ﷲ ސުބުހާނަހޫ ވަތައާލާ ގުރުއާނުގެ ޣާފިރު ސޫރަތުގެ ފަސްދޮޅަސް ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ "ادْعُونِي أَسْتَجِبْ لَكُمْ" މާނައަކީ ތިޔަބައިމީހުން ތިމަން ﷲއަށް ދުޢާކުރާށެވެ. ތިޔަބައިމީހުންނަށް އިޖާބަކޮށްދެއްވާ ހުށީމެވެ."
***
"އެހެން މީހަކަށް އިވިދާނެ...ޝްޝްޝް.....އަންހެންކުދިން ތިހާ ސުވާލު ގިނަކުރާކަށް ނުވާނެ. ބުނާ މީހަކާއި އިނީމަ ރަގަޅުވާނީ. ކަޒްޔާ މަންމައަށް ދައްކަންވެސް މި ޒުވާނާއާއި ކައިވެނިކުރަންވާނެ. އޭރުން މަންމަ ނިކަން ހަސަދަވެރިވާނެ...ކަޒްޔާ ތީ ބަސްއަހާ ކުއްޖެއްނު......................" ހަލީމާގެ އަޑު ނިކަން މަޑުވިއެވެ.
"އޭނަގެ ނަމަކީ ނޯހް.......ނޫހު އިނގިރޭސި ކުރަން ނޯއާ ކަން ނޭގޭ ކިޔަނީ. ހޫމް ނޯއާ. އެކަމަކު ނޫޙު އަލައިހިއްސަލާމްގެ ނަން އަރަބިން ކިޔާގޮތް ކިހާ ރީތި. ދެން މާ ޒަމާނީވެގެންގޮސް އިނގިރޭސި ނަންނަމުން ދަރިންނަށް ނަން މިދެނީ......" ހަލީމާ ބުނެދިނެވެ. " އެނަން ނުގަންނައްޗޭ. އަވަށްޓެރިންނަށް އެނގިއްޖެއްޔާ މި ކައިވެނި ވިޔަކަނުދޭނެ...."
"ކަޒްޔާ ދާންވީނު ކާފަގެ ފައިމޮޑެދޭން..ކާފަ ކިހާ ބަލިކޮށް އެ އުޅެނީ.."
"ފައި މޮޑެދޭހާ ވަރެއްނެތް. ވަރަށް ރޯދަ ބައްޔޭ ހަލީމާއްތާ.އެހެންނޫނަސް އަތުގެ ނާރެއް ކަން ނޭގޭ ކެނޑުނީ................." ކަޒްޔާ އިނގިލި ހިއްލައިލިއެވެ. ބުރުގާ އަޅަނިކޮށް އިނގިލިކުރިއަށް ކުޑަކޮށް ހެރުނު ޕިނަށް ހުރިހާ ޝައުގެކެވެ.
"އަނބު ތިހުރީ ކޮށާލާފައި ޖޫސްހަދާލެވޭނެއްނު..........."
"ކިހިނެއް.....އޫ އޫ..........." ކަޒްޔާ ޗޫސް ލައްވައިލިއެވެ. މޭޒުމަތީ ކޮށާފައި ހުރި އަނބުން އެތިކޮޅެއް ކާލެވުމާއެކު ރޯދަކަން ހަދާންވިއެވެ. ހަދާނެތިގެން ކެއުމަކުން ރޯދަ ނުގެއްލޭނެތާއެވެ. "މޭ ﷲ ފޮގިވް މީ. ހަލީމާއްތަ އަދި ނަމާދުނުކޮށް މިހިރީ. އެބަ އަންނަން."
ކަޒްޔާ ގެއާއި ދިމާލަށް ހިނގައިގެންފާ އަމިއްލައަށް ހީލިއެވެ.
"ހަލިމާއްތަ ލެކްޗަރު ދޭއިރު އެންމެ މަޖައީ ހަލީމައްތައަށްވެސް އެހާ ރަގަޅަށް ދީން ނޭގޭތީ. ޚަތިމް ހިފައިގެން ކިޔަވަން އިންނައިރު ކުދިންނާއި ދިމާލަށް ދޭތެރެއަކުން ހަޅޭއްލަވައިގެންފާ. ތަސްބީހަ އިނގިލީގެ ކޮޅުގައި އަބަދު އަޅުވައިގެން ގުނަން އޮޓޯއަށް ލެވިފައި އެކަމަކު ގިނަވަގުތު ތަސްބީހަ ކިޔުމުގެ ބަދަލުގައި ހަލީމައްތަ ކޮންމެވެސް އެކަކަށް ބަވާނެ.އެހެންވެސް ވާނެއްނު. އެބުނާހެން ރަމަޟާންގައި ހަލީމައްތައަށް ގިނަ ކާ އެއްޗެހި ހަދަން ހާޝިމްބެ ޖައްސަނީ. ރޯދަވީއްލަން ފްރެންޑުންނަށް މިއަދުވެސް ދައުވަތުދީފަޔޯ. ރޯދަމަސް ނޫން މަހު މިވަރަށް ކައްކާނަމަ........."
"މަސައްކަތެއްނުކުރަން ދެއްކި އުޒުރެއް. އެވަރު އަންހެންކުއްޖެއްގެ ކައިވެނީގެ ވާހަކަ ހަނަފީވެސް އެ ދައްކަނީ. އެގޭ މީހުންނަށް މި ކުއްޖާ ގެ ގެވެހިކަން ހުރިވަރު އެނގިއްޖެއްޔާ ވާނެގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް. އެހެންވެސް ވާނެ. ކުދިން ތަރުބިއްޔަތު ކުރަން ނޭގުނު މަންމައެއް ވީމަ......"
