްފަހަރު އަންހެންކުދިންގެ ކޮމެންޓްތައް ކިޔާފައި ނޯއާ ހޭން ހުންނާނެއެވެ.

"އައްސަލާމް އަލައިކުމް.." ނޯއާ ރެސްޓޯރެންޓުގެ ދޮރުމައްޗަށް އަރާފައި ސަލާމް ގޮވައިލުމުން ޒޭވިއާ އެތެރޭގައި ހުރެފައި ނުކުތެވެ.

"ހާދަ ލަހުން ތިއައީ. ހަމަތެދެއް ތިހެން އުޅެންޏާ ނޯއާ ނޫން އެހެން މީހަކާއި މިތަން ހަވާލުކުރަން ޖެހިދާނެ. ތަންކޮޅެއް ރެސްޕޯންޒިބިލިޓީ ނަގާ މިތަން ހިންގަ ބަލަ...ފޯ ގޯޑްސް ސޭކް..." ޒޭވިއާ ވާހަކަދެއްކީ ރުންކުރުވެފައެވެ."އަހަރެން ފުރަންވެސް އެބަޖެހޭ. މިއަދުވެސް ހެދުނު މަސައްކަތް ފަށާނެކަމަށް ވައުދުވީމަ އައިއިރު އަދި މީނަ ދައްކާނުލާ. ހުވަފެން ބަލަން އެނދުގައި އޮވެގެން އަދި ކުރިމަގު ބިނާ ނުކުރެވޭނެ........"

"ސޮރީ ލަވް. އެލާމް ޖައްސަން ހަދާން ނެތުނީ. ބަލައިލަ ބަލަ މި ކަޒްޔާ ގެ ކަންތައް. ހުރެގެން ފޮޓޯއަކަށް ފަހު ފޮޓޯއެއް ޕޯސްޓް އެބަކުރޭ. މަގޭ ކިތަންމެ ހަޑި ފޮޓޯއެއް ލިޔަސް އަންހެންކުދިން މޮޔަވޭ. މިހާރު މަގޭ ލޯ އެތައް ހާސް ބަޔަށް ކުދިކޮށްލަން ޖެހިއްޖެ. އެންމެންވެސް ބޭނުމޯ ލޮލާއި އެސްފިޔަ. އެހާވެސް މަގޭ ލޯ ރީތިތަ؟ " ނޯއާ ކެމެރާ ހުޅުވާލައިގެން އޭނަގެ މޫނަށް ބަލައިލަމުން އެއް ބުމަ އަރުވައިލިއެވެ.

"އެހެންވެތަ އަނދުން އެޅީ؟ " ޒޭވިއާ ލޯ ކުޑަކޮށްލިއެވެ.

"ބާރަށް ނުކިޔަބަލަ...." ނޯއާ އެންގިއެވެ. ރެސްޓޯރެންޓްގެ އެތެރޭބައިގެ ބިތުގައި އޭނަގެ ޕެއިންޓްކުރުމުގެ ހުނަރު ދެއްކުމުގައި އަވަދިނެތި އުޅުނު ކަޒްޔާއަށް އެ ވާހަކަކޮޅު އިވިގެން އައެވެ. އޭނަ ހުރީ އާދައިގެ މަތިން އޯވަރސައިޒް ޓީޝާޓަކާއި ޖިންސެއްގައެވެ. ކުރިއަށްވުރެ އިސްކޮޅުން ދެމިލުމާއެކު މޫނުމަތީގައިވާ ސަރަބީތައް ވިރި އަންހެންވަންތަކަމުގެ ކުލަ ޖަހާލައިފިއެވެ.

"ނޯއާ އެނދުން ފުންމައިލިގޮތަށް އައީ ހުވަފެނުގައި ޑްރެކިއުލާއެއް ފަހައިގަތީމަ ދޯ. މޫނުގައި ފެންކޮޅެއް ނުޖައްސާ އިސްތަށިގަނޑު ހާވާލައިގެން ހުރި ފޮޓޯއެއް ލީމަ އަދި ވަކިން ކޮމެންޓްތައް ގިނަވާނެ. "ކަޒްޔާ ދުރުގައި ހުރެ ފޯނު ދިއްކޮށްލުމުން ނޯއާ ޕޯސްކޮށްލިއެވެ.

