"ﷲސުބުހާނަހޫ ވަތައާލާއަށް އިތުބާރުކުރާށެވެ. ހީވެސް ނުކުރާގޮތަށް އުފާވެރިކަމާއި ފާގަތިކަން ލިބިދާނެއެވެ."

***

"ދޮންތީ ..." އަޒާލިއާ ލޯ އަޅައިލިއެވެ.

"ދޮގު ނަހަދާ ބުނޭ. ޔޫކޭއަށް ދެވޭތީ އުފަލުން ތިހިރީ؟ ޒޭވިއާ ދެކެ ލައިކް ވޭތަ؟"

"ޔެސް....."އަޒާލިއާ އެއްބަސްވިއެވެ.

"ލަދުގަންނަން ޖެހޭވަރު ކަމެއްނޫން. އެއީހަޒްބެންޑް....."އަޒާލިއާ ފޮނިވިއެވެ.

"ތިއަށް ކިޔަނީ ލޯބި. ތިބުނާހެން ލޯބިވުމަކީ ކުށެއްނޫން. ތި އޭޖްގައި އެހެން މީހަކަށް ހިތް ނުދީ ހަޒްބެންޑަށް ހިތް ކިޔާ ލޯބިވެ މުސްކުޅިވާންދެން އެކީގައި އުޅެވިއްޖެއްޔާ އެދެމަފިރިންނެއްގެ ވާހަކަ ނޫސްތަކުގައިވެސް ޖަހާ. އެއީ ހަގީގީ ލޯބިކަމުގައިވޭ. ލޫލޫގެ ނަސީބު ރަގަޅުވާނެ އެފަދަ ދިރިއުޅުމެއް ލިބިއްޖެއްޔާ. އެހެން ފިރިހެނެއްގެ ހިޔަނި ނޭޅި ލޯބިވާ މީހާއާއެކު އަބަދަށް ހުރުން އަދި ކިހާ ނަސީބު ރަގަޅު..." އޭނައަށް ޒޭވިއާގެ ފަރާތުން ފެންނަ ކުދި ކުދި އޯގާތެރިކަން އެހިތުން ޖާގައެއް ހޯދައިފިއެވެ. ޒޭވިއާގެ ހެދުން ދޮވެ އިސްތިރިކޮށްދެއެވެ. ޒޭވިއާ ދެކޭހިތުން ސްކޫލްގައި އިންނައިރުވެސް އެ ޚިޔާލުގައެވެ. ބައެއްފަހަރު ފޮތުގައިވެސް ނޭގި ލިޔެވެނީ ޒޭވިއާގެ ނަމެވެ. ސްކޫލަށް ދިޔުުމުގެ ކުރިން ކޮފީ ހަދާފައި ކޮޓަރިތެރެވެސް ތަރުތީބުކޮށްލެވެއެވެ. އެހުރިހާކަމެއްވެސް ކޮށްދޭހިތުން ކޮށްދޭ ކަމަކަށްވިއެވެ. އެންމެ ބޮޑަށް އުފާވެ ހެވިފައި ހުންނަނީ ހީނާ ޚާންއެވެ.

***

ހުކުރުދުވަސްކަމުން ތިން އަންހެންކުދިން ނޯއާއާއި ޒޭވިއާއާއެކު ހެނދުނު ސައި ހިފައިގެން ގޮނޑުދޮށަށް ދާން ވަށިތައް ހިފައިގެން ނުކުތެވެ. ހަނަފީމެންގެއާއި އަރާ ހަމަވެފައި ނޯއާއަށް ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. ހަނަފީ ދަނޑިގަނޑެއް ހިފައިގެން ބިމަށް ވެރިފައިވާ ދޮންފަތްތައް ނަގަން ހުރިއިރު މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ. ދެ އާއިލާ ދޭތެރޭގައި އޮތް ގުޅުން ހީނަރުވެ އެކަކު އަނެކަކާ ކުރިމަތިލުން އުނދަގޫކަމަކަށް ވެފައިވުމުން ނޯއާގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓުނެވެ.

"ކަޒްޔާ ހެދިގޮތުން ކިހާ އެކަނިވެރިވެރިވެފައި އެހެރީ. އެހާވަރުން ބަލައި ބޮޑުކުރި ބައްޕަ ދޫކޮށް މުއްސަނދިކަމާއިހެދި އެ ދިޔައީ...." އަލާޔާ ކިޔާލިއެވެ.

"ޝޭޚު ހަނަފީގެ އެނޫން ދަރިއަކު ހުރީއެއްވެސް ނޫން...." އަނާވެސް ހަމްދަރުދީވިއެވެ.