ހަލީމާ އެކަނި އިނދެ ކުދި ކިޔަންފެށިއެވެ. އޭނަ ހުރިހާ މަސައްކަތެއްކޮށް އުނަގަނޑާއި ފައިގާ ރިއްސާއިރުވެސް އަތްގާތްކޮށްލަ ދޭނެ ކުއްޖަކު ނުހުރެއެވެ. އޭނަގެ އަންހެންދަރިންވެސް ބަދިގެއަށް ވަންނަން ބޭނުމެއް ނުވާނެއެވެ. މަދުފަހަރެއްގައި އެކުއްޖަކަށް މީރު އެއްޗެއް ހަދާލައިގެން ވަދެފައި ދާނީއެވެ. އޭނަ މުސްކުޅިވީ ދުވަހުވެސް ދަރިންގެ ޚިދުމަތުގައެވެ. ބައެއް ދަރިންތައް މާލޭގައެވެ. އެހާ ބުރަކޮށް އުޅެގެން ތައުލީމް ހާސިލު ކުރުވީމަވެސް ލިބުނު މީރުކަމެއް ފޮނިކަމެއް ނެތެވެ. ރަމަޟާން މަހަށް ހަނދުބެލިއިރު ވަރަށް ފޯރިއާއެކު ގެއަށް އާ ޓީވީއެއް ގަނެ ތަފާތު ވައްތަރުގެ ކުޅިވަރުތައް ކުޅެން އެއްޗެހި ހަމަކުރިއެވެ. ރާޒުވާ މޮނޮޕޮލީ ކެރަމްބޯޑު ފަދަ އެއްޗެއްސަކީ ރޯދަމަހުގެ މުނިފޫހިފިލުވުމުގެ ބައިވެރިޔާއެވެ. ރޭގަނޑު ހޭލާ ތިބެފައި ދުވާލު ހަތަރުދަމު ބުޅާހެން ދެފައި ދަމަދަމާފައި ނިދާނީއެވެ. އަސްތަޣުފިރުﷲއެވެ. ދީނީ ކަންތައްތަކަށް ހޭލުންތެރިކަން އިތުރުކުރަން އެއްބަޔަކު ގުރުބާންވާއިރުވެސް ދީނުގެ ކަންތައް ފަނޑުވެ ނިމިގެން ދަނީބާވައެވެ.
***
އަޒާލިއާމެންގޭގައި އުޅޭ ޚާދިމާ ދީބާގެ އިންތިޒާރުގައި ކަޒްޔާ ހުންނަތާ ކޮން އިރެއް ހެއްޔެވެ؟ އެންމެފަހުން ދީބާ އައުމާއެކު ޝުކުރު އަދާކޮށްފައި ކޮތަޅު ހިފައިގެން ގޮސް ހުޅުވާލައިފިއެވެ. ސާމާނުތައް ގިނަކަމުން ކަޒްޔާގެ ލޯވިދައިލިއެވެ. ފޮނި ތަކެއްޗާއި ކުޅި އެއްޗެއްސާއި ސަޓަންޏެވެ. ޖޫހެވެ.
"ތަބާރަކަﷲ. ދީބާ. މަޑުކުރަނީނު މަ މި ސުންބުލި ހުސްކޮށްފައި ދެނީ....." ކަޒްޔާ ޚާދިމާއަށް ގޮވައިލިއެވެ.
"މަ ވަރަށް ބޮޑު ބިޒީ ވައްތަރު ހުންނަނީ..." ދީބާ ބުނެލިއެވެ.
"މަ އިނގިލި ބޮޑު ކަޓް ވައްތަރު ހުންނަނީ ވީމަ ނުދޮވެނީނު.." ކަޒްޔާ އިނގިލި ހިއްލާލިއެވެ.
"ހަލީމާއްތަމެނަށް ނުދީ ކައިފިކަން އެނގިއްޖެއްޔާ އުލު ބައިންދާނެ." ހިތާއިދެކޮޅަށް ހަލީމައްތަ ގާތު ތަށިބަރިތަކެއް ލިބުނު ވާހަކަ ބުނަން ނިންމިއެވެ. އޭނައަށް މި ހުރިޙާ އެއްޗެހި ހިފައިގެނެއް ނުދެވޭނެއެވެ. ހަލީމާއްތަގެ ސޯފިޔާމެން އޭނައަށްވުރެ ހަށިގަނޑުން އެންމެ ތަންފުކެއްވެސް ކުޑައެއް ނުވާނެއެވެ. ކޮންމެވެސް ވަރަކަށް ކާކޮޓަރީގައި ފަހުން ކާން ބަހައްޓާފައި އެތިކޮޅެއް ގެންދާނީއެވެ.
އިފްތާރުގަޑިއަކީ ބައެއްގޭގެ އެންމެ ފޯރިގަދަ ވަގުތެވެ. ހަލީމާއްތަގެ ކާކޮޓަރި ތެރޭ ނިކަން ފޯރިގަދައެވެ. އެކަކަށްވުރެ އަނެކަކަށް ލިބުނު ބޯކިބާކޮޅު ނޫނީ ޕިއްޒާ ކުޑަވެގެންނެވެ. ދެ ވައްތަރުގެ ޖޫސް ހަދާފައި މާ އަވަހަށް ފޭރު ޖޫސް ހުސްވީއެވެ. ސޯފިއާ ހަމްދު ނުވެގެން ހަޅޭއްލަވާ އަޑު ވަކިން ގަދައެވެ. އެންމެނަށްވުރެ ކުރިން ބޮޑުތަށްޓެއްގެ ފުރެންދެން އޭނައަށް ބޭނުންވާ ސާމާނު އަޅައިގެން އެތަނުން ނުކުމެ ޖައްސައިލީ ޖޯލީގައެވެ.ހަނަފީ ރޯދަ ވީއްލަން މިސްކިތަށް ދާކަން ނަސީބެކޭ ހަލީމާއްތަ ބުނެލި އަޑުއިވުނެވެ. އެހެންނޫންނަމަ މި ސަކަރާތާއިހެދި ލަދުން ބޯ ފަޅައިގެންދާނެއެވެ.
***
ކަޒްޔާ ސީލިންމަތީ އޮތް ހޯނާއި ވާހަކަދައްކަން ދެފައި ސޯފާގެ އަތްގަނޑުމައްޗަށް ލައިގެން އޮތެވެ.
