"ދިރިއުޅުމުގެ ކޮންމެ މައްސަލައަކަށް ގުރުއާނުގައި އާޔަތެއް ވެއެވެ.ހައްލަކީ މާތްﷲ ގެ ކަލާމްފުޅެވެ."

***

ސްނޯތެރެއަށް ގެނބިފައިވާ ގެ ހަނދުވަރުގެ ތޫނު އަލީގައި ވެސް ފެންނަނީ ނިކަން ޝާހީކޮށެވެ. އާސާރީ ގޭގެ ވަރުގަދަ ގޭޓާއި ތަނބުތައް ބައްތިތަކުގެ ރަން އަލީގައި ސްނޯއިން ފޮރުވިފައިވާ ސްކަލްޕްޗާތައް ފަދައެވެ. ޒޭވިއާ ގެއަށް އައިއިރު ހަވީރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ސްނޯއިން ބަރާވެފައިވާ ކޯޓުން ސްނޯ ފޮޅައިލުމަށްފަހު ހަރުގައި އަޅުވާލައިފިއެވެ. ދާލިއާ ފާޚާނާގައި ހުރިކަން ޔަގީންވެފައި ޒޭވިއާ ދިޔައީ ކޮފީއެއް ތައްޔާރުކޮށްލުމަށެވެ. އާވިއަރަ އަރާހުރި ކޮފީޖަގު ހިފައިގެން ކޮޓަރިއަށް އައިއިރު ފެނުނު މަންޒަރަކުން ހިތް ތެޅިލިއެވެ.

"ބޭބީ....ކީއް ތިކުރަނީ؟"

"ޖެކެޓް ދޮންނަން މި ނެގީ......" ދާލިއާ އަވަސްއަވަހަށް ބުނެލިއެވެ.

"އިޓްސް ވިއާޑް. ޔަގީނުން ވެސް ހެދުމުގެ ވަސް ބަލައިލީ................" ޒޭވިއާ ހިތާހިތުން ކިޔާލައިފިއެވެ.

***

ނޯއާގެ އަމާނާތް ހަވާލުކުރަންވީބާވައޭ އެތައް ފަހަރު އަނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެ ސިޓީގެ ބޭރުގައި ލިޔެފައި އިން ނޯޓްކޮޅު އެތައް ފަހަރު ކިޔާލާފައި އަތުތެރޭ ބާއްވައިގެން އެކިގޮތްގޮތަށް ބަލަން އިނދެވުނެވެ. ކަޒްޔާ ނޯއާއަށް އޮޅުވާލަން އެއްޗެކޭ ލިޔުނީހެއްޔެވެ؟ މިމީހުންގެ މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ދަލުގައި އޭނާ` ފަދައިން ނޯއާ ޖެހިގެން ނުވާނެއެވެ.

އަރްކާންގެ ފަރާތުން ލޯތްބާއި އަޅާލުން ނޫން އެއްޗެއް ނުފެނުމުން ހިތް އެދިމާލަށް ދީލާން ފެށިޔަސް ޔަހްޔާގެ ހަނދާންތަކުން އަދި އެ ލޯބިން އެއްފަރާތްވީއެއް ވެސް ނޫނެވެ. އޭނާ އަދިވެސް މިހިރީ ހަތަރު އަނގޮޅި ކަންމައްޗެއްގައެވެ. ދާންވީ ކޮޅެއް ނޭގިފައެވެ. އަރްކާން މަޖުބޫރުކޮށްގެން އޭނާ ވެރިކޮށްލައިގެން ހުއްޓަސް އޭނާއާއި އަރްކާންގެ މުސްތަގުބަލާއި ދޭތެރޭ އަނާއަށް އެއްވެސް އުއްމީދެއް ނެތެވެ.

އަރްކާން ޑިއުޓީއަށް ދިޔުމުން އަނާ ހަމަޖެހިލައިގެން އިނދެ ސިޓީ އުރަ ކަނޑާލައިފިއެވެ.

އޭގައި ހުރި ލަފުޒުތައް ބިރުވެރި ސޫފިތަކަށްވެގެން ސިކުނޑިއަށް ހަމަލާދީ ކާލަން އުޅުނުފަދައެވެ. ސިކުނޑިއަށް ކުރި ބާރާއެކު އެތައް އިހުސާސްތައް އެކުވެގެން އޭނާއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވިއްޖެއެވެ. އެތެރެއެތެރެއިން ހަޅޭއްލެވުނަސް އެ އަޑު އެހެން މީހަކަށް ނީވޭނެއެވެ. އެހެންނޫންނަމަ އޭނާގެ ހިތާއި ސިކުނޑީގައި އެޅި ވޭންތައް އެހެންމީހަކަށް އިހުސާސްވީހެވެ.