"މިސްކިތަށް ގޮސްފައި ދެން ދެއިރު ފެނޭ އެގޮތަށް ގަސްތަކުގެ ތެރޭ އުޅޭތަން. ހަލީމާމެން ގެއިންނޯ ކަނީ ދީބާ ބުނި. ލުކްސް ޑިޕްރެސްޑް....ކަޒްޔާ ހެދިގޮތުން އަސްލު ކޮންމެ މީހަކުވެސް ލަދުގަންނާނެއްނު......." އަލާޔާގެ ވާހަކައިން ނޯއާގެ ހިތުގައި ކޮންމެވެސް ވަރަކަށް ޝަކުވާ އުފެދިއްޖެއެވެ. އެހުރިހާ ދުވަހު އޭނަ ހުރީ ކަޒްޔާއާއި އެއްކޮޅަށެވެ. މަޖްބޫރީއެއް ދިމާވީކަމަށް ނިންމައިގެންނެވެ. ހަނަފީވެސް އެހާ އެކަނިވެރިކަމާއި ހިތާމައިގާ އުޅޭނީ ކަޒްޔާއާއިހެދި ކަން ޔަގީނެވެ. ބައްޕަވެސް ދޫކޮށްފައި ކަޒްޔާ އުފާވެރި ހަޔާތެއް ޚިޔާރުކުރީއެވެ.

"މޭބީ ކަޒްޔާ ޖަސްޓް ލެފްޓް ފޯ އެ ބެޓާ ލައިފް..އަބަދަށްވެސް ޗައިލްޑިޝް ކޮށް އުޅުނީ.....ކަޒްޔާ ސީރިޔަސްކޮށް ނުވިސްނާނެ..." ނޯއާ ހިތާހިތުން ކިޔާލައިފިއެވެ.

***

ކަޒްޔާ މޮޔަކަމުގެ އެކްޓްކޮށްގެން ލިބުނު ކާމިޔާބެއްނެތެވެ. ބަލިވިކަމަށްވެސް ހެދުނެވެ. ކޮންމެފަދަ ގޮތަކަށް އަމަލު ކުރިޔަސް އެ ކޮޓަރިން ބޭރަށް ނުނިކުމެވޭނެކަން އެނގުމާއެކު ތަންކޮޅެއް ބަސްއަހަން އޭނަގެ ޟަމީރު އެދުނެވެ.ބަސްއަހާ ކުދިންނަށް ކާމިޔާބުވެދާނެކަން ނޭގެއެވެ. އެމީހުންގެ ބޭނުމަކީވެސް އޭނަގެ ވިސްނުން ބަދަލުކުރުމެވެ. އެބުނަނީ ކޮން ވިސްނުމެއްކަން ކަޒްޔާއަށް ރަގަޅަށް އޮޅުން ފިލަނީއެއްވެސް ނޫނެވެ. "ހަރުކަށި ފިކުރު" އެބަހާއިމެދު ވިސްނަ ވިސްނާވެސް އޭނައާއި މަންމަމެންގެ ފިކުރު ތަފާތުވާންވީ ގޮތެއް ނުވިސްނުނެވެ.

"ޑިއަރ ނޯއާ. އަހަރެމެން މެރީ ކުރީމަ މަންމަމެން ރުޅި އަންނަނީ ކީއްވެ ކަމެއް ނޭގުނު. ކައިޝާއާއި އިޔާން ރޫމްގައިވެސް ތިބޭ. އެކީގައި ބޭރަށް ދޭ. ދެމީހުން އެކީ އަބަދުހެން އުޅޭއިރު އެކަން މައްސަލައަކަށް ނުވި. ކިހާ އަންފެއާރ...އައި ހޭޓް ދިސް. ނޯއާ އަހަރެން މިހާރު އެމީހުންނަށް ރުޅި ދައްކާ ޓައިޑް ވެއްޖެ. ދެން ވިސްނަނީ ޗޭންޖުވާން. ސްވީޓެސްޓް ކަޒްޔާއަށް ވާން..އޭރުން އަހަންނަށް ނޯއާ މެން ގާތަށް ދެވިދާނެއޭ ހާޓް ބުނަނީ....ނޮކް ނޮކް...ކޮންމެވެސް މީހަކު އެބަ އާދޭ.....ޓޯކް ލޭޓާ.."