"ނޯހް އަށް އެނގޭތަ؟ އަހަރެން އެހެން ގެއަކަށް ދަނީއޭ. އަހަންނާއެކު ނޯހް ނުގޮއްސިއްޔާ ކިހާ އެކަނިވެރިވާނެ. އެހެން މީހަކު ހަދާން ނުވިޔަސް މަގޭ މަތިން ހަދާންވާނެއްނު...ނޫންތަ؟ " އެ ހިސާބަށް ބުނެވޭއިރަށް ހޯނުގެ ފައި ކައްސާލައިގެން ގޮސް ތަޅުންމަތީ ޖެހުނެވެ. އިރުކޮޅަކުން ކަޒްޔާއަށް ބަލައިލެވުނުއިރު އެސޮރުގެ ނިގުލެއް ނެތެވެ. ތަޅުންމައްޗަށް ނަޒަރު ހުއްޓައިލިއިރު ނިގޫގަނޑު ތެޅެނީއެވެ. ބިރުންގޮސް ވަގުތުން ގުޅައިލީ އަޒާލިއާއަށެވެ.
"ލޫލޫ. ނޯހްގެ ޓެއިލް ބްރޯކެން. ކިހިނެއް ފިކްސްކުރާނީ؟ "
"ކޮން ނޯހްއެއްތަ؟"
"ލޫލޫ. އަހަރެންގެ ސީލިންގައި މިއުޅޭ ވަކި ޖިންސެއްވެސް ނޭގޭ ބިޓަށް ނަމެއް ދީފިން. ނޯހް. އަސްލު ނޫހުގެ ނަން ކިޔަން ވީމަ އިނގިރޭސި ކުރަން ނޯހްއޭ އެބަ ކިޔާ. ފުރަތަމަ އެ ނަން އިވުނީ ހަލީމާއްތަ ކައިރިން. ނޫހުއެއްގެ ދަރިއަކާ ޔޯ އަހަރެން އިންނަނީ. އެ ނަން ހޯނު އަނެއްކޮޅުން އަޅާއިރު އެބަ ކިޔެއެއްނު ދޯ. ނޯހް ގާތު ޓޯލްޑް އައި ލީވިން އޭ. ބުނާއިރަށް ރޯންވެގެން ކަން ނޭގޭ. ލޫލޫއަށް ހީވާނީ ދޮގެއްހެނޭ. ހަމަ ހުވާ ބަލަން އޮތްވާ އެއް އަތް މޫނުގައި އެޅީމަ ބިމަށް ވެއްޓުނީ. ދެލޯ ލާފައި އެކަމަކު ނޯ މޯ ޓެއިލްޑް ޖިކޯވެސް އިމޯޝަނަލްވެގެން ކުޅިވަރެއް އެހެރީ. ލޫލޫ އެކަންޏެއް ނޫނެއްނު މިކަމާއި ހިތާމަކުރަނީ. މި ނޯހް ނުކައި ނުބޮއި މަ އެހެން ބުނީއްސުރެ. އަދި ނަގޫވެސް މަށަށްޓަކާ ގުރުބާންކޮށްލީ...."
"ޖިކޯތަ ނޫނީ ގެކޯތަ..ހުރިހާ ހޯނެއްގެވެސް ދެލޯ ހުރޭ ސޯ ޑިސްކްރައިބްކުރަން ވީމަ އަސްލު އެހެން ހޯނާއި ތަފާތު ތަންކޮޅެއް އޮތިއްޔާ ކިޔަންވާނީ. އެނީވޭސް ކަންބޮޑުނުވޭ ހޯނުގެ ނިގޫ ކެނޑުނަސް އަދި ގްރޯ ވާނެ....." އަޒާލިއާ ހެމުން ބުނެލިއެވެ.
"މޭ ﷲ ގިވް ނޯހް އެ ނިއު ޓެއިލް އާމީން.............އެހެންވެއެއްނު ހަލީމާއްތަ މަށަށް ކޮންމެވެސް ތަނެއް ކެނޑި ހޯނުހެންނޭ ހީވަނީ އެކިޔަނީ....."
" ހެހެހެ........." އަޒާލިއާ ހިނި އައެވެ.
"ނޫހުގެ ދަރިއާއި މެރީ ކުރާތީ މިހާރުއްސުރެ އޭނައާއި ގުޅުވާފައި ޕެޓަށް ނަން ތިދިނީ؟ ޔަޔާއަށް ވުރެ އެކަމާއި އެބަ ވިސްނަން. ކުޑަކުދިންނާއި މެރީކޮށްގެންނުވާނެ. އެހެން ބުނާއިރަށް މިސާލެއްކަމުގައި އަހަރެމެންގެ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ނަންފުޅު ކިޔާކަށް ނުވާނެ ދޯ. އައިޝާ ރަޟިޔައްﷲ އަންހާ ޔަންގްއިރު ޝީ ގޮޓް މެރީޑް. އެކަމަކު ރަސޫލުސައްލަﷲ އަލައިހި ވަސައްލަމް. ހީ ހެޑް މޯރ ދޭން ފޯ ވައިވްސް. އެ ހާލަތު ސްޕެޝަލްވާނެ ތާ....." ކަޒްޔާ ކިޔާދިނެވެ.
"ކުޑަކުދިންގެ ކައިވެންޏާއި އެންމެ ދެކޮޅު ހަދާ އެކަކީ އަހަރެން. މިއުޅެނީ ކެމްޕެއިން އެއްކުރަން. އެއްގޮތަކަށްވެސް ތިކަމާ ގަބޫލެއްނޫން......" އަޒާލިއާ އެ ކަމާ ދެކޮޅުވަރު އޭނަގެ ކޮންމެ ޖުމްލައަކުން އެނގެއެވެ.