ޔަހްޔާ މަރައިލީ އަރްކާން ހެއްޔެވެ؟

ކަޒްޔާ އެބުނީ ހަމަތެދެއް ހެއްޔެވެ؟ އޭނާގެ އާއިލާއާއި ދުޝްމިންކަމެއް އޮތަސް އަދި އަރްކާންފަދަ ބަލާބެލުމަށް މާތް ޑޮކްޓަރަކު އެފަދަ ލާއިންސާނީ އަމަލެއް ހިންގަފާނެއޭ ހިތަށް އަރަންވީ ސަބަބެއްނެތެވެ. ނަމަވެސް ކަޒްޔާ އެއޮތީ ޔަގީންކަމާއެކު އެވާހަކަ ބުނެފައެވެ. ނަވާބު މަނިކު އެގޭގައި އުޅޭ ހައުސްކީޕަރުގެ ގައިގާ ތަޅައިގަތްގޮތަށް އޭނާ ނިޔާވި ވާހަކަ ވެސް ލިޔެފައެވެ.އަނާ އެ ގެއިން ސަލާމަތްކުރަން އޭނާ ނޯއާ ގާތު އެދިފައިވިއެވެ.

އަނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

ކަޒްޔާފަދަ މާތް އަންހެންކުއްޖަކާއި ދޭތެރޭ އޭނާއަށް އަމަލުކުރެވުނީ ހާދަ ހަރުކަށިކޮށެވެ. އަރްކާންއަކީ އިންސާނެއް ނޫނެވެ. އިންސާނެއްގެ ސިފައިގާ ހުރި ޝައިތާނެކެވެ.

އަނާ ވަގުތުން އޭނާގެ ބޮޑުދައިތައަށް ގުޅިއެވެ.

"އާންޓް. ޕްލީޒް ހެލްޕް މީ. ގޭގެ އެހެން މީހެއްގެ ފުރާނައަށް ގެއްލުމެއްވާކަށް ބޭނުމެއްނޫން. އަޅުގަނޑު ބޭނުންވަނީ އެހެން މީހަކަށް އަޅުގަނޑު ދިޔަތަނެއް ވެސް ނޭގޭފަދަ ގޮތަކަށް ގައުމުން ބޭރަށް ފޮނުވޭނެގޮތް ހަމަޖައްސާދިނުން. ފޯނުން ހުރިހާ ވާހަކައެއް ކިޔާނުދެވޭނެ..." އަނާ ރޮމުން ގިސްލަމުން ވާހަކަދެއްކިއެވެ. ޔަހްޔާގެ ގާތިލު އެނގުމަށްފަހު އެމީހާއާއި ދިމާލަށް އެންމެ ފަހަރަކު ވެސް ބަލައިލާކަށް އޭނާ ބޭނުމެއްނޫނެވެ. އެއް ފުރާޅެއްގެ ދަށުގައި ހިނދުކޮޅެއް ވެސް ވޭތުކުރުމަކީ ޔަހްޔާގެ ފުރާނައަށް ވެސް ދެވޭ އަނިޔާއެކެވެ.

***

އަރްކާން ޕާސްޕޯޓުގެ ވާހަކަ އަނާއާއި ހިއްސާކޮށްލިއެވެ. "ގެއްލުނީއޭ ބުނީމަ އަހަރެން ބޮޑު އަގެއް ދައްކަން ޖެހުނު. އޭނާގެ ޕާސްޕޯޓްވީ ގޭ މީހުންގެ އަތުގައޭ ބުނާކަށް ބޭނުމެއްނުވި. މިއަދު ބިޒީވީމަ ނުގެންދެވުނީ. ދެން މި ބަންދުގަނޑު ދިޔައީމަ ޔޯ ލިބޭނީ. އޭރަށް ވެސް އޯކޭވާނެ. ކާންޓް ވެއިޓް ފޯ އަވާ ސްވިސް ހަނީމޫން....."

އަނާ "އެކްޓް"ކުރަން ކިތަންމެހާ ވެސް މޮޅެވެ.