***

ކަޒްޔާ ހުންގަދަވެގެން ބުރާންތިވެފައި އޮވެވެސް ގޮވީ ނޯއާއާއި ލޫލޫ އަދި ބަބްލްސްއަށެވެ. ދެތިންފަހަރަކު ބައްޕައަށްވެސް ގޮވައިލިއެވެ. ވައިރަލް ހުމެއްގެ ސަބަބުން ސާޅީސް ޑިގްރީގައި ހުން ހުރެގެން ކޮޅަށް ހުންނާނެ ވަރުނެތަސް ހޮސްޕިޓަލަށް ގެންދާކަށް ނަރުގިސް ހުއްދައެއް ނުދިނެވެ. އައިވީވެސް ގެނެސް ގުޅަން ޖެހުނީ ކޮޓަރީގައި ބާއްވައިގެންނެވެ. ނަރުގިސް ކަޒްޔާއަށް އިތުބާރެއް ނުކުރެއެވެ. އެމީހުން އަނިޔާކުރަނީއޭ ކިޔާފައި ފޮނިތޮށި ކާފޫރުލައިގެން ވާހަކަ ހަދާނެއެވެ. ކަޒްޔާއަކީ އަބަދުވެސް ދޮގު ހަދާ ކުއްޖެކޭ ބުނެ ނަރުގިސް ކަޒްޔާ ދެރަކޮށްލިއެވެ.

އޭނައަށް އެހީތެރިވެދޭން ގާތުގައި ހުރި ޚާދިމާ ނަފީސާ ކަޒްޔާއާ މެދު ކަންތައްކުރީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްގޮތަކަށެވެ. ރުޅިގަދަވެގެން ބައެއްފަހަރު ފެން ކަޒްޔާގެ މޫނަށާއިއެއްކޮށް އަޅައިލައެވެ. ދޭތެރެއަކުން ޖޫސް ނޫނީ ކުރުނބާފަނި ދޭން އަންގާފައި އޮތަސް އޭނަ އެކަން ހަދާން ހުރިކަމަކަށް ނުވިއެވެ. ބޭސްވެސް ދެނީއެއް ނޫނެވެ. ބަލިވެ ތަންމަތީގައި އޮތުމުން ކޮންމެ އިންސާނަކުވެސް އަޅާލުމައި އެހީތެރިކަމަށް ބޭނުންވާނެއެވެ. އޭނަ ހޮޑުލެވުނަސް ނަފީސާ އެހީތެރިވީއެއް ނޫނެވެ. ތަންމައްޗަށް ހޮޑުލެވުމުންވެސް ކުދި ކިޔާފައި ހަމަ އިންގޮތަށް އިނީއެވެ. އެންމެފަހުން ބޯ އަނބުރާ ކޮޅަށް ނުހުރެވޭ ހާލުގައި ތެދުވެ އެއްޗެހި ގެންގޮސް ދޮވެލާފައި ބާސްކެޓަށް ލިއެވެ. ހޮޑުލެވޭ ކޮންމެ ފަހަރަކު އޭނަ އޮންނަނީ ނަފީސާ ބަވާނެތީ ބިރުންނެވެ. ގައިގައި ވަރެއްނެތުމުން ފާޚާނާއާއި ހަމަޔަށް ދެވޭއިރު އަނބުރައިގަންނަ ވަރުވެއެވެ. ފެންފޮތިލަނީވެސް ނަމަކަށެވެ. ބޮލުގަޔާއި ގައިގާ ރިއްސާވަރުން މޮޑެދޭން އެދުނަސް ނަފީސާ އިންނާނީ ބޮޑު އައިނެއް އަޅައިގެން ވާހަކަ ފޮތެއް ހިފައިގެން ކިޔާށެވެ. އޭނާގެ މަންމަ ދޮރުމައްޗަށް އަރާފައި ކިހިނެއްހެއްޔޭ އަހައިލާ ކަމެވެ.

އަރްކާންވެސް ވަދެލަނީ މަޖުބޫރުވެގެންނެވެ. އާދައިގެ މަތިން އޭނަ ހުރީ ޑިއުޓީއަށް ދާން ތައްޔާރުވެލައިގެންނެވެ. ކަޒްޔާގެ ހުންގަނޑު ކޮންމެވެސް ވަރަކަށް ފިލާފައި އޮތަސް މޫނަށް ވެރިވެފައިވާ ރަތްކަމާއެކު ތުންފަތްވެސް އަނގުރުކޮޅެއްފަދައެވެ.

"ދޮންބެ....ކަމެއްކޮށްދީފާނަންތަ؟"

"ޓެލް މީ...." އަރްކާންގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.

"ފޯނެއް ހޯދަދީބަލަ ޕްލީޒް ޕްލީޒް. އައި ޕްރޮމިސް ބުނާގޮތަށް ހަދާނަން. އެއްވެސް މީހަކާއި ކޮންޓެކްޓެއް ނުކުރާނަން.. ގޫގުލްކޮށްލަން...." ކަޒްޔާގެ އަޑުވެސް ކޮންމެވެސް ވަރަކަށް ކުރަކިއެވެ.