"ސައި ބޮއިގެން ތިއައީ؟ " ކަޒްޔާ އެހިއެވެ.

"ސަޔަކީ މަޖުބޫރު އެއްޗެއްތަ؟ ކޮފީއަކާއި ބަނާނާއަކާއި ބިސްގަނޑަކާ ޓޯސްޓެއް ކައިލީ. އެކަމަކު ކަޒްޔާގެ ލޮލުގައި މައްސަލައެއް އެބައުޅޭހެން ހީވޭ. ބިކޯޒް. އައި އެމް ފްރެޝް އޭޒް އެ ރޯޒް އިން ދަ ރެއިން އެންޑް އައި ޓުކް އެ ޝަވާރ...ޝޭމްޕޫކޮށްލާފައި މިހިރީ. ޗެކް.މައި ހެއަރ އިޒް ސްޓިލް ވެޓް........ ....." ނޯއާ ކަޒްޔާގެ އަތް ގެނެސް އިސްތަށިގަނޑުގައި ޖައްސައިލިއެވެ.

"ހޫމް...ރަގަޅަށް ވިއްޔާ އަޒާލިއާ ބޮލަށް ފެން ޖަގެއް އޮއްސައިލީ.." ކަޒްޔާ ދޫ ނެރެލިއެވެ. ހަގީގަތަކީ ނޯއާ ފެންވަރާލައިގެން އައިކަން މުޅި ހިސާބުގައި ހިފައިލި ސެންޓްވަސް ހެކިދިންކަމެވެ. ނަމަވެސް ހަގީގަތާއި ދެކޮޅު ހަދާ ނޯއާ ރުޅި އަރުވައިލާ ޖެއްސުންކުރަން ސަބަބެއް ހޯދާ ކުއްޖަކު އެކަން ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ.

"ފައިން.........ކަޒްޔާ ވެސް ތިހިރީނު ކުލައާއި ދަވާދުން ފެންވަރާލައިގެން..............." ކަޒްޔާގެ ފަހަތުން އެތެރެއަށް ވަދެފައި ބިތްގަނޑު ފެނުމުން ނޯއާވެސް އާޝޯޚުވިއެވެ. މޮޅު ކުރެހުންތެރިއެކެވެ. ހިތް ތައުރީފުކުރިއެވެ.

"ނޯއާ. ކަމް ޑައުން ޓު އާތް....."ކަޒްޔާ މޫނުމަތީ ގައި އަތް ހިންގައިލިއެވެ.

"މާޝާﷲ. މިހާރު ގަބޫލުކޮށްފިން ކަޒްޔާއަށް ކުރަހަން އެނގޭކަމަށް. އަހަރެންގެ ފޮޓޯއެއްވެސް ލާންވީނު ކޮންމެވެސް ދިމާލެއްގައި...."

"ކޮން ދިމާލެއްގައި...ސީލިންގައިތަ؟ " ކަޒްޔާ ފިހިގަނޑުން ނޯއާގެ ކޮލުގައި ޖައްސަން އުޅުމުން އޭނަ ފަހަތަށް ޖެހިލިއެވެ.

"ލެވީގެ ފޮޓޯއެއް ތިރީގައި. ކާޕެޓްގެ ބަދަލުގައި..ދެން ޓޮއިލެޓް ބިތުގައި..........." ނޯއާ އަނގަޔަށް ގޮތެއް ހެދިއެވެ.

"ލެވީ ވަރަށް ސްޕެޝަލައިޒް. ހިއަރ. އޮން މައި ހާޓް..." ކަޒްޔާ ފަޚުރުވެރިކަމާއެކު މޭގައި އަތް ޖައްސައިލިއެވެ.