"އާހ......ޖެނުއަރީ ކުރީކޮޅުވީމަ އަދި ވަރަށް ސްނޯވީ ވާނެ....."އަނާގެ ހިތް މޭގައި އޮވެ ފިތޭހެން ހީވިއެވެ. އޭނާއަށް ވާނެނަމަ އަރްކާންގެ މޫނުމަތި ނޮޅައިލީހެވެ. ދެލޯ ވެސް ކޮނެލީހެވެ. ނަމަވެސް އެހާ އަނިޔާވެރިވުމަކީ އޭނާގެ ޟަމީރު ތަންދޭނެ ކަމެއް ވެސް ނޫނެވެ. އެންމެނެއް އެހާ އަނިޔާވެރިވެ އެހެން އިންސާނަކުގެ ފުރާނަ ދުއްވައިލަން ކީއްކުރަން އަނިޔާވެރިވުމުގެ ތަސައްވުރެއް ވެސް ނުގެންގުޅޭނެއެވެ. އަރްކާންގެ ކުރިމަތީގައި ކެތްކުރެވި ހިނިތުންވެވުނީތީ ވެސް އަނާ ހައިރާންވެ އަންތަރީސްވިއެވެ. ނަމަވެސް ސަލާމަތްވެވޭނީ ރުޅީގެ ބަދަލުގައި ބުއްދި އިސްކޮށްގެންނެވެ. އަރްކާން ފެނުމުން މޭނުބައި ކުރާގޮތް ވެސް ވިއެވެ. ސުޕާރީއިން ފަހަރަކު އެތިކޮޅެއް އަނގަޔަށް ލާންފެށުމުން އެ އުދަގޫތައް ކެނޑުނެވެ.

***

އަނާ އަވަހަށް ތައްޔާރުވެލުމަށްފަހު ދަބަހަށް ކަޒްޔާގެ ސިޓީ ވެސް ލިއެވެ. ފާޚާނާއަށް ވަދެފައި ނުކުތުމާއެކު ލިބުނު ސިހުމާ ބިރާއެކު އަނގަމަތީ އަތް އަޅައިލެވިއްޖެއެވެ. ކޮންމެވެސް މީހަކު އޭނާގެ ދަބަސް ވަގަށް ގެންދިޔައީއެވެ. އެކަމަކު އޭގެ ސަބަބަކީ ކޮބާބާވައެވެ. އޭނާގެ ކޮޓަރިއާއި ހަމަޔަށް އެމީހަކު ވަދެގަތް ގޮތެއް ވެސް ނޭގުނެވެ. އަދި ދަބަސް ވަގަށް ނެގި މީހަކަށް އެ ސިޓީ ވެސް ފެންނާނެއެވެ. ދަބަސް ހޯދުމުގައި ހުންނާކަށް ވަގުތެއްނެތެވެ. މަތިމަތިން ހޯދާލާފައި އަނާ އަވަސްވެގަތީ އެތަނުން ނިކުތުމަށެވެ. ޖަވާބު ލިބުމެއްނެތް ސުވާލުތަކާއެކު އެފަދަ ހެއްކެއް އަތުން ބީވެގެން ދިޔައީތީ ކަންބޮޑުވުމާއި މާޔޫސްކަން އިންތިހާއަށް ބޮޑުވިއިރު އޭނާ މާތްﷲއަށް ވަކީލުކޮށް ދުޢާކުރިއެވެ.

 

***

އަރްކާން އަނާއާއި ޗެޓްކުރިއެވެ. އަވަދިނެތި އުޅެމުން ވެސް އޭނާ އަނާގެ ޚަބަރު އޮޅުން ފިލުވައެވެ. ކައިގެން ހުރިތޯއާއި ކުރާކަމެއް ބަލައެވެ. އަނާއަށް އެއްވެސް ކަމެއް ދަތިވިޔަނުދީ ހުރިހާކަމެއް ބަލަހައްޓަނީ އެންމެ އޯގާތެރި ފިރިއެއް ފަދައިންނެވެ.