ދަރިފުޅު އެކަނި އޮވެ ވާހަކަދައްކަނީ ކަމަށް ހީކޮށް ހަނަފީއަށް ސިހުމެއް ލިބުނެވެ. ކަޒްޔާ ނަފްސާނީގޮތުން އެހާ ބަލިކަށި ކުއްޖެއްކަމެއް ކުރިއަކުން ނުދެނެހުއްޓެވެ. ހިތުގައި ކުޑަ ބިރުވެރިކަމެއް ހިނގައިލިއެވެ. ހެޑްސެޓް ކަންފަތުގައި އަޅައިގެން އޮތުމުން ހަނަފީ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނަ ސަލާމްގޮވާލަފައި އިށީދެލީ އޭނަގެ "ޕްރިންސެސް" ގާތުގައެވެ. މިހާ އަގުހުރި ނިއުމަތެއް ހެއްދެވި ފަރާތުން ދެއްވިކަމެއް ނޭގެއެވެ. އޭނަގެ ދަރިފުޅަކީ އޭނަގެ މުޅި ދުނިޔެއެވެ. ފުރާނައެވެ. ހަނަފީ ބުނީ އެކަނި އައިސް މިގޭގައި އޮންނަން ނުވާނެކަމުގައެވެ. ހަނަފީ ފެނުމުން ކަޒްޔާގެ މޫނުވެސް އުޖާލާވިއެވެ.
"ބައްޕާ. އަޒާލިއާ ވަރަށް ހާސްވެގެން އުޅެނީ ޔާޔާ މެރީ ކުރާތީ..."
"ޔާޔާ. ބައްޕަ އެބައޮތް ތިކަމާއި ގުޅޭ ވާހަކައެއް ބުނަންވެފައި. ކާފައަށް ޖެހުނު ބައްޔަކީ ކެންސަރު.."
"އޯ......ކާފަ މަރުވާނީތަ؟ " ކުއްލިއަކަށް ކަޒްޔާއަށް ތެދުވެވި އިށީދެވިއްޖެއެވެ. ވަގުތުން ހަތަރެސްފައި ފިނިވެއްޖެއެވެ.
"އެހެނެއްނުވާނެ އިންޝާﷲ. ދުޢާކުރީމަ ﷲ ޝިފާދެއްވާނެ. އެކަމަކު ކެންސަރު ފަރުވާއަށް ކާފައާއި މާމަގޮވައިގެން ގޮސް އެކޮޅުގައި ދުވަސްތަކެއް ވާނެތީ ބައްޕަގެ އެކުވެރި ޝޭޚަކާއި ވާހަކަދެއްކީ. އޭނަގެ ގާތުގައި ދަރިފުޅު ބަހައްޓަން ނިންމީ އިތުބާރުކުރާތީ. ހަލީމާއްތަ ގެ ގޭގައި ފިރިހެންކުދިންތައް އުޅޭތީއާއެކު އެކުވެރިން ގެއަށް ގެނައުން ބައްޕައަށް ކަމަކުނުދޭ. ހާޝިމްބެ އެހާ އަޅާލަނީއެއްނޫން. ބައްޕަގެ އެކުވެރިޔާ އެބުނީ ތެދެއް. މި ސިޗުއޭޝަނުގައި އެހެން އެއްވެސް ގޮތެއް ނެތް. އެކަމަކު ޔާޔާއަށް އެނގޭތަ؟ ތި އުމުރުގެ ކުއްޖަކު ކައިވެނިކުރުން ރާއްޖޭގެ ގާނޫނު ތަނެއްނުދޭ. މިކަން ސިއްރުކުރަން އެބަޖެހޭ.ހަމައެކަނި ދެ އާއިލާ މަދު މީހަކަށް އެނގޭނީ. ދަރިފުޅު ކީއްވެ އެކުވެރިޔާ ގާތު ބުނީ؟ " ހަނަފީ ކަންބޮޑުވިއެވެ.
"ބައްޕާ. އަމިއްލަ ނަފުސަށްވުރެ އޭނައަށް ޓްރަސްޓް ވޭ.. އެއީ ހަމަ އެންޖެލްއެއް..."
"އެހެން ބުނާކަށް ނުވާނެ. އިންސާނުންނަށް މަލާއިކަތަކަށް ނުވެވޭނެ. އެއީ ﷲ ނޫރުން ހައްދަވާފައިވާ ބަޔެއް. ޔާޔާ. ބައްޕައަށް ޕްރޮމިސްކޮށްދީ. އެހެން އެއްވެސް މީހަކަށް އެނގިގެން ނުވާނެކަމަށް...." ހަނަފީ ދަރިފުޅުގެ އަތުގައި ހފެހެއްޓިއެވެ.
"އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ "
"ބައްޕަވެސް ޖަލަށް ލައިފާނެ....."
"އޯ......" ކަޒްޔާ ތުންފިތައިލިއެވެ.
"ނޫނީ ދަރިފުޅު މަންމަ ގާތަށް ދާނީތަ؟ ބޭބެވެސް އެކޮޅުގައި އުޅޭނެއްނު......" ހަނަފީ ދެ ފިކުރެއްގައި އިނދެފައި އެންމެފަހުން މައުސޫމް ދަރިފުޅަށްޓަކާ އެގޮތްވެސް ޚިޔާރުކުރަން އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.
"ނޫން ނޫން...." ކަޒްޔާ އަވަސްއަވަހަށް ބުނެލިއެވެ.
ހަލީމާއްތަގެ އަށް ވަދެފައި އޭނަ އެންމެ ކުރިން ވަދެލީ ކާފައާއި މާމަގެ ކޮޓަރިއަށެވެ. ކާފަ ކެންސަރު ޖެހިފައިވާކަން އެނގުމުން އަމިއްލަ ނަފުސް ކުށްވެރި ކުރެވި ރޮވުނެވެ. އޭނަ އަތަށް ތަދުވެގެން ނޫނީ ކެނޑިގެންކަމަށް ހެދި ކާފަމެންނަށް އަޅާލުމުން ރެކިގަނެވުނީތީ ހިތާމަކުރިއެވެ. ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަމާއި ލޯބިވާ މީހުންނަށްޓަކާވެސް ވަގުތު މަޑުނުވާނެކަން އެނގުނެވެ. ކާފަގެ ފައިގާ މޮޑެދޭން އަތްވާޅުވެ ތާއްޔާ ޖެހުނުއިރުވެސް އޭނަ އިނީ ހިތާމަކުރާ ހާލުގައެވެ. ކާފަމެން ފުރަން ބާކީ އޮތް ހަފްތާގައި އޭނައަށް ވެވުނުވަރަކުން ޚިދުމަތްކޮށްދޭނީއެވެ. ނޫނީ ގިޔާމަތާއި ހަމަޔަށް އޭނަ އަމިއްލަ ނަފުސަށް މާފެއް ނުކުރާނެއެވެ. ދޭތެރެއަކުުން ބައްޕަ ދެއްކި ވާހަކަތައްވެސް އޭނަގެ ސިކުނޑިއަށް ގޯނާކުރުވިއެވެ. ބައްޕަ އޭނަ ކައިވެނި ކުރުވަނީ އެކުވެރިއެއްގެ ދަރިއަކާއެވެ. އެވެސް ބައްޕަ ކަޒްޔާއަށް ހިމާޔަތްދޭން ވެގެންނެވެ. އެހާ އިތުބާރު ކުރެވުނީ ކިހިނެއްހެއްޔެވެ؟ އެވެސް މުސްކުޅިއަކާއެވެ. ފަންސަވީސް އަހަރު އޭނައާއި ބަލާއިރު މުސްކުޅިއެއް ތާއެވެ.