ޒޭވިއާ ވެސް ދޮރުމައްޗަށް އެރިއެވެ. ކަޒްޔާގެ ޖުމްލަ އިވުނުކަން އެނގުނީ އޭނަގެ މޫނަށް ވެރިވި ކުލަތަކުންނެވެ. ނޯއާ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"ޒޭވިއާ ބަލާލަބަލަ. އެންމެން ކިޔާނެ އަހަރެމެން ކުޑަކުދިންނާއި މެރީކުރީއޭ. އޭޖްއަކީ ނަމްބަރެއްނު. އަހަރެމެންގެ އުމުރުން ޓްވެންޓީވަން އެކަމަކު ގާލްފްރެންޑެއް ނުހުރޭ އަހަރެން މާ ކުޑައެއް ނޫންތަ؟ މި އަންހެންކުދިންގެ އުމުރުން އެގާރަ އަހަރުވާއިރު ދެތިން ބޯއިސްއިން އެބަ ތިބޭ...ޗީ ދެން ވަރަށް ފޫހިވޭ..ކޮފީއެއް ނެތްތަ؟ ކަޒްޔާއާއިހެދި މޫޑުވެސް ޚަރާބު."

ޒޭވިއާ ހީލިއެވެ. ކަޒްޔާ ފިހިގަނޑުން ފަރުވާތެރިކަމާއެކު ކުލަޖައްސަންފެށި މަންޒަރު ބަލަން އިރުގަނޑެއްވާންދެން ޒޭވިއާއާއި ނޯއާ ތިއްބެވެ. ކަޒްޔާ އެނބުރި ބަލައިލުމުން ޒޭވިއާ ބޮޑުވާ އިނގިލި ހިއްލައިލުމުން އޭނަ ހީލިގޮތް އެހާ ލޯތްބެވެ.

***

ނޯއާ އާއި ކަޒްޔާގެ ގުޅުން މަޑުމަޑުން ބަދަހިވަމުންގޮސް ރެސްޓޯރެންޓް ހުޅުވުމާއި ގާތްވިއިރު އެކީ ކޮފީއަށްގޮސް ވާރޭތެރޭގައި ސަކަރާތް ޖަހައިލާ އުޅެލައެވެ. ރެސްޓޯރެންޓްތެރޭގައި ބައެއްފަހަރު އެކަނި ކޮފީ ބޯން ތިބޭއިރުވެސް ކޮންމެވެސް އަރައިރުމެއްގައެވެ. އެކަކު އަނެކަކަށް ދިމާކުރުމުގައެވެ. ޖެއްސުންކުރުމުގައެވެ. ޓޮމް އެންޑް ޖެރީފަދަ ގުޅުމެކެވެ. އެހެން އުޅެފައިވެސް އަނެކަކަށް ދެރައެއް ލިބިއްޖެނަމަ ހިތާމަކުރެއެވެ. ފެންނަން ނެތިއްޔާ ހަނދާންވެގެން ހުރި ތަނެއް ބަލައިލެވެއެވެ. ޒޭވިއާ އާއި އަޒާލިއާގެ ގުޅުން އޭގެ ދިމާ އިދިކޮޅެވެ. އެދޭތެރޭގައި އޮތީ ބީރައްޓެހިކަމާއި ދުރުކަމުގެ ހިލައިގެ ފާރެކެވެ. އެ ފާރު ނެތިކޮށްލަން އެކަކުވެސް ބޭނުމެއް ނުވިއެވެ.

ހީނާ އަޒާލިއާއައި ކަޒްޔާ ލައްވާ އެކުދިންގެ ފިރިންނަށް ޚިދުމަތް ކުރުވަން ބާރު އަޅައެވެ. ހެދުން ދޮވުމާއި އިސްތިރިކުރުން އަދި ކެއުމުގެ ކަންތައް ހަމަޖައްސާ ތަންމަތި އަޅަން ފޮނުވައެވެ. ކަޒްޔާ ނޯއާއާއި އަރައިރުންވިޔަސް ބޮޑުދައިތަ މަޖުބޫރުކުރަނީއޭ ކިޔާފައި ނޯއާގެ ކޮޓަރިއަށް ވަދެ އުދަގޫ ކުރާނެއެވެ.