"ތިކަމާ ވިސްނާނަން. އެކަމަކު ކަޒްޔާ ދޮގުހަދާވަރުން ގޮސް އެންމެންގެ ޓްރަސްޓް ގެއްލިއްޖެ. ކިހިނެއް އެވާހަކަ ގަބޫލުކުރާނީ....އަދި ގޫގުލް ނުކުރެވޭ ކޮންޓެންޓްތައް ބައިވަރު ހުންނާނެ. އަހަރެމެން ކިހިނެއް ޔަގީންކުރާނީ....." އަރްކާން ހުރީ އާދައިގެ މަތިން ބުމަ ގޮށް ޖަހާލައިގެންނެވެ. ފޯނެއް ދީފައި އެމީހުން ބޭނުންވާ އެއްޗެއް އަޅާދީފައި ވައިފައި ނުދިނީމަ ވީނޫންހެއްޔެވެ؟ ސިމެއްވެސް ނުދޭނީއެވެ. ދެ ޚިޔާލެއްގައި ހުރެ އަރްކާން ހުސްވަމުން ދިޔަ އައިވީ ފުޅި ބަދަލުކޮށްލައިފިއެވެ.

ކަޒްޔާ އަމިއްލަ ނަފުސާއި ބެހޭގޮތުން ވިސްނިއެވެ. އޭނައަށް މި ހާލު ޖެހުނީ އޭނަގެ ދޮގުތަކުގެ ސަބަބުން ދުނިޔެއިން ލިބުނު ސަޒާއެއްކަމުގައި ހެއްޔެވެ. އެންމެން އޭނަ ބާކީކޮށް އެއްލައިލީ އެހެންވީމަބާވައެވެ. އެއްއަރިއަކަށް އޮވެ ބޯދަށަށް އަތް ލައްވައިގެން ކުރުގެޅިގެން ކަހަލަ ގޮތަކަށް އޭނަ ވިސްނަން އޮތެވެ. އެސްފިޔަ ޖަހައިލިއިރު ކަރުނަ ތިއްކެއް ފައިބައިގެން ހިނގައްޖެއެވެ.

"ތެދުހެދިޔަސް ގަބޫލެއް ނުކުރީމަ ދޮގު ހަދަން ދަސްކުރީ. ރަށުމީހުންވެސް ގަބޫލުކުރީ މަންމަ އެހެން މީހަކާއިއެކު އުޅެނިކޮށް ފެނުނޭ ކިޔާފައި ދޮގުހެދީކަމަށް. ބައްޕައާއި މަންމަ ދުރުކޮށްލީ އަހަރެން ކަމަށް. އެކަމަކު ހަގީގަތް ދެނެވޮޑިގެންވަނީ އޮންލީ ﷲ. އަހަރެންގެ ކުށެއްނެތް. ދޮންމަންމަމެންނާއި ބައްޕަ ވަކިކުރުވީވެސް އަހަންނެއްނޫން. އެކަމަކު އައި އެމް ގިލްޓީ.................ﷲ ނޯސް ދެޓް އައި އެމް ޓްރައިން މައި ބެސްޓް ރަގަޅުވާން.....ފޯރ ﷲ ކެލިގްރާފީއިން ކުރިއަށް ދާހިތްވީ އޭރުން ﷲގެ އިސްމުފުޅާއި ގުރުއާން އެންމެ ރީތިކޮށް ލިޔެވޭނެ..ކޮބާ ނޯއާމެން. ބައްޕަގެ ޚަބަރެއްވެސް ނުވޭ. ކީއްވެތަ؟ ބިރުގަންނާން ފަށައިފި.................."

ބަލިވީމަ ޑޮކްޓަރުން މެދުވެރިކޮށް ޝިފާ ދެއްވަނީ މާތްﷲއެވެ. ގުރުއާނަކީވެސް ޝިފާއެކެވެ. އޭނަ އަވަހަށް ރަގަޅުވާން ބޭނުމެވެ. ގުރުއާނުން މާ ގިނަ ސޫރަތްތައް ދަސްވެފައިނެތަސް އަލްހަމްދުއާއި ކުރުސި ހިތުދަސްވެފައިވާ ކަމީ ނަސީބެކެވެ. އޭނަ މަޑުމަޑުން ކިޔަވާންފެށިއެވެ.

"ޔާ ﷲ ހެލްޕް މީ........."

***

ހަފްތާއެއްހާ ދުވަސްފަހުން ކަޒްޔާއަށް ތެދުވެ އުޅެވޭވަރު ވެއްޖެއެވެ. ކަޒްޔާ ފެންވަރާލައިގެން މިއަދު ލީ ނޯއާގެ އަތުން އޭނަ ގެނައި ގަމީހެކެވެ. ކަޅު ފެހިކުލައިގެ އެ ހެދުން މިހާ ފިނިއިރު ލުމުން ނިކަން ހީފިލިއެވެ. އަތުގައި ކަޅުކުލައިގެ ގަޑި އެޅިއެވެ.އޭނަގެ ނޭފަތުގައި ހަރުލާފައިވި ނޯއާގެ ސެންޓް ވަހުން ސިކުނޑި ތާޒާވިއެވެ. ކުޑަދޮރު ކައިރީ އިނދެ އޭނަ ފޮތްނެގިއެވެ.