***
ކްލާސް ނިމުމުން އަޒާލިއާއާއި ކަޒްޔާ ދަބަސް ކޮނޑުގައި އަޅުވައިގެން ގޭޓުން ނުކުތެވެ. ސްކޫލް ޔުނިފޯމްގައި އަދި ދެކުދިން ފެންނަލެއް ވަކިން މައުސޫމެވެ. ބޯމަތިން ނަގަމުން އަންނަ ރާޅުގެ ބޮޑުކަމެއް އެކުދިންނަށް ރޭކާ ނުލައެވެ. ކަޒްޔާގެ ޚިޔާލަށް އަންނަނީ އެހެން ދުވަހު ޖޫސްޕެޓީ ބޮމުން ޗުއިންގަމް ހަފަމުން ސުޕާރީވެސް ކާ ހަދާނެވެ.
"ކޮބާ މެރިޖް ކަންތައް ކިހިނެއް؟ " އަޒާލިއާ ކުއްލިއަކަށް ހަދާންވިއެވެ. ކަޒްޔާ ގާކޮޅެއްގައި ފައިން ޖަހާ ވިއްސައިލިއެވެ. އެހެން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގާ ނުޖެހުނީ ކިރިޔާއެވެ. އެމީހާ ލޯ އަޅައިލުމުން އަޒާލިއާ މާފަށް އެދުނެވެ. އަދި ކަޒްޔާއަށް އެފަދަ ކަންތައްނުކުރަން ހަދާންކޮށްދިނެވެ.
"ކަމިން ވީކްގައި މަގޭ ކައިވެނީގެ ވަލީމާ. ހަލީމާއްތަ ހެދުން ފައްސަން އެބައުޅޭ. ހުދުކުލައިގެ ވެޑިން ޑްރެސްއެކޯ........"
"ޔޫ އާ ސޯ ކޫލް. މަ ނަމަ ރޮއި ރޮއި ހަލާކުވާނެ...." އަޒާލިއާ ހަމްދަރުދީވިއެވެ.
"ލޫލޫ މަގޭ ވާން އުޅޭ ފިރިމަނިކުފަނަށް ހަމްދަރުދީ ވިއްޔާ މަ ރަގަޅު. އަހަރެން އޭނަގެ ދުނިޔެ އެފުށް މިފުށަށް ޖަހާލަނަން...." ކަޒްޔާ އަތުން ކަރުގައި އިނގިލި ހިންގައިލިއިރު ކަތިލުމުގެ ނިޝާން ރަމްޒުކޮށްދިނެވެ. އަޒާލިއާވެސް ސިހުނެވެ. އެފަދަ ނުސިޔާނު އާދަތައް ކަޒްޔާ ދަސްކުރި ތަނެއްވެސް ނޭގެއެވެ. " ލޫލޫ. އަހަންނަށް ބައްޕަ ބުނާގޮތަށް ހަދަން މަޖުބޫރު. ކާފަ ކެންސަރު ޖެހިގެން ބައްޕަ ކާފަމެން ގޮވައިގެން ބެންގަލޫރަށް ފުރަނީ. އެކޮޅުގައި މަސްތަކެއް ވެދާނެއޭ. އިތުރު ޗޮއިސްއެއްނެތް. އެކަމަކު މެރިޖަށްފަހު ވެސް ސިއްރުކޮށްގެން އުޅެން ޖެހެނީ. ކްލާހަށްވެސް އާދެވޭނެޔޯ. އިތުރު މީހަކަށް އެނގިގެނެއް ނުވާނެޔޯ. ހަމައެކަނި އެހެން ގެއަކަށް މޫވްކުރިކަން މީހުންނަށް އެގެންޖެހެނީ. ސޯ ލައިފް ޗޭންޖެއްނުވާނެ. ހަމަ އެކަނި އެހެން ގެއެއްގައި ދިރިއުޅޭނެކަން އެކަނި. އެ ފިރިހެނާވެސް ކިޔަވަން ފުރާނެޔޯ. ސޯ އެ ފެމިލީ ގާތު ހަމަ އުޅޭނީ. ހަލީމައްތަ ބުނިގޮތުން ސޯފީ މެންނަށްވެސް ނެގޭނެ. ސިއްރުން މިސްކިތުގައި ކައިވެނި ކުރުވާފައި އަހަރެން ފިރިމަނިކުފާނުގެ ގެއަށް ފުރުވާލާފައި ބައްޕަމެން ނައްޓައިލަނީ. މިކަންތައް ބޭޒާރު ވެއްޖެއްޔާ އެކަނި ފިރިސޮރެއްނޫން ބައްޕަމެންވެސް ޖަލަށް ލާނެ. ޖެންޑާއިން ވަރަށް މައްސަލަ ޖައްސާނެޔޯ. ކުޑަކުއްޖަކަށް އެބިއުޒް ކުރި ކަމަށޯ ވާނީ..."
"ޕުއާ ޔާޔާ."
"އެހާ ޕުއާއެއް ނޫނެއްނު. މުއްސަންޖަކާ އިންނަން މިއުޅެނީ..." ކަޒްޔާ ބުނެލިއެވެ.
އަޒާލިއާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ފަގީރު ގައުމުތަކުގައި އުމުރުން ދިހަ އަހަރުވާ އަންހެންކުދިން މުސްކުޅިންނާއި ކައިވެނިކުރުވާފައި މައިންބަފައިން ފޮނުވައެވެ. ގިނަފަހަރު ނިކަމެތި ހާލަތުން އަރައިނުގަނެވިގެންނެވެ. ރާއްޖޭގައި އަދި އެހާލަތަށް ނުދޭނޫންހެއްޔެވެ؟ ކަޒްޔާއަށްޓަކާ ހަމަ އެހެން ގޮތެއް ނޯންނާނެ ހެއްޔެވެ؟ އޭނަ މައިންބަފައިންނާއި ވާހަކަދައްކާނީއެވެ. ކަޒްޔާގެ ބައްޕަ އެނބުރި ދުރުވަންދެން އޭނަގެ ގާތުގައި ރައްކާތެރިކަމާއެކު ކަޒްޔާއަށް ހުރެވިދާނެއެވެ.
"ޚިޔާލެއް އެބައޮތް..." އަޒާލިއާ ކަޒްޔާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ."އަހަރެމެން ގެއަށް މޫވް ކުރޭ.."
"ޔޭ....އަހަރެން މިހިރީ ތިހެން ނުބުނެގެން. ލޫލޫ މަންމަ ގާތު ބުނޭ. ބައްޕަވެސް ތި ފެމިލީއަށް ޓްރަސްޓްކުރާނެ............. " ކަޒްޔާ އަޒާލިއާގެ ކަރުގައި ބައްދައިގަތީނުން ނޭވާ ހާސްވެގެން މަރުނުވީ ކިރިޔާއެވެ. އަޒާލިއާ ފާޑަކަށް އަޑެއް ލެއްވުމުން ކަޒްޔާ ދޫކޮށްލިއިރު އެކުއްޖާގެ މޫނު ކަފަކޮޅެއްހާ ހުދެވެ. ކުޑަޔަސް އަޑާއި އެއްވަރުގެ ބާރެއް ދެއްވާފައިވާ ކުއްޖެކެވެ.
"ކުޑަޔަސް ހަމަ ސުޕަމޭން ދޯ.."
" ޕީޕަލްސް ތިންކް ޝޯޓްވީމަ އުމުރު ކުޑައީއޭ. ދިގުވާންވެގެން ސްކިޕް އެބަކުރަން. ތަންތާ އެލިގަނެގެން އޮންނަން. ސްޓްރެޗް ހަދަން...އައި ވިޝް އައި އޭމް އޭޒް ލޯންގް އޭޒް ޔޫ. މައި ސްވީޓް ޕްރެޓީ ކިއުޓް ލޯންގް ލޯންގް އަޒާލިއާ..........................." ކަޒްޔާ އިނގިރޭސިން ބުނެލިއެވެ.
އަޒާލިއާ ލޯ ބޮޑުކޮށްލިއެވެ. ބައެއްފަހަރު ހިނިގަނޑު ފަޅައިގެން ނުގޮސް ހުންނަނީ ހަމަ ކިރިޔައެވެ. ކަޒްޔާ އިނގިރޭސި ބަސްރަގަޅުކުރަން އޭނަވަނީ ވާހަކަފޮތްކޮޅެއް ދީފައެވެ. ރަގަޅަށްވިއްޔާ ހިރަފުސް އަރުވަން ކޮންމެވެސް ތަނެއްގައި ހުންނާނެއެވެ. ކަޒްޔާ ގަސްތުގައި ވާހަކަ ދައްކަނިކަމެއް ނުނީ އަދަބިއްޔާތަށް ދަށީކަމެއްވެސް ނޭގެއެވެ. އެނގެނީ މިފަހަށް އައިސް ކަޒްޔާ ދިވެހި ބަހާއި އިނގިރޭސިބަސް މަސްހުނިކޮށްގެން ވާހަކަ ދައްކާކަމެވެ.
"ނޮޓް ލޯންގް ސިލީ. ޓޯލް އޭ ބުނަން ޖެހޭނީ...." އަޒާލިއާ ކަޒްޔާއަށް އިނގިރޭސިބަހުން ޓޯލް އަދި ލޯންގް ގެންނަން ޖެހޭ ގޮތްތައް ބުނެދިނެވެ. އިނގިރޭސި ވާހަކަތައް ގިނައިން ކިޔައިގެން ބަހުގެ ގަވާއިދުތައް އެނގެން ފަސޭހަވާނެކަމުގައި އަޒާލިއާ ބުނެލިއެވެ.
"ޖޫސްބަމްޕްސްގެ ސެޑް ޗީޒް އެންޑް ޑައިގެ ފުރަތަމަ ޕޭޖް ކިޔަން ފަށައިފިން..."ބޮޑު ލަނޑުދަޑިއެއް ހާސިލުކުރެވުމުން ފެންނަފަދަ ހިތްހަމަޖެހުމެއް އެމޫނުން ފެނުނެވެ.
"ގޫޒް ބަމްޕްސް....ބިރުވެރިވާނެ އިނގޭ...."
ހަގީގަތުގައި ކަޒްޔާ ކިޔަވަން ޝައުގެއް ނުހުރެއެވެ. އިނގިރޭސި އަދި ދިވެހިބަސް ލިޔެފައި ހުންނަތަން ފެނުނު މީހަކުވެސް ބޮލަށް އުދަގޫވާނެއެވެ. ފާސްވަނީ ކިރިޔަކިރިޔާއެވެ. ކިޔަވަން ފޮތެއް ހުޅުވައިލިޔަސް އޭނަގެ ބޮލުގައި ރިއްސައިގަނެއެވެ. އޭނަގެ ހުރީ ކޮން ހުނަރެއްކަން ހޯދާކަށް ކޮންމެހެން މުދައްރިސުންނެއް ނޫޅެއެވެ. ކްލާސްކުދިންގެ ބުލީ ކުރާ އަމާޒުފަތްގަނޑެއްގެ ގޮތުގައި ދާދި ފަހަކާއި ޖެހެންދެން އިންދާ އަޒާލިއާއާއި އެކުވެރިވެވުނު ފަހުން ކޮންމެވެސް ވަރަކަށް ކުދިންގެ އަނގަ ބަންދުވިއެވެ. ސަބަބަކަށްވީ އަޒާލިއާގެ އަޚުލާގާއި ރީތި އުޅުން އަދި ލޯބިކަމުން އެހެން ކުދިންނަށް ކުރި އަސަރެވެ. އޭނަގެ އެކުވެރިއަކަށްވެ ދިފާއުކުރަން ހުރީ އަޒާލިއާއަށް ވީކަމެވެ.