ކަޒްޔާ ބައިސްކަލް ދުއްވަމުން އައީ އެއް އަތުން ފޯން ކަންފަތުގައި ޖަހައިގެންނެވެ. ނޯއާ ހައިރާންވީ ކަޒްޔާ ނިގާބު އެޅިކަން ނޭގޭތީއެވެ. އާދައިގެ މަތިން ޗޮކްލެޓެއް ކަމުން ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު ނަޒަރު ސީދާވެފައިވަނީ ކަޒްޔާއަށެވެ.

"ހޭއި....ދެން މީހަކަށް ފެނިއްޖެއްޔާ ހިތަށް އަރާނެ ކޮން ކަޅު ހަންޑިއެއްހެއްޔޭ އަންނަނީ؟ މޫނުބުރުގާ އެޅީ ކީއްވެ؟ ތި އަޅައިގެން ބައިކް ދުއްވާތަ؟ " ނޯއާ ބައިސްކަލުގެ ކުރިމައްޗަށް އަރާ ހުންގާނުގައި ހިފެހެއްޓިގޮތުން ކުޑަކޮށް ކަހާލައިގެންވެސް ދިޔައެވެ.

"އަތަށް ތަދުކޮށްލައިފި.." ނޯއާ ތުން އޫކޮށްލިއެވެ.

"ބައިސްކަލް ޑިޑް ދެޓް....." ކަޒްޔާ ބައިސްކަލުން ފޭބުމަށްފަހު ފާރަށް ލައްޕާލައިފިއެވެ. "ގެނޭ އެތިކޮޅެއް. ތިހާ ގްރީޑް ވާކަށް ނުވާނެއެއްނު..."

ނޯއާގެ އަނގަ ޖަހައިގެން ހުރި ޗޮކްލެޓް އަތުލުމަށްފަހު އޭނަ މޫނު ފޮތިކޮޅު ނެގުމުން ކަޅު ނިގާބުގެ ތެރެއިން އިރު ފާއްދައިލިކަހަލައެވެ. އެލާނެތް ދެލޯ ވިދައެވެ. އަނގަ ތަންމިނަށް ހުޅުވާލުމުން ބޮޑު އަނގައެކޭ ނޯއާ ބުނެލިއެވެ. އޭނަ އެ ޗޮކްލެޓުން އެތިކޮޅެއް ކައިލުމަށްފަހު ލޯ މަރައިލިއެވެ.

"ޔޫ އާ ބިކަމިން ލޯންގް ލައިކް މީ. ވާދައަށްތަ..އެހާ ބޮޑު އަނގައެއް..އަނގައިގެ ތެރެއަށް ސަބްމެރިންއެއް އެއްފަހަރާ ލާފާނެ.........." ނޯއާ ދިމާކޮށްލިއެވެ. ކަޒްޔާ ގާތުން ދަސްކޮށްގެން "ބްރޯކެން އިންގްލިޝް"އިން ވާހަކަދެއްކުން އޭނަވެސް އާދައަކަށް ހަދައިފިއެވެ. ކަޒްޔާ ދެކުނުގޮތުން ނޯއާއަށްވެސް ރަގަޅަށް އިނގިރޭސި ނޭގެނީއެވެ.

"ސަބްމެރިން ތެރެއަށް ސަތޭކަ މީހުންނަށް އެރޭއިރު މިހާ ކުޑަކުއްޖެއްގެ އަނގަޔަށް ސަބްމެރިންއެއް ލެވޭތަ؟ މޮޔަ ނޯއާ ގަނޑު.އަދި ޗޮކްލެޓެއް ނެތްތަ؟ "

"ސަބްމެރިން ކިޔާ ކާ އެއްޗެއް ހުންނަކަން ހަމަ ނޭގުނީތަ؟ އެހެންނޫނަސް ތި އަނގަޔަށް ހަމަ ކަނޑުގައި ދުއްވާ ސަބްއެއްވެސް ވަދެފާނެ. ކަނޑެއްހާ ބޮޑުވިއްޔަ. މީހާއަށްވުރެ އަނގަ ބޮޑުވީމަ އެހެން މިސާލު ޖެހިދާނެ.........."ނޯއާ ޖީބުން ނެގި ޗޮކްލެޓްގައި ހިފަން އުޅުމުން އޭނަ އަތް ހިއްލައިލުމުން ކަޒްޔާ ފުންމަ ފުންމާފައި އުޅުނެވެ.