ގޭގެ ބެލް ޖަހާފައި އެތެރެއަށް ވަންއިރު ގޭތެރެއިން އޭނާއާއި ބައްދަލުކުރީ ހުސްކަމެވެ. ތަޅުލާފައިވި ގޭގެތެރެއިން އަނާގެ ހިލަމެއްނުވިއެވެ. ކައިރީގައި ހުރި ފިހާރައަކަށް ދިޔައީބާވައެވެ. ޔަގީނުން ވެސް އޭނާގެ އިންޒާރުތަކުގެ ސަބަބުން އޭނާއާއި ކައިވެނިކުރި ކުއްޖަކު ފިލައިގެން ނުދނެކަމުގެ ޔަގީންކަން އެބައޮތެވެ.

"އޭން....ކޮންތާކު ތިހިރީ؟"

އަނާއަށް ވައިބަރ މެސެޖް ރިސީވްނުވުމުން ތެޅިތެޅިވާ ހިތަކާއެކު އޭނާ ފޯނަށް ގުޅިއެވެ. މެސެޖްއައީ ފޯނު ނިވާލާފައިކަމުގައެވެ. އިރުކޮޅަކަށް އިންތިޒާރުކުރަން އަރްކާން ނިންމިއެވެ. ނޭނގިނަމަވެސް އޭރު އޭނާގެ ނިތްކުރީގައި ދަލުގެ މުތީތައް ވިދައެވެ. ބައިގަޑިއެއްހާއިރު ވުމުން ޚަބަރެއްނުވެގެން އޭނާ އެހިސާބުގަނޑުގައި ބުރެއް ޖަހައިލިއެވެ. ގޭގެ ސީސީޓީވީ ކެމެރާގައި މައްސަލައެއް ޖެހިފައި ހުރުމުން ނޭގުނަސް އެހިސާބުގެ ކެމެރާއަށް އެނާ އަރާފައި ހުރިކަން ޔަގީންވިއެވެ. އަނާ އެރީ ކަޅުކުލައިގެ ކުލީ ކާރަކަށެވެ.

އަރްކާން އެކިގޮތްގޮތުން އަނާގެ ޚަބަރު އޮޅުން ފިލުވަން މަސައްކަތްކުރިއެވެ.

އެންމެފަހުން އޭނާ ނިންމީ އަނާގެ އާއިލާގެ ގާތަށް ދިޔުމަށެވެ. އަނާ ފޮރުވިތަނެއް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އެއީއެވެ.

***

"ކަޒްޔާ. ރަށަށް ދާން ތައްޔާރުވޭ. ބައްޕައާ ވެސް ބައްދަލުކޮށްލަން ޖެހޭނެއްނު. އެކަމަކު ގުރުއާނުގައި އަތްލާ ހުވާކުރުވާފައި ރަށަށް ގެންދާނީ...." އަރްކާން ޚަތިމެއް ގެނެސް މޭޒުމަތީގައި ބޭއްވިއެވެ.

"ކޮންކަމަކަށް ހުވާ ކުރަންވީ؟" ކަޒްޔާގެ ހިތް ތެޅިގަތީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ރަށަށް ދެވެންޏާ އޭނާ ކޮންމެފަދަ ޝަރުތެއް ވެސް ގަބޫލުކުރަން ތައްޔާރެވެ.

އަރްކާން ޝަރުތުތައް ކުރިމަތިކުރުމުން ކަޒްޔާ ޚަތިމުގައި އަތްލައިގެން ހުރެ ހުވާކުރިއެވެ.

"އޯކޭ ދަތުރުހަދާ...."

"އަލްހަމްދުލިﷲ. ޔާ ﷲ......ހައު ކެން އައި ތޭންކް ޔޫ އިނަފް. އައި އާސްކްޑް ޔޫ އެންޑް ޔޫ ލިސެންޑް ޓު މީ މައި ﷲ......" ކަޒްޔާ ހުރިގޮތަށް ހުރެ ބިންމައްޗަށް ތިރިވި ސަޖިދަކުރި މަންޒަރު ބަލަން އަރްކާން އިރުގަނޑެއްވާންދެން ހުއްޓެވެ. ކަޒްޔާ އެތައް އިރެއްވާންދެން ހިތުގެ އުފާވެރިކަން ހެއްދެވިފަރާތަށް ހިއްސާކުރިއެވެ. އެއަށްފަހު ތެދުވުނެވެ.