***
އޫދު އަދި މަސްކް އަތަރުގެ މީރުވަސް މުޅި ސިޓިން ރޫމްގައި ހިފާލަފައިވިއެވެ. އޭސީގެ ފިނި މަޑުކޮށްފައި އޮތުމުން އަރާމު ފިންޏެއް ހިފާފައެވެ. ކާފައާއި މާމަ ސަރަންފީ ގޮނޑީގައި އިށީދެލައިގެން ތިބިއިރު ޝާހީގޮތެއް ހުއްޓެވެ. ނުރަ އިސްތަށިގަނޑާއެކު ރޫޖެހިފައިވާ ދޮންމޫނާއި ކުލަ ކެނޑިފައިވާ ދެލޮލާއެކުވެސް ކާފަގެ މޫނުމަތިން ނޫރާނީކަމެއް ފައުޅުވެއެވެ. އަތުގައި ތަސްބީހައެކެވެ. މާމަ ބޮލާއެކު ދޯޕައްޓާ އޮޅާލައިގެން އިންއިރު އަދިވެސް އާފަލެއްހާ ވަށް މޫނަކާއި "ޗަބީ"ކަމެއް ހަށިގަނޑުގައިވިއެވެ. މާމަ ލޯ ބޮޑު އައިނެއް އަޅައިގެން އިންއިރު ކުރިމަތީގައި ހުރި މޭޒުމަތީގައި ހުރި ފޮތްގޮނޑީގައި ފޮންޓް ބޮޑު ޚަތިމެއް ހުޅުވާލާފައެވެ. އަޒާލިއާގެ މަންމަ މާހިރާއާއި ބޮޑުދައިތަ ހީނާ ކުރިމަތީގައި ހުރި ސޯފާގައެވެ. އަޒާލިއާ ނުކުތްއިރު ކާފަ ކޮންމެވެސް ކަމަކާއި ނިކަން ރުޅިގަދަވެފައެވެ.
"އަހަރެންގެ އަނގައިގާ މިހިރަ ދުފާ އެއްޗެހި ޒައްގޫމެކޭ އެއްވަރު އަހަރެން މިބުނަނީ ދޮގަކަށް ވަންޏާ....."
"ކާފާ ހާދަ ރުޅިދުރުވެފައި..ކިހިނެއްވީތޯ؟"އަޒާލިއާ ގަޑިއަށް ބަލައިލިއެވެ. އޭރު ދިހައެއް ޖަހަނީއެވެ. "ކާފައާއި މާމައާއި ދެކުދިންގެ ބެޑްޓައިމް...."
"ބޭބެ ދީން ނުކިޔަވާ އެހެން ކަމެއްގައި ކުރިއަށް ދާތީ. މަދީނާ ޔުނިވަރސިޓީއިން ޖާގަ ލިބުނީމަވެސް އެއްބަސްނުވެގެން. ބައްޕަ ބުނުއްވީ އެކުއްޖަކު ބޭނުންގޮތަކަށް އުޅެން ހުއްދަ އޮންނަންވާނެއޭ. އެކަމާ ކާފަ ދެރަވެފައި. އެންމެ ފިރިހެންކުއްޖެއް ދެއްވީމަ ލިބުނު ނިއުމަތަކަށްވި އެކަމަކު ދެން.. ސުބުނާﷲ އެކުއްޖާގެ ޚިޔާލު ބަދަލުކޮށެއްނުލެވުނު. މާތް ﷲ ރަހުމަތް ލައްވާށި. އެންމެ ދެރަވަނީ އަދި އެކުއްޖާ......." މަންމަ މާހިރާ ބޯ ހޫރައިލާފައި ބުނަން އުޅުނު ޖުމްލަ ދިރުވައިލިއެވެ.
އަޒާލިއާ އޭނަގެ ކާފައާއި މާމައާއި ވާހަކަދައްކަން އިރުކޮޅަކު އިނެވެ. އަދި އެދެމީހުންގެ އަތުލަފިކޮށްގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކާފަމެންނަށް ކޮލެސްޓްރޯލް ބޭސްގުޅަ ކާންދިނެވެ. ނިދާގަޑީގައި ބޭސްތައް ނަގާދީފައި ކޮޓަރިއަށް ފެން ގެންގޮސްދީ އަދި އޭސީގެ ފިނި މަޑުކޮށް ރަޖާ އަޅާދީ ނިދެންދެން ގުރުއާން ކިޔަވައިދޭން ނޫނީ ސިޔަރަތު ނުވަތަ އިސްލާމީ ތާރީޚުގެ ވާހަކައެއް ކިޔާދޭން އިނުމަކީ އަޒާލިއާގެ އާދައެކެވެ. ބައެއްރޭ ކާފަމެން ކިޔައިދޭ ޖިންނި ވާހަކަތަކާއި ކުރީ ޒަމާނުގެ ވާހަކަތައް ތަކުރާރުކޮށް ކިޔުއްވައެވެ. އަޒާލިއާ އަޑުއަހާ ފޫހިވުމެއް ނެތް ވާހަކަތަކެވެ. ކާފަ ޅެމާއި އަންބާވެސް ކިޔާނެއެވެ. އެދެމަފިރިން އެކީ އުޅޭތާ ހަތްދިހަ އަހަރުވެފައިވެއެވެ. އަދިވެސް އުޅެނީ ނިކަން ލޯބިންނެވެ. އެކީ ކައި ބޮއިގެން އަތުގައި ހިފާލައިގެން ވާހަކަދައްކައިލަން ތިބެނީ ނިކަން ހިނިތުންވެފައެވެ. އަޒާލިއާގެ ކޮޓަރީގައި ޖަހަފައި ހުރި ގުރުއާންގެ އަޑު މުޅި ގޭތެރޭގައި ކޮންމެވެސް ވަރަކަށް އިވި އިވި ހުއްޓެވެ.