"ދެން ހާދަ މަޖަލޭ. ޓިކްޓޮކަށް ލީމަ މިލިއަން ވިއުސް ލިބޭނެ. މޫނުއަޅާފައި ހުންނަ ކުއްޖެއް ބައިކް ދުއްވާ ބޯއިސްއިންނާއެކު ފުޓްބޯޅަ ކުޅެ މަގުމެދުގައި ހުރެ ޗޮކްލެޓާއިހެދި މޮޔަވެ........ހޫމް ބުނެބަލަ. ކާކަށް ގުޅައިގެން ދެންމެ ވާހަކަ ދެއްކީ؟ ލެވީތަ؟ " ނޯއާ އެހިއެވެ.

"އެއީ މަންމަ..އަހަރެން ނިގާބު އެޅީ މަޖަލަކަށް. އެކުވެރި ކުއްޖެއްގެ އަތުން އަތުލީ. ވަގުތުން ކޮންމެވެސް މީހަކު މަންމައަށް ރިޕޯޓްކޮށްގެން އެކްސްޓްރީމިސްޓަކަށް ވީ ހެއްޔޯ ކިޔާފައި މަންމަ ގުޅީ......"

"ހޫމް ދެން ކަޒްޔާ މޮޔަކަމުންނޭ. އަދި މަ ލަދުގަންނަވަން މަށާއިއެކުވެސް ސެލްފީ ނަގާފައި މުޅި ސޯޝަލް މީޑިއާގައި...." ނޯއާ މޫނު ހެދިއެވެ.

"ސޯފީ ދޮންތި ކައިރީ އަހަރެން މޫނު ބުރުގާ އެޅިޔޭ ބުނެފި. ދެން އެހެން މީހުންނަށް ކޮން ކަމެއް. އަލަށް ނޫނެއްނު ރާއްޖޭގައި ނޫނީ ދުނިޔޭގައި ބުރުގާ އެޅީ. އެމީހަކު ބޭނުންގޮތަކަށް ހެދުން ލާންވީ ހަމަ. އަސްލު ހަމަ މަޖާކޮށްލަން މި އެޅީ.މަންމަ ވަރަށް ނައްޓާފައި ބުނެފިއޭ ކުޑަކުދިންނަށް އެކިގޮތްގޮތަށް އެބިއުޒްކުރަނީއޭ......" ކަޒްޔާ ފާރުމައްޗަށް އަރާ އިށީނެވެ. ނޯއާވެސް ފާރުގައި އަތް އަޅުވާލައިގެން ހުއްޓިލައިގެން ހުރިއިރު ކަޒްޔާގެ ދަތްތަކުގައި ޗޮކްލެޓް އުނގުޅިފައި ހުރުމުން މަޖާވިވަރުން ހުނުން ހިފަހައްޓާލައިގެން ހުއްޓެވެ.

"ބޮޑުދައިތަ އެބަ ވަޑައިގަންނަވާ.." ކަޒްޔާ ކިޔައިލިއެވެ.

ހީނާ ހިތްހަމަނުޖެހުމާއެކު އެ މަންޒަރު ދެކެން ހުއްޓެވެ. އޭނަ ގުޅެން ބޭނުންނުވާ ދެފަރާތެއް މިހާރު ހީވަނީ ރޯމިއޯ ޖޫލިއަޓް ހެންނެވެ. އަބަދު ތަތްވެފައި ކޮންމެވެސް އޮލަ ވާހަކައެއްގައެވެ. ޒޭވިއާއާއި އަޒާލިއާ ދެ ދުޝްމިނުން ފަދައެވެ. މިހެން ވެގެން ނުވާނެއެވެ.