"ޑިއަރ ނޯއާ. ސޮރީ ސިޓީ ނުލިޔެ ހަފްތާއެއް ވީ. އައި ވޯޒް ސިކް. އަދިވެސް އަތް ތުރުތުރު އެބަލާ..ވައިރަލް ހުމުން ރަގަޅުވާނީ ގިނައިން ކެއީމަ ދޯ. އެކަމަކު މިހާރު ކާހިތެއް ނުވޭ....ރަށް މަތިން ވަރަށް ހަދާން އެބަވޭ..ނޯއާ ދިން ގިފްޓްގެ ބޭނުން ހިފުނު..ބަލިވީމަ ކުރުސި ކިޔަވައިލުމުން ޕޮޒިޓިވް ވައިބްސްއައީ. އެހެން ބުނީމަ ޗޮކްލެޓް ވައިބްސް ހަދާންވީ...މިސް ޔޫ އޯލް....."

"ޑިއަރ ނޯއާ. ނޯއާގެ ޓީޝާޓު ލީމަ ވަރަށް ވޯމް އެންޑް ސްނަގްލީ...ބޯކޮށް ވާރޭ ވެހޭ ދުވަހެއްގައި ފިނިވީމަ ހީފިލުވައިލަން ވަރަށް އަރާމު ..ރޯ ހިތްވަނީ ހަމަ ކަރުނަތައް ހުއްޓުމެއްނެތި ކަމިން ޑައުން ލައިކް ރެއިން..ވާރޭވެސް ހައްތާ ބޯ ކުރަނީ. ރަށަށް ވާރޭވެހޭއިރު ހާދަ ރީއްޗޭ...އަދިވެސް ކާހިތެއްނުވޭ. ނޭގޭ ކީއްވެކަމެއް......"

***

ޒޭވިއާ އޭނަގެ މަންމަ ހީނާ ޚާންއާއި އަޒާލިއާ ގޮވައިގެން ލަންޑަނަށް ފުރި ދުވަހު މާހިރާ ދަރިފުޅަށް އެތައް ނަސޭހަތެއް ދިނެވެ. ބޮޑުދައިތަ އެނބުރި އަންނައިރު އަންނާނެ ކަމަށް ވައުދުކުރުވިއެވެ. ހަގީގަތުގައި އަޒާލިއާ އެނބުރި ރާއްޖެ އަންނާކަށް ބޭނުމެއްނޫނެވެ. އޭނަގެ ހުވަފެނަކީ އާއިލާ އެންމެން އެކޮޅަށް ބަދަލުވުމެވެ. އަނާއާއި އަލާޔާވެސް ލަންޑަންގައި ދިރިއުޅޭއިރު މަންމަމެންވެސް ރާއްޖޭގައި ތިބުމުގެ މާނައެއް ނެތްތާއެވެ. އަނާގެ ފިރިމީހާ ޔަހުޔާ ނިޔާވުމުން އަނާ އަދި ރަށުގައި މަޑުކޮށްލިޔަސް އޭނަވެސް އަދި ރާއްޖޭގައި ހުންނަން ޚިޔާލެއް ނުކުރެއެވެ. އަލާޔާއަށްވެސް މާހިރާ ދަރިފުޅު ރަގަޅަށް ބަލަން އެދުނެވެ.

"މަންމަ މިހާ ކުޑައިރު މި ކައިވެންޏެއް ކުރުވަން ގަބޫލެއްވެސް ނޫން. ބޮޑުދައިތަ ބޮޑާ ހާކައިގެން ބައްޕައަށް މަޖުބޫރުވީ. ލޫލޫއަށް ފިފްޓީން ވީ އެއްވެސް ނޫން. ބޮޑުދައިތަގެ ސަބަބުން ލޫލޫ މިހާރު ޒޭވިއާއާ ހެދި އުޅޭހެން މަންމައަށް ހީވާތީ ވަރަށް ކަންބޮޑުވޭ. ޝިޒް އެ ޗައިލްޑް....ދަރިފުޅުވެސް ވިސްނައިދޭތި." މާހިރާ އަލާޔާގެ ކައިރީ ނިކަން ސިއްރުން ވާހަކަދެއްކިއެވެ.

"އަނެއްކާ އިންސާފަކުން ނޫން މި ދިޔައީ. ނޯއާ ޖަލަށް ލީއިރު ޒޭވިއާއަށް ހުކުމެއް ނާދޭ..........."މާހިރާ އިތުރަށް ބުނެލިއެވެ.