"ދޮންބެ ކީއްވެ ފާޑަކަށް ހެނީ؟"

"ކަޒްޔާ ގޯޑްގެ ކޮންވަޒޭޝަން އަޑުއަހަން ހުރީ......" އަރްކާން އެއްމިޔަކަނުން ހީލިއެވެ."އަބަދު ތިހެން ވާހަކަދައްކަންތަ؟"

"ޔެސް....އެހެން ވާހަކަދެއްކީމަ އައި ފީލް ކާމް......ވަރަށް އުފާވޭ. އައި ފީލް ލައިކް ހީޒް މައި ބެސްޓްފްރެންޑް. ބޭނުންއިރަކު އައި ކެން ޓޯކް. ހުރިހާ ސިއްރުތައް. އެނޫން ކޮންފަރާތެއްވަނީ؟ ހީ ނޯޒް އޯލް މައި ސިކްރެޓްސް. ވަޓް އައި ރިވީލް އެން ވަޓް އައި ހައިޑް. އަދި އެނގޭތަ؟ އިންސާނުންދެކެ އެންމެ ލޯބިވެ ވޮޑިގެންވާނީ ﷲ ސުބުހާނަހޫ ވަތައާލާ. ހީ ކްރިއެޓެޑް އަސް......ކިހާ ޕާފެކްޓް. ކެން ޔޫ އީވަން ތިންކް......އިންސާނުން އުފެއްދެވީ ކިހާ ފުރިހަމަ ރީތި ސިފައެއްގައި...އައި ލަވް ﷲ...އައި ލަވް މައި ކްރިއޭޓާ ސޯ މަޗް......" ކަޒްޔާ ގޮސް އަރްކާންގެ ގައިގާ ބައްދައިލީ ވެސް ޖަޒުބާތުގައި ހުރެއެވެ.

"ތެންކިއު ދޮންބެ.....ކީއްވެ އަހަރެން ބައްޕައާއި މީޓްކުރުވަނީ؟"

"ޔޫ ޑިޒާވް އިޓް..."

"ތެންކިއު......ތެންކިއު ޔުނިވަސްގައި ސްޓާސް ހުރި އަދަދަށް. ދޮންބެއަށް ކިތައް ތަރިތައް ހުންނަކަން އެނގޭތަ؟ ދުނިޔޭގެ ބީޗްތަކުގައި ވެލި ހުރިވަރަށްވުރެ ތަރިތައް ގިނަ. އަދި އެހުރިހާ ތަރިތައް އިރަށްވުރެ ބޮޑު. ތަރިތައް އިރަށްވުރެ ދުނިޔެއާއި ދުރުވީމަ އަހަރެމެންނަށް އެހާ ކުޑަކޮށް ފެންނަނީ. އެއީވެސް މާތްﷲގެ ކުޅަދުންވަންތަކަން..މިއީ ކޮންމެވެސް ކުއްޖަކު އަބަދު ކިޔާދިން ވާހަކަތައް. އޭރު އެހާ ޝައުގެއްނެތް. އެކަމަކު މިހާރު ވިސްނޭ..." ކަޒްޔާ ދުރަށް ޖެހިލާފައި ނޭފަތް އެތެރެއަށް ދަމައިލިއެވެ."ޔޫ ސްމެލް ގުޑް...."

"ކަޒްޔާ ސްވީޓީ. ދެން ތިހާ ޕްރެއިޒް ނުކުރިޔަސް ގެންދާނަމޭ. އަހަރެން ވައުދެއް ވެއްޖެއްޔާ ފުރިހަމަކުރާނަން...ގެޓް ރެޑީ" އަރްކާން ކަޒްޔާގެ ފަން އިސްތަށިގަނޑުގައި ފިރުމާލުމަށްފަހު ދާން ހިނގައިގަތުމުން ކަޒްޔާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

އަރްކާން ސިހިފައި ބަލައިލިއިރު ކަޒްޔާ އަށް ކަމެއްވީއެއް ނޫނެވެ. ފޯރި ހިފައިގެން މޮޔަވަނީއެވެ. ރަށަށް ދެވޭތީ އެކަމުގެ އުފަލުގައެވެ.

"ދޮންބެ. ކޮންއިރަކު....ގިފްޓް ވެސް ތައްޔާރުކުރަން އެބަޖެހޭ....."ކަޒްޔާ ފުމަމުން ދުވަމުން އައިސް އަރްކާންގެ ކުރިމަތީގައި ހުއްޓުނެވެ. އެދެލޯ ތަރިފަދައިން ވިދައެވެ. ކުޑަކުއްޖެއްގެ ޝައުގުވެރިކަމެވެ. އުފަލުންގޮސް އެކުއްޖާގެ މޫނަށް މަޑު ފިޔާތޮށިކުލައެއް ވެރިވެފައިވިއެވެ.