***

ކަޒްޔާ ފެންވަރާލައިގެން މިއަދު ލީ ކަޝްމީރު ހެދުމެކެވެ. އޮރެންޖްކުލައިގެ އެ ހެދުމާއެކު ދޯޕައްޓާ އަޅައިލުމުން ނިކަން ގުޅެއެވެ. ތުންފަތުގައި އޮރެންޖްކުލަ އަރާ ލިޕްބާމެއް ލުމުން ހަމާއި ގުޅޭތީ ރީތިކަން އިތުރުވިއެވެ. ލޮލުގައި އަނދުން އަޅަންފެށިއެވެ.

"މާޝާﷲ. ނޯއާއަށް ދައްކަން ހަމަ ރީތިވަނީ ދޯ............."އަޒާލިއާ ފަހަތުން އައިސް ކުޑަކޮށް ބައްދައިލިއެވެ.

"ނޫނޭ. މިއަދު ދޮންބެ އެބަ އާދޭ. އެހެންވީމަ ވީހާވެސް ސްޓައިލިޝްވެގެން ހުންނަންވާނީ. މަންމަ ބުނެފިއޭ ވަރަށް ރަށްފުށު ވައްތަރޭ ޖަހަނީ. މިހާރު ކަޝްމީރު ކުއްޖަކާއި ވައްތަރު ދޯ ..."ކަޒްޔާ ހިނިގަނޑެއް ޖަހައިލިއެވެ.

"ދޮންބެ އުފާވާނީ ޖިންސަކާއި ޓީޝާޓެއްލީމައެއްނު. އޭރުން މާލޭ ކުއްޖަކާ ވައްތަރުވާނީ. ދެން މިއިސްތަށިކޮޅުވެސް ނުކޮށާ ދިގުކޮށްލާ. ހޯމޯންތައް ވޯކްކުރަން ފަށައިފިއެއްނު. އެހާ ދިގުވެސް ވެއްޖެ........." އަޒާލިއާ ވިސްނަން އިނދެފައި ކަޒްޔާގެ ހެދުންތައް ހާވަންފެށިއެވެ. މިފަހުން އަމިއްލައަށް އެކުދިން ބާޒާރަށްގޮސް ގަތް ދެތިން ޖިންސާއި ޓީޝާޓު އަދި ޓެގްކޮޅުވެސް ނުކަނޑާ އަލަމާރިތެރެއަށް ލާފައި ހުއްޓެވެ. އަޒާލިއާ ބުނިހެދުން ލައިގެން ތައްޔާރުވެލުމަށްފަހު ދެކުދިން ވާހަކަދައްކާލަން ތިބީއެވެ.

***

އަރްކާންއާއި ބައްދަލުކުރަން ކަޒްޔާ ދިޔައީ އޭނަގެ ގެއަށެވެ. ހިތްފުރޭވަރަށް ހަދިޔާ ލިބުނެވެ. ޗޮކްލެޓާއި ހަލްވާ މެޓާ ޗިޕްސްކަހަލަ އެއްޗެއްސެވެ. ކުޅު ދިޔާވީ ޗީޒް ކޭކު ފެނިފައެވެ. ކަޒްޔާ ދޮންބެއަށް އޭނަގެ ކުރެހުންތައް ދައްކާލީ އުފާވިވަރުންނެވެ. އަރްކާން ތައުރީފުކުރިއެވެ.

"ގެއްލިފައި ހުރި އާޓިސްޓެއްނު. މުބާރާތެއްގައި ބައިވެރިކުރަން މި ފޮޓޯވެސް ރަގަޅުވާނެ........."އަރްކާން ލެވީގެ ފޮޓޯއަށް ބަލަން ހުރެފައި ބުނެލިއެވެ. "މާލެ ދިޔައީމަ އެކަހަލަ އޮޕޯޗުނިޓީތައްވެސް ލިބޭނެ. މިފަހަރު މާލެ ދާނީ ކޮއްކޮ ގޮވައިގެން. "

"ސްކޫލް ބަންދުވީމަ ދެވޭނީ...." ކަޒްޔާ ހިތްހަމަނުޖެހުނެވެ.