"މަންމާ. ދުނިޔޭގެ އުސޫލު. އިންސާފުވެރި ޝަރީއަތެއް މިތާކުން ނުކުރާނެ. އެއީ ޔަގީންކަމެއް.....ޒޭވިއާގެވެސް އަނެއްހެން ކުށެއްނެތް. އޭނަވެސް ކުށެއްނުކުރޭ. އޭނަގެ މަންމަ ބަސްއަހާ ދަރިއެއްވީމަ މެރީ ކުރީ. އެކަމަކު މަންމަ ކަންބޮޑުނުވޭ. ޒޭވިއާއަކީ ވަރަށް ސްވީޓް ގައިއެއް...ވަރަށް ކެއަރިން..އޭނަ ލޫލޫއަށް ދެރަގޮތެއް ނަހަދާނެ..." އަލާޔާ ހިނިތުންވެލިއެވެ.

***

އަޒާލިއާމެން ފުރުވަން އެއާޕޯޓަށް ގޮސްފައި އަނާ އަޒާލިއާއަށް އޭނަގެ ފޯނު ދެއްކިއެވެ.

"ޔަހްޔާ ކަހަލަ ހަޒްބެންޑެއް އެހެން މީހަކަށް ނުވެސް ލިބޭނެ. އެހެން މީހަކާއި މެރީ ކުރަން ހިތަކަށް ވެސް ނާރާ އެކަމަކު މި މީހަކު ހަމަ ފަހަތުން ނުފިލި. ލޯބިވާކަމަށް ދައުވާކޮށް މިއޮތް ފޮނުވާ މެސެޖްތަކެއް...."

"ބްލޮކް ހިމް......"

އެކި ފަހަރު އެކި ސިމުން ގުޅަނީ. މުއްސަދިވެސް މީހެއް ތާ......"

"އަޕްޑޭޓް އިނގޭ އަނާ." އަޒާލިއާ އަނާގެ ގައިގައި ބާރަކަށް ބައްދައިލިއެވެ. "އަހަރެން ނެތީމަ މަންމަ ގާތު އަންހެންކުއްޖަކު ހުންނަން ޖެހޭކަމަސް ގަބޫލުކުރަން. އެކަމަކު އަނާ މަންމައާއި ބައްޕަ މާމައާއި ކާފަަ އަދި ދޮންބެވެސް ގޮވައިގެން ލަންޑަނަށް އަންނައްޗޭ. ލަވް ޔޫ...."

***

ކަޒްޔާ ޝިފާ ދޮރު ހުޅުވާލުމާއެކު އަތުގެ ތެރެއިން ދެމިގަތް ގޮތަށް ދުވަމުންގޮސް މަޑުކޮށްލީ ކާކޮޓަރީގެ ދޮރުމަތީގައެވެ. ޝިފާ ރުޅިވެރިކަމާއެކު އެއްޗެހި ކިޔަމުން ފަހަތުން އައިއިރު ދެލޯ ވަށްކޮށްލާފައެވެ. އެންމެން އުފާވެރި މަޖާ މާހައުލެއްގައި ކާން ތިއްބެވެ. އޭނައަށް ސަޔާއި ބިސްކޯދު ފޮނުވާލާފައި މިތަނުގައި ޕާޓީކުރަނީއެވެ. ސުފުރާ މަތީ ނެތް އެއްޗެއް ނެތެވެ. އެކި ބާވަތް ބާވަތުގެ ކާ ތަކެތިން ފަޅުފިލުވާފައެވެ. ކައިޝާގެ އެކުވެރިޔާ އިޔާންވެސް ހެވި ދިއްލިފައި އިނެވެ.

"ކަޒްޔާ. ކޮޓަރިން ނުކުތީ ކިހިނެއް؟"

އޭރު ޝިފާވެސް އެހިސާބަށް ފޯރައިފިއެވެ. މޫނު ކަޅުކަމުން ރޭގަނޑެއްފަދައެވެ. ކަޒްޔާއައި ފަހުން ކޮންމެ ފަހަރަކު އެކޮޓަރިއަށް ކާ އެއްޗެހި އުފުލުމުން އިތުރު ބުރައަކަށްވެ ބަދު ދުޢާވެސް ކުރެވުނު އަދަދެއް ނޭގެއެވެ. ކަޒްޔާދެކެ އެންމެން ރުޅިއައުން ހައްގުކަމުގައި އޭނަވެސް ދެކުނެވެ. އޭނަ އަދި މޫނު ކިތަންމެ ބަނަކުރިޔަސް އެހެން މީހުންނަށް ފަރުވާލެއް ނެތެވެ. ތަޅާ މެރިޔަސް އަޅާލާނެ ކަމެއް ނޭގެއެވެ.