އަޒާލިއާ ބޭރަށް ނުކުތްއިރު މަންމައާއި ބޮޑުދައިތަ ކޮފީއެއްގައި ތިއްބެވެ. ރޭއަޅުކަމަށް ހޭލާ ތިބުމަށް ކަޅުކޮފީއިން އެހީތެރިވެދެއެވެ.
"އަޅުގަނޑުގެ ރިކުއެސްޓެއް އެބައޮތް. އެކުވެރިކުއްޖަކު ދުވަސްކޮޅަކަށް އަޅުގަނޑު ކޮޓަރީގައި ބެހެއްޓިޔަސް އޯކޭތޯ؟ "
"ކޮން ކުއްޖެއް؟ " ސުވާލު ކުރީ ހީނާއެވެ.
"ކަޒްޔާ..."
"އަސްތަޣުފިރުﷲ. އެއީ ނުލަފާކަމެއް ދެއްވާފައި ހުރިކުއްޖެއް. އެކުއްޖާގެ މައިންބަފައިން ވަކިވީވެސް އެ ކަޒްޔާ ދޮގުހަދައިގެން. މަންމަ އެހެން ފިރިހެނަކާއި ރައްޓެއްސޭ ކިޔާ ކުޓުވައިގެންނޯ. އެފަހުން ހަނަފީ ކައިވެނި ކުރި ތިން އަންހެނުންނަށްވެސް އެކުއްޖާގެ ދުއްތުރާއާއިހެދި އެގޭގައި ތިބެވުނުކަމަކަށް ނުވޭ. ދޮގުހެދުމުގެ އެއްވަނަ. އޭނަގޮސް މީހެއްގެ ކައިރީ ބުނެފިޔޭ އެގޭ ދަރިފުޅު އެކްސިޑެންޓެއްވެގެން އެބައުޅެޔޯ އެމީހާ ހިތް ނުހުއްޓުނީ ކިރިޔާ. ކޮއްކޮއަށް އެނގޭތަ؟ އެކުވެރިން ހޯދާއިރުވެސް ރަގަޅު އެކުވެރިން ހޯދަން އޮތުމުގައި ހިކުމަތެއްވޭ. އެހެންނޫނަސް މިއީ ޔަތީމު ޚާނާއެއްވެސް ނޫން. އަހަރެމެންނަށް ބަލަދު އަރާފައި ހުރި ދަރިއެއްވެސް ނޫން. އޭނަގެ ފަރާތު މީހުން އޭނަ ބަލާނެއްނު. ރަގަޅަށްވިއްޔާ އެ ދަރި ނުބެލިގެން އެއުޅެނީ. މީހުންނަށް އެހާ ދުއްތުރާކުރަންޏާ އެހީތެރިވާނެ މީހެއްވެސް ނުވާނެ...." ހަމްޒާ ޚާންގެ ކޮއްކޮ ހީނާގެ މޫނުމަތި ކޮންމެވެސް ވަރަކަށް ބަނަވެލިއެވެ.
އަޒާލިއާ ހިމޭންވިއެވެ.
ހީނާގެ ނުފޫޒު އެގޭގައި ނިކަން ގަދަވާނެއެވެ. މަންމަ އެއާއިލާގެ ޅީ ދަރިއަށް ވުމާއެކުގައިވެސް މަންމައަށް ނޯންނަ ބާރު ބޮޑުދައިތަ ހީނާގެ އޮވެއެވެ. ތަޅުދަނޑި ފަތިވެސް އޮންނަނީ އޭނަގެ އަތުގައެވެ. މަންމަވެސް ހީނާދެކެ އިންތިހާއަށް ބިރުގަނެއެވެ. އޭނަ ނިންމައިފިއްޔާ އެކަމެއް ބަދަލުކުރުމަކީ މާހިރާއަށް ކުޅަދާނަކަމެއް ނޫނެވެ. ހީނާގެ ނިންމުމަކީ ފަހުގެ ނިންމުމެވެ. ހީނާގެ އަންހެން ދަރިންތައްވެސް ކައިވެނިކޮށްގެން ފިރިމީހާ ނިޔާވުމުން އޭނަ މަންމަމެންގެ ޚިދުމަތުގައި ހުންނަން ފެށީއެވެ. ހީނާގެ ފިރިހެން ދަރިފުޅު ޒޭވިއާ އާއި އަޒާލިއާގެ ކައިވެންޏަކީ އޭނަގެ ހުވަފެނެކެވެ. ނަމަވެސް އަޒާލިއާގެ އުމުރުގެ ހަގުކަމާއިހުރެ އެކަން ނުވެގެން ހީނާގެ ބޭބެގެ ޝަކުވާކުރުމުގެ ހައްދެއް ނެތެވެ. ޅައިރުގައި ކައިވެނި ކުރުވިޔަސް މައްސަލައަކަށް ވާނެގޮތެއް އޭނައަކަށް ނުފެނެއެވެ. ޒޭވިއާ ރަށަށް އަންނަން އުޅޭ ކަން އެނގުނީއްސުރެން ހީނާގެ ހިތުގައި ޚިޔާލީ ފޮލާ ކެއްކުން އިތުރުވެއްޖެއެވެ.
"ސޮރީ ލޫލޫ ޑާލިންގް. ހިލޭ ފިރިހެނުން ތެރޭ އަންހެންކުއްޖެއް ނުގެންގުޅެވޭނެ. ޒޭވިއާވެސް އަންނަން އެބައުޅޭ......." ހީނާ ޚާން ހިނިތުންވާން ނުދަންނަފަދައެވެ. މޫނުގައި ރުލެއް ޖެހިދާނެތީ ވިކްޓޯރިއާ ބެކަމް ގާތުން ފިލާވަޅުނަގަނީ ކަންނޭގެއެވެ.
ނުނިމޭ