"ބުނާގޮތަށް ހަދާ. ޅަ ކުރާކަށް ނޫން މިއައީ. ބަޔަކު މިތަނުގައި ވަކި ފިކުރެއް ފަތުރަންވެގެން ގާނޫނު މުގުރާތީ އެކަން ހުއްޓުވަން މިއައީ. ކޯޕަރޭޓް ނުވެއްޖެއްޔާ ދެން ޖެހޭނީ ބާރުގެ ބޭނުން ކުރަން.............." އަރްކާން ކުއްލިއަކަށް ހަރުކަށި ރާގަކަށް ވާހަކަދައްކަން ފެށުމުން ކަޒްޔާއަށް ތުން ފިތައިލެވިއްޖެއެވެ. އަރްކާން ކަޒްޔާގެ އަތުގައި ހިފަހައްޓާފައި ޓީޝާޓުގެ އަތުކުރި އޮޅާލިއެވެ. "މިހިރީ ކޮންހާ ލަކުނުތަކެއް؟ކާކު މިހެން ހެދީ..އޭނ..."

ކަޒްޔާ ހިމޭންކަން ޚިޔާރުކުރިއެވެ.

"ޓޯކް......" އަރްކާން ތަންކޮޅެއް ބާރަށް ބުނެލިގޮތުން ކަޒްޔާ ސިހުނެވެ.

"ބިސްގަނޑު އަޅަނިކޮށް ތަވާގައި ޖެހުނީ...."ކަޒްޔާ ބުނެލިއެވެ.

"މިއީ....ދެން މިތަނުގައި..މިވެސް. .މުޅި އަތުގައި މިހިރީ ބިސްގަނޑު އަޅައިގެން ލަކުނު ހެދިފައި ؟ އެހެނެއްނޫން. ކަޒްޔާ ބުނަން ޖެހޭނީ. މިހިރީ ގަސްތުގައި މީހަކު އަނިޔާކޮށްފައި. ކޮންމެހެން ފޮރުވަން އުޅޭނެކަމެއްނެތް...ފިރިމީހާ އަނިޔާކުރަނީ ދޯ...." އަރްކާން ދަތްކުނޑި ވިކައިގަތެވެ. "އަހަރެމެން މިކަމަށް ކެތްކޮށްގެނެއް ނުތިބޭނަން. ގާނޫނުގެ އަތް ފޯރާނެ އެމީހަކަށް. ކަޒްޔާގެ ބަޔާން ކޯޓަށް ހުށަހަޅާނަން...."

ކަޒްޔާ ހީވީ ދެންމެ ދެންމެ ރޮއިގެންފާނެހެންނެވެ.

"ނޫން. ނޯއާ އަނިޔާއެއް ނުކުރޭ. ހީ ވޯޒް ގުޑް...."

"ހީ ވޯޒް ގުޑް؟އެކަމަކު ފަހުން ރަގަޅުނުވިދޯ. ކޮއްކޮ ރޯނެކަމެއް ނެތް އިނގޭ. ކުށްވެރިންނަށް ހައްގު ސަޒާ ލިބޭނެ..." އަރްކާން ތަންކޮޅެއް މަޑުމައިތިރިވެ ކަޒްޔާގެ މޫނުގައި މަޑުމަޑުން ހިފާލިއެވެ."ދޮންބެ ބުނާގޮތަށް ބަޔާން ދިނީމަ އެހިސާބުން ނިމުނީ."

"ދޮގު ބަޔާނެއް ނުދެވޭނެ. ނޯއާއަށް އެނގިއްޖެއްޔާ.........."އަރްކާންގެ ވާހަކަ އަހަން ހުރެފައި އޭނަ ދެކޮޅުހެދިއެވެ.

އަރްކާންގެ ޖަވާބު އިވިފައި ކަޒްޔާގެ ލޯބޮޑުވެ އަނގަ ހުޅުވުނެވެ. ބިރުވެރިކަމުގެ ފިނި ރާޅެއް މުޅި ހަށިގަނޑުގައި ދުވެލައިފިއެވެ. އަރްކާންގެ އިންޒާރުން މުޅި ކުއްޖާ ފިނިވިއެވެ. އޭނަ ކޯޓަށްގޮސް ބަޔާން ދޭން އެއްބަސްވިއެވެ.

ނުނިމޭ

ކޮމެންޓް 0