"މަންމާ. މުހިއްމު ވާހަކައެއް ދައްކައިލަން އެބައޮތް......" ކަޒްޔާ ބުނެލައިފިއެވެ.

"މިގަޑީގައި ނޫނީ ތި ވާހަކަ ދައްކަން ނޭގުނީތަ؟ "ނަރުގިސްގެ މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. ނަވާބު މަނިކުވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ."އަދި ބޮލުގައި ފޮތިގަނޑެއް އޮޅާލައިގެން އުޅެން މިގޭގައި ހިލޭ ބަޔެއްވެސް ތިބީއެއް ނޫން. ހަމަ ރީތިކޮށް އުޅެން މިވަރަށް ކިޔާއިރުވެސް ރަށްފުށުގެ އަންހެންކުއްޖެއްހެން އުޅެނީ...."

"އައި ވޯންޓް ޓު ޗޭންޖް. މަންމަމެން ބުނާގޮތަށް ހަދާނަމޭ. ކިޔަވަންދާން ބޭނުން..." ކަޒްޔާގެ އަޑުގައި އާދޭހުގެ ރާގުވިއެވެ.

"ކަޒްޔާ މީހުންގެ ތެރެއަށް ނިކުންނަވަރެއް އަދި ނުވޭ. ކިޔަވާ ހިތްވަންޏާ ހޯމް ސްކޫލިން ހެދިދާނެ. ޓީޗަރެއް ގެނެވިދާނެ. މިގެއިން ބޭރަށް ދެވޭނީ އަހަރެމެން ގެންދިޔައީމަ....." ނަވާބުމަނިކުގެ ބަރު އަޑު ތަނުގައި ގުގުމާލައިފިއެވެ.

ގެއަށް ގެނެސްގެންވެސް ކިޔަވާދޭ ވާހަކަ ބުނުމުން ހިތަށް ހަމަޖެހުމެއް ލިބި ދެލޯ ދިއްލިގެން ދިޔައެވެ. ފަހަރެއްގައި ފޯނެއް ލިބި ސިއްރުން ނޯއާމެންނާއި ގުޅުމުގެ ނަސީބެއްވެސް ލިބިދާނެއެވެ.

"ފޯނެއް......." ކަޒްޔާ އެއްޗެކޭ ބުނަން އުޅުނެވެ.

"އެއީ ދޮގެއް މަންމާ ފޯނެއް ނުދޭތި...ކަޒްޔާ އެއުޅެނީ އެކްސްޓްރީމިސްޓް މީހުންނާއި ކޮންޓެކްޓް ނުވެގެން..އެމީހުން ފަންޑުކޮށް ސިކުނޑި ދޮވެލާފައި ކިތަންމެ ކުއްޖަކު ޖިހާދަށްވެސް ފޮނުވައިފި. ކަޒްޔާވެސް ބޮޑު ބުރުގާ އަޅައިގެން ޖިހާދީއެއްގެ އަންބަކަށްވެގެން އެތަނަށްގޮސް އެންމެފަހުން އެތާގެ ޖަލަކަށް ކަން ނޭގޭ އެންޑް އަޕްވާނީ. ކަޒްޔާ އަދި މަށާއި ދިމާލަށްވެސް ބުނެފިޔޭ ވަރަށް ގޯސްކޮށޭ އުޅެނީ. އިޔާންއާއި ރައްޓެހިވެގެން އުޅުމަކީ ހަރާމް ކަމެކޯ...." ކައިޝާ ކަޅި އަޅާލައިގެން އިނދެ ވާހަކަދެއްކިއެވެ.

"ހަރާމްކަމެއް ހުއްދައެއް ނުކުރެވޭނެ..." ކަޒްޔާ ހަމަޖެހިލާފައި ބުނެލިއެވެ.

"ޝަޓަޕް ކަޒްޔާ ހަނަފީ.މިތަނުން ދޭބަލަ..." ކައިޝާ ހަޅޭއްލަވައިގަތެވެ.

ކަޒްޔާގެ ކޮޅަށް އެކަކުވެސް ވަކާލާތު ނުކުރާނެކަން ޔަގީންވާތީ އޭނަ އެނބުރި ކޮޓަރިއަށްގޮސް ދޮރު ލައްޕާލައިފިއެވެ. ކުޑަދޮރު ކައިރީގައި ހުރެ ބޭގަރާރުކަމާއެކު ބޭރަށް ބެލީ ދަންނަ މޫނެއް ފެނޭތޯއެވެ. ހިތާހިތުން ދުޢާކުރިއެވެ. ދަތްދޮޅީގައި ދެއަތްތިލަ ޖައްސާލައިގެން ބޭރަށް ބަލަން ހުރެހުރެފައި އުޅެގަތީ ކެލިގްރާފީގެ މަސައްކަތުގައެވެ. ކެލިގްރާފީ ސިޓީލިޔުން އަދި އަޅުކަން ފިޔަވާ ކޮޓަރީގައި ކުރާނެ އެހެން މަސައްކަތެއް ނުފެނުނެވެ. ކަޒްޔާއަށް ނޭގުނީ ކުރިމަތީގައި ހުރި އެޕާޓްމެންޓްގައި ކޮންމެވެސް ފަރާތަކުން އޭނަގެ ހަރަކާތްތައް ދެކެން ހުރިކަމެވެ.