"އަދި ޓިކެޓް ނުނަގަން..ކުޑަކޮށް ބާރުބޮޑު."

"އޯކޭ. ކައިޝާ ދާނެތަ؟"

"ފަހަރެއްގައި." އަރްކާން ހީލިއެވެ.

އަރްކާން ފަސްދީފައި ހިނގައިގަތުމުން ކަޒްޔާ ގެ ހަށިގަނޑަށް ހީލިގަނޑެއް އަރައިގެންދާ ފަދަ ގޮތެއްވިއެވެ. ބިރުވެރި ރާޅެއް ހަށިގަނޑުގައި ދަތުރުކޮށްލިއެވެ. އެހާ ރީތިކޮށް ވާހަކަދެއްކިޔަސް ހަމަ މީހުން މަރާ މީހެއްތާއެވެ. އެވައުދާއި އިތުބާރުގެ އަގެއް ނުހުންނާނެއެވެ. އެފަދަ ބިރުވެރި ފާފައެއް ކުރި މީހަކަށް ވައުދެއް މުހިއްމުވާނެ އެއްވެސް ގޮތެއް ނެތެވެ.

 

***

ޚާދިމާއިންނަށް ފައިސާ ދެވޭނެގޮތެއް ނެތުމުން މާހިރާ ހުރިހާ ކުދިން ދޫކޮށްލުމަށްފަހު އަމިއްލައަށް ގޭގެ ހުރިހާ ޒިންމާއެއް ކޮނޑުގައި އެޅިއެވެ ދުވާލު ހަތަރުދަމު ބުރަކޮށް އުޅެމުން ކޭކު އަޅައިގެން އާމްދަނީ ހޯދަންފެށިއެވެ. ޗޮކްލެޓް ވައިބްސްގެ ވިޔަފާރި ހިނގާގޮތުން ފައިދާއަށްވުރެ ވިއްޔާ ވަނީ ގެއްލުމެވެ. ނޯއާއަށް ހަނަފީ އޭނާގެ މަންމައާއި އަޅާލާތަން ފެނި ސޯފާއަށް އެއްލިގެން އޮތުމުގެ ބަދަލުގައި ގަސްތަކަށް ފެންދީ ގެ ސާފުކޮށް މޮޕްކޮށްދިނުމުގައި އެހީތެރިވެދޭން ފެށިއެވެ. މަންމަ މޭވާ ކޮށައިފިއްޔާ ޖޫސް ހަދާދެއެވެ. ރޮށި ދަމަންޏާ ފިހެދެއެވެ. ނޯއާ އެފަދަ "އަންހެން" ކަންތައްތަކުގައި އުޅުމުން ހީނާ ޚާން އެކަމާ މާހިރާއާއި އަރައިރުންވެ މައްސަލަ ޖައްސައެވެ.މާހިރާ ފުށްގަނޑު މޮޑެ ނިމުނުތަނާ ބޮލުގައި ރިއްސައިގެން އޮށޯތުމުން އޭނާއަށް އެނގުނުގޮތަކަށް ރޮށި ދަމާފައި މޭޒުމަތި ތައްޔާރުކޮށްދިނެވެ.

"މިއޮތީ ކަޝްމީރުގެ ޗާޓެއް. އާންޓް ކާނަންތަ؟" ނޯއާ އޭނާ ފިހެފައި އޮތް ރޮށްޓެއް ހީނާގެ ތަށްޓަށް ލާ ދިނުމުން އޭނާގެ މޫނުމަތި ކުރިއަށް ވުރެ ބަނަވިއެވެ. މިދުވަސްކޮޅު ހީނާ އަބަދު ރުންކުރުވެ މޫނުމަތި އަލިވާއިރެއް ނާދެއެވެ.

"ނޯއާ ލައްވާ ރޮށިފިހެގެން ކާ ހިތެއްނެތް. އެހެންނޫނަސް ތި އޮތްގޮތެއް...."

"ކޮންމެ ސިފައަކަށް އޮތަސް ދޭނީ އެއްރަހައެކޭ އާންޓް.." ނޯއާ ސައިތަށްޓެއް ގިރަންފެށިއެވެ. އަދި ޗޮކްލެޓް ބިސްކޯދުތަކެއް ތަބަކެއްގައި ބެހެއްޓިއިރު ހީނާ އެ ހަރަކާތްތައް ދެކެން އިނެވެ. އެންމެފަހުން ނީދެވިގެން ސުވާލުކޮށްލެވުނެވެ.

"މަންމަ ބޮލުގައި ރިއްސާތީ އެއްޗެއް ކާންދެވޭތޯ..."

ހީނާއަށް ކެތްނުކުރެވިގެން ގޮސް ކުޑަކޮށް ހުޅުވިފައިވާ ދޮރުން އެތެރެއަށް ވަދެ ބަލައިލިއިރު ފެނުނީ ތަފާތު މަންޒަރެކެވެ. ނޯއާ އޭނާގެ މަންމަގެ ބޮލުގައި އައިސްޕެކް ޖައްސާ މަސާޖުކޮށްލަ ދެނީއެވެ. އިރުގަނޑެއްފަހުން މާހިރާ އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން އިށީނުމުން ނޯއާ އަނގައިގާ ލައްވާފައި ކާންދޭންފެށިއެވެ. ހީނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް އުފެދިގަތެވެ. ނޯއާ އެވީ ކޮންފަދަ ޚިދުމަތްތެރި ފިރިހެން ދަރިއަކަށް ހެއްޔެވެ؟ ކައްކާފައި މަންމައަށް ކާންދެނީއެވެ. ބޯ މަސާޖުކޮށްލަދެނީއެވެ. ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އޭނާގެ ދަރިފުޅު ޒޭވިއާގެ ގާތުގައި ނޯއާއަކީ ތާކުނުޖެހޭ ދަރިއެއްކަމަށް ދެކެވުނު ދުވަހެއް އައެވެ. އެކަމަކު މިއަދު އެ ހަގީގަތް އެކޮޅުކޮޅުން ޖެހިއްޖެއެވެ. ނޯއާއާއި ޒޭވިއާގެ ތަފާތު އެހެން ނަޒަރަކުން ދެކެވުނެވެ. ޒޭވިއާގެ މުއްސަދިކަމާއި ރީތިކަމުންކަން ނޭގެއެވެ. އެކުއްޖާ ހެދުން އަޅާގޮތާއި އާދަ ހުންނަގޮތުން "ބޮޑާ"ކަމެއް ހުންނަކަމަށް އެންމެން ދެކެއެވެ. އޭގެ ބަދަލުގައި ނޯއާ އެހާ ސާދާ ސީދާ ޒުވާނެއްގެ ގޮތުގައި ފެނެއެވެ. މައުސޫމްކަމުގެ ސަބަބުން ފޮނިކަމެއް މޫނުމަތިން ނުދައްކައެވެ. އެންމެނާއި ސަމާސާކޮށް ވާހަކަދައްކާ ފަސޭހައިން އެކުވެރިކަން ބަދަހިވާވައްތަރުގެ ޒުވާނެކެވެ. އަނެއްކޮޅުން މިހާރު އިވިފައިވާ ވާހަކައަކުން ހީނާގެ ހިތް ފަޅައިގެން ދާވަރު އެބަވެއެވެ. އޭނާގެ ދަރިފުޅު ޖަވާހިރަކަށް ހަދައިގެން ހުއްޓާ ޖެހުނީ ކާކުގެ އެސްފީނާއެއް ހެއްޔެވެ؟ މާހިރާގެ ނަސީބާއިމެދު ހަސަދަވެރިވެ ހީނާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

އޭނާގެ ދަރިފުޅު ވެސް ނޯއާ ފަދަ މައުސޫމް ޒުވާނަކަށް ވީ ނަމައެވެ.

ނޯއާ ބަދިގޭ މަސައްކަތާއިމެދު އޭނާ ދެކުނުގޮތް ވެސް މަޑުމަޑުން ބަދަލުވާން ފެށިއެވެ. މަންމައާއި އަންހެނުންނާއި އެހީތެރިވުމަކީ އަންހެން ދުޅާ ކަމެއް ނޫނެވެ. އެއީ ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމުގެ ސުންނަތެކެވެ. އެކަލޭގެފާނު އުއްމަތަށް އިރުޝާދުދެއްވި ގޮތެވެ. ފިރިހެނުންނަށް ވެސް އަންހެނުންގެ މަސައްކަތުގައި އަތްގާތްކޮށްލަދީ ބަލިވުމުން އަޅާލާ އަދި ފިރިހެން ދަރިން މަންމައަށް ޚިދުމަތްކޮށްދޭން ޖެހޭނެއެވެ. ޖަންނަތު ވަނީ މައިމީހާގެ ފައިތިލަ ދަށުގައޭ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވީ އެހެންވެއެވެ. އޭގެ މާނައަކީ މަންމައަށް ފުރިހަމައަށް ޚިދުމަތްކޮށް އިހުތިރާމް ކުރުމެވެ.