***

ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށުމުން ކަޒްޔާ ތުވާލި ބޮލުގައި އޮޅާލައިގެން ހުރެ ދޮރު ހުޅުވާލައިފިއެވެ. އެތެރެއަށް ދެމިގަތީ ކައިޝާއެވެ.

"އިޔާންގެ ފެމިލީ މީހުންގެ އަމިއްލަ ޗެނެލްއެއް ހުރޭ. އެ ޗެނެލް އެކްސްޓްރީމިސްޓުންނާއި އެންޓި އަދި އެމީހުންގެ ކަންތައްތައް ބޭޒާރުކޮށް ކުރާހާ ކަންތައްތަކުގެ ޚަބަރު ގެނެސްދޭ. އިޔާންވެސް އެތާ މަސައްކަތުގައި އުޅެނީ. އޭނަ ބޭނުންވެޔޯ ކަޒްޔާގެ އިންޓަވިއުއެއް..ޅައިރު ގަދަކަމުން މެރީކުރުވާފައި އެ ފިރިހެންމީހާގެ ފަރާތުން ލިބުނު އަނިޔާތައް ކިޔާދޭށޭ. އެކަހަލަ އެއްޗެއް ވިއްޔާ ވަރަށް ހިޓްވާނެ. އޭރުން ކަޒްޔާއަށް މިނިވަންކަން ލިބުނީ. ފޯނެއްވެސް ލިބޭނެ. އެންމެ ފަހުގެ ފޮނެއް. އަދި އަހަރެމެން މިއުޅެނީ ޔޫކޭއަށް ޝޮޕިންއަށް ދާން. އަހަރެމެންނާއެކު ގެންދާނަން....އާއެކޭ ބުނެބަލަ. އިންޓަވިއު ދޭނަން ދޯ...." ކައިޝާ އިނީ ވަރަށް ފޯރި ހިފާފައެވެ.

ކަޒްޔާ އެސްފިޔަ ޖަހާ ނުލާ ކައިޝާގެ މޫނަށް ބަލަން އިނެވެ.

"ވަޓް؟ "ކައިޝާ އެހިއެވެ.

"މީން ގާލް...........އިނޮސެންޓް މީހެއްގެ ރެޕިއުޓޭޝަން ގެއްލުވާލީމަ އަހަންނަށް ކޮން މޮޅެއްއޮތީ. މިހާލުގައި މިތާ އެކަނި އިނދެ މަރުވިޔަސް މާ ހެޔޮ..." ކަޒްޔާ ބުމަ ކައިރިކޮށްލިއެވެ.

"އަދި އިޔާންގެ ކޮއްކޮ ކަޒްޔާއާއި ވަރަށް ގުޅޭ. އަމަން.......އޭނަގެ ގާލްފްރެންޑަކަށްވެސް ވެވިދަނެ. ދެން ކިހާ ބޯރިން ލައިފެއްގައި ކަޒްޔާ ތިއުޅެނީ؟ ކޮޓަރީގައި އެކަނިމާ އެކަނި ތިހެން އިނީމަ މޮޔަވާނެ. އެންމެ ރަގަޅުގޮތްތައް މިބުނެދިނީ. ސިޓީ ލައިފް ނުލާހިކު މަޖާ. ޕާޓީތަކާއި ރެސްޓޯރެންޓްތަކަށް ގޮސް ތި އޭޖްކުއްޖެއްހެން އުޅެބަލަ. މުސްކުޅި މާމަގަނޑެއްހެން ބެކްވާޑް ތިންކިން ހުރީމަ ކަޓު...." ކައިޝާ އޭނަގެ ދަބަހުގައި އޮތް މޭކަޕް ސެޓް ދައްކައިލިއެވެ."ބޭނުންތަ؟ އަމަންއަށް ފެނިލަން މޭކަޕްކޮށްލައިގެން ދާން..."

"އައިމް މެރީޑް......." ކަޒްޔާ ސީރިޔަސްވެލިއެވެ.

"ހަހަހަ......މެރީޑް އޯ....." ކައިޝާ ބިނދިބިނދިފައި ހޭން ފެށިއެވެ.

 

ނުނިމޭ

ކޮމެންޓް 0