***

ހީނާ ޚާން އިންގްލޭންޑަށް ފުރަމުން އެންމެން ލައްވާ ވައުދުކުރީ ޒޭވިއާއަށް ސިއްރުކޮށް ދިނުމަށެވެ. ޒޭވިއާއަށް ސަޕްރައިޒެއް ދޭން އޭނާގެ އެކުވެރިއަކު ބާޒާރަށް ދާ ދަތުރެއްގައި ބައިވެރިވުމުގެ ނަމުގައި ހީނާ ޚާން ފުރިއެވެ.

ހީނާއަށް ގެއާއި ހަމަޔަށް ފޯރިއިރު ހަޔެއްޖަހައިފިއެވެ. ދެފަރާތުގައި ސްނޯ ފުނިޖެހިފައިވާއިރު އަލަށް ވެހުނު ސްނޯތައް ކަހާނުލާ ހުރުމުގެ ސަބަބުން މުޅި ހިސާބު ތާޒާވެފައި ސްނޯގެ މީރުވަސް ހިފާލާފައިވި ކަމުގެ އިހުސާސްވިއެވެ. އޭނާ މަޑުމަޑުންގޮސް ބެލް ޖަހާއިރަށް ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. އެއީ ދެބައި އުމުރުގެ އަންހެނެކެވެ. ހީނާޚާން ތައާރަފުވުމުން ޚާދިމާ ހޫނު މަރުހަބާއެއް ކިޔާފައި އެތެރެއަށް ވެއްދިއެވެ. އަދި ހީނާގެ ކޯޓު ވެސް އަތުލައިގެން ގޮސް ތަނެއްގައި އެޅުވިއެވެ.

"ހޫނު ލާޓޭއެއް ގެނެސްދެންތޯ؟" ކޭޓް އަހައިލިއެވެ.

"ނޫން އުދަގޫ އުފުލާނެކަމެއްނެތް..އެއްޗެއް ކާހިތެއް ނެތެ. އެކުވެރިއަކާއިއެކު ރަނގަޅަށް ކައިގެން މިއައީ....." ހީނާ ޚާން ސިޓިން ރޫމްގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭނާ ކުރިން އުޅުނު ގެއެވެ. ހަމަ އެ އަގުބޮޑު އާސާރީ ފަރުނީޗަރުތަކެވެ. ބޯ ދޫލައެވެ. އެކަމަކު ފާރުގައި ހުރި ކުރެހުންތައް ތަފާތެވެ.އަދި އެއްފަރާތުގައި ހުރި ޝެލްފްގައި ރަސްކަންކުރަނީ ސްކަލްޕްޗާތަކާއި ބުދުތަކެވެ. ބެއާސްތަކެވެ. ކައުޗްމަތީގައި ނިކަން ބޮޑު ޓެޑީ ބެއާއެކެވެ.

މާސްޓަރބެޑްރޫމާއި ދިމާލަށް ހިނގައިގަތީ ޒޭވިއާ ގޭގައި ހުރިއްޔާ އެތަނުގައި ވާނެކަމުގެ ޔަގީންކަން ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. ޒޭވިއާ އޭނާއަށް އޮޅުވައިލީއެވެ. ބައްޕަގެ ގެ ވިއްކައިލިކަމަށް ބުނެ ދޮގުހެދީއެވެ. އަމިއްލަ ދަރިފުޅު އޭނާއަށް އޮޅުވައިލިވަރު ހިތަށް އެރުމުން ހިތް ފިތިގެން ދިޔަފަދަ ގޮތެއްވެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނާގެ "ޕްރެޝަސް" އޭނާއަށް މަކަރު ހަދާފާނެކަމަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ.

ހީނާއަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ.

 

 

ނުނިމޭ

ކޮމެންޓް 0